"ހައްޖު މަހު ތައުބާވެ، ޒިކުރު، ދުޢާ، ސަދަގާތް އަދި ގުރުއާން ކިޔެވުން ގިނަކޮށް ރޭގަނޑު އަޅުކަން ކުރުމުގައި ވަގުތުތައް ހޭދަކުރުމުން ހައްޖުމަހުގެ ދަރުމައާއި ސަވާބު ލިބޭނެއެވެ. އޭގެ ތެރޭގައި އަދި އަރަފާތް ދުވަހު ރޯދަ ހިފުމާއި ދިހަވަނަ ދުވަހު އުޟުހިޔާ ކަތިލުންވެސް ހިމެނެއެވެ. ހަޔާތުގެ މި ކުރު ދުވަސްކޮޅު ދުނިޔޭގެ އުފާތައް ފަހާ ނުދުވެ މިފަދަ މާތް ދުވަސްތަކުގެ ބޭނުން ހިފާށެވެ."
***
"އަހަރެމެންނޭ ބުނީމަ ނޭގޭހާވެސް ގަމާރުތަ؟ މިބުނީ މަށާއި މިކާއިލްގެ ވާހަކަ...އަހަރެމެން މިދަނީ އެހެން ޝަހަރަކަށް...ބުނަން ވާހަކައެއް..މަމީ ޕާސަނަލް ސެކެޓްރީއެއްވެސް ނޫން.އޭނަގެ ފަސްޓް ވައިފް...އަހަރެން މިހެން ބުނި މީހަކު އިތުރު އެއްވެސް މީހެއްގެ ކައިރީ ކިޔައިފިއްޔާ ދޫ ބުރިކޮށްލާނަން..." ލުއުލުއާގެ ހިތުގައިވި ރުޅިވެރިކަމާއި ހަސަދައިގެ ސަބަބުން އޭނަގެ ކެތްތެރިކަން ކޮޅުންލިއެވެ.
ރުބާބްއަށް ޝޮކެއް ލިބުނެވެ.
މިވަރުގެ ބިރުވެރި އަންހެނަކު އިންޒާރު ދިނުމުން ސިހުމާއެކު މިހުރެވުނީ ގެއާއި އެތައް މޭލެއްގެ ދުރުގައިކަމުން ލުއުލުއުއާއި ދިމާލަށް އެއްޗެކޭ ނުބުނެ ދުރަށް ބަލަންފެށިއެވެ. ހިމާޔަތަށް އެދެވުނީ ހެއްދެވި ފަރާތުންނެވެ.
"މާ ރަގަޅު އަންހެނެއްކަމަށް ހެދިގެން އަނގަ މަޑުން ލައިގެން ހުރީމަ މީހުން ފޫހިވާނެ ވަރު ހަމަ ނޭގޭތަ؟ މިކާ މަޖުބޫރުވެގެންނޭ ކަލެއާއި މެރީކުރީ. ބައްޕަ ރުއްސަންވެގެން ކުރިކަމެއް. އަމިއްލައަށް އެކަން ދެނެގެން ދުރަށް ދޭބަލަ. ވަޓް އެ ބޯރިން ޕާސެނެލިޓީ...ހުވާ..."
ލުއުލުއުގެ ވާހަކަތަކުން ރުބާބްގެ ހިތަށް އަސަރެއް ނުކުރިއެވެ. ސަބަބެއް ނޭގުނެވެ. ރުބާބްއަށް ލުއުލުއުގެ އެ ވާހަކަތަކާއި އަމަލުހުރިގޮތުން އެކުއްޖާ އަކީ ބޭރުފުށުން އެކަނި ރީތިކަން ލިބިފައިވާ ކުއްޖެއްކަމަށް ދެކެވުނީއެވެ. މިކާއިލްއަށް އެފަދަ އަންހެންކުދިން ރަގަޅުކަމަށް ވަންޏާ އެއީ މީކާއިލްގެ އަމިއްލަ ކަމެކެވެ. ނަމަވެސް މިފަދަ އަންހެނަކާއިއެކު ދިރިއުޅުން ހިއްސާކުރާނެ އެއް ބައިވެރިޔަކު ހުރުމަކީ ރުބާބްއަށް ކެތްކުރެވޭނެ ކަމެއް ނޫނެވެ. ނޫނެކެވެ. ކެތްކުރެވޭނެއެވެ. މިއީވެސް އިމްތިހާނެކެވެ. ދުޢާކުރުމަކީ ހުރިހާ ކަމަކަށް އޮތް ހައްލެކެވެ. ނަމަވެސް ޔަޝަލްއާއި މަޝްވަރާކޮށްލަންވީއެވެ. ޔަޝަލް ގެ ލަފާ އެހުމަށް އޭނަގެ ހިތް ކެތްމަދުވިއެވެ.
***
މިކާއިލްއާއި އޭނަގެ ބައްޕަ އެކީގައި ހިނގާފައިގޮސް ރެސްޓޯރެންޓަކަށް ވަނެވެ. ދެމީހުންވެސް ސޫޓުލައިގެން ތިބިއިރު ޝަޚުސިއްޔަތު ވަރުގަދަކަމަށް ދައްކައެވެ. ދެބަފައިން އެކީ މޭޒުދޮށުގައި އިށީދެލައިގެން ތިބިއިރު ހަމްދާންގެ ހިމޭންކަން މިކާއިލްގެ ހިތުގައި އެތައް ސުވާލެއް އުފައްދައިފިއެވެ. ޖަވާބުލިބެން މާ ގިނައިރެއް ނުނެގިއެވެ.
"ދަރިފުޅު. ބައްޕައަށް މި އިވުނީ ކޮންފަދަ ޚަބަރެއް؟ ހިތަށްވެސް ނާރާ ސިއްރުން އެމީހާގެ ދަރިއަކާއި ކައިވެނިކޮށްފާނެއޭ. މަންމައާއި ބައްޕަ ވަކިކުރަން ފަންޑިތަހެދީ އޭނަ..........."ހަމްދާން ގެ ޖުމްލައިން މިކާއިލް އިސްޖެހުނެވެ. މޫނަށް ރަތްކުލަ ވެރިވާންފެށިއެވެ.
"ސޮރީ ޑޭޑް....އަޅުގަނޑު..."
"ޑިވޯސް ހާރ ނޫނީ މިކާލް ބައްޕަ ދޫކޮށްފައި ދޭ..."
ބައްޕަގެ ހިތުގައި ލުއުލުއާގެ ބައްޕައަށް އޮތް ނަފްރަތު އެންމެ ޖުމްލައަކުން ބުނެދީފިއެވެ.
"ބައްޕަ މިއުޅެނީ އަލުން ދަރިފުޅުގެ މަންމައާއި ކައިވެނިކުރަން..ސަބަބަކީ އެއީ ބައްޕަގެ ފަސްޓް ލަވްއަށް ވީމަ. ކާފަ އަދިވެސް ހީކުރަނީ ބައްޕަގެ އަތެއް އެކަމުގައިވާކަމަށް... އެހެންވެ ބައްޕަދެކެ ނުރުހިފައި...."
އެކަމާއި އުފާކުރަންވީކަމެއް ހިތާމަކުރަންވީކަމެއްވެސް މިކާއިލްއަކަށް ނޭގުނެވެ.
މިކާއިލް ރެސްޓޯރެންޓުން ނުކުތްތަނާ މާގިނައިރެއްނުވެ އޭނައަށް ހަގީގަތް އޮޅުންފިލައިފިއެވެ. ރުބާބްއާއި ދިމާލަށް ލުއުލުއު ދެއްކި ވާހަކަތަކަށްފަހު ރުބާބް އޭނަގެ ގާތްއެކުވެރިޔާ ޔަޝަލްގެ ގާތުން ލަފާ ހޯދަން އެެހީއެވެ. ސޯފިޔާ ސިއްރުން އަޑުއަހަން ހުރިކަން ނޭގުނީއެވެ. ލުއުލުއާގެ އެ ނުލަފާކަމުން ސޯފިޔާ ފަހަރެއްގައިވެސް އެ އަންހެންކުއްޖާ ޅީދަރިއަކަށް ހުރުން ނޭދި މިކާއިލްގެ ބައްޕައަށް ހަގީގަތް ހާމަކޮށްދިނީއެވެ.
***
ޚަރީފު މޫސުމަކީ އެންމެ ރީތި މަންޒަރުތައް ދައްކުވައިދޭ ތަފާތުކުލަތަކާއި ދުންފިނިން ފުރިފައިވާ މޫސުމެކެވެ. ފިނިހެދުންތަކާއި ޕަމްޕްކިންއެވެ. ލާޓޭއާއި ހޫނު ޗޮކްލެޓް އަދި މާޝްމެލޯތަކުގެ މޫސުމްވެސްމެއެވެ. ކޮންމެ ދިމާލަކަށް ހިނގައިގަތަސް ފެންނަނީ ރަން އަދި މުށި ފަތްތަކުގެ ބޯ ދޫލައާއި ބަރަބޮލެވެ. ވައިގެ ތެރޭގައި އުދުހެމުންދާ ކުލަކުލައިގެ ފަތްތަކެވެ. ފިނިވައިރޯޅިތަކުގެ ނާނާއާއި ފިރުމުނެވެ. ޚަލީސީ އެންމެ ލޯބިވާ މޫސުމްކަމުގައި ޚަރީފު ވީ ސަބަބެއް ނެތިއެއް ނޫނެވެ. ޚާއްސަކޮށް ޖަބްރީލްއާއިއެކު އަތުގުޅުވާލައިގެން ހިނގައިލަން ދިޔުމާއި ކޮންމެވެސް ދިމާލެއްގައި ކޮފީ ބުއިން ނޫނީ ކުޑަ ޕިކްނިކެއް ހަދައިލުންވެސް ވެގެން ދަނީ ހަމަ ރަން ހަނދާންތަކަށެވެ.
ޖަބްރީލްއާއި ޚަލީސީ ކޮޓަރީގެ އަލިފާން އަންދާތަނުގައި ދެބޯޖެހޭހާ ކައިރީ އިށީދެލައިގެން ޕަމްޕްކިން ސްޕައިސް ލާޓޭ އާއި ޕަމްޕްކިންޕައި ކާންތިބިއިރު ދެޒުވާނުންގެ މޫނުމަތިން ފެންނަނީ އިންތިހާދަރަޖައިގެ އުފާވެރިކަމެވެ. ޔަޝަލްވެސް ކޮފީއެއް ހިފައިގެން އައިސް އެދެޒުވާނުންގެ ގާތުގައި އިށީނެވެ.
"މަންމަ ހަމަ ކުރުނުކޮށް ކިޔަނީ ހަކާން ލައްވާ ރުގުޔާކުރުވަން. މަންމައަށްވެސް ހަކާން ރުގުޔާކުރިމަ މަންމަގެ ބޮލުގެ ރިހުން ކެނޑިއްޖެއޭ..."
"އަވަހަށް ތިކަމާ އުޅެންވީ..."ޚަލީސީ ހުރިހާ ދަތްތައް ފެންނަވަރަށް ހީލިއެވެ. ޖަބްރީލް ބަލަން އިނީ ލޯބީގެ ނަޒަރަކުންނެވެ.
"ވަރަށް އޯކްވާޑް. ފަހަރީގެ ބްރަދާ ވީމަ."
"ކޮބާ މައްސަލައަކީ؟ޑޮކްޓަރުންނަށްވެސް ދައްކާ އުސޫލުން ހަމަ ރާގީންނަށްވެސް ބައްޔަށް ފަރުވާ ހޯދަން ދެވޭނެ.."
"އަމިއްލައަށް ރުގުޔާކުރުން ބޮޑަށް ރަގަޅީ..."ޔަޝަލް ބޭނުމެއްނޫނެވެ. ހަކާންގެ ނިޔަތް އެނގޭތީ އޭނަވަނީ ފާޑެއްގެ ފޫއްސެކެވެ.
"ޔަޝް ބޭނުންގޮތެއް ޑާލިން..."ޚަލީސީ ދޫނެރެލިއެވެ. ލުއުލުއު ދޮރުމައްޗަށް އެރުމުން ތިން ޒުވާނުންގެ މޫނުގެ ކުލަ ވަގުތުން ބަދަލުވެ ހިމޭންވިއެވެ. ލުއުލުއު ވަނުމުން ނެގަޓިވް އެނާޖީ އެތަނުގައި ދައުރުކުރަން ފެށިހެން ހީވިއެވެ. ލުއުލުއު މޭކަޕްކޮށްފައިހުރި ވަރުންނާއި ލައިގެން ހުރިހެދުމުން މޮޑެލްއަކާއި ތަފާތެއްނެތެވެ. އޭނަ ފުޅާ ހިނިތުންވުމެއްގައި ހުއްޓަސް ހިތުގައި އަދަމުންދިޔަ ތޫފާންކުޑައެއްނޫނެވެ. ޖަބްރީލްއާއި ޚަލީސީ އެހާ ކައިރީގައި ތިބުމުން އޭނަގެ ހިތަށް އުދަގޫވެއްޖެއެވެ. އެތަނުގައި އިންނަންވީ އޭނަގެ ކޮއްކޮއެވެ. އޭނަގެ ހުވަފެނުގައި ވާގޮތުން އެމަގާމުގައި އިންނާނީ ބަލްޚާއެވެ. ދަތްތައްކާރުވައިގަނެވޭނީވެސް އެކަނި ހުރިނަމަތާއެވެ. އޭނަ ޚިޔާލީ އާލަމުގައި ހުރެ ޚަލީސީގެ މޫނުގައި ތަފާލެއްވެސް އަޅައިފިއެވެ.
"ހެލޯ.....ކެން އައި ޖޮއިން؟"
"އޯ....ނޫން...ނޫން. ދެމީހުން ޖެހެނީ މިކާ ހުރި ތަނަކުން ހޯދައިގެން އޭނައަށް ކޮމްޕެނީ ދޭން......މި ކަޕްލް ބޭނުންވަނީ އެކަނިވެރި ވަގުތުކޮޅެއްކަމަށް ވަނީ......." ޔަޝަލްއަށް ލުއުލުއާގެ މަކަރުވެރިކަން ވިސްނޭތީ އަތުގައި ހިފާ ދަމައިގަނެގެން ކަހަލަ ގޮތަކަށް އެތަނުން ނެރުނެވެ. ލުއުލުއާ އެކަމާއި ހިތް ހަމަނުޖެހުނުއިރު ޔަޝަލްގެ ހިތްވެސް އެހާ ކިލަބުވިއެވެ. ލުއުލުއާގެ ހަގީގަތް އެނގުނުފަހުން އޭނަ ހުރީ ލުއުލުއުއަށް ދުވަހަކު މާފުނުދޭން ނިންމައިގެންނެވެ.
***
ހަކާން ޔަޝަލްއަށް ރުގުޔާ ކުރަން ފެށުމާއެކުހެން ބޮލުގައި ރިއްސުން ރަގަޅުވިއެވެ. ހަކާންދެކެ ވަމުން އައި ފޫހިކަން ފިލާ އޭނައާއި ގަޔާވާންވެސްފެށިއެވެ. އެވާހަކަ އޭނަ ބުނީވެސް ރުބާބް ގާތުގައެވެ. ދެކުދިން ބާޒާރުކޮށްލަން ނުކުމެ އުޅުނުއިރު ހިނގަމުން ދިޔަ ކޮންމެ ތަނަކުން ފެންނަ ޚަރީފުގެ ކުލަތަކުން ރުބާބްއަށް އުފާވެރިކަން އިހުސާސްކުރެވުނެވެ. ޔަޝަލްގެ ބަދަލުގައި މީކާއިލް އޭނައާއެކު މި އުފާތަކުގައި އިތުރު ކުލަ ޖައްސައިދޭނެ ނަމައޭ ހިތަށް އެރިއެވެ. ނަމަވެސް ލުއުލުއުމަތިން ހަނދާންވުމުން ކޮންމެވެސް ވަރަކަށް ހިތުގައި ރިއްސައިލައެވެ. ދެކުދިން ބާޒާރުކޮށް ނިމިގެން ކޮތަޅުތައް ހިފައިގެން ކާރުން ފޭބިއެވެ. ހަކާން ދޮރުމަތީގައި ހުރެފައި އަވަހަށް އެތެރެއަށްވަދެ ނިވާވެލިތަން ފެނުނެވެ.
"މަށަށް ފެންނަނީ ހަކާންއަށް އާއެކޭ ބުނުން. ދީނުގައި ރައްޓެހިވެގެން އުޅޭކަށް އަންގަވާފައި ނޯވެއެއްނު. ނޫނީ ކައިވެނީގެ ކުރިން އެގޮތަށް ގުޅުން އޮތުމުން ބްލެސިން ގެއްލިދާނެ. އެއީ އަހަންނަށް ވިސްނޭގޮތް. ބައެއް މީހުން ބުނެފާނެ މާ ބޮޑަށް އެކްސްޓްރީމްވަނީއޭވެސް ދޯ. އެކަމަކު........."ރުބާބް ލައިގެން ހުރި ޗޮކްލެޓް ލެދާ ބޫޓުން ފަތްތަކުގައި މަޑުމަޑުން ޖައްސައިލަމުން އޭނަ ވާހަކަދެއްކިއެވެ.
"ނޫން. އެއީ އަހަރެންވެސް ގަބޫލުކުރާގޮތް. ކުރިން ހަކާންދެކެ ފޫހިވޭ. ރުގުޔާކޮށްގެން އޭނަގެ މައްޗަށް އަހަރެންގެ ހިތް ޖައްސާގޮތަށް ކިޔެވީތަ؟"
"ހަހަ....ޔަޝް...." ޔަޝަލް އަނގަޔަށް ހަދައިލިގޮތް ފެނި ރުބާބްއަށް ހެވުނެވެ. "އެއްގޮތަކަށްވެސް ރުގުޔާއާއި ބެހޭގޮތުން ނޭގޭ. އެއީ ގުރުއާނުން ފަރުވާ ހޯދުން. ފިޒިކަލް ބަލިތަކާއި އެސްފީނާ ސިހުރު އަދި ޖިންނި އަވަލުމުންވެސް ރުގުޔާ ކުރޭ. ސޯ ތީގެ ތެރޭގައި ހަމަ ތިބައި އޮތުން އެކަށީގެންވޭ..."
ޔަޝަލް ކޮތަޅުތައް އެއްލާލާފައި އެއްފަރާތުގަައި ހުރި ޚަރީފު ފަތްތަކުގެ ވިނަގަނޑުމައްޗަށް އުއްޑުން ވެއްޓިގަތެވެ. ދެލޯ މަރާލައިގެން އޮވެ ވިސްނަމުން ދިޔައެވެ.
"އަހަރެން ހަކާން ގާތު ބުނާނަން ވަލީ ހޯދަން ފޮނުވާށޭ....އެނިމުނީ ދޯ..." ޔަޝަލް ބުނެލިއެވެ.
"އަލްހަމްދުލިﷲ..." ހަކާންގެ އަޑު އިވުމުން ޔަޝަލް ސިހިފައި ފުންމައިގެން ތެދުވުނުގޮތަށް ލޯބޮޑުކޮށްގެން ބަލަން ހުރިއިރު މޫނަށް އެތައް ހާސްކުލަތަކަކާއި އިހުސާސްތަކެއް އަރާ ފޭބިއެވެ. މިހުރިހާ ދުވަހު ފިރިހެނުންގެ ސޫރަދެކެވެސް ނަފްރަތުކުރަމުން އައި ޔަޝަލްއަށް ފުރަތަމަ ފަހަރަށް ހަކާން ފެނުނީ ލޯބި މީހެއްގެ ގޮތުގައެވެ. ހަޔާތުގެ ބައިވެރިޔެއްގެ ހުރިހާ ޝަރުތެއް ފުރިހަމަވާ މީހެއްގެ ގޮތުގައެވެ.
***
ހަމްދާންއާއި ސޯފިޔާގެ ކައިވެނީގެ ރަސްމިއްޔާތު ކުޑަނަމަވެސް ކިތަންމެހާވެސް ފުރިހަމައެވެ. ސޯފިޔާ ހުދުކުލައިގެ ހެދުމަކާއި ބުރުގާއެއް އަޅައިގެން ހުރި ޒުވާން އަންހެންކުއްޖެކޭ ތަފާތެއްނެތެވެ. އަލުން ޅަ ދުވަސް އައިސްގެން އުޅޭފަދަ ލަދުވެތިކަމެއް ސޯފިޔާގެ މޫނުމަތިން ފެނެއެވެ. ބައްޕައާއި ޒުވާން ދެ ފިރިހެންދަރިންނާއި އަންހެންދަރިފުޅު އަދި ބައިވެރިންވެސް އެ އުފާވެރިކަން އެވަރަށް ހިއްސާކުރާފަދައިން ހިނިތުންވެލައިގެން ތިއްބެވެ. މިކާއިލް އާއިއެކު ރުބާބް ހުރިތަން ފެނުމުން ޖަބްރީލްއަށް އުދަގޫވިއެވެ. އެތައް ދުވަހަކަށްފަހު ރުބާބްފެނުމުން ކުރީގެ އިހުސާސްތަކާއި އެލޯބި އަލުން އަނބުރާ އަތުވެދާނެކަމުގެ ބިރު ހީވިއެވެ. ޚަލީސީއާއިމެދު އޮތް ޔަގީންކަމަށް ލޮޅުން އަރާނެ އެއްވެސް ފުރުސަތެއް ދޭން ޖަބްރީލް ނޭދެއެވެ. އަމިއްލަ ހިތަށްވެސް އޭނަގެ ހުއްދަނެތި އެހެން ނަމަކަށް ޖާގައެއް ދޭން ބޭނުމެއް ނޫނެވެ.
"ކޮބާ ލުއުލުއު؟" ވަގުތެއް ވުމާއެކު ޖަބްރީލް މިކާއިލް ގާތަށް ޖެހިލިއެވެ.
މުށިކުލައިގެ ސޫޓެއްގައި މިކާއިލް ހުރިއިރު އާދައިގެ މަތިން އެމޫނުމަތިން ފެންނަނީ ހައިބަވަންތަކަމެވެ. އޭނަގެ ބާރާއި ނުފޫޒު މޫނުމަތިންވެސް ފެންނަފަދައެވެ. މިކާއިލް އަޑު އިވުނުކަމަކަށްވެސް ނެހެދިއެވެ. ދެވަނަފަހަރަށްވެސް އެ ސުވާލު ތަކުރާރުކުރިއެވެ.
"ބައްޕަ ގަބޫލުކަމެއް ނޫންކަން އެންމެ ކުރިންވެސް ބޫ ގާތު ބުނި ހަނދާނެއްވޭ. އެހާ ވަރުން އޭނަގެ ވާހަކަ ދެއްކުމުގެ މާނައަކީ ކޮބާ؟ އަދިވެސް ބޭނުންވަނީ ރުބާބްތަ؟" މިކާއިލްގެ ލޮލުން ލާނެތްކަމުގެ ކުޑަ މިންވަރެއް ފެނުނެވެ.
"އަހަރެން ލޯބިވީ ރުބާބްއަކީ ޖިންނި އަންހެންކުއްޖެއް ދޯ. އެއީ ޕާސްޓްގެ އެޕިސޯޑެއް...އެކަން ނިމިއްޖެ. އަހަންނަށް ޚަލީސީއަށްވަރު ރަގަޅު އަންހެންކުއްޖެއް މިހާރަކު ނުފެނޭ. އައި ލަވް ހާރ....ވެރީ މަޗް..."ޖަބްރީލް ޚަލީސީއަށްވެސް އަދި ލޯބި ހުށަހަޅާފައެއްނުވެއެވެ.
މިކާއިލް ޖަބްރީލްގެ ބުރަކަށީގައި މަޑުމަޑުން ޖަހައިލަމުން ހިނިތުންވެލިއެވެ. އެހިިނިތުންވުމުން ކިތަންމެ އެއްޗެއް ބުނެދީފިއެވެ. އޭނަގެ ހިތުގައި ކޮއްކޮއަށްޓަކައި ވާ ލޯތްބާއި އޯގާތެރިކަން އަދި އުފަލުގައި ހުންނަން ބޭނުންވާކަންވެސް މެއެވެ. އަދިވެސް ޖަބްރީލް ބޭނުންނަމަ ރުބާބް ދޫކޮށްލަންވެސް ފަސްނުޖެހޭނެކަމެވެ.
***
ލުއުލުއާ ނިކަން އަރާމުކޮށް ބޮޑު ރަޖާއެއްގެ ހިމާޔަތުގައި ނިދާފައި އޮވެފައި ލޯ ހުޅުވައިލިއިރު ބިއްލޫރި ދޮރުތަކުން ފެނުނީ ގަސްތަކުން ފަތްތައް ވެހޭ މަންޒަރެވެ. މިއޮވެވުނީ އޭނަގެ ލޯބިވާ މިކާއިލްގެ "ވިލޯކޮޓެޖްގެ" އަރާމު ކޮޓަރިއެއްގައި ކަން ފަހުމުވުމާއެކު ހިތުގައި އުފާވެރިކަން ދައުރުކޮށްލިއެވެ. މިކާއިލް ކޮބާހެއްޔެވެ؟ މިދެތިން ދުވަހުވެސް އަވަދިނެތި ކަމަށް ބުނެ ގެއަކުން ނުފެނެއެވެ. މެސެޖެއްކޮށްލާނެ ވަގުތެއްވެސް ހަމަ ނުވާނީހެއްޔެވެ؟ އޭނައަށް ކުރެވޭ ކަމަކޫ ފުލުފުލުގައި ލޯބިވާވަރު ހާމަކޮށް ދީ މެސެޖް ފޮނުވުމެވެ.
"ރުބާބް......ލާޓޭއެއް ގެނޭ.." ކަންނެތްގޮތަކަށް ހިނގާފައިގޮސް ދޮރު ހުޅުވައިލިގޮތަށް ލުއުލުއާގެ އަމުރުވެރި އަޑު ގޭތެރޭގައި ހިފައިލިއެވެ. ރުބާބްގެ އެއްވެސް ހިލަމެއްނުވުމުން އޭނަ ގޭގެ ހުރިހާ ތަނެއްވެސް ހޯދިއެވެ. އެކުއްޖާ ދިޔައީ ކޮންތަނަކަށް ހެއްޔެވެ؟
"މިކާ...ރުބާބް އިޒް މިސިން..." ލުއުލުއު މެސެޖެއްކޮށްލިއެވެ."އަދި ޕްލީޒް އާދެބަލަ ލަވް...މިރޭ މިއީ ކޮން ރެއެއްކަން ހަނދާން އެބަހުރިތަ؟"
ލުއުލުއާ ރަތްކުލައިގެ ހެދުމެއްލައިގެން ޔާގޫތު ގަހަނާއިން ހަށިގަނޑު ފަޅުފިލުވައިލިއެވެ. އަދި އަގުބޮޑު ސެންޓެއް ޖަހައިލުމަށްފަހު ލޯގަނޑުން ބަލައިލުމުން އަމިއްލަ ނަފުސާއިމެދު ފަޚުރުވެރިވިއެވެ. އޭނަގެ ރީތިކަމަކީ ތަދު އެއްޗެކެވެ. އެހެން މީހުން ހަދާހެން ޕްލާސްޓިކް ސާޖަރީއަކަށް ބޭނުންނުޖެހި ގުދުރަތުން ވަނީ ދީލަތިވެފައެވެ. ލުއުލުއާ ޕޯޓިކޯއަށް ނުކުމެފައި ހަމަޖެހުމުގެ ނޭވާއެއްލިއެވެ. ޔަގީނުންވެސް އޭނަ ރުބާބް މިކައިލްގެ ދިރިއުޅުމުން ނެރެލާނެއެވެ. މިގެއާއި މިކާއިލްގެ ހިތުގައި ރަނިކަން ކުރާނީ ހަމައެކަނި އޭނައެވެ. އެހެން އަންހެނަކަށް މި މަގާމު ހައްގެއް ނޫނެވެ.
ގަސްތަކުގެ ތެރެއިން މީހެއްގެ ފިޔަވަޅުތަކުގެ އަޑު އިވުނުހެން ހީވެފައި ލުއުލުއާ ލޯބޮޑުކޮށްފައި ބަލަންފެށިއެވެ.