"ގިނަ މީހުންނަކީ އިހުސާންތެރިކަމާއި ހެޔޮކަންތައް ބަލައިގަންނާނެ ބަޔެއް ނޫނެވެ. ކުރާ ހެޔޮ އަމަލެއް ހަމައެކަނި ﷲގެ ފަރާތުން ދަރުމައާއި ސަވާބު އެދިގެން ކުރުމުން ހިތާމަކުރާކަށް ނުޖެހޭނެއެވެ. އެއްވެސް މީހެއްގެ ފަރާތުން ރުހުން ހޯދުމާއި ލޯބި ހޯދަން އުޅުމުން ހިތާމަކުރާނެ ދުވަހެއް އައިސްދާނެއެވެ. ވީމަ މީހުންގެ ރުހުމާއި ލޯބި ހޯދަން އަމަލުކުރުމުގެ ބަދަލުގައި ކުރާ ކޮންމެ ކަމެއް ހެއްދެވި ފަރާތަށްޓަކާ ކުރާށެވެ. އޭރުން ހިތަށް ހަމަޖެހުން ލިބޭނެއެވެ."

އިރުއެރުމާއެކު ޔަޝަލް އަވަސްވެގަތީ ޖަބްރީލްއާއި ވާހަކަދެއްކުމަށެވެ. ދޮރުގައި ޓަަކިދޭން ފެށުމުން ޖަބްރީލް ނުކުމެގެން އައީ ކަސްރަތުކުރަން އޮވެފައެވެ. ހަށިގަނޑުގައި ދާތިކިތައް ބަބުޅައެވެ.

"ޚަލީސީކޮބާ؟"

"އަނެއް ކޮޓަރީގައި މިހާރު ނިދަނީ..."

"އޯ....."

"ހާދަ އަވަހަށް މޯނިން ވީ ދުވަހެއް؟" ޖަބްރީލް ތުވާލި ނެގިއެވެ.

"ވާހަކައެއް ބުނަންވެގެން...ގަބޫލުކުރަން ފަސޭހައެއްވެސް ނުވާނެ..." ޔަޝަލްގެ އަޑު މަޑުކަމުން ކިރިޔާ ޖަބްރީލްގެ ކަންފަތަށް އިވުނުކަމެވެ. ޖަބްރީލް އެނބުރި ބަލައިލަމުން ސުވާލުގެ ނަޒަރަކުން ބަލައިލުމާއެކު ޔަޝަލް ޖެހިލުންވިއެވެ. ވިސްނުން ބަދަލުވިއެވެ. ޖަބްރީލްއާއި ޚަލީސީ ގާތު ރުބާބްގެ ސިފަ ޖެހިގެން ހުރީ ޖިންނިއެކޭ ހަމަ ބުނަންވީހެއްޔެވެ؟ ޔަޝަލް ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ނިތްކުރީގައި ފިރުމައިލިއެވެ.

"މިގެއިން ޖިންނިން ފެންނަ ވާހަކަ..."

"އޯ.......ކާކު ބުނީ؟" ޖަބްރީލް ކޮޓަރީގެ ދޮރު ހުޅުވާލާފައި ގޮސް ނުކުތީ ގޭގެ ފަހަތުބަޔަށެވެ. ވަޅުން ފެންވަރަންވެގެންނެވެ.

"ހިތަށް އެރީ އެދުވަހު ތިއްތި ގަސްދަށުވީމަވެސް އަނިޔާއެއްނުވިއޭ. އެންމެން އެބަކިޔާ މިގޭގައި ރޫހާނީކަމެއް ހުރެއޭ. އެކަކު އެހި ދެން ތަށިތައް އެއްލާ ގޮނޑިތައް ދުވެ މީހުން އެނދުން ވައްޓާ އެހެން ވޭހެއްޔޯ. ނަސީބަކުން އެވަރެއް ނުކުރޭ. ސްޓިލް ކަމެއް ހިނގާތީ އެންމެން އެހެން ކިޔާނީ. ހޭވް ޔޫ ނޯޓިސްޑް އެނީތިން އޮޑް؟"

"ޖިންނިންވެސް އުޅޭނެތާ.."

"އާނ...ބިޗޫ އެއްޗެހި މަށަށް މާ ބިރުވެރި..."ފަހަތުން ޚަލީސީގެ އަޑު އިވުނެވެ. "ހެލޯ ބޫ....ވަޓްސް އަޕް..."

" ވިލާތަކާއި އުޑު..."ޖަބްރީލް މައްޗަށް ބަލައިލިއެވެ.

"ތީ ދެން އާއްމުކޮށް އެންމެން ބުނާ އެއްޗެހި.."ޚަލީސީ ހުރީ ހިިނިތުންވެލައިގެންނެވެ.

"އަހަރެންވެސް މިއީ ސްޕެޝަލް މީހެއްނޫނެއްނު އެހެންވީމަ އެންމެން ކިޔާ އެއްޗެހި ދޯ ކިޔޭނީ..މިއުޅެނީ ފެންވަރަން. ގާލްސް. އަހަންނަށް ޕްރައިވެސީ ކިޔާ އެއްޗެއް ދީފާނަންތަ؟ އަބަދު ފަހަތުގައި ނާޅުވާ.."ޖަބްރީލް ހަނި ނަޒަރަކުން ޚަލީސީއަށް ބަލައިލުމުން ޚަލީސީ ކަރު އެލުވައިލިއެވެ.

"ޔަޝް ދައްތީ. ހިނގާ ދެކުދިން ރެޑްވެލްވެޓް ކޭކެއް އަޅާފައި ސްޕެގެޓީ ކައްކަން...."

"ލަންޗަށް ދޯ..ސެޕެގެޓީއަށް ބައިވަރު ޗީޒްއެޅީމަ ވަކިން ޔަމީވާނެ. އެކަމަކު ބޮޑަށް ރަގަޅީ ހަމަ ޕާސްތާ އެކަމަކު ޚަލީސީ ބޭނުން އެއްޗެއް ކައްކަން ބައިވެރިވާނަން......"ޔަޝަލް ޚަލީސީއަށް ނަޒަރު ހުއްޓައިލިއެވެ. މަޑުމަޑުން ތުންފަތް ހަފައިލީ ވިސްނާފަދަ ގޮތަކަށެވެ.

"ކާން އަންނައްޗޭ..."

"ނޭގޭ. މިއުޅެނީ ބޭރަށް ދާން.."

"ރުބާބްއާއެކީތަ؟" ޔަޝަލް ލޯ ބޮޑުކޮށްލިއިރު އޭނަގެ ހިތް އަވަސްވެއްޖެއެވެ. ޚަލީސީ ފަހަރަކު މީހެއްގެ މޫނަށް ނަޒަރު ހިންގައިލީ ކަމެއް ދެނެގަންނަން ބޭނުންވާފަދަ ގޮތަކަށެވެ."މިއަދު ކައިގެންދާން މަޑުކޮށްބަލަ ޕްލީޒް. އަދި އަނެއްކާ އަހަރެމެން ކޮޓަރީގެ އޭސީ މައްސަލައެއް ޖެހިގެން ރިޕެއާކުރަން މީހަކު އަންނާނެޔޯ ދޮންބެ ބުނި..ކަރަންޓް މައްސަލައެއްވެސް އުޅޭ..އޯލްޑް ހައުސްއެއްވީމަ ބައިވަރު މައްސަލަތައް އެބައުޅޭ...."

"އޯލްރައިޓް...އެމީހަކު އަންނަންދެން މަޑުކޮށްފާނަން. އިހަށް މިތަނުން ގޮސްދާނަންތަ؟" ޖަބްރީލް ރުންކުރުވިޔަސް ވާހަކަދެއްކީ މަޑުމައިތިރިކޮށެވެ. ޚަލީސީގެ ނަޒަރު އޭނަގެ މޫނުން ކައްސާނުލާކަން އެނގުމުން ޖަބްރީލްއަށް އުދަގޫވިނަމަވެސް ބައެއްފަހަރު ޚަލީސީދެކެ ރުހެވޭގޮތްވެއެވެ. ޚަލީސީގެ މިޒާޖާއިއެވެ. ޚަލީސީއަކާ ނޫނެވެ. ޖަބްރީލް ވަގުތުން ސިކުނޑިއަށް އެރި އޮޅުން ރަގަޅުކޮށްލަދިނެވެ.

ސްޕެގެޓީ ތައްޔާރުކުރަން ތިބެފައި އެތައް ފަހަރަކު ރުބާބްގެ ހަގީގަތް ކިޔާދޭން ހިތަށް އެރިއެވެ. ނަމަވެސް ޚަލީސީއާއި ޖަބްރީލްއަށް ކިޔާދޭން ޖެހިލުންވަނީއެވެ. އެ ވާހަކަ ކިޔައިދީފިއްޔާ ރުބާބް ރުޅިއައިސްގެން ހަދާނެގޮތެއްވެސް ނޭގެއެވެ. އެންމެފަހުން ޔަޝަލްއަށް ނުހުރެވިގެން މިކާއިލްއަށް ގުޅާފައި ރާގީއެއް ލިބިއްޖެތޯ އެހިއެވެ. މިކާއިލް ބުނީ ހޯދަން މަސައްކަތްކުރަމުންދާ ކަމުގައެވެ. ޔަޝަލް އެދުނީ އަަވަސްކުރުމަށެވެ. ވަގުތު ކުޑަކަމަށެވެ. ކޮންމެވެސް އެކަކަށް ގެއްލުމެއް ލިބިދާނެކަމުގައެވެ. ސޯފިއާ މަންޒިލްގެ ހުރިހާ މެމްބަރުންވަނީ ނުރައްކަލެއްގެ ތެރޭގައި ކަމަށެވެ. މިކާއިލް ޔަޝަލްގެ ހިތްހަމަޖައްސައިދޭން މަސައްކަތްކުރިއެވެ.

 

***

އިރުއޮއްސި ރަތްވިލާތަކުން އުޑުމަތި ފަވައިލިއިރު ހުޅުދާންކޮށްފައިވާހެން ހީވެއެވެ. ޔަޝަލްއާއި ޚަލީސީ ކޮފީއާއެކު ކޭކު އަދި ހޫނު ޕިއްޒާކާން ތިބިއިރު ކުޑަދޮރުގެ ފޮތިތައް ކަހާފައި ހުރުމުން ރީއްޗަށް ބޭރުފެންނަން އޮތެވެ. ކުއްލިއަކަށް ވައިބާރުވެ ވިއްސާރަވުމުގެ އަލާމާތްތައްފެނުމާއެކު އަނދިރިކަން ވެރިވާންފެށިއެވެ. ދެކުދިންގެ މައުޟޫއަކަށްވީ "ޖިންނި"ވާހަކަތަކެވެ. ޔަޝަލްއަށް އިވިފައިވާ ވާހަކަތައް ކިޔާދެމުން ދިޔައިރު ޚަލީސީ އިނީ ބިރުން ފިތްކަނޑައިގެންދާވަރުވެފައެވެ. ކުރިއަކުން އޭނަ އެހާވަރަށް ޖިންނި ޝައިތާނުންދެކެ ބިރެއްނުގަނެއެވެ. ޚުދު ޔަޝަލްއަށްވެސް ރުބާބްގެ ހަގީގަތް އެނގުމަށްފަހު އަބަދު ސިހި ވަށައިގެން ހޯދެނީ ކޮންމެ ފަހަރަކުވެސް ޖިންނިއެއް ފެނިލާނެހެން ހީވެއެވެ. ކުއްލިއަކަށް ޚަލީސީގެ ގައިގާ ހޫނު ވައިރޯޅިއެއް ބީހިލިހެން ހީވިއެވެ. މަޑުމަޑުން ކޮނޑުގައި ޖެހިލިހެންވެސް ހީވިއެވެ. ޚަލީސީ އެނބުރި ބަލައިލިއިރު ޔަޝަލް ހުރީ ސިންކް ކައިރީގައެވެ.

"ޔަޝް ޑިޑް ޔޫ ޓަޗް މީ؟" ޚަލީސީ އެހިއެވެ.

"ބިރުން އިނީމަ ހީވާނެ.ނޫން އަހަރެން އަތްނުލަން...."ޔަޝަލް ތަށި ދޮވެފައި ތަށި ހިއްކަން އަޅުވާލިއވެ.

"ހަމަ ކޮނޑުގައި އަތްލީހެން...."

"ޝްޝްޝް....މިގޭގައި އުޅޭ އިންވިޒިބަލް ޕީޕްސްގެ ކަންތަކޭ...."ޔަޝަލް ޚަލީސީގެ ކަންފަތުގައި އަނގަ ޖެހުމުން ޚަލީސީ ހީލިކެރުވިއެވެ."ހޭއި ޕީޕްސް....ކަލޭމެންނަކީ މި ބިމުގެ އަހުލުވެރިންނެއްނޫން. ﷲ އަހަރެމެން އިންސާނުން ބިންމަތީގައި ލައްވާ ކަލޭމެންނަށްވުރެ ބާރުދެއްވި. ތިމީހުންދެކެ އަހަރެމެން ބިރެއްނުގަނޭ އަޑުއިވިއްޖެތަ؟"

ޚަލީސީ އަނގަ ހުޅުވިފައި އިނެވެ. ބުނާނެ އެއްޗެއް ނޭގިފައެވެ. ޔަޝަލް މިހާ ބިރުކުޑަވީ ކޮންއިރަކުންހެއްޔެވެ؟

"ޔަޝް ދައްތި ތިބުނީ ރަގަޅަށް. އަައި ވޯޒް ރީޑިން އެބައުޓް ސުޕަ ނޭޗުރަލް ކްރިއޭޗާސް. ފިއަރ ހުރިއްޔާ ދޭ ވިލް ސެންސް އިޓް އަދި އެއްޗެހި އިންސާނާ ކޮންޓްރޯލް ކުރަން ފަށާނެ. އެހެންވީމަ އަހަރެމެން ޖެހެނީ ގަދަކުރަން...."

"ޔެސް..........."

"ހިނގާ އައިސްކޯނެއް ބޯލައިގެން އަންނަން. ހަމަ ކުއްލިއަކަށް ބޭސްކިން ރޮބިންސްގެ މިންޓް ޗޮކްލެޓް އައިސްކޯނަކަށް ކްރޭވިން.."ޚަލީސީ ގޮނޑިމަތީގައި އޮތް ބުރުގާ ނަގާ ދޯޕައްޓާއެއްހެން އަޅައިލިއެވެ.ދެކުދިން އެކީ ނުކުތްއިރު ވެހެމުން ދިޔަ ހިމަފޮދުވާރޭ ބޯކޮށްލިނަމަވެސް ތެމޭހިތުން ތިބުމުން އެކުދިންނަށް ފަރުވާލެއްނެތެވެ. ފިނީގައި ގޮސް އައިސްކްރީމް ބޮއިގެން ސޯފިއާއާއި ޖަބްރީލްއަށް ދޭންވެސް އައިސްކޯނެއް ގަނެލިއެވެ. ޚަލީސީ ފިހާރައަކަށް ވަނިއްޔާ ސޯފިޔާއަށް ދޭން ކުޑަ އެއްޗެއް ނަމަވެސް ގަންނަކަން ޔަޝަލް ފާހަގަކުރެއެވެ. "ސްވީޓް" އަންހެންކުއްޖެކެވެ. ދެކުދިން އެތާ އޮތް އަނދިރި ގޯޅިން ލަނބާލާފައި ކުރިއަށް ދިޔައިރު ވާރޭގެ ހަމަލާތައް އަމާޒުވަމުން އައެވެ. ކުއްލިއަކަށް ޚަލީސީ ޔަޝަލްގެ އަތަށް ހިފާ ބާރުކޮށްލިއެވެ. މަގުގެ އެއްފަރާތުގައި އެމީހުންނާއި ދިމާލަށް ބަލަން އޮތް ކަޅުކުލައިގެ ޖަނަވާރަކީ ކޯންޗެއްކަމެއް ފުރަތަމަ ނުވެސް އެނގުނެވެ.

"ބްލެކް ޑޯގެއް.." ޚަލީސީ އަނދިރީގެ ތެރެއަށް ލޯ ހާނާލަމުން މަޑުމަޑުން ކިޔައިލިއެވެ،"ފެނޭތަ؟ އަހަރެމެންނަށް ބަލަން އެއޮތީ.."

"އާން ފެނޭ.

"އެކަމަކު އެއީ ސިފައިންގެއިން ފިލައިގެން އުޅޭ އެއްޗެއް ދޯ...އެމީހުން މަސްތުވާ އެއްޗެހި ހޯދަން ޑޯގް ބޭނުންކުރޭ.."

"ކިހިނެއް ޙަލީސީއަށް އެނގުނީ؟"

"ޓީވީއިން މި ޑޯގް ފެނުނު ހަދާނެއްވޭ. އަވަހަށް ހިނގާ. އަހަރެމެންގެ އައިސްކްރީމްގެ ރަހަވެސް މިސޮރަށް ހީވެދާނެެއްނު ޑްރަގްހެން. އަހަރެމެން ފަހައިގަންނަންވެގެން ކަން ނޭގޭ ލޯ ދިއްލާލައިގެން އެއޮތީ.ލޯތަ ނޫނީ ބާނިން ކޯލްސްތަ؟ ބިރުވެރި ލޮލެއް ދޯ."ޚަލީސީ ޔަޝަލްގެ އަތުގައި ހިފައިގެން ފިޔަވަޅުތައް އަވަސްކޮށްލިއިރު ޔަޝަލްވެސް ބިރުން ރޫރޫ އަޅަނީއެވެ. ދެމީހުން ހިނގައިގަތްއިރު ޚަލީސީއަށް އަޑުއިވެނީ އެހެން މީހެއްގެ ފިޔަވަޅުގެ އަޑެވެ. ކައިރީގައި މީހަކު ހިނގާފައިދާއިރު ކުރެވޭ އިހުސާސެކެވެ.

"ޔަޝް....ފިޔަވަޅު....."ޚަލީސީ ވައިއަޑަކުން ކިޔާލައިފިއެވެ.

"އާނ....ނޭގޭ ދޯ...ނުބަލާތި.."ޔަޝަލް ދުވަންފެށީ ޚަލީސީގެ އަތުގައި ހިފައިގެންނެވެ. ދެކުދިން ގެއާއި ހަމަޔަށް ފޯރިއިރު ތެމިފޯވެއްޖެއެވެ. ސިޓިންރޫމަށް ވަދެވުމާއެކު ޔަޝަލް އަވަހަށް ތަންޑު އެޅުވިއެވެ. ތަށިމުށިމަތީގައި ފެނުގެ ކުދި ކޯރެއް ހެދުނެވެ. އެކުދިންގެ ހެދުންތަކުން ފެންތިކިތަޅަމުން ދިޔައެވެ.

"ޚަލީސީ..ހަމަ ރަގަޅަށްވެސް އެއީ ފުލުހުން ގެންގުޅޭ ޑޯގެއްތަ؟"

"ޔެސް. އައި ތިންކް ހާރ ނޭމްއިޒް ބެލާ..."

"އޯލްރައިޓް.."ޔަޝަލް ހަމަޖެހުމުގެ ނޭވާއެއްލިއެވެ. ނަމަވެސް ދެވަނަ ނޭވާ އެތެރެހަށީގައި ތާށިވީ ޚަލީސީ ކުއްލިއަކަށް ހާސްކަމާއެކު ބުނެލި ޖުމްލައިންނެވެ." ޔަޝް ދައްތި. ޕޮލިސް ގެންގުޅުނީ ބްރައުން ޑޯގެއް. އެއްކޮށް ބްލެކްއެއްނޫން....އެކަމަކު މިފެނުނީ އަލަށް ގެނައި އެއްޗަކަށްވެދާނެ..."

ޔަޝަލްގެ ހިތް ޝައްކުން ފުރުނެވެ. އެވާނީ ހަމަ ޖިންނިއަކަށެވެ. ޖިންނިން ކުއްތާތަކަށާއި ހަރުފަތަކަށް ބަދަލުވާކަން ފޮތްތަކުންވެސް އެނގެއެވެ. ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމްގެ ހަދީސުންވެސް ފެނުނުު ހަދާންވިއެވެ. ރުބާބް ކަމަށް ވެދާނެބާވައެވެ. ރުބާބްއަކީ ޖިންނި އަކަށް ވެއްޖެއްޔާ ސިފަބަދަލުކުރުމަކީ ދާދި ފަސޭހަކަމެކެވެ. އެ މަޚުލޫގުންނަށް އިންސާނުންގެ ސޫރައަށް ބަދަލުވުމުގެ ކުޅަދާނަކަން ދެއްވާފައިވާއިރު ކުއްތާއަކަށް ބަދަލުވާން މާ ފަސޭހަވާނެއެވެ. ޔަޝަލް ހުރިހާ ދޮރުތައް ލައްޕައިލީ ކުރުސިއާއިއެކު ދުޢާތައް ކިޔަވާފައެވެ. އެއަށްފަހު ފޯނުން ބަގަރާ ސޫރަތް ޖަހައިގެން ނިދަން ޖައްސައިލި ގޮތަށް އެރޭ ނަސީބަކުން ހުވަފެނެއް ނުފެނި ނިދި ހަމަޖެހުނެވެ.

 

***

ރުބާބް ގެނެސްދިން ޖަވާހިރުތައް ފެނި ސޯފިއާ އުފަލުން ފޮޅުނެވެ. އެކިކުލައިގެ ނީލަމާއި ޔާގޫތު އަގީދު އަލިމަސް މުތްފަދަ ތަކެތިން އެ ފޮށި ވިދާ ބަބުޅައެވެ. ސޯފިއާ އެހާވަރަށް ފައިސާއާއި މުދަލާއިހެދި މޮޔަނުވިޔަސް ގަހަނާއަކީ އަންހެނުން އެންމެ ގަޔާވާ ލޯބިކުރާ އެކައްޗެވެ. ސޯފިއާއަށްވެސް އެ ފޮށި ފެނުމުން ބަސްހުއްޓި އާޝޯޚުވެފައި އިނެދެވުނެވެ. ރުބާބް ބުނީ އޭނަގެ އާއިލާއިން ޖަވާހުރި ވިޔަފާރިކުރާތީ ބޭނުންވަރަކަށް ޖަވާހިރު ލިބޭކަމުގައެވެ.

"މީގެ އަގު ކިހާވަރަކަށް އަރާނެބާ.."

"މިލިއަނުން...."

"ރުބާބްއަށް މާތްﷲ ރަހުމަތް ލައްވާނެ. ހާދަ ރަގަޅޭ...މީގެ އަގު އަދާވެސް ނުކުރެވޭނެ ދުވަހެއްގެ ކޮޅުންވެސް...މި ބަލައިގަންނަން ދަަތި........................."ސޯފިއާ ރުބާބްގެ ބޮލުގައި އަތް ޖައްސައިލިއެވެ.

"ޔަޝަލްގެ މަންމައަކީ އަޅުގަނޑުވެސް މަންމަ..."

"އެންމެ ރަގަޅު.."ސޯފިއާ ހުރިހާ ދަތްތައް ފެންނަވަރަށް ހީލިއެވެ.

"އަދި މިހިރީ ބޭސް. ފަތްޕިލާވެލިން ހަދާފައި ހުރި އެއްޗެއް. މިއިން މާލީސްކުރަނިކޮށް ވަރަށް އަވަހަށް މަންމައަށް ހިނގިދާނެ..މާލީސްކޮށްދެންތަ؟"ރުބާބްގެ އަތުގައި އޮތް ފުޅީގައި ހުރީ ފެހިކުލައިގެ ޖެލީއެއްހެން ހުރި އެއްޗެކެވެ. ސޯފިއާގެ ފައިގާ އެ ބާމް ލާދޭން ފެށުމުން ފިނިކަމެއް އިހުސާސްވިއެވެ. ތެޔޮ މަސާޖްކޮށްދޭން ރުބާބް ވަރެއްނެތެވެ. އަތުގައި ބާރުވެސް ހުރީއެވެ. މާލީސްކުރަަން އެހާ މޮޅެވެ. ޚަލީސީވެސް މިފަހަކަށް އައިސް ސޯފިއާއަށް އެކި ވައްތަރުގެ ހަދިޔާއާއި ކާއެއްޗެހި ގެެނެސްދެއެވެ. އެކަމަކު ރުބާބްފަދައިން ޚަލީސީއަށް އޭނަގެ ހިތާއި ކުޅެނުލެވުނެވެ. އޭނަގެ ހިތް ފަތަހަކުރީ ރުބާބެއެވެ. ރުބާބް އެގެނެސްދޭފަދަ މޮޅު އެއްޗެއް ޚަލީސީއަށް ގައިމު ނުލިބޭނެއެވެ. ޚަލީސީ ކިތަންމެ މުއްސަންޖަސް ރުބާބްގެ އެހެރަ "ޗާމިން"ކަމާއި ސޯފިއާއަށްވެދޭ އެހީތަކާއި ކައިރިކޮށްވެސް ޚަލީސީއަށް ކަމެއްކޮށް ނުދެވޭނެއެވެ. ރުބާބް ސޯފިއާމެން އަނެއްކާ ޔޫކޭ ހިސާބަށް ގެންދަންވެސް އެބަވިސްނައެވެ. އެތަނުން އެމީހުން ގަނެފައިވާ ގޭގައި ދިރިއުޅެން މާ ފަސޭހަވާނެކަމުގައި ކިޔާ ސޯފިއާ ހައްލައިލަން މަސައްކަތްކުރެއެވެ.

***

ޚަލީސީ ޖަންބުގަހާއި ދިމާލުގައި ހުހަށް އޮތް ތަނުގައި މޭޒެއް ބެހެއްޓުމަށްފަހު އުއްބައްތިތައް ދިއްލާލުމަށްފަހު ކާއެއްޗެހި ގެނެސް ބެހެއްޓިއެވެ. ދެމީހެއްގެ ކެއުމެވެ. ޖަބްރީލްއަށް ގުޅާފައި ކާން އައުމަށް އެދި ގުޅިއެވެ. ޖަބްރީލް ހުރިތަނުގެ ސަބަބުން އަޑުގަދަކަމުން ކިޔާ ނުކިޔާ އެއްޗެއް އޮޅުމެއްނުފިލިއެވެ. ޚަލީސީ އާދޭހާއިއެކު ބުނީ މިރޭ ކޮންމެހެންވެސް ވާހަކައެއް ބުނަން ބޭނުންވާ ކަމުގައެވެ. ކޮންމެ ގޮތެއް ހަދާފައިވެސް އައިސް ދިނުމަށެވެ. ޕާސްތާގެ އިތުރުން މީރުވައްތަރެއްގެ ޕުޑިންއެއް ތައްޔާރުކުރީ އޭނަ އަމިއްލައަށް ރެސިޕީ ފޮތެއް ބަލައިގެންނެވެ. ޖަބްރީލްގެ ހިތް އުފާކުރަން އޭނަ ހުރީ ކޮންމެފަދަ ގުރުބާނީއެއްވެސް ވާން ތައްޔާރަށެވެ. ގަޑީގެ ކަށި ހިނގަމުންގޮސް އެގާރައިގެ މައްޗަށް އެރުމުން ޚަލީސީ ދެވަނަފަހަރަށް ޖަބްރީލްއަށް ގުޅިއެވެ. ފިނިވެފައިވާ ހިތަކާއެކުގައެވެ.

"އަހަންނަށް ނުދެވޭނެއޭ އޭރު ބުނީމެއްނު. ކައިގެން މިހިރީ...މިރޭ ބިޒީ..."ޖަބްރީލް އަވަސް އަރުވާލާފައި ފޯނު ކަނޑައިލުމުން ފޯނު މޭޒުމަތީ ބޭއްވުނެވެ. އޭރު ކަރުނަތިއްކަކަށްފަހު ކަރުނަ ތިއްކެއް ކޯތާފަތުގައި ޖެހުމަކާއި ނުލައި އޭނަގެ އުނގަށް އެޅެމުން ދިޔައެވެ. ލައިގެން ހުރި ޖިންސް ތެންމަމުން ދިޔައެވެ.

"އެއްވެސް މީހަކު ލޯބިނުވަނީ ކީއްވެތަ؟ ޖަބްރީލްއާއިހެދި މިވަރަށް އުޅޭއިރު އެޓްލީސްޓް ޑިނަރ އަށް އައިނަމަ...އެހާ ބޮޑުކަމަކު ނޫން ބުނީ. އެވަރުން އޭނައަށް ދޭން ކެއްކީމަވެސް ކިހިނެއް ތިހެދީ. މޭބީ ގޯޑް އޯލްސޯ ޑަޒަންޓް ލައިކް މީ..."ޚަލީސީގެ ވިސްނުން ގޯސް ދިމާލަކަށްދާންފެށިއެވެ."ހީ ކެން ޗޭންޖް ޖަބްރީލްގެ ހާޓް އެއްނޫންތަ؟ މިހެންވަނީ ކީއްވެ؟ އެވަރަށް ޕްރޭ ކުރީމަވެސް. އެވަރަށް ދުޢާކުރީމަވެސް. ދުވަހަކުވެސް ބޫ އަހަރެން ކަހަލަ މީހެއްދެކެ ލޯތްބެއްނުވާނެ. ރުބާބްހާ ރީތިނުވީމަ. އެންމެންވެސް އުޅެނީ ރީތި މީހުންނާއިހެދި. އެއީ އަހަރެންގެ ކުށެއްތަ؟ ރީތިނުވުމަކީ އަހަރެން އަމިއްލައަށް ކުރިކަމެއްވެސް ނޫން............"

ޚަލީސީ އެވަގުތު ހަދާން ނައްތައިލީ ދެއްވާފައިވާ ގިނަ ނިއުމަތްތަކެވެ. ދުޢާ އިޖާބަވުމުގެ ޝަރުތުތަކާއި ކެތްތެރިވާންވެސް ޖެހޭކަމެވެ.

ކުއްލިއަކަށް ޖަންބުގަހުގެ ގޮފިތައް ހަލުވައިގަތްހެން ހީވެފައި ޚަލީސީ އިންތަނުން ފުންމައިގެން ތެދުވުނެވެ. ޖަންބުގަހުގައި އަޅުވާފައި އޮތް ފާނޫޒުވެސް ދެފަރާތަށް ހޫރެނީއެވެ. ބިރުންގޮސް ދުއްވައިގަންނަން އުޅުނުއިރު ދެފައި ގަނޑުވެ އެއްވެސް ހަރަކާތެއް ނުގެނެވުނެވެ.ޖަންބުގަހުގައި އެލުވިގެން އޮތް މަޚުލޫގެއް ފެނުމުން ވާލެއްކަމުގައި ހީކުރެވުނަސް އެސޮރު ކުއްތާއަކާއިވެސް ވައްތަރުވިއެވެ.

"ޚަލީސީ. އަދިވެސް ތިތާގައި؟ ވާރޭވެހެން އެއުޅެނީ. އެތެރެއަށް ވަދޭ..."ޔަޝަލް ޚަލީސީ އަށް ލަސްވާންފެށުމުން ބަލާ އައިއިރު ޚަލީސީ ހުރީ ބިރުން ލޯބޮޑުކޮށްލައިގެން ގަހުގެ ގޮފިގަނޑަށް ބަލަހައްޓައިގެންނެވެ.

"ހެލޯ....."ޖަބްރީލްގެ އަޑު އިވުމުން ދެމީހުންނަށް އެކީ ބަލައިލެވުނުއިރު ދާދި ކައިރީގައި ހުރީ ޖަބްރީލްއެވެ. "ޚަލީސީ އެހާވަރުން ކެއްކީމަ ހިތަށް އެރީ ވަގުތުކޮޅެއް ދޭނީއޭ. ދެން ޔަޝަލް މިތަނުން ދޭބަލަ...އަހަރެމެން ދެމީހުންގެ ކެއުން ފުރިހަމައެއްނުވާނެ ތިންވަނަ މީހެއް ހުރީމަ......"

ޔަޝަލް ތުންފިތާލާފައި ދާން ހިނގައިގަތެވެ.

"ތެންކްސް ބޫ...ވަރަށް ބިރުން މިހިރީ. ހިނގާ އެއްޗެހި ހިފައިގެން ކާކޮޓަރިއަށް. މިތަނުން އެހެން ޕްރެޒެންސްއެއް ފީލްއެބަވޭ. ރަގަޅު ތަނެއްނޫން. ހޯންޓެޑް..."ޚަލީސީ ބިރުންހުރެ ތަބައް ނަގަން އުޅުނެވެ.

"ނޫން. ގަސްގިނަ ތަންތާ އުޑުފެންނަ ހިސާބުގައި ކެއީމަ ބޮޑަށް މަޖާވާނީ...އިށީދޭ. " ޖަބްރީލް ޚަލީސީގެ ކޮނޑުގައި ހިފާ ގޮނޑިއަށް ތިރިކޮށްލުމުން ކޮނޑަށް އެރި ތަދާއެކު ދިލަވެސް ނަގަންފެށިއެވެ. ބާރުގަދަމީހެކޭ ހިތަށްއެރިއެވެ. ކަސްރަތުކުރިޔަސް މިހާ ހަރުކަށިވާންޖެހޭހެއްޔެވެ؟ ތިމާގެ ބާރު އިހުސާސްނުވަނީއެވެ. ނަމަވެސް ޖަބްރީލް އައުމުން ލިބުނު އުފަލާއެކު ހިނިތުންވެލަމުން ޚަލީސީ އަވަހަށް ޖަބްރީލްގެ ތަށްޓަށް ޕާސްތާ އަޅާދޭންފެށިއެވެ. ޖަބްރީލް ޚަލީސީގެ ކުޑަވާ އިނގިލީގައި ހިފާ ފިތައިލިއެވެ. "މިހާ އިނގިލިތައް ކުޑައީ ކީއްވެ؟"

"އާ.............." ޚަލީސީ އިނގިލި ދަމައިގެންފާ އަތަށް ފުމެންފެށިއެވެ. "ތަދުވެއްޖެ..........."

"ހެހެ...ތިވަރު މީހަކު އެހެންވިއްޔާ އިންނަން ތިހާ ނިކަމެތި ކުޑަމީހެއް ހޯދަންޖެހެނީ..."ޖަބްރީލް ނުލަފާކޮށް ހީގަތެވެ. މިރޭ ޖަބްރީލް އެބުނާ އަވަދިނެތް ތަނެއްގައި އިނދެފައި އޭނަ އާދޭސްކުރިވަރުން އައިސް އަދި އޭނައަށް ޖެއްސުން ކުރަން ނިންމީއެވެ. ފޫހިކުރުވަން އާ ގޮތްތައް ދަސްކުރީއެވެ. ނަމަވެސް އިރުކޮޅެއްފަހުން ވަރަށް އެކުވެރިކަމާއެކު ވާހަކަދައްކާ އެތަނުގައި ހުރި ފިޔާތޮށި ފިނިފެންމާގަހުން މަލެއްވެސް ބިނދެލައިގެން އައިސް ދިނެވެ."ސޮރީ ހާޓްކޮށްލެވުނީމަ ޚަލީސީ. ތީ ވަރަށް ސްވީޓްކުއްޖެއް..."

"ތެންކިއު....." ޚަލީސީ އެމާ ނޭފަތުގައި ޖައްސައިލިއެވެ.

***

ރުބާބް ރުޅިގަދަވެ ހޫރިގަތްގޮތުން ބިންގަނޑުވެސް ގުޑައިލިއެވެ. އޭނަ ހަޅޭއްލަވައިގެންފާ ކުރިމަތީގައި ހުރި އިސްކޮޅުން ދިގު ޒުވާނާގެ މޭމަތީގައި ޖެހިއެވެ. "ކީކޭ ހިތަށް އަރައިގެން ޖަބްރީލްގެ ގައި ތެރެއަށް ވަދެ ޚަލީސީއާއި ތަތްކުރުވަން މަސައްކަތްކުރަނީ؟ތިކަމެއްނުވާނެ. އަހަރެން އެ އަންހެނާ މަރާލާނަން...."

"އަދާލިއާ އާއި އަހަންނާއި ކައިވެނި ހަމަޖެހިފައިވަނިކޮށް އަދާލިއާ އިންސާނަކާއި ހިތާވެގެން ފަހަތުން ތިއުޅެނީ ކީއްވެތަ؟އެހެންވެ އަހަރެންވެސް އިންސާނުންނާއި ގޯނާކުރަން ޖެހުނީ. ކޮބާ މަގޭ ކުށަކީ؟"

"އަހަރެން ލޯބިވަނީ ޖަބްރީލް ދެކެ..."

ކޮމެންޓް 0