"ކޮންމެވެސް ދުވަހަކުން މާޒީގެ ސަފުހާތަކަށް ބަލައިފިއްޔާ މުހިއްމު ނޫން ކަންތައްތަކާއިމެދު މާ ބޮޑަށް ހާސްވެ ހިތާމަކުރިކަން އިހުސާސްކުރެވޭނެއެވެ."
***
ރޭގަނޑުގެ އަނދިރިކަމާއި ހިމޭންކަން އެގެ ވަށައިލިއެވެ. ދޫނިތަކުގެ އަޑުވެސް މަޑުވެ ގެވެސް ނިދިފަދައެވެ. މަޑުމަޑުން ބޮކިތައް ނިވަމުންގޮސް ފަނޑު އަލިކަމެއް ފިޔަވާ އެގެ އަނދިރިކަމުގެ ތެރެއަށް ގެނބުނެވެ. ޖަބްރީލް ނުނިދިފައި އޮވެފައި ކުޑަދޮރު ކައިރިއަށް ގޮސް ބޭރަށް ބަލައިލުމާއެކު ފެނުނު މަންޒަރަކުން ސިހޭގޮތްވެފައި ގަޑި ބަލައިލިއިރު ދަންވަރު އެކެއް ޖަހާ ބޮޑުވެއްޖެއެވެ. ވަލުތެރެއަށް ވަދެގެން މިކާއިލް އެދަނީ ކޮންތަނަކަށް ހެއްޔެވެ؟ ދުރުން ފެނުނަސް ހިޔަނިންވެސް އެއީ މިކާއިލްކަން އެނގުމުން ހިތަށް ނުބައިގޮތެއް ވެ އަވަހަށް ޖެކެޓް ނަގައިގެން ދުއްވައިގަނެވުނެވެ. ބޮޑެތި ތަންޑުތައް ނައްޓާފައި ދޮރު ހުޅުވުމާއެކު ފިނި ވައިރޯޅިއެއް މޫނުގައި ބީހިލިއެވެ.
"ޖަބްރީލް. އަވަސް އަރުވާލާފައި ކޮންތަނަކަށް ތިދަނީ؟ ފުރަމެންދަމު....."ފަހަތުން މިކާއިލްގެ އަޑުއިވުމުން ސިހިފައި އެނބުރި ބަލައިލިިއިރު ފަހަތުގައި ހުރީ މިކާއިލްއެވެ.
"ވަޓް؟" ޖަބްރީލް ސިހުނުވަރުން މިކާއިލް ސުވާލުކުރިއެވެ.
"ސްލީޕްވޯކިން ހެހެ...."
"ދޮގުހަދަން އެހާ މޮޅެއް ނޫން އިނގޭ. ބުނެބަލަ ކޮންކަމެއް ފެނުނީ؟" މިކާއިލް ޖަބްރީލްގެ ކޮނޑުގައި އަތް ބޭއްވިއެވެ.
"އައި ސޯ ޔޫ....ވުޑްސްގެ ތެރެއަށް ވަދެގެން ދަނިކޮށް..."
"ރިއަލީ؟" މިކާއިލް ލޯ ކުޑަކޮށްލީ ކަމަކާއި ވިސްނާފަދަ ގޮތަކަށެވެ.
"ހޫމް....ރިއަލީ..."
"ހުރިހާ ޖިންނިތައް އަނެއްކާ މާލެއިން މިކޮޅަށް ހިޖުރަކުރީ...އަހަރެމެންނާއެކީ. އިޒް ދެޓް އިވެން ޕޮސިބްލް؟"
"ޖިންނިންނަށް ޓިކެޓާއި ވިސާ ބޭނުމެއްނުވާނެއްނު ބްރޯ. ސިކުންތުކޮޅެއްގެ ތެރޭ އެމީހުން ދުނިޔެ ވަށާ ބުރެއްޖަހާފާނެ...އަނެއްކާ އެނގޭތަ؟ ދޭ ޓްރެވެލް ތްރޫ ވޯމްހޯލްސް......އެހެން ގެލެކްސީތަކަށްވެސް..........."
"ފެންޓެސީ ދުނިޔެއެއްގައި ބޫ ތިއުޅެނީ. ވޯމްހޯލްސް ފެންނަނީ ހަމައެކަނި މޫވީސްއާއި ފެންޓެސީ ވާހަކަތަކުގައެއްނު......"މިކާއިލް ބުނެލިއެވެ.
"މިކާ ބިރެއްނުގަނޭތަ؟ މިކާގެ ސިފަ ޖެހިގެން ޖިންނިއެއް ދިޔައީމަ..."
"އާނ. ބިރެއްނުގަނޭ. ޖިންނިންނަށް އެހެން ސިފަތަކަށް ބަދަލުވުމުގެ ކުޅަދާނަކަން ލިބިފައިވޭ....ތި ޖިންނިންގެ އުދަގޫބޮޑުވީމަ މަގުމަތިން ޑޯގަކަށް ބަލައިލެވުނަސް ޖިންނިއެއްގެ ލޮލަށް ބަލައިލެވޭހެން ހީވަނީ. ބޫ ބުނަން ވާހަކައެއް. ދެން މިތަނަށް އައީމަ ތި ޕާސްޓް ހަނދާން ނައްތާފައި މޫވްއޮން ކުރަން ވެއްޖެއެއްނު..."
"ނިދަން ދޭ..."މިކާއިލްގެ އަޑުގައި ތަންކޮޅެއް އަމުރުވެރިގޮތެއް ހުއްޓެވެ. އޭނަ ދޮރުގެ ތަންޑުތައް އެޅުވިއެވެ.
ޖަބްރީލް ކޮޓަރިއަށް ވަނަސް ލޮލަށް ނިންޖެއް ނައެވެ. ކަޅުކޮފީއެއް ހިފައިގެންގޮސް ކުޑަދޮރު ކައިރީގައި ހުރި ސީޓުގައި އިށީދެ ބޭރަށް ބަލަން އިންދާ ދެވަނަފަހަރަށްވެސް މިކާއިލް ގަސްތަކުގެ ތެރެއަށް ވަދެގެންދާތަން ފެނުނެވެ. ޖަބްރީލް ރަގަޅަށް ލޯ ބޮޑުކޮށްފައި ބެލުމުންވެސް ހަމަ ފެންނަނީ މިކާއިލްއެވެ. މިކާއިލްގެ ސިފައިގާ ހުރި ޖިންނިއެއްކަން އެނގުމުން ވަކިން ބޮޑަށް ސިހުނެވެ. ކަޅުކުލައިގެ ހިޔަނިތަކެއް އަނދިރީގެ ތެރެއިން ހަރަކާތްތެރިވާއިރު ވައި އަޑުތަކުން އެތައް މީހުން އެއްފަހަރާ ވާހަކަދައްކާ އަޑުން ހިތަށް ބިރުވެރިކަން ވައްދައެވެ. ނޫނީ ހިތަށް ބިރުވެރިކަން ވަނީމަ ގަސްތައް ހިޔަނީގެ ސިފައިގާ އަދި ގަސްތަކުގެ ނާނާގެ އަޑު އެހެން ގޮތަކަށް ކަންފަތަށް އިވެނީހެއްޔެވެ؟ އަވަހަށް ކުރުސި ކިޔަވާފައި ދޮރުގެ ފަރުދާތައް ދަމާލުމަށްފަހު އެނދަށް ވެއްޓިގަތްގޮތަށް ބޮލާއެކު ރަޖާގަނޑު އަޅާލައިގެން މުޅި ހަށިގަނޑު ފޮރުވައިލިއެވެ. ޖިންނިތަކާއި ބިރުވެރިކަމުގައި ގެނބެމުންދަނިކޮށް ލޮލަށް ސިފަވާންފެށީ ޚަލީސީއެވެ. އިނގިރޭސި ލަފުޒުތައް ނުބައިކޮށް ކިޔާގޮތެވެ. ހިތާމަތައް ވަންހަނާކުރާގޮތެވެ. ހިތްހެޔޮކަމެވެ. އޭނަދެކެ ވާ ލޯތްބެވެ. ޖަބްރީލްއަށް ހިނިތުންވެލެވުނެވެ. ޚަލީސީގެ އޯގާތެރިކަމާއި ރީތި މިޒާޖު އޭނަގެ ހިތަށް ތަފާތު އަސަރުތަކެއް ކުރުވައިފިއެވެ.
"ތެންކްސް ސްވީޓެސްޓް ގާލް..."ޖަބްރީލް ހިތާހިތުން ކިޔައިލިއެވެ.
"ކޮންކަމަކާއިތަ؟" ޚަލީސީގެ އަޑު ކަންފަތުގައި ޖެހުނުހެން ހީވިއެވެ.
"އަހަރެންގެ ހަޔާތަށް އައީމަ....ހީލުމުގެ ސަބަބަކަށްވީމަ. ކޮންމެވެސް ވަރެއްގެ ހެޕިނެސްއެއް ގެނެސްދިނީމަ...ޔޫ އާ ދަ ލައިޓް އިން މައި ޑާކް ވޯލްޑް.....އޯ ކަމޯން ޖަބްރީލް. މާ ޕޮއެޓިކްވެ ރޮމެންޓިކްވާން އުޅޭނެކަމެއްނެތް. ސަބަބަކީ ތީގެ ނިމުމަކީ ލޯބިކަމަށް ވެދާނެތީ. ލޯބީގެ ދެވަނަ ނަމަކީ ކެހިވެރިކަމާއި ބޭވަފާތެރިކަން. ލަވް ހާޓްސް. އިޓް ވިލް ހާޓް ނިމޭއިރު...އެންމެ ރަގަަޅުވާނީ ލޯބީގެ އެ ޖަޒުބާތުގައި ނުޖެހި ސަލާމަތްވުން. ހުރިހާގޮތަކުންވެސް ބޮލަށް ފަސޭހަވާނެ..."ޖަބްރީލްގެ ޟަމީރު އޭނަގާތު ބުނަމުން ދިޔައެވެ.
***
ޚަލީސީ އެންމެ ކުރިން ހެދުނު ހެދުނާ ތެދުވެގެން ޖިންސަކާއި އޯވާރސައިޒް ޓީޝާޓެއް ލައިގެން ބުރުގާކޮޅެއް ބޮލަށް މަހައިލުމަށްފަހު ދުއްވައިގަތީ ބަދިގެއާއި ދިމާލަށެވެ. އޭނަ ބުނެގެން ގެނުވާފައި ހުރި މުރަގަފަތް ކޮތަޅަކީ ޖަބްރީލްއަށް ބިސްގަނޑު އަޅަން ގެނައި އެއްޗެކެވެ. ޖަބްރީލްއަށް މީރުވާނެހާ އެއްޗެއް ހަދަން އޭނަ އެހާ ފޯރިހުރެއެވެ. ލުއުލުއުވެސް ކޮފީއެއް ބޯން ވަންއިރު ދުވާ މީރުވަހުން ބަނޑުފުރޭވަރުވިއެވެ. ޚަލީސީ ޖަބްރީލްއަށް ޚާއްސަކޮށް ވަކި ބިސްގަނޑެއް އެޅިކަން އެނގުމުން ހިތުގައި އިތުރަށް ހަސަދަވެރިކަން އުފެދިގަތެވެ.
"ހޭއި އަދިވެސް ޖަބްރީލްއާއިހެދި މަތިން ބައިން އުޅެނީ ޚަލީސީދޯ...ޖަބްރީލް ފައިސާއާއިހެދި ކައިވެނިކުރީ.....މިކާއިލްފަދަ މުއްސަދި ބޭބެއެއްހުރީމަ ވެސް ޖަބްރީލްއަށް ނުފުދުނު ދޯ..މިގެއަކީވެސް ޖަބްރީލްގެ ތަނެއް ކަމަށް ހަދައިގެން އުޅުނަސް ހަގީގަތުގައި އޭނަގެ ގެއެއް ނޫން........."ޚަލީސީ އެކަނި ހުރުމުން ލުއުލުއު މަލާމާތްކުރިއެވެ.
"ތިއީ މުޅިންވެސް ގޮސިޕް...."ޚަލީސީ ހީލިއެވެ.
"އެހެންވެ މޮޔައިންގެ ހޮސްޕިޓަލަކަށް ޚަލީސީ ލީ............"
"އޯ ވެލް...އައި ހޭޑް ސްކިޓްޒްފްރޭނިއާ..."
"ހަހަހަ......ޚަލީސީ އިނގިރޭސިން ވާހަކަދެއްކީމަ ބޮލަށް އުދަގޫވާ ވާހަކަ އެންމެން ދައްކާ.........."
"ހޮސްޕިޓަލް ސްޓާފުން ދޯ. އެމީހުންނަށް ދެން އަހަރެންގެ ވާހަކަ ނީވޭނެއްނު...ލައިފްއަކީ އަބަދު އެއްގޮތަކަށް އޮންނަ އެއްޗެއްނޫން. ކުޑަހިދުކޮޅެއްގެ ތެރޭ ހުރިހާ ކަމެއް ބަދަލުވެދާނެ............"
"އަހަރެން ރަގަޅު ނަސޭހަތެއް ދެން؟ ވައި ޑޯންޓް ޔޫ ލީވް ޖަބްރީލް؟ އިތުރަށް ހިއުމިލިއޭޓް ނުވަނީސް...އަހަރެން ވަރަށް ސިމްޕަތީވި ޚަލީސީ މިގެއަށް އައީމަ ޖަބްރީލް އިގްނޯކޮށްލިގޮތުން ޖަބްރީލް ލޯބިނުވާކަން ރަގަޅަށް އެނގޭ. ދެމީހުން ނުވެސް ގުޅެއެއްނު....ޚަލީސީ ހީވަނީ ބާރަ އަހަރުގެ ކުޑަ ކުއްޖެއްހެން...ފަސްފޫޓް ހަމަނުވޭ ދޯ......"ލުއުލުއު ހަށިގަނޑު ސީދާކޮށްލިއެވެ. ގައިގެ ދެވަނަ ހަންގަނޑެއްހެން ހީވާ ގަދަ ޗޮކްލެޓްކުލައިގެ ބާރު ޓޮޕްކޮޅަކާއި އުރައެއްލައްވާފައި ހުރިހެން ހީވާ ހަރުވާޅުގެ ސަބަބުން އޭނަގެ މޮޑެލް ހަށިގަނޑުގެ ކޮންމެ ވަނާއެއް އޭގެ ފުރިހަކަމަކާއިއެކު އިޝްތިހާރުކޮށްލަން ފަޚުރުވެރިވާފަދައެވެ.
"ލުއުލުއު ތި ވާހަކަދެއްކުމުގެ ބޭނުމަކީ ކޮބާ؟ މެޗްމޭކްކުރާ މީހަކީތަ؟" ޚަލީސީ ރުޅި އަންނަގޮތްވިއެވެ.
"އާނ. އަހަރެން ހޯދަދީފާނަން ބޯއިއެއް...."
"އަހަރެންގެ ފިރިއެއް އެބަހުރި. ވަރިވީ ދުވަހަކުން އެންމެ ކުރިން ބުނާނީ ލުއުލުއާ ގާތު...ހިތްހަމަޖެހިއްޖެތަ؟"
ޚަލީސީ ވާހަކަދައްކަން ހުއްޓާ އެންމެންހެން ނާސްތާ ކުރަން އަންނާންފެށިއެވެ. ޖަބްރީލްއާއި ކާފައެވެ. ސޯފިއާއާއި ޔަޝަލްއެވެ. މިކާއިލްއެވެ. ޖަބްރީލް ހުރީ އާދައިގެ މަތިން ކަޅު ޓީޝާޓަކާއި ޖިންސެއްގައެވެ. ޚަލީސީގެ ގައިން ހީބިހިނަގައިގަތެވެ. ފަޅިސިކުންތުކޮޅަކަށް އޭނައާއި ޖަބްރީލްގެ ނަޒަރު އަމާޒުވީއެވެ. ޖަބްރީލް އެންމެން ގެ ތެރޭ އޭނަ ލަދުގަންނަވާލާނެކަން އެނގުމުން ބިސްގަނޑު ޖަބްރީލްއަށް ދިނުން ރަގަޅުވާނެހެއްޔޭ ހިތާހިތުން ސުވާލުކޮށްލެވުނެވެ. އިށީންނަން ޖެހުނީ ޖަބްރީލްގެ ކުރިމަތީގައި ހުރި ގޮނޑީގައެވެ. ތަނަވަސް ކާކޮޓަރިއެއްކަމުން އެކަށީގެންވާ ބޮޑު މޭޒެއްކަމުން އެއްބައި ގޮނޑިތައް ހުރީ ފަޅަށެވެ. މިކާއިލް އިށީނީ ލުއުލުއާގެ ގާތުގައެވެ. ލުއުލުއާ މާމުޔަށްވިރެ ފޮނި ނަޒަރަކުން ބަލައިލުމާއެކު ތުއިވެލިގޮތުން ހީވަނީ ދުނިޔޭގެ ހުރިހާ އުފަލެއް އުނގަށް އެޅިގެން އުޅޭ މީހެއްހެނެވެ.
ޚަލީސީ ހިތްވަރުކޮށްލާފައި ބިސްގަނޑު އަޅާފައި ހުރި ތަށި ބެހެއްޓުމުން ޖަބްރީލް ރަހަބަލާލާފައި ވަރަށް ރަގަޅޭ ބުނެލިއެވެ. އެންމެ ލަފުޒަކީވެސް ހިތަށް އުފާވެރިކަން ހައްދަށް ނެތް މިންވަރަށް ލިބިދޭނެ އެއްޗެއްކަން ޚަލީސީއަށް އެނގުނެވެ.
މެންދުރަށް ޚަލީސީ އޮރެންޖް ފްލަފްސެެލެޑް ހެދުމުން ޖަބްރީލް ވަރަަށް މީރުވެގެން ކެއެވެ. އެންމެފަހުގެ އެތިކޮޅު ހުސްކޮށްލާފައި ޚަލީސީއަށް ޝުކުރު އަދާކުރިއެވެ. މިފަހަރު އިތުރަށް ވާހަކަދެއްކިއެވެ.
"ޚަލީސީ އައިފަހުން އެންމެ ދުވަހަކުން ކިލޯއެއް ބަރުވެއްޖެ...."
"ފޮނި އެއްޗެހި ގިނައިން ކެވެނީ ދޯ....ހެހެ"
"އާނ..."
ލުއުލުއާ ދަތްތައް ބިންދައިގެންދާވަރަށް ދަތްތައް ވިކައިގަތެވެ. އެދެމީހުންގެ އެ ކުޑަ ވާހަކަކޮޅުވެސް އޭނަގެ ހިތް ހަސަދައިން ފުރުވާލައިފިއެވެ. ޚަލީސީ ވިލޯކޮޓެޖްގެ މަންޒަރުން ބޭރުކުރާން އެބަޖެހެއެވެ. އެއީ ބަލްޚާއަށް ޚާއްސަ ޖާގައެކެވެ. ޚަލީސީއަކީ މޮޔައެކެވެ. ކުރުކަމާއި ހުތުރުކަމުން ހަންޑިކުޑައެއް ނޫނީ ކެކްޓަސްއަކާއި ތަފާތެއް ނެތެއް ނޫންހެއްޔެވެ؟ އެންމެ ފޫހިވަނީ އަބަދު ޗުއިންގަމް ކިރުގަނޑެއް ހަފާތީއެވެ. އަނެއްކާ ދަތް ފަނިކާފައި ނުބައިވަސް ދުވާތީ އެކަން ފޮރުވަން ކުރާކަމެއްހެއްޔެވެ؟ އެކަން ޔަގީންކުރަންވީއެވެ. ޚަލީސީ މިތަނަށް ވަދެގަތުމުން އޭނަގެ އުފާވެރިކަން ޚަރާބުވެއްޖެއެވެ. ހިތަށް އައި އެއްޗެހި ގިނަވެ ފުރުމުން ބަންޑުންކޮށްލައިގެން ނޫނީ ހަމަޖެހުމެއް ނުލިބޭނެތީ އޭނަ ގުޅީ ކޮއްކޮއަށެވެ.
***
ޚަލީސީ ވަށިގަނޑެއްގައި ނޫކުލައިގެ ހައިޑްރެންޖާ ގަސްތަކެއް ޖަހަން އިން މަންޒަރު ބަލަހައްޓައިގެން ޖަބްރީލްއަށް އިނދެވުނެވެ."ވަރަށް ކިއުޓް..."
"ބޫ.....ޑްރިންކެއް ގެނެސްދެންތަ؟"
"ނޯ ތޭންކްސް..."ޖަބްރީލް ދުރަށް ބަލަންފެށިއެވެ.
"އައި ނޯ...ޔޫ ލަވް ލާޓޭ..."ކުއްލިއަކަށް ޚަލީސީ ދުވަމުން ގޭތެރެއަށް ވަންގޮތަށް އިރުގަނޑެއްނުވަނީސް ތަބައް ހިފައިގެން ގެނެސް ޖަބްރީލްގެ ކުރިމަތީގައި ބެހެއްޓިއެވެ. ލުއުލުއާ ދޮރުމަތީގައި ހުރެފައި ލޮލަށް ވައްތަރެއް ޖެއްސިއެވެ. މިފަހަރުވެސް ގުޅީ އޭނަގެ ކޮއްކޮއަށެވެ. އަވަހަށް އެމެރިކާއަށް އައުމަށް އޭނަ އެދުނެވެ. ނޫނީ ޖަބްރީލް ގެއްލިދާނެއެވެ. ޚަލީސީކަހަލަ އަންހެންކުއްޖަކަށް ޖަބްރީލް މިލްކުވުމަކީ އިންސާނިއްޔަތެއް ހުރި ހުތުރެއްކަމުގައި އޭނަބުނެލިއެވެ.
***
މިކާއިލްއަށް ބައްޕަ އެމެރިކާއަށް ކުރާ ދަތުރުގައި ރުބާބް ގޮވައިގެން އަންނަކަން އެނގުމުން އަވަހަށް ރުބާބް ބަހައްޓަން އެހެން ތަނެއް ހަމަޖައްސަން ނިންމިއެވެ. އޭނަ އެހިސާބުން ރަގަޅު ތަނެއް ކުއްޔަށް ލިބޭތޯ ބަލަނިކޮށް "ވިލޯ ކޮޓެޖް" ކިޔާ ގެއެއް ވިއްކަން އުޅޭކަން އެނގުނެވެ. ޖަބްރީލްމެން ދިރިއުޅޭ "ސިއެރާ ސްކައި"އާއި ވިއްސަކަށް މިނިޓުން ދެވޭ ހިސާބުގައި ހުރި އެގެއަށް ޒިޔާރަތްކުރުމުން މިކާއިލް އަށް އެގެއާއި ގަޔާވެވުނެވެ. ވަގުތުން އެގެ ގަނެފައި ގެ މަރާމާރުކޮށް ބައްޕަމެން އަންނަންވާއިރަށް ދިރިއުޅޭނެ ހުރިހާ އިންތިޒާމެއް ހަމަޖައްސަން ބަޔަކާއި ހަވާލުކުރިއެވެ. ބައްޕައަށް ލުއުލުއުގެ ޚަބަރު އެނގިއްޖެއްޔާ އޭނަގެ ދުވަސް ދިޔައީއެވެ. ބައްޕައަށް ސިއްރުން ދިރިއުޅުމުގެ އެހާ ބޮޑުކަމެއް ނިންމައިގެން ހުރިކަން އެނގުމުން ބައްޕަ ރުޅި އަންނަވަރަށްވުރެ ހިތުގައި ޖެހޭލެއް ބޮޑުވާނެއެވެ.
މިކާއިލް އާއި ލުއުލުއު ހިނގަމުން ދިޔައީ ޖަންގަލިތެރޭގައި އޮތް ހަނި މަގަކުންނެވެ. ދެފަރާތުގައިވާ ވިނަތަކާއި ތިރިކޮށް ހެދިފައިވާ ގަސްބޮނޑިތަކުގައި ތަފާތު ކުލަކުލައިގެ މާތައް ފޮޅިފައިވިއެވެ.
ލުއުލުއު ލައިގެން ހުރި ފިޔާތޮށިކުލައިގެ ޓޮޕްކޮޅާއި ފައިކުރިއަށް ފުޅާކޮށް ފަހާފައި ހުރި ހަރުވާޅުގައިވެސް އޭނަ ފެންނަލެއް ވަރަށް ނަލައެވެ."ޚަލީސީ އުޅޭގޮތުން ކިހާ ބޮލަށް އުދަގޫވޭ. ދޮންބެ އޭ ކިޔަކިޔާފައި އޭނަ މިކާއާއި ހިތާވެގެން އުޅޭހެން މަށަށް ހީވޭ. ޖަބްރީލްގެ ލޯބި ނުލިބުނީމަ އެހެން ޓާގެޓެއް ނެގީކަން ނޭގޭ. ޚަލީސީއަށް އޭނަގެ ސިފަ ނުފެންނަނީކަން ނޭގޭ. ޖަބްރީލް ހިނގިމަގަކުންވެސް އެ އަންހެނާ ހިނގަން އެކަށީގެން ނުވޭ. އެހާ ސިމްޕަލް. އެއްވެސް އަޅައިގަންނަ ސިފައެއް ނެތް."
"ދެން ޖަބްރީލްއައި އެކަށީގެންވަނީ ކާކުތަ؟"
"ބެލް......"
"ޖަބްރީލްއަށް ބެލް ކަމަކުނުދާނެ...."
"އެއީ ކީއްވެ؟"
"ހީޒް ޑިފެރެންޓް...ޓްރަސްޓްމީ. ޖަބްރީލް ބޭރުފުށުގެ ރީތިކަމަކަށް ނުހެއްލޭނެ...އެހެންނޫނަސް އޭނަ އަންހެނުންދެކެ ނަފްރަތުކުރޭ....."
"އަދި ލޯބިވާން ދަސްވާނެ. ޚަލިސީއާއި ޖެހުނީމަ ޖަބްރީލް ހައްތާ ފޫހިވާނީ ދޯ....ޖަބްރީލް ފައިސާގެ ބޭނުމުގައި ކުރި ކައިވެންޏެކޯ އޭރުވެސް ހޮސްޕިޓަލުގައި ކިޔާ އުޅުނު. ޖަބްރީލްގެ މުއްސަދި ބޭބެއެއް ހުއްޓަސް މަންމަގެ ފަރާތުން އަދި ގެއެއް ލިބުނަސް ޖަބްރީލްއަކީ ނިކަމެއްޗެއް ދޯ....."
"ތި ވާހަކަ ބާއްވާފައި އަހަރެމެންގެ ވާހަކަ ދައްކަބަލަ. އަހަރެން ވިލޯ ކޮޓެޖަށް ބަދަލުވީމަ ލޫލޫ އެކަނިވާނެ ދޯ..ބައްޕަ އައީމަ އެހެންގޮތެއް ނޯންނާނެ. ރުބާބް ގޮވައިގެން ބައްޕަ އަންނަނީ ކޮންމެވެސް ގޮތަކުން ޝައްކެއްގެން ކަން ނޭގޭ........."
"އެގޭގައި އަހަރެންވެސް ބަހައްޓަދީ...މެއިޑެކޭ ކިޔާފައި..."
"ތިއީ މެއިޑެއްނޫން. އަހަރެންގެ ސުވަރުގޭގެ ކުއީން..."
ލުއުލުއާ މަލެއްހެން ފަރިވެ އޮޅިގަތެވެ.މިކާއިލްގެ އަތުގައި އެލިގަތެވެ."ސީރިޔަސްކޮށް މިބުނީ.އައި ކާންޓް ލިވް ވިދްއައުޓް ޔޫ....ބުނެބަލަ. ސިއެރާ ސްކައިއަކީ ކާކުގެ ގެއެއްތަ؟"
"އެގެ ބޭނުންތަ؟ ލޫލޫގެ ނަމުގައި ރެޖިސްޓްރީކޮށްދީފާނަން...." މިކާއިލް ވަގުތުން ބުނެލިއެވެ.
"އަޅޭ....މައި ޕްރިންސް..."
ލުއުލުއާ ހަކުރުކޮޅެއްހާ ފޮނިވެ ވިރިގެން ހުރިތަނަށް ފައިބާވަރުގެ ޖުމްލަތައް މިކާއިލްގެ ދުލުން އިވުނެވެ. އެއިން ކޮންމެ ލަފުޒެއް ކޮންމެ އަމަލެއް ހެކިދިނީ އޭނަ ލުއުލުއުދެކެ ވާ ލޯތްބެވެ. މިކާއިލްފަދަ ފުރިހަމަ ޒުވާނެއް ލިބުމުން ލުއުލުއު މޮޔަވެފައިވާއިރު އޭނައަށް މިކާއިލްގެ ރީތިކަން އިތުރުކޮށްދެނީ މުދާވެރިކަމާއި ފައިސާއިންނެވެ. މިކާއިލްގެ ޝަޚުސިއްޔަތު ވަރުގަދަކަމުންނެވެ. އެކަމާއި ލުއުލުއު ފޮނިވެގެންގޮސް އެހެން އެންމެނަކީ ދަށްމީހުންގެ ގޮތުގައި ދެކެވެންފެށިއެވެ.އޭނަގެ ލޯތްބަށް ކިރިޔާވެސް ހުރަހެއް އަޅަން ހުރި މީހެއް ނައްތައިލަން ލުއުލުއާ ވައުދުވިއެވެ. ރުބާބްގެ ހަގީގަތް މިކާއިލްގެ ފަރާތުން އެނގުމުން މިކާއިލް ލޯބިނުވާކަމާއި މަޖުބޫރުންކުރިކަމެއް ކަން އެނގުނަސް ލުއުލުއުގެ ހިތް އަނދައިގަތެވެ. އޭނަ ހުންނަނީ ރުބާބްއަށް ލަނޑެއްދޭން ނިންމައިގެންނެވެ. ރުބާބް ޖެހޭނީ މިކާއިލްގެ ހަޔާތުން ނިކުންނާށެވެ. އެހެން އެކަކަށްވެސް އެ ދިރިއުޅުމުން ޖާގައެއްނެތެވެ.
***
ލުއުލުއު އެކަނިމާ އެކަނި ވަލުތެރެއަށް ވަދެގެން އުޅެނިކޮށް މަގު އޮޅިގެންގޮސް ނިކުމެވުނީ ގަސްތައް ބޯ ދިމާލަކަށެވެ. މަތި ހިޔާކަމުން އިރުގެ އަލިކަން ކިރިޔާ ފަތްތައް ފުރާނާލާފައި އެހިސާބަށް އެޅެނީއެވެ. ކުއްލިއަކަށް އެހިސާބުން ފެނުނު ރީތި ޒުވާނަކު ލުއުލުއަށް ތައާރަފުވިއެވެ. އަސްކަލަން ފެނުމުން ލުއުލުއު ހައިރާންވެ މުޅި ހަށިގަނޑު ފިނިވިއެވެ. އާއްމުކޮށް ނުފެނޭ ވައްތަރުގެ ޒުވާނެކެވެ. ތަފާތު ބާރުގަދަ ލޮލެކެވެ. އެލޮލަށް ބަލައިލުމުން އެހެން ހުރިހާކަމެއް ހަނދާންނެތޭވަރުވިއެވެ. އަސްކަލަން ބުނީ އޭނަ ލުއުލުއުއަށް ފާރަލާތާ ވަރަށް ދުވަސްވެއްޖެކަމަށެވެ. އޭނަގެ މުއްސަދިކަމުން ލުއުލުއު ޕްރިންސެސްއެއްހެން ގެންގުޅޭނެކަމުގައެވެ. ލުއުލުއު ވަގުތީގޮތުން މިކައިލްގެ މަތިން ހަނދާން ނައްތާލައިފިއެވެ. އަސްކަލަންއާއި ރައްޓެހިވާން ހިތުގެ އަޑުގަދަވިއެވެ.
ލުއުލުއު ގެއަށް އައިތަނާ އަތާއި މޫނުން ދިލަނަގަންފެށިއެވެ.ލޯގަނޑުން ބަލައިލިއިރު ތަންތަން ހުރީ ކަޅުވެފައެވެ.
"އެލާޖީއެއްތަ؟ ޖަންގަލީގައި އުޅެމުން ވިހަ ގަހެއްގައި ޖެހެވުނީކަން ޔަގީން. ޑޮކްޓަރަށް ދައްކަަން ދާންވީ...އަނެއްކާ އަސްކަލަންއަށް އެލާޖިކްވީތަ؟ މީހަކަށް އެލާޖިކްވެދާނެތަ؟"
އެރޭ ލުއުލުއާ ނިދަން އޮތްވާ މީހަކު ނިތްކުރީގައި ނިޔަފަތިތަކުން ޖަހައިލިހެން ހީވިއެވެ.ހޭލެވުނުއިރު އޭނަ އޮތީ ފިނިދަލެއް ހިއްލާލާ ތެމިފައެވެ. ހިތް އޭގެ އެންމެ ބާރުމިނުގައި ތެޅެމުން ދިޔައެވެ. އޭނައަށް އެފެނުނީ ހާދަ ބިރުވެރި ހުވަފެނެކެވެ.
"އަސްކަލަންއަކީ ކާކު؟" ކުއްލިއަކަށް މިކާލް އަހާލައިފިއެވެ.
"އަސްކަލަންއޭ...ކީއްވެ ތިހެން އެހީ؟" ލުއުލުއު ސިހުނެވެ.
"ނިދަން އޮވެ ތެޅިފޮޅުނީ. އަސްކަަލަންއަކަށް ގޮވީ އެހެންވެ.......އިމޭޖިނަރީ ފްރެންޑުތަ؟" މިކާއިލް ހީލިއެވެ."އޭ. ނިތްކުރީގައި ވަކި އަޅާފައި ކިހިނެއްވެފައި..."
ލުއުލުއު ވަގުތުން ބޮކިތައް ދިއްލާފައި ލޯގަނޑުން މޫނަށް ބަލައިލުމާއެކު ގެ ގުގުމައިގެންދާހާ ބާރަށް ހަޅޭޭއްލަވައިގަނެވުނެވެ."މޫނުގައި ލަކުނުވެސް ލާނެ. ނޭގޭ ވީކަމެއްވެސް..."
ބާރު ގުގުރިއެއްގެ އަޑާއެކު ކަރަންޓު ކެނޑި ކޮޓަރި އަނދިރިކަމުގެ ތެރެއަށް ގެނބުނެވެ. ވިދުވަރުގެ ތޫނު އަލިން ކޮޓަރިތެރެ ދިއްލިގެން ދިޔުމާއެކު ލުއުލުއުގެ ނަޒަރު މިކާއިލްއަށް ހުއްޓުނެވެ. އެއާއެކު އޭނަ ބިރުން އަވަދިވާވަރުވިއެވެ.