"ކަށްވަޅަށް ދިޔުމުން މުދަލާއި ފައިސާއާއި ދަރިންގެ ނިއުމަތުން ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެއެވެ. ސަލާމަތްވާނީ އީމާންތެރިކަމާއި ތަގުވާވެރިކަމުންނެވެ."

***

ޖަބްރީލް އަލުން ހޮސްޕިޓަލް ހިންގުމާއި ހަވާލުވެ ޚަލީސީއަށްވެސް އޭނައާއެކު މަސައްކަތްކުރާނެ ފުރުސަތުދިނެވެ. މިފަހަރު އެތަނުގެ މުވައްޒަފުންނަށް ފެނުނީ ތަފާތު ޖަބްރީލްއެކެވެ. ކުރީގެ އެހުންނަ ރުޅިވެރި އެކަނިވެރި މިޒާޖާއި ސީރިޔަސްކަން ކެނޑި ޚަލީސީއާއި އޮތް ގުޅުން ރަގަޅުކަން ފުރަތަމަ ދުވަހުވެސް އެންމެނަށް އެނގޭހާވަރުވިއެވެ. ވަޒީފާއަށް އެކީ ކާރުން އައިސް ހިނގާފައި ދިޔައީވެސް ހިނިތުންވެ ކޮންމެވެސް ވާހަކައެއްގައި ތިބެއެވެ. އެންމެނަށް ހައިރާންކަމެއް ލިބުނީ ޚަލީސީގެ ސަބަބުންނެވެ.ޚަލީސީގެ ސިފައަށް އެއްވެސް ބަދަލެއް އައިސްފައި ނުވާތާގައި ހެދުން އެޅުމުގެ ވައްޓަފާޅިއާއި މިޒާޖަށް އެއްވެސް ތަފާތެއް އައިސްފައިނުވެއެވެ. ޖަބްރީލްގެ ހިތް އޭނަ އަތުލައިގަތީ ކިހިނެއްހެއްޔެވެ؟ އެންމެނަށްވެސް ފެނުނީ ބަދަލުވެފައިވާ ޖަބްރީލްއެވެ. އެލޮލުން ޚަލީސީއަށް ބަލައިލާ ޚާއްސަގޮތެވެ. އެހެން އެއްވެސް އަންހެންކުއްޖަކަށް ރުހުމުގެ ލޮލަކުން ނޫނީ އޮޅިގެންވެސް ޖަބްރީލް ބަލައިނުލާއިރު ޚަލީސީއަށް އެ ލިބޭ ޚާއްސަ ނަޒަރުން ޚަލީސީގެ ހިތަށް ލިބޭނެ އުފާވެރިކަން އެންމެނަށް އަންދާޒާ ކުރެވުނެވެ.

"ސިހުރު ހަދައިގެން ނޫންކަމެއް ނޭގޭ. އޭނަގެ ދޮންބެއަކީ ރާގީއެކޯ..."

"ޔަގީން އެވާނީ އެހެން. އެހެންނޫންނަމަ އެހާ ސިމްޕަލް އެއްވެސް ސްޓައިލްއެއްނެތް އަންހެނަކަށް ޖަބްރީލް ފޯލްވާނެތަ؟ ނުވާނެކަން ޔަގީން.."

"ފޫހި އަންހެނެއް ސެހާދަތް.."

އެންމެންގެ ޖެއްސުމާއި މަލާމާތުގެ ބަސްތައް މިފަހަރުވެސް ޚަލީސީއަށް އިވުނެވެ. ނަމަވެސް އެބަސްތަކުން ޚަލީސީއަށް ލިބުނީ އިތުރު ހިތްވަރެކެވެ. އެހެން މީހުން ބުނާ ބަސްތަކުން ހިތުގައި ޖެހޭވަރަށްވުރެ މާ ބޮޑަށް ޖަބްރީލްގެ ލޯބި އޭނައަށް އިހުސާސް ކުރެވެއެވެ. އުފާވެރިކަން ހޯދައިގަންނާނީ އެމީހަކު އަމިއްލައަށެވެ. އެންމެންގެ ރުހުން ހޯދުމަކީ ޚަލީސީއަށް މުހިއްމުކަމެއްނޫނެވެ. ހަމައެކަނި ހެއްދެވި ފަރާތުގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރުމުން އެވީއެވެ.

***

ލުއުލުއު އޭނަގެ ސާމާން ޕެކްކޮށްލުމަށްފަހު ގެއިން ނުކުމެގެން ދާން ހިނގައިގެންފާ ހަށިފުރާ ނޭވާއެއް ދޫކޮށްލިއެވެ. އެގެއިން ދާން ޟަމީރު ދެކޮޅުހެދިކަމުގައި ވިޔަސް މީކާއީލްގެ ފިނި ބެލުންތަކާއި އޭނައާއި ބެހޭގޮތުން އިވިފައި ހުރި ވާހަކަތަކުން ފިނޑިވެވުނީއެވެ. ކިތަންމެ ރީއްޗަސް ޖިންނިންގެ ބާރު ހުރި މީހެއް ވުމުން ރަަގަޅުވާނީ ދުރަށް ދިޔައްޔާއެވެ. ނާކާމިޔާބުވުމުން ހިތަށް ފަސޭހަވާނީވެސް ތިމާ ބަލިވުމުގެ ސަބަބަކަށް ވީ އެއްޗެއް ނޫނީ މީހެއްގެ ހުރި އުނިކަމާއި ނުބައި ސިފަތައް ސިކުނޑިއަށް ވިސްނާދީގެންނެވެ. އޭނައަށްވެސް އާޚިރުގައި މީކާއިލްގެ ފަރާތުން ފެނުނީ މުޅިންވެސް ނުބައި ސިފަތަކެވެ. އެކަމަކު ދެރަވީ ރީތިކަމާއި މުއްސަދިކަމުންނެވެ. ފައިސާއާއި މުދާތަކާއި ވަކިވާން ޖެހިގެންނެވެ.

ލުއުލުއު އެޕާޓްމެންޓަށް ވަނުމުން ބުނަން ނޭގޭފަދަ އެކަނިވެރި ކަމެއް އިހުސާސްކުރަން ޖެހުނެވެ. ފަޅުކަމާއި ހުސްކަން އޭނައަށް މަރުހަބާކިއެވެ.

"ލުއުލުއާ...."އޭނައަށް ކޮންމެވެސް މީހަކު ގޮވައިލީ ވައި އަޑަކުންނެވެ.

"ކާކުތަ؟"

"މަށޭ...މިހިރީ އަހަރެން. ނޭގުނުތަ؟"

ލުއުލުއާއަށް އެ އަޑު ވަކިކުރަން އެނގުނެވެ. އެއީ އަސްކަލަންގެ އަޑެވެ.

"އަސްކަލަން.....ކީއްކުރަން ތިއުޅެނީ؟"ލުއުލުއާ ވަށައިގެން ހޯދަންފެށިއެވެ. އެނދުގެ ތަންދޮށާއި ދޮރުފަތުގެ ފަރުދާގެ ތެރޭގައި ފިލާހުރިތޯވެސް ބެލިއެވެ. އަސްކަލަން ހޭންފެށިއެވެ. ލުއުލުއާ އާއި ދާދި ގާތުން ކަންފަތްބުޑުގައި ހެން ހީވެގެން ސިހިފައި ބަލައިލިއިރު އެކަކުވެސް ފެންނާކަށް ނެތެވެ. އަސްކަލަން ފެނުނީ ފާރުކައިރިންނެވެ. ރީތިކޮށް ފައުޅުވިި ސޫރަ މަޑުމަޑުންގޮސް ބިރުވެރި މަޚުލޫގަކަށްވެ ލުއުލުއާގެ ހިތަށް ބިރުވެރިކަން ވެއްދިއެވެ. އަޑުކޮޅަށް ހަޅޭއްލަވައިގަތުމާއެކު އޭނަގެ ކޮއްކޮ ބަލްޚާ ދުވަމުން އައެވެ.

"ދޮންތާ ކިހިނެއްވީ؟"

"އެހެރީނު ބިރުވެރި ޝައިތާނެއް.."ލުއުލުއާ އިނގިލިދިއްކޮށްލީ އަލަމާރިއާއި ދިމާލަށެވެ.

"އެތާކު ނެތޭ އެއްޗެއް.ދޮންތަ ބިރުން ހުރީމަ ހީވާގޮތޭ. ހިނގާބަލަ އަނެއް ރޫމަށް..."

"ނޫނޭ އެހެރީ... އަލަމާރިއަށް އެއޮތް ވަނީ.."ލުއުލުއާ ދުވެފައިގޮސް އަލަމާރި ހުޅުވާލާފައި ހުރިހާ ހެދުންތަކާއި ސާމާނުތައް ނަގާ ބިންމައްޗަށް އަޅަންފެށިއެވެ. އެނދުގައިވާ ރަޖާތަކާއި ޝީޓް އަދި ބާލީސްތައްވެސް ބިންމައްޗަށް އުކައިގަތެވެ. ބަލައިލާ ކޮންމެ ދިމާލަކުން އޭނައަށް ފެންނަނީ އަސްކަލަންއެވެ. އޭނަގެ ޝައިތާނީ ހުނުމުގެ އަޑެވެ.

"ދޮންތާ. ހަމަޖެހިބަލަ. އެއްވެސް އެއްޗެއް ނެތޭ. އަހަރެންވެސް މިހިރީނު. އެއްވެސް އެއްޗެއް ނުފެނެއޭ..ކާމް ޑައުން. ޕްލީޒް........."ބަލްޚާ ބިރުން ހުރެ އާދޭސްކުރަމުން ދިޔަސް ލުއުލުއާ މޮޔައެއްހެން އެޕާޓްމެންޓްގެ އެކިތަންތަނަށްވަދެ އެއްޗެހި ހަލާކުކޮށް ހަޅޭއްލަވަނީއެވެ. ބަލްޚާއަށް އެންމެފަހުން ޖެހުނީ ފުލުހުންގެ އެހީ ހޯދުމަށެވެ.

ފުލުހުންނަށް އާދެވުނުއިރު ލުއުލުއާ އަތުނުޖެހި މަގުމެދުންލާފައި ނުކުމެގެން ދުއްވައިގެންފިއެވެ. އޭނަ އަތުލައިގަނެވުނީ އުދަގުލުންނެވެ. ހޮސްޕިޓަލަށް ގެންދެވުމުން ނަފްސާނީ ޑޮކްޓަރ ބައްލަވާފައި ނިންމެވީ ސްކިޒޮފްރީނިއާކަމުގައެވެ. ލުއުލުއާއަށް ހޭލެވޭއިރަށް އޭނަ އަހަރެން މަރަން އަންނަނީއޭ ކިޔާފައި ހަޅޭއްލަވައިގެންފާ ޚަބަރު ހުސްވެއެވެ. އާއިލާގެ އެންމެންވެސް އައިސް އެކަމާއި ދެރަވެ ހަދާނެގޮތް ހުސްވެފައި ތިއްބެވެ. ޑޮކްޓަރަށް އެމީހުން އިތުބާރުކުރިއެވެ. ކުރީކޮޅުވެސް ލުއުލުއާގެ ހުންނަ އުދަގޫ މިޒާޖަކީ ސްކިޒޮފްރީނިއާގެ ބަޔެއްގެ ގޮތުގައި އެންމެންދެކުނެވެ. ފަރުވާނުކޮށް ހުރުމުން ބަލީގެ އުދަގޫބޮޑުވީއެވެ.

އަންވަރުވެސް މޮޔަވެގެން ފަހުން ފަރުވާދޭން ޖެހުނީ ގުރައިދޫގައެވެ. އޭނަވެސް ކޮންމެވެސް ވަރަކަށް ސިހުރު ދަސްކޮށް އެކަމުގައި އުޅުނުކަމަށް ތުންތުންމަތިން ކިޔާ އަޑު ފަހުން އިވުނެވެ.

***

ޖަބްރީލް ފުރާޅުމަތިން ކައްސާލައިގެން ވެއްޓި އަތް ބިންދައިގެން ދިޔުމުން ޕްލާސްޓަރުގަނޑު އަޅައިގެން ހުންނަން ޖެހުނުއިރު ހުރިހާގޮތަކުންވެސް ޚަލީސީގެ އެހީތެރިކަން ލިބުނެވެ. ޚަލީސީ ހުމާއި އޮތް ދުވަހު ސޯފިއާ ޖަބްރީލްއަށް ކާން ހިފައިގެން ގޮސް އަނގައިގާ ލަވާފައި ކާންދިނެވެ. ސޯފިޔާ ހީކުރީ ޖަބްރީލް ނުކާނެ ކަމަށެވެ. ނަމަވެސް ހަޔާތުގައި ފުރަތަމަ ފަހަރަށް އޭނަ މަންމަގެ އަތުން ކެއެވެ. ކުޑައިރު ނުލިބުނު ލޯތްބާއި އަޅައިލުން އޭނައަށް މަންމަގެ ލޮލުން ފެނުނެވެ. ސޯފިއާގެ ލޯ ފެންކަޅިވިއެވެ.

ދުލުން ނުބުނިކަމުގައިވިޔަސް ޖަބްރީލް އޭނައަށް މާފުކޮށްފިކަން ސޯފިއާއަށް އިހުސާސްކުރެވުނެވެ.

"ޔަޝަލްމެންގެ ކައިވެނީގެ ދުވަސް ޖެހެންވީއިރަށް ދެކުދިން ބަލި މިވީ...."

"އެދުވަހަކަށް ޕްލާސްޓަރގަނޑު ނައްޓާލާނެ ވާހަކަ ޑޮކްޓަރބުނި. ޕްލާސްޓަރ އަޅައިގެންވެސް ޕާޓީގައި ބައިވެރިވެވޭނެ ދޯ މަންމާ..." ޖަބްރީލް ހިނިތުންވެލިއެވެ.

އިރުއޮއްސެންވާއިރަށް ޔަޝަލް ބަގަރާ ސޫރަތް ޖެއްސިއެވެ.

"މިއަދު ޚަލީސީ ބަލިވީމަ ޔަޝްއަށް މިޖެހުނީ ތިއްތިއަށް ސާވްކުރަން. ވަރަށް ހެޕީވެއްޖެ މިގޮތަށް ޚިދުމަތްކޮށްދެވުނީމަ. މިބުނީ ދެން ކޮންމެހެން ޚަލީސީ ބަލިވީމަ ހެޕީ ވާ ވާހަކައެއްނޫން. ވުޟޫކޮށްދޭން އެހީވުމަކީވެސް ސަވާބުވެސް ލިބޭނެކަމެއް ދޯ...." ޔަޝަލް ޖަބްރީލް ވުޟޫކުރަން އެހީތެރިވެދޭން ހުރެ ބުނެލިއެވެ.

ޚަލީސީ ހުމާއިއޮތް އިރުވެސް ޖަބްރީލްގެ އިތުރުން ސޯފިއާއާއި ޔަޝަލްވެސް އަބަދުހެން ފެންފޮތިލާދީ ދިޔާއެއްޗެހި ބޯން ދީ ހަދައެވެ. ކޮންމެވެސް އެކަކު އަބަދުހެން ކައިރީގައި އިނދެއެވެ.

ޚަލީސީ ލޯ ހުޅުވައިލިއިރުވެސް ޖަބްރީލް އިނީ ހޭލައެވެ. ރަހުމާން ސޫރަތް މަޑުމަޑުން ޖަހާފައި ހުރުމުން ޚަލީސީގެ ސިކުނޑިއަށް އިތުރު އަރާމެއްލިބުނެވެ. އޭރު އެއްކޮށް ހުން ވިހެލާ ހަމަޔަކަށް އެޅިއްޖެއެވެ. ގައިގާ ވަރުޖެހޭގޮތްވިއެވެ. ޖަބްރީލް ތެދުކޮށްލާފައި ޖޫސްފޮދެއް ދިނެވެ.

"ކިހާ އިރެއްތަ؟"

"އެކެއްޖަހަނީ.."

"އަދިވެސް ނުނިދާ.....ސުބުހާނަﷲ.."ޚަލީސީ ފޯނަށް ބަލާލިއެވެ.

"ޚަލީސީ ބަލިއިރު ކިހިނެއް ނިދާނީ.."

"މިހާރު ހުން މަޑުވެއްޖެ..."ޚަލީސީ ޖަބްރީލްގެ އަތް ގެނެސް މޫނުގައި ޖައްސައިލިއެވެ. އެލޮލުގައިވީ ލޯތްބާއި ޝުކުރެވެ."ތިއީ ހަމަ ބެސްޓް ހަޒްބެންޑް. އަލްހަމްދުލިﷲ...................."

ޖަބްރީލް ޚަލީސީގެ ނިތްކުރީގައި ބޮސްދީފައި ނިދަން އެދުނެވެ. ލޯބިވާ ވާހަކަ ބުނެލިއެވެ. ޚަލީސީގެ ހިތް އުފަލުން ފުރުނެވެ. މިގާތްކަމާއި އިތުރު ލޯބި ހޯދަން ކިތަންމެ ފަހަރަކު ބަލިވާންވެސް އޭނަ ތައްޔާރެވެ.

***

ހަކާންއާއި ޔަޝަލްގެ ކައިވެނީގެ ވަލީމާއާއި ޕާޓީވެސް ފުދޭވަރަކަށް ގަދައެވެ. އެތައް ބަޔަކަށް ދައުވަތުދެވުނެވެ. އަރަބިގޮތަށް ހެދުން އަޅައިގެން ދެމަފިރިން ތިބިއިރު އެތައް ބަޔެއްގެ ލޯތައް ހުއްޓުނެވެ. ޚަލީސީގެ އުފާވެރިކަންވެސް މިރޭ ހުރީ އެންމެ މަތީގައެވެ. ދެއާއިލާގެ ގުޅުން އިތުރަށް ވަރުގަދަވާނެކަމާއިމެދު ޝައްކެއްނެތެވެ. ފެނުނީ އުފާވެރި މޫނުތަކެވެ.

ކާފަ ވަރުބަލިވެގެން އަރާމުކުރަން ކޮޓަރިއަށް ދާންވުމުން ޖަބްރީލް ކާފަ އަތުލަފިކޮށްގެން ދިޔައެވެ. އޭސީގެ ފިނިމަޑުކޮށްލުމަށްފަހު ރަޖާވެސް އަޅާލަދިނެވެ.

"ޖަބްރީލް. ކާފަ ވަރަށް އެބަ ހިތާމަކުރަން.."

"ކިހިނެއްވީ ކާފާ؟"ޖަބްރީލް ސިހުނެވެ.

"މިކާއިލް ރަގަޅެއްނޫން..."

"ކާފައަށް ކުރީފަހަރުވެސް އޮޅުނީ. މީކާއިލްގެ ބައްޕައަކީ ޖިންނިއެއްނޫނޭ ކާފާ..."

"އެކަމަކު މިކާއިލް ޖިންނިން ކޮންޓްރޯލްކޮށްގެން އުޅެނީ. އޭނަ ކާފަގެ އަތުގައި ހުރި ފަންޑިތަ ފޮތްތައްވެސް ގެންގޮސްފި. ޖިންނިން މައިތިރިކުރާނެގޮތް މީކާއިލް ދަސްކޮށްފި. އެއީ ދީނުގައި ހަރާމްކަމެއް...ދަރިފުޅާ. ކާފަ ބިރުގަނޭ. ވަރަށް މަސައްކަތްކޮށްގެން ވަރަށް އުދަގުލުން ނޫނީ ކުރެވޭވަރުކަމެއްނޫން...."

"ކާފަ ތިބުނަނީ މީކާއިލްއަކީ ސިހުރުވެރިއެކޭތަ؟"

"ނޫން ދަރިފުޅު. އެހެނެއްނޫން. ސިހުރުވެރިއެއްނޫން. މީކާއިލް ނަމާދުކުރޭ. ސިިހުރުވެރިންނަކީ ނުބައިބަޔެއް. އެމީހުން ޝައިތާނާ ބުނާގޮތަށް ހަދާ ﷲއަށް އުރެދޭ އެތައް ކަމެއްކުރޭ. ގިބުލައަށް ފުރަގަސްދީގެން ތިބެ ނަމާދުކުރުމާއި ގުރުއާނާއިމެދު އިހާނެތިކޮށް ހެދުންފަދަ ކަންތައްވެސް ކުރޭ.ގިނަފަހަރު ނޭގި ހަލާކުގެ ތެރެއަށް އެމީހުން ވެއްޓިގެން ދެދުނިޔޭގެ އަބާއްޖަވެރިންގެ ތެރޭގައި އެފަދަ މީހުން ހިމެނޭ. ބައެއްފަހަރު ސިހުރުން ނޫނަސް ޖިންނިން މައިތިރިކޮށްފާނެ. އެކަހަލަ ފޮތްތަކުގެ އެހީގައި މީކާއިލް އެ މަސައްކަތްކުރަނީ. އެތައް އަހަރަކަށް ފަރިތަކޮށް އަދި އަމިއްލަ ހަށި ރައްކަލަށް އެތައް ކަމެއްކޮށް އުދަގުލުން އެންމެ މުސްލިމް ޖިންނިއެއްވެސް ބާރުގެ ދަށަށް ގެނެވޭނީ. ސަބަބަކީ އެކަން ހުއްޓުވަން ޖިންނިންވެސް މަސައްކަތްކުރާނެތީ. ބައެއްފަހަރު ތިމާގެ ފުރާނައިން އަތްދޮވެލާން ޖެހިދާނެ.. އެއީ ފަސޭހަކަމެއްނޫން. ކާފަވެސް މަސައްކަތްކުރިން، ނުވި............."

ޖަބްރީލްއަށް ކާފަގެ ސިއްރު އެނގުނެވެ. ކާފަގެ ކޮޓަރީގައި ފޮރުވައިގެން ގެންގުޅުނީ އެފޮތްތަކެވެ.

"އަސްތަޣުފިރުﷲ...."ޖަބްރީލްއަށް އިސްތަށިގަނޑުގެ ތެރެއަށް އަތް މަހައިލެވުނެވެ."މީކާއިލްގާތު ބުނާނަން އެކަންތައް ހުއްޓައިލާށޭ...."

"އާނ ޖަބްރީލް ވިސްނައިދީ..ޖިންނިންނާއި ދުރުން މުސްލިމުން އުޅެންވާނީ..."

ޖަބްރީލްވެސް އެކަން ގަބޫލުކުރެއެވެ. ޒިކުރުކުރުމާއި ބަގަރާ ސޫރަތްކިޔަވައިގެން ޖިންނި ޝައިތާނުންގެ ފަރާތުން ސަލާމަތްވާން އޮންނަނީވެސް އެހެންވެއެވެ. އިންސާނުންނާއި އެކީ އުޅެން ޖިންނިންނަކަށް ނުޖެހޭނެއެވެ.

***

މީކާއިލް އެނދުގައި އޮށޯވެލައިގެން ފޮތެއް ކިޔަން އޮތީ ފޮތްބަލާ ލައިޓް ޖައްސައިގެންނެވެ. ރުބާބްއޮތީ ފުން ނިންޖެއްގައެވެ. އޭނައަށް އަދިވެސް ޖިންނިއެއް ކޮންޓްރޯލްކުރުމުގައި ކާމިޔާބެއްނުވެއެވެ. ނަމަވެސް އޭނައާއި އަވަލާފައި ހުންނަ ޖިންނިއެއް ކުޑައިރުއްސުރެ ފަހަތުގައި އުޅޭކަން ދަނެއެވެ. ކުރިން އޭނަ ހީކުރީވެސް ޚިޔާލީ އެކުވެރިއެއްކަމުގައެވެ. ޒަމާންތަކެއްވާންދެން ނުފެނިހުރުމަށްފަހު އޭނައަށް އެ ޖިންނި އަނެއްކާ ފެންނާންފެށީއެވެ.

"އަހަރެން ކޮންމެވެސް ދުވަހަކުން ޖިންނިންގެ ތެރޭގައި ނުފޫޒުގަދަ ވެރިޔަކަށް ވާނަން އިންޝާﷲ...."މީކާއިލް އަމިއްލަ ނަފުސަށް ވައުދުވިއެވެ.

"މިކާއިލް ނުނިދަންތަ؟" ރުބާބް ލޯ ހުޅުވާލަމުން މަޑުމަޑުން އެހިއެވެ.

" މިއުޅެނީ ޖިންނިން ގެންނަންވެގެން..."

"ސީރިޔަސްކޮށްތަ؟"ރުބާބް ލޯބޮޑުކޮށްލިއެވެ.

"ސަމާސާއެކޭ. ތިހާ ބިރުނުގަނޭ ލަވް.."މީކާއިލް ހިނިގަނޑެއް ޖަހައިލިއެވެ.

މީކާއިލް ސަމާސާއެކޭ ބުންޏަސް އޭނަގެ ވާހަކަތަކާއި އަމަލުތަކުން ޖިންނިންނަށް ހުންނަ ޝައުގާއި ކޮންޓްރޯލްކުރަން ބޭނުންވާވަރު ދަނެ ރުބާބްގެ ހިތުގައި ބިރުވެެރިކަންވެއެވެ. މީކާއިލް އެކުރަނީ ރަގަޅުކަމެއްނޫންކަން އޭނައަށް އެނގި އެވާހަކަ ބުނުމުން މީކާއިލް ބުނީ އެއީ ސިހުރުހަދަނީ ނޫންކަމުގައެވެ. ބައެއްފަހަރު މުސްލިމުންވެސް ޖިންނިންނާއި "ޑީލް"ހަދާކަމަށް މިކާއިލް ބުނުމުން ރުބާބްއަށް އެކަމާއިބެހޭގޮތުން މައުލޫމާތު ނޭގޭތީ ހިމޭންވިއެވެ. މީކާއިލް ނަމާދުކޮށް ރޯދަހިފާ ގުރުއާން ކިޔަވާތީ އިތުބާރުވެސް ކުރެވެއެވެ. ސިހުރުވެރިއެއްނަމަ މީކާއިލްފަދައިން ނޫޅޭނެތާއެވެ.

***

ހަކާންއާއި މީކާއިލް ކޮފީއެއްގައި ތިބިއިރު ދެކެވެމުން ދިޔައީ ރުގުޔާކުރުމާއި ބެހޭގޮތުންނެވެ. މީކާއިލް ބުނީ އޭނަ ޖިންނިން ކޮންޓްރޯލް ކުރަން ބޭނުންވާކަމުގައެވެ.

"މިކާ. ތިކަން ހަނދާން ނައްތާލާ.ތިއީ ކުރުން ހެޔޮވާވަރުގެ ކަމެއްނޫން. ކޮބާ ބޭނުމަކީ؟ ބައެއްމީހުން މިސާލަކަށް އެކަންތައް ކުރަނީ ހުވަފެންތައް ފުރިހަމަވާނެކަމަށާއި ބޭނުންވާހާ ކަމެއް ޖިންނިން ލައްވާ ކުރެވިދާނެކަމަށް ހީކޮށް ދޯ. އެއީ ހަމަ އެކަނި މޫވީސްތަކުންނާއި ވާހަކަތަކުގައި ގެނެސްދޭ ފުލޯކު ވާހަކަ. އެހެންނޫންމަ ރާގީންނާއި ޝޭޚުންނާއި އާލިމުންނަށްވެސް މިލިއަނަރުންނަށްވެސް ވާނެ ދޯ. އެއީ ހަގީގަތެއް އޮތްކަމެއްނޫން. ތެދަށް ބުނަންޏާ ބައެއްފަހަރު ޖިންނިން ލައްވާ ބައެއް ކަންތައް ކުރެވިދާނެ. އެކަމަކު ޖިންނިންނަށްވެސް އަހަރެމެންގެ ދިރިއުޅުމުގެ އެއްވެސް ކަމެއް ފުރިހަމަކޮށެއް ނުދެވޭނެ. ބާރުތަކާއި ކަންތައްތައް ހޯދަން ޖިންނިން ގެންގުޅުމަކީ ޝިރުކެއް......"

"އަހަންނަށް ހަޔާތުގައި އަނެއްހެން މަދު އެއްޗެއް ނެތް.."

"އެހެންވެ އާ ކަމެއް ކޮށްލަންވެގެން ދޯ...ދާންވީނު ޓައިޓޭނިކް ބަލައިލަން ބާރަހާސް ފޫޓް އަޑިއަށް ނޫނީ ސްޕޭސްއަށް...ޖިންނިން ގެނައުމަށްވުރެ މާ ސޭފްވާނެހެން ހީވަނީ..."

"އެހާވެސް ބިރުވެރިކަމަކީތަ؟"މީކާއިލް ހިނިގަނޑެއް ޖަހައިލިއެވެ.

"އާނ...."

"އަހަރެން އެކަމަކު މިފޮތުގައި މިހިރަ ކަންތައްކޮށްގެން މުސްލިމް ޖިންނިއެއް ގެންނާނަން..."

"ގުޑް ލަކް ބްރޯ...އެކަމަކު ކޮންމެފަދަ ނުރައްކާތެރިކަމެއްވެސް ދިމާވެދާނެ.."

"ދިރިއުޅުމުގެ ދެވަނަ ނަމަކީ ނުރައްކާ....ނިދުމަކީވެސް ނުރައްކަލެއް. ސަބަބަކީ ހުރިހާ ނުރައްކަލެއް އަސްލު ގުޅިފައިވަނީ މަރާއިވީމަ. މަރުގެ ވަގުތުޖެހުނީމަ ނިދާފައިއޮތަސް ފުރާނަ ގެންދަވާނެ. އެހެންވީމަ އަހަރެންވެސް ދެން ޑްރީމްއެއްވީމަ މިކަން ފުރިހަމަކުރެވޭތޯ ބަލާނީ............."މިކާއިލް ހުރި ގޮތްދޫކުރާގޮތަކަށް ނޫނެވެ.

ޖަބްރީލްއާއި ހަކާންވެސް އެކިގޮތްގޮތަށް މީކާއިލްއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. ޖިންނިންނާއި އިންސާނުންގެ ގުޅުމުމަކީ އެއްވެސްގޮތަކުން ދީނުގައި އޮތްގޮތެއްނޫނެވެ. އެއީ ވަކި ނަސްލެއްގެ ބަޔެކެވެ. އެހެން އާލަމެއްގައި އުޅޭ މަޚުލޫގުންތަކެވެ. ދެރައީ ބައެއްފަހަރު އިންސާނުންނަށް ބައިވަރު ނިއުމަތްތައް ލިބުމުން ފޫހިވެ ބޮޑެތި އުދަގޫކަންތައްތަކާއި ކުރިމަތިލާން ވިސްނާތީއެވެ.

***

ލުއުލުއާގެ ހާލަތު ގޯސްވެ އެންމެފަހުން އެސައިލަމްއަކަށް ލާން ޖެހުނެވެ. އެ ޚަބަރު ލިބުމުން ޚަލީސީ ރުބާބް އަދި ޔަޝަލްވެސް ހިތާމަކުރިއެވެ. އެކުދިން ޔަގީންކުރީ އެގޭގައި އުޅުނު ޖިންނި އެކުއްޖާއާއި އަވަލައިގެން ދިޔައީކަމުގައެވެ. ރުބާބްއާއިމެދު ކޮންމެފަދަ ގޮތަކަށް ކަންތައްކޮށްފައި ވީނަމަވެސް ހިތްހެޔޮ އަންހެންކުއްޖެއްކަމުން އޭނަގެ ހިތް ލުއުލުއާއަށް ސާފެވެ. އޭނަގެ ހިތުގައިވަނީ ހެޔޮ ދުޢާއެވެ.

"ޝީ ޑިޒާވްސް އިޓް.."މިކާއިލްގެ ކުލުނެއް ނެތެވެ.

"އެއީ ކީއްވެ؟"

"އެއީ ސިއްރެއް. ރުބާބްވެސް އެހެން އަންހެންކުއްޖެއްގެ ގޯސްކަމެއް އެނގެން ބޭނުންނުވާނެ ދޯ.......އޭނަވެސް އެކަން ސިއްރުންވިއްޔަ ކުރީ..."

"އާނ މީކާއިލް ތިބުނީ ތެދެއް.."

މީކާއިލް ސިއްރުކުރީ އޭނަގެ އަންބެއްގެ ގޮތުގައި ހުރެގެން އެހެން ފިރިހެނަކާއި ގުޅުން އޮތް ކަމެވެ. އިންސާނަކާވެސް ނޫނެވެ. ޖިންނިއަކާއެވެ.

***

އަސްކަލަންއާއި އަދާލިއާ ގަނޑުވަރުތެރެ ހުޅުދާންކޮށްފައިވާއިރު ކޮންމެވެސް މުނާސަބާއެއް ފާހަގަކުރާކަންއެނގެއެވެ. އެންމެންވެސް ތިބީ ރަތް ހެދުންތަކާއެކު ޖަވާހިރުން ހަށިގަނޑު ފަޅުފިލުވާލައިގެންނެވެ. ގަނޑުވަރުގެ ބިތްތަކުގައި ގޮމަކަސްދތޫރި އަޅާފައިވާއިރު ކުލަކުލައިގެ ޖަވާހިރުތަކުގެ ދަޅަތަކުން ލޯވެސް ތަރަތަރަޖަހައިގެންދާވަރުވެއެވެ. ކޮންމެ އެއްޗެއްވަނީ ޖަވާހިރުން ހަދާ ޒީނަތްތެރިކޮށްފައެވެ.

"އަހަރެމެންގެ ދަރިފުޅު ލިބުމުގެ އުފަލުގައި ސޯފިއާ މަންޒިލްގެ މެމްބަރުންވެސް ބައިވެރިކުރަން ޖެހޭނެ."އަދާލިއާ ބުނެލިއެވެ.

"އެއީ ކިހިނެއްތަ؟"

"ޖަވާހިރުން ސަދަގާތްކުރާނީ. ބިއްލޫރި ބަޑިޔާތަކާއިއެކު..."

ރަގަޅު ޚިޔާލެއް..."އަސްކަލަން އޭނަގެ އަނބިމީހާގެ ގާތުގައި އިށީދެލައިގެން އިންއިރު އަޑުންވެސް އުފާވެރިކަން ސާބިތުކޮށްދެއެވެ.

"އިންސާނުންނާއި ދުރުން އުޅެން އަހަރެމެންނަށްވެސް ދަސްވެއްޖެ. ﷲއަށް އީމާންވާމީހުން އުޅޭގޮތަށް އުޅެން އެމީހުންގެ ގާތުންވެސް ދަސްވެއްޖެ..ޝޭޚުގެ ނަސޭހަތުންވެސް ހެޔޮ މަގުން ކުރިއަށް ދާން ހިތްވަރު ލިބުނީ.. އެބަޔަކު އަޅުކަންކޮށް ގުރުއާން ކިޔަވާ ޒިކުރުކުރަން ފެށުމުން އަހަރެމެން ދުރަށް ދާންޖެހޭނީ....އަސްކަލަން. މަށަށް ފެންނަނީ ލުއުލުއާއާއި އަވަލާފައިވާ ޖިންނީގެ ގާތުގައިވެސް އެކަންހުއްޓައިލަން ބުނަން..."

"އޭނައާއި އަވަލައިގެން މިހާރު އުޅެނީ މުއުމިން ޖިންނިއެއްނޫން.."

"އަސްތަޣުފިރުﷲ..."އަދާލިއާ އަށް ބުނެވުނެވެ.

"ސަދަގާތް ބަހަން ފޮނުވަންވީ ދޯ..."

"އަހަރެމެން ދަމާހިނގާ. އެންމެ ފަހަށް ޒިޔާރަތްކުރިޔަސް ރަގަޅުވާނެ..."އަދާލިއާ ހިނިތުންވެލިއެވެ."އަހަރެން ކުރިން އެގޭގައި އުޅުނުއިރުވެސް ބުނިން ޖަވާހިރުން ވިޔަފާރިކުރާ ވާހަކަ. އެހެންވީމަ އެމީހުންނަށް މިގެންގޮސްދޭ ޖަވާހިރުފޮށިތަކުން ވިޔަފާރިއެއް ފެށިދާނެ........."ލުއުލުއާ ފާރުންނާއި ބިންމަތިން ކުލަކުލައިގެ ޖަވާހިރު ހޮވަންފެށިއެވެ. މުޅިތަން ވިދާ ބަބުޅަނީއެވެ. ޔާގޫތު އަމިލަސް ނީލަން ފީރޯޒް ސުލޭމާން އަގީދުފަދަ ޖަވާހިރުތައް ނަން ހުސްކޮށް އެތާގައިވާފަދައެވެ."އެކަމަކު މި އެއްޗެހި ބަލައިގަންނާނީ އެންމެ މީހެއް މީކާއިލް. އޭނައަށް އަހަރެމެން މި ޖަވާހިރުތައް ގެންގޮސްދޭނީ. ސެންޓާއި ޖަވާހިރަކީ އަންހެންކުދިންގެ އެންމެ ގާތްއެކުވެރިޔާ.އެހެންވީމަ ސެންޓާއެކީ ޖަވާހުރު ވިޔަފާރި އޭނައަށް ފެށިދާނެ ދޯ. އޭނައަކީ މުއްސަދިކަމާއި ރީތިކަމަށް ލޯބިކުރާ ސްމާޓް އިންސާނެއް..."

އަސްކަލަންވެސް އެކަމަށް އެއްބަސްވިއެވެ.

"އެ އާއިލާ އެމެރިކާއަށް އަނެއްކާވެސް ހިޖުރަކޮށްފިއެއްނު....."

"އަހަރެމެން އަވަށްޓެރިންނަށް ވީ ދޯ.."އަދާލިއާ ހީގަތެވެ. ޖަބްރީލްމެންގެ ގެއާއި ހިސާބު ބޮޑު ޖަންގަލިތެރޭގައި އިންސާނުންގެ ލޯތަކަށް ވަންހަނާވެފައިވާ ގަނޑުވަރެއްގައި އެދެމަފިރިން ދިރިއުޅެމުން ދިޔައީ އިންސާނުންނަށް ގޯނާކުރުމެއްނެތިއެވެ.

***

ޚަލީސީ ހުރިހާ ކޮޓަރިތަކެއްގައި ބިއްލޫރި ބަޑިޔާތައް ހަރުކޮށްފައި ދިއްލާ އަޅާލުމުން ގޭތެރެއަށް ހުޅުދާންވިއެވެ. އެބަޑިޔާތަކަކީ މީކާއިލްގެ ހަދިޔާއެކެވެ. ޚަލީސީއާއި ޖަބްރީލް އިށީދެލައިގެން ތިބީ ޖަބްރީލްގެ އެމެރިކާގެ ގެކަމަށްވާ "ސިއެރާ ސްކައި"ގައެވެ. ފިނި މޫސުމްކަމުން ބޯ ސްނޯ ފުނިތައް ހަނދުވަރުގެ އަލީގައި ވިދަވިދާވިއެވެ. ޚަލީސީ ލައިގެން ހުރި އަޅިކުލައިގެ ބޯ ކޯޓާއެކު ބޮލުގައިވެސް އަޅާފައިވަނީ ހީފިލާފަދަ ކެހެރިފޮތީގެ ބުރުގާއެކެވެ. ސްނޯމަތީގައި ފާނޫޒެއް ބަހައްޓައިގެން ކުޅެން އިންއިރު ޖަބްރީލްވެސް އެތާގައި އިށީދެލައިގެން އިނދެ އެކި ކޮފީބޮމުން ދިޔައެވެ.

"މިކާ ކުއްލިއަކަށް ޖަވާހިރު ވިޔަފާރިއެއް ފަށަން އުޅެނީ ކީއްވެތަ؟"

"ރުބާބްގެ ނަމުގައި އެ ވިޔަފާރި ރެޖިސްޓްރީކުރަނީއޯ....ސަޅިކަމެއް...."

"ސިއްރެއް ބުނެފާނަން. މިކާ ބުނީ ފްރެންޑެއްގެ ގިފްޓެކޭ.އަހަރެމެންވެސް ބައިވެރިކޮށްގެން އެ ވިޔަފާރި ފަށާނަމޯ....އެހެންވީމަ ޚަލީސީއަށްވެސް ހަމަ އޭގައި ފައިދާ އޮންނާނެ..."

"އަލްހަމްދުލިﷲ..." ޚަލީސީ އުފާވިއެވެ."އަނެއްކާ ބޫގެ ބައްޕަގެ ކަމަކަށް ނުވާނެތަ؟"

"އެހެނެއް ނޭގޭ.."

"އަނެއްކާ ޖިންނިންގެ ފަރާތުން ލިބޭ ހަދިޔާއަކަށް ނުވާނެތަ؟"ކުއްލިއަކަށް ޖަބްރީލްއަށް ވިސްނުނު އެއްޗަކުން ހުރިހާ އުފާވެރިކަމެއް އެއްފަހަރާ ނެތި މޫނުގެ ކުލަ އޮއްސުނެވެ."ކުއްލިއަކަށް ލިބޭ ގިނަ އެއްޗެއްގެ ފައިދާ ހޯދުމަކީ އަހަރެން ބޭނުންވާގޮތެއްނޫން. އެ މުދާތައް އައިނައިގޮތެއް ނޭގި. އަމިއްލަ މަސައްކަތުން ދުނިޔޭގައި އުޅުނިއްޔާ މާ ފަސޭހަވާނެ.. ޕައިލެޓް ލައިސަންސް ލިބުމުން ދެން ބޭނުމީ ހަމަ ފްލައިކުރަން. އެއީ ޑްރީމެއް...."

"ބޫ. އަހަރެން އެބައޮތް އުފާވެރި ވާހަކައެއް ބުނަން...."

"އަލްހަމްދުލިﷲ..."ޖަބްރީލް ސްނޯމަތީގައިވެސް ޝުކުރުގެ ސަޖިދައެއްޖެހިތަން ފެނުމުން ޚަލީސީގެ ލޮލުން ނިރައިލީ އުފާވެރިކަމުގެ ކަރުނައެވެ.

ދެމީހުން އަލިފާންގަނޑެއް ރޯކޮށްލުމަށްފަހު ގާތުގައި އިށީދެލައިގެން ތިބިއިރު އަލިފާނުގެ އޮރެންޖް އަލި އެޅުމުން ތަފާތު ރީތިކަމެއް ފެނުނެވެ. ހިމޭންކޮށް ވެހެމުން ދިޔަ ސްނޯ ފައިބަންފެށީ ތަންކޮޅެއް ބޯކޮށެވެ. ދެމަފިރިން ގެއަށް ވަންނާން ހިނގައިގަތެވެ. ކޮޓަރީގެ ބިއްލޫރި ފުޅާ ދޮރުތަކުން ބޭރު ފެންނާން ހުރުމުން ސްނޯފައިބަމުންދާ މަންޒަރު ރީއްޗަށް ފެންނަމުން ދިޔައެވެ. ﷲގެ ކުޅަދުންވަންތަކަމާއެވެ. އެހާވެސް ފުރިހަމައެވެ. އެދެމަފިރިންގެ ހަޔާތަށްވެސް އެފަދަ ފުރިހަމަކަމެއް މިވަގުތު ލިބިފައި ވިނަމަވެސް ހަޔާތަކީ ކުރު އެއްޗެއްކަން ދަނެއެވެ. އިމްތިހާނުތައްވެސް ކުރިމަތިވާނެއެވެ. ނަމަވެސް ﷲއަށްޓަކާ ލޯބިވެވުމުން އެފަދަ ކޮންމެ ކަމަކާއި ކުރިމަތިލުމުގެ ބާރު ލިބިގެންދާނެއެވެ.

***

ހަ މަސްފަހުން

ރުބާބް ފަތިސް ނަމާދަށް ހޭލިއިރު މިކާއިލް ފެންނަން ނެތުމުން ހީކުރީ ފާޚާނާގައި ކަމަށެވެ. ކޮޓަރިތެރޭގައި ހުރި ފޮށިތައް ފެނުމުން ރުބާބް ބަލައިލިއިރު ޖަވާހިރުން ފުރިފައިވާ ފޮށިތަކެވެ. އޭނަގެ ހިތް ނުބައިގޮތަކަށް ތެޅިގަތެވެ. މިކާއިލް ފާޚާނާގައި ނެތުމުން މުޅިގެ ހޯދިއެވެ. ފޯނަށް ގުޅިއިރު ނިވާލާފައި ކަމަށް ބުނުމުން އަވަހަށް ގުޅީ ޔަޝަލްއަށެވެ. ތަފާތުކަމެއް ފެނުމުން އޭނަގެ ހިތުގައި ބިރުވެރިކަން ހިނގައިގަތީއެވެ.

ހަކާން އެދުނީ ޖަވާހިރު ފޮށިތައް ވަލުތެތޭގައި ފޮރުވުމަށެވެ. މިކާއިލްގެ ގެއްލުމާއި އެފޮށިތަކާއި ގުޅުމެއް ހުރެދާނެކަމަށް އޭނަ ދެކުނެވެ. ނަމަވެސް ފުލުހުންނަށް އެކަން އެނގިގެނެއް ނުވާނެއެވެ. ކޮންނަން ބޭނުންކުރާ ސާމާނު ހިފައިގެން ވަލުތެރެއަށް ވަދެ ޖަބްރީލްއާއި ހަކާންވެގެން ބޮޑު ވަޅުގަނޑެއް ކޮނެ އެ ފޮށިތައް ވަޅުލުމަށްފަހު އެހިސާބުގައި ގަސްތަކާއި ވިނަތައް އިންދިއެވެ.

"މިހެން ބުނަން ދެރަވެސް ވޭ. އެކަމަކު އަހަންނަށް ހީވަނީ މިކާގެ ގެއްލުމާއި ޖިންނިންނާއި ގުޅުމެއްވާހެން..."ހަކާންގެ ޓީޝާޓް އޮތީ ދަލުގެ ސަބަބުން ގަޔާ ތަތްވެފައެވެ. ނިތްކުރީގައިވެސް ވިދަނީ ދާތިކިތަކެވެ.

ޔަޝަލްގެ ލޮލަށް ކަރުނަ ޖަމާވިއެވެ. ޖަބްރީލްވެސް ދެއަތުން މޫނު ފޮރުވިގޮތަށް ހިމޭންވެފައި އިންއިރު ޚަލީސީ ޖަބްރީލް ހިތްހަމަޖައްސައިދޭން މަސައްކަތްކުރިއެވެ.

"لَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ..." ރުބާބްއަށް ކިޔާލެވުނެވެ. ރުބާބްގެ ހިތުގައި ތަފާތު ޚިޔާލުތައް ހިނގައިގަތެވެ. މިކާއިލް ޖަވާހިރުގެ ބަދަލުގައި އަމިއްލަ ނަފުސް ގުރުބާންކޮށްލީބާވައެވެ. ނޫނީ ޖިންނިންތައް މިކާއިލް މަރާލާފައި އޭގެ ބަދަލެއްގެ ގޮތުގައި ރުބާބްމެންނަށް ޖަވާހިރު ދިނީހެއްޔެވެ؟ ހުރިހާކަމެއް ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ.

"މިކާއަށް ވަރަށް ވިސްނައިދިނިން އެހާ ބޮޑު ނުރައްކަލަކަށް ނުވަންނަން. އޭނަ ބޭނުންވީ ޖިންނިން ކޮންޓްރޯލްކުރަން އެކަން ކުރާއިރު ކޮންމެފަދަ ބޮޑު ކަމަކާއިވެސް ދިމާވެދާނެ. ތިމާގެ ފުރާނައިން އަތްދޮވެލާން ޖެހިދާނެ، ހުރިހާކަމެއް އެނގިހުރެ މިކާ އަމިއްލައަށް ނިންމީ. މިހާރު އޮތީ އެންމެން ހެޔޮ ދުޢާކުރުން........."

އެންމެން ގެއަށް ދާން ހިނގައިގަތީ މޮޅިވެރިކަމާއިއެކު އިސްޖަހާލައިގެން ތިބެއެވެ.

ދުނިޔޭގައި އުޅޭއިރު އެކިގޮތްގޮތަށް އިމްތިހާނުތައް ކުރިމަތިވާނެއެވެ. ލޯބިވާމީހުން ގެއްލުމަކީ އެންމެ ބޮޑު ވޭނެވެ. ނަމަވެސް އެކަމަށްވެސް ކެތްތެރިވެ ތިމާމެންވެސް ވަނީ މަރުގެ ކިއޫގައިކަން ދެނެގެން ދުނިޔެއަށް އައި ހަގީގީ މަގުސަދު ހާސިލުކުރަން މަސައްކަތްކުރަންވީއެވެ.

ނިމުނީ

( ވާހަކަ ނިންމުމުގެ ތައުފީގު ދެއްވިކަމަށްޓަކާ ﷲއަށް ހަމްދުކުރަން އަދި ފޫހިކަމެއްނެތި ވާހަކަ ކިޔާ ކޮމެންޓްކުރި ކިޔުންތެރިންނަށް ހިތުގެ ފުންމިނުން ޝުކުރުވެރިވަން..ވާހަކައިގާ ޖިންނިންގެ ބައި ގެނެެސްދިނީ ޤުރުއާނާއި ހަދީސްގައި ސީދާ އޮތްގޮތް ބަލާނުލާ ކަމަށްބުނެ ބައެއް ކިޔުންތެރިން އެކަން ފާހަގަކުރައްވާފައިވޭ. ދީނާއި ފުށުއަރާ އެއްވެސް ކަމެއް އަދި ޖުމްލައެއްވެސް ވާހަކައެއްގައި ހިމެނިގެންނުވާނެ ކަމަށް ގަބޫލުކުރަން. ބައެއްފަހަރު އެހެން އެ ދިމާވަނީ މައުލޫމާތު ރަގަޅަށް ނުހޯދުނީމަ. ދެންފަހަރަކުން އެކަން ރަގަޅުކޮށްލާނަން. ވާހަކައިގެ ރަހަ ތަފާތުކޮށްލަން ދެން ގެނެސްދޭނީ ޕައިލެޓުންނާއި ކެބިންކްރޫއިންގެ ލޯބީގެ ވާހަކައެއް އިންޝާﷲ....އެވާހަކަވެސް ޝައުގުވެރިކަމާއެކު ކިޔާނެކަމަށް އުއްމީދުކުރަން..... في امان الله )

ކޮމެންޓް 0