"ދިރިއުޅުމުގެ އަގު ވަޒަން ކުރާށެވެ. ލިބިފައިވަނީ ދާދި ކުޑަ ވަގުތުކޮޅެކެވެ. ވަގުތު ނުޖެހެނީސް ތައުބާވެ ހެޔޮ އަމަލުތައް ކުރުމަށް އަވަސްވެގަންނާށެވެ."
***
"ޖަބްރީލް ތަންކޮޅެއް ރީތިކޮށް މެހުމާނުންނާއި ވާހަކަދެއްކޭނެ ދޯ. އަހަރެމެންނަށް އަންވަރު ވެދީފައި ހުރި އިހުސާންތެރިކަން ދުވަހަކު ހަދާނެއް ނުނެތޭނެ. މާފަށް އެދޭ.."ސޯފިއާ ތަންކޮޅެއް ބާރަށް ބުނެލިއެވެ. މަންމައެއްގެ މަގާމުގައި ހުއްޓަސް އޭނައަކީ ދަރިއެއްކަމަށް ދެކެގެން ދުވަހަކު ގާތުގައި އުޅުނު މީހެއްވެސް ނޫނެވެ. ނަމަވެސް އަމުރުކުރަން އެބަދަނެއެވެ.
"ވެރިމީހާގެ ދައުވަތަކަށް ނޫން ގެއަށް ވަނީ. ހުއްދަނެތި....."ޖަބްރީލްގެ އަޑު ކިތަންމެ މަޑު ނަމަވެސް ހަރުކަށިކަމެއް ވިއެވެ.
"އެބުނަނީ އެމީހުންނަށް މެހުމާނުންނެކޭ ނުކިޔޭނެއޭ ދޯ. މަށަކީ މެހުމާނެއްނޫން. ޖަބްރީލްގެ ބައްޕަ. ހުރިހާ ލިޔުންތަކެއްގައި އިނީ އެހެން. ކޮންމެ ގޮތެއްވިޔަސް ޖަބްރީލް ބުނާގޮތަށް ހަދާނީ. މަގޭ ހުރި އެންމެ ފިރިހެންދަރި.." އަންވަރު އޭނަގެ ސާމާނު ހިފައިގެން ނިކުންނާން ހިނގައިގަތުމުން ސޯފިއާ ކޮޅަށް ތެދުވުނެވެ.
"އަންވަރުދެކެ ތިހާ ރުޅި އަންނަނީ ކީއްވެތަ؟ އޭނަގެ ސަބަބުން ޖަބްރީލްއަށް ބައްޕަ ކިޔާނެ މީހަކު ވީ...."
"ޝުކުރިއްޔާ....."
"އަމިއްލަ މަންމައަށް މަލާމާތް ތިކުރީ؟"
ޖަބްރީލް ޖަވާބެއްނުދިނެވެ. އޭނަ ހިނގައިގަތީ އެތަނުން ދުރަށެވެ." ކީއްވެ ނުވިސްނެނީ؟ އަންވަރު ކަމެއްކޮށްދިނީ މަށަކަށް ނޫން. އޭނަގެ ފާފަތައް ފޮރުވީ. ކުރި ފާފަ ފޮރުވަން އެހެން ފާފައަކަށް އަރައިގަތުމަކީ މި އެންމެން ވަރަށް ކުރާހިތްވާ ކަމެއް. ނަސްލުވެސް އޮޅުވީ. ހާރ ޑާކް ސައިޑް ދުނިޔެއަށް ނޭގިދާނެ އެކަމަކު ހެއްދެވި ފަރާތަށް ނުފޮރުވޭނެކަމެއް ނޭގުނު. އާންޓް ޔޫ ސްކެއާޑް؟ ބައްޕައެއްނެތަސް އަހަންނަށް ފަރުވާލެއް ނެތް. ދުނިޔެއާއި ކުރިމަތިލާން ލަދެއް ނުގަނޭ. ލަދުގަންނަން ޖެހޭނީ ފާފަ ކުރި މީހުންނެއް ނޫންތަ؟ މި އަންހެނުން...ފޫހި ބަޔެކޭ....ރުބާބްވެސް ކިހިނެއް އެނގެނީ؟ އޭނަ އުޅޭގޮތުންވެސް ވަރަށް ފޫހި.. ފަހަތުން ނުނެއްޓިގެން އަބަދު މެސެޖްކޮށް. އަހަންނަށް އެކަހަލަ އަންހެނުން ކަމަކު ނުދޭ. ޚަލީސީއެކޭ ނިގާބީއެކޭ ކޮން ތަފާތެއް. އަހަރެންގެ ޓައިޕެއްނޫން........"
ޖަބްރީލް ތަބީއަތު ގޯސްވެފައިހުރެ ގޮސް ކޮޓަރިއަށް ވަންގޮތަށް އެނދަށް ވެއްޓިގަތެވެ. ރުބާބްދެކެވެސް ކޮންމެވެސް ވަރަކަށް ފޫހިވާންފެށުމުން ހައިރާންވިއެވެ.
"މަގޭ ހިތް ބަދަލުވަނީ ކީއްވެ؟ އަދިވެސް ސޯލްމޭޓާއި ދިމާނުވަނީތަ؟ ލޯތްބަކ ނިގާބު އެޅީމަ ނޫނީ ހާފިޒާއަކަށްވުން ޝަރުތުކޮށްގެން ވެވުނުއެއްޗެއް ވީމަކަމަށްވާނީ؟ މިއީ ހަގީގީ ލޯތްބެއްނޫން. ހޫމް ވެދާނެ. އައި ތިންކް މި ރުބާބްވެސް ދޫކޮށްލިއްޔާ ބޮލަށް ފަސޭހަވާނީ...." ޖަބްރީލްގެ ބޮލުތެެރޭ ޚިޔާލުތައް އެނބުރެމުން ދިޔައިރު ރުބާބްއާއިއެކު ހޭދަކުރެވުނު އެކި ވަގުތުކޮޅުތައްވެސް ފެންނަންފެށިއެވެ. ރުބާބްގެ ވާހަކަތަކުގައި އިޚުލާސްތެރިކަމެއްނެތެވެ. ހަރުކަށިކަމެއް ހުރެއެވެ.
ޖަބްރީލްގެ ނަޒަރު ފާރާއި ދިމާލަށް ދަތުރުކުރިއިރު އަޅައިގަތީ ބިޔަ ހިޔަންޏެކެވެ. އޭގެ ކުލަ ގަދަވެ ހަރަކާތްކުރަންފެށިއެވެ. ހިނދެއް ހިނދަކަށް ބޮޑުވަމުންގޮސް ކުއްލިއަކަށް ފުންމައިގެން އައިގޮތަށް އޭނަގެ ކުރިމައްޗަށް ޖެހިގަތީ ދުވަހަކު ޚިޔާލަށް ނުގެނެވޭހާ ހުތުރު ސިފައެއްގައި ހުރި ބިރުވެރި މަޚުލޫގެކެވެ. އޭތި އައިގޮތަށް ތޫނު ވަކިތައް ހުރި އިނގިލިތައް ޖަބްރީލްގެ މޫނާއި ކިރިޔާ ނުޖެހޭ ހިސާބަށް ކައިރިކޮށްލައިފިއެވެ. ޖަބްރީލް ކަރު ފަޅައިގެންދާ ހާ ބާރަށް ހަޅޭއްލަވައިގަންނަން އުޅުނެވެ. ނަމަވެސް އަޑުބޭރެއްނުވިއެވެ. ބިރުގަތްވަރުން މޫނު ހުދުވެ ހިތްވެސް ހުއްޓުނުހެން ހީވިއެވެ.
"އާނ ތިވިސްނަނީ ރަގަޅަށް. ރުބާބްއާއި ދުރަށް ދިޔައްޔާ ރަގަޅުވާނީ. އެއީ ނުބައި ނުލަފާ އަންހެނެއް. އޭނަގެ ބައިވެރިޔާއާއި އެންގޭޖްކޮށްފައި އޮތްވާ އާއިލާގެ މީހުންނަށް ފިލައިގެން އައިސް އުޅެނީ. އޭނަގެ ސަބަބުން އުދަގޫތަކާއި ކުރިމަތިލާންޖެހިދާނެ. ވަގުތު އޮތްވާ އޭނައާއި ވަކިވޭ. ހެޔޮ ނަސޭހަތެއް މިދިނީ.."
ޖަބްރީލް އެސްފިޔަ ޖަހާފައި ލޯ ހުޅުވައިލިއިރު އެ މަޚުލޫގުގެ އެއްވެސް ހިލަމެއްނުވިއެވެ. އޭނަ ބޯ ދެފަރާތަށް ހޫރައިގަތެވެ. އެއީ ހަގީގަތަކަށް ނުވާނެއެވެ. އެއީ ފެނުނު ވަހުމެކެވެ. ބައެއްފަހަރު ހުވަފެންތަކުންވެސް އިންސާނުންނަށް ރޫހާނީ މެސެޖްތައް ލިބޭ ވާހަކަ އޭނަވަނީ އަހާފައެވެ. އެކަމަކު މިފަދަ ބިރުވެރި މަޚުލޫގެއް އެހާ ބަރު އަޑަކުން ވާހަކަދައްކައިގެނެއް ނޫނެވެ. ޖަބްރީލް ގެންފައިވާ ބިރެއްގެ ސަބަބުން ވަގުތުން ބޮކިތައް ދިއްލައިލުމާއެކު ގަދަނިދީގައި އޮތް ޚަލީސީ އުދަގޫވިފަދަ ގޮތަކަށް ލޮލަށް ގޮތެއް ހަދައިލިއެވެ.
ޖަބްރީލް ފުން ނޭވާއެއް ދޫކޮށްލާފައި ބޮކި ނިވާލުމަށްފަހު ކޮޓަރިން ނުކުތެވެ.
ދޭތެރެއަކުން އެ މަޚުލޫގާއިމެދު ވިސްނާލެވުމުންވެސް މުޅި ގައިން ހީބިހި ނަގައިލައެވެ. އެއީ ކޮންފަދަ ކަންތައްގަނޑެއް ހެއްޔެވެ؟ މިގޭގައި ޖިންނިން އުޅޭކަމަށް ބުނަނީ ތެދެއްތާއެވެ. ޖިންނިންނަށް ލޮލަށް ނުފެނި އުޅުމުގެ ކުޅަދާނަކަން ދެއްވާފައިވެއެވެ. އެ ޖިންނިއަށް ރުބާބްގެ ހަގީގަތް އެނގުމުން އޭނަ ގާތު ބުނީ ހެޔޮއެދިގެންނެވެ.
އީދު ދުވަހު ރުބާބް އެގެއަކަށް ނާދެއެވެ. އޭނަ އީދު ހޭދަކުރާނީ އާއިލާއާއެކު ކަމުގައި ބުނެފައި އޮތުމުން ޖަބްރީލް އަޅައެއްނުލައެވެ. ޔަޝަލް ވަރަށް ކިޔައިގެން އޭނަ އީދުނަމާދަށްފަހު ސައިބޯން ދިޔައިރު މޭޒުމަތި ފުރެންދެން ތަފާތު ބާވަތްބާވަތުގެ ކާ އެއްޗިއްސެވެ. މުޅިންވެސް ޖަބްރީލްއަށް މީރު ވައްތަރުތަކެވެ. ޚަލީސީ ގެ ލޯ އުފަލުން ވިދައިގަތެވެ. ޖަބްރީލް ފެންނަ ކޮންމެ ފަހަރަކު ޚަލީސީ އުފަލުން މަރުވާވަރުވެއެވެ. އެލޯ ދިއްލި މޫނު އުޖާލާވެ އެހެން ދުނިޔެއަކަށް ދެވޭފަދައެވެ. ވަގުތުން ތެދުވެ ޖަބްރީލްއަށް ކޮފީ ހަދާދީ އެކި އެއްޗެހި ގެނެސް ތަށްޓަށް ލާދޭން ފެށުމުން ޖަބްރީލް ހިތްހަމަނުޖެހިފައި އިނަސް އެކަން ނުދެއްކިއެވެ. ޔަޝަލްއާއި މިކާއިލްވެސް ތިބުމުންނެވެ. މިކާއިލްއާއި ޔަޝަލްއާއި ވަރަށް ސަމާސާކޮށް ވާހަކަދައްކާ އެކުވެރިވެއްޖެއެވެ. އޭނަ މަންމައަށްވެސް އެހާ ރަގަޅެވެ. އީދު ހަދިޔާވެސް ގެނެސްދިނެވެ. ޔަޝަލްއަށް ލިބުނު ހަދިޔާތަކާއިމެދު އޭނަ ހުރީ އުފަލުން ފޮޅިފައެވެ. ރަގަޅު ވަގުތެއްވުމާއެކު ޖަބްރީލް މިކާއިލް ގާތު ޚަލީސީއާއެކު އުޅެން ފޫހިކަމަށާއި އެއްވެސް އަންހެނަކާއިއެކު ހަޔާތެއް ވޭތުކުރަން ދަތިކަމުގައި ބުންޏެވެ. ހަމަ ބޭފަވާތެރިކަމާއި މަކަރުވެރިކަމާއި އެކު އިޚުލާސްތެރިކަން ކުޑަކަމަށް ފެންނަނީއެވެ. އޭނަގެ މަންމައަކީ މިސާލެކެވެ. މިކާއިލް ބުނީ ކެތްކުރުމަށެވެ. ހަޔާތުގެ ދެވަނަ ނަމަކީ ކެތްތެރިކަމެވެ. އެތައް އުދަގުލަކާއި މުސީބާތާއި ހިތްދަތިކަން ކުރިމަތިނުވާ އިންސާނެއް ނުހުންނާނެއެވެ.
***
ޖަބްރީލް އޮފީހަށް ވަންނާން ހިނގައިގަތް އިރު ދިމާވި ކޮންމެ މުވައްޒަފެއް ހެނދުނުގެ ސަލާމްކުރިއެވެ. އަންހެންކުދިން އޭނައަށް ބަލާ ޚާއްސަ ގޮތާއި ތުއިވާގޮތުން ޖަބްރީލް ފޫހިކުރުވިއެވެ. އަންހެނުންދެކެ އަންނަ ރުޅި އަނެއްކާ އިތުރާންފެށީ މަންމަގެ އަމަލު ހުންނަގޮތުންނެވެ. އަދިވެސް އިސްކަންދެނީ އަންވަރު މެންފަދަ މީހުން ރުއްސުމަށެވެ. ސިހުރުވެރިއަކަށް ނުވިނަމަ އެންމެ ރަގަޅުނޫންހެއްޔެވެ؟ ގޮނޑީގައި އިށީންގޮތަށް ލޯމަރައިލިތަނާ ދަންނަ އަޑެއް އިވިގެން އިސްއުފުލައިލިއެވެ. ކުރިމަތީގައި ހުރީ ޚަލީސީއެވެ. ރަސްމީ ހެދުމެއްގައެވެ. ގަމީހުގެ މަތިން ޖެކެޓެއްލާފައި ހުރިއިރު މޮޔަގޮތްގަނޑެއް އެވަގުތަކު ނެތެވެ. ޚަލީސީ ވަންގޮތަށް އެތާހުރި ވާސްއެއްގައި ފިނިފެންމާތަކެއް ޖެހުމުން ލުއި މީރުވަހެއް ހިފާލައިފިއެވެ.
"މިތާ ކީއްކުރަން؟" ޚަލީސީގެ މޫނު ފެނުމުން އިތުރަށް ތަބީއަތު ސަކަރާތްވިއެވެ.
"ޕީއޭ ގެ މަގާމަށް ކުރިމަތިލައިގެން އުޅެނިކޮށް އެ ވަޒީފާ ލިބުނީ...."
"ވަޓް؟"
"ތެދަށް ބުނަންޏާ ކުރިމަތީގައި އަހަރެންގެ ފިރިމީހާ އަބަދު ހުންނަން ބޭނުމީ.."
"އަހަރެން އޮތީ ފިރިހެނަކު މި ޕޯސްޓަށް ގެންނާން ބުނެފައި.." ޖަބްރީލް ހުރީ ބުމަ ކައިރިކޮށްލައިގެންނެވެ.
"ފިރިހެނަަކަށްވުރެ ވައިފް ހުރީމަ މާ ކެއާ ކުރާނެ.."
"ޕްލީޒް......ޚަލީސީ އަހަރެންގެ ކެތްތެރިކަން ޓެސްޓްނުކުރޭ.."
"ތިހާ މާތް އިންސާނަކު ރުޅި އިސްނުކުރާނެ....ރަމަޟާން މަހުގައި އަދި އަމުދުން އެހެން މީހުން އަތުން ފައިން ގޯސްހަދާއިރު ޔޫ ވާ ސޯ ސްވީޓް.. ރުޅި އަންނަންވެސް ނޭގޭ.....އަހަރެމެން ދެމީހުންގެ ރިލޭޝަން ކިތަންމެ ބޭޑްވިޔަސް އެހެން މީހުންގެ ކުރިމަތީގައި ޝޯއޯފްކުރެވިދާނެ ދޯ. ނޯމަލް ކަޕްލްއެއްހެން..............."
ޖަބްރީލް ތެދުވެގެންގޮސް ކުޑަދޮރުގެ ފަރުދާތައް ދުރުކޮށްގެން ބޭރަށް ބަލަންފެށިއެވެ. "ކޮފީއެއް ގެނެސްދެންތަ؟"
"އަހަރެން ބޭނުމެއްނޫން އެކައްޗެއްވެސް. އަޑުއިވިއްޖެތަ؟ ނަތިން..."ޖަބްރީލް ހިތުގެ އަޑިން އެހެން ކިޔަސް ބުނެވުނީ ތަންކޮޅެއް ރީތިކޮށެވެ."ބްރެކްފާސްޓް ނަގައިގެން އައީ....މޭ ބީ ފަހުން...."
"ތެންކިއު..."
"ކޮން ކަމަކަށް؟"
"އެހާ ރީތިކޮށް ވާހަކަދެއްކީމަ. އަހަރެންދެކެ ހޭޓްކުރަމެއްނު..."
"ނޫން. އަމިއްލަ ނަފުސަށް ރުޅި އާދެވެނީ. ކޮންމެހެން ވަކި މީހެއްދެކެއެއްނޫން......"ޖަބްރީލްގެ ރާގު ބަދަލުވިއެވެ.
"އެއީ ކީއްވެ؟"
"ކޮންމެ ސުވާލަކަށް ޖަވާބެއް ދޭކަށް ނޭގޭ...ޚަލީސީ. ބުނަން ވާހަކައެއް. ކޮންމެހެން ޚަލީސީ އައީމައެއްނޫން. އަހަންނަށް މި ޖޮބްދެކެ ލައިކެއްނުވެވުނު. މަތީ މަގާމެއް ބޭނުމެއްނޫން. ސްޓްރެސް ބޮޑުކަމުން ބޮލުގައި އެބަ ރިއްސާ..ކޮންމެވެސް އެހެން ވަޒީފާއެއް ބޭނުމީ....."ޖަބްރީލް ދާން ހިނގައިގަތެވެ.
ޚަލީސީގެ ހިތަށް ތަދުވިއެވެ. ޖަބްރީލް ކޮންމެ އެއްޗެކޭ ބުނެ ބަހަނާ ދެއްކިޔަސް ގަބޫލުކުރާނީ ކިހިނެއްހެއްޔެވެ؟ ޖަބްރީލްގެ ނިންމުމަކީ އޭނަ މިތަނަށް އައުމުން ނިންމި ނިންމުމެކެވެ. އޭނައާއި ގާތުގައި ހުންނަން ބޭނުންނުވަނީއެވެ.
***
ހަކާންއަށް ޖަބްރީލް ކިޔައިދިން ވާހަކަތައް އަހަން އިންއިރު އޭނަގެ މޫނުމަތިންވެސް ބިރުވެރިކަން ފައުޅުވަމުން ދިޔައެވެ. ހަކާންވެސް އޭނައަށް ފެނުނުކަންތައް ކިޔައިދިނެވެ. އެގެއިން ފެންނަ ޖިންނީގެ ހުތުރު ސިފައާއި އެއްވަރަށް ބިރުވެރިވެރިކަން ބޮޑެވެ. އެގެއަށް ސިހުރުހަދާފައި ވަނީހެއްޔެވެ؟ ނޫނީ ޖިންނިން އަވަލާފައިވާ ތަނަކީހެއްޔެވެ؟ އެކަމުގެ ހަގީގަތް ދެނެގަންނަން ދެޒުވާނުންވެސް ބޭނުންވިއެވެ. ޔަގީންވަނީ ސޯފިއާޕެލެސްގައި ރޫހާނީ ބަޔަކު ދިރިއުޅޭކަމެވެ. ސާފުނުވަނީ މަގުސަދެވެ.
"ކެން މަށަށް ދޮގެއް ނަހަދާ ބުނެބަލަ. އެ ރޫމްގައި ހުރި ސިހުރުފޮތްތައް ގެންދިޔައިންތަ؟"
"ހޫމް...."
"ކޮބާ ބޭނުމަކީ؟"
"ޖިންނިން ގެންނަންވެގެން.."ހަކާން ހިނިގަނޑެއް ޖަހައިލިއެވެ.
"ނުކުރާތި އެކަހަލަ ކަމެއް. އައި ވިލް ކިލް ޔޫ...." ޖަބްރީލް ކަޅި އަޅައިގަތެވެ."އެ ފޮތްތައް ގެނޭ...."
***
ޖަބްރީލްއާއި ރުބާބް ހިނގަމުން ދިޔައީ ދޮންވެލިގަނޑުމަތިންނެވެ. ޖަބްރީލް ގެ ފިޔަވަޅުތައް މަޑުޖެހުނެވެ. އޭނަގެ ނަޒަރު ހުއްޓިފައިވީ ރަންވޭގައި ޖައްސަން ދިޔަ އެމިރޭޓްސްގެ މަތިންދާބޯޓަށެވެ.
"އަހަރެން މިއަދު ރިޒައިންކޮށްފިން..."
"ރަގަޅު.ޕައިލެޓަކަށްވާންވީނު...އަހަންނަށް ހީވަނީ ބޫ ބޭނުންވަނީ އެ ވަޒީފާހެން.."
"ތިވިސްނީ ރަގަޅަށް. އިތުރު މީހެއްގެ އުދަގޫ ނުޖެހި އަމިއްލައަށް އެކަނިމާއެކަނި ވަކި ތަންކޮޅެއްގައި އިނދެވޭނެ ވަޒީފާއެއް ބޭނުމީ. އަހަރެން ވެއްޖެ ޕައިލެޓް ޓްރެއިނިންއަށް ދާން.. ފްލައިޓަށް އެރީމަ ވަރަށް ތަފާތު އިހުސާސެއް ކުރެވޭ. އެއީ ކީއްވެކަމެއް ނޭގޭ.."