"މަރަކީވެސް އާ ފެށުމެކެވެ. ދުނިޔެއަށް ފޮނުއްވާފައިވަނީ މާޔޫސްވެ އުއްމީދު ގެއްލުވާކަށް ނޫނެވެ. ވަކި މަގުސަދެއްގައެވެ. ހެއްދެވި ފަރާތަށް އަޅުކަން ކުރުމަށެވެ."
***
ޖަބްރީލްއާއި ރުބާބް ހިނގަމުން ދިޔައީ ދޮންވެލިގަނޑުމަތިންނެވެ. ޖަބްރީލް ގެ ފިޔަވަޅުތައް މަޑުޖެހުނެވެ. އޭނަގެ ނަޒަރު ހުއްޓިފައިވީ ރަންވޭގައި ޖައްސަން ދިޔަ އެމިރޭޓްސްގެ މަތިންދާބޯޓަށެވެ.
"އަހަރެން މިއަދު ރިޒައިންކޮށްފިން..."
"ރަގަޅު. ޕައިލެޓަކަށްވާންވީނު...އަހަންނަށް ހީވަނީ ބޫ ބޭނުންވަނީ އެ ވަޒީފާހެން..."
"ތިވިސްނީ ރަގަޅަށް. އިތުރު މީހެއްގެ އުދަގޫ ނުޖެހި އަމިއްލައަށް އެކަނިމާއެކަނި ވަކި ތަންކޮޅެއްގައި އިނދެވޭނެ ވަޒީފާއެއް ބޭނުމީ. އަހަރެން ވެއްޖެ ޕައިލެޓް ޓްރެއިނިންއަށް ދާން... ފްލައިޓަށް އެރީމަ ވަރަށް ތަފާތު އިހުސާސެއް ކުރެވޭ. އެއީ ކީއްވެކަމެއް ނޭގޭ..."
"ސަބަބަކީ ޖަބްރީލްއަކީ ސްކައިގެ އަހުލުވެރިއަކަށް ވިކަން. ތި ހުރެވެނީ ބީރައްޓެހި ބިމެއްގައިކަމަށް ތި އިހުސާސްވަނީ...ފީނަން ދާނަންތަ؟"
"ފީނާށޭ؟" ޖަބްރީލް ސިހުނެވެ.
"އަހަރެން ވަރަށް މޫދަށް ފަރިތަވާނެ. އަހަރެން ވިހެއީވެސް މޫދަށް...."
"ވޯޓާ ބާތް ދޯ...."
"މިއަންނަނީ ޑައިވިން އިންސްޓްރަކްޓަރެއް. އޭނަ އަތުން ފީނާ ސާމާނު ހޯދައިގެން މިއަންނަނީ......"ރުބާބް އެމީހާއާއި ދިމާލަށް ހިނގައިގަތުމުން އެކަން މަނާކުރަން ޖަބްރީލް ގޮވިއެވެ. އިރުކޮޅަކުން ރުބާބްއައީ ފީނާ ސާމާނުތައް ހިފައިގެންނެވެ. ދެމީހަކަށް ވާ ވަރަށެވެ.
"އަހަރެން ބޭނުމެއްނޫން މޫދަށް އެރެން...."
"މޫދުގައި ޑޭޓަކަށް ދިޔައީމަ މެމޮރަބްލްވާނެ. ޕްލީޒް...."
ރުބާބްގެ ބޮޑު ލޮލުގައި ވީ އާދޭހެވެ. ޖަބްރީލް އެންމެފަހުން އެއްބަސްވިއެވެ. ރުބާބްއަށް އިތުބާރުކޮށް އޭނައާއެކު މޫދަށް އެރުމުން އަޖައިބުވާފަދަ ލުއިކަމެއް އިހުސާސްވިއެވެ. ތްރީ ޑައިމެންޝަނަލް ދުނިޔެއެކެވެ. މަހެއްފަދައިން ޖެހިލުމެއްނެތި ފީނަމުން ހޮހަޅަތަކާއި ފަރުގެ ތެރެވެސް އެދެ ޒުވާނުން ތަހުގީގުކުރިއެވެ. އެންމެފަހުން ގޮސް ރުބާބްއާއެކު ވަދެވުނު ހޮހަޅައެއްގައި ފެން އޮތީ ނިކަން ތިލަކޮށެވެ. ކުލަކުލައިގެ ކުދި މަސްތައް ދެކޮޅަށް ދަތުރުކުރަމުން ދިޔައެވެ. އަޑިއަށް ފީނައިގެން މިފަދަ ތަނަކަށް އައުމުން ޖަބްރީލްވެސް ހައިރާންކަމެއް ލިބުނެވެ. ރުބާބް އޭނަގެ ސްކޫބާ ޑައިވިން ސާމާނު ނެގުމަށްފަހު އެއްފަރާތުގައި ބެހެއްޓިއެވެ. އޭނަ ބުނީ މިއީ އޭނަގެ ސިއްރު މަކާން ކަމަށާއި ގިނަ ވަގުތު ހުވަފެން ދެކެން އައިސް މިތާ އިންނަ ކަމުގައި ބުނެ ހިނިތުންވެލިއެވެ. ޖަބްރީލް ރެގިއުލޭޓާ ނަގަން އުޅުމުން ރުބާބް އެކަން މަނާކުރިއެވެ.
"މިތާ އިންސާނުންނަށް ނޭވާލާން އެހާ އޮކްސިޖަން ހުންނާހެނެއް ހިޔެއްނުވޭ......"
"އޯސަމް ކޫލް ޕްލޭސް. މިކަހަލަ ތަނެއް ޑިސްކަވާ ކުރީ ކިހިނެއް؟އަންބިލީވަބްލް......"
"މިއީ ސިއްރެއް...ދެން ފަހަރަކުން މިއަށްވުރެ ބޮޑު ސަޕްރައިޒެއް ދޭނަން. ދެން ބުނެބަލަ ޖަބްރީލް...ކަނޑު އަޑީގައި ދިރިއުޅެން ހިނގާބަލަ. މިތަނުގައި ގެއެއް އަޅައިގެން، ދެމީހުން އަމިއްލަ ވަކި ދުނިޔެއެއްގައި. އެއްވެސް އިންސާނެއްގެ އުދަގުލެއްނެތި....."ރުބާބް އިށީދެލީ ކައިރީގައި ހުރި ގާގަނޑެއްގެ މަތީގައެވެ. އެދޮން ދެފައިތިލަ ފެނުގެ ތެރެއަށް ލާފައި މަޑުމަޑުން ފައި ހަލުވަމުން ދިޔުމުން މަސްތައް އެކިފަރާތަށް ދުއްވައިގަތެވެ.
"އެހެން އުޅެވޭތަ؟ ވަަރަށް ރީތި. އެކަމަކު އެއީ ވާނެކަމެއްނޫން. ކިހިނެއް އޮކްސިޖަނާއި ނުލައި އިންސާނުންނަށް މިތާ އުޅެވޭނީ..."
"ކަނޑަކީ ސިއްރުންފުރިފައިވާ މަޚުލޫގެއް. މިތާގައި އިންސާނުންނަށް ނުހޯދޭ ކިތަންމެ ސިއްރެއް ވޭ. މުތްތަކާއި މާވަހަރާއި އަގުހުރި މުދާ މިތާގައިވޭ. އަހަރެން މިތާ ގަނޑުވަރެއް ބިނާކުރަން ބޭނުން..."
"ހުވަފެން ދެކުނަސް ވާނެ ކަންތައް ދެކެން ޖެހޭނީ ހެހެ................ހިނގާ ދަމާ. ލަސްވެއްޖެ..."ޖަބްރީލް ފުން ނޭވާއެއް ދޫކޮށްލިއެވެ. ރުބާބް ކައިރިވެލުމުން ޖަބްރީލް މަޑުމަޑުން އަތް ދުރުކޮށްލިއެވެ.
"ކީއްވެ ދުރުކޮށްލަނީ؟"
"އަހަންނަށް އަންކޮމްފޮޓަބްލްވާތީ. ސްޓިލް އަންހެނުންނަށް އިތުބާރުކުރަން ހިތް ދެކޮޅުހަދާ. އައިމް ސޮރީ ބާބީ. މިހެން ބުނަންވީމަ. އަދިވެސް ދެމީހުންގެ ދޭތެރޭ ފާރެއްވާހެން ހީވަނީ. އައި ނީޑް ޓައިމް........"
"އިޓްސް މައި ފޯލްޓް. އަހަރެންގެ އެބައުޅޭ މައްސަލައެއް. އެކަމެއް ނޭގެނީ. އައިމް....ސަމްތިން އިޒް ދެއާރ. އަހަންނަށްވެސް ބުނެދޭކަށް ނޭގޭ. އައިމް ނޮޓް ނޯމަލް ބާބީ......"
އޭނަގެ އެ ދުރުކަން އިހުސާސްވުމުން ރުބާބްގެ މޫނު ރަންގު މޫ ކުލައިގެ އެންމެ ގަދަކުލައަށް ބަދަލުވިއެވެ. ލަދަށްވުރެ ބޮޑަށް ރުޅިވެރިކަމުގެ އިހުސާސްކަން އެނގުނީ އެދެލޮލަށްވެސް އައި ބަދަލުންނެވެ. ލޯ ރަތްކޮށްލިތަން ޖަބްރީލްއަށް ނުފެނުނީ ވަށައިގެން ފެންނަ އާޝޯޚުކުރުވަނިވި ގުދުރަތީ ރީތިކަމަށް ގެއްލިފައި އިންވަރުންނެވެ. ކުއްލިއަކަށް ކަންފަތަށް ނުކުޅަދާނަވާފަދަ ބާރު އަޑުފަށްގަނޑަކާއިއެކު ކަނޑުވެސް ކެކިގަތްފަދައެވެ. ވަށައިގެން އައި ފެންގަނޑު ހަތަރު ފަރާތުން ބައްދައިލުމާއެކު ޖަބްރީލް ދުރަށް ފީނައިގަތްއިރު އޭނަގެ މުޅި ހަށިގަނޑުވެސް ފިނިވެގެން ދިޔައެވެ. ރުބާބްއާއިމެދު ވިސްނާލާފައި އަލުން ފަތާފައި އައިއިރު އޮޔާ ދެމެމުން ދިޔަ ރުބާބްގެ އަތުގައި ހިފުނީ ހަމަ ކިރިޔާއެވެ. ދެން ހޭވެރިކަންވީއިރު ދެމީހުން ތިބީ ގޮނޑުދޮށަށް ލައްގާފައެވެ. ރުބާބްއަށް އެ ހާދިސާ މަޖާވެ ހުނަސް އޭރުވެސް ޖަބްރީލްގެ ހިތް ހަމަޔަކަށް ނޭޅެއެވެ. އޭނަގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. ކަނޑުގެ ރުޅިވެރި ރާޅުތަކުގެ ތެރެއަށް ޣަރަގުވެގެން ދިޔުމުން ސަލާމަތްވިކަމަށްޓަކާ ހެއްދެވި ފަރާތަށް ހަމްދުކުރެވުނެވެ.
***
ޖަބްރީލް ވަޅުކައިރީ ހުރެ ފެން ދާންޏަކަށްފަހު ދާންޏެއް ބޮލަށް އަޅަން ފެށުމުން ސިކުނޑީގައިވި ތޫފާނަށް މައިތިރިކަމެއް އައެވެ. ސިކުނޑި ހަމަޔަކަށް އެޅުނެވެ. ސިއްސައިގެން ދިޔައީ މީހަކު ފަހަތުން އައިސް ބޮލު ފުށްކިބައިގާ ޓައްކެއް ދިނުމުންނެވެ." ފެންވަޅު ހިއްކާލާފައި ނޫނީ ދުލެއް ނުކުރާނަން ދޯ.."
އެނބުރި ބަލައިލިއިރު އެއްވެސް މީހަކު ފެންނަން ނެތުމުން ހާސްކަމާއެކު ވަށައިގެން ހޯދާލެވުނެވެ.
"ކާކު؟"ޖަބްރީލް އެހިއެވެ. ދެން ހަޅޭއްލަވައިގެންފާ ކަހަލަ ގޮތަކަށް އެ ސުވާލުކުރިއެވެ. ގަސްތަކުގެ ތެރޭގައި ޖަބްރީލް ފެންވަރާ މަންޒަރު ދެކެގެން ހިތަށް އުފާވެރިކަން ލިބިގަންނަން ހުރި ޚަލީސީއަށްވެސް ބިރުން މޭގައި އަތް އަޅައިލެވުނެވެ. ކުއްލިއަކަށް ޖަބްރީލްއަށް އައި ބަދަލު ނުވިސްނުނެވެ. ނުފެންނަ ފަރާތެއްގެ ގޯނާއެއް ލިބުނީހެއްޔެވެ؟ ނަސީބަކުން އެވަގުތު އެހެން މީހެއް ނުކުތްތަން ފެނުނެވެ. ރުބާބް ނިގާބުއަޅައިގެން ހުރެ ޖެހިލުމެއްނެތި ޖަބްރީލް ގާތަށް އައިސް ކޮންމެވެސް އެއްޗެހިތަކެއް ކިޔާފައި ދެމީހުން އެކީ ކަހަލަ ގޮތަކަށް އެތެރެއަށް ދާން ހިނގައިގަތެވެ.
***
"މަންމަ އޭނަ ގާތު ބުނިން ޚަލީސީގެ ހިތުގެ މައްސަލައެއް ހުރި ވާހަކަ. ޖަބްރީލްއަށް ރިފިއުޒް ކުރަން ނުކެރުނީ އެހެންވެ....." ތަންޒީލާގެ ޖުމްލައިން ޚަލީސީގެ ހިތް ގެނބުނެވެ.
"ޖަބްރީލް ކިހާ ފޫހިވާނެ. މަންމަ ކީއްވެ ދޮގުހެދީ؟ އިޓްސް ނޮޓް އޯކޭ އޭ އެގޮތަށް އޮޅުވައިލަން. އޭނައަށް އެނގުނީމަ ވަކިން ފޫހިވެ ރުޅި އަަންނާނީ....މަންމަ ކީއްކުރަން؟" ޚަލީސީ ޝަކުވާކުރިއެވެ. މިހާރުވެސް އޭނަދެކެ ނަފްރަތުކުރާކަން އިހުސާސްވާވަރުން ހިތަށް ވާ ދަތިކަން މަންމައަކަށް ނޭގޭނެއެވެ.
"އަދި ރަގަޅުވާނެ..."
"އޭނަ ޖޮބުން ކެނޑިއްޖެ..."
"ވަޓް؟"ތަންޒީލާ ހައިރާންވިއެވެ.
"އާނ...ޖަބްރީލް އުޅެނީ ޕައިލެޓް ޓްރެއިނިން ހަދަން."
"އޭނަގެ އެހިތްވަރު....އަހަރެމެން އިހުސާންތެރިވެދިނީމަ ކޮޅުފައިން ޖެހީ. ޖަބްރީލް އެހެން ހަދާފާނެކަމަށް މަންމަ ހިޔެއްނުކުރަން....އެނގިދާނެތާ...ޖަބްރީލްއަށް ތިހެން ބޭނުންގޮތެއް ނެހެދޭނެ..."ތަންޒީލާ ގަދަކޮށްލަން އުޅުނެވެ.
"މަންމާ ޕްލީޒް ދެން އިތުރަށް ޖަބްރީލް މުށުތެރެއަށް ލާން ނޫޅުނިއްޔާ ރަގަޅީ. މީހުންނަށް މަޖުބޫރު ދައްކައިގެން ލޯތްބެއް ނުހޯދޭނެ...."ޚަލީސީ ކަރުނަތައް ދިރުވައިލިއެވެ.
"އޯލްރައިޓް..."ތަންޒީލާ ތުން ފިތައިލިއެވެ.
***
ޖަބްރީލްއާއި ރުބާބްގެ ގުޅުން މަޑުމަޑުން ރަގަޅުވާންފެށީ ދެމީހުން އެއްކޮށް ކަނޑުއަޑީގެ ރީތިކަން ބަލަން ކުރަންފެށި ދަތުރުތަކުންނެވެ. ޖަބްރީލް ވެސް ފީނުމާއި ކަނޑުއަޑީގައި އުޅެން ފާޑަކަށް ދެވިހިފަން ފެށިގޮތަށް މޫދަށް ނޭރި އެންމެ ދުވަހަކަށްވެސް ހުންނަ ހިތެއްނުވިއެވެ. ވިއްސާރަވެ އޮރެންޖް ސަމާލު ނެރުނަސް އެދެމީހުންނަށް ފަރުވާލެއްނުހުރެއެވެ. ކަނޑުގަދަކަމުން އުޅަދުތަކަށް ދަތުރުނުކުރެވުނަސް ކަނޑުގެ އަޑިއަށް އެ ތޫފާންތަކުގެ އަސަރެއްނުކުރެއެވެ. ރުބާބްއާއި އެއްވަރަށް ޖަބްރީލްވެސް ކަނޑަށް ފަރިތަވިއެވެ. ދެމީހުން އެކީގައި އުޅުނަސް ޖަބްރީލް ރުބާބްގެ އަތުގައި ހިފައިލަންވެސް ޖެހިލުންވެއެވެ. އަދިވެސް އެ ގުޅުން އޮންނަނީ ދުލުން ބުނެލާ ބަސްތަކާއި ހަމައިގައެވެ. ރުބާބް ޖަބްރީލްއާއިހެދި މޮޔަވެގެން އުޅޭއިރު ޚަލީސީވެސް އެފަދައެވެ. ފޫހިވާވަރު އެނގުނަސް ޚަލީސީ މަސައްކަތްކުރީ ޖަބްރީލްގެ ހިތުން ޖާގައެއް ހޯދުމަށެވެ. އެކަމުގައި އުމުރު ހޭދަކުރަން ޖެހުނަސް ވަރިހަމަވާވަރަށް އެހިތުގައިވާ ލޯބި ބޮޑެވެ.
ޖަބްރީލް މޫދުން އަރައިގެން އައިއިރު ރޭގަނޑު ދިހައެއްޖަހާ ބޮޑުވެއްޖެއެވެ. އޭރު ބޯ ވާރޭގެ ތިކިތައްވެސް ހުރަހެއްނެތި މޫނަށް ހަމަލާދެމުން ދިޔައެވެ. ސާފުބޯޑު ހިފައިގެން އާދައިގެ ހިނގުމެއްގައި އައިއިރު އޭނަގެ ޚިޔާލުގައިވީ ރުބާބްއެވެ. ބައެއްފަހަރު ހީލެވެއެވެ. ރުބާބްއާއިއެކު އުޅެވޭވަގުތުތަކަށް އިންތިޒާރުވެސް ކުރެވެއެވެ. އަބަދު ގާތުގައި ހުންނާނެ ނަމައެވެ. އޭނަ ސާފްބޯޑު ފާރަށް ލައްގާލާފައި ފެންވަރައިލީ ވަޅުންނެވެ. ގެއަށް ވަނީ ތެތް އެއްޗެހި ބަދަލުކޮށް ޓީޝާޓަކާއި ކަކުލާއި ހަމަޔަށް އޮތް ސޯޓެއް ލައިގެންނެވެ. އޭރުވެސް އިސްތަށިގަނޑުއޮތީ ކޮންމެވެސް ވަރަކަށް ތެތްކޮށެވެ.
"ހެލޯ ބޫ...." ޚަލީސީ ކޮންމެވެސް ދިމާލަކުން ނުކުމެގެން އަންނަތަން ފެނުނެވެ.
"ޖަބްރީލް ނިތް އަރުވައިލިއެވެ.
"މިއޮތް ވިއްސާރައިގާވެސް ފްލައިކުރަން ޖެހޭތަ؟" ޚަލީސީ ހިނިތުންވެލިއެވެ.
"ކާކު ބުނީ ފްލައިކުރާށޭ ދިޔައީ؟"ޖަބްރީލް އެއްޗެކޭ ނުބުނަން ހުރެފައިވެސް ޚަލީސީގެ މޫނުން ފެނުނު މޮޅިވެރިކަމުން ހަމްދަރުދީވިއެވެ.
"އެހެން ކޮންތަނަކަށް މިހާ ވިއްސާރައިރު ދާނީ..."
"މޫދަށް ދިޔައީ..."
"އަލްހަމްދުލިﷲ ސަލާމަތުން އާދެވުނީމަ. ކަނޑުގަދަކަމުން މިރޭވެސް ދެތިން ހާދިސާއެއް ހިނގި..."ޚަލީސީ ވިދުވަރެއްހާ ހަލުވިކޮށް ގޮސް ގެއްލުނެވެ. އިރުކޮޅަކުން އާވިއަރައަރާ ހުރި ދެތަށި ކޮފީހަދައިގެން އައިއިރު ޖަބްރީލް އިނީ ސިޓިންރޫމްގެ ކައުޗްގައި އޮށޯވެލައިގެން ފޯނާއި ކުޅޭށެވެ."ކޮފީ.........."
"ތިހާ ބުރަ އުފުލުމުގެ މާނައެއްނެތް..."
"މަސައްކަތްކުރީމަ ބައެއްފަހަރު ރިޒަލްޓް ވަރަށް ފޮނިވެދާނެއޭ މީހުން ކިޔާ.."ޚަލީސީ ކުރިމަތީގައި ހުރި ސޯފާގައި އިށީދެ އޭނަގެ ޗޮކްލެޓްތަށި ތުނބުގައިޖެހިއެވެ.
"ޚަލީސީ ތިކުރަނީ ބޭކާރު މަސައްކަތެއް. ސީރިޔަސްކޮށް އަހަންނަނީ އެހެން މީހުންނާއި ތަފާތު މީހެއް. މަގޭ ހިތާއި ހަމަޔަށް ފޯރުމަކީ އަންހެންކުއްޖަކަށް ވާނެކަމެއްނޫން. އެއަށްވުރެ ބޮޑަށް ހިތްހަލާކުވެ އިތުބާރުގެއްލިއްޖެ..."ޖަބްރީލް ކޮފީތަށި ހިފައިގެން ތެދުވެގެން ދާން ހިނގައިގަތުމުން ޚަލީސީއަށް ރޮވުނެވެ.
***
އަންވަރު ސޯފިއާއާއި ޔަޝަލްގާތު ދެއްކި ވާހަކަތަކުން ޔަޝަލް ލޯބޮޑުކޮށްލިއެވެ."ތިއީ ދޮގެއް. ރުބާބް އިންސާނަކަށް ނުވާންވީ ކީއްވެތަ؟ ހަމަ ނޯމަލްކޮށް އިންސާނެއްހެން އެއުޅެނީ...ގަބޫލެއް ނުކުރެވޭނެ..."