"ދުނިޔޭގެ ދަޅަތަކަށް ހެއްލި ޣާފިލުވެފައި ތިއްބާ ދާއިމީ ދަތުރަށް ފުރަން ޖެހުމަކީ ބޮޑުވެގެންވާ ހިތާމައެކެވެ."
***
މެންދުރު ވެހެންފެށިގޮތަށް ވާރޭވެހުން ހުއްޓައެއްނުލިއެވެ. ފަޒާގައި މިލިއަން ވާރޭތިކިތައް ނަށަމުންދާއިރު އަނދިރިކަމުންގޮސް ދުވާލުވެސް ރޭގަނޑަށް ހަދާލައިފިއެވެ. ކަޅު ޗާދަރެއް ފަތުރާލާފައިވާފަދައެވެ. ޖަބްރީލް ކޮފީއެއް ހަދައިގެން އައިސް ބޭރު ދޮރުޙުޅުވައިލީ ވާރޭވެހޭ މަންޒަރު ބަލައިލަން ފެންޑާގައި ޖައްސާލުމަށެވެ. އޭރު ޔަޝަލްއާއި ޚަލީސީ ސޯފާއަށް ދެފައި ނަގައިގެން ދެބޯ ޖެހޭހާ ކައިރީގައި އިށީދެލައިގެން ތިއްބެވެ.
"ޔަޝް ދައްތި. ލުކް ....ލުކް..."
"ކިހިނެއްވީ؟"
ޚަލީސީ ބިރުން ފިތްކެނޑޭފަދަ ގޮތަކަށް ޔަޝަލްގެ އަތުގައި އެލިގަތެވެ.
"ހާދަ ގިނަ ޖިންނިންތައް އެއޮތް ފައިބަނީ...."
"ޚަލީސީއަށް ފެނޭތަ؟ ސުބުހާނަﷲ...އެއީ ކީއްވެތަ؟ އަހަންނަކަށް ނުފެނޭ. ހަމައެކަނި ވާރޭގެ ބޯ ތިކިތައް ނޫން އެއްޗެއް ނުފެނޭ......."ޔަޝަލް ވައިއަޑަކުން ބުނެލިއެވެ.
"ވާރޭގެ ތިކިތަކަށްވުރެވެސް ޖިންނިން ގިނަ........" ޚަލީސީ ޔަޝަލްގެ މޭގައި މޫނު ޖައްސާ ބާރުކޮށްލިގޮތަށް ލޯމަރާ ބާރުކޮށްލައިގެން އޮތީ އެ މަންޒަރުދެކެން ބޭނުންނުވެފައެވެ.
"ހެލުސިނޭޝަންކަން ޔަގީން..ނޫނީ ހަމަ ޖިންނިއެއްގެ އުދަގޫ؟ މިވަރަށް ޖިންނިން ފެންނާންވީ ސަބަބަކީ ކޮބާ؟ އެހާވަރުން އުދަގޫކުރާން ޖެހޭނީ ކޮންމެވެސް ބޮޑުކަމެއް ހިނގީމައެއްނު......ރިވެންޖެއް ނަގަނީތަ؟"ޖަބްރީލްގެ ހިތުގައި އެތައް ސުވާލެއް އުފެދުނެވެ.
ޔަޝަލް އެހީއަށް އެދޭފަދަ ގޮތަކަށް ޖަބްރީލްއަށް ބަލައިލުމުން ޖަބްރީލް އެއް ބުމަ އަރުވައިލަމުން ލޯ ކުޑަކޮށްލީ ވިސްނާފަދަގޮތަކަށެވެ. ޚަލީސީގެ ވާހަކަތަކާއިމެދު ޖަބްރީލްގެ ހިތުގައި ބިރުވެރިކަން ހިނގައިލިނަމަވެސް ހިތް ގަބޫލުކުރަން ދެކޮޅުހަދަނީއެވެ. ޔަޝަލް ސިޓިންރޫމަށްވަދެފައި ޖަބްރީލްއަށް ރުބާބްގެ ހަގީގަތް ކިޔައިދިނުމުން އަޑުއަހަން ހުރީ ހިމޭނުންނެވެ. އިތުރު ޝުއޫރެއް އެމޫނުމަތިން ފައުޅެއްނުވިއެވެ.
"ވީއިރު ހަގީގީ ރުބާބް މޫދަށް ވެއްޓުނީ..."
"އާނ. ރުބާބް ބުނި އޭނަގެ ފުރާނަ ސަލާމަތްވީ ހަމަ ކިރިޔާކަމަށް...."
"ސޯ މިގޭގައި އުޅުނީ ޖިންނި އަންހެންކުއްޖެއް؟ ރުބާބްގެ ސިފަޖެހިގެން؟" ޖަބްރީލްއަށް ޔަގީންވީއިރުވެސް އެކަން އެނގުނުކަމަކަށް ނަހަދައެވެ. އޭނަ އަމިއްލަ ނަފުސަށް މަލާމާތްކުރެވުނީ އެކަން ގަބޫލުކުރަން ހިތް ދެކޮޅުހަދާތީއެވެ.
"އާނ....އަހަރެމެން އެންމެނަށް މި ވާހަކަ ޝެއާކުރީމަ ރުޅިއައިސްގެން ބަދަލުހިފަންވެސް އުޅޭނެ. ޒިކުރުކޮށްގެން ތިބީމަ ޖިންނިންނަށްވެސް ބޭނުންހާ ގޮތެއް ނެހެދޭނެ. އެކަމަކު މިގެ ހޯންޓެޑް މިވީ ކީއްވެތަ؟"
"ތަހުގީގެއް ހިންގަން ޖެހޭނީ..."
"އައި ތިންކް މަންމަމެންނަށް ކޮންމެވެސް ވަރަކަށް މި މައްސަލަގަނޑު އެނގޭހެން...ކާފައަށް ކުރިން ވާހަކަ ނުދެއްކުމާއި މަންމައަށް ނުހިނގުމަކީވެސް މެޑިކަލް މައްސަލައަކަށްވުރެ ރޫހާނީކަމެއް..." ޔަޝަލް ޔަގީންކުރިއެވެ. "މިކަންތައް ކޮންމެހެންވެސް ބަލަން އެބަޖެހޭ..މަންމަ ގާތު އަންވަރު ބުންޏޭ ސިހުރުހަދައިގެންވެސް މިގެއިން ޖިންނިންތައް ފައްސާލާ އަމާންކުރާނެކަމަށް. މަންމަ އެކަމާއި ވަރަށް ދެކޮޅު. މަންމަ ބުނީ ޖިންނިންވެސް މަންމަމެންނަށް އުދަގުލެއް ނުކުރާއިރު ކޮންމެހެން އެ ބަޔަކާއި އަޅައިގަނެގެން އުޅޭނެ ކަމެއް ނެތޯ. މަންމަ ބިރުވެސް ގަނޭ އެކަމަކު ޖިންނިންގެ ދިފާއުގައިވެސް ވާހަކަދައްކާކަން ފާހަގަވޭ. ލައިކް މަންމައާއި އެޖިންނިންނާއި ކަނެކްޝަނެއް އޮންނަހެންވެސް ހީވާ ކަހަލަ.........."
ޖަބްރީލް ވިސްނާ ފާޑަކަށް ބަލަން ހުރެފައި ކުޑަކޮށް ބޯ ޖަހައިލިއެވެ. މަންމަގެ ސިއްރުވެރިކަމާއި އޭނަދެކެ ފޫހިވުމުގެ އަސްލު ޖިންނިންނާއި ގުޅިފައިވެދާނެބާވައެވެ. ބައެއްފަހަރު މަންމައަށްޓަކާ ހިތުގައި އިހުސާސްތައް އުފެދެން އުޅެއެވެ. މަންމަ ކޮންމެފަދަ ގޮތަކަށް އަމަލުކުރިކަމުގައިވިޔަސް ދީނުގައި އޮތީ މަންމައަށް ހެޔޮކޮށް ހިތުމަށެވެ. އެއީ އަޅާނުލާ ދޫކޮށްލެވޭނެ އަމުރުތަކެއް ނޫނެވެ. ގުރުއާނާއި ސުންނަތަށް އަމަލުކުރަން މުސްލިމުން ޖެހޭނެކަމަށް ޖަބްރީލް ދެކެއެވެ.
***
ޚަލީސީ ފެންވަރާލައިގެން ނުކުތީ މަޣުރިބުވުމުގެ ކުރިން އަވަސްކުރަން ހަދައިގެންނެވެ. އެކަމަކު އޭނައަށް އިރުކޮޅެއް ލަސްވީއެވެ. ބިރުންހުރެ އަވަހަށް ހެދުންލައިގެން އިސްތަށިގަނޑު ހިއްކަމުން ނުކުތްއިރު ފެނުނީ ޖަބްރީލް ކޮޓަރިއަށް ވަންތަނެވެ. ޖަބްރީލް ދޮރު ލައްޕާލިއިރު ފަހަތުން ހިޔަންޏެއް ރީތިކޮށް ފެނުނެވެ. ޚަލީސީއަށް ދެން ނޭގުނީ އެ ހިޔަންޏަށް ވީގޮތެކެވެ.
"ކިހިނެއް ޚަލީސީ؟ އާ ޔޫ އޯކޭ ނައު؟"
"އަލްހަމްދުލިﷲ....ދެންމެ ބޫއާއެކުވެސް ޖިންނިއެއް މި ރޫމަށް ވަދެއްޖެ..."
"ސީރިޔަސްކޮށް؟" ޖަބްރީލްއަށް މަޖާވިއެވެ.
"ހަމަ ރީތިކޮށް ޝެޑޯވީ ފިގާ އެއް އައިގޮތަށް ގެއްލުނީ. މިގޭގައި ބައިވަރު ޖިންނި އުޅޭ. އަހަންނަށް ޖިންނިތައް ފެންނާން ފަށައިފި. މަންމަ ހީކުރަނީ ޖިންނި މޮޔަވީކަމަށް..." ޚަލީސީ ޖަބްރީލްގެ ކުރިމަތީގައި ހުއްޓި ދެކޯތާފަތުގައި އަތްތިލަ ޖައްސާލައިގެން ބަލަން ހުރީ ލޯބިން ވިރޭފަދަ ނަޒަރަކުންނެވެ. ކުޑަކުއްޖެއްގެ ހުންނަ ޝައުގު އެލޮލުގައިވިއެވެ. އެފަދަ މައުސޫމްކަމެއްވެސް މެއެވެ.
"މަންމަ ބުނި އަހަރެން ގާތު ޚަލީސީ ވަރިކުރާށޭ..."ޖަބްރީލް އަލަމާރި ހުޅުވާލާފައި ހަރުގަނޑުން ޓީޝާޓެއް ނެގިއެވެ.
"އަހަރެން ގާތުވެސް ބުނި ގެއަށް އަންނާށޭ. އައި ރިފިއުޒްޑް..."
"އެއީ ކީއްވެތަ؟ މިގެއިން ކޮން ހެޕިނެސްއެއް ޚަލީސީއަށް ލިބެނީ؟ ޖިންނިންނާއެކު ދިރިއުޅުމަކީ ފަސޭހަކަމެއްނޫން..."
"ތިއީވެސް ޖިންނިއެއްތަ؟"
"އެހެން ބުނާކަށް ނޭގޭ. މިވަރުން ދަންޏާ ކޮންމެ ކަމެއްވެސް ހަމަ ޕޮސިބްލް....ކާކު ހިތަށް އަރަނީ ޚަލީސީއަށް ޖިންނިން ފެންނަން ފަށާފާނެއޭ..." ޖަބްރީލް ލައިގެން ހުރި ޓީޝާޓް ބަދަލުކޮށްލިއިރު ޚަލީސީ ހުރީ ދުރަށް ބަލަހައްޓައިގެންކަން ޖަބްރީލް ފާހަގަކުރިއެވެ.
"މަންމަ ގާތުގައި ބުނިން މިގެއިން ނުދާނަމޭ...ގަދަކަމުން ބޭރަށް ނުލަނީސް...."ޚަލީސީ ނިންމުން އިއްވާލާފައި ދާން ހިނގައިގަތުމުން ޖަބްރީލްއަށް ބަލަން ހުރެވުނެވެ.
"ޚަލީސީ މަޑުކޮށްބަލަ....."
"ލައްބަ..."ޚަލީސީ ހައިރާންވިއެވެ. އަނެއްފަރާތަށް އެނބުރިގެން ހުރިއިރު ތުންފަތަށްވެރިވި ފުޅާ ރަކި ހިނިތުންވުން ޖަބްރީލްއަކަށް ނުފެންނާނެއެވެ. ފެނުނުކަމަށް ހިތާ އަނގަމަތީ އަތްވެސް އެޅުނެވެ.ދެން ޖަބްރީލްއާއި ކުރިމަތިވާގޮތަށް އެދިމާލަށް އެނބުރުނެވެ.
"އަހަންނަށްވެސް ހީވަނީ ޚަލީސީ ހުރުމުން ފޫހިފިލާހެން. މިގެއިން ގޮއްސިއްޔާ ވަރަށް ފަޅުވާނެ.....މިހާ ބަނަ ފޫހިތަނެއް އުޖާލާކޮށްލާ ކުއްޖަކީ ތިއީ..."ޖަބްރީލްގެ ފަހު ޖުމްލަވީ އޭނަގެ ހިތުގައެވެ.
ދެތިން ދުވަސްތެރޭގައި ޖަބްރީލްއާއި ޚަލީސީގެ އެކުވެރިކަން ކުރިއަށް ވުރެ އިތުރުވިއެވެ. ޚަލީސީކޮށްދޭ ކުދި ކުދި ކަންތައްތަކަށް ޖަބްރީލްގެ ހިތުގައި ތައުރީފު އުފެދެއެވެ. ދޭތެރެއަކުން ގެނެސްދޭ ކޮފީއެއް ނޫނީ ކޮޓަރީގައި ބަހައްޓައިދޭ މާ ކޮޅެއް ނަަމަވެސް ހެވެވެ. އޭނަ ފެނުމުން ޚަލީސީގެ ލޯ ދިއްލޭގޮތްވެސް މެއެވެ. ޚަލީސީގެ ހިތާމަތައް ފޮރުވައިގެން އަބަދު ހީހީފައި އުފާވެރިކޮށް އުޅެ އެހެން މީހުންނަށް އެހީތެރިވާތަން ފެނުމުން ޖަބްރީލްގެ ހިތުން ޚާއްސަ މަގާމެއް ހޯދިއެވެ.
***
ޚަލީސީއަށް ހޭލެވުނުއިރު އޭނައަށް އޮވެވުނީ ލޯންޗެއްގައެވެ. ލޯންޗު މަޑުމަޑުން ފަޅުން ވަންއިރުވެސް ތުނިކޮށް ވާރޭވެހެމުން ދިޔައެވެ. އޭނައަށް އެނގުމަކާއި ނުލައި ނިދީގައި އޮތްވާ މަންމަމެން އޭނަ މިގެނައިތަނެއް ވިސްނުމަކަށް ނައެވެ.
"ޚަލީސީ. މަންމަމެން ޚަލީސީ މިގެނައީ ރުގުޔާކުރަން. ދަރިފުޅު ތިހިރީ ވަރަށް ބޮޑަށް ޖިންނިއެއް އަވަލާފައި...."
"ވަޓް؟" ޚަލީސީ ލޯންޗުން ފުންމައިނުލީ ކިރިޔާއެވެ. "ކޮބާ ޖަބްރީލްމެން؟ މަގޭ ފޯނު........"
"މިއީ ބައްޕަމެން ހަދަމުންދާ އާ ރިޒޯޓު. މިތާ މަސައްކަތުމީހުން ފިޔަވާ އިތުރު ބަޔަކަށް ދެން އުޅޭނީ ރުގުޔާ ކުރާ މީހާއާއި ބައްޕައެކަނި...ދަރިފުޅަށް ރަގަޅުވީމަ ޖަބްރީލްގާތަށް ދާން ބޭނުމިއްޔާ ދެވިދާނެ. އެކަމަކު މިހާރު އެގޭގައި ބަހައްޓަން ބޭނުންނުވާތީ މިގެނައީ..." ތަންޒީލާގެ ޖުމްލައިން ޚަލީސީއަށް ބޮލުގައި އަތުން ހިފަހައްޓައިލެވުނެވެ.
"މަންމަމެން އަޅުގަނޑު ކިޑްނެޕްކޮށްގެން ތިގެނައީ..."
"ސަމްތިން ލައިކް ދެޓް..."
"ކޮބާ ދޮންބެ؟"
"ދޮންބެ މާލޭގައި ވީ...ކޮންމެގޮތެއްވިޔަސް އެއްވެސް ޕޭރެންޓެއް އެމީހެއްގެ ދަރިއެއް ޖިންނިންގެ ވަކިތަކުގެ ދަށަށް ނުރައްކަލަށް ހުށަހެޅެން ދޫކޮށެއްނުލާނެ. އިރާދަކުރެވިއްޔާ ދެން މިހަދާ އެތިފަހަރުން އެ ޖިންނި ދަރިކޮޅު އެއްކޮށްނެތިގެން ދާނެ..." ތަންޒީލާ ޚަލީސީގެ ބޮލުގައި ފިރުމައިލިއެވެ. ޚަލީސީގެ ލޮލަށް ކަރުނަ ޖަމާވިއެވެ. "މަންމާ. ޖަބްރީލްއަށް އެނގޭތަ؟"
"އާނ. އޭނަގެ ހުއްދަ ހޯދައިގެން މިއައީ. މިދުވަސްކޮޅު ސޯޝަލްމީޑިއާ މުޅިން މަނާވާނެ އިނގޭ........" ތަންޒީލާގެ އަޑަށް ހަރުކަށިކަމެއްވެރިވިއެވެ. "ނޯ ކޯލްސް ވައިބާ ތެދަށް ބުނަންޏާ ޖިންނިން ކީއްކުރަން އިންސާނުންނާއި މުއާމަލާތުކުރުންވެސް ރާގީ މަނާކޮށްފައި އޮތީ......"
"ގްރްރރްް...."ޚަލީސީ ދަތްތަކަށް ބާރުލިއެވެ.
"ދަރިފުޅު ރުޅިނާދޭ. ދަރިފުޅަށް ރަގަޅަށް ކަންތައް މިކުރަނީ...ރުގުޔާކޮށް ރަގަޅުނުވިއްޔާ ދުނިޔެއިން މޮޔަވާނީނު. ކިހާ ދެރަވާނެ. އެހެންވިޔަ ދޭކަށް މަންމަމެން ބޭނުންނުވާތީ މިގެނައީ. މިތާގައި ހަމަ ކުޅިވަރުކުޅެ މޫދަށް އެރި މަޖާކޮށް ހެދޭނެ. ސިކުނޑީގައި ކަމެއް ހުރިއްޔާވެސް ފަސޭހަވާނެ...."
ޚަލީސީ ކަކުލުގައި ބޯ ޖައްސާލައިގެން ހިމޭނުން އިނެވެ.
***
ޖަބްރީލްއަށްވެސް ރުބާބްއަކީ ރޫހާނީ ކުއްޖެއްކަން އެނގުމުން ބިރުން މިކާއިލްއަށް ގުޅައިގެން ރާގީއެއް ގެންނަން ވަނީ އެދިފައެވެ. ޖަބްރީލް ދަންނަ ރާގީއެއް ނޫޅެއެވެ. އެންމެ އަޖައިބުވީ އެ ދުވަސްކޮޅު ކުއްލިއަކަށް ސޯފިއާ މަންޒިލް އަމާންވެ ޖިންނިންގެ އެއްވެސް ހިލަމެއް ނެތްތަނަކަށް ވުމުންނެވެ. ރާގީ ގެނައުމުން ބުނީ އެގޭގައި ރޫހާނީ އެއްވެސް ކަމެއް ނެތްކަމުގައެވެ. އެ ޖިންނި އާއިލާ ނައްތާލި މީހަކަށް ޝުކުރުހުއްޓެވެ. އެންމެ ބޮޑަށް ހީވަނީ އަންވަރުގެ މަސައްކަތެއް ކަމަށެވެ. ކޮންމެވެސް ސަބަބެއްނެތި އެތާގައި ދިރިއުޅުނު ޖިންނިންތައް އެހާ ފަސޭހައިން ފިލައިގެން ދިޔުމަކީ ކަރާމާތެއްފަދަ ކަމެކެވެ.
މިކާއިލް ޖަބްރީލް ގާތު އެދުނީ "ސޯފިއާ މަންޒިލް" ހުރި އިމާރާތް ދިހަވަރަކަށް ފްލޯރއަށް ހަދާލާ އެތަން ނިންމަން އޭނަގެ އެކުވެރިއަކާއި ހަވާލުކޮށްދިނުމަށެވެ. ކޮންސްޓްރަކްޝަން ދާއިރާގެ އެންމެ އުހުގައި ފިޔަޖަހަމުންދާ އެކުންފުނީގެ ވެރިޔާއާއި މިކާއިލް ގެ އޮތް ގާތްގުޅުމުގެ ސަބަބުން އެގެ ރީތިކޮށް ފަރުމާކޮށްދޭން އެއްބަސްވީއެވެ. ދެފަރާތަށް ގެއްލުންނުވާފަދަ އެއްބަސްވުމެއްގެ ދަށުންނެވެ.
"މިގެހަދާ ނިމެންދެން އެހެން ގައުމަކަށް ދާންވީ.އަހަރެއް ދެއަހަރެއްހާ ދުވަސްތެެރޭގައި އަންނައިރު ބޫއަށް މިގެ ފެންނާނީ މުޅިން އާ ގެއެއްގެ ގޮތުގައި ދޯ........."
"އަދިވެސް ތިކަމަކަށް އެއްބަހެއްނުވަން. ރިބާ އެއްޗެއް މިދޭތެރެއަކަށް ނުވަންނާނެކަމުގެ ޔަގީންކަން ދެވޭނެ؟"
"އެކަމާއި ހާސްނުވޭ. އެހެންނޫނަސް ކާފައަށްޓަކާ މިކަމައި އެއްބަސްނުވެ ވާކަށްވެސް ނެތެއްނު. ކާފަ ދޭތެރެއަކުން ހަނދާންނެތުމާއި ބޮލުގައި ރިއްސަނީ ޓިއުމަރަކުންނޭ ޑޮކްޓަރ ބުނީ. ކުރީ ދުވަހު އަހަރެން ކާފަ އެމްްއާރުއައި ހަދާފައި އެވާހަކަ ނުބުނީ ބޫ ދެރަވެދާނެތީ...ދޮންބެ ބޭނުމީ ކާފަ އެމެރިކާއަށްގޮސްގެން ޓްރީޓްމެންޓް ފަށަން. ކާފައާއެކު ހުންނަން ބޫ ބޭނުމެއްނުވާނެތަ؟ ގެއަކުން ކީއްކުރާނީ؟ މާދަންވެސް އަހަރެމެން ދުނިޔެއާއި ވަކިވެގެން ދިޔައީމަ މުދަލުން ގެއަކުން ކުރާނެ އެއްވެސް ފައިދާއެއްނެތް. އެހެންވީމަ މިގެ ދޮންބެ ބޭނުންވާގޮތަކަށް ބޫއަށް ފައިދާވާގޮތަށް ދޫކޮށްފައި ކާފަގޮވައިގެން ލަސްނުކޮށް ފުރަމާ. މަންމައާއި ޔަޝްވެސް ގެންދާނީ......."މިކާލްގެ ވާހަކައިން ޖަބްރީލް އިނީ ޝޮކެއްގައެވެ. ކާފަ އެހާ ބަލިއިރު އެންމެން އޭނައަށް އެކަން ސިއްރުކުރީ ކީއްވެހެއްޔެވެ؟
***
ޖަބްރީލް ޖަންބުގަހުގެ ބުޑުގައި އިށީދެލައިގެން ދޮން ޖަންބެއް ކާން އިންދާ ޔަޝަލް ގާތުގައި އިށީނެވެ. ދެމީހުންވެސް ދައްކަމުން ދިޔައީ ކުއްލިއަކަށް ޖިންނި ރުބާބް ގެއްލުނުވާހަކައެވެ.
"އޭނަ ގެއްލުނަސް ބޫ ލައިކް ވީ އަސްލު ރުބާބް އެބަހުރި. ސޯ އޭނައާއި މެރީކުރުން ކިހިނެއްވާނެ ބާ......"
"ނޫން. މިހާރު ބޭނުމެއްނޫން..."
"އެއީ ކީއްވެ؟"
"ޝީޒް ނޮޓް މައި ޓައިޕް....ނޮޓް އެނީ މޯ...."ޖަބްރީލްގެ ސިކުނޑިއަށް އައީ ޚަލީސީއެވެ. އޭނައަށް މިހާރު ކަމުދަނީ ސީދާ ކަމާއި ސާދާކަމެވެ. ޚަލީސީވެސް ދީނަށް އުޅެން މަސައްކަތްކުރާވަރު އޭނައަށްވަނީ ފެނިފައެވެ.
"އޯ...."ޔަޝަލް ހައިރާންވިއެވެ.
"އެ ޗެޕްޓާ އަލުން ހުޅުވަން ބޭނުމެއްނޫން. އެހިސާބުން ދެން ނިމުނީ...ޚަލީސީއަކީވެސް ގޯސްކުއްޖެއްނޫން. މައްސަލައަކީ އަހަންނަށްވުރެ ޚަލީސީގެ އާއިލާގެ މުއްސަދިކަމާއި މޮޅުކަމުން އެހެން ގޮތަކަށް އެމީހުން ގެ ވިސްނުން ހުންނާނެތީ. މިހާރުވެސް އެންމެން ކިޔަނީ އަހަރެން ޚަލީސީއާއި ކައިވެނިކުރީ ފައިސާއާއިހެދިއޭ...އެކަމަކު ހަގީގަތުގައި އެހެނެއްނޫން......."
"ތި ނިންމީ ރަގަޅަށް. އަނބިމީހާދެކެ ލޯބިވާންވީވެސް ހެއްދެވި ފަރާތަށްޓަކާ. އެހެން އަންހެންކުދިންނާއިހެދި އުޅުނީމަ ތިއްތިއަށްވެސް ކިރިޔާ ނު ލަނޑެއް ނުލިބި ސަލާމަތްވީ...ދަރުސްދޭކަށްނޫން މިއުޅެނީ އެކަމަކުވެސް ބުނަން ބޭނުން މި ވާހަކަ. ދީނީ ކަންތައްތަކަށް ފަރުވާ ބަހައްޓަންވެސް އޮވޭ. އެހެން ނޫޅެވިފައި އޮންނަނީވެސް އެކަމަކު ހެއްދެވި ފަރާތަށްޓަކާ ލޯބިވާން ދަސްވުމަކީވެސް މުހިއްމުކަމެއް. އައި ހޯޕް ތިއްތިއާއި ޚަލީސީ ގުޅިގެން އުފާވެރި ހަޔާތެއް ލިބޭނެކަމަށް. އެއީހަމަ ވަރަށް ބެސްޓް ފަހަރިއެއް..."ޔަޝަލްގެ ހިތުގައިވާ އެއްޗެއް ހާމަކުރިއެވެ. ޖަބްރީލް ވަކި އެއްޗެއް ނުބުނު ކަމުގައިވިޔަސް އޭނަދެއްކި ވާހަކަތަކާއިމެދު ވިސްނާނެ ކަމަށް ޔަޝަލް އުއްމީދުކުރިއެވެ.
***
ޖިންނިންނަށް ދުނިޔޭގެ އެއްބައްރުން އަނެއް ބައްރަށް ދަތުރުކުރުމަށް މާގިނައިރުތަކެއް ނުނަގައެވެ. އެ މަޚުލޫގުންނަށް ދެއްވާފައިވާ ބާރުތަކުގެ ސަބަބުން ދުނިޔެ ވަނީ ކުޑަތަނެއްގެ ގޮތުގައެވެ. ސިކުންތުކޮޅެއްގެ ތެރޭ އައްޔަށްވުރެ ބާރަށް ދަތުރުކޮށް އެތައް މޭލެއް ކަޑައްތުކޮށްލައެވެ. ސޯފިއާ މަންޒިލްއަށް ޖިންނިން ވަދެ ނިކުމެ އުޅުން ފަސޭހަވެފައިވަނީވެސް ހަގީގަތުގައި ސިހުރުހެދުމުގެ ތެރޭގައި ގޯހެއް ހެދުމުންނެވެ. އެހެން ޑައިމެންޝަނެއްގައި އުޅޭއިރު ވަގުތާއި އެހެން ހުރިހާ ކަމެއް ތަފާތުވާތީ އެ ދުނިޔޭގެ ކުލަތަކާއި އަޑުތައް އިންސާނުންނަށް ޣައިބުވެފައިވަނީއެވެ.
އައިދަރޫސްއަށް އޭނަގެ ކޮއްކޮ އަދާލިއާ ޖަބްރީލްއާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އެނގުނަސް ކުރީކޮޅު އަޅާނުލަނީ އަސްކަލަން އަބަދުވެސް ފާރަވެރިއެއްގެ ގޮތުގައި ހުންނާނެކަން އެނގޭތީއެވެ. އިންސާނުންނާއި އެހެން އަވަލިޔަސް މުސްލިމުންނަށް ވުމުން އެކަން ހުއްޓާލާނެކަން ޔަގީންވުމާއެކުގައެވެ. ނަމަވެސް ޖަބްރީލްގެ ބައްޕަ ކިޔާ މީހާ ސިހުރުހަދަން އުޅޭކަން އެނގުމުން ވަގުތުން އޭނަގެ ބާރުގެ ދަށުގައިވި ޖިންނިން އެހެން ދިމާލަކަށް ގެންދިޔައީއެވެ. އައިދަރޫސްގެ ބައްޕަ އެތައް ކައިވެންޏަށް ދަރިން ލިބި އެހެން ގެލެކްސީއެއްގައި އެދުވަސްވަރު އުޅެމުން ދިޔުމުގެ ސަބަބުން އާއިލާގެ ޒިންމާދާރު ވެރިއަކަށް ހުރީ އަދާލިއާގެ ބޭބެ އައިދަރޫސްއެވެ. ކޮއްކޮއަށް ގެއްލުމެއް ލިބެން ނޭދޭތީ އޭނަ ނިންމީ އަދާލިއާގެ ކައިވެނި އަސްކަލަންއާއި ކުރުވުމަށެވެ. އަދާލިއާ ކިތަންމެ މަޖުބޫރުދެއްކިޔަސް އަސްކަލަންއާއި ހަވާލުކުރުމުން އައިދަރޫސްގެ ހިތަށްވެސް ކުޑަ ފިނިކަމެއް ލިބިދާނެއެވެ. އަސްކަލަންއާއި އަދާލިއާއަކީވެސް ރަސްކަލުންގެ ދަރިންނަށްވެފައި ދެ އާއިލާގެ އޮތް ގުޅުމުގެ ސަބަބުން މާ ކުރީއްސުރެން އެކައިވެނި ވަނީ ހަމަޖެހިފައެވެ.
އަސްކަލަން އަދާލިއާއާއި ކައިވެނި ކުރިއިރު އޭނައަށްވެސް ވަނީ ޔަޝަލްފެނިފައެވެ. ޔަޝަލްއާއި ދިމާކުރަން ހިތަށް އަރައެވެ. ނަމަވެސް އިންސާނުންނާއި ގުޅިގެން އުޅޭކަން އެނގިއްޖެއްޔާ ބައްޕަ އޭނަ ގަތުލުކޮށްފާނެކަމުގެ ބިރު އޮވެއެވެ. އެހެންނޫނަސް އަދާލިއާއަކީ އަބަދުވެސް އޭނަގެ ކުޑައިރުއްސުރެ ލޯބިވަމުން އައި އޭނަގެ ފުރާނަފަދަ ލޯބިވާ ޕަރީކަމުގައިވިޔަސް އަދާލިއާގެ ބޭވަފާތެރިކަމުން އޭނަގެ ހިތް ގޯސްވީއެވެ. ބޭރުފުށުން އެކަން ނުދެއްކިޔަސް ކުރިއްސުރެ ބަދަލުހިފުމުގެ ޝުއޫރުތައް ހިތުގައި ހިނގައިގަތެވެ. ޖަބްރީލްއާއިމެދު ހިތުގައި ހިނގައިގަތް ހަސަދައާއި ނަފްރަތު އޭނަގެ ސިކުނޑީގައި އަލިފާން ރޯކޮށްލައިފިއެވެ. ބާރުގަދަ ޖިންނިއެއްގެ އަދާވާތްތެރިއަކަށް ވުމަކީ އިންސާނަކަށް ފަސޭހަކަމަކަށް ނުވާނެއެވެ. އެއްކަމުން އަރައިގަނެވުނުއިރު ނޭގިނަމަވެސް ޖަބްރީލްއަށް އެހެން ކަމަކާއި ލައިގަތީއެވެ.
"އަހަރެން ގަނޑުވަރުތެރޭ ދޫންޏެއްހެން ކޮށްޓަކަށް ލައިގެން ގެންގުޅުނަސް މަގޭ ހިތެއް ނުލިބޭނެ..."އަދާލިއާ ގަނޑުވަރުގެ ކޮޓަރިއެއްގެ ތެރޭގައި ހުރިއިރު ދެލޮލުން އަލިފާން ނިކުންނަމުން ދިޔައެވެ. އަސްކަލަން ހަށަން ބަދެލައިގެން ހުރިއިރު އޭނަގެ މޫނުމަތިންވެސް ފެނުނީ ސީރިޔަސްކަމެވެ.
"މިހާރު ތިއީ މަގޭ އަނބިމީހާ. މަގޭ މިލްކަކަށްވީމަ އަދިވެސް ފާޅުގައި އިންސިއަކަށް ހިތް ތިކިޔަނީ؟އަހަރެން ކިހާވަރަކަށް އިންތިޒާރުކުރިން. ކިހާވަރަކަށް ލޯބިވިން. އެކަމަކު އާރެއް ބާރެއްނެތް އިންސާނަކަށްޓަކާ އަހަރެން ނިކަމެތިކޮށްލީ. މަގޭ ލޯތްބަށް އެއްވެސް ގަދަރެއް ނުކުރީމެއްނު. ކިހާ ކެތްގަދަ. ކިހާ ހިތްވަރުކުރިން. މިހާރު މަގޭ އަންހެނުންނަށްވުމަށްފަހު އަދާ ދެން ދިޔަކަ ނުދޭނަން....މިގަނޑުވަރުން ބޭރަށް އަދާއަކަށް ނުދެވޭނެ އިތުރަށް މަގޭ ހިތަށް ތަދުކުރަންޏާ އެ ޖަބްރީލް ނައްތާލާނީ. އެނޫންގޮތެއް މަށަށް ނުދެއްކީމެއްނު......."
"އަހަރެންދެކެ ލޯބިވާން އެގޭގޮތަކީ ތިއީ؟ ބިރުދައްކައިގެން؟ ޖަބްރީލްއާއި އާއިލާއަށް އެއްވެސް އަނިޔާއެއް ދީގެންނުވާނެ..."އަދާލިއާ ހަޅޭއްލަވައިގަތުމުން މާބްލް ދޮރުފަތްތައްވެސް ތެޅިލިއެވެ.
"ދެންވެސް އޭނަގެ މަތިން ހަނދާން ނައްތާލާ..."
"ތިކަމެއްނުވާނެ. މިހަށިގަނޑުގައި ފުރާނަ ހުރިހާ ހިނދަކު..."
ދޮރުވާނަކު ހުއްދަ ހޯދައިގެން އައިސް ކުރުނީސްކޮށްފައި ދެންނެވިއެވެ. "މާތް ސާހިބާގެ ފައިންޕުޅުދެކެން ޝެހްޒާދާ އައިދަރޫސް އެބަހުންނެވި..."
"އެތެރެއަށް ވަންނަން ހުއްދަދީ..."
"އަހަރެން ބޭނުމެއްނޫން ބޭބެއާއި ބައްދަލުކުރަން...ބޭބެވެސް މަށަށް އަނިޔާވެރިވީ..."އަދާލިއާ އެނބުރުނީ އަނެއް ފަރާތަށެވެ. "މި ޖިންނި ދުނިޔެދެކެ ފޫހިވޭ. މިތާކު ނުހުރެވޭނެ............"
އިރުުގަނޑެއްނުވަނީސް އައިދަރޫސް އެތަނުން ފައުޅުވިއެވެ. ދިގު އިސްކޮޅާއި ބިޔަކަމާއިއެކު ހައިބަވަންތަކަމުން ފުރިފައިވާ ޒުވާނެކެވެ.
"އަދާ...އަދިވެސް ރުޅި ފިލާކަށް ނުވޭތަ؟"
"އައިދަރޫސް. ކޮއްކޮއަށް ވިސްނައިދީދީ އަޅުގަނޑުވެސް ވަރުބަލިވެއްޖެ. މިތާގެ އުސޫލާއި ޚިލާފުވުމަކީ ގޯސްކަމެއް. އަދާއަށް އެކަން އެނގޭއިރުވެސް އެންމެން ނުރައްކަލުގެ ތެރެއަށް ވައްޓައިލަން އެއުޅެނީ. ހަމައެކަނި ހަލާކުވެގެންދާނީ ނެތިގެންދާނީ އަދާއެއްނޫން. އަހަރެމެން އެންމެން ފަނާވެގެންދާން ޖެހިދާނެ..." އަސްކަލަން ބުނެލިއެވެ.
އައިދަރޫސްއާއި އަދާލިއާ ކޮޓަރީގައި އެކަނިކޮށްލާފައި އަސްކަލަން ލޯމަތިން ގެއްލުނެވެ.
***
ޔަޝަލް ހުރީ ޚަލީސީ އޭނަގެ މަންމައާއެކު ދިޔަގޮތަށް ޚަބަރެއްނުވެގެން ދެރަވެފައެވެ. އެމެރިކާއަށް ފުރަންވެގެން ދަތުރުހެދުމުގައި އަވަދިނެތި އުޅުނުއިރު ދޭތެރެއަކުން ޚަލީސީއަށް ގުޅިއެވެ. އެކުއްޖާގެ ފޯނު ނިވާލައިގެން އުޅޭ ސަބަބެއްވެސް ނޭގެއެވެ. ޖަބްރީލް އުޅުނީ މުޅިންހެންވެސް ކާފަ ގޮވައިގެން ހޮސްޕިޓަލުގައެވެ. ވިސާގެ ކަންތައް ނިންމުމާއި ހޮސްޕިޓަލުން ބޭނުންވާ ލިޔުންތައް ހޯދުމުގައެވެ.
އިރުއޮއްސި ރަތްވިލާތަކުން އުޑުމަތި ހުޅުދާންވެފައިވާއިރު އެމަންޒަރު ރީތިކަމުން ޔަޝަލް ފޮޓޯނަގަމުން ދިޔައެވެ. ގަސްތަކުގެ ތެރޭގައި މިނިވަންކަމާއެކު އުޅެވުނީ މިފަހުން ގެ އަމާންތަނަކަށްވެފައި ވުމުގެ ހިތް ހަމަޖެހުމާއެކުގައެވެ. ކުއްލިއަކަށް ފަޒާ ފިނިވެލިޔަސް ހަށިގަނޑުގައި ފިނި ވައިރޯޅިއެއް ބީހިލިފަދަ އިހުސާސެއް ކުރެވި ގައިން ހީބިހި ނަގައިގަތެވެ. ޔަޝަލް ބެންޗުމަތީގައި އޭނަ ބޭއްވި ފޯނާއި ވާހަކަފޮތް އަދި ތަޅުދަނޑި ނަގަންވެގެން ބަލައިލިއިރު އެތާ އޮތީ މަލެކެވެ.