"ދިރިއުޅުން ފަޅި ސިކުންތުކޮޅެއްގެ ތެރޭގައިވެސް ބަދަލުވެގެން ހިނގައިދާނެއެވެ. ގިނަގިނައިން ދުޢާކުރާށެވެ. ދުއާއަކީ ބާރުގަދަ ހަތިޔާރެކެވެ."

***

"އަސްކަލަންއަކީ ކާކު؟" ކުއްލިއަކަށް މިކާލް އަހާލައިފިއެވެ.

"އަސްކަލަންއޭ...ކީއްވެ ތިހެން އެހީ؟" ލުއުލުއު ސިހުނެވެ.

"ނިދަން އޮވެ ތެޅިފޮޅުނީ. އަސްކަަލަންއަކަށް ގޮވީ އެހެންވެ.......އިމޭޖިނަރީ ފްރެންޑުތަ؟" މިކާއިލް ހީލިއެވެ."އޭ. ނިތްކުރީގައި ވަކި އަޅާފައި ކިހިނެއްވެފައި..."

ލުއުލުއު ވަގުތުން ބޮކިތައް ދިއްލާފައި ލޯގަނޑުން މޫނަށް ބަލައިލުމާއެކު ގެ ގުގުމައިގެންދާހާ ބާރަށް ހަޅޭޭއްލަވައިގަނެވުނެވެ."މޫނުގައި ލަކުނުވެސް ލާނެ. ނޭގޭ ވީކަމެއްވެސް..."

ބާރު ގުގުރިއެއްގެ އަޑާއެކު ކަރަންޓު ކެނޑި ކޮޓަރި އަނދިރިކަމުގެ ތެރެއަށް ގެނބުނެވެ. ވިދުވަރުގެ ތޫނު އަލިން ކޮޓަރިތެރެ ދިއްލިގެން ދިޔުމާއެކު ލުއުލުއުގެ ނަޒަރު މިކާއިލްއަށް ހުއްޓުނެވެ. އެއާއެކު އޭނަ ބިރުން އަވަދިވާވަރުވިއެވެ. މިކާއީލްގެ މޫނު ހީވީ ފެންގަނޑެއްގެ ތެރެއިން ގޮތްގޮތަށް ބަދަލުވަމުންދާހެންނެވެ. ބިރުވެރި މަޚުލޫގެެއްގެ ސިފަޖެހި ޝައިތާނީ ހިނިތުންވުމެއް ތުންފަތަށް ވެރިވެފައެވެ. ލުއުލުއާގެ ގައިގެ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހުނެވެ. ހަޅޭއްލަވައިގަންނަން އަނގަ ހުޅުވާފައި އަނގަ ލެއްޕުނީ މިކާއިލްގެ މޫނުގެ ސިފަ ރީތިވި ތަންފެނިފައެވެ. ހެލުސިނޭޝަންކަމަށް އޭނަ ނިންމިއެވެ.

ހެދުނު ތެދުވެ ލުއުލުއު މޫނުގައި ފައުންޑޭޝަން އުނގުޅައިލާ ލަކުނުތަކުގެ ކުލަ ފަނޑުކޮށްލުމުގައި ކާމިޔާބުކުރިއެވެ.

އެދުވަހުން ފެށިގެން ލުއުލުއު އަސްކަލަންއާއި ސިއްރުން ގުޅިގެން އުޅެއެވެ. ޝަހަރުތެރެއަށް ދާކަމަށް ބުނެފައި ނިކަން ސިއްރުން ވަލުތެރެއަށްގޮސް އަސްކަލަންއާއިއެކު އުޅެފައި ރޭގަނޑުގެ ވަގުތުތައް މީކާއިލްއާއެކުގައެވެ. އޭނަ ގަބޫލުކުރާގޮތުން ދެމީހެއްދެކެވެސް ލޯބިވެވިދާނެއެވެ. ހިތުގެ މައްޗަށް ބާރުނުފޯރުވޭނެއެވެ. ދީނުގައި އެގޮތަށް ހުއްދަނޫން ގޮތަށް ގުޅުމުން ދިމާވެދާނެ މައްސަލައަކާއިމެދު ލުއުުލުއުާ ވިސްނާނުލައެވެ.މިކާއިލްއަކީ ފިރިމީހާއަށް ވާހިދު އެގޮތަށް ހިލޭ މީހެއްގެ ކައިރިއަށް ދިޔުމަކީ ކިހާ ބޮޑު ފާފައެއްކަން އެނގޭއިރުވެސް ޝައިތާނާގެ ދަޅައަށް ހެއްލުނީއެވެ.

***

އަދާލިއާ އަސްކަލަންގާތު އެދުނީ ޚަލީސީވެސް އޭނަގެ ދަލުގައި އެގޮތަށް ޖެއްސުމަށެވެ. ޚަލީސީ އެކަނި ފެންގަނޑުކައިރީގައި ސްވާން ތަކަށް ކާންދޭން ހުއްޓާ އަސްކަލަން އެންމެ ހިތްދަމައިގަންނަ ސިފައިގާހުރެ އެތަނަށް އައިސް ޚަލީސީ ހައްލަން ވާހަކަދައްކަންފެށިއެވެ. ހިލޭ ފިރިހެނަކު އެގޮތަށް އެތަނަށް އައުމުން ޚަލީސީ ވަގުތުން ހިތްހަމަނުޖެހުމާއެކު ދުރަށް ދާން ހިގައިގަތެވެ. އެއްވެސް ޝައުގެއްނެތެވެ. އަޒްކާރު ކިޔަވައިގެން ހުރުމުން އަސްކަލަންވެސް އިތުރު ގޯނާއެއް ކުރަން ނުކެރުނެވެ. ދެން ހުރި ޔަޝަލްއަށްވެސް އެކި ފަހަރު މަތިން އަސްކަލަން އެކި ސިފައިގާ ފެނި ވާހަކަދައްކަން އުޅުނަސް އެކުއްޖާގެ އެއްވެސް ޝައުގެއްނެތެވެ. ފިރިހެނުންދެކެ މާވަރަކަށް ނަފްރަތުކުރާ ކުއްޖަކީކަން ނޭގެއެވެ. އަސްކަލަންއަށް ކާމިޔާބުވީ ހަމައެކަނި ލުއުލުއާއެވެ. ކޮންމެ ސިފައެއްގައި ފެނުނަސް ލުއުލުއާއަށް އެވަރެއްނެތެވެ. އޭނަ ސްކޭޓްކުރަން އުޅެނިކޮށް އަސްކަލަން އެހެން ސިފައެއްގައި އައިސް ވާހަކަދައްކަން ފެށުމުންވެސް ލުއުލުއާ ތުއިވެފައި ފޯނު ނަމްބަރުވެސް ދިނެވެ. އަސްކަލަން ޖިންނިއަކަށްވިޔަސް ހައިރާންވެ އަންތަރީސްވިއެވެ.

***

ވާރޭ ވެހެމުންދާ މަންޒަރު ބަލަން ކާފަ ފެންޑާގެ ސޯފާގައި އިށީދެލައިގެން އިންއިރު ޖަބްރީލްއައި ހަކާން ތާސްކުޅުމުގެ ފޯރީގައި ތިއްބެވެ. ބާރު ގުގުރިއާއެކު ވިދުވަރުގެ ތޫނު އަލި އެޅެންފެށުމުން އެދެ ޒުވާނުންގެ ސަމާލުކަން އެކަމަށް ހުއްޓުނެވެ. ރޫހާނީ ކަންތައްތަކުގެ ތަފްސީލު އަހާހިތުން ހަކާން ސުވާލުކުރިއެވެ. ކާފައާއި ރޫހާނީ ދުނިޔެއާއި އެއްވެސް ގުޅުމެއް ވޭހެއްޔޭ އަހައިލިއެވެ.

"މިކާއިލްގެ ބައްޕައަކީ ޖިންނިއެއް..."

"ދެން ކީއްވެގެންނޯ އޭނަ ބިރުން އުޅެނީ؟ ބޫމެން ގެއަށް ގޮސްފައިވެސް އެހާ ހާސްވެގެން ކުރީކޮޅު އުޅުނު. ޖިންނިއެއްގެ އެއްވެސް ބާރެއް ނުހުރޭ.."

"އޭނަގެ ބައްޕައަކީ ޖިންނިއެއްކަމާއިމެދު ޝައްކުވީ ކުރިން ސޯފިއާ އުޅުނުގޮތުން.އޭރު އެހާ ހޭލުންތެރިއެއްނޫން. ކާފަގެ ގެ ރައްކަލަށް ކަންވެރިކަން ކުރުވުމަށްފަހު ޖިންނިންނާއި ހަވާލުކުރެވުނުއިރު އަމިއްލަ އަންހެންދަރިއަށްވެސް ޖިންނިއެއްގެ ރައްކާތެރިކަން ހޯދަދެވުނީ. ތަވީދު އަޅާފައި ބުނިން ނިދާއިރުވެސް ގަޔާއި ވަކިނުކުރާށޭ. ބައެއްފަހަރު އެގޮތަށް ހަދާ ފަންޑިތަ ނުބަޔަށް ޖެހޭ. ސޯފިއާއަށްވެސް އެހެންވެ އެ ޖިންނީގެ އުދަގޫތައް ބޮޑުވެ ހަނދުބޮޑުވާ ރޭތަކުގައި މޮޔަވެ ގެއިން ބޭރަށްވެސް ނިކުމެ އުޅުނީ. ހަމްދާނުއާއި ކައިވެނިކުރި. ފަހުން ސޯފިޔާގެ މަންމަ ބުނީ ސޯފިއާ ޖިންނިއަކާއި ރައްޓެހިވެގެންނޭ އުޅެނީ. ހަމްދާނު ވިޔަފާރި ދަތުރުތަކުގައި ފުރައިގެން ދިޔައީމަވެސް ސޯފިޔާގެ ކޮޓަރީގައި އެ ޖިންނި އުޅޭކަމަށް ވަނީ.. ފަންޑިތަހަދާ ދިން މީހާ ބުނީ ބާރުގަދަ ރަސްކަލެއް ސޯފިއާއާއި އަޅައިގެން އުޅޭ ކަމަށާއި އަންދާލަން އުޅެފިއްޔާ އަހަރެމެންނަށްވެސް ގެއްލުންވެދާނެއޭ. އެހެންވެ އެކަމުން ސަލާމަތްވާން މަސައްކަތެއް ނުކުރެވުނީ.. މިކާއިލް ކުޑައިރުވެސް އެކަނިމާއެކަނި އިނދެ ކޮންމެވެސް ކުއްޖަކާ ވާހަކަދައްކާ. ނުވެސް ރޮއި. ކާފަމެން ކޮޓަރިއަށް ދަންވަރު ވަދެ ބަލައިލާއިރުވެސް މައްޗަށް ބަލައިގެން އެ ނުފެންނަ ބަޔަކާއި ވާހަކަދައްކަން އޮންނަނީ. އެހެންވެ ތަފާތުކަން އޭރުއްސުރެ އެނގުނު. މިކާއިލް ގޭގެ މަތީބައިން ވެއްޓުނުދުވަހުވެސް އެއްވެސް އަނިޔާއެއް ނުވެ ސަލާމަތްވި. ގެއްލިގެން ހޯދަމުންދަނިކޮށް ވަޅުން ފެނިގެން ނެގިއިރުވެސް ފެންފޮދެއްހާ މިންވަރު ބޮވިފައެއްނެތް. ކިރިޔާ ހިނގޭވަރުވުމުން ނިދީގައި ހިނގާފައި ބޭރަށް ނިކުމެ ވަލުތެރޭގައި އުޅެނިކޮށް ސޯފިއާ އެ ދަރި ނަގައިގެން ގެނެސް އުޅޭ. ސޯފިއާވެސް ހަމަ އެކަހަލަގޮތަކަށް އުޅުނީ..........."

"ތި މައްސަަލައަށް ޑޮކްޓަރުން ނަމެއް ދީފައި އެބައޮވޭ...." ހަކާން ހެދިބިލެތްގަނޑު ހުރިގޮތަށް އަނގަޔަށް ލައިގެން އިނދެ ވާހަކަދެއްކިއެވެ.

"އެމީހުން ދެކޭގޮތުން ރޫހާނީ ކަންތައްތަކަކީ ދޮގެއް...އޮޅުވައިލުމެއް...އެކަމަކު ހަގީގަތުގައި ކާފައަށް އިރު ފެންނަ ފަދައިން އެނގޭ ކަމަކީ ކާފަގެ އާއިލާއާއި ދިމާވެގެން އުޅެނީ ޖިންނި ކަންތައްގަނޑެއްކަމާއި މިކަމުން ސަލާމަތްވެވެން އޮތީ އެންމެންގެ އަގީދާ ވަރުގަދަވެގެން ކަން...................."

"މިކާއިލް ޖިންނިއަކަށް ވެއްޖެއްޔާ އަޅުގަނޑުމެން ކޮންތާކު ލައްވަނީ؟ އަންވަރު ބުނިގޮތުން ހަމްދާނުއަކީ އަޅުގަނޑުގެ ބައްޕަ.."

"ސޯފިއާ އަންވަރުގާތު ބުނާ އެއްޗެއް އޭނަ ގަބޫލުކުރާނެ...."

"އޭގެ މާނައަކީ އަދި އެބުނަނީ ރަގަޅަކަށް ނޫނޭތަ؟" ޖަބްރީލް ސިހުނެވެ. މަންމައާއި އެ ސުވާލުކުރިޔަސް އޭނައަށް އަދިވެސް ވަނީ ބައްޕައަކީ ކާކުކަން ނޭގިފައެވެ. އެކަމާއި ބައެއްފަހަރު ވިސްނެއެވެ.

"ހަމްދާނު ސޯފިއާ އެމެރިކާއަށް ގެނައިފަހުން މިކޮޅުގައި އުޅެމުން ޖަބްރީލް ވިހެއީ..އެއީ ކާފައަށް އެގޭ މިންވަރަކީ..."

"އައި ފީލް ހަމަ ޔަޝަލްއާއި އަޅުގަނޑުގެ ބައްޕަވާނީ އެކަކަށްހެން.. ދެމީހުންގެ ލޮލުގެ ކުލަވެސް އެއްގޮތްވީމަ.."

ސޯފިއާ ފަހަތުގައި އެ ވާހަކަތައް އަހަން ހުރިއިރު މޫނުމަތި ރަތްވެ ތުން ފިތައިގަނެވުނެވެ.

 

***

މިކާއިލް ރުބާބް ގެންގޮސް އެގެއަށް ލުމަށްފަހު ލުއުލުއު ތައާރަފުކޮށްދިނީ އެގޭ މަތީބައިގާ ކުއްޔަށް ހުންނަ އޭނަގެ ޕާސަލަން އެސިސްޓެންޓްގެ ގޮތުގައެވެ. ރުބާބްގެ ލޮލުގެ ރީތިކަމުން ހިތް އަނދަ އަނދާ ވި ލުއުލުއުއަށް މިކާއިލްގެ އެ ޖުމްލައިން ހިތަށް ތަސައްލީއެއް ލިބުނެވެ. މިކާއިލް ޚާދިމާއެކޭ ނުބުނިކަން ނަސީބެކެވެ. އޭނަ އެގެއަށް އައީވެސް އެހެން ބުނަން މިކާއިލްއަށް ވިސްނައިދީގެންނެވެ. މިކާއިލްގެ އަމިއްލަ ގެއެއްގައި އޭނަވެސް ދިރިއުޅެން ބޭނުންވުމާއެކު މިކާއިލްއާއި ރުބާބް އަނގައިން ބުނިޔަނުދޭން އޭޭނައަށް ކުރެވުނުހާ މަސައްކަތެއްކުރެވޭނީ ގާތުގައި ފާރައަށް ހުރެގެންނެވެ.

މިކާއިލްގެ ސީރިޔަސްކަމައެކު އަބަދު ބުމަ ކައިރިކޮށްލައިގެން ހުރެފައި ދާން ހިނގައިގަތުމުން ލުއުލުއު ފަހަތުން އައެވެ. އޭރު މިކާއިލް ކާރަށް އަރަނީއެވެ.

"މިކާ..މިރޭ އަންނައްޗޭ.."

"އަހަރެންގެ ރޫލްސް ފޮލޯކުރޭ. ނޫނީ މިތަނުން ދޭ..."މިކާއިލްގެ އަޑުގައި ރުންކުރުގޮތެއް ހުއްޓެވެ. ލުއުލުއުގެ ހިތަށް ފިނިވިއެވެ.

"ރުޅިއައީތަ؟"

"އަހަރެން ބުނެފީމެއްނު ބައްޕައަށް ހަގީގަތް އެނގެން ބޭނުމެއް ނޫނޭ. ޖަސްޓް ފޮލޯ މައި އޯޑާސް......"

ލުއުލުއުގެ ހިތުގައި ރުބާބްއާއިމެދު އިތުރު ހަސަދަވެރިކަމެއް ހިނގައިގަތެވެ. މިކާއިލްއަށް އައިހާ ބޮޑު ބަދަލެއްގެ ފަހަތުގައިވަނީ ރުބާބްއެވެ. އެކަމަކު އޭގެ ކުރިންވެސް އޭނައާއި މިކާއިލް ކައިވެނިކުރީ ކޮންމެވެސް މަގުސަދެއްގައިކަން ލުއުލުއުދަނެއެވެ. އޭނަގެ ބައްޕައާއި މިކާއިލްއާއި ދެމެދުވެސް ނޭގޭ ސިއްރުވެރި ގުޅުމެއް އޮވެއެވެ. އެކަން ދެނެގަންނަންވެސް ހިތްވަނީ ބޭގަރާރުވެފައެވެ. މިކާއިލްއަކީ ސިއްރުން ފުރިފައިވާ އިންސާނެކެވެ. އެހާ ސީރިޔަސް މީހެކެވެ. އެކަމަކު ކޮޓަރީގައި އުޅޭއިރު ބުއްތަށިބޮއިގެން ޓެޑީ ހިފައިގެން ޅަކުއްޖެއްހެންނެވެ. މީހުން ކުރިމަތީގައި އޭނައަކީ ބޮސްއެކެވެ.

 

***

ދަންވަރު ދޭއްޖަހަމުން ދިޔައިރު ޖަބްރީލްވެސް ގަސްތަކުގެ ތެރެއިން މަޑުމަޑުން ހިނގަމުން ދިޔައީ މިކާއިލްއަށް ފާރަލަމުންނެވެ. އޭނައަށް ކޮންމެ ރެއަކުހެން މިކާއިލް ދަންވަރު ގަސްތަކުގެ ތެރެއަަށް ވަދެގެން ދާތަން ފެންނަނީއެވެ. އެދާތަނެއް ބަލައިލުމުގެ ޝައުގާއެކު މިރޭ ދިޔައީ މިކާއިލްއަކީ ޖިންނިއެއްގެ ދަރިއެއްކަން ކާފަގެ ފަރާތުން އެނގިފައި އޮތުމުން އެކަން ޔަގީންކޮށްލުމަށެވެ. ތަންކޮޅެއް ފިނި ގަދަވިޔަސް އޭނަ ހީކަރުވައިގަތީ އެހެން ސަބަބަކާއިހެދިއެވެ. ހިމޭންކަން ކުރިއަށްވުރެ ފުންވެ ގަސްތަކުގެ ގޮފިތަކާއި ސޫފީގެ އަޑުވެސް ކެނޑުނެވެ. ޖަބްރީލްއަށް ކުއްލިއަކަށް ފެނުނީ ގަސްތައް ނެތް ހުސްތަންކޮޅެކެވެ. ޖަބްރީލް ގަސްބޮނޑިއެއްގެ ދޭތެރޭގައި ފިލައިގެން އޮތްވާ މިކާއިލް އެތާ ތިބި ނުފެންނަ މަޚުލޫގުންތަކާއި ސަލާމްކޮށްލިއެވެ. ޖަބްރީލް ބަލަން ހުއްޓާ ދުންފިނިގަނޑު ސާފުވަމުންގޮސް އެތާ ތިބި އެތައް މަޚުލޫގުންނެއް އޭނަގެ ލޮލަށް ފެންނާން ފެށިއެވެ. އެންމެން ގުދުވެ މިކާއިލްއަށް އިހުތިރާމް އަދާކުރިއެވެ. އޭނަ ވާހަކަދައްކަންފެށީ އެހެން ބަހުރުވައަކުންނެވެ. އަޑުގައި އަމުރުވެރި ނުރައްކާތެރިގޮތެއް ހުއްޓެވެ.

"ޖިންނި ގޭންގްސްޓާރއެއް...ސުބުހާނަﷲ.."ޖަބްރީލް އެތަނުން ސަލާމަތްވެގެން އަވަހަށް ދުރަށް ދާން ހިނގައިގަތެވެ. ފިނި ދަލެއްވެސް ހިއްލާލައިފިއެވެ. އޭނައަށް އިރުއިރުކޮޅާ ފަހަތަށް ބެލުނީ އެއިން މަޚުލޫގެއް ފަހަތުން އަތުވެދާނެކަމުގެ ބިރަށެވެ.

 

***

ޖަބްރީލް ގެއަށް ވަންއިރު ސިޓިން ރޫމްގެ ސޯފާގައި މިކާއިލް އޭނަގެ އިންތިޒާރުގައި އިންދާ ފެނުމުން ލިބުނު ސިހުމާއެކު ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ. މިކާއިލް ބުމަކައިރިކޮށްލައިގެން އިންއިރު އެލޮލުން ފެނުނީ ސީރިޔަސްކަމާއި ހިތްހަމަނުޖެހުމުގެ ކުލަވަރެވެ."ކޮންތަނަކުން ތިއައީ؟"

ޖަބްރީލް ޖަވާބެއ ނުދިނެވެ. މިކާއިލްއަކީ ޖިންނިއެއްކަން އޭނައަށް ޔަގީންވެއްޖެއެވެ. އިތުރަށް އޭނަ ބުނާނީ ކީކޭހެއްޔެވެ؟ ޖިންނިއެއްކަން ޔަގީންވާ އަނެއް ސަބަބަކީ އޭނަގެ ކުރިން އައިސް މިކާއިލް މިތާގައި އިނުމެވެ.

"ސްލީޕްވޯކިން..."ޖަބްރީލް ހިންދިރުވައިލިއެވެ.

"ތިހެން އުޅެނިކޮށް ލަނޑެއް ލިބިދާނެ..."މިކާއިލްގެ އަޑުގައިވަނީ އިންޒާރެކެވެ. ޚަލީސީއަށް އެތަނަށް ނުކުމެވުނީވެސް އެވަގުތުއެވެ. އޭނަވެސް ފާޑުފާޑު އަޑުއިވި ދޮރުގައި ތަޅާ އުދަގޫކުރާވަރުން ނޯވެވިގެން ނުކުމެގެން އައީ ޖަބްރީލްއަށް އެވާހަކަ ކިޔައިދޭށެވެ. މިކާއިލްގެ އެންމެ ފަހު ޖުމްލަ އިވުނުކަމަކަށް ޚަލީސީ ނެހެދިއެވެ.

"އެކަނި ނިދަން ނުކެރިގެން މިއައީ..."

"އޯވް....ވަޓް ހެޕެންޑް.."ޖަބްރީލް ގެ ހުރިހާ ސަމާލުކަމެއް ޚަލީސީއަށް ހުއްޓުނެވެ."މިއަންނަނީ......."

ޚަލީސީ ހިނގައިގަތުމުން މިކާއިލް ތެދުވެގެން އައިސް ޖަބްރީލްގެ ކޮނޑުގައި އަތް ބޭއްވުމުން ޖަބްރީލް ދުރުވާންވެސް އުޅުނެވެ. މިކާއިލް ޖިންނިއެއްކަން އެނގުނުފަހުން އޭނަގެ ހިތަށް ވެރިވެފައިވާ ބިރު އެލޮލުން ފެނެއެވެ.

"ބޫ.....ޚަލީސީ އެކަނި ކޮޓަރީގައި ބާއްވަން ހަދާނެކަމެއްނެތް. އަހަރެން މިހުންނަނީ ނުފެންނަކަމަށް ހަދައިގެން. މީގެފަހުން އެގޮތަށް ނަހަދާތި.ނޫނީ އަނެއްކާ އެއްކަލަ ޖިންނި ރުބާބް ޚަލީސީކަމަށް ހެދިގެން ބޫ ގާތުގައި އޮތްތަން ދެން ފެންނާނީ..."

ޖަބްރީލް ބާރުބާރަށް ހިނގާފައިގޮސް ޚަލީސީއާއި އަރާހަމަކުރިއެވެ."އަޒްކާރު ކިޔަވައިގެން ނިދާއިރު ކިޔާ ދުޢާތައްވެސް ކިޔަވައިގެން އޮތީ..އެހެންވެކަން ނޭގޭ ޖިންނިތައް ދުރުގައިތިބެ އުދަގޫކުރަނީ. އައި ތިންކް ދިސް ޕްލޭސް އިޒް ހައުންޓެޑް..."

ޚަލީސީ ގެ އަޑު ކިތަންމެ މަޑަސް ހޯލުތެރޭގައި ގުގުމައިގެން ދިޔައެވެ.

"ތިބުނީ ތެދެއް. އެއްވެސް އިންސާނަކަށްވެސް އިތުބާރެއް ނުކުރެވޭ. މިގެއާއި އަވަލައިގެން މިއުޅެނީ އަހަރެންގެ އަމިއްލަ ބޭބެ. އެކަން ޔަގީންވީ މިރޭ...ޚަލީސީއަށް އެނގޭނެނަމަ.........."ޖަބްރީލްގެ ޖުމްލަތައް ވީ ހިތުގައެވެ.

"ލުކް ޚަލީސީ..ހުރިހާ މަޚުލޫގުންނަށްވުރެ މާތްކުރެއްވީ އިންސާނުން. އަދި ބާރުގަދައީވެސް އަހަރެމެން. ﷲ އެންގެވިގޮތަށް އުޅުނީމަ ޖިންނި ޝައިތާނުންގެ ފަރާތުން ސަލާމަތްކުރައްވާކަން ޚަލީސީއަށްވެސް އެނގޭނެ. ހެނދުނާއި ހަވީރު ޒިކުރުކުރަން އޮތީވެސް އެހެންވީމަ ދޯ. އަދި އަގީދާ ވަރުގަދަވާންޖެހޭ.. އޭރުން ބިރުގަންނާނީ ހެއްދެވި ފަރާތްދެކެ އެކަނި. އަގީދާވަރުގަދަވި ވަރަކަށް އަހަރެެމެންވެސް ގަބޫލުކުރާނެ ދޯ އެއްވެސް މަޚުލޫގަކަށް އަނިޔާއެއް ގެއްލުމެއްދެވޭނީ ﷲގެ އިޒުނަފުޅާއެކުކަން. އަހަރެމެންނަށް އެހިސާބަށް އަދި ނުދެވެނީ. ސަބަބަކީ އަހަރެންވެސް އަދިވެސް ޖިންނިންދެކެ ބިރުގަންނާތީ.."ޖަބްރީލްއާއި ޚަލީސީ އެކީގައި ހިނގާފައިގޮސް ކޮޓަރިއާއި އަރާހަމަވިއެވެ. ފަހު ޖުމްލަ ބުނެފައި ޖަބްރީލް ލުއިގޮތަކަށް ހީލިއެވެ."ދަމުނަމާދު ކޮށްފިންތަ؟"

"އަދި ނުކުރަން..."

"ދެމީހުން އެކީ ނަމާދުކުރަން ހިނގާ. އަހަންނަށް ހީވަނީ ޖިންނިންނާއި ކުރާ ހަގުރާމައިގާ ޚަލީސީގެ މަދަދުވެސް ބޭނުންވާނެހެން. ސަބަބަކީ އަދި އަހަންނަށް ދީނީ ކަންތައްތަކުގައި ޚަލީސީއާއި އެއް ލެވެލްއަކަށް ނުދެވޭތީ.."

ޚަލީސީ ގެ ހިތް އުފަލުން ނަށައިލިއެވެ. މިރޭ ޖަބްރީލް ވާހަކަދައްކަނީ ހާދަ އެކުވެރިކޮށެވެ. ޖަބްރީލް ކޮޓަރިއަށްވަންއިރު ބިއްލޫރިދޮރުތަކުގެ ފަރުދާތައް ކަހާލާފައި ހުރުމުން ބޭރު އޮތީ ހާމައަށެވެ. ވިދައިލި ވިދުވަރުގެ އަލި ކުޑަދޮރުގެ ބިއްލޫރިތައް ފުރާނާލާފައި ކޮޓަރިތެރެވެސް ދިއްލާލައިފިއެވެ. ފުލުފުލުގައި ވިދަން ފެށިއިރު ގުގުރީގެ ބާރު އަޑުން ކަންފަތަށްވެސް ތަދުވާވަރުވިއެވެ. ޚަލީސީ ލޯ މަރައިލަމުން ދުޢާކިޔަންފެށިއެވެ. ޖަބްރީލްއަށް ދެން ފެނުނީ ބިއްލޫރިގަނޑަށް އެޅުނު ބޮޑު ހިޔަނިއެވެ. ދޮރުގައި ޖެހިގަތްލެއް ބާރުކަމުން ދޮރު ފުނޑުވެގެން ފައިބަފާނެހެން ހީވިއެވެ.

"ޑޭމް...."ޖަބްރީލްއަށް ބުނެވުނެވެ. ދޮރުފަތް ލައްޕައިލަން އުޅެފައިވެސް އޭނައަށް ދޮރު ހުޅުވާލާފައި ބޭރަށް ނުކުތީއެވެ.

"ޔާﷲ..."ޚަލީސީ ކިޔައިލިއެވެ.

ކޮމެންޓް 0