"ދިރިއުޅުމަކީ ބޮޑު އިމްތިހާނެކެވެ. ބައެއްފަހަރު ހީނުކުރާފަދަ ދަތި އުދަގޫކަންތައްތަކާއ ދިމާވެދާނެއެވެ. އެކަންތައްތަކާއި ހިތްވަރާއިއެކު ކުރިމަތިލުމުން ކަޅު ވިލާގަނޑު ކެހި އަވިދޭ ރީތި ދުވަސްތަކެއް ހަޔާތަށް އަތުވެދާނެއެވެ."
***
"ބާބް...މިކާއިލް ހާދަ މޫޑީ ދުވަސްކޮޅެކޭ....ޚަލީސީގެ މަންމަވެސް ބުންޏެއްނު މިކާގެ މަންމަމެންގެ ގެއިން ހަންޑިފެނިގެން އަވަށްޓެރިން އުޅޭ ވާހަކަ.."
"އަހަރެމެންނަކަށް ނުފެނޭ ދޯ...."
"ބައެއް ރާހިތަކުގެ މީހުންނަށް ފެންނާނީ..މިކާއާއި ޖިންނިންނާއި ކޮންމެވެސް ކަހަލަ ގުޅުމެއް އޮވޭ..........."
"އާނ. ކުރިންވެސް ލޫލޫ ތިވާހަކަ ބުނިން ދޯ...."
ރުބާބް ހޯލިކްސްތަށި ނަގާ ތުނބުގައި ޖެހުމުން ލުއުލުއާ ނޭވާ ހިފެހެއްޓިއެވެ. ރުބާބް ހަމަޖެހިލައިގެން ހުރެ އެ ތަށި ބޮއިލުމަށްފަހު އިރުގަނޑެއްފަހުން މަސްތުވެފައިވާ މީހެއްފަދައިން އުޅެންފެށިއެވެ. ލުއުލުއާ ކަންބޮޑުވެފައި އަޑުކޮޅަށް މިކާއިލްއަށް ގޮވަންފެށުމުން އޭނަ އައިސް ދޮރުމައްޗަށް އެރިއެވެ.
"ޢައި ތިންކް......ބާބްއާއި ޖިންނިއެއް އަވަލައިގެން.. މިއުޅެނީ ކޮން ވައްތަރަކަށްތަ؟"
މީކާއިލް ރުބާބްގެ އަތުގައި ހިފަހައްޓައިލުމުން ރުބާބް ހީގަނެފައި އޭނައަށް ފެންނަ އެއްޗެހިތައް ކިޔާދޭންފެށިއެވެ.
"ބުނީމެއްނު...."ލުއުލުއާ ބުނަން އުޅުނެވެ."ރުބާބް އެއްޗެއް ބޯން ހުރެފައި ކުއްލިއަކަށް..............................."
"އަނގަ މަޑުން ލައިގެން ހުރެބަލަ...."މީކާއިލްގެ ޖުމްލައިގާ ވި ފިނިކަމުން ލުއުލުއާ ސިހުނެވެ. އެ ނަޒަރުވެސް ލުއުލުއަ ހިމޭން ކުރުމުގެ ހަތިޔާރަކަށްވިއެވެ. މީކާއިލްއަށް ރުބާބް ޑްރަގްބޭނުންކޮށްގެން ހުރިކަން ވިސްނި ހިތްހަމަނުޖެހޭނެ ކަމުގައި އޭނަ ހީކުރިއެވެ. އެކަމުގައި އޭނަގެ އަތެއް ވެދާނެކަމަށް މީކާއީލް ހިޔެެއް ނުކުރާނެއެވެ. ނަމަވެސް މިކާއިލްގެ ރުޅި އަމާޒުވީ އޭޭނަައަށެވެ. އޭނަ ރުބާބްގެ އަގުވައްޓައިލަން ކުރި މަސައްކަތްވެސް ފެނަށްވެއްޖެކަމާއިމެދު ޝައްކެއްނެތެވެ. ރުބާބް ޖެއްސި ވަައްތަރުތަކުންވެސް ފޫހިވުމެއްނެތި ރުބާބް ގެންގޮސް ސޯފާގައި ބައިންދައިގެން މިކާއިލް ކުޑަކުއްޖެއްހެން އޭނަ މަސަލަސްކުރަން މަސައްކަތްކުރަނީއެވެ. ލުއުލުއާ އޭނަގެ ކޮއްކޮއަށް ގުޅައިގެން ޚިޔާލަކަށް އެދުނެވެ. ބަލްޚާ ވިސްނައިދިނީ ކެތްތެރިވުމަށެވެ. އަވަސް އަރުވަން ހަދައިގެން ލަނޑެއް ލިބިދާނެކަމުގައި އޭނަ ބުނެދިނެވެ. ފަހަރަކު މީހަކު ނައްތައިލެވޭނީ ކެތްތެރިކަމުގެ އެންމެ މައްޗަށް ކެތްކޮށްގެންނެވެ. ދިގު އިންތިޒާރުގެ ނިމުން އަބަދުވެސް ފޮނިވާނެއެވެ.
***
ޖިންނިންގެ ގޯނާތަކާއި އަވަލުން އާއްމުކޮށް ތަހައްމަލު ކުރަން ޖެހެނީ ގޯސްމަގު ޚިޔާރުކުރާ މީހުންނާއި، މުޝްރިކުންފަދަ މީހުންނަށެވެ. ގިނަފަހަރަށް ޝައިތާނާ ގަދަވެގަންނަނީ ފާފަތައް ކުރާ މީހުންނަށެވެ. ނަމާދު ގާއިމުކޮށް ޒިކުރުކޮށްއުޅޭ ތަގުވާވެރިންނާއި އަވަލުމަކީ ޖިންނިންނަށް ފަސޭހަކަމެއްނޫނެވެ. އީމާން އަދި ތަގުވާއަކީ ޖިންނިންނާއި ދެކޮޅަށް ވާ އައްޑަނައެކެވެ. އޭގެ އިތުރުން ތަސްވީރުތައް ހުރި އަދި ކުއްތާތައް ގެންގުޅޭ ގެއަކަށް މަލާއިކަތުން ވެދެވަޑައެއް ނުގަންނަވާނެއެވެ. އެފަދަ ތަނެއްގައި ގަދަކުރާނީ ޝައިތާނާއެވެ. ހަކާން އެންމެން ގާތު އެދުނީ ވީހާވެސް ބޮޑަށް ހެއްދެވި ފަރާތާއި ގުޅުން ރަގަޅުކުރަން މަސައްކަތްކުރުމަށެވެ. ގޭތެރޭގައި އެއްވެސް ނޭދެވޭ އަމަލެއް ނުކުރުމަށެވެ.
ސޯފިއާ ޕެލެސްއަށްވެސް ދިމާވީ އެފަދަ ހާލަތަކެވެ.
އެގެވެސް ސޫރަތައް ނަގާ ސާފުކޮށްލުމާއެކު އެންމެން އަޅުކަމުަގައި ބަރާބަރަށް އުޅެންފެށުމުން ޖިންނިން ކުރީކޮޅު އުދަގޫކޮށްފައި މަޑުމަޑުން މައިތިރިވިއެވެ.
***
ލުއުލުއުއަށް މީކާއީލް ބުނި އެއްޗެއް ގަބޫލުކުރަން ފަސޭހައެއްނުވިއެވެ.
"ކީކޭ؟ ޑިވޯސްއޭ؟"
"އާނ. ޔޫ އާ ފްރީ....އަހަރެން ބޭނުމެއްނުވޭ މިގެއިން ދެން ފެންނަން.........."
ލުއުލުއާ ރޮމުން މީކާއިލްގެ ދެފައިމައްޗަށް ވެއްޓިގެން ކަރުނައިން ސިހުރުހަދަން މަސައްކަތްކުރިއެވެ.
"ކީއްވެ ތިހާ ބޮޑު އަނިޔާއެއްދިނީ؟ ހެޔޮނުވާނެ ތިހެން ހަދަން. އެއްވެސް ކުށަކާނުލާ. އަހަރެން މިހާވަރަށް ލޯބިވާއިރު...ޕްލީޒް ޕްލީޒް........."
"މީހުން ކުށްކުރަނީ އަނެކަކަށް އަންގައިގެނެއްނޫން. ގިނަފަަހަރަށް އެހެން މީހުންނަށް ނޭގޭކަމަށް ހީކޮށް ސިއްރުން ކަންތައްކުރަނީ. އަހަންނަށްވަނީ ލުއުލުއާ ވަރަށް ރަގަޅަށް ދަސްވެފައި. ތިއީ ކާކުކަން މާ ރަގަޅަށްވެސް އެނގިއްޖެ. އަމިއްލަ ނަފުސާއި ސުވާލުކޮށްބަލަ. ކޮން ކުށެއްހެއްޔޭ ކުރެވުނީ އަހާބަލަ ތިމާ ކައިރިން. އޭރުން އެ ސުވާލުގެ ޖަވާބުލިބިދާނެ. އަހަރެންދެކެ ލޯބިވާނެކަމެއްނެތް. ލޯތްބަކީ އަހަންނަށް ތިހާ މުހިއްމު އެއްޗެއްނޫން.. ތިޔަހެން ރޮއިގެން އަހަރެންގެ ހިތް ބަދަލުކުރެވޭނެ ކަމަށް ހީކުރެވެންޏާ އެއީ ކުށް ހީއެއް. ކުރިން ނުވިސްނީ ކީއްވެތަ؟ ވަގުތު ފާއިތުވުމުން ހިތާމަކުރާނެ ކަމެއްނެތް............"މީކާއިލްގެ މޫނުމަތިން އެއްވެސް އަސަރެއްނުފެނުނެވެ. ހުސް ކަރުދާސްގަނޑެއްފަދައެވެ.
"ނޫން ލަވް ތިހެން ނަހަދާ. ކުށެއްކުުރެވުނިއްޔާ މާފަށް އެދެން. ފޮގިވް މީ. އަހަރެން ދޫކޮށްނުލާ..މިކާއާއި ނުލާ އަހަރެން މަރުވެދާނެ..........."
"ދެން މަރުވާންވީނު. އައި ޑޯން ކެއާ.."
"މިކާ ތިހާ ހަރުކަށިއެއްނުވާނެ. އަހަރެން ގަބޫލެއްނުކުރާނަން.."
"އަހަންނަކީ ރަގަޅުމީހެއްނޫން، ލުއުލުއާ އަހަރެންދެކެ ލޯބިވާށޭ އަހަރެން ނުބުނަން ދޯ......................"
"ދެން ކީއްވެގެންނޯ މެރީކުރީ.."
"ޢެންމެންވެސް ކައިވެނިކުރަނީ ރީތިވީމަ. މުއްސަދިވީމަ. ކިޔަވައިގެން ހުރީމަ..އަހަރެންވެސް ކައިވެނިކުރީ އެކަހަލަ މަގުސަދެއް އޮތީމަ. އެކަމަކު މިހާރު ފޫހިވެއްޖެ.. އެކީ އުޅެން ބޭނުމެއްނޫން....ސާފުކޮށްމިބުނީ......."
ލުއުލުއާގެ ހިތް ފަޅައިގެންދާވަރުވިއެވެ. އޭނަ އަޑުކޮޅަށް ރޯންފެށިތަސް އެ އަޑުއަހާނެ މީހެއް ރުބާބް ނޫނީ ނެތެވެ. ރުބާބްވެސް ކޮޓަރީގައި އޮތީ ބޭރަށް ނިކުންނަން ނުކެރިފައެވެ. މީކާއިލްގެ ރުޅިއާއި ކުރިމަތިލާނެ ހިތްވަރެއް އޭނަގެވެސް ނެތެވެ. އޭނައަށްވެސް ވެގެން އުޅޭގޮތެއް މާ ރަގަޅަކަށް ނޭގެއެވެ. ލުއުލުއާގެ ރުއިމުގެ އަޑުން ބޮޑުކަމެއްވެއްޖެ ކަން ޔަގީންވިއެވެ. އެތައް އިރެއްވެ ގޭތެރެ ހިމޭންވުމުން ރުބާބް ބޭރަށް ނުކުތްއިރުވެސް އޭނަގެ ހިތަށް ނުތަނަވަސްކަން ވެރިވެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ. ކޮރިޑޯއިން ބޭރަށްއެޅި ފިޔަވަޅާއެކު މޫނުމައްޗަށް އެރި ދިލަ އެތިފަހަރުން ވިއްސައިގެން ނުދިޔައީވެސް ކިރިޔައެވެ. ލޯމަތީ ރަން ކޮކާތައް ބުރައިގެން ދިޔުމާއެކު ލޮލަށް ކަރުނަ ޖަމާވިއެވެ.
"ކަލޭ ކީކޭ މީކާއިލް ގާތު ކިޔައިގެން ތިއުޅެނީ؟" ލުއުލުއާގެ ލޮލުން ހުޅު ނިކުންނަފަދައެވެ.
"ކިހިނެއްވީ ލޫލޫ؟ އަހަރެން މީކާއީލްއާއި އެއްވެސް ވާހަކައެއް ނުދައްކަން...."
"ދޮގުހަދާނެ ކަމެއްނެތް. އަހަރެން މިގެއިން ދާނީ މިދެއަތުން ކަލޭ މަރާލާފައި. މިކާއިލްއަށް އަހަރެންގެ އަނދިރިފަޅިވެސް އަންގާލާފައި ނޫނީ މިތަނަކުން ނުދާނަން..ތި ލޯވެސް ނިގުޅައިގަންނާނަން..ތިމާގެ ރީތިކަމުގެ ދަލުގައި އަހަރެންގެ ލޯބިވެރިޔާ ޖައްސައިގެން އަހަރެންގެ ހައްގެއް ފޭރިގަތީ. އެކަމުގެ އަދަބު ދީފައި އަހަރެން ދާނީ..."ލުއުލުއާ ކުއްލިއަކަށް ޖިންސްގެ ޖީބުން ނެގި ތޫނު ފިޔޮހިން ރުބާބްގެ މޫނަށް ހަމަލާދިނެވެ. ރުބާބްއަށް އެވަގުތު ލޯ މަރާލުމާއެކު އެދެވުނީ ހެއްދެވި ފަރާތުގެ އެހީތެރިކަމަށެވެ.
***
ޖަބްރީލް އަލުން ހޮސްޕިޓަލް ހިންގުމާއި ހަވާލުވެ ޚަލީސީއަށްވެސް އޭނައާއެކު މަސައްކަތްކުރާނެ ފުރުސަތުދިނެވެ. މިފަހަރު އެތަނުގެ މުވައްޒަފުންނަށް ފެނުނީ ތަފާތު ޖަބްރީލްއެކެވެ. ކުރީގެ އެހުންނަ ރުޅިވެރި އެކަނިވެރި މިޒާޖާއި ސީރިޔަސްކަން ކެނޑި ޚަލީސީއާއި އޮތް ގުޅުން ރަގަޅުކަން ފުރަތަމަ ދުވަހުވެސް އެންމެނަށް އެނގޭހާވަރުވިއެވެ. ވަޒީފާއަށް އެކީ ކާރުން އައިސް ހިނގާފައި ދިޔައީވެސް ހިނިތުންވެ ކޮންމެވެސް ވާހަކައެއްގައި ގައި ތިބެއެވެ. އެންމެނަށް ހައިރާންކަމެއް ލިބުނީ ޚަލީސީގެ ސަބަބުންނެވެ.