"ދިރިއުޅުން ފަޅި ސިކުންތުކޮޅެއްގެ ތެރޭގައިވެސް ބަދަލުވެގެން ހިނގައިދާނެއެވެ. ގިނަގިނައިން ދުޢާކުރާށެވެ. ދުއާއަކީ ބާރުގަދަ ހަތިޔާރެކެވެ."

"ތިމާގެ ދުވަސް ބާއްޖަވެރިކުރަން އެދޭ މީހާ ހެއްދެވި ފަރާތުގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރާށެވެ."

***

ޚަލީސީ ގެ ހިތް އުފަލުން ނަށައިލިއެވެ. މިރޭ ޖަބްރީލް ވާހަކަދައްކަނީ ހާދަ އެކުވެރިކޮށެވެ. ޖަބްރީލް ކޮޓަރިއަށްވަންއިރު ބިއްލޫރިދޮރުތަކުގެ ފަރުދާތައް ކަހާލާފައި ހުރުމުން ބޭރު އޮތީ ހާމައަށެވެ. ވިދައިލި ވިދުވަރުގެ އަލި ކުޑަދޮރުގެ ބިއްލޫރިތައް ފުރާނާލާފައި ކޮޓަރިތެރެވެސް ދިއްލާލައިފިއެވެ. ފުލުފުލުގައި ވިދަން ފެށިއިރު ގުގުރީގެ ބާރު އަޑުން ކަންފަތަށްވެސް ތަދުވާވަރުވިއެވެ. ޚަލީސީ ލޯ މަރައިލަމުން ދުޢާކިޔަންފެށިއެވެ. ޖަބްރީލްއަށް ދެން ފެނުނީ ބިއްލޫރިގަނޑަށް އެޅުނު ބޮޑު ހިޔަނިއެވެ. ދޮރުގައި ޖެހިގަތްލެއް ބާރުކަމުން ދޮރު ފުނޑުވެގެން ފައިބަފާނެހެން ހީވިއެވެ.

"ޑޭމް...."ޖަބްރީލްއަށް ބުނެވުނެވެ. ދޮރުފަތް ލައްޕައިލަން އުޅެފައިވެސް އޭނައަށް ދޮރު ހުޅުވާލާފައި ބޭރަށް ނުކުތީއެވެ. ޚަލީސީއާއި ދެމީހުން އެކީގައި ސިޓިންރޫމަށް ނުކުތްއިރު އެތަން ފެންނަނީ ތަންކޮޅެއް އަމާންކޮށެވެ.

"ދޮންބެވެސް ނިދަން ދިޔައީ ދޯ..."

"އޭނަ ޖަހާހާ ސަކަރާތޭ މިއީ.." ޖަބްރީލް އިސްތަށިގަނޑުގައި އަތް ހިންގައިލިއެވެ.

"ތިބުނި އެއްޗެއް ނޭގުނު.."

ދެމީހުން އެކީގައި އައިސް ކައުޗްގައި އިށީދެލީ ގާތުގައެވެ. ޚަލީސީ ދައްކަންފެށީ އެކަނި ﷲއަށް ބިރުވެރިވުމާމެދުގައެވެ. އެހެން މަޚުލޫގުންނަށް ބިރުގަތުމެއް ނެތްކަމުގައެވެ. އޭނަ ސްކިޒްފްރީނިއާއޭ ކިޔައިގެން ހުރި ދުވަސްކޮޅުގައި އޭނައަށް ވިސްނުނީ ހަގީގަތުގައި އޭނަގެ ސިކުނޑިއަށް ފެންނަގޮތްކަމަށް ޑޮކްޓަރުން ގަބޫލުކުރިޔަސް އޭރު ޖިންނިން އޭނައާއި އަވަލާ އޭނަގެ ދިރިއުޅުމަށް އެކިގޮތްގޮތުން އުދަގޫކުރިކަމަށެވެ. ނަމަވެސް އޭނަ ޒިކުރުކޮށް ގުރުއާން ކިޔަވާ ނަމާދުކުރަން ފެށުމުން ޖިންނިންނަށް ދުރަށް ދާން ޖެހުނީއެވެ. ގުރުއާން ކިޔަވައިގެން ބަލިތަކަށް ޝިފާ ލިބުމަކީ ކިހާވަރެއްގެ ތެދެއްކަން ޚަލީސީއަށް ވަނީ ސާބިތުވެފައެވެ.

***

ޖަބްރީލްއާއި ޚަލީސީ އެކީ ކޮޓަރިއަށް ވަންތަން ފެނުމުން އަދާލިއާގެ ހިތުގައި އުފެދިގަތް ހަސަދައާއި ރުޅިވެރިކަން އޭގެ އެންމެ މަތީ ދަރަޖައަށް ދިޔުމުން އޭނަ ދޮރުގެ ބިއްލޫރިގަނޑުގައި ފިޔައިން ޖަހައިލުމުން އިވުނު ގަދަ އަޑުފަށްގަނޑާއި އަރައިގެން ދިޔަ ވިދުވަރުފަދަ އަލިން އިންސާނުންގެ ހިތަށްވެސް ބިރުވެރިކަން ވަންނާނެއެވެ. ނަމަވެސް ޚަލީސީ މިފަހަރު އެދުނީ ހެއްދެވި ފަރާތުގެ ހިމާޔަތަށެވެ. ކުރިން ޖިންނިންދެކެ ބިރުން އުޅުނު އަންހެންކުއްޖާ ޖަބްރީލްއަށްވުރެ ބިރުކުޑަ މީހަކަށްވެ ޖަބްރީލްއަށް ތަސައްލީދީ ހިތްހަމަޖައްސަން މަސައްކަތްކުރިއެވެ. އެ މަންޒަރު ފެނުމުން އަދާލިއާ ވަކިން އަނދައިގަތެވެ.

"އަދާލިއާ. އިންސިންނާއި އަޅައިގަނެގެން އުޅުމުން އަހަރެމެންނަށް އުފަލެއް ނުލިބެއެއްނު. އަހަރެމެންގެ ނަސްލުގެ ބައިވެރިޔަކާއެކީ އުފާ ހޯދަން އުޅުނިއްޔާ މާ ރަގަޅެއް ނޫންތަ؟" އަސްކަލަން ބޮލަށް އުދަގޫވިއެވެ.

"އަހަރެން ކުރާ ކަންތައްތަކާއި ނުބެހި ހުރެދީފާނަންތަ؟"

"އަހަންނަށް އެ ހައްގު އޮތީމަ މިހެން ބުނަނީ...."

"ބޭނުންވާ ގޮތަކަށް އުޅޭށޭ ބުނީވެސް ތި ދުލުން..." އަދާލިއާ ވަކިން ރުޅިގަދަވިއެވެ.

"އެހެން ބުންޏަސް އެއީއެއްނޫން އެކަން އޮންނަން ޖެހޭ އުސޫލަކީ.ކޮންމެ ބަޔަކަށްވެސް ވަކި ހަމަޔަކާއި އުސޫލުތަކެއް އޮންނާނެ. އަހަންނަށްވެސް މިކަމަށް ވަދެވުނީ އަދާލިއާގެ ސަބަބުންނެއް ނޫންތަ؟"

"ޖަބްރީލް ހާސިލު ނުވަނީސް މި މަސައްކަތް ހުއްޓައެއްނުލާނަން..."

"އޭނަދެކެ ލޯބިވާ އަންހެންކުއްޖަކަށް ހިތާމަ ނޫން އެއްޗެއް ނުލިބޭނެ..."

"ހެވޭ..."އަދާލިއާގެ ލޮލުން އަލިފާން ކަނި ބުރަންފެށުމުން އަސްކަލަން ވައިގެ ތެރެއަށް ޣައިބުވިއެވެ.

***

ޖަބްރީލް ގާތު ހަކާން ދެއްކި ވާހަކަތައް ގަބޫލުކުރަން ދަތިވެފައި ޖަބްރީލްއަށް އިނދެވުނެވެ. ޖިންނިންގެ ތެރޭ ބާރާއި ގަދަކަން ލިބި އެންމެންގެ ގަދަރު ލިބިފައިވާ ފަރާތަކަށް މިކާއިލް ވުމަކީ ބުއްދި ގަބޫލުކުރަން ފަސޭހަކަމެއްވެސް ނޫނެވެ. ނަމަވެސް ހަކާން އެހާ ޔަގީންކަމާއެކު ބުނުމާއި ޖަބްރީލްއަށް ފެންނަ މަންޒަރުތަކުން އެކަން ގަބޫލުކުރަން ޖެހުނެވެ. މިކާއިލްއަކީ އިންސާނެއް ނޫންކަން އޭނައާއި ހަކާން ގާތު ބުނީ ކާފައެވެ. މިކާއިލްއާއި ބެހޭ ގޮތުން އިތުރު މައުލޫމާތު ހަކާން ހޯދައިގަތީ އުސްތާޒުގެ ކައިރިންނެވެ. އުސްތާޒަކީ ޖިންނިންގެ ދުނިޔެއާއި މުއާމަލާތް ކުރުމުގައި އުޅޭ މީހެއްކަމުން ދަންނަ ޖިންނިންވެސް ގިނައީ ކަމުގައި ހަކާން ބުނެލިއެވެ. ހަކާންވެސް ރާގީއަކަށް ވުމުގެ މަގުމަތީގައިކަމުން ޖިންނިންގެ ދުނިޔެއަށް ކުރިއަށްވުރެ ޝައުގު އިތުރުވެފައިިއެވެ.

***

 

ފަހަތުން މީހެއްގެ ހިލަންވުމުން ޖަބްރީލް އެނބުރުނުއިރު ފަހަތުގައި ހުރީ މިކާއިލްއެވެ. މޫނުމަތިން އިތުރު ޝުއޫރެއް ނުފެނެއެވެ. މީކާއިލް ޖަބްރީލްގެ ކޮނޑަށް އަތް ވައްޓައިލައިގެން ތަންކޮޅެއް ދުރަށް ހިނގައިގަތެވެ. "ބޫ. ޚަލީސީގާތު އެއްވެސް ވާހަކައެއް ނުދައްކާތި. ހަގީގަތް ނޭގެނީސް ކޮންކްލޫޝަންއަކަށް ދާނީ މޮޔައިން.........."

ޖަބްރީލް ނޭވާ ހިފަހައްޓާލައިގެން ހުރިއިރު އޭނަގެ ކޮނޑަށް ދުނިޔެ ލައިގެން ހުއްޓަސް އެވަރުގެ ބުރަދަން އިހުސާސްކުރެވޭނެކަމެއް ނޭގެއެވެ.

"ކާފަ އެބުނީ ރަގަޅަކަށް ނޫން. އަހަންނަކީ ޖިންނިއެއްނޫން. ޖިންނިއެއްގެ ދަރިއެއްވެސް ނޫން. އެހާ ޝައްކު ތިކުރަނީ މި ސިފައިގާ ވަލުތެރެއިން މަޚުލޫގެއް ފެނުނީމަ ދޯ. މުސްލިމް ޖިންނިންގެ ތެރޭގައިވެސް އެކަހަލަ ގޭންގްތައް އުޅޭ. އޭގެ ބޮސްއެއް އަހަރެންގެ ސިފަ ކަމުގޮސްގެން އެހެން ހެދިގެން އެހެރީ. ޝައްކުކުރުމަކީ މުސްލިމުން ގެ ސިފައެއްނޫން. ޓްރަސްޓް މީ. އަހަންނަކީވެސް އިންސާނެއް...." މިކާއިލް ތަކުރާރުކޮށް ބުނިއިރު އެލޮލުން ސާބިތުކަން ފެނުނެވެ.

ޖަބްރީލްގެ ކޮނޑަށް ވަގުތުން ލުއިވިއެވެ. ހިތަކީވެސް އަޖައިބެއްފަދަ އެއްޗެކެވެ. މިކާއިލްއަކީ ޖިންނިއެއްކަން ޔަގީންކުރުމުން ބިރުގެ ސަބަބުން އެހުރިހާ އިހުސާސްތައްވެސް ކުރެވުނީއެވެ. ޝައްކުތައް ހިތުން ފިލައިގެން ގޮސް ހިތް ސާފުވުމުން އެ އަސަރުތައް ކެނޑިއްޖެއެވެ. ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.

***

"ހަކާން. ޖަބްރީލްގެ ހިތަށް ބިރުވެރިކަން ވައްދަން ފާޑުފާޑު ވާހަކަ ނުދައްކާތި ނޫނީ ނަތީޖާ ވަރަށް ހިތިވެދާނެ އިނގޭ..."މިކާއިލް ހަކާންއާއި ދިމާލަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން އިންޒާރުދިނެވެ.

"މިކާއިލް...ކީއްވެ ޑިނައި ކުރަނީ؟ ޔޫ އާ ނޮޓް އެ ހިއުމަން ބީން...."ހަކާން ގަބޫލުކުރީ ކާފަގެ ވާހަކަތަކެވެ.

"ކަލޭގެ ކޮއްކޮގެ ފުރާނައާއިމެދު ކިރިޔާވެސް ލޯތްބެއް ހުރިއްޔާ ތި އަނގަ ބަންދުކޮށްގެން މަޑުން ހުންނާތި..."

ހަކާން ލޮލަށް ގޮތެއް ހަދައިލިއެވެ. މީކާއީލް އިންޒާރުވެސް ދޭންފެށީއެވެ. އޭނަ ބިރެއްނުގަނެއެވެ. ޚަލީސީއާއި ދިމާލަށް ނުބައި ނަޒަރަކުން ބަލައިލި ޖިންނިއެއް ކީއްކުރަން އިންސިއަކަށް އޭނަގެ ފަރާތުން ކުރިމަތިވާނެ ނުރައްކާވެސް މަދެއްނުވާނެއެވެ.

***

ޖަބްރީލްއާއި ޚަލީސީގެ ގުޅުން މަޑުމަޑުން ރަގަޅުވަމުން އައިސް އެދޭތެރޭގައި އޮތްހާ ދުރުމިނެއް ނެތިގެން ދިޔައެވެ. ޚަލީސީގެ ލޯބި ކުރި ހޯދިއެވެ. އެހިތުން އެހެން އަންހެންކުއްޖަކަށް ޖާގައެއްނުދެވޭވަރަށް ޚަލީސީގެ ނަން ހިތުގައި ފަވާލެވިއްޖެއެވެ. ޖަބްރީލްއާއި ޚަލީސީ އެކީގައި ހިނގަމުންގޮސް ވީޕިން ވިލޯގަސް ކައިރީގައި އިށީދެލައިގެން ތިބިއިރު މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. ޚަލީސީ ލައިގެން އިން ފައިކުރި ބޮޑު ޖިންސާއި ގަޔަށް ދޫކޮށް އޮތް ކޯޓުގައި އެ ކުޑަ ފްރޭމް ފެންނަލެއްވެސް ޖަބްރީލްގެ ނަޒަރުގައި ފުރިހަމައެވެ،

"އަދިވެސް އެ ޖިންނި ބޫ އާއިހެދި އުޅޭނެތަ؟" ޚަލީސީ އަހައިލިއެވެ. "ކީއްވެ އެކަހަލަ ބޭކާރު މީހުންގެ ވާހަކަ ދައްކަނީ؟"

"އައިމް ޖަސްޓް ވޮންޑަރިން.....އޭރު ކިހާވަރެއް އޭނަ ވީ ރުބާބްގެ ސިފައިގާ އައިސް...އިންސާނުންނަށް ގަބޫލުކުރަން ފަސޭހައެއްވެސް ނުވާނެ. އެކަމަކު އިންސިންގެ ސިފަ ޖެހިގެން ހަމަ އުޅެދާނެ ދޯ...އެހެން ބުނެފިއްޔާ ސައިކޭޓްރިސްޓުންވެސް ބުނާނީ އަހަރެމެންގެ ސިކުނޑީގައި ތިބޭ ބަޔެކޭ.ހެހެ....." ޚަލީސީ އިނީ ޖަބްރީލްގެ މޭގައި ލެނގިލައިގެންނެވެ. ޚަލީސީގެ ޖުމްލަ ނިމުނުތަނާހެން ހީވީ ވަރުގަދަ ޒަލްޒަލާއެއް އައިހެންނެވެ. ވަށައިގެންވާހާ ގަސްތަކުގެ ގޮފިތައް ހަލުވައިގަތުމާއެކު ނާމާން އަޑެއް މުޅި ހިސާބުގައި ހިފާލައިފިއެވެ. އެއާއެކު ހުރިހާ ގަސްތަކުގައި ހުޅުހިފާ މުޅިތަން ހުޅުދާން ކޮށްލައިފިއެވެ. ޖަބްރީލް އަވަހަށް ޚަލީސީގެ އަތުގައި ހިފައިގެން ގެއާއި ދިމާލަށް ދުއްވައިގަތްއިރު އެމީހުންނާއި އެއްވަރަށް އަލިފާންގަނޑުވެސް ފެތުރެމުން އައެވެ. ގެއާއި ހަމަޔަށް އާދެވުނިއިރު ދެމީހުންނަށްވެސް ތިބީ މައިނޭވާލެވިފައެވެ.

"ވަޓް ވޯޒް ދެޓް؟'

"އޮބްވިއަސް އެއްނޫންތަ؟ އޭނަގެ ބާރު ދައްކައިލީ. ނޫނީ ރުޅިގަނޑު. އެވަރުތާ ކޮށްލެވޭނީ. އަހަރެމެން ބިރެއްނުގަނޭ..."ޚަލީސީ ތުން ފިތައިލިއެވެ. ދެމީހުން އެނބުރި ބަލައިލިއިރު އަލިފާންގަނޑު ނިވި ގަސްތަކަށް އިތުރު އެއްވެސް ގެއްލުމެއް ނުލިބި ފަޚުރުވެރިކަމާއެކު ބިންގަނޑުގައި ހަރުލާފައެވެ. ވީއިރު ޖިންނިންނަށް އެގޮތަށް އިންސާނުންގެ ލޯމައްޗަށް ކަންތައް ދައްކައިލުމުގެ ގާބިލުކަންވެސް ލިބިފައިވަނީއެވެ.

 

***

މިކާއިލްގެ "ވިލޯކޮޓެޖް" ގައި ރުބާބް އެކަނިވެރި ދުވަސްތަކެއް ހޭދަކުރަމުން ދަނިކޮށް ޚަރީފު މޫސުމްގެ ހިތްގައިމުކަން މުޅި ހިސާބުގައި ތަފާތު ރީތިކަމެއް ދައްކުވައިފިއެވެ. ގަސްތަކުގައި ރަތާއި އޮރެންޖް ރަން އަދި މުށިފަދަ ކުލަކުލައިގެ ފޭރާން ލާންފެށިއިރު އުދުހެމުންދާ ފަތްތައް ފެހިކަން ގަދަ ވިނަތައް މަތީގައި ހަރުލާފައިވާއިރު އެފެންނަ މަންޒަރުން ހިތްތަކަށް އުފާވެރިކަން ގެނެސްދޭނެއެވެ. ރުބާބްއަށްވެސް އެެހެން އިންސާނުންފަދައިން އެ މަންޒަރުތަކުން ހިތާމަތައް އެއްފަރާތްކޮށްދެއެވެ. ނަމަވެސް އެގޭގައި ދިރިއުޅޭ ލުއުލުއުގެ ސަބަބުން ރުބާބްގެ އުފާވެރިކަން ފޭރިގަންނަނީއެވެ. ފުރަތަމަ އެއްވެސް ގޮތަކަށް ޝައްކު ނުކޮށް ހުއްޓަސް ލުއުލުއާ އުޅެމުން ދިޔައީ ގޭގެ ވެރިއެއް ހެންނެވެ. އެންމެ ދެރަވަނީ ރުބާބް ކެއްކީމަ އައިސް ޖެހިލުމެއްނެތި ކައިގެން އޭނަ ރުބާބް ޚާދިމާއަކަށް ހަދައިގެން އުޅޭތީއެވެ. އެވަރުންވެސް ރުބާބް ކެތްކުރިއެވެ.

ރުބާބް ނާސްތާ ތައްުޔާރުކޮށްލުމަށްފަހު ކޮފީއެއް ހަދައިގެން އައިސް ޖައްސައިލީ ގޭގެ ބަގީޗާތެރޭގައެވެ.

"ހެލޯ ރުބާ...އަަހަރެމެން މިއަދު ލަސްވާނެ..."

"ތިބުނީ؟" ރުބާބްއަކަށް ނުވިސްނުނެވެ.

"އަހަރެމެންނޭ ބުނީމަ ނޭގޭހާވެސް ގަމާރުތަ؟ މިބުނީ މަށާއި މިކާއިލްގެ ވާހަކަ...އަހަރެމެން މިދަނީ އެހެން ޝަހަރަކަށް...ބުނަން ވާހަކައެއް..މަމީ ޕާސަނަލް ސެކެޓްރީއެއްވެސް ނޫން.އޭނަގެ ފަސްޓް ވައިފް...އަހަރެން މިހެން ބުނި މީހަކު އިތުރު އެއްވެސް މީހެއްގެ ކައިރީ ކިޔައިފިއްޔާ ދޫ ބުރިކޮށްލާނަން..." ލުއުލުއާގެ ހިތުގައިވި ރުޅިވެރިކަމާއި ހަސަދައިގެ ސަބަބުން އޭނަގެ ކެތްތެރިކަން ކޮޅުންލިއެވެ.

ރުބާބްއަށް ޝޮކެއް ލިބުނެވެ.

ކޮމެންޓް 0