"އީމާން ބަލިކަށިކަމުގެ ތެރޭގައި ހިމެނޭ ބައެއްކަންތައް ތަކުގެ ތެރޭގައި ފާފަކޮށްފައި އެއްވެސް ވަރަކަށް ހިތާމަނުކުރުން، ހިތް ހަރުކަމާއިއެކު ގުރުއާން ކިޔަވާހިތް ނުވުން، ހެޔޮ އަމަލުކުރަން ކަންނެތްވުން މިސާލަކަށް ނަމާދަށް ލަސްކުރުން، ސުންނަތްތައް ދޫކޮށްލުން، ކުދި ކަންތައްތަކާއިމެދު އަބަދު ރުޅިގަދަވެ މާޔޫސްވުން، ގުރުއާންގެ އާޔަތްތައް އިވުމުން އެއްވެސް އަސަރެއްނުކުރުން، ޒިކުރުކުރުން ހަނދާން ނެތުން، ޝަރީއަތާއި ދެކޮޅު ކަންތައްތައް ހިނގިޔަސް އެކަން ވަރިހަމަވުން، މުދަލާއި މަގާމާއިހެދި އުޅުން، އެހެންމީހުންނަށް ދެރަގޮތްވުމުން ހިތްހަމަޖެހުން ވެއެވެ. ފަހު ދިހައެއް ފެށުމުން ތައުބާވެ ހެޔޮ އަމަލުގައި ހުރިހާ ވަގުތެއް ހޭދަކުރާށެވެ.އޭރުން އީމާންކަން ވަރުގަދަވެ ހެއްދެވި ފަރާތާއި އޮތް ގުޅުން ވަރުގަދަވެދާނެއެވެ."

***

"ދީނުގައި ހުއްދަ ކަމަކަށްވާނީ ނިޔަތް ރަގަޅިއްޔާ. އެކަމަކު ތި މައްސަލައިގާ ހީވަނީ...ޝޭޚެއްގެ ކައިރިން އަހައިލަން ޖެހޭނީ... އަހަރެންގެ ބައްޕައަކީ ޝޭޚެއް..."ރުބާބް އިސްޖަހާލައިގެން އިނެވެ. "އަދި ވަރަށް ބޮޑު ސިއްރެއް އެބައޮތް. ކުރިން ނުބުނަން ހުރީ އެކަމަކު ހިތަށް އެރީ ފަހުން އެހެން މީހެއްގެ ފަރާތުން އިވުމުގެ ކުރިން.........."

އެވަގުތު ޔަޝަލް ދުވަމުން އައީ ހަޅޭއްފަޅޭއް ޖަހަމުންނެވެ. "ދުނިޔޭގައި އޮތް އެންމެ ބޮޑު ސްޕައިޑާ ކޮޓަރީގެ ފާރުގައި އެބައޮތް...ހިޓް ފުޅިއެއްވެސް ނެތް. ޕްލީޒް އަވަހަށް ހިނގާބަލަ..."

ޖަބްރީލްއަށް ފަސޭހަކޮށްދޭން އޭނަ އަވަހަށް ކުނިކަހާ ބުރުސްވެސް ޖަބްރީލްގެ އަތަށް ލައްވާދިނެވެ. ރުބާބް ބުނަން އުޅުނު ވާހަކަ ނުބުނެވުނީ އަދި ވަގުތު ނުޖެހޭތީއެވެ. ރުބާބް ހިނިއައެވެ. އޭނަ ބުނަން އުޅުނުތާއެވެ. ބުނަން ހުރަސްއެޅުމަކީ އަދި އޭނަގެ ކުށެއް ނޫނެވެ.

***

ޚަލީސީ އެގޭ ނަމާދުކުރާ ކޮޓަރިއަށް ތަރާވީހަށް ދިޔައިރު ރުބާބް އިނީ ޚަތިމް ހިފައިގެންނެވެ. ކިޔަވަން އިންއިރު ފޯނުން ކޮންމެވެސް މީހަކާއި ޗެޓްކުރަނީއެވެ. ޚަލީސީގެ ފިޔަވަޅުގެ އަަޑު އިވިފާ އޭނަ ދެން ފޯނު ދައްކައިލިއިރު ހުޅުވައިގެން އިނީ ދުޢާތަކެވެ. ޚާއްސަކޮށް ލައިލަތުލްގަދުރުވިލޭރެއަށް ޚާއްސަ އެތައް ދުޢާތަކެވެ.

"އަހަރެން މިއައީ ޖަމާއަތުގައި ތަރާވީސްކުރަން..."

"ދެމީހުން އެކަނި ޖަމާއަތް ހެދޭނެތަ؟"

"ސޯފީ މަންމައާއި ޔަޝް ދައްތަ ބައިވެރިވީމަ ދެން ރަގަޅުވާނެކަން ނޭގޭ...ހާފިޒާއަކަށް ވީމަ ބާބްއަށް އިމާމަކަށް ހުރެވޭނެއްނު..."

"އަހަންނަކަށް އިމާމަކަށް ހުންނަން ނުކެރޭނެ. މީހުންތިއްބާ ކިޔަވަން ލަދުގަނޭ..." ރުބާބް ދެކޮޅުހެދިއެވެ. "ބައިދަވޭ އައި ލަވް ދިސް ޓައިޕް އޮފް އެންޝިއެންޓް ހައުސެސް...ކިހާ ހިތްގައިމު....އާސާރީކޮށް ހުރިހާތަނެއް މިހުންނަނީ. ފާރުތަކާއި އަދި މި ނަމާދުގެ މިހެން އޮމާން ތަޅުން އަޅާފައި ހިރިގަލުން ފާރު ރާނާފައި ވަޅުކޮޓަރިއަކާއި އެކު ހުރީމަ ވަރަށް ލޯބި...އަދި މިތާ ކަރަންޓުު ނެތީމަ މިހިރީނު ބައްތި ޖަހާފައި...ކިހާ ފެސިނޭޓިން....ހީވަނީ ފިލްމީ ސެޓެއްގައި އުޅެވޭހެން. ޑިފެރެންޓް ވޯލްޑެއްގައި...އައިމް އިން ލަވް......."

"މިކާ އުޅުނު ބޫގެ ބޮލަށް ވަދެގެން މިގެ ތަޅާލަންވެގެން އެކަމަކު ބޫ ބޭނުން ނުވެގެންނޯ..."ޔަޝަލްގެ އަޑު ފަހަތުން އިވުނެވެ. ޔަޝަލް ހުރީ ހުދުކުލައިގެ ބޮޑު ނަމާދު ދޮޅިއެއް އަޅައިގެންނެވެ. އެދޮން މޫނު ވަކިން އަލިހެން ހީވިއެވެ. "ޚަލީސީވެސް ތަރާވީހަށް؟"

"ހެހެ....ލައްބަ ޔަޝް ދައްތީ....." ޚަލީސީ ކުޑަކޮށް ލަދުވެސް ގަތެވެ. އޭނަ ހެދުން އަޅައިގެން ހުރިގޮތުން ހަގީގަތުގައި ނަމާދަށް ތައްޔާރުވެގެން އާދެވުނުކަމުގެ އިހުސާސެއްނުވިއެވެ. ޖިންސަކާއި ކުރު ޓީޝާޓެކެވެ. މިދެކުދިން މިތިބީ ހަމަ ﷲ ގެ ހަޟުރަތުގައި ތިބެންޖެހޭފަދައިން މާތްކޮށް ހެދުން އަޅައިގެންނެވެ. ތަނުގައި ހިފާފައިވަނީ މަލެއްގެ މީރުވަހެވެ. ބަގީޗާއެއްގައި އުޅެވޭފަދައެވެ.

"ބައެއްކުދިން ކަންނެތްވެގެން ތަރާވީސް ދޫކޮށްލާތީ މިހެން ބުނީ....އޮނެސްޓްކޮށް ބުނަންޏާ މިއީ އަހަރެންގެވެސް ފުރަތަމަ ތަރާވީސް. ރަމަޟާންއަށް ޚާއްސަ އަޅުކަމެއްވީމަ އެންމެ މަދުވެގެން އަށް ރަކުއަތް ކޮށްލަންކަމަށް ވިސްނީ...ސޯ ފަށަމާ ދޯ....ކާކު އިމާމަކަށްވާނީ؟"

އިމާމަކަށްވާނެ ކުއްޖެއް ނެތުމުން އެމީހަކު އަމިއްލައަށް ނަމާދު ކުރަން ނިންމުމުން ޚަލީސީކަންބޮޑުވީ އޭނައަށް ގުރުއާންގެ ކުރު ސޫރަތްތައްވެސް ދަސްކުރެވިފައިނުވާތީއެވެ. އެންމެ ފަހުން ނިންމީ ފޯނުން ބަލައިގެން އުދަގުލުން ނަމަވެސް ކިޔެވުމަށެވެ. ނަމާދުކޮށް ނިމިގެން ޔަޝަލް މަންމައަށް ލަސްވާނެއޭ ކިޔާފައި ދިޔުމުން ރުބާބްއާއި ދެމީހުން އެކަނިވިއެވެ. ޚަލީސީ ދީނީ ސުވާލުތައް ކުރަންފެށިއެވެ. އެކި ކަންތައް އެނގެން ބޭނުންވެގެންނެވެ. ރުބާބް ކޮންމެ ފަހަރަކު ފޮނުވަނީ ލިންކްތަކެވެ. ދަރުސްތަކެވެ. ގުރުއާން ހިތުދަސްކުރީ ކިހިނެއްހެއްޔޭ އެހީމަވެސް ނުބުނަން ހުރެފައި ލިންކެއް ފޮނުވިއެވެ. ޚަލީސީ އަނގަ ތަޅާވަރުން އެންމެފަހުން ރުބާބްވެސް ކޮންމެވެސް ވަރަކަށް ހަމްދަރުދީވެގެން ވާހަކަދައްކަންފެށިއެވެ. ކޮންމެވެސް ވަރަކަށް އެކުވެރިކަމުގެ ގުޅުން އުފެދިދާނެތީ ރުބާބް ހުރީ ވާހަކަ ވަކި ހުދޫދެއްގެ ތެރޭ ބަހައްޓައިގެންނެވެ. ޚަލީސީ ޒާތީ ވާހަކަތައް ހިއްސާކުރަން ފެށިޔަސް ރުބާބް އޭނަގެ އަމިއްލަ ވާހަކަތަކެއް ކިޔައެއްނުދެއެވެ. ރުބާބް އިންތިޒާރުކުރަނީ އަދި މިގެއަށް އައި މަގުސަދަކީވެސް ޚަލީސީގެ ފިރިމީހާއޭ ބުނެވޭނެހެއްޔެވެ؟

***

ޚަލީސީ އޭނަ ގެނައި ހަދިޔާތައް އަލަމާރިއަށް ލާފައި ފޮރުވިއެވެ. ސަދަގާތެއްގެ ސަވާބުވެސް ބޮޑުވާނީ އަނެއް އަތަށްވެސް ނޭގޭގޮތަށް ދިނިއްޔާއެވެ. ވީއިރު އެހެން މީހުން ލައްވާ ތައުރީފުހޯދަން ނޫނީ ލޯބި ހޯދަން ދެއްކުންތެރިކަމުގެ ގޮތުގައި ކުރުމުގެ ބަދަލުގައި އެހެން ދިމާލަކުން އައި އެއްޗަކަށް ހެދިދާނެއެވެ.

ޚަލީސީ އަލަމާރި ތަޅުލާފައި ތަޅުގަނޑި ފޮރުވުމަށްފަހުު އަވަހަށް ކޮޓަރިން ނުކުތީ ޖަބްރީލް ހޭލަންވާއިރަށް އޭނަ ތައްޔާރުވުމަށް ފުރުސަތު ދިނުމަށެވެ. ޖަބްރީލް ޑިއުޓީއަށް ދާން ފެށުމުން ތަންކޮޅެއް ފަސޭހަވާނެއެވެ. ޚަލީސީ ނިދަން އޮންނަނީ އެކޮޓަރީގައި ހުންނަ ސޯފާގައެވެ. ސޯފާބެޑެއް ސޯފާއަކަށް ހަދާފައި ހުއްޓަސް އޭނައަށް ފަސޭހަކަމާއެކު އެތާ ނިދަން އޮވެވެއެވެ. ޖަބްރީލް ހުރިހާ ބޮކިތައް ނިވާލައިގެން ކަނު އަނދިރީގައި ނިދާތީ އޭނަ ބިރުވެސް ގަނެއެވެ. ވާބޮޑުކަމުން އެގޭތެރެއިން ފާޑުފާޑު ސޫފިފެންނަލެއްވެސް އެހާ ގިނަވިއްޔާއެވެ. ކުރަތްޕެއް ފެނިއްޖެއްޔާ އޭނަގެ ޚަބަރު ހުސްވެދާނެއެވެ. ޔަޝަލް ބިރުން އުޅެނީ މަކުނުތައް ފެނިގެންނެވެ.

ޖަބްރީލް ޑިއުޓީއަށް ދާން ތައްޔާރުވެގެން ނުކުމެވުނީ ރުބާބް އައިސް އަރާ ހަމަވިވަގުތުގައެވެ. ރުބާބްގެ ފަރި ނަޒަރު ހުއްޓުނެވެ.

"މިދަނީ ޑިއުޓީއަށް....."

"ގުޑް ލަކް......ވަރަށް ގުޅޭ ރަސްމީކޮށް ހުރީމަ..."ރުބާބްގެ ލުއި ހުނުމުގެ އަޑު މިއުޒިކެއްފަދައެވެ.

"ތެންކްސް..."ޖަބްރީލްގެ ރީތި ހިނިތުންވުން މުޅި ކޮރިޑޯވެސް ދިއްލައިލިފަދައެވެ.

ޚަލީސީ އައީ ނަމާދުގެއާއި ދިމާލުންނެވެ. ޖަބްރީލްއާއި ރުބާބް ވާހަކަދެއްކިކަން ޔަގީންނުވިޔަސް ޖަބްރީލް ހިނގައިގަންނަމުން އެއްޗެކޭ ބުނެލިހެން ހީވިއެވެ. ރުބާބްއާއިމެދު ޚަލީސީގެ ޔަގީންކަން އޮވެއެވެ. ނިގާބު އަޅާކުދިންނަށް އޭނަގެ ހިތުގައިވެސް މަތީ މަގާމެއް ދެވިފައިވިއެވެ. ޚަލީސީ ދެކޭގޮތުން އެފަދަ ކުދިން ފާފައަކަށް އަރައިނުގަންނާނެއެވެ. އިންސާނުންވުމުން ކުދި ފާފަތައް ކުރެވުނަސް ފާފަތަކުން ދުރުވާން މަސައްކަތްކުރާނެއެވެ. އަދި ހާފިޒާއަކަށްވުމުން ޚާއްސަ ގަދަރެއް ދެވިފައިވިއެވެ. ﷲގެ ކަލާމްފުޅު އެހިތުގައިވުމުން ހިތް ސާފުވާނެއެވެ.

ޖަބްރީލް ދިޔުމުން މުޅި ހިސާބުގައި ހިފާލާފައިވި މީރުވަހުގެ ތެރެއަށް ޚަލީސީގެ ރޫހުވެސް އުދުހިގަތްފަދައެވެ.

"ހޭއި....."

ރުބާބް އެނބުރި ބަލައިލިއެވެ.

"ކޯންޗެއް މިއަދު އިފްތާރަށް ހަދަނީ؟"

"އަދި ނޭގޭ. ޔަޝް ޑިސައިޑްކުރާނީ......" ރުބާބް ހިނގައިގަތީ ކުރިއަށެވެ. "މިދަނީ މިރުސްކޮޅެއް ބިނދެލަން. ކުޅި އެއްޗެއް ހަދައިލަންކަމަށް...ފަހަރެއްގައި ޕިއްޒާ..."

ޖަބްރީލްއަށް ތަންދޫރީ ޕިއްޒާ މީރުކަން ޚަލީސީދަނެއެވެ.

"ތަންދޫރީ ޕިއްޒާ...ކެން އައި ހެލްޕް؟"

"ނޫން ޚަލީސީ ފޮނި އެއްޗެއް ހަދައިލަންވީނު...ޕްލީޒް."

ޚަލީސީގެ ހިތް ގެނބުނެވެ. އޭނަ ހަދާ އެއްޗެއް ޖަބްރީލް ނުކާނެއޭ ބުނަން އުޅެފައިވެސް ހިން ދިރުވައިލިއެވެ. ފެންކަޅިވާގޮތްވިއެވެ. ޖަބްރީލް އޭނަދެކެ ނަފްރަތުކުރާ ވަރު ވަށައިގެން ތިބޭ މީހުންނަށްވެސް ދުވަސްކޮޅަކުން އިހުސާސްކުރެވެން ފަށާފާނެއެވެ. އޭނައާއި ޖަބްރީލް ނުގުޅޭކަމަށް މަޖަލަކަށް ހަދާފައި ބުންޏަސް އޭނަގެ ހިތް ހަލާކުވެއެވެ. އަދި ނަފްރަތުގެ ގުޅުމެއްކަން އެނގިއްޖެއްޔާ އެހެން މީހުންވެސް އޭނައަށް މަލާމާތްކުރާނެއެވެ. މިއީ އެއްފަރާތުން ލޯބިވެވުމުގެ ނުބައި ނަތީޖާއެވެ. ޖަބްރީލްގެ ރީތިކަން އޭނައަށް މިވީ ވިހައަކަށެވެ. އޭނައަށްވެސް ލޯބިވެވުނީ އެ ރީތިކަމަށްހެއްޔެވެ. ޚަލީސީ އެއްފަރާތަކަށް ޖެހިލަމުން ފޯނަށް ނަޒަރު ހުއްޓައިލިއެވެ. ލޮކްސްކްރީނަށް ލާފައި އިނީ އޭނައާއި ޖަބްރީލްގެ ކައިވެނީގެ ފޮޓޯއެކެވެ. ޖަބްރީލްގެ މޫނުމަތިން ފެނުނީ މޮޅިވެރިކަމެވެ. ކުރިން އޭނައަށް ނޭގުނަސް މިހާރު އެވަރު ވިސްނިއްޖެއެވެ. އެ މަޖުބޫރޫ ހާލަތު ޖަބްރީލްގެ ލޮލުން ފައުޅުވެއެވެ.

ކަންތައް ހިނގީ ޚަލީސީ ހީކުރިގޮތަށެވެ. އޭނައަށް އެހާ މީރުކޮށް ކައްކަން ނޭގޭތީ އޭނަ ހަކާން ކައިރީ ބުނެގެން އެގެއިން ގެނުވީ ބަޓާސްކޮޗް ޕުޑިންއެކެވެ. ޖަބްރީލްއަށް ފޮނި އެއްޗެހި މީރުކަން އެނގުމުން މި ވަކިން ޚާއްސަ ވާނެކަމަށް ހީކުރިއެވެ. ނަމަވެސް ޖަބްރީލް ގާތު އެހެން ބުނުމުން ބުނީ ފޮނި އެއްޗެހި ކެއުމުން ސްޓްރެސްވާނީ ކަމުގައެވެ. ޑިއުޓީ ވަރަށް އުދަގޫކަމުގައެވެ. ޔަޝަލްއާއި ރުބާބްވެސް އެ މީރުވެގެން ތައުރީފުކުރިއެވެ.

***

ޔަޝަލްއާއި ރުބާބް މޭޒު ތައްޔާރުކުރަން ތިއްބެވެ. ޔަޝަލް ދައްކަމުން ދިޔައީ ޚަލީސީގެ ވާހަކައެވެ.

"ޚަލީސީ ފެނުނީމަ ސިމްޕަތީވޭ. އޭނަ ބައެއްފަހަރު ހީވޭ ރޮއިިފަހުންނަހެން. ކިހާ ދެރަ...ހިތަށް އަރާ އިޓްސް ނޮޓް ފެއާ ފޯ ހާރއޭ. އެއްވެސް އަންހެންކުއްޖަކު ހުންނަން ބޭނުންވާނެ މަގާމެއްނޫން. އެ ފެމިލީ ރިޗްވީމަ ޖަބްރީލް ޔޫޒް އެކުރަނީ. ހަމައެގޮތަށް ޖަބްރީލްވެސް ޚަލީސީ ޔޫޒްކުރަނީއޭޭ ބުނެވޭނީ. ކިހާ ދެރަ..."

"އަހަންނަށް ފީލްވަނީ ޚަލީސީ ގިލްޓީހެން. ލޯބިނުވާ މީހަކު އަމިއްލަ ކުރަން އުޅުމަކީ މޮޔަކަމެއް. ލޯތްބަކީ ގަދަކަމުން ހޯދޭނެ އެއްޗެއްނޫން..." ރުބާބް ޖޫސްޖަގު ގެނެސް ޖޫސްއަޅަންފެށިއެވެ. މިއަދު މީކާއިލްއާއި ހަކާންވެސް ރޯދަ ވީއްލަން ބައިވެރިވާނެތީ ތަންކޮޅެއް ސާމާނުގިނައެވެ. ކަރާ އަދި އަނބުޖޫހުގެ އިތުރުން ބްލޫބެރީ ސްމޫތީވެސް ހުއްޓެވެ.

"އަހަންނަށް ނޭގޭ. ބޯއިސްއިންނަކީ ހެޑޭކެއް. އައި ހެޓް ދެމް..." ޔަޝަލް ތުންފިތައިލިއެވެ.

"އަޖައިބެއްނު. އަނެއްކާ ސިހުރެއް ޖެހުނީބާ..."

"ނޭގޭ ބޮލުގައި ދޭތެރެއަކުން ރިއްސަނީ މައިގްރެއިން ކަމަށް ހީކުރީ. މަގޭ ޓްރިގާއަކީ ސެންޓް.......ހެހެ. ވަކި ކަހަލަ ސެންޓުތަކެއް. މިގޭ ބޯއިސްއިން ޖަހާ ސެންޓްތަކުން މަ ހަމަ ބޮލުގައި ރިއްސައިގަނޭ. އަދި އެނގޭތަ؟ ހަކާން މަދެކެ ލައިކްވާހެން ވަރަށް ހީވޭ... އަހަރެން ފެނުނީމަ އޭނަ ލަދުން ހުރީމަ ކޮންމެވެސް ފީލިންގްސްތަކެއް ހުންނަކަމަށް ހީވޭ. ޔޫ ނޯ ބޮޑީ ލެންގުއޭޖް............"ޔަޝަލް ބޯ ހޫރައިލިއެވެ. "އަހަރެން މީހަކާއި އިންނަން ހިތަށްވެސް ނާރުވަން. އެނގޭތަ؟ މަންމައަށް ލަނޑު ދިން ތިން ފިރިހެނުން. ފިރިހެނުންނަށް ޓްރަސްޓްކުރުން އެއްފަރާތުގައި ބާއްވާފައި ހަމަ ދެން ފޫހިވޭ. ފެންނައިރަށް އެންމެން ބަލާވަރުން ހީވަނީ ލޮލުންވެސް ކަމެއްކޮށްފާނެހެން...އަގް....."

"ތިބުނީ ހަކާން ލަދުގަންނަވާހަކަ. ދެޓްސް ޑިފެރެންޓް."

"އެއީ ދެއްކުންތެރިކަން...ފަހުން އަދި ފަހަތުން ނުނައްޓާ އުޅޭނެ..."ޔަޝަލް ޔަގީންކުރިއެވެ.

އިފްތާރުގަޑީގައި ބަހަނާއެއް ދައްކާފައި ޔަޝަލްއާއި ރުބާބް އެތަނުން ދިޔައެވެ. ޚަލީސީ ހުރިހާ ފިރިހެންކުދިންނާ ކާފައާއެކު އެކަނިކޮށްލާފައެވެ. ޖަބްރީލް ހަކާންއާއި މިކާއިލް ވަރަށް ގަޔާވެފައި ކަމުން އެކި އެއްޗެއްސަށް ތައުރީފުކުރަމުން ދިޔައިރު މިއަދު ޖަބްރީލް ފޮނި އެއްޗިއްސަށް މާ ވަރަކަށް ތައުރީފުކުރިއެވެ. ޚަލީސީ އިނީ ފާޑަކަށް ބާކީވެފައެވެ. އޭނައަށް އެކަމަކު އެންމެ ރަގަޅެވެ. އޭނަވެސް އެހެން މީހަކު ނުބަލާތީ ވަރަށް ފޯރިއާއެކު ކެއެވެ. އެއްފައި ގޮނޑިއަށް ލައިގެން ގޭގައި ހަދާގޮތަށް އިނުމުން މިއަދު އަޑުލާން މަންމައެއްވެސް ނެތެވެ. އެކަމަކު ކާފައަށް ފަހުން އެކަން ފާހަގަވެގެން އެވާހަކަދެއްކިއެވެ. ޚަލީސީއާއި ދިމާލަށް ވާހަކަދެއްކީވެސް "ކަނބުލޮ"ކިޔައިގެންނެވެ. ވަރަށް ގާތްކޮށެވެ. ޚަލީސީގެ ހިތަށް އުފާވެރި އިހުސާސްތައް ކުރެވުނެވެ.

***

ހަކާން އިޝާކޮށްގެން ކާންވެސް އައީ ސޯފިއާޕެލެސްއަށެވެ. ވަންނަން ދިޔައިރު ގަސްތަކުގެ ތެރެއިން ފެނުނު އެއްޗެއްގެ ބިރުވެރިކަމުން އޭނައަށް ބިރުން ހަޅޭއްލަވައިގަނެވުނެވެ. ދުވަހަކު އެހާ ބިރުވެރި އެއްޗެއް ފެނިފައިނުވުމާއެކު ގަޔާއި ކައިރިން ލާފައި ގޮސް ގަސްތަކުގެ ތެރެއަށް ވޫސްލާފައި ވަން އެއްޗެއް ބުނެލީވެސް ނުލަފާ އެއްޗެކެވެ."ކަލޭ މަރާލާނަން..." ހަކާން ހޭ ކަނޑާލާފައި ދިޔަގޮތަށް ވަނީ ޖަބްރީލްގެ ކާފަ އިން ކޮޓަރިއަށެވެ. އޭރު އޭނަގެ މޫނު ހުދުވެ ދާހިއްލާލާފައެވެ. އެކޮޓަރީގައި ނިދާބޮކި ދިއްލާލާފައި އޮތްއިރު ކާފަ އިނީ އެނދުގައި އިށީދެގެންނެވެ. މަޑިސީލަ ހުޅުވައިގެން މީރު ދުފުންގަނޑެއް ތައްޔާރުކޮށްލަނީއެވެ. ޖަބްރީލްގެ ކައިވެނީގެ ރޭ ކާފައަށް ތައާރަފުކޮށްދިން ގޮތަށް ދެމީހުންގެ ދެމެދުގައި އެކުވެރިކަން އުފެދިފައިވިއެވެ. ހަކާން ފުރަތަމަވެސް އެއަށް އަތް ބޭނިގޮތަށް އެތިކޮޅެއް އަަނގަޔަށް ލިއެވެ.

"ކާފާ...."

"ހާދަ ވަރެއްވެފައި މި ސޮރަށް މިހިރީ...ކޮން ކަމަކާއި ލައިގަތީ..."

"ދެންމެ މިގެއިން ރޫހާނީ ކަމެއް ފެނިއްޖެ. ކާފައަށް މިގެއާއި ބެހޭގޮތުން ގިނަކަންތައްތަކެއް އެނގިފައިވާނީ. އަޅުގަނޑަށް ޔަގީންވަނީ މިގޭގައި އެކަހަލަ ކަންތައްތަކެއް ހިނގާކަން. ޕްލީޒް ބުނެދީބަލަ...."ހަކާން އިށީނީ ކާފަގެ ގާތުގައެވެ.

ކޮމެންޓް 0