"ގުރުއާނަކީ ޝިފާއެކެވެ. ގިނަގިނައިން ގުރުއާން ކިޔެވުމުން ހިތާއި ސިކުނޑިއަށް ހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭނެއެވެ."
***
ލުއުލުއާ ރަތްކުލައިގެ ހެދުމެއްލައިގެން ޔާގޫތު ގަހަނާއިން ހަށިގަނޑު ފަޅުފިލުވައިލިއެވެ. އަދި އަގުބޮޑު ސެންޓެއް ޖަހައިލުމަށްފަހު ލޯގަނޑުން ބަލައިލުމުން އަމިއްލަ ނަފުސާއިމެދު ފަޚުރުވެރިވިއެވެ. އޭނަގެ ރީތިކަމަކީ ތަދު އެއްޗެކެވެ. އެހެން މީހުން ހަދާހެން ޕްލާސްޓިކް ސާޖަރީއަކަށް ބޭނުންނުޖެހި ގުދުރަތުން ވަނީ ދީލަތިވެފައެވެ. ލުއުލުއާ ޕޯޓިކޯއަށް ނުކުމެފައި ހަމަޖެހުމުގެ ނޭވާއެއްލިއެވެ. ޔަގީނުންވެސް އޭނަ ރުބާބް މިކައިލްގެ ދިރިއުޅުމުން ނެރެލާނެއެވެ. މިގެއާއި މިކާއިލްގެ ހިތުގައި ރަނިކަން ކުރާނީ ހަމައެކަނި އޭނައެވެ. އެހެން އަންހެނަކަށް މި މަގާމު ހައްގެއް ނޫނެވެ.
ގަސްތަކުގެ ތެރެއިން މީހެއްގެ ފިޔަވަޅުތަކުގެ އަޑު އިވުނުހެން ހީވެފައި ލުއުލުއާ ލޯބޮޑުކޮށްފައި ބަލަންފެށިއެވެ.
"ހެލޯ...އެނީވަން؟" ލުއުލުއާ ލޯ ހިމަކޮށްފައި ބަލަންފެށިއެވެ.
ދެވަނަ ސިކުންތުކޮޅުގައި ގާތުގައި ހުރި ގަހުގެ ފުރަގަހުން ނުކުތީ އަސްކަލަން ފިޔަވާ ދެވަނަ އިންސާނެއްނޫނެވެ. ލުއުލުއާގެ ހިތަށް ފޮނިކަމާއި އެއްވަރަށް ބިރުވެރިކަންވެސް ވަނެވެ. އަސްކަލަންފަދަ ހަގީގަތް ނޭގޭ ސިއްރުން ފުރިފައިވާ މީހަކަށް އިތުބާރުކޮށްގެން އޭނައަށް ލަނޑެއްލިބިދާނެއެވެ. އޭނަ ބޭނުމީ މީކާއިލްއާއެކު ހުރިހާ އުފާތަކެވެ. އެކަނި ރީތި މީހަކުން ކުރިމަގެއް ނުލިބޭނެއެވެ،
"އަސްކަލަން މިތާ ކީއްކުރަނީ؟"
"އަހަރެން މިއައީ އަހަރެންގެ އަންހެންކުއްޖާ ކައިރިއަށް...."
"ނޫން ދޭ މިއީ ރަގަޅު ގަޑިއެއް ނޫން...އެހެންނޫނަސް އަހަރެން މިހާރު މެރީކޮށްފިން...." ލުއުލުއާ އަސްކަލަން ފޮނުވައިލަން ބޭނުންވިއެވެ." އޭނަ އަންނާނެ މިހާރު...."
"ތީ ކޮންކަހަލަ ބަދުނަސީބު އަންހެންކުއްޖެއް. ބުނެފާނަން ވާހަކައެއް. މީކާއިލް އޭނަގެ އަންހެނުން ގޮވައިގެންގޮސް ގޭގައި އޮތް ވަލީމާއެއްގައި އެބަހުރި. ކަމަނާއަށް އެނގުމެއްވެސް ނުވެއެއްނު. އޭނަގެ މަންމައާއި ބައްޕަ އަލުން ގުޅި އަލުން ކައިވެންޏާއި ހަމަޔަށް ދިޔައީ. އެހާ ބޮޑު ކަމެއް އާއިލާގައި ހިނގިއިރު ބާކީކޮށްފައި ހުރީމަ ތިމާއަށް އެގޭގައި އޮތީ ކޮން ހައިސިއްޔަތެއްތޯ ސުވާލުކުރެވެން ވާނެ. މާ ރަގަޅުވާނެ އަހަންނާއެކު އައިއްޔާ. އޭރުން އަހަރެންވެސް ކަމަނާ ބޭނުންވާ އެއްޗެއް ހޯދަދީފާނަން..." އަސްކަލަންގެ ލޮލުގެ ވިދުން ގަދަވިއެވެ.
"ކީކޭ؟ މީކާއިލްގެ މަންމަ މެރީކުރީ؟" ލުއުލުއުގެ މޫނުގެ ކުލަ އޮއްސުނެވެ.
"މިހާރު އެކަން ކުރިއަށްދަނީ. އެހެންވެ މަ ބުނީ....ތި މީކާއިލްއަކީ ކާކުކަން އެނގިއްޖެއްޔާ ދުރަށް ދުވާނެ.."
"އެއީ ކީއްވެ؟"
"އޭނައަކީ ކާކުކަން އަދި ނޭގޭނެ..."
"ސީރިޔަސްކޮށް؟ ތިއީ ކާކުކަމެއްވެސް މަށަކަށް ނޭގޭ..."
"އަހަންނަށްވުރެ މިކާއިލްގެ ނުރައްކާތެރިކަން ބޮޑު....ލުއުލުއާއަށް އެންމެ ރަގަޅުވާނީ ހިތަށް އިތުރު އަނިޔާ ނުލިބެނީސް އޭނަގެ ދިރިއުޅުމުން އަމިއްލައަށް ދުރުވެގަތުން.. ހެޔޮއެދޭތީ މިހެން މިބުނަނީ.ލުއުލުއާ މީހެއްގެ އަންބެއްގެ ގޮތުގައި ހުރެ ބޭވަފާތެރިވީކަން އެނގުމުން މީކާއިލް މާފުކުރާނެތަ؟ވަގުތުން ވަރިކޮށްފައި އެއްލާލާނެކަމީ އިރުފެންނަ ފަދައިން އެނގޭކަމެއް.................."
ލުއުލުއާގެ ހިތް ނެގިނެގިފައި ޖެހެންފެށިއެވެ.
"މަށަށް އިންޒާރުދެނީތަ؟"
"ބޭނުންގޮތަކަށް ހީކޮށްލާ."އަސްކަލަންގެ ނަޒަރުގައި މަލާމާތުގެ އަސަރު އެކުލެވުނެވެ.
ލުއުލުއާގެ ހިތަށް ބިރުވެރިކަން ވަނީ އަސްކަލަންގެ ލޮލުގެ ކުލަ ރަތްވެ ގައިގާ އިސްތަށިތައް މާގިނަހެން ހީވެފައެވެ. މޫނުމައްޗަށްވެސް ތަފާތު ބަދަލުތަކެއް އަންނާންފެށިއެވެ. ލޮލުގައި އަނދިރި ހިޔަނިތަކެއް ދައުރުކުރާފަދައެވެ. ނުރައްކަލާއި ބިރުވެރިކަން ނުފެންނަ ކަރަންޓެއް ފަދައިން މާހައުލުގައި ހިފާލައިފިއެވެ. އަސްކަލަން ކާލާފައި އަރައިގެން އައި ފުރޭތައެއް ނޫންކަމެއްވެސް ނޭގެއެވެ. ލުއުލުއާ ކުއްލިއަކަށް އެނބުރިލާފައި ދޮރާއި ދިމާލަށް ދުއްވައިގަތެވެ. އޭގެ ކުރިން އައި ބާރު ވައިރޯޅިއަކާއެކުގައި ދޮރުފަތް ލެއްޕުނެވެ. ލުއުލުއާގެ ހިތަށް އައީ ގަނޑުފެނުގެ ހަމަލާއެކެވެ. ހިތަށް ފިނިވެ ބިރުވެރިކަން މުޅި ނަފުސް ވަށާލައިފިއެވެ. އަސްކަލަންއާއިމެދު ބިރުހީވެ ފިލުން ނޫން ގޮތެއް ނެތްކަން އޭނަގެ ޟަމީރު އަންގަނީއެވެ. ލުއުލުއާ އެނބުރުނުއިރު އަސްކަލަން ފެންނާކަށް ނެތެވެ. އެތެރެއަށްވަދެ އޭނަ މިކާއިލްއަށް ގުޅަން މަސައްކަތްކުރިއެވެ.
***
ހަމްދާންއާއި ސޯފިޔާގެ ކައިވެނީގެ ވަލީމާއަށްފަހު ޔަޝަލް އޭނަގެ މަންމައާއި އެކަނިވެލާނެ ފުރުސަތެއް ހޯދިއެވެ. ސޯފިއާ ބަދިގެއަށް ވަންތަނުން ޔަޝަލްވެސް އަވަހަށް ގޮސް މަންމައާއި އަރާހަމަކުރިއެވެ.
"މަންމާ. އަޅުގަނޑު ވާހަކައެއް ބުނަން އެބައޮތް...މަންމަ ކުރިން ހަކާންއާއި ބެހޭގޮތުން ބުނީ އެއީ ރަގަޅު ވާހަކައެއްތަ؟ ހަކާން އަނެއްކާވެސް މެރީކުރަންވެގެން އަހައިފި. ވަލީ ހޯދަން އަޅުގަނޑުގެ ބައްޕައަކީ ކާކުކަން އެނގެންވެސް ބޭނުން.ޕްލީޒް މަންމާ. ތެދަށް ބުނެފާނަންތަ؟"
"އާނ، އޭރު އެވާހަކަ ދެއްކީ މަންމަގެ ސިކުނޑީގެ މައްސަލަ ހުރީމަކަމަށް ވާނީ. މަންމަގެ ލޮލަށް އެހެން މީހުންގެ ލޮލަށް ނުފެންނަ ކަންތައް ސިފަވާކަމަށް ވަނީ. އެވެސް އެކަހަލަ ކަމަކަށްވުން ގާތް. ތަންޒީލާއާއި ސާފުކޮށް ކުރިމަތިލީމަ ހުވާކޮށްފައި ބުނަނީ ހަކާންގެ ބައްޕައަކީ އަކްރަމް ކަމަށް. އެހެން މީހަކާއި ގުޅުމެއް ނުބާއްވާކަމަށް. ދެން މަންމައަކަށް ނޭގޭ. ޔަޝަލް އެކަން ޔަގީންކުރުވަން ޑީއެންއޭ ޓެސްޓެއް ހަދަން ހަކާން ގާތު ބުނޭ.........."
"ގުޑް އައިޑިއާ..." ޔަޝަލް ހިނިތުންވެލިއެވެ.
"ޔަޝަލްއާއި ޖަބްރީލްގެ ބައްޕަގެ ގެ މިއީ..."
"އޭނ....؟" ޔަޝަލް ސިހުނެވެ.
"އާނ ދަރިފުޅުމެންގެ ލޮލުގެ ކުލަ ވާރުތަވީ އޭނަގެ ފަރާތުން. ހަމްދާންގެ އެކުވެރިއެއްގެ ގޭގައި މަންމަ ބަހަައްޓާފައި އިތުބާރުކޮށްފައި ހަމްދާން ދިޔައީ.އެކަމަކު ހަމްދާންވެސް ވިޔަފާރީގައި ބިޒީވުމާއެކު ފަންޑިތަހަދާފައި ހުރުމުން މަންމަގެ ހިތްވެސް އޭނައަށް ކީ...އޭރު ހަމަ ޖިންނިތަކުގެ އުދަގޫބޮޑުކަމުން ޖަބްރީލްވެސް ޖިންނިއެއްގެ ދަރިއެއްކަމަށް ހީކުރެވި ފޫހިވެގެން މާލެއަށް ގެންގޮސް ބައްޕަމެން ގާތު ބަހައްޓާފައި އައީ..ހަގީގަތާއި ޚިޔާލީ ކަންތައް ވަކިކުރަން އުދަގޫވެފައި އޭރުވީ...."
"އެކަމަކު.......ބައްޕައަކީ އެމެރިކަންއެއް؟"
"އާނ....ދަތުރުކުރަން ގޮސްފައި އޭނަ ނިޔާވި ވާހަކަ ވަރަށް ފަހުން ހަމްދާނު ބުނީމަ ވަރަށް ދެރަވި. އަހަންނަށް އޭރު ކަންތައް ކުރެވުނީ އެންމެ ރަގަޅަކަށް ނޫން. މިގެއަށް އައުމުން މާޒީގެ ހަނދާންތައް އާވާންފެށި. ބަލީގެ ސަބަބުން އަންބެއްގެ ޚިދުމަތް ރަގަޅަށް ނުދެވުނަސް ހަގީގަތުގައި އެއީ ރަގަޅުމީހެއް...."
"އޯވްހ....މިވީގޮތުން ބައްޕަގެ ފެމިލީ ހޯދަން ބޭނުންވެއްޖެ. އެޓްލީސްޓް ދޭ ޑިޒާވް ޓު ނޯ އެބައުޓް އަސް.."ބައްޕަ ނިޔާވިކަން އެނގުމުން ޔަޝަލް މޮޅިވެރިވިއެވެ. އޭނަ އެދުނީ ފޮޓޯއެއް ދެއްކުމަށެވެ.
ސޯފިއާ ޔަޝަލް އެހެން ކޮޓަރިއަކަށް ގެންގޮސް އަލަމާރިން އަލްބަމެއް ނަގާފައި ދިނެވެ.
މަންމަގެ ސިއްރުވެރި މާޒީގެ ކޮންމެވެސް ބަޔެއް ކުރިމަތީގައި ނިއުޅެންފެށިއިރު ޔަޝަލްގެ ލޮލުން ކަރުނަ ހިލޭގޮތްވިއެވެ. މަންމަ އެ ބާބު ފޮރުވާފައިވަނީ ކީއްވެކަން މިއަދު ޔަޝަލްއަށް އެނގިއްޖެއެވެ. ސިހުރުގެ ބާރުގައެވެ.
***
ޚަރީފު މޫސުމްގެ ހަނދުގެ އަލިކަން ގޮފިތަކުގެ ތެރެއިން ފުރާނާލާފައި ބިންގަނޑަށް އަލިކޮށްދީފައިވަނީ ސިހުރުވެރިގޮތަކަށެވެ. މިކާއިލްއާއި އޭނަގެ ބައްޕަ ހަމްދާން ގޭގެ ޕޯޓިކޯގައި ހުރި ގޮނޑިތަކުގައި ތިބީ ހޫނު ކޮފީއަށް އިންސާފުކުރުމުގައެވެ. ތަނުގައި ހިފާލަފައިވަނީ ސިކުނޑިއަށް އަރާމުދޭފަދަ ވަހެކެވެ. ދެބަފައިން ދައްކަމުން ދިޔައީ ވިޔަފާރީގެ ވާހަކައެވެ. އެ ވާހަކައިގާ ތިބެފައި މީކާއިލް އޭނަގެ ބައްޕަ ގާތުން މާފަށް އެދުނެވެ.
"ސޮރީ ޑޭޑް. އަދިވެސް އަޅުގަނޑަށް ބައްޕަ އެދިލެއްވި ކަންތައް ކޮށެއް ނުދެވޭ.."
"ތިބުނީ ކޮން ކަމެއްތަ؟"
"ލުއުލުއާއާއި ވަކިވާން....."
"ބައްޕައަށް ތަންކޮޅެއް ހަރުކަށިކޮށް އެވާހަކަދެއްކުނީ. އަންބަކު ހުއްޓާ ކުށެއްނެތި ވަރިކުރުމަކީ އިންސާފެއްވެސް ނޫން. އެވަގުތު އެކުއްޖާގެ ބައްޕަދެކެ ރުޅިއައިސްފައި ހުރުމުން ބުނެވުނު ބަހެއް. ކުށެއްނެތި އެހެން ދޫކޮށްފިއްޔާ އަނިޔާ ލިބިގެންވާ ފަރާތަކަށްވާނީ. އަނިޔާލިބިގެންވާ ފަރާތްތަކުން ކުރާ ދުޢާ ﷲ އިޖާބަކުރައްވާނެ. ދަރިފުޅުގެ ހަޔާތް ބަރުބާދުވުމުގެ އަސްލަކަށް އެ ދުޢާވެގެން ހިނގައިދާނެ. ބައްޕައަށް ހެވޭ މިކާ ދެ އަނބިން ގެންގުޅުނަސް....އެކަމަކު ކުށެއްނެތި ވަރިނުކުރާތި...."
"އެކްޒެކްޓްލީ...ތިއީ އަޅުގަނޑުވެސް ވިސްނިގޮތް. ކުށެއް ނުފެންނަނީސް ދޫކޮށްލުމަކީ އެކަކަށްވެސް އެންމެ އެކަށީގެންވާގޮތް ކަމުގައި ނުވެ ހިނގައިދާނެ..."މީކާއީލް އޭނަގެ އަތުގައި އޮތް ކުޑަ ބެއާއާއި ބައްދައިލިއެވެ.
"ކޮންއިރަކުން ތިކަން ހުއްޓައިލާނީ؟"
"ދޭ އާ މައި ބެސްޓްފްރެންޑްސް....ހެހެ.."
ކިތަންމެ ފިރިހެންވިޔަސް ސްމާޓްވިޔަސް އިންސާނެއްވެއްޖެއްޔާ އުނިސިފަތަކެއް ހުރެދާނެއެވެ. މީކާއީލްގެ ފުރިހަމަކަމާއެކުގައިވެސް އޭނަގެ ޅަކަމެއް ހުރެއެވެ. ކުޑައިރުގެ ބައެއް ސިފަތަކާއި ވަކިވާން އަދިވެސް އޭނަ ބޭނުންނުވަނީއެވެ. މަންމައަކާއިނުލާ އުޅުމުގެ ސަބަބުން މީކާއީލްގެ ނަފުސްގައި ހަރުލީ އެ އާދައެވެ. މަންމަގެ ހޫނުކަމާއި ލޯބި އަދިވެސް އޭނައަށް ލިބެނީ ޓެޑީބެއާތަކުންނެވެ.
***
"މިކާ ރުޅިއައިސްފަތަ؟" ލުއުލުއާ މީކާއިލްގެ އަތުގައި ހިފައިލަން އުޅުމުން އޭނަ ދުރަށް ޖެހިލިއެވެ.
"އަހަރެން މިދަނީ ބޭރަށް......މިއަދު ގެއަށް އާދެވޭނެކަމެއް ނޭގޭ......ގޭގައި މަޑުކޮށްލާ........."
"ކޮންމެވެސް ކަމެއް ވެއްޖެ...ބުނީމައެއްނު މިކާ އެނގޭނީ. އަހަންނަށް ކުށެއް ކުރެވުނީތަ؟" ހިތް ގެނބިގެން ދިޔުމާއެކު ތަންކޮޅެއް މަޑުން ލުއުލުއާއަށް އަހައިލެވުނެވެ. މީކާއިލް ބުމަ ކުޑަކޮށް ގޮށްޖަހާލާފައި ދުރަށް ދާން ހިނގައިގަތެވެ. އިތުރު ޖަވާބެއްނުދީއެވެ. ލުއުލުއާގެ ހިތް "ފްރީޒް"ވިއެވެ. އެ ގަނޑުކަން މަޑުމަޑުން މުޅި ހަށިގަނޑަށް ފެތުރެންފެށިއިރު ފެނުނީ ރުބާބް އެތަނަށް ވަންތަނެވެ. މީކާއިލް ރުބާބްއަށްވެސް ބަލައިލުމެއްނެތި ދުރުގައި ފިޔަވަޅު އަޅަމުންގޮސް ލޯމަތިން ގެއްލުނެވެ.
"އެނގޭތަ މީހަކު ބުނި އެއްޗެއް؟ މީކާއިލްއަކީ ވެސް ޖިންނިއެއްގެ ދަރިއެކޭ...." ލުއުލުއާ ރުބާބް ބިރުގަންނަވައިލަން އުޅުނެވެ.
"އޯ......އެކަމަކު ހިއުމަންއަކާއި ތަފާތެއްނެތް. ފަހަރެއްގައި މަންމަގެ ޑީއެންއޭ ވާރުތަކުރީ؟" ރުބާބްގެ ލޮލުން ސިހުމެއް ނުފެނުނެވެ.
"އަދި ނޭގެނީ. އޭނަގެ ހުރޭ ޖިންނި ބާރުތައް.."
"ތީ މާ ރަގަޅުގޮތެއް ހެ.."ރުބާބް ހީލިއެވެ.
"ބި***" ލުއުލުއާއަށް ކިޔައިލެވުނެވެ. މާ ކޫލްވެގެން އުޅޭ ފޮނިގަދަ މަންޖެއެކޭ ހިތަށް އަރާފައި މޫނުމަތީ ހިތުން ފިލައިގެން ނުދާނެވަރު ބޮނޑިއެއް އަޅާހިތުން ލުއުލުއުގެ ދަތްތައްވެސް ހިރުވައިގަތެވެ. މުޅިހަށިގަނޑަށް ވާންވެލީ ރުޅިގަނޑު މައިތިރި ނުކުރެވިގެންނެވެ. މި އަންހެނާ އޭނަގެ އަތުން މަރުވާނެއެވެ. މީކާއިލްގެ ހިތާއި ހަމަޔަށް ފޯރުމުގެ ކުރިންނެވެ.
"އަހަންނަށް ނޭގޭ ލުއުލުއާ ތިހާ ރުޅި އަންނަންޖެހޭ ސަބަބެއް. މީކާއިލް ހިތުން ރުހުމުން ކައިވެނިކުރީ ތި ކުއްޖާއަށްވީމަ އުފާކުރަންވީނު. އަހަންނަކީ ބައްޕަ ބުނެގެން މަޖުބޫރުވެގެން އެކީގައި އުޅޭ މީހެއްނު. ވީމަ ޖައްސާލައިގެން ނޫޅެ ސުލްހަވަމާ...." ރުބާބް ސަލާމްކޮށްލަން އަތްދިއްކޮށްލިއެވެ.
ލުއުލުއާގެ ސިކުނޑީގައި އެވަގުތު ކޯނޗެއް ހިނގައިގެން ކަމެއްވެސް ނޭގުނެވެ. ވަގުތުން ސަލާމްކޮށްލީ ހުރިހާ ދަތްތައް ފެންނަވަރަށް ހީލަމުންނެވެ.
***
ސޯފިއާ އާއި އާއިލާގެ އެންމެން މާލެއަށް އައީ އެމިރޭޓްސް ފްލައިޓްގައެވެ. ރާއްޖެ އަންނަން ޖެހުމުން ލުއުލުއާ ރުޅިއައިސްގެން ފަޅައިގެންދާވަރުވި ނަމަވެސް އެއްޗެކޭ ބުނަން ނުކެރުނީ މީކާއީލްގެ ފަރާތުން ފެންނަމުންދާ ދުރުހިލޭކަމާއި ނުރުހުންތެރިކަމުންނެވެ. އޭނައާއި އަސްކަލަންގެ ގުޅުން ބޭޒާރުވީކަން ޔަގީނެވެ. އެހެންވުމުން ހިތަށް ކުރި ފުން އަސަރު ރުޅިވެރިކަން ޚިޔާރުކުރިއެވެ. ނަފްރަތުގެ އަމާޒުފަތްގަނޑަކަށްވީ ރުބާބްއެވެ. އޭނަގެ ނަޒަރުގައި ރުބާބްއަކީ މިޒަމާނަށް ފެތޭ އަންހެންކުއްޖެއްނޫނެވެ. ނިގާބީއިންނަށް މީކާއީލްފަދަ ސްމާޓް ރީތި ޒުވާނެއްގެ ހަޔާތުން ޖާގަ ލިބުމަކީ އިންސާނިއްޔަތަށްވެސް ހުރި ހުތުރެކެވެ. އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން އޭނަ ރުބާބް ނައްތައިލާނެއެވެ. ނަމަވެސް ލުއުލުއާ އެންމެންގެ ހިތުން ޖާގަ ހޯދަންވެގެން ވަރަށް ހެޔޮކޮށް ރުބާބްއާއި ވާހަކަދެއްކިއެވެ. އެހެން އެންމެނަށްވެސް އެކަމުން ހައިރާންކަމެއް ލިބުނެވެ. މީކާއިލްގެ ދެ އަނބިން ސުލްހަވެ އެކުވެރިކަމާއެކު ވާހަކަދެއްކުމަކީ އެކަކުވެސް ދެކޭނެކަމަށް ހީކުރި މަންޒަރެއް ނޫނެވެ.
ދުބާއީގެ ބިޒިނަސް ކްލާސް ލައުންޖްގައި ތިބިއިރު ސޯފިއާއާއި އޭނަގެ ބައްޕައާއި މީކާއިލް އެއްތަނެއްގައި ވާހަކަދައްކަން ތިބިއިރު ޔަޝަލްއާއި ރުބާބް އަދި ލުއުލުއާވެސް ވަކި ސޯފާތަކެއްގައެވެ. ޖަބްރީލްއާއި ޚަލީސީ ދާދި ގާތުގައި ވީޑިއޯއެއް ބަލަން ތިބެ ހީހީފައި ކޮންމެވެސް ވާހަކައެއް ދައްކަމުން ދިޔައެވެ. އެ މަންޒަރު ސިއްރުން ބަލަމުން ދިޔަ ލުއުލުއާއަށް އުދަގޫވިއެވެ. ހަމްދާން ހުރީ ތަންކޮޅެއް ދުރުގައި ފޯނެއްގައެވެ.
"ޔަޝަލްއަށް އަޑުއިވުނީ ލުއުލުއާ މިކާގެ ބައްޕައަކީ ޖިންނިއެކޭ ކިޔައިގެން އުޅުނޯ...ކާކު ފަތުރައިގަތް ވާހަކައެއް ކަމެއްވެސް ނޭގޭ.."
"ބައްޕައަށް އެހެން ބުނެވުނީ.."
"ބައްޕަ އެވާހަކަދައްކާނީ ކޮންމެވެސް މީހަކު ބުނީމަތާ..."
"އެހެން ހެން ހީވަނީ..."
"އެއީ ކުރިން އެގޮތަށް ކޮންފިއުޒްވެ ރިއަލިޓީވެސް ވަކިނުވެ ހުރި ދުވަސްކޮޅު މަންމަ ގާތު އެހެން ބުނެވުނީ. މިކާގެ ބައްޕައަކީ ޖިންނިއެކޭ. އެކަމަކު ﷲ ދެނެވޮޑިގެންވާނެ. މިކާ ކުޑައިރު މިޒާޖު ތަފާތުވީ އޯޓިޒަމް ވީމަ. އިމޭޖިނެރީ ފްރެންޑެއްހުރެގެން އެކުއްޖަކާއި ވާހަކަދައްކާހެދި. އެއީ އެއްގޮތަކަށްވެސް މިކާގެ ބައްޕަ ޖިންނިއަކަށް ވީމައެއްނޫން. އެކަހަލަ ވަރަށް ގިނަ ވާހަކަތައް ދެއްކިފައިވާނެ. ޖިންނި އަވަލީމާ ވީހާ ގޮތްތައްކަމަށް ބައްޕަވެސް ގަބޫލުކުރާނެ. ބައްޕާ. މިކާއަކީ ޖިންނިއެއްގެ ދަރިއެއްނޫން. ހަމަ ނޯމަލް އިންސާނެއް. ޖަބްރީލް ފަދައިން..."ސޯފިޔާ ހަގީގަތް ހާމަކޮށްދިނެވެ.
***
ސޯފިއާޕެލެސްއަށް އެ އާއިލާ އައިއިރު އެގެ ހުރީ ފަޅަށެވެ. ތަންޒީލާ ސޯފިއާއަށް އިސްތިގުބާލުކުރަން އައިސް އެންމެ ކުރިން ދިން ޚަބަރަކީ އެގެއިން ޖިންނި ފެނިގެން އަވަށްޓެރިން ބިރުން އުޅޭ ކަމަށެވެ. ސޯފިއާ ހީލާފައި ބުނީ ހަކާން ރުގުޔާކުރަން ކުޅަދާނަކަމުން އޭނައަށްވެސް ގުރުއާނުން ޝިފާ ލިބިފައިވާ ކަމަށް ގަބޫލުކުރާކަމަށެވެ. ލޯމަތިން ފެންނަ ސޫރަތަކާއި އަޑުތައް ކެނޑި ހިތަށް އަމާންކަމާއި ހަމަޖެހުން ލިބިފައިވާ ކަމުގައެވެ. ތަންޒީލާގެ މޫނުމަތިން އުފާވިކަމުގެ ކުލަވަރު ފެނުނެވެ. އޭނަ ދެވަނަފަހަރަށްވެސް ސޯފިއާގެ ގައިގާ އޮޅުލައިގަތްގޮތުން އެހިތުގެ ސާފުކަން ދައްކުވައިދިނެވެ. ސޯފިއާ ތަންޒީލާއާއިމެދު ދެކުނުގޮތް ބަދަލުވެ އެހިތްވެސް ސާފުވިއެވެ.
މިކާއިލް އާއި ލުއުލުއާ އަދި ރުބާބް ތިބެން ހަމަޖެހުނީ ހަމްދާނުގެ ގޭގައެވެ. ދެބުރިއަށް ނަގާފައިވާ އެ ރީތި ގޭގެ މަތީބައިގެ ބެލްކަނިން ދުރު ފެންނަލެއް ވަރަށް ހިތްގައިމެވެ. އުޑުމަތި ސާފުރެއެއްކަމުން ކޮންމެވެސް ވަރަކަށް ތަރިތައް ވިދާތަން ފެނެއެވެ. ލުއުލުއާ ބެލްކަންޏަށް ނިކުތްއިރު މީކާއިލް ހަރުކަށިކަމާއެކު ކޮންމެވެސް މީހަކާއި ވާހަކަދައްކަނީއެވެ. ފޯނަކުން ނޫނެވެ. ގާތުގައި ހުރި ނުފެންނަ ފަރާތަކާއެވެ. ލުއުލުއާގެ ގައިން ހީބިހި ނަގައިގަތެވެ.
"މިކާ.....ކީއްކުރަނީ؟"
މީކާއީލް އެނބުރި ބަލައިލިއިރު އެލޮލުން އިތުރު ކުލަވަރެއް ނުފެނުނެވެ.
"ކިހިނެއްވީތަ؟"
"ކަމެއްނުވޭ. މިކާ ރުޅިއައިސްފަތަ؟"
"ރުޅި އަންނަވަރު ކަމެއް ވީކަމެއް ނުދެނެހުރިން..."
"ނޫން ސަމްތިން ހެޕެންޑް. ކުރީގެ މިކާއެއްނޫން ތިއީ...."
"އެއްވެސް އިންސާނަކީ އަބަދު އެއްގޮތަކަށް ހުންނާނެ މީހެއްނޫން. އެހެންނޫނަސް އަބަދު ޝަކުވާކުރުމަކީ އަހަރެން ރުހޭކަމެއްނޫން. ލީވް މީ އެލޯން. ބޮލުގައި އެބަ ރިއްސާ..."މީކާއިލްގެ ނުރުހުމުން ލުއުލުއުގެ ހިތް ކުދިކުދިވަނީއެވެ. ބިރުވެރިކަމާއި ހާސްކަން އޭނަގެ މުޅި ނަފުސް ވަށާލައިފިއެވެ. އޭނައާއި އަސްކަލަންގެ ގުޅުމާއި ބެހޭގޮތުން މީކާއިލްއަށް އެނގެނީބާވައެވެ. ޖިންނިންނާއި ގުޅުން ހުރިއްޔާ އެނގޭނެކަމުގެ ޔަގީންކަން ލުއުލުއާގެ ހިތް ވިރުވާލިއެވެ. އެކަމަކު އޭނަ މީކާއިލްގެ އަންބެއްގެ ގޮތުގައިހުރެ ބޭވަފާތެރިވިކަން އެނގުމުން މީކާއިލް މިވަރުން ފުއްދާލައިގެން ހުންނާނެހެއްޔެވެ؟
އިތުރަށް މީކާއިލް ރުޅިއަރުވަން ނުކެރިގެން ނިކުމެގެންގޮސް ބަދިގެއަށްވަނީ ފިނިކޮށްލަން އެއްޗެއް ކައިލުމަށެވެ. ރުބާބް އޭނަގެ އެންމެ ފެވެރިޓް ހޯލިކްސް ތަށްޓެއް ހަދާލައިގެން ހުއްޓާ ފެނުމާއެކު ލުއުލުއާގެ ކެތްތެރިކަން ކޮޅުންލިއެވެ. ރުބާބް އަނެއް ފަރާތަށް އެނބުރުނުވަގުތު އަތުގައި ހުރި ފުޅިން އެތިފޮދެއް އަޅާލާފައި އޭނަވެސް ފްރިޖް ހުޅުވައިލިއެވެ.
"ބާބް...މިކާއިލް ހާދަ މޫޑީ ދުވަސްކޮޅެކޭ....ޚަލީސީގެ މަންމަވެސް ބުންޏެއްނު މިކާގެ މަންމަމެންގެ ގެއިން ހަންޑިފެނިގެން އަވަށްޓެރިން އުޅޭ ވާހަކަ.."
"އަހަރެމެންނަކަށް ނުފެނޭ ދޯ...."
"ބައެއް ރާހިތަކުގެ މީހުންނަށް ފެންނާނީ..މިކާއާއި ޖިންނިންނާއި ކޮންމެވެސް ކަހަލަ ގުޅުމެއް އޮވޭ..........."
"އާނ. ކުރިންވެސް ލޫލޫ ތިވާހަކަ ބުނިން ދޯ...."
ރުބާބް ހޯލިކްސްތަށި ނަގާ ތުނބުގައި ޖެހުމުން ލުއުލުއާ ނޭވާ ހިފެހެއްޓިއެވެ.