"ރަމަޟާންމަހުގެ ދުވަސްތަކުގައި ކީރިތި ގުރުއާން ގިނަގިނައިން ކިޔަވާ ހިތުން ދަސްކޮށް ތަރުޖަމާ އަދި ތަފްސީރު ކިޔުމާއި އަޑުއެހުން، ސުންނަތް ނަމާދުތައްކޮށް ޒިކުރުކުރުން، ގިނަގިނައިން ދުޢާކުރުން، އާއިލީ ގުޅުން ބަދަހިކުރުން، ތަރާވީސްކުރުން، އަދި ދީނީ ގޮތުން އެނގޭ އެއްޗެހި އެހެން މީހުންނާއި ހިއްސާކޮށް ދީން އޮޅުން ފިލުވައިދީ އަޅުކަން ގިނަކުރުމުން އެމާތް މައްސަރުގެ ބޭނުން އެންމެ ރަގަޅުގޮތުގައި ހިފޭނެއެވެ."

***

ރޭގަނޑުގެ އަނދިރިކަން ފުންވަމުން ދިޔައިރު ޖަބްރީލް އިނީ ފެންޑާގައި ގޮނޑިއެއް އަޅައިގެން އެކަނިމާއެކަނިއެވެ. ކަޅުއެއްޗެހީގައި އިންއިރު އޭނަގެ ހިޔަނިވެސް އަނދިރިކަމާއި އެކުވެފައިވާފަދައެވެ. ފޯނުވެސް ނިވާލައިގެން ޚިޔާލެއްގައި އިންދާ ކައިރީގައި ހުރި ގަސްބޮނޑިކައިރިން އެއްޗެއް ފިރުކިގަތްފަދަ އަޑެއް އިވުނެވެ. ތަންކޮޅެއް ބިޔަ ބަރުހެލި އެއްޗެއް ބިންމަތީގައި ބަނޑުޖަހާފައި ދެމިގަތުމުން އިވޭފަދަ އަޑެކެވެ. ޖަބްރީލް އެއިންގޮތަށް އިނދެ ލޮލުގެ ހިމަކޮޅުން ބަލައިލިއިރު ހިޔަންޏެއްފަދަ އެއްޗެއް ހުރަސްކޮށްލިހެން ހީވިއެވެ.ވަހުމެއް ބާވައެވެ. މާގިނައިރުވަންދެން ޚިޔާލުކުރަން އިނުމާއި އެއްތަނަކަށް ބަލަން އިނުމުން ސިކުނޑި ސަމާސާއެއްކޮށްލީހެއްޔެވެ؟

އޭނަ ސިއްސައިގެން ދިޔައީ އެތެރެއިން ދޮރެއް ލެއްޕުނު އަޑުއިވިފައެވެ. ފުންމައިގެން ތެދުވުމާއެކު އަވަސްވެގަތީ އެ އަޑެއް އައި ދިމާލެއް ހޯދުމަށެވެ. ވައި ރޯޅިއެއްނެތް ހިމޭން ރެއަކަށް ވުމުން އެފަދަ އެފަދަ އަޑެއް އިވެންވީ އެއްވެސް ސަބަބެއްނެތެވެ. ޖަބްރީލް އެތެރެއަށް ވަދެ ފޯނު ދިއްލާލައިގެން ހުރެ ހުރިހާ ކޮޓަރިތައް ޗެކްކުރިއެވެ. ސިހުރުކޮޓަރިއާއި އަރާ ހަމަވުމާއެކު އިވުނީ އެދިމާލުން ގޭގެ ފަހަތަށް ނުކުމެވޭ ހިސާބުގައި ހުންނަ ވަޅުން ފެންފުރި އަޑެވެ. ދާނި ވަޅަށް ކޮށްޕާފައި އެމީހަކު ފެންފުރަމުން ދިޔައެވެ.ބިރުންގޮސް މޭގަނޑު އަނގަޔަށް އައިސް،އެތެރެހަށީގައި ހިނގަމުން ދިޔަ ނޭވާ ހުއްޓުނު ދަނޑިވަޅެކެވެ. ގަނޑުވެފައި ހުރިއިރު ދެފައިވެސް ހަރަކާތެއް ނުކުރިއެވެ. ދެން އިވުނީ މީހެއްގެ ފިޔަވަޅުގެ އަޑެވެ. އެ ފިޔަވަޅުތައް ހުއްޓުމުންވެސް ގުޑިލަން ނުކެރިފައި ހުރެވުނީއެވެ. ކުއްލިއަކަށް ކޮނޑުގައި ކޮށްޓައިލުމާއެކު އަޑުކޮޅަށް އޭނަ ހަޅޭއްލަވައިގެންފާ އެނބުރުނުއިރު ފަހަތުގައި ހުރީ ހަކާންއެވެ.

"ސާބަހޭ. މިއީ މަށޭ.. މި ކޮޓަރި ކައިރީ ކީއްކުރަނީ؟ ޖިންނިއާއި ޑީލްއެއް ހެދީތަ؟" ދަތްތައް ދައްކާނުލާ ހެވިފައި ގާތުގައި ހުރީ ހަކާންއެވެ. އާދައިގެ މަތިން ބެކްޕެކް އަޅުވާލައިގެންނެވެ. ލޯވެސް މުޅިން ނުފެންނަވަރަށް އިސްތަށިގަނޑު މޫނަށް ވައްޓާލައިގެން ހުންނަގޮތުން އޭނަގެވެސް ސިއްރުވެރިކަން އިތުރުކުރުވައެވެ.

"ވަޅުން ފެން ފުރިންތަ؟" ޖަބްރީލްގެ ލޯ ހުއްޓުނީ ހަކާންގެ ފަޔަށެވެ. އޭނަގެ ފައިތިލައިގާ ފެނުގެ އެއްވެސް އަސަރެއްނެތެވެ.

"ތިހެން ބުނީ ކީއްވެތަ؟ ސިއްސައިގެން ދިޔަގޮތުން ކަމެއްވެއްޖެކަން އެނގިއްޖެ..ކިޔާދީބަލަ. ކޮންކަމެއް ފެނުނީ؟މިގޭތެރޭގައި ރޫހާނީ ކަންތައްގަނޑެއް އެބަ ހިނގާ. އެވަރު އަހަންނަށް ޔަގީން..."

"އަހަންނާއެކު އާދެބަލަ.."ޖަބްރީލް ހަކާންގެ އަތުގައި ހިފެހެއްޓީ ތަންކޮޅެއް ބާރަށެވެ. ގޭގެ ފަހަތުބަޔަށް ނިކުންނަން ހުރި ދޮރުގެ ތަޅު ހުޅުވާލާފައި ތަންޑުވެސް ނެއްޓިއެވެ. އެހިސާބުގައި އަނދިރިކަން ގަދަޔަސް ފޯނުން އަލި އަޅުވައިލުމުން މުޅި ހިސާބުގަނޑު އޮތީ ރީއްޗަށް ފެންނާށެވެ. ޖަބްރީލް ވަޅުކައިރީގައި ހުއްޓުނެވެ. ފެންގަނޑުގައި އެންމެ ބާންޏެއްވެސް ނެތެވެ. ދާނި އޮތީ ރީތިކޮށް އަޅުވާފައެވެ. ފެންފުރިކަމުގެ އެއްވެސް އަސަރެއްނެތުމުން ޖަބްރީލް އަދި ވަކިން ބޮޑަށް ބިރުގަތެވެ. އޭނަ ހަކާންއަށް އެވާހަކަ ކިޔައިދިނީ ކާކޮޓަރިއަށްގޮސް ކޮފީ ބޯން އިނދެފައެވެ. ހަކާން ވަރަށް ޝައުގުވެރިކަމާއެކު ދެލޯބޮޑުކޮށްގެން އެވާހަކަތައް އަހަން އިނެވެ.

"ބޫ އަށް ތި ހީވީ ރަގަޅަށް. މިގޭގައި ޖިންނިން އެބަތިބި. އެތައް ހާހުން ހެން ހީވޭ...އަހަރެން މިކޮޓަރިން ގެންދިޔަ ފޮތްތަކުގެ ތެރޭގައި އޮތް ސިހުރުގެ އެންމެ ޝައިތާނީ އެންމެ ނުރައްކާތެރި ފޮތް. އެފޮތް ކިޔަންވެގެން ހުޅުވާލަފައި ކުޑަކޮށް ދިރާސާކޮށްލާފައި ކިޔާކަށް ނުކެރުނު................"ހަކާން ބުނެލިއެވެ.

"އެއީ ކީއްވެތަ؟"

"ސަބަބަކީ އެފޮތް ކިޔުން ހަރާމްވާނެތީ. އަނެއްކާ އޭގެ އެންމެ ލައިނެއް ކިޔަސް ޖިންނި އެމީހަކު ޕޮސެސްކުރާނެ. ޖިންނި އަވަލުމަށްފަހު އެމީހާއަށް އެތައް ގޯނާއެއްކޮށް އަޑުއަޑުއިވި އެމީހަކު ބިރުން ފިތްކަނޑުވާނެ. އެފޮތް ކިޔުމުގެ ތެރޭ އެމީހާ މޮޔަވާނެ. އެހާލުގައިވެސް އެފޮތްގަނޑު ކިޔާ ނިންމާލައިފިއްޔާ ދެން އެމީހަކު ޝައިތާނާގެ އަޅަކަށްވެ ނިމުނީ. ސިހުރުވެރިޔަކަށްވީ. އެމީހާ ލޯބިވާ މީހަކު ގުރުބާންކުރަން ބުނާނެ. ނޫނީ އެފަދަ ނުބައި އެހެން ކަމެއް ކުރުވާނެ....."

"ހާދަ ބިރުވެރި އެއްޗެކޭ.."

"އާނ މަވެސް މިހިރީ އޭގައި އަތްލެވުނު މޮޔަ ހީވެފައި..ސިހުރުވެރިން ޖިންނިންގެ އެހީގައި ދުނިޔެ ހޯދީމަ އެ ނިމުނީތަ؟އެކަމުގައި ފެމިލީ މީހުންނާއި ތިމާ އަމިއްލައަށްވެސް ނިމިގެން ދަނީ. މިބުނީ އެހާވަރުން އަންހެނަކު އަދި ލިބުނަސް ހަމަޖެހުމެއް ލިބެނީއެއް ނޫން. އެވަރުންވެސް ޖާހިލު އީމާންތެރިކަމެއްނެތް ބަދުނަސީބު މީހުން އެކަން ކޮށް އުޅޭ. އަހަރެން ސިހުރާއި ބެހޭގޮތުން ހޯދިއިރު ކޮންމެވެސް ފިރިހެނަކު އަންހެންކުއްޖަކާއިހެދި މޮޔަވެގެން އެންމެފަހުން އެކުއްޖާ ހޯދަން ސިހުރުހެދި.އެކަމަކު އެއީ އަޅުވެރި އަންހެންކުއްޖެއް. ހެދުނާއި ހަވީރު ޒިކުރުކިޔަވައިގެން ހުރީމަ ﷲ އެކުއްޖާ ޖިންނިންގެ އުދަގޫތަކުން ސަލާމަތްކުރައްވާފައިވަނީ. މިމީހާ އެގޮތަށް ޝައިތާނީ ވަސީލަތްތައް މެދުވެރިކޮށް އެ ގާލް ހާސިލުކުރަން އުޅުނީމަ އެފަދަ ކުއްޖަކު އެގޮތުން ނުލިބޭނެކަން އެނގުނު. ސޯ މީނަ ބޭނުންވީ އަލުން އިސްލާމްދީނަށް ވަންނަން. އުމްރާއަށް ގޮސް ކައުބާއާއި ކައިރިވާން އުޅުނީމަ ފަހަތަށް އެއްލައިލެވުނީ.........."

"އޯ ގޯޑް. ހަމަތެދެއްތަ؟"

"އާނ. އެހެންވެ އޭނައަށް ދެން އެސިހުރުގެ ފާފަ ނުފުއްސަވާކަން އެނގުނީމަ އަލުންގޮސް އެކަމުގެ ތެރެއަށް ވަދެހުއްޓާ މަރުވީ. ކިހާ އިބުރަތްތެރި....އަހަރެމެންނަށްވެސް ބައިވަރު އަންހެންކުދިން ފެނޭ. ސިހުރަކުން ނޫން ހޯދާނީ. އަންހެންކުދިންގެ ހިތް އަތުލައިގަންނާނެ އުކުޅު އަހަރެމެންގެ އެބަހުރި ދޯ ބޫ....."

"އަހަރެން ބޭނުމެއްނޫން.."ޖަބްރީލްގެ މޫޑު ވަގުތުން ޚަރާބުވިއެވެ.

"އަންހެންކުދިންދެކެ ތިހާ ރުޅި އަންނަ ސަބަބެއް ބުނެބަލަ..."

"ކޮންމެ ކަމަކަށް ސަބަބެއް އޮންނަން ނުޖެހޭނެ. ދެން ނޭގޭ. މިއަދު ވަރަށް ފްރަސްޓްރޭޓްވެއްޖެ. އެއްގޮަތަކަށްވެސް އެގޮތަށް އަޑު އިވެންވީ ސަބަބެއް ނޭގުނު. ނަފްސާނީ މައްސަލައެއް އުޅެނީއޭ ހައްތާ ހިތަށް އަރަނީ..ހެލުސިނޭޝަންއެއް ބާވައޭ. ކެން ބުނެބަލަ. އެކޮޓަރީގައި ހުރީ ކޯނޗެއްތަ؟"

"ފޮތްތަކާއި އާސާރީ އެއްޗެހި ހުރި. ވަގަށް ގެންދާޒާތުގެ އެއްޗެއްނެތް. އަހަރެން މިއައީ އެހެންވެ އެ ފޮތްތައް ހިފައިގެން. ސިހުރުގެ ކަމަކާއި ކައިރިނުވިއްޔާ މުސްލިމުންނަށް ކާމިޔާބުވާނީ...."ހަކާން އެ މައުޟޫއަކަށް އިތުރު ވާހަކަދެއްކުމެއް ނެތި އެހެން ވާހަކައެއް ދައްކަންފެށިއެވެ."ޚަލީސީ އާއި މަންމަ ބޭނުންވެޔޯ ބޫ ދަތުރުގެންދަން.................."

"ނޫން...އަންހެނުން ދާ ތަނަކަށް ދިޔުން މަށަކަށް ފަސޭހައެއްނޫން..."ޖަބްރީލްގެ ބުމަ ކައިރިވިއެވެ. ޚަލީސީ އުޅޭގޮތުން ފޫހިވިޔަސް ހަކާން ގާތު އެހެން ބުނެފިއްޔާ އޭނަވެސް ލަދުގަންނާނެއެވެ. އެކަމަކު އޭނައަށް ވަޒީފާ ލިބުމަށްވެސް އެދެމައިންގެ އެހީތެރިކަން ބޭނުންވެއެވެ.

ހަކާން ދިޔުމުން ގެއަށް ވަންނާން ނުކެރިފައި ބޭރުގައި އިންދާ ކާރެއް މަޑުކޮށްލުމުން އަލުން ހަކާން އައީ ކަމުގައި ހީކުރެވުނެވެ. ކާރުގެ ޑްރައިވަރު ލަގެޖްތައް ދޮރާށިން އެތެރެއަށް ވެއްދިތަން ފެނިފައި ޖަބްރީލްއަށް ވަގުތުން ކޮޅަށް ތެދުވުނެވެ. ޔަގީނެވެ. އޭނަގެ މަންމަ އައީއެވެ. މިހާ އަވަހަށް މި އަންހެންވެރިން އަތުވެދާނެކަމަށް އޭނަ ހިޔެއްނުކުރެއެވެ. އިންޒާރަކާއި ނުލައި އެތިބީ އައިސް އޭނަގެ ހިޔާވަހިކަމުައެވެ. ހުއްދަ ނުދެނީސް މިގެއަށް ވަދެގަންނަން މިއީ އޭނައާއި ބެހޭ ބަޔެއްހެއްޔެވެ؟ ރުޅިއާއި ފޫހިކަން އަދި މާޔޫސްކަން ވަށައިލިނަމަވެސް އޭނަ ކެތްތެރިކަން އިސްކުރިއެވެ. އެކަމަކު ދެން ފެނުނީ ހީނުކުރާފަދަ މަންޒަރެކެވެ. އަންހެންކުއްޖަކު ފުރޮޅުލީގޮނޑިއެއް ދުއްވަމުން އައިއިރު މަންމަ ސޯފިއާ އިނީ އެގޮނޑީގައެވެ.

"އައްސަލާމް އަލައިކުމް.."ބުރުގާ އަޅައިގެން ހުރި އަންހެންކުއްޖާ ޖަބްރީލް އިން ހިސާބާއި އަރާހަމަވެފައި ސަލާމް ގޮވިއެވެ. އަނދިރިކަމުގެ ތެރެއިންވެސް ޖަބްރީލްއަށް އެ އަންހެންކުއްޖާގެ ކަޅީގައި ހުރި މަޑުމަޑު އަޅިކުލަ ފެނުމުން ނޭވާ ހުއްޓުނެވެ. މިކުއްޖާ ހީވަނީ އޭނަގެ ކާބަންކޮޕީއެއް ހެންނެވެ. އެހާވެސް ވައްތަރެވެ. އަމިއްލަ އަންހެންކޮއްކޮކަން ޔަގީންކުރަން ޑީއެންއޭ ޓެސްޓެއްގެ ބޭނުމެއް ނުޖެހޭނެއެވެ.

"މިއީ ޖަބްރީލްގެ ކޮއްކޮ ޔަޝަލް....ޔަޝަލް. މިއީ ތިއްތިބެ....ޖަބްރީލް.."ސޯފިއާ ދެބެން ތައާރަފުކޮށްދިނެވެ.

"އަހަރެމެންނަށް އެނގޭ ދައުވަތު ނުލިބެނީސްކަން އާދެވުނީ. އެކަމަކު ޔަޝަލް ކިޔެވުން ނިމުމާއެކު ވިސާވެސް އާނުކުރެވިގެން އެނބުރި އަންނަން ޖެހުނީ...."ސޯފިއާ ގަޔަށް ދޫ ހެދުމެއް ލާފައި ބުރުގާ އެއް އަޅައިގެން ހުރިއިރު ޔަޝަލްވެސް ޖިންސަކާއި އަތްދިގު ޓީޝާޓަކާއެކު ޝޯލެއް އަޅާފައެވެ.

"ކޮން ރޫމަކަށް ގެންދަންވީ؟" ޔަޝަލް ފެންޑާގައި ހުރި ފަތްތަރުކައިރީ މަޑުކޮށްލިއެވެ. މަންމައިން ގޮނޑި އެތަނުން މައްޗަށް އަރުވަންވީ ގޮތެއް ނޭގިގެން ކުޑަކޮށް ގޮނޑީގެ ފަހަތުގައި ހިފާ ހިއްލައިލިއެވެ.

"ހޮޓަލަކަށް ދާންވީނު. އަދި ރޫމްތައް ރެޑީއެއްނޫން..." ޖަބްރީލް ދަތްތަކަށް ބާރުލާފައި ކިޔައިލިއެވެ.

"މިގަޑީގައި. އަނެއްކާ.."ޔަޝަލްގެ މޫނުގެ ކުލަ އޮއްސުނެވެ.

ޖަބްރީލް ފޯނުން ގަޑިއަށް ބަލަން އަލިކޮށްލިއިރު ޔަޝަލްއަށް އޭނަގެ މޫނުގައިވި ނުރުހުމާއި ރުޅިވެރިކަމުގެ އަސަރުތައް އެކުލެވޭނެއެވެ. ޖަބްރީލް އެއްޗެކޭ ބުނަން އަނގަ ހުޅުވައިލިތަނާ ދޮރާށި ކައިރިން މިކާއިލްގެ އަޑު އިވުނެވެ."އައިމް ހިއަ.....ޓްރެފިކާއިހެދި ތަންކޮޅެއް ލަސްވީ......."މިކާއިލް ދުވަމުން އައިސް އެހިސާބާއި އަރާ ހަމަވީއިރު އޭނަގެ މޫނުމަތިން ކޮންމެވެސް ވަރަކަށް ދަލުގެ އަސަރު ފެންނާން ހުއްޓެވެ. އައިސްބްލޫ ޓީޝާޓަކާއި ޖިންސެއްލައިގެން ހުރިއިރު މުޅި ހިސާބުގައި ހިފައިލީ އަގުބޮޑު ސެންޓެއްގެ ވަހެވެ. މިކާއިލް އޭނަގެ މަންމައާއި ޔަޝަލްއަށް އަމިއްލައަށް ތައާރަފުވެލަމުން ގޮސް ފެންޑާގެ ބޮކިވެސް ދިއްލައިލުމުން ލޯ ތަރަތަރަޖަހައިގެންވާރަށް އަލިވިއެވެ. ޔަޝަލްގެ މޫނު ރަގަޅަށް ފެނުމުން މިކާއިލް ސިހުނެވެ. ހަމަ އެއަޖައިބެއްފަދަ ވަރުގަދަ ދިގު އެސްފިޔަތަކާއި އަޅި ލޮލެވެ. ތުންފަތުގެ ބައްޓަމާއި ކުލަވެސްއެހެންނެވެ. އިސްކޮޅުން ދިގެެވެ.

"ބޫ އަންހެންކޮށްލާފައި ހުރިހެން ހީވަނީ....ހަމަ ޑަބަލްއެއް..."

"އަހަރެން ބުނީ އަދި ރޫމްތައް ރެޑީއެއް ނޫނޭ. މިކާ ހޮޓަލަކަށް މި މީހުން ގެންގޮސްދޭންވީނު..."

"ރެޑީކޮށްލަންވެގެން މީހުން ޕިކަޕެއްގައި ސާމާނުތައް ހިފައިގެން އެބައާދޭ....ކުދިންކޮޅު އަވަހަށް އެތެރެއަށް ވަދޭ. ވާރޭ ވެހިގެންފިއްޔާ މިހާރު މިއޮތް ރޯގާގަނޑު ޖެހިދާނެ..." މިކާއިލް ޔަޝަލްގެ އަތުން ގޮނޑި އަތުލައިގެން ދާދި ފަސޭހައިން ފަތްތަރު ގިރާކޮށް ސިޓިން ރޫމަށް މަންމަ ލައިފިއެވެ. ޔަޝަލްވެސް ނުތަނަވަސްވެފައި ހުރެ ސިއްރު ނަޒަރަކުން ޖަބްރިލްއަށް ބަލައިލުމަށްފަހު އެތެރެއަށް ވަނެވެ. ޖަބްރީލް ބާރުބާރަށް ހިނގާފައިގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލައިފިއެވެ.

***

ފަސްމިނިޓްނުވަނީސް ސޯފިއާ ޕެލެސްތެރެ ހަލަބޮލިވެގަތެވެ. މިކާއިލް ގެނައި މީހުން ކޮރިޑޯގެ އެންމެ ގާތުގައި ހުރި ކޮޓަރިއާއި ޖެހިގެން ހުރި ކޮޓަރިތެރެއަށް ގޮދަޑިއާއި ބޭނުންވާ އެހެން ސާމާނުތައް ގެނެސް ވައްދަންފެށިއެވެ. ކާކޮޓަރިއަށް ބޭނުންވާ ސާމާނުގެ އިތުރުން ޓީވީގެނެސް ޝެލްފްވެސް ރާވާލައިފިއެވެ. ކަރަންޓުގެ މަަސައްކަތް ދަންނަ މީހުން ކަރަންޓު ވައިރުތައް ހިފައިގެން މަސައްކަތްފެށިއެވެ. ރަމަޟާންމަހަށް ފަރުނިޗަރުތައް އާކޮށް ސާފުކުރުމަކީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭ އޮތް އާދައެކެވެ. މިކާއިލް ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތްކުރަން ހުރެފައި އޭނަ ގެނައި ޕިއްޒާއާއި ސްމޫތީ އަދި ސަބްމެރިން ހިފައިގެންގޮސް މަންމަމެންގެ ކޮޓަރީގެ ދޮރުގައި ޓަކިޖަހައިލިއެވެ. ޔަޝަލް ދޮރު ހުޅުވައިލިއެވެ.

"މިހިރީ ޕިއްޒާ...."

"އޯ..ތެންކިއު...."

"ކޮބާ މަންމަ؟"

"ފާޚާނާގައި ވީ...."

"މަންމަ ޕެރެލައިޒްވެފައި ކަމެއް ނުދަންނަން...ޔަޝަލް ކިހިނެއް ދެން އެކަނިމާއެކަނި މަންމަ ތިބަލަނީ؟"

"އާނ ކިތަންމެ ދުވަހެއް މަންމައަށް ނުހިނގި. އެކަމަކު ތަންތާ ހިފައިގެން ފާޚާނާއަށް ގޮސް އެހެން ހަދާ......"ޔަޝަލް ރަކިވެފައި ހުރެ ވާހަކަދެއްކިއެވެ. ބޭބެމެން ކަމުގައިވިޔަސް ދުވަހަކު ދެކުނު ބަޔެއްވެސް ނޫނެވެ. މަންމައާއި ބޭބެމެންގެވެސް އެއްވެސް ގުޅުމެއް އޮތީއެއްނޫނެވެ. ބީރައްޓެހިކަމުގެ އިހުސާސް ވަރަށް ބޮޑެވެ.

"ގޭގައި ގެންގުޅެން ކުއްޖެއް ގެންނަންވީ ދޯ. އޭރުން ފަސޭހަވާނެކަން ނޭގޭ..."

"ނޭގޭ...މަންމަ ކައިރިން އަހައިލަން ޖެހޭނީ...."ޔަޝަލް ހީލުމުން ކޯތަފަތަށް އަޑިކޮޅެއް އެޅުނެވެ. ހިނިތުންވުންވެސް ޖަބްރީލްއެކޭ އެއްގޮތެވެ.

މިކާއިލް ތަބައް ހިފައިގެންގޮސް ޖަބްރީލްގެ ކޮޓަރިއަށް ވަނެވެ.

"ހެލޯ..ހިނގާ ދެމީހުން ކާން....ޕިއްޒާއާއި ސްމޫތީ އެއް މިހިރީ. އަދި ސަބްމެރިންވެސް. ޕްލަސް ކޮފީ...................."

"އެމީހުން މިގޭގައި ތިބެން ހިތްހަމައެއްނުޖެހޭ. މޭބީ މިކާގެ އިހުސާސްތައް ތަފާތުވެދާނެ. ފޮގިވްކުރަންވެސް ފަސޭހަވެދާނެ. އެކަމަކު އަހަންނަކަށް ނުވާނެ. ހަމަ ތެދަށް މިބުނީ. މިގޭގައި އުޅެން ބޭނުމެއްވެސް ނޫން. އެކަމަކު ދާނީ ވަކި ކޮންތަނަކަށް؟ ކިޔަވަން ދިޔައީ ލޯނެއް ނަގައިގެން، މާލެ އައީމަ އުޅޭނެ ތަނެއް ހޯދަން ފައިސާ ބޭނުންވޭ. އަދި އެވަރަށް އަތުގައި ހުރީއެއްނޫން. އެހެންވީމަ އެހެން ތަނަކަށް ދާކަށް ފަސޭހައެއްނޫން. އަދިވެސް މިހިރީ ރަގަޅު ވަޒީފާއެއް ނުލިބިފައި އަނެއްކާ ޖޮބަށް ދާ ތަންވެސް ބަންދުވީ......................"

"ތިހުރިހާ އެއްޗެއް އަމިއްލައަށް ކިޔަނީ. ލޯނެއް ދޭން އުޅުނީމަ ބޫ އެއްބަސްވީއެއް ނޫން..މަންމަމެންނަށްޓަކާ ޓީވީއާއި ފްރިޖަށް ދާންދެން ބަދިގޭ ސާމާނުވެސް ގެނެސްފިން. ރަމަޟާންމަހަށްޓަކާ ގޭގެ ސާމާނުތައް އާކުރަން ޖެހޭނެ. ބާކީ އޮތް މަސައްކަތް މާދަން ނިމޭނެ. ބޫ އެކަމާއި އަރައިރުންވާން ނަހަދައްޗޭ...ރަމަޟާން މުބާރަކް...." މިކާއިލް ޖަބްރީލްގެ ބުރަކަށީގައި މަޑުމަޑުން ފިރުމައިލިއެވެ. ދެމީހުން ކާންތިބިއިރުވެސް ޖަބްރީލްއާއި މިކާއިލްއަށްވެސް އާދަޔާ ޚިލާފު އަޑުތައް އިވުނެވެ. ދެމީހުންވެސް ކޮންމެވެސް ވަރަކަށް ބިރުން ތިބިނަމަވެސް އެވާހަކައެއް ނުދައްކައެވެ.

ޖަބްރީލް ވައިބާ ގްރޫޕަކަށް ލާފައި އިނުމުން ބަލައިލިއިރު ނަމަކަށް އިނީ "ފެމިލީ"އެވެ.އޭނަގެ މަންމައާއި މިކާއިލް އަދި ޔަޝަލްވެސް އެގްރޫޕްގައި އޮތެވެ. އާއިލާއަކަށް މި މީހުން ވާންވީގޮތެއް އޭނައަކަށް ނުވިސްނުނެވެ. ވަގުތުން އެ ގްރޫޕުން ވަކިވާން ހިތަށް އެރިޔަސް ފެނުނު މެސެޖަކުން ޚިޔާލު ބަދަލުވާން އުޅުނެވެ. ޔަޝަލްގެ މެސެޖް ފެނުމުން ކޮއްކޮއަކީ ދީނަށް ލޯބިކުރާ ކުއްޖެއްކަން ދެނެގަނެވުނެވެ.

އިމާމް އިބްން ގައްޔިމް ރަހިމަހުއްﷲ ވިދާޅުވިއެވެ."މާތްﷲ އިބާ އިމްތިހާނު ކުރައްވަނީ ފަހަރެއްގައިވެސް ދިރިއުޅުން ބަރުބާދުވެގެން ދިޔުމަކަށް ނޫނެވެ. ތިބާގެ މިލްކިއްޔާތުން އެއްޗެއް ގެންދަވައިފިއްޔާ އެ އަތް ހުސްކުރައްވަނީ އެއަށްވުރެ ރަގަޅު ހަދިޔާއެއް ދެއްވުމަށެވެ."

"ހިނގާ އެންމެން ދަތުރުދަމާ. އާއިލީ ގުޅުން ބަދަހިކުރަން....."

"ފްރެންޑެއްވެސް އެބައިން އިންވައިޓްކޮށްފަ..."ޖަބްރީލް ވަގުތުން ބަހަނާއެއްދެއްކިއެވެ.

"ބޫ ގެ ފްރެންޑެއްވެސް ހުރޭތަ؟" މިކާއިލް ޝައްކުން ފުރިގެންވާ ނަޒަރު ޖަބްރީލްގެ މޫނަށް ހުއްޓުނެވެ. އެވަގުތު ތޫނު ހަޅޭކެއްގެ އަޑު ގޭތެރޭގައި ގުގުމައިލުމާއެކު އެދެމީހުންނަށް އެކީ ދުއްވައިގަނެވުނީ ހޭ ކަނޑާލާފައެވެ.

 

ކޮމެންޓް 0