"ސަޖިދަކުރުމުން ހިތަށް ހަމަޖެހުން ލިއްބާދެއެވެ. ހެއްދެވިފަރާތާއި ހިމޭންކަމުގެ ބަހުރުވައިން ވާހަކަދެއްކެއެވެ. އަނގައިން ބުނުމަކާއި ނުލައި އަދި ތަފްސީލު ދިނުމަކާއި ނުލާ އެފަރާތުން އައްސަވާ ވޮޑިގެން އިހުސާސްތައް ދެނެވޮޑިގެންވެއެވެ. ހައްދެއްނެތި އެފަރާތުން ލޯބިވެ ވޮޑިގެންވެއެވެ. ވީއިރު މި ދުނިޔެއާއި މާ ބޮޑަށް ދޯޅުނުވާށެވެ. އަހަރެމެންނަކީ ދަތުރުވެރިންނެވެ. އަހަރެމެންގެ ފިޔަވަޅުތަކުގެ އަސަރުތައް ނެތި މީސްތަކުންގެ ހިތްތަކުގައިވި ހަނދާންތައްވެސް ނެތިގެންދާނެއެވެ. ހެއްދެވި ފަރާތް ފިޔަވައެވެ. ވީމަ ﷲ ސުބުހާނަހޫ ވަތައާލާއާއި އޮތް ގުޅުން ރަގަޅުކުރަން މަސައްކަތްކުރާށެވެ. ރަމަޟާންމަހުގެ ފަހު ދިހައަކީ އެ ގުޅުން ރަގަޅުކުރަން ލިބޭ ރަނުގެ ފުރުސަތެކެވެ. ވަގުތު ބޭކާރުނުކޮށް ތައުބާވެ، ހެޔޮ އަމަލު ގިނަކުރާށެވެ."

***

"ކާފާ...."

"ހާދަ ވަރެއްވެފައި މި ސޮރަށް މިހިރީ...ކޮން ކަމަކާއި ލައިގަތީ..."

"ދެންމެ މިގެއިން ރޫހާނީ ކަމެއް ފެނިއްޖެ. ކާފައަށް މިގެއާއި ބެހޭގޮތުން ގިނަކަންތައްތަކެއް އެނގިފައިވާނީ. އަޅުގަނޑަށް ޔަގީންވަނީ މިގޭގައި އެކަހަލަ ކަންތައްތަކެއް ހިނގާކަން. ޕްލީޒް ބުނެދީބަލަ...."ހަކާން އިށީނީ ކާފަގެ ގާތުގައެވެ.

ކާފަ ވަކި އެއްޗެކޭ ނުބުނެ ބޯ ކަހައިލިއެވެ. ދެން ތެދުވެގެންގޮސް އަލަމާރި ކައިރީ ހުރި ހައިވަކަރު ފޮށްޓެއް ހުޅުވާލާފައި އަކަ ކުރަހާފައި ހުރި ރީދޫކުލައިގެ ބޯ ކަރުދާސްގަނޑެއް ހަކާންއަތަށް ލެއްވިއެވެ. އޭގައި އަަރަބި ލަފުޒްތަކާއި އެކިގޮތަށް ކުރެހުން ހުއްޓެވެ. ގުރުއާންގެ އާޔަތްތަކެއްވެސް ވިއެވެ. އިހު ޒަމާނު މީހުން ހަދާ އުޅުނު ފަންޑިތަކަން ޔަގީނެވެ. ހަކާންގެ ލޮލުގައި އަޅައިގަތީ ޔާ ކަހީޖު ޔާ ކަހްކަހީޖު އެ ދެ ލަފުޒެވެ. ޔަގީނެވެ. ކޮންމެވެސް ޖިންނިންތަކަކާއި މުޚާތަބުކޮށްފައެވެ. މިއީ ދެން ޝިރުކުނޫން ކޯނޗެއްހެއްޔެވެ؟

"މިޖެހޭނީ އަލިފާނަށް ލާ އަންދާލަން.."

"އެހެން ފަންޑިތައް ނައްތައެއް ނުލެވޭނެ. އޭރުން ގޯސްވެދާނެ.."ކާފަ އެ ކަރުދާސް އަތުލާފައި އޮތް މަގާމުގައި ބޭއްވީ އަގުހުރި ހަރުމުދަލެއްފަދައިންނެވެ. ތަޅުދަނޑިވެސް ހަރުވާޅުގައި ހަރުކޮށްފައިވާ މަޑު ދަބަހަކަށް ލައިފިއެވެ. އެހެން މީހެއްގެ އަތަށް ތަޅުދަނޑި އަރަން ނޭދެނީކަން ނޭގެއެވެ.

ހަކާންގެ ޝައުގު އިތުރުވިނަމަވެސް ބިރުވެރިކަންވެސް ހިތުގައި ހިނގައިގަތެވެ. އެރޭ އެގެއިން ނުނިކުންނަން ބަހަނާއެއް ދައްކަން އުޅެނިކޮށް ބޯ ވާރެއާއި ޖެހުމުން އެރޭ ނިދަން ނިންމީ އެގޭގައެވެ. ކާފަގެ ކޮޓަރީގައެވެ.ނަމަވެސް އެގޭ އެތެރެއިންވެސް ރައްކާތެރިކަމެއް ލިބޭނެކަމާއިމެދު ޝައްކެވެ. ނަސީބަކުން ހަކާންއަށް އެރޭ އިތުރު އުދަގުލެއް ނުޖެހުނެވެ. އޭނަ މުޅި ރޭ ހޭދަކުރީ ނަމާދުކުރުމާއި ގުރުއާން ކިޔެވުމުގައެވެ.

***

ޖަބްރީލް އެބޮޑު ގޮނޑިއަށް ހަށިގަނޑު ދޫކޮށްލައިގެން އިންދާ ޕާސަނަލް އެސިސްޓެންޓް ފޯމްތަކެއް ހިފައިގެން ސޮއިކުރުވިއެވެ. ޖަބްރީލް އެންމެ އަޅައިގަތީ އެކުއްޖާ އިހުތިރާމްކުރި ވަރުންނެވެ."ސަރ" ކިޔުމުންވެސް ކުރެވުނީ ތަފާތު އިހުސާސްއެކެވެ. ޖަބްރީލް އޭނަގެ ފޮޓޯއެއް ވައިބާކޮށްލީ ރުބާބްއަށެވެ." އައި ފީލް ގިލްޓީ. މި މަގާމުގައި އިންނަން ހިތެއް ނޭދޭ...."

"ވަރަށް ސްމާޓް...." ރުބާބް ހިތެއް ފޮނުވިއެވެ.

"އަހަރެން މި މުއްސަދިކަމެއް ބޭނުމެއްނޫން.. އެންމެ ކަމެއް ދުނިޔެއިން ބޭނުމީ..."

"ތިވަރުގެ މަގާމެއްގައި އިނދެވުނީމަ ދުވަސްކޮޅަކުން ބޫ ބޮޑާވެ ފަޚުރުވެރިވެ މަތިހަށި ނަގައިގެން އަހަރެމެން ފެނުނީމަ އަނގައިންވެސް ނުބުނާނެ..."

"ތީ ކޮންކަހަލަ ވާހަކައެއް ތިދައްކަނީ؟ ދުވަހަކުވެސް އަހަންނަކީ ކާކުކަން ހަނދާންނައްތައެއްނުލާނަން. މިއީ އަހަރެންގެ އެއްޗެއް ނޫން..."

"ތެދަށް ބުނެފާނަން. ތިއީ ސީއީއޯ. ފުދޭވަރެއްގެ ޕަވާފުލް ޕޯސްޓެއް. އެކަމަކު މިސާލަކަށް ސެކްޝަނެއްގެ ހެޑްކަން ލިބުނަސް ބައެއް މީހުން ބޮޑާވެގެން އަމުރުވެރިވެގެން ތިމާގެ ފެންވަރު ހަދާން ނައްތާލާ. ވެެިރކަމަކީ އެކަހަލަ ކަމެއް. ވެރިކަމާއިހެދި އިންސާނުން ބިންމަތީގައި މިއޮހޮރުވާހާ ލޭތައް އޮހޮރުވަނީ.."

"އެކަމަކު ހަގީގީވެރިކަމަކީ އެންމެ ފަރާތެއްގެ ވެރިކަން. ކިންގް އޮފް ދަ ކިންގްސް...ހީއިޒް ދަ އޮންލީ ޕަވާ..އެހެން އިންސާނުންގެ ނިކަމެތިކަން ހިތަށް އަރާނީ އަދި ފަހުން..."ޖަބްރީލް ކުޑަދޮރުން ބޭރަށް ބަލަން އިނެވެ.

"ޚަލީސީ ދޫކޮށްލާފައި އަހަންނާއި އިންނަން ކެރޭނެތަ؟ ތި މަގާމާއި ޚަލީސީ ދޫކޮށްފައި.............."ރުބާބް ސުވާލުކޮށްލިއެވެ.

"އެހެން ހަދަން ރުބާބް ބޭނުމިއްޔާ...."

"އަހަރެން ގިލްޓީ އުމުރަށް ކުރުވަން ދޯ. ޚަލީސީ ހިތުގެ މައްސަލައެއް ހުރީމަ އަހަރެެމެންގެ ސަބަބުން އޭނަގެ ފުރާނައަށް ނުރައްކަލެއްވެއްޖެއްޔާ...އެކަމަކު މިއީ ފާފައެއް. މީހެއްގެ ފިރިއަކާއި މި ރަމަޟާންމަހު ވާހަކަދައްކާ ޗެޓްކޮށް ހެދުން. އަދި އެހެން ނިޔަތެއްގައި...................."ރުބާބް ކަންބޮޑުވިއެވެ."ޕްލީޒް މެރީ މީ....ދެމީހުން ސިއްރުން އުޅޭނީ. އިތުރު މީހަކަށް ނާންގާ....މިސްކިތުގައިވެސް ކައިވެނިކޮށްދެއެއްނު....."

ޖަބްރީލް ފުން ޚިޔާލަކަށް ގެއްލިފައި އިރުގަނޑެއްވާންދެން އިނެވެ. އޭނަވެސް ނިންމީ އެބޮޑު ފާފަައިން ސަލާމަތްވުމަށެވެ. ސިއްރުން ކައިވެނިކޮށްދެން ދެ އަނބިންނަށް ހަމަކޮށް ކަންތައްކޮށްދޭން މަސައްކަތްކުރާނީއެވެ. އޭރުން ޔަގީނުންވެސް ސިއްރުން ލޯބިވެރިޔަކު ގެންގުޅުމަށްވުރެ ފާފަ ކުޑަވާނެއެވެ.

***

ޚަލީސީ ފޮތް ފިހާރައިން ގަނެގެން އައި ކަޅުކުލައިގެ މުސްހަފާއި ތަފްސީރު ފޮތަކާއި ހަދީސް ފޮތް އަދިވެސް ދީނީ ފޮތްކޮޅު އަލަމާރިއަށް ލާފައި ފޮރުވީ އެހެން މީހަކަށް ފެނިދާނެތީއެވެ. ޖަބްރީލްގެ އަލަމާރިން އެއްބައި އޭނައަށް ދިންކަމީ ނަސީބެކެވެ. އޭނަދެކެ ނަފްރަތުކުރިޔަސް ކޮންމެވެސް ވަރަަކަށް އެ ފިރިހެނާގެވެސް ހިތް މަޑުކަމުގެ ހެއްކެކެވެ. ނިދަންވެސް އެކޮޓަރީގައި ބާއްވަނީ ނޫންހެއްޔެވެ؟ ޚަލީސީ ޖަބްރީލްއާއިމެދު ވިސްނަން އޮތްވާ ރުބާބް ވަންތަން ފެނުމުން ވަރަށް އުފާވިއެވެ.

"ހޭއި ބާބް...."

"ކޮބާ ޖަބްރީލް؟"

"ކާފަ ކޮޓަރީގައިކަން ނޭގޭ...ދަންވަންދެންވެސް އެކޮޓަރީގައި އިނދެފާނެ.."ޚަލީސީ ސޯފާގެ އެއްފަރާތުގައި ރުބާބް އިންނަން ތަން ދެއްކިއެވެ. ދެފައި ކުރުކޮށްލައިގެން އަރާ އިންއިރު ރުބާބްގެ ނަޒަރު ޚަލީސީގެ ފަޔަށް ދަތުރުކުރިއެވެ. ޓައިޓަކާއި އަތްކުރު ޓޮޕެއްލައިގެން ހުރިއިރު ހަންގަނޑު އޮމާނެވެ.

"ރުބާބް އިސްލާމީ ތާރީޚަށް ޝައުގުހުރޭތަ؟ ސަހާބީންގެ ހަގުރާމަތަކުގެ ވާހަކަ ކިޔަންތަ؟"

"ޚަލީސީ މިވަރަށް ދީނާއި އަޅައިގެން އުޅެނީ ހަމަ ޖަބްރީލް ރުއްސަންތަ؟" ރުބާބް ލުއި ހުނުމަކުން ހީލިއެވެ.

"އާނ. ނޫން...އިނީޝަލީ ތިހެން ވިސްނުން ހުރީ. ބަޓް ޔޫ ނޯ. އައި ހޭވް ދިސް ޑެތް އެންގްޒިއެޓީ.....އެހެންވީމަ މަރުދެކެ ބިރުން އުޅެން ވީ ކީއްވެތޯ ވިސްނައިލީމަ މިއެނގެނީ މަރުވާން ރެޑީ ނުވެވޭތީކަން. ދުނިޔެއަށް މާ ބޮޑަށް އެޓޭޗްވެ ކުރަން ހުރިކަންތައް ގިނަވީމަ. ހަގީގަތަކީ އެއީއެއްނޫން.....ޖަބްރީލްއާއި ހެދިއޭ މިހާރު ނުބުނާނަން.. ސަަބަބަކީ....މަރުވީމަ ކަށްވަޅުގައިވެސް އޭނައެއް ނޫން ދޯ ހުންނާނީ...ހެޔޮ އަމަލުތައް...."

"ޖަބްރީލްގެ ލޯބިވެރިޔަކު ހުރެދާނެއޭ މަގޭ ހިތް ބުނަނީ.."

"އެހެން ހުރިނަމަ ދޮންބެއަށް ނޭގި ނުހުންނާނެ. ހީ ހޭޓްސް ވިމަން..........................."

"ހަގުރާމައިގެ ފިލްމެއް ދައްކަންތަ؟ އާތުރުލް. މީގެ ލަވްސްޓޯރީވެސް ވަރަށް ރީތި. ހިނގާބަލަ މި ބަލައިލަން. ކޮންމެވެސް ކުއްޖަކު ރިކޮމެންޑްކުރީމަ އަހަރެންވެސް މި ބަލައިލާހިތުން. އެކަމަކު އެކަނި ފިލްމުބެލުމަކީ ދުވަހަކުވެސް ކޮށް އުޅޭކަމެއްނޫން.." ރުބާބް އެދުނީ ޚަލީސީގެ މެކްބުކް ގެނެސްދިނުމަށެވެ. ދެމީހުން ހަމަޖެހިލައިގެން ފުރަތަމަ ބައި ބަލަންފެށިއެވެ."އާ ޔޫ ޝުއަ މިއީ ކުރަން އެންމެ ރަގަޅުކަމެއްކަން؟ސްޕެޝިއަލީ ރަމަޟާންގައި......"

"އިސްލާމިކް އެއްޗެއްނު. މި ބަލާފައި ހާދަ ގިނަމީހުން އިސްލާމްދީނަށް ވަދެއޭ......."ރުބާބް ޚަލީސީއަށް ބަލައިލަމުން ކަޅި އަޅައިލިއެވެ. މަޖާގޮތަކަށެވެ."ނިގާބު އެޅިޔަސް އައިމް ނޮޓް އެން އެކްސްޓްރީމިސްޓް އިނގޭ، އަހަރެމެން ދުނިޔެއަށް އައީ ހުރިހާ މަޖަލަކުން ހުސްވެ ތިބޭކަށް ނޫނެއްނު ޚަލީސީ..."

"އޯ.....އެބުނާހެން..ޖަބްރީލް އޯކޭ ވާނެތަ؟"

"ޖަބްރީލް...ޖަބްރީލް....ތަސްބީހައެއްހެން އޭނަގެ ނަން ނުގަނެބަލަ." ރުބާބް ތަންކޮޅެއް ބާރަށް އެހެން ބުނެފައި ހީގަތެވެ." އެހެންޏަ. ވަރަށް ފޮނި ފިރިހެނެއްނު އެއީ...އަނގައިގާ އޮތް އޮރެންޖް ޑައިމަންޓް ވެއްޓިދާނެތީ ކަމަށް ވާނީ...ނޯ ވޮރީސް ޚަލީސީ. އަހަރެން ބުނަގޮތަށް ހެދީމަ ހަމަ ރަގަޅުވާނެ. ދީނީވުމަކީ އުފާތަކުން މަހުރޫމްވުމެއްނޫން. ޖަބްރީލް އަދި ބަލާތި....ޚަލީސީއައި ހެދި މޮޔަވަނެ.."

"ހެހެ.."

ދެމީހުން ފިލްމު ބަލަން ތިބީ ބޮކި ނިވާލައިގެންނެވެ. ފިލްމަށް ފޯރި ހިފިޔަސް ރުބާބް ކޮންމެވެސް މީހަކާއި ފޯނުން އެކުރި ޗެޓަކަށް ބަދަލެއް ނާދެއެވެ. ބައެއްފަހަރު އަމިއްލައަށް ހީހަދައެވެ. ފިޔަވަޅުތަކެއްގެ އަޑު އިވުމާއެކު ޚަލީސީގެ ހިތް ތެޅިގަތެވެ."ޖަބްރީލް އަންނަނީ. ދެން ބާބް ދާންވީނު..."

"އޭނަ އަޔަސް އޯކޭވާނެ..."ރުބާބް ތެދުވުނެވެ."ނޫން އޯކޭއެއް ނުވާނެ. މަޖަލަކަށް އެހެން ބުނީ. ޖަބްރީލްއަކީ އެހެން ހުއްޓަސް ވަރެއްގެ ފިިރިހެނެއް..ފީ އަމާނަﷲ..."

ރުބާބް ނުކުމެގެން ދިޔަތަން ބަލަން އޮވެފައި ޚަލީސީ ތެދުވުނެވެ. އޭނަ ހައިރާންވީ ރުބާބް "ކޫލް"ކަމުންނެވެ. އޭނަ ދެކެނީ ނިގާބީ އަންހެންކުދިން މުޅި ރަމަޟާންމަސް ހޭދަކުރާނީ ﷲއަށް އަޅުކަން ކުޅައުމުގައިކަމެވެ. އޭނަ ނިގާބީ އަންހެންކުއްޖެއްގެ ވައިބާ ގްރޫޕް ފޮލޯކުރެއެވެ. އެކުއްޖާގެ ޚިޔާލު ރުބާބްއާއި އުޑާއި ބިމާހާ ތަފާތެވެ. އެކުއްޖާ ދެކޭގޮތުން އެއްވެސް ވަރަކަށް މި މަހުގައި މުނި ފޫހިފިލުވުމެއްނެތެވެ. ހިތްހަމަޖެހެނީ ކުޅިވަރަކުން ނޫނެވެ. މުނިފޫހިިފިލުވަން ކުރާ ކަމަކުން ހަގީގީ ރޫހާނީ ހިތްހަމަޖެހުމެއް ނުހޯދޭނެއެވެ. އެ އުފާތައް ހަމަ ލިބެނީ ނަމާދުންނާއި ޒިކުރުންނެވެ. ހެއްދެވިފަރާތާއި ގުޅުން ރަގަޅުވެ އީމާންތެރިކަން ގަދަވީވަރަކަށް އިންސާނުންގެ ހިތަށް އުފާވެރިކަން ލިބޭނެއެވެ. ރަމަޟާންމަސްނޫން ބާކީ އޮތް އެގާރަމަހުގައި މަޖާކުރަންވީ ނޫންހެއްޔެވެ؟ޚައްސަކޮށް ފަހު ދިހަދުވަހު އެތައް ބަޔަކު އިއުތިކާފަށް ދަނީ ދުނިޔޭގެ ހުރިހާކަމެއް ދޫކޮށްލާފައެވެ. ޚަލީސީވެސް ބޭނުންވަނީ ރަމަޟާންމަހުގެ ފަހު ދިހައެއް އަޅުކަމަށް ހުސްކުރާށެވެ. އޭނައަކީ ބަލި ކުއްޖަކަށްވުމުން "ޑެތް އެންޒައިޓީ"ހުރެއެވެ.މަރާއިމެދު ވިސްނައިލުމުން ގަންނަނީ އަމަށަކު ބިރެއް ނޫނެވެ. އެބިރުން ސަލާމަތްވާން ކުރެވޭނެ މާ ބޮޑުކަމެއްވެސް ނުފެނެއެވެ. މީހެއްގެ މަރުގެ ޚަބަރު އިވުނަސް ޕެނިކްވެގެން މުޅި ކުއްޖާ ފިނިވެދެއެވެ. ވީއިރު އެ ބިރުން ސަލާމަތްވާންވެސް ހެއްދެވި ފަރާތާއި އޮތް ގުޅުން ރަގަޅުކުރަން ޖެހެއެވެ.ރުބާބްގެ ވާހަކައެހެން ހުރީ ކީއްވެހެއްޔެވެ؟

ޚަލީސީ ބަލަން އޮތީ ލައިލަތުލް ގަދުރުވިލޭރެއަށް ޚާއްސަކޮށްފައިވާ ދަރުހެކެވެ. އެރޭ އަޅުކަން ކުރަންވީ ގޮތް ތާވަލުކޮށް ކުރަން ޖެހޭ އަޅުކަންތައްވެސް ބުނެދީފައި ހުއްޓެވެ. ޚާއްސަ ދުޢާތައްވެސް ހުއްޓެވެ.

ޚަލީސީ ގަސްތުކުރީ ކާކޮޓަރިއަށްގޮސް ޖޫސްތަށްޓެއް ނަމަވެސް ބޯލާށެވެ. އޭނަ ކޮރިޑޯއިން ހިނގައިގަތްތަނާ ރުބާބް ކޮންމެވެސް މީހަކާއި ހީފައި ވާހަކަ ދައްކާ އަޑުއިވުނެވެ. އަޑު މަޑެވެ.

ކޮމެންޓް 0