"ރަމަޟާން މަހަކީ ތައުބާވުމާއި މީހާގެ ނަފުސް ސަލާމަތްކުރަން ލިބޭ ރަނުގެ ފުރުސަތެކެވެ. އަގުހުރި ވަގުތުތައް ބޭކާރުކޮށްލުމުން ފަހުން ހިތާމަކުރަން ޖެހިދާނެއެވެ."
***
އެންމެން ދިޔުމުން ޔަޝަލްއާއި ޖަބްރީލް ސިޓިން ރޫމްގައި މަޑުކޮށްލައިގެން ތިއްބެވެ.
"ބާބްއަށް ޕްރޮޕޯސްކޮށްފައި ޚަލީސީއާއި ކައިވެނިކުރުމަކީ އިންސާފެއްނޫން. ޚަލީސީއަކީ ހާޓް ޕޭޝަންޓެއްކަން އެނގިގެން ކައިވެނިކުރަންޏާ ބާބްއަށް...."ޔަޝަލް އަނގަމަތީގައި އަތް އަޅަމުން ލޯ ބޮޑުކޮށްލީ އެއްޗެއް ވިސްނިގެން ކަހަލަ ގޮތަކަށެވެ."އަނެއްކާ ދެ އަންބަށް އިންނަން ތިއުޅެނީ؟"
ޖަބްރީލް އަށް އެ ޖުމްލައިން ޚިޔާލެއް ލިބުނުހެން ހީވިއެވެ. ދެވަނަ ސިކުންތުކޮޅުގައި އެސްފިޔަތައް ތިރިކޮށްލުމުން އެލޮލުން ފައުޅުވި ކުލަތައް ތަރުޖަމާކުރާކަށް ޔަޝަލްއަށް ނޭގުނެވެ. ހަގީގަތުގައި ޖަބްރީލް ވިސްނީ ދީނުގައި އޮތްގޮތަށެވެ. ދެ އަންބަށް ކައިވެނިކުރެވޭނީ އިންސާފުން ހަމަހަމަޔަށް ދެ އަނބިންނާއި ދޭތެރޭ ކަންތައް ކުރެވެންޏާއެވެ. ރުބާބްއާއި ޚަލީސީކުރެން އޭނައަށް އަޅާލެވި އިސްކަންދެވޭނީ ކާކުކަމީ ފެންނަން އޮތް ހަގީގަތެވެ. އެގޮތަށް ދެ އަނބިން ގެންގުޅެން އޭނަގެ ޟަމީރު ހުއްދައެއް ނުދިނެވެ. އެންމެ ރަގަޅުގޮތަކީ އިހަށް އިންތިޒާރުކުރުމެވެ.
"ނޫން. ދެ އަންބަށް އިންނާކަށް ނޫން.."
"ބާބް އިންތިޒާރުކުރަން ޖެހެނީ؟ ލައިކް ޚަލީސީ މަރުވާންދެން؟" ޔަޝަލްގެ އަޑުގައި ކަންބޮޑުވުމެއް ހުއްޓެވެ.
"މަރަކީ ތިބުނާހެން އޮންނަކަމެއް ނޫން. ބޮޑެތި ބަލިތަކުގެ ވޭނުގައި މީހުން އުޅެނިކޮށް ސިއްހަތު ސަލާމަތުން ހުންނަ މީހާ ކުއްލިއަކަށް ވަކިވެދަނީ.."
ޖަބްރީލް ޔަޝަލްއާއި އިތުރަށް އެ މައުޟޫއަށް ޚިޔާލު ބަދަލުކުރަން ގަސްތެއް ނުކުރިއެވެ. އޭނަ ވާހަކަދައްކާނީ ރުބާބްއާއެވެ. ރުބާބްގެ ނިންމުމަށް އޭނަ އިހުތިރާމްކުރާނެއެވެ. އިންތިޒާރުކުރުމާއި ނުކުރުމަކީ ރުބާބްގެ އަމިއްލަކަމެކެވެ. އޭނައަށް ރުބާބްއާއި ގަޔާވެވިއްޖެއެވެ. ހަޔާތުގެ ބައިވެރިޔަކަށް އޭނަ ޚިޔާރުކުރާނެ ހުރިހާ ސިފަތަކެއް ހުރި އަންހެންކުއްޖެކެވެ. ޚަލީސީއަކީ އޭގެ ދިމާއިދިކޮޅެވެ. ޖަބްރީލްގެ ސިކުނޑީގައި ކުރެވެމުންދާ ހަގުރާމައިގެ ސަބަބުން އޭނަ ގޮތްހުސްވެ މާޔޫސްވާވަރުވިއެވެ. ނަމާދަކީ ހައްލެވެ. އެފަދަވަގުތުގައި އޭނަ ހިތްހަމަޖެހުން ހޯދަނީ ނަމާދާއި ޒިކުރުންނެވެ.
***
މިކާއިލްވަނީ އޭނަގެ ބުނުމަކާއި ނުލައި ކޮޓަރިއަށް ފަރިނީޗަރު ސެޓެއް ގެނެސްދީފައެވެ. އަގު ބޮޑުވާނެވަރު ޖަބްރީލްއަށް ލަފާކުރެވުނެވެ. ތިރީހަކަށްހާސް ރުފިޔާއަށް ވުރެ މަދެއްނުވާނެއެވެ. ކާފަ ގަޔާވާނެފަދަ ހައިވަކަރުކުލައިގެ ވަކަރުން ހަދާފައިވާ މުށިކުލައިގެ ސެޓެކެވެ. އެކުލައިގެ ރަގް އަޅާ ޑަސްބިނާއި ހެދުން އަޅާ ހަރަށްދާންދެން މިކާއިލް ހަމަކޮށްދީފައިވިއެވެ. މިހުރިޙާ އިހުސާންތެރިކަމެއްގެ ބަދަލު އޭނަ ދޭނެއެވެ. ސަބަބަކީ ހަމްދާންގެ ސިހުރު ވިޔަފާރިން އެންމެ ފައިސާ ފޮތްޗެއްވެސް ބޭނުންނުވުމެވެ. ޖަބްރީލް ހައިރާންވީ ރުބާބްގެ މެސެޖެއް އައުމުންނެވެ. އޭރު ޖަބްރީލް ހުރީ ކާފަ ކޮޓަރީގައި ކަރަންޓް މަސައްކަތްކުރާ މީހާގެ މަސައްކަތް ސުޕަވައިޒްކުރުމަށެވެ. އޭނަ ދޭތެރެއަކުން ބޭނުންވާ ސާމާނު ފޯރުކޮށްދީ އަތްގާތްކޮށްލަދެމުން ދިޔައެވެ.
ޖަބްރީލް ކާކޮޓަރިއާއި އަރާ ހަމަވީއިރު އަތްތިލަ ގަނޑުފެންކޮޅެއްހާ ފިނިވެއްޖެއެވެ. ރުބާބް ހުރީ ކުޑަދޮރު ކައިރީ ހުއްޓިލައިގެންނެވެ. އޭރު ވެހެމުންދާ ބޯ ވާރޭގެ ތިކިތައް ކުޑަދޮރުގެ ބިއްލޫރިތަކުގައި ޖެހި ތިރިއަށް ދެމެމުން ދިޔައެވެ. ޖަބްރީލްގެ ހިތުގައި އުފެދި ބާރުގަދަވަމުން އައި ތޫފާން އެއަށްވުރެ ވަރުގަދައެވެ.
"ރުބާބް..."
"ޔެސް..." ރުބާބް އެނބުރުނެވެ. އޮރެންޖް އަލީގައި އެ ރީތި ދެލޯ ފެނުމުން ޖަބްރީލް ދުށް އެންމެ ހިތްގައިމު މަންޒަރަށްވިއެވެ.
"މެސެޖްކުރީމަ..."
"އަހަރެން ގާތު ޔަޝް ހުރިހާ ވާހަކައެއް ދެއްކި. އެހެންވެ ޖަވާބުދޭންވެގެން. ދެއަންބަށް އިންނަން ބޭނުމިއްޔާވެސް އޯކޭ. އަދި އިންތިޒާރުކުރަން ޖެހުނަސް ހެޔޮ..." އެ ޖަވާބުން އަންގައިދިނީ ޚުދު ރުބާބްވެސް ޖަބްރީލްއާއި ކައިވެނިކުރަން ނިންމައިގެން ހުރިކަމެވެ. އިންތިޒާރުކުރަން ޖެހުނަސް އެހެރީ އެގޮތްވެސް ރަގަޅުވެގެންނެވެ. ޖަބްރީލްއަށް އެ ޖަވާބުން ފުދުނެވެ. ހައިރާންވީ ރުބާބްގެ ކެރޭ ކަމާއިމެދުގައެވެ. އޭނަ ހީކުރީ ލަދުން އަނގައިން ބުނަންވެސް ޖެހިލުންވާނެކަމުގައެވެ. ނަމަވެސް ދެމީހުންގެ ތެރެއިން ބޮޑަށް ލަދުރަކި މީހަކީވެސް ޚުދު ޖަބްރީލްއެވެ.
"ލޯބިނުވެ ކައިވެނިކުރަން ޖެހުނީ ޚަލީސީ ބަލިވީމަކަން އެނގުމުން އަހަރެންގެ ހިތުން ގަދަރެއް ދެވުނު. އެއީ ކައިވެނިކުރަން ބޭނުންވި އެންމެ ބޮޑު ސަބަބަކީ. ޔޫ ހޭވް އެ ބިގް ހާޓް. ކޮންމެ ކޮންމެ މީހަކު ތިފަދަ ބޮޑު ގުރުބާނީއެއް ނުވާނެ. ނުވެސް ގުޅޭ އަންހެންކުއްޖަކާއި...................."ރުބާބްގެ ފަހު ޖުމްލައާއެކު އޭނައަށް ބަލައިލެވުނީ ސުވާލު އުފެދިފައެވެ.
"މިބުނީ އެކުއްޖާގެ މިޒާޖު..."ރުބާބް ލޮލުހިމަކޮޅުން ބަލައިލިގޮތްވެސް ޖަބްރީލްއަށް ރީތިވިއެވެ. ޚަލީސީގެ ފަރާތުން އުނި ސިފަތައް ފެންނައިރު ރުބާބްގެ ކޮންމެ އާދައަކަށް ހިތް ލެނބެނީއެވެ. އަދިވެސް ނޫނެކޭ ބުނެ ކައިވެނި ހުއްޓުވާނެ ވަގުތު އެބައޮތެވެ. އަމިއްލަ ފައިމައްޗަށް ތެދުވާން ޖެހޭކަން ހަނދާންވުމާއެކު ދެވަނަ ވިސްނުމަށްދާން ޖެހުނެވެ. އަމިއްލަ އެދުން ބޮޑުކަމުން ހަމައެކަނި މަގާމާއި މުސާރައިގެ ބޭނުމުގައި އަންހެންކުއްޖަކަށް އޮޅުވައިލަންވާނެހެއްޔެވެ؟ނަމަވެސް ބާރު އަޅަނީވެސް ޚަލިސީގެ މައިންބަފައިންނެވެ. އޭނަ ދެވަނަފަހަރަށް ތަންޒީލާއާއި ވާހަކަދައްކާނީއެވެ. ނުބައި ނިޔަތެއްގައި ޚަލީސީއާއި ކައިވެނިކުރަން އޭނަގެ ހިތްހަމަނުޖެހެނީއެވެ. މިފަދަ ވިޔަފާރިން ހަޔާތް ބައްޓަން ކުރުމުން އެތައްބަޔެއްގެ ހިތްހަލާކުވެދާނެއެވެ.
***
"މި ކައިވެނި ކުރަން ހަމަ ބިރުގަންނަނީ. ސަބަބަކީ ކައިވެނިކުރާ މަގުސަދު ރަގަޅުނޫންވީމަ......"ޖަބްރީލް ތަންޒީލާގެ ކުރިމަތީގައި ހުރި ސޯފާގައި އިށީދެލައިގެން އިންިއިރު ކުށުގެ އިހުސާސްތައް އިތުރުވަމުން ދިޔައެވެ.
"ބޫ ބޭނުންވަނީ ވަޒީފާ. މަގާމު. އެހެން ތަނަކުން ވަޒީފާ ހަމަޖެއްސުން ފަސޭހައެއްނުވާނެ....އަހަރެމެން ބޭނުމީ ހުރިހާ ފައިސާއެއް ގުރުބާންކޮށްލައިގެންވެސް ދަރިފުޅުގެ ހެޕިނެސް. އެހެންވީމަ މި ވިޔަފާރި ގޯހެއް ނޫނެއްނު. ބޫ ވިސްނުން ބަދަލުކޮށްފިއްޔާ ޚަލީސީއަށް ޝޮކެއް ލިބި ފުރާނައަށް ގެއްލުންވެދާނެ. އެހެން ނަހަދާ. އެންމެ ފަހު ވަގުތު ނޫނެކޭ ބުނެގެން ޚަލީސީގެ ދިރިހުރުމުގެ ބައްތި ނިއްވާނުލާ.............." ތަންޒީލާ ހަނދާންކޮށްލަދިނީ ދަރިފުޅުގެ ނާޒުކް ހާލަތެވެ. ޖަބްރީލްގެ އަމިއްލަ އުފަލަށްޓަކާ ހިތެއް މަރައިލަން ހެޔޮވާނެހެއްޔެވެ؟ މިދޭތެރެއަށް ރުބާބް ނުވަންނަނަމައެވެ.
ޖަބްރީލް ގެ އަނގަ ބަންދުވިއެވެ. އުމުރު ދުވަހުވެސް އޭނަ ހުންނަން ޖެހޭނީ ޚަލީސީގެ ބަލީގެ ދަށުވެ އަޅުވެތިވެގެންނެވެ.
"ޚަލީސީ ޖަބްރީލްދެކެ އެވާ ލޯބި އެހެން އިންސާނަކު ވާނެކަމެއް ނޭގޭ..އެކުއްޖާގެ ހުރިހާވެސް އެއްޗަކީ ތިއީ....ޑޯންޓް ބްރޭކް ހާރ ހާޓް..." ތަންޒީލާގެ ރާގުގައިވީ އާދޭހެވެ.
ޖަބްރީލް އެގެއިން އެނބުރި އަންނަން ޖެހުނީ ހުސް އަތާއެވެ. އެއްކޮޅުގައި އޭނަގެ ލޯތްބެވެ. އަނެއް ފަރާތުގައި މަޖުބޫރީތަކެވެ.
***
ޖަބްރީލްއާއި ޚަލީސީގެ ކައިވެނި ކުރެވުނީ ސާދާ ހަފްލާއެއްގައެވެ. ޖަބްރީލް ގަދަކަމުން ހިނިތުންވެލައިގެން ހުއްޓަސް ދެލޯ ޑިސެމްބަރު މަހުގެ ދުވަހެއްފަދައެވެ. އަޅިކަމާއިއެކު ފިނިކަންވެސް އެކުލެވެއެވެ. ހިނިތުންވުމުގައިވެސް ހޫނުކަމެއްނެތެވެ. ޖަބްރީލްއާއި ޚަލީސީއަށް އެންމެން މަރުހަބާކިޔަމުން ދިޔައިރު ޚަލީސީ ޖަބްރީލްގެ އަތުގައި ހިފަހައްޓައިލިގޮތަށް އެންމެ ފަހަރަކުވެސް ދޫކޮށެއްނުލައެވެ. އޭނަގެ އެކުވެރިންނާއި އާއިލާއަށް ޖަބްރީލް ތައާރަފުކޮށްދިނީ ފަޚުރުވެރިކަމާއެކުގައެވެ. އެކުވެރިން ބުނީ ޖަބްރީލް މޮޑެލްއަކާ ތަފާތެއް ނެތްކަމުގައެވެ. ޚާއްސަ ގޮތެއް އެލޮލުގައި ހުރިކަމުގައެވެ. މިކާއިލް ހަކާން ޔަޝަލް އަދި ސޯފިއާގެ މޫނުމަތިންވެސް ފެނުނީ އުފާވެރިކަމެވެ. އެޕާޓީއަށް ޖަބްރީލް ގެނައި އެންމެ ޚާއްސަ ފަރާތަކީ އޭނަގެ ކާފައެވެ. ކާފަގެ ބަސް މަދެވެ. ގިނައިން ދައްކަނީ ހަމަނުޖެހޭ ވާހަކަތަކެވެ.
ރަމަޟާންމަހުގެ ރެއެއްކަމުން ހަފްލާ ނިމުމުން އެންމެން އަވަސްވެގަތީ ގެއަށް ދިޔުމަށެވެ. އަކްރަމްއާއި ތަންޒީލާވެސް ދިޔުމުގެ ކުރިން ޖަބްރީލް ގެނެސް މޭގައި ޖައްސައިލިއެވެ. ތަންޒީލާ ފެންކަޅިވިއެވެ."ތެންކިއު ޖަބްރީލް. ދުވަހަކު ތި އިހުސާންތެރިކަން ހަނދާން ނައްތައެއްނުލާނަން. ޚަލީސީ ދުނިޔޭގައި ހުރިހާ ދުވަހަކު އަޅާލައްޗޭ. ހެޔޮކޮށް ހިތައްޗޭ، ކުޑައިރުއްސުރެ ބުލީކުރަމުންގޮސް ބަލިކަށި ހިތެއްގެ ވެރިކުއްޖެއް. ވަރަށް ބަލައިގެން ގެންގުޅޭނެ ރަގަޅު ބައިވެރިޔެއް ހޯދަދެވުނީތީ މިއަދު ވަރަށް އުފާވެއްޖެ..އައި ޓްރަސްޓް ޔޫ މޯ ދޭން އެނީވަން ޖަބްރީލްް، ތިއީ ހަމަ ހިތްހެޔޮކަމުގެ މިސާލެއް.."
އަކްރަމް ޖަބްރީލްގެ ކޮނޑުގައި އަތް ބޭއްވިއެވެ. އޭނަ ބުނެލީ ދެތިން ޖުމްލައެވެ. އޭނަ ތަންޒީލާހާ އަނގަގަދަ ނުވިކަން ނަސީބެކެވެ. ލަދުން މަރުވާވަރަށް ތައުރީފުކުރުމުން އެހެން ދުވަހެއްނަމަ ލަދުގަތީހެވެ. ނަމަވެސް މިރޭ ޖަބްރީލްއަށް ހީލަންވެސް ނޭގުނެވެ.
ބޯކޮށް ވާރޭ ވެހިގަތީ އިންޒާރަކާ ނުލައެވެ. ބާރު ވަޔާއެކު ކަރަންޓުގެ އަލިކަމުންވެސް އެގެ މަހުރޫމްވިއެވެ. ޚަލީސީ މަޖާވެލާފައި އުއްބައްތިތައް ދިއްލާލައިގެން އުޅުނުއިރު ޖަބްރީލް ހުރީ ފެންޑާގައެވެ. އަނދިރިކަމުގެ ތެރޭ ބޮޑެތި ގަސްތައް ހޫރޭއިރު ސިފަވަނީ ފުރޭތަތަކެވެ. ވާރޭގެ ނާނާގެ ތެރޭގައިވެސް ފުރޭތަތައް ވައިއަޑުން ވާހަކަދައްކާކަހަލަ އަޑުތައް އިވެއެވެ.
"ރުބާބް. ކީއްވެ ޕާޓީއަށް ނައީ؟" ޖަބްރީލް މެސެޖްކުރިއެވެ. ޖަވާބެއް ނައުމުން މާޔޫސްކަމާއެކު އަތްތިލައިން މޫނު ފޮރުވުނެވެ.
"ސޮރީ ޖަވާބު ލަސްވީމަ. އަހަންނަށް ދާނެ ހިތްވަރެއް ނުލިބުނީ.."ރުބާބްގެ ޖަވާބް އައެވެ.
"މިގެއަށް ދެން ނާންނާނީތަ؟"
"ރަމަޟާން ނިމިގެން ދާނަން އިންޝާﷲ.."
"ހާދަ ރަގަޅުކުއްޖެކޭ. ކީއްކުރަނީ؟ ގުރުއާން ކިޔަވަން އިންދާ ކަން ނޭގޭ އުދަގޫމިކުރެވުނީ......ތަހައްޖުދަށް ތެދުވަންތަ؟" ޖަބްރީލް ހިނިތުންވެލިއެވެ.
"ރަމަޟާން ޕްލޭނާރ އެއްވެސް ލިބިފައި އެބައޮތް. ދުވާލު އެއްކޮށް ސްޕެންޑްކޮށްލަނީ ގުރުއާން ކިޔެވުމާއި ޒިކުރުކުރުމުގައި. ތަހައްޖުދު ނަމާދުގައިވެސް އަދި ތަރާވީހުގެ ވިހި ރަކުއަތް ކޮށްގެން ޚަތިމް ކުރަން ނިންމައިގެން މިހިރީ. ޕްރޮފެޓްގެ ސީރާވެސް އެބަކިޔަން. އެންމެ މިނިޓެއްވެސް ބޭކާރުނުކޮށް މުޅި ރަމަޟާންމަސް ހެޔޮ އަމަލުކުރުމުގައި ދެމި ހުންނަން ބޭނުންވަނީ. ކޮންމެހެން ފޮނި ކަނޑާކަށް ނޫން....ބޭނުންވާގޮތް ބުނެލީ....." ރުބާބް ތަފްސީލުކޮށް ކިޔާދިނެވެ.
"ހާދަ ރަގަޅޭ....ކޯނޗެއް ތައްޔާރުކުރަނީ؟"
"މިގެއަށް އިފްތާރަށް އަންނަންޏާ ބުނާނީ.."ރުބާބް ކޮށްލި ސަމާސާއިން ޖަބްރީލް ހުރިހާ ދަތްތައް ފެންނަވަރަށް ހީލެވުނެވެ. އެއީ އެހެން މީހުންނަށް ކުރެވޭ ކަމެއް ނޫނެވެ.
"ދައުވަތު ލިބިއްޖެޔާ ދާނަން.."
ރުބާބް ދިގު ލިސްޓެއް ކިޔައިލިއެވެ. އޭނަގެ ހޮބީއަކީ ގަސްހެއްދުމާއި ކެއްކުމާއި ކެލިގްރަފީއެވެ. ކުދިން ގެންގުޅެންވެސް އޭނަ ވަރަށް ފޯރިހުރެއެވެ. ޖަބްރީލްގެ ހިތް ހައްތާ ލެނބޭގޮތްވިއެވެ. މިފަދަ ފުރިހަމަ އަންބެއް ލިބޭނީ ނަސީބުވެރިއަކަށެވެ. ކުއްލިއަކަށް ޚަލީސީ ފަހަތުން އައިގޮތަށް "ބޫ"ކިޔުމުން ސިހުނުވަރުން ފުންމައިގެން ތެދުވުނެވެ. އޭނައާއި ރުބާބްގެ ޗެޓް މެދުކަނޑައިލުމުން ނުރުހުންވިއެވެ. ބުމަކައިރިކޮށްލެވުނެވެ. ޚަލީސީގެ އަތުގައި ހުރި އުއްބައްތީގެ އަލި ޖަބްރީލްގެ މޫނަށް އަޅުވާލައިފިއެވެ.
"ވަރަށް ހެންޑްސަމް.................. " ޚަލީސީ ތައުރީފުކުރިއެވެ. އޭނަ ގެ ބޮލުގައި ބުރުގާއެއް ނެތެވެ. ބުޅި އިސްތަށިގަނޑު ފަންކޮށްލާފައި އޮތްއިރު ތުނި ތުންފަތުގައި ހުރި ރަތްކުލަ ފޭދިފައި ހުރުމުން ޖަބްރީލްއަށް ސިފަވީ ބިރުވެރި ކުއްޖެކެވެ."ބޫއަށް ނޯޓިސްވެއްޖެ ދޯ. މިހިރީ އިސްތަށިގަނޑު ފަންކޮށްލާފައި..ކިހިނެއްތަ؟"
ޖަބްރީލް ފޫހިވީވަރުން އަނގައިން ބުނުމެއްނެތި ހިނގައިގަތީ އެތެރެއަށެވެ."އަދިވެސް ކަރަންޓް ނާންނަނީ ދޯ...."
ޚަލީސީ ކުޑަކޮށް ރަކިވިއެވެ. އޭރު ޔަޝަލްވެސް އަރާ ހަމަވީއެވެ."ތިއްތި ޚަލީސީ އެބުނި އެއްޗަކަށް ޖަވާބުދީބަލަ. އިސްތަށިގަނޑު ފަންކޮށްލީމަ ރީތިހެއްޔޭ؟"
"އެހެން ކަން ނޭގޭ......." ޖަބްރީލް މަޑުކޮށްނުލާ ކުރިއަށް ދިޔައެވެ.
"ހީ ހޭޓްސް މީ.."ޚަލީސީގެ ހިތަށް އަސަރުކުރިއެވެ." ކީއްވެތަ؟"
ޚަލީސީ ހީކުރީ ޖަބްރީލް ތަފާތުކަމުގައެވެ. ނަމަވެސް އޭނަވެސް އެހެން ފިރިހެނުންނާއި ތަފާތެއްނެތެވެ. ޖަބްރީލްވެސް އޭނަގެ ސިފަތައްދެކެ ފޫހިވީއެވެ. ފައިސާއިން ރީތިކަން ގަނެވެން އޮތުމުން ދެން އެނޫނީ އޭނައަށް އޮތީ ކޮން ކުރިމަގެއްހެއްޔޭ ޚަލީސީގެ ހިތަށްއެރިއެވެ.
ޖަބްރީލް އޭނަގެ ކާފަގެ ކޮޓަރިއަށް ވަންނަން ދިޔައިރު މަންމަގެ އަޑު އިވުމުން ފަހަތަށް ޖެހުނެވެ. އޭރުވެސް ވާރޭގެ އަޑު އެއްވާނަކަށް ހިފާލާފައިވިއެވެ. ޚަލީސީ ފަހަތުން އަންނަތަން ފެނުމުން ޖަބްރީލް ވިސްނާލާފައި ފިޔަވަޅުތައް މަޑުކޮށްލިއެވެ. ތަންކޮޅެއް ދުރުގައި ހުރި އުއްބައްތިއެއްގެ ފަނޑު އަލީގައި ޚަލީސީ ފެނުނީ ތަންކޮޅެއް އަނދިރިކޮށެވެ." ނިދަންދާންވީނު..........................."
"ކޮން ކޮޓަރިއެއްގައި؟"
"މިގޭގައި ކޮޓަރިތައް މަދެއްނުވާނެ..." ޖަބްރީލްގެ މޫޑެއްނެތެވެ.
ޚަލީސީ ކުއްލިއަކަށް އެއްލިގެންފާ ކަހަލަގޮތަކަށް ގޮސް ސިހުރު ކޮޓަރީގެ ދޮރާއި ދިމާލުން ގެއްލުމުން ޖަބްރީލްގެ ގައިން ހީބިހިނެގިއެވެ. ހާސްކަމާއެކު އެދިމާލަށް ބަލަން ހުއްޓާ މީހަކު އަތުގައި ހިފެހެއްޓުމުން ސިހިފައި އަތް ދަމައިގަތެވެ. ކައިރީގައި ހުރީ ޚަލީސީއެވެ. ވިސްނާލުމާއެކު އެނގުނީ އަނދިރިކަމުގެ ތެރެއަށް ގެއްލުނު ޚަލީސީގެ އިސްތަށިގަނޑު އޮތީ ހާވާލާފައެވެ. ކުދި އިސްޕިރީނުގެ ހާއްޔެކެވެ. ގާތުގައި ހުރި ޚަލީސީގެ ލޮލުން ކަންބޮޑުވުމާއެކު އިންތިހާއަށް ބިރުން ހުރިކަން އެނގުނެވެ.
"އާ ޔޫ އޯކޭ؟ކޯނޗެއް ފެނިގެން ބޫ ބިރުން ތިހިރީ؟" ޚަލީސީ ވައި އަޑަކުން އަހައިލިއެވެ. އޭނަގެ ލޯވެސް ދަތުރުކުރީ އަނދިރިގަނޑާއި ދިމާލަށެވެ. ޖަބްރީލް ޚަލީސީގެ އަތް އޭނަގެ މުލައްދަނޑިން ނައްޓުވައިލިއެވެ. އޭނަގެ އަތުގައި އެލިގެން މިހިރީ ރޫހާނީ އެއްޗެއް ނޫންކަން އެނގެނީވެސް ކިހިނެއްހެއްޔެވެ؟ ނަމަވެސް ޚަލީސީއަށް އެއީވެސް ހިތުގައި ރިއްސައިލި ވަގުތުކޮޅަކަށްވިއެވެ. އެ މޫނުގެ ކުލަ އޮއްސުނެވެ. އޭނަ ބިރާއި ހިތާމައާއެކު ހިމާޔަތްދޭނެ މީހެއް ނެތިގެން ވަކި ދާނީ ކޮންތަނަކަށް ހެއްޔެވެ؟ ޚަލީސީއަށް އެނގެނީ މިގެ އަމާން ނޫންކަމެވެ. ބަލައިލި ކޮންމެ ދިމާލަކުން ނާމާންކަން ފެންނަނީއެވެ. ކަންފަތުގައި ހަރުލާފައިވަނީ ކޮންމެހެން އިވެން ނުޖެހޭ ޒާތުގެ އަޑެވެ. އެއްޗެއް ދެމިގަންނަ އަޑު ނޫނީ ވަކި އަޅުވާ ޒާތެއްގެ އަޑެވެ. ލޮލުހިމަކޮޅުން ފެންނަނީ ހިޔަނިތައް ދަތުރުކުރާތަނެވެ. ޖަބްރީލް ނުބުނި ކަމުގައިވިޔަސް އޭނަ އެގޮތަށް ކަންބޮޑުވެ ބަލަން ހުރިގޮތުން އެއްޗެއް ފެނުނީކަން ޚަލީސީ ދެނެގަތެވެ.
ޖަބްރީލްގެ ފަހަތުން ޚަލީސީ ހިނގައިގަތެވެ.
"ބޫ. ރުޅިތަ؟"
"ކޮންކަމަކާ ހޭ ރުޅި އަންނަންވީ؟" ޖަބްރީލްގެ ރާގުންނައި ބަހުރުވެސް ބުނެދިނީ ފޫހިވެފައިވާކަމެވެ.
"އަހަންނަށް ނޭގޭ...އެހެންވެ މިއަހަނީ؟ އަހަންނަށް ހެދުނީ ކޮން ގޯހެއް ހެއްޔޭ؟" ޚަލީސީ ސުވާލުކުރިއެވެ.