"ޚުޝޫއަތްތެރިކަމާއި އެކު ނަމާދު ގާއިމުކުރަން ފެށުމުން ރުޅިއައުމާއި، މީހުންނަށް ހަސަދަލުމާއި، ދަހިވެތިވުމާއި، މާޔޫސްވުމާއި، އަމިއްލަ ނަފުސަށް ބިރުވެތިވުމާއި އަދި މަރުވެދާނެކަމަށް ބިރުގަތުން ހުއްޓިދާނެއެވެ."
***
"މިތަންތަނަށް ސަމަރގައި ކުއްލިކުއްލިއަކަށް ތަންޑާސްޓޯމްވެސް އާދޭ. ހެއިލްވެސްއެހެން ހުރެފައި...."މިކާއިލްވެސް އެހެން ބުނެލީ ޝައްކެއްގެ މަތީގައި އިނދެފައެވެ. ރޫހާނީކަމެއް ހެއްޔޭ ހިތާހިތުން ސުވާލުކުރެވުނެވެ. އެންމެން އެކީ ކާންފެށިޔަސް ޖަބްރީލް ތަބީއަތުގައި ހިމޭން އަދި މަޑުމައިތިރިކަމެއް ހުއްޓެވެ. މަންމައާއިމެދު އަދިވެސް ހިތް ސާފުނުވާއިރު އެންމެން އެކީ އާއިލާއެއްފަދައިން ކަމުންދާއިރު ބައްޕަގެ ހަގީގަތް އެނގެންވެސް އެހާ ބޭނުންވިއެވެ. އޭނަ މަރުވެގެންދާއިރު ވެސް މަންމަ އެސިއްރު ހާމަނުކުރާނީހެއްޔެވެ؟
"ލަވްލީ ވެދަރ..."ޔަޝަލް ކުޑަދޮރުކައިރިއަށް ގޮސް މޫނު ޖައްސައިލިއެވެ.
"ދޮންބެއަށް މިހާ ފުރިހަމަ ގަނޑުވަރެއް ކަހަލަ ގެއެއް ލިބުނީ ކިހިނެއް؟ވަރަށް އަގުބޮޑުވާނެހެން ހީވޭ....."
"މިއީ ބައްޕަގެ ވަރަށް ގާތް އެކުވެރިއެއްގެ ގެއެއް. އޭނަގެ އެއްވެސް މީހަކު ދުނިޔޭގައި ހުރިކަމެއް ނޭގޭ. އާއިލީ މީހެއް ހުރިނަމަވެސް މިގޭގެ މިލްކުވެރިކަން ހޯދަން ދައުވާކުރާނެތާ. އެކަހަލަ އެއްވެސް ކަމެއްނެތް. އޭނަ ޔޮޓެއްގައި ދުނިޔެ ބަލައިލަން ދަތުރުފެށިގޮތަށް އެކަމުގައި އުޅުނީ..ކޮންމެވެސް ސަބަބަކާއި ހުރެ އޭނަ މިތަނުގައި އަލުން އުޅެން ބޭނުމެއްނުވޭ..........." މިކާއިލް ކިޔާދިނެވެ.
"މިގެ ހޯންޓެޑްވީމަ ކަމަށް ވާނީ. ވަރަށް ފަޅުކޮށް މިއޮތީ."
"ޕަބްލިކް ޕްރޮޕަޓީއެއް ވީމަ މީހުން އައިސްގޮސް ނޫޅޭނެ ދޯ...އެހެންވެ ފަޅުހެން ހީވަނީ. މިތާކު ޖިންނިއެއް ނޫޅޭ..."
ޖިންނިންގެ ވާހަކަ ފެށުމާއެކު ޖަބްރީލްގެ މޫނުގެ ކުލަ ބަދަލުވިއެވެ.
"ތިނޫން ވާހަކައެއް ދައްކަބަލަ ކޮއިފުޅުމެން..."ކާފަ އެދުނެވެ.
"ކާފަ ޑޮކްޓަރަށް ދައްކަން ދަނީ ކޮންއިރަކު؟ އަޅުގަނޑުވެސް ދާން ބޭނުން....."ޔަޝަލް އަތުކުރީގައިވާ ގަޑިއަށް ބަލައިލިއެވެ.
ޔަޝަލް ނާސްތާއަށްފަހު ޖަބްރީލްއާއެކު ބޭރަށް ނުކުތްއިރު ދުރު ފެންނަނީ ދުންފިނިގަނޑެއްހެނެވެ. ފިނިކަމުން ޖެކެޓެއް ގަޔަށް މަހައިލުމަށްފަހު ނުކުމެގެން ހިނގައިގަތީ ވަށައިގެން ފެންނަ މަންޒަރުތަކަށް ތައުރީފުކުރަމުންނެވެ. ހިނގަން ހަދާފައި އޮތް ހަނި މަގުތަކުގައިވެސް ގާ އަޅާފައިވާއިރު ނޮޅަތައް ދިގުވެ އެކި ކުލައިގެ މާތައް ފޮޅިފައިވިއެވެ. ޑަންޑެލަޔަން، ބަޓަރކަޕް، ވައިލެޓް، މޯނިން ގްލޯރީ، ކްރެބްގްރާސްފަދަ މާތައް އެއްވެސް މީހެއްގެ އެހީތެރިކަން ނެތި އެތަން މިތާ ރަސްކަން ކުރަމުންދާއިރު ނިކަން ޗާލެވެ. ހިނގަމުން ދިޔަ ޑްރައިވްވޭގެ މެދުތެރެއިން ކަނޑައިގެންގޮސްފައިވާ ތަންކޮޅުންނާއި ޕޭވްމެންޓް ދޭތެރެއިންވެސް ޑަންޑެލައަންތައް ނިކުމެފައެވެ. ﷲގެ ކުޅަދުންވަންތަކަމެވެ. ގެއާއި ތަންކޮޅެއް ދުރަށް ނިކުމެވުމުން ސާފު ފެންގަނޑެއް ފެނުނެވެ. ސްވޭން އާއިލާއެއްގެ ގެއެވެ. ފެންގަނޑާއި ދިމާލަށް ލެނބިފައިވާ ބޮޑެތި ވީޕިން ވިލޯ ގަސްތަކުން މަންޒަރަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވިއެވެ.
"އެކްސައިޓްވެގެން ގޮސް ހައިޕާވެންޓިލޭޓް ވާވަރުވޭ..."ޔަޝަލް މެސެޖްކޮށްލީ ރުބާބްއަށެވެ."މިކޮޅަށް އާދޭ ބާބްވެސް.."
"އެހެން ނުކެރޭނެއްނު ދާކަށް..."
"ފަހަރިއަކަށްވެގެން އަންނާނީ. ދޮންބެ އަދިވެސް ސިންގަލް...."
"ޔަޝަލްގަނޑު ތިކަހަލަ ވާހަކަ ދައްކަންޏާ ދެން އަނގައިން ނުބުނާނަން..................."
ޔަޝަލް ހޭންފެށިއެވެ. އިރުކޮޅަކަށް ރުބާބްއާއި ވީޑިއޯ ކޯލެއްގައި ހުރެ އޭނަ ވީޕިން ވިލޯ ގަސްތައްވެސް ދެއްކިއެވެ. އެއަށްފަހު ފޯނު ބާއްވަމުން ޖަބްރީލްއަށް ރުބާބްއާއި އޭނަ ދެއްކި ވާހަކަތައް ކިޔައިދިނެވެ. ޖަބްރީލް ބުނީ ރުބާބްއަކީ މާޒީގެ ސަފުހާއެއްކަމުގައެވެ. އަލުން ނުގުޅޭނެކަމުގައެވެ.
"މިއީ ހާދަ އަރާމު ހިސާބެކޭ...އެކަމަކު ހަރުފަ އެއްޗެއް ނޫޅޭނެތަ؟"
"އައި ހޭވް ނޯ އައިޑިއާ..."
"ދޮންބެ މިއަންނަނީ. ހީވިލް ޕްރޮޓެކްޓް އަސް..."
"ނޯ، ތިހެން ނޫން ބުނަންވާނީ.... ﷲގެ ރައްކާތެރިކަން އެކަނި ބޭނުންވާން ޖެހެނީ...އިންސާނުންނަކީ ހަގީގަތުގައި އެއްވެސް ބާރެއްނެތް ބަޔެއް......."
ޔަޝަލް ބޯ ޖަހައިލިއެވެ.
އެމެރިކާއަށް އައުމުން ޔަޝަލްއަށްވެސް އާ މާހައުލަކާއި ސަގާފަތެއްގެ ތެރެއަށް ވަދެވި އެންމެ ދުވަހެއްގެ ތެރޭގައި ނަމާދުތަކާއި ޒިކުރުތަކަށްވެސް ފަރުވާކުޑަކޮށްލެވިއްޖެއެވެ. އެންމެ ކުރިން އުޒުރަކަށް އަމިއްލަ ނަފުސަށް ވިސްނައިދެވުނީ ދިގު ދަތުރެވެ. ދަތުރުގައިވެސް ނަމާދުތައް ދޫކޮށްލެވުނީއެވެ. މިތަނަށް އައުމުން އަދި ވެސް ނަމާދެއް ކޮށްލެވޭވެ ވަގުތެއް ނުލިބުނެވެ. މުޅިންވެސް އުޅެވުނީ ފޮށީގައިވާ އެއްޗެހިތައް ނަގާ ކޮޓަރި ތަރުތީބުކުރުމާއި ތަންތަން ބެލުމުގައެވެ. ދުވަހަކުވެސް މިފަދަ ރީތި ތަނެއްގައި މިފަދަ މިނިވަންކަމާއެކު އުޅެވިދާނެ ކަމަށް ޔަޝަލް ހީކޮށްފައެއް ނުވެއެވެ.
***
ޖަބްރީލް އާއި ޔަޝަލްވެސް އެދުވަސްކޮޅު އެ މާހައުލަށް ފަރިތަވެ އަމިއްލަ ގޭގައި އުޅެވޭފަދަ އިހުސާސްތައް ކުރެވެންފެށިއެވެ. ބައްޕަގެ ވިޔަފާރީގެ ސަބަބުން މަޑުނުކުރެވުނަސް މީކާއިލް ދޭތެރެއަކުން ކާފަގެ ހާލު ބަލައިލަން ޖައްސައިލައެވެ. ޔަޝަލް އެންމެ އުފާވީ ރަގަޅު ކޮލެޖަކުން ޖާގަ ލިބުމުންނެވެ. ޖިންނިންގެ އުދަގޫތަކާއި ގޯނާތައް އެއްކޮށް ހަނދާންނެތި އާ އެކުވެރިންނާއިއެކު އުފާވެރި ދުވަސްތަކެއް ގުނަން ފެށޭނެއެވެ. ދޭތެރެއަކުން ގޭގައި އެކަނިވުމުން ޚަލީސީއާއި ރުބާބް ހުރިނަމަ އިތުރަށް ދިރިއުޅުން ފުރިހަމަވީސްއޭ ހިތަށް އަރައެވ.ެ ބައެއް ދުވަހު ޖަބްރީލްއާއެކު ޖޮގްކޮށްލާ ހަދާފައި ކާފައަށްވެސް ވަގުތުދެއެވެ. އަދި ވީޕިން ވިލޯގަސްތައް ހުންނަ ހިސާބުގައި އެކަނިމާއެކަނި އިނދެ ޑައިރީ ލިޔުމަކީވެސް ޔަޝަލް ނިކަން ކުރާހިތްވާކަމެކެވެ. ސޯފިއާގެ މަސައްކަތަކަށްވީ އަޅާލުމެއްނެތި ދޫކޮށްލާފައިވާ ވީރާނާ ބަގީޗާ އަލުން އާބާދުކޮށްލުމެވެ. ނޮޅަތައް އުފުރައިލާ ރީތި ގަސްތައް މުށިތަކުގައި ޖަހާ ވިނަގަނޑު ކޮށައިލިއެވެ. ފެހިކަންގަދަ ބޯ މަޑު ރަޖާގަޑެއްފަދައިން ވިނަގަނޑު އޮތުމުން ދިރުން ގެނުވިއެވެ.
ހޫނު މޫސުމް ނިމެން ކައިރިވުމުން ފިނިކަން ގަދަވާންފެށިއެވެ. ޔަޝަލް އެތެރެއިން ލައިގެން ހުރި އެއްޗެހީގެ މަތިން ލައިގެން ހުރި ޕީޗްކުލައިގެ ޖެކެޓް ކަކުލާއި ހަމަޔަށް ފޯރައެވެ. ޖިންސާއި ގުޅޭ ބޯ ފޮތީގެ ޝޯލްއެކެވެ. އޭނަ ވާހަކަފޮތެއް ކިޔަން ޖައްސައިލީ މޭޕްލްގަހެއްގެ ހިޔަލުގައިވި ގަލުން ހަދާފައިވާ ދިގު ގޮނޑިއެއްގައެވެ. ކުއްލިއަކަށް ސިހިފައި އެނބުރި ބަލައިލެވުނީ މީހެއްގެ ފިޔަވަޅުގެ އަޑު އިވިފައެވެ.
"ހަކާން. މިރަށުގައި؟"
"އާނ...ޖަބްރީލް ނުބުނޭތަ؟ އަހަންނަށް އިންވައިޓްކުރީމަ މިއައީ..."ހަކާން ހުރީ މުށިކުލައިގެ ޖިންސަކާއި އަޅި ޓީޝާޓެއްގައެވެ. ފަންގަނޑެއްފަދަ އިސްތަށިގަނޑު މޫނަށް ފައިބާފައި އޮތުމުން ތަންކޮޅެއް ޅަކަމަށް ދައްކައެވެ.
"އެކަނި؟ކޮބާ ޚަލީސީ؟"
"ޚަލީސީ ވީ މެންޓަލް ހޮސްޕިޓަލެއްގައި....."
"ވަޓް؟ ކީއްވެ؟" ޔަޝަލް ލޯބޮޑުވިއެވެ.
"ޖިންނީގެ ކަމެއްކަމަށް ހީކޮށް ރާގީއެއް ގެނެއްސަ ކިޔެވީމަވެސް ވަކި ޗޭންޖެއްނައި. ސައިކޭޓްރިސްޓަކަށް ދެއްކީމަ ޑައިގްނޯސް ކުރީ. ސްކިޒޮފްރީނިއާ...." ހަކާންގެ ލޮލުން ހިތާމައިގެ އަސަރުފެނިލިއެވެ.
"ހާދަ ދެރައޭ. އެކަމަކު ޖިންނި އަވަލުމަށްވުރެ ރަގަޅު..."
"ތިބުނީ ރަގަޅަކަށް ނޫން. ޖިންނި އަވަލީނަމަ މާ ފަސޭހައިން އެކަން ރަގަޅުކުރެވުނީސް. މެންޓަލް ބައްޔެއްގައި އުޅެން ޖެހުނީމަ...ނޭގޭ. ޚަލީސީގެ ބަލި އެނގުމުން ވަރަށް މާޔޫސްވާގޮތްވި. ފަހުން ވިސްނައިލީމަ އެނގުނީ ދިމާވާ ކޮންމެ ކަމަކީ އިމްތިހާނެއްކަމާއި ކެތްތެރިވާން ޖެހޭކަން..."
ޔަޝަލްގެ ނަޒަރު އުނގުގައި އޮތް ފޮތަށް ހުއްޓުނެވެ. "ޕީއެސް އައި ލަވް ޔޫ" ފަދަ ޖަޒުބާތީ ވާހަކައެއްގެ މެދުތެރެއިން ހަކާން އައުމުން ލަދުވެސް ގަތީ ހަކާންއަކީ ބޭބެކަމަށް މަންމަ ބުނެފައިވާތީއެވެ. ލޭގެ ގޮތުން ގުޅުން އޮތް މީހަކު އޭނައާއިހެދި އުޅޭކަން އެނގުމަށްވުރެ ލަދުވެތިކަމެއް ދުނިޔޭގައިވާނެ ހެއްޔެވެ؟ އެސިއްރު ހާމަކުރެވެންވެސް ނެތީއެވެ.
"ޚަލިސީއަށް ގުޅިދާނެތަ؟" ޔަޝަލް އެހިއެވެ.
"މަންމަ އެކަމަށް ހުއްދަދިނީމަ. މަންމަވެސް ކުރިން ކިޔައިގެން އުޅުނީ ޖިންނި އަވަލީޔޯ. މިހާރު މަންމަ ގަބޫލުކުރޭ ޚަލީސީގެ ސިކުނޑިތެރޭގައިކަން އެބުނާ ބަޔަކު އުޅެނީ..."
"ސައިންޓިފިކަލީ އެމީހުން ގަބޫލުކުރާ ގޮތަކީ އެއީ. އެކަމަކު ޖިންނިންނަކީވެސް އުޅޭ ބަޔެއް...ޖިންނިން އަވަލީމަވެސް ހެލުސިނޭޝަންސް ދޯ ހަމަ ފެންނާނީ؟ ޚަލީސީ މާ ބޮޑަށް ބިރުގަތީކަމަށް ވާނީ. އަބަދުހެން އޭރު ޖިންނިން ފެނިގެން ބިރުން އުޅޭނީ، ކޮންމެގޮތެއްވިޔަސް އެގޭގައި އެކަހަލަ ކަންތައްގަނޑެއް އުޅުނު. ފަހުން ފަންޑިތަހަދައިގެން އެޖިންނިން ނައްތާލިކަމަށްވަނީ. ސްޕިރިޗުއަލް އަދި ނަފްސާނީ އެލެމެންޓެއްވެސް މިކަމުގައި އުޅެދާނެ. އަހަރެންވެސް މިހާރު ސައިކޮލޮޖީ ކޯސް ހަދަން ފަށައިފިން........."ޔަޝަލް ފޮތް އަނެއްފަޅިއަށް އަނބުރައިލިއެވެ.
"ވާއު ގްރޭޓް...."ހަކާން ފިނިވަމުން ދިޔަ އަތްތިލަ ޖިންސްގެ ޖީބަށްޖެހިއެވެ.
"އެނގޭތަ؟އަދިވެސް އަހަރެން މިހިރީ އިންތިޒާރުގައި..."
"ހަކާން. ސޮރީ. އެކަމެއް ނުވާނެ..."
"އަހަރެން އުއްމީދު ދޫކޮށެއްނުލާނަން."
"ތިއީ ބޭކާރުކަމެއް. ތިހެން ނެހެދިއްޔާ ރަގަޅީ...ސަބަބަކީ.....ކުރިންވެސް ބުނިފަދައިން އަހަރެންގެ ބޯއިފްރެންޑެއް ހުރޭ......."
"ކޮބާ އެމީހަކީ؟ އޭނައާއި މީޓްކުރުވީމަ ގަބޫލުކުރާނީ..."
"އޯލްރައިޓް. އެކަމަކު ޑިމާންޑްކުރުމަކީވެސް ރަގަޅުކަމެއްނޫން. ޔޫ ނޯ ވަޓް؟ އައި ފީލް ހަމަ ތިއީވެސް ބްރަދާއެއްކަމަށް. ޖަބްރީލް ބޭބެވީމަ ފްރެންޑުންނާއިމެދުވެސް އެގޮތަށް ދެކެވެނީ........"
އެވަގުތު ޖަބްރީލް އަންނަތަން ފެނުމުން ހަކާން ހިނިތުންވެލިއެވެ.
ޖަބްރީލްއަށް އެދެކުދިން އެއްތަނެއްގައި ތިބިތަން ފެނުމުން ތަފާތު އުފާވެރިކަމެއްގެ އިހުސާސްކުރެވުނެވެ. ގުޅެއޭ ހިތަށް އެރިއެވެ. އޭނައާއި ޚަލީސީއަށްވެސް އެފަދަ ދުވަހެއް އައިސްދާނެހެއްޔެވެ؟ މިފަހަކަށް އައިސް ރުބާބްއަށްވުރެ އޭނަގެ ސިކުނޑިއާއި ހިތުގައިވަނީ ޚަލިސީގެ ނަމެވެ. ރުބާބްދެކެ ހަގީގީ ލޯބިނުވެ ޚަލީސީދެކެ ލޯބިވާންފެށީ ހެއްޔެވެ؟ އޭނައަށް އެކަމެއް ޔަގީނެއްނުވިއެވެ. އަންހެނުންދެކެ ފޫހިވާންޖެހުނީ މަންމަ އޭނައާއިމެދު ކަންތައްކުރި ގޮތުންނެވެ. ކުށަކާއި ނުލައި ތުއްތު ކުއްޖަކު އެއްލާލާފައިދާނީ ކިހާ ހިތެއްނެތް ރަހުމެއްނެތް މީހެއްހެއްޔެވެ؟ އެހެންވިޔަސް މަންމައާއި ކޮއްކޮއާއެކު މިގޭގައި ވަކިން އުޅެންފެށުމުން އޭނަގެ ހިތް މަޑުވެ އެދެމައިންނަށް އަޅާލާ ހިމާޔަތްދޭން ބޭނުންވާންފެށީ އޭނައަށްވެސް ނޭގުމުގެ ތެރޭގައެވެ.
***
ޖަބްރީލް އޭނަގެ މަންމަގެ މެޑިކަލް ރިކޯޑްތައް ބަލަން ހުރިއިރު ހައިރާންވިއެވެ. މަންމަގެ ބަލި އޮޅުން ފިލުމުން ބުނާނެ އެއްޗެއްވެސް ނޭގުނެވެ. އޭނައާއިމެދު މަންމަ އެގޮތަށް އަމަލުކުރީ އެހެންވީމަހެއްޔެވެ؟ މަންމަގެ އެ މިޒާޖުގެ އަސްލަކީ އެއީހެއްޔެވެ؟ ދޭތެރެއަކުން ނުހިނގާ އިނީވެސް އެހެންވީމަބާވައެވެ. ޖަބްރީލް ތުންފަތުގައި ދަތް އަޅައިލިއެވެ.
***
ޖަބްރީލް ދޮރުމައްޗަށް އެރިއިރު އޭނަގެ މަންމަ މުށިތަކުގައި ގަސްޖަހަން ވަރަށް ފޯރިއާއެކު އިނެވެ. ކާފަ ބެންޗެއްގައި ދުފާ މަޑިސީލަ ހިފައިގެން ގަދަޔަށް ދުފުމުގައި އިންއިރު ދެމީހުން ހީހީފައި ކޮންމެވެސް ވާހަކައެއް ދައްކަނީއެވެ. ޖަބްރީލްވެސް މަޑު ހިނގުމެއްގައި ގޮސް ކާފަގެ ގާތުގައި އިށީދެ ހެދިބިލެތްގަނޑުން އެތިކޮޅެއް އަނގަޔަށް ލިއެވެ.
މިކާއިލްގެ ފޯނެއްއައީ އެވަގުތުއެވެ. އޭނަ ބުނި އެއްޗަކުން ޖަބްރީލްގެ އަތުން ފޯނު ދޫވެގެން ނުވެއްޓުނީ ހަމަ ކިރިޔާއެވެ.