އަބޫ ބަރުޒާ ރަޟިޔަﷲ އަންހާ ވިދާޅުވިއެވެ."އިޝާ ނަމާދުގެ ކުރިން ނިދުމާއި އިޝާނަމާދުގެ ފަހުން މީސްތަކުންނާއި ވާހަކަ ދެއްކުމަކީ ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމް ނުރުހުންތެރިވެވަޑައިގެންނެވި ކަމެކެވެ."
***
ޖަބްރީލް ދޮރުމައްޗަށް އެރިއިރު އޭނަގެ މަންމަ މުށިތަކުގައި ގަސްޖަހަން ވަރަށް ފޯރިއާއެކު އިނެވެ. ކާފަ ބެންޗެއްގައި ދުފާ މަޑިސީލަ ހިފައިގެން ގަދަޔަށް ދުފުމުގައި އިންއިރު ދެމީހުން ހީހީފައި ކޮންމެވެސް ވާހަކައެއް ދައްކަނީއެވެ. ޖަބްރީލްވެސް މަޑު ހިނގުމެއްގައި ގޮސް ކާފަގެ ގާތުގައި އިށީދެ ހެދިބިލެތްގަނޑުން އެތިކޮޅެއް އަނގަޔަށް ލިއެވެ.
މިކާއިލްގެ ފޯނެއްއައީ އެވަގުތުއެވެ. އޭނަ ބުނި އެއްޗަކުން ޖަބްރީލްގެ އަތުން ފޯނު ދޫވެގެން ނުވެއްޓުނީ ހަމަ ކިރިޔާއެވެ.
"ރުބާބްއާއި؟"
"އާނ. ބޭނުންވެގެނެއް ނޫން މި ކައިވެނި ކުރީ. ބައްޕަ މަޖުބޫރުކޮށްގެން........"
"އޯ މައި ގޯޑް..." ޖަބްރީލްއަށް ބުނެވުނެވެ.
"ޔަޝަލް ބުނިގޮތުން ވިއްޔާ ބޫ ރައްޓެހިވެގެން އުޅުނީ ރުބާބްގެ ސިފައިގާ ހުރި ޖިންނި އަންހެންކުއްޖަކާ. އެހެންވީމަ އެމްބެރޭސްވާނެ އެއްވެސް ރީޒަނެއްނެތް...."
"ބުނާނެ އެއްޗެއްވެސް ނޭގޭ."
"އައި ވޯޒް ފޯސްޑް އިންޓު ދިސް...ގަބޫލުކުރޭ. އެއްގޮތަކަށްވެސް އުއްމީދުނުކުރަން އެކަމަކު ބައްޕަ އެކިގޮތްގޮތަށް މަޖުބޫރު ދައްކަންފެށީމަ އެއްބަސްވީ. ޕާޓީއެއްވެސް ނުބާއްވަން. އެކަނި ކޯޓަށްގޮސް ކައިވެނިކޮށްފައި އެގޭގައި ކުޑަ ވަލީމާއެއް ބޭއްވީ...އައިމް ސޮރީ ބޫ...."
"އިޓްސް ނޮޓް ޔޯ ފޯލްޓް..ބަޓް...."
"އަދި އެބައޮތް ސިއްރެއް. ލާސްޓް ޓައިމް ތިކޮޅަށް ގޮސް ހޮސްޕިޓަލުން ދިމާވެގެން ރައްޓެހިވި ގާލްއާއި ކައިވެނިކުރީ. އެކަނި އެޕާޓްމެންޓެއްގައި ދިރިއުޅުނީ އެކަމަކު ހިތަށް އަރަނީ މަންމަމެން ގާތުގައޭ ބަހައްޓާނީ. ދެ އަނބިން ގެންގުޅެން މިޖެހުނީ އެކަކު އަނެކަކަށް ސިއްރުކޮށްގެން....ބައްޕަ ހިތްހަމަނުޖެހޭނެކަން އެނގިފައިވުމާއެކު ލުއުލުއު ގާތު ބުނިން ދެމީހުންގެ ކައިވެނި ދުނިޔެއަށްވެސް ސިއްރުކޮށްފައޭ ބާއްވަންވާނީ. މަންމަމެން ގާތުވެސް ކޮންމެހެން ބުނާނެކަމެއްނެތް. ހަމަ އަހަރެންގެ އެކުވެރިއަކު މިކޮޅުގައި ކޯހެއް ހަދަން މަޑުކޮށްލީއޭ ބުނީމަ ރަގަޅަށްދާނީ. ހަމައެކަނި ބޫގާތު މިބުނެލީ..."
ޖަބްރީލްގެ ހިތުގައި އެތައް އިހުސާސްތަކެއް އެއްފަހަރާ ހިނގައިގަތެވެ. އެގޮތަށް އޮޅުވާލައިގެން ކައިވެނިކުރުމާއި އޭނަ ކަންތައްކުރިގޮތާއި ހުރި ތަފާތެއް ހަގީގަތުގައި ނެތެވެ. ކައިވެންޏަކީ އެގޮތަށް ކުޅޭޭ ކުޅިވަރަކަށް ނޫނީ ސިއްރުންކުރާ ކަމަކަށް ވުމުން ޔަގީނުންވެސް ދެފަރާތަށްވެސް ހިތްހަމަނުޖެހުމާއި ނުތަނަވަސްކަން ކުރިމަތިވާނެއެެވެ. މިކާއިލްވެސް ބައްޕަ ކައިރީ ހަގީގަތް ކިޔާދިންނަމައެވެ. އޭރުން ޔަގީނުންވެސް ރުބާބްއާއި ކައިވެނިކުރަން މަޖުބޫރުނުކޮށް މިކާއިލްގެ ހޮވުމާއި އެއްބަސްވެދާނެއެވެ. އަދި ރުބާބްއާއި އާއިލާވެސް އޮޅުވައިލުމެއްގެ ތެރޭގައި ބެހެއްޓުމުން ސަލާމަތްކުރެވުނީހެވެ. ޖަބްރީލްގެ ވިސްނުމުގެ މިސްރާބު އޭނަގެ އަންހެނުންނާއި ހަމަޔަށް ދަތުރުކުރިއެވެ. ޚަލީސީ މޮޔަވީ އޭނަގެ ސަބަބުންހެއްޔެވެ؟ އޭނަ ކަންތައްކުރިގޮތުން މާބޮޑަށް ހިތުގައި ޖެހުނީކަމަށް ވެދާނެއެވެ. ޚަލީސީ އޭނަދެކެ ވީ އަމިއްލަ އެދުމެއްނެތް ސާފު ލޯތްބެކެވެ. އެލޯބި ބަލައިގަންނަން އޭނައަށް ނޭގުނީއެވެ. ދުވެވުނީ އަނދިރިކަމުގެ ފަހަތުންނެވެ. ޚަލީސީއާއިމެދު ވިސްނިވަރަކަށް އެތަނުން ސަލާމަތްކޮށްގެން ގެއަށް ގެނައުމަށް ހިތް ބޭނުންވާންފެށިއެވެ. ޚަލީސީ މެންޓަލް ހޮސްޕިޓަލެއްގައި ބޭސްފަރުވާކުރަން ބެހެއްޓިޔަސް އޭނައަށް ބައްދަލުކުރެވެން ޖެހޭނެއެވެ.
***
ލުއުލުއު އެގެއަށް އައުމުން ޔަޝަލްގެ ހިތުގައި ބިރުވެރި ޝައްކުތަކެއް ހިނގައިގަތެވެ. މިކާއިލްގެ އެކުވެރިއެއްގެ ނަމުގައި އަނެއްކާ އެގެއަށް އައީ އިންސާނެއްކަމާއިމެދު އޭނައަށް ޝައްކުވީ ކުރިންވެސް އެފަދަ ހާދިސާއެއް ހިނގާފައިވުމުންނެވެ. ލުއުލުއު އިސްކޮޅުން ދިގުވެފައި ލޫޅާފަތިކަމުން މޮޑެލްއަކާއި އެއްވެސް ތަފާތެެއްނެތެވެ. ރުބާބް އެމެންޑާ ސައިފްރީޑްއާއި ވައްތަރުގޮތެއް ހުރިއިރު ލުއުލުއުއަކީ މުޅިން ތަފާތު އަންހެންކުއްޖެކެވެ. މޫނުމަތިން އެހާ ހިނިތުންވުމެއް ނުފެނެއެވެ. ވިކްޓޯރިއާ ބެކަމް ފަދައިން ހިނިތުންވާން ބޭނުންނުވާ އަންހެންކުއްޖަކީއެވެ. ހިނިތުންވުމެއްނެތް ސީރިޔަސް މޫނެކެވެ. ލުއުލުއު އެގެއަށް ވަދެފައި ހުރިހާ ކޮޓަރިތަކެއްހެން ބެލުމަށްފަހު ޚިޔާރުކުރީ ޔަޝަލް ހުރި ކޮޓަރިއާއި ޖެހިގެން ހުރި ކޮޓަރިއެވެ. ގޭގެ ބޮޑުކަމުން އެންމެންހެން އެއް ހިސާބަކުން ކޮޓަރިނެގުމުން ހިތްހަމަޖެހެނީކަން ނޭގެއެވެ.
"ލޫލޫ މިރަށުގައި ކޯހެއް ހަދަނީޔޯ ދޮންބެ ބުނި...." ޔަޝަލްއާއި ލުއުލުއު ހިނގަމުން ދިޔައީ ގަސްތަކުގެ ތެރެއިންނެވެ.
"މިއީ ކާކުގެ ގެއެއްތަ؟" ލުއުލުއު ކޮށްލީ އެހެން ސުވާލެކެވެ.
"ދޮންބެގެ ބައްޕަގެ ފްރެންޑެއް ދީފައި ހުރީޔޯ..."
"ރެންޓަށްތަ؟ ހާދަ ބޮޑުގެއެކޭޭ. ހާދަ ޝާހީއޭ...ހަމަ ހީވަނީ އާސާރީ ބޮޑު ގަނޑުވަރެއްގައި އުޅެވޭހެން. އެހާ ކޮޓަރިތައް ގިނަ. ބަކިންހަމް ޕެލެސްއަކަށް ދޫނުކުރެއެއްނު. މިލިއަނުން މި ބިމުގެ އަގު އަރާނެ ދޯ... އަހަރެމެންނަށްވެސް މިކަހަލަ ތަނެއް ލިބޭނެނަމަ..."ލުއުލުއުއަށް ބުނެވުނެވެ.
"ދޮންބެމެންނަށް ކަން ނޭގޭ ލިބޭނީ...ހެހެ" ޔަޝަލް ހީލިއެވެ.
"ދޮންބެ އަދިވެސް ޅަކުއްޖެއްހެން އުޅެނީ...ވިޔަފާރީގެ ތެރެއަށް އެހާ އަދި ނުވަދޭ. ވަޒީފާއަށްވެސް އިންޓެރެސްޓެއް ނުހުރޭކަން ނޭގޭ. ޖަބްރީލްއާއި ޔަޝަލްގެ ބައްޕައަކީ އެހެން މީހެއްތަ؟މިކާއިލްގެ ބައްޕަގެ އެހެން ކުއްޖެއް ނުހުރޭތަ؟"
"ނުހުރޭ..."
ލުއުލުއު ބޯ ޖަހައިލިއެވެ. އެލޮލުން އެފެނުނު ކުލަވަރު މާނަކުރަންވީގޮތެއް ޔަޝަލްއަކަށް ނޭގުނެވެ. ޔަޝަލްއަށް ލުއުލުއުއާއި ގަޔާނުވެވުނީ ކީއްވެކަމެއް ނޭގެއެވެ. ޚަލީސީއާއި ރުބާބްގެ އެހުންނަ ފަދަ ގޮތެއް ލުއުލުއުގެ ގަޔަކުން ނުފެނުނެވެ. އަންހެންކުދިންނަށްވިޔަސް ބައެއްފަހަރު އެކުވެރިންނަށް ހޮވައިލެވެނީ މިޒާޖު ތަންކޮޅެއް އެއްގޮތްވީމަބާވައެވެ. އެހެނެއްވެސް ނޫނެވެ. ކޮންމެވެސް ސަބަބަކާއިހުރެ ޔަޝަލްއަށް ލުއުލުއު އެހާ ގާތްކުރަން ބޭނުންނުވީއެވެ. ލުއުލުއު މުޅިންވެސް ދައްކަން ބޭނުންވަނީ ވިޔަފާރީގެ ވާހަކައާއި ގޭގެ ވާހަކައެވެ.
"ދެން މިއޮތް ބޮޑުގެ ސާފުކުރަނީ ކާކުތަ؟"
"އަދި ކިރިޔާ މިގެއަށް މޫވްކުރީ. އެހާ ގިނަ މީހުނެއް ނުތިބޭ. ދޭތެރެއަކުން ސާފުކުރަން އަދި ބަގީޗާ ހައްދަންވެސް މީހުން އާދޭ. މިގޭގައި މިހާރު ހުރޭ މަންމައަށް އެހީވާން މުސްލިމް އަންހެންކުއްޖެއް..."
"އައި ހޯޕް މަގޭ ކޮޓަރި ސާފުކޮށް ބޭނުންވާގޮތަށް ހެލްދީކޮށް ކައްކާދީ އެއްޗެހި ދޮންނަން އެހީވާނެކަމަށް. ތަންކޮޅެއް ބިޒީކޮށް އުޅެމުން ވަރަށް ބޭނުންވެފައި މިހިރީ. ޚާދިމާއެއް ހުރީމަ ފަސޭހަވާނެ...އޭނައަށް ކިހާވަރަށް ސެލެރީ އޮންނަނީ؟"
"ނޭގޭ..."ޔަޝަލް ކޮނޑުއަރުވައިލިއެވެ." ހިނގާ ދަމާ. އަދި ނަމާދުނުކޮށް މިހުރެވުނީ....."
މިހިސާބުގައި މޯލްތަކާއި ސެލޫންތައް ހުރޭބާ..."
"ނޫން. ސިޓީއަށް ދާންޖެހޭނީ...."
"މިގޭ މަގުން ސްކޭޓްކޮށްފައި ދެވޭނެތަ؟" ލުއުލުއުު އެހިއެވެ.
"ހީވަނީ..."
މަސްޖަހާފައި އޮތް ފަލަ ބުޅަލެއް ގަސްބޮނޑިތެރެއިން ނުކުތުމުން ލުއުލުއު އަނގަޔަށް ގޮތެއްހަދައިލަމުން ބުނީ ހުރިހާ ދިރޭ އެއްޗެއްދެކެ އޭނަ ނަފްރަތުކުރާކަމަށެވެ. ޔަޝަލް ގެ ހިތުގައި މީހަކު ގޮށްމުށްކަވާފައި ޖެހިހެން ހީވިއެވެ. ޖަނަވާރުންނަށްވެސް އޯގާތެރިވާންވާނެ ނޫން ހެއްޔެވެ؟ ލުއުލުއު އަކީ އަޖައިބެއްފަދަ އަންހެންކުއްޖެކެވެ.
ގެއަށް ގޮސްފައިވެސް ޔަޝަލްއަށް ފާހަގަވާންފެށީ ލުއުލުއުގެ ބޮޑާކަމެވެ. ފޮނިކަމެވެ. އެގޭގައި ގެންގުޅޭޭ އަންހެންކުއްޖާއާއި ވާހަކަދެއްކީ އަދަބުކުޑަކޮށެވެ. ތިމާގެ ގެއެއްހެން ހީވާފަދަ ގޮތަކަށް އަމުރުވެރިކޮށެވެ. ތިމާވަރުގެ މޮޅު މީހެއް ނެތްކަމާއި އެހެންމީހުން ނިކަމެތިކަމަށް ހީކުރުމަކީ ގޯހެކެވެ. މިކާއިލްގެ އެކުވެރިއަކަށްވުރެ ލޯބިވެރިއެއްފަދައިންނެވެ.
***
ހަކާންގެ އަތުން ޚަލީސީގެ ނަމްބަރު ލިބުމާއެކު ޔަޝަލް ގުޅައިގެން ހާލު އޮޅުން ފިލުވިއެވެ. ޔަޝަލް ބުނީ އޭނައަށް ފެންނަ "ޖިންނި"ތައް މަދުވެއްޖެކަމަށާއި ޖިންނިތައް އަމުރުކުރާ އަޑުނީވޭކަމުގައެވެ. ގަވާއިދުން ބޭސްކާކަމަށެވެ. ރަގަޅުވީހާއަވަހަށް އޭނަ އެމެރިކާއަށް އަންނާނެކަމުގައި ވައުދުވިއެވެ. ޔަޝަލް އެކަމާއި ވަރަށް އުފާވެ ވަގުތުން ޖަބްރީލްއަށް އެމެސެޖްދިނެވެ. ޖަބްރީލްގެ މޫނުމަތިން އެއްވެސް ޝުއޫރެއް ނުފެނުނެވެ. ޖަޒުބާތުތައް ފޮރުވަން އިންތިހާއަށް ކުޅަދާނައީއެވެ.
***
ކާފަގެ ސިކުނޑީގެ އޮޕަރޭޝަން ކާމިޔާބުވުމުން ޔަޝަލްވެސް ޝުކުރުގެ ސަޖިދައެއްޖެހިއެވެ. އެންމެންހެން ގެއަށް އައިއިރު މިކާއިލްއާއި ޖަބްރީލް އަދި ލުއުލުއު ހޮސްޕިޓަލުގައި މަޑުކުރިއެވެ. ސޯފިއާ ޔަޝަލްގާތުގައި ލުއުލުއު އުޅޭގޮތުން ހިތްހަމަނުޖެހިގެން އެވާހަކަދެއްކީ ގެއަށް އައިސް ކޮފީބޯން އިނދެފައެވެ.
"ލުއުލުއު މީކާއިލްއާއި މާ ގާތްވާގޮތުން އެކުވެރިންހެން ހިޔެއްނުވޭ. ރުބާބްއަށް މި އަންހެނާ އުޅޭގޮތް އެނގިއްޖެއްޔާ ހިތްހަމަނުޖެހޭނެ...އަހަރެން ރުބާބްއަށް ގުޅާނަން..."
"މަންމާ. އޭރުން ދޭތެރެ ޖައްސަނީކަމަށް ނުވާނެތަ؟"ޔަޝަލް ކަންބޮޑުވިއެވެ.
ސޯފިއާ ރުޅިވެރިކަމާއެކު ފޯނު އެއްލިއެވެ. "އެހެންވިއްޔާ އެ މަންޖެ ހަމަ މަގަށް އަޅުވައިލާނަން. މިކާއިލްއާއި އަޅައިގަނެގެން އުޅޭހެން މަންމައަށް ހީވަނީ. އޭނަ މިކާއިލްއަށް ބަލާ ނަޒަރު ރަގަޅެއްނޫން..."
ޔަޝަލްއަށްވެސް އެކަން ފާހަގަވިއެވެ. އެހެން ނުވާންވީ ސަބަބެއްނެތެވެ. މިކާއިލްގެ ރީތިކަމާއި މުއްސަދިކަން އަދި ހެދުންއަޅާ ސްޓައިލުންވެސް އަންހެންކުދިން ހިތް ދަމައިގަންނާނެއެވެ. ލުއުލުއުގެ ކުށެއްނެތެވެ.
***
ލުއުލުއުއަށް ހޭލެވުނުއިރި ކޮޓަރީގައި ދިއްލާފައި ހުރި ބޮކި ނިވި އަނދިރިކަމުގެ ތެރެއަށް ގެނބިފައިވިއެވެ. އަނދިރިކަމުގެ ތެރެއިން ހޫނު ނޭވާއެއް މޫނަށް އެޅުނުހެން ހީވިއެވެ.
"މިކާއިލް..." ލުއުލުއު ގޮވައިލިއެވެ. އަތްޖެހުނީ ހޫނުކަމުން އަލިފާންކޮޅެއްފަދަ ވަރުގަދަ އަތެއްގައެވެ. އެ އަތް ކުރަކިވެފައި މިކާއިލްގެ ގައިގާ އަބަދުހުންނަ ލުއި ސެންޓްވަހުގެ ބަދަލުގައި އެއްޗެއް ވިރާފަދަ ވަހެއް ނޭފަތުގައިޖެހުނެވެ. ދެން ފެނުނީ އަނގުރު އަލިފާންކޮޅެއްފަދަ ދެލޮލެވެ. ލުއުލުއު ހަޅޭއްލަވައިގަންނަން އުޅުމުން އަޑުބޭރުވާގޮތެއް ނުވިއެވެ. މީހަކު މޭމައްޗަށް އަރާ އިނދެ ނޭވާ ހާސްކުރަމުންދާހެން ހީވިއެވެ. ލުއުލުއު ބިރުންގޮސް އަނބުރައިގަތެވެ.
***
"ތިއީ ސްލީޕް ޕެރެލިސިސް. ޑީމަންއެކޭ ކިޔަސް ނަސީބަކުން ތިއަށް ސައިންޓިފިކް އެކްސްޕްލެނޭޝަނެއް އެބައޮތް..."މިކާއިލް އާއި ލުއުލުއު ކޮފީ ބޯންތިބި ދިމާލުގައި ހައިޑްރެންޖާގެ ނޫ ވައިލެޓް ލައިމް ގްރީން އަދި ފިޔާތޮށިކުލައިގެ މާތައް ބޮނޑިއަކަށް ހައްދާފައިވާއިރު ދުރުދުރަށްދާންދެން އޮތީ ފެހި ވިނަގަނޑެވެ. ލުއުލުއުއަށް އެއިން ކޮންމެ މަންޒަރެއް ކުރަހައިދެނީ އޭނަގެ މުސްތަގުބަލެވެ. މުސްތަގުބަލުގައި އުޅޭނެ މުއްސަދި އަރާމު ދިރިއުޅުމެވެ. މި އުފާވެރި ދުނިޔެއަށް ރޫހާނީ ބިރުވެރިކަމެއް ކުރިމަތިވާކަށް އޭނަ އެއްގޮތަކަށްވެސް ނޭދެއެވެ.
"ޔަގީންތަ ހަނީ؟ ހާދަ ބިރުގަތޭ. މިރޭ ގޭގައި މަޑުކުރައްޗޭ..."
"މަންމަމެންނަށް އެނގިދާނެތީ ބަލައިގެން އުޅެން ޖެހެނީ. މިހާރުވެސް މަންމަ ޝައްކުގެ ނަޒަރަކުން ބަލަން ފަށައިފި..."މިކާއިލް ފިނި ނޭވާއެއް ދޫކޮށްލިއެވެ.
"ސިއްރުކުރުމުގެ މާނައެއް ނެތެއްނު...ލޯބިވަންޏާ ކެރެންވާނެ...ބައްޕަ ޑިފެންސް މިނިސްޓަރވީމަ ބިރުގަންނަނީތަ؟"ލުއުލުއު މިކާއިލްގެ މޫނަށް ކަޅިވެސް ޖަހާނުލާ ބަލަން އިނެވެ.