"ވަގުތުގެ ވެރިފަރާތަކީވެސް ﷲ ސުބުހާނަހޫ ވަތައާލާއެވެ. ގަޑިއަށް ތަނަކަށް ނުދެވޭނެތީ ނޫނީ ވަޒީފާ އަދި ދުނިޔޭގެ އެހެން ކަންތައްތަކާއި މަޝްޣޫލު ވާން ހަދައިގެން ނަމާދު ނުކުރެވުމަކީ އުޒުރެއް ނޫނެވެ. ނަމާދަކީ ތިމާ ބޭނުންވީމަ ދޫކޮށްފައި ކުރަން ހިތަށް އެރުމުން ދޫކޮށްލަން އޮތް އޮޕްޝަނެއް ނޫނެވެ. އެއީ މުސްލިމުންނާއި ކާފަރުންނާއި ދެމެދު ވާ އެންމެ ބޮޑު ފަރަގެވެ. ވީމަ ކޮންމެ ހާލެއްގައިވެސް ނަމާދު ގާއިމު ދޫކޮށްނުލާށެވެ."

***

ލުއުލުއާވެސް ލޯ ބޮޑުކޮށްގެން ބަލަން ހުރެފައި ދެއްކުންތެރިގޮތަކަށް ހީލައިފިއެވެ. ހަކާންއާއި މިކާއިލްވެސް ޚަލީސީއަށް ހޫނު މަރުހަބާއެއް ކިއެވެ.

"ޚަލީސީ މިކޮޅުގައިތަ؟"ލުއުލުއު އަހައިލިއެވެ.

"ދެންމެ މިއާދެވުނީ...ލުއުލުއު މިގެއިން ފެނުނީމަ މާ ހައިރާންވެއްޖެ..."

"އަހަންނަކީ މިކާއިލްގެ ވައިފް. ޚަލީސީއާއި ދެމީހުންނަށް އެކީގައި އެއް ގެއްގައި އުޅުމުގެ ނަސީބު ލިބުނީ ދޯ....އަހަރެން ވަރަށް އުފާވެއްޖެ....."ލުއުލުއުގެ ތުންފަތުގައިވީ ދެއްކުންތެރި ހިނިތުންވުމެކެވެ. ކުޑަ ކުޑަ ޚަލީސީގެ މޫނުމަތިން ހައިރާންކަމާއިއެކު ހިތްހަމަނުޖެހުނުކަން ފައުޅުވިއެވެ.މިކާއިލް ކައިވެނިކުރަން މި ނޫނީ އަންހެނަކު މިއޮތް ބޮޑު ދުނިޔެއިން ނުފެނުނީހެއްޔެވެ؟

"ޔޫ އާ ކިޑިން މީ ރައިޓް؟"ޚަލީސީ ކުއްލިއަކަށް ހީގަތެވެ."މަށަށް ހީވަނީ މިކޮޅަށް އައިސް ސަމާސާކުރުމުން ޑިގްރީއެއް ހެދީހެން.މަންމަމެންނަށް ސިއްރުން މާލެއަކު ކަމެއް ނުހިގާނެ.........."

"ހޫމް..ލޫލޫ ރެންޓަށް މިގޭގައި ހުންނަނީ......"މިކާއިލް ތެދުވެ ފަޓުލޫނުގެ ޖީބަށް އަތް ޖަހައިލިއެވެ. އޭނަ ހުރީ ސޫޓުގައި ރަސްމީކޮށެވެ. އަގުބޮޑު ސެންޓެއްގެ ވަހުން އެންމެންގެ ހިތްތަކަށް ދިރުން ގެނެސްދެއެވެ. ޝަޚުސިއްޔަތުގެ ވަރުގަދަކަމުން ހިތްތަކަށް ގުޑުން އަރާވަރުވެއެވެ. އަބަދުވެސް އެގޮތަށް ހުރުމުން މުވައްޒަފުންވެސް ގަދަރުކޮށް ނަމޫނާއަކަށް ބަލާ ވެރިއަކަށް އޭނަ ވިއެވެ. އެންމެ ރީތިކޮށް ހެދުން އަޅާ އަބަދު ސެންޓްޖަހާ ތާޒާވެގެން ހުރުމަކީ އޭނަގެ ރީތިކަމުގެ ބަޔެކެވެ.

"އޯ...........އެންމެ ރަގަޅު. މިއީ ކޮން ހަގުރާމައެއްތަ؟ ބޫގެ ގައިގާ ޖަހަންވެގެން ލުއުލުއާ އުޅެނީ ކީއްވެތަ؟ އެކަމެއް އެނގެން ބޭނުން.."

"އަހަރެން ބޫގެ ގައިގާ ޖަހަން؟ ނެވާރ. މިގެއަށް އައިފަހުން ކޮންމެވެސް ވަރަކަށް ސްޕިރިޗުއަލް ކަންތައްގަނޑަކާއި ލައިގަނެގެން މިއުޅެނީ. މިގެ ހޯންޓެޑްކަމަށް ވެދާނެ.ހަމަ ތެދެއް މިބުނީ. އަހަންނަށް މިގޭގައި އުޅެވޭވަރަށްވުރެ އެ މަޚުލޫގުންގެ އުދަގޫބޮޑު. ދޮރު އަމިއްލައަށް ހުޅުވި، ބިރުވެރިއަޑުތައް އިވި، އެއްޗެހި ގެއްލި، ވެއްޓި މިހެންގޮސް އާދަޔާ ޚިލާފު ހާދިސާތައް ހިނގާ. އަހަރެން މިކާ ކައިރީގައިވެސް ބުނީމޭ. ހުވަފެނުގައިވެސް ފެނޭ...."ލުއުލުއު މިކާއިލްގެ އަތުގައި ބާރަށް ހިފެހެއްޓިއެވެ.

"ރުގުޔާ ކުރުވަންވީނު. މިހާ އާސާރީ ގެއެއްގައި އެކަހަލަ ކަމެއް އުޅެދާނެ..."

"އާނ ތިކަމާއި އުޅޭނީ..."

"ޚަލީސީ އާ ޔޫ އޯކޭ؟" ހަކާން ޚަލީސީގެ ކޮނޑުގައި އަތް ބާއްވާފައި ގަޔާއި ކައިރިކޮށްލިއެވެ.

ޚަލީސީގެ ނަޒަރު ޖަބްރީލްގެ މޫނަށް ހުއްޓުނެވެ. ޖަބްރީލް ހުރީ މާ ދުރަށް ބަލަހައްޓައިގެން ވިސްނުމެއްގައެވެ. އޭނަ ފެނުމުން އުފާނުވުމުން ޚަލީސީގެ ހިތަށް ތަދުވިއެވެ. ދުވަހަކު ޖަބްރީލް ބަދަލުނުވާނީ ހެއްޔެވެ؟ އެހިތުގައި އޭނަގެ މައްޗަށް އެއްވެސް އިހުސާސްތަކެއް ނުއުފެދޭނެ ހެއްޔެވެ؟ ޖަބްރީލް އެތަނުން ދާން ހިނގައިގަތީ އޭނަގެ ހާލު އެހުމަކާއި ނުލައެވެ. ލަދުވެތިކަމާއިއެކު އަމިއްލަ ނަފުސްގެ އަގެއްނެތްކަން ޚަލީސީގެ ހިތުގެ މައްޗަށް ވެރިވެގަތީ ހަށިގަނޑަށް ވައިރަހެއް ވަންނަ ފަދައިންނެވެ. އެންމެންގެ ކުރިމަތީގައި ޖަބްރީލް އޭނަގެ މޫނުމަތީގައި ތަފާލެއް އެޅިނަމަވެސް މިހާ ލަދުނުގަތީހެވެ. އޭނަގެ "ސަޕްރައިޒް" އެންމެނަށް އުފާވެރިކަން ގެނެސްދިންއިރު ޖަބްރީލް އެކަން ބަލައިނުގަތީއެވެ.

ހަކާން ޚަލީސީގެ ލަގެޖް ހިފައިގެން އެތެރެއަށް ވަންނާން ހިނގައިގަތެވެ. އެ ފުޅާ ކޮރިޑޯއިން ހިނގައިގަންނަމުން ޚަލީސީ ބުނީ އޭނަ އައީ މަންމަމެންނަށް ފިލައިގެން ކަމުގައެވެ. އޭނަގެ ބަލި އެނގުމުން އެކަމާއި ހިތާމަކުރާ ކަމަށް ބުނިއިރު އެސްފިޔަތަކުގައި ކަރުނަ ހަރުލާފައި ހުއްޓެވެ.

"އެޕިލެޕްސީ. އަސްތްމާ...ޝިޒްކްފްރޭނިއާ...މިހެންގޮސް ނެތް އެއްޗެއްނެތް. ބައެއްފަހަރު ގިވްއަޕް ކުރާ ހިސާބަށް ދޭ............"

"ކީއްވެ ކޮއްކޮ ތިހާ ބަދަލުވީ؟ތިގޮތަށް ނެގެޓިވް ތިންކިން އައީ ކޮންތަނަކުން؟"

"ނޭގޭ. މަންމަމެން އެތަނަށް ގެންގޮސް ލީމަ ހާލު އިތުރަށް ގޯސްވީ. އަދި މިގެއަށް އައީމަ ވަރެއްގެ އަންހެނަކާއި ކުރިމަތިލާން ޖެހުނީ. ލުއުލުއު ކުރިން ވަރަށް އުދަގޫކޮށް އެއްޗެހި ކިޔާ. މީހުންގެ ކުރިމަތީގައި ވަރަށް ސްވީޓް އެކަމަކު ބެކްބައިޓިންގައި ހަމަ އެއްވަނަ.....އޯ ނޯ...ހަމަ މީހުންގެ ވާހަކަ ނުދައްކަން ހިތަށް ވިސްނައިދީފައި މިނިޓެއްފަހުން ޑެވިލް އެބަ ހައްލައިލާ...މި އާދަ ހުއްޓޭނީ ކޮންއިރަކުން؟" ޚަލީސީ ކޮޓަރިއަށް ވަންގޮތަށް އެނދަށް ވެއްޓިގެން ދެފައި ތަޅައިގަތެވެ.

"ކިހިނެއް ތިވަނީ؟"

"މީހަކު މޮޔަވެދާނެ...."

"ބޭސް ކައިފިންތަ؟"

"ހަހަ...އާނ. ކޮންމެ އިރަކު ސްނެކްހެން ކޮންމެ ކުލައަކުން ބޭސްކާން ޖެހޭ...ވަރުބަލިވުމާއި ކާހިތްނުވުމައި ނުނިދުން ނޫންކަމެއްނުވޭ. އައި ތިންކް...ހުރިހާ ބޭހެއް ހުއްޓާލާފައި ހަމަ ނަމާދާއި ޒިކުރާއި ދުޢާތަކުންހެން މިކަން ރަަގަޅުވާނީ..."ޚަލީސީއަށް ކުއްލިއަކަށް ވަލުތެރެއިން އިވުނު ނާމާންއަޑާއެކު ފުންމައިގެން އައިގޮތަށް ހަކާންގެ ކަރުގައި އެލިގަތެވެ.

"އަޑުއެހިންތަ؟"

"ދޮންބެއަކަށް ނީވޭ. ބިރުން ހުރީމަ އެގޮތަށް އަޑުއިވޭނެ."

"އެހެންވެ ބުނަނީ...މިއީ ހަމަ ޖިންނިންގެ ކަންތައްތައް....ސިކުނޑިއަށް ނަފްސާނީ ބައްޔެއް ޖެހިފައޭ ކިޔަސް ހަގީގަތަކީ ޖިންނިންގެ ފަރާތުން އުދަގޫތައްވަނީ..........." ޚަލީސީ ބިރުން އިނދެ ވަށައިގެން ހޯދައިލިއެވެ. ކަހާލާފައިވާ ފަރުދާތައް ދަމާލައިފިއެވެ.

"ޑޯންޓް ވޮރީ ސިސް..."

"ޖިންނިންނަށް ވުރެ ލުއުލުއުދެކެ އަހަރެން ބިރުއެބަގަނޭ...."

"ހެހެ.."ހަކާން ޚަލީސީގެ ބޮލުގައި މަޑުމަޑުން ޖެހިއެވެ.

 

***

ލުއުލުއު މިކާއިލް ގާތު އިށީދެލައިގެން އިންއިރު އެ މޫނުމަތިން ފެންނަނީ މޮޅިވެރިކަމުގެ އަސަރުތަކެވެ. މީކާއިލް ޓެޑީ ބެއާއާއި ބައްދާލައިގެން އިންއިރު މައުސޫމްކަމުން ދެވަނަ ސޫރައެއް ފެންނަހެން ލުއުލުއުއަށްވެސް ހީވިއެވެ. ބައެއްފަހަރު މިކާއިލްގެ މަލްޓިޕްލް ޕާސެނެލެޓީ ޑިސްއޯޑާއެއް ހުންނަނީހެން ހީވާގޮތަށް މިޒާޖު ބަދަލުވެއެވެ. އެހެންވާންވީ ސަބަބެއް ލުއުލުއުއަކަށް ނޭގެއެވެ. ލުއުލުއު މިކާއިލް ގާތު އެދުނީ އާއިލާގެ މީހުންނަށްވެސް އޭނަގެ ކުޑަކުއްޖެއްފަދަ އުޅުން ނުދެއްކުމަށެވެ. މިކާއިލްގެ ހަރުދަނާ ޝަޚުސިއްޔަތު ގެއްލިދާނެކަމަށާއި އަބަދާއަބަދު ސޫޓްގައި ހުރުމުން ވަރަށް ހައިބަވަންތަކަމާއި ވަރުގަދަކަން ދައްކުވާކަމުގައި ލުއުލުއު ބުނެލިއެވެ. އެވާހަކަ ދެއްކުމުން މިކާއިލް ފާޑަކަށް ހީލިއެވެ.

"ކޮއްކޮއާއިމެދު ވަރަށް ކަންބޮޑު އެބަވޭ. އެގެއަށް ވަގެއް ވަދެ އެއްޗެހި ގެންދިޔައީޔޯ...މަންމަމެން ނެތީމަ ބަލްޚާ ބެލުން ޒިންމާއެއްކަމުގައި ދެކެނީ. ޕްލީޒް ޕްލީޒް. މިކާ. އަހަންނަށް ކަމެއްކޮށްދެންޏާ ކޮއްކޮ މިރަށަށް ގެނެސްދީ..."

"އޯލްރައިޓް...."

"ބެލް ޕޭސްޓްރީ ކޯސް ހަދައިގެން ކުރިއަށް ދާހިތުން ހުރީ، އެމެރިކާއަށް އާދެވުނީމަ ޑްރީމްސްތައް ހަމަ ފުރިހަމަވާނެ.."

"މިތަނަށް އަންނަ ގިނަމީހުން މަރުވެގެން ވަޅުލާން ޖެހެނީ...ސީރިޔަސްކޮށް. އަމާންކަމެއްނެތް ނުރައްކާތެރި ތަނަކަށް ނުގެނައިއްޔާ ރަގަޅީ. އެކަމަކު ލޫލޫ ތިވަރަށް ބެގްކުރަންޏާ އަހަރެން މިހިރީ ފައިސާ ޚަރަދުކުރަން. މި ގިނަވެގެން ދުވަސްކޮޅަކުން ހީޓަރުގެ ބަދަލުގައި ފައިސާ އަންދަން ޖެހިދާނެ..."މިކާއިލް ބުމަ އަރުވައިލިއެވެ. ލުއުލުއުގެ ހިތް ފިދާވިއެވެ.

***

ޖަބްރީލް ކޮފީތަށި ހިފައިގެންގޮސް ކުޑަދޮރު ކައިރީގައި ހަދާފައިވާ ސީޓުގައި ދެފައި ދަމާލައިގެން އިށީނެވެ. މާދުރަށް ބަލަން އިންއިރު ޚަލީސީގެ ތަފާތު ޚިޔާލުތައް ހިތަށް އުދަގޫކުރަމުން ދިޔައެވެ. ޚަލީސީގެ އަމިއްލަ އެދުމެއްނެތް ލޯބީގައި އޭނަ ކޮޅުފައިން ޖެހިގޮތް ހަނދާންވުމުން ހިތަށް އުދަގޫވެ މަޑުމަޑުން މޭގައި ފިރުމައިލެވުނެވެ. މައްސަލައަކީ އަދިވެސް އަމިއްލަ ނަފުސަށް އިތުބާރުނުކުރެވޭކަމެވެ. އޭނަ ޚަލީސީއާއި ފުރަތަމަ ގުޅުނު ގޮތް ކަމުނުދަނީއެވެ.

"ހަމަ އަލުން ފެށިދާނެއްނު..."ޖަބްރީލްގެ ހިތުގެ ކަނަކުން ގޮވައިލިއެވެ.

"އެކަނި އިނދެ ވާހަކަދައްކަނީތަ؟" ހަކާން ހުޅުވިފައިވާ ދޮރުން ބޯ ދިއްކޮށްލިއެވެ.

"ކިޔެވުން ފަށާ ވާހަކަ މިދައްކަނީ...."

"އަލުން ޔުނިވާސިޓީއަކަށްވަދެ ކިޔެވުމަކީ ކޮންފަދަ ފޫހިކަމެއް...."

"ޕައިލެޓް ޓްރޭނިން އޯލްމޯސްޓް ނިމިފައި މިހިރީ. ސެޓްފިކެޓް ހޯދުން ދެން އޮތީ. އަހަންނަށް އެންމެ ފަސޭހައިން ކުރެވެން އޮތް ކަމަކީ އެއީ....ވަޓް އެބައުޓް ޔޫ ހަކާން؟"

"އަހަރެން ބުނެފާނަން. އަހަރެން ބޭނުމީ ދީނީ އިލްމު އުގެނެން. މިތާގައިވެސް އިސްލާމިކް ކޮމިއުނިޓީއެއް އޮވޭ. މީހުންނަށް ދީން އޮޅުން ފިލުވައިދީ ދީނަށް ޚިދުމަތްކުރަން ބޭނުންވަނީ. ކުރިން އެކަހަލަ ވިސްނުމެއްނެތް. އަދި ރާގީއަކަށްވެސްވާން ބޭނުން. އަހަރެން ސުޕަނެޗުރަލް ކަންތައްތަކަށް ފޯރި ހުންނަވަރު އެންމެ އެނގޭނެ އެކަކީ ތިއީ...ރާގީއަކަށް ވުމުން ޖިންނިންނާއި ކުރިމަތިލުމުގެ ކުޅަދާނަކަން ލިބިގެންދާނެ..."

"ގުޑް އައިޑިއާއެއް..."ޖަބްރީލްގެ ލޮލުގެ ވިދުން ގަދަވިއެވެ.

"އުސްތާޒެއްވެސް ހޯދައިފިން..."

"ހަކާންވެސް މިކޮޅަށް ބަދަލުވަނީތަ؟"

"އާނ. ކޮއްކޮއާއި ވަކިން އުޅެން ފަސޭހައެއްނޫން. އެނގެއެއްނު ޚަލީސީގެ ހާލަތު ހުންނަގޮތް. އަދިވެސް ހަމަ ވަރަށް ޕްރޮޓެކްޓިވް....ބޭބެއަށްވީމަ ޒިންމާތަކެއްވެސް އޮންނާނެ ދޯ. ކެއާކުރާނެ ބައިވެރިޔަކު ލިބުނު ދުވަހަކުން އެ ޒިންމާތަކުން ދުރަށް ދެވޭނީ..."ހަކާން ބަހުގެ ހަމަލައެއް ދިނަސް ޖަބްރީލް އެނގުނުކަމަކަށް ނަހަދައެވެ. "އެކަމަކު އަހަރެން ހުންނާނީ އެހެން ގެއެއްގައި....."

އެހިސާބާއި ދެތިން ކިލޯމީޓަރ ދުރުގައި މީހުން ދިރިއުޅޭ ގެތަކާއި ކޮޓެޖްތައް މަދެއްނޫނެވެ. ނަމަވެސް މިހާ ބޮޑު ގެއެއް ހުހަށް ހުއްޓާ ދުރުގައި ހުރުމުގެ ބޭނުމާއިމެދު ސުވާލުކުރުމުން ހަކާން ބުނީ އޭނަ ހުންނަނީ އުސްތާޒުގެ ގޭގައި ކަމުގައެވެ.

 

***

އަސްކަލަންއާއި އަދާލިއާ ޖަންގަލިތެރޭގައިވާ ފެންގަނޑެއްގެ ކައިރީގައި ތިބިއިރު އެހެން މީހުންގެ ލޯތަކަށް ނިވާވެފައިވިއެވެ. އަދާލިއާގެ މޫނުގައި ރުޅިވެރިކަމުގެ ކުލަވަރުވިއެވެ.

"އަދާލިއާގެ ލޯބި ހޯދަން އަހަންނަށް ވަރަށް މަސައްކަތް ކުރެވިއްޖެ. ގަދަކަމުން ހޯދޭނެ އެއްޗެއްނޫންކަން މަށަށްވެސް މިހާރު ވިސްނިއްޖެ. އެހެންވެ މިގެނައީ. ޖަބްރީލް ހާސިލުކުރަން މަސައްކަތް އަނެއްކާ ފަށާ. އަހަރެންވެސް މިހާރު އިންސި އަންހެންކުއްޖަކަށް ހިތްކިޔޭތޯ މިއުޅެނީ...."

"އެއީ ކާކުތަ؟"

"ލުއުލުއު..."

އަދާލިއާ ހިނިގަނޑެއް ޖަހާލައިފިއެވެ. އަސްކަލަން ދޫ ދިނުމުން އޭނަގެ ހިތަށް ބުނަން ނޭގޭފަދަ އުފަލެއްލިބިއްޖެއެވެ.

"ލުއުލުއުގެ ކޮއްކޮ ބަލްޚާ އަންނަންދެން އިންތިޒާރުކުރޭ. އިންސިންނާއި ހަމަަޔަށް ފޯރަން އެންމެ ފަސޭހަގޮތަކީ އެމީހުންގެ ގައި ތެރެއަށް ވަދެގެން. ޔަޝަލްއާއި ޚަލީސީ އަޒްކާރު ކިޔަވާތީ އެމީހުންނާއި ކައިރިވުމަކަށް ޝައިތާނުންނަށްވެސް ފަސޭހައެއްނޫން. އެހެންވެ މިކަހަލަ އަންހެނުންނަށް ބޮޑަށް އަވަލާން ފަސޭހަވާނެ..."

އަދާލިއާ ކަޅިއަޅައިލިއެވެ.

"އަހަރެންގެ ބައްޕައަކީ ޝާހީ ދަރިކޮޅުން އައިސްފައިވާ ރަސްކަލެއް. އަހަރެމެންހާ ބާރުގަދަ ޖިންނިންނެއް ނޫޅޭނެ. ބޭނުންކަމެއް ހާސިލުކުރާނަން..."އަދާލިއާ ގޮތްދޫނުކުރާ ރާގަކަށް ކިޔާލައިފިއެވެ."އަދި އެހެރަ މީކާއިލް....ފޮނި ބޮޑާ އިންސާނެކޭ....."

 

***

ރޭގަނޑުގެ އަނދިރިކަމާއި ހިމޭންކަން އެގެ ވަށައިލިއެވެ. ދޫނިތަކުގެ އަޑުވެސް މަޑުވެ ގެވެސް ނިދިފަދައެވެ. މަޑުމަޑުން ބޮކިތައް ނިވަމުންގޮސް މަދު އަލިކަމެއް ފިޔަވާ އެގެ އަނދިރިކަމުގެ ތެރެއަށް ގެނބުނެވެ. ޖަބްރީލް ނުނިދިފައި އޮވެފައި ކުޑަދޮރު ކައިރިއަށް ގޮސް ބޭރަށް ބަލައިލުމާއެކު ފެނުނު މަންޒަރަކުން ސިހޭގޮތްވެފައި ގަޑި ބަލައިލިއިރު ދަންވަރު އެކެއް ޖަހާ ބޮޑުވެއްޖެއެވެ. ވަލުތެރެއަށް ވަދެގެން މިކާއިލް އެދަނީ ކޮންތަނަކަށް ހެއްޔެވެ؟ ދުރުން ފެނުނަސް ހިޔަނިންވެސް އެއީ މިކާއިލްކަން އެނގުމުން ހިތަށް ނުބައިގޮތެއް ވެ އަވަހަށް ޖެކެޓް ނަގައިގެން ދުއްވައިގަނެވުނެވެ.

ކޮމެންޓް 0