"އަލްނަވާވީ ރަހިމަހުﷲ ވިދާޅުވިއެވެ." ރޯދައަށް ހުންނައިރު ތިމާއަށާއި ތިމާ ލޯބިވާ މީހުންނަށާއި މުސްލިމުންނަށްޓަކާ ދުނިޔެއާއި އާޚިރަތުގައި ބޭނުުންވާ ކަންތައްތަކަށް އެދި ގިނަގިނައިން ދުޢާކުރުމަކީ މުސްތަހައްބު ކަމެކެވެ. ދުއާއަށްވުރެ ބާރުގަދަ ހަތިޔާރެއް ނުވެއެވެ."
***
"ބޫ ގެ ފްރެންޑެއްވެސް ހުރޭތަ؟" މިކާއިލް ޝައްކުން ފުރިގެންވާ ނަޒަރު ޖަބްރީލްގެ މޫނަށް ހުއްޓުނެވެ. އެވަގުތު ތޫނު ހަޅޭކެއްގެ އަޑު ގޭތެރޭގައި ގުގުމައިލުމާއެކު އެދެމީހުންނަށް އެކީ ދުއްވައިގަނެވުނީ ހޭ ކަނޑާލާފައެވެ. އެ އަޑުއައީ ކޮރިޑޯގެ އެންމެ ފަހަތުގައި ހުރި ކޮޓަރިތަކާއި ދިމާލުންވިޔަސް އެމީހުންނަށް ދެވުނުއިރު އަޑުކެނޑި ހިމޭންވެއްޖެއެވެ. ސޯފިއާއާއި ޔަޝަލްއާއި ސުވާލުކުރުމުން އަޑެއް އިވުނުކަމަކަށްވެސް ނުވިއެވެ. ދެމީހުން އެކީ ބޭރަށް ނިކުތްއިރު ސިޓިންރޫމްގައި ބޮކިތައް ނިވާލާފައި ހުއްޓަސް އުނދޯލި އޭގެ އެންމެ ބާރު ސްޕީޑްގައި ހެއްލެމުން ދިޔައެވެ. ދެންމެ މީހަކު އުނދޯލިން ތެދުވެގެން ދިޔަފަދައެވެ. ސުވާލަކީ ކާކުހެއްޔެވެ؟ އުނދޯލީގެ ހެއްލުން މަޑުވަމުންގޮސް ހުއްޓުމުން ޖަބްރީލް ހިފަހައްޓައިގެން ހުރި ނޭވާދޫކޮށްލިއެވެ.
"މިގޭގައި އުޅެން ބޫ ބިރެއް ނުގަނޭތަ؟"
"އަދި ބިރެއް ނުގަނޭ..އަހަންނަށްވެސް އެނގޭ ރޫހާނީ ކަންތައްތަކެއް ހިނގާކަން. މިޒަމާނުގައި މިވާހަކަދެއްކިޔަސް މީހަކު ގަބޫލެއް ނުކުރާނެ ދޯ......"ޖަބްރީލް ގެ ނަޒަރު ހުއްޓިފައިވަނީ ގަސްތަކުގެ ތެރެއަށެވެ."މިހެން ބުނެފިއްޔާ މިކާ ގަބޫލުކޮށްފާނަންތަ؟ މިގެއަށް ސިހުރު ހެދި މީހާގެ ނަން އެނގޭ......."
"ކާކުތަ؟"
"މިކާގެ ބައްޕަ....." ޖަބްރީލް ފާޑަކަށް ހީލިއެވެ.
"ވަޓް؟" މިކާއިލް ސިހުނެވެ.
"ބައްޕަ ވީމަ ގަބޫލުކުރަން ފަސޭހައެއްނުވާނެ. އެހާ ކެއަރިން ހިތްހެޔޮ މީހެއްގެ ގޮތުގައި މުޅި އުމުރު ދެކެފައި ހުރި މީހެއްވީމަ ސިހުރަކާއި ނުވެސް ގުޅޭ އެކަމަކު ބައެއްފަހަރު ހިތްހެޔޮކަމުގެ މާސްގެ ފަހަތުގައި ޝައިތާނުންވެސް ފިލާ ތިބޭ. މިކާއަށް އެނގޭތަ؟ ބައެއްފަހަރު ވިޔަފާރި ކުރިއަރައިގެން ގޮސްފައިވަނީ ސިހުރު ހާހޫރަ ހަދާ މީހުންގެ ދިރިއުޅުން ހަލާލުކޮށްގެން އަދި ކެހިވެސް ދީގެން. އަދި ޑިފެންސް މިނިސްޓަރކަންވެސް ފަސޭހައިން ހޯދައިފި. ބޭނުންވާހާ ޝަރަފަކާއި މޮޅެއް ކޮންމެ ކޮންމެ މީހަކަށް ނުހޯދޭނެ.އައިމް ސޮރީ މިކާ ދެރަކުރަން ބުނި އެއްޗެއްނޫން. އަހަންނަށް ޔަގީންވާ އެއްޗެއްވީމަ ބުނެލީ...."ޖަބްރީލް މިކައިލް އާއި ހަތަރުކަޅި ހަމަކުރިއެވެ." ސިހުރުހަދާ މީހަކާއިއެކު އެއްގެއެއްގައި އުޅުމަކީވެސް ރަގަޅުކަމަކަށްނުވާނެ. މިކާވެސް މިގެއަށް ބަދަލުވޭ....."
"ތިވަރުގެ ބޮޑު ތުހުމަތެއް ބައްޕަގެ ބޮލުގައި އެޅުވީ އެ އަންވަރު ދޯ.." މިކާއިލް ރުޅި މަތަކުރަން މަސައްކަތްކުރިއެވެ.
ޖަބްރީލްގެ ހިމޭންކަން ޖަވާބަކަށް ފުދުނެވެ.
"އަހަރެން ބައްޕަގެ ކުށެއްނެތްކަން ސާބިތުކޮށް ދޭނަން..."މިކާއިލް އޭނަގެ އަމިއްލަ ނަފުސަށްވުރެ ބޮޑަށް ބައްޕައަށް އިތުބާރުކުރެއެވެ. ޖަބްރީލްއަށް އިތުބާރާއި ލޯބީގެ މުހިއްމުކަން އިހުސާސްނުވަނީ އޭނައަށް ކުރެވިފައިވާ ހިތި ތަޖުރިބާއިންނެވެ.
***
ހަކާން އަނބުރާ ގެނައި ފޮތްތަކާއި ތަޅުދަނޑި އޮތްގޮތަށް މޭޒުމަތީގައި އޮތެވެ. ޝައުގުވެރިވީވަރުން އެ ކޮތަޅު ހުޅުވަން އުޅެފައިވެސް ޖަބްރީލް ތައްޔާރުވާން ފެށީ ދަތުރު ދިޔުމަށެވެ. ހަކާންގެ މައިންބަފައިންނަށް ޖަބްރީލް ވަރެއްނެތެވެ. ހަކާން އެ އާއިލާއަށް އޭނަ ތައާރަފުކޮށްދީފައިވަނީ ޔަތީމެއްގެ ގޮތުގައެވެ. ބައްޕައެއް ނެތްކަން އެނގުމުންވެސް އެމީހުންގެ ހިތުގައި ޖަބްރީލްއަށް ދެވިފައިވާ މަގާމަކަށް ބަދަލެއްނައެވެ. އަންހެންދަރިފުޅު ޚަލީސީގެ ރުހުމަކީ އެމީހުންވެސް ރުހުމެވެ. ޚަލީސީ އުޅޭވަރުން ބޮލަށް އުދަގޫވިޔަސް ވަޒީފާއަށްޓަކާ އެކުއްޖާއާއި ގުޅުމަށްވެސް ޟަމީރު ވިސްނައިދިނެވެ. އެކަމަކު އޭރުން އަންހެންކުއްޖަކަށް ދެވޭނީ ކެއްސެކެވެ. ސިކުނޑިވެސް މުޅިން ހަމަނުޖެހޭ ފޫހި ކުއްޖަކާއިއެކު ދިރިއުޅުން ހޭދަކުރަން ވެއްޖެއްޔާ އޭނަވެސް މޮޔަވެދާނެ ނޫންހެއްޔެވެ؟ ޚަލީސީގެ ހަށިގަނޑުގެ ފްރޭމް އެހާ ކުޑައެވެ. ހިއްކެވެ. މަންމަގެ ރީތި ސިފަތަކުން ޚަލީސީއަށް ލިބިފައިވަނީ ހަމައެކަނި އެ ކުޑަ ނޭފަތެވެ. ހަކާންއަށް ބައްޕަގެ ދަތްޕިލާ ލިބުނަސް އެހެން ހުރިހާ ރީތި ސިފަތަކެއް މަންމަގެ ފަރާތުން ލިބުނެވެ.
ދަތުރުގޮސް އުޅެނިކޮށް ޚަލީސީ އަނބުރައިގަތުމުން އެންމެނަށް ހާސްކަމެއް ލިބުނެވެ. ހޭއެރިފަހުންވެސް އޭނަގެ ހާލު ރަގަޅެއްނޫނެވެ.
"ވަރަށް ޓަޔަޑް...."
"މާ ބޮޑަށް ސަކަރާތް ޖަހައިލެވުނީކަން ނޭގޭ.." ހަކާންގެ މަންމަ ތަންޒީލާ ޚަލީސީގެ މޫނުގައި ފެންފޮދެއް ހާކާލިއެވެ.
"އާނ. ނުކައިނުބޮއި އަބަދު ނެޓްފްލިކްސްގައި އުޅެ އަވިކޮޅެއްގައި ނުޖެހެންޏާ ވިޓަމިން ޑީ މަދުވެދާނެ. އެހެންވެ ދަރިފުޅު ތިހާ ބަލިވީ......." ބައްޕަ އަކްރަމް ކުރުބާއެއް ގެނެސްދިނެވެ.
"މާބޮޑަށް ފިނިވީ. ކިހާ ވިއްސާރަކޮށް މިއޮތީ..."ހަކާންވެސް ޚިޔާލު ފައުޅުކުރިއެވެ.
"ތިއިން އެއްވެސް ކަމެއް އަޅުގަނޑަށް ވީއެއް ނޫން...ބޮޑު ބައްޔެއް ޖެހުނީހެން ހީވޭ..."
"ބްލެކްމެޖިކް ދޯ." ތަންޒީލާ ހިނިގަނޑެއް ޖަހައިލިއެވެ. ޚަލީސީގެ މަންމަ ދައްކަނީ ޚަލީސީއަށްވުރެ ޒުވާންކޮށެވެ. އިސްތަށިގަނޑުގައި މުށިކުލައެއް ޖައްސާފައި ލޭޔާސްކޮށް ކޮށާލާފައި މޭކަޕްކޮށްފައިވާއިރު ބަލާބެލުމަށް ތިރީހަކަށް އަހަރުހެން ހީވެއެވެ. "ޖަބްރީލް ތަންކޮޅެއް ދުރުގައި ދޮންވެލިގަނޑުމަތީގައި އަތް ވިއްދާލައިގެން މާ ދުރަށް ނަޒަރު ހުއްޓާލައިގެން އިނެވެ. މިކާއިލް ފޮނުވައިލި ވައިބާ ފޮޓޯގައިވަނީ ހޮސްޕިޓަލުގެ މާހެފުމެއްގައި އޭނަ ހުއްޓައެވެ. އޮފީސް ސޫޓުގައެވެ. ޖަބްރީލްއަށް ވަޒީފާއެއްގެ މުހިއްމުކަން އިހުސާސްވިއެވެ. އަމިއްލަ ފައިމައްޗަށް ތެދުވެވޭނީވެސް ރަގަޅު ވަޒީފާއެއް ލިބިގެންނެވެ. އަބަދަށް ނިކަމެތިވެ އެހެން މީހުންގެ ފަރާތުން ބަދުބަސްތައް އަހަން ހުރުމަށްވުރެ ތަންކޮޅެއް މަތީ މީހަކަށް ވެވުމުން ދުނިޔޭގައި އުޅެން ފަސޭހަވާނެއެވެ. އެފަދަ ތަނަކަށް މިއަދު ދުނިޔެ މިވަނީ ބަދަލުވެފައެވެ. ޖަބްރީލް ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އަނެއް ފަރާތަށް ބެލިއިރު ޚަލީސީ ދަތްދޮޅީގައި އަތް ވިއްދާލައިގެން އެސްފިޔަ ޖަހާނުލާ ބަލަން އިނދެފައި ހީލިއެވެ.
"ދަރިފުޅު ޖަބްރީލް. ތިހެން ބީރައްޓެހިވެފައި ނީދެ މިކޮޅަށް އާދެބަލަ...މިއުޅެނީ ކޭކު ފަޅަންވެގެން..."ތަންޒީލާ ގޮވައިލީ ނިކަން ގާތްކޮށެވެ.
ކޭކު ފަޅާފައި ޚަލީސީ ޖަބްރީލްގެ އަނގަޔަށް ބޮޑު ކޭކުގަނޑެއް ލެއްވިއެވެ. އެވެސް ޖަބްރީލްއަށް ވީ ފޫހިކަމަކަށެވެ. އެކުއްޖާގެ މައިންބަފަައިން ކުރިމަތީގައިވެސް ލަދުވެތިކަމެއްނެތެވެ. ދަތުރު ނިންމާފައި އެންމެން ލޯންޗަށް އިންތިޒާރުކުރި ގަޑީގައި ތަންޒީލާ ޖަބްރީލް އެކަނި ހުއްޓާގޮސް ބުނެލި ޚަބަރަކުން ޖަބްރީލް ހުރީ ބުނަންވީ އެއްޗެއް ނޭގިފައެވެ. ޚަލީސީ އަނބުރައިގަންނަނީ އޭނަގެ ހިތުގެ މައްސަލައެއް ހުރީމައެވެ. ހިތުގެ ޑޮކްޓަރވަނީ އޭނަ އުފަލުގައި ގެންގުޅެން އެމީހުންނަށް އިރުޝާދުދީފައެވެ. ފައިސާއިން ގަނެވޭނެ ކޮންމެ އެއްޗެއް ގަނެގެންވެސް ދަރިފުޅު އުފަލުގައި ބަހައްޓަން ތަންޒީލާ ބޭނުންކަމުގައި ބުނެލިއެވެ.
"ޖަބްރީލް. ޚަލީސީގެ ހުރިހާ ސްޓްރެސްއަކީ މިހާރު ތިއީ. އޭނަދެކެ ލޯބިނުވިޔަސް އިންސާނިއްޔަތަށްޓަކާވެސް ޚަލީސީއާއި ކައިވެނިކުރޭ...އެކަމުގެ ބަދަލުގައި ރެޑްކްލިފްގެ ސީއީއޯގެ މަގާމުދޭނަން..."
ޖަބްރީލްއަށް ނިތްކުރީގައި އަތް ހާކާލެވުނެވެ. އޭނަ އަންހެނުންދެކެ ރުޅިއަންނައިރު އަދި ހަޔާތަށް މިއައީ އެންމެ ފޫހިވާ އަންހެންކުއްޖާއެވެ. އެހެން ޕްލެނެޓަކަށް ހިޖުރަކުރަން ޖެހުނަސް މާ ރަގަޅުކަމުގައި ދެކުނަސް އެބުނާހެން އިންސާނިއްޔަތުގެ ކަންފުޅެއް ހުރި މީހަކަށްވެސް އެ ހުށަހެޅުމުގައި ކޮޅުފައިން ޖަހަން ނުކެރޭނެއެވެ. ޚަލީސީއަށް ގެއްލުމެއް ލިބިއްޖެއްޔާ ހަކާން ދުވަހަކު އޭނައަށް މާފެއްނުކުރާނެއެވެ. ދިރިއުޅުމުގެ ދެވަނަ ނަމަކީ މަޖުބޫރީއެވެ. އޭނައަށް މިވަގުތު އެނޫން އިތުރު ގޮތެއްނެތްކަން ޔަގީންވެ ޚަލީސީއާއި ކައިވެނިކުރަން ނިންމިއެވެ. ބަދަލުގައި ލޯނު ދައްކަން ފައިސާ ލިބި ރަގަޅު މަގާމެއް ލިބި ދިރިއުޅުން ފަސޭހަވެދާނެއެވެ.
***
"ސީރިޔަސްކޮށް ބޫ އަހަންނާއި މެރީކުރާނަންތަ؟ސަމާސާއެއް ކުރީ ދޯ..." ޚަލީސީ އުފަލުންގޮސް ހުރިހާ ދަތްތައް ދައްކާލެވުމާއެކު އަނގަމަތީގައި އަތް އެޅުނެވެ. ކުއްލިއަކަށް ތުން ފިތާލައިފިއެވެ. އޭރު އެހެން މީހުން ލޯންޗަށް އަރަނީއެވެ. ތަންޒީލާ އެދިމާލަށް ބަލަން ހުރެފައި ހިނިތުންވެލަމުން އަކްރަމްގެ އަތަށް ފިތާލައިފިއެވެ. އެ މަންޒަރަށް ބަލަން ލޮލުން އިޝާރާތްކުރިއެވެ.
"ޗޮކްލެޓް ކެއިގޮތަށް އަނގަ ނުދޮވެ ހުރެވުނީ..."ޚަލީސީ ރަކިވިއެވެ.
"އަހަރެންގެ ޝަރުތެއް އެބައޮތް..."ޖަބްރީލް ބުނެލިއެވެ.
"ކޮބާ ޝަރުތަކީ؟"
"މިރެއަކީ ރަމަޟާން މަހުގެ ފުރަތަމަ ރޭ...މިރޭ ޚަލީސީ ބުރުގާ އަޅާ..."
"އަހަރެން ބުރުގާ އެޅީމަ ހީވަނީ އޯލްޑް ހެގެއްހެން. ވަރަށް ހުތުރު. އެންމެންވެސް ބުނޭ އަހަރެންގެ އިސްތަށިގަނޑު ބުޅިވީމަ ރީއްޗޭ، އެކަމަކު އަބަދު ބޭނުންވީ މަންމަގެ ފަން އިސްތަށިކޮޅު....."ޚަލީސީގެ މޫނުގެ ކުލަ ފަނޑުވިއެވެ.
"އެހެންވިއްޔާ ސޮރީ އޭ ބުނެވޭނީ...އައި ވޯންޓް މައި ވައިފް ޓު ބީ ކަވާޑް...ލައިކް ކަޅުހެދުން ލައިގެން...އަދި މަށަށް އެންމެ ކަމުދަނީ ނިގާބީ އަންހެންކުދިން....."
"އޯލްރައިޓް. އެހެންވިއްޔާ ބުރުގާ އަޅާނީ.."ޚަލީސީ އެއްބަސްވިއެވެ."ބޫ އަކީ ތިހާ ދީނީ މީހެއްކަން ކުރިއަކުން ނުދަންނަން.."
"އެއީ މާތްﷲއާއި ދޭތެރޭ އޮންނަ ގުޅުމެއް. އެހެން މީހުންނަށް ދައްކާކަށް ނުޖެހޭނެ.."
"އަހަރެންދެކެ ލޯބިނުވާއިރު ކައިވެނިކުރަން ތިއުޅެނީ ކީއްވެ؟" ޚަލީސީ އެހެން ސުވާލެއްކޮށްލިއެވެ.
"ލޯބި ދަސްކުރަން ހުއްޓާ އުމުރު ފާއިތުވެސްވެދާނެ."
ޚަލީސީގެ ލޮލުން ކަރުނަ ފާއްދައިލިއެވެ. ޖަބްރީލްގެ ހިތި މާޒީ ކޮންމެވެސް ވަރަކަށް އޭނަ ދަނެއެވެ. ހަކާންގެ ފަރާތުން އެނގޭގޮތުން ޖަބްރީލްއަކީ އެކަނިވެރި އިންސާނެކެވެ. މައިންބަފައިންވެސް ދުނިޔޭގައި ތިބިކަމެއް ނޭގެއެވެ.
ޚަލީސީ ދެރަވީ ޖަބްރީލްގެ އެއްވެސް އިޝްގީބަޔެއް ނެތްކަން ޔަގީންވުމުންނެވެ. ކައިވެނި ހުށަހެޅީވެސް ކިހާ އާދައިގެ ގޮތަކަށހެއްޔެވެ؟ އެންމެން ލޯންޗަށް އަރަނިކޮށް އިރުއޮއްސެމުން ދިޔަ ގަޑީގައި ޕްރޮޕޯސްކުރިގޮތުން ނުބައި ފާލެއްހެންވެސް ހީވިއެވެ. އަދި އެވެސް އޭނަ ބުރުގާ އަޅަން މަޖުބޫރުކުރަމުންނެވެ. ނަމަވެސް ކޮންމެފަދަ ގުރުބާނީއެއް ވިޔަސް އޭނަ ޖަބްރީލް ހާސިލުކުރާނެއެވެ. އެގޭގެ މެއިޑްކަން ކުރަން ޖެހުނަސް ހެވެވެ. އެގެ ފެނުމުން ވަންނަންވެސް އޭނަ ޖެހިލުންވެއެވެ. އެކުވެރިންވެސް އެގެއާއި ބެހޭގޮތުން ކިޔާދީފައިވަނީ ބިރުވެރި ވާހަކަތަކެވެ. އެގެއަށް ސިހުރު ހަދާފައިވާ ވާހަކައާއި މީހުންނަށް ދިރިނޫޅެވޭ ވާހަކައެވެ. ތަށިތައް އެއްލާލާ ފަރުނީޗަރުތައްވެސް ހަލާކުކޮށް މީހުން ނިދާފައި ތިއްބާ ތަންމަތިން ބާލުވާ ވާހަކައެވެ. ނަމަވެސް އެ ހަންޑި ކިއްލާއަށްވެސް ލޯބިވެރިޔާއާއެކު ދާން ކެރޭނެއެވެ. އޭނަ ދެކޭގޮތުން ޖަބްރީލް ދަންޏާ އޭނަ ނަރަކައަށްވެސް ދާނެއެވެ.
***
ރަމަޟާންމަހުގެ ފުރަތަމަ ދުވަސް ޖަބްރީލް ހޭދަކުރީ މިސްކިތުގައެވެ. މިސްކިތުގައި ނަމާދުކުރުމާއި ޒިކުރުކުރުން އަދި ގުރުއާން ކިޔަވަން އިނުމުން އުފަލާއި ހަމަޖެހުން ހިތަށް ލިބުނެވެ. އަޅުކަމަށްވުރެ ހިތަށް ފިނިކަން ލިބޭ އެހެން ކަމެއް ނެތްކަމުގެ އިހުސާސްކުރެވި އެތަނުން އެނބުރި ދާ ހިތެއްވެސް ނުވިއެވެ. ގެއަށް ވަންނަން ބޭނުންނުވީ މަންމަ އޭނައާއި ވާހަކަދައްކަން މަސައްކަތްކުރާތީ ފޫހިވީވަރުންނެވެ. އެދުވަހު ހަކާން އެގެއަށް ވަދެލިފަހުން ހޯދަ ހޯދާ ސިހުރު ފޮތް ނުފެނުމުން ޝައްކު ކުރެވުނީ ހަކާންއާއިމެދުގައެވެ. އެކަމަކު އަހާކަށް ނުކެރުނެވެ. ހަކާން ސިއްރުން ގެންދާން ޖެހޭ ސަބަބެއް ނުވިސްނުނީއެވެ. ނެގިޔަސް ނަގާނީވެސް ހަކާންއެވެ. ޖިންނިންގެ ދުނިޔެއަށް ހަކާންގެ ޝައުގު ހުންނަވަރު ދަންނަނީ ޖަބްރީލްއެވެ. ޖަބްރީލް ގެއަށް އައީ ތަރާވީސްކޮށްގެންނެވެ. ސިޓިންރޫމުން ދިމާވީ ޔަޝަލްއާއެވެ.
"ދޮންބެ ގެނައި ކާއެއްޗެހި ޓޭބަލްމަތީގައި ހުންނާނެ..." ޔަޝަލް ހުރީ ތުން ފިތާލައިގެންނެވެ. ފައިވާނުން ބާރު ބާރަށް އަޑުގޮއްވަމުން ގޮސް ކޮޓަރިއަކަށްވަދެ ދޮރު ލައްޕައިލި އަޑުއިވުނެވެ.
ކަދުރާއި ފެނުން ރޯދަ ވީއްލައިގެން ހުރުމުން ބަނޑުހައިކަން އިހުސާސްވިއެވެ. އެކަމަކު ގުރުއާނުން އޭނަގެ އެންމެ އަޑުއަހަން ބޭނުންވާ ގާރީ މިންޝާވީގެ ވީޑިއޯއެއް ޖައްސައިލިއެވެ. އޭނަގެ އެކަނިވެރި ވަގުތުކޮޅަށް ކޮންމެވެސް މީހަކު ހުރަަސްއެޅިއެވެ. ދޮރު ގައި ޓަކިދޭން ފެށުމުން ކަންނެތްވެފައި ހުރެވެސް ތެދުވެގެންގޮސް ދޮރު ހުޅުވައިލުމާއެކު ހުރިހާ ހިއްސުތައް ތޫނުވިއެވެ. ޖަބްރީލްގެ ހިތަށް ބަޔާން ނުކުރެވޭފަދަ ގޮތެއްވިއެވެ. ދޮރުމަތީގައި ހުރީ ނިގާބީއެކެވެ. ފެންނަން ހުރީ ހަމައެކަނި ދެލޮލެވެ. ޖަބްރީލްއަށް އެނގެނީ އެހާ އަޅައިގަންނަގޮތެއް ހުރި ތޫނުފިލި ދެލޯ ދުވަހަކުވެސް ނުދެކޭކަމެވެ. މަޑުނޫކުލައިގެ ތެރޭ ފަތަ ފަތާވާ ކަޅު ދެލިކޮޅެއްފަދަ ބޮޑު ދެލޮލުގައި އަނދުން އަޅާފައި ހުރުމުން ވަކިން ރީއްޗެވެ. ނަމަވެސް އެކުއްޖާގެ ލޯ އެންމެ ފަހަރަކުވެސް ޖަބްރީލްއާއި ދިމާލަށް ނުހުއްޓެއެވެ.
"އައްސަލާމް އަލައިކުމް..." އަޑުގައިވެސް ހުރީ ނާދިރުގޮތެކެވެ.
"ވައަލައިކުމުއްސަލާމް.." ޖަބްރީލް ޖަވާބުދިނެވެ.
"ޔަޝަލް އެބައުޅޭތޯ؟ފޯނު ނިވާލާފައި އޮތީމަ...."
"މަޑުކޮށްލަދެއްވާ..."ޖަބްރީލް އެތެރެއަށް ވަދެ ޔަޝަލްއަށް ގޮވިއެވެ. އަލުން ބޭރަށް ނިކުންނަން ހިތް ގޮވިޔަސް ހިތާދެކޮޅަށް ހިނގައިގަތީ ކާކޮޓަރިއާއި ދިމާލަށެވެ. އަލުން އެއް ދުވަސް ރިވައިންޑްކޮށް ހަޔާތުގެ އެއް ދުވަސް ބަދަލުކޮށްލެވޭނެނަމައޭ ހިތަށް އެރުމުން ކާހިތްވެސް ކެނޑުނެވެ. މިކާއިލްގެ ގެއިން ފޮނުވާފައި ހުރީ ބިރިޔާނިއާއި ދެވައްތަރެއްގެ ރިހައާއި ފަރާޓާ އަދި ހެދިކާއެވެ. ތާޒާ އަލަނާސި ޖޫހެވެ. އެއްކޮތަޅުގައި މޭވާވެސް ހުއްޓެވެ. ޖަބްރީލް ގޮނޑިއެއްގައި އިށީންގޮތަށް ނިތްކުރީގައި ފިރުމަމުން ދިޔައެވެ. އޭނަގެ ހަޔާތުގައި ދުވަހަކު ހަމަޖެހުމެއްނެތީބާވައެވެ. އެންމެ ހިތްއެދޭފަދަ އަންހެންކުއްޖާ ފެނުނުއިރު އެހެން މީހަކާއި ކައިވެނިކުރަން ބުނެވިއްޖެއެވެ. އެވެސް ބަލިކުއްޖަކާއެވެ. އެންމެ ރަގަޅެވެ. ޚަލީސީ މަރުވުމުން މި އަންހެންކުއްޖާ އޭނަގެ ބައިވެރިޔަކަށްވެދާނެ ހެއްޔެވެ؟ ހިތަށް އައި އެއްޗަކުން އަމިއްލަ ނަފުސަށް އަޑުލެވުނެވެ. އޭނައަކީވެސް ކޮންފަދަ އަމިއްލަ އެދުން ބޮޑު ނުބައި މީހެއްހެއްޔެވެ؟ އެފަދަ ގޮތަކަށް ވިސްނަންވެދާނެހެއްޔެވެ؟
ފަރާޓާއަކާއި މޭވާކޮޅެއް ކައިގެން ޖޫސްތަށި ހިފައިގެން ޖަބްރީލް ހިނގައިގަތްތަނާ މީހެއްގެ ގައިގާ މުޑި އަރާފައި ޖޫސްތަށިން އަތްދޫވިއެވެ.
"އައިމް ސޮރީ..."ޖަބްރީލް ލަދުގަތެވެ. ކުރިމަތީގައި ހުރީ ޔަޝަލްގެ އެކުވެރިޔާއެވެ. ޖޫސްތަށި އެކުއްޖާގެ މޫނަށް ވެރުނުގޮތުން ލޮލުގެ އެސްފިޔަތައް ތެމުމުން ވަކިން ނަލަހެން ހީވިއެވެ.
"އިޓްސް އޯކޭ...."ޓިޝޫތައް ގެނެސް ތަޅުންމަތި ސާފުކޮށްލުމަށްފަހު އަންހެންކުއްޖާ ގޮސް ފްރިޖް ހުޅުވާފައި ފެންފުޅިއެއް ނަގައިގެން ހިނގައިގަތުމުން ޖަބްރީލް ކޮފީއެއް ހަދަން އުޅުނެވެ. ކުއްލިއަކަށް ފަހަތުން އައިގޮތަށް މިކާއިލް ބޫ އޭ ކިޔުމުން ސިހުނެވެ. ދެން މިކާއިލް ބުނި އެއްޗަކުން ޖަބްރީލްގެ ދުނިޔެވެސް ހުއްޓުނެވެ.
"މަގޭ ފިއާންސޭއާއި ބައްދަލުވެއްޖެ ދޯ..."
"ކާކު؟ ނުދެކެން..."
"މިގެއަށް އައެއްނު ނިގާބީއެއް........"މިކާއިލް ކޮފީތަށްޓެއް ގިރައިގެން ގޮނޑިއެއް ދަމާލައިގެން އިށީނެވެ. "އަހަންނާއި ގުޅޭ ޓައިޕެއްވެސް ނޫން. ތެދަށް ބުނަންޏާ ހޮސްޕިޓަލުން ލައިކްވާ ކުއްޖެއް ފެނިގެން އެކުއްޖާއަށް ޕްރޮޕޯސްކުރަނިކޮށް މި އަންހެންކުއްޖާއާއި ބައްޕަ ހަމަޖެއްސި ސަބަބެއްވެސް ނޭގޭ. ބައްޕަ ބުނާގޮތުން ރީތި އުފާވެރި ދިރިއުޅުމެއް ހޯދަން ސޯލިހު އަންބެއް ބޭނުންވަނީ. އަހަންނަށްވެސް ބައްޕަގެ ރިކުއެސްޓަކާއި ދެކޮޅުހަދާކަށް ނުކެރުނު...އެންމެ ހައިރާންވީ ޔަޝަލްގެ އެކުވެރިއެއްކަން އެނގުނީމަ. ދުނިޔެއަކީ ކުޑަ ތަނެއް......"
ޖަބްރީލްގެ ހިތަށް ނޭގޭ އަސަރެއްކޮށްފިއެވެ.
އޭނަ އެންމެ ރުހޭ ވައްތަރުގެ އަންހެންކުއްޖެއް ފެނުނުއިރު އެކުއްޖާ ވާން އުޅެނީ ބޭބެގެ ބައިވެރިޔާއަށެވެ. އެވެސް ބޭބެގެ ނުގަބޫލުގައެވެ. އޭނައާއި މިކާއިލްގެ މިހާރު އެއްގޮތް ކަމެއް ހުރެއްޖެއްޔާ އެއީ ދެމީހުންނަށްވެސް ކައިވެނުކުރަން މަޖުބޫރުވީކަމެވެ. ހަދަންވީގޮތެއްވެސް ނޭގުނެވެ. މިއީ ތަގުދީރުގެ އަޖައިބެއްފަދަ ސަމާސާއެކެވެ.
"ކޮންދުވަހަކު ކައިވެނި؟" ޖަބްރީލް ކޮފީތަށިން ކޯވަރެއް ބޯލުމުން ދޫފިހޭގޮތްވިއެވެ.
"މި މަންތްގައި..."
"އަހަރެންވެސް ހުރީ ނުބުނަން. މިއުޅެނީ މެރީކުރަން...."
"ތިހާވަރުން މީހަކާއި ނީންނާނަމޭ ކިޔައިގެން އުޅެފައި ކިހިނެއް ތިހެދީ؟" މިކާއިލް ޔަގީންކުރީ ޖަބްރީލް ގެ ކައިވެންޏަކީ ލޯބީގެ ކައިވެންޏެއްކަމަށެވެ. އޭނަ ފަދައިން ޖަބްރީލްއަށް ދިރިއުޅުމުގައި ކަމަކަށް މަޖުބޫރުކޮށްފާނެފަދަ ނުފޫޒުގަދަ މީހަކު ވެދާނެކަމަކަށް އޭނަ ހިޔެއްނުކުރެއެވެ.