"މާތްﷲ ގެ ރަހުމަތުން އުއްމީދު ކަނޑާނުލާށެވެ. ﷲ ސުބުހާނަހޫ ވަތައާލާގެ ރަހުމަތް ހުރިހާ އެއްޗަކަށްވުރެ ތަނަވަސްވެގެން ވެއެވެ."
**
"ޔަގީންތަ ހަނީ؟ ހާދަ ބިރުގަތޭ. މިރޭ ގޭގައި މަޑުކުރައްޗޭ..."
"މަންމަމެންނަށް އެނގިދާނެތީ ބަލައިގެން އުޅެން ޖެހެނީ. މިހާރުވެސް މަންމަ ޝައްކުގެ ނަޒަރަކުން ބަލަން ފަށައިފި..."މިކާއިލް ފިނި ނޭވާއެއް ދޫކޮށްލިއެވެ.
"ސިއްރުކުރުމުގެ މާނައެއް ނެތެއްނު...ލޯބިވަންޏާ ކެރެންވާނެ...ބައްޕަ ޑިފެންސް މިނިސްޓަރވީމަ ބިރުގަންނަނީތަ؟"ލުއުލުއު މިކާއިލްގެ މޫނަށް ކަޅިވެސް ޖަހާނުލާ ބަލަން އިނެވެ. މޫނުގައި ދެއަތުން ހިފަހައްޓާފައި އޭނައާއި ދިމާލަށް ރަގަޅަށް އަނބުރާލައިފިއެވެ." މިކާ. އަހަންނަށް ދެން މިކަންތައް ސިއްރުކޮށްލައިގެން ނުހުރެވޭނެ. އެންމެން އެބަ އަހާ އެމެރިކާގައި ކީއްކުރަނިހެއްޔޭ. މި ރީތި ގެއާއި މި ބަގީޗާ އަދި ވުޑްސްގެ ފޮޓޯތައްވެސް ސޯޝަލްމީޑިއާގައި ޕޯސްޓްކުރާހިތުން ހުރެވެނީއެއްނޫން. އަދި އެންމެންނަށް އެނގެން ޖެހޭނެއްނު އަހަންނަކީ މިކާގެ ވައިފްކަން..އަހަރެން މި ވާހަކަ..................."
ލުއުލުއުގެ ވާހަކަ މެދުކެނޑުނީ ގަސްބޮޑީގެ ފުރަގަހުން ނުކުތް ސޯފިއާ ފެނިފައެވެ.
"ލުއުލުއުއަކީ މިކާއިލްގެ އަންބެއް؟"
"މަންމާ........." މިކާއިލް ކަންބޮޑުވެފައި އިސްތަށިގަނޑުގެ ތެރެއަށް އަތް މަހައިލިއެވެ. ސޯފިއާގެ ނުރައްކާތެރި ނަޒަރު ފެނި ސިހުނުވަރުން އޭނަ ވަގުތުން ފިނިވިއެވެ.
"އައިމް ސޮރީ މިގޮތަށް އެނގުނީމަ މަންމާ....މިކާއިލް ބައްޕައަށް އަންގަން ބޭނުންނުވަނީ..ސަބަބަކީ....." ލުއުލުއު ހީލާފައި ތަފްސީލް ދޭން އުޅުނެވެ.
"ސަބަބަކީ މިކާއިލްގެ ބައްޕައަކީ ސިހުރުވެރިއަކަށްވީމަ..."
"ވަޓް؟"ލުއުލުއު ލޯ ބޮޑުކޮށްލިއެވެ.
"އާނ. މިކާއިލް އޭނަ ނުރުހޭކަމެއް ކުރިކަން އެނގިއްޖެއްޔާ ތި ދެމީހުން ވަކިކުރުވާނެ..އެއީ ހަމަ ޔަގީންކަމެއް..އެކަމަކު މިކާއިލްވެސް ބައްޕަގެ ރުހުން ހޯދައިގެން ކައިވެނިކުރިނަމަ. ކަންތައްތައް ސިއްރުކުރަން ހަދައިގެން ދިރިއުޅުން ބޮއްސުންލާނެ. އާއިލާގެ ހަމަޖެހުމާއި އުފާވެރިކަން ނެތިގެން ދާނެ....."
ލުއުލުއު ބިރުގަނެ އަނގަމަތީގައި އަތްއެޅީ މިކާއިލްގެ ބައްޕައަކީ ސިހުރުވެރިއެކޭ ބުނުމުންނެވެ. އޭނަ ތުންފިތައިލުމުން އިތުރަށް ސީރިޔަސްކަމަސް ދެއްކިއެވެ. ސޯފިއާގެ ވާހަކަތަކުން ވީ ދެރައާއި ހިތުގައި ހިނގައިގަތް ބިރުވެރިކަމުން އޭނަ އެތަނުން ދުރަށް ދާން ހިނގައިގަތެވެ. ސޯފިއާގެ ސުވާލުތަކުން މިކާއިލާއާއި އަމާޒްވާންފެށިއިރު ޔަޝަލްއަށްވެސް އެތަނަށް އާދެވުނެވެ. މިކާއިލްއާއި ރުބާބްގެ ކައިވެނީގެ ހަގީގަތް އެނގުމުން އުފަލުންގޮސް މިކާއިލްގެ ގައިގާ ބައްދައިލެވުނެވެ. ލުއުލުއު ފެންނަން ނެތުމުން ޔަޝަލްގެ ހިތް ބަންޑުންކޮށްލިއެވެ.
"އައި ޑޯންހޭވް އެނީތިން އެގެއިންސްޓް ލޫލޫ އެކަމަކު ރުބާބްކަން ނޭގޭ އެންމެ ބެސްޓް އައިޑިއަލް ވައިފްއަކަށް ވާނީ..އަލްހަމްދުލިﷲ...."
"ޚަލީސީއާއި ރުބާބްފަދަ ފަހަރިން ބޭނުންނުވާނީ ކާކު؟ދޮންބެ އަކީ ވަރަށް ވިސްނުންތެރި މީހެއްކަމަށް ހީކުރީ. އަދި ބައިވެރިޔަކު ޗޫޒްކުރާއިރު ތަންކޮޅެއް ހަރުދަނާ ދީނީކުއްޖެއް ހޯދަންކަމަށް އިންތިޒާރުކުރީ. ލުއުލުއު ވަރަށް ތަފާތު..........."
"ޖަޖްކުރަނީ ފޮތުގެ ބަނޑޭރިގަނޑަށް ބަލާފައި ދޯ.."މިކާއިލް މަޖާ ހިނިގަނޑެއްޖަހައިލިއެވެ.
"ބޭރުގަނޑު އެކަނި ބަލާލާފައެއްނޫން. އެކީގައި އުޅެ ދަސްވާންފެށީމަ ހިތަށް އެރީ ހަމަ ދޮންބެއަށް އެކީ އުޅެން ފަސޭހަވާނެ ކުއްޖެއްނޫނޭ. ޝީޒް ނޮޓް ޔޯ ޓައިޕް..ކައިންޑްހާޓެޑްއެއްވެސް ނޫން، ކުރީ ދުވަހު ބުނި އެއްޗަކުން އެހެން ހިތަށް އެރި، އިންސާނެއްވިއްޔާ އުނި ސިފަތައް ހުރެދާނެ.ބަޓް...ދެން ނޭގޭ. ލުއުލުއުއާއިމެދު ހިތްހަމައެއްނުޖެހޭ. ވަރަށް ސިކްރެޓިވް..."
މިކާއިލް ޔަޝަލްގެ މޫނަށް ބަލައިލަމުން ލޯ ބޮޑުކޮށްލިއެވެ.
"ކާފައަށްވުރެ ހަރު މުސްކުޅި ވާހަކަދައްކަން ދަނެއޭ ދޯ.. އެހެން ބުނީމަ ހަނދާންވީ..ކޮބާތަ ކާފަ؟."
"ޖަބްރީލްއާއި ހަކާން ކާފަ ގޮވައިގެން މަސްބާނަން ދިޔައީ..." ޔަޝަލްއަށް ހަކާންގެ ނަން ކިޔަމުން ބޭއިޚުތިޔާރުގައި މަންމަގެ މޫނަށް ބަލާލެވުނެވެ. ސޯފިޔާ މޮޔަގޮތަކަށް ހީގަނެފައި ޔަޝަލްގެ ބުރަކަށީގައި ބޮނޑިއެއް އެޅިއެވެ. އަދި މިކާއިލްއަށްވެސް ކިޔައިދިނީ ހަކާންގެ މަންމަ ތަންޒީލާގެ ނުލަފާކަމުގެ ވާހަކައެވެ. މީހުންގެ ފިރިން ޖަހައިގަންނަން ކުޅަދާނަ އަންހެނެއް ކަމުގައެވެ. ޔަޝަލްމެންގެ ބައްޕައާއި ސިއްރުން ރައްޓެހިވެގެން އުޅެމުން ވިހޭދަރިއެއްކަމަށާއި ހަކާންގެ ބައްޕައަކީ އެއީކަން ޔަގީންވާކަމުގައި ބުނެލިއެވެ. މަންމަގެ ވާހަކަތައް އިވުމުން ހަކާންގެ މަންމައާއިމެދު މިހުރިހާ ދުވަހު ދެކެމުން އައި ގޮތް ބަދަލުވެ ތަސައްވަރު ކިލަބުވިއެވެ. ތަންޒީލާގެ އެ ލާނެތްކަމާއި ހިތްހެޔޮކަމުގެ މާސްކުގެ ފަހަތުގައި ފިލާހުރީ އެހެން މީހެކެވެ. "އީވިލް" އަންހެނެކެވެ. މީހުންގެ ފިރިން ޖަހައިގަންނާނީ ބިރުވެރިކަމާއި ނުލަފާކަމުގައި އަރާ ހުރި އަންހެނެކެވެ.
***
އަސްކަލަން ޔަޝަލްއާއި އަވަލާން މަސައްކަތްކުރިޔަސް އަބަދާއަބަދު ޒިކުރުކޮށްގެން ހުރުމުން އެހާ ފަސޭހަކަމަކަށް ނުވިއެވެ. ދުރުގައި ހުރެ ގޯނާކޮށް ފޯނު އެއްޗެހި ފޮރުވާފައިވެސް ކައިރިއަށް ދާން އުދަގޫވެ މާޔޫސްވާގޮތްވިއެވެ. ޖިންނިންނަކީ ފަސޭހައިން ރުޅިއަންނަ ބަޔެކެވެ. ބޭނުން މަގުސަދު ހާސިލުނުވުމުން އަސްކަލަން އެކަމާއި ރުޅިއައެވެ. އޭނަގެ އަންހެނުން އަދާލިއާގެ ނަފްރަތަކީވެސް އިންސާނުންގެ ސަބަބުން ދިމާވެގެން އުޅޭކަމަކަށްވުމުން އިންސާނުންދެކެ އަސްކަލަން އަންނަނީ މާ ވަރެއްގެ ރުޅިއެކެވެ. މާޔޫސްކަމާއެކު އެގޭގެ ވަށައިގެން ބުރުޖަހަނިކޮށް ފަސޭހަ ޝިކާރައެއް ފެނުނެވެ. ދީނާއި ދުރުކުއްޖެއްކަމުން ވަރަށް ފަސޭހައިން އެކުއްޖާގެ ލޭގެތެރެއަށްވެސް ވާސިލުވެވުނެވެ. މިޒާޖުގައި ރުޅިގަދަކަމާއި ރުންކުރުކަން ހަސަދައާއި ކިބުރުވެރިކަން ހުންނަ ލުއުލުއުގެ ހަށިގަނޑަށް އަސްކަލަން ވެރިވެގަތީ ދާދި ފަސޭހަކަމާއެކުގައެވެ.
މިކާއިލް ޖަބްރީލް އަދި ހަކާން ރާޒުވާ ކުޅެ ކޮފީ ބޯން ތިއްބާ ކުއްލިއަކަށް އެތަނަށް ނުކުތް ލުއުލުއު ހުރީ ބޯ ހާމުންޑިއެއްހެން ހާވާލައިގެން ކަޅި އަޅާލައިގެންނެވެ. ދެލޮލުގެ ކުލަ ރަތްވެ ބިރުވެރި ފާޑެއްވެސް ޖެހިއެވެ. އެއައި ބާރުމިނުގައި މިކާއިލްގެ ކަންފަތްމަތީގައި ޖަބްރީލްގެ ކަންފަތްމަތީގައި އެތިފަހަރެއް ޖެހިއެވެ.
"މޮޔަވީތަ؟"މިކާއިލް ތެދުވެ ލުއުލުއުގެ އަތުގެ ކުޑަހުޅާއި ދިމާލުން ހިފެހެއްޓިއެވެ.
"އޭނަ ކައިރިން އަހާބަލަ ކުރީ ކީއްތޯ؟ "ލުއުލުއާ ނުބައި އަޑަކުން ހަޅޭއްލަވައިގެންފާ މިކާއިލް މެއްސެއްފަދައިން ފޮޅުވައިލުމުން ވިއްސައިގެންގޮސް ތަބުގައި ބޯ ނުޖެހުނީ ހަމަ ކިރިޔާއެވެ. އޭނަ ޖަބްރީލްއާއި ދިމާލަށް ހިނގައިގަތްތަނާ އެތަނަށް އާދެވުނީ ޚަލީސީއަށެވެ.
"ޚަލީސީ؟" ހަކާންވެސް ހައިރާންވިއެވެ.
ލުއުލުއާވެސް ލޯ ބޮޑުކޮށްގެން ބަލަން ހުރެފައި ދެއްކުންތެރިގޮތަކަށް ހީލައިފިއެވެ."ޚަލީސީ މިކޮޅުގައިތަ؟
"ދެންމެ މިއާދެވުނީ...ލުއުލުއު މިގެއިން ފެނުނީމަ މާ ހައިރާންވެއްޖެ..."
"އަހަންނަކީ މިކާއިލްގެ ވައިފް. ޚަލީސީއާއި ދެމީހުންނަށް އެކީގައި އެއް ގެއްގައި އުޅުމުގެ ނަސީބު ލިބުނީ ދޯ....އަހަރެން ވަރަށް އުފާވެއްޖެ....."ލުއުލުއުގެ ތުންފަތުގައިވީ ދެއްކުންތެރި ހިނިތުންވުމެކެވެ.