" ދެން ތިހެދުންލައިގެން ހުންނާނެ ކަމެއް ނެތް ބާލާ މިހާރު!..." ރައިނާ ކުއްލި އަކަށް މިޝާގެ ފުރަގަހުން ހެދުމުގެ ޒިޕްގައި ހިފާދަމައިގަތެވެ. ޒިޕް ކެހިގެން ދިއުމާއެކު މިޝާގެ ހެދުން ދެކޮނޑުން ސޮހިގެން ތިރިޔަށް ދިޔައެވެ. އެވަގުތު މިޝާގެ މޭމަތިން ބައެއް ހާމަވެގެން ދިއުމާ އެކު އޭނާއަށް ބޭއިޚުޔާރުގައި މެޔާދިމާއިން ދެއަތް ހުރަސްކޮށްލެވުނެވެ. ކުއްލިއަކަށް ނަވީން ހުޝިޔާރު ކަމާއެކު މިޝާ ގެނެސް އޭނާގެ ގަޔާލާ ބޮނޑިކޮށްލަމުން އަވަސް ހަރަކާތަކާއެކު ޒިޕް އަޅުވާލިއެވެ. މަލާކް އެމަންޒަރު ފޮޓޯނަގަމުން ދިޔައިރު، ޕާޓީގެ އެހެން ބައެއް ބައިވެރިންވެސް އެމީހުންގެ ފޯނުތަކުގައި އެމަންޒަރު ރައްކާ ކުރިއެވެ. މިޝާގެ ބޮލަށް އެނބުރުން އަރައި، ނަވީންގެ އަތުތެރެއަށް އޭނާ ދެމުނެވެ. ނަވީން އިތުރު އެއްވެސް މީހަކަށް ސަމާލުކަން ނުދީ މިޝާ ނަގައިގަނެގެން ގެންގޮސް އޭނާގެ ކޮޓަރިއަށް ލިއެވެ. ޝީބާމެން މިޝާއާމެދު ކަންތައްކުރި ގޮތުން އޭނާހުރީ އިންތިހާއަށް ރުޅިއައިސްފައެވެ. އެންމެންގެ ކުރިމަތީ މިޝާގެ އައުރަ ހާމަކުރުމުން ރައިނާދެކެ ވަކީން ރުޅިއައެވެ. ނަވީން މިޝާގެ ކޮޓަރިން ނުކުމެގެން ދިޔަގޮތަށް ގޮސް ޝީބާގެ އަތުގައި ހިފައިގެން ހިގައިގަތެވެ. 

" ނަވީން.... ދޫކުރޭ!.... ކޮންތާކަށް އަހަރެން ގޮވައިގެން ތިދަނީ؟.." ޝީބާ ކަންބޮޑުވެފައި އަހާލިއެވެ. 
" އަހަރެން ބޭނުން ވާހަކައެއް ދައްކަން..." ނަވީން ހުއްޓިފައި ޝީބާއަށް ބަލާލަމުން ބުންޏެވެ.
" ކޮންވާހަކައެއް؟...މިތާވެސް ދެއްކިދާނެއެއްނު!" ޝީބާ ނުރުހިފައި ޖަބާވުދިނެވެ. މިޝާއަށް ހިމާޔަތްދިނީތީ އޭނާހުރީ ނަވީންދެކެވެސް ރުޅިއައިސްފައެވެ.
" ޝިބް!.. ޓެލްމީ ވަޓްސް ގޮއިން އޮން؟...މަށަށް އެނގޭ ޝިބްއަށް އެނގިގެން ވީކަމެއްކަން އެއީ... މިޝާއަކީ އެކަހަލަ ކުއްޖެއްނޫން ކަން މަށަށް އެނގޭ!..." ނަވީން ބެލީ މަޑުން ވާހަކަ ދެއްކޭތޯއެވެ. 
" ޝިބް ބަލާބަލަ!..." އެވަގުތު ރައިނާ އައިސް އޭނާގެ އަތުގައި އޮތް ކެމެރާއިން މިޝާގެ ހެދުމު ޒިޕްކަހާލި ވަގުތު ނެގި މަންޒަރު ދައްކާފައި ހޭންފެށިއެވެ. ނަވީންގެ ރުޅިގަނޑު ވަގުތުން ގަދަވިއެވެ. ރައިނާއެކޭ އެއްފަދައިން އެހެން ބައެއްމީހުންވެސް ސިއްރު ސިއްރުން ހީހީފައި ފޯނުން އެކަކު އަނެކަކަށް ދެންމެ ނެގި ފޮޓޯތަކާއި ވީޑިއޯ ކުލިޕް ދައްކަމުން ދިޔައެވެ. މައުސޫމު އަންހެން ކުއްޖެއްގެ ދިރިއުޅުން މަޖަލަކަށް ހަދަން އެމީހުނަށް ގޮތީ ކޮން ހައްޤެއް ހެއްޔެވެ؟

" ހައު ކުޑް ޔޫ ޑޫދެޓް؟.... ކަލޭމެންގެ ލަދުކޮބާތަ އަންހެން ކުއްޖަކު އެންމެންގެ ކުރިމަތީގަ އޮރިޔާން ކޮށްފަ ވީޑިއޯކުރިއިރު....އޭނ؟" ރައިނާގެ އަތުން ކެމެރާ ޖަހައިގަންނަމުން ނަވީން ރައިނާއަށް ހަޅޭއްލަވައިގަތެވެ.
" އޭނާއަކީ ބޮޑުވަގެއް.... އޭނަ މާރަނގަޅު ކޮށްގެން އުޅޭނެ ކަމެއްނެތް..... އެހެންނޫނަސް ނަވީން ކޮންކަމަކާ ތިރުޅިއަންނަނީ؟... ނަވީންއަށް ދައްކަންދޯ އެހާނަލަހެދިގެން އެއައީ... މިހާރު އެނގިއްޖެ ތިހާރުޅިއެއް އައިސްގެން ތިއުޅޭ ސަބަބު...ހިތާވެގެންނެއްނު ތިއުޅެނީ..." މަލާމާތުގެ ރާގަކަށް ރައިނާ ބުނެލި ޖުމްލައިން ނަވީން ލޭކެކިގެން ދިޔައެވެ. ނަވީންގެ އަތުގެ ހޫނުއެތިފަހަރެއް ރައިނާގެ މޫނަށް އަރައިގެން ދިއުމާއެކު ވަގުތުން އޭނާއަށް ރޮވުނެވެ.

"ނަވީން!" ޝީބާއަށް ބާރަކަށް ހަޅޭއްލަވައިގަނެވުނެވެ. ހަމައެވަގުތު ޝިފާންގެ ގާތުގައި އިން ރަޔާން ދުވެފައި ނަވީންއާ ދިމާއަށް އައިގޮތަށް އައިސް ނަވީންގެ މޫނުގައި ބާރުގަދަ އެތިފަހަރެއް ޖަހައިފިއެވެ. ވަގުތުން ނަވީންގެ ތުންފަތް ފަޅައިގެން ގޮސް ލޭވެސް އަތުވެއްޖެއެވެ.
" ހައު ޑެއަ ޔޫ...ޓު ޓަޗް މައި ސިސްޓަރ" ރަޔާން ދެވަނަ ފަހަރަށް ނަވީންގެ ގައިގާ ޖެހުމަށް އަތްމަޅާލުމުން ޝިފާންއާއި ނާއިޒް އައިސް އޭނާ ހުއްޓުވިއެވެ. ނަވީން ޝީބާއަށް ބަލާލާފައި ބަހެއްވެސް ނުބުނެ ނުކުމެގެން ދިޔައީއެވެ. ރައިނާވެސް ރޮމުން ރޮމުން ރަޔާންއާއެކީ އެގެއިން ނުކުމެގެން ހިނގައްޖެއެވެ.

މިހިނގާދިޔަ ކަންތަކުގެ ސަބަބުން ޕާޓީގެ ހަމަޖެހުން ގެއްލި ޝިފާންއާއި ޝީބާގެ މޫޑު ގޯސްވެއްޖެއެވެ. ނަމަވެސް ޕާޓީއަށް އައި ބައިވެރިން އެޕާޓީއިން އެނބުރިދިޔައީ މަޖާކޮށް ހެމުންނެވެ. އެމީހުންގެ ހިތުގައިއާއި ފޯނުތަކުގައި އެޕާޓީގެ މަޖާ ހަނދާންތައް ރައްކާކުރަމުންނެވެ. މިޕާޓީއިން އެމީހުނަށް ފެނުނީ އެއްކަމަކަށްވުރެ ޝައުޤުވެރި އަނެއްކަމެކެވެ. ފުރަތަމަ ހީވީ ސިންޑްރެލާ ކާޓޫން އެއްގެ މަންޒަރެއް ފެނުނުހެންނެވެ. ދެންމެ ފެނިގެން ދިޔައީ ހޮލީވުޑް ޓީންއޭޖް ފިލްމެއްގެ ތަޅާލުންގަނޑެއްފަދައެވެ. 

މިޝާއަށް ހޭލެވުނުއިރު މުޅި ކޮޓަރީގައިވަނީ ކަނު އަނދިރިކަމެވެ. މަޑުމަޑުން ތެދުވެ ބޮކިދިއްލާލިއެވެ. ލައިގެން ހުރެވުނު ހެދުން ފެނުމުން ކުއްލިއަކަށް މިރޭހިނގި ހާދިސާ ހަދާންވެ އަނެއްކާވެސް މިޝާއަށް ރޮވުނެވެ. އޭނާގެ ކުލާސްކުދިންނާއި އަދި އިތުރު އެތައްބައެއްގެ ކުރިމަތީގައި އޭނާގެ ބޮލުގައި ވަގުބަދުނާމު އެޅުމުން އިންތިހާއަށް ދެރަވެ ހިތުގައި ޖެހުނެވެ. ޝީބާ އޭނާއާމެދު އެފަދަ އަމަލެއް ކުރީ ކީއްވެގެން ހެއްޔެވެ؟ އޭނާގެ އޮތީ ކޮންކުށެއް ހެއްޔެވެ؟ އެންމެންގެ ކުރިމަތީ އޭނާގެ އަބުރު ގެއްލުވާލަން ޖެހޭފަދަ ކަމެއް އޭނާކޮށްފައެއް ނެތެވެ. ޝީބާގެ ބަހަށް އޭނާ ހެއްލި އެޕާޓީއަށް ދެވުނީތީ އޭނާ އަމިއްލަ ނަފްސު ކުއްވެރިކުރިއެވެ. ނަމަވެސް ދެން ދުވަހަކުވެސް އެފަދަ މަޅިއެއްގައި ނުޖެހުމަށް އޭނާ އަޒްމު ކަނޑައެޅިއެވެ.

އެތައްދަމެއްވީއިރުވެސް ނަވީންއަށް އޮތީ ނުނިދިފައެވެ. މިރޭ އޭނާއަށް ކުރެވުނު ކަންތަކާ މިހާރު އޭނާ ލަދުގަނެ ދެރަވެސް ވެއްޖެއެވެ. ރައިނާއަށް ރައްދު ދިނުމަށްޓަކައިވެސް އެއަށްވުރެ މޮޅުގޮތެއް އޭނާގެ ސިކުނޑިއަށް ނައީ ކީއްވެބާއެވެ. ހަމަހުރެފަ އެންމެންގެ ކުރިމަތީގައި އަންހެން ކުއްޖެއްގެ ގައިގާ ޖެހުމުން ބަލަންތިބި މީހުންގެ ހިތަށްވެސްއަރާނީ ކީކޭ ހެއްޔެވެ؟ އެކަމަކު ރައިނާ ދެއްކި ވާހަކަތަކުން އޭނާގެ ރުޅި ކޮންޓްރޯލް ނުކުރެވުނީއެވެ. މިވީގޮތުން ރަޔާންއާ އޮތް ރަހުމަތްތެރިކަންވެސް ކެނޑުނީއެވެ. ނުވިތާކަށް ޝީބާވެސް އޭނަދެކެ ރުޅިއަންނާނެކަން ގައިމެވެ. އެހެންވާކަށް އޭނަ ބޭނުމެއް ނޫނެވެ. ދެން އޭނާއަށް އެމީހުނާ ކުރިމަތިލާކަށްވެސް ނުކެރޭނެއެވެ. ދެން ހަދާނެ ގޮތަކާމެދު ނަވީން ވިސްނަން އޮއްވައި ނިދުނުދަމެއްވެސް އޭނާއަކަށް ނޭނގެއެވެ.

ޝީބާ އޭނާގެ ކޮޓަރީގައި ދެކޮޅަށް ހިނގާލާ ހިނގާލާ ހުރިއިރު އޭނާހުރީ ކަންބޮޑުވެ ހާސްވެފައެވެ. މިއަދު ސުކޫލަށް ދިއުމުން އޭނާއާ ކުރިމަތިވެދާނެ ކަންތައްތައް ހިތަށް އަރާފައެވެ. އެންމެންގެ ކުރިމަތީ މިޝާ ލަދުގަންނަވާލަން އުޅުމުން އޭނާއަށް ލިބުނު ލަނޑުވަކީން ކުޑަ ހެއްޔެވެ؟ ނަވީންއާއި ރައިނާގެ މެދުގައި ތަޅާފޮޅުމެއް ހިނގާފާނެކަމަށް އޭނާ ހީކޮށްފައެއްވެސް ނެތެވެ. އެއްކޮޅުން އޭނާގެ ހިތްއެދޭ ފިރިހެން ކުއްޖާއެވެ. އަނެއްކޮޅުން އޭނާގެ އެންމެގާތް އެކުވެރިޔާއެވެ. މިހުރިހާކަމެއްވެސް މިވީ މިޝާގެ ސަބަބުންނެވެ. މިޝާއަށް ހެޔޮއެދިގެން ނަވީން އުޅެނީ ކީއްވެގެން ހެއްޔެވެ؟ ނަވީން މިޝާދެކެ ލޯބިވަނީ ހެއްޔެވެ؟ ނޫނެކެވެ. އެހެންވެގެން ނުވާނެއެވެ.

" ކޮބާ ދާކަށްނުވޭ؟" ޝިފާން ކޮޓަރީގެ ދޮރުހުޅުވާލަމުން ޝީބާގާތު އަހާލިއެވެ. ޝީބާ ނޫނެކޭ ބުނެ ބޯހޫރާލުމަށްފަހު ދަބަސް ހިފައިގެން ޝިފާންގެ ފަހަތުން ނުކުތެވެ. ކާރުގައި ތިބިއިރު ދެމީހުންކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ދެމީހުންގެ ހިތުގައިވެސް ހިނގަމުންދިޔައީ ރޭގެ ޕާޓީގައި ދިމާވި ކަންތައްތަކުގެ ޚިޔާލެވެ. ޝިފާންއަށް ވިސްނެމުންދިޔައީ މިޝާއާމެދުގައެވެ. ރޭގައި މިޝާ ފެނުނުލެއް ތަފާތުކަމުން އެސޫރަވަނީ ޝިފާންގެ ހިތުގައި ބިންވަޅުނެގިފައެވެ. މިޝާގެ ރީތިކަން މިފަދަގޮތަކަށް އޭނާއަށް ފެނުނު މިއީ ފުރަތަމަ ފަހަރެވެ. ނަމަވެސް މިޝާ އެހާރީތިވެގެން ޕާޓީއަށް އައީ ކީއްވެގެން ބާއެވެ. އޭނާއަކީ ދުވަހަކުވެސް ޕާޓީއެއްގައި ބައިވެރިވާ މީހެއްނޫނެވެ. ދެން ކުއްލިއަކަށް އެހެދުމާއި ގަހަނާވަގަށް ނަގައިގެން ޕާޓީއަށް ހާސިރުވާން ޖެހުނު ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ. މިޝާ ވައްކަން ކޮށްފާނެކަމުގައިވެސް ޝިފާންގެ ހިތެއް ނުބުނެއެވެ. މީގެކުރިން މިޝާ ދުވަހަކުވެސް ވައްކަން ކުރިކަމެއް އޭނާއަށް އެނގިފައެއް ނެތެވެ. ނަސީބަކުން ރޭގައި ހިނގާދިޔަ ހާދިސާގެ އެއްވެސް ޚަބަރެއް އާސިމްއަކަށް ނުވެއެވެ.

ސުކޫލު ތެރޭގައި މިޝާގެ ކުލާސްކުދިންނާއި ނުދަންނަކުދީންވެސް އޭނާއާ ދިމާކޮށް ހަދަންފެށިއެވެ. ވީޑިއޯކުލިޕް އެކަކު އަނެކަކަށް ފޮނުވާހެދިއެވެ. ފުރަތަމަ ދުވަހު މިޝާއަށް ލަދުންގޮސް ރޮވުނެވެ. "ކޮސްޓިއުމް ވަގު" ކިޔައިގެންވެސް އޭނާއަށް ގޮވާ ހަދައެވެ. މިޝާއަށް އެކަމުން ހިތްދަތިކަން ލިބުނު ނަމަވެސް ކެތްކޮށްލައިގެން ހުންނަނީއެވެ. ޝީބާއާއި މިޝާވެސް ކިޔަވަމުންދަނީ އަމީނިއްޔާގައި ކަމުން ކޮންމެދުވަހުވެސް އިންޓަވަލް ގަޑީގައި މިޝާއަށް ދިމާކޮށް އެއްޗެހި ކިޔުމަކީ ޝީބާގެ އާދައެކެވެ. އެރެއަށްފަހު ޝީބާއަދި ވަކީން މިޝާދެކެ ރުޅިއާދެއެވެ.

" ކަލޭ ހީކުރީ ނަވީން އަތުއަޅުވާލެވިދާނެ ކަމަށްތަ؟....ނަވީންއަށް ތިއްތި ދެއްކެންވެގެން ދޯ އެރޭވެސް އުޅުނީ....ބަލަ އެއީ މަގޭ ބޯއީފްރެންޑް.... އޭނައާ ގާތްވިޔަސް ނިމުނީ.... އެރޭކުރިވަރަށްވުރެ ބޮޑުވަރުކޮށްލާނަން...." ޝީބާ ހަރުކަށިކަމާއެކު އިންޒާރުދިނެވެ. ނަވީން އެއީ އޭނާ ލޯބިވެރިޔާކަމުގައި ބުނެ މުޅި ސުކޫލުގައި އަޑުއެރުވިއެވެ. އެހެންކަމުން މިޝާއަށް ލިބޭމަލާމާތްތައް ކުރިޔަށްވުރެވެސް އިތުރުވިއެވެ. ނަވީންގެ ފަހަތުން މިޝާދުވާކަމަށް ބުނެ ހަޑިހުތުރު ބަސްތައްވެސް ޝީބާގެ ރައްޓެހިން އޭނާއަށް ރައްދުކުރަމުން ދިޔައެވެ. ނަވީންގެ ކަންފަތާއި ހަމައަށްވެސް އެޚަބަރުދާކަށް ގިނައިރެއް ނުވިއެވެ. މިޝާއާމެދު އޭނާގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. ނަމަވެސް ޝީބާގެ ދުލުން ނަވީންއަކީ އޭނާގެ ލޯބިވެރިޔާކަމަށް ބުނި ވާހަކަ މަލާކްގެ ފަރާތުން އަޑުއިވުމުން އޭނާގެ ތުންފަތުގައި ދުވެލީ މާނަފުން ހިނިތުންވުމެކެވެ. ޝީބާ އޭނަދެކެ ލޯބިވާހެން ކުރިންވެސް އޭނާއަށް ހީވިއެވެ. އަދި މިހާރު އެކަން ޔަޤީންވެސް ވެއްޖެއެވެ. އެރޭގެ ހާދިސާއަށްފަހު އޭނާހުރީ އެގެއަށް ނުދާން ގަސްތުކޮށްގެންނެވެ. ނަމަވެސް ޝިފާން ގުޅާފައި އަންނަން ބުނުމުން އެންމެފަހުން އޭނާދާން ގަސްތުކުރިއެވެ.

" ކޮބާ ކިހިނެއްތަ؟...." ނަވީން ފެނުމުން ޝިފާން އާދައިގެގޮތަކަށް އަހާލިއެވެ. ޝިފާންގެ ގާތުގައި ރަޔާންވެސް އިނެވެ.
" އަހަރެންނަށް ގޮތެއްވީ ކޮންއިރަކުތަ؟...އަހަރެން މިހުރީ ހަމަރަނގަޅަކަށްނު.." ނަވީން ރުންކުރު ގޮތަކަށް ބުނެލިއެވެ. 
" އޯހ...ކަމޯން...އަދިވެސް ރުޅިއައިސްފަތަ ތިހުރީ...ކަލޭމެން ދެމީހުން ސުލްހަކުރުވަން މިގެނައީވެސް....." ޝިފާން ސީރިއަސްވެލާފައި ބުންޏެވެ. ރަޔާން އިނީ އަދިވެސް ރުޅިއައިސްފައެވެ. ނަމަވެސް ޝިފާން އެކިއެކި ވާހަކަ ދައްކައިގެން އެންމެފަހުން ދެމީހުން ސުލްހަކުރުވިއެވެ.
" އެކަމު ނަވީން ޖެހޭނެ ރައީގެ ކިބައިން މާފަށް އެދެން.....ހަޤީޤަތުގަ ނަވީންކުރީ ވަރަށް ފިނޑިކަމެއް...ދެވަނަ ފަހަރަށް ހިތަށްވެސް ނާރުވާތި އެފަދަކަމެއް ކުރަން... އެއްފަހަރަށް ކަމަށް މިދެން ދޫކޮށްލީ.... ބަޓް ނެކްސްޓައިމް އައިލް ނޮޓް ލީވް ޔޫ" ރަޔާން ދިނީ އިންޒާރެކެވެ. ނަވީން ރައިނާގެ ކިބައިން މާފަށް އެދުނެވެ. ރައިނާ ހުރީ ނަވީންއާ ވާހަކަ ނުދައްކަން ނިންމައިގެންނެވެ. ނަމަވެސް ޝީބާ އާދޭސްކުރާވަރުން އެންމެފަހުން ގޮތް ދޫކޮށްފައި ނަވީންއަށް މާފްކުރިއެވެ.

އޭލެވެލް އެގްޒާމް ފެށެން ކުޑަތަންވުމުން ޝިފާންއާއި އޭނާގެ އެކުވެރިންވެސް ކިޔެވުމުގައި އަވަދިނެތި އުޅެންފެށިއެވެ. މިޝާ އެކަނިމާއެކަނި ކޮޓަރީގައި އިނދެގެން ފިލާވަޅު ކިޔާއިރު ޝީބާ އޭނާގެ ކޮޓަރީގައި ރަހުމަތްތެރީންނާއެކު ގުރޫޕް ސްޓަޑީ ހަދަމުންދެއެވެ. އާސިމްއަށް އޭނާގެ ދަރިން ހިތްވަރާއިއެކު ކިޔަވަމުންދާ މަންޒަރު ފެނުމުން އުފަލުން ހިނިތުންވެވެއެވެ. ޝީބާ ވަރަށް ގަޔާވެގެން ފިލާވަޅުކިޔަން އިންދައި އޭނާގެ ފޯނަށް މެސެޖެއް އައެވެ. އެއީ ނަވީންގެ މެސެޖެކެވެ. އޭނާއާ ބައްދަލުކުރަން ބޭނުންކަމުގައި ލިޔެފައި އޮތެވެ.

" އައްދޭ! މާވަރަކަށް ހެވިފަ ތިއިނީ ކިހިނެއްވީ އަނެއްކާ؟...." ރައިނާއަށް ޝީބާގެ ތުންފަތަށްވެރިވި ހިނިތުންވުން ފެނިގެން އަހާލިއެވެ. ޝީބާ ފޮނިވެލާފައި މެސެޖް ދައްކާލިއެވެ.
" ސީރިއަސްލީ؟.... ޑޭޓަކަށްދާން ދޯ އެބުނީ ..މަވެސް ހިތަށްއަރާ ބީއެފްއެއް ހުންނާނެ ނަމައޭ..." ރައިނާ ދެރަވާ ވައްތަރު މޫނަށް ޖައްސާލަމުން ބުނެލިއެވެ. 
" ދެން ސެޓްކުރަންވީނު ތިހެން ނުހުރެ.....ރައީއަށް ތިއުޅެނީ ފިނޑިކަމުން ދޮންބެ ކުރިމައްޗަށް ދާންވެސް ނުކެރިގެން ވިއްޔަ" ޝީބާ ރައިނާއާ ދިމާކޮށްލިއެވެ. ރައިނާ ޝިފާންއަށް ހިތްކިޔައިގެން އުޅޭތާ ކިތަންމެ ދުވަހެކެވެ. ނަމަވެސް ޝިފާންއަކީ އެއްވެސް އަންހެން ކުއްޖަކަށް މާ ޚާއްސަ ސަމާލުކަމެއްދޭ ޒުވާނެއް ނޫނެވެ.
" ކީއްވެ އެއްޗެއް ނުބުނީ؟...." ރައިނާ ޖަވާބެއް ނުދިނުމުން ޝީބާ އަހާލިއެވެ.
" އަހަރެން ކީކޭތަ ބުނާނީ.....އަހަރެންނަކީ އަންހެން ކުއްޖެއް.....އަމިއްލައަށް ގޮސް ކިހިނެއްތަ ބުނަން ކެރޭނީ ލޯބިވެޔޭ....ދެން އެމިސްޓަރ ޕާރފެކްއަށްވެސް އެނގެން ވެއްޖެއެއްނު މަލޯބިވާކަން..." ރައިނާ ތުންއޫކޮށްލިއެވެ.
" މަބުނަންތަ ދޮންބެގާތު؟..." ޝީބާ އަހާލިއެވެ.
"ނޫން...ނޫން..ބުނާނެކަމެއްނެތް.... ކިޔަވާ ނިމެންދެން އަހަރެންނަށް ކެތްކުރެވިދާނެ....." ރައިނާ ބުނިގޮތުން ޝީބާގެ ގާތަށް ވަރަށް ހިނިއައެވެ.

ރޭގަނޑުގެ ނުވައެއް ޖެހިއިރު ޝީބާ ހުރީ ފެންވަރައި ތައްޔާރުވެގެން ނަވީންގެ އިންތިޒާރުގައެވެ. ނަވީންވެސް ވީއެންމެ ފުރިހަމައަށް ނަލަހެދިގެން އައެވެ. ދެމީހުން އެކުގައި ގެއިން ނުކުތްއިރު އެކަކުވެސް އަނެކަކާ ވާހަކައެއް ނުދައްކައެވެ. ޝީބާލަދުން ހުރިއިރު ނަވީންވެސް ހުރީ ޖެހިލުންވެފައެވެ. ދެމީހުން މަޑުމަޑުން ހިނގާފައިގޮސް ވަނީ ގެޔާއި މާދުރުނޫން ރެސްޓޯރެންޓަކަށެވެ. ކެއުމަކަށް އޯޑަރ ކުރުމަށްފަހު ނަވީން ހަމަޖެހިލިއެވެ.

" ކިހިނެއްތަ؟" ޖެހިލުންވެ އިނދެ ނަވީން ބީރައްޓެއްސަކު ގާތު އަހާލާ ފަދައިން އަހާލިއެވެ.
" ރަނގަޅު..." ޝީބާވެސް ކުރުގޮތަކަށް ޖަވާބުދިނެވެ.
" ޝިބް! އަހަރެން ވަރަށްބޮޑު ވާހަކައެއްބުނަން އަސްލު މިގެނައީ..." އިރުކޮޅަކު ވިސްނަން އިނދެފައި ނަވީން ބުންޏެވެ. ޝީބާ ނަވީންގެ މޫނަށް ބަލާލިއެވެ.
" އައި...އައި ލަވް ޔޫ...އަހަރެން އަސްލުވެސް ޝިބްދެކެ ވަރަށް ލޯބިވޭ.... ކުރިންރޭ ރައީ އަހަރެންނާ މިޝާއާ އަޅުވާކީމަ އަހަރެން އެހާ ރުޅިއައީ އެހެންވެ.... އަހަރެން ހިތަށް އެރީ ރައީގެ ސަބަބުން ޝިބްވެސް އެގޮތަށް ވިސްނާނެކަމަށް... ޝިބް ނޫން ދެވަނަ އަންހެން ކުއްޖަކާމެދު އެފަދަ ނަޒަރަކުން އަހަރެން ނުދެކެން..... އަދި އަމުދުން މިޝާއާމެދު އެފަދަގޮތަކަށް ހިތަށްވެސް ނާރާ.... އެރޭ އަހަރެން އެގޮތަށް ކަންތައްކުރީ ހަމައެކަނި އިންސާނިއްޔަތު ކަމަށްޓަކާ.." ނަވީން ތެދުވެރިކަމާއެކު އޭނާގެ ހިތުގެ ހާލަތު ޝީބާގެ ކުރިމަތީ ހާމަކުރިއެވެ. ނަވީން ލޯބިވާކަން އެނގުމުން ޝީބާ އިންތިހާއަށް އުފާވެފައެވެ. މިހުރިހާ ދުވަހު އޭނާ ހީކޮށްގެން ހުރީ ނަވީން ލޯބިވަނީ މިޝާދެކެ ކަމުގައެވެ. ނަމަވެސް ނަވީންގެ ދުލުން ޝީބާދެކެ ލޯބިވާކަމަށް އިޢުތިރާފުވުމުން އިތުރު ހެއްކަކަށް އޭނާއަކަށް ބޭނުމެއް ނުވިއެވެ. ދެމީހުންގެ މެދުގައި ލޯބީގެ ބިންގަލެއް އެޅުނުއިރު ނަވީންގެ ހިތުގައި އެހެން ކަމަކަށްވެސް އަޒުމް ކަނޑައެޅިގެން ދިޔައެވެ. ޝީބާގެ ކިބައިގާ ހުންނަ ފޮނިބޮޑާ ގޮތްގަނޑު ކަނޑުވާލުމުގެ އަޒުމެވެ. އެސިފަ ނެތްނަމަ ޝީބާވާނީ ވަރަށްވެސް ފުރިހަމަ ކުއްޖަކަށެވެ.

މިޝާއަށް ޝީބާގެ ފަރާތުން ލިބުނު ގޯނާއަށްފަހު އޭނާ ގިނަވަގުތު އިންނަނީ ކޮޓަރީގައި ބަންދުވެގެންނެވެ. އެއިން މީހެއްގެ ސޫރަދެކޭކަށްވެސް އޭނާ ބޭނުމެއްނޫނެވެ. އޭނާއަށް ހެޔޮއެދޭ އެކަކުވެސް އެގެއަކު ނޫޅެއެވެ. މަންމައަށްވެސް އޭނާގެ ހާލަތު އިހުސާސެއް ނުކުރެވެއެވެ. އެއަށްވުރެ ބޮޑަށް މަންމަ ހުންނަނީ ދޮންބައްފަގެ ބާރުގައި ގައިދުވެފައެވެ. މިޝާ ފަތިހު ތެދުވެ ސައިހެދުމަށްފަހު އެހެން މީހުން ހޭލުމުގެކުރިން ފެންވަރައި ޔުނީފޯރމްލައިގެން ގެއިން ނުކުމެއެވެ. ސުކޫލަށްދާ ގަޑިޖެހެންދެން އޭނާއިންނަނީ އޭނާގެ އެކުވެރިއެއްކަމަށްވާ އަފާގެ ގޭގައެވެ. އަފާ ފިޔަވައި އޭނާއަށް އިތުބާރު ކުރެވޭ ރަހުމަތްތެރި އަކުވެސް ނުހުރެއެވެ. ގޭތެރޭގައި އުޅޭއިރުވެސް އޭނާއުޅެނީ އެއްވެސް މީހަކަށް ނުފެނި ސިއްރުސިއްރުންނެވެ. ކުރަންޖެހޭކަމެއް އަވަސް އަވަހަށް ކޮށްލާފައި ގޮސް ކޮޓަރިއަށް ވަންނަނީއެވެ. ހަފްތާއެއްވީއިރުވެސް މިޝާ ނުފެނުމުން ޝިފާންގެ ހިތުގައި ސުވާލު އުފެދުނެވެ. ސުކޫލަށްދާތީ އެއްވެސް ނުފެނެއެވެ. ބަދިގެއަކުން ނުވަތަ ގޭތެރެއަކުންވެސް މިޝާއެއް ނުފެނެއެވެ. އަނެއްކާ މިޝާއަށް ކަމެއްވީބާއެވެ. ބަލިވީބާއެވެ. ނޫނީ މިޝާ ގޭގައި ނޫޅެނީބާއެވެ. އެރޭކަންތައް ދިމާވިގޮތުން ލަދުން ގެދޫކޮށް ދިޔައީކީ ނޫންބާއެވެ. 

" އަހަރެންނަށް ކީއްވެ މިޝާއާ މެދު މިވިސްނެނީ.... އަހަރެންނަށް ކީއް އޭނަ ނެތިއްޔާ..." ޝިފާން ހިތާހިތުން ބުންޏެވެ.
ނަމަވެސް ޝިފާންއަށް މިޝާ އެރޭ ފެނުނުފަހުން މިޝާގެ ސޫރަ ހިތުން ފިލައިގެން ނުދެއެވެ. އެންމެންގެ މެދުގައި ރޮއެރޮއެހުރި މިޝާ މިހާރުވެސް އޭނަގެ ލޮލަށް ސިފަވަމުން ދިޔައެވެ. އެއީ ކިހާ ހިތްދަތި މަންޒަރެއް ހެއްޔެވެ؟ މީގެކުރިން މިޝާ އެންމެގިނައިން ރޮއްވާމީހަކީވެސް އޭނައެވެ. އެއިން އެއްވެސް ފަހަރަކު އޭނަގެ ހިތަކަށް އަސަރެއްވެސް ނުކުރެއެވެ. ނަމަވެސް ރޭގައި މިޝާ ރުއި މަންޒަރު ފެނުމުން އޭނާގެ ހިތަށް އަސަރުކުރިއެވެ. ނަވީން އޭނާއަށްވުރެ ކުރީން މިޝާއަށް އެހީވާން ނުދިޔަނަމަ އޭނާއަށް ދެވުނީސްކަން ގައިމެވެ.

ޝިފާން މަޑުމަޑުން ގޮސް ޓެރެހަށް އެރިއެވެ. ރެއަކީ ހަނދުވަރު ރީތި ރެއެއްކަމުން ޓެރެސްމަތިވަނީ އަލިވެފައެވެ. ޝިފާން މިޝާގެ ކޮޓަރި ކައިރިއަށް ގޮސް ހުއްޓުނެވެ. ދޮރުގައި ޓަކިޖަހާލަން ކިތަންމެ ފަހަރަކު ހިތަށްއެރިއެވެ. ތަޅުގައި ހިފާލިއިރު ދޮރުހުރީ ތަޅުނުލައެވެ. މިޝާއަކީ ދުވަހަކުވެސް ދޮރުތަޅުނުލާ ނިދާ ކުއްޖެއްނޫނެވެ. ޝިފާން ހައިރާންވެހުރެ މަޑުމަޑުން ދޮރުހުޅުވާލިއެވެ. ކަނުއަދިރިކަމުން ތަނެއްދޮރެއް ވަކިވާވަރެއްވެސް ނޫނެވެ. ޝިފާން މަޑުމަޑުން ފާރުގައި އަތްކާއްތަމުން ދަނިކޮށް ސްވިޗްބޯޑްގައި އަތްޖެހިއްޖެއެވެ. ސްވިޗް ދިއްލާލުމާއެކު ޝިފާން ސިއްސައިގެން ދިޔައީ ދާދިގާތުގައި އޮތް ގޮދަޑިއެއްގައި މިޝާ އޮއްވައި ފެނުމުންނެވެ. ޝިފާން ކޮޓަރިތެރެއަށް ނަޒަރުހިންގާލިއެވެ. އެކޮޓަރީގައި ކުޑަމޭޒަކާއި ގޮނޑިއެއްގެ އިތުރުން ކުޑަވަރެއްގެ ލަކުޑި އަލަމާރިއެއް ހުއްޓެވެ. އެއީ މާމަގެ ކޮޓަރީގެ ފަރުނީޗަރުތައް އާކުރިއިރު އެކޮޓަރިން ނެރުނު އެއްޗެއްކަން ޝިފާން ހަނދާންވިއެވެ.

ގިނަދުވަސްވެގެން ފާރުގެ ކުލަތައްވެސްވަނީ ފައިބާފައެވެ. ނަމަވެސް ކޮޓަރިތެރެ ވަރަށްވެސް ސާފުވެފައި ތަރުތީބެވެ. މޭޒުމަތީގައި މިޝާގެ ފޮތްތަކާއި ދަބަސް ހުއްޓެވެ. އެއްފަރާތު ބިތުގައި ހަރުކޮށްފައިހުރި ހެދުންއަޅުވާ ބުޅިތަކުގައި މިޝާގެ ބައެއް ހެދުންތައް ހުއްޓެވެ. އެނދެއްނެތި ހުސްގޮދަޑިއެއްގައި ނިދާފައި އޮތް މިޝާއާމެދު ފުރަތަމަ ފަހަރަށް ޝިފާންއަށް ވިސްނާލެވުނެވެ. ޝިފާން މަޑުމަޑުން މިޝާގެ ގާތުގައި އިށީނދެ އެމައުސޫމު މޫނަށް ނަޒަރު ހުއްޓާލިއެވެ. ދެލޯމެރިފައި އޮތްނަމަވެސް އެމޫނުގައިވާ ހިތާމައާއި މާޔޫސްކަން ފާޅުވާން ހުއްޓެވެ. ތެމިފައިވާ އެސްފިޔަތަކުން ދޭހަކޮށްދެނީ އޭނާއަށް ނިދުނީވެސް ރޮއެރޮއެ އޮއްވައިކަމެވެ. މިޝާގެ މޭމަތީގައި އޮތްފޮތަށް ޝިފާންގެ ނަޒަރު ހުއްޓުނީ ކުއްލިއަކަށެވެ. އެއީ އާދައިގެ މޮނީޓަރ ފޮތެކެވެ. ބަލާބެލުމަށް އެއީ ވަރަށް ދުވަސްވީ ފޮތެއްކަން އެނގެއެވެ. ޝިފާންގެ ހިތުގައި އެފޮތްބަލާލުމުގެ ޝައުޤުވެރިކަން އުފެދުނެވެ.ފޮތްނަގަން ދިމާކޮށްލި ވަގުތު ފުރޮޅިލާފައި މިޝާ ދެލޯހުޅުވާލިއެވެ.

ކޮމެންޓް 0