ޓެރެސްމަތި ކުނިކަހާ ސާފުކޮށްލުމަށްފަހު މިޝާ ގަސްތަކަށް ފެންދޭންފެށިއެވެ. ވަރަށް ގަޔާވެގެން އޭނާ އެކަމުގައި މަސްއޫލުވެގެން ހުއްޓައި، ކުއްލިއަކަށް ފުރަގަހުން އައިމީހަކު އޭނާގެމެދުހަށީގައި ދެއަތުންހިފައި ބިމުންމައްޗަށް އުފުލާލިއެވެ. މިޝާއަށް ލިބުނުސިހުމުން ބާރަށް ހަޅޭއްލަވައިގެންފައި އަތުގައިއޮތް ފެންހޮޅިވެސް މާދުރައް އެއްލާލެވުނެވެ

" ކާމްޑައުން ރެޕަންޒަލް!....މީމަށޭ...." ޝިފާން މިޝާ ބަހައްޓަމުން ބުނެލިއެވެ. މިޝާ ހައިރާންވެފައި ފަހަތަށް އެނބުރި ބަލާލިއިރު، ތަންކޮޅެއް ދުރުގައި ނަވީންވެސް ހިނިއައިސްފައި ހުއްޓެވެ. މިޝާ ވަގުތުން ރަކިވިއެވެ. 
" މިދެން ހާދަ ބިރުގަންނަ ޕްރިންސެސް އެކޭ....ތިވަރުން ކިހިނެއްކަމެއްވާނީ" ޝިފާން ހީލަމުން ނަވީންއަށް ބަލާލާފައި ބުންޏެވެ. 
" އަހަރެން ހީކުރީ އެހެންމީހެއްކަމަށް.....ނޭނގޭނެއްނު ކުއްލިއަކަށް އަންނާނެކަމެއް....އެހެންމީހުން ކޮބާތަ؟..." މިޝާ ނޭވާ ހަމައަކަށް އަޅުވާލަމުން ހަމަޖެހޭގޮތް ދައްކަމުން އަހާލިއެވެ. ޝިފާން ފެނުމުން އުފާވިނަމަވެސް އޭނާހުރީ ލަދުގެންފައެވެ. 
" އޯހ...އެހެންމީހުންދޯ....އަންނާނެ އިރުކޮޅަކުން....ނަވީންއަށް ގުޅައިގެން އެމީހުނަށްވުރެކުރިން އަހަރެން މިއައީ ރެޕަންޒަލް ދެކިލާހިތުން....ސަޕްރައިޒެއް ދިނީމަވެސް އުފަލެއްނުވޭ....ބިރުން ހަޅޭއްތިލަވަނީ" ޝިފާން ބުނެލި ޖުމްލައިން މިޝާއަށް ހެވުނެވެ.އޭނާ އުފާވިކަން ޝިފާންއަށް އަންގަންވެސް ބޭނުމެވެ. ނަމަވެސް ނަވީން ހުރުމުން އެއްވެސް އެއްޗެއް ބުނާކަށްވެސް ނުކެރުނެވެ.

" ދެންވެސް ހުންނަނީތަ؟....ދީބަލަ ހަގެއް..." މިޝާއާ ގާތްވެލަމުން ޝިފާން ބުނެލިއެވެ. މިޝާ އަވަސް އަވަހަށް ޝިފާން ދުރައްޖެހިލަމުން ނަވީންއަށް ބަލާލިއެވެ. 
" ނަވީންދެކެ ބިރުންތަ ތިހުރީ....އޭނާއަށް ހުރިހާކަމެއް އެނގޭ...ހީ އިޒް މައި ބެސްޓް ފްރެންޑް....ކަމެއްވެދޯ އެހެންކިޔަނީ؟.." ޝިފާން އޮޅުންފިލުވައިދިނެވެ. ނަވީންއަށް މިޝާލަދުން އުޅެނީ ކީއްވެގެންކަން އެނގުމުން ހެވުނެވެ. 
" ބްރޯ....މާގިނައިން މިގަޑީގަ ރޮމޭންސް ކުރަން ނުހަދާތި!....އެންމެ ދެމިނެޓް ލިބޭނީ....އިނގޭ!.." ނަވީން ސިޑިން ފައިބަމުން ގޮވާލިއެވެ. " އޯކޭ" ޝިފާން ނަވީންއަށް ޖަވާބުދެމުން މިޝާގެނެސް އޭނާގެ މެޔާލައި ބޮނޑިކޮށްލިއެވެ. " އައި މިސްޑް ޔޫ ސޯ މަޗް" މިޝާގެ ނިތްކުރީގައި ބޮސްދެމުން ޝިފާން ބުންޏެވެ. " އައި މިސްޑް ޔޫ ޓޫ" މިޝާވެސް މަޑުމަޑުން ބުނެލިއެވެ. ދެމީހުން އެގޮތުގައި އިރުކޮޅަކު ތިބުމަށްފަހު ދުރައްޖެހިލީ މީހެއްގެ ހިލަން ވެގެންނެވެ. " އަދި އެންމެ މިނެޓެއްވީ...މިހާރު ތިއައީ؟..." ނަވީން ފެނުމާއެކު ޝިފާން ޝަކުވާކޮށްލިއެވެ. 

" ޑޭޑްމެން އަންނައިރު ތިކަހަލަ ރޮމޭންޓިކް މަންޒަރެއް ފެނުނީމަ ދެންވާނެގޮތް މާރީއްޗެއް ނުވާނެދޯ...." ނަވީން އިންޒާރެއް ދިނުމުން ޝިފާން މިޝާގެ ގައިން ދޫކޮށްލާފައި ތިރިޔަށްދާން ހިނގައިގަތެވެ. މިޝާވެސް މަޑުމަޑުން އެމީހުންގެ ފަހަތުން ފޭބިއެވެ. ޝިފާން އޭނާގެ ދަބަސްތައް ކޮޓަރިއަށް ވައްދާފައި ނުކުމެ ސިޓިންރޫމުގައި ހަމަޖެހިލިތަނުން ގެކައިރިއަށް ކާރެއް މަޑުކޮށްލިއަޑު އިވުނެވެ. ޝިފާންއާއި ނަވީން ނުކުތްއިރު އާސިމްމެން އައީއެވެ. ކާރުން ފޭބި ޝީބާއަށް ނަވީން ފެނުމާއެކު އުފާވެރި ހިނިތުންވުމެއް ތުންފަތަށް ވެރިވެގެން ދިޔައެވެ. ނަވީންވެސް ހިނިތުންވެލިއެވެ. އެންމެން ކާރުން ފޭބިއިރުވެސް ކާފަނުފޭބުމުން މިޝާގެ ހިތުގައި ސުވާލު އުފެދުނެވެ. ހިތުގައި ހިނގާލި ޚިޔާލުން މިޝާގެ މޫނުގައިވި އުފާވެރިކަންވެސް ވަގުތުން ގެއްލުނެވެ. އެންމެން ގޭތެރެއަށްވަދެ ސާމާނުތައް ރަމަތަކުރަން ފެށުމުން މިޝާބަދިގެޔަށް ގޮސް ޖޫސްތައްޔާރުކުރަން އަވަސްވެގަތެވެ. ތަބަކަކަށް ޖޫސްތަށިތައްލައިގެން އައިސް ފަހަރަކުމީހަކަށް ޖޫސްދެމުން ދިޔައިރުވެސް އޭނާގެ ހިތުގައި ހިނގަމުންދަނީ ކާފަގެ ޚިޔާލެވެ. އެންމެފަހުން ކެތްނުވެގެން މަންމަގެ ގާތަށް ޖެހިލާފައި ސިއްރު ސިއްރުން ކާފަގެ ވާހަކަ އަހާލިއެވެ. އޭނާއަށް ލިބުނު ޚަބަރުން މުޅިމީހާ ހިނދުކޮޅަކަށް ގަނޑުވިއެވެ. ވަގުތުން ދެލޯފުރިގެން ކަރުނައައެވެ. އެންމެންގެ ކުރިމަތީ ނުރޯން ހިތްވަރުކުރި ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ. މަންމަގެ ގައިގާ އޮޅުލައިގެންފައި ގިސްލާފައި ރޮވިއްޖެއެވެ. ކުއްލިއަކަށް މިޝާއަށް ވީގޮތުން އާސިމްވެސް ހައިރާންވެފައި މީޒާއަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. މިޝާ ހަމައަކަށް އެޅުވޭތޯ މީޒާ މަސައްކަތްކުރިއެވެ. އެންމެފަހުން ވަރަށް ހިތްވަރުކޮށްފައި އޭނާ ރުއިން ހުއްޓާލިއެވެ. ކާކޮޓަރިއަށްވަދެ ސިންކުދޮށަށް ގޮސް މޫނުދޮވެލިއެވެ. މިޝާރުއި ސަބަބު އާސިމްއަށް އެނގުމުން އޭނާ ވަރަށް ހައިރާންވިއެވެ. އޭނާގެ ބައްޕަ މަރުވެގެން މިޝާ އެހާބޮޑަށް ދެރަވެދާނެކަމަކަށް އޭނާހިއެއް ނުކުރެއެވެ. އުފަން ކާފަދަރިންވެސް އެހާވަރަށް ދެރަވެގެން އުޅޭތީއެއް ނުފެނެއެވެ. 

ފަޅުކަމާއި ހަމަހިމޭންކަމުގެ ދުވަސްކޮޅަކަށްފަހު އަނެއްކާވެސް ސިޓީހައުސްއަށް ހަލަބޮލިކަން ވެރިވެއްޖެއެވެ. ޝިފާންއާއި ޝީބާގެ ރަހުމަތްތެރީންވެސް ކުރިއެކޭ އެއްގޮތަށް އެގެއަށް ޒިޔާރާތްކުރަން ފެށިއެވެ. ނަމަވެސް ނަދާ އެއްވެސް ވަރަކަށް ނާދެއެވެ. ނާއިޒްވެސް އައިސް އުޅެނީ ވަރަށް މަދުންނެވެ. އެކަމާ މާބޮޑަށް ވިސްނާބަޔަކުވެސް އުޅޭހެނެއް ހިއެއްނުވެއެވެ. ނަމަވެސް މިޝާހުރީ ނަދާއާމެދު ކަންބޮޑުވެފައެވެ.

" ނަދާގެ ޚަބަރެއް އެނގޭތަ؟..." އެއްދުވަހަކު ނަވީންގެ ގާތުގައި މިޝާ އަހާލިއެވެ. 
" ނަދާ ލަންކާއަށް ބަދަލުވީ އޭނާގެ ދޮންތަމެންނާއެކު.....ދެން އެވީގޮތް މާރަނގަޅެއްނު އެނާއިޒްގެ ކިބައިން އެއްކޮށް ސަލާމަތްވީނު" ނަވީން އޮޅުން ފިލުވައިދިނެވެ. އެޚަބަރު ލިބުމުން މިޝާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. 

ކާފަ މަރުވުމާއި ގުޅިގެން އާއަހަރުގެ އުފާފާޅު ކުރާކަށް ޝިފާން ބޭނުމެއްނުވިއެވެ. އެހެންކަމުން އާއަހަރުގައި ވަކި ޚާއްސަ ކަމެއް ނުކުރެއެވެ. އެންމެންވެސް އެއްތަންވެ، އާދައިގެ ގޮތަކަށް އެރޭނިންމާލިއެވެ. ހުރިހާކުދިންވެސް މިހާރު ތައްޔާރުވަމުން ދަނީ ކުރިޔަށް އޮތް އަހަރުގެ ކިޔެވުމަށެވެ. ރަޔާންއާއި ރައިނާ ވަނީ އޮސްޓްރޭލިއާއަށް ދާން ހަމަޖެހިފައެވެ. ނަވީންދަނީ ރަޝިޔާއަށް ޑަކްޓަރކަން ކިޔަވާށެވެ. ޝިފާންވެސް އިތުރަށް ކިޔެވުމަށް މެލޭޝިޔާއަށް ދާން ހަމަޖެހުނެވެ. އެންމެން މާލެދޫކޮށް ދާން ނިންމުމުން ޝީބާވެސް އޭލެވެލްއަށް ކިޔަވަން ބޭނުންވީ މެލޭޝިޔާއިންނެވެ. އެހެންކަމުން އާސިމްގާތު އޭނާވެސް ޝިފާންއާއެކު މެލޭޝިޔާއަށް ފޮނުވަން އެދުނެވެ. އާސިމްވެސް ދެކޮޅުހެދުމެއްނެތި އެގޮތަށް އެއްބަސްވިއެވެ. ނަތީޖާވެސް ނުލިބެނީސް ޝިފާންއާއި ޝީބާ މެލޭޝިޔާއަށް ދާން އާސިމް ހަމަޖެއްސީ އެކުދިން އެމާހައުލަށް ހޭނުވުމުގެ ބޭނުމުގައެވެ. އެހާއަވަހަށް ދާންޖެހުމުން ޝިފާންހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. ނަމަވެސް ބައްޕަގެ ނިންމުމާއި ދެކޮޅު ހަދަން ނުކެރިގެން އޭނާ އެކަމާ އެއްބަސްވިއެވެ. 

ރޭގަނޑުގެ ވަގުތެވެ. މިޝާއޮތީ އޭނާގެ އެނދުގައި އޮށޯވެގެން ފޯނަށް ނަޒަރު ހުއްޓާލައިގެންނެވެ. އޭގައިވާ ޝިފާންގެ ފޮޓޯއަށް ބަލަންއޮތްއިރު އޭނާގެ ދެލޯވަނީ ފެންކަޅިވެފައެވެ. ޝިފާން އެހާދުރަށްދާތީ އޭނާދެރަވެއެވެ. ޝިފާންމެންނާއެކު އޭނާއަށްވެސް ކިޔަވަންދާނެ ފުރުސަތު ލިބޭނޭނަމައޭ ހިތަށްއަރައެވެ. ކުއްލިއަކަށް މިޝާ ސިހުނީ ދޮރުހުޅުވުނު އަޑަށެވެ. ޝިފާން ކޮޓަރިއަށް ވަތްމަންޒަރު ފެނުމުން މިޝާ އަވަސް އަވަހަށް ލޯފުހެލިއެވެ. " ވަރަށް ލަސްވެއްޖެދޯ....ޑޭޑް ޓީވީބަލަން އިނީމަ މިކޮޅަށް އަންނަން ނުކެރުނީއޭ....ހަމަދެންމެ އެވަނީ ނިދަން.." ޝިފާން ލަސްވި ސަބަބު އޮޅުން ފިލުވައިދިނެވެ. މިޝާ ޖަވާބެއްނުދީ ހަމައެކަނި ހިނިތުންވެލިއެވެ. ޝިފާންއަށް މިޝާގެ ދެލޯފެނުމުން އޭނާ ރޮއެފައިވާކަން އެނގުނެވެ.

" އައްދޭ! މިހާރު ރޮނީތަ؟...އަދިނުވެއެއްނު ރޯކަށް.." މިޝާގެ ގާތުގައި އިށީނދެ އަތުގައި ހިފާލަމުން ލޯތްބާއެކު ޝިފާންބުނެލިއެވެ.
" އަހަރެން ވަރަށްދެރަވޭ އެންމެންވެސް ކިޔަވަންދާތީ....ހިތަށްއަރާ އަހަރެންނަށް އިތުރަށް ކިޔެވޭނެ ނަމައޭ.." މިޝާ ދެރަވެލާފައި ބުންޏެވެ. ޝިފާންވެސް އެއަޑު އަހާފައި ދެރަވިއެވެ. "އަދި އަހަރެން ހީކުރީ އަހަރެންދާތީކަމަށް ތިރޮނީ...އެހެނެއްނޫންދޯމިވީކީ....އަހަރެންދާތީ އެއްވެސް ދެރައެއްނުވޭދޯ.." މިޝާ ދެރަވެފައި އިނުމުން ޝިފާން ސަމާސާކޮށްލިއެވެ. " ނޫން ދެރަވޭ...އެތަނަށް ގޮސް އަހަރެންމަތިން ހަނދާންނެތޭނީ ކަންނޭނގެ.." މިޝާ ޝަކުވާގެ ރާގުގައި ބުނެލިއެވެ. "ހޫމް...މިހާރުންފެށިގެން ޝައްކު ކުރަންފެށީތަ؟....ޝައްކުކުރުމަކީ ވަރަށް ގޯސްކަމެއް..." ޝިފާން މިޝާގެ ނޭފަތުގައި ހިފާލިއެވެ. " ޝައްކެއްނުކުރަން...އެކަމް ދެރަވަނީ..އެހެންވެދާނެތީ" މިޝާ މަޑުމަޑުން ބުނެލިއެވެ. " ހަމައެހާލޯބިވޭތަ؟" ހިނިތުންވެލަމުން ޝިފާން އަހާލިއެވެ. މިޝާ ރަކިވިނަމަވެސް ބޯޖަހާލިއެވެ. " އައި ލަވް ޔޫ ޓޫ.." ޝިފާން މިޝާގެ މޫނުގައި ދެއަތުން ހިފައި މިޝާގެ މަޑުތުންފަތުގައި ބޮސްދެމުން އޭނާގެ ލޯތްބައް ދުލުން އިޤުރާރުވިއެވެ. މިޝާއަށް ލިބުނު އުފަލުން ޝިފާންގެ ގައިގާ ބާރަށް ބައްދާލިއެވެ. އުފަލާއި ހިތާމައެކުވެގެން އެލޮލުން ހޯސްލާފައި ކަރުނަ ފައިބަންފެށިއެވެ. 

ޝިފާންއާއި މިޝާ އެރޭ ހޭދަކުރީ މުސްތަގުބަލާއިމެދު ދެކެމުންދާ ފޮނި އުއްމީދުތައް އެކަކު އަނެކަކަށް ހިއްސާކުރުމުގައެވެ. ކޮންމެފަދަ ހާލެއްގައިވެސް ދެމީހުން އެކަކު އަނެކަކަށްޓަކައި ސާބިތުވެ ތިބުމަށް ވައުދުވަމުންނެވެ. އިތުބާރާއި ޔަޤީންކަން ދެމުންނެވެ. ވޭތުވެދިޔަތަން ހަނދާންނައްތާލައި އުފާވެރި މުސްތަޤުބަލެއްގެ ހުވަފެންދެކެމުންނެވެ. މެލޭޝިއާއަށް ޝިފާން ދިޔަނަމަވެސް ގުޅުން ނުކެނޑޭނެގޮތަކަށް ޝިފާން ކަންތައްކުރިއެވެ. ފޭސްބުކުގައި މިޝާއަށް އެކައުންޓެއް ހަދައިދިނުމަށްފަހު ޝިފާންވެސް އައިޑީއެއް ހެދިއެވިއެވެ. އެދެމީހުން ފިޔަވައި އިތުރު ބަޔަކު އެޑްނުކުރަންވެސް ނިންމިއެވެ. އެއީ ހަމައެކަނި އެމީހުންގެ ލޯބީގެ ގުޅުން ތަރައްޤީކުރުމަށް ހުޅުވާލި ދޮރަކަށްވެގެން ދިޔައެވެ. މިޝާގެ ފޯނުބިލު ދެއްކޭނޭ ގޮތްވެސް ޝިފާން ހަމަޖައްސައިދިނެވެ. އެއީ އެއްވެސް ގޮތަކުން ދެމީހުންގެ ގުޅުން މެދުކެނޑެން ބޭނުންނުވާތީއެވެ.

އޭގެ ތިންދުވަސް ފަހުން ޝިފާންއާއި ޝީބާމެލޭޝިޔާއަށް ދިޔައެވެ. މާގިނަ ދުވަސްތަކެއްނުވެ ރައިނާއާއި ރަޔާން އަދި ނަވީންވެސް ބޭރަށް ފުރައިފިއެވެ. އިތުރަށް ކިޔަވަން ބޭނުން ނުވާތީ ނާއިޒް ވަޒީފާއެއް ހޯދައިގެން ދިޔައީ ރިޒޯޓަކަށެވެ. މަލާކްގެ އާއިލާގެ ފޯރުންތެރިކަން ނެތުމުން ބޭރަށް ނުދެވުނު ނަމަވެސް މާލޭގައި އޭލެވެލްހަދަން އޭނާ ނިންމިއެވެ. ރަޔާންވެސް އެކަމަކަށް ހިތްވަރުދިނެވެ.

ހެނދުނުގެ ވަގުތެވެ. ހެނދުނުގެ ނާސްތާ ތައްޔާރު ކުރުމަށްފަހު މިޝާ ކޮޓަރިއަށް ވަނެވެ. ފޯނުނަގައި އޮންލައިންވެލިއެވެ. މިޝާ ފޯނުހިފައިގެން ޝިފާންއާ ޗެޓްކުރަމުން ދަނިކޮށް ކުއްލިއަކަށް ފޯނެއްއައެވެ. ގުޅަނީ މިޒްނާއެވެ. 
" ހެލޯ...ކީކޭ ދޮންތާ؟." މިޝާ ފޯނުނަގަމުން ބުނެލިއެވެ. " ސުކޫލު ހުޅުވެން އުޅޭތީ ދޮންތަ މިއުޅެނީ ރަށަށްދާން....އޭގެކުރިން މަންމައާ ބައްދަލުކުރަން ބޭނުން.....ކޮންމެވެސް ގޮތެއް ހަދާދީބަލަ!...ތިގެޔަށް ގޮސް ވަންނާކަށް މަށަކަށް ނުކެރޭނެ....މަންމަ ލަންކާއިން އައިކަން އެނގުނުފަހުން މާމަވެސް އާދޭސްކުރަނީ މަންމަ ގެންނާށޭ ކިޔައިގެން....ޕްލީޒް ކޮންމެވެސް ގޮތަކުން ވިލިގިއްޔަށް އާދެބަލަ!" މިޒުނާ އާދޭސްކުރަންފެށިއެވެ. މިޝާވެސް ހުރީ މަންމައާއި މަންމަގެ އާއިލާއާ ބައްދަލުކޮށްދޭން ނުހަނު ބޭނުންވެފައެވެ. އެހެންކަމުން އޭނާ އެކަމަށް އެއްބަސްވިއެވެ. ފޯނުބޭއްވުމަށްފަހު މިޝާ ތިރިއަށްފޭބިއެވެ. މަޑުމަޑުން ގޮސް މަންމަގެ ކޮޓަރިދޮރުގައި ޓަކިޖަހާލިއެވެ. 

" އަނހާ...ދަރިފުޅާ...ކަމަކުތަ؟..." މިޝާ ފެނުމާއެކު މީޒާއަހާލިއެވެ. " ވަދެލިޔަސް އެންމެ ރަނގަޅުތަ؟.." މިޝާ ހުއްދައަށް އެދުނެވެ. އާސިމް ނެތްނަމަވެސް މިޝާ އެކޮޓަރިއަށް ވަންނަން ޖެހިލުންވެއެވެ. " އާދެބަލަ ދޮންތީ...އީޝްކޮއަށް ހެލްޕްވާން..." ކާޕެޓްމަތީގައި ޕަޒްލްއެއް ރާވަންއިން އިޝާ ގޮވާލިއެވެ. މިޝާ މަޑުމަޑުން ގޮސް އިޝާގެ ގާތުގައި އިށީނެވެ. އޭނާ ދައްކަން ބޭނުންވާ ވާހަކަ ފަށާނެގޮތެއް ނޭނގިފައި އިރުކޮޅަކު އިނދެވުނެވެ.
" ދެން ބުނެބަލަ!...ކަމެއްބޭނުންވީތަ؟.." މިޝާ އެއްޗެއް ބުނަން ބޭނުންވެގެން އުޅޭހެން ހީވެގެން މީޒާ އަހާލިއެވެ. " މަންމަ ދުވަހަކުވެސް ވިލިގިއްޔަށް ދިޔައިންތަ؟....އަހަރެން ވަރަށް ވިލިގިއްޔަށް ދާހިތްވޭ...އެކަމް އެކަނިދާކަށް ނުކެރޭނެއްނު....މަންމަ ދާންވީނު މިއަދު ކޮއްކޮ ގޮވައިގެން އަހަރެންނާއެކު..." މިޝާ ވަރަށް ވިސްނަން އިނދެފައި ނުސީދާކޮށް އޭނައައި ބޭނުން ބުނެދިނެވެ. މީޒާ އިރުކޮޅަކު ހިމޭނުން އިނެވެ. އޭނާ އަބަދު ގޭގައި އިނދެއިނދެ އެއްވެސް ތަނަކަށް ދާހިތެއް ނުވެއެވެ. ދާންޖެހޭ ސަބަބެއްވެސް ނެތީތީއެވެ. 

" ކީއްވެގެން ކުއްލިއަކަށް ވިލިގިއްޔަށްދާން ތިއުޅެނީ؟...ދަރިފުޅަށްވެސް އެނގޭނެ މަންމައަކީ ތަންތަނަށް ދާމީހެއްނޫންކަން....ބޭނުމެއްނެތްގޮތުގަ އެއްވެސް ތާކަށް ދާހިތެއް މަންމަނުވޭ....އެހެންނޫނަސް މާމައެކަނި ގޭގަ ބަހައްޓާފަ ކިހިނެއްދާނީވެސް...." މީޒާ ބަހަނާއެއް ދެއްކިއެވެ. " އެކަމް މަންމާ! އަބަދު ތިހެން ގޭގަ އިންނާކަށްވެސް ނުވާނެއްނު....އެންމެ ދުވަހަކު ދިޔަޔަސް ހަމަ ރަނގަޅުވާނެއްނު....އަޅުގަނޑު ދުވަހަކުވެސް މަންމަގާތު ތަނަކަށްދާކަށް ނޭދެމެއްނު...ދެން މިފަހަރު ހިނގާބަލަ!" މިޝާ އާދޭސްކުރަން ފެށިއެވެ. " އެކަމަކުވެސް....ކީއްކުރަންތަ ދަނީދެން...އާސިމްވެސް އެއްބަހެއްނުވާނެ..." އެންމެފަހުން މީޒާ ބުންޏެވެ.
" މަ ކޮންއިރަކު ބުނީ ތަނަކަށް ނުދާށޭ....މަގާތު ނުވެސްއަހާ މިހާރުގޮތް ނިންމާލީއެއްނުތީ..." ކުއްލިއަކަށް ކޮޓަރިދޮރުމަތިން އާސިމްގެ އަޑުއިވިފައި ދެމީހުނަށްވެސް ސިހުންލިބުނެވެ. މިޝާ ގަތްބިރުން އަވަސް އަވަހަށް އިންތަނުން ތެދުވިއެވެ. " ބައްޕީ އަޅުގަނޑުވެސް ބޭނުން ވިލިގިއްޔަށް ދާން....ޕްލީޒް ބައްޕީ...މައްމިއަށް ހުއްދަދީބަލަ ދޮންތީއާ ދެކުދިން ގޮވައިގެންދާން..." އިޝާ ދުވެފައި ގޮސް އާސިމްގެ ގައިގާ އޮޅުލައިގަންނަމުން ކިޔަންފެށިއެވެ. މިޝާހުރީ އާސިމް ރުޅިއަތުވެދާނެތީ ބިރުންނެވެ. 
" ތެދެއް ވިލިގިއްޔަށް ދާންވީތަ؟....ހަމަ ވަރަށް ރަނގަޅު ޚިޔާލެއްތީ...ބޭކާރު ޚިޔާލުތަކުން ދުރުވެ ސިކުނޑިތާޒާކޮށްލަންވެސް ޖެހޭނެ.." ވަރަށް ގާތްކަމާއެކު އާސިމް ވާހަކަ ދެއްކުމުން މިޝާހުރީ ހައިރާންވެފައެވެ. މީޒާއަށްވެސް ލިބުނީ ސިހުމެކެވެ. 
" އެކަމް މަންމަ.." މީޒާ ބުނަން އުޅުނެވެ. " އަހަރެން ގޭގަ މަޑުކުރާނަން....މީޒާދޭ އެކުދިން ގޮވައިގެން" އާސިމް ދާދި ފަސޭހައިން ހުއްދަދިނެވެ. މީޒާއަށް ހުރީ އެކަން ގަބޫލުކުރަން ދަތިވެފައެވެ. މިވޭތިވެދިޔަ އަށް އަހަރުތެރޭގައިވެސް މިނޫނީ އާސިމްއާ ނުލާ ތަނަކަށްދާކަށް މީޒާއަކަށް ހުއްދައެއް ނުދެއެވެ. މިޝާހުރީ އެކަމާ އިންތިހާއަށް އުފާވެފައެވެ. އާސިމް މީޒާގެ އަތަށް ފޯނެއްވެސް ދިނެވެ. އެއީ އޭނާގެ ބައްޕަދުނިޔޭގައި ހުރިއިރު ގެންގުޅު ފޯނެވެ. މިޝާ އުފަލުން ދުވެފައި އޭނާގެ ކޮޓަރިއަށް ގޮސް ދޮންތައަށް ގުޅާފައި އެޚަބަރު ދިނެވެ. މިޒްނާއަށް އުފަލުން ރޮވުނެވެ. 

ދަބަސްތައް ހިފައިގެން މޫދަށް އެރޭދިމާއަށް މިޝާއާއި މީޒާވެސް ދިޔައެވެ. އިޝާ އުފަލުން ވެލިގަނޑުގައި އިށީނދެ ކުޅެންފެށިއެވެ. މީޒާވެސް އެކަން މަނާކުރާކަށް ނުހަދައެވެ. މޫދަށް ނަޒަރު ހުއްޓާލައިގެން އިންއިރު، ޖެހެމުންދިޔަ ފިނިރޯޅިތަކުން އޭނާގެ ހިތަށް ފިނިކަމެއް ލިބިގެން ދިޔައެވެ. ގައިދެއްގައި އިނދެފައި ހިނދުކޮޅަކަށް މިނިވަންވީ ކަމުގެ އިހުސާސެއް އޭނާއަށް ކުރެވުނެވެ. މީޒާ ޚިޔާލަކަށް ގެއްލިފައި އިންދައި މިޝާ މިޒްނާއަށް ގުޅާފައި އެމީހުން ތިބިތަން އޮޅުންފިލުވައި ދިނެވެ. އެވަގުތު މިޒްނާގެ ހިތް އަވަސްވެގެން ދިޔައެވެ. އަހަރުތަކަކަށްފަހު އޭނާގެ ދައްތަފެންނަން އުޅެނީއެވެ. ހަލުވި ފިޔަވަޅުތަކެއްގައި މިޒްނާ އެދިމާއަށް މިސްރާބުޖެހިއެވެ. ގިނައިރުތަކެއްނުވެ އޭނާހުރީ މިޝާމެންނާއި ދާދިގާތުގައެވެ. އޭނާއަށް ފުރަގަސްދީގެން މޫދާދިމާއަށް ބަލަންއިން މީޒާ ފެނުމުން ހިނދުކޮޅަކަށް މިޒްނާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. ނަމަވެސް ހިތްވަރުކޮށްފައި މިޒްނާ ކުރިޔަށްދިޔައެވެ. ތެޅިތެޅިއޮތް ހިތަކާއެކު ގޮސް މީޒާގެ ދާދި ގާތުގައި އޭނާ އިށީނެވެ. މިޝާ ތަންކޮޅެއްދުރުގައި އެމަންޒަރުބަލަން އިނެވެ.

" ދޮންތާ!" މީޒާގެ ކޮނޑުގައި އަތްބާއްވާލަމުން ތުރުތުރު އަޅާއަޑަކުން މިޒްނާ ގޮވާލިއެވެ. މީޒާ ސިހިފައި ބަލައިލިއެވެ. އެވަގުތު މިޒްނާފެނިފައި ހައިރާންވެގެން ބަލަން އިނދެވުނެވެ. ދެންހަމަ ކުއްލިއަކަށް މީޒާ ފުންމައިގެން ތެދުވިއެވެ. މިޒްނާވެސް ސިހިފައި ތެދުވިއެވެ. 
" ދޮންތާ..މީމަށޭ..މިޒްނާ...މިޒޫ..ދޮންތައަށް ހަމަ ނޭނގުނުތަ؟" މިޒްނާއަށް އިތުރަށް ވާހަކައެއް ނުދެއްކުނެވެ. އޭނާގެ ހިތަށް ކުރިއަސަރުން ރޮވުނީއެވެ. މީޒާއަށް ހަރަކާތެއްވެސް ކޮށްލަން ނޭނގި، މިޒްނާ ރޯމަންޒަރުބަލަން ގަނޑުވެފައި ހުރީއެވެ. އެތައްދުވަހަކަށްފަހު ކޮއްކޮފެނުމުން، ރޯކަށްވެސް ނޭނގުނެވެ. އުފަލުން ހޭކަށްވެސް ނޭނގުނެވެ " ދޮންތާ ވާހަކަ ދައްކަބަލަ!..ޕްލީޒް" މިޒްނާ މީޒާގެ ދެކޮނޑުގައި ހިފައި ތަޅުވައިގަތެވެ. މީޒާ ސިހިފައި ވަށައިގެން ހޯދާލިއެވެ. " މިޝާ، އިޝާ ދަރިފުޅުމެން ހިނގާދާން..." ކުއްލިއަކަށް ދަބަސްތައް ނަގައިގެން މީޒާދާން ހިނގަގަތެވެ. ކުރިމަތީގައި ރޮއެރޮއެހުރި މިޒްނާ ފެންނަކަމަށްވެސް ހަދާނުލައި މީޒާ އެތަނުންދާން އަވަސްވެގަތެވެ. އެއީ ކޮއްކޮކަން އެނގުނު ނަމަވެސް އެހަޤީޤަތާއި ކުރިމަތިލާނެހައި ހިތްވަރު އޭނާގެ ނެތީއެވެ. އޭނާގެ ދަރިންގެ ކުރިމަތީގައި މާޒީ ނިއުޅަން ބޭނުންނުވީއެވެ.
" ނޫން ދޮންތާ...މަޑުކޮށްބަލަ!...އަހަރެންނާ ވާހަކަ ނުދެއްކިޔަސް މަންމައާ ބައްދަލުކުރަން ހިނގާބަލަ!....އެފަކީރު ދޮންތަ އަންނާނެކަމުގެ އިންތިޒާރުގަ ރޮއެ ރޮއެ އިންނަތާ ކިހާދުވަހެއް.... މަޔަކަށްވެހުރެ ހެޔޮނުވާނެ އަމިއްލަ މަންމަޔާމެދު ތިގޮތަށް ކަންތައްކުރާކަށް....ދޮންތަގެ ދަރިޔަކު ދޮންތަ ދޫކޮށް މުޅިއުމުރަށް ހިނގައްޖެނަމަ ދެރައެއްނުވާނެތަ؟....އެހާ ހިތްހަރުވާކަށް ނުވާނެ..." މިޒްނާ އައިސް މީޒާގެ އަތުގައި ހިފާ ހުއްޓުވިއެވެ. މިޒްނާގެ ވާހަކަތަކުން މީޒާގެ ހިތަށް ފުން އަސަރުތަކެއް ކުރިއެވެ. މަންމަގެ މަތިން ހަނދާންވެ ދެލޯފެންކަޅިވިއެވެ. އޭނާވެސް މަންމަދެކެ ލޯބިވެއެވެ. މަންމަގެ ލޯބި ބޭނުންވެސް ވެއެވެ. މިޒްނާގެ އާދޭސްތަކުން ހިތްމަޑުވެގެން މީޒާ މަންމައާއި ބައްދަލު ކުރަންދިޔައެވެ. އޭނާގެ ހިތިމާޒީ އެމީހުންގެ ކުރިމަތީ ހާމަކުރަން ޖެހުނު ނަމަވެސް ހެޔޮކަމަށެވެ. 

މަންމަ އޮތް ކޮޓަރިއަށް ވަތްއިރު މީޒާގެ ހިތްބާރުބާރަށް ތެޅެމުންދިޔައެވެ. މަންމަގެ ސުވާލުތަކަށް ދޭނެޖަވާބެއް އޭނާގެ ހިތަކަށް ނާދެއެވެ. އެނދުގައި އޮށޯވެލައިގެން ދެލޯމަރައިގެން އޮތްއިރު އެ މުސްކުޅި މަންމަގެ މޫނުމަތިން ފެންނަނީ ވަރުބަލިކަމެވެ. މާޔޫސްކަމާއި ހިތާމައިގެ އަސަރުވެސް ހުއްޓެވެ. ދެފައި ތުރުތުރު އަޅާހާލު މީޒާގޮސް މަންމަގެ މަގަތުގައި އިށީނދެ މަންމަގެ އަތުގައި ހިފާލިއެވެ. މަންމަ ސިހިފައި ލޯހުޅުވާލިއެވެ. މީޒާ ފެނުމާއެކީ ހައިރާންވެފައި ބަލަންއޮތެވެ. 

" މަންމާ....އަހަރެންނަށް މާފްކުރޭ..." މަންމަގެ އަތްނަގައި މޫނުގައި ޖައްސާލަމުން މީޒާ ރޯންފެށިއެވެ. އެއީ މީޒާކަން އެނގުމާއެކީ މަންމަ ކުއްލިއަކަށް މީޒާގެ ގައިގާ އޮޅުލައިގެންފައި ބާރަށް ރޯންފެށިއެވެ. ދެމައިންގެ އެޖަޒްބާތުން ފުރިގެންވީ އަމަލުން މިޝާއާއި މިޒްނާގެ ލޯވެސް ފުރިގެން އައެވެ. އިޝާވެސް ވާނުވާ ނޭނގޭހާލު މިޝާގެ އަތުގައި ހިފައިގެން އެމަންޒަރު ބަލަން ހުއްޓެވެ. ދެމައިން ހިތްފުރޭންދެން ރޮއެ ޝަކުވާކުރަން ވަގުތުދިނުމަށްފަހު މިޝާއާއި މިޒްނާ އެތަނުން ނުކުތެވެ. މަންމަގެ އެތަކެއް ޝަކުވާއެއް މީޒާއަށް އަޑުއަހަން ޖެހުނެވެ. 

" މަންމާ އަހަރެންނަށް މާފްކުރޭ!...ދެން ދުވަހަކުވެސް އެގޮތަށް ކަންތަކެއް ނުކުރާނަން....ކުރިން އާސިމްގެ ސަބަބުން މަންމަމެންނާ ގުޅުން ނުބޭއްވުނީ....އެކަމް މިހާރު އާސިމް ވަރަށް ރަނގަޅު....ވަރަށް ހެޔޮ" އާސިމްގެ ނުބައި ވާހަކަ ދައްކައިގެން މަންމަގެ ހިތް ބުރަކުރަން ބޭނުންނުވާތީ މީޒާ ވާހަކަދެއްކީ އެންމެ މަސްލަހަތު ރަނގަޅުގޮތަކަށް ވިސްނާފައެވެ. ސަމާހުއާއެކު ކުރި ކައިވެނި ރޫޅިގެން ދިޔަގޮތާބެހޭ ގޮތުން މަންމަ ސުވާލު ކުރުމުން މީޒާ ކަންބޮޑުވިއެވެ. ނަމަވެސް އެވާހަކަވެސް ދެން ނުދެއްކުމަށްބުނެ މީޒާ ވާހަކަ ކުރުކޮށްލީއެވެ. އެހުރިހާ ސުވާލެއްގެ ޖަވާބު ދުވަހަކުވެސް ނުދެވޭނެކަން އޭނާއަށް އެނގޭތީއެވެ. މަންމައާއި ކޮއްކޮއާ ބައްދަލުވުމުން މީޒާ އުފާކުރިނަމަވެސް ހިތުގައި ބިރުވެރިކަމެއްވެސް ހިނގާލިއެވެ. އެއީ އާސިމްއަށް އެކަން އެނގިއްޖެނަމަ ކަންތައް ވެދާނެގޮތެއް ނޭނގޭތީއެވެ. ކޮންމެ ގޮތެއްވިޔަސް އޭނާގެ އާއިލާ އޭނާއަށް މާފްކޮށް ބަލައިގަތުމުން އޭނާ އިންތިހާއަށް އުފާވިއެވެ. މިޝާއަށް އޭނާގެ ދޮންތައާ ބައްދަލުވީ ކިނިހެއްކަމާއި މިކަން މިގޮތަށް މެދުވެރިވާން ދިމާވީ މިޝާގެ ސަބަބުންކަން އެނގުމުން މީޒާ ހައިރާންވެސް ވިއެވެ. އެވަރުގެ ބޮޑުކަމެއް ސިއްރުކޮށްގެން އެހާދުވަހު ހުރީތީއެވެ. އެކަމާ މިޝާ މާފަށް އެދުމުން ، ބަދަލުގައި މީޒާ މިޝާއަށް ޝުކުރުއަދާކުރީއެވެ.މިޝާގެ ފޯނާބެހޭގޮތުން ސުވާލުކުރުމުން އެއީ ރައްޓެހި ކުއްޖަކު ބޭނުންނެތިގެން ދިން އެއްޗެއްކަމުގައި ބުނީ ހަޤީޤަތަށް ބުނަން ނުކެރިގެންނެވެ. އެއީ ކޮންކުއްޖެއްތޯ މަންމަ ސުވާލު ނުކުރިކަން އެއީ ނަސީބޭ މިޝާގެ ހިތަށްއެރިއެވެ. ވިލިގިލިން އެނބުރި މާލެއައި އިރު މީޒާގެ މޫނަށްވަނީ މިއިން ދުވަހަކުވެސް ވެރިނުވާފަދަ އުފާވެރިކަން ވެރިވެފައެވެ.

ދުވަސްތައް ފާއިތުވެދާ ވަރަކަށް މިޝާއާއި ޝިފާންގެ ގުޅުންވެސް ފޭސްބުކުގެ ޒަރީއާއިން ދިޔައީ ބަދަހިވަމުންނެވެ. އެންމެނާއި ސިއްރުން އެމީހުންގެ ލޯބީގެ ބަގީޗާގައި މާފޮޅުވަމުން ދިޔައެވެ. ރޭގަނޑު އެތައްދަމެއްވާންދެން ހޭލާތިބެއެވެ. ޝިފާން އޭނާގެ ކޮލެޖްގެ ތަފާތު ވާހަކަތައް މިޝާއާ ހިއްސާކުރެއެވެ. މިޝާވެސް އޭނާއަށް ދިމާވާ ކަންކަން ޝިފާންއަށް ހިއްސާކުރަމުން ދިޔައެވެ.

ކޮމެންޓް 0