ދަންވަރުގެ ހަމަހިމޭން ވަގުތެވެ. މިޝާއޮތީ ފުންޚިޔާލެއްގެ ތެރެއަށް ގެއްލިފައެވެ. މިރޭ އޭނާގެ ލޮލަކަށް ނިންޖެއް ނައެވެ. ދާދިގާތުގައި ނިދާފައި އޮތް އަފްޒަލްގެ މޫނަށް އޭނާ ބަލާލިއެވެ. އަފްޒަލްއަކީ ކިހާ ރަނގަޅު އިންސާނެއް ހެއްޔެވެ؟ އޭނާފަދަ ނިކަމެތި މީހަކަށް ލިބުނު ހެޔޮނަސީބެކެވެ. އޭނާއާއި ދަރިފުޅުދެކެ އިންތިހާއަށް ލޯބިވެއެވެ. އެއީ އޭނާ އެންމެ އެދުނުފަދަ ހިތްހެޔޮ އޯގާތެރި ބައިވެރިއެކެވެ. ނަމަވެސް އޭނާގެ ހިތް ނުތަނަވަސްވަނީއެވެ. މިއުފާވެރިކަން ގެއްލިދާނެއޭ ހީވަނީއެވެ. ޝިފާންގެ ފަރާތުން މިއަދު އެލިބުނީ އިންޒާރުގެ މެސެޖެކެވެ. ދެން އޭނާ އުޅެންޖެހޭނީ ވަރަށް ވިސްނައިގެންނެވެ. ޝިފާން އަދިވެސް އެކި ގޮތްގޮތުން އޭނާ ޝިފާންގެ ކުރިމައްޗަށް ގެންދަން މަސައްކަތް ކުރާނެއެވެ. ޝިފާންގެ ބޭނުންތައް ފުރިހަމަ ކުރުމަށްޓަކައި ކޮންމެފަދަ ކަމެއްވެސް ކޮށްފާނެކަން މާޒީގައި ވަނީ ވަރަށް ރަނގަޅަށް ހާމަކޮށްދީފައެވެ. ނަމަވެސް ޝިފާންގެ ވާހަކަ އަފްޒަލް ގާތުވެސް ބުނެވޭކަށްނެތެވެ. ދެން އޭނާ ހަދާނީވެސް ކިހިނެއް ހެއްޔެވެ؟ އެތައް އިރަކު ވިސްނަން އޮތުމަށްފަހު މިޝާއަށް ނިދުނުއިރު ފަތިސްވުމާއި ގާތްވެއްޖެއެވެ.

އާސިމް އޭނާގެ ކެބިންގައި އިނދެގެން ފަހަރަކު ކޯލަކަށް ޖަވާބުދެމުން ދިޔައިރު އޭނަގެ މޫނުމަތިން ނުތަނަވަސްކަމެއް ފާޅުވާން ހުއްޓެވެ. މިރޭ ބާއްވަން ހަމަޖެހިފައިވާ ޕާޓީގެ ގިނަކަންތައްތައް މިހާރުވަނީ އިންތިޒާމުކޮށް ނިމިފައެވެ. ނަމަވެސް އެޕާޓީއަށް ޝިފާން ގެންނާނެ ގޮތަކާއިމެދު އާސިމްއަށް ވަނީ ވިސްނަން ޖެހިފައެވެ. ޝިފާންއަކީ މީހަކު ބުނެލާހައި ފަސޭހައިން އެއްވެސް ކަމެއް ކުރާނެ މީހެއް ނޫނެވެ. ޝިފާން ކަމަކަށް އެއްބަސް ކުރުވުމަކީ އާސިމްއަށް އެންމެ އުނދަގޫ ކަންތަކެވެ. ކުޑައިރުއްސުރެ ޝިފާންގެ ކިބައިގާ ހުރި ގޮތްދޫނު ކުރުމުގެ އާދަ އަދިވެސް އެބަހުއްޓެވެ. މީހާ އުމުރުން ދޮށީވީ ނަމަވެސް، މިޒާޖަކަށް ބަދަލެއް ނާދެއެވެ. އާސިމް ވިސްނުމެއްގައި އިނދެ ޝިފާންގެ ފޯނަށް ގުޅާލިއެވެ. ތަކުރާރުކޮށް އެތައްފަހަރަކު ފޯން ރިންގްވީފަހުން ޝިފާން ކަންނެތްކަމާއެކު ލޯހުޅުވާލަމުން ފޯނުނެގިއެވެ.

" ހެލޯ" އާފުރެމުން ޝިފާން ބުނެލިއެވެ.
" ހެލޯ ދަރިފުޅާ!...އަދިވެސް ނިދަނީތަ؟....ތެދުވެ ސައިބޮއެ ހަދައިގެން ވަރަށް އަވަހަށް އޮފީހަށް އައިސްބަލަ!....ވަރަށް މުހިއްމުކަމެއް ނިންމަންވެފަ އެބައޮތް....ދަރިފުޅު ނެތީސް އެކަން ނިންމޭކަށްނެތް..." އާސިމް ވަރަށް ސީރިއަސް ކަމާއެކު ވާހަކަ ދެއްކިއެވެ. 
" އޯކޭ...އިރުކޮޅެއްގެ ތެރޭގަ އެބަދަން.." ބައްޕަގެ ވާހަކަ ހުރިގޮތުން ޝިފާން އޮފީހަށް ދާން ނިންމިއެވެ.

ޝިފާން އޮފީހަށް ދިއުމުން ކުންފުނީގެ އަހަރީ ޕާޓީގެ ވާހަކަ ހިއްސާކުރިއެވެ. ކުންފުނި ކުރިއަރާފައިވާ މިންވަރު ދައްކުވައިދޭ ލިޔެކިޔުންތައް ދައްކައި ކުންފުންޏާއި ބެހޭ ވަރަށްގިނަ މައުލޫމާތު ތަކެއް ހިއްސާކުރިއެވެ. އެކަން ކަމަށް ޝިފާންގެ މާބޮޑު ޝައުޤުވެރިކަމެއް ނެތްނަމަވެސް ބައްޕަގެ ހިތްހަމަ ޖައްސައިދިނުމަށްޓަކައި ޝިފާން އޮފީހުގައި ބައްޕައާއެކު ވަގުތުތަކެއް ހޭދަކުރިއެވެ. ޕާޓީގެ ކަންތައްތައް ރޭވިފައިވާގޮތް ބަލައި ޝިފާންއަށްވެސް ފެންނަ އެއްޗެއް ބުނުމަށް އާސިމް ފުރުސަތުދިނެވެ. ޝިފާން ޕާޓީގައި ބައިވެރިވާން އެއްބަސްވުމުން އާސިމް ވަރަށްއުފާވިއެވެ. ޕާޓީގައި ޝިފާންއަށް ސަޕްރައިޒެއްދޭން އޭނާވަނީ ނިންމާފައެވެ. 
ގަޑިން ރޭގަނޑުގެ އަށެއްޖެހުމާއެކު އަފްޒަލްވެސް ފެންވަރައި ތައްޔާރުވާން ފެށިއެވެ. 

" ކޮން ކުލައެއްގެ ގަމީހެއްތަ މިރޭލާންވީ؟....ވަކިތީމެއް ކަނޑައަޅާފަ އޮތްކަން އެނގޭތަ މިޝޫއަށް...؟" ލޯގަނޑު ކުރި މަތީގައި ފުނާއަޅަން ހުރި މިޝާއަށް މުޚާތަބުކޮށް އަފްޒަލް ބުންޏެވެ.
" ކޮންމެ ކުލައެއްވެސް ރަނގަޅުވާނެ.... އެހެންނޫނަސް އަފޫއަކަށްނު ބައްޕަ ފޯނުކުރީވެސް.... އަފޫ ގާތު ނުބުނޭތަ ލާންވީ ކުލައެއް..." ފަރުވާކުޑަ ގޮތަކަށް މިޝާ ޖަވާބުދިނެވެ. 
" އައްދޭ!...މެޑަމް ހާދަ މޫޑީވެފަ ހުރިހެން ހީވެޔޭ....އަނެއްކާ ކަމެއްގޯސްވީތަ؟..." މިޝާގެ ފުރަގަހުން ބައްދާލަމުން އަފްޒަލް ލޯގަނޑުން މިޝާގެ މޫނަށް ބަލާލިއެވެ. 
" އަސްލު އެހާދާހިތެއްނުވޭ....ދެން ބިޒްނަސް ޕާޓީއެއްނު....އަހަރެމެން ގޮސް ކީއްކުރާނީ؟....މީއްކޮވެސް އިރުކޮޅަކުން ނިދާނެ..." މިޝާ ބަހަނާއެއް ދައްކާލިއެވެ. ހަޤީޤަތުގައި މިޝާ އެއްގޮތަކަށްވެސް އެޕާޓީއަށް ދާހިތެއް ނުވެއެވެ. ޝިފާން ހުންނާނެކަން ޔަޤީންވާތީއެވެ. 
" ހޫމް....އަސްލު މަވެސް ދާހިތެއް ނުވެޔޭ....އެކަމު ބައްޕަ އަމިއްލައަށް ގުޅާފަ އެދުނީމަ، ނުދާނަމޭ ބުނާކަށް ނުކެރޭނެއްނު.....ދެން ގޮސްލާފަ ގިނައިރުނުވެ އަންނާނީ..." އަފްޒަލް އަދިވެސްބޮޑަށް މިޝާގެ ގައިގާ ބައްދާލަމުން މިޝާގެ ކޮލަށް ދޮނެއްދިނެވެ. އެހެންގޮތެއް ނެތްކަން ޔަޤީންވުމުން ހިނިތުންވެލަމުން މިޝާ ބޯޖަހާލިއެވެ. 

ޕާޓީ ފެށިގެން މެހެމާނުންތައް އަންނަމުން ދިޔައެވެ. އޮފީސް އިމާރާތުގެ ގުރައުންޑް ފުލޯވަނީ ވަރަށް ފުރިހަމައަށް ތައްޔާރުކޮށްފައެވެ. ހޯލްތެރޭގައި ޝިފާން މަޑުމަޑުން ހިނގާލަ ހިނގާލާ ހުރިއިރު އޭނާގެ ލޯއަމާޒުވެފައި ވަނީ މެހެމާނުން ވަންނަ ދޮރާދިމާއަށެވެ. މިޝާގެ ދެމަފިރިންވެސް ޕާޓީއަށް އަންނަކަން ބައްޕަގެ ފަރާތުން އޭނާއަށް ވަނީ އެނގިފައެވެ.

" ހާއި ހޭންޑްސަމް!......ހާދަވަރަކަށް ދޮރާދިމާއަށް ތިބަލަނީ؟....އަނެއްކާ އަހަރެންތަ ތި ހޯދަނީ؟...." ދާދިގާތުން އަންހެން ކުއްޖެއްގެ އަޑުއިވިފައި ޝިފާން ބަލާލިއެވެ. ކުރިމަތީގައި ހުރި އަންހެން ކުއްޖާއަށް ބަލަން ހައިރާންވެފައި ޝިފާންއަށް ހުރެވުނެވެ. ރަތްކުލައިގެ ޓޮޕަކާއި ކަޅުސްކިނީ ޖީންސް އެއްގައިހުރި އެއަންހެން ކުއްޖާއަކީ މޮޑެލްގެ ފަދަލޫޅާފަތިކަމެއް ލިބިފައިވާ ދޮންކުއްޖެކެވެ. އޭނާގެ ކަނދުރާއާ ހަމައަށް ކޮށާލާފައިވާ ފަން އިސްތަށިގަނޑުގައި ވަނީ ކުލަޖައްސާފައެވެ. ހެދުމާއި ގުޅޭގޮތުން ކޮއްލާފައި ހުރި މޭކަޕްގެ ސަބަބުން އޭނާގެ ރީތިކަން އިތުރުކޮށްދީފައި ވެއެވެ. 

" ހޭއި...ހާދަ ހައިރާންވެފައި ތިހުރީ؟...ނޭނގިގެންތަ ތިހުރީ ނޫނީ އަހަރެން ރީތިކަމުން ބަސްހުއްޓުނީތަ؟..." ފޮނިވެލާފައި އަންހެންކުއްޖާ އެހެން ބުނެލުމުން ޝިފާންގެ ގާތަށް ކުޑަކޮށް ހިނިވެސްއައެވެ. މިއީ އަނެއްކާ މޮޔަކުއްޖަކީ ބާއޭވެސް ހިތަށްއެރިއެވެ.
" ހޭއި...ރައިނާ!...ސީރިއަސްލީ؟....ތީހަމަ ރައީތަ؟..." ޝިފާން އެއްޗެއް ބުނަން އަނގަހުޅުވާލި ވަގުތު ޝީބާ ދުވެފައި އައިސް އެއަންހެން ކުއްޖާގެ ގައިގާ އޮޅުލައިގަތެވެ.
" އޯހް ގޯޑް! ޝިބްތަ؟ ޔޫ ލުކް ސޯ ބިއުޓިފުލް....." ޝީބާ ފެނިފައި އަންހެން ކުއްޖާ ވަރަށް އުފާވިއެވެ. 
" ޔޫ އޯލްސޯ.....ފޮޓޯއިން ފެންނަވަރަށް ވުރެވެސް މާރީތި؟....އައި އެމް ސޯ ހެޕީ ޓް ސީ ޔޫ އެގެއިން..." ޝީބާވެސް ހުރީ އޭނާގެ އެންމެ ގާތް އެކުވެރިޔާއާ އަލުން ބައްދަލުވީތީ ނުހަނު އުފާވެފައެވެ. ޝޯޝަލް މީޑިއާއިން ދެކުދިންގެ ގުޅުން އެގޮތުގައި މެދުކެނޑުމެއްނެތި ދެމެހެއްޓިފައިވީ ނަމަވެސް، ހަމަލޮލަށް މިފެނުނީ އަހަރުތަކަކަށް ފަހުއެވެ.

" ދޮންބޭ!...އަޅެ ހަމަ ނޭނގުނުތަ؟ މި ރައިނާ އެއްނު!....މައި ޗައިލްހުޑް ފުރެންޑް.....މައި ބެސްޓްބަޑީ ރައީ..." ޝީބާ އުފަލުން ހުރެ ޝިފާންއަށް އޮޅުން ފިލުވައިދިނެވެ. 
" އޯހް ހައި.....ޔާންގެ ކޮއްކޮދޯ؟...ކޮބާ ޔާން؟....ނާދޭތަ؟..." ޝިފާން އޭނާގެ ކުރީގެގާތް އެކުވެރިޔާގެ މަތިން ހަނދާންވެ ސުވާލުކޮށްލިއެވެ. 
" ނޫނޭ...ރަޔާން ދޮންބެވެސް އެބައުޅޭ މިތާ.....ޑޭޑްއާ އެކީ ވީ.....ޝިފާން ކިހިނެއްތަ؟...ވަރަށް މިސްވި ޝިފާންމަތިންވެސް...އެކަމް އެފްބީއިންވެސް ޝިފާން ނުފެނޭވިއްޔަ" ރައިނާ ފުރުސަތުގެ ބޭނުންހިފައި ޝިފާންއާ ވާހަކަދައްކަން ފެށިއެވެ.
" މަބުނީމެއްނު ދޮންބެ ޔޫޒްއެއް ނުކުރެޔޭ އެފްބީއެއް" ޝީބާ ހަނދާންކޮށްދޭފަދަ ގޮތަކަށް ބުނެލިއެވެ.
" އެއީ ހަމަ ތެދެއްތަ ޝިފާން؟....އައި ސްޓިލް ކާންޓް ބިލީވް އިޓް" ރައިނާ އަދިވެސް ހުރީ ޝީބާ އެބުނީ ތެދެއްކަން ގަބޫލު ނުކުރެވިފައެވެ. މިޒަމާނުގައި އެފްބީ ބޭނުން ނުކުރާ ޒުވާނަކު އުޅެދާނެ ކަމަށް އޭނާ ގަބޫލެއް ނުކުރެއެވެ. 
" އޯކޭ....ފަހުން ދިމާވާނެދޯ...މިވަގުތު ބިޒީ..." ރައިނާގެ ވާހަކައަށް މާބޮޑު ސަމާލުކަމެއް ނުދީ ޝިފާން އެތަނުން ދިޔައެވެ. ރައިނާ ހައިރާންވެފައި ޝިފާން ދިޔަދިމާ ބަލަން ހުއްޓެވެ. އޭނަ އެހާ ނަލަހެދިގެން ޕާޓީއަށް އައިބޭނުމަކީ ޝިފާންއާ ބައްދަލު ކުރުމެވެ. ޒަމާންތަކެއް ވާންދެން ކެނޑިފައިވާ ގުޅުން އަލުން ޤާއިމް ކުރުމެވެ. ނަމަވެސް ޝިފާންގެ ކުޑަނަމަވެސް ސަމާލުކަމެއް އޭނާއަކަށް ނުލިބުނެވެ. ރައިނާގެ ސަބަބުން ޝިފާންއަށް މިޝާމެން އެތެރެއަށް ވަތްތަނެއްވެސް ނުފެނުނެވެ. 

މިޝާ އެންމެ ހިނދުކޮޅަކަށްވެސް އަފްޒަލްއާ ދުރަކަށް ނުދެއެވެ. ޝިފާން ދިމާނުވޭތޯ އޭނާ ހިތާހިތުން ދުޢާކުރަމުން ދިޔައެވެ.
" ހައި މިކީ ސްވީޓީ... ހާދަލޯތްބޭ" ކުއްލިއަކަށް ޝިފާން އައިސް އޭނާގެ ކުރިމައްޗަށް ހުއްޓެމުން މިޝާގެ ގާތުގައި ހުރި މިޝްކާއާ ވާހަކަ ދެއްކިއެވެ. މިޝާ ސިހުނުވަރުން އަތުގައި ހުރި ކޯކްތަށިވެސް ބަންޑުންވިއެވެ.
" އޯހް ސޮރީ!...ކޮކީ މޮމްގެ ހެދުންވެސް ހަޑިވީނުން....ހިނގާ ވޮޝްރޫމަށް ދޮވެލަންދާން" ޝިފާން ފުރުސަތުގެ ބޭނުންހިފައި އަވަހަށް ބުންޏެވެ.
" ޝިފާންދޯ...؟" އަފްޒަލް ޝައްކެއްގައި ހުރެ އަހާލިއެވެ.
" ޔެސް...އައި އެމް ޝިފާން...ތީ މިޝާގެ ހަޒްބަންޑްތަ؟" އަފްޒަލްއަށް އަތް ދިކޮށްލަމުން ޝިފާން ބުންޏެވެ. 
" ހޫމް...އަހަރެންނަކީ އަފްޒަލް.... އެންމެފަހުން ބައްދަލުވެއްޖެ ދޯ" ހިނިތުންވެލަމުން އަފްޒަލްވެސް ޝިފާންއާ ސަލާމްކޮށްލިއެވެ.
" ކޮބާ ހެދުން ދޮވެލަން ދާންވީނު" ޝިފާން މިޝާއަށް ބަލާލަމުން އަނެއްކާވެސް ބުންޏެވެ.
"ތެދެއް....ދޭ ޝިފާންއާ އެކީ ގޮސް ދޮވެލައިގެން އާދޭ....މީއްކޮއާ އެކީ އަހަރެން މިތާ މަޑުކުރާނަން....ކުޑޫ ބުންޏެއްނު މިއަންނަނީއޭ މަޑުކުރާށޭ..." އަފްޒަލް އެހެން ބުނުމުން ޝިފާންގެ ތުންފަތުގައި ދުވެލީ ލާނެއް ހިނިތުންވުމެކެވެ. އެމަންޒަރު ފެނި މިޝާގެ ހިތްތެޅިލިއެވެ. ކިތަންމެ ދާން ބޭނުން ނުވީ ނަމަވެސް ޝިފާންގެ ފަހަތުން މިޝާ ހިގައިގަތެވެ.

" މިހުރީ ވޮޝްރޫމް.....އެކަނި ވަންނަން ނުކެރެންޏާ އަހަރެން ވަދެ ހެލްޕް ވެދެންތަ؟...." މިޝާއާ ގާތްވެލަމުން ޝިފާން އަހާލިއެވެ. މިޝާ އަވަސް އަވަހަށް ވޮޝްރޫމަށް ވަދެ ހެދުން ހަޑިވެފައި ހުރިތަން ދޮންނަން ފެށިއެވެ. ޝިފާންވެސް މިޝާގެ ފަހަތުންވަދެ ދާދި ގާތުގައި ހުއްޓި ހުރެގެން މިޝާގެ ހަރަކާތްތަކަށް ބަލަންފެށިއެވެ. 
" މަ ހީކުރީ ނަވީންއާ ކަމަށް ރެޕަންޒަލް މެރީކުރީ.....އެހެނެއްނޫން ދޯމިވީކީ.......އެކަމު މަށަށް އަދިވެސް ނޭނގެނު އެއްޗަކީ އަފްޒަލްފަދަ ސްމާޓް ފިރިޔަކު ހުއްޓާވެސް، ނަވީންގެ ގާތަށް ރެޕަންޒަލް ދާން ޖެހުނުގޮތެއް...އަދިވެސް ސިއްރު ގުޅުމެއް އޮންނަނީތަ؟" ޝިފާން މަޖާވެފައިހުރެ އަހާލި ނަމަވެސް އޭނާގެ އަޑުގައި ހަރުކަށިކަމެއްވެސް އެކުލެވިގެން ވެއެވެ. ޝިފާންގެ ސުވާލުން މިޝާގެ ހިތަށް ތަދުވިއެވެ. ޝިފާން އަދިވެސް އެހުރީ ކިހާބޮޑު އޮޅުމެއްގެ ތެރޭގައި ހެއްޔެވެ؟ އަދިވެސް އޭނާއާ މެދު ޝިފާން އެދެކެނީ ކިހާ ގޯސް ނަޒަރަކުން ހެއްޔެވެ؟ ނަމަވެސް ހަޤީޤަތް ބުނެދީ އޭނާގެ ކުށެއްނެތްކަން އަންގާކަށް މިޝާ ކޮންމެހެން ބޭނުމެއް ނުވިއެވެ. މިޝާ ރޮއެ އާދޭސްކޮށްފައި އޭނާގެ ކުށެއްނެތްކަން އެދުވަހު ބުނުމުންވެސް ޝިފާންއަށް އެކަން ގަބޫލެއް ނުކުރެވުނެވެ. ވީއިރު މިއަދު ވަކީން އޭނާ ބުނާ އެއްޗެއް ގަބޫލު ކުރާނެ ހެއްޔެވެ؟ މިޝާ ހެދުން ދޮވެލައިގެން އަވަސް އަވަހަށް ވޮޝްރޫމްއިން ނުކުންނަށް ދިމާކޮށްލިއެވެ.

" މަޑުކޮށްބަ ރެޕަންޒަލް!....އަހަރެން ކުރި ސުވާލަށް ޖަވާބުދީފަ ދެވޭނީ.." މިޝާގެ ކުރިމައްޗަށް އަރަމުން ޝިފާން ހަރުކަށިކަމާއެކު ބުންޏެވެ.
" ޝިފާން ކުރާ ކޮންމެ ސުވާލަކަށް ޖަވާބުދޭކަށް އަހަރެންނަކަށް ނުޖެހޭނެ" މިޝާ ރުޅިވެރިކަމާއެކީ އެހެން ބުނިނަމަވެސް ޝިފާން ކޮށްފާނެކަމަށް އޭނާހުރީ ބިރުންނެވެ.
" އެހެންތަ؟...އެހާހިތްވަރު އެބަހުރިތަ؟....ހިތްވަރުހުރިއްޔާ އަހަރެންގެ އަތްދަށުން ނުކުމެގެން ދޭބަލަ" މިޝާއާ ގާތަށް ޖެހިލާފައި މިޝާގެ އުނަގަނޑުގައި އަތްއަޅުވާލަމުން ޝިފާންގެ އަތުގެ ތެރޭގައި ދާދިފަސޭހަ ކަމާއެކީ މިޝާ ހައްޔަރުކޮށްލިއެވެ.
" ދޫކޮށްލާ!" ކަންބޮޑުވެގެން ގޮސް އެންމެފަހުން މިޝާއަށް ރޮވެންވެސް ކައިރިވެއްޖެއެވެ.
" ސުވާލަށް ޖަވާބު ނުދެނީހެއް ދުލެއްނުކުރާނަން....ނަވީންގެ ގެޔަށް ދިޔައީ ކޮންބޭނުމަކު؟....ނަވީންއާ އޮންނަނީ ކޮންގުޅުމެއް؟" މިޝާއާ ހަތަރުކަޅި ހަމަކޮށްލަމުން ޝިފާން އަނެއްކާވެސް ސުވާލުކޮށްލިއެވެ. މިޝާއަށް އޭނާގެ މޭގައި ނޭވާތާށިވިހެން ހީވިއެވެ. އެވަގުތު ދާދިގާތުން ފިޔަވަޅުތަކެއްގެ އަޑު އިވުމުން ޝިފާން އަވަސް އަވަހަށް މިޝާގެ ގައިން ދޫކޮށްލާފައި ދުރަށްޖެހިލިއެވެ.

" މިހާރު ދެން ދޮވެވިއްޖެ އެއްނު....ހިނގާދާން" ވޮޝްރޫމު ތެރެއަށް ވަތް އަންހެނުން ތަކެއް ފެނުމުން ޝިފާން އަވަހަށް މައުލޫޢު ބަދަލުކޮށްލިއެވެ. މިޝާވެސް މޫނުދޮވެލުމަށްފަހު، ލިބުނު ފުރުސަތުގައި އަވަހަށް ބޭރަށް ނުކުތެވެ.
" ހާދައިރެއްވީ؟..." މިޝާ އައިސް އަފްޒަލްގެ ގާތަށް ހުއްޓުމުން އަހާލިއެވެ.
"އާނ..ވަސްނުފިލައިގެން ލަސްވީ....ކޮބާ މީއްކޮ...ހިނގާބަ ދެން ގެޔަށްދާން....ހެދުންތެމުނީމަ ދެން ވަރަށްފޫހި މިތާހުންނަން.." މިޝާ ބޭނުންވީ އަވަހަށް ގެޔަށްދާށެވެ. މިޝާގެ މޫޑު އޮފްވެފަހުރިކަން އެނގުމުން އަފްޒަލްވެސް ގިނައިރު މަޑުކުރަން ނުހަދައި އިޝާގެ ގާތުގައިހުރި މިޝްކާ އުރައިގެން ގެޔަށް ދާން ނުކުތެވެ. މިޝާ ދިއުމުން ޝިފާންވެސް ޕާޓީ ދޫކޮށްދާން ގަސްތުކުރިއެވެ. ނަމަވެސް އާސިމް އައިސް ޝިފާންގެ އަތުގައި ހިފައިގެން ގޮސް އެންމެންގެ މެދުގައި ބެހެއްޓިއެވެ. އަދި އެންމެންގެ ސަމާލުކަން ހޯދުމަށްފަހު އެނައުންސްމެންޓެއް އިއްވިއެވެ. 

ޝިފާންއަކީ ކުންފުނީގެ ސީއީއޯކަމަށް ބޯޑުން ނިންމައި ހަމަޖެހުނުކަން ބައްޕަ އިއުލާން ކުރުމުން އޭނާހުރީ ހައިރާންވެފައެވެ. ޝިފާންއާ މަޝްވަރާ ކުރުމެއްނެތި އެވަރުގެ ބޮޑު ނިންމުމެއް ނިންމާނެކަމަށް އޭނާހީކޮށްފައެއް ނެތެވެ. ނަމަވެސް ބައްޕަ އޭނާއާ އެވަރުގެ ޒިންމާއެއް ހަވާލުކުރާނީ އޭނާއަށް ހާދަވަރަކަށް އިތުބާރުކޮށްފައެވެ. އެހެންކަމުން ޝިފާން ހިނިތުންވެލަމުން އެކަމާއި އުފާވިކަން އަންގައި ބައްޕަގެ ގައިގާ ބައްދާލިއެވެ. އެންމެންގެ ފަރާތުން މަރުޚަބާގެ ލަފްޒްތައް އިސާހިތަކު އޮހެންފެށިއެވެ. ދަރިފުޅު އާސިމްގެ ނިންމުމާއި ދެކޮޅު ނުހެދުމުން އޭނާހުރީ އިންތިހާއަށް އުފާވެފައެވެ. އިޝާއާއި ޝީބާވެސް ދޮންބެއަށް މަރުޙަބާކީ އުފަލުން ހެވިފައިތިބެއެވެ. ނަމަވެސް މީޒާ ތަންކޮޅެއް ދުރުގައި މަންޒަރުބަލަން ހުރީއެވެ.

އެރެއަށްފަހު ޝިފާންގެ ޚިޔާލުތަކުން މިޝާއަށް މިންޖުވެވޭގޮތެއް ނުވިއެވެ. ޝިފާން އޭނާއަށް ފާރަލާކަން އެނގުމުން ހިތުގައި ބިރުވެރިކަން އިތުރަށް ބޮޑުވިއެވެ. ޝިފާން ފާޅުގައި އޭނާއަށް ގޯނާކުރަން ފަށައިފިނަމަ އޭނާ މިހުރިހާ ދުވަހު ފަސްލައި ފޮރުވާފައިވާ މާޒީ ކޮނެގެން ނަގަން ޖެހިދާނެއެވެ. އަފްޒަލްއަށްވެސް ހަޤީޤަތް އެނގޭކަށް ގިނަދުވަހެއް ނުނަގާނެއެވެ. 

ޝިފާންވެސް އޭނާގެ މަސައްކަތެއް ހުއްޓައެއް ނުލައެވެ. މިޝާގެ ދިރިއުޅުމާ ބެހޭ ހުރިހާކަމެއް އޭނާ އޮޅުންފިލުވިއެވެ. މަޑުމަޑުން އަފްޒަލްއާއިވެސް ގުޅުން ބަދަހިކުރިއެވެ. މިޝާ އުޅެމުންދަނީ ނަވީންގެ ގޭގައިކަން އެނގުމުން އޭނާ ވަރަށް ހައިރާންވިއެވެ. އަފްޒަލްއާއި ނަވީންގެ ގާތްކަން ފެނި އޭނާގެ ހައިރާންކަން އިތުރުވިއެވެ. ދެމީހުންގެ މެދުގައި އޮތީ ވަރުގަދަ އެކުވެރިކަމެކެވެ. އަފްޒަލް ބުނި ގޮތުންނަމަ ނަވީންއަކީ މިޝާގެ އެއްބަނޑު އެއްބަފާ ބޭބެއެއްފަދަ މީހެކެވެ. ނަވީންގެ މައިންބަފައިންވެސް މިޝާއާމެދު ދެކެނީ ދަރިއެއް ފަދައިންނެވެ. ކުއްޔަކާއި ނުލައި މިޝާގެ ދެމަފިރިން އެގޭގައި ދިރިއުޅެނީ އެމީހުންގެ އެދުމުގެ މަތިންނެވެ. މިޝާ ބޭނުން ދުވަހެއް ވާންދެން އެގޭގައި އުޅެވޭނެކަމަށް ނަވީންގެ މައިންބަފައިންވަނީ ބުނެފައެވެ. އަންހެން ދަރިއަކު ނެތީތީ އެދަރަޖަ އެމީހުންވަނި މިޝާއަށް ދީފައެވެ. 

ނަމަވެސް ޝިފާންއަށް އެކަން ޤަބޫލު ކުރާކަށް ފަސޭހައެއް ނުވިއެވެ. އޭނާގެ ހިތްބުނަނީ މިޝާއަކީ މަކަރުވެރިއެއް ކަމަށެވެ. އޭނާ ދެކޭގޮތުގައި މިޝާ އެއުޅެނީ އޭނާގެ ފިރިމީހާއަށްވެސް އޮޅުވާލައިގެންނެވެ. ނަވީންއާއި ސިއްރުގުޅުމެއް ނެތްނަމަ ނަވީން މިޝާއަށް އެވަރުގެ ޚާއްސަކަމެއް ނުދޭނެކަމަށް ޝިފާން ގަބޫލުކުރެއެވެ. ނަމަވެސް މިޝާއަށް އޭނާގެ ހަޤީޤަތް ފޮރުވައިގެން އުޅެވޭނީ ކިހާ ދުވަހެއް ވާންދެން ހެއްޔެވެ؟ މިޝާގެ މަކަރުވެރިކަން އޭނާ ބޭޒާރުކޮށްލާނެއެވެ. އޭނާއަށް އޮޅުވާލިގޮތަށް ދެވަނަ ފިރިހެނަކަށް އޮޅުވާލުމުގެ ފުރުސަތެއް އޭނާ ނުދޭނެއެވެ.

ދުވަހަކީ ހުކުރު ދުވަހެވެ. ކޮންމެ ހުކުރު ދުވަހެއްގެވެސް އާދައިގެ މަތިން މިޝާވަނީ ޚާއްސަ ކެއުމެއް ތައްޔާރުކޮށްފައެވެ. އަފްޒަލް ހުކުރުން އަންނަންވާއިރަށް މިޝާ މޭޒުމަތި ތައްޔާރުކޮށްލިއެވެ. މިޝްކާވެސް ފެންވަރުވާ ރީތިކޮށްލުމަށްފަހު މިޝާވެސް ފެންވަރައި ނަމާދުކުރިއެވެ. ދެމައިން ސޯފާގައި ތިއްބައި ބެލްއަޅާލި އަޑުއިވުމުން މިޝާ ގޮސް ދޮރުހުޅުވާލިއެވެ. އަފްޒަލް ހިނިތުންވެލަމުން އެތެރެއަށް ވަނުމާއެކު އަފްޒަލްގެ ފަހަތުން ވަތް ޝިފާން ފެނިފައި މިޝާގެ ތުންފަތުގައިވި ހިނިތުންވުން ވަގުތުން ފިލައިގެން ދިޔައެވެ. ނަމަވެސް ވަރަށް އަވަހަށް ހަމަޖެހޭގޮތް ދައްކަމުން މިޝާ ހިނިތުންވެލިއެވެ.

" މިކީ....ކީއްކުރަނީތި؟..." ސޯފާގައި އިން މިޝްކާ ގާތުގައި އިށީންނަމުން ޝިފާން އަހާލިއެވެ.
" އަޅުގަނޑަށް ކިޔަނީ މިކީއެއް ނޫނޭ....މީއްކޮ....ދޮންބެއަށް ނޭނގޭތަ މިކީ ކިޔަނީ ބޯއީކާޓޫނަކަށް ކަން..." މިޝްކާ ވަރަށް ދަންނަ މީހަކު ފަދައިން ބުނެލިގޮތުން ޝިފާންގެ ގާތަށް ހިނިއައެކެވެ.
" އެހެންތަ؟...މިކީއެއްނޫންދޯ....ދޮންބެއަށް ނޭނގުނީއޭ....މީއްކޮތަ ދޮންބެވެސް ކިޔަންވީ؟...." ޝިފާންވެސް މަޖާވެލާފައި އަހާލިއެވެ.
" ހޫމް....ނަވީދޮންބެވެސް ކިޔަނީ މީއްކޮއޭ....މީއްކޮގެ ޓޫދޮންބެ އެވީ..." މިޝްކާ ދެއިނގިލި ދައްކާލަމުން އުފާވެފައި ބުންޏެވެ. 
" ނަވީ ދޮންބެއަކީ ކާކު؟...."މިޝްކާ ނަވީދޮންބެއޭ ބުނުމުން ޝިފާންގެ ހިތުގައި ސުވާލު އުފެދުނެވެ.
" އެއީ ނަވީން....މިގޭ ތިރީބައިގަ އުޅޭނީ....އެއީ އަސްލު މިގޭވެރިޔަކީ މިހާރު" އަފްޒަލް އޮޅުންފިލުވައިދިނެވެ. ނަވީންއާ ގުޅުން ބާއްވާނެ މޮޅުގޮތެކެވެ. ދަރިފުޅު ލައްވައި ދޮންބެވެސް ކިޔުއްވަނީ އޮޅުވާލަންކަން ޔަގީނެވެ. މިޝާގެ މަކަރުވެރި ކަމޭ ހިތަށް އަރާފައި ޝިފާން ފާޑަކަށް މިޝާއާ ދިމާ ބަލާލާފައި ހިނިތުންވެލިއެވެ. އެބަލައިލުމުގެ މާނައެއް މިޝާއަކަށް ނޭނގުނެވެ. ނަމަވެސް ޝިފާން އޭނާއާމެދު ރަނގަޅަކަށް ނުވިސްނާނެކަން އޭނާ ދަނެއެވެ. މިޝާ އަނގައިންވެސް ނުބުނެ ތަންކޮޅެއް ދުރުގައި ހުރިއިރު އޭނާގެ ހިތުގައިވެސް ވަނީ ސުވާލު އުފެދިފައެވެ. ނަވީންއާއި ޝިފާން ދެހަތުރުންނަށް ވެފައިތިބިއިރުވެސް ނަވީންގެ ގެޔަށް ޝިފާން ވަނީތީއެވެ. 

އަފްޒަލްއާއި ޝިފާން ކާންތިބެގެން އެކިއެކި ވާހަކަތައް ދެއްކިއިރު މަންޒަރުބަލާ މީހަކަށް ސިފަވާނީ އެއީ ޒަމާނުއްސުރެ ގާތް ދެރަހުމަތްތެރީންގެ ގޮތުގައެވެ. އެހާވެސް އެދެމީހުން ގުޅެއެވެ. މިޝާ އެދެމީހުންގެ ވާހަކަތައް އަޑުއަހަމުން ދިޔައިރު ގަދަކަމުން ނަމަވެސް ހިނިތުންވެލަނީ އެމީހުނާ ބައިވެރިވުމުގެ ގޮތުންނެވެ. 

" މިޝޫ....އަހަރެން މިދަނީ ބޮސްބުނެގެން މިރޭއޮންނަ ޕާޓީއެއް އެރޭންޖް ކުރަންވެގެން.....މެންދުރުފަހު އަންނާށޭ ބުނެފައޮތީ.." އަފްޒަލް ގަޑިބަލާލަމުން މިޝާއަށް ބުންޏެވެ. 
" ކޮބާ...ޝިފާން މަޑުކުރަނީތަ؟...." އަފްޒަލް ތެދުވެގެން ދާންފެށުމުންވެސް ޝިފާން ނުތެދުވުމުން އަހާލިއެވެ.
"އާނ....އަދި އަލަށް މިއާދެވުނީ މިގެޔަށް....އެހެންވީމަ އިރުކޮޅެއްވެލާފައެއްނު ދާންވާނީ..." ޝިފާންހުރީ ފުރުސަތަކަށް ބަލަބަލައެވެ.
" އޯކޭ....މަށަށް މަޑުކުރެވެން ނެތީ މިގަނޑީގަ....ދަނީ އިނގޭ" އަފްޒަލް މިޝްކާއަށް ޓާޓާ ކިޔާލުމަށްފަހު ނުކުތެވެ. އަފްޒަލް ދިއުމުން މިޝާގެ ހިތުގެ ތެޅުން އަވަސްވާން ފެށިއެވެ. ޝިފާންއާއެކު އެކަނިވުމަކީ ކިހާ ބިރުވެރި ކަމެއްކަން އޭނާއަށް އެނގެއެވެ. 

ކޮމެންޓް 0