" ހަޅޭއްލަވާ!...ބާރަށް ހަޅޭއްލަވާ! ކިތަންމެ ވަރަށް ހަޅޭއްލެވިޔަސް އެކަކުވެސް ނާންނާނެ.....ހަޅޭއްލަވަ ލަވާފަވެސް ޖެހޭނީ މައިތިރިވާން.....ނަދާވެސް ވަރަށް ގަދަހެދި....އެކަމު ބަލާބަލަ މިހާރު އެހުރީ މައިތިރިވެފަ.....ރެޕަންޒަލްއަށްވެސް ވާނީ ހަމައެހެން....." ނާއިޒްގެ އިންޒާރުތަކުން މިޝާގެ ހިތްވަރުއެލުނެވެ. ތެދެކެވެ. ކިތަންމެ ވަރަކަށް ހަޅޭއްލެވިޔަސް އެއަޑު އަހާނެ މީހަކުނެތެވެ. 

ނަވީން ސިޓީހައުސްގެ ދޮރުމައްޗަށް މަޑުކޮށްލުމާއެކު ފޯން ރިންގްވާން ފެށިއެވެ. ނަވީން އޭނާގެ ޖީބުން ފޯނުނަގާފައި ބަލާލިއިރު ގުޅަނީ ރަޔާންއެވެ. " ހެލޯ ކިހިނެއްވީ؟" ނަވީން އަހާލިއެވެ. " ހެލޯ ނަވީން....އެއުޅޭ ނާއިޒް އަދިވެސް ނާދޭ....ފޯންވެސް އޮތީ ނިންވާލާފަ...އަންނަމުން އޭނަގެ ޚަބަރެއް ބަލާލާށޭ ބުނަން މިގުޅީ...އޯކޭ؟" ރަޔާން އޮޅުންފިލުވައިދިނެވެ.

" އޯކޭ....މަބަލާނަން" ނަވީން ފޯނުކަނޑާލުމަށްފަހު ޖީބަށްކޮށްޕާލަމުން ދޮރާށިން އެތެރެއަށް ވަނެވެ. ނަވީން މާބޮޑު ފިކުރެއްނެތި ހަމަޖެހިލައިގެން ސިޑިން އަރަނިކޮށް އޭނާގެ ކަންފަތުގައި ޖެހުނީ މިޝާގެ ހަޅޭކުގެ އަޑެވެ. އަޑުން އަޑުނަގާފައި މިޝާ ރޮއެ ހަޅޭއްލަވަމުން ދިޔައިރު އެހެންމީހެއްގެ އަޑުވެސް އިވުނުހެން ހީވިއެވެ. ނަވީން ދުވެފައި ގޮސް މިޝާގެ ކޮޓަރިދޮރުގެ ތަޅުގައި ހިފިއިރު ހުރީ ތަޅުލާފައެވެ.

" މިޝާ....މިޝާ ކިހިނެއްވީ؟....ދޮރުހުޅުވަބަލަ!" ކަންބޮޑުވެފައި ހުރެ ބާރަށް ދޮރުގައި ތަޅަމުން ނަވީން ގޮވަންފެށިއެވެ. ނަވީންގެ އަޑުއިވިފައި ނާއިޒް ސިހިފައި ދޮރާދިމާބަލާލިއެވެ. އަދި އަވަސް އަވަހަށް މިޝާގެ އަނގަމަތީގައި އަތްއަޅާ ބާރުކޮށްލިއެވެ. ނަވީންގެ އަޑުއިވުމާއެކު މިޝާއަށް އާހިތްވަރެއް ލިބުނެވެ. ކުއްލިއަކަށް ގައިގަހުރިބާރެއްލާފައި ނާއިޒް ކޮށްޕާލާފައި އެނދުން ވައްޓާލިއެވެ. އަދި ވިދުވަރެއްހައި ހަލުވިކަމާއެކު ދުވެފައި ގޮސް ދޮރުހުޅުވިއެވެ. ދޮރުމަތީހުރި ނަވީން ފެނުމާއެކު މިޝާއަށް އޭނާގެ ގައިގާ އޮޅުލައިގެންފައި ބާރަށް ރޯންފެށިއެވެ. 

" ކިހިނެއްތަވީ؟...." ނަވީން ހައިރާންވެފައި އަހާލުމާއެކު މިޝާ ކޮޓަރިތެރެއަށް އިނގިލި ދިއްކޮށްލިއެވެ. ނަވީން ކޮޓަރިތެރެ ބަލާލިއިރު އެތެރޭގައިހުރި ނާއިޒް ފެނިފައި ހައިރާންވެ، އެހާމެ ރުޅިވެސް ގަދަވިއެވެ. ނަވީން އަށް އޭނާފެނިއްޖެކަން އެނގުމާއެކީ ނާއިޒް ހާސްވެގެން ހަދާނެގޮތެއް ނޭނގިގެން ކުޑަދޮރުން ފުންމާލައިގެން ފިލަން މަސައްކަތް ކުރިއެވެ. ނަމަވެސް ނަވީން ދުވެފައި ގޮސް ފުރަގަހުން ނާއިޒްގެ ގައިގާ ހިފައި ވައްޓާލިއެވެ. 

" ހުރި ގޮތްކުޑަކަން....ކަލޭ ފޯނުނިވާލައިގެން ގަންނަގަނޑަކީ ތީތަ؟.....ކަލޭ ކީކޭތަހީކުރީ.....މިޝާ އެކަނި ގޭގައުޅޭތީ އެކަމުގެ ނާޖާއިޒް ފައިދާ ނަގާނަމޭ ހިތާތަ ތިއުޅުނީ....އޭނ؟...މަ މިފަހަރު ކަލޭ ދުލެއްނުކުރާނަން....ކުރިންވެސް މަށަށް ޝައްކުވިޔޭ ކަލޭ އުޅޭ ވައްތަރުން" ނަވީން ރުޅިއައިސްގެން ތުރުތުރު އަޅައެވެ. ނާއިޒްގެ މޫނުގައި ހައެއްކަ ބޮނޑިއަޅާލެވުމުންވެސް އޭނާ ހިތްހަމައެއް ނުޖެހުނެވެ. ނާއިޒްގެ ކަރުގައި ހިފައި ނޭވާނުލެވޭވަރަށް ބާރުކޮށްލިއެވެ. ނަވީންއަށްވުރެ ހަށިގަނޑުކުޑަވެފައި ބާރުދެރަވުމުން ނާއިޒްއަށް ސަލާމަތްވާކަށް މާބޮޑުމަސައްކަތެއްވެސް ނުކުރެވުނެވެ. ނާއިޒްގެ ނޭވާ ހާސްވެ ދެލޯބޮޑުވާން ފެށުމުން މިޝާ ބިރުންގޮސް ހަލާލުވާވަރުވިއެވެ.

" ނަވީން ދޫކޮށްލާ އޭނަ.....ދޫކޮށްލާ! އެހެންނޫނީ މަރުވެދާނެ....ޕްލީޒް!" މިޝާ އާދޭސްކުރަން ފެށިއެވެ. " މިކަހަލަ މީހުން ހަމަ މަރާލަންވީ....ހަޔާތްކުޑަކަމުން މަރުވާނެގޮތެއް ނޭނގިގެންނެއްނު އެއުޅެނީ..." ނަވީން އަދިވެސް ދޫކުރާކަށް ނޫޅެއެވެ. އޭރު ނާއިޒްގެ މޫނުގެ ކުލަބަދަވަމުން ދިޔައެވެ. "ނޫން ޕްލީޒް އޭނާ ދޫކޮށްލާ!....އޭނާ މަރުވެއްޖެއްޔާ ނަވީންވާނީ އެއަށްވުރެ ނުބައިމީހަކަށް.....ހެޔޮނުވާނެ ދޫކޮށްލާ!..." މިޝާ ރޮއެ އާދޭސްކުރަން ފެށުމުން ނަވީން ނާއިޒް ދޫކޮށްލިއެވެ. 

" ހަނދާން ކުރާތި....މީގެފަހުން މިޝާއާދިމާ ބަލާލިޔަސް ނިމުނީ.....އަދި ކަލޭގެ ނުބައިކަމުގެ ވާހަކަ ޝިފާންއަށް އެނގިއްޖެއްޔާ ކަލޭ ދިރިހުއްޓާ ވަޅުލާނެ.....ކަލޭހީކުރީ ދުނިޔޭގެ އެންމެނުބައި ގޮތްކުޑަމީހަކަށް ވެވޭނީ ކަލެއަށް އެކަނިކަމަށްތަ؟...ކަލޭބަލަން ހުންނާތި އެންމެންގެ ކުރިމަތީގަ ބަދުނާމުކޮށްލާގޮތް" ނާއިޒްގެ ގިރުވާނުގައި ހިފައި ލަތްކެއްޖަހަމުން ނަވީން ބުންޏެވެ. "ނޫން...ނަވީން....އެއްވެސް މީހަކުގާތު މިވާހަކަ ނުބުނާތި؟....އަހަރެން ބޭނުމެއްނޫން އެކަކަށްވެސް މިކަން އެނގޭކަށް..." މިޝާ އެދުނެވެ. " އެކީއްވެ ނޭނގެންވީ؟....މިކަހަލަ ގޮތްކުޑަމީހުންގެ ވާހަކަދައްކާ އެންމެންގެ މެދުގަ ބަދުނާމުކުރަންވީހަމަ..." ނަވީން ރުޅިއައިސްފައި ބުންޏެވެ.

" އެކަމްވެސް އަހަރެން ބަދުނާމުވާކަށް ބޭނުމެއްނޫން....އަހަރެންގެ މަންމައަށް އެނގިއްޖެއްޔާ ވަރަށް ދެރަވާނެ...." މިޝާ ދެރަވެލާފައި ބުންޏެވެ. މިޝާގެ ވާހަކައަށް ނަވީސް ވިސްނާލިއެވެ. " ކަލޭ މާފަށްއެދޭ މިޝާގެ ކިބައިން.....ހަމަމިހާރު މާފަށްއެދޭ!...." ނާއިޒްއަށް ނަވީން އަމުރުކޮށްލިއެވެ. ނާއިޒް އިނީ ނަވީންގެ ކުރިމަތީ ހެދޭނެ އިތުރުގޮތެއްނެތި ބަލިގަބޫލު ކުރަން މަޖުބޫރުވެފައެވެ. މިފަދަގޮތެއް ދިމާވެދާނެކަމަކަށް އޭނާ ހީކޮށްފައެއްވެސް ނެތެވެ. ކުޑަވަގުތު ކޮޅެއް ނަވީން ލަސްވިނަމަވެސް މިއަދު އޭނާގެ ޕްލޭން ކާމިޔާބުވީހެވެ. އެހެންނަމަ މުޅި އުމުރަށްވެސް މިޝާހުރީހީ އޭނަހެ ބާރުގެ ދަށުގައެވެ. ނަމަވެސް މިވަގުތު އެންމެ ރަގަނޅުގޮތަކީ ނަވީންގެ ކުރިމަތީ ދެރަގަބޫލުކޮށް މާފަށް އެދުން ކަމުގައި އޭނައަށް ވިސްނުނެވެ.

" ސޮ..ރީ....އެއްވެސް މީ..މީހަކު....ގާތު...މި..މިވާހަކަ..ނުބު..ނުބުނާތި..ޕްލީޒް!...ދެން ދެން ދުވަހަ ކުވެސް...މިޝާ.އަށް އުނދަގު ލެއް ނުކުރާ..ނަން...ޕްރޮ...ޕްރޮމިސް" ކަރުގައި އަތްއަޅައިގެން އިނދެ ވަރަށް އުނދަގުލުން ނާއިޒް ވާހަކަދެއްކިއެވެ. " ދުވަހަކުވެސް ކަލެއްއަށް މާފެއް ނުކުރާނަން.....އެކަމް މަސްލަހަތައްޓަކާ އެއްވެސް މީހަކަށް މިވާހަކަ ނާންގާ ހުރެދާނަން.....އަދި އެއްވާހަކަ ހަނދާންކުރާތި ނަދާއާވެސް ގާތްވެގެން ނުވާނެ...." ރޮއެ ރޮއެހުރެފައިވެސް މިޝާ އަމުރުކޮށްލިއެވެ. " ނަދާއޭ؟...ނަދާއާވެސް..." ނަވީން ހައިރާންވެފައި އަހާލިއެވެ. "އާނ...ނަދާވެސް ހުރީ މީނަގެ މަޅީގަ ޖެހިފަ....އޭނާގެ ފޯނުއަތުލާފަ ޗެކްކޮށްބަލަ!....ޔަގީން ނަދާގެ ކޮންމެވެސް ސިއްރެއް އޭގަވާނެކަން...." މިޝާއަށް ހީވާގޮތަށް ބުންޏެވެ. 

" ނޫން..ނޫން..އަހަރެންގެ ފޯނުގަ އެކައް..ޗެއްވެސް ނެތް...އެއީ..އެއީދޮގެއް....ގަބޫލުކޮށްބަލަ ނަވީން" ނާއިޒް ހާސްވެފައި އަވަހަށް ދެކޮޅުހެދިއެވެ. " ކަލޭ ދައްކާ އެއްވެސް މަގަބޫލެއް ނުކުރާނަން...ހަމަމިހާރު ގެނޭ ފޯނު!" ނަވީން ނާއިޒްގެ ޖީބުގައި އޮތް ފޯނުގަދަކަމުން އަތުލިއެވެ. "ކޯޑްބުނޭ!....ނުބުންޏަސް ދެންމިފޯނެއް ނުލިބޭނެ....އަދި މީގެހުރި އެއްޗެހިވެސް ބެލިދާނެ މަށަށް.....ޕޮލިހަށްވެސް ގެންދެވިދާނެ..." ނަވީން އިންޒާރުދިނުމުން އެހެންގޮތެއް ނެތިގެން ނާއިޒް ކޯޑްކިޔައިދިނެވެ. ނަވީން އޭގައިހުރި ފޮޓޯތަކާއި ވީޑިއޯތައް ބެލިއިރު ނަދާއާއެކު ނާއިޒް ރިޒޯޓްގައި ކޮށްފައިވާ މުޑުދާރު ވީޑިއޯއެއް ފެނުމުން އޭނާގެ ލޭއަނެއްކާވެސް ކެކިގަތެވެ. ވީޑިއޯއިން ފެނުނުގޮތުން ނަދާވަނީ މަސްތުގެ ހާލުގައެވެ. އެއީ ނާއިޒްގެ މޫނު ނުފެންނަގޮތަށް ކޮށްފައިވާ ވީޑިއޯއެކެވެ. 

" އަހަރެންގެ އަތުން މަރުވާން ބޭނުން ނޫނިއްޔާ ހަމަމިހާރު މިތަނުންދޭ!...." ނަވީން އިންޒާރުދިނުމުން ނާއިޒް ފާޑަކަށް ބަލާލުމަށްފަހު ތެދުވިއެވެ. " އަހަރެންގެ ފޯނު" ނާއިޒް ފޯނާދިމާ ބަލާލަމުން އާދޭހުގެ ރާގަކަށް ބުންޏެވެ. " ހަނދާން ނައްތާލާ!...." ނަވީން ރުޅިވެރިކަމާއެކު ބުންޏެވެ. ނާއިޒް ކިތަންމެ ރުޅިއައި ނަމަވެސް ނަވީންގެ ކުރިމަތީ ގަދަނުހެދޭނެތީ ގޮތްދޫކޮށްފައި ދިޔައީއެވެ. މިހާފާޅުކަން ބޮޑުކޮށް ނާއިޒްގެ ގޮތްކުޑަކަން ހާމަވުމުން ނަވީންއަށް ހުރީ އަދިވެސް ގަބޫކުރަން ދަތިވެފައެވެ. އޭނާހީކޮށްގެން ހުރީ ނާއިޒް އުޅެނީ ހަމައެކި މިޝާއަށް ހިތްކިޔައިގެން ކަމުގައެވެ. ނަމަވެސް އޭނާގެ ފޯނުން ފެނުނު ވީޑިއޯތަކުން އެފަދަ ކިތަންމެ އަންހެން ކުދިންނެއް އޭނާގެ ގައިދުގައި ވާކަން ކަށަވަރު ވެއްޖެއެވެ.

" ތައްޔާރުވޭ ހުޅުމާލެއަށްދާން....ބޮސްބުނެގެން މިއައީ....ނަސީބެއްނު އާދެވުނުކަން އެހެންނޫންނަމަ ނޭނގެ މިއަދު ވާނެގޮތެއްވެސް" ނާއިޒް ދިއުމުން މިޝާއަށް ބަލާލާފައި ނަވީން ބުންޏެވެ. މިޝާ އެއްވެސް ޖަވާބެއް ނުދީ ލޯފުހެމުން ގޮސް ފާޚާނާއަށް ވަނެވެ. ނަވީން ޓެރެސްމަތީ މިޝާގެ އިންތިޒާރުގައި ހުންނަތާ ފަނަރަ ވަރަކަށް މިނިޓް ފަހުން މިޝާ ތައްޔާރުވެގެން ނުކުތެވެ. ކިތަންމެ ދާހިތްނުވީ ނަމަވެސް އެކަނި ގޭގައި ހުންނާކަށް ދެން އޭނާއަކަށް ނުކުރޭނެއެވެ. ހިމޭން ކަމުގައިތިބެ ދެމީހުން އެކުގައި ތިރިޔަށްފައިބާ ސައިކަލަށް އެރިއެވެ. 

" ކުރިންވެސް ނާއިޒް އުނދަގޫކުރޭތަ؟..." ސައިކަލު ދުއްވާލަމުން ނަވީން އަހާލިއެވެ. " އާނ...އޭނަ އަބަދުވެސް އަހަރެންނަށް ގޯނާކުރޭ.....މަހީކުރީ އޭނާއުޅެނީ ހަމައެކަނި މަގޭ ފަހަތުން ކަމަށް ....އެކަމު އެއްރޭ ނަދާއާއެކު ކާކޮޓަރިން ފެނުނީ.....އެރޭނަދާ ރޯއަޑު އަހަރެންނަށް އިވުނީމަ އެނގުނީ ނަދާ އެގޮތަށް އެއުޅުނީ ބޭނުންވެގެން ނޫންކަން.....އޭގެ އަނެއްދުވަހު ހެނދުނު ނަދާއައިސް އަހަރެންގާތު ބުނީ އެއްވެސް މީހަކުގާތު އެވާހަކަ ނުބުނަން.....އޭނަހުރީ ވަރަށް ކަންބޮޑުވެފަ....އޭގެފަހުންވެސް ނަދާއުޅޭގޮތް އަހަރެން ބެލިން....ނާއިޒް ފެންނައިރަށް އޭނާ ބިރުގަންނަކަން އަހަރެންނަށް ފާހަގަކުރެވުނު...." މިޝާ ވަރަށް ތަފްސީލުކޮށް ކިޔައިދިނެވެ. 

" އެހެންވީމަ ނަދާވެސް އެހުރީ އޭނާގެ ކިބައިން ސަލާމަތް ނުވެވިފަތާދޯ؟....އެކަމު މިހިތަށް އަރަނީ ރިޒޯޓްގަ އެކަން ހިނގަން ދިމާވީ ކިހިނެއްބާއޭ.....މަލްއާ ނަދާއާ އެއްކޮޓަރީގަ ނިދާއިރު މަލްއަށްވެސް އެނގޭނެއްނު އެފަދަކަމެއް ވިއްޔާ..." ނަވީން ވިސްނާލަމުން ބުންޏެވެ. " ނަދާއަށް އެނގޭނީ އަސްލު ކަންތައްވީ ކިހިނެއްކަން.....މައެހީމަވެސް ނުވެސްބުނި...އެކަމް ނަވީން އަހައިފިއްޔާ ކިޔައިވެސް ދީފާނެ....ދެން ރަނގަޅުތާ އެނާއިޒްގެ ހަޤީޤަތް އެނގުނުކަން....ނަވީންނައިނަމަ ނޭނގޭ ވާނެގޮތެއްވެސް...އެކަމު އަދިވެސް އޭނަގެ ކޮމްޕްގަ ނަދާގެ ވީޑިއޯ ހުރެދާނެއްނު....އޭނާ ލީކްވެސް ކޮށްލަފާނެ" މިޝާއަށް ދެރަވެލާފައި އެހެންބުނެވުނުއިރު ހިތުގައި ބިރުވެރިކަންވެސް ހިނގާލިއެވެ.

" ނޫން....އޭނަ އަތުގަ ލެޕެއްވެސް ނުހުރޭ....އޭނަގެ ކޮއްކޮމެނާ އެންމެން ބޭނުންކުރަނީ އެގޭގަ ހުންނަ ކޮމްޕިއުޓަރ ސިސްޓަމް.....ދެން އިއްޔެގަ ނަސީބަކުން އޭނަގެ ހާޑް ހަލާކުވެގެން އަހަރެން އަތަށް ހަދަންދިނީ.....އެހެންވީމަ އޭނަގެ ފަރާތުން އެއްވެސް ބިރުވެރިކަމެއްނެތް.....އޭނައަށް އެއްވެސް ގޮތެއް އޮތްނަމަ އެހާފަސޭހައިން ގޮތްދޫކުރާނެތަ؟...ހާސްނުވޭ! ދެން ނުކެރޭނެ އޭނައަށް ރެޕަންޒަލްއަށް އުނދަގޫކުރާކަން.....ތިފިނޑިކުއްޖާ ރޯވަރުން މިދޫކޮށްލީވެސް....އެހެންނޫންނަމަ އަތެއްފައެއް މުގުރާލާފަ ދޫކޮށްލީހީ...." ނަވީން ޔަގީންކަން ދިނެވެ. " ތޭންކްސް" މިޝާ ޝުކުރުއަދާކުރިއެވެ. "އެނީޓައިމް" ނަވީން ހިނިތުންވެލިއެވެ. ނަވީންގެ އެއޯގާތެރިކަމާއި ގާތްކަމުން ބޭބެއެއްގެ ހިމާޔަތާއި ލޯބި މިޝާއަށް އިހުސާސްކުރެވި އުފަލުން ލޮލުން ކަރުނަ ހިލުނެވެ. ދެމީހުނަށް ފެރީޓާރމިނެލަށް ދެވުނުއިރު އެހެންމީހުން ހުޅުމާލެއަށް ގޮސްފިއެވެ. ނަވީން ޝިފާންގެ ފޯނަށް ގުޅާލުމާއެކު ނެގިއެވެ.

" ހެލޯ...ލަސްވާތީ މިނައްޓާލީ....ދެން އޮންނަ ފެރީއަކުން އަވަހަށް އާދޭ!" އެހެންބުނެފައި ނަވީންގެ ޖަވާބަކަށްވެސް އިންތިޒާރުކުރުމެއްނެތި ފޯނުކަނޑާލިއެވެ. އިރުކޮޅަކުން ނަވީންގެ ފޯނަށް އައީ މެސެޖެއެވެ. " ރެޕަންޒަލް ގޮވައިގެންތަ ތިއައީ؟..." މެސެޖްފެނިފައި ނަވީންގެ ތުންފަތަށް ވެރިވީ ލާނެއް ހިނިތުންވުމެކެވެ. " ނޫން...ރެޕަންޒަލްބުނީ ޕްރިންސް ބަލާއައި އިރަކުންނޭ ދާނީ....ކީއްކުރަންހޭ ވަޒީރުން ފޮނުވަނީ؟..." ނަވީން މެސެޖްގެ ޖަވާބު ފޮނުވާލިއެވެ. މެސެޖް ކިޔާލާފައި ޝިފާންއަށް ހެވުނެވެ. ހުޅުމާލެއަށް ލެފުމާއެކީ ރައިނާއާއި ޝީބާ ސާމާނުތައް ހިފައިގެން ކާރެއްގައި ބާރބެކިއު ހަދަން ބޭނުންވާ ސަރަހައްދަށް ދިޔައެވެ. ރަޔާންއާއި މަލާކް އަދި ނަދާ އާއި ޝިފާން ދިޔައީ ސައިކަލުގައެވެ. އެންމެންވެގެން އަތިރިމަތިން ރީތިތަނެއް ސާފުކޮށްލައި ގެނައި މެޓްތައް ފަތުރާލުމަށްފަހު ސާމާނުތައް އަތުރާލިއެވެ.

ނަވީން މިޝާގޮވައިގެން އެތަނަށް ދިޔައިރު އެންމެންވެސް އަވަދިނެތި އެކިކަންކަމުގައި އުޅެއެވެ. ރައިނާއަށް މިޝާ ފެނުމާއެކު ވަގުތުން މޫނުގައިހުރި އުފާވެރިކަން ގެއްލުނެވެ.

" މަށަށް އެނގިފަ އޮތްގޮތުގަ ނަވީންގެ ގާރލްފްރެންޑަކީ ޝިބް....އެކަމް އެމިޝާ ނެތިއްޔާ ނަވީންއަށް އެއްޗެއް ކެވޭކަމަށްވެސް ނުވޭ" ރައިނާ ހިތްހަމަ ނުޖެހިފައި ބުނެލި ޖުމްލައިން ޝީބާވެސް ފަހަތަށް އެނބުރި ބަލާލިއެވެ. " އަނެއްކާ މިތަނަށްވެސް.....އައިކާންޓް ބިލީވް އިޓް..." ރައިނާ އެކޭ އެއްފަދައިން ޝީބާގެ މޫޑްވެސް ގޯސް ވެއްޖެއެވެ. ރައިނާއާއި ޝީބާގެ ރުޅިވެރި ނަޒަރުފެނިފައި މިޝާ ޖެހިލުންވީ ނަމަވެސް ނަވީންގެ ފަހަތުން ގޮސް ތަންކޮޅެއް ދުރުގައި އޭނާ މަޑުކޮށްލިއެވެ. މިޝާ ފެނުމުން ޝިފާންގެ ހިތަށް ފިނިކަމެއް ލިބުނެވެ. 

" އޭތް ކޮބާތަ އެއުޅޭ ނާއިޒް....އޭނާފޯނުވެސް ހުޅުވީކީ ނޫނޭ....ނާދޭތަ ނަވީންއާއެކީ؟.." ނަވީން ފެނުމާއެކު ރަޔާން އަހާލިއެވެ. 
" އާނ...އޭނަބުނީ ކުޑައެކްސިޑެންޓެއް ވެގެން ފޯނުވެސް ހަލާކުވި ވާހަކަ....ތަންތާ ރިއްސާތީ ނުދެވޭނޭބުނީ" ނަވީން ވަގުތުން ވާހަކައެއް ހަދާލިއެވެ.
" އެހެންތަ؟...ވަރަށްބޮޑަށް އަނިޔާވިތަ؟...." ރަޔާން ކަންބޮޑުވެފައި އަހާލިއެވެ. " ނޫނޭ މާބޮޑުކަމެއްނުވޭ....ކުޑަކޮށް ތުންފަތް ފަޅައިގެން ގޮސް ހުރީ..." ނަވީން އިތުރުކޮށްލިއެވެ.
" ތޭންކްސް ބަޑީ" ނަވީން ގޮސް ހުއްޓުމުން ސިއްރުސިއްރުން ޝިފާން ބުނެލިއެވެ. " ތޭންކްސް ކިޔާނެކަމެއް ނެތް....އެފަކީރު ރޮއެ ރޮއެހުރީ ނުގެނެސްއައީމަ....ޝިފާން ބުނާނެކަމަށް އިންތިޒާރުގަ އިނީ" ޝިފާން ތަޅުވާލުމަށްޓަކައި ނަވީން ގަސްތުގައި ދޮގެއް ހަދާލިއެވެ. " ކޮންމެހެން ދޮގުހަދާނެކަމެއް ނެތް....ހިނގާބަލަ ގްރިލްބަލާ! މަށާއެކު" ޝިފާން އެދުނެވެ. " ކޮންތާކުތައް ގްރިލްވީ؟...." ނަވީން އަހާލިއެވެ. " މިރަށުގަހުރި ގޭގަ" ޝިފާން އޮޅުންފިލުވައިދިނެވެ. ދެމީހުން ޝިފާންގެ ސައިކަލްގައި ގްރިލްބަލާ ދިއުމުން ރައިނާއާއި ޝީބާ މިޝާގެ ގާތަށް އައެވެ. 
" ކަލޭ ހަމަ އަހަރެމެން އަންނަ ކޮންމެތާކަށް އަންނަން ޖެހޭތަ؟ މަށަށް ހީވަނީ ނަވީންއާ އަޅައިގަނެގެން ނެއްޓެން ނޭނގިގެންހެން މިއުޅެނީ" ރައިނާ ރުޅިއައިސްފާ އެއްޗެހި ކިޔަންފެށިއެވެ. " އަހަރެން އެއްޗެކޭ ނުބުނެ މަޑުން ހުންނާތީ ހީނުކުރާތި ކަލެއަށް ބޭނުންހާ ގޮތަކަށް އުޅެވޭނެއޭ.....ނަވީ މާހެޔޮއެދިގެން އުޅޭތީ މީނައަށް ހީވަނީ މީނަދެކެ ލޯބިން އުޅޭކަމަށް....ނަވީއާ ދުރުން އުޅޭށޭ މަނުބުނަންތަ؟" ޝީބާވެސް އެއްޗެހި ކިޔަންފެށިއެވެ. މިޝާ އަނގައިންވެސް ނުބުނެ އިސްޖަހައިގެން އެހުރި ގޮތަކަށް ހުރީއެވެ. ރޮއެ ރޮއެފައި އައުމުގެ ސަބަބުން އަނެއްކާވެސް އޭނައަށް ރޮވޭގޮތް ވެއްޖެއެވެ. ނަމަވެސް އެކަން ސިއްރުކުރުމަށްޓަކައި ތިރީތުންފަތުގައި ދަތްއަޅާލިއެވެ. 

" މާރަނގަޅުވެގެން އަނގައިން ނުބުނެ ހުންނާނެކަމެއްނެތް....ވަރަށް ފޫހިވޭ" ރައިނާ ރުޅިއައިސްފައި މިޝާގެ ކޮނޑުގައި އަޅާކޮއްޕާލުމުން ނުވެއްޓުނީވެސް ކިރިޔާއެވެ. " ދެން ހިނގާ މިތަނުން....އޭނަ ވެއްޓި ތަނަކަށް ތަދުވެއްޖެއްޔާ ނަވީ އެހެންނޫނީ ދޮންބެ ދާނެ އަނެއްކާ އޭނާގޮވައިގެން މާލެ....މަބޭނުމެއްނޫން އެހެންވާކަށް" ރައިނާގެ އަތުގައި ހިފައިގެން ހިނގައިގަންނަމުން ޝީބާ ބުންޏެވެ. ރައިނާ މިޝާއަށް ލޯއަޅާލަމުން ޝީބާއާއެކުދާން ހިނގައިގަތެވެ. 

މަލާކް ރަޔާންއާއެކު ކުކުޅާއި ސޮސެޖްތަކުގައި މިރުސްހޭކުމައިގެން އަވަދިނެތި އުޅުނުއިރު ނަދާވެސް އެމީހުނާ އެހީތެރިވެދޭން އުޅުނެވެ. ޝީބާއާއި ރައިނާވެސް ގޮސް އެމީހުންގެ ގާތަށް މަޑުކޮށްލިއެވެ. " ރައީ ހާދަ މޫޑީވެފަ" ރައިނާގެ މޫނަށް ބަލާލަމުން މަލާކް އަހާލިއެވެ.

" މޫޑީ ނުވާނެތަ...އަނެއްކާ އެ މިޝާވެސް ގޮވައިގެން ނަވީން އެއައީ..." ދަތްކުޑިވިކާލަމުން ރައިނާ ބުންޏެވެ. " ތިވާނީ ޝިފާން ބުނެގެން ކަމަށް....ޓާރމިނަލްގަ ހުއްޓާ ޝިފާން ބުނިބުނުމަކަށް ނަވީން ދިޔައީ.....ދެން އެހެންނޫނަސް އެއީ މާބޮޑު މައްސަލައެއް ނޫނެއްނު....އޭނާވެސް ގޭގައެކަނި ހުރީމަ ފޫހިވާނެއްނު......" ރަޔާން ބުނެލިއެވެ. " ދޮންބެވެސް މިހާރު އެއަންހެނާއަށް ހެޔޮއެދެން ފެށީތަ؟....މިހުރިހާ ފިރިހެނުން ހީވަނީ އެނޫނީ އަންހެންކުއްޖަކު ނެތިގެން އުޅޭހެން....ހާދަ ފޫއްސެކޭވަނީ" ރައިނާގެ ރުޅިވެރިކަން އިތުރުވިއެވެ. " ދެން އެވާހަކަ ދޫކޮށްލާފަ މިކަމާ އުޅެބަލަ!....އަދިވެސް އެހުރީ މިރުސްނުލެވި ހުރިހާ އެއްޗެހި" ރަޔާން އަވަހަށް ވާހަކަ ބަދަލުކޮށްލިއެވެ. ނަމަވެސް ރައިނާ ތުން އަނބުރާލަމުން އެތަނުން ދުރަށްދިޔައެވެ.

އޭގެ ދެގަޑިއެއްހައިރު ފަހެވެ. ކޮންމެމީހަކުވެސް ތައްޓެއް ހިފައިގެން ކެއުމާއިގެން މަސްއޫލުވިއެވެ. ނަމަވެސް މިޝާ އެމީހުނާ ތަންކޮޅެއް ދުރުގައި އިށީނދެއިނެވެ. ޝިފާން ތައްޓަކަށް ކާއެއްޗެހި އަޅައިގެން ގެންގޮސް މިޝާގެއަތަށް ދިނުމުން ޖެހިލުންވެ އިނދެ އޭގައި ހިފިއެވެ. ރައިނާ ޝީބާގެ ގައިގާ ކޮއްޓާލަމުން އެމަންޒަރު ދައްކާލިއެވެ. " ދޮންބެވެސް އުޅޭގޮތުން ހަމަ ހައިރާންވޭ" ޝީބާ ނުރުހިފައި ބުންޏެވެ. ޝިފާން މިޝާގާތު މަޑުކުރަން ބޭނުންވި ނަމަވެސް އެހެންމީހުން ހީކޮށްފާނެ އެއްޗަކަށް ޖެހިލުންވެ އެހެން މީހުންގެ ގާތަށް އައިސް އިށީނެވެ. ނާއިޒް ނައުމުން ނަދާހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. ތައްޓަށް އެއްޗެހި އަޅައިގެން ނަދާގޮސް އިށީނީ މިޝާއާ ދާދިގާތުގައެވެ. އޭނާ މިޝާއާ ވާހަކަ ދައްކާލަން ހިތަށް އެރީ ކީއްވެކަމެއް ނޭނގެއެވެ. 

" އެނގޭ ނަދާ އަހަރެންދެކެ ވަރަށް ހިތްހަމަ ނުޖެހޭކަން.....އެކަމު ނަދާއަށް އުފާވެރި ޚަބަރެއް އަހަރެން ދީފާނަން.....މީގެ ފަހުން ނާއިޒް ނަދާއަށް އުނދަގުލެއް ނުކުރާނެ....ދެން ނަދާ ބިރުގަންނާކަށް ނުޖެހޭނެ" ނަދާއަށްވުރެކުރިން މިޝާ ވާހަކަދެއްކިއެވެ. ނަދާ ހައިރާންވެފައި މިޝާގެ މޫނަށް ބަލާލިއެވެ. " ކަލޭ އަނެއްކާވެސް ފެށީދޯ؟....މަބުނެފީމެއްނު އެވާހަކަ ދައްކައިގެން ނުވާނޭ!" މިޝާގެ ވާހަކަތަކުން ހައިރާންވީ ނަމަވެސް ނަދާ އެކަން ހާމަނުކޮށް ބުންޏެވެ. " މަށަށް ހަޤީޤަތް އެނގޭތީ މިބުނީ....ނަދާ ބުލެކްމެއިލް ކުރިކަންވެސް އެނގޭ.." މިޝާ ޔަޤީން ކަމާއެކު ބުންޏެވެ. "ކިހިނެއް ކަލެއަށް އެނގެނީ ތިހާ ޔަޤީންކަމާއެކު ބުނަން" ނަދާ ހައިރާންވެފައި އަހާލިއެވެ. މިޝާ އެއްވެސް ފޮރުވުމެއްނެތި ނާއިޒް އޭނާއާމެދު ކަންތައްކުރި ގޮތާއި ނަވީން އޭނަ ސަލާމަތްކޮށްދިން ގޮތް ކިޔައިދިނެވެ. ނަދާއިނީ ހައިރާންވެފައެވެ. އެހާފަސޭހައިން ނާއިޒް ގޮތްދޫކޮށްފާނެ ކަމަކަށް އޭނާއަކަށް ގަބޫލެއް ނުކުރެވެއެވެ. " އަން މިއޮތީ ނާއިޒްގެ ފޯން...ނަދާބޭނުންގޮތެއް ހަދާ!" މިޝާ ނަދާއަށް ފޯން ދިއްކޮށްލިއެވެ.

" ތީގެ މާނައަކީ ނަވީންވެސް އެވީޑިއޯބެލިއޭތަ؟...." ނަދާ ކަންބޮޑުވެފައި އަހާލިއެވެ. "ނޫން އެއްކޮނެއް ނުބަލާ....ތަންކޮޅެއްބެލީ......އެހެން ކުދިންގެ ވީޑިއޯވެސް މީގަހުރި...ނަވީން ޑިލީޓްކޮށްލީ" މިޝާ އޮޅުން ފިލުވައިދިނެވެ. " އެކަމު ކިހިނެއް އެނގެނީ އޭނަ އަތުގަ އިތުރުވީޑިއޯއެއް ނުހުންނާނެކަމެއް...." ނަދާ ހާސްވިއެވެ. " ހާސްނުވެބަލަ! އޭނައަތުގަ މިހާރު ނަދާގެ އެއްވެސް ވީޑިއޯއެއްނެތް....ހަމަޔަގީން..." މިޝާ ޔަގީންކަންދިނެވެ. " ތޭންކްސް....ވަރަށް ބޮޑަށް ތޭންކްސް...މިޝާގެ ސަބަބުން މިއަދު އަހަރެން މިސަލާމަތްވީ ވަރަށް ބޮޑުކަމަކުން.....އެނުލަފާ ނާއިޒްއަށް އަހަރެން ވަރަށް އިތުބާރުކުރިން....ހަމަ ބޭބެއަކު ފަދައިން...އެކަމު އެއްރޭ މަލް ރަޔާންގެ ކޮޓަރިއަށް ދިޔަތަނާ އަހަރެންގެ ކޮޓަރިއަށް އައިސް ވަރަށް ގިނައިރު ވާހަކަދައްކަން އިން....އެގޮތަށް ޖެހިޖެހިގެން ދެތިން ރޭ އައިފަހުން އެއްރޭ އޭނަދިން ކޯކް ފުޅިއެއް އަހަރެން ބުއީ....އޭނާވެސް ކޯކްފުޅިއެއް ބޯންއިނީމަ އަހަރެން އެއްވެސް އެއްޗެއް ހިތަށްނާރާ އެބޯލީ.....އަހަންނަށް އެބުނީމަ ފާޑެއްގެ ގޮތެއްވި.....އެކަމަކު ނިދުނީކީ ނޫންކަން އެނގޭ.....ނާއިޒްކުރި ކަންތައްތައްވެސް އިހުސާސްވި ކޮންމެވެސް ވަރަކަށް....ދެން އަހަރެންނަށް ނިދުނީހެން ހީވަނީ....ހެނދުނު ހޭލެވިގެން އެކަންތައްތައް ހަނދާންވެފަ ހީކުރީ ހުވަފެނެއްކަމަށް.....އެކަމު އަހަރެންގެ ހަށިނގަޑު ތަފާތު އިހުސާސެއް ކުރެވުނު....އެދުވަހު ނާއިޒް އަހަރެންނާދިމާ ބަލާގޮތް ތަފާތުވިހެން ހީވި.....އަނެއްރޭ ނާއިޒް އައުމުން އަހަރެން ނިދަންބޭނުމޭ ކިޔާ ފޮނުވާލަން އުޅުމުން ގަދަކަމުން އެތެރެއަށްވަދެ އޭނަކުރި ވީޑިއޯދެއްކި....ބުނީ އޭނަބުނާގޮތަށް ކަންތައް ނުކޮށްފިއްޔާ ލީކްކޮށްލާނަމޭ...އަހަރެން ވަރަށް އާދޭސްކުރިން...އަހަރެންގެ ބޯއީފްރެންޑަކުވެސް ހުރެޔޭބުނިން....އެކަމުވެސް އޭނަ އަޑެއްނޭހި....އަހަރެންނަށް ކުރެވޭނެ އިތުރުކަމެއް ނެތިގެން އެހެންއުޅެން މަޖުބޫރުވީ.." ރޮއެރޮއެފައި ނަދާ ކިޔައިދިން އިރު މިޝާގެ ހިތަށްވެސް އަސަރުކުރިއެވެ. " ދެން ކަންބޮޑު ނުވޭ!....އޭނަދެން ނަދާއަކަށް ގޯނާއެއް ނުކުރާނެ..." މިޝާ ނަދާގެ ހިތްހަމަ ޖައްސަދިނެވެ. ނަދާ މާގަޔާވެގެން މިޝާއާއި ވާހަކަ ދައްކާ މަންޒަރުފެނުމުން ހައިރާންވެގެން އަނެއްތިން އަންހެންކުދިން ބަލަންތިއްބެވެ. ނަދާ އެވަރަށް މިޝާއާ ދެއްކީ ކޮން ވާހަކައެއްބާއޭ އެކުދިންގެ ހިތަށް އަރަމުންދިޔައެވެ. 

ކޮމެންޓް 0