" ނޫން...އޯކޭ..އައިމީން...އޯކޭ މަޑުކުރިއަސް...އެކަމް ކިހިނެއް ނިދާނީ؟" ޖެހިލުންވެފައި މިޝާއަހާލިއެވެ. " ކާކުބުނީ އަހަރެން ނިދަން އަންނަވާހަކަ؟....މިރޭނިދާކަށް އަހަރެން ބޭނުމެއްނޫން...ބޭނުމީ....." މިޝާގެ މޫނަށް ބަލާލަމުން ޝިފާން ޖުމްލަމެދުކަނޑާލިއެވެ. ޝިފާންގެ އެބަލާލުމުން މިޝާގެ ހިތްތެޅިލިއެވެ. ޝިފާން އެގޮތަށް ބަލަން ހުރުމުން އިސާހިތަކު އަތްފައިވެސް ފިނިވެއްޖެއެވެ. ރަކިވެގެން މިޝާ އިސްޖެހިއިރު ޝިފާންގެ ތުންފަތުގައިވީ ލާނެއް ހިނިތުންވުމެކެވެ. މިޝާ ވިސްނާނީ ކޮންގޮތަކަށް ކަން އޭނާއަށް އެނގެއެވެ. 

" ނާހާނަންތަ ކޮންކަމެއްތޯ ބޭނުމީ؟..." މިޝާ އިސްޖަހައިގެން އަނގައިންވެސް ނުބުނެ ހުންނަން ފެށުމުން ޝިފާން ޖެއްސުންކޮށްލިއެވެ. " އަހަރެން ބޭނުމީ ނިދަން.....ވަރަށް ނިދިއައިސްފި....ފަތިހު ހޭލަންވެސް ޖެހޭނެ.." މިޝާ މައުލޫއު ބަދަލުކޮށްލަމުން ގޮސް އެނދުގައި އިށީނެވެ. ޝިފާންވެސް ހީލާފައި ގޮސް އެނދުމައްޗަށް ވެއްޓިގަތެވެ. ޝިފާން އެނދުހުރަހަށް އޮތުމުން މިޝާއަށް އޮށޯއްނާކަށްވެސް ނުކެރުނެވެ. 

" އޯހ..ސޮރީ.....މާބޮޑަށް ނިދިއައީދޯ....އަވަހަށް އޮށޯވޭ!..އަހަރެން ހުންނާނަން ރެޕަންޒަލްގެ ގާޑަކަށް...އެހެންވީމަ އެއްވެސް ކަމަކާ ބިރުގަންނާނެ ކަމެއްނެތް....އަރާމުކޮށް ނިދާލާ" މިޝާ އިންގޮތުން ޝިފާންއަށް އެއްޗެއް ވިސްނިގެން ތެދުވެ އެނދުގެ އެއްފަރާތުގައި އޮށޯވެ ދެލޯމަރާލިއެވެ. ޝިފާންއަށް ފުރަގަސްދީގެން އެނދުގެ އަނެއް ފަރާތުގައި މިޝާވެސް އޮށޯތެވެ. ޝިފާން ކޮންމެފަދަ ސަމާސާއެއްވެސް ކޮށްފާނެތީ މިޝާ އޮތީ ޖެހިލުންވެފައެވެ. ކުރިންވެސް ޝިފާން ސަމާސާކޮށްލީ އޭނާ ނުވެސް ވިސްނާހުއްޓައެވެ. މިފަހަރުވެސް މަޑުމަޑުން އޮވެފައި ހަމައެފަދަ ލާނެއްކަމެއްވެސް ކޮށްފާނެއެވެ. ފުރަގަސްދީގެން އޮތްނަމަވެސް މިޝާގެ ތުންފަތުގައި އުފާވެރި ހިނިތުންވުމެއް ދުވެލަދުވެލާ ހުއްޓެވެ. 

ދުވަހަކުވެސް އޭނާގެ އެނދުގައި އެހާގާތުގައި ޝިފާން އޮވެދާނެކަމަށް އޭނާހީކޮށްފައެއް ނުވެއެވެ. މިފެންނަނީ ހުވަފެނެއް ނޫންބާއޭވެސް ކިތަންމެ ފަހަރަކު އޭނާގެ ހިތަށްއެރިއެވެ. ޝިފާންއާމެދު ތަފާތު ފޮނި ޚިޔާލުތައް ކުރަމުން ހިތުގެ ޖަޒުބާތުތައް ކޮންޓްރޯލް ކުރަމުން މިޝާދިޔައިރު، ޝިފާން ދެލޯމަރައިގެން އޮވެ ވިސްނަމުން ދިޔައީ ، ލަންކާއަށް ދާންޖެހުނު ވާހަކަ މިޝާގާތު ބުނާނެ ގޮތަކަށެވެ. ޝިފާން ލޯހުޅުވާލާފައި ބަލާލިއިރުވެސް މިޝާ އެއޮތް ގޮތަށް ފުރަގަސްދީގެން އޮތެވެ. ޝިފާން މަޑުމަޑުން މިޝާއާ ގާތަށް ޖެހިލިއެވެ. ޝިފާންގެ ހޫނުނޭވާ މިޝާގެ ހަންއޮމާން ކަނދުރާގައި ބީހެން ފެށުމުން މިޝާގެ ގައިން ހީބިނަގައިގެން ދިޔައެވެ. ހިތުގެ ތެޅުންވެސް ދެގުނައަށް އަވަސްވެގެން ދިޔައެވެ. 

" އަހަރެން ވަރަށްބޮޑު ވާހަކައެއް ބުނަން ބޭނުންވެފަ އެބައޮތް ރެޕަންޒަލްގާތު.....އެންމެ ރަގަނޅުތަ؟..." އާދައިގެ ވަރަށްވުރެ މަޑުން ޝިފާން އަހާލިއެވެ. އެއަޑުގައިވި ސީރިއަސްކަމުން މިޝާގެ ހިތް ކުރިޔަށްވުރެވެސް ބާރަށް ތެޅިގަތެވެ. ޝިފާން ބުނަން އެއުޅެނީ އޭނާދެކެ ލޯބިވާ ވާހަކަބާއޭ މިޝާގެ ހިތަށްއެރިއެވެ. 

" ކީއްވެ އެއްޗެއް ނުބުނީ؟....ނިދުނީތަ؟..." މިޝާ ޖަވާބެއް ނުދީއޮތުމުން ޝިފާން އަހާލިއެވެ. " ނޫން....އަޑުއަހަން މިއޮތީ.." މިޝާ އޭނާގެ ޖަޒްބާތުތައް ކޮންޓްރޯލްކުރަމުން އާދައިގެ ގޮތަކަށް ބުންޏެވެ. ނަމަވެސް އެއަޑުގައިވި އަސަރު ހަމަރަނގަޅަށްވެސް ޝިފާންދެނެގަތެވެ. އެހިތުގެ ހާލަތުވެސް ޝިފާންއަށް ހުރަހަކާނުލައި އެނގެއެވެ.
" އަހަރެން ރެޕަންޒަލް ގައިގަ ބައްދާލިޔަސް އޯކޭތަ؟....ވަރަށް ދުވަސް ވެއްޖެ އެއްވެސް މީހަކާ ހަގްކޮށްނުލާތާ....މިރޭހަމަ ބައްދާލާހިތްވަނީ..." ޝިފާން، އޭނާ ބުނަން އުޅުނު އަސްލު ވާހަކަ ނުބުނެ މައުލޫއު ބަދަލުކޮށްލީ ހަމަގަސްތުގައެވެ. މިވަގުތު މިޝާއޮތީ އެފަދަ ވާހަކައެއް ދައްކަން އެންމެ އެކަށީގެންވާ ހާލަތެއްގައި ނޫންކަން އޭނާއަށް އިހުސާސްވިއެވެ. މިޝާގެ ޑައިރީގައި ބުނެފައިވާފަދައިން މިވަގުތު މިޝާ އިންތިޒާރު ކުރާނީ ޝިފާންގެ ލޯބީގެ ބީހިލުމަކަށްކަން އޭނާއަށް އިހުސާސް ކުރެވެއެވެ. އެހެންކަމުން މިވަގުތު ހިތާމަވެރި ޚަބަރެއްދީގެން މިޝާގެ ހިތުގެ ފޮނިފޮނި އުއްމީދުތައް ވިއްސިވިހާލިކޮށްލަން ޝިފާން ބޭނުންނުވީއެވެ. ޚުދު އޭނާގެ ހިތްވެސް އެދެމުންދިޔައީ އެމައުސޫމު އަންހެން ކުއްޖާގެ ގައިގާ ބީހިލުމަށެވެ. މިރޭގެ މިވަގުތުކޮޅު ހިތްހަމަޖެހިގެންތިބެ ހޭދަކޮށްލުމަށްފަހު މާދަމާވެސް އެޚަބަރުދެވިދާނެ ކަމުގައި ޝިފާން ވިސްނިއެވެ. ޝިފާން ފާޅުގައި ބައްދާލިޔަސް އެންމެ ރަނަގަޅުތޯ އެހުމުން މިޝާގެ ގާތަށް ހިނިވެސް އައެވެ. ނަމަވެސް އެސުވާލަށް ޖަވާބުދޭން އޭނާ ލަދުވެސް ގަތެވެ. އޭނާ ކުޑައިރު ބައްޕަގައިގާ ބައްދާލުން ފިޔަވައި އެއްވެސް އިތުރު ފިރިހެނަކު ގައިގާ ބައްދާފައެއް ނުވެއެވެ. އެހެންކަމުން ޝިފާންގެ ގައިގާ ބީހިލަން ކިތަންމެ ހިތްއެދުނަސް އާއެކޭ ބުނާކަށްވެސް މިޝާއަކަށް ނުކެރުނެވެ. 

" އޭތް!..ކީއްވެ އެއްޗެއް ނުބުނީ..." މިޝާގެ ކަންފަތާ އަނގަ ކައިރިކޮށްލަމުން ޝިފާން ވައިއަޑުން އަހާލިއެވެ. އެވަގުތު މިޝާގެ ކަންފަތް ހީލިކަރުވައިގަނެ، މުޅިހަށިގަނޑަށް އޭގެ އަސަރުކުރިއެވެ. މިޝާއަށް ވީގޮތުން ބޭއިޚުތިޔާރުގައި ޝިފާންއަށް ހެވުނެވެ. މިޝާ ދެއަތް ޖޯޑުކޮށް މޭގައިޖައްސައިގެން، ދަފައިކުރުކޮށްގެން އޮތްގޮތުން ހީވީ ޝިފާން އަތްލަފާނެތީ ބިރުން އޮތްހެންނެވެ. ހަޤީޤަތުގައި އޭނާ ދެލޯމަރައިގެން އޮވެ، ހިތުގެ ޖަޒްބާތުގެ މައްޗަށް ބާރުފޯރުވޭތޯ މަސައްކަތްކުރަނީއެވެ. ނަމަވެސް ޝިފާންގެ ހޫނުނޭވާތައް އެހަށިގަނޑުގައި ހަލަބޮލިކަމެއް އުފައްދައިފިއެވެ. މިޝާގެ ޖަވާބެއް ނުލިބުމުން ޝިފާން މަޑުމަޑުން މިޝާގެ ކޮނޑުގައި ހިފައި އޭނާއާދިމާއަށް އަނބުރާލިއެވެ. މިޝާދެލޯމަރާ ބާރުކޮށްގެން އޮތްއިރުވެސް ޝިފާންގެ މޫނާއި އެތޫނުދެލޯ އޭނާއަށް ސިފަވަމުންދިޔައެވެ. 

" ހޭއި! ރެޕަންޒަލް....އާރ ޔޫ ސްލީޕިންގް..." މިޝާ އޮތީ ހޭލާކަން އެނގިހުރެވެސް ޝިފާން އަހާލިއެވެ. ދެންވެސް މިޝާ އަނގައިންނުބުނެ އެއޮތްގޮތަށް އޮތީއެވެ. " އައި ނޯ ޔޫ އާރ ނޮޓް ސްލީޕިންގް.....ޕްލީޒް ލޯހުޅުވަބަލަ!...." ޝިފާން މިޝާގެ މޫނާއި މޫނުގާތްކޮށްލަމުން މަޑުމަޑުން ބުނެލިއެވެ. މިޝާގެ މޫނަށް ނަޒަރު ހުއްޓާލައިގެން އޮތްއިރު، އެރީތި މޫނާއި ތުންފަތުގައި ބޮސްދޭން އޭނާގެ ހިތްއެދިގޮވަމުންދިޔައެވެ. މިޝާ މަޑުމަޑުން ލޯހުޅުވާލުމާއެކު ޝިފާންގެ މޫނު އެހާގާތުން ފެނުމުން އޭނާގެ ހިއްސުތައް ގަނޑުވިކަހަލައެވެ. ދެމީހުންގެ ހަތަރުކަޅިހަމަވި ވަގުތު ޝިފާންއަށްވެސްވީ އެފަދަގޮތެކެވެ. މިޝާގެ މޫނުން ނަޒަރު އެއްކިބާކޮށްލަން ނޭނގިފައި ހިނދުކޮޅަކު އެގޮތަށް އޮވެވުނެވެ. ޝިފާންގެ ދެލޮލަށް ބަލަން ކެތްނުވުމުން މިޝާގެ އެސްފިޔަތައް މަޑުމަޑުން ތިރިކޮށްލިއެވެ. "ސޯ ބިއުޓިފުލް" މިޝާގެ މަޑުފިޔާތޮށި ކުލައިގެ ތުނިތުންފަތަށް ނަޒަރު ހުއްޓާލައިގެން އޮވެ ބޭއިޚުތިޔާރުގައި ޝިފާންއަށް ބުނެވުނެވެ. އެތުންފަތުގެ ބީހުން އަދިވެސް އެއްފަހަރު އޭނާ ބޭރުމެވެ. އެފޮނިމީރުކަން އެތައްފަހަރަކު ލިބުނަސް އެހިތް ނުފުރޭނެކަން ގައިމެވެ. އެކަރުހިއްކުން ދުވަހެއް ދުވަހަކަށް އިތުރުވަމުން ދާހެންވެސް އޭނާއަށް ހީވެއެވެ. 

ހިތުގެ އެދުންތަކަށް ފުރަގަސްދީގެން ޝިފާންއަކަށް މާގިނައިރަކު ނޯވެވުނެވެ. އޭނާ މަޑުމަޑުން މިޝާގެ އެރީތި ތުންފަތުގައި އޭނާގެ ތުންފަތް ޖައްސާލިއެވެ. އެވަގުތު މިޝާގެ މެޔަށް ފިނިވެގެން ދިޔައެވެ. ޝިފާން ދެންކޮއްލި ހަރަކާތުން މިޝާގެ ނޭވާފުންވެ، ހަށިގަނޑުގައި މަޑުތުރުތުރެއް އުފެދިގެންދިޔައެވެ. ޝިފާންގެ އެލޯބިވެތި ބީހުން މުޅިއުމުރަށް އެހިތުގައި ބިންވަޅުނެގިގެން ހިނގައްޖެއެވެ. އެވަގުތުކޮޅު މުޅިއުމުރަށް ދެމިގެންދާން އޭނާ ބޭނުންވިއެވެ. ޝިފާންގެ ހިތަށްވެސް ލިބުނު ފޮނިމީރުކަމަކީ މީގެކުރިން އޭނާ ހާސިލްކޮށްފައި ނުވާފަދަ ހިތްގައިމުކަމެކެވެ. އިރުކޮޅެއްފަހުން ޝިފާން މޫނު ދުރުކޮށްލަމުން މިޝާއަށް ބަލާލިއެވެ. ޝިފާންގެ ލޮލުގައިވި މަސްތީކަމުން މިޝާއަށް ޝިފާންގެ މޭގައި މޫނުފޮރުވާލެވުނީ ބޭއިޚުތިޔާރުގައެވެ. ޝިފާން ހިނިތުންވެލަމުން މިޝާގެ ފަށުވިކޮޅެއްފަދަ ފަން އިސްތަށިގަނޑުގައި ފިރުމާލިއެވެ. މިޝާގެ މަޑުމަޑު ހަށިގަނޑުގައި ދެއަތުންވަށާލައިގެން އޮތްއިރު ޝިފާންގެ ހިތަށް އާދަޔާޚިލާފު އުފާވެރިކަމެއް ލިބެމުންދިޔައެވެ. ދެޖިސްމުގެ ހޫނުއެކުވެ ރޭގެފިނިކަން ކަނޑުވައިފިއެވެ. ޝިފާންގެ އަތުތެރޭގައި ބޮނޑިވެގެން އެގޮތަށް އުމުރު ދުވަހު އެއަތުގެ ހިމާޔަތުގައި އޮންނަން މިޝާ ބޭނުންވިއެވެ. ޝިފާންގެ ހިތަށްވެސް އަރާފައިބަމުން ދިޔައީ އެފަދަ ޚިޔާލުތަކެކެވެ. އެންމެ ހިނދުކޮޅަކަށްވެސް އެއަތުން މިޝާބީވެދާކަށް ނޭދެއެވެ. 

ދެހިތުގައި ލޯބީގެ ރާގު އޭގެ އެންމެ ފުރިހަމަގިތުގައި ކުޅެވިގެން ހިނގައްޖެއެވެ. ދުލުން ނުބުނިނަމަވެސް ޖަޒްބާތުން ފުރިގެންވީ އެއިސްޤީ އަމަލުން ދެހިތްވެސް އޭގެ އެންމެފުންމިނުން ލޯތްބަށް އިޤުރާރު ވެއްޖެއެވެ. ނޭނގިތިއްބައި ދެހިތުގައި ކުރިލައި ހެދުނުލޯބީގެ ގަހުގައި ވަސްމީރު މާމެލާމެލި ފޮޅި ޖައްވުގައި ހުވަނދުލެވިއްޖެއެވެ މިހިތްގައިމުރޭގެ ވަގުތުތައް ނިމިދާކަށް އެކަކުވެސް ބޭނުމެއްނުވެއެވެ. މިޝާގެ ހިތްއުފަލުން ނަށަމުން ދިޔައިރު، ޝިފާންގެ ހިތުގައި ކުރިން އުފެދިފައިވި ނުތަނަވަސްކަންވެސް މުޅިންހެން ފިލާހިނގައްޖެއެވެ. ކާފަގެ ބަލި ހާލަތުވެސް ހިނދުކޮޅަކަށް ހިތުން ފިލައިގެން ހިނގައްޖެއެވެ. ދެލޯމަރައިގެން އެގޮތުގައި ތިބިއިރު، އެކަކު އަނެކެއްގެ ހިތުގެތެޅުންވެސް އިހުސާސް ކުރެވެމުންދިޔައެވެ. ހަމަހިމޭންކަމުގެ ބަސްމޮށުންތެރިކަމުން އެދެމެދުގައި ލައްކަގިނަ ވާހަތައް ހިއްސާކޮށްފިއެވެ. ދެހިތުގައި އުފެދިފައިވާ ފުންލޯބި ހާމަކޮށްދިނެވެ. އެއްވެސް ގަލަމަކުން ނުވަތަ ދުލަކުންވެސް ހާމަނުކުރެވޭހާ ބޮޑަށެވެ. ރޭގެފިނިކަމާއެކުވެސް ހިތުގެ ނޭއްގާނީ ޖަޒްބާތުތައް ކޮންޓްރޯލް ކުރުންވީ ދަތިކަމަށެވެ. ނަމަވެސް ހިތްބެހެމުންދިޔަ ޖަޒުބާތުގެ އޮޔެގައި ޖިސްމު ގެނބުނަނުދީ ހިތްވަރުކުރިއެވެ. ވަގުތުތައް ހޭދަވަމުން ދިޔަވަރަކަށް ހަމަހިމޭންކަން އިތުރުވެ ނިދީގެ އަސަރު ލޮލަށް ވެރިވާންފެށިއެވެ. 
******

ފަތިހު ޝިފާންގެ ފޯން އެލާރމްވީއަޑަށް މިޝާއަށް ހޭލެވުނެވެ. ދެލޯހުޅުވާލެވުމާއެކު ސިހިފައި ބަލާލެވުނީ ދާދިގާތުގައި އޮތް ޝިފާންއަށެވެ. ފުރަތަމަ ހީކުރެވުނީ އެއީ ކުލަރީތި ހުވަފެނެއް ކަމަށެވެ. ނަމަވެސް އެއީ ހަޤީޤަތެއްކަން އިހުސާސްވުމުން އޭނާގެ ތުންފަތަށް ރަކި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. މިޝާ ފޯނުނަގައި އެލާރމްކަނޑާލުމާއެކު ޝިފާން ލޯހުޅުވާލާފައި މިޝާގެ ގައިގާ ބައްދާލިއެވެ. ސިހިފައި މިޝާއަށް އަޑެއްވެސް ލައްވާލެވުނެވެ. 

" މިހާރު ފަތިސް ވެއްޖެ...ނަމާދު ކުރަންވާނެއްނު..." ލަދުން އޮވެވެސް މިޝާ ބުނެލިއެވެ. " އަދި އިރުކޮޅަކުން މަޑުންއޮވެބަ...ޕްލީޒް..ދެން ނޭނގެއެއްނު ދުވަހަކުވެސް މިގޮތަށް ނިދާލަން ލިބޭނެކަމެއް...." ޝިފާން ކުރިޔަށްވުރެވެސް ބޮޑަށް މިޝާގެ ގައިގާ ބައްދާލިއެވެ. އެފިނިފަތިހުގައި މިޝާވެސްވަނީ އެފަދަ ހޫނަކަށް ބޭނުންވެފައެވެ. މިޝާހިނިތުންވެގެން ޝިފާންގެ އަތުތެރޭގައި އޮވެދެލޯމަރާލިއެވެ. މާގިނައިރުތަކެއްނުވެ އަނެއްކާވެސް ފޯން އެލާރމްވިއެވެ. 
"މަޑުކޮށްބަލަ!....އަދި ލަހެއްނުވެއެއްނު!" މިޝާތެދުވަން އުޅުމުން ޝިފާން ހިފެހެއްޓިއެވެ. " ނޫން މިހާރު ވަރަށް ލަސްވެއްޖެ....ދެން ލަސްކޮށްފިއްޔާ ފަތިސްނަމާދު ނުކުރެވެނީސް އިރުއަރާނެ....ދެން އަވަހަށް ތެދުވޭ!....އަހަރެންވެސް ނަމާދުކުރަން ޖެހޭނެއްނު..." މިޝާ ވަރަށްލާތްބާއެކު ޝިފާންއަށް ވިސްނައިދިނެވެ. ޝިފާން ދެލޯ ރަނގަޅަށް ހުޅުވާލާފައި މިޝާއާ ދިމާބަލާލަމުން ހިނިތުންވެލިއެވެ. " ތޭންކްސް ރެޕަންޒަލް.....ކޮންމެރެއަކުވެސް ތިހާލޯބިން ގޮވާނަމަދޯ.." ޝިފާން މިޝާގެ ކޮލަށް ދޮނެއްދިނުމަށްފަހު ތެދުވެ މޯޅިއަކަށް ދެމިލިއެވެ. " އާދެބަލަ ވަރަށްލޯބިން ފެންވެސް ވަރުވާލަދޭން.." ގަމީހުގެ ގޮށްތަށް ނައްޓަމުން މިޝާއާދިމާ ބަލާލާފައި ޝިފާން ލާނެއްގޮތަކަށް ބުންޏެވެ. " ދެން ދޭ...." މިޝާ ރަކިވީނަމަވެސް އެކަން ފޮރުވަމުން ތެދުވެ ޝިފާންގެ ބުރަކަށީގައި އަޅައި ކޮއްޕަމުން ކޮޓަރިން ބޭރަށްލިއެވެ. ދޮރުލައްޕާފައި ފާޚާނާއާ ދިމާއަށްދަނިކޮށް ދޮރުގައި ޓަކިދިން އަޑުއިވުނެވެ.

" ކިހިނެއްވީ؟..." ދޮރުހުޅުވާލަމުން އާދައިގެ ގޮތަކަށް މިޝާ އަހާލިއެވެ. 
" އެއްޗެއް ބާއްވާފަދެވިގެން...." ބޯކަހާލަމުން ކޮޓަރިތެރެއަށްވަދެ ދިމަދިމާއަށް ޝިފާން ނަޒަރުހިންގާލިއެވެ. " ކޯއްޗެއްތަ ތިހޯދަނީ؟."މިޝާވެސް ޝިފާންގެ ފަހަތުންގޮސް ދާދިގާތުގައި ހުއްޓެމުން އަހާލިއެވެ. އެވަގުތު ކުއްލިއަކަށް ޝިފާން މިޝާއާ ދިމާއަށް އެނބުރި، މޫނުގައި ދެއަތުން ހިފައި ތުންފަތުގައި ބޮސްދިނެވެ. " ލިބުނީއޯ..ހެހެހެ" މިޝާއަށް ލިބުނު ސިހުމުގައި ހަރަކާތެއްވެސް ކުރަންނޭގިފައި ހުއްޓައި ޝިފާން ހެމުންހެމުން ކޮޓަރިން ނުކުމެގެން ދިޔައެވެ. މިޝާ ދުވެފައި ގޮސް ދޮރުތަޅުލުމަށްފަހު ހަމައެހާބާރުމިނުގައި ގޮސް ފާޚާނާއަށް ވަދެއްޖެއެވެ. 

ނަމާދުކޮށްގެން މިޝާ ތިރިޔަށްފޭބީ ޝިފާން އަންނަންވާއިރަށް ކޮފީއެއް ތައްޔާރުކޮށްލުމަށެވެ. ދެކޮފީގިރައިގެން އައިސް ޓެރެސްމަތީ ޝިފާންގެ އިންތިޒާރުގައި މިޝާ އިންނަތާ އިރުކޮޅެއްފަހުން ޝިފާން އައެވެ. މިޝާއަށް ރޭގެހަނދާންތައްވެ ލަދުގަންނަ ގޮތްވިއެވެ. ނަމަވެސް ޝިފާންގެ މޫނުގައި ހޭލިއިރުހުރި އުފާވެރިކަމެއް މިހާރަކުނެތެވެ. އެމޫނުން މިޝާއަށް ފެނުނީ ސީރިއަސްކަމާއި ކަންބޮޑުވުމެވެ. ޝިފާން މަދުމަދުން ކޮފީބޮމުން ދިޔައިރު ވިސްނަމުން ދިޔައީ މިޝާގާތު ލަންކާއަށް ދާވާހަކަ ބުނާނެގޮތަކާމެދުގައެވެ. ކޮންމެގޮތެއް ވިޔަސް އެވާހަކަ ބުނަން އެބަޖެހެއެވެ. 

" ރެޕަންޒަލް އަށް ކެރޭނެތަ މިގޭގެ އެކަނި އުޅެން....އެއްވެސް މީހަކުނެތި....މިސާލަކަށް ޝިބްއާ އަހަރެން އޯވަނައިޓަކަށް އެހެން ރަށަކަށް ގޮސްފިއްޔާ؟..."ޝިފާން ނުސީދާކޮށް އޭނާގެ ހިތުގައި އޮތްސުވާލުކޮށްލިއެވެ.
" ކީއްވެ ތިހެންތިއެހީ؟....އޯވަނައިޓަކަށް ތަނަކަށް ދަނީތަ؟..." ޝިފާންގެ ސުވާލަށް ޖަވާބުދިނުމުގެބަދަލުގައި މިޝާވެސް ކޮށްލީ ސުވާލެކެވެ. " ދެން ޖަވާބުދީބަލަ!...ކެރޭނެތަ އުޅެން....މިއޮއްބޮޑުގޭގެ އެކަނި ނިދަން ކެރޭނެތަ؟.." ޝިފާން އަނެއްކާވެސް އަހާލިއެވެ. މިޝާ ޖަވާބެއްނުދީ ޝިފާންއަށް ބަލަންއިންއިރު އޭނާގެ ހިތަށްސިފަވީ،އޭނާ އެކަނި ގޭގައިހުރި ދުވަހު ނާއިޒް އައިސް ކަންތައްކުރި ބިރުވެރި ގޮތެވެ.

" ނޫން ނޫން...މަށަކަށް ނުކެރޭނެ އެކަނިއުޅޭކަށް....އަނެއްކާވެސް އެނުލަފާމީހާ......" ވަކިހިސާބަކަށް ބުނެފައި މިޝާ ޖުމްލަ މެދުކަނޑާލިއެވެ. " ކީކޭ؟ ކޮންނުލަފާމީހެއް؟ " ޝިފާން ހައިރާންވެފައި އަހާލިއެވެ. " އެއީ....އެއީ އަހަރެންގެ ފުރެންޑް އަފާގެ ކޮޓަރިއަށް ބެލްކަނިން ވަގަކުވަނީ......އެމީހާއަށް އަހަރެން މިގޭގަ އެކަނިއުޅޭކަން އެނގިއްޖެއްޔާ އަތުވެދާނެއްނު!..." މިޝާ ގަސްތުގައި ވާހަކަ އޮޅުވާލިއެވެ. ނާއިޒްގެ ހަޤީޤަތް ޝިފާންއަށް އަންގައިގެން އެމައްސަލަ އިތުރަށް ހޫނުކުރަން އޭނާބޭނުންނުވީއެވެ. މިޝާގެ ވާހަކައިން ޝިފާންއަށް ހެވުނެވެ.
" ހޫމް....ތިހާބިރުގަންނަ ކުއްޖަކު އުޅޭކަން އެނގެންޏާ ވަގެއްނޫނަސް ކޮންމެ މީހަކުވެސް ވަދެފާނެ...ރޭގަވެސް ބިރުން އުޅުނުވަރުން މަހީކުރީ ފެއިންޓްވަނީކަމަށް....އައިސްކްރީމަކަށްވުރެވެސް ސްވީޓް އަދި އެހާމެ ނާޒްކް ކުއްޖެއްތީ.....ނަސީބެއްނު ރޭގަ މެލްޓްނުވިކަން...." ޝިފާން ގަސްތުގައި މިޝާއާދިމާކޮށް ލަދުގަންނުވާލިއެވެ. ޝިފާންގެ އެސަމާސާގެ ސަބަބުން ލަދުގަތްވަރުން އެދޮންމޫނުގެ ކުލަބަދަލުވެ، ކޯތާފަތާއި ނޭފަތަށް މަޑުފިޔާތޮށިކުލައެއް ވެރިވެގެންދިޔައެވެ. މިޝާގެ މޫނަށްވީގޮތްފެނި ހައިރާންވެފައި ޝިފާން ބަލަންއިނެވެ. އަންހެކުދިން ލަދުން ގޮސް ޖަންބުލައަށް ބަދަލުވާ ވާހަކަ އޭނާވެސް އަޑުއަހައެވެ. ނަމަވެސް ހަމަލޮލުން އެމަންޒަރު ފެނުނު މިއީ ފުރަތަމަ ފަހަރެވެ. މިޝާ އެވަރަށް ލަދުގަތުމުން ޝިފާންއަށް މަޖާވިއެވެ. އެހާ ސީރިއަސް މޫޑެއްގައި އިނދެފައިވެސް ޝިފާންގެ މޫޑު އެއްކޮށްބަދަލުވިއެވެ. އިރުކޮޅެއްވާންދެން މިޝާއަށް ޖެއްސުން ކުރުމަށްފަހު އެންމެފަހުން އޭނާ ބުނަންބޭނުންވި ވާހަކަވެސް ބުންޏެވެ.

" ހަމަ އަސްލުވެސްތަ؟ ކޮންއިރަކު ކާފައަށް ކެންސަރުޖެހުނީ؟.....ކީއްވެ ކާފައަށް ކެންސަރުޖެހެންވީ؟...ދެންކާފަ ދުވަހަކުވެސް ރަނގަޅެއް ނުވާނެތަ؟...." ކާފަގެ ހާލަތު އެނގުމުން މިޝާ ހާސްވެ ކަންބޮޑުވީވަރުން ހުރިހާ ސުވާލެއް އެއްފަހަރާކޮށްލެވުނެވެ. ވަގުތުން އޭނާގެ އުފާވެރިކަން ގެއްލި ލޮލަށް ކަރުނަ ޖަމާވެއްޖެއެވެ. ހިތްވަރުކޮށްގެން ނުރޯން އިންދައިވެސް ޝިފާންގެ ގައިގާ އޮޅުލައިގެންފައި މިޝާއަށް ރޮވިއްޖެއެވެ. މިޝާ ކުޑައިރުންސުރެ އުޅުނީ ޝިފާންގެ ކާފައަކީ ޚުދު އޭނަގެވެސް ކާފަކަމުގައި ދެކިގެންނެވެ. ކާފައާއި މާމަގެ ފަރާތުން ދުވަސްތަކެއްވާންދެން ނުރުހުމާއި ރުޅިވެރިކަމުގެ ބަސްތައް ލިބުނު ނަމަވެސް އަހަރުތައް ފާއިތުވެ، އެމީހުންގެ ލޯބޯ ކޮށިވި ދުވަހު އެންމެބޮޑަށް އެމީހުނަށް އަޅާލުންދިން މީހަކީ މިޝާއެވެ. އެހެންކަމުން މިޝާދެކެ އެދެމީހުންގެ ހަޤީޤީ ކާފަދަރިންނަށް ވުރެވެސް ލޯބިވެއެވެ. އާސިމްއާއި އޭނާގެ ދަރިންގެ ކުރިމަތީ އެމީހުން އެކަން ފާޅުނުކުރި ނަމަވެސް މިޝާއެކަނި ހުންނަ ވަގުތު ތަކުގައި އެމީހުން ކަންތައް ކުރަމުން ދިޔައީ ނުހަނުލޯބިންނެވެ. ޚާއްސަކޮ މާމަގެ ފަރާތުން ގާތްކަންލިބުނެވެ. ކާފަމަރުވެއްޖެނަމަ މާމަ އެކަނިވާނެވަރު ހިތައްއަރާފައި މިޝާ ވަރަށް ދެރަވިއެވެ. 

" ދެން ހުއްޓާލާ!....އަދިނުވޭ ރޯކަށް.....އަދި އިރާދަކުރެއްވިއްޔާ ކާފަ ރަނގަޅުވާނެ.....އަހަރެމެން ކާފައަށް ދުޢާކުރާނީ....އޭރުން ކާފަ އަވަހަށް ރަނގަޅުވާނެ..." ޝިފާން ދެރަވީނަމަވެސް މިޝާގެ ކުރިމަތީގައި ރޯންބޭނުން ނުވާތީ ހިތްވަރުކުރިއެވެ. ކާފަގެ ހާލަތުގެ ނާޒްކުކަން އިހުސާސްވީނަމަވެސް މިޝާއަށް ހިތްވަރުދިނެވެ. 
" ދެން މީޝް...ކިހިނެއްހަދާނީ....އަހަރެން ބޭނުމެއްނުވޭ މިގޭގަ މީޝް އެކަނި ބަހައްޓާފަދާކަށް.....ކަމެއްވާނީ އެނގިފައެއްނޫން.....އެހެންވީމަ މީޝްގެ ދޮންތަގެ ގެޔަށްދާންވީނު..." ޝިފާންގެ ވާހަކަތައް އަޑުއިވުމުން މިޝާ ހައިރާންވެފައި ޝިފާންއަށް ބަލާލީ، މީގެކުރިން ދުވަހަކުވެސް މީހަކު އޭނައަށް މުޚާތަބުކޮށްފައިނުވާ ނަމަކުން މުޚާތަބުކުރުމުންނެވެ. " ކިހިނެއްވީ؟ އެގޮތްކަމުނުދަނީތަ؟...." މިޝާ ބަލަންއިން ގޮތުން ޝިފާން އަހާލިއެވެ. " ނޫން....އަހަރެންވެސް ބޭނުމީ ތިގޮތް...އެކަމް މަންމަ ސުވާލުކޮށްފިއްޔާ ކީކޭ ބުނާނީ؟" މިޝާ ކަންބޮޑުވިއެވެ. މަންމަ އެހާ ދުރުގައި ހުއްޓައި ދޮންތަގެ ވާހަކަ ބުނާކަށް އޭނާބޭނުމެއް ނުވެއެވެ. މިހުރިހާ ދުވަސްވާންދެން ދޮންތަމެންނާ ގުޅުމެއް ބާއްވަން މަންމަ މަސައްކަތް ނުކުރި ސަބަބެއްވެސް އޮންނާނެތާއެވެ. އެސަބަބެއް ނޭނގެނީސް މިޝާއަށް ދޮންތައާ ބައްދަލުވި ވާހަކަ ބުނާކަށްވެސް އޭނާ ބޭނުމެއްނުވެއެވެ. 

" މަންމަގާތު ބުނަންވީނު އަފާމެންގެ ގޭގަ މަޑުކުރާ ވާހަކަ....އޭރުން އޯކޭވާނެއެއްނު..." ޝިފާން ލަފާދިނެވެ. އެގޮތް މިޝާއަށްވެސް ކަމުދިޔައެވެ. އަފާއާ ވާހަކަދައްކައިގެން މިޝާއަށް މަންމަގެ ރުހުންވެސް ހޯދިދާނެވެ. ނަމަވެސް ރޭންސުރެ އެހާ އުފަލުން ހުއްޓައި ކުއްލިއަކަށް މިފަދަ ހިތާމަވެރި ޚަބަރެއް ލިބުމުން މިޝާގެ މޫޑުވެސް ގޯސްވިއެވެ. ޝިފާންގެ ފަރާތުން އެލިބުނު އުފާވެރިކަންވެސް ހިނދުކޮޅެއްގެ ތެރޭގައި ނެތިހިނގައްޖެއެވެ. އެއިހުސާސްތައް ހުވަފެނެއްފަދައިން ވެގެން ހިނގައްޖެއެވެ. 
******

ޝިފާންއާއި ޝީބާ ފުރައިގެން ދިއުމުން މިޝާ އޭނާގެ ދޮންތަގެ ގާތަށް ވިލިގިއްޔަށް ބަދަލުވިއެވެ. މިކަމާ އެންމެބޮޑަށް އުފާވީ އަފްޒަލްއެވެ. މިޝާއާއެކު ގިނަވަގުތު ހޭދަކުރަން ލިބުމުންނެވެ. އެހިތުގައި މިޝާއަށްޓަކައި ޖަހަމުންދިޔަ ވިންދަށް އާނަމެއްދިނުމަށް މިއަށްވުރެ ރަނގަޅު ފުރުސަތެއް ނުލިބޭނެކަން އޭނާއަށް ވިސްނުނެވެ. ނަމަވެސް އަފްޒަލް އަށް ނުވިސްނި އޮތް އެއްޗަކީ މިޝާގެ ހިތުގައި މާކުރިއްސުރެ އެހެން ނަމެއް ލިޔެވިފައިވާކަމެވެ. އަދި އެހިތުގައި ލޯބީގެވިންދު ޖަހަނީ ހަމައެކަނި އެޚާއްސަ އިންސާނާ އަށްޓަކައި ކަމެވެ.

ކޮމެންޓް 0