ޝިފާން ސޯފާގައި މިޝްކާއާއި ވާހަކަ ދައްކަން އިނުމުން މިޝާ ގަސްތުކުރީ ކޮޓަރިއަށް ދާށެވެ. ނަމަވެސް އަނެއްކާވެސް މިޝްކާ ގޮވައިގެން ޝިފާން ގޮސްފާނެތީ އޭނާ ބިރުގަތެވެ.

" މީއްކޮ އާދެބަލަ މިކޮޅަށް....އަދި އެއްކަލަ ތަން ލިޔެ ނުނިމެއެއްނު ދޯ.....މިއަދު އެތަން ނިންމާލަންވާނެ" ޝިފާންގެ ގާތުން މިޝްކާ ގެނައުމަށްޓަކައި މިޝާ ގޮވާލިއެވެ. މިޝްކާވެސް ދެބަހެއްނެތި ދުވެލާފައި މިޝާގެ ގާތަށް އައެވެ.
" މީއްކޮ ފިލާވަޅު ހަދާތަން ބަލާލަން ދޮންބެވެސް ވަންނަންތަ؟..." މިޝްކާގެ ފަހަތުން އައިސް ކޮޓަރި ދޮރުމައްޗަށް ހުއްޓި މިޝާއަށް ބަލާލަމުން ޝިފާން އަހާލިއެވެ. މިޝްކާ އުފަލުން ބޯޖަހާލިއެވެ. މިޝާ އެއްވެސް އެއްޗެއް ނުބުނެ ގޮސް މިޝްކާގެ ފޮތްދަބަސް ނަގައި ލިޔަންވީތަން ދެއްކިއެވެ. ޝިފާން އެނދުގައި އިށީނދެ ކޮޓަރިތެރޭގެ އެކި ދިމަދިމާއަށް ނަޒަރު ހިންގާލިއެވެ. އޭނާގެ ލޮލުގައި އަޅައިގަތީ ފާރުގައި ހަރުކޮށްފައިހުރި ބޮޑު ފޮޓޯ ފުރޭމްއެވެ. އެއީ އަފްޒަލްއާއި މިޝާގެ ފޮޓޯއެކެވެ. މިޝާއިނީ އަފްޒަލްގެ އުނގުގައެވެ. އަފްޒަލްގެ ދެއަތުން މިޝާގެ އުނަގަނޑުގައި ވަށާލާފައިވެއެވެ. ދެމީހުންވެސް އެކަކު އަނެކެއްގެ މޫނަށް ބަލަންތިބިއިރު، އެދެމެދުގައިވާ ލޯބި ކިތަންމެ ރަނގަޅަކަށްވެސް ހާމަވެއެވެ. އަފްޒަލްގެ އުފާވެރިމޫނު ފެނުމުން ޝިފާންގެ ހިތުގައި ހަސަދައިގެ އަލިފާން ރޯވިއެވެ. އެނދުގެ ބެޓްސީޓްވެސް އަތުގެތެރޭގައި ބޮނޑިކޮށްލެވުނީވެސް ބޭއިޚުތިޔާރުގައެވެ. 

" ވާއު! ވަޓް އަ ރޮމޭންޓިކް ކަޕްލް!" މިޝާއަށް ބަލާލަމުން ވިހަގޮތަކަށް ޝިފާން ހިނިތުންވެލިއެވެ. މިޝާ ހަމަ ބަހެއްވެސް ނުބުނެ މިޝްކާގެ ގާތުގައި އިނެވެ.
" މި ފޮޓޯއަށް ބަލާފަ މީހަކަށް ހީވާނެތަ މި އަންހެން ކުއްޖާއަކީ މިހާމޮޅު އެކްޓަރެކޭ.... މަކަރުވެރިއެކޭ.... ކިހާލޯބިން ހިނިތުންވެފަ އެހުރީ.... އަފްޒަލްއަށް ހީވާނެ އޭނާވަރުގެ ނަސީބުވެރިއެއް ދުނިޔޭގަވެސް ނުހުންނާނެ.... ބަޓް ޕުއަރ އަފްޒަލް.... ހީ ނެވަރ ނިއު ދެޓް ހީ އިސް އެކްޗްއަލީ ޓްރެޕްޑް އިން އަ ޓްރިކް އޮފް އަ ބިއުޓިފުލް ފުރޯޑްގާރލް..... ޔޫ އާ ރިއަލީ ވޮންޑަފުލް ރެޕަންޒަލް" ޝިފާން އަނގައަށް ގޮތެއް ހަދާލަމުން މިޝާއަށް ބަލާލިއެވެ. މިޝާ ނުރުހުންވެފައި ޝިފާންއަށް ބަލާލުމުން ކުރިއަށްވުރެވެސް ބޮޑަށް ޝިފާން ހީލިއެވެ.

" ޝިފާން.... މީއްކޮއަށް އަޑުއިވޭފަށުގަ ޝިފާން ހިތަށްއެރި އެއްޗެއް ކިޔާނެކަމެއްނެތް...." ޝިފާންގެ ގާތަށް ޖެހިލާފައި ލޯއަޅާލަމުން ވައިއަޑުން މިޝާބުންޏެވެ.
" އޯކޭ....އެޒް ޔޫ ވިޝް.....ސޯ ކަމް އައުޓް އެންޑް ޓޯކް ޓްމީ....." ޝިފާން ކޮޓަރިން ނުކުންނަމުން މިޝާއަށް ބުންޏެވެ. މިޝާ ކިތަންމެ ބޭނުން ނުވިޔަސް ޝިފާންގެ ގޮތް އެނގޭތީ ޝިފާންގެ ފަހަތުން ނުކުތެވެ.
" ދޫނި ރަނގަޅަށް ލިޔާތި!....މަންމަ މިދަނީ ސިޓިންރޫމަށް...ނިމުނީމަ މަންމައަށް ގޮވާލާ!" މިޝްކާއަށް ބަލާލާފައި ހިނިތުންވެލަމުން މިޝާ ބުންޏެވެ. 

" ޝިފާން ކީކޭ ހިތަށް އަރައިގެންތަ ތިއުޅެނީ؟....އަހަރެންގެ ދިރިއުޅުމުގެ ތެރެއަށް ވަންނާކަށް ޝިފާންއަކަށް އެއްވެސް ހައްޤެއް ނޯންނާނެ.....އަހަރެންވެސް މިހުރީ ޝިފާންގެ ދިރިއުޅުމާ ދުރަށް އައިސް....ދުވަހަކުވެސް އަހަރެންގެ އުނދަގުލެއް ދެން ޝިފާންއަކަށް ނުވާނެ.." މިޝާއަށް ކުރި އަސަރުން އަޑުބެދޭގޮތްވިއެވެ.
" އޯހ ރިއަލީ.....އަހަރެންނަށް ހަމަ އެއްވެސް ހައްޤެއް ނޯންނާނެތަ؟....ދެން ކޮން ހައްޤަކާލައިގެން މީޝް އޭރު އަހަރެންގެ ދިރިއުޅުމަށްވަނީ......އަހަރެންގެ ހިތާކުޅުނީ.....އަހަރެންގެ އުއްމީދުތައް ފުނޑުފުނޑުކޮށްލީ....އަހަރެންގެ ދިރިއުޅުމަށް އައި ކޮންމެ ހިތާމައެއް ގުޅިފަހުރީ މީޝްއާ....ނޯ...ނޮޓް މީޝް....ރެޕަންޒަލް....މީޝް އެއީ އަހަރެން ލޯބިވީ ގާރލް.....އޭނަ މަރުވެއްޖެ....އޯކޭ ލީވް އިޓް..." ޝިފާންގެ އަޑުގައި ހިތާމައާއި ރުޅިވެރިކަން އެކުލެވިގެން ވެއެވެ. 
" ޝިފާން ތިހީކުރަނީ ރަނގަޅަކަށް ނޫން....އަހަރެންނާ ނަވީން..."
" އޯހ ތިހެން ބުނީމަ މިހަނދާންވީ.....އަހަރެން ހަޤީޤަތުގަ މޮޔަކަމުން ނަވީންއާ އޮތީ ކޮންގުޅުމެއްތޯ މިއަހަނީވެސް.....އޭރުވެސް އޮތް ގުޅުންތާ މިހާރުވެސް އޮންނާނީ..... ހެހެހެ....ބައިދަވޭ....އަފްޒަލްއަށް އެނގޭތަ؟..." ޝައްކުގެ ނަޒަރަކުން މިޝާއަށް ބަލާލަމުން ޝިފާން އަހާލިއެވެ. މިޝާ ތުންފަތުގައި ދަތްއަޅާލަމުން ދެލޯމަރާލިއެވެ.

" އޯހ ނޭނގޭދޯ....ވާއު ބްރިލިއަންޓް....ފިރިމީހާއާ ލޯބިވެރިޔާ ދެމީހުންވެސް އެއްގޭގަ....އެކަކު ނެތިއްޔާ އަނެކަކު ހުންނާނެއްނު....އަނެއްކާ ދަރިފުޅު އެއީ އަފްޒަލްގެތަ ނޫނީ...." ޝިފާންގެ ޖުމްލަ ފުރިހަމަނުވަނީސް މޫނަށް އަރައިގެންދިޔައީ މިޝާގެ އަތުގެ ހޫނު އެތިފަހަރެކެވެ. ޝިފާންއަށް ލިބުނު ސިހުމުން ހައިރާންވެފައި މިޝާގެ މޫނަށް ބަލާލެވުނެވެ. މިޝާގެ ކަރުނައިން ފުރިފައިވި ދެލޮލުން ފެނުނު ރުޅިވެރިކަމުން ޝިފާންއަށް ހުއްޓުން އަރާފައި ހުރެވުނެވެ. 
"ޚަބަރުދާރު!...އަހަރެންގެ ދަރިފުޅޭ ކިޔައިގެން އެއްވެސް ވާހަކައެއް ދެއްކުމުގެ ހައްޤެއް ޝިފާންއަކަށް ނޯންނޭނެ....އަޑުއިވިއްޖެތަ؟...ނުކުމޭމިގެއިން... ހަމަމިހާރު ނުކުމޭ!" މިޝާ ރުޅިއައިސްފައި ހަޅޭއްލަވައިގަތްއިރު އޭނާގެ އަޑު ތުރުތުރުލައެވެ. އެވަރުގެ ހިތްވަރެއް އޭނާއަށް ލިބުނުގޮތެއް ޚުދުއޭނާއަށްވެސް ނޭނގެއެވެ. މިޝާ ރުޅިއައިސްފައި ބަލަންފެށުމުން ޝިފާންގެ ހިތުގެ ތެޅުން އަވަސްވާން ފެށިއެވެ. އޭނާގެ ތަބީއަތް ގޯސްވާން އުޅޭހެން ހީވިއެވެ. މިވަގުތު އޭނާގެ ސިކުނޑިއަށް އަނެއްކާވެސް ސިފަވީ އެނުލަފާ ޤާތިލްގެ މޫނެވެ. އެބިރުވެރި ދެލޮލެވެ. މިޝާގެ ދެލޮލަށް އިތުރަށް ބަލަން ކެތްނުވުމުން ޝިފާން އަވަސް އަވަހަށް އަނެއްފަރާތަށް އެނބުރުނެވެ. އޭނާގެ ނަފްސު ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުން އޭނާ އެގެއިން ނުކުތެވެ. އެވަގުތު އޭނާއަށް ނުކުމެވުނީ ނަވީންގެ ކުރިމައްޗަށެވެ. ކުއްލިއަކަށް އެގޭތެރެއިން ޝިފާން ފެނުމުން ނަވީންހުރީ ހައިރާންވެފައެވެ. ޝިފާން މާލެއައިސް އުޅޭކަންވެސް އޭނާއަކަށް ނޭގެއެވެ. ނަވީން ހައިރާންވެގެން ބަލަންހުއްޓައި ޝިފާން އަޅާވެސް ނުލައި ނުކުމެގެން ހިނގައްޖެއެވެ.

"ޝިފާން މިގެޔަށްވަނީ ކީއްކުރަން؟....އަނެއްކާ މިޝާ ހޯދަންތަ؟..."ނަވީން ހިތާހިތާ ސުވާލުކޮށްލިއެވެ.
ޝިފާން ދިއުމުން މިޝާގޮސް ސޯފާއަށް ވެއްޓިގަތްއިރު ލޮލުން ހޯސްލާފައި ކަރުނަތައް ފައިބައެވެ. މިއަދު އަނެއްކާވެސް ޝިފާން އޭނާގެ ހިތުގައި ޖައްސައިފިއެވެ. ޝިފާން އޭނާއާ ދިމާއަށް އެބުނީ ބުނެގެން ވާނެ އެއްޗެއް ނޫނެވެ. އެހެން މީހެއްގެ ދުލުން އެފަދަ އެއްޗެއް ބުނިނަމަވެސް އޭނާގެ ހިތަށް އެވަރުގެ އަސަރެއް ނުކުރީހެވެ. ނަމަވެސް ޝިފާންއަށް އޭނާގެ ބޮލުގައި އެފަދަ ތުހުމަތެއް އެޅުމުގެ ހައްޤެއް ނެތެވެ. ކުށްވެރިއަކީ އޭނާއެއް ނޫނެވެ. ޝިފާންއެވެ. އެކަން ޝިފާންއަށް ވިސްނޭނީ ކޮންދުވަހަކުން ބާއެވެ. 

"މައްމީ...ކޮކީ ފިލާވަޅުހަދާ ނިމިއްޖެ...." މިޝްކާ ގޮވާލިއަޑު އިވުމުން މިޝާ ސިހިފައި ސޯފާއިން ތެދުވިއެވެ. ދެލޯފުހެލުމަށްފަހު ކޮޓަރިއަށް ވަނީ ހިނިތުންވެލަމުންނެވެ. އޭނާގެ ލޮލުން ކަރުނަ އޮހޮރޭތަން ދަރިފުޅަށް ދައްކާކަށް އޭނާ ބޭނުމެއްނޫނެވެ. އޭނާގެ މަންމަފަދަ ހިތްވަރުގަދަ މީހަކަށް އޭނާވެސް ވާނެއެވެ.
****

ޝިފާން ލޯގަނޑު ކުރިމަތީހުރެ އަދިވެސް އެއްފަހަރު އޭނާގެ ސޫރައަށް ބަލާލިއެވެ. އަތްދިގު ހުދުގަމީހާއި ކަޅުފަޓްލޫނުގައި ހުރިއިރު އޭނާ ކިތަންމެހައިވެސް ރީއްޗެވެ. ކަރުގައި އަޅާފައިއޮތް ޓައީ ރަނގަޅުކޮށްލަމުން ގަޑިބަލާލިއެވެ. ގަޑި ކުޑަތަން ވެއްޖެއެވެ. ޝިފާން އަވަސް އަވަހަށް އޭނާގެ ލެޕްޓޮޕްދަބަސް ކޮނޑުގައި އަޅުވާލައިގެން ބޭރަށް ނުކުތެވެ. އޭރު އޭނާގެ ބައްޕަ ކާރުގައި މަޑުކޮށްގެން އިނީ އޭނާގެ އިންތިޒާރުގައެވެ. ރަސްމީގޮތުން އިޝާން ކުންފުންޏާއި ހަވާލުވީފަހުން އޭނާ އޮފީހަށްދާ މިއީ ފުރަތަމަ ދުވަހެވެ.

" ސޮރީ ޑޭޑް ވަރަށް ލަސްވެއްޖެދޯ" ކާރަށް އަރައި އިށީންނަމުން ޝިފާން އަހާލިއެވެ. 
" ނޫނޭ!...އަދި ގަޑިއެއް ނުޖެހޭ...އެކަމު ދެން މާގިނައިރެއް ނެތް" އާސިމް ކާރުދުއްވާލަމުން ބުންޏެވެ. 
ދެބަފައިން އެކީގައި އޮފީހަށް ވަދެގެން ދިޔައިރު ފެންނަ ކޮންމެ މީހަކުވެސް އިހުތިރާމާއެކު ހެނދުނުގެ ސަލާމްކޮށްލައެވެ. ޝިފާންއަށް އެކަންވެސް ވީ ވަރަށް މަޖާކަމަށެވެ. ނަމަވެސް ބައްޕައެކޭ އެއްފަދައިން އޭނާވެސް ސަލާމްގެ ޖަވާބުދިނީ ވަރަށް ހަރުދަނާ މީހަކު ފަދައިންނެވެ. އާސިމް ޝިފާން ގޮވައިގެން ގޮސް އޭނަގެ ކެބިން ދައްކާލިއެވެ. ހިތްފަސޭހަ އަރާމު ތަކެނެކެވެ. ޝިފާން އޭނާގެ ގޮނޑީގައި އިށީނދެ ހަމަޖެހިލިއެވެ. ވެރިޔެއްގެ އިހުސާސް އެވަގުތުވެސް އޭނާއަށް ކުރެވުނެވެ. 

ފެންނަ ކޮންމެމީހަކު އިހުތިރާމާއި އެކީ ސަލާމްކުރުމާއި އަދަބުއަދާ ކުރުމަކީ ހިތަށް ހަމަޖެހުން ލިއްބައިދޭ ކަމަކަށްވިއެވެ. އޮފީހަށް ވަދެގެން އައިއިރު ޝިފާން ފެނުމުން ރިސެޕްޝަންގައިތިބި އަންހެންކުދީންތައް ތުއިވެ ތުއިވެފައި އުޅެންފެށިކަން އެވަގުތުވެސް އޭނާއަށް އެނގުނެވެ. ދެން މުޅި އުމުރަށްވެސް އޭނާއަށް އުޅެންޖެހޭނީ އެކުދީންގެ ބޮހަކަށް ވެގެން ކަންނޭނގެއެވެ. އެތާތިބީ ހައްތަހާވެސް ރީތި ޒުވާންކުދިންނެވެ. އޭނާ ބޭނުން ވެއްޖެނަމަ ދާދިފަސޭހަ ކަމާއެކީ އޭނާގެ މައްޗަށް ލެނބިދާނެކަންވެސް ގައިމެވެ. ނަމަވެސް އޭނާގެ ހިތް ލެނބުނީ އާދައިގެ މޮޔަ އަންހެން ކުއްޖަކަށެވެ. މިހުރިހާ ދުވަހު ދުރުގައި އުޅެފައި އައީމަވެސް އެނޫން ދެވަނަ އަންހެން ކުއްޖަކަށްޓަކައި އެހިތުގައި ވިންދުނުޖެހީ ކީއްވެގެން ހެއްޔެވެ؟ އެ މަކަރުވެރި އަންހެން ކުއްޖާއަށްޓަކައި އޭނާގެ ހިތް ދީވާނާ ވާންވީ ކީއްވެގެން ހެއްޔެވެ؟ 

" އެކްސްކިއުޒްމީ ސަރ...މޭ އައި ކަމްއިން؟.." ފިރިހެނެއްގެ އަޑުއިވުމުން ޝިފާން ސިހިފައި ބަލާލިއެވެ.
" ޔެސް" ގޮނޑީގައި ހަމަޖެހިލަމުން ޝިފާން ޖަވާބުދިނެވެ.
" އަޅަގަނޑަކީ ނަދީމް، ޕީއޭއޯ.....އަޅުގަނޑު މިއައީ އާސިމް ސަރ ބުނުއްވައިގެން ސަރ އަށް ހެލްޕެއް ބޭނުންވެދާނެ ކަމަށް" ނަދީމް ހިނިތުންވެލަމުން އޭނާއައި ބޭނުން ބުނެދިނެވެ. 
" އިށީނދޭ...އައި ރިއަލީ ނީޑް ޔުއަރ ހެލްޕް...." ޝިފާން ވެސް ހިނިތުންވެލަމުން ބުންޏެވެ. އެންމެ ފުރަތަމަ ދުވަހުވެސް ނަދީމުގެ ފަރާތުން ލިބުނު އެހީތެރިކަން ޝިފާން ހެޔޮހިތުން ބަލައިގަތެވެ. ނަދީމުއަކީ އޭނާއާ އެކީ މަސައްކަތްކުރުމުގެ ޤާބިލްކަންހުރި މީހެއްކަމަށް އޭނާ ޤަބޫލުވެސް ކުރިއެވެ. 
" އެއްޗެއް އަހާލަންތަ؟... ފޫހިވީމަ ފޫހިފިލުވާލަން ޕީއެސް އެއްވެސް ނުހުރޭތަ މިތާ؟.." ސަމާސާ ރާގަކަށް ޝިފާން އަހާލިއެވެ.
" ޕީއެސް؟...ޕްލޭސްޓޭޝަން؟..." ނަދީމް ހައިރާންވެފައި އަހާލިއެވެ. 
" ނޯ ނޯ....ޕާރސަނަލް ސެކެރެޓަރީ..." ޝިފާން އަވަސް އަވަހަށް ޖަވާބުދިނެވެ.
" އޯހ....އާދެ! އާސިމް ސަރ ބޭނުންނުވީ ޕާރސަނަލް ސެކެރެޓަރީއެއް ބަހައްޓަން..... ބައެއްފަހަރު ޕީއެސްއަކަށް މަށަށްވެސް ވާންޖެހޭ... ކުރިން މިތާވެސް ޕީއެސް އެއް ގެންގުޅެނިކޮށް ދިމާވި މައްސަލައެއްގެ ސަބަބުން އަދި އިތުރުމީހަކު ނުހޮވާހުރީކަމަށް ސަރ ބުނުއްވި.....ދެން ޝިފާން ސަރ ބޭނުންވެލައްވާ ނަމަ އެޖޮބް އިއުލާން ކުރެވިދާނެ...." ނަދީމް އޮޅުންފިލުވައިދިނެވެ.
" ނޫނޭ.....އަދި މަޑުކޮށްލާ!...ފަހުން ތިކަމާ ވިސްނާނީ..." ވިސްނާލަމުން ޝިފާން ޖަވާބުދިނެވެ.

ޝިފާން ގަޔާވެގެން އޮފީގެ މަސައްކަތާއިގެން ކުރިޔަށްދާ މަންޒަރުބަލަން އާސިމްހުރީ ނުހަނު އުފާވެފައެވެ. މިއީ އޭނާ އެތައް ދުވަހަކުއްސުރެ ދެކެމުންއައި ހުވަފެނެކެވެ. ދެން އޭނާއަށް ހަމަޖެހިލައިގެން ދިރިއުޅުމުގެ އެހެނިހެން ކަންތައްތަކާއި މަޝްޢޫލުވެވިދާނެއެވެ. 

ހަވީރު ޝީބާ ރައިނާއާއެކު އޭޑީކޭ ހޮސްޕިޓަލަށް ދިޔައީ ރައިނާގެ ތިމާގެ ކުއްޖަކު އެޑްމިޓްކޮށްފައި އޮތުމުން ގޮވާލުމަށެވެ. މައްޗަށް ދިއުމަށްޓަކައި ދެކުދިންވެސް ލިފްޓަށް އެރިއެވެ. ލިފްޓްގެ ދޮރުލެއްޕެނިކޮށް ކޮންމެވެސް މީހަކު ވަންނަންވެގެން އަތްޖައްސާލުމުން ހުއްޓިއްޖެއެވެ. އެވަގުތު ދެކުދިންނަށްމެ އެއްފަހަރާ ބަލާލެވުނެވެ. ލިފްޓް ތެރެއަށް ވަތް ނަވީންއަށްވެސް އެދެކުދިން ފެނިފައި ފާޑަކަށް ހުއްޓުންއެރިއެވެ. 

ކުޑަކުޑަ ލިފްޓްގެ ތެރޭގައި ތިބިއިރު، އެކަކު އަނެކަކު މޫނަށްވެސް ބަލާލަން ތިބީ ޖެހިލުންވެފައެވެ. ނަވީން ކިތަންމެ ބޭނުންވިޔަސް ފަހަތަށް އެނބުރި ދެވަނަ ފަހަރަށް ޝީބާގެ މޫނުބަލާލާކަށްވެސް ނުކެރުނެވެ. ކުރިން ދުވަހު ޝިފާންއާ ދިމާވެފައިވުމުން ޝީބާވެސް އައިސް އުޅޭކަން އޭނައަށްވެސް އޮތީ އެނގިފައެވެ. ޝީބާއަށް ސިއްރު ސިއްރުން ނަވީންއަށް ބަލާލެވެއެވެ. ނަވީންގެ ބޭވަފާތެރިކަން ހިތަށްއެރި ނަމަވެސް އެހިތުގައި ނަވީންއަށްޓަކައި އުފެދުނު ލޯބި އަދިވެސް ދިރި އެބަހުއްޓެވެ. ޝީބާއާއި ނަވީންގެ ހަރަކާތްތަކަށް ބަލަންހުރި ރައިނާގެ ތުންފަތުގައި ދުވެލީ ލާނެއް ހިނިތުންވުމެކެވެ. ދެހިތުގެ ހާލުވެސް އޭނާއަށް އެނގޭފަދައެވެ. ލިފްޓް ހުޅުވުމާއެކު ނަވީން ނުކުމެގެން ދިޔައެވެ. އެންމެ ފަހަރަކުވެސް ނަވީން ފަހަތްބަލާލިނަމަ ޝީބާގެ ލޮލުގައި ހުރި ކަރުނަތައް ފެނުނީހެވެ. 

" އޯހ ކަމޯން ޝިބް....ރޮނީތަ؟..." ޝީބާ ކަރުނަ ފުހެލިތަންފެނި ރައިނާ ކަންބޮޑުވެފައި އަހާލިއެވެ. 
" ނޫން....އަހަރެން ކީއްކުރަން އެކަހަލަ މީހަކާހެދި ރޯންވީ....އައި ޖަސްޓް ޑޯންޓް ކެއަރ..." ޝީބާ ފަރުވާ ކުޑަގޮތަކަށް ބުނެލިއެވެ. 
" ހޫމް އަޅާނުލާ!....ކޮބާތަ އެއްކަލަ މިޝާ....އަދިވެސް ތިގޭގަތަ އުޅެނީ؟..." ރައިނާ މިޝާގެ މަތިން ހަނދާންވެގެން އަހާލިއެވެ.
" ނޫނޭ މިހާރު އޭނައުޅެނީ މެރީކޮށްގެން ...ދަރިޔަކުވެސް ހުރޭ..." ޝީބާ އޮޅުންފިލުވައިދިނެވެ.
" އޭނ؟...ނަވީންއާތަ؟" ރައިނާ ހައިރާންވެފައި އަހާލިއެވެ.
" ނޫން ކޮންމެވެސް އަފްޒަލްއަކާ....ހިޔެއްނުވޭ މާލެމީހެއްހެނެއް....ނޭނގެ އިތުރަކަށް" ޝީބާއަށް އަދިވެސް ވިސްނެމުންދަނީ ނަވީންއާމެދުއެވެ.
" އޯހ...ދެމީހުން އެހުރިހާ ގަނޑެއްގަނެފަވެސް ނުވެއްއިނެއްނު.... އެއީހަމަ ޝިބްއާ ނަވީން ދުރުކުރަން އޭނާ ކުރިކަމެއްކަން ޔަގީން" ރައިނާ އަދިވެސް މާޒީގެ އެހާދިސާ ހަނދާންކޮށްދޭފަދަ ގޮތަކަށް ބުންޏެވެ. ނަމަވެސް ޝީބާ އެއާމެދު އިތުރަށް އެއްވެސް އެއްޗެއް ނުބުނެއެވެ. 

ނަވީން ލޮލުގެ ޑިޕާރޓްމެންޓަށް ގޮސް އޭނައަށް ޚާއްސަކުރެވިފައިވާ ކޮޓަރިއަށްވަދެ ގޮނޑީގައި އިށީންއިރުވެސް ސިފަވަމުންދިޔައީ ޝީބާގެ މައުސޫމު ރީތިމޫނެވެ. އަދިވެސް ޝީބާ ފެނުމުން އެހިތަށް ގޮތްވެއެވެ. ޝީބާއާ ވާހަކަދައްކަން ހިތްއެދުނެވެ. ނަމަވެސް ޝީބާ ދުވަހަކުވެސް އޭނާއާ ވާހަކަ ދައްކަން ބޭނުން ނުވާނެއެވެ. އޭނާ ދައްކާ ވާހަކަ އަޑުއަހާކަށްވެސް ބޭނުމެއްނުވާނެއެވެ. ޝީބާގެ ޙަޔާތުގައި އިތުރުމީހަކު ނެތްކަމެއްވެސް ނޭނގެއެވެ. ދެން މިހާރު އޭނާ ޝީބާއާމެދު ވިސްނުމަކީވެސް ބޭކާރުކަމެކެވެ. ނަވީން ޚިޔާލުތަކުން ދުރުވެލަމުން އޭނާގެ މަސައްކަތައިގެން މަޝްއޫލުވިއެވެ.
*****

މެންދަމުގެ ވަގުތެވެ. މިޝާއަށް ކުއްލިއަކަށް ހޭލެވުނީ ބިރުވެރި ހުވަފެނެއް ފެނިގެންނެވެ. އޭނައަށް ފެނުނީ ފަޅުރަށެއްގައި އޭނާ ބަހައްޓާފައި އަފްޒަލް މިޝްކާގޮވައިގެން ދަނިކޮށެވެ. އޭނާ ގޮވާ ގޮވާވެސް އަފްޒަލްއަށް އަޑެއް ނީވުނެވެ. އެއީ ކީއްވެގެން ފެނުނު ހުވަފެނެއް ބާއެވެ؟ އަނެއްކާ އަފްޒަލްއާއި މިޝްކާ އޭނާއަށް ގެއްލެން އުޅެނީ ހެއްޔެވެ؟ ނޫނެކެވެ. އެހެން ވެގެން ނުވާނެއެވެ. ކުޑައިރު އޭނާލޯބިވީ އެންމެން އޭނާއަށް ގެއްލުނެވެ. އެތައް ދުވަހަކު ހިތާމައިގައި އުޅުމަށްފަހު އޭނާއަށް އުފަލެއް ލިބުނީ އަފްޒަލް އޭނާގެ ހަޔާތައް އައުމުންނެވެ. ނަމަވެސް އަނެއްކާ އެއުފާވެރިކަންވެސް އެހާއަވަހަށް ނެތިދަނީ ހެއްޔެވެ؟ މިޝާ ތެދުވެ ފާޚާނާއަށްވަދެ މޫނުދޮވެލިއެވެ. މަޑުމަޑުން ސިޓިންރޫމަށް ނުކުމެ ސޯފާގައި އިށީނެވެ. ގޭތެރޭގެ ހަމަހިމޭންކަމުން އޭނާގެ ހިތުގެ ވިންދުގެ އަޑުވެސް އިވޭހައިވެއެވެ. އަނދިރީގައި އިންއިރުވެސް އޭނާގެ ލޯމަތިން މާޒީގެ ކުލަމަންޒަރުތައް ސިފަވަމުން ދިޔައެވެ. 

އުމުރުން އަށް އަހަރުވާންދެން އޭނާއުޅުނީ މަންމައާއި ބައްޕަގެ ލޯބިލިބިގެން އުފާވެރި ދިރިއުޅުމެކެވެ. އޭނާގެ ކޮންމެބޭނުމެއް ފުއްދައިދޭން މަންމައާއި ބައްޕަ ހުންނަނީ ތައްޔާރަށެވެ. ޚާއްސަކޮށް ބައްޕައެވެ. އޭނާއަކީ ބައްޕަގެ " ޕްރިންސެސް"އެވެ. ގަނޑުވަރެއްގެ އަމީރާ އަކަށްވުރެ އެންމެތަންކޮޅެއްވެސް އޭނާގެ ދިރިއުޅުން އުންޏެއްނުވާނޭ ބުނުން އެއީ ދޮގަކަށް ނުވާނެއެވެ. އޭނާގެ އަތުގައި ހެދުމާއި ގަހަނާއާއި ބޫޓާއި ފައިވާނުގެ އިތުރުން އެކިވައްތަރުގެ ކުޅޭ ސާމާނު ނަން ހުސްކޮށް ހުރެއެވެ. މީޒާއާއި ސަމާހުގެ އިތުރު ދަރިއަކު ނެތުމުން އެމީހުންގެ ލޯބި އިންތިހާއަށް އެދަރިފުޅަށް ލިބެމުންދިޔައެވެ. ނަމަވެސް އެހުރިހާކަމެއް ބަދަލުވީ ސަމާހު ސިފައިންގެ ޓްރެއިނިންގް ކޯހެއްގައި އިނގިރޭސިވިލާތަށް ދިއުމުންނެވެ. އޭނާ އެނބުރި އައިއިރު ހީވެސް ނުކުރާގޮތަކަށް ދިރިއުޅުންވަނީ ބަދަލުވެފައެވެ. ކަޅުވިލާގަނޑެއްގެ ހިޔަނިވަނީ އޭނާގެ ޙަޔާތަށް އެޅިފައެވެ. މީޒާއާއެކީ އޭނާއެޅި ލޯބީގެ ބިންގާވެސްވަނީ އޭގެބާރުވައިގާޖެހި ފުނޑުފުނޑުވެ ވިއްސިވިހާލިވެފައެވެ. ފެންނަންހުރި ހަޤީޤަތުގެ މައްޗަށް ބުރަވެ ސަމާހު މީޒާވަރިކޮށް ގެއިން ނެރެލިއެވެ. އެހިސާބުން މިޝާގެ ދިރިއުޅުންވެސް ބަދަލުވީއެވެ. މަންމައާއެކު ޝިފާންގެ ގެޔަށް އައި ދުވަހުން ފެށިގެން އޭނާގެ ބައްޕަ އޭނާގެ ލޮލަކަށް ނުފެނެއެވެ. 

އެގެއަށް ފުރަތަމަ އައި ދުވަހުވެސް ޝިފާންގެ ފަރާތުން އޭނާއަށް ފެނުނީ ބިރުގަންނަ ފަދަ ނުރުހުންތެރިކަމާއި ރުޅިވެރިކަމެކެވެ. ސަބަބަކީ ކޮބައިކަންވެސް އޭނާއަކަށް ނޭނގެއެވެ. އެގެއިން އޭނާއަށް ނަފްރަތުކުރީ ހަމައެކަނި ޝިފާންއެއް ނޫނެވެ. ޝިބާއާއި އާސިމްގެ ފަރާތުންވެސް އޭނާއަށް ލިބުނީ ނުރުހުމެވެ. އެރޭ އޭނާއަށް ނިދަން ޖެހުނީ ހުވަފެނުންވެސް އޭނާ ނުދެކޭފަދަ ބިރުވެރި ގުދަނެއްފަދަ ތަނެއްގައެވެ. މަންމަގެ ލޯބި ފިރުމުންތަކާއެކު ތަންމަތީގައި ނިދަން އާދަވެފައިވާ މިޝާއަށް އެރޭ ތަޙައްމަލް ކުރަން ޖެހުނު ބިރުވެރިކަމާއި ހިތްދަތިކަމަކީ އޭނާ ދުވަހަކުވެސް ހިތުން ފިލައިގެން ދާނޭކަމެއް ނޫނެވެ. ޓެރެސްމަތީގައި ވަކިން ހުރި ކުޑަކުޑަ ކޮޓަރީގައި ފަސްވޯޓްބޮތްކެއްގެ އަލިކަން ފިޔަވައި އިތުރު އަލިކަމެއް ނެތެވެ. އެއްވެސް ފަރުނީޗަރެއް ނެތް އެކޮޓަރީ ފުރިފައިއޮތީ އެކިފާޑުގެ ފޮށިގަނޑުތަކުންނެވެ. އެއީ ކުރިން ގުދަނެއްގެ ގޮތުގައި ބޭނުންކޮށްފައިވާ ތަނެއްކަން ބަލާލިކޮންމެ މީހަކަށްވެސް އެނގޭހައިވެއެވެ. މުށިތަކުމަތީ ބާގޮދަޑިއެއް އަޅައިގެން ހުސްބޯދަށަށް އޮތް މިޝާގެ ހަށިގަނޑު ރޫރޫ އަޅަމުންދަނީ ފިނިބޮޑުކަމުންނާއި ގެންފައިވާ ބިރެއްގެ ސަބަބުންނެވެ. ބޯކޮށް ވާރޭވެހޭ އަޑާއި ގުގުރާއަޑުގެ ސަބަބުން އެފަކީރުގެ ހިތް ބިރުންވިރިދާނެހެން ހީވިއެވެ. މަންމަގެ މަތިން ހަނދާންވެ ލޮލުން ކަރުނައައި ނަމަވެސް މަންމައަށް ގޮވާލާނެހައި ހިތްވަރެއްވެސް ނެތެވެ. އާސިމްވަނީ ވަރުގަދައަށް އޭނާއަށް އިންޒާރުދީފައެވެ. 

" އާސިމް ތިހަދާގޮތެއް އަހަރެންނަށް ހަދާބަލަ! އަހަރެންގެ ދަރިފުޅުގެ އޮތީކޮންކުށެއް....އެކުއްޖާއަކީ ދުވަހަކުވެސް އަހަރެންނާ ވަކީން ނިދިކުއްޖެއްނޫން....ކިހާބިރެއް ގަންނާނެ....މިގޭގަ އިތުރުކޮޓަރިއެއް ނެތީކީނޫން....ހެޔޮނުވާނެ މިފަދަ ވިއްސާރަރެއަކު އަހަރެންގެ ދަރިފުޅު އެތާ ނުބާއްވާ!.....ނޫނީ އަހަރެން މިޝާގާތަށް ފޮނުވާ!..ހެޔޮނުވާނެ!" ރޮމުން ރޮމުން ގޮސް މީޒާ އާސިމްގެ ފައިބުޑަށް ތިރިވިއެވެ. ނަމަވެސް އާސިމްއަށް އިވޭކަމަށްވެސް ހަދާނުލައި ގޮސް އެނދަށް އަރައި އޮށޯތީއެވެ. އެންމެ އަށްއަހަރުގެ ކުޑަކުޑަ މައުސޫމު ކުއްޖަކަށް އެފަދަ ހާލުޖެއްސިއިރު އާސިމްގެ ހިތަށް އެކައްޗެއްވެސް ނޭރިއެވެ. މިޝާއަށް އެހެންނުހެދުމަށް އެދި މީޒާ ރޮއެ އާދޭސްކުރިއިރުވެސް އެހިތަށް އެއްވެސް އަސަރެއް ނުކުރިއެވެ. އާސިމް އަރާމުގައި ނިދިއިރު މީޒާ އެތައްއިރަކު ކަރުނައޮއްސަން އެއިން ގޮތަށް އިނެވެ. އޭނާގެ ނިކަމެތިކަމާއި ބަދުނަސީބުކަމުން އޭނާގެ ދަރިފުޅުވެސް މިއަނިޔާވެރިޔާގެ ކިބައިން ސަލާމަތެއް ނުކުރެވުނެވެ.

އަނެއްދުވަހު އިރުއެރިއިރު މިޝާއޮތީ ހުންއައިސް ރަތްވެފައެވެ. ނަމަވެސް އިރުއަރައި އެތައްދަމެއް ވީއިރުވެސް އޭނާގެ ހާލުބަލާލާނެ މީހަކު ނުވިއެވެ. މަންމައެއްވެސް ނައެވެ. ބަނޑުހައިކަމާއި ހުންގަދަކަމުން ވާނުވާ ނޭނގޭ ހިސާބަށް ގޮސްފައިވަނިކޮށް ކޮޓަރީގެ ދޮރުހުޅުވުނު އަޑުއިވުނެވެ.

ކޮމެންޓް 0