މިޝާގެ ސުވާލުތަކަށް ދޭނޭ ޖަވާބެއް އޭނާގެ ވިސްނުމަކަށް ނައެވެ. " ބޭކާރު ސުވާލު ކުރުމުގެ މާނައެއް ނެތް.....މިޝާ ތިހުރީ އަހަރެންގެ ބެލުމުގެ ދަށުގަ....އެހެންވީމަ އަހަރެންނަށް ވިސްނަންޖެހޭނެ...ދެން މީގެފަހުން އަހަރެންނަށް އެނގިފަނޫނީ ބޭރަށް ގޮސްގެން ނުވާނެ....ވިސްނިއްޖެތަ؟.." ޝިފާން އަމުރުކޮށްލިއެވެ. "ނޫން....ނުވިސްނޭ..." މިޝާދިން ޖަވާބުން ޝިފާންއަށް މިޝާއާދިމާ ބަލާލެވުނެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވުމުން ހިނދުކޮޅަކަށް ހުއްޓުން އަރާފައިތިބެވުނެވެ. މިޝާގެ ހިތުގައި އަދިވެސް ތަކުރާރުވަމުން އެދަނީ ދެންމެގައި އޭނާކުރި ސުވާލުތަކެއެވެ. އޭނާގެ ނަޒަރުންވެސް އެކަންދޭހަވެއެވެ. ދާދިގާތުން މިޝާގެ ރީތިމޫނުފެނުމުން ޝިފާންއަށް ތަފާތު އިހުސާސްތަކެއް ކުރެވުނެވެ. އެހަންއޮމާން މޫނުގައި ފިރުމާލާ ހިތްވިއެވެ. ބޭއިޚުތިޔާރުގައި ޝިފާންއަށް މިޝާއާއި ގާތްވެވުނެވެ. 

ކުއްލިއަކަށް ޝިފާންގެ ފޯނު ރިންގްވުމާއެކު ސިހިފައި އޭނާ ދުރަށްޖެހިލިއެވެ. "ހެލޯ" ޝިފާން ފޯނު ކަންފަތުގައި ޖަހާލަމުން ސިޑިއާދިމާއަށް ހިނގައިގަތެވެ.

" ހެލޯ ޝިފާން....އަދިވެސް މިޝާ ނާދޭތަ؟" ޝިފާން ފޯނުނެގުމާއެކު ނަވީން ކަންބޮޑުވެފައި އަހާލިއެވެ. " ނޫނޭ މިހާރު އަތުވެއްޖެ....ނަވީން...ޑޯންޓްވޮރީ....އެވްރީތިންގް އިޒް ފައިން....އޯކޭ...ގްޑްނައިޓް" ފޯން ބޭއްވުމަށްފަހު ޝިފާން ފަހަތްބަލާލީ މިޝާހުރިތޯއެވެ. ނަމަވެސް އޭރު މިޝާ އޭނާގެ ކޮޓަރިއަށް ވަދެއްޖެއެވެ. ހެދުން ބަދަލުކޮށްގެން މިޝާ އެނދުގައި އޮށޯތެވެ. މިއަދަކީ އޭނާގެ ޙަޔާތަށް އައި އެންމެ އުފާވެރި އެއްދުވަހެވެ. އެތައް ދުވަހަކަށްފަހު އޭނާއަށް އޭނާގެ މަންމަގެ އާއިލާއާ ބައްދަލުވީއެވެ. ލޯބިވާ ދޮންތައާއި މާމަވެސް ލިބުނީއެވެ. އޭނައަށް ދޮންތަ ކިޔާނެ އިތުރު ކޮއްކޮއަކުވެސް ލިބިއްޖެއެވެ. އެމީހުނާއެކު ހޭދަވީ މަދު ވަގުތުކޮޅުގެ ތެރޭގައިވެސް ބަޔާން ނުކުރެވޭހައި އުފަލާއި ހިތްހަމަޖެހުން އޭނާއަށް ލިބިއްޖެއެވެ. އުފަން މަންމަގެ ފަރާތުންވެސް ނުލިބޭހައި ލޯތްބާއި އަޅާލުންވެސް އޭނާއަށް ލިބުނެވެ. ދޮންތަގެ ފިރިމީހާއާއި އޭނާގެ އާއިލާގެ މީހުންވެސް ނުލާހިކުހެވެ. ނަމަވެސް އޭނާއަށް އަދިވެސް ނޭނގެނީ އޭނާގެ ބައްޕަވީ ތަނެކެވެ. ދޮންތަވެސް ބައްޕައާބެހޭގޮތުން މާގިނަ ވާހަކައެއް ނުދައްކައެވެ. ދޮންތަގެ ވާހަކަ ހުރިގޮތުން ބައްޕަވީތަން ދޮންތައަށްވެސް ނޭނގޭ ކަމުގައި އޭނާގެ ހިތް ބުންޏެވެ. ނަމަވެސް މަންމަގެ އާއިލާއާއި ބައްދަލުވި ގޮތަށް ބައްޕަގެ އާއިލާވެސް އޭނާއަށް އަދި ފެންނާނެއެވެ. އެއީ މާލެބައެއް ކަމަށްވީއިރު ހޯދަން މާއުނދަގުލެއްވެސް ނުވާނެއެވެ. ބައްޕައާ ބެހޭގޮތުން މަންމަ އޭނާއަށް އެއްވެސް އެއްޗެއް ބުނެދީފައި ނުވީނަމަވެސް އޭނާ އަމިއްލައަށްވެސް ހޯދާނެއެވެ.

އޭނާގެ ދިރިއުޅުން މަޑުމަޑުން ބަދަލުވަމުން އެބަދެއެވެ. މަޑުމަޑުން އޭނާގެ ދިރިއުޅުމަށް އުފާވެރިކަން ވެރިވަމުން އެބަދެއެވެ. ކުރީގައި ގޭތެރެއިން ލިބެމުންދިޔަ ގޯނާތަކާއި ފުރައްސާރަކުރުންތައް މުޅިން ހުއްޓިއްޖެއެވެ. މަދުމަދުން ޝީބާ އެއްޗެއް ބުނި ނަމަވެސް ޝިފާންވަނީ މުޅިން ބަދަލުވެފައެވެ. ކުއްލިއަކަށް މިޝާގެ ޚިޔާލަށް އައީ ޝިފާން މިރޭ ދެއްކި ވާހަކައެވެ. "އެންމެ ފަހަރަކުވެސް ނުވިސްނުނުތަ ރެޕަންޒަލްއަށް ކަމެއްވިނަމަ އަހަރެން ދެރަވާނެވަރު....އަހަރެންގެ ހިތަށް ކުރާނެ އަސަރު.." ޝިފާންގެ އަޑުގައި އެވަގުތު އެހުރީ ކޮންފަދަ ޖަޒުބާތެއްގެ އަސަރު ހެއްޔެވެ؟ އެތޫނު ދެލޮލުން ފެނުނީ ކޮންފަދަ ބޭޤަރާރުކަމެއް ހެއްޔެވެ؟ ޝިފާން އެވަރަށް ކަންބޮޑުވެ ދެރަވީ ކީއްވެގެން ބާއެވެ؟ އަރާމުނިދި ނަގާލާފައި މިޝާއަށް އިންތިޒާރުގައި ހުންނަން އޭނާއަށް މަޖުބޫރުކުރީ ކޮންކަމެއްބާއެވެ؟ އެއީ ހަމައެކަނި އިންސާނިއްޔަތު ކަމުގެ ކުލުނު ހެއްޔެވެ؟ ނޫންނަމަ ޝިފާންގެ ހިތުގައި މިޝާއަށްޓަކައި ޚާއްސަކަމެއް ދެވުނީ ހެއްޔެވެ؟ މިފަހަކަށް އައިސް ޝިފާންގެ ފަރާތުން އޭނާއަށް ލިބެމުންއައީ ހިތްހެޔޮކަމާއި އޯގާތެރިކަމެވެ. ހަމްދަރުދީއާއި އަޅާލުމެވެ. 

ވޭތުވެދިޔަ ދިގު މާޒީގައި ދުވަހަކުވެސް އޭނައަށްޓަކައި ޝިފާންގެ ހިތުގައި އެފަދަ އޯގާތެރިކަމެއް އުފެދުނު ހަނދާނެއް ނުވެއެވެ. ތާއަބަދުވެސް ޝިފާންގެ ފަރާތުން އޭނާއަށް ލިބުނީ ނަފްރަތާއި ފޫހިކަމެވެ. އަނިޔާއާއި ފުރައްސާރަކުރުމެވެ. ވީއިރު މިރޭ ޝިފާންގެ އަމަލުތަކުން އޭނަ ނަގަންވީ ކޮންމާނައެއް ހެއްޔެވެ؟ މިރޭ ޝިފާންގެ ލޮލުން ފެނުނު ބޭޤަރާރުކަން އެއީ ހަމައެކަނި ހަމްދަރުދީއެއް ނޫނެވެ. ނުވަތަ އިންސާނިއްޔަތުކަމެއްވެސް ނޫނެވެ. ދެން އެއީ ކޮންކަމެއްގެ އަލާމާތެއް ހެއްޔެވެ؟ އަނެއްކާ ޝިފާން އޭނާދެކ ލޯބިވަނީ ހެއްޔެވެ؟ މިހެން ހިތަށް އެރުމާއެކު މިޝާގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ދުވެލިއެވެ.

ނިދަން އޮތްއިރު ޝިފާންގެ ހިތުގައިވެސް ސުވާލުތައް އުތުރި އަރަމުން ދިޔައެވެ. މިހާދަންވާންދެން މިޝާ އުޅުނީ ކޮންތާކުބާއެވެ. އޭނާއާ އެކީ ކާރުގައި އެއައީ ކާކުބާއެވެ. މިޝާ ގެއަށް ވަތްއިރު، ތުންފަތުގައި ހުރި ހިނިތުންވުން ދޭހަކޮށްދެނީ ކޮންމެވެސް ބޮޑުއުފަލެއް އޭނާއަށް ލިބިފައިވާކަމެވެ. މެންދަމުގެ އެވަގުތުގައިވެސް އެއްވެސް ބިރުވެރިކަމެއް ނުވަތަ ހާސްކަމެއްވެސް އެމޫނަކުން ނުފެނެއެވެ. އެފަދަ ބޮޑު އުފަލެއް އޭނާއަށް ލިބުނީ ކޮންގޮތަކުން ބާއެވެ؟ އަނެއްކާ މިޝާ ލޯބިވެރިއެއް ހޯދީކީ ނޫންބާއެވެ؟ އެހެން ހިތަށް އެރުމާއެކު ޝިފާންގެ ހިތަށް ތަދުވިއެވެ. ހިތުގެ ނުތަނަވަސްކަން އިތުރުވިއެވެ.

އެނދުގައި ދެއަތަށް ފުރޮޅި ފުރޮޅި ލޮލަށް ނިދިނައިސްގެން އެންމެފަހުން ޝިފާން ތެދުވިއެވެ. ހުސްގަޔާހުރެ އޭނާ ކޮޓަރިން ނުކުމެ، މަޑުމަޑު ހިނގުމެއްގައި ގޮސް އޭނާ ޓެރެހަށް އެރިއެވެ. ޖައްވުގައި ހިފާލާފައި ހުރި ތެތްފިނިކަމުން ކުޑަކޮށް ހީކަރުވާ ގޮތްވިއެވެ. ޓެރަހުގެ ރެއިލިންގައި ލެނގިލައިގެން މިޝާގެ ކޮޓަރިއާ ދިމާއަށް ނަޒަރުހުއްޓާލައިގެން ޝިފާން ހުއްޓެވެ. އެހެންހުރެ މިޝާއާމެދު އޭނާ ވިސްނަމުން ދިޔައެވެ. މިޝާ މިހާރު އޮންނާނީ އަރާމުގައި ނިދާފައެވެ. ނިދިނައިސްގެން މިއުޅެނީ އޭނާއަށެވެ. އެކަމަކު ކީއްވެގެން ހެއްޔެވެ؟ މިހާވަރަށް އޭނާގެ ހިތަށް މިއުނދަގޫވަނީ ކީއްވެގެން ހެއްޔެވެ؟ ޝިފާން އުޅޭ ނޫޅޭގޮތް މިޝާ ބަލާނުލާއިރު މިޝާ އުޅޭނޫޅޭގޮތް އޭނާ ބަލަން ބޭނުންވަނީ ކީއްވެގެން ހެއްޔެވެ؟ މިޝާ ވީތަނެއް ނޭނގުމުން އޭނާއަށް ކެތްކުރަން އުނދަގޫވީ ކީއްވެގެން ހެއްޔެވެ؟ ހިތުގައި ގޮތްނޭނގޭ ތޫފާނެއް އުފެދިގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟ ޝިފާންއަކަށް ނުވިސްނުނެވެ. މިހިތްނުތަނަވަސްކަމުގެ އަސްލަކީ ކޮބައިކަމެއް އޭނާއަކަށް ނޭނގުނެވެ. އެނގޭހައިވެސް އެއްޗަކީ އޭނާގެ ހިތާއި ނަފްސާއި މިޝާ ގުޅިފައިވާކަމެވެ.

ޖެހިގެން އައިދުވަހުގެ ހެނދުނުގެ ވަގުތެވެ. މިޝާ ބަދިގެތެރޭގައި އަވަދިނެތި އުޅެނިކޮށް މަޑުހިނގުމެއްގައި އައިސް ޝިފާން ވަނެވެ. މިޝާއަށް ބޭއިޚުތިޔާރުގައި ޝިފާންގެ މޫނަށް ބަލާލެވުނެވެ. އެމޫނުން ފެންނަންހުރީ ވަރުބަލިކަމެވެ. ހީވަނީ ރޭހަތަރުދަމު ނުނިދާހުރިހެންނެވެ. ބޮލުގެ އިސްތަށިގަނޑުގައިވެސް އެއްވެސް ތަރުތީބެއް ނެތެވެ. ޝިފާން އައިސް ގޮނޑިއެއްގައި އިށީނުމުން މިޝާ ކޮފީއެއް ގިރާލަދިނެވެ. " ތޭންކްސް" ޝިފާން މަޑުމަޑުން ބުނެލިއެވެ. މިޝާ ޖަވާބެއްވެސް ނުދީގޮސް އޭނާކުރަންހުރި ކަންތައް ފެށިއެވެ. ނަމަވެސް އޭނަގެ ސިކުނޑީގައި އަދިވެސް ދައުރުވަމުންދިޔައީ ޝިފާން އަސަރާއެކުބުނި ލޯބިވެތި ބަސްކޮޅެވެ. " ރެޕަންޒަލް" ކުއްލިއަކަށް މިޝާ ސިހުނީ އޭނާގެ ކަންފަތް ކައިރިން ޝިފާންގެ އަޑުއިވުމުންނެވެ. ސިހިފައި ފަހަތްބަލާލި ވަގުތު މިޝާގެ ބޯޖެހުނީ ޝިފާންގެ ނޭފަތުގައެވެ. " އައުޗް!" ޝިފާންއަށް ބޭއިޚުތިޔާރުގައި އަޑެއްލައްވާލެވުނެވެ. ޝިފާން އެހާކައިރީ ހުރެދާނެކަމަކަށް މިޝާ ހިއެއް ނުކުރެއެވެ. " އޯހ އައިމް ސޮރީ....ވަރަށް ތަދުވިތަ؟....ދައްކަބަލަ!" ޝިފާން ނޭފަތުގައި އަތްއަޅައިގެން އަނެއްފަރާތަށް އެނބުރުމުން މިޝާ ހާސްވެފައި ބުންޏެވެ. ޝިފާން ގޮސް މޭޒުކައިރީގައި އިށީނުމުން މިޝާވެސް ކުރަންހުރި ކަންތައް ހުއްޓާލާފައި ހަލުވިކަމާއެކު ގޮސް ޝިފާންގެ ގާތަށް ހުއްޓުނެވެ. " އަހަރެން ފެނުނަސް ރެޕަންޒަލް ހީވަނީ ބިރެއްފެނިގެން އުޅޭހެން ވިއްޔަ" މިޝާއާދިމާއަށް ބަލާލަމުން ޝިފާން ބުނެލިއެވެ. " ސޮރީ ކިހިނެއްތަ އެނގޭނީ ކުއްލިއަކަށް އައިސް އެހާގާތުގަ ހުރެދާނެކަމެއް..." މިޝާ މަޑުމަޑުން ބުނެލިއެވެ. " ކަރުތެރެ ސަކަރާތްވެފަހުރީމަ ނުގޮވަންވެގެން ގާތަށްދިޔައީ....އެންމެފަހުން ނޭފަތްވެސް ސަލާމަތްނުވީ" ޝިފާން ހީލިއެވެ. މިޝާ ފިނިފެންފުޅިއެއް ގެނެސް، ރުމާލެއް ތެތްމާލުމަށްފަހު ޝިފާންގެ ނޭފަތް ބޮނޑިތާން ކޮށްދޭންފެށިއެވެ. ޝިފާން ކަޅިޖަހާނުލައި މިޝާއަށް ބަލަން ފެށުމުން އޭނާ ރަކިވިއެވެ. 

" ކޮންތާކަށް ރޭގަދިޔައީ؟" މިޝާ އިސްޖަހާލުމުން ޝިފާން އަހާލިއެވެ. އެސުވާލުގެ ޖަވާބުހޯދަން އޭނާގެ ހިތް ބޭޤަރާރުވެފައި ހުންނަތާ ކޮންއިރެއް ހެއްޔެވެ؟ " ރައްޓެއްސެއްގެ ގެޔަށް" ހަޤީޤަތަށް ބުނަން އަދި ބޭނުންނުވާތީ މިޝާ ދިނީ ކުރުޖަވާބެކެވެ. " އެހާދަންވާންދެން؟" ޔަޤީންނުވެފައި ޝިފާން އަހާލިއެވެ. " ގަޑިބަލާނުލާ ވާހަކައިގަ އިނދެވުނީ" މިޝާ ބުނެލިއެވެ. ޝިފާން ވަކިއެއްޗެއް ނުބުނެ ހިނިތުންވެލިއެވެ. މިޝާ ކިތަންމެ ފޮރުވަން އުޅުނަސް އޭނާއެހަދަނީ ދޮގުކަން ޝިފާންއަށް އެނގެއެވެ. ޝިފާން ދިއުމުން މިޝާ ގަޑިބަލާލުމަށްފަހު އަނެއްކާވެސް ބަދިގޭގެ މަސައްކަތާއިގެން މަޝްއޫލުވިއެވެ. ހެނދުނަށާއި މެންދުރަށްވެސް ނާސްތާ ތައްޔާރުކުރުމަށްފަހު އޭނާދިޔައީ ފެންވަރާށެވެ. ރޭގައި ދޮންތަ އޭނާ ގެޔަށްފޮނުވީވެސް ހެނދުނު ނުވައެއްޖަހާއިރު އޭނާބަލާ ދޮންތަބޭ ފޮނުވާނަންކަމުގައި ބުނެފައެވެ. މިޝާ ފެންވަރައި ރީތިވެގެން ތިރިއަށް ދިއުމަށްޓަކައި ކޮޓަރިން ނުކުތްއިރު ޓެރެސްމަތީގައި ޝިފާން ހުއްޓެވެ. މިޝާ ހެނދުނު ހެނދުނާ މާރީތިވެގެން ނުކުތުމުން ޝިފާން ބަލާލީ ހައިރާންވެފައެވެ. " ޝިބް ނޭނގެ ހޭލާނެ އިރެއްވެސް...އެހެންވެ އެކަނި ސައިބޯން ނުދާންވެގެން މިމަޑުކޮށްލީ....." ޝިފާން ހިނިތުންވެލަމުން ބުންޏެވެ. އަޖާއިބެކެވެ. މިހާރު ޝިފާންއަށް އޭނާއާ ނުލައި ސައިވެސް ނުބޮވެނީ ހެއްޔެވެ؟ މިހެން ހިތަށް އެރުމާއެކު މިޝާގެ ތުންފަތަށް ވެރިވީ ލާނެއް ހިނިތުންވުމެކެވެ. ދެމީހުން އެކުގައި ގޮސް ކާކޮޓަރިއަށް ވަނެވެ.

" ހާދަރީތިވެލައިގެން ތިހުރީ ޚާއްސަ ދުވަހަކީތަ؟" އެންމެފަހުން ހިތުގައި ނޯވެގެން ޝިފާންއަށް އަހާލެވުނެވެ. " ނޫނޭ...ފްރެންޑްގެ ގެޔަށްދާންވެގެން..." މިޝާ އޮޅުވާލިއެވެ. " އޯހ ހާދަ ޚާއްސަ ފްރެންޑެކޭދޯ....މަ އަސްލު މިއައީ ރެޕަންޒަލްއަށް އެއްޗެއް ދޭންވެގެންނޭ....އަން...މިހިފައިގެން ތިދާތާކަށްދޭ....މީގެފަހުން ކޮންމެތާކަށް ދިޔަޔަސްދާންވާނީ މިހިފައިގެން އިނގޭ!" ޝިފާން އޭނާގެ އަތުގައި އޮތް ފޯނެއް މިޝާއަށް ދިއްކޮށްލިއެވެ. " އެކަމް...އަހަރެން" މިޝާ ދެކޮޅުހަދަން އުޅުނެވެ. " އެއްވެސް އެކަމަކު މިކަމަކުވެސް ނޯންނާނެ....މީގަހިފާ!....މީހަމަ އަހަރެން ވަރަށްފަހުން ނެގި ސިމްއެއް....އަދި ބޭނުންވެސް ނުކުރަން....މީގަ އޮންނާނެ އަހަރެންގެ ނަމްބަރާ ނަވީންގެ ނަމްބަރު ސޭވްކޮށްފަ....މަށަށް ނުގުޅިއްޖެއްޔާ ނަވީންއަށްވެސް ގުޅޭނީ އޭރުންނެއްނު.....މިހިފައިގެން ނޫނީ އެއްވެސްތާކަށް ގޮސްގެންނުވާނެ....މާގިނަ ބަހަނާދައްކަންޏާ ކޮޓަރީގަ ބަންދުކުރަން ޖެހިދާނެ.." ޝިފާން ހީވީ ކުޑަކުއްޖަކު ބިރުގަންނަވަން އުޅުނުހެންނެވެ. މިޝާގެ ގާތަށް ހިނިވެސް އައެވެ. " ދެންވެސް ރޭގަނޑު ތިބުނާ ފްރެންޑްގެ ގާތުގަ ގިނައިރުވިޔަސް އަހަރެންނަށް އެނގޭނީ އޭރުންނެއްނު....މުޅިރޭ ޓެރަހުގަ އިންތިޒާރުގަ ހުންނާކަށް ނުޖެހޭނެއްނު.." ޝިފާން ހީލަމުން ބުންޏެވެ. މިޝާގެ ހިތަށްއެރިއެވެ. ޝިފާން އޭނާއާމެދު ހަމައެހާ ކަންބޮޑުވޭ ހެއްޔެވެ؟ އޭނާއަށްޓަކައި މުޅިރޭ ނުނިދާވެސް ހުރެދާނެއެވެ. ލޯބިނޫން ދެން މިއަށްދޭނެ އިތުރު ނަމެއް އެބައޮތް ހެއްޔެވެ؟ މިޝާގެ ހިތަށް ބުނަން ނޭނގޭފަދަ އުފާވެރިކަމެއް ލިބިގެންދިޔައެވެ. ޝިފާންގެ ފިރިހެންވަންތަ މޫނަށް ބަލާލުމާއެކު ހިތަށްއެރި އެއްޗަކުން ގައިން ހީބިހިވެސް ނަގައިގެން ދިޔައެވެ. ސައިބޮއެ ނިމިގެން މިޝާބޭރަށް ދިއުމުން ޝިފާން ގޮސް އޭނާގެ ކޮޓަރިއަށްވަދެ އެނދުމައްޗަށް ވެއްޓިގަތެވެ. ރޭގައި ރަނގަޅަށް ނުނިދުމުގެ ސަބަބުން އިސާހިތަކު އޭނާއަށް ނިދިއްޖެއެވެ. 

ގެއިން ބޭރަށް ނުކުމެ ދޮރުމަތީގައި ފަނަރަ ވަރަކަށް މިނެޓް މިޝާ މަޑުކުރިއެވެ. ނަމަވެސް ދޮންތަބޭގެ ޚަބަރެއް ނުވުމުން ފެރީޓާރމިނަލްއަށް ދިއުމަށްޓަކައި އޭނާ ހިނގައިގަތެވެ. މިޝާ ކޮންމެވެސް ވަރަކަށް ޖެހިލުންވެހުރެ އަމީނީމަގުން ކުރިޔަށްދިޔައެވެ. ހޮނިހިރު ދުވަސްކަމުން މަގުމަތީގައި މީހުންވެސް ފުދޭވަރަކަށް މަދެވެ. ކުއްލިއަކަށް މިޝާގެ ފަހަތުންއައި ކާރެއް އޭނާގެ ދާދިގާތަށް މަޑުކޮށްލިއެވެ. " ހައި" ކާރުގެ ބިއްލޫރިގަނޑު ތިރިކޮށްލަމުން، ޑްރައިވަރު ސީޓްގައިއިން އަފްޒަލް ބުނެލިއެވެ. " އަފްޒަލް!؟" ހައިރާންވެފައި މިޝާ ބުނެލިގޮތުން އަފްޒަލް ހޭންފެށިއެވެ. " އަރާބަލަ!" ފަހަތު ސީޓްގެ ދޮރުފަތް ހުޅުވާލަމުން އަފްޒަލް އެދުނެވެ. މިޝާ ހިނިތުންވެލަމުން ކާރަށްއެރިއެވެ. " އަފްޒަލް ކާރުވެސް ދުއްވަންތަ؟" ސީޓްގައި ހަމަޖެހިލަމުން މިޝާއަހާލިއެވެ. " ޕާރޓްޓައިމްކޮށް....މީރައްޓެއްސެއްގެ ކާރެއް....ރޭގަނޑު ގަޑީގަ އާއްމުކޮށް ދުއްވަނީ.....މިއަދު ބަންދުވީމަ މިއެރީ...." އަފްޒަލް އޮޅުންފިލުވައިދިނެވެ. " އަހަރެން ހީކުރީ ދޮންތަބޭ އަންނާނެކަމަށްބަލާ.....އެޑްރެސްވެސް ހޯދީމަ.." މިޝާ ބުނެލިއެވެ. " އާނ...ދޮންބެ އަންނަން އުޅެނިކޮށް އަހަރެންބުނީ އަތުވެދާނަމޭ....އެކަމު މާލެއައިފަހުން އެޑްރެސް ހަނދާންނެތުނީ....ދެންއަނެއްކާ ދޮންބެއަށް ގުޅާގުޅާ ފޯނެއް ނުނަގާ....ދޮންބެދައްތައަށް ގުޅައިފިއްޔާ ދިމާކޮށްފާނެތީ ނުގުޅަންވެގެން މިހެން ދެކޮޅަށް ދުއްވަ ދުއްވާ ހުއްޓާ މިޝާފެނުނީ....މަށަށް އެނގޭވިއްޔަ މިމަގުންކަން ދާނީ" އަފްޒަލް އޮޅުންފިލުވައިދިނެވެ. 

ފެރީގައި ތިބިއިރުވެސް އަފްޒަލް މިޝާއާ އެކިއެކި ވާހަކަދައްކަމުން ދިޔައެވެ. އަފްޒަލްގެ ހިތްހެޔޮ،ސަމާސާ މިޒާޖު މިޝާއަށް ވަރަށް ކަމުދިޔައެވެ. ފެރީން ފައިބައިގެން ދެމީހުން ހިނގާފައި ގެޔަށްދިޔައިރު ހީވަނީ ޒަމާނުއްސުރެ ދަންނަ ރަހުމަތްތެރި ބައެއްހެންނެވެ. އަފްޒަލްއަށް ދިމާވެފައިހުރި ތަފާތު މަޖާ ވާހަކަތައް މިޝާއާ ހިއްސާކުރަމުން ދިޔައެވެ. މިޝާވެސް އަފްޒަލްގެ ވާހަކަތަކުގައި ބައިވެރިވެ ހީހަދަމުންދިޔައެވެ. އެމީހުނަށް ދެވުނުއިރު މިޒްނާހުރީ މިޝާގެ އިންތިޒާރުގައެވެ. މީރުވާނެހެން ހީވާހާ ކާއްއެއްޗެއް ތައްޔާރުކޮށްގެން ކާމޭޒުމަތި ފުރާލައިގެންނެވެ. ޝިފާންއާއެކީ ސައިބޮއެގެން އައިނަމަވެސް ދޮންތަ ދެރަވެދާނެތީ މިޝާ ކުޑަކޮށް ކެއެވެ. " މިހާރު ޒީމިއުޅެނީ މޫދަށްދާންވެގެން....މީޝްދޮންތީ ދާނަންތަ؟" ޒީނާ އައިސް މިޝާގެ ގާތުގައި އިށީންނަމުން އަހާލިއެވެ. " ޒީކުރިން ނުބުނާތީ ދޮންތީ ތައްޔާރުނުވެ މިއައީ...ދެން ކިހިނެއް ހަދާނީ؟.." މިޝާ ކުޑަކުއްޖަކު ފަދައިން ބުނެލިއެވެ. " ތީއެއްވެސް މައްސަލައެއްނޫން....ޒީގެ ޑްރެސްވެސް ދޮންތީއަށް ލެވޭނެއްނު....ދެއަހަރުގެ ތަފާތު ހުއްޓަސް މިހާރުވެސް ދޮންތީއަށްވުރެ ޒީމާބޮޑު....އެހެންވީމަ...

" އެހެންވީމަ ތިޗަބީ ކުއްޖާގެ ހެދުން މިހާ ލޫޅާފަތި ކުއްޖަކު ލީމަ ހުންނާނީ ކިހިނެއް؟....ހީވާނީ ގޯންޏަކަށް އެރިގެން ހުންނަހެން..." އަފްޒަލް ޒީނާއާ ދިމާކޮށްލުމުން ޒީނާ ތުންއޫކޮށްލަމުން އަފްޒަލްގެ ފަހަތުން ދުއްވައިގަތެވެ. އެއީ އަބަދުވެސް އަފްޒަލްގެ އާދައެވެ. ޒީނާ ހުންނަނީ އޭނާގެ އުމުރަށްވުރެ އިސްކޮޅުބޮޑުވެ ރޫފަ ރަނގަޅުކޮންނެވެ. އެހެންކަމުން ޒީނާ އަބަދުވެސް ފަލަވެގެން ޝަކުވާކުރާނެއެވެ. އަފްޒަލް އާއި ޒީނާ ދުވެ ދުވެފައި ސަކަރާތް ޖަހަމުން ދިޔައިރު މިޝާ އިނީ ހީލަހީލައެވެ. މިފަދަ އުފާވެރިކަމެއް މީގެކުރިން ދުވަހަކުވެސް އޭނާ ނުދެކެވެ. އާއިލީ ލޯތްބާއި އުފާވެރިކަމުން އޭނަވަނީ ނުހަނު ކުޑައިރު މަޙުރޫމުވެފައެވެ. ނަމަވެސް މިއަދު އަނެއްކާވެސް އޭނަގެ ޙަޔާތަށް އެއުފާވެރިކަން އިޔާދަ ވެއްޖެއެވެ. 

ޒީނާ އާދޭސްކުރަން ފެށުމުން މިޝާއާއި އަފްޒަލް އަދި އަޒްރާވެސް މޫދަށް ދިޔައެވެ. މިޒްނާވެސް ހުރީއެކުދިންނާއެކު ދާހިތުންނެވެ. ނަމަވެސް މަންމަ އެކަނިވާނެތީ އޭނާ ގޭގައި މަޑުކުރީއެވެ. މިޝާއަކީ އެއްއިރެއްގައިވެސް މޫދަށް އެރިއުޅުނު ކުއްޖެއް ނޫނެވެ. އަދި އަމުދުން ރިޒޯޓްގައި ޕޫލަށް ވެއްޓި ގެނބުނުފަހުން މާބޮޑަށް ބިރުގަނެއެވެ. މިޝާ ދޮންވެލިގަނޑުމަތީގައި އިންދައި ޒީނާ އައިސް އޭނާގެ އަތުގައި ހިފައިގެން އާދޭސްކުރަން ފެށުމުން އޭނާ އެރުނެވެ. ނަމަވެސް ބިރުގަންނަވަރުން މިޝާހުންނަނީ އަބަދުވެސް ކޮންމެވެސް މީހެއްގެ އަތުގައި ހިފައިގެންނެވެ. " ތިހާ ފިނޑިވެގެން ކިހިނެއްތަ އުޅެނީ؟...ޒީއަށްވެސް އެނގެޔޭފަތަށް އާދެބަލަ ފަތަން ދަސްކޮށްދޭނަން.." ޒީނާ މިޝާގެ އަތުގައި ހިފައިގެން ބޭރާށް ފަތައިގަތެވެ. މިޝާ ނުދާންވެގެން ޒީނާގާތު އާދޭސްކުރަން ފެށިއެވެ. އެންމެފަހުން އިސްކޮޅު ނުޖެހޭ ހިސާބަށްދެވުމުން މިޝާ ގެނބެން ފެށިއެވެ. ބިރުންގޮސް ޒީނާގެ ގައިގާ މިޝާ ބައްދަން ފެށުމުން ޒީނާވެސް ގެނބެން ފެށިއެވެ. މިޝާއަށް ހަނދާންވީ ޕޫލަށް ގެނބުނު ދުވަހެވެ. އެވަގުތު ކުރެވުނު އިހުސާސެވެ. ކުއްލިއަކަށް މިޝާގެ ނޭވާ ހާސްވާން ފެށިއެވެ. އަފްޒަލްއަށް އެމަންޒަރު ފެނުމުން ހަލުވިކަމާއެކު ފަތާލާފައި އައިސް މިޝާގެ އުނަގަނޑުގައި ހިފައި ޒީނާއާ ދުރުކުރިއެވެ. ފެނުން މައްޗަށް ބޯހިއްލުމާއެކު މިޝާ އަފްޒަލްގެ ގައިގާ އޮޅުލައިގެންފައި ބާރަށް ރޯންފެށިއެވެ. އޭރު މިޝާގެ މުޅި ހަށިގަނޑު ތުރުތުރު އަޅަމުން ދިޔައެވެ." ރިލެކްސް....އަދި ތިހާ ބިރުގަންނާކަށް ނުވެއެއްނު....އަހަރެން ސަލާމަތުން ހުއްޓާ މިޝާ ގެނބުނަކަ ނުދޭނަން..." އަފްޒަލް މިޝާގޮވައިގެން އައިސް ވެލިގަނޑުމަތީގައި ބޭންދުމަށްފަހު، ހަމައަކަށް އަޅުވަން މަސައްކަތް ކުރިއެވެ. ނަމަވެސް މިޝާ އަފްޒަލްގެ ގައިގާ އޮޅުލައިގަނެގެން އިނދެ ރޮމުންދިޔައެވެ. ހީވަނީ އަފްޒަލް އޭނާދޫކޮށްލާފައި ގޮސްދާނެތީ އުޅޭހެންނެވެ. އަޒްރާއާއި ޒީނާގެ ކުރިމަތީ މިޝާ އެގޮތަށް ބެއްދުމުން އަފްޒަލް ކުޑަކޮށް ރަކިވެސްވިއެވެ. މޫދަށް އެރެން އައިސް އުޅޭ ބައެއްމީހުންގެ ނަޒަރުވެސް އެދިމާއަށް ހުއްޓެމުން ދިޔައެވެ. މިޝާ ބިރުގެންފައިވާ ވަރުފެނި އަޒްރާ ކަންބޮޑުވެ ހައިރާންވެސްވިއެވެ. މިޝާއަށް ވީގޮތް ފެނުމުން ޒީނާވެސް ހުރީ ނުހަނު ދެރަވެފައެވެ. އަޒްރާ އައިސް މިޝާގެ ބޮލުގައި ފިރުމާ ނަސޭހަތްދީހަދަން ފެށުމުން މިޝާ މަޑުމަޑުން ހަމައަކަށް އެޅުނެވެ. އަދި އަފްޒަލްގެ ގައިން ދޫކޮށްލާފައި ދުރަށް ޖެހިލިއެވެ. އޭނާއަށް އުޅެވުނު ގޮތުން ލަދުވެސް ގަތެވެ.

" ސޮރީ.." މިޝާގެ ގާތުގައި އިށީންނަމުން ޒީނާ ދެރަވެލާފައި ބުންޏެވެ. " އިޓްސް އޯކޭ....ދޮންތަ މާބޮޑަށް ބިރުގަތީ..." މިޝާ ޒީނާއަށް ހިނިތުންވެލިއެވެ. އިރުކޮޅެއްފަހުން އަނެއްކާވެސް ޒީނާއާ އަޒްރާއާ ދެމީހުން މޫދަށް އެރުނެވެ. އަފްޒަލް މަޑުމަޑުން އައިސް މިޝާގެ ގާތުގައި އިށީނެވެ. އަފްޒަލް އޭނާއާމެދު ވިސްނާނެ ގޮތެއް ނޭނގި މިޝާއިނީ ލަދުގެންފައެވެ. އަފްޒަލް ދުރުދުރުން ވާހަކަ ފަށައިގެން ގޮސް މިޝާ އެހާ ބިރުގަތީ ކީއްވެތޯ އަހާލިއެވެ. މިޝާ އޭނާއަށް ރިޒޯޓްގައި ދިމާވި ހާދިސާ ކިޔައިދިނެވެ. ދެމީހުން އެކި އެކި ވާހަކަތައް ދައްކަމުން ގޮސް އަފްޒަލް އޭނާގެ ކުޑައިރުގެ ބައެއް ވާހަކަތައް ވެސް ކިޔާދީހެދިއެވެ. މިޝާގެ ދިރިއުޅުމާބެހޭ ގޮތުންވެސް ސުވާލު ކުރިއެވެ. ނަމަވެސް މިޝާ އޭނާގެ މާޒީގެ އެއްވެސް މިންވަރެއް އަފްޒަލްއާ ހިއްސާކުރާކަށް ބޭނުމެއް ނުވިއެވެ. މިހާރު އެމާޒީއަކީ އޭނާއަށް މާމުހިއްމު އެއްޗެއް ނޫނެވެ. އަފްޒަލް މިޝާގެ މޫނަށް އަރާ ކޮންމެ ކުލައެއް ދެނެގަތެވެ. އެއީ އެކަނިވެރި އަދި އެހާމެ ބަލިކަށި ކުއްޖެއް ކަމުގައި އޭނާގެ ހިތްބުނެއެވެ. އެކުއްޖާއަށް ހިމާޔަތްދީ އޯގާތެރިކަން ދޭން އޭނާހިތް ބޭނުންވަނީއެވެ. މިސިއްރުވެރި ކުއްޖާއާމެދުގައި އޭނާގެ ހިތުގައި އާދަޔާ ޚިލާފް ޝައުޤުވެރިކަމެއް އުފެދުނެވެ.

ޝިފާން ޓެރެސްމަތީގައި ހުރެގެން އިރުއިރުކޮޅުން އޭނާގެ ފޯނަށް ބަލާލައެވެ. މިޝާގެ އެއްވެސް މެސެޖެއް ނުވަތަ ކޯލެއްވެސް ނާދެއެވެ. ހެނދުނު ބޭރަށް ދިޔަގޮތަށް އަދިވެސް ނާދެއެވެ. މިހާރު ހަވީރުވެސްވީއެވެ. މިހުރިހާއިރުވާންދެން މިޝާއެއުޅެނީ ކޮންތާކު ހެއްޔެވެ؟ ހަމަގައިމުވެސް އެހުރިހާ ވަގުތެއް ރައްޓެއްސަކާއެކު ހޭދައެއް ނުކުރާނެއެވެ. އިންތިޒާރުގެ ވަގުތައް ގުނަމުން ގޮސް އޭނާގެ ކެތްތެރިކަން ކޮޅުން ލައިފިއެވެ. ޝިފާން ފޯނުނަގައި މިޝާގެ ފޯނަށް ޑައަލްކޮށްލިއެވެ. އެތައް ފަހަރަކު ފޯނު ރިންގްވީ އިރުވެސް ފޯނެއް ނުނެގިއެވެ. " ހޭއި...ހާދަމޫޑީވެފަ....ރަޔާންގުޅާފަ ބުނި ބޮސް ނުދާނަމޭ ބުންޏޭ ކުޅޭކަށް....އެހެންވެ މަމިއައީ ވީގޮތެއްބަލާލަން...." ޓެރެސްމަތީ އެކަނިމާއެކަނި ހުރި ޝިފާންފެނިފައި ނަވީން ބުންޏެވެ. " ހޫމް ނެތްދާހިތެއް....ރަޔާން ދިޔައީތަ؟....އޭނަބުނި ނާއިޒްވެސް ކުޅެންނުދާ ވާހަކަ.....މިހާރު ނާއިޒް މިގެއަށްވެސް ނާދޭ.....އެކްސިޑެންޓަށްފަހު ލޮލަށްވެސް ނުފެނޭ..." ޝިފާން ވާހަކަ ބަދަލުކޮށްލިއެވެ. " ހޫމް...މަށެއްވެސް ނުދެކެން" ފަރުވާކުޑަ ގޮތަކަށް ނަވީން ބުންޏެވެ. 

" ރެޕަންޒަލް ގުޅިތަ؟..." ޖެހިލުންވެ ހުރެވެސް ޝިފާން އަހާލިއެވެ. " ރެޕަންޒަލްއޭ؟....އޭނާވެސް މިހާރު ފޯނުގެންގުޅޭތަ؟...މަނުވެސް ދެނަހުރިން.." ނަވީން ހައިރާންވެފައި އަހާލިއެވެ. " އަހަރެން ކުރިން ގެންގުޅުނު ފޯނު ދިނީ.....ރޭގަވެސް އެހާލަހުން ވިއްޔަ އައީ...އެކަނި އުޅެނިކޮށް ކަމެއްދިމާވިޔަސް އަންގާލެވޭނީ ފޯނެއް އޮތިއްޔާއެއްނު...." ޝިފާން ބުނެލިއެވެ. " ހޫމް ހޫމް...މިހާރު އެބަ ރަނގަޅުވޭ....ދެން ދުލުން އިޤްރާރު ނުވިޔަސް އަމަލުން ދައްކަދެނީ އަސްލުވެސް ބޮސްއަށް ތިހުރީ ރެޕަންޒަލް ދެކެ ލޯބިވެވިފަކަން....ކޮންގްރާ ބްރޯ...." ލާނެއްގޮތަކަށް ހީލަމުން ނަވީން ބުންޏެވެ. " އެއްކަލަ ނަވީން....ތިނޫން އެއްޗެއް ކިޔަން ނޭނގެނީތަ؟....ނަވީންވެސް ކަންބޮޑުވިއެއްނު ރެޕަންޒަލްގެ ޚަބަރެއްނުވެގެން....އޭނާ ހޯދަންވެސް ދިޔައީމެއްނު....ދެން މަށަށްވެސް ބުނެވިދާނެ ނަވީން ލޯބިވަނީއޭ...." ޝިފާން ދިފާއުގައި ވާހަކަ ދެއްކިއެވެ. " ތިބުނީތެދެއް..އަހަރެން ނޫޅެން އެއްބަސް ނުވާކަށް...އަހަރެން ލޯބިވޭ ރެޕަންޒަލްދެކެ....ވަރަށްބޮޑަށް ލޯބިވޭ" ޖެހިލުމެއްނެތި ނަވީން ބުނެލި ޖުމްލައިން ޝިފާން ބަލާލީ ހައިރާންވެފައެވެ.

ކޮމެންޓް 0