ޝިފާންގެ ހިތުގައި އެފޮތްބަލާލުމުގެ ޝައުޤުވެރިކަން އުފެދުނެވެ. ފޮތްނަގަން ދިމާކޮށްލި ވަގުތު ފުރޮޅިލާފައި މިޝާ ދެލޯހުޅުވާލިއެވެ. އެވަގުތު މިޝާއާ ދިމާއަށް ކުޑަކޮށް ގުދުވެ އޮތް ޝިފާން ފެނުމުން އޭނާއަށް ބާރަކަށް ހަޅޭއްލަވައިގަނެވުނެވެ. ސިހުނުލެއް ބޮޑުކަމުން ޝިފާންއަށް ފުންމައިގެން ތެދުވެވުނެވެ. މިޝާވެސް ބިރުން ފުންމައިގެން ކޮޅަށް ތެދުވެ ދެލޯބޮޑުކޮށްގެން ސުވާލުގެ ނަޒަރަކުން ޝިފާންއަށް ބަލަން ހުއްޓެވެ.

" ތިހާބާރަށް ހަޅޭއްލަވައި ނުގަތަކަސް ވެދާނެއްނު..... ކިރިޔާއޭ ހާރޓްއެޓޭކެއް ނުޖެހުނީ..... މަމިއައީ ރެޕަންޒަލްއަށް ކަމެއްކުރާކަށްނޫނޭ..... ކޮފީއެއް ގިރާދޭށޭ ބުނަންވެގެން..... ކާގަޑިޖެހިގެން ދިޔައިރުވެސް ކާންނުހަދާ ހުރީމަ ހައިވެގެން މިއުޅެނީ.... ދެންވެސް ބަލަން ނުހުރެ އާދޭ ކޮފީއެއްދޭން..." ޝިފާން އޭނާގެ ހަރުކަށިގޮތް ދައްކާލަމުން އަމުރުކޮށްލިއެވެ. ޝިފާން އެކޮޓަރިން ނުކުތުމުން ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލުމަށްފަހު މިޝާ ފާޚާނާއަށް ވަދެ މޫނުދޮވެލިއެވެ. ހަވީރު އޮށޯތްގޮތަށް އޭނާއަށް ނިދުނީއެވެ. މިހާރު ގަޑިން ވީއިރެއްވެސް ނޭނގެއެވެ. އަނެއްކާ ދެވަނަ ފަހަރަށް ޝިފާން ރުޅިއައިސްގެން ހަޅޭއްލަވައި ނުގަންނަނީސް ބަދިގެޔަށް ދެވޭތޯ އޭނާ އަވަސްވެގަތެވެ. 

މިޝާހުރީ ޝިފާން އެކޮޓަރިއަށްވަނީތީ ވަރަށް ހައިރާންވެފައެވެ. ކިތަންމެ ބަނޑުހައިވިޔަސް އަދި ކަމެއް ބޭނުންވިޔަސް ދުވަހަކުވެސް ޝިފާން އަމިއްލައަށް އޭނާގެ ގާތަކަށް ނާދެއެވެ. އޭގެ ބަދަލުގައި ބައެއްފަހަރު ޝީބާ ފޮނުވާނެއެވެ. ވީއިރު މިރޭ ކުއްލިއަކަށް އައިސް ކޮޓަރިއަށްވަނީ ކީއްވެބާއެވެ. މިޝާ ޚިޔާލުތަކެއްގައި ހުރެގެން ގޮސް ކާކޮޓަރިއަށް ވަތްއިރު މޭޒުކައިރީގައި ޝިފާން އިނެވެ. މިޝާ ކޮފީގިރަމުން ދިޔައިރު ޝިފާން ކަޅިޖަހާނުލައި މިޝާއަށް ބަލަން އިނެވެ. ޝިފާންގެ ބެލުމުން މިޝާއަށް އުނދަގޫވަމުން ހިތުގައި ބިރުވެރިކަން އުފެދެމުން ދިޔައެވެ. 

" އަދި މަޑުކޮށްބަލަ!..." މިޝާ ކޮފީތަށިގެނެސް މޭޒުމަތީ ބަހައްޓާފައިދާން ހިނގައިގަތުމުން ޝިފާން ބުންޏެވެ. މިޝާ ޖެހިލުންވެހުރެ ޝިފާންއަށް ބަލާލިއެވެ.
" މިތާ އިށީނދެބަލަ!....ކޮފީބޮއެ ނިމުނީމަ ތަށިދޮވެފަ ދެވޭނީ.." ޝިފާން އެހެން ބުނުމުން މިޝާބަލާލީ ހައިރާންވެފައެވެ. މީގެކުރިން އޭނާ ތަށިދޮވޭތޯ ނޫނީ ނުދޮވޭތޯއެއް ޝިފާން ނުބަލައެވެ. މިރޭ މާވަރަކުން އޭނާ ތަށިނުދޮވެ ގޮސްދާނެތީ ޝިފާން ކަންބޮޑުވާންވީ ކީއްވެގެން ހެއްޔެވެ؟ އެގޭގައި މިޝާއާއި އޭނާގެ މަންމަ ނޫން އިތުރުމީހަކު ތައްޓެއް ހިސާބުވެސް ދޮވެލާފައެއް ނޯންނާނެއެވެ. މިޝާ ހިތާހިތުން ކުދިކިޔަމުންވެސް އެގޮނޑީގައި އިށީނެވެ. ޝިފާން ލަސްލަހުން ކޮފީބޮމުން ދިޔައިރު އޭނާގެ ނަޒަރުވަނީ މިޝާއަށް ހުއްޓިފައެވެ. އެރޭ ޕާޓީން މިޝާ ފެނުނުގޮތް އަދިވެސް އޭނާގެ ހިތަށް ސިފަވަނީއެވެ. އެރީތި އިސްތަށިގަނޑު ނިއުޅާލާފައި އޮތްއިރު ހާދަހާ ރީއްޗެވެ. ހަށިގަނޑަށް ހިފާލާފައިހުރި މެކްސީގައި މިޝާ ފެނުނުއިރު، ހާދަހާވާ ރީއްޗެވެ. މިޝާގެ ހަށިގަނޑަށް ޝިފާން ނަޒަރެއް ހިންގާލިއެވެ. އެބައްޓަން ރީތި ހަށިގަނޑުގެ ވަނާތައްވެސް ފުރިހަމަވެފައި ރީތިވާނެވަރު ޝިފާންގެ ހިތަށް ސިފަވުމުން ގައިން ހީބިނަގާ ގޮތްވިއެވެ. ދުވަހަކުވެސް އަންހެން ކުއްޖަކާމެދު މިފަދަގޮތަކަށް މީގެކުރިން އޭނާއަށް ވިސްނިފައެއް ނެތެވެ. މިވަނީ އަނެއްކާ ކިހިނެއްބާއެވެ. ޝިފާންގެ ކަތިނަޒަރުން މިޝާއަށް އުނދަގޫވަމުން ދިޔައެވެ. އެވަރަށް ޝިފާން އެބަލަނީ ކީއްވެބާއޭ ހިތަށް އަރަމުންދިޔައެވެ. ޝިފާންއަށް އޭނާ ފެނިގެން އެއުޅެނީ އަލަށް ހެއްޔެވެ؟ މިޝާއާމެދު ވިސްނަން އިނދެ ކޮފީބޮއެ ނިންމާލުމުން މިޝާ އަވަސްއަވަހަށް ތަށިދޮވެފައި ޝިފާންގެ ކުރިމަތިން ދުރަށްދެވޭތޯ އުޅުނެވެ. 

" އަދި ކޮޓަރިތެރެ އޮތީ ސާފުކުރަންވެފަ..... ބެޑްޝީޓްވެސް ބަދަލުކުރަން ޖެހޭނީ.... އެހެންވީމަ އެކަން ނިންމާފަ ދެވޭނީ..." މިޝާ ދާންފެށުމުން ޝިފާން އަނެއްކާވެސް ކަމެއް ޖެއްސިއެވެ.
" މިއަދު ކޮޓަރިސާފުކޮށް ބެޑްޝީޓްވެސް ބަދަލުކޮށްފަ އޮންނާނީ..." މިޝާ ހިތްވަރުކޮށްފައި ވާހަކަދެއްކިއެވެ.
" މިއަދު ނުކުރެއެކޭ ނުބުނަމެއްނު..... އެކަމަކު އަނެއްކާވެސް ކުރެވިދާނެއެއްނު..... ކީއްވެތަ މާވަރަކަށް ބަހަނާ ދައްކަނީ..... ކިތަންމެ ފަހަރަކު ކުރިޔަސް ކުރަންޖެހޭނީ ހަމަ ރެޕަންޒަލްއަށް ކަން އެނގެއެއްނު..." ޝިފާން މިޝާއަށް ކަމެއް ހަނދާންކޮށްދޭފަދަކުން ބުންޏެވެ. ރުޅިއައިނަމަވެސް އިތުރަށް އެންމެ ބަހެއްވެސް ނުބުނެ މިޝާ ފިހިގަނޑުހިފައިގެން ޝިފާންގެ ކޮޓަރިއަށް ދިޔައެވެ. ޝިފާންވެސް ފަހަތުން ގޮސް ކޮޓަރިއަށްވަދެ ސޯފާގައި އިށީނެވެ. މިޝާ ކޮޓަރިސާފުކޮށް ބެޑްޝީޓް ބަދަލުކޮށް ނިމޭންދެންވެސް ޝިފާން އެއިންގޮތަށް މިޝާގެ ހަރަކާތްތަކަށް ބަލަންއިނެވެ. މިރޭ ޝިފާން މޮޔަވެގެން އުޅޭރެއެއްބާއޭ މިޝާގެ ހިތަށްއެރިއެވެ. ނޫނީ އަދިވެސް އޭނާއަށް ޖެއްސުން ކުރާނެ އާގޮތެއް ހޯދީހެއްޔެވެ؟ ޝިފާންގެ އެއަމަލުން މިޝާގެ ހިތުގައި ސުވާލުތައް އުފެދެމުންދިޔައިރު، ހިތުގައި ނުތަނަވަސްކަން އިތުރުވަމުން ދިޔައެވެ.

އެދުވަހަށްފަހު ކޮންމެވެސް ބަހަނާއެއްގައި ޝިފާންގެ ކުރިމައްޗަށް އިރުއިރުކޮޅުން މިޝާގެނައުމަކީ އާދައަކަށް ވެއްޖެއެވެ. ރޭގަނޑެއް ދުވާލެއް ނޯވެއެވެ. އޭނާ ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި މިޝާގެނެސްގެން ކަންކަން ކުރުވައެވެ. އަބަދުވެސް އޭނާގެ ކުރިމަތީގައި މިޝާ ބަހައްޓަން އޭނާ ބޭނުންވެއެވެ. އަބަދުވެސް މިޝާ ދެކޭހިތްވެއެވެ. ސަބަބެއް ޚުދު ޝިފާންއަކަށްވެސް ނޭނގެއެވެ. މިކަމުންވެސް މިޝާއަށް ލިބެމުންދިޔައީ އިތުރު ތަކުލީފެކެވެ. ނަވީންއާއި ޝީބާ ގުޅުނުފަހުން ކޮންމެވެސް ވަރަކަށް ޝީބާގެ އުނދަގޫ މިޝާއަށް ކުޑަވިހެންވެސް ހީވިއެވެ. ނަމަވެސް ނާއިޒްގެ އުނދަގޫ އަދިވެސް ދުވަސް ދުވަހުން މިޝާއަށް ފޯރައެވެ.

އެއްރެއެއްގެ އިރާކޮޅުގެ ވަގުތެކެވެ. މިޝާއިނީ ހިސާބުފިލާވަޅުތައް މުޠާލިޔާކުރާށެވެ. ކޮޓަރީގެ ފަންކާ ހަލާކުވެފައި ހުރުމުގެ ސަބަބުން ހޫނުވާތީ މިޝާއިނީ ޓެރެސްމައްޗަށް މޭޒާއި ގޮނޑިނެރެގެންނެވެ. ޓެރަހަށް އަލިކުރަން ދިއްލާފައިހުރި ބޮކީގެ އަލިފަނޑުކަމުން އޭނާއިނީ އުއްބައްތިއެއްވެސް ދިއްލައިގެންނެވެ. އިރުއިރުކޮޅާ އުއްބަދި ނިވުމުން އަނެއްކާވެސް ދިއްލަނީއެވެ. މިޝާ ވަރަށް ޝައުޤުވެރިކަމާއެކު ފިލާވަޅު ހަދަމުންދިޔައެވެ. ޕާސްޓްޕޭޕަރުގައި އޮތް ނަމްބަރެއް ތަކުރާރުކޮށް ހެދުމުންވެސް ޖަވާބުދިމަލެއް ނުވިއެވެ. ހިސާބަކީ އަބަދުވެސް މިޝާއަށް އުނދަގޫ މާއްދާއެކެވެ. އެހެންނަމަވެސް ޓިއުޝަން ނެގޭހައި ފެންވަރެއް އޭނާގެ ނެތެވެ. މިޝާއެތައް ފަހަރަކު އެނަމްބަރުހަދާފައި ނުބައިވުމުން ގަލަމުން ކަނޑާލައެވެ. އެންމެފަހުން ފޫހިވެގެން ފޮތުން އެގަނޑުވެސް ކަނޑާލުމަށްފައި ބޮނޑިކޮށްލާފައި އެއްލާލިއެވެ. ތަންކޮޅެއްދުރުގައި މިޝާގެ ހަރަކާތްތަކަށް ބަލަންހުރި ނަވީންގެ ގާތަށް ހިނިއައެވެ. ޝީބާ ގޮވައިގެން ބޭރަށްދާން އައި ނަވީން، ޓެރަހަށް އެރީ ޝީބާ ތައްޔާރުވެގެން ނުކުންނަންދެން ފިނިކޮށްލުމަށްޓަކައެވެ. އެވަގުތު މިޝާފެނިގެން އޭނާ ދުރުގައި މަޑުކޮށްގެން ހުރީއެވެ.

" ފޮތުން ގަނޑުކަނޑަ ކަނޑާފަ ތިއުކަނީ ގަނޑުގިނަވެގެންތަ؟....." މިޝާ އެއްލި ކަރުދާސްގަނޑު ހިފައިގެން އައިސް ހުއްޓެމުން ހިނިތުންވެފައި ނަވީން އަހާލިއެވެ.
" ނޫނޭ....މިއުޅެނީ މިނަމްބަރު ހަދަންނޭނގިގެން..." ޖެހިލުންވެ އިނދެ މިޝާ ބުނެލިއެވެ.
" ދައްކަބަލަ އަޅެ މަށަށް އެނގޭތޯ...." މިޝާގެ ގާތަށްޖެހި ގުދުވެލަމުން ނަވީން ފޮތަށް ބަލާލިއެވެ. މިޝާ ފޮތްދެއްކުމުން ނަވީން ވަރަށް ތަފްސީލްކޮށް ނަމްބަރު ހަދަންވީ ގޮތް ބުނެދިނެވެ. އަދި އެވައްތަރުގެ ދެތިން ނަމްބަރެއް އިތުރަށް ހަދައިވެސް ދިނެވެ.
" މިބޯ، މިހުންނަނީ ހަމައެކަނި ފުނާއަޅަންދޯ؟...." މިޝާގެ ބޮލުގައި އިނގިލި ޖައްސައި ކުޑަކޮށް އޮއްބާލަމުން ނަވީން ބުންޏެވެ. މިޝާ ހިނިތުންވެލިއެވެ. ނަވީން މިޝާގެ ބޮޑުހުޅިގަނޑަށް ބަލާލަމުން ކުއްލިއަކަށް ހުޅިގަނޑުގައި އައްސާފައި އިން ވޫލްކޮޅު ދަމައިގަތެވެ. އެވަގުތު އެފަން އިސްތަށިގަނޑު ފަށުވިކޮޅެއްފަދައިން ނިއުޅިގެން ދިޔައެވެ.

" ވާއު!....ރެޕަންޒަލް ކިޔަނީ ހަމަ ކިޔަންވެގެން....ބަލާބަލަ މިއޮއްދިގު އިސްތަށިގަނޑެއް....ޔަގީން ތިންވަރަކަށް ފޫޓް މީގަ ހުންނާނެކަން.. މަށަށް ހީވަނީ ތިކާ ހުރިހާ އެއްޗެއްވެސް ދަނީ މިއިސްތަށިގަނޑަށްހެން....ސިކުނޑިއަކަށް އެއްވެސް ފައިދާއެއް ނުކުރާހެން... " މިޝާގެ އިސްތަށިގަނޑާއި ކުޅެލަމުން ނަވީން ބުންޏެވެ. ނަވީން އުޅޭގޮތުން މިޝާގެ ގާތަށް ހިނިއައެވެ. މިޝާއާއި ނަވީން ހެވިފައި ވާހަކަ ދައްކަން ތިބި މަންޒަރުބަލަން ހުރި ޝީބާގެ ދަތްތަކަށްބާރުކޮށްލެވުނީ ބޭއިޚުތިޔާރުގައެވެ. މިޝާގެ އިސްތަށިގަނޑަށް ނަވީންކުރި ތަޢުރީފުގެ އަޑުއިވިފައި އެހިތް ހަސަދައިން ފުރުނެވެ.
" ނަވީން....އައިމް ރެޑީ..." ރުޅިގަނޑު އެތެރެއަށް ހިންދާލައި ހަމަޖެހޭ ގޮތްދައްކަމުން ޝީބާގޮވާލިއެވެ. އެވަގުތު ނަވީންއާއި މިޝާއަށް އެދިމާ ބަލާލެވުނީ އެކުއެކީއެވެ. ޝީބާ ރުޅިއަތުވެދާނެތީ މިޝާއިނީ ބިރުންނެވެ. 
" ދަނީ އިނގޭ!...ދެން ފަހަރަކުންވެސް ނޭނގިއްޖެއްޔާ ބުނެލާތި!" ނަވީން މިޝާއަށް ހިނިތުންވެލަމުން ޝީބާއާ ދިމާއަށް ހިނގައިގަތެވެ. މިޝާވެސް ނަވީންއަށް ހިނިތުންވެލިއެވެ. ނަވީންގެ އެއެހީތެރިކަމަށް ހިތާހިތުން އޭނާ ޝުކުރުވެރިވިއެވެ. 

ނަވީންއާއެކު ބޭރަށް ގޮސްފައި އައުމުންވެސް ޝީބާގެ ހިތަކަށް މިރޭ ހަމަޖެހުމެއް ނުލިބުނެވެ. އޭނާގެ ސިކުނޑީގައި ކުރެހިފައިވަނީ މިރޭ މިޝާއާއެކު ނަވީން ހޭދަކުރި އުފާވެރިވަގުތު ކޮޅުގެ ތަސްވީރެވެ. ނަވީންގެ ތަޢުރީފުގެ ސަބަބުން މިޝާގެ ތުންފަތްމައްޗަށް ވެރިވި ހިނިތުންވުން ހަނދާންވުމުން އޭނާގެ ހިތުގައި ހުޅުރޯވި ކަހަލައެވެ. މިޝާގެ ރީތި ދިގު އިސްތަށިގަނޑުގައި ނަވީން ފިރުމާލިމަންޒަރު ސިފަވުމާއެކު ޝީބާގެ ރުޅި އިންތިހާއަށް ދިޔައެވެ. ޝީބާ ހަލުވި ފިޔަވަޅުތަކެއްގައި ގޮސް އޭނާގެ ކިޔަވާމޭޒުގެ ވަތްގަނޑެއް ހުޅުވާލުމަށްފަހު ކަތުރެއްނެގިއެވެ. 

" މިރޭމީ އެންމެ ފަހުރޭ ނަވީންއަށް ތިއިސްތަށިގަނޑުގެ ރީތިކަން ދެއްކޭނެ.....ބަލަން ހުންނާތި ކިހިނެއްކަން އަހަރެން ތި ރެޕަންޒަލް ސްނޯވައިޓަށް ހަދާލަނީ...." ދަތްކުނޑިވިކާލަމުން ޝީބާ ކަތުރު ހިފައިގެން ކޮޓަރިން ނުކުތެވެ. ރުޅިއައިސްފައި ހުރިނަމަވެސް މަޑުމަޑުން ޝީބާ ސިޑީގެ ހަރުފަތްތައް ގިރާކުރަމުން ދިޔައީ އެހެންމީހަކަށް ނޭނގި ޓެރެހަށް ދިއުމަށެވެ. ފޮތުގެ ތެރެއަށް ގޮސް ހުސްވެފައި އިން މިޝާއަށް ޝީބާ އައިސް އޭނާގެ ފުރަގަހަށް ހުއްޓުނުއިރުވެސް ހިލަމެއް ނުވިއެވެ. އިރުކޮޅަކު މިޝާގެ އިސްތަށިގަނޑަށް ބަލަން ހުރުމަށްފަހު ޝީބާ ކުއްލިއަކަށް މިޝާގެ އިސްތަށިގަނޑުގައި ބާރަށް ހިފިއެވެ. އެއާއެކު ސިހިފައި މިޝާއަށް ހަޅޭއްލަވައިގަނެވުނެވެ. އޭނާގެ އަތުގައި އޮތް ގަލަންވެސް މާދުރައް ވިއްސައިގެން ހިނގައްޖެއެވެ. 

" އާހް!....ޝީބާ...ކިހިނެއްތަވީ؟...ތަދުވެޔޭ!...ކިހިނެއްތަވެގެން ތިއުޅެނީ؟.." ފަހަތްބަލާލަމުން ކަންބޮޑުވެފައި މިޝާ އެހިއެވެ.
" ނޭނގޭތަ މިވެގެން އުޅޭގޮތެއް!؟..ބަލަންހުރޭ ނޭނގެންޏާ....ދެން ލާހިކެއްނޫން ރެޕަންޒަލް ހެދިގެން އުޅޭކަށް...." ޝީބާ އޭނާގެ އަތުގައި އޮތްކަތުރުން މިޝާގެ އިސްތަށިގަނޑު އެކިގޮތްގޮތަށް ކޮށަންފެށިއެވެ. ނުވިސްނާ އިންދައި ފުރަގަހުން އައިސް ހިފުމުން މިޝާއަށް އޭނާގެ އިސްތަށިގަނޑު ސަލާމަތްކުރާކަށް މާބޮޑު މަސައްކަތެއް ނުކުރެވުނެވެ. އެއަށްވުރެ ޝީބާ ހުޝިޔާރެވެ. ޝީބާގެ ހިތްހަމަޖެހޭވަރުވުމުން ދޫކޮށްލިއިރު މިޝާގެ އިސްތަށިގަނޑުވަނީ އެކިގޮތްގޮތަށް ކުރުކޮށް ކޮށާލާފައެވެ. ބައެއްދިމަދިމާލުން ކަނދުރާއަށްވުރެވެސް މައްޗަށްވަނީ ކޮށާފައެވެ. އެތަން ފެނުމުން މިޝާއަށް ބާރަށް ރޮއެގަނެވުނެވެ. 
" އަ..އަ..އަހަ...ރެން ކީއް...ކޮށް..ގެންތަ އަހަ..ރެންގެ އިސްތަށި...އިސްތަށިގަނޑު..ތި...ކޮށާލީ...." ހިތުގައި ޖެހުނުލެއް ބޮޑުކަމުން މިޝާއަށް ވާހަކަދައްކަންވެސް އުނދަގޫވިއެވެ.
" ދެން ނިކަން ނަވީންއާ ގާތްވެބަލަ!....މިހާރު އެނގިއްޖެއެއްނު....އެހެންމީހުންގެ ބޯއީފުރެންޑުންނާ ގާތްވީމަވާގޮތް..." ޝީބާ ރުޅިއައިސްފައި ޖަވާބުދިނެވެ. 
" އަހަރެން ނަވީންއަކާ ގާތެއްނުވަން....ނަވީން އަހަރެން މިތާއިންދާ އައީ...އަހަރެން ނޫޅެން ހޭބަލިވެގެންނެއް..." ކުއްލިއަކަށް މިޝާގާތަށް ރުޅިއައިސްގެން ހަޅޭއްލަވައިގަތެވެ.
" މާއަޑުގަދަ ކުރާނެކަމެއްނެތް....އަދިވެސް ލިބުނު ބޮނޑި ކުޑައީތަ....އޭނ؟.." ޝީބާވެސް މިޝާއާދިމާއަށް ހަޅޭއްލަވައިގަތެވެ. މިޝާ ކުއްލިއަކަށް ގޮސް ޝީބާގެ ބޮލުގައި ހިފާދަމައިގަތެވެ. އަތުގައިހުރިބާރަކަށް ދަމައިގަތުމުން ޝީބާއަށްވެސް ތަދުވެގެން ރޮވުނެވެ. ދެމީހުން ގަދައަށް ހިފައިގަނެގެން އެކަކު އަނެކެއްގެ ގައިގާ ތަޅައިގަތެވެ. މިޝާ އައިސްފައިހުރި ރުޅިން އެންމެ ތަންފުކެއްވެސް ޝީބާއަށް ދޫކުރާކަށް ބޭނުމެއްނުވިއެވެ. އެވަގުތު ފެންފުޅިއެއްބަލައި ކާކޮޓަރިއަށް ދާން ނުކުތް މީޒާއަށް ދެއަންހެން ކުދީންގެ ހަޅޭކުގެ އަޑު ޓެރެސްމަތީން އިވުމުން ބިރުންހުރެ ދުވެފައި ގޮސް ޓެރެހަށް އެރިއެވެ.

" މާތްކަލާނކޯ!..ކިހިނެއްތަވެގެން ތިއުޅެނީ؟...މިޝާ ދަރިފުޅާ!...ޝީބާ! މައިތިރިވެބަލަ!.." މީޒާގޮސް އެތައް މަސައްކަތަކުން ދެކުދިން ދުރުކުރިއެވެ. އޭރު ދެމީހުނަށްވެސް ތިބީ ރަނގަޅަށް ރޮވިފައެވެ. 
" ކިހިނެއްތަވެގެން ތިއުޅެނީ؟...ކޮންކަމަކާތަ ދެމީހުން ހިފައިގަނެގެން ތިއުޅެނީ؟...ސުބުޙާނަﷲ ! ދަރިފުޅާ! ކިހިނެއްހަދައިގެން ތިއުޅެނީ އިސްތަށިގަނޑަށް؟..." ކުއްލިއަކަށް މިޝާގެ އިސްތަށިގަނޑު ފެނުމުން މީޒާއަށް އަހާލެވުނެވެ.
" ޝީބާ ކޮށާލީ!" ރޮވިފައި މިޝާއަށް ބުނެވުނެވެ. 
" އެއީ ތެދެއް؟...ކީއްވެ ޝީބާ އެހެންހެދީ؟.." ޝީބާގެ އަތުގައި ހިފައި އޭނާއާ ދިމާއަށް އަނބުރާލަމުން މީޒާ އެހިއެވެ.
" އޭނާގާތު އަހާބަލަ!....މަނުޖެހޭ ބުނާކަށް" މީޒާގެ އަތްފޮޅުވާލާފައި ޝީބާ ފައިބައިގެން ދިޔައެވެ. މިޝާ ރޮމުން ރޮމުން ހުރިދިމާއަށް ތިރިވެ އޭނާގެ ކޮށާލެވިފައިވާ އިސްތަށިތަކުގައި އަތްކާތަން ފެށިއެވެ. މިމަންޒަރު ފެނުމުން މީޒާ ވަރަށް ދެރަވިއެވެ. އެދަރިފުޅަކީ ކުޑައިރުއްސުރެ އިސްތަށިގަނޑު ނުހަނު ލޯބިން ގެންގުޅޭ ކުއްޖެއްކަން އޭނާއަށް އެނގެއެވެ. މިޝާގެ ގާތުގައި އިށީނދެ ލޯތްބާއިއެކު މީޒާ ދަރިފުޅުގެ ބުރަކަށީގައި ފިރުމަށްފެށިއެވެ. މަންމަގެ ހިމާޔަތް ލިބުމުން މިޝާއަށް އިތުރަށް ރޮވުނެވެ. އަދި ފުރަތަމަ ފަހަރަށް މަންމަގާތު ޝީބާގެ ޝަކުވާކުރިއެވެ. އެމީހުން އޭނާއަށް ކުރާޖެއްސުމާއި މަލާމާތުގެ ވާހަކަ ރޮއެރޮއެފައި ކިޔައިދިނެވެ. މިޝާގެ ވާހަކަތަކުން މީޒާއަށްވެސް ރޮވުނެވެ. އޭނާގެ ދަރިފުޅު އެކަނިމާއެކަނި އުފުލަމުން އެއަންނަ ހިތާމަތައް އޭނާއަށް އަންދާޒާ މިކުރެވުނީ އަދި ކިރިޔާއެވެ. އަމިއްލަ ހިތާމަތަކުގެ ތެރޭގައި ގެނބިގެން އުޅުމުގެ ސަބަބުން ދަރިފުޅާމެދު އޭނާއަށްވަނީ އިހުމާލުވެވިފައެވެ. އޭނާގެ އެއްދަރި މިފަދަހާލުގައި އުޅެނިކޮށް އަނެއްދަރިއަށް ދުނިޔޭގެ ހުރިހާ އުފަލެއްދީގެން އުޅުމަކީ އެއްވެސް އިންސާފެއް ހެއްޔެވެ؟ ނޫނެކެވެ. ދެކުދިންނަށްވެސް އޭނާ ހަމަހަމަ ކުރާނެއެވެ. މިޝާއަށް ލިބޭ އަނިޔާތަކާއި ދުއްތުރާތައް އޭނާ ހުއްޓުވާނެއެވެ. މިޝާއަށް ނަސޭހަތްދީ ހިތްވަރުދިނުމަށްފަހު އޭނާ ތިރިޔަށްދިޔައެވެ. ކޮޓަރިއަށް ވަތްގޮތަށް އެނދުގައި ހަމަޖެހިލައިގެން އޮތް އާސިމްގެ އަތުގައި ހިފައިގެން ދަމާފައި ނެރެންފެށިއެވެ. 

" ތީކޮންކަމެއް؟....ކޮންތާކަށް ތިދަނީ؟.." އާސިމް ހައިރާންވެފައި އަހާލިއެވެ.
" އާދެބަލަ! އައިމަ އެނގިދާނެއެއްނު!" މީޒާ ނުރުހިފައި ޖަވާބުދިނެވެ. 
މީޒާ އާސިމްގެ އަތުގައި ހިފައިގެން ގެނެސް ޓެރެހަށް އެރުވިއިރުވެސް މިޝާ އެއިންގޮތަށް އިސްތަށިތަކާކުޅެން ރޯލަރޯލާ އިނެވެ.
" ބަލާބަލަ!...އަހަރެންގެ ދަރިފުޅަށް އާސިމްގެ ލޯބިވާދަރިފުޅުޝީބާ ޖައްސާފަހުރިހާލު....ހަމަ އެއްވެސް ކަމަކާނުލާ، މިތާފިލާވަޅުހަދަން އިންދާ އައިސް އިސްތަށިގަނޑު ކޮށާލީ...." މިޝާއަށް އިނގިލިދިއްކޮށްލަމުން މީޒާ ރުޅިއައިސްފައި އާސިމްއަށް ބުންޏެވެ.
" ނުވާނެ ތިހެނެއް....ކޮންމެވެސް ކަމެއްވެގެން ޝީބާ އެގޮތަށް ކަންތައްކުރާނީ.....ހަމައެކަނި މިޝާދައްކާ ވާހަކަ އަޑުއަހައިގެން އަހަރެން ގޮތެއް ނުނިންމާނަން.....އެހެންނޫނަސް ކޮބާހެއްކެއް އެއީ ޝީބާކުރިކަމެއްކަމުގެ....ދެބަސްވާން ނުހަދާ ނިދަންހިނގާ!....މިޝާވެސް ރުއިން ހުއްޓާލާފަ ނިދަންދޭ!...މިޝާއަށްވެސް އުޅެވޭގޮތުން އެހެންމީހުންގެ ފަރާތުން އަނިޔާ ލިބެންޖެހެނީ.." އާސިމް އެއީ މާބޮޑުކަމެއްކަމުގައި ނުހަދާ ދާންހިނގައިގަތެވެ.

" ވާއު!...ވަރަށް އިންސާފުވެރި....ވަރަށް މޮޅު....އަހަރެންގެ ދަރިވީމަ އާސިމްއަށް އެއީ އެއްވެސް ކަމެއްނޫން....މިއަދު މިޝާގޮސް ޝީބާގެ އިސްތަށިގަނޑު ކޮށާލިނަމަވެސް އާސިމް ތިހެންތަބުނާނީ؟....ހެކިހޯދާނަންތަ؟....އަހަރެންނާ އަހަރެންގެ ދަރީގެ އިހުސާސްތަކަކީ އާސިމްއާ އާސިމްގެ ދަރިންނަށް އެއްވެސް އަގެއްހުރި އެއްޗެއް ނޫންދޯ؟...."
" މީޒާ! ކުރިންވެސް އަހަރެން ބުނެފަ އޮންނާނީ އަހަރެންނާ ދެބަސްނުވާށޭ! އެޔަށްވުރެ އަހަރެން ނުރުހޭކަމެއް ނޯންނާނެ!...އިތުރަށް މިކަމާ ބަހުސްކުރަން ނުހަދާ ނިދަން ހިނގާ!...ވީކަމެއް ނުވާކަމަށްނުވާނެއްނު!...އެހެންނޫނަސް އިސްތަށިގަނޑެއްނު ކޮށާލީ!..ދުވަސްކޮޅަކުން ދިގުވެދާނެ...ދެން މާބޮޑުކަމަކަށް އެކަން ހަދައިގެން އަހަރެމެން ދެމީހުން ދެބަސްވާން މިތާތިއްބާ އީޝް ހޭލައިގެން ރޯންފަށާފާނެ...އާދޭދާން!" މީޒާގެ އަތުގައި ހިފައިގެން އާސިމް ހިނގައިގަތެވެ.
" އާސިމްދޭ!...އާސިމް ކަންބޮޑުވަނީ އިޝާއާމެދުގައެއްނު!...އިޝާ އަހަރެންގެ ދަރިއަކަށްވީގޮތަށް މީވެސް އަހަރެންގެ ދަރިއެކޭ....އާސިމް މަޑުން ހުންނާށޭބުނީމަ އަހަރެން ކިހާދުވަހަކު ކެތްކޮށްފިން.....ބަރާބަރު ހަތްއަހަރުމިވީ އާސިމް ހެދިހާގޮތެއް ހެދިގެން އުޅޭތާ.....އެކަމަކު ދެން ނޫޅޭނަން....މިއަދު އެކޮށާލީ އިސްތަށިގަނޑު....މާދަމާ ނޭނގެ ދެލޯނޫންކަމެއް ނަގާނީ....ދެންވެސް އަހަރެން ހުންނަންވީތަ ބަލަން؟....އާސިމް ހިތަށްއެރިހާގޮތަކަށް އަހަރެންނާމެދު ކަންތައްކުރެވުނަސް މިޝާއާމެދު އެގޮތަށް ކަންތައް ވިޔަކަ ނުދޭނަން....އާސިމްތިބުނީ އަހަރެންގެ ދަރިފުޅުގެ ކުށެއް އޮވެގެންނޭ އޭނާއަށް އަނިޔާލިބެނީ.....އަހަރެންގެ ކޮންކުށެއް އޮވެގެންތަ އާސިމްގެ ފަރާތުން އަހަރެންނަށް އަނިޔާ ލިބުނީ....ބުނެބަލަ!...އަހަރެންގެ ނިކަމެތިކަމުގެ ފައިދާނެގީ އަހަރެން އާސިމްއަށް ކޮންގެއްލުމެއްދީގެން؟...." ރުޅިއައިވަރުން މީޒާގެ އަޑު ތުރުރުރު އަޅައެވެ. އާސިމްހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. މިވީ ހަތްއަހަރުތެރޭގައިވެސް މިނޫނީ މީޒާ އާސިމްއާ ދިމާއަށް ބާރަށް އެއްޗެއްނުބުނެވެ. 

" މީޒާ!...ރުޅިމަޑުކޮށްފަ، އެތެރެއަށް ހިނގާބަލަ!....އެތެރެއަށް ގޮސް ހަމަޖެހިލައިގެން ވާހަކަދައްކާނީ" މީޒާ ރުޅިއައިވަރުން ކަންބޮޑުވެގެން އާސިމް ވާހަކަދެއްކީވެސް މަޑުމައިތިރިކަމާއެކުގައެވެ. 
" ނުދާނަން....އަހަރެން ހަމަމިރޭ މިޝާގޮވައިގެން މިގެއިންދާނަން.....އާސިމްކުރަން ބޭނުންކަމެއްކުރޭ!...ބޮޑުވަރަކަށް ވަރިއެއްނު ކުރާނީ....އެގޮތް އަހަރެންނަށް މާރަނގަޅު....ބާޒާރުމަތީ ސަލާންޖަހަން އުޅެންވެސް މިދިރިއުޅުމަށްވުރެ އަހަރެންނަށް ހިތަށްފަސޭހަ....މިހުރިހާދުވަހު އަހަރެން ކެތްކުރީ އާސިމްއަށް ކޮންމެވެސް ދުވަހަކުން ވިސްނޭނެކަމަށްހީކޮށް....އިޝާލިބުމުންވެސް އާސިމްގެ ހިލަހިތް މަޑުވާނެކަމަށްހީކޮށް....އެކަމު އެއީ މުޅިން ކުށްހީއެއް...." މީޒާ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފުހެލިއެވެ.
" މީޒާ ޕްލީޒް...މިވަރުކަމަކާ ތިވަރަށް ރުޅިނާދެބަލަ! ގެދޫކޮށްދާން ނުވިސްނަބަލަ!" އާސިމް މިހާރުހުރީ ރަނގަޅަށްވެސް ކަންބޮޑުވެފައެވެ.
" ކީއްވެ ނުވިސްނަންވީ.....މިގޭގެ އުޅެގެން އަހަރެންނަށް ލިބެނީ ކޮންހިތްހަމަޖެހުމެއް؟....ކޮންއުފަލެއް؟...އާސިމް އަހަރެންގެ ދަރިފުޅަށް ދުވަހަކުވެސް ރުހުމުގެ ލޮލަކުން ބަލާލިންތަ؟ ބަލަ މިގޭ އެންމެނަށް ކައްކާ ކާންހަދާ އެއްޗެހިދޮވެ އިސްތިރިކޮށްހަދަނީ އެކުއްޖާއޭ....ކުޑަމިނުން އާސިމްގެ މުސްކުޅި މަންމައާއި ބައްޕައަށްވެސް ހުރިހާ ޚިދުމަތެއް އެކޮށްދެނީ އޭނާއެއްނޫންތަ؟ އެވަރުން އުޅޭއިރުވެސް މީތަ ލިބެންވީ ބަދަލަކީ....ކާންބޯންދީ އަންނައުނު ދިނުމުގެ ބަދަލުދޯ އެއީ؟....މައްސަލައެއްނެތް..މިގޭން އަހަރެމެން ދިޔައީމަ އާސިމްއަށް ޚަރަދުކުރާކަށްވެސް ނުޖެހޭނެއްނު....ދަރިފުޅާދާން ތައްޔާރުވޭ.." މިޝާއަށް ބަލާލާފައި މީޒާ އެހެން ބުނުމުން އާސިމްގެ މޫނުގެ ކުލަފަނޑުވެގެން ދިޔައެވެ.

" ނޫން މީޒާ...ތީދެން މީހުން އުޅޭގޮތެއްނޫނެއްނު....އިޝާއާ ވަކިން އަހަރެންނަކަށްވެސް ނޫޅެވޭނެ...އެހެންވީމަ ރުޅިމަޑުކޮށްފަ މިދައްކާ ވާހަކަ އަޑުއަހާބަލަ!" މީޒާ ގޮސްދާނެހެން ހީވުމުން އާސިމް ވަރަށް ދެރަވިއެވެ. މީޒާ އާސިމްދައްކާ އެއްވެސް ވާހަކައެއް އަޑުނާހައި އޭނާގެ ކޮޓަރިއަށްގޮސް ދަބަހަކަށް އަންނައުނު އަޅަންފެށިއެވެ. 
" މީޒާ ޕްލީޒް...މޮޔަކަންތައް ކުރަންނޫޅޭ....މިގެދޫކޮށް ދިޔަޔަސް އުޅޭނެތަނެއްވެސް ހުރީކީނޫނެއްނު....އަނެއްކާވެސް އަންނަންޖެހޭނީ ހަމަ އަހަރެންގެ ގާތަށް....އެހެންނޫނަސް އިޝާ ގޮވައިގެން އެއްވެސްތާކަށް މީޒާއަކަށް ނުދެވޭނެ..އެއީ އަހަރެންގެ ދަރިއެއް.." އާސިމް މީޒާ ބިރުގަންނުވާލުމަށްޓަކައި އޭނާގެ ހަރުކަށިކަން ދައްކާލިއެވެ.
" ހުއް....މަ މިގެއިން ގޮސްފިއްޔާ މަގުމަތީއޮވެ މަރުވާން ޖެހުނަސް އެނބުރިއެއް ނާންނާނަން....އަދި އިޝާވެސް ގެންދާކަށް އަހަރެން ބޭނުމެއްނޫން.... މިޝާ އެކަނިގޮވައިގެން އަހަރެންދާނީ.... އެހެންވީމަ އާސިމް ހާސްވާނެކަމެއްނެތް....އަހަރެމެން ހާލުގަޖެހިގެން މުޅިމާލެއަށް ގިނަވިޔަސް އާސިމް ވިސްނާކަށްނުޖެހޭނެ..." މީޒާ ދަބަހުގެ ޒިޕް އަޅުވާލަމުމަށްފަހު ދަބަސްހިފައިގެން ދާންހިނގައިގަތެވެ.

" އޯކޭ....ގަބޫލުކޮށްފިން މީޒާ އަހަރެން ދޫކޮށްފަ ގޮސްދާނެކަމަށް.....މީޒާއަށް އަހަރެންނާ ނުލާ އުޅެވިދާނެކަންވެސް އެނގޭ....އެކަމަކު އަހަރެންނަކަށް މީޒާއާ ނުލައެއް ނޫޅެވޭނެ... އަހަރެމެންގެ ދަރިފުޅަށްޓަކާވެސް ނުގޮސް މަޑުކުރޭ!... މީޒާބޭނުން ގޮތަކަށް ކައްތައްކޮށްދެވޭތޯ އަހަރެން ބަލާނަން....އާދޭސްކޮށްފަމިބުނީ.." ގޮތް ހުސްވުމުން އާސިމް ހަތިޔާރުބެހެއްޓިއެވެ. މީޒާގެ އަތުގައި ހިފައިގެން އާސިމް އާދޭސްކުރަން ފެށުމުން މީޒާ މަޑުކުރިއެވެ. އާސިމްގެ ކިބައިން މީޒާ އެދުނީ މިޝާއަށް ޝީބާގެ ފަރާތުންލިބޭ އުނދަގޫތައް ހުއްޓުވުމަށެވެ. އަދި މިޝާއަށް ހަމަޖެހިލައިގެން ކިޔަވަން އިނދެވޭނެ މާހައުލެއް ޤާއިމްކޮށްދިނުމަށެވެ. އާސިމް މީޒާގެ ހުރިހާ ޝަރުތަކަށްވެސް އެއްބަސްވިއެވެ. އަދި ޝީބާ ލައްވައި މިޝާގެ ކިބައިން މާފަށްވެސް އެދުވިއެވެ. މިޝާގެ ކޮޓަރިވެސް ރަނގަޅު ފެންވަރަކަށް ހަދައިދޭން އާސިމް އެއްބަސްވިއެވެ. ކޮންމެގޮތެއް ހަދާފައިވެސް މީޒާ ދިޔަނުދީ ބަހައްޓަން އޭނާ ބޭނުމެވެ. ކުރިން އާސިމް ބިރުދެއްކުމުން މީޒާ އޭނާ ބުނާހާ ގޮތެއް ހެދިގެން އުޅުނުނަމަވެސް މިހާރު މީޒާހުރީ ބިރުކެނޑިފައިކަން އާސިމްއަށް އެނގެއެވެ. ކޮންމެ އިންސާނަކަށްވެސް ތާއަބަދު އެއްކަމެއް ތަހައްމަލް ކުރަން ޖެހިއްޖެނަމަ އެކަމަކަށް ހޭނިދާނެއެވެ.

ކޮމެންޓް 0