ޝިފާން އޭނާގެ ސައިކަލަށް އަރާ ސްޓާޓް ކޮށްލުމަށްފަހު މިޝާއާ ދިމާއަށް މިސްރާބުޖެހިއެވެ. އިސާހިތަކު ވާރޭ އޮއްސާލައިފި އެވެ. މިޝާ އަވަސް އަވަހަށް މިޝްކާ އުރާލައިގެން ކައިރީގައި ހުރި ހެދުން ވިއްކާ ފިހާރައެއްގެ ތެރެއަށްވަނީ މިޝްކާތެމި ރޯގާޖެހިދާނެތީއެވެ. ޝިފާންވެސް މަގުގެ އެއްކައިރީގައި ސައިކަލް ޕާރކް ކުރުމަށްފަހު މިޝާ ވަތް ފިހާރަތެރެއަށް ވަނެވެއެވެ. އަދި މިޝާއަށް ނުފެނި ގޮސް ހެދުންތަކެއްގެ ނިވަލުގައިހުރެ މިޝާގެ ހަރަކާތްތަކައް ބަލަންފެށިއެވެ. މިޝާއަށް ޝިފާން އެފިހާރައަށް ވަތްތަނެއް ނުފެނެއެވެ. އެހެންކަމުން އޭނާ ހީކުރީ ޝިފާން އެދިޔަތާކަށް ދިޔައީ ކަމަށެވެ. ޝިފާން އޭނާގެ ފަހަތުން އަތުވެދާނެ ކަމަށް އޭނާ ހީކުރަންވީވެސް ކީއްވެގެން ހެއްޔެވެ؟ އެހެން އޭނާއަށް ހީކުރެވުނީވެސް އޭނާގެ މޮޔަކަމުންނެވެ. ނަމަވެސް ދާދި ގާތުގައި ހުރެގެން ޝިފާން މިޝާއަށް ބަލަމުން ދިޔައީ ދަހިވެތި ނަޒަރަކުންނެވެ. އަދިވެސް މިއަންހެން ކުއްޖާ ހާދަ ރީއްޗެވެ. މިހާރު އަދި ކުރިއަށްވުރެވެސް މާރީތިހެން ހީވެއެވެ. ޝިފާންއަށް އެންމެފަހުން މިޝާ ފެނުނީ މީގެ ފަސް އަހަރުކުރިންނެވެ. އޭރު މިޝާއަކީ އަށާރަ އަހަރުގެ ޅަދޮޅު ޒުވާން ކުއްޖެކެވެ. މިހާރުއެވަނީ އެޅަކަންކެނޑި ފުރާފުރިހަމަ ވެފައެވެ. ދަރިޔަކު ލިބުމުން ކުރިޔަށްވުރެ ރޫފަ ރަނގަޅުވެ ރީތިކަން އިތުރުވެފައި ވެއެވެ.

މިޝާގެ އުރުގައި އިން މިޝްކާފެނި ކުއްލިއަކަށް ޝިފާންއަށް އެއްޗެއް ހަނދާންވިއެވެ. އެއީ މިޝާގެ ދަރިފުޅު ހެއްޔެވެ؟ ފެރީތެރެއިން ދިމާވި ފިރިހެނަކީ މިޝާގެ ފިރިމީހާބާއެވެ. މިހާ އަވަހަށް މިޝާ މާޒީ ހަނދާން ނައްތާލާފައި ދިރިއުޅުމެއްވެސް ފެށީހެއްޔެވެ؟ ދަރިޔަކުވެސް ހޯދީ ހެއްޔެވެ؟ އެކަމަކު އެކަން އެހެން ވެގެން ނުވާނެއެވެ. މިޝާ އެހެންމީހަކާ އިނދެ އުފަލުގައި އުޅޭތަން ދެކޭކަށް ޝިފާންގެ ހިތެއް ނުރުހުނެވެ. މިޝާ އޭނާގެ މަތިން ހަމައެހާ ފަސޭހައިން ހަނދާން ނައްތާލީ ހެއްޔެވެ؟ މިޝާއަކީ ޝިފާން ހީކުރިފަދަ ބަލިކަށި އަންހެން ކުއްޖަކަށް ނުވުމުން ޝިފާންގެ ހިތުގައި އިސާހިތަކު ރުޅިވެރިކަމުގެ އަލިފާންރޯވެއްޖެއެވެ. 

ވާރޭ ތުނިކޮށްލުމާއެކު މިޝާ ފިހާރަ ތެރެއިން ނުކުތެވެ. އަދި ޓެކްސީއެއް ހޯދައިގެން ގެޔާދިމާއަށް މިސްރާބުޖެހިއެވެ. މިޝާދިޔަ މަންޒަރުބަލަންފިހާރާއިގެ ބިއްލޫރިގަނޑު ކައިރީގައި ޝިފާން ހުއްޓެވެ. އޭނާ ވިސްނަމުން ދިޔައީ މިޝާއާ މެދުގައެވެ. މިޝާ ކައިވެނި ކުރީ ކޮންއިރަކުބާއެވެ. އޭނާ ބޭރަށް ދިޔަތަނާ ކައިވެނިކުރީކަން ގައިމެވެ. ނޫންނަމަ އެހާބޮޑު ދަރިޔަކު ނުހުންނާނެއެވެ. އެހާ އަވަހަށް މިޝާގެ މަންމައާއި ގެވެސް ދޫކޮށް ދިޔައީ ހެއްޔެވެ؟ ޝިފާން ހީކުރީ މިޝާ ލޯބިވީ އޭނާދެކެ ކަމަށެވެ. އާއެކެވެ. އ މިޝާ ލޯބިވާން ޖެހޭނީވެސް ހަމައެކަނި އޭނާ ދެކެއެވެ. އެހެންމީހެއްގެ ހައްޤަކަށް ވިޔަސް ، އޭނާ ފިޔަވައި އެހެން މީހަކު ދެކެ ލޯބިވެގެން ނުވާނެއެވެ. ލޯބިވިޔަ ނުވެސްދޭނެއެވެ. ޝިފާން ރުޅިވެރިކަމާއެކު ދެދަތްޕިލަޖައްސާ ބާރުކޮށްލިއެވެ.

މިޝާ ގެޔަށް އައިއިރުވެސް ދެފައިކޮޅު ތުރުތުރު އަޅައެވެ. ޝިފާންގެ ދެލޯ ހީވަނީ ކުރިމަތީ ސިފަވާ ހެންނެވެ. އޭނާ އެމާޒީއަކާ ފިލަންދުވާ މާޒީ އޭނަގެ ފަހަތުން އަންނަނީ ކީއްވެގެން ހެއްޔެވެ؟ ފަސް އަހަރުފަހުން އަނެއްކާވެސް އެބިރުވެރިކަމާ ކުރިމަތިލާން ވީހެއްޔެވެ؟ އަފްޒަލްގެ ރަށުގައި ހުރެވުނު ނަމަ ކިހާ ރަނގަޅު ހެއްޔެވެ؟ ކައިވެނި ކޮށްގެން އެރަށަށް ބަދަލުވެފައިވެސް އަފްޒަލް ކޯހަށް ދާންޖެހުމުން އޭނާ މާލެ ގެނައީއެވެ. އޭނާ މާލޭގެ ދިރިއުޅުންދެކެ ފޫހިވެއެވެ. ރާއްޖެތެރޭގެ މާހައުލު އޭނާއަށް މާހިތްގައިމެވެ. 

ޝިފާން ގެޔަށް އައިސް އެނދުމައްޗަށް ވެއްޓިއޮވެ މިޝާއާ މެދު ވިސްނަމުން ދިޔައެވެ. އެންމެ ފުރަތަމަ މިޝާއާއި އޭނާގެ މަންމަ މިގެޔަށް އައިދުވަސް އަދިވެސް އޭނާ ހަނދާން އެބަހުއްޓެވެ. އޭރު ޝިފާންގެ އުމުރަކީ ދިހައަހަރެވެ. މިޝާއަށްވީ އަށްއަހަރެވެ. މިޝާ އޭނާގެ މަންމަގެ އަތުގައި ހިފައިގެން ހުރެ ގެޔަށް ވަދެގެން އައިއިރު ޝިފާން ހުރީ ސިޓިންރޫމުގައި އޭނާގެ ހަތްއަހަރުގެ ކޮއްކޮ ޝީބާއާއެކުގައެވެ. ބީރައްޓެހި ނަޒަރަކުން ގޭތެރެއަށް ބަލަމުން އައި މިޝާއަށް ހުއްޓެވުނީ ޝިފާންއާއި ޝީބާ ފެނުމުންނެވެ. މިޝާ އެދެކުދިންނަށް ހިނިތުންވެލިއެވެ. ނަމަވެސް ޝިފާންގެ ލޮލުން މިޝާއަށް ފެނުނީ ރުޅިވެރިކަމެވެ. ޝިފާންއަށް މިޝާގެ މަޑުމުށިކުލައިގެ ލޯފެނުމުން ހިތަށް ބިރުވެރިކަމާއި ރުޅިވެރިކަން ވެރިވީ އެކުއެކީގައެވެ. އެލޮލަކީ ޝިފާން އެންމެ ބިރުގަންނަ ކުލައިގެ ލޮލެކެވެ. ކިތަންމެ ރީތި މައުސޫމު ސިފައެއްގައި މިޝާ ހުރިނަމަވެސް ޝިފާންއަށް މިޝާދެކެ އިންތިހާއަށް ރުޅިއާދެވުނީ އެލޮލުގެ ސަބަބުންނެވެ. އިރުކޮޅަކު މިޝާއަށް ބަލަންހުރުމަށްފަހު ޝިފާން ދުވެފައިގޮސް މިޝާ ކޮއްޕާލިއެވެ. އަދި ހަމަ އެހާމެ ބާރަށް ދުވެފައި ސިޑިން މައްޗަށް އެރިއެވެ. މިޝާއަށް ލިބުނު ސިހުމާއެކީ މަންމަގެ އަތުން ދޫވެ އިދިފުށަށް މުށިތަކުމައްޗަށް ވެއްޓުނީއެވެ. މިޝާގެ މަންމަ މީޒާވެސް އެފަދަ ކަމަކަށް ސަމާލުވެގެން ނެތުމުން މިޝާ ވެއްޓުނަނުދީ ސަލާމަތެއް ނުކުރެވުނެވެ. މިޝާ ވެއްޓިފައި ކައިރީގައި ހުރި ގޮނޑިއެއްގައި ބޯޖެހި ތަދުވެގެން ވަގުތުން ރޮވުނެވެ. 

އެގެޔަށް އައި ފުރަތަމަ ދުވަހުވެސް މިޝާއަށް ޝިފާންގެ ފަރާތުން މަރުޙަބާ ކީ ގޮތަކީ އެއީއެވެ. މިޝާއަށް އޭނާގެ ކުށަކީ ކޮބައިކަމެއް ނޭނގުނެވެ. ޝިފާން ކޮޓަރިއަށްވަދެ ތަޅުލައިގެން އެތައް އިރަކު އޮތެވެ. އެނދަށް އަރައި ކުރުގެޅިގެން ބާލީހުގައި ބައްދައިގެން އޮތްއިރު އޭނާއަށް ސިފަވަމުން ދިޔައީ އޭނާގެ ޙަޔާތުގައި އައި އެންމެ ބިރުވެރި ދުވަހުގެ މަންޒަރުތަކެވެ. އޭނާގެ ބައްޕަގެ އެއްބަނޑު އެއްބަފާ ކޮއްކޮ އާލާގެ ޙަޔާތް ބަރުބާދުވެގެން ދިޔަގޮތެވެ. ދޮންތަ ސަލާމަތަށް އެދި ރުއިރުޔުމުގެ އަޑު މިހާރުވެސް އޭނާގެ ކަންފަތުގައި ހަރުލާފައި އެބަހުއްޓެވެ. ދޮންތައަށް އަނިޔާކުރަމުން ދިޔަ ނުލަފާ ޖައްބާރުމީހާގެ މަޑުމުށިކުލައިގެ ދެލޯ މިހާރުވެސް ޝިފާންއަށް ފެންނަ ކަހަލައެވެ. އޭނާގެ ސިކުނޑިން އެހަނދާންތައް ފުހެލަން މަސައްކަތްކުރަމުން ދަނިކޮށް މިޝާ ފެނުމުން އަނެއްކާވެސް އެބިރުވެރި ހަނދާންތައް އާވީއެވެ. އެއްވެސް އިތުރު މީހަކަށް ޝިފާން އެވާހަކަތައް ކިޔައިދީފައެއް ނުވެއެވެ.
*******

ފޯން ވައިބްރޭޓްވާން ފެށުމުން ކުއްލިއަކަށް ސިހިފައި ޝިފާންއަށް އޭނާގެ މާޒީގެ ތެރެއިން ނުކުމެވުނެވެ. އޭރު އޭނާވަނީ ދާހިއްލާ ފޯވެފައެވެ. އޭ ސީ އޮންކޮށްފައިހުރި އިރުވެސް އޭނާގެ އެތެރެހަށިން ހޫނުއަރަމުން ދިޔައެވެ. ނޭވާ އަވަސްވެ، ހިތުގެ ތެޅުންވެސް ވަނީ އަވަސްވެއެވެ. އަދިވެސް އޭނާގެ ލޯމަތިން ސިފަވަމުންދަނީ ދޮންތަގެ ޤާތިލްގެ މޫނެވެ. އެރުޅިވެރި ދެލޮލެވެ. އެހަނދާންތައް އާވާކޮންމެ ފަހަރަކު އޭނާގެ ހިތަށް ބިރުވެރިކަމާއި ރުޅިވެރިކަން ވަދެ މުޅިމީހާގެ މިޒާޖު ގޯސްވެދެއެވެ. އެހާދިސާއަށްފަހު ފަނަރަ އަހަރު ވޭދުވެގެން ދިޔައިރުވެސް އޭނަގެ ހިތުން އެކަން ފުހެވިގެން ނުދެއެވެ. އެކަމުގެ ސަބަބުން އޭނާގެ ހިތަށް ލިބުނު ޒަޚަމްތަކުން އަދިވެސް ލޭހިލެއެވެ.

ފޯނުނެގުމާއެކު ކޯލް ކެނޑިއްޖެއެވެ. އޭނާ ބަލާލިއިރު އެއީ ބައްޕަގެ ކޯލެކެވެ. އޭނާ އެނަމްބަރަށް ޑައަލް ކޮށްލުމާއެކު ކުޑައިރުކޮޅެއްގެ ތެރޭގައި ފޯންނެގިއެވެ.
" ހެލޯ! ދަރިފުޅާ!....ނިދަނީތަ؟....މާލެއައިފަހުން ރަނގަޅަށް ނުވެސް ފެނިއެއްނު ތިއުޅެނީ!.....ބައްޕަ މިގުޅީ މިރޭކާން އަންނާށޭ ބުނަންވެގެން.....ވަރަށްގިނަ ވާހަކަވެސް ދައްކަން އެބަހުރި....ހަނދާންކޮށް އަންނާތި! ބައްޕަ އިންތިޒާރު ކުރާނަން" އާސިމް އޭނާގެ ދަރިފުޅާއި ވާހަކަދެއްކީ ނުހަނު ލޯތްބާއި އެކުއެވެ. 
" އާނ!...ދެވޭތޯ ބަލާނަން!" ފޫހިގޮތަކަށް ޝިފާން ޖަވާބުދިނެވެ. އޭނާ ދާން ބޭނުން ނުވިނަމަވެސް ބައްޕަބުނީތީ ދެކޮޅުހަދާކަށްވެސް ނުކެރުނެވެ.

މީޒާ ޝިފާންއަށް ކިތަންމެ ހެޔޮކޮށް ކަންތައް ކޮށްދިން ނަމަވެސް މަންމައެއްގެ މަޤާމު އޭނާގެ ހިތުން މީޒާއަކަށް ނުދެވުނެވެ. އުފަން މަންމަ ފިޔަވައި އެމަޤާމު އޭނާއަށް ދެވުނު ހަމައެކަނި މީހަކީ އޭނާގެ ދޮންތައެވެ.އިތުރުމީހަކަށް އެމަޤާމު ދޭކަށްވެސް އޭނާ ބޭނުމެއް ނުވެއެވެ. އަދި އަމުދުން ދޮންމަންމަ އަކު ދުވަހަކުވެސް ރަނގަޅުވާނެ ކަމަކަށް އޭނާ ގަބޫލެއް ނުކުރެއެވެ.
އަފްޒަލްއަށް ގެޔަށްއާދެވުނީ ހަވީރު ހަތަރެއްވެސް ޖެހިފަހުންނެވެ. ވަރުބަލިވެފައި ހުރިވަރުން ސޯފާގައި އިރުކޮޅަކު ޖައްސާލިއެވެ. ގޭތެރެއިން އަޑެއްބަޑެއް ނީވުމުން ކޮޓަރިއާ ދިމާއަށް މިސްރާބުޖެހިއެވެ. މަޑުމަޑުން ދޮރުހުޅުވާފައި ބަލާލިއިރު ދެމައިންނަށްވެސް ތިބީ ނިދިފައެވެ. އަފްޒަލް ހިނިތުންވެލާފައި މަޑުމަޑުން ދޮރުލައްޕާލިއެވެ. އަދި ބަދިގެޔަށްވަދެ ކޮފީއެއް ހަދާލައިގެން އައިސް ޓީވީބަލަން ޖައްސާލިއެވެ. ދުވަހުގެ ފިނިބޮޑުކަމާއި ވަރުބަލިކަން އެކުވެގެން އިސާހިތަކު އަފްޒަލްގެ ގާތަށްވެސް ނިދިއަތުވެއްޖެއެވެ. އަފްޒަލްވެސް ގޮސް އެނދަށްއަރައި މިޝާގެ ގާތުގައި އޮށޯވެ މިޝާގެ ގައިގާ ބައްދާލިއެވެ.
އިރުކޮޅެއްފަހުން އަފްޒަލްއަށް ފުންމައިގެން ތެދުވެވުނީ މިޝާ ހަޅޭއްލަވައިގެން އަޑަށެވެ. ކައިރީގައި އޮތް މިޝްކާވެސް ސިހިފައި ތެދުވިއެވެ.

ކިހިނެއްވީ ބޭބީ؟....ބިރުވެރި ހުވަފެނެއް ފެނުނީތަ؟.." ބިރުންގޮސް މާނޭވައި ލެވެމުންދިޔަ މިޝާގެ ބުރަކަށީގައި ފިރުމާލަމުން އަފްޒަލް އަހާލިއެވެ. އަފްޒަލްގެ ސުވާލަށް ޖަވާބުނުދީ އިރުކޮޅެއްވާންދެން އެއިން ގޮތަށް އިނުމަށްފަހު މިޝާ އަފްޒަލްގެ ގައިގާ ވަރަށް ބާރަށް އޮޅުލައިގެންފައި ރޯންފެށިއެވެ. މިޝާގެ ހަށިގަނޑު ތުރުތުރުލަމުން ދާކަން އަފްޒަލް އަށް އިހުސާސް ކުރެވުނެވެ. އޭނާގެ ހިތްވެސް ބާރުބާރަށް ތެޅެމުންދެއެވެ. އަފްޒަލް މިޝާގެ ބުރަކަށީގައި ފިރުމާލުމަށްފަހު ގަޔާ ދުރުކޮށްލިއެވެ. އަދި އެނދުގެ އެއްފަރާތުގައި ހުރި ކުޑަ ކަބަޑުމަތީގައިހުރި ފެންޖަގުން ތައްޓަކަށް ފެންއަޅާ ފުރާލިއެވެ.
"
އަން ފެންފޮދެއް ބޯލައިގެން ހަމަޖެހިލާ......ހުވަފެނާމެދު މާބޮޑަށް ވިސްނަންޏާ ހަގީގަތަކަށް ބަދަލުވެދާނެ.....އޭރުން މަވެސް ޖެހޭނީ ބިރުން ފިލަން ދުވަން...." މިޝާގެ ތުންފަތުގައި ފެންތަށި ޖައްސާލަމުން އަފްޒަލް ސަމާސާ ކޮށްލިއެވެ. މިޝާ އެއްނޭވާއިން ފެންތަށިބޯލާ ހުސްކޮށްލިއެވެ. އޭނާގެ ހިތުގެ ތެޅުން އަދިވެސް ހަމަޔަކަށް ނޭޅެއެވެ. އަފްޒަލް ސަމާސާއަށް ބުނެލި ޖުމްލައިން މިޝާގެ ހިތުގެ ބިރުވެރިކަން އިތުރުވެގެން ދިޔައެވެ. 
"
އަނހާ! ބައްޕިގެ ދޫނިއަށްވެސް ހޭލެވުނީތަ؟....އާދޭ ބައްޕިގާތަށް އަދި ނިދާލަން..." ލޯއުނގުޅަމުން މިޝާގެ އުނގަށްއެރި މިޝްކާއަށް އަތްދިއްކޮށްލަމުން އަފްޒަލް ލޯތްބާއިއެކު ބުންޏެވެ. މިޝްކާ އައިސް އަފްޒަލްގެ ގާތުގައި އޮށޯތެވެ. މިޝާ އޭރުވެސް އިނީ ފެނުނު ހުވަފެނާއި މެދު ވިސްނާށެވެ. މިޝާ ދެލޯމަރައިގެން އިންއިރުވެސް ދެންމެ ފެނުނު ހުވަފެން އޭނާއަށް ސިފަވަމުން ދިޔައެވެ. ނުލަފާ ގޮތަކަށް ހިނިއައިސްފައިހުރި ޝިފާން އޭނާއަށް ސިފަވަމުން ދިޔައީ އޭނާގެ ލޭބޯލަން ތައްޔާރަށްހުރި ބިރުވެރި ނުރައްކާތެރި ވެމްޕަޔަރ އެއްގެ ގޮތުގައެވެ. އެހާވެސް ޝިފާންގެ ނުރައްކާތެރިކަން އޭނާއަށް ބޮޑެވެ. އެހުވަފެން ދުވަހަކުވެސް ހަގީގަތަކަށް ވާކަށް އޭނާ ބޭނުމެއް ނޫނެވެ. ދެވަނަ ފަހަރަށް އޭނާގެ ހަޔާތަށް ޝިފާންގެ ހިޔަނިވެސް އެޅޭކަށް އޭނާ ނޭދެއެވެ. އެތައް ދުވަހަކަށްފަހު ޝިފާން ފެނުމާއެކު އެހިތުގެ ހަމަޖެހުން އަނެއްކާވެސް ގެއްލިއްޖެއެވެ.

ރޭގަނޑުގެ ވަގުތެވެ. މީޒާ ކާން ތައްޔާރު ކުރުމަށްފަހު ގޮސް ސިޓިންރޫމުގައި މަޑުކޮށްލިއެވެ. އިޝާވެސް ގޭގައި ނެތުމުން މީޒާއިނީ ފޫހިވެފައެވެ. އިއްޔެވީ ކަންތަކާ އިޝާ ހިތްހަމަ ނުޖެހިފައި ހުރިވަރުން އޭނާބޭނުންވީ ބޭރަށް ގޮސް ރަހުމަތްތެރީންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. މިއަދު އިޝާ ބޭނުން އިރެއްވާންދެއް ރަހުމަތްތެރިންނާ އެކީ އުޅުމަށް އާސިމްވަނީ ހުއްދަދީފައެވެ. ކޮންމެ ގޮތެއް ހަދާފައިވެސް އެދަރިފުޅުގެ ހިތްހަމަ ޖައްސައިދެވޭތޯ އާސިމް މަސައްކަތް ކުރެއެވެ. އިޝާގެ ހިތްހަމަޖެހުމަށްޓަކައި އެތައްފައިސާއެއް ޚަރަދުކޮށް ބުނިކޮންމެ ކަމެއް ކޮށްދޭން އާސިމް ހުންނަނީ ތައްޔާރަށެވެ. މުއްސަނދިކަމާއި ފައިސާއިން އިންސާނެއްގެ ހިތްހަމަޖެހުން ނުގަނެވޭނެކަން އާސިމްއަށް އެނގޭނަމައެވެ. އާސިމް ކިތަންމެ ބޭނުންވިޔަސް މިޝާގެ ހިތުގެ އެދުން ފުރިހަމަ ކޮށްނުދެވޭނެކަން މީޒާއަށް އެނގެއެވެ. ޚުދު އާސިމްވެސް އެކަން ގަބޫލު ކުރެއެވެ. 
"
އަދިވެސް ޝިފާން ނާންނަނީތަ؟..." ފުން ޚިޔާލަކަށް ގެއްލިފައި އިން މީޒާ ސިހުނީ އާސިމްގެ އަޑުންނެވެ. 
" ކީކޭ؟..." އާސިމް ބުނި އެއްޗެއް ސާފުނުވުމުން މީޒާ އަހާލިއެވެ.
" މިބުނީ ޝިފާން ނާދޭހޭ.." އާސިމް މީޒާގެ ގާތުގައި އިށީއްނަމުން އޭނާގެ ޖުމްލަ ތަކުރާރުކޮށްލިއެވެ.
" ހޫމް" މީޒާ ހޫމްއަޅުވާލިގޮތުން ޝިފާން ނާންނާނެކަން މީޒާއަށް ކުރިންވެސް އެނގޭ ކަހަލައެވެ.

އާސިމްއާއި މީޒާ ދާދިގާތުގައި ތިބިނަމަވެސް ތިބީ ހަމަހިމޭނުންނެވެ. ދެމީހުން ތިބިގޮތުން ހީވަނީ ދެބީރައްޓެހިންހެންނެވެ. ދެމީހުންގެ މެދުގައި ދައްކާނެ އެއްވެސް ނެތެވެ. ނޫނެކެވެ. އާސިމްގެ ހިތުގައި ދައްކަން ބޭނުން ވަރަށްގިނަ ވާހަކަ އެބަހުއްޓެވެ. ނަމަވެސް މީޒާގެ ގާތުގައި އެވާހަކަތައް ދައްކާނެހައި ހިތްވަރުނެތީއެވެ.

ޝިފާންގެ އިންތިޒާރުގައި އާސިމް އިންނަތާ އެތައްއިރެއްވީއިރުވެސް ޝިފާންގެ ޚަބަރެއްނުވިއެވެ. ގުޅިއިރު އޮތީ ފޯނުވެސް ނިވާލާފައެވެ. އެންމެފަހުން މާޔޫސްވެފައި އިނދެ ކައިގެން އާސިމް އޭނާގެ ކޮޓަރިއަށް ދިޔައެވެ. ނިތްކުރިމަތީ އަތްބާއްވާލައިގެން އޮވެ އާސިމް ވިސްނަމުން ދިޔައެވެ. ޝިފާން މިރޭ އެނގެއަށް ނައީ ގަސްތުގައިކަން އާސިމްއަށް އެނގެއެވެ. ޝިފާންއަށްވެގެންވާނަމަ މީޒާއުޅޭތާކަށް ދުވަހަކުވެސް ނުވަންނާނެއެވެ. އޭގައި މީޒާގެ ކުށެއްނެތެވެ. ކުށްވެރިޔަކީއާސިމްއެވެ. ޝިފާން މީޒާއާއި މިޝާއަށް ނަފްރަތުކުރަނީ އާސިމްގެ ސަބަބުންނެވެ. 

އިޝާއައުމުން މީޒާވެސް ކައިގެން ނިދަން ދިޔައިރު އާސިމްއޮތީ ނިދާފައެވެ. އޭރުވެސް އާސިމްގެ މޫނުމަތިން ވަރުބަލިކަމާއި މާޔޫސްކަން ފެންނަން ހުއްޓެވެ. މިހުރިހާ ދުވަހު އާސިމްގެ މޫނުމަތިން އޭނާ ދެކެން ބޭނުންވީ ކުލައަކީ އެޔެވެ. ހިތާމައެވެ. މާޔޫސްކަމެވެ. އާސިމްއަށް ހިތާމަޔާއި މާޔޫސްކަމަކީ ކޮން އެއްޗެއްކަން އެނގޭނެ ދުވަހަކަށް އޭނާ އިންތިޒާރު ކުރަމުން ދިޔައެވެ. ނަމަވެސް އާސިމް ހިތާމައިގަ ވުމުން މިއަދު އޭނާގެ ހިތަށްވެސް ނުތަނަވަސްކަމެއް ވެރިވެއްޖެއެވެ. 
މެންދަމުގެ ވަގުތެވެ. ސާދަވިލޭރޭގެ ފުރިހަމަ ހަނދު އުޑުމަތީގައި ރަނިކަން ކުރަމުންދެއެވެ. ލުއި ލުއި ވައިރޯޅިތަކުން މާހައުލުގައި މަޑުމަޑު ނާނާއެއްގެ އަޑު ހަރުލާފައިވެއެވެ. ސިޓީ ހައުސްގެ ޓެރެސްމަތީގައި ހުރި ޕޮޓްތަކުގައިވާ މާގަސްތަކުގައި ކުލަކުލައިގެ މާތައް ފޮޅިފައިވެއެވެ. އެމާތަކުގެ މީރުވަހުން ފަޒާގައި ގުދުރަތީ ހުވަނދެއް ލެވިފައިވެއެވެ. މިފަދަ ހިތްގައިމު މާހައުލެއްގައި އެކަނިމާއެކަނި ކޮފީއެއްބޯން އިން ޝިފާންއަކަށް މިރޭގެ ހިތްގައިމުކަމުން އެއްވެސް އަސަރެއް ނުކުރެއެވެ. އޭނާގެވިސްނުންހުސްވެފައިވަނީމުޅިންއެހެންކަމަކަށެވެ. ފިނި ފިނި ރޯޅިތައް އޭނާގެ ފަންއިސްތަށިގަނޑާއި މޫނުގައި ބީހިލާފައި ދާއިރުވެސް އެއްވެސް ފިނިކަމެއް އެހިތަކަށް ނުލިބެއެވެ. މިޝާ ފެނުނު ފަހުން ޝިފާންގެ ހިތުގެ ހަމަޖެހުންވެސް ގެއްލިގެން ހިނގައްޖެއެވެ. 

އެންމެ ފުރަތަމަ އެއަންހެން ކުއްޖާ ފެނުނު ދުވަހުން ފެށިގެން އޭނާގެ ހިތައް ހަމަޖެހުމެއްނުލިބި އެހާލުގައި އުޅޭތާ ފަނަރަ އަހަރުވީއެވެ. ކުޑައިރު ތޮޅެލައި ރޮއްވާލުމުން ހިތައް ހަމަޖެހުން ލިބެއެވެ. ނަމަވެސް އެތޮޅުމާއި ގޯނާކުރުން ތަކަށް ކެތްކުރަން އެއަންހެން ކުއްޖާ ދަސްކުރިއެވެ. ބޮޑުވުމުން އެޔަށްވުރެ ބޮޑެތި ގޯނާކުރިއެވެ. އެގޯނާތަކައްވެސް އެކުއްޖާ ކެތްކުރިއެވެ. ނަމަވެސް އެންމެފަހުން ޝިފާންގެ ފަރާތުން ލިބުނު ގޯނާއިން މިޝާގެ ހިތުގައި ކޫރުން ނުއެޅި ނުދާނޭކަން ޚުދު ޝިފާން އަށްވެސް ޔަގީންވެއެވެ. 

އެކަމަކު މިހާރު އެހުރިހާކަމެއް ބަދަލުވީ ހެއްޔެވެ؟ އޭރުގެ އެއްވެސް ހަނދާނެއް ނެތީ ހެއްޔެވެ؟ މިޝާ އޭނަގެ މާޒީ ހަނދާން ނައްތާލާފައި އުފާވެރި ދިރިއުޅުމެއް އުޅެމުންދިޔަ ނަމަވެސް ޝިފާންއަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އެއީ ހަމަ އަދިވެސް ކުރީގެ ޝިފާންއެވެ. އެހިތެވެ. އެވިސްނުމެވެ. ބަދަލުއައީ ހަމައެކަނި އޭނާގެ ސިފަޔަށެވެ. އޭނާގެ ހަޔާތުގެ އެހެން އެއްވެސް ކަމަކަށް ބަދަލެއް ނާދެއެވެ. ވީއިރު މިޝާ ބަދަލުވާންވީ ކީއްވެގެން ހެއްޔެވެ؟ އުމުރު ދުވަހަށްވެސް މިޝާ ވާންވާނީ އޭނާގެ މުށުތެރޭގައި ހައްޔަރުވެފައިވާ ބަލިކަށި ދޫންޏަކަށެވެ. އޭނާ ބޭނުންއިރަކުން އެއިގެ ރީތިކަމުން ހިތްއުފާކޮށްލުމަށްފަހު، އޭނާ ބޭނުންއިރަކު އެއަށް ގޯނާ ކުރެވެންޖެހޭނެއެވެ. މިނިވަންކަމާއެކީ ފަޒާގައި އުދުހޭ ދޫންޏެއް ފަދައިން ދުވަހަކުވެސް މިޝާވެގެން ނުވާނެއެވެ. ނަމަވެސް މިހާރު އެހުރީ އޭނާގެ ގައިދުން މިޝާ މިންޖުވެފައެވެ. އެހެންމީހެއްގެ ހައްޤަކަށް ވެފައެވެ. މިޝާ އަނބުރާ އޭނާގެ ގައިދުގައި ހައްޔަރުކުރަން ހަދާނީ ކިހިނެއް ހެއްޔެވެ؟ ޖަހާނީ ކޮން މަޅިއެއް ހެއްޔެވެ؟ ވިސްނާ ވިސްނާ ރަނގަޅު ޚިޔާލެއް އޭނާގެ ސިކުނޑިއަށް ނައުމުން ރުޅިގަދަވެގެން އަތުގައިހުރި ކޮފީތަށި ހޫރާލުމަށްފަހު ބާރުބާރަށް ސިޑިއާދިމާއަށް ހިގައިގަތެވެ.

ލޯގަނޑު ކުރިމަތީހުރެގެން މިޝާ ތައްޔާރުވަމުން ދިޔައެވެ. ޝޯލްއަޅާ ނިމުނުން ގަޔަށް ސެންޓް ބުރުވާލުމަށްފަހު އަދިވެސް އެއްފަހަރު ލޯގަނޑުން އަމިއްލަ ސޫރައަށް ބަލާލިއެވެ. ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލާފައި، އެނދުމަތީގައި އޮތް ފޯން ހިފައިގެން މިޝާ ކޮޓަރިން ނުކުތެވެ. ގެއިން ބޭރަށް ނުކުންނަ ހިތްނުވީ ނަމަވެސް، އަފްޒަލް އަށް މިއަދު މިޝްކާ ބަލާ ދެވެން ނެތުމުން އޭނާއަށް ދާން މަޖުބޫރުވީއެވެ. ނޫންނަމަ އަފްޒަލް ރަށުގައި ހުންނައިރު ދުވަހަކުވެސް މިޝްކާ ބަލާ ސުކޫލު ދޮށަށް ދާކަށް ނުޖެހެއެވެ. އިސްޖަހައިގެން ހުރެ އާދައިގެ ވަރަކަށް މިޝާ ހިނގަމުން ދިޔައެވެ. ސިޓީ ކައުންސިލް ކައިރިން ޓްރެފިކްލައިޓްގައި ޖެހިފައި އިން ޝިފާންގެ ނަޒަރު ހުއްޓުނީ ކުރިމަތިން ހުރަސްކުރި މިޝާއަށެވެ. މިޝާ ދާތަނެއް ބެލުމުގެ ޝައުޤުވެރިކަން ހިތުގައި ބޮޑުވިއެވެ.

ކޮމެންޓް 0