ޖެހިގެން އައިދުވަހަކީ ހުކުރު ދުވަހެއްކަމުން މިޝާ ސައިހެދުމަށްފަހު އަފާގެ ގެޔަށް ދިޔައެވެ. އަފާގެ ކިބައިން މިޝާއެދުނީ އޭނާގެ އިސްތަށިގަނޑު ރީތިގޮތަކަށް ކޮށާލަދިނުމަށެވެ. އަފާއަކީ އަބަދުވެސް ތަފާތު "ސްޓައިލް" ތަކަށް އިސްތަށިގަނޑު ހަދާހިތްވާ ކުއްޖެއްކަމުން ބޯކޮށާއުޅުމަކީ އޭނާ ވަރަށް ކުރާހިތްވާ ކަމެކެވެ. އަފާ އޭނާބޭނުންވާ ރީތިގޮތަކަށް މިޝާގެ އިސްތަށިގަނޑު ކޮށާލަދިނެވެ. އެހެންކަމުން ކުރީގައި އޮތް އައިބުކަން ކެނޑި، އިސްތަށިގަނޑަށް ފުރިހަމަކަމެއް އައެވެ. މެންދުރު ކެއުމަށްޓަކައި ކާކޮޓަރިއަށް ވަތްވަގުތު ޝީބާއަށް މިޝާ ފެނުނެވެ. ރީތިގޮތަކަށް ކޮށާލާފައި އޮތް މިޝާގެ އިސްތަށިގަނޑު ފެނުމުން ޝީބާއަށް ދަތްކުނޑިވިކާލެވުނެވެ. އެވަރަށް ކޮށާލުމުން އެއިސްތަށިގަނޑުގެ ރީތިކަމަކަށް ބަދަލެއް ނައެވެ. ޓްރިމަރަކުން މިޝާގެ ބޯބާލަންވެސް އެވަގުތު އޭނާގެ ހިތަށްއެރިއެވެ. ނަމަވެސް މިއަދު ހެނދުނު ބައްޕަ ބޮޑު "ލެކްޗަރ" އެއް ދިނުމުން މިޝާއަށް ގޯނާއެއް ކުރާކަށްވެސް އޭނާއަކަށް ނުކެރުނެވެ. މިޝާއަށް އެއްވެސް ގޯނާއެއް ނުކުރުމަށް ބައްޕަވަނީ އަމުރުކޮށްފައެވެ. މިހުރިހާ ދުވަހު ބައްޕަ އެއްޗެއް ނުބުނެހުރެފައި ކުއްލިއަކަށް ނުރުހިގެން ވާހަކަދެއްކުމުން ޝީބާ އިންތިހާއަށް ދެރަވިއެވެ. އެއީ ދޮންމަންމަގެ ސަބަބުން ވީކަމެއްކަމުގައި އޭނާ ގަބޫލުކުރިއެވެ. ބައްޕަ އޭނާއަށްވުރެ ބޮޑަށް ލޯބިވަނީ ދޮންމަންމަ ދެކެއޭ ހިތަށްއެރިއެވެ.

ޝިފާން ހުކުރުން އައިސް ކޮޓަރިއަށްވަދެ އޮއްވައި ބައްޕަ ގޮވަން ފެށުމުން ނުކުތެވެ. ކާކޮޓަރިއަށް ވަނުމާއެކު ހައިރާންވެފައި އޭނާގެ ނަޒަރު ހުއްޓުނީ މޭޒުކައިރީ ކާންއިން މިޝާއަށެވެ. މީގެ ކުރިން ދުވަހަކުވެސް އެމީހުނާއިއެކު އެއްމޭޒުދޮށުގައި ކައިނޫޅޭ މިޝާ ބައްޕަވެސް އިންދައި އެތާއިނުމުން ހައިރާންނުވާނީވެސް ކީއްވެގެން ހެއްޔެވެ؟ 

" އާދޭ ދަރިފުޅާ!....އިށީނދޭ!..." ޝިފާން ފެނުމާއެކު އާސިމް ގޮވާލިއެވެ. ޝިފާންވެސް ދެބަހެއްނެތި އައިސް މިޝާއާ ދިމާކުރިމަތީގައި ހުރި ގޮނޑީގައި އިށީނެވެ.
" މިއަދުން ފެށިގެން ހުރިހާކުދިން ކާންޖެހޭނީ އެކީގަ.... ބައްޕަވެސް ބަލާނަން ކޮންމެގަނޑިއަކުވެސް ތިކުދިންނާއެކު ކާން އާދެވޭތޯ..... ހުރިހާކުދިންވެސް އެކުވެރިވެގެން އުޅެންވާނީ.... ކޮއްކޮ ބޮޑުވެގެން އަންނައިރު އެކަކު އަނެކަކާ ދެބަސްވެ އުޅޭމަންޒަރު ފެނުނީމަ އެކަމުގެ ނޭދެވޭ އަސަރުކުރާނެ..... ބައްޕަ ބޭނުމެއްނޫން އެހެން އެކަންވާކަށް.... ޝިފާންއާއި ޝީބާވެސް މިޝާއާ ގުޅިގެން އުޅެވޭތޯބަލާ! މަންމައާވެސް ރީތިކޮށް ވާހަކަދައްކާ ހެދީމަ ކޮއްކޮއަށްވެސް އެގޮތް ދަސްވާނީ..." އާސިމް ފުރަތަމަ ފަހަރަށް އޭނާގެ ދަރިންނަށް ރަނގަޅު ނަސޭހަތެއް ދިނެވެ. ބައްޕައަށް މިއައި ކުއްލި ބަދަލުން ޝިފާން އިނީ ހައިރާންވެފައެވެ. ޝީބާ އިނީ ރުޅިގަދަވެފައެވެ. އޭނާއަށް ވެގެން ވާނަމަ މިޝާ އެގެއިން ބޭރުކޮށްލީހެވެ. މިޝާ ހިމޭންކަމާއި އެކީ ކަމުންދިޔައިރު އޭނާގެ ހިތުގައިވެސް ތަފާތު ޚިޔާލުތައް ހިނގަމުން ދިޔައެވެ. ދޮންބައްޕަ އެގޮތަށް ކައްތައް އެކުރީ މަންމަގެ ސަބަބުންބާއޭ އޭނާގެ ހިތަށްއެރިއެވެ. މަންމަދެކެ ދޮންބައްޕަ ހަމައެހާ ލޯބިވޭ ހެއްޔެވެ؟ އެއީ މަންމަ ހައްދާލުމަށްޓަކައި ކުރާ "އެކްޓް"އެއް ނޫންކަމެއްވެސް ނޭނގެއެވެ. އާސިމްދެކެ ވީފޫހިން މިޝާއަށް ބޭއިޚުތިޔާރުގައި ތުންފިއްތާލެވުނެވެ. ކައިކައި އިނދެފައި ޝިފާން އިސްއުފުލާލި ވަގުތު މިޝާއާ ހަތަރުކަޅި ހަމަވެގެން ދިޔައެވެ. މިޝާ އަވަސް އަވަހަށް އިސްޖަހާލީ ޝިފާންއަށް ނުބަލަން ވެގެންނެވެ. ޝިފާންއަށް މިޝާގެ ކޮށާލެވިފައިވާ އިސްތަށިގަނޑުވެސް ފެނުނީ އިރުކޮޅެއް ފަހުންނެވެ. ރޭގައި އަވަހަށް ނިދުމުގެ ސަބަބުން ޝިފާންއަށް ގޭތެރޭގައި ހިނގާދިޔަ އެއްވެސް ކަމެއް ރޭކާ ނުލައެވެ. އެހެންކަމުން މިއަދު މިފެންނަ ކަންތައްތަކުން އޭނާއިނީ ހައިރާންކަމެއްގެ ތެރޭގައެވެ.

ޝީބާގެ ގޯނާކުރުންތައް މެދުކެނޑުމުން މިޝާއަށް ހަމަޖެހިލައިގެން ކިޔަވަން ފުރުސަތު ލިބުނެވެ. މިހާރު ގޭތެރެއިން އޭނާއަށް މިނިވަންކަން އިހުސާސް ކުރެވެން ފަށައިފިއެވެ. އޯލެވެލް ފެށުނުފަހުން ޝިފާންވެސް ކަންކަމުގައި އޭނާއަށް ގޮވައެއް ނުހަދައެވެ. މަންމަވެސް މިޝާއަށް ނުޖައްސައި އަނެއްކާވެސް ބަދިގެޔާއި ގޭތެރޭގެ ކަންތައްތައް ކުރަންފެށިއެވެ. މިޝާގެ ދިރިއުޅުމަށް މިއައި ކުއްލިބަދަލުން އޭނާގެ ހިތުގައި ބިރުވެރިކަމެއްވެސް އުފެދުނެވެ. މިއީ ވަގުތީކަމަކަށް ވެދާނެތީއެވެ. އާސިމްވެސް މީޒާއަށް ހަރުކަށިވެގެން އުޅުން ދޫކޮށްލިއެވެ. އިޝާވެސް މިޝާއާ ދުރުކުރާކަށް މަސައްކަތެއް ނުކުރެއެވެ. މީޒާގެ ހިތުން ކުޑަނަމަވެސް ޖާގައެއް އޭނާއަށް ލިބެން އޮތީ އެގޮތުން ކަމަށްވީތީއެވެ. އާސިމްގެ މިބަދަލުވުމުން މީޒާގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނު ނަމަވެސް އާސިމްއަށްޓަކައި އޭނާގެ ހިތްއޮތީ ކުރިންވެސް އޮތްގޮތަށެވެ. އެނަފްރަތާއި ފޫހިކަން ފިޔަވައި އިތުރު އިހުސާސެއް ނެތެވެ.

އާސިމް މީޒާގާތު އެއްބަސްވީފަދައިން މިޝާގެ ކޮޓަރިވެސް މަރާމާތުކޮށް، އާދައިގެ ބެޑްރޫމް ސެޓެއްވެސް ވެއްދިއެވެ. ފަންކާއާއި ބޮކިވެސް ބަދަލުކޮށްދިނެވެ. މިއީ ކޮންމެހެން އޭނާގެ ހިތުގައި މިޝާއަށް އޯގާތެރިކަމެއް އުފެދިގެން ކުރިކަމެއް ނޫނެވެ. ހަމައެކަނި މީޒާގެ ހިތްހަމަޖައްސާލަ ދިނުމަށް ކުރިކަމެކެވެ. މިޝާއާމެދު އާސިމް ރަނގަޅަށް ކައްތައްތައް ކޮށްދޭން ފެށުމުން މީޒާ އުފާވިކަން އާސިމްއަށް އެނގުނެވެ. ދޮންބައްޕަ ރަނގަޅަށް ކަންތައްކޮށްދޭން ފެށުމުން، މިޝާވެސް މާޒީ ހަނދާން ނައްތާލައި ޝީބާއާ ގުޅިގެން އުޅެވޭތޯ މަސައްކަތް ކުރިއެވެ. ނަވީންއާ ވީހާވެސް ދުރުގައި އުޅެވޭލޯ އޭނާބެލިއެވެ. ނަމަވެސް މިޝާ މިނިވަންކަމާއެކު ހިތްހަމަޖެހިގެން އުޅޭމަންޒަރުބަލަން ޝީބާއަކަށް ފަސޭހައެއް ނުވިއެވެ. އޭނާއާ އެއްދަރަޖައިގައި މިޝާއަށް އުޅެވެން ޖެހޭނެކަމަކަށް ޝީބާ ގަބޫލެއްނުކުރެއެވެ. މިޝާ އެގޭގައި އުޅޭހައި ދުވަހަކު އުޅެންޖެހޭނީ ކުރިންވެސް އުޅުނުފަދައިން އޭނާގެ ދަށުވެގެންނެވެ. ބައްޕަދެކެ ގަންނަ ބިރަކުން ނޫންނަމަ އޭނާ މަޑަކުން ނުހުރީހެވެ.

ރޭގަނޑުގެ ވަގުތެވެ. ކާމޭޒުމަތީގައި ހުރިތަށިތައް ނަގައި ކާކޮޓަރި ސާފުކުރުމަށްފަހު މިޝާ ނުކުތުމަށް ހިނގައިގަތެވެ. " ކޮފީއެއް ގިރާލަ ދެވިދާނެތަ؟.." ކުއްލިއަކަށް ޝިފާންއައިސް ކާކޮޓަރިއަށް ވަންނަމުން އަހާލިއެވެ." ދެންމެ ކައިގެން ދިޔައީ....އަނެއްކާ ކޮފީބޯންވީ..." މިޝާ ތުންފިއްތާލަމުން ހިތާހިތާ ކުދިކިޔާލިއެވެ. އޭނާގެ އެކުވެރި އަފާބަލިވެ އުޅޭތީ އެގެއަށްދާންވެސް އޭނާހުރީ ނުހަނު ބޭނުންވެފައެވެ. ނަމަވެސް ޝިފާން އައުމުން ދެން އަވަހަށް ނުދެވޭނެކަން އޭނާއަށް އެނގުނެވެ. ރުޅިއައި ނަމަވެސް މިޝާ ކޮފީ ގިރަން އަވަސްވެގަތެވެ. "އެންމެ ކޮފީއެއްނޫން.... ތިންކޮފީ.... ގިރާނިމުނީމަ ޓެރެސްމައްޗަށް ގެނޭ..." ޝިފާން އަމުރުކޮށްލުމަށްފަހު ނުކުމެގެން ދިޔައެވެ. "މިރޭގެ ކަންތައްދިޔައީ..... ޓެސްޓް ތެރޭގަވެސް މިމީހުންގެ ކަމަކީ މަޖާކުރުން.... ވަރަށްފޫހިވޭ..." މިޝާ ޝަކުވާކުރަމުން ކޮފީގިރާ ނިންމާލިއެވެ. ތަބަކަކަށް ކޮފީތަށިތައް ލައިގެން އައިސް ޓެރެސް މައްޗަށް އެރިއިރު ނަވީން ފިޔަވައި ޝިފާންގެ ހުރިހާ އެކުވެރިން ތިއްބެވެ. މިޝާ ފެނުމުން ނާއިޒް ކަޅިޖަހާނުލާ ބަލަން އިނެވެ. " ހައި ރެޕަންޒަލް.... ވާއު ނައިސް ހެއަރ ކަޓް....މިހާރު މާސެކްސީ އިނގޭ!" މިޝާ އާދިމާ ބަލާލާފައި އެއްލޯމަރާލަމުން ނާއިޒް ބުނެލިއެވެ. މިޝާ ކޮފީތަބަށް ބެހެއްޓުމަށްފަހު އަވަސް އަވަހަށް ދާން ހިނގައިގަތެވެ. " އޭތްދަނީތަ؟... އަދި މަޑުކޮށްބަލަ!....ކޮފީއެއްބޯލަން އާދެބަލަ!" ނާއިޒް ގޮވާލިއެވެ. ރަޔާންވެސް ބަހެއް ނުބުނި ނަމަވެސް ހީލަހީލާއިނެވެ.

" އޭތް އަނގަ މަޑުންލައިގެން އިނދެ ކޮފީބޮވޭތޯ ބަލާބަލަ!" ނާއިޒްއަށް ކޮފީތަށި ދިއްކޮށްލަމުން ޝިފާން ބުނެލިއެވެ. ނާއިޒް އެގޮތަށް މިޝާއާ ދިމާކުރުމުން މިއަދު ޝިފާންގެ ހިތަށް އުނދަގޫ ވެއްޖެއެވެ. ކުރީގައި އެމީހުންގެ ކޮންމެ މަލާމާތަކަށް ޝިފާންވެސް ހީހެދިއެވެ. ނަމަވެސް މިރޭ އޭނާގެ ގާތަށް ހިންޏެއްވެސް ނައެވެ. މިޝާ ރުޅިގަދަވެގެން ހުރެ ގެއިން ނުކުތެވެ. އާސިމް ކިތަންމެ ރަނގަޅުވެގެން އުޅުނަސް އޭނާގެ ދަރިންނާއި އެދަރިންގެ އެކުވެރިން ދުވަހަކުވެސް އިސްލާހު ނުވާނެއޭ މިޝާގެ ހިތަށް އެރިއެވެ. މިޝާ ބާރުބާރަށް ގޮސް ދޮރާށިން ނުކުތް ވަގުތު ލައިގަތީ ގެޔަށް ވަންނަން އައި ރައިނާގެ ގައިގައެވެ. 

" ހޭބަލިވެފަތަ ހުންނަނީ.... ތަނެއްދޮރެއް ބަލާނުލާ ތިދުވަނީ؟..." ރުޅިވެރިކަމާއެކު މިޝާއަށް ބަލާލަމުން ރައިނާ ހަޅޭއްލަވައިގަތެވެ. " ހޫމް... ހޭބަލިވާނެއްނު..... ބައްޕަ މިހާރު މީނަގެ މަންމަގެ ބަސްއަހައިގެން އުޅޭދުވަސްކޮޅެއް..... ކޮޓަރިވެސް ހަދާދީފި އެންމެ ފެންވަރުގަ.... އަހަރެންނާ ދޮންބެއަށްވެސް އޮތީ މިކަމަނާއަށް އެއްޗެއް ބުނުން މަނާކޮށްފަ..... ދެން ކިހާހިތްމޮޅުވާނެ...." ޝީބާ ވަގުތުގެ ބޭނުން ހިފައި މިޝާއަށް އެއްޗެހި ގޮވަންފެށިއެވެ. މިޝާ އަނގައިންވެސް ނުބުނެ ދާން ހިނގައިގަތެވެ." އޭތް! ދެން އަނެއްކާ މިރޭގޮސް މަންމަގާތު ކުޓުވާ!.....އޭރުން އަނެއްކާވެސް އެޑްރާމާކްއީން ކޮންމެވެސް އެކްޓެއް ޖައްސާނީ ބައްޕަގެ ކުރިމަތީގަ..... އެކަމު މަށެއް ބިރެއް ނުގަންނާނެ އިނގޭ!..އަހަރެން ހިތަށްއަރާ ބައްޕައަށް ކޯއްޗެއްބާވޭ ފެނިގެން އެއުޅެނީ އެވިޗްގެ ކިބައިން..." ޝީބާ އަދިވެސް ހުއްޓާލާކަށް ނޫޅެއެވެ. މަންމައާ ދިމާއަށް ޝީބާގެ ދުލުން ބޭރުވީ ބަސްތަކުން މިޝާގެ ރުޅިގަދަވީ ނަމަވެސް ކެތްކޮށްލައިގެން އަނގައިންވެސް ނުބުނެހުރެ އެތަނުން ދިޔައެވެ. މަންމަގާތު ޝަކުވާކުރިޔަސް ޝީބާއާއި ޝިފާންގެ އުޅުން ބަދަލު ނުވާނެކަން އޭނާއަށް އެނގި ޔަގީންވެސް ވެއްޖެއެވެ. އެކަންތައްތަކާއި ކެތްކުރުން ނޫންގޮތެއް އޭނާއަކަށް ނެތެވެ. 

" ކިހިނެއްތަވީ؟ ބިމަށް ތުންހަރައިގެން ތިއިނީ؟" އަފާގެ ގެޔަށް ވަތްގޮތަށް އަނގައިންވެސް ނުބުނެ މިޝާ އިންނަން ފެށުމުން އަފާ އަހާލިއެވެ. " އެޝީބާ ގަނޑަކާހެދި ރުޅިގަދަވެފަ މިއިނީ.." މިޝާ ފޫހިރާގަކަށް ބުނެލިއެވެ. " އެކަމު ބުނީމެއްނު މިހާރު އެމަންޖެ ވަރަށް މައިތިރިއޭ.... ދޮންބައްޕަވެސް ވަރަށް ރަނގަޅޭ.... ދެން މިހާރު ކިހިނެއްވީ؟.." އަފާ ހައިރާންވެފައި އަހާލިއެވެ. "ހުއް... ދުވަހަކުވެސް ރަނގަޅުވާނެތަ އެމީހުން.... އެއާސިމްވެސް ގޮތްދައްކަނީ ހަމަ.... އެކަމް މަންމަ މިހާރު ހުރީ ވަރަށް އުފަލުން..... ކުރިން ރެއަކުވެސް އަހަރެންގާތުގަ ބުނީ ޝީބާއާ ދެބަސްނުވެ ރަނގަޅަށް އުޅޭށޭ.... ދޮންބައްޕަވެސް މިހާރު ކިހާ ރަނގަޅުހޭ.... މަތަ އަޅެ މިދެބަސްވަނީ... މަ އެއްޗެއް ނުބުނެ ހުރިއްޔާ އެމީހުން ތިބޭނެތަ މައިތިރިވެގެން" މިޝާ އިނީ ވަރަށް ހިތްހަމަ ނުޖެހިފައެވެ.

އިރުކޮޅެއްވާންދެން ދެކުދިން އެކިއެކި ވާހަކަ ދައްކަން ތިބުމަށްފަހު މިޝާ އެނގެއިން ނުކުތް އިރު ގަޑިން ރޭގަނޑުގެ އެގާރަވެސް ޖަހައިފިއެވެ. ފިހާރަތައް ބަންދުކުރުމުން މަގުމަތީގައި މީހުންވެސް ފުދޭވަރަކަށް މަދެވެ. ކުޑަކޮށް ބިރުންހުރެ މިޝާ ކުރިޔަށް ދިޔައެވެ. ތަންކޮޅަކަށް ދިޔަތަނާ ކުއްލިއަކަށް ވާރޭވެހެން ފެށީ އިންޒާރަކާވެސް ނުލައެވެ. ވާރެއިން ހިޔާވުމަށްޓައި މިޝާ އަވަސް އަވަހަށް ކައިރީގައިހުރި ފިހާރައެއްގެ އަސްކަނިދޮށަށް ވަނެވެ. އެވަގުތު ދުވެފައި އައި ޒުވާން ފިރިހެނަކުވެސް އައިސް އޭނާއާއި ދާދިގާތުގައި އަސްކަނިދޮށުގައި މަޑުކޮށްލިއެވެ. އޭނާގެ ގައިން ދުވި ހޫގޯ ބޮސްގެ ވަސް މިޝާގެ ނޭފަތުގައި ހަރުލިއެވެ. މިޝާ ވައްކަޅިން އެޒުވާނާއަށް ބަލާލިއެވެ. އެއީ އިސްކޮޅުންދިގު ފިރިހެންވަންތަ ހަށިގަނޑެއް ލިބިފައިވާ ރީތި ޒުވާނެކެވެ. މިޝާބަލާލުމުން އޭނާވެސް ބަލާލިއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވިވަގުތު އެޒުވާާނާ ލާނެއްގޮތަކަށް ހީލިއެވެ. މިޝާގެ ހިތުގެ ހިނގުން ކުއްލިއަކަށް އަވަސްވީ ހިތަށްވެރިވި ބިރުވެރި ޚިޔާލުންނެވެ. ރޭގަނޑުގެ މިފަދަ ވަގުތެއްގައި ގޮތްނޭނގޭ ޒުވާނަކު އެހާގާތުގައި ހުރުމުން ހަމަރަނގަޅަށްވެސް އޭނާ ބިރުގެންފިއެވެ. މިޝާ އަވަސް އަވަހަށް އެޒުވާނާއާ ދުރަށްޖެހިލިއެވެ. މިޝާގެ އެހަރަކާތުން އެޒުވާނާގެ ގާތަށް ހިނިއައެވެ.

" ހާދަބިރުން ހުރިހެން ހީވެޔޭ..... އަހަރެންދެކެތަ ބިރުން ތިއުޅެނީ.." ލާނެއްގޮތަކަށް ހީލަމުން އެޒުވާނާ އަހާލިގޮތުން މިޝާގެ ބިރުވެރިކަން އިތުރުވިއެވެ. ވާރެތެރޭގައި ތެމިގެންދާންވެސް އެވަގުތު އޭނާބޭނުންވިއެވެ. "މަޑުކޮށްބަލަ!...ވާރޭގަ އެކަނިދާކަށްނުވާނެ.... މަދެކެ ބިރުންދަންޏާ ބުނެވޭނީ ތީ މޮޔަކަމެކޭ.... މަށަށްވުރެ ބިރުވެރި މީހަކު ވާރެތެރެއިންވެސް ދިމާވެދާނެ....ޑޯންޓްބީ ސިލީ..." މިޝާ ހިނގައިގަތުމުން ޒުވާނާ ބުންޏެވެ. އެވަގުތު މިޝާ ހުއްޓުނެވެ. އެޒުވާނާއަށް އޭނާ ބިރުން ހުރިކަން އަންގާކަށް ބޭނުމެއްނުވިއެވެ. " ލަސްވާތީ ދާން މިއުޅުނީ.... އަހަރެން ކޮންމެހެން މީހަކުދެކެ ބިރަކުންނޫން..." މިޝާ ދެރަނުވާންވެގެން ޒުވާނާއަށް ރައްދުދިނެވެ. " އެހެންތަ؟....މަށަށް ކުއްހީއެއްކުރެވުނީދޯ....އެހެންނޫނަސް މަށަށް އެނގޭ މަދެކެ މީހަކު ބިރެއް ނުގަންނާނެކަން..." ޒުވާނާ މާނަފުން ގޮތަކަށް ހިނިތުންވެލިއެވެ. 
ޒުވާނާގެ ނަޒަރު މިޝާއަށް ހުއްޓިފައި ހުރި ކަންއެނގޭތީ އޭނާގެ އަތްފައިފިނިވަމުންދިޔައެވެ. ނަމަވެސް ވާރޭ ތުނިކޮށްލާން ދެން މަޑުކުރަން އޭނާ ގަސްތުކުރިއެވެ. ދެމީހުންކުރެ އެކަކުވެސް ބަހެއްނުބުނެ ތިބިގޮތަށް ތިއްބާ، ކުއްލިއަކަށް އައި ސައިކަލެއް އެމީހުނާއި ދާދިގާތަށް މަޑުކޮށްލިއެވެ. ހެލްމެޓް އަޅާފައި އިނުމުން އެއީކާކުކަމެއް މިޝާއަކަށް ނޭނގުނެވެ.

" އާދޭ އަރަން..." ސައިކަލުގައި އިން ޒުވާނާ މިޝާއަށް މުޚާތަބުކޮށް ބުނެލުމުން އެއީ ނަވީންކަން އޭނާއަށް އެނގުނެވެ. ނަވީން ސައިކަލެއްގައި އިނުމުން މިޝާ ހައިރާންވިއެވެ. " އޭތް... ރެޕަންޒަލް... ދެންވެސް ބަލަން ނުހުރެ އަރާބަލަ! އަނެއްކާ ވާރެބޯކޮށްލަފާނެ" ނަވީން ތަކުރާކުކޮށް އެދުމުން މިޝާ ޖެހިލުންވެހުރެ ސައިކަލަށް އެރިއެވެ. އޭނާ އެތަނުން ދާންބޭނުންވެފައި ހުރި ވަރުން ނޫންނަމަ ނަވީންގެ ސައިކަލަކަށް އޭނާ ނޭރީހެވެ. "ރެޕަންޒަލް މިހާރު ހާދަ ފޮނިވެއްޖެއޭދޯ..... މަފެންނަކަމަށްވެސް ހަދާނުލާ މިހާރު އުޅެނީ.... ކިހިނެއްތަވީ؟...ކޮބާތަ މައްސަލައަކީ؟..." ސައިކަލު ދުއްވާލަމުން ނަވީން އެހިއެވެ. " ނަވީން ލައިސަންސް ނެގީތަ؟.." ނަވީންގެ ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި މިޝާވެސް ކޮށްލީ ސުވާލެކެވެ. " އާނ! އަށާރަ ފުރުނުތަނާ ނަގައިފިން.... މިހެން ބުންޏަސް އަދި މިވީ ވީކެއް ...." ނަވީން ޖަވާބުދިނެވެ. " ކޮބާތަ އަހަރެން ކުރި ސުވާލުގެ ޖަވާބު.... ކީއްވެތަން އަހަރެންނާ ދުރުދުރުން އުޅެނީ.... އަނެއްކާ އެއޮއްސަޅި އިސްތަށިގަނޑު ކޮށާލި ގޮތެއްވެސް ހޯދަން ބޭނުންވެފަ މަމިހުންނަނީ....ބުނެބަލަ!" މަގުގެ އެއްކައިރީގައި ސައިކަލް މަޑުކޮށްލަމުން ނަވީން އަހާލިއެވެ. "ކީއްވެ ތިމަޑުކުރީ... ހިނގާ ގެޔަށްދާން" މިޝާ ކަންބޮޑުވެފައި އެދުނެވެ. "މަޑުކޮށްބަލަ!....އާދެބަލަ މިތާ އެތެރެއަށްވަދެ ވާހަކަ ދައްކާލަން....މަ އޮޅުންފިލުވަން ބޭނުން ބައިވަރުކަންތައް އެބަހުރި.... ގެވެސް މާދުރެއްނޫނެއްނު... އާދެބަލަ!" ކައިރީގައިހުރި ފާސްޓްފުޑް ރެސްރޯރެންޓެއް ކަމަށްވާ "އީޒީބޭކް"އަށް އިޝާރާތްކޮށްލަމުން ނަވީން ބުންޏެވެ. މިޝާހުރީ ގެޔަށްދާން ނުހަނު ބޭނުންވެފައެވެ. ނަމަވެސް ނަވީން މިޝާގެ އަތުގައި ހިފައިގެން ގަދަކަމުން ކަހަލަގޮތަށް އެތަނަށް ވެއްދިއެވެ. 

" ހޫމް ދެންބުނެބަލަ!...ކީއްވެގެންތަ އިސްތަށިގަނޑު ކޮށާލީ!" ގޮނޑީގައި ހަމަޖެހިލަމުން ނަވީން އަހާލިއެވެ. " އެއީ ނަވީންއާ ވާހަކަދެއްކީމަ އޭގެ ބަދަލު ލިބުންގޮތް...." މިޝާ މަޑުމަޑުން ބުނެލިއެވެ. " ތިބުނީ؟...ނުވިސްނުން މަށަކަށް....މަށާ ވާހަކަދެއްކީމަ އިސްތަށިގަނޑާ ކޮންކަމެއް؟" ނަވީން ހައިރާންވެފައި އަހާލިއެވެ. "ނަވީންއަށް ހަމަ ނޭނގެނީތަ ޝީބާ އަހަރެންދެކެ ރުޅިއަންނަވަރު؟.....ނަވީންއާ އަހަރެން ވާހަކަދައްކަން އޭނާ ނޭދޭވަރު ހަމަ ނޭނގެނީތަ؟....އެރޭ ހިސާބު ނަމްބަރު ބުނެދީފަ ދިޔަފަހުން ޝީބާއައިސް އަހަރެންގެ އިސްތަށިގަނޑު ކޮށާލީ....ބުނީ ނަވީންއާ ގާތްވީމަ އޭގެ ބަދަލޯމީ..." މިޝާއިނީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. " އެކަމު އެވަރުގެ ކަމަކާ ޝީބާ އެގޮތަށް ކަންތައްކުރީ.... އަހަރެންހީކުރީ އަހަރެން ނަސޭހަތްދިނީމަ ކޮންމެވެސް ވަރަކަށް ޝީބާ ބަދަލުވާނެކަމަށް...." ނަވީން ދެރަވެލާފައި ބުންޏެވެ. "ނަވީންއަށް ޝީބާގެ ގޮތް އެނގޭއިރު އަހަރެންނާ ވާހަކަދައްކަނީ ކީއްކުރަން؟....އަހަރެންނަށް ހެޔޮއެދެނީ ކީއްކުރަން؟.....މީހެއް އޯގާތެރިކަން ނުލިބުނަސް މީގެކުރިންވެސް އަހަރެން އުޅުނީ...ދެންވެސް އުޅެވޭނެ...ޕްލީޒް އަހަރެންނާ ވާހަކަދައްކަން މަސައްކަތް ނުކުރޭ!" މިޝާ ކުއްލިއަކަށް އިންގޮނޑިން ތެދުވެ ދުއްވައިގަތެވެ. ނަވީންވެސް މިޝާގެ ފަހަތުން ނުކުތެވެ. 

ނަވީން ގޮވަގޮވާ ހުއްޓާވެސް މިޝާ ދުވެފައި ދިޔައީއެވެ. ނަވީން ސައިކަލަށް އަރައި ސްޓާރޓް ކޮށްލުމަށްފަހު އިސާހިތަކު ހުރީ މިޝާގެ ގާތުގައެވެ. " މިޝާ...ޕްލީޒް އަރާބަލަ!....އަނެއްކާ ވާރެބޯކުރަނިއްޔޭ!" ނަވީން އެދުނެވެ. " ނޫން...ތެމިގެން ދާންޖެހުނަސް ނާރާނަން.." މިޝާހުރީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ. ނަމަވެސް މަގުމަތީގައި މިޝާގެ ފަހަތުން އާދޭސްކުރަމުން ނަވީން އަންނާތީ މީހުން ބަލަންފެށުމުން އޭނާ ލަދުން ނަވީންގެ ފަހަތަށް އެރިއެވެ. ގެޔާހަމައަށް އާދެވެންދެންވެސް ދެމީހުންކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ނަވީން އުޅޭގޮތުން މިޝާގެ ހިތުގައި ތަފާތު ސުވާލުތައްވެސް އުފެދެމުން ދިޔައެވެ. ގެކައިރިއަށް މަޑުކޮށްލި ސައިކަލުން މިޝާއާއި ނަވީން ފޭބި މަންޒަރު ޓެރެސްމަތީގައިހުރި ޝިފާންއަށް ފެނުނެވެ. މިޝާ ނަވީންއާ ގާތްކަން ބާއްވާތީ އޭނާހިތްހަމަ ނުޖެހުނެވެ. ނަވީން މިޝާގެ ގުޅުމާމެދު ހިތުގައި ސުވާލުވެސް އުފެދުނެވެ. ކޮއްކޮއާއި ރައްޓެހިވެގެން ހުރެ މިޝާއާއި އޮންނަނީ ކޮށްގުޅުމެއްބާއެވެ. 

" ހައިބަޑީ.." މިޝާގެ ފަހަތުން ޓެރަހަށްއެރި ނަވީންއަށް ޝިފާން ފެނުމުން ގޮވާލިއެވެ." މިހާލަހުން ތިއައީ ކީއްވެ؟...ގުޅާގުޅާ ފޯނުވެސް ނެގީކީނޫން.... މަހީކުރީ ޝިބްއާއެކީ ރައިޑަކަށް ދިޔައީކަމަށް.... އެކަމު އެހެނެއްނޫންދޯ މިވީކީ...." ޝިފާން މިޝާއާދިމާ ބަލާލަމުން ބުންޏެވެ. ޝިފާންގެ އަޑުގައިވި ނުރުހުން މިޝާއަށާއި ނަވީންއަށްވެސް ފާހަގަ ކުރެވުނެވެ. މިޝާ އަވަސް އަވަހަށް ގޮސް ކޮޓަރިއަށްވަނެވެ. އޭނަގެ ސަބަބުން އަނެއްކާ ޝިފާންއާއި ނަވީންގެ މެދުގައި ދެބަސްވުމެއް ހިނގާފާނެތީ އޭނާ ބިރުގަތެވެ. ޝިފާންގެ ވާހަކަތަކަށް ނަވީން މާބޮޑު ސަމާލުކަމެން ނުދީ މައުލޫބަދަލުކޮށްލިއެވެ. އިރުކޮޅަކު ޝިފާންއާ ވާހަކަދައްކަން އިނުމަށްފަހު އޭނާ އެގެއިން ނުކުތީ ޝީބާއާ ބައްދަލުވެސް ނުކޮށެވެ. މިޝާގެ ވާހަކަތަކުން ޝީބާ ކަންތައްކުރިގޮތް އޭނާއަށް ވިސްނުނެވެ. ޝީބާ އިސްލާހުކުރުމަށް އޭނާ ހިތުގައި އަޒުމު ކަނޑައެޅި ނަމަވެސް އެއީ ކިހާ އުނދަގޫކަމެއްކަން އޭނާއަށް އަންދާޒާ ކުރެވިއްޖެއެވެ. ނަމަވެސް އޭނާ އަދިވެސް މަސައްކަތް ކުރާނެއެވެ.

ދުވަސްތައް އެގޮތުގައި ވޭތުވަމުން ގޮސް އޯލެވެލްވެސް ނިމިއްޖެއެވެ. މާގިނަ ދުވަސްތަކެއްނުވެ ސުކޫލުތަކުގެ ކިޔެވުންވެސް ނިމި ބޮޑުޗުއްޓީ ވެއްޖެއެވެ. ޝިފާންގެ އެކުވެރިންނާއި ޝީބާގެ ރަހުމަތްތެރިންވެސް ޗުއްޓީގެ ދުވަސްތައް އުފާވެރިގޮތުގައި ހޭދަކޮށްލުމަށް ނިންމިއެވެ. ރިޒޯޓަކަށްދާން ނިންމިއެވެ. އާސިމްވެސް އޭނާގެ ދަރިންގެ ހިތްހަމަޖެހުމަށް ކިތަންމެ ބޮޑު ޚަރަދެއް ކުރަންވެސް ހުރީ ތައްޔާރަށެވެ. އާސިމް އޭނާގެ މަންމައާއި ބައްޕަގޮވައިގެން ލަންކާއަށް ދާން ނިންމިއެވެ. އެދަތުރުގައި މީޒާއާއި އިޝާވެސް ގެންދަން ނިންމިއެވެ. މީޒާއަށް މިކަން އެނގުމުން އޭނާ ކަންބޮޑުވީ މިޝާއާ މެދުގައެވެ. ނަމަވެސް އާސިމް އެކިގޮތްގޮތުން މީޒާއަށް ވިސްނަދިނެވެ. 

ޝިފާންއާއި އޭނާގެ ބައިވެރިން ދަތުރަށް ތައްޔާރުވަމުން ދިޔައެވެ. ޓެރެސްމަތީ ތިބެގެން ހުރިހާއެންމެން މަޝްވަރާކުރާ އަޑު މިޝާއަށް އިވެމުންދިޔައެވެ. މަޝްވަރާގެ ބައްދަލުވުން ނިމުމުން އެންމެން ތިރިޔަށް ހިގައްޖެއެވެ. އިރުކޮޅަކުން މިޝާގެ ކޮޓަރި ދޮރުގައި ޓަކިދިނުމުން އޭނާ ސިހިފައި ދޮރާދިމާބަލާލިއެވެ. އަދި މަޑުމަޑުން ގޮސް ދޮރުހުޅުވިއެވެ. ދޮރުމަތީހުރި ޝިފާން ފެނުމުން އޭނާ ކަންބޮޑުވިއެވެ.

" ވާހަކައެއް ދައްކާލަން ވަގުތު އެބައޮތްތަ؟..." ޝިފާން އެތެރެއަށް ވަންނަމުން އަހާލިއެވެ. މިޝާ ޖަވާބެއްވެސް ނުދީން ބަލަން ހުއްޓެވެ. " އަހަރެމެން މިއުޅެނީ ރިޒޯޓަކަށްދާން....އެހެންވީމަ ރެޕަންޒަލްވެސް ތައްޔާރުވާންވީދާން....ގަންނާނެ އެއްޗެއް ގަނެގެން މާދަމާ ނޫން އަނެއްދުވަހަށް ތައްޔާރުވޭ!" ޝިފާން ފާޑަކަށް އަމުރުކޮށްލިއެވެ. " އެކަމަކު އަހަރެން..." މިޝާއަށް ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. "އެއްވެސް އެކަމަކު މިކަމަކުއެއް ނޯންނާނެ....އެކަނި ގޭގަހުންނަން ބޭނުންނޫނިއްޔާ ދާން ތައްޔާރުވޭ!....ކާފައާއި މާމަވެސް ގޮވައިގެން ބައްޕަމެންދަނީ ލަންކާއަށް....އެންމެން ދާއިރު ރެޕަންޒަލް އެކަނި ގޭގެ ކީއްކުރާނީ؟...." ޝިފާން އޮޅުންފިލުވައިދިނެވެ. މިޝާއަށް ދެކޮޅުހަދަން ދައްކާނެ ވާހަކައެއް ނޭނގުނެވެ. ދިއުން ނޫން އެހެންގޮތެއް ނެތެވެ. މަންމަވެސް ލަންކާއަށް ދާންއުޅޭ ވާހަކައެއް ނުބުނެއެވެ. އެންމެފަހުން މިޝާ އެއްބަސްވިއެވެ. އެރޭ ނިދަން އުޅެނިކޮށް މަންމަ އައިސް ލަންކާއަށް ދާންއުޅޭ ވާހަކަ ބުންޏެވެ. " ދަރިފުޅާ! އެއްވެސް މީހަކާ ދެބަސްނުވެ އުޅޭތި!....ޝީބާވެސް މިހާރު ދަރިފުޅަށް ގޯނާއެއް ނުކުރެއެއްނު.... އެހެންވެ މަންމަ މިހުރީ ވަރަށް ހިތްހަމަ ޖެހިފަ..... ކޮންމެގޮތެއްވިޔަސް މިތަނުން ގޮސްގެން އަހަރެމެނަށް އުޅެވޭކަށްނެތް.... މިއަދާ ހަމައަށްވެސް އާސިމް އެހީވީމަ މިއުޅެވުނީ..... އެރޭ މަންމަ ރުޅިއައިސްގެން ދާން އުޅުނެއް ކަމަކު... ދިޔަނަމަ މިއަދު އުޅެންޖެހޭނެ ހާލެއްވެސް ނޭނގޭ.... ކޮއްކޮވެސް މިހާރު އެހުރީ ވާނުވާ އެނގޭވަރުވެފަ..... ފާޑުފާޑު ސުވާލުތައްވެސް މިހާރުވެސް ކުރޭ..... އާސިމްވެސް މިހާރު ދަރިފުޅަށް ކިހާހެޔޮ..... މަންމައަށްވެސް އާސިމް ކައްތައްކުރަނީ ވަރަށް ރަނގަޅަށް.... އެހެންވީމަ ޝީބާ އެއްޗެއް ބުންޏަސް ބޮޑުކަމަކަށް ނުހަދާ އުޅެވޭތޯ ބަލާ!....އެއީ އެންމެ ބުއްދިވެރިގޮތް....އެއްފަހަރުން ހުރިހާކަމެއް ބަދަލެއްނުވާނެ...މަޑުމަޑުންވާނީ" މީޒާ އޭނާގެ ދަރިފުޅަށް ވިސްނަދިނެވެ. 

މިޝާ އޭނާގެ މަންމަގެ ވާހަކަތައް އަޑުއަހަމުން ދިޔައިރު ހައިރާންވެ ދެރަވެސްވިއެވެ. އޭނައަށްޓަކައި އެދިރިއުޅުން ދޫކޮށްދާން ނިންމި މަންމަ، އަނެއްކާވެސް މިހާރު އެހުރީ އާސިމްގެ މަޅީގައި ޖެހިފައެވެ. އާސިމް ބަދަލުވީކަމުގައި މަންމައަށް ހީވިޔަސް އެއީ ކުއްހީއެއްކަން މިޝާއަށް ވިސްނެއެވެ. ނަމަވެސް މަންމައާއި ކޮއްކޮއަށްޓަކައި އަނެއްކާވެސް ޝީބާމެންގެ ގޯނާތަކަށް ކެތްކުރަން އޭނާ ނިންމިއެވެ. މީޒާ ދިޔަތާ މާގިނައިރުތަކެއް ނުވެ އާސިމްވެސް އެކޮޓަރިއަށް އައެވެ. މިޝާއަށް އާސިމް ފެނުމުން އިންތަކުން ފުންމައިގެން ތެދުވެވުނެވެ.

ކޮމެންޓް 0