ވިސްނުމެއްގެ ތެރެއަށް ގެއްލިފައި އެގޮތަށް އިންދައި ޝިފާން އައިސް މިޝާގެ ފުރަގަހަށް ހުއްޓި މޫނުގައި ދެފަރާތުން ހިފައި އުފުލާލިއެވެ. މިޝާއަށް ހަރަކާތެއްވެސް ކޮށްނުލެވިގެން އުޅެނިކޮށް މިޝާގެ ތުންފަތުގައި ޝިފާން ކިސްކޮށްލިއެވެ. އެވަގުތު މިޝާގެ ހިތް ހިނދުކޮޅަކަށް ހުއްޓުނުހެން ހީވިއެވެ. ކާންއިން ޓޯސްޓްކޮޅު ކަރުގައި އަޅައިގަނެ، ހަމަރަނގަޅަށްވެސް އޭނާގެ ނޭވާ ހުއްޓިއްޖެއެވެ. މިޝާ ނޭވާނުލެވިގެން ތެޅިގަތުމުން ޝިފާން ކަންބޮޑުވެފައި މިޝާގެ ބުރަކަށީގައި މަޑުމަޑުން ތަޅަންފެށިއެވެ. އަދި ކައިރީގައިހުރި ފެންތަށި މިޝާގެ ތުނބުގައި ޖެއްސިއެވެ. މިޝާ ވަރަށް އުނދަގުލުން ފެންފޮދެއްބޯލިއެވެ. ޓޯސްޓްކޮޅު ދިރުނުއިރު މިޝާގެ ދެލޮލުން ފެންވެސް އަތުވެއްޖެއެވެ. ހަމައަށް ނޭވާލެވުމުން ޝިފާންއާދިމާ މިޝާބަލާލިއެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވެގެން ދިޔަވަގުތު ދެންމެ ޝިފާންކުރިކަންތައް ހަނދާންވެ މިޝާލަދުގަތެވެ. ޝިފާންވެސް ހުރީ އޭނާއަށް ކުރެވުނުކަންތަކުގެ ސަބަބުން، މިޝާރުޅިއަތުވެދާނެތީ ކަންބޮޑުވެ ޖެހިލުންވެސް ވެފައެވެ.

"އައިމް ސޯސޮރީ" ޝިފާން މަޑުމަޑުން ބުނެލިއެވެ. މިޝާ ޖަވާބެއްނުދީ ޝިފާންއާދިމާއަށް ބަލާލުމަށްފަހު ރަކިގޮތަކަށް ހީލަމުން ދުވެފައި ކާކޮޓަރިން ނުކުތެވެ. ޝިފާންވެސް މިޝާގެ ފަހަތުން ނުކުތެވެ. މިޝާގެ ފަހަތުން ދާން ހިތަށް އަރާފައިވެސް ޚިޔާލުބަދަލުވެގެން އޭނާގެ ކޮޓަރިއަށް މިސްރާބުޖެހިއެވެ. މިޝާއެދިޔަ ގޮތަށްގޮސް އޭނާގެ ކޮޓަރިއަށްވަދެ އެނދުމައްޗަށް ބަންޑުން ވެއްޓިގަތެވެ. ޝިފާންގެ އެލާނެތް ހަރަކާތުން މިޝާގެ ހިތުގެ ވިންދުއަވަސް ކުރުވައިފިއެވެ. ޝިފާންގެ ތުންފަތުގެ ބީހިލުން ހަނދާންވެ އަތްފައިވެސް ފިނިވެއްޖެއެވެ. އެކަނިއިނދެވެސް ލަދުންގޮސް ބޭއިޚުތިރާރުގައި ދެއަތުންމޫނު ފޮރުވާލެވުނެވެ. ހިތުގައި ފޮނިފޮނި ރާގެއް ކުޅެވުނު ކަހަލައެވެ. މިއީ ފިރިހެނެއްގެ ބީހިލުމުން މިފަދަ ފޮނި އިހުސާސެއް އޭނާއަށް ކުރެވުނު ފުރަތަމަ ފަހަރެވެ.

" މޮޔަ ފިރިހެނާ....ކިރިޔާއޭ ނޭވާހުއްޓިގެން މަރުނުވީ....އެނޫންގޮތަކަށް ލޯބިވާކަންވެސް ހާމަކުރަން ނޭނގުނީތަ؟....ކައިކައި އިންދާވިއްޔަ ކިސްކުރަންވެސް އެނގުނީ....އެއަށްވުރެ ރޮމޭންޓިކް ގޮތެއްވެސް ނުވިސްނުނީ ކަންނޭނގެ....ހެހެހެ" މިޝާ އެކަނިއޮވެގެން ހެމުންދިޔައެވެ. އޭނާއެކީ އެއްފަދައިން ޝިފާންވެސް އޭނާދެކެ ލޯބިވާކަން އެނގުމުން އާދަޔާ ޚިލާފު އުފާވެރިކަމެއް ހިތަށްވެރިވިއެވެ.

"އަނެއްކާ މިއީ ހުވަފެނެއްތަ؟....ނޫނީ"ހިތަށްލިބުނު ފޮނިކަމާއެކު ހިތުގައި ޝައްކުގެ އޮއެވަރެއްވެސް ހިނގާލިއެވެ. ޝިފާން އޭނާދެކެ ހަޤީޤަތުގައިވެސް ލޯބިވެދާނެ ހެއްޔެވެ؟ ލޯބިވާނަމަ ދުލުން އިޤުރާރު ނުވީ ކީއްވެ ހެއްޔެވެ؟ ދުލުން ކަމަކަށް އިޤުރާރުވުމަކީ އިތުބާރުކުރަން ލިބޭކިހާބޮޑު ޔަޤީންކަމެއް ހެއްޔެވެ؟ ނޫންނަމަ ޔަޤީންކުރާނީ ކިހިނެއް ހެއްޔެވެ؟ ނޫނެކެވެ. އަހަރެންވެސް ހާދަމޮޔައެވެ. ކޮންމެކަމަކަށް ދުލުން އިޤުރާރުވުން ލާޒިމެއް ނޫނެވެ. މިޝާ އެތައްއިރެއްވާންދެން ޝިފާންގެ އެއަމަލާއިމެދު ވިސްނަމުން ދިޔައެވެ. އެންމެފަހުން އޭނާ ޔަޤީންކުރީ ޝިފާން އޭނާދެކެ ލޯބިވާކަމުގައެވެ. ޝިފާން އެގޮތަށް އެކަންތައްކުރީ އެލޯބި ހާމަކުރުމަށްޓަކައި ކަމުގައިވެސް އޭނާގެ ހިތްބުނެއެވެ. ނޫންނަމަ ހަމަހުރެފަ އެއްވެސްމީހަކު އެފަދަކަމެއް ކުރާނެ ހެއްޔެވެ؟ 

" އެކަމް ދެން ކިހިނެއްވާނީ؟...ކިހިނެއް އަހަރެން ޝިފާންގެ ކުރިމައްޗަށްދާނީ.....އަނެއްކާވެސް އޭނައެފަދަކަމެއް ކޮށްފިއްޔާ ކިހިނެއްހަދާނީ...." މިޝާކަންބޮޑުވިއެވެ. މުޅިދުވަހު ޝިފާންއާ ފިލައިގެންވެސް އުޅޭނީ ކިހިނެއް ހެއްޔެވެ؟ ނަމަވެސް ދެވަނަފަހަރަށް ޝިފާންއާ ކުރިމަތިލާނެ ހިތްވަރެއްވެސް އޭނާގެ ނެތެވެ.
******

ކޮލަމްބޯގެ ސެންޓްރަލް ހޮސްޕިޓަލްގައި އާސިމް ދެކޮޅަށް ހިނގާލަ ހިނގާލާހުރިއިރު އޭނާގެ ހިތްވަނީ އަވަސްވެފައެވެ. އޭނާގެ ބައްޕަ އައިސީޔޫގައި އޮންނަތާ މިހާރު ދެހަފްތާވީއެވެ. ބައްޕަގެ ހާލު ދުވަހެއްދުވަހަކަށް ދަނީ ދަށަށެވެ. މިހާރު ޑަކްޓަރުންގެ އެއްވެސް އުއްމީދެއްނެތެވެ. ގޮހޮރުގެ ކެންސަރަށް ބޭސްކުރަމުން އަންނަތާ އަހަރަކަށްވުރެ ގިނަދުވަސްވީއިރު އެކަން އެނގެނީ ހަމައެކަނި އާސިމްއަށެވެ. ޚުދު އޭނާގެ ބައްޕައަށްވެސް ބައްޕަގެ ބަލިއޭނާވަނީ އޮޅުވާލާފައެވެ. މީގެ އެއްއަހަރުކުރިން ލަންކާއަށް އައިސް ހެދިޓެސްޓަކުން އެކަން އެނގުނުފަހުން މެދުކެނޑުމެއްނެތި ބޭސްކުރެވެމުންދިޔައެވެ. ބަލި ރަނގަލުވާނެކަމުގައި ޑަކްޓަރުން ބުނަމުންވެސް ދިޔައެވެ. އެމީހުންގެ އިރުޝާދުގެ ދަށުން ދުވަސް ދުވަހުން ޓެސްޓަތައްކުރެވި ބަލީގެ ހާލަތުބަލަމުންދިޔައެވެ. ނަމަވެސް މިހުރިހާ ދުވަހު ކުރިބޭހުން ވީފައިދާއެއް ނެތެވެ. 

" ދެން އެކުދިން މިކޮޅަށް ގެންނަންވީނު؟..." އާސިމްގެ ނުތަނަވަސްކަންފެނި މީޒާވެސްހުރީ ކަންބޮޑުވެފައެވެ. "މަވެސް މިވިސްނަނީ ތިކަމާ...އެކަމަކު ހަމަކުއްލިއަކަށް ބައްޕަގެ މިފަދަ ޚަބަރެއްލިބުމުން އެކުދިން ހާދަދެރަވާނޭ....އެކުދިންގާތު މިވާހަކަ ބުނާނެގޮތެއްވެސް ހިތަކަށް ނާދޭ....." އާސިމް ނިތްކުރީގައި އަތްހާލިއެވެ. މިވަގުތު އޭނާހުރީ އިންތިހާއަށް ދެރަވެފައެވެ. ބައްޕައެގޮތަށް އޮވެ، އޭނާގެ ދަރިންނަށް ނުފެނި ނިމިދާކަށް އޭނާބޭނުމެއް ނުވެއެވެ. މީޒާ އެކިގޮތްގޮތުން އާސިމްއަށް ހިތްވަރުދިނެވެ. އާސިމްދެކެ ކިތަންމެ ފޫހިވީނަމަވެސް މިވަގުތު އޭނާގެ ހިތުގައި އާސިމްއަށްޓަކައި ހަމްދަރުދީ އުފެދުނެވެ. މީޒާގެ ލަފާއާއެކި އެންމެފަހުން އާސިމް ނިންމީ ޝިފާންއާއި ޝީބާ ލަންކާއަށް ގެނައުމަށެވެ. 
*****

މެންދުރުފަހުގެ ވަގުތެވެ. ނަވީންގެ ހާލުބަލާލަން ޝީބާއާއެކު ޝިފާން އެގެއަށް ދިޔައެވެ. އެއީ ޝީބާ ފުރަތަމަ ފަހަރަށް ނަވީންގެ ގެޔަށް ދިޔަފަހަރެވެ. ނަވީންއާއި ޝިފާންއަކީ ކިތަންމެ ގާތްދެރަހުމަތްތެރީން ކަމުގައިވިޔަސް ޝިފާން އެގެއަށް އައިސްއުޅެނީ ކޮންމެހެން އަންނަން ޖެހޭފަދަ ހާލަތެއް މެދުވެރިވުމުންނެވެ. ނަވީންގެ ބައްޕަ ޝިފާންއާ ވާހަކަދައްކާ ސަމާސާކޮށްހެދި ނަމަވެސް ނަވީންގެ މަންމަގެ ހުންނަ ދުރުކަމަކުން ޝިފާން ޖެހިލުންވެއެވެ. ޝީބާއާމެދުވެސް ނަވީންގެ މަންމަ ކަންތައްކުރީ ހަމައެފަދަ ގޮތަކަށެވެ. އެހެންކަމުން ޝީބާއަށް ގިނައިރު ހުންނާކަށްވެސް ނުކެރުނެވެ. ކުޑަވަގުތު ކޮޅަކު ނަވީންއާ ވާހަކަދައްކާލަން އިނުމަށްފަހު ދެކުދިން އެގެއިން ނުކުތެވެ.

" ނަވީގެ މޮމް ވަރަށް ތަފާތުދޯ.....ހީވަނީ ވަރަށް ބޮޑާމީހެއްހެން" ގެޔަށް އަންނަން ސައިކަލަށްއަރާފައި ޝީބާބުނެލިއެވެ. 
" ނޭނގެ...ވެދާނެއެއްނު މާ މަޑުންހުންނަ މީހަކީކަމަށް....ދޮންބެ އެގެއަށް ގޮސްއުޅޭއިރުވެސް އެއްވެސް ވަރަކަށް ވާހަކައެއް ނުދައްކާނެ....ކޮންމެހެން ބުނަންޖެހޭ އެއްޗެއް ބުނާނީ....." ޝިފާން އޮޅުންފިލުވައިދިނެވެ. ގެކައިރިއަށް ސައިކަލު މަޑުކޮށްލުމާއެކު ޝިފާންގެ ފޯނުރިންގްވިއެވެ.
" ބައްޕަ އެގުޅަނީ..." ފޯނަށް ބަލާލަމުން ޝިފާންބުންޏެވެ. އެވަގުތު ޝީބާގެ މޫނު އުޖާލާވެގެން ދިޔައެވެ. އޭނާހުރީ ބައްޕަ ގުޅާނެއިރެއްގެ އިންތިޒާރުގައެވެ. ނަމަވެސް ޝިފާން ވާހަކަދައްކަން ފެށުމާއެކު ޝީބާއަށް ބަލާލާފައި ހަލުވިކަމާއެކު ގޮސް އޭނާގެ ކޮޓަރިއަށްވަދެ ދޮރުތަޅުލިއެވެ. ޝީބާ ހައިރާންވެފައި އިރުކޮޅަކު ބަލަން ހުއްޓެވެ. ދެފަހަރަކު ޝިފާންގެ ކޮޓަރިދޮރުގައި ޖެހުމުންވެސް ޚަބަރެއް ނުވިއެވެ. އިރުކޮޅަކު ޝިފާންގެ ކޮޓަރިދޮރުކައިރީ ހުރުމަށްފަހު ޝީބާވެސް އޭނާގެ ކޮޓަރިއަށްދިޔައެވެ. އާސިމް ވަރަށް ހިތްވަރުކޮށްފައި ޝިފާންއަށް އޭނާގެ ކާފައޮތް ހާލަތު ކިޔައިދިނެވެ. އަދި ރައްޓެއްސަކު މެދުވެރިކޮށް ދެކުދިންވެސް ލަންކާއަށް އައުމުގެ ކަންތައްތައް ހަމަޖެހިފައިވާ ވާހަކަ ބުންޏެވެ. އެވާހަކަތައް އަޑުއިވުމުން ޝިފާން ވަރަށްދެރަވިއެވެ.

" އިރާދަކުރެއްވިއްޔާ ކާފަ ރަނގަޅުވާނެ.....އަހަރެމެން މިރޭތައްޔާރުވާނަން....އެކަމަކު އަހަރެން ޝީބާގޮވައިގެން ދިޔައީމަ، މިޝާ ކިހިނެއްހަދަނީ؟..." އެވަގުތުވެސް މިޝާއާމެދު ކަންބޮޑުވީވަރުން ބޭއިޚުތިޔާރުގައި ޝިފާންއަށް އަހާލެވުނެވެ. އާސިމްވެސް ހައިރާންވެގެން ދޭނެ ޖަވާބެއްނޭނގިފައި އިރުކޮޅަކު ހުރެވުނެވެ. މިނޫނީ ދުވަހަކުވެސް ޝިފާން މިޝާއާމެދު ކަންބޮޑުވުން ފާޅެއްނުކުރެއެވެ. މިޝާގެ އެއްވެސް ކަމަކާ ޝިފާން އެގޮތަށް ވިސްނާނެކަމަކަށްވެސް އާސިމްއަށް ގަބޫލެއްވެސް ނުކުރެވުނެވެ. 
" އޭނާއެއް ނުގެނެވޭނެއްނު...ޕާސްޕޯޓްވެސް ޖެހޭނީ ހައްދަން....އެހުރިހާކަމެއްކުރާކަށް ވަގުތެއްނެތް.....މިރޭ ބައްޕަގެ ރައްޓެހި އާރިފްދާނެ ގެޔަށް....އެހެންވީމަ ދަރިފުޅުމެން ދެކުދިން ދަތުރަށް ތައްޔާރުވާންވީ...." އާސިމް ކަންތައްކުރަންވީ ގޮތް ވަރަށް ތަފްސީލްކޮށް ޝިފާންއަށް ކިޔައިދިނެވެ. ޝީބާ ދެރަވެދާނެތީ ލަންކާއަށް ދާސަބަބު އަދި ނުބުނުމަށްވެސް އާސިމް އެދުނެވެ. ބައްޕަގެ ފޯން ނިންމާލިއިރު ޝިފާންގެ ހިތްވަނީ ނުތަނަވަސްވެފައެވެ. ނުވިސްނަން އުޅުނުނަމަވެސް އޭނާއަށް ކާފަގެ ހާލަތާމެދު ވިސްނައި ލޮލުން ކަރުނަ އަތުވެއްޖެއެވެ. ދެންމެއަކާ ޖެހެންދެން އޭނަގެ މޫނުގައިހުރި އުފާވެރިކަން ގެއްލިގެން ހިނގައްޖެއެވެ. ކުރިންވެސް ކާފަބަލިވެ އުޅޭކަން އޭނާއަށް އެނގެއެވެ. ނަމަވެސް ކާފައަށް ކެންސަރު ޖެހިފައިހުރިކަމާއި ކާފަގެ ހާލަތު އެހާ ސީރިއަސްކަން އެނގުނީ މިއަދުއެވެ. މިހުރިހާ ދުވަސްވީއިރު ބައްޕައެހުރީ އެކަން ސިއްރުކޮށްގެންނެވެ. ކާފަދެން ދުވަހަކުވެސް ރަނގަޅު ނުވާނީ ހެއްޔެވެ؟ ނޫނެކެވެ. އަދި ކާފަ ރަނގަޅުވާނެއެވެ. ކެންސަރުޖެހޭ ކިތަންމެ ބަޔަކުވެސް ރަނގަޅުވެފައި އެބަހުއްޓެވެ. ޝިފާން ވިސްނަން އޮއްވައި އަސުރުނަމާދުގެ ބަންގީގެ އަޑުއިވުމުން ތެދުވެ ވުޟޫކޮށްގެން މިސްކިތަށް ދިޔައެވެ. ނަމާދުކޮށްގެން އެތައްއިރެއްވާންދެން މިސްކިތުގައި ދުޢާކުރަން އިނެވެ. 

އަސުރުނަމާދަށްފަހު މިޝާ ސިއްރުސިއްރުން ތިރިޔަށް ފޭބީ ހަވީރުސައިބޯނެ އެއްޗެއް ތައްޔާރުކޮށްލުމަށެވެ. ގޭތެރެއިން މީހެއްގެ ހިލަންވެސް ނުވެއެވެ. ޝިފާން ފެނިދާނެތީ އޭނާހުރީ ނުހަނުޖެހިލުންވެފައެވެ. މިޝާ ސޭންޑްވިޗް ހަދައިގެން ސައިބޯން އިންދައި ސިފާން އައިސް ކާކޮޓަރިއަށް ވަނުމާއެކީ ސިހިފައި އޭނާ އިންގޮނޑިން ފުންމައިގެން ތެދުވެވުނެވެ. މިޝާއަށްވީގޮތްފެނި ޝިފާންއަށް ކުޑަކޮށް ހެވުނެވެ. ނަމަވެސް އިސާހިތަކު އެހިނިތުންވުމުގެ އަސަރުފިލާގޮސް ހިމޭންކަން ވެރިވިއެވެ. ޝިފާން މަޑުމަޑުން މޭޒުކައިރީ އިށީނުމުން މިޝާ ސައިތައްޔާރުކޮށްދިނެވެ. ދެމީހުންކުރެ އެކަކުވެސް ވާހަކަ ނުދައްކާތިބެ ސައިބޮމުން ދިޔައެވެ. މިޝާ އިރުއިރުކޮޅުން ސިއްރުސިއްރުން ޝިފާންގެ މޫނަށްބަލާލައެވެ. ޝިފާން ހެނދުނުކުރިކަންތައް ހަނދާންވުމާއެކީ އޭނާގެ ގައިން ހީބިހިނަގއިގެން ދިޔައެވެ. އަނެއްކާވެސް އެފަދަލާނެއް ކަމެއް ކޮށްފާނެތީ އޭނާއިނީ ސިހިސިހިއެވެ. ޝިފާން ކުރިމަތީ އިނުމުން އޭނާއަށް ކާންވެސް އުނދަގޫވެގެން ކިތަންމެ ފަހަރަކު ތުންފަތްވެސް ހެފިއްޖެއެވެ. ނަމަވެސް މިޝާއަށް ވަމުންދާގޮތުގެ އެއްވެސް ޚަބަރެއް އޭނާއަކަށް ނުވެއެވެ.އޭނާއިނީފުންވިސްނުމަކަށްގެއްލިފައެވެ. ސައިބޮއެ ނިމޭންދެންވެސް ޝިފާން އިނީ އެގޮތަށެވެ. ކަމެއް ނުކުރިތާނގައި ކުޑަމިނުން ބަހެއްވެސް ނުބުންޏެވެ. ޝިފާންގެ އެދުރުކަމުން މިޝާގެ ހިތުގައިޖެހުނެވެ.

ހެނދުނު ކުއްލިއަކަށް އެހާ އިޝްޤީވެގެން އުޅެފަ މިހާރު ފެންނަކަމަށްވެސް ހަދާނުލާ އެހުރީ ކީއްވެބާއޭ މިޝާގެ ހިތަށްއެރިއެވެ. ކުއްލިއަކަށް ޝިފާން އެގޮތަށް ހެދުމުން މިޝާއަށް ބޭއިޚުތިޔާރުގައި ގޯސްގޮތަކަށް ވިސްނުނެވެ. ޝިފާން ހެނދުނުގަޑީގައި ކޮށްލީ ސަމާސާއެއްކަމުގައި ހީކުރެވުނެވެ. މިޝާ ކޮޓަރިއަށް އައިގޮތަށް އައިސް އެނދުމައްޗަށް ވެއްޓިގެންފައި ރޯންފެށިއެވެ. އެގޮތަށް ރޯން އޮއްވައި އޭނާއަށް ނިދުނީއެވެ.

ރޭގަނޑުގެ ކާގަޑިޖެހިގެން ދިޔައިރުވެސް ކާކަށް ނުހަދައެވެ. މިޝާގެ ޚަބަރެއް ނުވުމުން ޝިފާން ޓެރަހަށް އެރިއިރު މިޝާގެ ކޮޓަރިން އެއްވެސް އަލިކަމެއް ނުފެނެއެވެ. ޝިފާން ހީކުރީ މިޝާ އަނެއްކާވެސް އޭނާގެ ދޮންތައާ ބައްދަލުކުރަން ދިޔައީ ކަމަށެވެ. އެހެންކަމުން އޭނާ ތިރިއަށް ގޮސް ޝީބާއަށް ގޮވިއެވެ. ޝީބާ އާފުރެމުން އައިސް ދޮރުހުޅުވާލިއެވެ.

" ނުވެސްކައި ނިދަނީތަ؟..." ޝީބާ ފެނުމާއެކު ޝިފާން އަހާލިއެވެ. 
" ހަވީރު ނިދުނުގޮތަށް މިހޭލެވުނީ.....ދޮންބެ ނުކަނީތަ އަދިވެސް.....މިޝާ ކާންނުހަދަނީދޯ؟" ނުރުހިފައި ޝީބާ އަހާލިއެވެ.
" ނޫނޭ....މިރޭބޭރުންކާނީ....ފެންވަރައިގެން ތައްޔާރުވޭ!" ޝިފާން އޮޅުވާލިއެވެ. ޝީބާ ހިނިތުންވެލާފައި އެނބުރިކޮޓަރިއަށް ވަނެވެ. ޝީބާ ގޮވައިގެން ޝިފާން ދިޔައީ އާޓިފިޝަލް ބީޗްގައި ހުންނަ ޑައިނަމޯއަށެވެ. ބޭރަށް ކާންދެވުމުން ޝީބާހުރީ ވަރަށް ހިތްހަމަޖެހިފައެވެ. ނަމަވެސް ޝިފާންގެ ސިކުނޑީގައި ޚިޔާލުތައް ފުނިޖެހެމުންދެއެވެ. ޝީބާގާތު ލަންކާއަށް ދާވާހަކަ ބުނާނެގޮތަކާމެދު ވިސްނަމުން ދިޔައެވެ. ކައިނިމުމުން ސައިކަލުގައި ޝީބާގޮވައިގެން ބުރެއްޖަހާލަން ދިޔައެވެ. ޝީބާ ހިތްހަމަޖެހޭ ވަރުވުމުން ޝިފާން ޝީބާގޮވައިގެން ގޮސް ސުނާމީ ބިނާއާދިމާލުގައި މަޑުކޮށްލިއެވެ. ދުރުދުރުން ވާހަކަ ފަށައިގެން ގޮސް ލަންކާއަށް ދާން ޝީބާ ބޭނުންތޯ އަހާލިއެވެ. ޝީބާހުރީ މާބޮޑަށް ލަންކާއަށްދާން ބޭނުންވެފައެއް ނޫނެވެ. މިވަގުތު މާލޭގައި ހުރިއްޔާ އޭނާއަށް ލިބޭ ހިތްހަމަޖެހުން ބޮޑުވާނެކަން އެނގޭތީއެވެ. މިނިވަންކަމާއެކު ނަވީންއާ ބައްދަލު ކުރެވެއެވެ. ދަންވާންދެން އެކުވެރިންނާއެކު މަޖާކުރެވެއެވެ. 

" ކިހިނެއްވީ ހަމަކުއްލިއަކަށް ލަންކާއަށް ދާނަންތޯ ތިއެހީ؟..." ޝީބާ ސުވާލުކޮށްލިއެވެ. 
" ނިއުއިޔަރ ޕާޓީއަށް ޝޮޕިންކޮށްލަން ރަނގަޅެއްނު....ޝިބް ބޭނުންނޫނިއްޔާ ރެޕަންޒަލް ގޮވައިގެން ދޮންބެ ހިނގައިދާނަން.." ގަސްތުގައި ޝީބަ ރުޅިއަރުވާލަން ޝިފާން ބުންޏެވެ. ޝީބާ ވަގުތުން ދެބުމަގޮށްޖަހާލިއެވެ.
" ހޫމް....އެނގެޔޭ މިހާރު އެއަންހެނާއާނުލާ ދޮންބެއަށް އެއްވެސް ކަމެއްނުވާކަން....ދެން އޭނާގޮވައިގެން ދާންވީނު!....ޝިބްއަށް ހީވަނީ ދޮންބެ މިހާރު ތިކުޅޭ ޑުރާމާ ވިހައަކަށް ނުވަނީސް ހުއްޓަން ވެއްޖެހެން....." ޝީބާ ސީރިއަސްވެލާފައި ބުންޏެވެ.
" ޑްރާމާއޭ....ދޮންބެ ޑްރާމާއެއް ކުޅެންތަ އެބަ؟...." ހީލާފައި ޝިފާން އަހާލިއެވެ.
" އާނ...މަށަށް އެނގޭ ކީއްވެގެންކަން މިހާރަކަށް އައިސް މާބޮޑަށް މިޝާއަށް ތިހެޔޮ އެދެނީ....އެއްރޭ ރަޔާންމެންނާ ބެޓްކުރާއަޑު މައެހީން.....ރެޕަންޒަލް ދޮންބެއަށް ފޯލްކޮށްލަން އެއްވެސް ކަމެއްނޫނޭ ކިޔާފަ....އެހެންވެ އެކަން ސާބިތުކުރާކަށްނު ތިއުޅެނީ.....އެކަމް އެމޮޔަގަނޑު މިހާރުވެސް ހީކޮށްގެން އެއުޅެނީ ދޮންބެ އޭނައާ ހިތާވެގެން އުޅޭކަމަށް..ހެހެހެ" މިޝާއަށް މަލާމާތްކޮށްފައި ޝީބާހޭން ފެށިއެވެ. ޝީބާއަށް ނޭނގެނީ ހަޤީޤަތުގައިވެސް އޭނަގެ ދޮންބެ މިޝާއާ ހިތާވެފައި ހުރިކަމެވެ. ޝީބާދެއްކި ވާހަކަތަކަށް ޖަވާބެއްނުދީ ޝިފާން ހަމައެކަނި ހިނިތުން ވުމަކުން ފުއްދާލިއެވެ. އެކިއެކި ވާހަކަ ދައްކައިގެން ޝީބާ ލަންކާއަށް ދާން އެއްބަސްވިއެވެ. އެހެންކަމުން ޝިފާންގެ ހިތަށް ކުޑަވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. 

މިޝާއަށް ހޭލެވުނީ ހަމަކުއްލިއަކަށެވެ. ދެލޯތަންމިނެއް ހުޅުވުމުންވެސް ތަނެއް ނުފެނުނެވެ. މިއޮވެވުނުތަނެއްވެސް އޭނާއަށް އެނގުނީ އިރުކޮޅެއް ފަހުންނެވެ. މިޝާ ބޮކިދިއްލުމަށްޓަކައި ސުވިޗްބޯޑްކައިރިއަށް ދަނިކޮށް ކުއްލިއަކަށް ކޮޓަރީގެ ދޮރުހުޅުވުނެވެ. މިޝާއަށް ވަގުތުން ހުއްޓެވުނެވެ. ނޭވާހިފައްޓާލައިގެން ހުއްޓައި އެމީހަކު ކޮޓަރިއަށް ވަދެއްޖެއެވެ. އެއީ ޝިފާންކަމުގައި ހީވިނަމަވެސް އެހެންމީހަކަށް ވެދާނެތީވެސް އޭނާބިރުގަތެވެ. އެމީހަކު ބޮކި ދިއްލާކަށްވެސް ނޫޅުނެވެ. ދޮރުލައްޕާލުމަށްފަހު މިޝާއާ ގާތަށް އަންނައަޑު އިވުނެވެ. މިޝާގެ ހިތްއަވަސްވިއެވެ. ބިރުވެރިކަން އިތުރުވިއެވެ. އެމީހަކު ވާހަކަނުދެއްކީ ކީއްވެގެން ހެއްޔެވެ؟ އަނެއްކާ ނާއިޒް ހެއްޔެވެ؟ ބިރުންގޮސް މޭގެތެރޭގައި ނޭވާތާށިވާން އުޅުނުހެން މިޝާއަށް ހީވިއެވެ. ބޮކިދިއްލަން ބޭނުންވިނަމަވެސް އެންމެފިޔަވަޅެއްވެސް ކުރިޔަށް އަޅަން ނުކެރިފައި އޭނާހުއްޓެވެ. ހުރިފިޔަވަޅުމަތީގައި ގުޑާލަންވެސް ނުކެރިފައިހުއްޓައި އެމީހަކު އައިގޮތަށް އައިސް އޭނާގެ ގައިގާ ލައިގަތެވެ. އެވަގުތު މިޝާއަށް ބާރަކަށް ހަޅޭއްލަވައިގަނެވުނެވެ. ޝިފާންވެސް ސިހިފައި ފާޑަކަށް ހަޅޭއްލަވައިގަތެވެ.

" ޝިފާން" "މިޝާ" ދެމީހުނަށްމެ އެކުއެކީގައި ބުނެވުނެވެ. 
"ކީއްކުރަނީތަ އަނދިރީގަ؟ " މިޝާ ބޮކިނުދިއްލާ ހުރުމުން ޝިފާން އަހާލިއެވެ. " ޝިފާން ބޮކި ނުދިއްލާ ތިއައީކީއްވެ؟" މިޝާވެސް އަހާލިއެވެ. ދޭނެ ޖަވާބެއް ނޭނގުމުން ޝިފާން ހިމޭންވިއެވެ. އޭނާ އެކޮޓަރިއަށްވަނީ މިޝާއުޅޭ ކަމަކަށް ނޫނެވެ. މިޝާ އަންނަންދެން އެކޮޓަރީގައި އޮވެލަން އޭނާ ބޭނުންވީއެވެ. ބޮލުގައި ރިއްސާތީ ބޮކިވެސް ދިއްލަން އޭނާބޭނުންނުވީއެވެ. މިޝާ މަޑުމަޑުން ގޮސް ބޮކިދިއްލާލިއެވެ. ޝިފާން އެހުރިގޮތަށް ހުރީއެވެ. މިޝާގާތުގައި އޭނަ ލަންކާއަށްދާން އުޅޭ ވާހަކަ ބުނަން ބޭނުމެވެ. ނަމަވެސް މިޝާ އެކަނި ބަހައްޓާފައިދާން އޭނާގެ ހިތެއް ނުރުހެއެވެ. 

" އަހަރެން މިރޭ މިކޮޓަރީގަ މަޑުކޮށްލިއަސް އޯކޭތަ؟" މިޝާއަށް ބަލާލަމުން ޝިފާން އަހާލިއެވެ. މިޝާއަށް ޝިފާން އެބުނި އެއްޗެއްގެ ދޭހައެއްނުވިއެވެ. ހައިރާންވެފައި ޝިފާންގެ މޫނަށް ބަލަންހުރީއެވެ.
"އެކަމް ރެޕަންޒަލް ބޭނުމިއްޔާ..." ޝިފާން އިރުތުކޮށްލިއެވެ. " އެކަމް ޝިފާން މިކޮޓަރީގަ...ކިހިނެއް؟" މިޝާއަކަށް ބުނާނެ އެއްޗެއް ނޭނގުނެވެ. " އޯކޭ ދެން ތިހާ ބިރުގަންނަންޏާ އަހަރެން ހިނގައިދާނަން..." ޝިފާން ދޮރާދިމާއަށް ހިނގައިގަތެވެ. 
" ނޫން...އޯކޭ..އައިމީން...އޯކޭ މަޑުކުރިއަސް...އެކަމް ކިހިނެއް ނިދާނީ؟" ޖެހިލުންވެފައި މިޝާއަހާލިއެވެ. " ކާކުބުނީ އަހަރެން ނިދަން އަންނަވާހަކަ؟....މިރޭނިދާކަށް އަހަރެން ބޭނުމެއްނޫން...ބޭނުމީ....." މިޝާގެ މޫނަށް ބަލާލަމުން ޝިފާން ޖުމްލަމެދުކަނޑާލިއެވެ.

ކޮމެންޓް 0