ޝިފާން ނާސްތާ ހަދައިގެން ގެނެސްހުރިތަން ފެނުމުން މިޝާ ހައިރާންވިއެވެ. ޝިފާން އޭނާއަށް ނާސްތާހެދީހެއްޔެވެ؟ މިޝާއަކަށް ގަބޫލެއްވެސް ނުކުރެވުނެވެ. ދުނިޔެ އަނެއްއަތަށް އެނބުރެންފެށީ ހެއްޔެވެ؟

"އިޓްސް މައި ފަސްޓް ޓައިމް.... އެހެންވީމަ މީރުނުވެދާނެ... އެކަމު އެހާގޯސްވާނެ ހެނެއްވެސް ހިއެއްނުވޭ.... ރަހަބަލާލަބަލަ!" މިޝާ ކާއެއްޗެއްސަން ބަލަން އިންގޮތުން ޝިފާން ކުޑަކޮށް ރަކިވެފައި ބުންޏެވެ. ޝިފާންގެ އަޑުގައިވި ގާތްކަމުންވެސް މިޝާގެ ހިތްބިރުގަންނަ ގޮތްވިއެވެ. ދުވަހަކުވެސް ޝިފާންގެ ފަރާތުން މިފަދަ ގާތްކަމެއް އޭނާއަށް ލިބިފައެއް ނުވެއެވެ. މީގެކުރިންވެސް ކިތައްފަހަރު އޭނާ ބަލިވިހެއްޔެވެ؟ ބަލިހާލުގައި އެކަނިމާއެކަނި އެގުދަނެއްފަދަ ކޮޓަރީގައި ނުނިދިފަ ކިތައްރޭ ހޭދަކުރި ހެއްޔެވެ؟ އޭނާގެ ހާލުބަލާލާނެ މީހަކު ނުވިއެވެ. ކުޑަމިނުން މަންމައަށްވެސް އޭނާބަލިކަން އެނގެނީ ނުތެދުވެވޭވަރުވުމުންނެވެ. މިހާރުހަމަ ކުއްލިއަކަށް ޝިފާން މިހާހިތްތިރިމީހަކަށް ވާންޖެހުނު ސަބަބެއްވެސް އޭނާއަކަށް ނޭނގުނެވެ. ގޭގައި މިވަގުތު މިޝާއާއި ޝިފާން ނޫން އިތުރުމީހަކު ނެތްކަން ހަނދާންވުމުން މިޝާބިރުގަންނަ ގޮތްވިއެވެ. މިޝާއަށް ހެޔޮއެދިގެން އުޅެފައި ކޮންމެފަދަ ގޯސްކަމެއްވެސް ކޮށްފާނެއޭ ހިތަށް އެރުމުން އިންތަނުން ފުންމައިގެން ތެދުވެވުނެވެ.

" ކިހިނެއްވީ؟.... ހަމައެހާނުބައިތަ ބުރޭކްފާސްޓް..... ބޭރުން އޯޑަރކޮށްގެން ގެންނަންތަ؟.." މިޝާއަށްވީ ގޮތްފެނި ކަންބޮޑުވެގެން ޝިފާން އަހާލިއެވެ. " ނޫން.... ބުރޭކްފާސްޓް އޯކޭ.... އެކަމް އަހަރެން ބޭނުމީ ކޮޓަރިއަށްދާން...." މިޝާ ޖެހިލުންވެހުރެ ބުންޏެވެ. "އެކީއްވެ ކޮޓަރިއަށްދާން ތިއުޅެނީ..... މިކޮޓަރި ކަމުނުދަނީތަ؟.... މިކޮޓަރީގަ އަންކޮމްފޮރޓެބަލް ވަނީތަ؟... އުމް..ބުނެބަލަ!" ޝިފާން ވަރަށް އޯގާތެރިކަމާއެކު އަހާލިއެވެ. " ނޭނގެ....އަހަރެންގެ ކޮޓަރިހަމަ ރަނގަޅީ..." މިޝާއަށް އަސްލު ސަބަބު ބުނާކަށް ނުކެރުނެވެ. "ނޫން...ނުދެވޭނެ...އިށީނދޭ!....ތިއުޅެނީ މިހާރު ކުޑަކުދިން އުޅޭހެން.....އަހަރެންނަކަށް ނޭނގޭނެ ކުޑަކުދިން ހެންޑެލްކުރާކަށް..... އެހެންވީމަ ބުނާގޮތަށް ހަދައިގެން ރެސްޓްކުރޭ!.....ބަލިއެއްކޮށް ރަނގަޅުވީމަ ކޮޓަރިއަށް ދެވޭނީ...އޯކޭ!" ޝިފާން އޭނާގެ ހަރުކަށިގޮތްގަނޑު ދައްކާލުމުން މިޝާއަށް އިތުރަށް އެންމެ ބަހެއްވެސް ނުބުނެވުނެވެ. 

ހަވީރުގެ ވަގުތެވެ. ޝިފާންއަށް ހޭލެވުނީ އަތްއައްސިވެގެންނެވެ. ބޯދަށަށްލެވިފައިވާ އަތްނެގުމަށްފަހު ގޮތްގޮތަށް ހަރަކާތްކޮށްލަމުން ޝިފާން ތެދުވިއެވެ. މިޝާކޮބައިތޯ ބަލާލިއިރު އޮތީ ނިދިފައެވެ. މެންދުރު ބޭސްކައިގެން ނިދުނުގޮތަށް އަދިވެސް ނުހޭލެވެނީ ކަންނޭނގެއެވެ. ޝިފާން ތުވާލިހިފައިގެން ފެންވަރަށް ވަނެވެ. މިޝާއަށް ހޭލެވުނީ ފިނިބޮޑުވެގެންނެވެ. ކުޑަކޮށް ބޯހިއްލާލަމުން ޝިފާންކޮބާތީ ބަލާލިއިރު ހުރީ ލޯގަނޑު ކުރިމަތީގައި ގައިގާ ލޯޝަންލާށެވެ. ލޯޝަނުގެ މީރުވަސް ކޮޓަރިތެރޭގައި ހިފާލާފައި ހުއްޓެވެ. މިޝާ ސިއްރުސިއްރުން ޝިފާންއަށް ބަލާލިއެވެ. ޝިފާންގެ ހާމައަށްހުރި ފިރިހެންވަންތަ ހަށިގަނޑު ފެނުމުން މިޝާގެ ގައިން ހީބިނަގައިގެން ދިޔައެވެ. ތުބުން ފުމެލަފުމެލާ ލޯގަނޑުކުރިމަތީގައި ހުރެގެން ޝިފާން ޖެއްސިކޮންމެ ވައްތަރެއް މިޝާ ބަލަމުންދިޔައެވެ. އެހަށިގަނޑުގައި ބީހިލަން މިޝާގެ ހިތްއެދެމުންދިޔައެވެ. މިޝާ ބަލަން އޮއްވައި ޝިފާން އޭނާގެ އުނުގައި އޮތްތުވާލި މޮހާލުމަށްފަހު ކައިރީގައިހުރި ހެދުންހަރުގައި އެޅުވިއެވެ. އެވަގުތު މިޝާ އަވަސް އަވަހަށް ލޯމަރާލިއެވެ. އަނެއްކާވެސް ލޯހުޅުވާލުމަށްފަހު ހުސްބޮކްސާގައިހުރި ޝިފާންގެ ހަށިގަނޑަށް ހިތްފުރޭންދެން އޭނާބަލާލިއެވެ. ޝިފާން އަލަމާރިން ޖީންސްއެއް ނަގައިގެން ލިއެވެ. އަދި ޓީޝާޓްނަގާފައި ލާންދިމާކޮށްލިވަގުތު މިޝާ ހަރަކާތްކޮށްލިހެން އޭނާއަށްހީވިއެވެ.

" ހައި ރެޕަންޒަލް!...ތެދުވާކަށްނުވޭތަ؟...." ޓީޝާޓް ބޮލަށްމަހާލަމުން ޝިފާން މިޝާއަށް ގޮވާލިއެވެ. އެވަގުތު މިޝާގެ ހިތަށް ލޮޅުންއަރައިގެން ދިޔައެވެ. ހީވީ ވައްކަމެއްކުރަނިކޮށް މީހަކު އައިސް އޭނާއަތުލައިގަތްހެންނެވެ. ޝިފާންއަށް އޭނާހޭލާއޮތްކަން އެނގުނީ ކިހިނެއްހެއްޔެވެ؟ އޭނާ ސިއްރުން ޝިފާންއަށް ބެލިކަން އެނގުނީ ހެއްޔެވެ؟ މިޝާއަވަހަށް ބާލީހުން މޫނުފޮރުވައިގެން ނިދާކަމަށްހެދުނެވެ.

" ކަމޯން...ރެޕަންޒަލް....މަށަށް އެނގޭތިއޮތީ ހޭލާކަން...." މިޝާގެ ގާތަށްހުއްޓި އޭނާގެ އަތުގައި އޮތްބާލީސް ދަމައިގަންނަމުން ޝިފާން ބުންޏެވެ. މިޝާ ސިހިފައި ޝިފާންއަށް ބަލާލިއެވެ. " އެހެންވީމަ މިހުރިހާއިރުވެސް އޮތީހޭލާތަ؟..." ޝައްކުގެ ނަޒަރަކުން ބަލާލަމުން ޝިފާންއަހާލިއެވެ." ނޫން" މިޝާ އަވަސްއަވަހަށް ބޯހޫރާލިއެވެ. މިޝާގެ މޫނަށްއެރި ކުލަތަކުން މިޝާއޮތީ ހޭލާކަން ޝިފާން ދެނެގަތެވެ. " އެކަމު ހާދަހީވެޔޭ ތިހަދަނީ ދޮގުހެން.....ނޫނީ އެއީ މަށަށް ހީވާގޮތްތަ؟....މަށަށްއޯކޭ ހޭލާއޮތަސް.....އެކަމު ޕީކްކުރިކަން އެނގިއްޖެއްޔާ އެކަމުގެ ބަދަލުއޮންނާނެ" ޝިފާން މިޝާއަށް ޖެއްސުންކޮށްލިއެވެ. އަދި މިޝާއާދިމާއަށް ޝިފާން ގުދުވެލުމުން ސިހިފައި އޭނާ ފަހަތަށް ޖެހިލިއެވެ.

" ސިލީގާރލް!...އެހާއަވަހަށް ބިރުގަތީ.....އެހެންވީމަ ދެންވެސް ޕީކް ނުކުރާނީ....." ޝިފާން މިޝާގެ ފަންއިސްތަށިގަނޑު ހާވާލިއެވެ. އެވަގުތު މިޝާގެ ހިތަށް ބުނަންނޭނގޭފަދަ އުފަލެއް ލިބުނެވެ. " ކޯއްޗެއްތަ ހަވީރުގެ ސަޔަށް ގެންނަންވީ؟....މަމިހުރީ ވަރަށް ހައިވެފަ.....ރެޕަންޒަލްވެސް ސައިބޯންޖެހޭނެއްނު" ބަނޑުގައި އަތްކާއްތާލަމުން ޝިފާން ބުނެލިއެވެ. "ޝިފާންއަށް ކަމުދާއެއްޗެއް އޯކޭ" މިޝާވެސް ހަމަޖެހިލަމުން ޖަވާބުދިނެވެ. " އަހަރެންނަށް ކަމުދާހާ އެއްޗެއް ރެޕަންޒަލްއަށް ކަމުދާނެތަ؟....އުމް...ހަމަގައިމުވެސް ޕިއްޒާކަމުދާނެދޯ....އައި ތިންކް އެވްރީގާރލް ވިލް ލައިކްސް ޕިއްޒާ.." ޝިފާން ހިނިތުންވެލަމުން ބޭރަށް ނުކުތެވެ. ޝިފާން ދިއުމުން މިޝާ އެނދުމައްޗަށް ވެއްޓިގަތެވެ. ޝިފާންއަށް އޭނާބެލިކަން އެނގުމުން ލަދުގަތެވެ. ނަމަވެސް ޝިފާން ރުޅިނައީތީ އުފާވެސްވިއެވެ. އަނެއްކާ ޝިފާން އޭގެ ބަދަލު ނުހިފާނެބާއެވެ.
****

ހަފްތާއެއްވާންދެން މިޝާބަލިވެއުޅެފައި ރަނގަޅުވީއިރު ދެމީހުންގެ މެދުގައިވަނީ ގާތްކަމެއް އުފެދިފައެވެ. ދުލުންނުބުނި ނަމަވެސް ދެމީހުންނަށްވެސް ތިބީ އެކަކު އަނެކަކާ ނޭނގުމުގެ ތެރޭގައިވެސް ގަޔާވެވިފައެވެ. ޝިފާން މިޝާއަށް އަޅާލައި އޯގާތެރިކަން ދިނުމުން މިޝާގެ ހިތުގައި ޝިފާން އަށް ޖާގައެއް ދެވުނެވެ. އެއްކޮޓަރީގައި ހަފްތާއެއް ހޭދަކުރިއިރުވެސް ޝިފާން މިޝާއާމެދު ގޯސްއަމަލެއް ހިންގާކަށް ނޫޅެއެވެ. އެކަމުގެ ސަބަބުންވެސް މިޝާގެ ހިތުގައި ޝިފާން ޤަދަރެއް ދެވުނެވެ. މިޝާގެ ޚިދުމަތުގައި ޝިފާން ހޭލާއިން ވަގުތުތަކުގައި މިޝާއާމެދު ވިސްނާ ފިކުރުކުރެވުނެވެ. މިޝާގެ މައުސޫމު މޫނަށް ބަލަން އިނދެ ވަގުތުތައް ހޭދަކުރިއެވެ. އެހިތުގައި މިޝާއަށްޓަކައި އާވިންދެއް ޖަހަންފެށީ އޭނާއަށްވެސް އެނގުމަކާނުލައެވެ. ދެހިތުގައި އާރާގެއް ކުޅެވެމުންދާކަށް ޚުދު އެދެމީހުންނަށްވެސް ނުއެނގެއެވެ. އެނގޭހައިވެސް ކަމަކީ ބަދަލެއް އައިކަމެވެ. ނަވީންވެސް ކޮންމެދުވަހަކު އެތައްފަހަރަކު ޝިފާންއަށް ގުޅައިގެން މިޝާގެ ހާލުބެލިއެވެ. ޝިފާންގެ ފަރާތުން މިޝާއަށް އެހީތެރިކަން ލިބުނުކަން އެނގުމުން އޭނާ އުފާކުރިއެވެ. ޝިފާންއާއި މިޝާއާމެދުގައި ލޯބީގެ ގުޅުމެއް އުފެދުން އެއީ މިހާރު ނަވީން އެންމެ ބޭނުންވާ ކަންތަކެވެ. އޭރުން އެގެއިން މިޝާއަށް ލިބެމުންދާ ހިތާމަތައް ހުއްޓުމަކަށް އަތުވެދާނެއެވެ.

ހަފްތާއެއްގެ ދަތުރު ނިންމާފައި އައިއިރުވެސް އެދަތުރުން އެއްވެސް ކަހަލަ ހިތްހަމަޖެހުމެއް ނުލިބުނުމީހަކީ ރައިނާއެވެ. އޭނާ އެދަތުރުދިޔައީ ވަރަށްބޮޑު އުއްމީދަކާއެކުގައެވެ. ޝިފާންއާއި ގުޅުމެއް އުފައްދަން ހިތުގައި އަޒުމެއް ކަނޑައަޅައިގެންނެވެ. ނަމަވެސް އޭނާގެ އެއުއްމީދު ފެނަށްވެގެން ދިޔައީ ޚުދު އޭނާއަށް ކުރެވުނު ކަމަކުންނެވެ. މިޝާފެންގަނޑަށް ވައްޓާނުލެވުނު ނަމައޭ މިހާރު އޭނާގެ ހިތަށްއަރައެވެ. އޭނަފިޔަވައި ދަތުރުގެ އެހެންބައިވެރިން ވަރަށް މަޖާކުރިއެވެ. ހީސަމާސާ ކުރުމުގެ ތެރެއިން އާގުޅުންތަކެއްގެ ކުރިފެޅިއެވެ. ރަޔާންއާއި މަލާކްގެ މެދުގައި ލޯބީގެ ބިންގަލެއް އެޅިގެން ދިޔައިރު ޝީބާއާއި ނަވީންވެސް އުފާވެރި ވަގުތުތަކެއް ހޭދަކުރިއެވެ. ނަދާއާއި ނާއިޒްގެ މެދުގައި ފާޅުގައި ލޯބީގެ ގުޅުންތަކެއް ނުހިނގިނަމަވެސް ސިއްރުގުޅުންތަކެއް އެދެމެދުގައިވެސް ހިނގިއެވެ. ދަތުރުނިންމާފައި އެންމެން މާލެއައުމާއެކު އަނެއްކާވެސް ސިޓީހައުސްގެ މާހައުލު ހަލަބޮލިވިއެވެ. މިޝާއާއި ޝިފާންގެ މިނިވަންކަމަށް ހުރަސްއެޅުނެވެ. އެދެހިތުގައި ޖަހަންފެށިލޯބީގެ ވިންދުގެ އަޑު އެކަކު އަނެކަކަށް އިވުމުގެ ކުރިން އަނެއްކާވެސް އެދެމެދުގައި ބީރައްޓެހިކަމެއް އުފެދިއްޖެއެވެ.

ޗުއްޓީދުވަސްތައް މަޖަލުގައި ހޭދަކުރުމަށް އެމީހުން ކަމަކަށްފަހު ކަމެއް ރާވަމުންދާއިރު ޝިފާން މާބޮޑަކަށް އެކަމާއަޅައެއް ނުލައެވެ. އޭނާގެ މިޒާޖަށް ކޮންމެވެސް ވަރެއްގެ ހަމަހިމޭންކަމެއް ވަނީ ވެރިވެފައެވެ. އޭނާއަށް މިހާރަކަށް އައިސް މިޝާއާމެދު ވިސްނެނީ މާވަރަކަށެވެ. އެކަމަކު އޭނާ ވިސްނާކަށް ބޭނުމެއް ނުވެއެވެ. ވިސްނާކަށް ނުވެސްޖެހެއެވެ. ނަމަވެސް އޭނާއަށް މިޝާގެ ޚިޔާލުތައް އުނދަގޫކުރަނީއެވެ. މިޝާވެސް ގިނަވަގުތު އޭނާގެ ކޮޓަރީގައި ހޭދަކުރިނަމަވެސް، މަދުމަދުން ބޭރަށް ނުކުމެއުޅެއެވެ. އެއިން ފަހަރެއްގައި ޝިފާން ފެނިއްޖެނަމަ މިޝާއަށް ތަފާތު އަސަރުތަކެއް ކުރެއެވެ. ބީރައްޓެހިން ފަދައިން ދެމީހުން އެކަކު އަނެކަކަށް ހިނިތުންވުމެއް ބަދަލުކޮށްލުން ފިޔަވައި އިތުރު ވާހަކައެއް ނުދެކެވެއެވެ. ނަމަވެސް ޝިފާންގެ ހިނިތުންވުންވެސް އޭނާގެ ހިތަށް އަސަރުކުރުވައެވެ. ރައިނާ ހުންނަނީ ޝިފާންއާއެކު އެކަނިވެލާނެ ފުރުސަތެއް ނުލިބިފައެވެ. މަދުފަހަރަކު ޝިފާންއާއެކީ އެކަނިވެލަން ލިބޭ ވަގުތެއްގައިވެސް ޝިފާންގެ ސަމާލުކަމެއް އޭނާއަކަށް ނުލިބެއެވެ. މިކަމާ އޭނާ ހުންނަނީ އިންތިހާއަށް ރުޅިގަދަވެފައެވެ. ޝިފާންގެ މިޒާޖަށް ބަދަލެއް އައިކަން އެންމެ ފުރަތަމަ ފާހަގަކުރެވުނީ ނަވީންއަށެވެ. އެބަދަލުގެ އަސްލަކީ މިޝާކަމުގައި އޭނާގެ ހިތްބުނެއެވެ. ނަމަވެސް ފާޅުގައި އެވާހަކަ ދައްކަން އަދިމާއަވަސްކަމުގައި އޭނާއަށް ވިސްނުނެވެ. 

ރޭގަނޑުގެ ވަގުތެވެ. ކެއުމަށްފަހު ހުރިހާ ރަހުމަތްތެރިން ޓެރަހަށް ޖަމާވެ، މަޖާވާހަކަދައްކައި ހީސަކަރާތް ޖަހަމުން ދިޔައެވެ. އެމީހުންގެ ހުނުމާއި ސަކަރާތުގެ އަޑު އިވިއިވި ހުރުމުން މިޝާއަށް އޮތީނުނިދިފައެވެ. މިއީ މިހާރު ކޮންމެ ރެއެއްގެވެސް އާދައެވެ. ކޮންމެރެއަކުވެސް ކޮންމެވެސް ކަހަލަ ކުޅިވަރެއް ކުޅޭނެއެވެ. އެހެންކަމުން އެމީހުން ޓެރަހަށް އައުމުގެ ކުރިން ކޮންމެރެއަކުވެސް ބަދިގޭގައި ކުރަންހުންނަ ކައްތައްތައް ނިންމުމަށްފަހު އޭނާކޮޓަރިއަށްވަދެއެވެ. މކުރީގައިހެން އެމީހުންގެ ފަރާތުން ގޯނާތައް ނުލިބުނުނަމަވެސް، އެއެންމެންގެ ތެރެއަށް ނުކުމެ އުޅުމަކީ އޭނާ ބޭނުންވާ ކަމެއްނޫނެވެ. ދެއަތަށް ފުރޮޅި ފުރޮޅިވެސް ނިންޖެއްނައެވެ. އެންމެފަހުން ކަރުހިއްކައިގަނެގެން ނޯވެވިގެން މަޑުމަޑުން ދޮރުހުޅުވާލުމަށްފަހު ކޮޓަރިން ނުކުތެވެ. އެންމެންގެ ސަމާލުކަން އޭނާއަށް ހުއްޓުމުގެ ކުރިން ހަލުވިފިޔަވަޅުތަކެއްގައި އޭނާ ސިޑިން ފޭބިއެވެ. ކާކޮޓަރިއަށް ވަންނަން ދިމާކޮށްލިވަގުތު އަންހެންކުއްޖެއްގެ ރުއިމުގެ އަޑުމަޑުމަޑުން އިވެމުންދިޔައެވެ. ފިރިހެނަކު ވާހަކަދައްކާ އަޑުވެސް އިވުނުހެން ހީވިއެވެ. މިޝާބިރުންހުރެ ކާކޮޓަރިއަށްވަދެ ބޮކިދިއްލާލިވަގުތު ފެނުނުމަންޒަރުން މިޝާއަށް ހަޅޭއްލަވައިގަނެވުނެވެ. އެއްހިޔަނިހެން އެކަކު އަނެކެއްގެ ގައިގާ ތަތްވެފައިތިބި ނަދާއާއި ނާއިޒްވެސް ސިހިފައި ދުރައްދިޔައެވެ. އެމީހުން ތިބިގޮތްފެނި ބިރުންނާއި ލަދުން ގޮސް އޭނާގެ ހަށިގަނޑު ރޫރޫ އަޅައިގަތެވެ. ވަގުތުން ދެފައިކޮޅުން ވާގިދިޔައެވެ. ވެއްޓިދާނެހެން ހީވުމުން ކުއްލިއަކަށް ކާކޮޓަރިން ނުކުމެ ވައިސޫރިއެއްހައި ހަލުވިކަމާއެކު މިޝާ ދުވެފައި އައިސް އޭނާގެ ކޮޓަރިއަށްދިޔައިރު އޭނާގެ މޭތެޅެމުންދިޔައީ ވަކިވަރެއްބަލާފައެއްނޫނެވެ. އިތުރަށް އެންމެ ހިނދުކޮޅަކުވެސް އޭނާ އެތާމަޑުކުރިނަމަ އަނބުރައިގަނެގެން ވެއްޓޭނެކަން ގައިމެވެ. މިޝާދުވެފައި އައިލެއް ބާރުކަމުން އެންމެންވެސް ސުވާލުގެ ނަޒަރަކުން އޭނާއަށް ބަލާލިއެވެ.

" އެއްކަލަ ރެޕަންޒަލް ދުވަންފަށައިފި.." ޝިފާންއަށް ބަލާލާފައި ހިނިގަނޑެއްޖަހާލަމުން ނަވީންބުންޏެވެ. ޖަވާބުގައި ޝިފާންވެސް ހީލިއެވެ. 
" އެއީ މޮޔަވެގެން އުޅޭއަންހެނެއް...ކަމެއްނުވިޔަސް ދުވެދުވެފަ އުޅޭއިރުހީވާނީ އެހެންކަމެއްހެން....ހާދަފޫއްސެއްވެޔޭ.." ރައިނާ ތުންއަނބުރާލިއެވެ. ނަވީން އޭނާގެ ކައިރީގައިހުރި މާގަހަކުން ފަތެއް ނައްޓާލުމަށްފަހު ފުރަގަހުން ރައިނާގެ ކަނދުރާގައި ހާކާލުމާއެކު ރައިނާ ހަޅޭއްލަވައިގެންފައި ފުންމައިގެން ތެދުވިއެވެ. އެއާއެކު ޝިފާން ބާރުބާރަށް ހޭންފެށިއެވެ.
"ކޮބާ ހީވޭ!...އެހެންމީހުންނަށް ކަމަކާނުލާ ދުވަނީއޭ ބުނާއިރު ތިމާގެ ހާލަތުބަލާބަލަ...ގަހެއްގެ ފަތެއް ވަޔާކޭއްތިލީމަ އެހާވަރުއެވީ.." ނަވީން ހީހީފައި މަލާމަލާމާތްކުރަން ފެށުމުން ރައިނާ ލޯއަޅާލުމަށްފަހު ނަވީންގެ ގައިގާ ބޮނޑިއެއްއެޅިއެވެ. 
" އޭތް އޭތް!..މޮޔަނުވެ އާދެބަލަ ތިރިޔަށްދާން....އެބައޮތޭ ކުޑަވާހަކައެއް ދައްކާލަން....މަލްވެސް އާދޭ!" ޝީބާ ތެދުވެގެން އައިސް ރައިނާގެ އަތުގައި ހިފަމުން ބުންޏެވެ. ތިންކުދިން ތިރިއަށްދަނިކޮށް ސިޑިމަތިން ނަދާއާ ދިމާވިއެވެ. 

" އޭތް...ހާދައިރެއްކޮށްފަ ތިއައީ...ފާޚާނާއަށޭ ކިޔާފަގޮސް ނިދީކަމަށް މަހީކުރީ..." ޝީބާ ނަދާއާއި ސުވާލުކޮށްލިއެވެ. ނަދާހުރީ ދޭނެ ޖަވާބެއް ނޭނގިފައެވެ. މިޝާއަށް ފެނުނުކަންތައް އިތުރުމީހަކަށް އެނގޭކަށް އޭނާބޭނުމެއް ނުވެއެވެ. ނާއިޒްވަނީ އޭނާއަށް ވަރުގަދަ އިންޒާރެއްވެސް ދީފައެވެ. ނަމަވެސް ދެންވެދާނެގޮތެއް އޭނާގެ ހިތަށް ގެންނަންވެސް އުނދަގުލެވެ. " އޭތް ކިހިނެއްވެފަތަ ތިހުރީ؟...ޔަގީނޭ ހަމަރަނގަޅަށްވެސް ނިދާފަކަން އެއައީ.." މަލާކް ނަދާގެ އަތުގައި ހިފައިތަޅުވައިގަތުމުން ގަދަކަމުން އޭނާ ހިނިތުންވެލިއެވެ. އަދި އެމީހުނާއެކު ތިރިއަށް ދާން ހިނގައިގަތެވެ. ކާކޮޓަރިހުރަސްކޮށް ދަމުން ނަދާބަލާލިއިރު ނާއިޒް އަދިވެސް އެތެރޭގައި ސިއްރުން ބޭރުބަލަން ހުއްޓެވެ. ޝީބާމެން ކޮޓަރިއަށް ވަތްކަން ޔަޤީންވުމުން ނާއިޒް މަޑުމަޑުން ކާކޮޓަރިން ނުކުމެ ސިއްރުސިއްރުން ގޮސް ގެއިން ނުކުތެވެ. މިރޭމިވީ ކަންތަކާ އޭނާހުރީ ނުހަނުކަންބޮޑުވެފައެވެ. އޭނާގެ އެސިއްރު ފަޅާމިއެރީ އެންމެ ބޭނުންނުވާ މީހާއަށެވެ. ދުވަހަކުވެސް މިޝާއަށް އޭނާގެ އަނދިރިފަރާތް ދައްކާކަށް ބޭނުމެއްނޫނެވެ. އެއީ ޚުދު އޭނާގެ ރަހުމަތްތެރީންނަށްވެސް ނޭނގޭ ސިއްރެކެވެ. އަދި އެކަން އަނގާކަށްވެސް ބޭނުމެއްނޫނެވެ. އަނެއްކޮޅުން މިޝާ ހާސިލްކުރުމަކީ އޭނާގެ އަޒުމެކެވެ. ނަމަވެސް މިވީގޮތުން އެކަންކުރުމަކީ ނާދިރުކަމެވެ. މިޝާއޭނާއަށް ކުރާނަފްރަތު ކުރިޔަށްވުރެވެސް އިތުރުވާނެކަން ގައިމެވެ. ނަދާއަކީ އޭނާގެ ލޯބިވެރިޔާއެއްނޫނޭ ބުންޏަސް މިޝާ ގަބޫލެއްވެސް ނުކުރާނެއެވެ. ނަދާއަށް އިންޒާރެއް ދިންފަދައިން މިޝާއަށް މިޝާއަށް އިންޒާރެއް ދިނުމަކީ ފަސޭހަކަމެއްވެސް ނޫނެވެ.ގެޔަށް ދެވޭންދެންވެސް ނާއިޒްހުރީ އެވިސްނުމުގައެވެ. 

ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ދެލޯމަރައިގެން އޮތްއިރުވެސް މިޝާފެ ލޮލަކަށް ނިންޖެއްނައެވެ. މިރޭފެނުނު މަންޒަރު އޭނާގެ ލޯމަތީގައި ތަކުރާރުވަމުންދިޔައެވެ. ނާއިޒްއާއި ނަދާ ކުރަންތިބި ވިޔާނުދާއަމަލު ހިތަށްއަރާފައި އޭނާގެ މެޔަށް ފިނިވެގެން ދިޔައެވެ. ނާއިޒް އެފަދަ މުޑުދާރުއަމަލެއް ކުރިނަމަވެސް ނަދާއަށް ކުރަން ކެރުނީތީ އޭނާ ހައިރާންވިއެވެ. ނަމަވެސް އޭނާގެ ހިތުގައި ސުވާލު އުފެދުނީ އެވަގުތު ނަދާރުއިމުންނެވެ. މިޝާ ބޮކިދިއްލުމާއެކު ނަދާބިރުގަނެ ހާސްވިވަރު މިޝާއަށް އިހުސާސްވިއެވެ. ނަދާގެ މޫނުމަތިންވެސް ލަދުވެތިކަމަށްވުރެ ބޮޑަށް ފެނުނީ ބިރުވެރިކަމާއި ހިތާމައިގެ އަސަރެވެ. އެކަމަކު އެއީ ކީއްވެގެން ހެއްޔެވެ؟ އެކަން އެކުރީ ނަދާގެވެސް ރުހުމުގައި ނޫން ހެއްޔެވެ؟ އެދެމީހުން އުޅެނީ ލޯބީގެ ގޮތުން ގުޅިގެން ނޫންހެއްޔެވެ؟ އެކަމަކު އެމީހުން ރައްޓެހިވީ ކޮންއިރަކު ބާއެވެ؟ މިހުރިހާ ދުވަހު ނާއިޒް އުޅުނީ އޭނާގެ ފަހަތުންނެވެ. މިދުވަސްކޮޅު ނާއިޒްގެ އުނދަގޫ ކުޑަވީ ސަބަބަކީ މިއީ ހެއްޔެވެ؟ މިޝާ އެތައްއިރަކު އެކަމާ ވިސްނަން އޮތެވެ.
*****

ޖެހިގެން އައި ދުވަހުގެ ހެނދުނުވަގުތެވެ. މިޝާހުރީ ކާކޮޓަރީގައި ހެނދުނުގެ ނާސްތާ ތައްޔާރުކުރުމަށެވެ. ކުއްލިއަކަށް ބޭރުން ބެލްއަޅާލި އަޑުއިވުމުން ހައިރާންވެފައި ހުރެ މިޝާގޮސް ދޮރުހުޅުވާލިއެވެ. ދޮރުމަތީގައިހުރި ނަދާފެނުމުން އޭނާގެ ހައިރާންކަން އިތުރުވިއެވެ. ނަދާ އެތެއަށްވަދެ ދޮރުލެއްޕުމަށްފަހު މިޝާގެ އަތުގައި ހިފައިގެން ދަމާފައި ކަހަލަ ގޮތަކަށް މައްޗަށް އަރަން ފެށިއެވެ. 

" ނަދާ ކިހިނެއްވެގެންތަ ތިއުޅެނީ؟..." މިޝާ އަތްފޮޅުވާލަމުން ހިތްހަމަނުޖެހިފައި ބުންޏެވެ.
" ޝްޝްޝް!..." ނަދާ އަތުގެ އިޝާރާތުން ހިމޭންވުމަށް ބުނެފައި އަނެއްކާވެސް މިޝާގެ އަތުގައި ހިފައިގެން ބާރުބާރަށް ގޮސް ޓެރަހަށް އެރިއެވެ. 
" އަހަރެން މިއައީ ވަރަށް މުހިއްމު ވާހަކައެއްދައްކަންވެގެން.....އެނގޭދޯ ކޮންވާހަކައެއްކަން އެއީ؟...." މިޝާއަށް ބަލާލަމުން ނަދާ ވާހަކަފެށިއެވެ. މިޝާ ނަދާއަށް ބަލާލީ ފޫހިވެފައެވެ. ރޭގައި އެހުރިހާކަމެއް ކުރަނިކޮށް ފެނުމުން އަނެއްކާ ހެނދުނު ހެނދުނާ އެވާހަކަ ދައްކަން އަންނަން ލަދެއްވެސް ނުގަތެވެ. ގޮތްކުޑައަށް ފުކެއްބޮޑުވަރޭ މިޝާގެ ހިތަށްއެރިއެވެ. 
"އަހަރެންނަށް އެނގޭ ތިވިސްނަނީ ކޯއްޗެއްކަން....އެކަމަކު އަހަރެންގެ އެއްވެސް ފަރުވާލެއްނެތް.....އަހަރެން ބޭނުންވަނީ މިކަން އިތުރުމީހަކަށް ނާންގާ ސިއްރުކުރަން.....ކަލޭއެކަން ނުކޮށްފިނަމަ އަހަރެންގެ ނުބައިކަން ކަލެއަށް އެނގޭނެ..." ނަދާ ދިނީ ފާޑެއްގެ އިންޒާރެކެވެ. މިޝާގެ ފޫހިކަން އިތުރުވިއެވެ. " އަހަރެންނަށް އިންޒާރުދިނީމަ އެއީ ނުވާކަމަކަށްވޭތަ؟....ހީކުރީތަ މަމިއުޅެނީ މާރީތިކަމެއް ފެނިގެން އެވާހަކަ މީޑިއާއާ ހިއްސާކުރަންކަމަށް؟...ޗީ!..މަނޫޅެން ކޮންމެހެން އެވާހަކަ ދައްކާކަށް....ކަލޭމެން ކޮންމެގޮތަކަށް އުޅުނަސް މަށަށް ވަރިހަމަ...." މިޝާވެސް ރައްދުދިނީ ނަދާވެސް ދިންރާގަށެވެ. ނަދާއަށް ބުނާނެ އިތުރު އެއްޗެއްވެސް ނޭނގުނެވެ. އޭނާގެ ތިރީތުންފަތުގައި ދަތްއަޅާލެވުނުއިރު ލޯވެސް ކަރުނައިން ފުރިއްޖެއެވެ. މިޝާގެ ކުރިމަތީ ރޯންބޭނުން ނުވާތީ އަވަސް އަވަހަށް އޭނާދާން ހިނގައިގަތެވެ.
" މަޑުކޮށްބަލަ!" ފަހަތުން މިޝާގޮވާލުމުން ނަދާއަށް ހުއްޓެވުނެވެ. " މަށަށް އެނގޭ ނަދާ އެރޭ އެކަންކުރީ ކޮންމެވެސް ގޮތަކުން މަޖުބޫރުވެގެންކަން...." މިޝާބުނި ޖުމްލައިން ނަދާގެ މެޔަށް ފިނިވެގެން ދިޔައެވެ. އޭނާ އެވާހަކަ ކިތަންމެ ސިއްރުކުރަން އުޅުނު ނަމަވެސް މިޝާއަށް އެބުނެވުނީ ވަރަށްބޮޑުތެދެކެވެ. " ކީކޭ ކިޔާނަމޭ ހިތާތަ ކަލޭތިއުޅެނީ؟..." ނަދާ ނުރުހިފައި ސުވާލުކޮށްލިއެވެ. " ނަދާ ނުބުންޏަސް އަހަރެންގެ މައްސަލައެއްނެތް....އަހަރެންނާބެހޭވެސް ކަމެއްނޫން....އެކަމް އަހަރެންނަށް އެނގޭ އެއްޗަކީ ލޯބިވެގެން ހިތުން ރުހުމުން އެފަދަކަމެއްކުރާމީހަކު އެވަގުތު ނުވެއްރޯނެކަން....އަހަރެން ކާކޮޓަރިއަށް ވަނީވެސް ނަދާ ރޯއަޑުއިވިގެން....ބޮކިދިއްލުނު ވަގުތު އަހަރެން ދުށިން ނަދާގެ ލޮލުން އޮހުނު ކަރުނަތައް....އަހަރެންނާ ފުރަސްދިން ނަމަވެސް އެވަގުތު ނަދާރުއިކަން އަހަރެންނަށް އެނގޭ.....އަދި އެނާއިޒްގެ ގޮތްވެސް ވަރަށް ރަނގަޅަށް އެނގޭ..." މިޝާދެއްކި ވާހަކަތަކުން ހިނދުކޮޅަކަށް ހިމޭންވާން ނަދާއަށް މަޖުބޫރުވިއެވެ. މިޝާގާތު އޭނާ ހަޤީޤަތް ކިޔައިދޭންވީ ހެއްޔެވެ؟ ނޫނީ އަޑުނީވޭކަމަށް ހަދާފައި ދާންވީ ހެއްޔެވެ؟

ކޮމެންޓް 0