ނަދާ މާގަޔާވެގެން މިޝާއާއި ވާހަކަ ދައްކާ މަންޒަރުފެނުމުން ހައިރާންވެގެން އަނެއްތިން އަންހެންކުދިން ބަލަންތިއްބެވެ. ނަދާ އެވަރަށް މިޝާއާ ދެއްކީ ކޮން ވާހަކައެއްބާއޭ އެކުދިންގެ ހިތަށް އަރަމުންދިޔައެވެ. " މިހާރު ނަދޫވެސް ފާޑަކަށް އުޅޭ ދުވަސްކޮޅެއް....އެހެންމީހުނާ ވާހަކަދައްކާ މަޖާކޮށްވެސް އުޅެނީކީ، އެކަމު ބަލާބަލަ އެމިޝާއާ ވާހަކަ ދައްކާ ވަރު.....މަޑުމަޑުން އެންމެންވެސް އެމިޝާއާ ފުރެންޑްވާހެން މަށަށް ހީވަނީ ކީއްވެތަ؟..." މިޝާމެންނާ ދިމާ ބަލަންއިނދެ ރައިނާ ވާހަކަ ދެއްކިއެވެ. " އެންމެންނޭ؟....ކޮން އެންމެނެއް؟" މަލާކް އަހާލިއެވެ. " އާނ އެންމެނޭނު ބުނާނީ....ޝިފާން ވެސް މިހާރު ވަރަށް ތަފާތުވެއްޖެ....ނަވީންވެސް ޝިބްއަށްވުރެ ބޮޑަށް މިޝާއާހެދި އުޅެނީ.....ދެން ޝިބް މިޝާއަށް އެއްޗެއްވެސް ބުނަންވެސް ނުކެރިފަ އެހުންނަނީ.....ދޮންބެވެސް މިރޭ ވާހަކަދެއްކީ އޭނައާ އެއްކޮޅަށް، ދެން މިހާރުބަލާ ނަދޫ ގޮސް އޭނަގެ ފޫބުޑުގަ އިންތަން...." ރައިނާ ހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. މިޝާއާ އެއްވެސްމީހަކު ގާތްވުމަކީ އޭނާއަށް ކެތްވާވަރުކަމެއް ނޫނެވެ. 

ބާރބެކިއު ނިންމާފައި މާލެދާން ފުރިއިރު ދިހަގަޑި ބައިވެސް ވެއްޖެއެވެ. ވައިގަދަވުމުގެ ސަބަބުން ފުދޭވަރަކަށް ކަނޑުވެސް ގަދައެވެ. އެހެންމީހުނާއި ތަންކޮޅެއް ދުރުގައި އިންއިރު މިޝާއިނީ ބިރުންނެވެ. ރާޅާއެކީ ފެރީ ފަރާތްފަރާތަށް އަރިވަމުންދާއިރު އޭނާގެ ހިތަށްވެސް ލޮޅުން އަރަމުން ދިޔައެވެ. ގޮނޑީގައި ބާރަށް ހިފަހައްޓައިގެން އިންއިރު އަތްވެސް ތުރުތުރު އަޅައެވެ. ޝިފާން ދުރުގައި އިންނަމަވެސް އޭނާގެ ނަޒަރު އަމާޒުވެފައިވަނީ މިޝާއަށެވެ. މިޝާ ބިރުންއިންކަން އެނގުމުން އޭނާއަށް ހިމާޔަތްދޭން ދިއުމަށްވެސް ޝިފާންގެ ހިތަށް ކިތަންމެ ފަހަރަކު އެރިއެވެ. ނަމަވެސް އެވަރުގެ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. މިހާރަކަށް އައިސް އޭނާއަށް މިޝާއާމެދު ވިސްނެނީވެސް މާވަރަކަށެވެ. 

ޖެހިގެން އައި ދުވަހުގެ ހަވީރުގެ ވަގުތެވެ. ކަމެއްނެތި ފޫހިވެފައި ކޮޓަރިތެރޭގައި މިޝާއޮތެވެ. ޝިފާން އާއި ޝީބާވެސް ގެޔަކު ނޫޅެއެވެ. އެކަނި ގޭގައި އޮންނަންވުމުން، ކުރީދުވަހުގެ ހާދިސާމަތިން ހަނދާންވެ މިޝާ ބިރުގަންނަ ގޮތްވިއެވެ. ނާއިޒް ނާންނާނެކަމުގައި ނަވީން ޔަގީންކަން ދީފައި އޮތްނަމަވެސް އޭނާއަދިވެސް ނާއިޒްދެކެ ބިރުގަނެއެވެ. ގިނައިރުވީ ވަރަކަށް މިޝާގެ ބިރުވެރިކަން އިތުރުވާންފެށިއެވެ. އެންމެފަހުން އޭނާތެދުވެގެން ގޮސް ފާޚާނާއަށްވަދެ މޫނުދޮވެލިއެވެ. އަދި އަވަސް އަވަހަށް ފުނާއަޅައި ތައްޔާރުވެލައިގެން ބޭރަށް ނުކުތެވެ. ގެ ތަޅުލުމަށްފަހު އޭނާ މިސްރާބުޖެހީ އަފާގެ ގެޔަށް ދިއުމަށެއެވެ. ޝިފާންއާއި ޝީބާ ކޮންމެ ވަގުތަކުގެޔަށް އަޔަސް އެމީހުނަށްވެސް ގެޔަށްވަދެވޭނެކަން އެނގޭތީ އެކަމާއި އޭނާ ވިސްނާކަށް ނުޖެހެއެވެ. މިޝާ އެގެއަށްދިޔައިރު އަފާވެސް ހުރީ ފެންވަރާ ރީތިވެގެން ބޭރަށް ދާން ތައްޔާރުވެފައެވެ. " އަނހާ! މީޝް ތިއައީ ހަމަގަޑިއަށް.....މަމިއުޅުނީ މީޝް ހޯދަން ދާންކަމަށް.....ހިނގާބަލަ ވިލިގިއްޔަށްދާން.....ގޭގަހުރެ ހުރެ ފޫހިވެގެން މަމިއުޅެނީ" މިޝާ ފެނުމުން އަފާ ބުންޏެވެ. " އެކަމު ރުފިޔާއެއްވެސް ނެތް އަހަރެންގެ އަތުގަ" މިޝާ ޖެހިލުންވެފައި ބުންޏެވެ. " މަ ނާހަމެއްނު ރުފިޔާހުރިތޯއެއް.....ހިނގާށޭނުބުނީ....ދެން ބަހަނާދައްކަން ނޫޅެހިނގާބަލަ! މައަތުގަ އެބަހުއްޓޭ ރުފިޔާވެސް.." އަފާ ސީރިއަސްވެލާފައި ބުނުމުން މިޝާއަށް ދެކޮޅުހަދާކަށް ނުކެރުނެވެ. 

" އަފްގެ ރައްޓެހިން އުޅޭތަ މިރަށުގަ؟" ފެރީން ފައިބައިގެން ރަށުތެރެއަށް ހިނގައިގަންނަމުން މިޝާއަހާލިއެވެ. " މީޝް ތިއުޅެނީ އަދިވެސް އެއްގަރުނު ފަހަތުގަދޯ.....މިހާރު މީހުން ކުރާކަހަލަ ސުވާލުތަތީ....މީވެސް މާލޭގެ އަވަށެއް....މިރަށުގަ ނޫޅޭނެ ރައްޓެއްސެއް އަދި ބީރައްޓެއްސެއްވެސް.....މިއުޅެނީ ރާއްޖެތެރޭ ރަށަކަށް ގޮސްގެނެއްނޫނެއްނު ރައްޓެހިން ހޯދާކަށް....." އަފާ ހަމަޖެހިލާފައި ބުންޏެވެ. މިޝާ ހިނިތުންވެލިއެވެ. ދެކުދިން ވާހަކަދައްކަމުން ވަކިމިސްރާބެއްނެތި ކުރިޔަށް ދިޔައެވެ. " އާދޭ އެއްޗެއް ގަނެލައިގެންދާން" ފިހާރައެއް ފެނުމުން އަފާ އެއްޗެއް ގަންނަން ބޭނުންވެގެން އެދިމާއަށް މިސްރާބުޖެހިއެވެ. މިޝާވެސް އަފާގެ ފަހަތުން ގޮސް ފިހާރައަށް ވަނެއެވެ. ދެތިން ލުއިކާނާ ފެކެޓާއި ދެކޯކްފުޅި ގަނެގެން އަފާގޮސް ކައުންޓަރު ކައިރީ ހުއްޓުނެވެ. މިޝާ އެކިދިމަދިމާއަށް ނަޒަރުހިންގަމުން ދަނިކޮށް އޭނާގެ ލޮލުގައި އަޅައިގަތީ ފިހާރައަށް ވަދެގެން އައި އަންހެނެކެވެ. އެމީހާ ފެނުމާއެކީ މިޝާއަށް ހީވީ ކުއްލިއަކަށް އޭނާގެ މަންމަ ފެނުނުހެންނެވެ. މިޝާކަޅިޖަހާނުލައި ބަލަންހުއްޓައި އެމީހާ މިޝާގެ ކައިރިން އަޅާފައި ގޮސް އޭނާގަންނަން ބޭނުންވާ އެއްޗެހި ނަގަން ފެށިއެވެ. އަނެއްކާ އެއީ ކާކުބާއެވެ. މަންމައާ އެމީހަކު އެހާވައްތަރީ ކީއްވެގެންބާއެވެ. އެއީ މަންމަގެ އާއިލާމީހަކީ ބާއެވެ. ނޫނީ އެއްވެސް ގުޅުމެއްނެތަސް ހަމަ އެހާވައްތަރުވެދާނެ ހެއްޔެވެ؟ " އޭތް ކިހިނެއްވެފަ ތިހުރީ؟....އަދިވެސް އެއްޗެއްގަންނަން ބޭނުންވަނީތަ؟.." މިޝާ ހުއްޓުން އަރާފައި ހުއްޓާ އަފާއައިސް އޭނާގެ ކޮނޑުގައި ޖަހާލިއެވެ. " ނޫން...ހިނގާދާން" ސިހިފައި މިޝާ ޖަވާބުދިނެވެ. ފިހާރައިން ނުކުމެ ތަންކޮޅަކަށް ގޮސްފައިވެސް މިޝާ ފަހަތްބަލާލިއެވެ. އިރުއިރުކޮޅާއި މިޝާ ފަހަތްބަލާލާތީ އަފާވެސް ބަލާލިއެވެ. " އަނެއްކާ މާސަޅި ބިޓެއް ފެނުނީތަ މާވަރަކަށް ފަހަތަށް އެނބުރި ތިބަލަނީ؟" އަފާ މަޖާވެލާފައި އަހާލިއެވެ. މިޝާ ޖަވާބެއްދޭންވާއިރަށް އެއްކަލަ އަންހެންމީހާ ފިހާރައިން ނުކުމެ އޭނާގެ ގެޔަށްދިއުމަށްޓަކައި ހިނގައިގަތެވެ. " ކޮންތާކަށްތަ ތިދަނީ؟" މިޝާވެސް އެމީހާއާ ދިމާއަށް ހިނގައިގަތުމުން ހައިރާންވެފައި އަފާއަހާލިއެވެ. " އެދައްތަ ގާތަށް....އަހަރެން ބޭނުން އެކާކުތޯބަލަން" މިޝާ ޖަވާބުދިނެވެ. އަފާވެސް މިޝާގެ ފަހަތުން ދިޔައެވެ.

" ދައްތާ! މަޑުކޮށްބަލަ!" ޖެހިލުންވެ ހުރެވެސް މިޝާ އެއަންހެންމީހާއަށް ގޮވާލިއެވެ. އަންހެންމީހާ ހުއްޓިފައި މިޝާއަށް ބަލާލީ ހައިރާންވެފައެވެ. އެއީ އޭނާ ދަންނަ މޫނަކަށް ނުވާތީއެވެ. "ކިހިނެއްވީ ކޮއްކޯ؟" ވަރަށް ގާތްގޮތަކަށް އޭނާ ސުވާލުކޮށްލިއެވެ. އެމީހާގެ އަޑުވެސް މިޝާގެ މަންމަގެ އަޑާއި ވައްތަރުކަން އޭނާއަށް ފާހަގަވިއެވެ. " ތީކާކުކަން ބުނެވިދާނެތަ؟...އަހަރެންބޭނުން ތީކާކުކަން އެނގެން" މިޝާ ވަރަށް ސީރިއަސްކަމާއެކު އެދުނެވެ. މިޝާގެ ސުވާލުން އަންހެންމީހާގެ ގާތަށް ހިނިއައެވެ. " ތީތަހުޤީޤުކުރާ ކުއްޖެއްތަ؟...ނޫނީ ސަމާސާއެއް ކުރަނީތަ؟....ދައްތަ ހަމަގައިމުވެސް ތިކުއްޖާއެއް ނުދަންނަން....ދެން ކިހިނެއް މީކާކުކަން ބުނެދިނަސް ކޮއްކޮއަށް އެނގޭނީ؟'' ހިނިތުންވެލަމުން އަންހެންމީހާ ބުންޏެވެ. " އެންމެ ރަނގަޅު....ދައްތައަށް އަހަރެން ނޭނގުނަސް ފަހަރެއްގަ އަހަރެން މިބުނާ މީހަކު އެނގިދާނެއެއްނު....ދަންނަންތަ މީޒާކިޔާ މީހަކު؟" މިޝާ އެސުވާލު ކޮށްލުމާއެކު އަންހެންމީހާގެ މޫނުގައިހުރި ހިނިތުންވުން ފިލާގޮސް ނިތްކުރިއަށް ރޫއަރައިގެން ދިޔައެވެ. އަދި ޖަވާބެއްވެސް ނުދީ އެތަނުން ދާން ހިނގައިގަތެވެ. " ޕްލީޒް ޕްލީޒް ބުނެދީބަލަ!...އެނަން ކިޔާމީހަކު ދަންނަންތަ؟.." މިޝާ އެމީހާގެ ފަހަތުން ގޮސް އާދޭސްކުރަންފެށިއެވެ. " ނުދަންނަން....ދެން އިތުރަށް ތިސުވާލުކުރަމުން އަހަރެންގެ ފަހަތުން ނާންނާތި!...އަހަރެން ނުދަންނަން ތިކާކުކަމެއްވެސް އަދި ތިބުނާ ނަންކިޔާމީހަކުވެސް ނުދަންނަން...އެނގިއްޖެތަ؟" އެމީހާ ކުއްލިއަކަށް ރުޅިއައުމުން މިޝާގެ ހިތުގައި ޝައްކުތައް އެތައް ގުނައަކަށް އިތުރުވިއެވެ. އޭނާ ކަމެއް ފޮރުވާކަން މިޝާއަށް ޔަޤީންވިއެވެ. ނޫންނަމަ އެހާ ރުޅިއަންނަންވީ ސަބަބެއްނެތެވެ. 

" މާފްކުރޭ! ދައްތަ އަހަރެންގެ މަންމައާއި ވައްތަރުކަމުން އަހަރެންހީކުރީ ފަހަރެއްގަ ތީއަހަރެންގެ ދޮންތައަށް ވެދާނޭ.....ދޮންތަ އަހަރެންދެކެ ވަރަށްލޯބިވާނެ...އަހަރެންވެސް ދޮންތަދެކެ ވަރަށްލޯބިވޭ...އެކަމަކު ދޮންތަގެ ޚަބަރެއްނުވާތާ އަށްއަހަރުވެއްޖެ.....ނޭނގެ ކޮބައިކަމެއްވެސް...އުޅޭހާލެއްވެސް ނޭނގޭ.....އަހަރެންނާއި މަންމައުޅޭ ހިތްދަތިހާލުވެސް ދޮންތަމެނަކަށް ނޭނގޭނެ....ވަރަށްބޮޑަށް މާފަށްއެދެން އުނދަގޫކުރެވުނީމަ" މިޝާ ދެރަވެލާފައި ދެއްކި ވާހަކައިން އަންހެންމީހާގެ ހިތަށް ނުހަނު އަސަރުކުރިއެވެ. އިސާހިތަކު ލޮލަށް ކަރުނަވެސް ޖަމާވިއެވެ. އެތާހުރެ ރޮވިދާނެތީ އޭނާ އަވަސްއަވަހަށް ކަރުނަތައް ދިރުވާލަމުން ހަމަޖެހިލިއެވެ. 

" އެއީ އެއްވެސް ކަމެއްނޫން...ދައްތައަށް މާބޮޑަށް ރުޅިއާދެވުނީ....ދެކުދިން އަންނަންވީނު ދައްތަމެންގެޔަށް...ވާހަކަދައްކާލަން..." ހިނިތުންވެލަމުން އަންހެންމީހާ ބުންޏެވެ. މިޝާ ހައިރާންވެފައި އެމީހާގެ މޫނަށްބަލާލިއެވެ. ދެންމެއަކު އެހައި ރުޅިއައިސްގެން ހުރިމީހާގެ މޫނުގައި މިހާރު އެއްވެސް ރުޅިވެރިކަމެއް ނެތެވެ. މިޝާއާއި އަފާ އެމީހާގެ ފަހަތުން ގޮސް ދާދި ކައިރީގައި ހުރި ގެޔަކަށްވަނެވެ. އެއީ ދެބުރިއަށް އިމާރާތްކޮށްފައިވާ އާދައިގެ ގެއެކެވެ. ފުރަތަމަބައިދޫކޮށް ސިޑިއަކުން އަރައިގެން ދިޔައީ ދެވަނަ ބަޔަށެވެ.

" މިއީ ދައްތަމެން އުޅޭބައި...އިށީނދޭ!...އެބައަންނަން" ލިވިންގްރޫމުގައިހުރި ސޯފާއަށް އިޝާރާތްކޮށްލަމުން އޭނާބުންޏެވެ. މިޝާއާއި އަފާ އިނށީދެ، ގޭތެރެއަށް ނަޒަރެއް ހިންގާލިއެވެ. އެއީ އާދައިގެގޮތަކަށް ހަދާފައިވާ ތިންކޮޓަރީގެ އެޕާރޓްމެންޓެކެވެ. އިރުކޮޅެއްފަހުން ދެތަށިތަބަކަކަށް ލައިގެން އެއަންހެންމީހާ އަތުވެއްޖެއެވެ. " މީ ޖޫސްބޯ ގަނޑިއެއްނޫންކަންވެސް އެނގޭ....އެކަމު މިއަދު ހެދިކާގަންނަން ދެވުނުލެއް ލަސްކަމުން ހެދިކާކޮޅެއްވެސް ނުލިބުނު....އެކަމަކު މިރޭ ބަތްކައިގެންދާންވާނީ އިނގޭ!" އޯގާތެރިކަމާއެކު މިޝާގެ ބޮލުގައި ފިރުމާލަމުން އޭނާބުންޏެވެ. އަފާވެސް އިނީ އެއަންހެންމީހާ އުޅޭގޮތުން ހައިރާންވެފައެވެ. " ކޮންނަމެއްތަ ތިކުދިންނަން ކިޔަނީ؟..." އެކުދިންގެ ގާތުގައި ސޯފާގައި އިށީންނަމުން އެމީހާ އަހާލިއެވެ. ދެކުދިންވެސް ނަންބުނެ ތައާރަފްވެލުމުން އެކިއެކި ސުވާލުތައް ކޮށް ވަރަށްގިނަ ވާހަކަދެއްކިއެވެ. ނަމަވެސް މިޝާއޮޅުން ފިލުވަން ބޭނުންވި ސުވާލުގެ ޖަވާބު އަދިވެސް ނުލިބެއެވެ. " ދެން ދައްތަ ބުނެދީބަލަ އަހަރެންގެ މަންމަދަންނަންތަ؟" އެންމެފަހުން މިޝާ ސީދާ މައުލޫއަށް ދިޔައެވެ. " ތިވާހަކަ ދައްކާލަން ބޭނުމީ ހަމަޖެހިލައިގެން....އަފާ އެއްޗެކޭ ހީނުކުރަންޏާ މިޝާއާ ވާހަކަދައްކާލަން ކޮޓަރިއަށް ދިޔަޔަސް އެންމެ ރަގަނޅުތަ؟" އަންހެންމީހާ އަހާލިއެވެ. " އޯކޭ...އަހަރެން މިތާ މަޑުކޮށްލަފާނަން..." އަފާހިނިތުންވެލިއެވެ. އަންހެންމީހާ ޓީވީހުޅުވާފައި އަފާގެ އަތަށް ރިމޯޓްދިނުމަށްފަހު މިޝާ ގޮވައިގެން ކޮޓަރިއަށްދިޔައެވެ. 

" ތީހަމަ ދޮންތަގެ މީޝްތަ؟....މީގެ މީޝްގެ މިޒޫ ދޮންތައޭ..." ކޮޓަރިއާ ހަމައަށް ދެވެންދެން މިޒްނާއަށް ކެތްކޮށްލެވުނީ ކިރިޔާއެވެ. މިޝާއަކީ އޭނާގެ ދޮންތަ މީޒާގެ ދަރިފުޅުކަން ޔަޤީންވުމުން އޭނާގެ ހިތަށް ވަރަށް އަސަރުކުރިއެވެ. " ދޮންތާ..." މިޝާއަށްވެސްވީ މިޒްނާއަށްވެސް ވީފަދަގޮތެކެވެ. މިޒްނާ މިޝާއާ ތަފާތު ސުވާލުތައްކޮށް ދިރިއުޅުމުގެ ހުރިހާކަމެއް އޮޅުން ފިލުވިއެވެ. ދައްތައުޅެމުންދާ ހިތްދަތި ދިރިއުޅުން އެނގުމުން، އެހިތުގައި ދައްތައާއިމެދު އުފެދިފައިވާ ހުރިހާ ޝަކުވާއެއް ފިލާދިޔައެވެ. " އެކަމު ކީއްވެތަ ދޮންތަވެސް އެއާސިމްއާ އިނީ.....ސަމާހުބޭބެއާއި ދޮންތަ އެކަކުއަނެކަކުދެކެ ނުލާހިކުލޯބިވޭ.....އެކަމު ޑިވޯސްވާންޖެހުނީ ކީއްވެބާއޭ މިހިތަށްއަރަނީ...." ޖަވާބުނޭނގޭ އެތައްސުވާލުތަކެއް މިޒްނާގެ ހިތުގައިވަނީ އުފެދިފައެވެ. " ތިސުވާލުތަކުގެ ޖަވާބު އަހަރެންނަކަށްވެސް ނޭނގޭ....އެކަމް ބައްޕަ ބޭރުގަ ކޯސްހަދަންހުރި ދުވަސްވަރު ދޮންބައްޕަ އަހަރެމެން ގެޔަށް ވަރަށްގިނައިން އާދޭ.....އެއްރޭ އަހަރެންނަށް ހޭލެވުނީ މަންމަރޯއަޑަށް....އަހަރެން ތެދުވެބަލާލިއިރު އޮވެވުނީ މަންމަގެ ކޮޓަރިއަކުނޫން....އެކަމު އަހަރެން ނިދީ އެކޮޓަރީގަ....އަހަރެން ގޮސް ގޮވާ ގޮވާވެސް މަންމަ ކޮޓަރިއެއް ނުހުޅުވި....އެރޭގެފަހުން މަންމަ އަހަރެން ނިންދަވަނީ އަހަރެންނަށް ހަދާފަހުރި ކޮޓަރީގަ....އެކަމް ދަންވަރު ހޭލެވޭއިރު މަންމައެއް ނޯވޭ....އެއްރޭ ދަންވަރު ހޭލެވިގެން ބިރުން އަހަރެން މަންމަގެ ކޮޓަރިއަށް ދާން ނުކުތިން.....އެރޭ އަހަރެންނަށް ފެނުނީ ދޮންބައްޕަ މަންމަގެ ކޮޓަރިން ނުކުތްތަން.....އަހަރެން ފެނުމުން ދޮންބައްޕަ އަހަރެންނަށް ބިރުދެއްކީ...ބުނީ މަންމަގެ ކޮޓަރިއަށް ދާންއުޅެފިނަމަ ސިފައިންގެޔަށް ގެންދާނަމޭ.....އެހެންވެ މަންމަ ރޯއަޑުއިވުނަސް އަހަރެން ކޮޓަރިންވެސް ނުނިކުންނަން...." މިޝާއަށް އެނގިފައިވާ މިންވަރަށް އޭނާ ކިޔައިދިނެވެ. މިޒްނާ ވިސްނާލިއެވެ. 

" ތިހުރިހާވެސް ނުބަޔަކީ އެއާސިމް....މުއްސަނދިވީމަ ފޮނިވެފަ ހުންނަ ފިރިހެނެއް އެއީ.....އެކަމް ދޮންތަވެސް އެއްވެސް ވާހަކައެއް ނުބުނޭ....މަންމައަށްވެސް ގުޅާވެސް ނުލާ....އެކަމާ މަންމަ އަދިވެސް ހިތާމަ އެކުރަނީ" މިޒްނާ ކަރުނަ ފުހެލިއެވެ. " ކޮބާތަ މާމަ....އަހަރެން ބޭނުން މާމަދެކެން" މިޝާ ކުއްލިއަކަށް މާމަގެ މަތިން ހަނދާންވިއެވެ. މިޒްނާ މިޝާގޮވައިގެން ގޮސްވަނީ ޖެހިގެން ހުރިކޮޓަރިއަށެވެ. ޚަތިމެއް ހިފައިގެން ޤުރުއާންކިޔަވަން އިން މުސްކުޅިއަންހެންމީހާ އިސްއުފުލައި އޭނާގެ އައިނުމަތިން އެމީހުނަށް ބަލާލިއެވެ. މިޒްނާ މިޝާއަކީ ކާކުކަން އޮޅުންފިލުވައިދިނުމުން މާމަ ރޮއެރޮއެފައި މިޝާގެ ގައިގާ އޮޅުލިއެވެ. އޭނާގެ ދޮށީދަރިފުޅު ކަންތައްކުރިގޮތުން ހިތްދަތިވެ އެތައް ޝަކުވާއެއްކުރިއެވެ. " ދެބެންގެ ބައްޕަ މަރުވީމަ އަހަރެން ކޮންފަދަ ހާލެއްގަ މިދެބެން ބަލާބޮޑުކުރީ...އެންމެފަހުން މާލޭގެ ރައްޓެއްސެއްގާތަށް ކިޔަވަން ފޮނުވީމަ ، ކިޔަވާނިމިގެން އެތަނުން މާލޭން މީހަކާވެސް އިނީ....އަހަރެންގެ ގާތު ރޮއެ އާދޭސްކުރީމަ އިންނަން ގަބޫލުވީވެސް....އެކަމަކު އެމީހާގެ ގާތުން ވަރިވެގެން އެއަށްވުރެ ލާރިގިނަމީހަކާ އިނދެވުނީމަ އަހަރެންދިރި ހުރިތޯވެސް މީޒާބަލާނުލި....މާލޭމީހަކާ އިންނަން އަހަރެން ކުރިންވެސް ގަބޫލުނުވީ އެހެންވެ....އެކަކު ކައިރިން ވަރިވެ، އަނެއްކާވެސް އެއިނީ މާލޭމީހަކާ.....އެމީހުންނަކީ މާރަނގަޅުބަޔަކީތަ؟....މާލޭމީހަކާ އިނީމަ ވަކިމޮޅުތަކެއް ލިބެނީތަ؟...މިޒްނާ އިނދެގެން އެއުޅެނީ ކައިރި ރަށެއްގެ މީހަކާ އެކަމު އޭނާ އެއުޅެނީ މާއުފަލުގަ....އެރަށުގަ ބޮޑުގެޔެއްގަ ނުލާހިކު އަރާމުގަ އުޅެނީ.....އަހަރެން ނުވޭ މިތާކު އުޅޭހިތެއް....ބަލިވީމަ ބޭސްކޮށްލަން އައެއްކަމަކު މިއީ މީހުން އުޅޭހިތްވާކަހަލަ ތަނެއްތަ؟...." މާމަގެ ވާހަކަތަކުން މިޝާ ދެރަވިއެވެ. މަންމަ އުޅޭހާލު މާމައަށް އެނގޭނަމަ އެހެން ބުނުނީހެވެ. 

މިޝާއަށް އޭނާގެ މާމައާއި ދޮންތަ ލިބުމުން ބަޔާން ނުކުރެވޭފަދަ އުފާވެރިކަން ލިބުނެވެ. އަފާގެ މަތިންވެސް އޭނާ ހިނދުކޮޅަކަށް ހަނދާންނެތުނެވެ. މާމަގެ ދެރަވެދާނެތީ މަންމަ އުޅޭ ހިތްދަތި ދިރިއުޅުމުގެ ވާހަކަތައް މިޝާ ކިޔައިދޭކަށް ބޭނުމެއް ނުވިއެވެ. މިޒްނާވެސް މާބޮޑަށް އެވާހަކަ ދައްކާކަށް ބޭނުމެއްނުވިއެވެ. މަންމައާ ބައްދަލުވެ ހަޤީޤަތް އެނގުމުން މަންމައަށް މާމަ މާފްކޮށް ހިތްހެޔޮކުރާނެކަން މިޝާއަށް ޔަޤީންވެއެވެ. މާމައާއި ދޮންތައާއި ބައްދަލުވިކަމުގެ އުފާވެރި ޚަބަރު މަންމައަށް ދޭހިތުން މިޝާހުރީ ކެތްމަދުވެފައެވެ. އެތައްޒަމާނަކުންސުރެ ޖަވާބުހޯދަމުން އައި ސުވާލުތަކެއްގެ ޖަވާބު މިއަދު އޭނާއަށް ލިބިއްޖެއެވެ. މިޝާގެ މަންމައާއި އާއިލާއާއި ވަކިވާންޖެހުނީވެސް ދޮންބައްޕަގެ ސަބަބުންކަން އޭނާއަށް ވިސްނުނެވެ. މިޝާގެ މަންމައަކީ މާމައާއި ދޮންތަ ދޫކޮށްފައި އެމީހުނާ އުމުރަށް ގުޅުން ކަނޑައިގެން ހުންނަހައި ހަރުހިތެއްގެ ވެރިއެއްނޫންކަން އޭނާއަށް އެނގެއެވެ. ކޮންމެވެސް މަޖުބޫރެއް އެކަމުގައި ވާނެއެވެ. މަންމަގެ މާޒީގެ ހަޤީޤަތްވެސް ހޯދާކަށް ދެން މާބޮޑުކަމެއް ކުރާކަށް ނުޖެހޭނެއެވެ. މިޝާ އެތައްއިރަކު މާމަގާތުގައި ވަގުތު ހޭދަކުރިއެވެ. މިޒްނާގެ ދަރިފުޅު ޒީނާ ރައްޓެހި ކުއްޖެއްގެ ގޭގައި އުޅެފައި ގެޔަށް އައުމުން މިޝާއަށް ތަޢާރަފްކޮށްދިއެވެ. "މިއީ ޒީނާ...ދޮންތަގެހުރި ހަމައެކަނިދަރިފުޅު" މިޒްނާ ހިނިތުންވެލަމުން ބުނެލިއެވެ. ޒީނާއަށް ދައްތައަކު ލިބުމުން އުފަލުން ފުމެންފެށިގޮތުން މިޝާގެ ގާތަށް ހިނިއައެވެ. 

" ދޮންތަ ރަށުގައުޅެންޏާ ކޮންބައެއް މިކޮޅުގައުޅެނީ؟" މިޝާއަހާލިއެވެ. " މިގޭގައުޅޭނެ ދޮންތަބޭގެ އަންހެން ކޮއްކޮ އަޒުރާއާއި ފިރިހެން ކޮއްކޮ އަފްޒަލް....ދެމީހުންވެސް މިކޮޅުގައި ވަޒީފާ އަދާކުރަނީ......" މިޒްނާ އޮޅުންފިލުވައިދިނެވެ. " ދެން ދޮންތަބޭކޮބާ؟..." މިޝާ އިތުރަށް އޮޅުންފިލުވަން ބޭނުންވިއެވެ. " އަފްރާހް އުޅެނީ ރަށުކޯޓްގަ ޣާޒީއަކަށް..އެކަމު މިދުވަސްކޮޅު ޗުއްޓީނަގައިގެން އަހަރެމެން ގޮވައިގެން މާލެއައިސްއެބައުޅޭ.....މިރޭހުރިހާ އެންމެނާވެސް ބައްދަލުވާނެ އިނގޭ" މިޒްނާހުރީ ނުހަނު އުފާވެފައެވެ.

އިރުއޮއްސި އަނދިރިވުމުގެކުރިން އަފާމާލެދާން ބޭނުންވިއެވެ. މިޝާވެސް އަފާއާއެކު ދާންއުޅުމުން އަފާއެކަން މަނާކުރީ މިޝާއަށް އޭނާގެ އާއިލާއާއެކު ވަގުތުކޮޅެއް ދިނުމަށެވެ. އޭނާގެ ރަހުމަތްތެރިޔާއަށް ލިބުނު އުފަލުގައި ބައިވެރިވެ އެގޭގައި މަޑުކުރަން ބޭނުންވިނަމަވެސް މަންމަ ކަންބޮޑުވާނެތީ އޭނާމާލެދިޔައެވެ. ޒީނާ ފެންވަރަން ވަނުމުން،މިޝާ ޒީނާގެ ކޮޓަރީގައި އިންދައި މީހަކު ދޮރުގައި ޓަކިޖަހާލުމުން އޭނާ ދޮރުހުޅުވާލިއެވެ. އެއާއެކު އޭނާގެ މޫނުގައި އެޅުނީ ކޮންމެވެސް މީހަކު އެއްލި ޓީޝާޓެކެވެ. " ވަރަށް އަވަހަށް ތި އިސްތިރިކޮށްލަދީބަލަ!" އިވުނީ ޒުވާން ފިރިހެނެއްގެ އަޑެވެ. މިޝާ އޭނާގެ މޫނުގައި އެޅިފައި އޮތް ޓީޝާޓް ނަގާފައި ބަލާލިއިރު، ތުވާއްޔެއް އަނދެގެން ހުސްގަޔާ ހުރި ޒުވާނަކު، ތުބުން ފުމެމުން ގޮސް ޖެހިގެން ހުރިކޮޓަރިއަށް ވަންނަނީއެވެ. އޭނާގެ މޫނު ނުފެނުނަސް އެއީ ދޮންތަބުނި އަފްޒަލްކަން އޭނާއަށް ޔަގީންވިއެވެ. ކާކުކަންވެސް ބަލާނުލައި އޭނާގެ މޫނަށް ޓީޝާޓް އެއްލާފައި އެދިޔައީ ޒީނާކަމަށެވެ. މިޝާ ހިނިތުންވެލަމުން ޓީޝާޓް ހިފައިގެން ގޮސް ލިވިންގްރޫމުގައިހުރި އިސްތިރިކުރާމޭޒު ކައިރިއަށް ހުއްޓި އިސްތިރިކުރަންފެށިއެވެ. ނަސީބަކުން އެވަގުތު އެއްވެސް މީހަކު އެތާކުނެތެވެ. ދޮންތަވީ މާމަގެ ކޮޓަރީގައެވެ. ޒީނާ އަދިވެސްވީ ފާޚާނާގައި ކަންނޭނގެއެވެ. އިސްތިރިކޮށް ނިމުމުން މިޝާ ޓީޝާޓް ހިފައިގެން ގޮސް ޒުވާނާ ވަތްކޮޓަރީގެ ދޮރުގައި ޓަކިޖަހާލިއެވެ. "ތޭން.." ޓީޝާޓްގައި ހިފަން އަތްދިއްކޮށްލާފައި ޒުވާނާއަށް ހުއްޓުންއެރީ އެއީ ޒީނާ ނޫންކަން އެނގުމުންނެވެ. ނަމަވެސް އެއީ އޭނާ ދަންނަ މޫނެކެވެ. މިޝާއަށްވެސް އެޒުވާނާ ފެނިފައި އިރުކޮޅަކުބަލަން ހުރެވުނީ އެއީ ކުރިން ދެފަހަރަކު މަގުމަތިން އޭނާއާ ދިމާވި ޒުވާނާކަން ހަނދާންވެފައެވެ. 

" ޔޫ؟!" ޒުވާނާ ހައިރާންވެފައި އަހާލިއެވެ. " ކިހިނެއްވީ؟...އިސްތިރިކުރެވުނުގޮތް ކަމުނުދަނީތަ؟....އިސްތިރިކޮށްދޭށޭ ބުނީމަ، މަށަށް އެނގޭގޮތަށް ކޮށްފަ ތިއޮތީ.." އެޒުވާނާއަށް ވީގޮތްފެނި ހިނިއައި ނަމަވެސް ހަމަޖެހިލަމުން މިޝާ ވާހަކަދެއްކިއެވެ. " އޯހ ސޮރީ....އަހަރެންހީކުރީ ޒީކަމަށް....އެކަމު ކީއްކުރަނީ މިތާ؟" އަނެއްކާވެސް އޭނާ އަހާލިއެވެ. " އޭތް...މީޝްދޮންތީ މިހާރު ކުޑަބެއާވެސް ފްރެންޑްވެލީތަ؟..." ކޮޓަރިން ނުކުތް ޒީނާއަށް އެދެމީހުން ފެނިފައި ހެވިފައި އަހާލިއެވެ. " ނޯ އެއީ..." މިޝާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. " އޯހ އޮފިޝަލްކޮށް ތަޢާރަފްކޮށްދޭންވީދޯ....މިއީ އަހަރެންގެ ކުޑަބެ....އަފްޒަލް....ދެން މީ އަހަރެންނަށް މިއަދު އަލަށްލިބުނު ދޮންތީ މިޝާ.." ޒީނާ ދޮންތީއޭ ބުނުމުން އަފްޒަލްގެ ހައިރާންކަންވީ އިތުރެވެ. " އެކަމް ކިހިނެއް ދޮންތީއަކަށްވީ؟.." އަފްޒަލް އަހާލިއެވެ. " މިރޭ ޑިނަރ ގަޑީގަ ހުރިހާ އެއްޗެއް އެނގޭނެ....ދެންވެސް ޓީޝާޓްލާ ތައްޔާރުވެބަލަ!..." ޒީނާ އަފްޒަލް ކޮއްޕައި ކޮޓަރިތެރެއަށް ވެއްދިއެވެ. ކެއުމުގެ ވަގުތުގައި މިޝާއަށް މިޒްނާގެ ފިރިމީހާއާއި ދެކޮއްކޮ ތަޢާރަފްކޮށްދީ ހެދިއެވެ. އަފްޒަލް އިނީ މިޝާއާ އަނެއްކާވެސް ބައްދަލުވީތީ އުފާވެފައެވެ. އެކުޑަކުޑަ ހިނދުކޮޅުގައިވެސް މިޝާއަށް ޚާއްސަމަޤާމެއް އޭނާގެ ހިތުންދެވުނެވެ. 

ސިޓީހައުސްގެ ޓެރެސްމަތީ ދެކޮޅަށް ހިނގާލަ ހިނގާލާހުރި ޝިފާންހުރީ ހާސްވެ ރުޅިވެސް ގަދަވެފައެވެ. އިރުއިރުކޮޅުން ފޯނުގެ ގަޑިއަށް ބަލާލައެވެ. " ބޮސް..ތިހާ ހާސްނުވެބަލަ!...ރެޕަންޒަލް އަންނާނެއްނު އޭނާ އަންނަން ބޭނުންވީމަ..." ތަންކޮޅެއްދުރުގައި ޝިފާންގެ ހަރަކާތްތަކަށް ބަލަންހުރި ނަވީން ބުންޏެވެ. " ގަޑިންވީއިރު އެނގޭތަ؟ ބާރަގަޑިބައިވީ....މިހާދަންވަންދެން ދުވަހަކުވެސް އޭނާގެއިން ބޭރުގަ ނޫޅޭ....ރޭގަނޑުގެ ކެއުމަށްފަހު ކޮޓަރިންވެސް ބޭރަށް ނުކުންނަ ކުއްޖެއްނޫން އެއީކީ....އެކަމަކު މިއަދު ހަވީރު އަހަރެމެން ގެޔަށް އައި އިރުވެސް އޭނައެއް ނެތް....އެގަޑީގަ ކޮފީއެއް ގިރާދޭށޭ ބުނަންވެގެން ކޮޓަރިބެލިއިރު ކޮޓަރިއަކު ނެތް....މިހާރު ކިހާއިރެއްމިވީ....ފޯނުވެސް ގެންގުޅޭނަމައެއްނު ގުޅާވެސް ލެވުނީހީ.....މިރޭ އަހަރެން މޮޔަވާނެ.." ޝިފާން ހުރީ ވަރަށް ކަންބޮޑުވެފައެވެ. " ހެހެހެ މޮޔަވާކަށް ނެތް.....މޮޔަވެފަ ތިހުރީ....ހަމަރަނގަޅަށްވެސް ރެޕަންޒަލްދެކެ ލޯބިވެވިފަ ތިހުރީ" މިޝާއާމެދު އިންތިހާއަށް ކަންބޮޑުވެފައިހުރި ނަމަވެސް އެކަން ފޮރުވަމުން ނަވީން ޝިފާންއާ ދިމާކޮށްލިއެވެ. "ނަވީން....ޝަޓްއަޕް!....އޭނާއަށް ކަމެއްވެއްޖެއްޔާ އަހަރެންނެއްނު ޒިންމާވާން ޖެހޭނީ .....އެހެންވީމަ ކަންބޮޑެއް ނުވާނެތަ؟..." ޝިފާން އުޅުނީ ނަވީން އެދައްކާ ވާހަކަދޮގުކުރާށެވެ. އޭނަގެ ހިތް މިޝާއާމެދު މިހާބޮޑަށް ނުތަނަވަސްވީ ނަމަވެސް މިޝާދެކެ ލޯބިވެވުނީކަމަށް ގަބޫލުކުރާކަށް ބޭނުމެއް ނުވެއެވެ. " އޯކޭބަޑީ....ދެންމަމިދަނީ ގެޔަށް.....ވާނުވާ އަންގާލާތި....މަވެސް އޭނަދާނެހެން ހީވާތަނެއްވިއްޔާ ބަލައިފިން.....އެކަމު ކަންބޮޑުނުވޭ....އިރާދަކުރެއްވިއްޔާ ރެޕަންޒަލްއަށް އެއްވެސް ދެރަގޮތެއް ނުވާނެ.." ޝިފާންގެ ކޮނޑުގައި ޖަހާލަމުން ނަވީން ހިތްވަރުދިނެވެ. ޝިފާން ބޯހަލުވާލިއެވެ. މިޝާއަށް ކަމެއްވެދާނެތީ އޭނާގެ ހިތްބިރުގަންނަނީ ހާދަވަރަކަށެވެ. މިފަދަ ޒަމާނެއްގައި އެކަނި އަންހެން ކުއްޖަކު ފެނިއްޖެއްޔާ ބަޔަކު ކޮންމެފަދަ ގޮތެއްވެސް ހަދާފާނެއެވެ. ރޭޕްކޮށްލާފައި ތަނަކަށް އެއްލާވެސް ލާފާނެއެވެ. ނޫންނަމަ މަރާވެސް ލާފާނެއެވެ. ނޫނެކެވެ. މިޝާއަށް އެހެނެއް ނުވާނެއެވެ. ޝިފާންއަށް ލޯމަރާލެވުނެވެ. ކެތްމަދުވެފައިވާ ނަޒަރަކުން މަގުމައްޗަށް ބަލަންހުއްޓައި، ގޭދޮރުމައްޗަށް ކާރެއް މަޑުކޮށްލިއެވެ. ކާރުން ފޭބި މިޝާ ފެނިފައި ޝިފާންގެ ހިތަށް ބުނަން ނޭނގޭފަދަ ހަމަޖެހުމެއް ލިބުނެވެ. މިޝާ ކާރުގައި އިން މީހަކަށް އަތްހޫރާލުމަށްފަހު ގެއަށް ވަންނަން ހިނގައިގަތެވެ. ޝިފާން ދުވެފައި ސިޑިންފޭބިއެވެ. ގޭތެރެއަށް ވަތް މިޝާއަށް އޭނާއާދިމާއަށް އައި ޝިފާން ފެނިފައި ސިހުންލިބުނެވެ. ޝިފާން އައިގޮތަށް އައިސް މިޝާގެ އަތުގައި ހިފައިގެން ހަލުވިކަމާއެކު ސިޑިންއަރަން ފެށިއެވެ. މިޝާހުރީ ހައިރާންވެ ވާނުވާ ނޭނގިފައެވެ. އޭނާ ހީކޮށްގެންހުރީ މިހާރު ޝިފާން ނިދާފާނެކަމުގައެވެ. ޝިފާން އަތުގައި ހިފާފައިހުރިލެއް ބާރުކަމުން މިޝާގެ އަތަށް ތަދުވަމުން ދިޔައެވެ. 

" ޝިފާން ކިހިނެއްވެގެންތަ ތިއުޅެނީ؟...ތަދުވެޔޭ...ދޫކޮށްބަލަ!" ޝިފާންގެ އަތްފޮޅުވާލަން މަސައްކަތްކުރަމުން މިޝާ ނުރުހިފައި ބުންޏެވެ. ޓެރަހަށް އެރުމުން ޝިފާން މިޝާގެ އަތުން ދޫކޮށްލިއެވެ. "މަށަށްތަ ގޮތެއްވެގެން މިއުޅެނީ....މިހުރިހާއިރު ކޮންތާކު އުޅެފަތަ ތިއައީ؟....މިހާރު މެންދަމު ބާރަޖަހާ ބޮޑުވެއްޖެކަން އެނގޭތަ؟....ތީއަންހެން ކުދިން އުޅެންޖެހޭގޮތްތަ؟...ތިހެން އުޅެނިކޮށް ދެރަގޮތެއްވީމަ ކާކަށްތަ ދެރަވަނީ؟.....އަމިއްލަ ނަފްސަށް ނުވިސްނަންޏާ އެހެންމީހުނާމެދު ވިސްނާލިނަމަ.....އަހަރެން މިހުރީ މިޝާވީތަނެއް ނޭނގިގެން ނުނިދިފަ.....ދާއިރު ދާތަނެއް ބުނެލަން ކީއްތަވާނީ...ބުނެބަލަ ކޮންތާކުން ތިއައީ؟" ޝިފާންގެ ވާހަކަތައް ހުރިގޮތުން ހައިރާންވީ ވަރުން މިޝާއަށްހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. މިޝާގެޔަށް ނައުމުން ޝިފާން އެހާވަރަށް ކަންބޮޑުވީ ކީއްވެގެން ހެއްޔެވެ؟ މިޝާއަށް ދެރަގޮތެއް ވެދާނެތީ ޝިފާން ވިސްނަންފެށީ ކޮންއިރަކު ހެއްޔެވެ؟ މިޝާ ގެއަށް ނައުމުން ޝިފާންގެ ލޮލަށް ނިދިނައީ ކީއްވެގެން ހެއްޔެވެ؟ 

" ކީއްވެފަ ޖަވާބުނުދީ ބަލަން ތިހުރީ؟....އެންމެ ފަހަރަކުވެސް ނުވިސްނުނުތަ ރެޕަންޒަލްއަށް ކަމެއްވިނަމަ އަހަރެން ދެރަވާނެވަރު....އަހަރެންގެ ހިތަށް ކުރާނެ އަސަރު.." ޝިފާންއަށް ބޭއިޚުތިޔާރުގައި މިޝާގެ އަތުގައި ހިފާލެވުނެވެ. " ކީއްވެ؟....ކީއްވެ އަހަރެން ކޮންމެގޮތަކަށް އުޅުނަސް ޝިފާން ކަންބޮޑުވާންވީ؟....ކީއްވެ ޝިފާންގެ ލޮލަށް ނިދިނާންނަންވީ؟....ކީއްވެ އަހަރެންނަށް ކަމެއްވީމަ ޝިފާން ދެރަވާންވީ؟..." މިޝާކުރަންފެށި ސުވާލުތަކުން ޝިފާންއަށް އޭނާއަށް ދެއްކުނު ވާހަކަތަކާމެދު ވިސްނާލެވުނެވެ. ތެދެކެވެ. މިޝާ ކޮންމެ ގޮތަކަށް އުޅުނަސް އޭނާއަށް ކީއްހެއްޔެވެ؟ މިޝާއަށް ކޮންމެގޮތެއް ވިޔަސް އޭނާއަށް ލިބޭނީ ކޮންދެރައެއް ހެއްޔެވެ؟ އޭނާގެ ހިތަށް ތަދުވާންވީ ކީއްވެގެން ހެއްޔެވެ؟ މިހުރިހާ ސުވާލުގެ ޖަވާބު ޚުދު ޝިފާންއަކަށްވެސް ނޭނގެއެވެ. މިޝާގެ ސުވާލުތަކަށް ދޭނޭ ޖަވާބެއް އޭނާގެ ވިސްނުމަކަށް ނައެވެ. " ބޭކާރު ސުވާކު ކުރުމުގެ މާނައެއް ނެތް.....މިޝާ ތިހުރީ އަހަރެންގެ ބެލުމުގެ ދަށުގަ....އެހެންވީމަ އަހަރެންނަށް ވިސްނަންޖެހޭނެ...ދެން މީގެފަހުން އަހަރެންނަށް އެނގިފަނޫނީ ބޭރަށް ގޮސްގެން ނުވާނެ....ވިސްނިއްޖެތަ؟.." ޝިފާން އަމުރުކޮށްލިއެވެ. "ނޫން....ނުވިސްނޭ..." މިޝާދިން ޖަވާބުން ޝިފާންއަށް މިޝާއާދިމާ ބަލާލެވުނެވެ.

ކޮމެންޓް 0