ވެއިޓަރ ދިއުމުން ޝިފާން ފެށީ ދަތުރުގެ ބާކީއޮތްދުވަސްތަކުގެ ޕްރޮގުރާމް ގައިޑް އޮޅުން ފިލުވައިދޭށެވެ. އެހެންކަމުން މިޝާއަށް ދެމުންދިޔަ ސަމާލުކަށް ޝިފާންއަށް ހުއްޓިއްޖެއެވެ. މިޝާއިނީ އެތަނަށް އާދެވުނު މޮޔަހިތަށް އަރާފައެވެ. ނާއިޒްގެ ނަޒަރު ހިނދުކޮޅަކަށްވެސް މިޝާއިން އެއްކިބާނުވާކަން ނަވީންއަށް ފާހަގަކުރެވުނެވެ.

ކާއެއްޗެހި އައުމާއެކު އެންމެން ވާހަކަ މެދުކަނޑާލާފައި ކެއުމަށް ސަމާލުވިއެވެ. މިޝާގެ ގާތުގައި ބޯތައްޓެއް ބެހެއްޓުމުން އޭނާހައިރާންވެފައި ބަލާލިއިރު އެއީ ކޮންމެވެސް ވައްތަރެއްގެ ސޫޕެކެވެ. އެހެން އެންމެން ކަނީ ބަތްފަދަ ކޮންމެވެސް ހަރުކާނާއެވެ. އެމީހުން ކާންފެށުމުން މިޝާވެސް ސަމްސަލެއް ނަގާފައި ރަހަބަލާލިއެވެ. އޭގައިލީ ރަހައިން މިޝާގެ އަނގައަށް ގޮތެއް ހަދާލެވުނެވެ. ޝިފާންއަށް އެމަންޒަރުފެނި ހިނިއައި ނަމަވެސް ހިނިގަނޑުމަތަ ކޮށްގެން އިނދެ ކާންފެށިއެވެ. އެހެންމީހުން ކާއިރު ނުކައި އިންނަން ނުކެރިގެން ހިތްވަރުކޮށްފައި މިޝާކާންފެށިއެވެ. އެއީ ކޮންއެއްޗަކުން ހަދާފައިހުރި އެއްޗެއްކަންވެސް އޭނާއަކަށް ނޭނގެއެވެ. ހިތިރަހައާއި ކުޅިރަހަފިޔަވައި އިތުރު ރަހައެއްވެސް ނުލައެވެ. މުޅިތުންފަތުގެ ބޭރުގަޔާއެކީ މިރުސްއެޅި ދިލަނަގަން ފެށުމުންވެސް ހުއްޓާނުލައި ކެވޭތޯބެލިއެވެ.ޝިފާން މިޝާއަށް ބަލާލިއިރު އެދޮންމޫނަށްވަނީ ފިޔާތޮށިކުލަވެރިވެފައެވެ. އެތުނި ތުންފަތްވެސް ރަތްކަމުން ލޭފޮދެއްހެން ހީވާވަރުވެއްޖެއެވެ. ޝިފާން ބަލާކަން އެނގުމުން ހާސްވެގެން ހިންދިރުވާލިވަގުތު މިޝާ ކޮށިއެރިއެވެ. ކާންތިބި އެންމެންވެސް ސިހިފައި މިޝާއަށް ބަލާލިއެވެ. މިޝާ ކެއްސައް ފެށުމާއެކު ލޮލުންވެސް ފެންއަތުވެއްޖެއެވެ. ޝިފާން ޓިޝޫއެއް ދިއްކޮށްލުމުން މިޝާ އަނގަމަތީގައި އަޅައި ކެއްސުންވަރު މަތަކުރެވޭތޯ ބެލިއެވެ. 

" ޗީޑި!..ތާކަށް އަޔަސް އުޅޭނެ ގޮތެއްވެސް އެނގެނިއްޔެއްނޫން....ކޯއްޗެއްކަން ނޭނގޭހައި އެއްޗެއްސަށް އޯޑަރ ކުރަންޏާ ވާނީތިހެން..." ރައިނާ އެވަގުތުވެސް ބެލީ މަލާމާތްކުރެވޭތޯއެވެ. ޝީބާވެސް އެއްޗެއް ބުނަން ހިތަށްއަރާފައިވެސް މައިތިރިވީ ނަވީން ބަލާލިގޮތުންނެވެ. ނަވީން މިޝާއަށް ފެންތައްޓެއް ދިއްކޮށްލިއެވެ. މިޝާ ކެއްސަން ފެށުމުން ޖެހިގެން ހުރި މޭޒުދޮށުގައި ތިބިމީހުންވެސް އެދިމާބަލަން ފެށިއެވެ. ވެއިޓަރވެސް އައިސް ކިހިނެއްވީތޯ އެހިއެވެ. 

" އެއްޗަކަށް އޯޑަރކުރުމުގެ ކުރިން އެޓްލީސްޓް އެއީ ކޯއްޗެއްތޯ އަހާލިނަމަ ތިހެންނުވީހެއްނު.....މިއޮއް އެންމެންތެރޭގަ ލަދުގަންނާކަށްނު މިޖެހުނީ" ހިތްހަމަ ނުޖެހިފައި ޝިފާން ބުނި ޖުމްލައިން މިޝާއަށް ވަގުތުން ރޮވުނެވެ. ނަމަވެސް އޭނާގެ ކަރުނަތައް ދިރުވާލަން މަސައްކަތް ކުރިއެވެ. " އެހެންވެޔެއްނު އެކަހަލަ ގަމާރަކު ގޮވައިގެން ދޮންބެވެސް ތިއައީ...." އެންމެފަހުން ޝީބާވެސް ހަމަލާއެއްދިނެވެ. " އޯހ ކަމޯން އަލަށް މިކަހަލަތާކުން ކާއިރު އެހެން ވެދާނެ މީހަކަށް...." ނަވީން ބެލީ މައްސަލަ ހޫނުވިޔަނުދީވޭތޯއެވެ. " ރިޒޯޓް ތަކަށް އަންނައިރު ގޭގައުޅޭ މެއިޑްވެސް ގޮވައިގެން އައީމަ ވާނެގޮތްމިވީ..." މަލާކްވެސް ފުރުސަތުގެ ބޭނުން ހިފާލިއެވެ. އެންމެންގެ މަލާމާތްތައް ރައްދުވާން ފެށުމުން މިޝާއަށް ކެތްކުރަން އުނދަގޫވިއެވެ.

" މަށަށް ކިހިނެއްތަ އެނގޭނީ މިގެނެވުނީ އެއިޓީންތް ސެންޗަރީގެ މީހެއްކަމެއް.....މިވަރު ގަމާރުކަން އެނގުނުނަމަ ނުވެސް ގެނައީމުސް" އެންމެފަހުން ރުޅިގަދަވެގެން ޝިފާންއަށް ބުނެވުނެވެ. މިޝާއަށް އިތުރަށް ކެތްނުވުމުން ތެދުވެގެން ރެސްޓޯރެންޓުން ބޭރަށް ދުއްވައިގަތެވެ. " މިޝާ!..ޕްލީޒް މަޑުކޮށްބަލަ!....ދެން ޝިފާންވެސް ތިވަރުނުކޮށްލިޔަކަސް ވެދާނެއްނު!" ނަވީން ހިތްހަމަ ނުޖެހިފައ ބުންޏެވެ. ރެސްޓޯރެންޓުން ނުކުތްގޮތަށް މިޝާ މިސްރާބުޖެހީ އަތިރިމައްޗަށެވެ. ދިއްލާއަޅާފައިވާ އަތިރިމަތީގެ މަޑުވެލިގަނޑުގައި ހިނގަމުންދިޔައިރު އޭނާގެ ލޮލުން ހުއްޓުމެއްނެތި ކަރުނަތައް ފައިބަމުން ދިޔައެވެ. ފައިވާން އަތަށްނަގައިގެން އެއްއަތުން ލޯފުހެމުންހުރެ މިޝާކުރިޔަށް ދިޔައެވެ. ޖެހެމުންދިޔަ ފިނިރޯޅިން އޭނާގެ މޫނުމައްޗަށް ވެއްޓިފައިހުރި ބައެއް އިސްތަށިތައް ނަށަމުންދިޔައެވެ. އޭނާ މިރަށަށް މިއައީ މިގޮތަށް އެމީހުންގެ ކުރިމަތީގައި ބަދުނާމުވެ ރޯން ހެއްޔެވެ؟ އޭނާގެ ހަމަ އެއްވެސް އަގެއްނެތީހެއްޔެވެ؟ ހިތާހިތާ ޝަކުވާކުރަމުން ރޮމުން ދިޔަމިޝާގެ ފަހަތުން މީހަކު އަންނަކަމެއް އޭނާއަކަށް ނޭނގެއެވެ. ކުއްލިއަކަށް އޭނޭގެ ބޮލުގައި އިން ވޫލްގައިހިފާ މީހަކު ދަމައިގަތުމުން ސިހިފައި ފަހަތްބަލާލިއިރު ނަވީން ހުއްޓެވެ.

"އަމައްޔާތް!...ހީވަނީ ހަންޑިކުއްޖެއްހެން...ބަލާބަލަ ތިހިރަދެލޮލެއް....ޕެންޑާގެ ދެލޯހެން ހީވަނީ...." ނަވީން ހީހީފައި މިޝާއަށް ގޯނާކުރިއެވެ. މިޝާ ނަވީންއަށް ލޯއަޅާލިއެވެ. "އޭތް މަބިރުގަނޭ...އަނެއްކާ ތީ ރެޕަންޒަލް ކައިގެން އަރާހުރި ފުރޭތައެއްތަ؟....އެހެންވެއްޖެއްޔާ މަގޭދުވަސްދިޔައީ....ބަލާލަ ތިހިރަ ލޯބި ތުންފަތްވެސް ރަތްކަމުން ރަތްފިނިފެންމަލެއްހެން ހީވަނީ...އަން މިއައިސްކުރީމް ކާލާ!..އޭރުން އޯކޭވާނެ..." ނަވީންގެ އަތުގައިހުރި އައިސްކުރީމެއް މިޝާއަށް ދިއްކޮށްލިއެވެ. މިޝާ އޭގައިހިފައިގެން އައިސް ބީޗް ޗެއާއެއްގައި އިށީނދެކާން ފެށިއެވެ. އަދިވެސް އޭނާގެ އަނގަމަތިން ދިޔަނަގައެވެ. 

"ކީއްވެ ނަވީން ތިއައީ؟....ޝީބާ ރުޅިއަންނާނެ.." ހިތްހަމަ ނުޖެހިފައި މިޝާބުންޏެވެ. "ޝީބާ ރުޅިއަޔަސް ކީއްކުރާނީ....ބޮސްބުނީމަ އަންނާކަށްނު ޖެހޭނީ" ނަވީން ބޮސްއޭބުނުމުން މިޝާ ބަލާލީ ހައިރާންވެފައެވެ. " ހެ ހެ ހެ ޝިފާން...އެއީއެއްނު ބޮސީވެގެން އުޅޭމީހަކީ....އެނގޭތަ އިއްޔެވެސް މަށަށްދިން ލަނޑު....އެންމެންގާތު ފަތިހުފުރަން ތައްޔާރުވާށޭ ކިޔާފަ، ގެޔަށް ގޮސް ދަބަސްތައްޔާރުކުރަނިކޮށް ގުޅާފަބުނެފި ނޭނގެޔޭ ފަތިހު ހޭލެވޭނެކަމެއް...ހަވީރަށް ދަތުރު ބަދަލުކުރިވާހަކަ އެންމެންގާތު ބުނާށޭ....އަނެއްކާ މަ އެންމެނަށް މެސެޖްކޮށްފަ ބުނީ...އެވަރުވެސް އެފިރިހެނާ ކޮށްގެންނުވި.... ރެޕަންޒަލް އަށް މެސެޖްކުރަން ހިތަށް އެރިވަގުތު ވިސްނުނީ ތީފޯނުގެންގުޅޭ މީހެއްނޫންކަން....ބޮސްބުނިތަ ހަވީރުފުރަންޖެހޭވާހަކަ؟...ނުބުނޭދޯ؟..." މިޝާއާ ދިމާބަލާލަމުން ނަވީން އަހާލިއެވެ. މިޝާ ނޫނެކޭބުނެ ދެފަރާތަށް ބޯހޫރާލިއެވެ. "ހޫމް....މަށަށް އެނގޭ އޭރުވެސް ނުބުނޭނެކަން.....މަށެއްނު ބުނަން ޖެހޭނީ ބުނަން....މަމީ އޭނަގެ ޕީއޭވިއްޔަ...މިރޭވެސް އެންމެންގެ ތެރޭގަ އަޑުގަދަކޮށްފަވެސް މަކައިރީ ސިއްރުސިއްރުން ބުނީ އައިސްކްރީމެއް ހިފައިގެންދާށޭ....މަބުނީ ޝިފާންދާންވީނޫންހޭ...އެކަމު ބުނެފި މަނުދާނަމޭ....ނަވީން ނޫންމީހަކާ މިގަޑީގަ ވާހަކައެއްވެސް ނުދައްކާނޭ....ދެން ޖެހޭނީ އަންނާކަށްނު" ނަވީން އޮޅުންފިލުވައިދިނެވެ. 

"ހަމަ ޝިފާން ބުނެގެންތަ ތިއައީ؟" ޔަގީންނުވެފައިހުރެގެން މިޝާއަހާލިއެވެ. " އާނ! ޔަގީންނުވަނީތަ؟....މިޝާއަކަށް ހިޔެއްނުވޭތަ ޝިފާން ޗޭންޖްވިހެނެއް؟...." ފުންކޮށް މިޝާގެ މޫނަށް ބަލާލަމުން ނަވީން އަހާލިއެވެ. " ނޭނގެ" ފަރުވާކުޑަގޮތަކަށް މިޝާ ޖަވާބުދިނެވެ. ނަވީން ހިނިތުންވެލިއެވެ. " މިރޭ ވަރަށްރީތި އިނގޭ! ވަރަށް ސެކްސީ.." މިޝާ އަނގައިން ނުބުނެ އިންނަން ފެށުމުން ނަވީން ގޯނާކޮށްލިއެވެ. " ކީއްވެނަވީން ތިގޮތަށް ތިކަންތައްކުރަނީ؟....ތިގޮތަށް ކޮންމެފަހަރަކު އަހަރެންނަށް ހެލްޕްވަންޏާ އެހެންމީހުން ހިތަށްއަރާނީކީކޭ؟" މިޝާ ސީރިއަސްވެފައި އަހާލިއެވެ. "ހިތަށްއަރާނީ އަހަރެން މިޝާދެކެލޯބިވަނީއޭ" ހަމަޖެހިލާފައި ނަވީން ޖަވާބުދިނެވެ. މިޝާނަވީންގެ މޫނަށް ބަލަންއިނީ ސުވާލުން ފުރިގެންވީ ނަޒަރަކުންނެވެ. " ލޯބިވުން އެއީ މައްސަލައެއްތަ؟....އެއީ އިންސާނާގެ ހިތުގަ ލައްވާފައިވާ ވަރަށް ބާރުގަދަ ޖަޒުބާތެއް....އެއީ މީހެއްގެ އިޚުތިޔާރުގާ ވާކަމެއްނޫން....ކޮންމެމީހަކުދެކެވެސް ލޯބިވެވިދާނެ..." ނަވީން ދައްކަންފެށި ވާހަކައިން މިޝާގެ ހިތުގައި ސުވާލުތައް އިތުރިވިއެވެ. 

"ދެން ތީގެ މާނައަކީ ނަވީން އަހަރެންދެކެ ލޯބިވަނީއޭތަ؟" ޖެހިލުންވެއިނދެ މިޝާއަހާލިއެވެ. " އާނ..އަހަރެން ލޯބިވޭ މިޝާދެކެ..." މިޝާގެ މޫނަށްބަލާލަމުން ނަވީންބުނި ޖުމްލައިން މިޝާގެ ބަސްހުއްޓުނެވެ. ދެންއިތުރަށް ދައްކާނެ ވާހަކައެއްގެ އޭނާގެ ދުލަކަށްނައެވެ. މިޝާއަށް ވީގޮތްފެނި ނަވީންއަށް މަޖާވިއެވެ. އެންމެފަހުން އޭނާއަށް ހެވިއްޖެއެވެ. ނަވީން ހޭންފެށުމުން މިޝާ ހައިރާންވެފައި ބަލާލިއެވެ. " ރެޕަންޒަލްއާ ނޯންނާނެ ސަމާސާއެއްވެސް ކޮށްލެވޭކަށް ސީރިއަސް ވާވަރުން...އަހަރެން މިޝާއާމެދު ގޯސްގޮތަކަށް ނުދެކެން.....އިޝްޤީލޯތްބޭ މިކިޔާލޯބި އަހަރެންނަށް ވެވުނީ އެގޮތްދޫނުކުރާ ބޮޑާ ކުއްޖާދެކެ....އެކަމަކު އަހަރެން މިޝާދެކެ ވަރަށް ކުރިންސުރެވެސް ލޯބިވަނީ ކޮއްކޮއެއްގެ ގޮތަށް....މިޝާ އެންމެ ފުރަތަމަ ފެނުނު ދުވަހުވެސް އަހަރަންގެ ކޮއްކޮ ނަވާ މަތިން ހަނދާންވި.....އުމުރުން ފަސްއަހަރުގަ ނަވާމަރުވީ ވަރުގަދަ ހުމެއްޖެހިފަ....ނަވާގެވެސް އޮންނާނީ ވަރަށްދިގު ލޯބި އިސްތަށިގަނޑެއް މިޝާގެ އޮންނަގޮތަށް....އޭނަގެ ހުރީ މުށިކުލައިގެ ދެކަޅި...އެހެންވެ މިޝާފެންނަ ކޮންމެފަހަރަކު ނަވާމަތިން ހަނދާންވޭ....ހިތަށްއަރާ ނަވާދުނިޔޭގަ ހުރިނަމަ ހުންނާނީ މިޝާހުންނަގޮތަށޭ.....އެހެންވެ ހަމަ މިޝާ އަހަރެންނަށް ޚާއްސަވީ.....މިޝާ ރޮންޏާ އަހަރެން ވަރަށްދެރަވޭ.....ގަބޫލުކުރޭ...އަހަރެންގެ ހިތުގާ މިޝާއާމެދު އޮތީ އަޙުވަންތަ ކަމުގެލޯބި...އަބަދުވެސް އަހަރެން މިޝާގެ ބޭބެއެއްގެ ގޮތުގަ ހުންނާނަން....ޝީބާ ކިތަންމެ ރުޅިއަޔަސް އަހަރެންގެ ފަރުވާލެއްނެތް....ޝީބާއަށްޓަކާ އަހަރެންގެ ހިތުގަލޯބި އުފެދުމުގެ މާކުރިން އަހަރެންގެ ހިތުގަ މިޝާއަށްޓަކާ ލޯބި އުފެދިއްޖެ....އަހަރެންނަށް އެނގޭ މިގޮތަށް މިވާހަކަ ދެއްކީމަ ވަރަށް ފިލްމީކަންވެސް....ގަބޫލުކުރަން އުނދަގޫވާނެކަންވެސް....އެކަމް މާލެދިޔައީމަ ނަވާގެ ފޮޓޯދައްކާނަން މިޝާއަށް....އޭރުން ގަބޫލުކުރެވޭނެ މީތެދެއްކަން" ނަވީން މިޝާގެ އަތުގައި ހިފާލިއެވެ. މިޝާގެ ލޮލުން ބޭއިޚުތިޔާރުގައި ކަރުނައައެވެ. އޭނާހުރީ އެފަދަ ބޭބެއެއްގެ ހިމާޔަތައް ނުހަނުބޭނުންވެފައެވެ. ނަވީންއާއި މިޝާ ހީހީފައި ވާހަކަދައްކަން ތިބިއިރު ތަންކޮޅެއް ދުރުގައި ޝިފާން ހުއްޓިލައިގެން ހުއްޓެވެ. އެދެމީހުންގެ އަޖާއިބެއްފަދަ ގާތްކަމުން ޝިފާންގެ ހިތަށް ތަދުވަނީއެވެ. ނަވީންފަދަ ކުޅަދާނަމީހަކަށް އޭނާނުވީ ކީއްވެބާއެވެ. 

ކޮޓަރިއަށް އައިސް ވަތްގޮތަށް ޝީބާ އެނދުމައްޗަށް ވެއްޓިރޯންފެށިއެވެ. ނަވީން ކެއުންދޫކޮށްލާފައި މިޝާގެ ފަހަތުން ދިޔައީތީ އޭނާގެ ހިތުގައި ޖެހިއްޖެއެވެ. ނަވީންދެކެ އޭނާ އެހާލޯބިވާއިރުވެސް ނަވީންއަށް މިޝާއާ ދުރުގައި ނުހުރެވެނީ ކީއްވެގެންބާއެވެ. މިޝާ މިދަތުރުގެނައުން އެއީ ދޮންބެކުރި ވަރަށް ގޯސްކަމެއްކަމުގައި އޭނާއަށް ވިސްނުނެވެ. ރައިނާ އައިސް ޝީބާއަށް އެކިގޮތްގޮތުން ވިސްނަދޭން އުޅުމުންވެސް ޝީބާ އަޑެއްނޭހިއެވެ. އެންމެފަހުން މާޔޫސްވެގެން ކޮޓަރިން ނުކުމެގެން ޝިފާން ފެނޭތޯދިތައެވެ. މާދުރަށް ދާކަށްނުޖެހުނެވެ. 

"ޝިފާން.....އަހަރެން ހަމަ ހައިރާންވެފަ މިހުންނަނީ ޝިފާން ކައްތައްކުރިގޮތުން....ކީކޭ ހިތަށްއަރައިގެންތަ އެއަންހެނާ ގެނައީ....އެނގޭތަ އޭނައައީމަ ކަންތައް މިވާގޮތް....ނަވީން އެއުޅެނީ އެއަންހެނާގެ ފަހަތުން ނެއްޓެން ނޭނގިގެން.....އެކަމާ ޝިބް ރޮއެ ރޮއެ ހަލާކުވަނީ..." ޝިފާން ފެނުމާއެކު ރައިނާ ޝަކުވާގެ ފަތިވަރު އަމުނާލިއެވެ. ރައިނާއަށް ޖަވާބެއްވެސް ނުދީ ޝިފާން ގޮސް ޝީބާ އޮތްކޮޓަރިއަށް ވަނެވެ. ޝީބާއަށް ވިސްނައިދިނެވެ. ނަވީން ދިޔައީ ޝިފާން ބުނެގެންކަމަށް ބުނުމުން ޝީބާ ރުޅިއައީ ޝިފާންދެކެއެވެ. " އައިމް ސޮރީ ސްވިޓީ.....ދޮންބެއަށް ކިހިނެއްތަ އެނގޭނީ ޝިބްގެ ހާރޓް ތިވަރަށް ބުރޭކްވާނެކަމެއް.....މިޖެހުނީ ވަރުގަދަ ގުލޫއެއް ހޯދާކަށްނު ތިނާޒްކް ހާރޓްގެ އެތިކޮޅުތައް ތަތްކުރަން......އެބައަންނަން ނަވީން ހުރިތާކުން ހޯދައިގެން...ރައީ މިރޭ ބޭރުގަ ކަންނޭނގެ ނިދަންވެސް ޖެހޭނީ" ރައިނާއަށް އެއްލޯމަރާލަމުން ހީލާފައި ޝިފާން ކޮޓަރިން ނުކުތެވެ.މިޝާއިނީ ރަކިވެގެން ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ޝިފާން ނަވީންއަށް ގުޅާފައި އަންނަން ބުނުމުން މިޝާއާއެކު ކޮޓަރިތަކާ ދިމާއަށް ދެމީހުން ހިނގައިގަތެވެ. 

ޖެހިގެން އައިދުވަހުގެ ހެނދުނުގެ ވަގުތެވެ. ހުރިހާ އެންމެން ހެނދުނުގެ ނާސްތާކުރަން ދިޔައިރު މިޝާދާން ދެކޮޅުހެދިއެވެ. ޝިފާން ގޮވާގޮވާވެސް މިޝާދޮރު ނުހުޅުވުމުން އެންމެފަހުން މާޔޫސްވެގެން ދިޔައީއެވެ. މިޝާގެ ކޮޓަރިއަށް ކާއެއްޗެހި ފޮނުވީވެސް ޝިފާންއެވެ. ރޭގައި ކަންތައްވީގޮތުން މިޝާމާބޮޑަށް ލަދުގަނެ ދެރަވީކަން ޝިފާންއަށް ވިސްނުނެވެ. ނަވީން ނޫން އިތުރު މީހަކު މިޝާކޮބައިތޯވެސް އަހާނުލައެވެ. ޝިފާން އިނީ ރޭގައިވީ ކަންތަކަށް ދެރަވެފައެވެ. މާފަށްވެސް އެދެންބޭނުމެވެ. ނަމަވެސް ދުވަހަކުވެސް މީހެއްގެ ކުރިމަތީ މާފަށްއެދުމަކީ އޭނަކުރިކަމަކަށް ނުވާތީ އެކަން ކުރަން އޭނާއަކަށް ފަސޭހައެއް ނުވިއެވެ. ހެނދުނުގެ ނާސްތާއަށްފަހު މޫދަށް އެރެންދިއުމަށްޓަކައި ހުރިހާކުދިން ތައްޔާރުވަމުން ދިޔައިރުވެސް މިޝާހުރީ ކޮޓަރީގައެވެ. އެތައްފަހަރަކު ނަވީންވެސް އޭނާއަށް ގޮވިއެވެ. ނަމަވެސް އިވޭކަމަށް ހަދާނުލާހުރީއެވެ.
" ކީއްވެގެންތަ މިހުރިހާ ފިރިހެނުން އެމިޝާ ނުގެންދެވިގެން އެއުޅެނީ....ހާދަފޫއްސެއްވެޔޭ" ރައިނާ ތުންއޫކޮށްލިއެވެ. ޝީބާވެސް ރުޅިމޫނު ހަދައިގެން ހުރީ އިތުރަށް އެވާހަކަ ދައްކަން ބޭނުން ނުވާތީއެވެ. ނަމަވެސް އޭނާގެ ހިތުން މިޝާއާ ނަވީންގެ ޚިޔާލު ފިލައިގެން ދާގޮތެއް ނުވިއެވެ. މިޝާއަށް ހަދާނެ ގޮތަކާމެދު ވިސްނަމުން ދިޔައެވެ. 
މުޅިދުވަހު ކޮޓަރިތެރޭގައި ހޭދަކުރުމަށްފަހު އިރުއޮއްސުމުން މިޝާ ބޭރަށް ނުކުތީ ހިތްހަމަ ޖައްސާލުމަށްޓަކައެވެ. އޮއްސެމުންދިޔައިރުގެ ސަބަބުން އުޑުމައްޗަށް ވެރިވެފައިވާ އަޖާއިބެއްފަދަ ރީތި ރަންކުލައަށް ބަލަން ހައިރާންވެފައި މިޝާހުއްޓެވެ. އެފަދަ ރީތި މަންޒަރެއް މިރަށަށް އައުމުގެކުރިން އޭނާއަށް ފެނިފައެއް ނުވެއެވެ. ވަކި މިސްރާބެއްނެތި މަޑުހިނގުމެއްގައި ގޮސް އޭނާއަށް ނުކުމެވުނީ ފަތާފެންގަނޑެއްގެ ކައިރިއަށެވެ. ވަށައިގެންވާ ތަފާތުވައްތަރުގެ ބޮކިތަކުގެ އަލިފެންގަނޑަށް އެޅިފައިވާ މަންޒަރުވެސް މިޝާއަށްވީ ވަރަށް ހިތްގައިމު މަންޒަރަކަށެވެ. ލޮލުގެ ކޮޅަށް ކިރިޔާ ފެންނަހައިބޮޑު ފަތާފެންގަނޑުގެ ވަށައިގެން އެކިހިސާބުތަކުގައި ބަހައްޓާފައިހުރި މޭޒުތައްވެސް މިވަގުތުހުރީ ހުހަށެވެ.ނަމަވެސް ފެންގަނޑުގެ ވަށައިގެން ޖަހާފައިހުރި ގޮނޑިތަކުގައި މަދުމަދުން މީހުންތިއްވެވެ.މިޝާ މީހުން ނެތްދިމާއަކަށް ގޮސް ފަތާފެންގަނޑުގެ އެއްފަރާތުގައި އިށީނދެ ފެންގަނޑަށް ދެފައިބޭލިއެވެ. އެއްވެސް ޚިޔާލެއް ފިކުރެއްނެތި ދެފައިން ފެންގަނޑާކުޅެންފެށިއެވެ.

ޝީބާ ނަވީންއާއެކު ހިނގާލަން ދިއުމުން ރައިނާ ފޫހިވެގެން ފެންގަނޑުކައިރިއަށް ހިނގާލަން އައީ ފޫހިފިލުވާލުމަށެވެ. ނަދާއާއި މަލާކުވެސް ރަޔާންއާއި ނާއިޒްގެ ގާތުގައި ވާހަކަދައްކަން ތިބުމުން އޭނާ އެކަނި އައީ ޝިފާންއާ ދިމާވޭތޯއެވެ. ކޮޅުކޮޅަށް ލޯހިންގަމުން އައި ރައިނާއަށް މިޝާފެނުނީ ދާދިގާތަށް ދެވުނުފަހުންނެވެ. ކުއްލިއަކަށް އޭނާގެ ސިކުނޑިއަށް މޮޅުޚިޔާލެއް އައެވެ. ދެކޮޅު ހޯދާބަލާލުމަށްފަހު ސިއްރުސިއްރުން މިޝާގެ ގާތަށް ޖެހިލިއެވެ. ވިސްނުމެއް ފިކުރެއްނެތި ފެންގަނޑާކުޅެން އިންމިޝާއަށް އޭނާގެ ފަހަތުން މީހަކު އައިކަމެއް ނޭނގެއެވެ. ކުއްލިއަކަށް މީހަކު އޭނާގެ ބުރަކަށީގައި ޖެހިގެންހެން މިޝާއަށްހީވިއެވެ. ނަމަވެސް ފަހަތްބަލާލާކަށް އޭނާއަކަށް ފުރުސަތެއްނުލިބުނެވެ. އޭނާއޮތީ ފަތާފެންގަނޑުގެ ތެރޭގައެވެ. މިޝާވެއްޓުމާއެކު ރައިނާ ދުވެފައި އެތަނުން ފިލިއެވެ. އަޑިއަށްދާން ފެށުމުން މިޝާ އެހީއަށްއެދިގޮވަން ފެށިއެވެ. ނަމަވެސް އޭނާގެ އަޑުފޯރާފަށުގައި މީހަކު އުޅޭހެނެއް ހިއެއްނުވެއެވެ. އެއްވެސްމީހަކު އޭނާއަށް އެހީވާކަށް ނައެވެ. މިޝާގެ ނޭވާކޮޅަށްގޮސް ބޮލަށް އެނބުރުން އަރަން ފެށިއެވެ. ވަށައިގެންވީ މަންޒަރުތައް ލޯމަތިން ފުސްވާންފެށިއެވެ. މިއީ އޭނާގެ ދިރިއުޅުމުގެ އެންމެފަހު ފަހުވަގުތުކޮޅުކަމުގައި އޭނާއަށް ހީވެފައިވަނިކޮށް ކޮންމެވެސް މީހަކު ފެންގަނޑަށް ފުންމާލާ އޭނާގެ އަތުގައި ހިފިއެވެ. ނަމަވެސް ކާކުކަން އެނގުމުގެކުރިން އޭނާގެ ލޯމެރުނެވެ. ލައިފްގާޑް އަވަސްހަރަކާތަކާއެކު މިޝާ ފެންގަނޑުންނަގައި އެއްފަރާތުގައި ބޭއްވިއެވެ. ފެންގަނޑުގެ ކުޑަމަރާމާތެއްކުރުމަށްޓަކައި ފެންގަނޑު ބަންދުކޮށްފައިވާކަމުގެ ބޯޑެއްބަހައްޓާފައި ހުއްޓާވެސް މީހަކު ފެންގަނޑަށް ފޭބުމުން އޭނާ އިންތިހާއަށް ކަންބޮޑުވިއެވެ. 

ލައިފްގާޑް މިޝާއަށް ފަސްޓްއެއިޑްދޭން ފެށުމުން މިޝާގެ އަނގައިން ފެންތައްބޭރުވެ ކޮށިއަރާގޮތްވިއެވެ. ނަމަވެސް މަޑުމަޑުން އަނެއްކާވެސް މިޝާގެ ލޯމެރުނެވެ. ލައިފްގާޑް މިޝާނެގި މަންޒަރު ބަލަންހުރެފައި ރައިނާ އޭނާގެ ކޮޓަރިއަށް ދަނިކޮށް ޝިފާންއާ ދިމާވިއެވެ. ޝިފާން މިޝާދުށިންތޯ އެހުމުން މިޝާ ފެންގަނޑު ކައިރިއަށް ދަނިކޮށް ދުށީމޭ ބުންޏެވެ. ޝިފާން ހަލުވި ފިޔަވަޅުތަކެއްގައި ފެންގަނޑުކައިރިއަށް ދިޔައިރުމިޝާ މެޑިކަލް ސެންޓަރަށް ގެންދިއުމަށް ތައްޔާރުވަނީއެވެ. އޭރުވެސް މިޝާހެޔެއް ނާރައެވެ. މިޝާ ފެންގަނޑަށް ވެއްޓުނުކަން އެނގުމުން ޝިފާން ވަރަށް ކަންބޮޑުވިއެވެ. ޑަކްޓަރ މިޝާބެއްލެވުމަށްފަހު ލަފާދިނީ އަވަހަށް މާލެގެންދިއުމަށެވެ. ބަނޑުގައިހުރި ފެންތައްބޭރުވިނަމަވެސް ފުއްޕާމެއަށް ފެންއެޅިފައި ހުރެދާނެކަމަށް ލަފާކުރެވޭކަމަށްވެސް ބުންޏެވެ. ޝިފާން ވަގުތުން މިޝާގޮވައިގެން މާލެއަންނަން ތައްޔާރުވިއެވެ. ނަވީންއާއި އެހެން އެންމެންވެސް މިޝާގެ ހާލުބަލާލަން އައެވެ. ކުއްލިއަކަށް މިޝާ ފެންގަނޑަށް ވެއްޓެންވީ ގޮތަކާއިމެދު އެންމެންގެ ހިތުގައިވެސް ވަނީ ސުވާލު އުފެދިފައެވެ. އެހެންމީހުން ރިޒޯޓްގައި ބައިތިއްބާފައި ޝިފާން މިޝާގޮވައިގެން މާލެއައެވެ. ނަވީން އަންނަން އުޅުމުންވެސް ޝިފާން އެކަމާ ދެކޮޅުހެދީއެވެ. މިޝާއަށް ގެއްލުމެއްވެދާނެތީ އޭނާ ނުހަނު ކަންބޮޑުވިއެވެ. މިޝާއަށް ލިބޭކޮންމެ ގެއްލުމަކަށް މިވަގުތު ޒިންމާވާން ޖެހޭނީ އޭނާކަމުގައި ގަބޫލުކުރެވުނެވެ. މިޝާ ހޮސްޕިޓަލްގައި އެޑްމިޓް ކުރެވުނެވެ. ހޮސްޕިޓަލަށް ގެނައިތާ ގަޑިއެއްގެ ތެރޭގައި މިޝާ ހޭއެރިއެވެ. ބިރުގެންފައި މިޝާ ވަށައިގެން ހޯދާލިއެވެ. މިއޮވެވުނީ ހޮސްޕިޓަލްގައިކަން އެނގުނީވެސް އިރުކޮޅެއްފަހުންނެވެ. 

" ހޭއި ރެޕަންޒަލް!...ކޯއްޗެއްތިހޯދަނީ؟....ނުތެދުވެ މަޑުން އޮވެބަލަ!....ފަތަން ނޭނގޭއިރުވެސް ޕޫލަށް އެރުނީމަ އެންމެފަހުން ހޮސްޕިޓަލްގަ އެޑްމިޓްކުރަން މިޖެހުނީ.....އަދިވެސް މަޑުން އޮންނާކަށް ނުވޭތަ؟" ޝިފާން މިޝާއާ ސަމާސާކޮށްލިއެވެ. މިޝާގެ އެގްޒަމިނޭޝަންއެއް ހެދުމަށްފަހު ޑަކްޓަރ ބުނީ މިޝާގެ ފުއްޕާމެއަށް އެއްވެސް ގެއްލުމެއްވެފައި ނެތްކަމުގައެވެ. ފަސްގަޑިއިރު ހޮސްޕިޓަލްގައި ބޭއްވުމަށްފަހު މިޝާ ގެއަށްދޫކޮށްލެވުނެވެ. އަދިވެސް މިޝާއަށް ވަރުބަލިކަން އިހުސާސް ކުރެވެމުންދެއެވެ. ބޮލަށް އެނބުރުން އަރާހެންވެސް ހީވެއެވެ. މިޝާއަށް ވަމުންދާގޮތް ފެނުމުން ޝިފާން މިޝާގެ އުނަގަނޑުގައި ހިފެހެއްޓިއެވެ. އެވަގުތު މިޝާގެ ގައިން ހީބިނަގައިގެން ދިޔައެވެ. 

" މައްޗަށް އަރާނެކަމެއް ނެތް މިރެއަކު.....އަހަރެންގެ ކޮޓަރީގަ އޮވެލާ!" ޝިފާންގެ އެދުމަށް މިޝާއަށް ދެކޮޅުހަދާކަށް ނުކެރުނެވެ. މިޝާ މަޑުމަޑުން ކޮޓަރިއަށްވަދެ، އެނދުގެ އެއްކޮޅުގައި ހުރި ސޯފާގައި އިށީނެވެ. "އެނދުގަ އިށީނދެބަލަ! އެބައަންނަން ކާއެއްޗެއް ހިފައިގެން....ހަމައެކަނި އައިވީ ފުޅިއެއް ބޯލިޔަކަސް ކަމަކުނުދާނެއްނު...." ޝިފާން ކޮޓަރިން ނުކުންނަމުން މިޝާއަށް ބުންޏެވެ. މިޝާއިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ޝިފާންގެ ކޮޓަރީގައި، ޝިފާންގެ އެނދުގައި އިންނަން އޭނާ ޖެހިލުންވެއެވެ. ޝިފާންއާއެކީ މިރޭ އޭނާ އެކޮޓަރީގައި އޮންނަންވީ ހެއްޔެވެ؟ މީދުވަހެއްގައިވެސް ވެދާނެކަމަށް އޭނާހީކުރިކަމެއް ނޫނެވެ.ޝިފާން ގެކައިރި ރެސްޓޯރެންޓަކަށް ގޮސް ކާއެއްޗެސް ގެނެސްދިނުމުން މިޝާ އެކައިގެން ބޭސްކައިގެން އެނދުގައި އޮށޯތެވެ. ޝިފާން އޮތީ ސޯފާގައެވެ. ޝިފާންގެ އެނދުގައި އޮންނަންވުމުން މިޝާއަށް އުނދަގޫވަނީއެވެ. ހަށިގަނޑަށް އަރާމުބޭނުންވެފައިހުރި ނަމަވެސް މިރޭ އޭނާގެ ލޮލަކަށް ނިންޖެއްވެސް ނައެވެ. މިޝާ ދެފަރާތަށް ފުރޮޅެމުންދާ މަންޒަރުފެނުމުން ޝިފާން ތެދުވިއެވެ.

" ކިހިނެއްވީ؟.....ބޮލުގަ ރިއްސަނީތަ؟" މިޝާއާ ދިމާއަށް ގުދުވެލަމުން ޝިފާން އަހާލިއެވެ. މިޝާ އަވަސް އަވަހަށް ނޫނެކޭ ބުނެ ދެލޯމަރާލިއެވެ.ޝިފާން އެނބުރިގޮސް އަނެއްކާވެސް ސޯފާގައި އޮށޯތެވެ. އޭނާގެ ހިތްވަނީ ނުތަނަވަސްވެފައެވެ. މިޝާ ފެންގަނޑަށް ވެއްޓުނުގޮތެއް ޚުދު މިޝާއަށްވެސް ނޭނގޭކަމަށް ބުނުމުން ޝިފާންހުރީ ހައިރާންކަމެއްގެ ތެރޭގައެވެ. އަނެއްކާ މިޝާ އަމިއްލައަށް މަރުވާން ފެންގަނޑަށް ފުންމާލީބާއޭވެސް ހިތަށްއެރިއެވެ. ރިޒޯޓްގައި މިޝާއާމެދު ކަންތައްވީ ރަނގަޅަށް ނޫންކަން އޭނާއަށް ވިސްނުނެވެ. ނަމަވެސް މިޝާއަކީ އަމިއްލައަށް މަރުވާވަރަށްވުރެ ހިތްވަރުގަދަ ކުއްޖެއްކަން ޝިފާން ދަނެއެވެ. މިޝާއާމެދު ވިސްނަން އޮއްވައި ޝިފާންއަށް ނިދުނު އިރެއްވެސް ނޭނގުނެވެ.

ފަތިސްގަޑީގައި ފާޚާނާއަކަށް ދާންޖެހިގެން މިޝާއަށް ހޭލެވުނެވެ. ޝިފާން އަދިވެސް އޮތީ އަރާމުކޮށް ނިދާލާފައެވެ. މިޝާ ފާޚާނާއިން ނުކުމެ، މަޑުހިނގުމެއްގައި އައިސް ސޯފާކައިރިއަށް ހުއްޓި ޝިފާންގެ ރީތިމޫނަށް ނަޒަރު ހުއްޓާލިއެވެ. ނިދާފައި އޮންނައިރު ޝިފާން ހާދަހާ ތަފާތެވެ. އެރުޅިވެރިކަމާއި ބޮޑާކަމުގެ އެއްވެސް އަސަރެއް ނެތެވެ. ބައްޓަންރީތި، ފިރިހެންވަންތަ މޫނުގައި އެއްވެސް އައިބެއް ނެތެވެ. ކޮންމެވެސް ވަރަކަށް ދިގުވެފައިވާ އެފަން އިސްތަށިގަނޑު ނިތްކުރިމައްޗަށް ވިހުރުވިފައިވުމުން އެމޫނުގެ ރީތިކަން އިތުރުކޮށްދީފައިވެއެވެ. ގަދަޔަށް އިސްތަށިފަޅާފައިވާ ވަރުގަދަ ދެބުމައާއި އަންހެން ކުދިންގެ ހިތްތައް ވިރުވާލާފަދަ ތޫނުކަމެއް ލިބިފައިވާ ދެލޮލެވެ. ލޯމެރިފައިވާއިރުވެސް އެދެލޮލުގެ ތޫނުކަން މިޝާއަށް އިހުސާސްކުރެވޭ ކަހަލައެވެ. މިޝާގެ ނަޒަރު ޝިފާންގެ މޫނުގެ އެކިއެކިވަނާތަކަށް ވަކިވަކީން ދަތުރުކުރަމުންގޮސް ހުއްޓުނީ މަޑުފިޔާތޮށި ކުލައަކަށްދާ ރީތި ދެތުންފަތަށެވެ. އެދެތުންފަތުގެ ބީހިލުން އިހުސާސްކޮށްލެވިއްޖެނަމަ ވެދާނެގޮތް ހިތަށްއަރާފައި މިޝާގެ އެތެރެހަށީގައި ހީލިކެރުވުމެއް އުފެދިގެން ދިޔައެވެ. ހިތުގެ ތެޅުންވެސް ގަދަވީ ހަމަކުއްލިއަކަށެވެ. މިޝާ އަވަސް އަވަހަށް އައިސް އެނދުގައި އޮށޯވެ ރަޖާއަޅާލިއެވެ. އޭނާއަށް މިވަނީ ކީއްހެއްޔެވެ؟ ކުއްލިއަކަށް ޝިފާންއާމެދު އެފަދަގޮތަކަށް ވިސްނުނީ ކީއްވެބާއެވެ؟

ހެނދުނު ޝިފާންއަށް ހޭލެވުނީ ހަތެއްވެސް ޖެހިފަހުންނެވެ. އެނދުބަލާލިއިރު މިޝާއަދިވެސް އޮތީ ނިދާފައެވެ. ޝިފާން ތެދުވެގެން ގޮސް މިޝާއަށް ބަލާލިއެވެ. މިޝާ ހީކަރުވައިގެންފައި އޮތްހެން ހީވާތީ އޭސީ މަޑުކޮށްލުމަށްފަހު ރަޖާއަޅާލަދިނެވެ. މިޝާގެ ނިތްކުރީގައި އަތްޖައްސާލުމާއެކު ޝިފާން ސިހުނެވެ. މިޝާއޮތީ ހުންއައިސްފައެވެ. ޝިފާން އަވަސް އަވަހަށް ފާޚާނާއަށްވަދެ މޫނުދޮވެލައިގެން ބަދިގެޔަށް ދިޔައެވެ. ބަދިގެޔަށްވަދެ، އޭނާއަށް އެނގޭގޮތަކަށް ބިސްގަނޑެއް އަޅާލުމަށްފަހު ދެފޮތި ޕާން ޓޯސްޓްކޮށްލިއެވެ. އަދި އަލަމާރީގައިހުރި ކިރުޕެކެޓުން ތައްޓަކަށް ކިރުއަޅިއެވެ. ހުރިހާއެއްޗެއް ތަބަކަކަށް އަޅައިގެން ވަރަށް ސަމާލުކަމާއެކީ ޝިފާން ކޮޓަރިއަށް ދިޔައެވެ. މިޝާ އެނދުގައި ނެތުމުން އޭނާވީ ފާޚާނާގައިކަން ޝިފާންއަށް އެނގުނެވެ. ޝިފާން އިންތިޒާރުގައި އިންދައި މަޑުހިނގުމެއްގައި މިޝާ ފާޚާނާއިން ނުކުތެވެ. މިޝާ ވެއްޓެން އުޅޭހެން ހީވުމުން ޝިފާން ދުވެފައިގޮސް މިޝާގެ އަތުގައި ހިފައިގެން ގެނެސް އެނދުގައި ބޭންދިއެވެ. ޝިފާން ނާސްތާ ހަދައިގެން ގެނެސްހުރިތަން ފެނުމުން މިޝާ ހައިރާންވިއެވެ. ޝިފާން އޭނާއަށް ނާސްތާހެދީހެއްޔެވެ؟ މިޝާއަކަށް ގަބޫލެއްވެސް ނުކުރެވުނެވެ. ދުނިޔެ އަނެއްއަތަށް އެނބުރެންފެށީ ހެއްޔެވެ؟

ކޮމެންޓް 0