" ތިބުނީތެދެއް..އަހަރެން ނޫޅެން އެއްބަސް ނުވާކަށް...އަހަރެން ލޯބިވޭ ރެޕަންޒަލްދެކެ....ވަރަށްބޮޑަށް ލޯބިވޭ" ޖެހިލުމެއްނެތި ނަވީން ބުނެލި ޖުމްލައިން ޝިފާން ބަލާލީ ހައިރާންވެފައެވެ. ނަވީން ހަމަ ހަޤީޤަތުގައިވެސް މިޝާދެކެ ލޯބިވަނީ ހެއްޔެވެ؟ ނަވީންގެ މޫނުމަތިން ފެނުނު ސީރިއަސްކަމުން ޝިފާންގެ މޫނުގެ ކުލަފަނޑުވިއެވެ. އޭނާއަށް ކުރިން ޝައްކު ކުރެވުނުނަމަވެސް މިހާ ފާޅުކަން ބޮޑުގޮތެއްގައި ނަވީން އެކަމާ އެއްބަސްވެދާނެ ކަމަކަށް އޭނާ ހިއެއްނުކުރެއެވެ. ޝިފާންއަށް ބޭއިޚުތިޔާރުގައި ރުޅިވެސް އާދެވުނެވެ. ބުނާނެ އެއްޗެއް ނޭނގިފައި ނަވީންގެ މޫނަށް ބަލަންހުއްޓައި ނަވީން ހޭންފެށިއެވެ.

" ބަލާބަލަ މީހާއަށްވެފަ ހުރިގޮތް....ހީވަނީ މީހަކު ބާރުގަދަ އެތިފަހަރެއް ޖެހީމަހުރިހެން...އަދިވެސް ބުނާތި ރެޕަންޒަލްދެކެ ލޯތްބެއް ނުވެޔޭ" ނަވީން މަލާމަތް ކުރަންފެށުމުން ޝިފާން ޗޮކެއް ކަނޑާލިއެވެ. ނަވީން ކުރީ ސަމާސާއެއްކަން އެނގުމުން އޭނާގެ ހިތަށް ހަމަޖެހުން ލިބުނެވެ. " ހޫމް ދެންބުނެބަލަ....އަސްލުވެސް ލޯތްބެއް ނުވޭތަ؟...ރެޕަންޒަލް ނުފެނިގިނައިރުވީމަ ހިތްނުތަނަވަސް ނުވޭތަ؟....ފެނުނީމަ ހިތަށް ހަމަޖެހުން ނުލިބޭތަ؟....އެހެންމީހަކާ ގުޅުމެއް ބާއްވަފާނެކަމަށް ޝައްކުކޮށް ރުޅިގަދައެއް ނުވޭތަ؟....ޔަގީން މިހުރިހާ ކަމެއްވެސް ވާނެކަން....އެހެންނޫންނަމަ މިހުރިހާއިރު އެކަނިމާއެކަނި މިތާކު ނުހުރީސް....ކުޅިވަރުކުޅުމާއި މަޖާކުރުން ދޫކޮށްފަ ވިސްނާ ފިކުރު ކުރާކަށްވެސް ނުހުރީސް.....އެނގޭތަ! ތިޔަށް ކިޔަނީ ލޯބި....މީހަކުދެކެ ލޯބިވީމަ ވާގޮތް ގޮތް ތިއީ....ދެރައީ އަދިވެސް ގަބޫލުނުކުރާތީ....އަމިއްލަ ހިތާ ސުވާލުކޮށްބަލަ، ޖަވާބު ލިބޭނެ.." ނަވީން ވަރަށް ސީރިއަސް ކަމާއެކު ވިސްނައިދިނެވެ. ޝިފާން ބަހެއްވެސް ނުބުނެ، ހިނިތުންވެލައިގެން އެވާހަކަތައް އަޑުއަހަން ހުއްޓެވެ. " ދެންވެސް ހިނިއައިސްފަ ހުންނަންވީކީނޫން....ތެޔޮނާށި ކާޅުޖަހައިނުގަންނަނީސް ލޯބިހުށަހަޅަންވީ....އަހަރެން މިހުރީ ހަމައެހީވާން ތައްޔާރަށް...." ޝިފާންގެ ކޮނޑުގައި ޖަހާލަމުން ނަވީން ހިނިތުންވެލިއެވެ. " ހޫމް...ދެން ދޭބަލަ ކުޅެން....މާބޮޑަށް ލޯބި އެނގޭމީހަކަށް ހެދިގެން އުޅޭނެކަމެއްނެތް....ލޯބިވީމަ މަށަށްވެސް އެނގޭނެ..." ޝިފާން އަދިވެސް އެއްބަސްވާކަށް ބޭނުމެއް ނުވެއެވެ. 

ނަވީން ދިއުމުން ޝިފާން ވިސްނާލިއެވެ. އޭނާއަށް ހަމަ ހަޤީޤަތުގައިވެސް ލޯބިވެވުނީ ހެއްޔެވެ؟ ނަވީން ބުނި ހުރިހާގޮތެއްވެސް އޭނާއަށް ވެއެވެ. އެއީ ހަމަ ލޯބިވުމުގެ އަސަރު ހެއްޔެވެ؟ ދެންއޭނާ ހަދަންވީ ކިހިނެއް ހެއްޔެވެ؟ ނަވީން ބުނިފަދައިން މިޝާއަށް ލޯބި ހުށައަޅަންވީ ހެއްޔެވެ؟ ނޫނެކެވެ. އޭރުން މިޝާ ރުޅިއަތުއްވެއްޖެއްޔާ ހަދާނީ ކިހިނެއް ހެއްޔެވެ؟ އަމިއްލަ ހިތް ބޭޒާރުކޮށް ކާމިޔާބު ނުވެއްޖެއްޔާ އޭނާ ލަދުގަންނަން ޖެހިދާނެއެވެ. އެހެންވާކަށް އޭނާ ބޭނުމެއްނޫނެވެ. އޭނާކުރިމަތިލީ އެއްވެސް ކަމެއް މިހާތަނަށް ކާމިޔާބު ނުވެފައެއް ނެތެވެ. ނަމަވެސް މީގެކުރިން ދުވަހަކުވެސް އަންހެން ކުއްޖަކަށް ލޯބި ހުށަހަޅާފައެއް ނުވެއެވެ. އޭގެ ބަދަލުގައި އޭނައަށް ލޯބި ހުށަހަޅަނީ އަންހެންކުދިން އަމިއްލައަށެވެ. ވީއިރު އޭނަ އަމިއްލައަށް އަންހެންކުއްޖަކަށް ލޯބިހުށައަޅަންވީވެސް ކީއްކުރަން ހެއްޔެވެ؟ ފިރިހެންކުދީން އަންހެންކުދީންނަށް ލޯބިހުށައަޅަން އުޅޭމޮޔަގޮތްތައް އޭނާއަށްވެސް ވަނީފެނިފައެވެ. މުޅިންވެސް ކުރަނީ ހިނިއަންނަ ޒާތުގެ ބޯގޯސް ކަންތަކެވެ. ބައެއްމީހުން މާފިލްމީވެގެން މޮޅެތި ޑައަލޮގްތައް ކިޔާހަދައެވެ. ރީތި ޅެންބަހުރުވައިން ލިޔެ ކާޑްތައް ފޮނުވާހަދައެވެ. މީރުވަސްދުވާ މަލުގެ ގުލްދަސްތާތަކުން އަންހެން ކުދީންގެ ހިތްތައް އުފާކޮށްދީހަދައެވެ. "ކެންޑްލް ލައިޓް ޑިނަރ" ތަކަށް ގެންގޮސް މީރުހާ އެއްޗެހި ކާންދީހަދައެވެ. މިއިން ކޮންމެކަމެއް ކުރާމީހެއްގެވެސް ބޭނުމަކީ ހަމައެންމެ ބޭނުމެކެވެ. އޭނާ އެއަންހެން ކުއްޖާދެކެ ލޯބިވާކަން ހާމަކޮށްދިނުމެވެ. މިހުރިހާ ޚަރަދެއްނުކޮށް، ވަގުތުތަކެއް ބޭކާރު ނުކޮށް ލޯބިވާ ވާހަކަވެސް ނުބުނެވެނީ ހެއްޔެވެ؟ ނޫނީ އެފަދަކަމެއް ނުކޮށްފިނަމަ އަންހެން ކުދީންގެ ރުހުން ނުލިބެނީ ހެއްޔެވެ؟ މީހުންގެ ބުއްދިތަކަށް ވެފަހުންނަގޮތުން އަޖާއިބުވާހާވެއެވެ. އޭނާދެކޭގޮތުގައި އެއީ އަސްލެއްނެތް ބޭކާރު ކަންތައްތަކެވެ.

ޝިފާން އެކަނިމާއެކަނި ގޭގައި ވަގުތުތައް ހޭދަކުރަމުން ދަނިކޮށް އިރުއޮއްސި އަނދިރިވެސް ވެއްޖެއެވެ. އަދިވެސް މިޝާއެއް ނާދެއެވެ. ކުޑަމިނުން އޭނާއަށް މެސެޖެއްވެސް ކޮށްލީކީ ނޫނެވެ. ޝިފާން ފޯނުނަގައި މިޝާގެ ނަމްބަރަށް ޑައަލްކޮށްލާފައިވެސް ކަނޑާލިއެވެ. 

" ރެޕަންޒަލް ގުޅަން ބޭނުން ނުވާއިރު އަހަރެން ކީއްކުރަން ގުޅަންވީ" ޝިފާން ހިތާހިތާ ކިޔާލިއެވެ. ގޭތެރޭގެ ފަޅުކަމުން އޭނާގެ ފޫހިކަން ހިނދެއް ހިނދަކަށް ބޮޑުވަމުންދިޔައެވެ. ޝީބާވެސް ރައިނާއާއެކު ބޭރަށް ދިޔަގޮތަށް އަންނާކަށް ނޫޅުނެވެ. އެންމެފަހުން ޝިފާންވެސް ގެއިން ނުކުތެވެ. ސައިކަލުގައި ވަކިމިސްރާބެއްނެތި އޭނާ ދުއްވަމުން ދިޔައެވެ. މަންޒިލެއްނެތި ނުކުމެއުޅޭ މުސާފިރެކޭ އޭނާއެކޭ ތަފާތެއް ނެތެވެ. އެއްވެސް ކަމަކުން އޭނާގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. މާލޭގެ ބޭރުތޮށިގަނޑުމަތީ އިންނަތާ އެތައްއިރެއްފަހުން އޭނާއަށް ހޭވެރިކަންވީ ޝީބާ ގުޅުމުންނެވެ. 

" ދޮންބޭ...އާދެބަލަ ރައީމެން ގެކައިރިއަށް ޝިބްބަލާ" ފޯނުނެގުމާއެކު ޝީބާބުންޏެވެ. ޝިފާން އޯކޭއޭބުނެ ފޯނުކަނޑާލިއެވެ. އެގެކައިރިއަށް ދިޔައިރު ޝީބާހުރީ ދޮރާށިދޮށަށް ނުކުމެއެވެ. " މިރޭ ނަވީން ކޮބާ؟..." ޝީބާ ސައިކަލަށް އެރުމާއެކީ ޝިފާން އަހާލިއެވެ. " ކުޅެންގޮސް ފަޔަށްތަދުވެގެންނޯ އުޅެނީ....އެހެންވެ ނާދެވޭނޭބުނީ...." ޝީބާ ޖަވާބުދިނެވެ. " އެހެންވީމަ ހިނގާއެގެއަށްދާން....ނަވީންގެ ހާލުބަލާލަން ޖެހޭނެއްނު.." ޝީފާން ލަފާދިނެވެ. " ނޫން..މަށަކަށް ނުކެރޭނެ...މިހާރު އެގާރަވެސް ޖަހައިފި....ދެން މާދަމާދާނީ" ޝީބާ ބަހަނާއެއް ދައްކާލިއެވެ. ޝިފާން އިތުރު އެއްޗެއް ނުބުނެ ޝީބާ ގޮވައިގެން ގެޔަށް އައެވެ. 

" ޝިބް ކައިފިންތަ؟..." ޝީބާ ކޮޓަރިއާދިމާއަށް ހިނގައިގަތުމުން ޝިފާން އެހިއެވެ. " އާނ ރައީމެންގޭން ކެއީ...ދޮންބެ ނުކަނީތަ އަދިވެސް.؟" ޝީބާ ހައިރާންވެފައި އަހާލިއެވެ. "އާނ....އެކަމް ދެން މިދަނީކާން...." ޝިފާން އަވަސް އަވަހަށް ޖަވާބުދިނެވެ. ޝީބާ ދިއުމުން ޝިފާން ބަދިގެއަށްވަދެ އަމިއްލައަށް ކާއެއްޗެހި ހޫނުކޮށްގެން ކެއެވެ. އެކަނިމާއެކަނި އެކަންތައްތައް ކުރުން އޭނާއަށްވީ ބޮޑުކަމަކަށެވެ. މިހުރިހާ ދުވަހުވެސް މިޝާ އޭނާއަށް ގަޑިން ގަޑިއަށް ކާންހަދާދެއެވެ. އޭނާ ބޭނުން ކޮންމެ ވަގުތަކު ކޮންމެކަމެއްވެސް މިޝާ ކޮށްދެއެވެ. އެހެންކަމުން ނޭނގިނަމަވެސް އޭނާއަށްވަނީ މިޝާއަށް އާދަވެފައެވެ. މިޝާ ނެތިއްޖެނަމަ އޭނާގެ ޙަޔާތުން ބައެއް އުނިވާކަމުގެ އިހުސާސް އޭނާއަށް މިއަދު ކުރެވިއްޖެއެވެ. 

ކައިގެން ނިދަން ދިއުމުގެކުރިން ޝިފާން މައްޗަށް އެރީ މިޝާގެ ޚަބަރެއް ބަލާލުމަށެވެ. މިޝާގެ ކޮޓަރީގައި އެއްވެސް އަލިކަމެއް ނެތުމުން މިޝާ އަދިވެސް ނާންނަނީކަން ޝިފާންއަށް ޔަޤީންވިއެވެ. ޝިފާން ފޯނުން ގަޑިބަލާލިއިރު ބާރަޖަހަނީއެވެ. ކުއްލިއަކަށް ވައިބާރުވެ ވާރޭވެހެން އުޅޭކަމުގެ އިންޒާރުތައް ދޭންފެށިއެވެ. ޝިފާން މަޑުމަޑުން ގޮސް މިޝާގެ ކޮޓަރި ތަޅުގައި ހިފާލިއެވެ. ތަޅުހުރީ ހުޅުވާފައެވެ. ގެއިންބޭރަށް ދާއިރުވެސް މިޝާ ކޮޓަރި ތަޅުނުލާތީ ޝިފާން ހައިރާންވިއެވެ. ޝިފާން ބޮކިދިއްލާލުމަށްފަހު ކޮޓަރިތެރެއަށް ނަޒަރެއް ހިންގާލިއެވެ. ކޮޓަރި ކިތަންމެ ކުޑަނަމަވެސް ތަރުތީބުވެފައި ސާފެވެ. އެނދުގައިއޮތް ބެޑުޝީޓްގައި އެންމެ ރުލެއްވެސްނެތެވެ. ތަރުތީބުން އަތުރާލެވިފައިވާ ފޮތްތައް ކިޔަވާމޭޒުމަތީގައި ހުއްޓެވެ. ޝިފާން މިޝާގެ އަލަމާރި ހުޅުވާލިއެވެ. ހެދުންތައްވެސް ކޮނޑުތަކުގައި އަޅުވާފައިހުރި އިރު ބައެއްހެދުންތައް ރީތިކޮށް ފަތްޖަހާފައި ހުއްޓެވެ. އަލަމާރި އެތެރޭފައި ވަކިންހުރި ކުޑަވަތްގަނޑެއް ޝިފާން ހުޅުވާލިއެވެ. އޭގެތެރޭގައި އޮތް ބާމޮނީޓަރ ފޮތްފެނުމުން، އެއީ ކުރިންދުވަހެއްގައި މިޝާ ނިދާފައި އޮތްއިރު މޭމަތީގައި އޮތްފޮތްކަން ޝިފާންއަށް އެނގުނެވެ. އޭނާ އެކިޔާލާހިތްވިއެވެ. ޝިފާން ފޮތްހިފައިގެން އައިސް އެނދުގައި އޮށޯތެވެ. ވަރަށް ފަރުވާތެރިކަމާއެކު ޝިފާން އެފޮތް ކިޔަން ފެށިއެވެ.
*******

އަހަރެން ހަނދާން ހުންނަން ފެށިއިރު އަހަރެންނަކީ އުފާވެރިދިރިއުޅުމެއް އުޅެމުންއައި ކުޑަކުއްޖެކެވެ. މަންމައާއި ބައްޕަގެ ލޯބި ފުރިހަމައަށް އަހަރެންނަށް ލިބުނެވެ. ނަމަވެސް އަހަރެންގެ ދިރިއުޅުން ބަދަލުވެގެން ދިޔައީ ހީވެސް ނުކުރާފަދަ ގޮތަކަށެވެ. ސިޓީހައުސްއަސް އަހަރެން އައި ފުރަތަމަ ދުވަހުވެސް އަހަރެންނަށް ލިބުނީ ސިހުމެކެވެ. ޝިފާން އަހަރެންދެކެ އެދުވަހު ރުޅިއައީ ކީއްވެގެން ކަން އަދިވެސް އަހަރެންނަކަށް ނޭނގެއެވެ. މިގޭގައި އަހަރެން ހޭދަކުރި ފުރަތަމަ ރޭގެމަތިން އުމުރުގައިވެސް އަހަރެން ހަނދާނެއް ނުނެތޭނެއެވެ. އެއީ ބިރުވެރި ރެއެކެވެ. ގުގުރާވިދާ އެނާމާން ރޭގައި ދޮންބައްޕަ އަހަރެންނާއި މަންމަ ވަކިކުރިއެވެ. އަހަރެންނަށް ލިބެމުންއައި ހުރިހާ ލޯތްބަކުން މަހުރޫމުވީ އެހިސާބުންނެވެ. ބައްޕަ އަހަރެންބަލާ އަންނާނެ ކަމުގެ އުއްމީދުގައި ހާދަގިނަ ވަގުތުތަކެއް އަހަރެން ގުނީމެވެ. ނަމަވެސް އަހަރެންގެ އިންތިޒާރަށް ދުވަހަކުވެސް ނިމުމެއް ނައެވެ. ބައްޕަގެ ޚަބަރެއް ނުވިއިރު ވީތަނެއް އަދިއަދަށްދާންދެންވެސް އަހަރެންނަކަށް ނޭނގެއެވެ. މިގެއިން އަހަރެން އެތައްވޭނަކާއި ހިތާމަތަކެއް ލިބެމުންދެއެވެ. މިކަންތައްތަކަށް ދުވަހަކުވެސް ނިމުމެއް އައުން ނެތީހެއްޔެވެ. މިއަދުވެސް ޝިފާން އަހަރެންގެ ގަޔަށް ހޫނު މައިލޯތައްޓެއްޖެހީ އަހަރެންގެ ކުށަކުން ނޫނެވެ. އެއަށް މައިލޯ އެޅީ އަހަރެންނެއް ނޫނެވެ. ޝީބާއެވެ. ނަމަވެސް އަދަބު ލިބުނީ އަހަރެންނަށެވެ. އަހަރެން ދެން ދުވަހަކުވެސް ޝީބާގެ މަޅިއެއްގައި ނުޖެހޭނަމަވެ. އޭނާ އަހަރެންނަށް ހެޔޮއެދޭކަމަށް ހެދުނީ އެންމެންގެ ކުރިމަތީގައި އަހަރެން ފަޟީހަތްކުރާށެވެ. ސުކޫލުގައިވެސް ހުރިހާކުދިން އަހަރެންނަށް ވަގުގެ ނަމުން ނަންދީފިއެވެ. އަހަރެން ވައްކަމެއް ނުކުރަމެވެ. ނަމަވެސް އެކަން ޤަބޫލުކުރާނީ ކާކުހެއްޔެވެ؟ އެހުރިހާ އެއްޗެއް އަހަރެންނަށް ދިންމީހަކީ ޚުދު ޝީބާއެވެ. ބޭޒާރުމިވީ އަހަރެންނެވެ.
*****

ޝިފާން މިޝާގެ ޑައިރީގެ ގަނޑުތައް އުކަމުން ދިޔައެވެ. އޭގައި މުޅިންވެސްވަނީ ޝަކުވާއެވެ. މިޝާގެ ހިތުގެ ޝަކުވާއެވެ. ބޭއިންސާފުން އޭނާއަށް ލިބުނު އަނިޔާތަކެވެ. އެވާހަކަތައް ކިޔަމުން ދިޔައިރު ޝިފާންއަށް އޭނާގެ އަމިއްލަ ނަފްސް އެތައް ފަހަރަކު ކުށްވެރިކުރެވުނެވެ. ނިކަމެތި އަންހެން ކުއްޖަކަށް ކުށަކާނުލައި އެތައް ހިތާމަތަކެއް ދެވުނީތީ މިއަދު އޭނާ ދެރަވެއެވެ. އެހުރިހާކަމަކަށް މާފަށް އެދެންވެސް ބޭނުންވެއެވެ. މިޝާގެ ޑައިރީއިން އެނގުނުގޮތުގައި މިޝާގެ މަންމަ އެދިރިއުޅުން ޚިޔާރުކުރީ މަޖުބޫރުވެގެންނެވެ. އެނޫންގޮތެއް ނެތިގެންނެވެ. ނަމަވެސް ސަބަބަކީ ކޮބާހެއްޔެވެ؟ ބައްޕަގެ އަމަލުތައް ހުންނަގޮތުން ދޮންމަންމަދެކެ ލޯބިވާ ކަމުގައި ޝިފާންއަށް ހީވެއެވެ. ހަމަގައިމުވެސް ކޮއްކޮ އިޝާދެކެ ބައްޕަ އިންތިހާއަށް ލޯބިވެއެވެ. ދެންދޮން މަންމަގެ މައްސަލައަކީ ކޮބާހެއްޔެވެ؟ މުއްސަނދި އަރާމު ދިރިއުޅުމެއް އުޅެވެއެވެ. ބައްޕަގެ އަޅާލުމާއި ލޯބިލިބެއެވެ. ދެން ހިތާމަކުރަންވީ ކަމަކީ ކޮބާހެއްޔެވެ؟ ބައްޕަ މިޝާއާމެދު ކަންތައްކުރާ ގޮތުން ދެރަވަނީ ކަމުގައި ވެދާނެއެވެ. އޭގައިހުރީ ގިނައިން އޭނާއަށްވެސް އެނގިގެން ހިނގާފައިހުރި ކަންތައްތަކެވެ. އެކަންތައްތަކުން މިޝާގެ ހިތުގައި އުފެދުނު ޝަކުވާތަކެކެވެ. މާޒީވެދިޔަތަން ބަދަލު ނުކުރެވުނު ނަމަވެސް މުސްތަޤުބަލްގައި އެފަދަކަމެއް ތަކުރާރު ނުކުރުމަށް އޭނާ އަޒުމް ކަނޑައެޅިއެވެ. އެޑައިރީގެ ހުރިހާ ސަފްހާތަކެއް ކިޔުން ޝިފާންއަށްވީ ބޮޑުކަމަކަށެވެ. އެހެންކަމުން ބައެއް ސަފްހާތައް ދޫކޮށް، އެންމެފަހުން ލިޔެފައިވާ ސަފްހާތައް ކިޔަންފެށިއެވެ.
*****

އަހަރެންނަށް މިވަނީ ކީއްހެއްޔެވެ؟ ސިއްރުސިއްރުން ޝިފާންއަށް ބަލަން އަހަރެންގެ ހިތްމަޖުބޫރުކުރަނީ ކީއްވެގެން ހެއްޔެވެ؟ ނިދާފައި އޮންނައިރު އެމޫނަށްބަލަން އަހަރެން ހުންނަމެވެ. ހާދަހާމައުސޫމެވެ. އެހުންނަ ބޮޑާކަމާއި ފޮނިގޮތްގަނޑު ނުހުންނާތީ ކަންނޭނގެއެވެ. ނަމަވެސް ހޭލާހުންނަ ވަގުތުތަކުގައި އެބަލާލާގޮތުން ގައިންހީބިވެސް ނަގައެވެ. އެލޮލުގެ ތޫނުކަމުން އަހަރެންގެ ހިތުގެ ހިނގުން އަވަސްކުރުވައެވެ. އެއަތުގެ ބީހިލުމުން ނަފްސު ހަލަބޮލި ކުރުވައެވެ. އެހެން އެއްވެސް ފިރިހެނަކު އަތްލުމުން އަހަރެންނަށް މިފަދަ ގޮތްތަކެއް ނުވެއެވެ. ނަވީން އަހަރެންނާ އެހާގާތްކޮށް އުޅޭއިރުވެސް ތަފާތު އިހުސާސްތަކެއް ނުކުރެވެއެވެ. ނަމަވެސް ޝިފާންއާއެކު މިހޭދަވި ދުވަސްކޮޅުގައި އަހަރެންގެ ހިތުގައި ތަފާތުގޮތަކަށް ވިންދުޖަހަން ފަށައިފިއެވެ. އަހަރެންގެ ހިތް ޝިފާންއަށްޓަކައި ބޭޤަރާރުވާން ފަށައިފިއެވެ. އެރީތިހިނިތުންވުން ދެކޭހިތްވަނީއެވެ. ވާހަކަދައްކާހިތްވަނީއެވެ. އެއިންސާނާގެ ކޮންމެއަދާއަކުން ހިތަށް އުފާވެރިކަން ގެނެސްދެއެވެ. ނަމަވެސް އަހަރެންގެ ނަސީބުހާދަ ދެރައެވެ. ހަފްތާއެއްވާންދެން އެކީގައި އުފާވެރި ވަގުތުތަކެއް ހޭދަކުރުމަށްފަހު އަނެއްކާވެސް ބީރައްޓެއްސަކު ފަދައިން އޭނާ އަހަރެންނާ ދުރުވެއްޖެއެވެ. 
ހިތުގެ ބޭޤަރާރުކަން އިތުރުވެއްޖެއެވެ. ކޮންމެ ދުވަހަކު ހެނދުނު ހެނދުނާ އެމޫނު ފެނޭތޯ އިންތިޒާރު ކުރެވެން ފަށައިފިއެވެ. ސިޑިމަތިން ފެނިގެން ހީލާތޯ އެތައްފަހަރަކު އެސިޑިން ދެކޮޅަށް ހިނގެން ފަށައިފިއެވެ. ޝިފާން ޓެރަހުގައި އުޅޭކަން އެނގޭތީ ނުނިދިފައި އޮންނަމެވެ. އެންމެފަހަރަކުވެސް ކޮޓަރިދޮރުގައި ޓަކިޖަހާލާތޯއެވެ. ކޮފީއެއްގެ ބަހަނާގައިވެސް އަހަރެންނަށް ގޮވާލާތޯއެވެ. އަހަރެން ޝިފާންއަށް ކޮފީގިރައިދޭ ހިތްވެއެވެ. ކުރިން ކަންތައްތައް ކޮށްދޭން ޖެހުމުން ރުޅިއައިނަމަވެސް މިހާރު ހުރިހާކަމެއްވެސް ކޮށްދެނީ ކުރާހިތުންނެވެ. އެކަން ޝިފާންއަށް އެނގޭނެނަމައެވެ. އަހަރެންގެ ހިތުގެ ތެޅުން އިހުސާސް ކުރެވޭނެ ނަމައެވެ. އެކަމަކު އަހަރެންނަށް މިހެންމިވަނީ ކީއްވެގެން ހެއްޔެވެ؟ މިއީ މީގެކުރިން ދުވަހަކުވެސް ވީގޮތެއްނޫނެވެ. އަނެއްކާ.....

" އަނެއްކާ ކީކޭތަ؟....ދެން މިހިސާބަށް ލިޔެފަތަ ހުއްޓާލަންވެސް އެނގެންވީ؟..." ޝިފާން ފޮތުގެ ފަހަތުގަނޑުތައް އެތައްފަހަރަކު އުކިއެވެ. ނަމަވެސް އިތުރަށް ލިޔެފައެއްނެތެވެ. މިހާރު މިޝާ ކޮންމެދުވަހަކު އެދާތަނެއްވެސް އެނގުނީހީ އިތުރަށް އެއްޗެއް ލިޔެފައި ވާނަމަތާއެވެ. މިވީގޮތުން އެކަމާބެހޭ އެއްވެސް މައުލޫމާތެއް ޝިފާންއަކަށް ނުލިބުނެވެ. މާޔޫސްވެގެން ޝިފާން ފޮތްލައްޕާލުމަށްފަހު ގެންގޮސް ކުރިންވެސް އޮތްތަނަށް ލާފައި އައިސް އެނދުގައި އޮށޯތެވެ.

" ރެޕަންޒަލް އަހަރެންދެކެ ލޯވިވަންޏާ ކީއްވެ އެގޮތަށް އެއުޅެނީ؟...ކީއްވެ ދޮގުހަދަންވީ؟...ކުޑަމިނުން ދާތަނެއްވެސް ބުނެލަނީކީނޫން....ރެޕަންޒަލް އެއުޅެނީ އަހަރެންގެ ކެތްތެރިކަން ހުރިވަރެއްބަލަންތަ؟ ނޫނީ އެއުޅެނީ އަހަރެން ޖެލަސްކުރުވަން ޑުރާމާއެއް ޖައްސައިގެންތަ؟...އަހަރެން ތެޅޭވަރެއްބަލާލަން!......އެކަމު މިހާރުދެން މިދަނީ މާމައްޗަށް....ދެން އަހަރެންނަކަށް ކެތެއްނުކުރެވޭނެ ރެޕަންޒަލް އެދާތަނެއް ނުބަލައެއް..." ޝިފާން ހިތާހިތާ ޝަކުވާތައް ކުރަމުންދިޔައެވެ. ޝިފާން ތަފާތު ގޮތްގޮތަށް ވިސްނަމުން ދިޔައެވެ. ތުނިތުނިކޮށް ވެހެމުންދިޔަ ވާރޭވެސް ކުއްލިއަކަށް ބޯކޮށްލައިފިއެވެ. ޝިފާން ގަޑިބަލާލިއިރު މެންދަމުން އަލިވެ ތިނެއްވެސް ޖަހައިފިއެވެ. މިޝާ އަދިވެސް ގެއަކަށް ނާދެއެވެ. އަނެއްކާ ގެއަށް ނާދެވިތަނެއްގައި މަޑުކޮށްގެން ހުރީބާއެވެ. ޝިފާން މިޝާގެ ފޯނަށް ގުޅާލިއެވެ. ރިންގްވޭވޭ ކެނޑުނުއިރުވެސް ފޯނެއް ނުނެގިއެވެ. ޝިފާން ފޯނުބޭއްވުމަށްފަހު ދެލޯމަރާލިއެވެ. ފިކުރުގެ ކަނޑަކަށް ޣަރަޤުވެގެން އޮއްވައި ސިހުނީ ފޯން އެލާރމްވާން ފެށުމުންނެވެ. 

" ސުބުޙާނަﷲ....މިހާރު ފަތިސްވީތަ؟...އަދިވެސް ރެޕަންޒަލް ނާންނަނީ؟...ދިސް އިޒް ޓޫމަޗް..." ޝިފާން ފުންމައިގެން ތެދުވިއެވެ. ކޮޓަރިން ނުކުމެ ބޭރުބަލާލިއެވެ. ދުރުދުރުން ފަތިސްނަމާދުގެ ބަންގީގެ އަޑުއިވެމުން ދިޔައެވެ. ބޯކޮށް ވެހެމުންދިޔަ ވާރޭވެސް މިހާރު ތުނިކޮށްލައިފިއެވެ. ތެތްފިނި ރޯޅިތައް މޫނުގައި ބީހެން ފެށުމުން ހިނދުކޮޅަކަށް ސިކުނޑިއަށް އަރާމު ލިބުނެވެ. ނަމަވެސް ހަމައެހާ އަވަހަށް ނުތަނަވަސްކަން ހިތަށް ވެރިވެއްޖެއެވެ. މަގުމަތިން މީހެއްގެ ހިލަންވެސް ނުވެއެވެ. ޝިފާން އޭނާގެ ކޮޓަރިއަށްގޮސް ހޫނުފެނުން ފެންވަރާލައިގެން ފަތިސްނަމާދަށް ދިޔައެވެ. މިސްކިތުގައި އިންއިރުވެސް މިޝާއާމެދު އޭނާގެ ހިތްނުތަނަވަސްވަމުން ދިޔައެވެ. ނަމާދުކޮށްނިމިގެން މިޝާއަށް ދެރަގޮތެއް މެދުވެރިނުކުރެއްވުން އެދި ދުޢާވެސް ކުރެވުނެވެ. ޝިފާން އެނބުރިގެޔަށް އައިސް އެންމެ ފުރަތަމަވެސް ދިޔައީ މިޝާގެ ކޮޓަރިއަށެވެ. އަދިވެސް މިޝާއެއް ނާދެއެވެ. މިހާރު ޝިފާންހުރީ އިންތިހާއަށް ކަންބޮޑުވެފައެވެ. ޝިފާން ފޯނުނަގައި މިޝާގެ ނަމްބަރަށް ޑައަލްކޮށްލިއެވެ. ފޯންއޮތީ ނިވާލާފައެވެ. ފޯނެއްދިނުމުންވެސް ވީވަރަކީ މިއެވެ. ޝިފާން ރުޅިގަދަވިއެވެ. އެނދުމައްޗަށް އުއްޑުންވެއްޓި އޭނާ ދެލޯމަރާލީ ސިކުނޑި ހަމައަކަށް އަޅުވާލުމަށެވެ. ގިނައިރުތަކެއްނުވެ ޝިފާންއަށް ނިދިއްޖެއެވެ.

ހެނދުނުގެ ވަގުތެވެ. ފެރީތެރޭގައި އިންމިޝާގެ ހިތް އަވަސްވަމުންދިޔައެވެ. މިހާރު ގަޑިން ހެނދުނުގެ ދިހައެއްވެސް ޖަހައިފިއެވެ. ރޭގައި ގެޔަށްނުދާކަން ޝިފާންއަށް އެނގިއްޖެނަމަ ރުޅިއަންނާނެވަރު އަންދާޒާކުރަންވެސް އޭނާއަކަށް ނޭނގެއެވެ. ޒީނާއާއެކު ވާހަކަދައްކަން ދަންވާންދެން އިނުމުން ފޯނުބަލާކަށްވެސް ހަނދާނެއް ނުވިއެވެ. ހެނދުނުބެލިއިރު ފޯނުއޮތީ ނިވިފައެވެ. "އޭތް..ނުފައިބަންތަ ތިއިންނަނީ؟..." އަފްޒަލް ކޮއްޓާލުމުން މިޝާ ސިހުނެވެ. ދެމީހުން އެކުގައި ފެރީން ފައިބައިގެން ގޮސް ކާރަށް އެރިއެވެ. މިޝާ ހާސްވެފައި އިންވަރުން އަފްޒަލް ދައްކަމުން ދިޔަ އެއްވެސް ވާހަކައަކަށްވެސް ސަމާލުކަމެއް ނުދެވުނެވެ. ގެއަށް އާދެވުނުކަންވެސް އެނގުނީ އަފްޒަލް ބުނުމުންނެވެ. މިޝާ ގޭތެރެއަށް ވަތްއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ނަމަވެސް ޓެރަހުގައި ޝިފާން ހުރެދާނެދީ ބިރުންހުރެ އޭނާއެރިއިރު، އެއްވެސް މީހެއްގެ ހިލަމެއްނެތެވެ. ހަމަޖެހުމުގެ ނޭވާއެއްދޫކޮށްލަމުން މިޝާގޮސް އޭނާގެ ކޮޓަރިއަށްވަނެވެ. އެވަގުތު އޭނާގެ އެނދުގައި އޮތް ޝިފާންފެނި، ބިރުންގޮސް ހަޅޭއްލަވައިވެސް ނުގަނެވުނީ ކިރިޔާއެވެ. ހަމަހިމޭންކަމާއެކު ނިދާފައި އޮތް ޝިފާންގެ މޫނުމަތިން ފެންނަނީ ވަރުބަލިކަމެވެ. ޝިފާން ބުނިފަދައިން އޭނާގެ ޚަބަރެއް ނުވުމުން ރޭހަތަރުދަމު ހޭލާހުރީބާއެވެ؟ ޝިފާން އެހާބޮޑަށް އޭނާއާ އަޅާލާއިރުވެސް، އޭނާހާދަ ފަރުވާކުޑައެވެ. މިޝާ ދެރަވިއެވެ. 

މިޝާ އެނދުގެ މަގަތުގައި އިށީނދެ ޝިފާންގެ މޫނަށް ބަލާލިއެވެ. އެމޫނުގައި ބީހިލާހިތްވީ ކުއްލިއަކަށެވެ. ޝިފާންގެ މޫނުގައި އަތްޖައްސާލަން އުޅެފައިވެސް މިޝާ ހުއްޓުނެވެ. ދެން މަޑުމަޑުން ގުދުވެ ޝިފާންގެ ކޯތާފަތުގައި އޭނާގެ މަޑުމަޑު ތުންފަތް ޖައްސާލިއެވެ. " އައިމް ސޮރީ" މިޝާ މަޑުމަޑުން ބުނެލިއެވެ. އެކުޑަކުޑަ ބީހިލުން އިހުސާސްކުރެވި، ޝިފާން ލޯހުޅުވާލިއެވެ. އެވަގުތު މިޝާގެ ހިތަށް ލޮޅުމެއް އަރައިގެން ދިޔައެވެ. ޝިފާންއޮތީ ހޭލާބާއޭ އޭނާގެ ހިތަށްއެރިއެވެ. ޝިފާން މިޝާގެ މޫނަށް ބަލަން އިރުކޮޅަކު އޮތުމަށްފަހު ބަހެއްވެސް ނުބުނެ ކުއްލިއަކަށް ތެދުވިއެވެ. ސިހިފައި މިޝާވެސް ތެދުވިއެވެ. ޝިފާން ކޮޓަރިން ނުކުންނަން ހިނގައިގެންފައިވެސް އެނބުރި މިޝާއަށް ފުންކޮށް ބަލާލިއެވެ. ފެންވަރާ ތާޒާވެލައިގެން ހުރުމުން އެމޫނުގެ ރީތިކަށް އިރުތުވެފައި ވެއެވެ. ތުންފަތުގައި މަޑުފިޔާތޮށިކުލައެއް ޖައްސާފައިހުރުމުން އަދި ވަކީން ރީތިހެން ހީވެއެވެ. އެހާ ނަލަހެދިގެން މިޝާއެއައީ ކޮންތާކުންބާއެވެ. ޝިފާންއަށްޓަކައި އެހިތްތެޅޭއިރު އެހެންމީހަކަށް އެރީތިކަން ދައްކަންވީ ކީއްކުރަން ހެއްޔެވެ؟ ޝިފާން ކުއްލިއަކަށް މިޝާގެ ގާތަށް ޖެހިލިއެވެ. ޝިފާން ކުރަންއުޅޭކަމެއް ނޭނގި މިޝާ ބިރުން އެއްފިޔަވަޅުފަހަތަށް އެޅުނެވެ.
" ކޮބާ ފޯން؟" ޝިފާން ހަރުކަށިކަމާއެކު ސުވާލުކޮށްލުމުން މިޝާބިރުގަތެވެ. "ނިވިފަ" ޖެހިލުންވެހުރެ މިޝާޖަވާބުދިނެވެ. " އަހަރެން ފޯނުދިނީ ނިވާލާފަ ބާއްވަންތަ؟...އޭނ؟....އަހަރެންގެ ކެތްތެރިކަން އިމްތިހާނު ކުރަންތަ ތިއުޅެނީ..." މިޝާގެ ގާތަށް ޖެހިލަމުން އޭނާގެ އަޑަށް މަޑުމައިތިރިކަން ގެނައެވެ. " އަހަރެން ނުބުނަންތަ ތާކަށްގޮސް ލަސްވަންޏާ އަންގާލާށެކޭ....އަހަރެންގާތު ބުނެލިއެއްކަމަކު ތިދާތަނަކަށް ދެވޭނެ....އަދި ތިބައްދަލުކުރާމީހަކާވެސް ބައްދަލުކުރެވޭނެ ކަންނޭނގެ....އެއީ ތިހާމުހިއްމު މީހެއްކަމަށް ވަންޏާ ކީއްވެ މިގެއަށް ނުގެންނަނީ؟....ބައްޕަ ބުންޏެއްނު ބޭނުންމީހަކު ގެޔަށް ގެންނާށޭ.....އަހަރެން ހީކުރީ ރެޕަންޒަލް ބީއެފް އެއް ނުހުރެއޭބުނީމަ އެއީ ތެދެއްކަމަށް....އެކަމް މިހާރު ޔަގީންވެއްޖެ އެއީ ދޮގެއްކަން....އެކަމް އަންހެން ކުއްޖަކަށްވެހުރެ ހިލޭފިރިހެނެއްގެ ގެޔަށް ނިދަންދިއުން އެއީ ކިހާ ދަށުދަރަޖައިގެ ކަމެއް....މިއުޅޭ އެހެން އަންހެންކުދިންނާ ރެޕަންޒަލް ތަފާތުވާނެކަމަށް އަހަރެން ހީކުރިން.....އެކަމް ޖެހުނީހަމަ އެއްތާކު.." މިޝާ ހިލޭފިރިހެނަކާއެކީ ވަގުތު ހޭދަނުކުރާނެކަން ޔަގީންވާއިރުވެސް ޝިފާން ބުނަމުންދިޔައެވެ. އެއީ މިޝާއަށް ކެތްނުވެގެން އޭނާގެ ދުލުން ހަޤީޤަތް ހާމަކުރޭތޯއެވެ. 

" އަހަރެން ހިލޭފިރިހެނަކާއެކީއެއް ނޫޅެން...އަހަރެން.." މިޝާއަށް ރޮވެންފެށިއެވެ. ޝިފާން އޭނާއާމެދު އެފަދަ ގޯސްގޮތަކަށް ހީކުރުމުން ވަރަށް ހިތުގައި ޖެހިއްޖެއެވެ. " އަހަރެން ކިހިނެއް ގަބޫލުކުރާނީ ތިހެން ބުނީމަ..." ޝިފާން ގަދަކޮށްލިއެވެ. އެންމެފަހުން އެހެންގޮތެއް ނެތިގެން މިޝާރޮމުން ރޮމުން ޝިފާންއަށް ހަގީގަތް ކިޔާދިނެވެ. އޭނާކޮންމެ ދުވަހަކު ދަނީ ވިލިގިންޏަށް ދޮންތައާ ބައްދަލުކުރަންކަމަށްވެސް ބުންޏެވެ. އަދި އޭނަ އަންނަނީ ދޮންތަބޭބެގެ ކޮއްކޮއާއެކު ކާރުގައި ކަމަށްވެސް ބުންޏެވެ. އެވާހަކަތައް އަޑުއިވުމުން ޝިފާންގެ ހިތުގައިވި ހުރިހާ ޝައްކާއި ވަހުމެއް ނެތިގެންދިޔައެވެ. އަދި ބޭއިޚުތިޔާރުގައި ހިނިތުންވެވުނެވެ. 

" އޯކޭ ގަބޫލުކޮށްފިން....އެކަމް ހަނދާންކުރާތި ދެންފަހަރަކުން ފޯނު ނިވާލައިގެން ނުވާނެ...އަދި ބަރާބަރަށް ކޯލްތަކަށާ މެސެޖްތަކަށް ޖަވާބުދޭންވާނެ...." ޝިފާން އަމުރުކޮށްލިއެވެ. ޝިފާންއާ ދިމާބަލާލާފައި މިޝާ ތުންފިއްތާލިއެވެ. އެމަންޒަރު ފެނިފައި ޝިފާންއަށް ހެވުނެވެ. " އޭތް އާދެބަލަ ކާއެއްޗެއްދޭން...ރޭންސުރެ ނުކައޭމިހުރީ....މިގޭގަ މަށަށް ކާންދޭން ހުރިކުއްޖާ ޗުއްޓީނަގައިގެން އުޅޭތީ މިހާރު މިހުންނަނީ ބަނޑަށްޖެހިފަ....ޕްލީޒް އާދެބަލަ އަވަހަށް..." މިޝާގެ އަތުގައި ހިފާ ނަގަމުން ޝިފާން ދޮގެއްހަދާލިއެވެ. މިޝާ ޝިފާންއަށް ނާސްތާ ތައްޔާރުކޮށްދޭން އުޅެނިކޮށް ޝީބާވެސް އައިސް ބަދިގެއަށްވަނެވެ. " މިހާރު މިގެއިން ކާއެއްޗެއްވެސް ލިބެނީ ބަނޑުހައިވެގެން ހާންތިވާފަހުން....އަށެއްޖެހިތަނާ ހޭލައިގެން އައިސް ބެލިއިރުވެސް ކާއެއްޗެއް ނެތް...އަހަރެން ގޮސް މިއަންހެނާއަށް ގޮވާގޮވާ އަނގައިންވެސް ބުނީކީނޫން....މިހާރު ބައްޕަނެތީމަ މާފޮނިވެގެން ތިއުޅެނީ...ހުރެބަލަ ބައްޕަ ދެންގުޅީމަ ޝަކުވާކުރާނަން..." ޝީބާ މިޝާއަށް އިންޒާރެއް ދިނެވެ. " ޝިބް ދެން ތިހާ ބަނޑުހައިވީއިރު އަމިއްލައަށް ކީއްވެތަ އެއްޗެއް ތައްޔާރު ނުކުރީ....ގައިމު މިގޭގަ އަބަދުވެސް ކާއެއްޗެހި ހުންނާނެ....ބްރެޑާ، ކްރަމްޕީއާ ޖޭމްވެސް އަދި ނުވިތާކަށް މަހާއި ސޮސެޖްވެސް އެހުރީ....ހަމަ ޓޯސްޓްހަދާލައިގެން ކާންވީނު.....ތީވެސް އަންހެން ކުއްޖެއްވިއްޔަ" ޝިފާން ސީރިއަސްވެފައި ޝީބާއަށް ވިސްނައިދޭން އުޅުނެވެ. 

" އަހަރެން ނުޖެހޭ މިގޭގަ މަސައްކަތް ކުރާކަށް....މިގޭގަ އެކަންކަން ކުރާނެ މީހެއްނޫންތަ މިހުރީ.....ކައްތައްތައް ކުރަން ނުކެރެންޏާ ތަނެއްހޯދައިގެންދާނީ....މިގޭގަ ހިލޭ އުޅެވޭތީ އުޅެން ހުންނަންވީ ކީއްކުރަން..." ޝީބާގެ ރުޅިގަނޑު ދިޔައީ ހިނދެއް ހިނދަކަށް ގަދަވަމުންނެވެ. "ޝިބް...ތިދަނީ މާމައްޗަށް.....މީހަކު ނެތްފަހަރަކު އަމިއްލައަށް އެވަރުކުރަން ނުކެރެންޏާ ޝިބްވެސް ނުކައިހުރޭ!....އިތުރަށް ބޭކާރު ވާހަކަ ދައްކަން ހަދާނެކަމެއްނެތް...." ޝިފާން ބާރަށް ބުނުމުން ޝީބާ ދެރަވިއެވެ. މިއަދު ދޮންބެ މިޝާގެ ދިފާއުގައި ވާހަކަދެއްކުމުން ޝީބާއަކަށް ކެތެއްނުވިއެވެ. މިޝާގެ ކުރިމަތީގައި ރޯންބޭނުން ނުވާތީ ޝީބާ ދުވެފައި ކޮޓަރިއަށް ދިޔައެވެ. ޝީބާ ނުކައި ދިއުމުން ޝިފާން ދެރަވެސް ވިއެވެ. ނަމަވެސް ކުރީގައިހެން ފަހަތުން ރުއްސަންދާކަށްވެސް ބޭނުމެއްނުވިއެވެ.

" ރަނގަޅަށްނޫން ތިކަންތައްކުރީ....ޝީބާއެބުނީ ދޮގެއްނޫން....އަހަރެން މާބޮޑަށް ފަރުވާކުޑަވެގެން މިހެންވާން ޖެހުނީ....އަހަރެންނަށް އަހަރެން އުޅެންވީގޮތް ހަނދާންނެތުނީމަ ވީގޮތްމީ....އެކަމް ދެން އެހެނެއް ނުވާނެ....ޝިފާން ދޭ ޝީބާގެންނަން....ނޫނީ އަހަރެން ގޮސް އޭނާގެ ކިބައިން މާފަށް އެދޭނަން.." ޝީބާ ނުކައިދިއުމުން މިޝާ ހުރީ ދެރަވެފައެވެ. " ބޭނުންކަމެއްނޫން....ކޮންމެ އަންހެން ކުއްޖަކަށްވެސް އެވަރުކޮށްލަން އެނގެންޖެހޭނެ....އަބަދު މިޝާ ހުންނާނަންތަ އޭނައަށް ޚިދުމަތްކޮށްދޭން....އަބަދު މިގޭގަ ނޯކަރަކަށްވެގެން އުޅެންތަ ގަސްތުކުރަނީ؟..." ޝިފާން ކޮއްލި ސުވާލަށް ދޭނެ ޖަވާބެއް މިޝާއަކަށް ނުވިސްނުނެވެ. ޝިފާން އެހާވަރަށް އޭނައާމެދު ވިސްނަނީ ކީއްވެގެން ހެއްޔެވެ؟ އަމިއްލަ ކޮއްކޮއާވެސް ދެބަސްވީ އޭނައަށްޓަކާ ހެއްޔެވެ؟ " ކީއްވެ ފާޑަކަށް ބަލަން ތިހުރީ؟....ތިހެން ހުންނަންޏާ ކުރަން ނުވާކަހަލަ ކަމެއްވެސް ކުރެވިދާނެ.." މިޝާ އެގޮތަށް ބަލަން ހުރުމުން ޝިފާން ހީލާފައި ބުންޏެވެ. މިޝާ އަވަސް އަވަހަށް އިސްޖަހާލިއެވެ. ކާން އިންއިރު ޝިފާންގެ ނަޒަރު ހުއްޓިފައިހުރީ މިޝާގެ މަޑުފިޔާތޮށި ކުލައިގެ ތުންފަތަށެވެ. އެތުންފަތުގައި ކިސްކޮށްލާހިތްވަނީއެވެ.ޝިފާން ކައިނިމިގެ ތެދުވިއިރުވެސް މިޝާ މަޑުމަޑުން ކާލަކާލާ އިނެވެ. ވިސްނުމެއްގެ ތެރެއަށް ގެއްލިފައި އެގޮތަށް އިންދައި ޝިފާން އައިސް މިޝާގެ ފުރަގަހަށް ހުއްޓި މޫނުގައި ދެފަރާތުން ހިފައި އުފުލާލިއެވެ. މިޝާއަށް ހަރަކާތެއްވެސް ކޮށްނުލެވިގެން އުޅެނިކޮށް މިޝާގެ ތުންފަތުގައި ޝިފާން ކިސްކޮށްލިއެވެ. އެވަގުތު މިޝާގެ ހިތް ހިނދުކޮޅަކަށް ހުއްޓުނުހެން ހީވިއެވެ. ކާންއިން ޓޯސްޓްކޮޅު ކަރުގައި އަޅައިގަނެ، ހަމަރަނގަޅަށްވެސް އޭނާގެ ނޭވާ ހުއްޓިއްޖެއެވެ.

ކޮމެންޓް 0