"ނަދާ ނުބުންޏަސް އަހަރެންގެ މައްސަލައެއްނެތް....އަހަރެންނާބެހޭވެސް ކަމެއްނޫން....އެކަމް އަހަރެންނަށް އެނގޭ އެއްޗަކީ ލޯބިވެގެން ހިތުން ރުހުމުން އެފަދަކަމެއްކުރާމީހަކު އެވަގުތު ނުވެއްރޯނެކަން....އަހަރެން ކާކޮޓަރިއަށް ވަނީވެސް ނަދާ ރޯއަޑުއިވިގެން....ބޮކިދިއްލުނު ވަގުތު އަހަރެން ދުށިން ނަދާގެ ލޮލުން އޮހުނު ކަރުނަތައް....އަހަރެންނާ ފުރަސްދިން ނަމަވެސް އެވަގުތު ނަދާރުއިކަން އަހަރެންނަށް އެނގޭ.....އަދި އެނާއިޒްގެ ގޮތްވެސް ވަރަށް ރަނގަޅަށް އެނގޭ..." މިޝާދެއްކި ވާހަކަތަކުން ހިނދުކޮޅަކަށް ހިމޭންވާން ނަދާއަށް މަޖުބޫރުވިއެވެ. މިޝާގާތު އޭނާ ހަޤީޤަތް ކިޔައިދޭންވީ ހެއްޔެވެ؟ ނޫނީ އަޑުނީވޭކަމަށް ހަދާފައި ދާންވީ ހެއްޔެވެ؟ މިޝާގެ ގާތުގައި ހަޤީޤަތް ކިޔައިދީގެން އޭނާއަށް އެހީތެރިކަމެއްވެސް ލިބިދާނެއެވެ. ނަމަވެސް ކިހިނެއްހެއްޔެވެ؟ މިޝާއަކީވެސް އޭނާފަދަ އަންހެން ކުއްޖެކެވެ. އެއްގޮތަކުން ބުނަންޏާ އޭނައަށްވުރެވެސް ނިކަމެތި ކުއްޖެކެވެ. އެހެންނޫނަސް މިޝާއަކީ އޭނާގެ އެކުވެރިއެއްވެސް ނޫނެވެ. ޒަމާނުއްސުރެ އެދެމެދުގައި އޮތީ ދުރުހިލޭކަމެވެ. މިޝާގެ ފަރާތުން އެހީއަކަށް އެދޭކަށްވެސް އޭނާބޭނުމެއް ނުވެއެވެ. 

" ބުނަން ރަނގަޅު ވާހަކައެއް.....ނާއިޒްއޭ ކިޔައިގެން މާގިނަ ވާހަކަ ދައްކަން ހަދާނެކަމެއްނެތް.....މަށަށްވުރެ ބޮޑަށް ކަލެއަކަށް އޭނާއެއް ނޭނގޭނެ....އަހަރެމެން ދެމީހުން އުޅެނީ ރައްޓެހިވެގެން....އެކަމު އަދި އެއްވެސް މީހަކަށް ނޭނގޭތީ އެވާހަކަ ނުދައްކާށޭ މިބުނީ.....ކަލޭގެ ފަރާތުން އަހަރެންގެ ރައްޓެހިންނަށް އެކަން އެނގެން ބޭނުންނުވާތީ....އެނގިއްޖެތަ؟..." މިޝާއާ ދިމާއަށް ބަލާވެސް ނުލާހުރެ ނަދާ ވާހަކަ ދެއްކިއެވެ. އޭނާ ދައްކާ ވާހަކައެއް ނިމުމުން މިޝާގެ ޖަވާބަކަށްވެސް އިންތިޒާރުކުރުމެއްނެތި ބާރުބާރަށް ހިނގާފައި ގޮސް ސިޑިން ފޭބިއެވެ. 

" އަދި މަށަށް އެނގުނީމަވެސް ފޮރުވަން އެބައުޅެއެއްނު....ޔަގީން އެނުލަފާ ފިރިހެނާ ވަރުގަދަ އިންޒާރެއްދީފަ އޮތީކަން" މިޝާ ފޫހިވެފައިހުރެގެން ހިތާހިތާ ކުދިކިޔަމުން ގޮސް ކާކޮޓަރިއަށް ވަނެވެ. މިޝާ ރޮށިފިހަން ފުއްމޮޑެން ހުއްޓައި ޝިފާން އައިސް ކާކޮޓަރިއަށް ވަނުމުން ސިހިފައި އޭނާ ބަލާލިއެވެ. މިހާ މާއިރާ ޝިފާން ހޭލައިގެން ކުރަނީ ކީއްބާއޭ އޭނާގެ ހިތަށްއެރިއެވެ. މިޝާ ވަށްކަޅިން ޝިފާންއަށް ބަލާލިއެވެ. ފެންވަރާ ރީތިވެލައިގެން ހުރިއިރު އެމޫނުގައި ތާޒާކަން ހުރިނަމަވެސް ކޮންމެވެސް ވަރެއްގެ ވަރުބަލިކަމެއްވެސް އެކުލެވިގެންވެއެވެ. މިޝާއާ އަނގައިންވެސް ބުނުމެއްނެތި ޝިފާން އަމިއްލައަށް ކޮފީއެއް ގިރާލުމަށްފަހު މޭޒުދޮށުގައި އިށީނެވެ. މިޝާގެ މޫނަށް ނަޒަރު ހުއްޓާލައިގެން އިނދެ އޭނާ ކޮފީބޮމުންދިޔައެވެ. މިޝާގެ ބޮލުގައި އިން ވޫލްކޮޅު ދޫވެގެން އިސްތަށިތައް މޫނުމައްޗަށް ފައިބަމުން ދިޔައެވެ. އިރުއިރުކޮޅުން މިޝާ އޭނާއަށް އުނދަގޫކުރަމުންދާ އިސްތަށިކޮޅު އަތުގެ ނުފުށުން އެއްކައިރިކޮށްލައެވެ. މިމަންޒަރު ބަލަންއިން ޝިފާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައީ މިޝާގެ މޫނުގައި ފުއްހޭކުނުތަން ފެނުމުންނެވެ. އިރުކޮޅަކު ބަލަން އިނުމަށްފަހު ކުއްލިއަކަށް ޝިފާންތެދުވިއެވެ. މިޝާ ހައިރާންވެފައި ބަލާލިއެވެ. ޝިފާން މިޝާގެ ފުރަގަހަށް ހުއްޓި އޭނާގެ ބޮލުގައި އިން ވޫލްކޮޅު ނައްޓާލުމަށްފަހު، ދެއަތުން އިސްތަށިތައް އެއްކޮށްލުމަށްފަހު އަނެއްކާވެސް ވޫލުކޮޅުން އައްސާލިއެވެ. ޝިފާންގެ އެހަރަކާތުން މިޝާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. 

" ހާދަމޮޅޭ" މިޝާއަށް ބޭއިޚުތިޔާރުގައި ބުނެވުނެވެ. 
" ކަމުގެ ތަޖުރިބާހުރީމަ މޮޅުވާނެއްނު.....ކުޑައިރު ޝިބްގެ އިސްތަށިގަނޑު ފުނާއަޅުވައިދެމޭ...." ޝިފާންވެސް ހިނިތުންވެލަމުން ޖަވާބުދިނެވެ.
" އެހެންތަ؟....ތޭންކްސް" މިޝާ ހިނިތުންވެލަމުން ޝިފާންއަށް ޝުކުރުއަދާކުރިއެވެ. 
"އިޓްސް މައި ޕްލެޒަރ....އެބައޮތްކަމެއް....ސައިހަދާނިމުނީމަ ކޮޓަރިއަށް އަންނައްޗޭ!...އޯކޭ" ސީރިއަސް ރާގެއްގައި ޝިފާން ބުނެލުމުން މިޝާގެ ހިތުގައި ސުވާލު އުފެދުނެވެ. އަނެއްކާ އެއުޅެނީ ކޮންފަދަ ކަމެއް ޖައްސަންބާއޭ ހިތަށްއެރިއެވެ. ޝިފާން އޭނާގެ ކޮޓަރީގައި މިޝާގެ އިންތިޒާރުގައި އިންދައި މަޑުމަޑުން ދޮރުގައި ޓަކިޖަހާލި އަޑުއިވުނެވެ. 

"ވަދޭ!" ޝިފާންގެ ހުއްދަލިބުމުން މަޑުމަޑުން މިޝާ ކޮޓަރިތެރެއަށް އަށްވަނެވެ. ޝިފާން އޭނާގެ ވޮލެޓުން ފަސްސަތޭކަ ރުފިޔާނެގުމަށްފަހު މިޝާއަށް ދިއްކޮށްލިއެވެ. 
" އާފްޓަރޝޭވް ފުޅިއަކާ ޖިލެޓްތިލަބޮނޑިއެއް ގެނެސްދެވިދާނެތަ؟....ހުކުރަށްދާންވާއިރަށް ޝޭވްކުރަންޖެހޭތީ....އަދި ބުނަން ޕެނަޑޯލް ކާޑެއްވެސް ގެނެސްދޭތި.....ރޭންސުރެ ރޯގާޖެހިގެން ބޮލުގަ ރިއްސާތީމިއުޅެނީ....އެހެންވެ އަސްލު ރެޕަންޒަލްގާތު ދާށޭވެސް މިބުނީ....ސޮރީ އިނގޭ!" ޝިފާން މަޑުމައިތިރިކަމާއެކީ ވާހަކަދެއްކިއެވެ. ޝިފާން ސޮރީއޭ ބުނެލިގޮތުން މިޝާގެ ގާތަށް ހިނިވެސް އައެވެ. މިނޫނީ ދުވަހަކުވެސް ޝިފާން އޭނާގެ ގާތުން މާފަށް އެދިފައެއް ނެތެވެ.
" އިޓްސް އޯކޭ" މިހެން ބުނެލަމުން މިޝާ ރުފިޔާހިފައިގެން ކޮޓަރިން ނުކުތެވެ. ގެޔާއި މާދުރުނޫން ހިސާބެއްގައިހުރި ފިހާރައަކަށް ވަދެ ޝިފާންބުނި ވައްތަރުގެ އާފްޓަޝޭފް ފުޅިއަކާއި ތިލަބޮޑިއެއް ނަގައިގެން ގޮސް ކައުންޓަރ ކައިރީ އޭނާ މަޑުކޮށްލިއެވެ. ގާތުގައިހުރިމީހަކު ބަލާހެން ހީވާތީ މިޝާވެސް ބަލާލިއެވެ. އެއީ ތަންކޮޅެއްކުރީ ރެއެއްގައި އޭނައާ އެކީ ފިހާރައެއްގެ އަސްކަނިދޮށަށް ވާރެއާ ހިޔާވާން ވަތް ޒުވާނާއެވެ. އެޒުވާނާ މިޝާއަށް ހީލުމުން މިޝާވެސް ލަދުންހުރެ ހީލިއެވެ. ސޭޓް ކޮތަޅުދިއްކޮށްލުމާއެކީ މިޝާ އަވަސް އަވަހަށް ފިހާރައިން ނުކުތެވެ. ތަންކޮޅަކަށް ނުދެވެނީސް އޭތްވޭ ކިޔައި މީހަކު ގޮވަން ފެށުމުން މިޝާ ފަހަތް ބަލާލިއިރު އެއްކަލަ ޒުވާނާ ހަލުވި ފިޔަވަޅުތަކެއްގައި އެދިމާއަށް އާދެއެވެ. މަގުމަތީގައި ފުދޭވަރަކަށް މީހުންމަދެވެ. އެހެންކަމުން މިޝާގެ ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ. އޭނާ އަޑުއިވޭކަމަށްވެސް ނުހަދައި ހިނގުން ބާރުކޮށްލިއެވެ.

" އޭތް...މަޑުކޮށްބަލަ! ޕްލީޒް!" އަނެއްކާވެސް އޭނާ ގޮވާލިއެވެ. ނުވެސް ދަންނަ މީހަކު މިޝާގެ ފަހަތުން އަޅުވާލުމުން އޭނާކަންބޮޑުވިއެވެ. އަވަސް އަވަހަށް ޖެހިގެން އޮތް ގޯޅިއަށް އެޅުމަށްފަހު އޭނާ ދުއްވައިގަތެވެ. ނަމަވެސް ކުޑަހިނދުކޮޅެއްގެ ތެރޭގައި އެއްކަހަލަ ޒުވާނާވެސް ދުވެފައި އައިސް އޭނާ އަރާހަމަކޮށްފިއެވެ.
" ހާދަބާރޭ ދުވާލެއް....އެތްލީޓެއްތަ؟....ތިކުއްޖާ ފަހަތުން ދުވެދުވެ މަވެސް ވަރުބަލި ވެއްޖެ...." ޒުވާނާ މިޝާގެ ކުރިމައްޗަށް ހުއްޓި، ކުޑަކޮށް ގުދުވެލަމުން އޭނާގެ ބަނޑުގައި އަތްއަޅާލިއެވެ.
" ކިހިނެއްވެގެންތަ ތިއުޅެނީ؟...މިއީ މާލޭގެ މަގުމައްޗޭ....އެވަރުވެސް ނޭނގެނީތަ؟...." މިޝާ ބިރުގަތް ނަމަވެސް ނުރުހިފައި ޖަވާބުދިނެވެ. 
" މަގުމައްޗެއް ކަމަކު އެމީހެއްގެ ހައްޤުހޯދަން ފަހަތުން ދުވަންވެސް ޖެހޭނެއްނު.." ޒުވާނާ ލާނެއްގޮތަކަށް ހިނިތުންވެލަމުން ބުންޏެވެ.
" ހައްޤޭ؟...ކޮން ހައްޤެކޭ ތިކިޔަނީ....އެކަނި އަންހެން ކުއްޖަކު ފެންނައިރަށް ފޮށެންޖެހޭތަ؟...ދުރަށްދޭ! އަހަރެންގެ ފަހަތުން އަންނާނެކަމެއްނެތް" މިޝާ ރުޅިއައިސްފައި އަނެއްކާވެސް ދާން ހިނގައިގަތެވެ. 
" އާނ...އަހަރެން ގަތް އެއްޗެހި ހިފައިގެން ވިއްޔަ ތިދަނީ...އެހެންވީމަ ފަހަތުންވެސް އަންނާނެއްނު....މިއޮތީ ތިކުއްޖާ ގަތް އެއްޗެހި...." އޭނާގެ އަތުގައި އޮތްކޮތަޅު ދައްކާލުމުން މިޝާ ހައިރާންވެސް އަތުގައި ހުރި ކޮތަޅުގެ އެތެރެބަލާލިއެވެ. އޭގައިއޮތީ ޖިލެޓް ތިލަ ބޮނޑިއަކާއި ލޯޝަންފުޅިއަކާ ބޮޑީ ސްޕްރޭ ފުޅިއެކެވެ. އެއީ އޭނާ ގަތް އެއްޗެއް ނޫނެވެ. މިވީގޮތް އެނގުމުން މިޝާ ރަކިވެގެން ތިރީ ތުންފަތުގައި ދައިގަނެވުނެވެ.

" ސޮރީ" ޒުވާނާއަށް ކޮތަޅު ދިއްކޮށްލަމުން މިޝާ ބުންޏެވެ. 
" އިޓްސް އޯކޭ...އެއްވައްތަރު އެއްޗެހިގަންނަންޏާ އެހެންވެސް ވެދާނެ..އެއީކީ މައްސަލައެއްނޫން" މިޝާގެ ކޮތަޅުދިއްކޮށްލަމުން ފާޑަކަށް ހެވިފައިހުރެ ޒުވާނާ ޖަވާބުދިނެވެ.މިޝާ ކުރިއަށްވުރެ ބޮޑަށް ރަކިވީ އެކޮތަޅުގައި ހުރި އެއްޗެހި ޒުވާނާ ބެލިކަން އެނގުމުންނެވެ. އޭނާ ހީކުރާނީ އެއީ މިޝާ ބޭނުންކުރަން ގަތް އެއްޗެއްކަމަށް ކަންނޭނގެއެވެ.
" މިއީ އަހަރެންގެ އެއްޗެއްނޫން..." މިޝާއަށް އަވަސް އަވަހަށް އެހެންބުނެވުނީ ބޭއިޚުތިޔާރުގައެވެ. މިޝާއަށް ވީގޮތުން ޒުވާނާގެ ގާތަށް ވަރަށް ހިނިއައެވެ. 
" އަހަރެން ނުވެސް އަހަމެއްނު" ޒުވާނާ ހިނގަނޑުމަތަކުރަމުން އެހެން ބުނުމުން މިޝާ އަވަސް އަވަހަށް އެތަނުން ދާން ހިނގައިގަތެވެ. 
*****

ދުވަސްތައް ފާއިތުވަމުން ދެއެވެ. ނާއިޒް މިޝާއާ އެކު އެކަނިވެލާނެ ފުރުސަތަކަށް ބަލަމުން ދިޔައެވެ. މިޝާވެސް ވިސްނަމުން ދިޔައީ ނާއިޒްއާ ކުރިމަތި ނުލާވޭތޯއެވެ. އެންމެންގެ މެދުގައި ނާއިޒް ހީހީފައި އުޅުނު ނަމަވެސް ނަދާގެ މިޒާޖުވަނީ މުޅިން ބަދަލު ވެފައެވެ. އެމޫނުގައި ކުރިން ހުންނަ ހިނިތުންވުން ވަނީ ފިލާ ގޮސްފައެވެ. ރަހުމަތްތެރީން ކިތަންމެ މަޖާވާހަކައެއް ދެއްކިނަމަވެސް އޭނޭގެ ތުންފަތަށް ހިނިތުންވުމެއް ވެރިއެއްނުވެއެވެ. ދުރުދުރުން އެމީހުން އުޅެމުންދިޔަ ގޮތްބަލަމުންދިޔަ މިޝާއަށް ނަދާގެ ބަދަލުވެފައިވާ މިޒާޖު ދެނެގަނެވުނުއިރު ގާތުގައި ތިބިމީހުންނަށް އެކަމެއް ރޭކާނުލައެވެ. މަލާކުގެ ސަމާލުކަންވެސް މިހާރު ހުއްޓިފައި ހުންނަނީ މުޅިން އެހެން ދިމާއަކަށެވެ. އެހެންކަމުން އެކުވެރިޔާގެ މާޔޫސްވެފައިވާ މޫނުން އޭނާއަށް އެއްވެސްކަމެއް ދޭހައެއްނުވެއެވެ. ނަދާވެސް ހިތްވަރުކޮށްފައި އެގޮތުގައި އުޅެމުން ދިޔަނަމަވެސް އޭނާގެ ހިތް ރޮއެވެ. ކޮންމެވެސް މީހަކަށް އޭނާގެ ހިތުގެ ހާލު ކިޔައިދޭންވެސް ބޭނުންވެއެވެ. ނަމަވެސް އޭނާގެ ކޮންމެ ހަރަކާތަކަށް ނާއިޒް ފާރަލާކަން އެނގޭތީ މަޑުން ހުންނަން އޭނާއަށް މަޖުބޫރެވެ.

ހުރިހާ ރަހުމަތްތެރިން އަނެއްކާވެސް އެކުވެރިކަން އާލާކުރުމުގެ އިތުރު ކަމެއް ރާވާލިއެވެ. ހުޅުމާލެއަށް ގޮސް ބާރބެކިއުއެއް ހަދާލުމުގެ ޚިޔާލު ޝިފާން ހުށަހެޅުމުން އެންމެންވެސް އެޚިޔާލަށް ތާއީދުކުރިއެވެ. 
" ހުޅުމާލެއަށް ދެވިދާނެ....އެކަމު މެންދަމު ބާރައިގެ ކުރިން މާލެއަންނަން ވާނެ..." ނަވީން ބުނެލިއެވެ.
" އެއްކަލަ މަންމަގެ ދޮންފުތު މިއުޅެނީ......ރޭގަނޑު އެގާރައިގެ ކުރިން ގެޔަށްވަންނަން ޖެހޭނެ.." ރަޔާން މަލާމާތްކޮށްލިއެވެ.
" މަންމަގެ ބަސް އެހިއްޔާ ކޮބާތަ މައްސަލައެއް.....މަންމަ ބައްޕަގާތު ކިޔައިގެން އަހަރެންނަށް ރިޒޯޓަށްވެސް ދެވޭގޮތްވީ....މިފަދަ ޒަމާނެއްގަ ޒުވާންދަރިން ބޭރުގަ އުޅެންޏާ ކޮންމެ މަޔަކުވެސް ކަންބޮޑުވާނެ....އެއީ މަންމަ އަހަރެންނަށް އިތުބާރު ނުކުރާތީކީނޫން.....އެހެންމީހުންނަށް އިތުބާރު ނުކުރާތީ....އެހެންނޫނަސް އަހަރެންނަކީ ހަމައެކަނި ހުރި ދަރިފުޅު....އެހެންވީމަ ވިސްނާނެއްނު..." ނަވީން ވަރަށް ސީރިއަސްކަމާއެކު ވާހަކަދައްކާ ނިންމާލުމުން ހުރިހާ އެންމެން ހޭންފެށިއެވެ.
" އޯކޭ.....ދެންހީބަލަ!" ނަވީން ނުރުހުންވެފައި ބުނެލިއެވެ.
" އޯކޭ ބާރައިގެ ކުރިން އަންނާނަން....ހެޕީތަ؟" ނަވީންގެ ކޮނޑުގައި ޖަހާލަމުން ޝިފާން އަހާލިއެވެ. ނަވީން ބޯޖަހާލިއެވެ. ނަވީންއާއި ޝިފާން ބާރބެކިއުއަށް ބޭނުންވާ ސާމާނު ގަންނާށެވެ. އަންހެންކުދީންވެސް އެކަމަށް ބޭނުންވާ ބައެއްސާމާނު ގޭ ބަދިގެއިންވެސް ހޯދިއެވެ. ނާއިޒް ބަހަނާއެއް ދައްކާފައި ޓެރެސްގައި މަޑުކޮށްގެން ހުރީ މިޝާއާ ދިމާވާނެ ކަމުގެ އުއްމީދުގައެވެ. ނަމަވެސް އެތައްއިރަކު ހުރިއިރުވެސް މިޝާއެއް ކޮޓަރިއަކުން ނުނިކުތެވެ. އެންމެފަހުން ރަޔާން ގުޅަން ފެށުމުން އޭނާ ތިރިޔަށް ފޭބިއެވެ. ފިހާރައިން ގަންނަންވާ ސާމާނުތައް ގަނެގެން ގެޔަށްދަނިކޮށް ޝިފާންގެ ސައިކަލުގެ ޕެޓްރޯލް ހުސްވިއެވެ.

" ނަވީން ދޭ...މަދާނަން ޕެޓްރޯން އަޅައިގެން" ޝިފާންގެ އަތުގައި ހުރި ސާމާނުތައްވެސް ނަވީން އާ ހަވާލުކުރިއެވެ. ނަވީން އާއެކޭބުނެ ސާމާނުތައް ހިފައިގެން ސިޓީހައުސްއަށް ދިޔައެވެ. ޝިފާން ނޫން ހުރިހާ އެންމެން ސިޓީހައުސްއަށް ޖަމާވެއްޖެއެވެ. 
" ކޮބާތަ ބޮސް.....އަދިވެސް ނާންނަނީތަ؟...." ނަވީންއަށް ބަލާލަމުން ރަޔާން އަހާލިއެވެ. 
" އާނ ޕެޓްރޯލް އަޅަން ގޮސްވީ....އެބަގުޅާލަން" ނަވީން ފޯން ނެގުމަށްފަހު ޝިފާންއަށް ގުޅާލިއެވެ.
" ހެލޯ ނަވީން... އައިމް ސްޓަކްޑް އިންދަ ޓްރެފިކް.....ތިމީހުންދޭ....އައިލްގޯ ލޭޓަރ..." ޝިފާން ޖަވާބުދިނުމަށްފަހު ފޯން ބޭއްވިވަގުތު ކައިރީގައި ހުރި ސައިކަލުގައި ތިބި ދެއަންހެން ކުދިން ފާޑަކަށް ހޭންފެށިއެވެ.
" އައިމް ސްޓަކްޑް އޯ ހެހެހެ" އެތަނުން އެއްއަންހެން ކުއްޖަކުން އަނެއްކުއްޖަކާގާތު ބުނެލަމުން ހޭންފެށިއެވެ. ޝިފާން ބުމަގޮށްޖަހާލަމުން އެކުއްޖާއަށް ބަލާލިއެއެވެ. އެކުއްޖާ އަނެއްކާވެސް ހޭންފެށުމުން ޝިފާން ފޫހިވެފައި ދުރުބަލާލިއެވެ.
" ދެން ތުއިދެއްކިއަސް ފުކެއްބޮޑުވަރު.....މައެބައުޅޭތަ ބަލާހިތުން..." ޝިފާން ހިތާހިތާ ކުދިކިޔަން އިންދައި ލައިޓް ޖެހުމުން ދުއްވާލިއެވެ. ޝިފާން ފަހުން އަންނާނެކަމަށްބުނެ ނަވީން އެހެންމީހުންގާތު ޓާރމިނަލްއަށް ދިއުމަށްބުންޏެވެ. ބޭނުންވާ ސާމާނުތައް ހިފައިގެން ރައިނާއާއި ނަދާދިޔައީ ކާރުގައެވެ. ނަވީން ޝީބާއާއެކު ދިޔައިރު މަލާކް ދިޔައީ ރަޔާންއާ އެކުއެވެ. އެންމެން ދާންދެން ނާއިޒްހުރީ މަގުގެ އެއްފަރާތުގައިހުރި ފިހާރައެއްގެ ތެރޭގައެވެ. ރަޔާންގާތު ގެޔަށް ގޮސްލާފައި އަންނާނެކަމަށްބުނެ އޭނާ އެގެއިން ނުކުތްތާ ކިތަންމެ އިރެކެވެ. މިވަގުތު ގޭގައި މިޝާއުޅޭނީ އެކަނިކަން ޔަޤީންވުމުން އޭނާގެ ތުންފަތުގައި ދުވެލީ ވިހަ ހިނިތުންވުމެކެވެ.ނާއިޒް ހަލުވިފިޔަވަޅުތަކެއްގައި ގޮސް ސިޓީހައުސްގެ ދޮރާށިން އެތެރެއަށްވަނެވެ. ގޭތެރެ ހަމަހިމޭންވުމުން މިޝާ ކޮޓަރިން ބޭރަށް ނުކުތެވެ. ގޭތެރޭގައި ކުރަންހުރި ބައެއް ކަންކަން ނިންމާލުމުގެ ބޭނުމުގައެވެ. އޭނާ ހީކޮށްގެން ހުރީ މިފަހަރުވެސް ޝިފާން އޭނާ ގެންދަން އުޅޭނެ ކަމުގައެވެ. ނަމަވެސް އެކަހަލަ ވާހަކައެއް ނުދެއްކީތީ އޭނާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އޭނާ ފޫހިވެއްޖެއްޔާ އަފާގެ ގެޔަށްވެސް ދެވިދާނެއެވެ. 

ޝިފާން ޓްރެފިކްއިން ސަލާމަތްވުމުން ޓާރމިނަލްއަށް ދެވުނުއިރު ހުރިހާއެންމެން ތިބީ ޓިކެޓްގަނެގެން އެތެރެއަށް ވަދެއެވެ. ޝިފާން ޓިކެޓްގަނެގެން އެތެރެއަށްވަދެ ނަވީންގެ ގާތުގައި މަޑުކޮށްލިއެވެ. 
" ހާދައިރެއްވެއްޖޭ ބޮސްއާދޭތޯ މަޑުކުރާތާ؟" ނަވީން ޝަކުވާކޮށްލިއެވެ. 
" މަބުނީމެއްނު ޓްރެފިކްގައި ޖެހިގެން ނާދެވުނީއޭ....އޭ ތިޔެއްނޫނޭ.....މިޝާ ހުންނާނީ ގޭގަ އެކަނި.....އަހަރެން ހިތްހަމައެއް ނުޖެހޭ އޭނާ އެކަނި ބަހައްޓާފަ އަންނާކަން.....ނަވީން ދާންވީނުބަލާ!" އެހެންމީހުނަށް ނީވޭވަރަށް ސިއްރުން ޝިފާން ބުންޏެވެ. 
" ކީއްވެތަ ޝިފާން އޭނަގޮވައިގެން ނައީ......އަނެއްކާ މަވީދާން" ޝިފާންއަށް ލޯއަޅާލަމުން ނަވީން ބުނެލިއެވެ. 
" އެނގެއެއްނު ކުރިންވެސް ވީގޮތް....މަބުނެގެން އޭނަ ނާންނާނެ.....އޭނާ ނޫނެކޭ ބުނެފިއްޔާ މަށަށްޖެހޭނީ ހަރުކަށިކަން ދައްކަން....އެކަމް ނަވީން ގޮސްފިއްޔާ ދެކޮޅު ނުހަދާ އަތުވެދާނެ....ނަވީން ވަރަށް މޮޅެއްނު އޭނާހައްލަން" ޝިފާން ބުނެލިއެވެ. 
" ހޫމް ހޫމް ދެން މަގޯނިފުލަށް ލާނެކަމެއްނެތް....އެވަރަކުން ގެންދާހިތްވާއިރު ދާނަންތޯ އަހާލިނަމައެއްނު އެނގޭނީ ބުނާއެއްޗެއްވެސް.....ހަމަ ފިނޑިކަމުން ތިއުޅެނީ.....މަށަށް އެނގެޔޭ ނުބުންޏަސް ތިއުޅެނީ ސަމްތިން ސަމްތިން ވެގެންކަން" ނަވީން ދިމާކޮށްލިއެވެ.

" ޝަޓްއަޕް!....ދާނަންތަ ނޫނީ ނުދާނަންތަ؟.." ޝިފާން އަމުރުވެރިގޮތަކަށް އަހާލިއެވެ.
" އޯކޭ...އޯކޭ..އައިމް ގޮއިންގް.....ބޮސް" ނަވީން ކުޑަކޮށް ޝިފާންއަށް ބޯގުދުކޮށްލަމުން އެހެން ބުނެލާފައި ޓާރމިނަލްއިން ނުކުތެވެ.

މިޝާ މެންދުރު ދޮވުނު އެއްޗެހިތައް މެޝިނުން ނަގައި ހިއްކަން އަޅަން އުޅުނެވެ. ޓެރެސްމަތީގައިހުރި ހަރުގައި އެއްޗެހިތައް އަޅަންހުރެފައި އޭނާ ފަހަތްބަލާލީ ކޮންމެވެސް މީހަކު އައިހެން ހީވެގެންނެވެ. އޭނާ ފަހަތަށް އެނބުރުނު ވަގުތު ދާދިގާތުގައި އޭނާއަށް ބަލަންހުރި ނާއިޒް ފެނިފައި މެޔަށް ނުބައިގޮތެއް ވެގެން ދިޔައެވެ. ސިހުނުވަރުން އަތުގައި ހުރި އެއްޗެހިތައްވެސް ވެރުނެވެ.
" އޯހ ރެޕަންޒަލް! ހާދަވަރެއްތިވީ....މަހީކުރީ ހުންނާނީ މަގޭ އިންތިޒާރުގާކަމަށް....." ނާއިޒް ހިނިތުންވެލީ ނުރައްކާތެރި ގޮތަކަށެވެ. ނާއިޒް މިޝާގެ ގާތަށް ޖެހި ދެކޮނޑުގައި ހިފާލުމާއެކު މިޝާ ނާއިޒްގެ ދެއަތް ފޮޅުވާލާފައި ކޮޓަރިއާ ދިމާއަށް ދުއްވައިގަތެވެ. އޭނާކޮޓަރިއަށްވަދެ ދޮރުލައްޕަން ދިމާކޮށްލުމާއެކު ނާއިޒް އައިސް ވަރަށްބާރަށް ދޮރުކޮއްޕާލިއެވެ. އެވަގުތު މިޝާދިޔައީ ވިއްސައިގެންނެވެ.
" އަދިވެސް މަށާ ފިލޭނެ ކަމަށްތަ ތިއުޅެނީ....ނޯ ނޯ ތީބޭކާރުކަމެއް....ކިތަންމެ ވަރަށް ދުވިޔަސް މިއަދު މަގޭ އަތްދަށުން ސަލާމަތެއްނުވާނެ..." ނާއިޒް ކޮޓަރިއަށްވަދެ ދޮރުތަޅުލިއެވެ. ބިރުން ގޮސް މިޝާގެ މެޔަށް ފިނިވެ މުޅިމީހާ ރޫރޫ އަޅައިގަތެވެ. އޭނާ މިހައްޔަރުވީ ހާދަހާ ނުރައްކާތެރި ޝިކާރަވެރިއެއްގެ އަތްދަށުގައެވެ. ސިހުން އެކުލެވިފައިވާ ދެލޮލުން މިޝާ ނާއިޒްއަށް ބަލަމުން ދިޔައިރު، ނާއިޒްގެ ތުންފަތުގައިވަނީ ފަތަޙައިގެވިހަހިތިނުންވުމެކެވެ.ނާއިޒް މިޝާއާ ދިމާއަށް އަންނަން ފެށުމުން އޭނާ ފަހަތަށް ޖެހެންފެށިއެވެ. މިޝާ ފާޚާނާއާ ދިމާއަށް ދުއްވައިގަތުމުން ނާއިޒް ހުޝިޔާރުކަމާއެކީ ގޮސް މިޝާގެ އަތުގައި ހިފައި ދަމައިގަތެވެ. މިޝާ ލަތްކަކަށް އައިސް ނާއިޒްގެ ގައިގާ ޖެހުނެވެ. ނާއިޒް ދާދި ފަސޭހަކަމާއެކީ މިޝާ އުފުލާލައިގެން ގެންގޮސް އެނދުމައްޗަށް ވައްޓާލިއެވެ.

" ނުލަފާ މީހަގަނޑާ އަހަރެން ދޫކޮށްލާ!....ހެޔޮނުވާނެ އަހަރެން ދޫކޮށްލާ!" ނާއިޒް މިޝާފެ ގައިމައްޗަށް ޖެހިގަތުމުން ރޮއެގެންފައި ނާއިޒްގެ ގައިގާ ތަޅައިގަންނަމުން މިޝާ އާދޭސްކުރަން ފެށިއެވެ. ނަމަވެސް އޭނާގެ އަޑުއިވޭކަމަށްވެސް ނާއިޒް ނުހެދިއެވެ. އޭނާގެ ރުއިމަކުން އާދޭހަކުން އަސަރުކުރާވަރަށްވުރެ ނާއިޒްގެ ހިތަށްވަނީ ވަހުޝީކަން ވެރިވެފައެވެ. މިހުރިހާ ދުވަހު އޭނާ ފިލައިގެން އުޅުމުންވެސް އޭނާގެ އިތްފަތްތެރިކަން މިނުބައިމީހާގެ ކިބައިން ސަލާމަތް ނުވީހެއްޔެވެ؟ މިޝާ ހަތަރެސްފައިން ނާއިޒްއަށް ހަމަލާދެމުން ހަޅޭއްލަވަމުން ދިޔައެވެ.
" ހަޅޭއްލަވާ!...ބާރަށް ހަޅޭއްލަވާ! ކިތަންމެ ވަރަށް ހަޅޭއްލެވިޔަސް އެކަކުވެސް ނާންނާނެ.....ހަޅޭއްލަވަ ލަވާފަވެސް ޖެހޭނީ މައިތިރިވާން.....ނަދާވެސް ވަރަށް ގަދަހެދި....އެކަމު ބަލާބަލަ މިހާރު އެހުރީ މައިތިރިވެފަ.....ރެޕަންޒަލްއަށްވެސް ވާނީ ހަމައެހެން....." ނާއިޒްގެ އިންޒާރުތަކުން މިޝާގެ ހިތްވަރުއެލުނެވެ. ތެދެކެވެ. ކިތަންމެ ވަރަކަށް ހަޅޭއްލެވިޔަސް އެއަޑު އަހާނެ މީހަކުނެތެވެ. 

ކޮމެންޓް 0