ޝިފާންއާއި ޝީބާ ފުރައިގެން ދިއުމުން މިޝާ އޭނާގެ ދޮންތަގެ ގާތަށް ވިލިގިއްޔަށް ބަދަލުވިއެވެ. މިކަމާ އެންމެބޮޑަށް އުފާވީ އަފްޒަލްއެވެ. މިޝާއާއެކު ގިނަވަގުތު ހޭދަކުރަން ލިބުމުންނެވެ. އެހިތުގައި މިޝާއަށްޓަކައި ޖަހަމުންދިޔަ ވިންދަށް އާނަމެއްދިނުމަށް މިއަށްވުރެ ރަނގަޅު ފުރުސަތެއް ނުލިބޭނެކަން އޭނާއަށް ވިސްނުނެވެ. ނަމަވެސް އަފްޒަލް އަށް ނުވިސްނި އޮތް އެއްޗަކީ މިޝާގެ ހިތުގައި މާކުރިއްސުރެ އެހެން ނަމެއް ލިޔެވިފައިވާކަމެވެ. އަދި އެހިތުގައި ލޯބީގެވިންދު ޖަހަނީ ހަމައެކަނި އެޚާއްސަ އިންސާނާއަށްޓަކައިކަމެވެ.

ދޮންތައާއި މާމަގެ އިތުރުން ދޮންތަގެ ފިރިމީހާގެ އާއިލާމީހުންގެ ފަރާތުންވެސް އިންތިހާއަށް އަޅާލުމާއި ލޯބި މިޝާއަށް ލިބެމުން ދިޔައެވެ. އަދި ވަކީން ޚާއްސަކޮށް އަފްޒަލްގެ ފަރާތުން ކިތަންމެ ކުޑަކަމެއްގައިވެސް އެހީތެރިކަން ލިބެމުންދިޔައެވެ. ކިތަންމެ އުފާވެރި މާހައުލެއްގައި ވަގުތުތައް ވޭތުކުރަމުން ދިޔަނަމަވެސް ޝިފާންގެ ޚަބަރެއް ނުވާތީ މިޝާގެ ހިތަށް ނުތަނަވަސްކަން ވެރިވަމުން ދިޔައެވެ. އެކަނިވެލަން ލިބޭ މަދުވަގުތުކޮޅުގައި ޝިފާންގެ ޚިޔާލުތަކުން އެހިތްފުރެއެވެ. ޝިފާންއާއެކު ހޭދަކުރެވުނު އެރޭގެ ފޮނި ހަނދާންތައް ހިނދުކޮޅަކަށްވެސް އެހިތުން ފިލާނުދެއެވެ. ނަމަވެސް ކާފަގެ ހާލެއް ނޭނގޭތީ ބައެއްފަހަރު ދެރަވެގެން ރޮވޭގޮތްވެސް ވެއެވެ. 

ހަވީރުގެ ވަގުތެވެ. ޒީނާ ފެންވަރަންވެގެން ކޮޓަރިތަޅުލުމުން މިޝާއިނީ ސިޓިންރޫމުގައިހުރި ސޯފާގައެވެ. ދޮންތަވެސް މާމަގެ ކޮޓަރީގައި ކޮންމެވެސް ކަމެއްގައި އަވަދިނެތި އުޅެމުންދިޔައެވެ. އަޒުރާވެސް ގޭގައި ނެތުމުން ވާހަކަދައްކާލާނެ އިތުރުމީހަކުވެސް ނެތީތީ މިޝާއިނީ ފޫހިވާގޮތްވެފައެވެ. އޮފީސް ނިންމާފައި އައިގޮތަށް އަފްޒަލް އޮތީ ނިދާފައެވެ. އެހެންކަމުން ގޭތެރެއަށްވަނީ އާދަޔާޚިލާފު ހަމަހިމޭންކަމެއް ވެރިވެފައެވެ. ޓީވީ ހުޅުވާލައިގެން އިރުކޮޅަކު އިނުމަށްފަހު، އޭނާ ޓީވީ ނިއްވާލީ ގަޔާވާފަދަ އެއްވެސް ޕްރޮގްރާމެއް ނުފެނުމުންނެވެ. އެންމެފަހުން އޭނާ ސޯފާގައި އޮށޯވެ ދެލޯމަރާލިއެވެ.

އަފްޒަލްއަށް ހޭލެވުނުއިރުހުރީ ބަނޑުހައިވެގެން ހާންތިވާން ގާތްވެފައެވެ. އެހެންކަމުން އަވަހަށް ފެންވަރާލައިގެން އޭނާނުކުތީ އެއްޗެއް ކާލުމަށެވެ. ކާކޮޓަރިއަށް ވަންނަން ދަނިކޮށް އަފްޒަލްއަށް ހުއްޓެވުނީ، މައުސޫމު ކުޑަކުއްޖެއް ފަދައިން ސޯފާގައި ނިދާފައި އޮތް މިޝާ ފެނުމުންނެވެ. އެވަގުތު އޭނާ ބަނޑުގައިވެފައިހުރިކަންވެސް ކުއްލިއަކަށް ހަނދާންނެތި މިޝާއާ ދިމާއަށް ބޭއިޚުތިޔާރުގައި ހިނގައިގަނެވުނެވެ. ސޯފާ ކައިރިއަށް ހުއްޓި މިޝާގެ މޫނަށް ވަރަށް ފުންކޮށް އަފްޒަލް ބަލާލިއެވެ. އެމޫނުގައިވި މައުސޫމު އަދި ހިތްދަމައިގަންނަފަދަ ގޮތަކުން އަފްޒަލްއަށް ހަރަކާތެއްވެސް ކޮށްލަން ނޭނގިފައި ބަލަން ހުރެވުނެވެ. އެއްވެސް އައިބެއްނެތް ހަންއޮމާން މޫނުގެ ފުރިހަމަ ކަމާއި އެތުންފަތުގެ ރީތިކަމުން ކޮންމެ ފިރިހެނެއްގެ ހިތްވެސް ލަންބުވާލާނެއޭ އޭނާގެ ހިތަށްއެރިއެވެ. ހަމަގައިމުވެސް އޭނަގެ ހިތުގެ މައްޗަށް ބާރުފޯރުވަން ދަތިވެއްޖެއެވެ. އަފްޒަލް މަޑުމަޑުން މިޝާއާދިމާއަށް ގުދުވިއެވެ. މިޝާފެ ފަން އިސްތަށިގަނޑުން ނުކިޔަމަންތެރި ބައެއް އިސްތަށިތައް އެމޫނުގައި ބޮސްދޭ މަންޒަރު ފެނުމުން އަފްޒަލްއަށް މަޑަކުން ނުހުރެވުނެވެ. މިޝާއާ ދިމާއަށް ގުދުވެ އެއިސްތަށިތައް އެއްފަރާތްކޮށްލަމުން ކުރިއަށްވުރެވެސް ގާތުން މިޝާގެ މޫނަށް ބަލާލިއެވެ.

" ހާދަރީއްޗޭ!....ތިލޯބި އަންހެން ކުއްޖާދެކެ ހަމަރަނގަޅަށްވެސް އަހަރެންނަށް ލޯބިވެވިއްޖެ....އެކަމު އެކަމުގެ ޚަބަރެއްވެސް ނެތި ތިއޮންނަނީ އަރާމުކޮށް ނިދާލާފަ...." އަފްޒަލް ހިތާހިތާ ކިޔާލިއެވެ. މިޝާގެ ތުންފަތަށް ނަޒަރު ހުއްޓާލައިގެން އޮތްއިރު އަފްޒަލްގެ ހިތް އެދިގޮވަމުން ދިޔައީ އެމަޑު ތުންފަތުގައި އެއްފަހަރު ނަމަވެސް ބީހިލުމަށެވެ. އަފްޒަލް ދެފަރާތް ހޯދާބަލާލުމަށްފަހު މިޝާއާދިމާއަށް ގުދުވިއެވެ. އެވަގުތު ކުއްލިއަކަށް ޒީނާގެ ކޮޓަރި ދޮރުހުޅުވުނު އަޑަށް ސިހިފައި ތެދުވެ ފަހަތަށް ޖެހެވުނުގޮތަކުން ކައިރީގައިހުރި ބިއްލޫރި މޭޒުގައި އަޅައިގެންފައި އަފްޒަލް އަރިއަޅާލިއެވެ. ހަށިގަނޑު ބެލެންސް ކުރަން އުޅުނުނަމަވެސް އެކަން ނާކާމިޔާބުވީ މޭޒުމަތީގައިހުރި ފެންފުޅިއެއްވެރި ފައިދަށަށް ފެން އެއްޗެއް އެޅުމުންނެވެ. ފެންތަކުތެރޭގައި ފައިހަރުނުލައިގެން އެންމެފަހުން ކައްސާލައިގެން ވެއްޓުނީ ސޯފާގައި އަރާމުނިދީގައި އޮތް މިޝާގެ ގައިމައްޗަށެވެ. ކުއްލިއަކަށް ބަރުއެއްޗެއް ގައިމައްޗަށް ވެއްޓުމުން ސިހިފައި މިޝާގެ ދެލޯތަންމިނަށް ހުޅުވުނެވެ. ހަމައެއާއެކު ގައިމަތީގައި އޮތް އަފްޒަލް ފެނިފައި ގަތްބިރުން އޭނާއަށް ބާރަށް ހަޅޭއްލަވައިވެސް ގަނެވިއްޖެއެވެ. މިޝާގެ އެތޫލިހަޅޭކުގެ ސަބަބުން އަފްޒަލްއަށް ހީވީ އޭނާގެ ކަންފަތުގެ ތޫރިވެސް އުދުހިގެން ދިޔަހެންނެވެ. ކޮޓަރިން ނުކުމެ ނުކުމެހުރި ޒީނާވެސް ސިހިފައި އެދިމާއަށް ދުއްވައިގަތެވެ. އޭރު މިޒްނާއަށްވެސް މިޝާގެ އަޑުއިވިގެން ކަންބޮޑުވެފައި އެދިމާއަށް އަންނަނީއެވެ. އަފްޒަލް ސިހިބިރުގަތްވަރުން އަވަސް އަވަހަށް ތެދުވަން މަސައްކަތްކުރިނަމަވެސް އެކަން ކާމިޔާބެއްނުވިއެވެ. ސޯފާކައިރިއަށް އައިސް ހުއްޓުނު ޒީނާއަށް، މިޝާގެ ގައިމަތީ އަފްޒަލް އޮތްމަންޒަރު ހަމަރަނގަޅަށްވެސް ފެނުނެވެ. ޒީނާ ދެލޯބޮޑުކޮށްގެން ބަލަން ހުރިގޮތުން އަފްޒަލް ކަންބޮޑުވެފައި ވަރަށް އުނދަގުލުން މިޝާގެ ގައިމަތިން ތެދުވިއެވެ. އެއާއެކު އަނެއްކާވެސް އޭނާ ކައްސާލައިގެން ސޯފާމައްޗަށް ވެއްޓިއްޖެއެވެ. ސޯފާއިން ތެދުވެ ތެދުވެހުރި މިޝާވެސް އަފްޒަލްއާއެކު އަނެއްކާވެސް ސޯފާމައްޗަށް ވެއްޓުނީއެވެ. މިމަންޒަރުފެނި ކައިރީގައިހުރި ޒީނާ ބާރަށް ހޭންފެށިއެވެ. އެވަގުތު އެތަނަށް އައިސް ހުއްޓުނު މިޒުނާއަށްވެސް އެމަންޒަރުފެނިފައި ހެވުނެވެ.

"ސޮރީ..މިތާހުރި ފެންތަކަކަށް އެރިފަ ކައްސާލީ...." އަފްޒަލް ތެދުވެ ސޯފާގައި ހަމަޖެހިލަމުން ބުންޏެވެ. އޭނާއިނީ މިޝާ އޭނާއާމެދު ހީކޮށްފާނެ އެއްޗަކަށް ނުހަނު ކަންބޮޑުވެ އެހާމެ ލަދުވެސް ގަނެފައެވެ. ކަންތައްވީގޮތް އެނގުމުން، މިޝާ ގެންފައިވާ ބިރު ފިލާގޮސް ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ހޭލެވުނު ވަގުތު އޭނާއަށް އިހުސާސް ކުރެވުނީ އަފްޒަލް ކޮންމެވެސް ވިޔާނުދާ ކަމެއްކުރަން އުޅުނީކަމުގައެވެ. ފުރަތަމަ ޒީނާއަށްވެސް ހީކުރެވުނީ އެފަދަ އެއްޗެކެވެ. ނަމަވެސް މިޝާ ހަޅޭއްލަވައިގަތީ ނިދާފައި އޮއްވާ ކުއްލިއަކަށް އަފްޒަލް އޭނާގެ ގައިމައްޗަށް ވެއްޓުމުންކަން އެނގުމުން ޒީނާހީހީ ބަލިވާވަރުވިއެވެ.

" އެކަމް ކީއްވެތަ ކުޑަބެ ހަމަ އެހެންދިމާއަކަށް ނުވެއްޓި ދޮންތަގެ ގައިމައްޗަށް ވެއްޓުނީ؟..." ހީ ހީ އިނދެފައި ޒީނާކޮށްލި ސުވާލުން އަފްޒަލް އަށް ބުނާނެ އެއްޗެއް ނޭނގުނެވެ. މިޝާވެސް އެވަގުތު އަފްޒަލްއާ ދިމާބަލާލީ ޖަވާބަކަށް އިންތިޒާރުކުރާފަދަ ގޮތަކަށެވެ. 
" އެއީ ކުޑަބެ އުޅުނީ ރިމޯޓްނަގަންވެގެން...އުޅެނިކޮށް ފެން އެއްޗަށްއެރިފަ ފައިކައްސާލީ.....މީ ހައްތަހާވެސް ޒީގެ ކަންތައްކޭ....ޒީ ކީއްކުރަންތަ މިތާ ފެންފުޅި ބަހައްޓަނީ؟..." އަފްޒަލް އަވަސް އަވަހަށް ޒީނާ ކުށްވެރިކޮށް މައުލޫއު ބަދަލުކޮށްލިއެވެ. 

އެރޭގެ ކާގަޑީގައިވެސް ޒީނާ އެވާހަކަ ނެގިއެވެ. އަޒުރާއާއި އަފްރާހުގެ ގާތުގައި ހީހީފައި އެވާހަކަ ދެއްކިއިރު އަފްޒަލްއިނީ ފާޑަކަށް ރަކިވެފައެވެ. މިޝާވެސް ބަހެއް ނުބުނެ އެއްވަރަކަށް ހީލަހީލާއިނެވެ. އަފްޒަލްއާމެދު ގޯސްގޮތަކަށް މިޝާ ހީނުކުރީތީ އޭނާ އުފާކުރިއެވެ. އޭނާގެ ހިތް އެދުނުފަދައިން މިޝާގެ ތުންފަތުގައި ބޮސްނުދެވުނުކަން ނަސީބޭ އޭނާގެ ހިތަށްއެރިއެވެ. އެހެން ނޫންނަމަ ހަމަގައިމުވެސް މިއަދު ކޮންމެވެސް އެކަކުގެ ކުރިމަތީގައި އޭނާ ކުށްވެރިވީހެވެ. އެހިތް ބޭޒާރުވީހެވެ. ހިތްއެދޭހައިކަމެއް ކުރުމަކީ ކިހާ ނުރައްކާތެރިކަމެއްކަން މިއަދު އޭނާއަށް އަންދާޒާ ކުރެވިއްޖެއެވެ. އޭނާގެ ބަސްނާހާ މޮޔަހިތުގެ ސަބަބުން ކޮންމެވެސް އެއްދުވަހަކުން އަދި ބަދުނާމުވާނެކަން ގައިމެވެ. ނަމަވެސް މިހާ އަވަހަށް އެހިތްބޭޒާރުވާކަށް އޭނާ ނޭދެއެވެ. 
****

ޝިފާންމެން ލަންކާއަށް ދިޔަތާ ތިންވަނައަށްވީ ދުވަހު ކާފަގެ ހާލު މާބޮޑަށް ގޯސްވިއެވެ. އެންމެފަހުން އެރޭގެ މެންދަމުގެ ވަގުތެއްގައި ކާފަނިޔާވީ ޝިފާންއާ ޝީބާވެސް ހޮސްޕިޓަލްގައި ތިއްބައެވެ. ލަންކާއަށް އައިއިރު ސަބަބު ނުބުނެ ޝީބާ ގެނައި ނަމަވެސް ހޮސްޕިޓަލަށް އައުމުގެ ކުރިން ޝިފާން ޝީބާއަށް ހަޤީޤަތް ހާމަކުރިއެވެ. ޝީބާވީ ޝިފާން ހީކުރިވަރަށްވުރެވެސް ހިތްވަރުގަދަ ކުއްޖަކަށެވެ. ކާފަގެ ހާލަތު އެހާ ނާޒުކުކަން އެނގުމުންވެސް މިޝާފަދައިން ރޮއެ އެއް ނުހަދައެވެ. 

މިއަދަކީ އާސިމްގެ ޙަޔާތަށް އައި އެންމެ ހިތާމަވެރި އެއްދުވަހެވެ. ދެދަރިންނާއެކު ބައްޕަގެ ޖަނާޒާގައި ބައިވެރިވީއިރު އޭނާގެ ލޮލުން އިރުއިރުކޮޅުން ކަރުނަ ފުހެލައެވެ. މަންމަގެ ހާލުބޮޑުކަމުން ބައްޕަގެ ޖަނާޒާގައި ބައިވެރިވޭވަރެއް ނުވިއެވެ. އެނިކަމެތި މުސްކުޅި މަންމަގެ އެކަނިވެރިކަން މިއަދު އެތައްގުނައަކަށް އިތުރުވެގެން ހިނގައްޖެއެވެ. މީޒާގެ ފަރާތުން މިއަދު ލިބެމުންދާ އޯގާތެރިކަމާއި އަޅާލުމަށް އާސިމް ޝުކުރުވެރިވެއެވެ. ޖަނާޒާ ނިންމާލުމަށްފަހު އާސިމްއާއި އެކު ޝިފާންއާއި ޝީބާވެސް ގެޔަށް އެނބުރިއައީ ހިތާމައިން ފޯވެފައިވާ ހާލުގައެވެ. ބައްޕަގެ ނެތިދިއުން އެއީ އެއާއިލާއަށް ލިބުނު ނުހަނުބޮޑު އުނިކަމެކެވެ. އެއްބަނޑު އެއްބަފާގައި އިތުރު އެއްވެސް މީހަކުނެތުމުގެ ސަބަބުން ކުޑައިރު ހުރިހާ ހިތްހަމަޖެހުމަކާއި އުފަލެއް ލިބުނު ނަމަވެސް މިއަދު އާސިމްއަށް ވަރަށްބޮޑަށް އެކަނިވެރިކަން އިހުސާސް ކުރެވިއްޖެއެވެ. ފައިސާއާއި މުދާ ކިތަންމެ ގިނަވީނަމަވެސް މައިންބަފައިންނާއި އާއިލާއަކީ ދުވަހަކުވެސް ގަނެވޭނެ އެއްޗެއް ނޫންކަންވެސް ގަބޫލުކުރެވުނެވެ. މިހުރިހާ ދުވަހު މީޒާ އޭނާގެ އާއިލާއާ ދުރުގައި އުޅުނުއިރު އިހުސާސް ކުރެވޭނޭ އެކަނިވެރިކަން މިއަދު އާސިމްއަށްވެސް ކޮންމެވެސް ވަރަކަށް އަންދާޒާ ކުރެވިއްޖެއެވެ. 

" މަންމަގެ ހާލު މިހާރު ކިހިނެއްތަ؟..." ގެޔަށް އައިސް ވަތްތަނުން މީޒާ ފެނުމުން އާސިމް ދެރަވެފައި އަހާލިއެވެ.
" މިވަގުތު ނިދިފަ އޮތީ.....ވަރަށް ރޮއެ ރޮއެފަ އެނިދުނީވެސް....މިރޭ އަހަރެން މަންމަގާތު މަޑުކުރަން މިވިސްނަނީ...އޭރުން ކޮންމެވެސް ވަރަކަށް އެކަނިވެރިކަން ފިލާ ހިތަށް ހަމަޖެހުން ލިބޭނެ.." މީޒާ މަޑުމައިތިރިކަމާއެކު ވާހަކަ ދެއްކިއެވެ. މިއަދު މީޒާގެ ކިބައިން ފެންނަމުން މިދާފަދަ އޯގާތެރިކަމެއް ކުރިން ދުވަހަކުވެސް އާސިމްއަށް ފެނިފައެއް ނުވެއެވެ. މިއަދުގެ ހާލަތު ނިޔާކުރިގޮތުން އެހިތް އާސިމްއަށްޓަކައި މަޑުވީ ނޫންކަމެއްވެސް ނޭނގެއެވެ. މީޒާގެ އެގާތްކަމުން އާސިމް ހައިރާންވެފައި ބަލަން ހުއްޓެވެ. އާސިމް މީޒާގެ މޫނަށް ބަލަން ހުންނަން ފެށުމުން މީޒާއަށް އުނދަގޫވެގެން އިސްޖަހާލިއެވެ. އާސިމްގެ ބެލުންތަކުން އޭނާއަށް އަބަދުވެސް އުނދަގޫވެއެވެ. ނަމަވެސް މިއަދު އޭނާގެ ހިތަށް އާސިމްގެ ހިތާމަވެރި މޫނުދެކެން މާބޮޑަށް އުނދަގޫވަނީއެވެ. ހަމްދަރުދީވާން ބޭނުން ނުވިނަމަވެސް ބޭއިޚުތިޔާރުގައި ހަމްދަރުދީ ވެވެނީއެވެ. އެހިތުގައި ދުވަހަކުވެސް އާސިމްއަށްޓަކައި ލޯތްބެއް ނުއުފެދޭނެކަން އެއީ އޭނާއަށް ކަށަވަރުކަމެކެވެ. ނަމަވެސް އޭނާގެ ކިބައިގައިވާ އިންސާނިއްޔަތުކަން އޭނާއަށް މަޖުބޫރުކުރަނީ މިއަދު އާސިމްއަށް އޯގާތެރިވުމަށެވެ. ހަމްދަރުދީވެ ހިތްވަރުދިނުމަށެވެ. އޭނާގެ ދަރިފުޅަށްޓަކައިވެސް ބަދަލުވާން އޭނާއަށްވަނީ މަޖުބޫރުވެފައެވެ. 

މަންމަގެ ހާލަތު ހަމައަކަށް އެޅުމުން އިތުރަށް ލަންކާގައި މަޑުކުރާކަށް އާސިމް ބޭނުމެއްނުވިއެވެ. އެހެންކަމުން މާލެއައުމަށް އޭނާ އަވަސްވެގަތެވެ. މާލެއައުމަށް ދަތުރު ހަދަމުން ދިޔައިރު ޝިފާންއަށް ވިސްނެމުން ދިޔައީ މިޝާއާމެދުގައެވެ. ކާފަމަރުވިކަން އެނގުމުން މިޝާދެރަވާނެވަރު އޭނާއަށް ވިސްނެއެވެ. ޝީބާއަށްވުރެވެސް މިޝާ ކާފައާއި މާމަދެކެ ލޯބިވާކަން ޝިފާންއަށްވަނީ ޔަޤީންކުރެވިފައެވެ. އެހެންކަމުން ކުއްލިގޮތަކަށް އެޚަބަރު ދިނުމުން ވެދާނެގޮތަކާމެ އޭނާ ކަންބޮޑުވެއެވެ. މިޝާއަށް އެޚަބަރު ދޭނެ ރަނގަޅުގޮތަކާމެދު ޝިފާން ވިސްނަމުން ދިޔައެވެ. 

ހަވީރުގެ ހިތްގައިމު ވަގުތެވެ. މިޝާއާއި އަޒުރާ، ޒީނާ އަދި އަފްޒަލް ހިނގަމުންދިޔައީ މާލޭގެ ދެކުނުކޮޅުން ބޮޑުތަކުރުފާނު މަގުން އިރަށެވެ. ހަވީރުފިންޏަށް ބުރުޖަހަން ނުކުމެއުޅޭ ޒުވާނުންގެ ގުރޫޕުތައް ކޮޅުކޮޅަށް ހިނގަމުންދެއެވެ. ގާޑިޔާތައް ކައިރީގައިވެސް ބައިބަޔަށް މީހުންތައް ތަފާތު އެއްޗެހިކެއުމުގައި މަސްއޫލުވެ ތިއްބެވެ. އެއްބަޔަކު ތާޒާ ކުރުނބާ ބޮމުންދިޔައިރު އަނެއްބަޔަކު މަސްކާށިކަމުން ދިޔައެވެ. މަޖާކާމީހުންވެސް ހީހީފައި މަޖާކަމުން އޭގެކުޅިމަޖާކަން އިހުސާސްކުރަމުންދިޔައެވެ. މިއީ މުޅިންވެސް މިޝާއަށް އާ ކަންތައްތަކެވެ. އެންމެން ހިނގާބިނގާވެއުޅޭ މަގުމަތީގައި ތިބެގެން މީހުން އެގޮތަށް ތަފާތު އެއްޗެހިތައް ކައިހަދާތީ އޭނާ ހައިރާންވިއެވެ. މާލޭގައި އުޅެބޮޑުވީ ނަމަވެސް މިފަދަ މަންޒަރުތައް ކުރިއަކުން އޭނާއަށް ފެނިފައެއް ނުވެއެވެ.

" ކުރުނބައެއް ބޯލަންވީނު!" މިޝާ މާވަރަކަށް ގާޑިޔާތަކާ ދިމާއަށް ބަލަން ފެށުމުން އަފްޒަލް ބުންޏެވެ.
" ނޫން..އުޅޭ މަޖާގަނޑެއްކާލަން ދޯ މިޝާ؟...." އަފްޒަގެ ޚިޔާލާ ދެކޮޅުހަދަމުން އަޒްރާ ބުންޏެވެ. 
" އޯކޭ....މިޝާ ބޭނުން އެއްޗެއް.." އަފްޒަލް ވަގުތުން މިޝާއަށް ފުރުސަތުދިނެވެ. މިޝާހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މަޖާއެއީ ދުވަހަކުވެސް އޭނާ ކެއި އެއްޗެއްވެސް ނޫނެވެ. ކުރުނބާވެސް ބުއި ހަނދާންވީ ވަރަށް ކުޑައިރުއެވެ. އެހެންކަމުން އޭނާހުރީ ބުނާނެ ވަކިއެއްޗެއް ނޭނގިފައެވެ. 
" މަޖާ ކައިގެން ކުރުނބާ ބޯނީ....އެގޮތް އޯކޭއެއްނު..." ޒީނާވެސް ޚިޔާލެއްދިނެވެ. " ތިމީހުން ބޭނުން ކޮންމެގޮތެއް މަށަށް އޯކޭ" އެންމެފަހުން މިޝާ ބުންޏެވެ. ގާޑިޔާ ކައިރީހުރިމީހާ ގާތު މަޖާ ހަދަން ބުނުމަށްފަހު ހަތަރުމީހުން ގޮސް ތަންކޮޅެއް މީހުންމަދު ދިމާއެއްގައި ފާރުބުރިމަތީގައި އިށީނެވެ. މިޝާ ފާރުބުރިމަތީ އިންއިރުއިނީ މޫދަށް ވެއްޓިދާނެތީ ކުޑަކޮށް ބިރުވެސް ގަނެފައެވެ. ގިނައިރުތަކެއްނުވެ މަޖާ ހަދައިގެން ގެނައުމުން އަޒުރާއާއި އަފްޒަލް އަދި ޒީނާވެސް ކާންފެށިއެވެ. އެމީހުން ވަރަށްމީރުކޮށް ކާތީ އެއްވެސް ޖެހިލުމެއްނެތި މިޝާވެސް ބޮޑު ސަމްސަލެއް ފުރާނެގި މަޖާ އެއްފަހަރާ ކާލިއެވެ. އެވަގުތު ކުޅިވެގެން ވަގުތުން ކޮށިވެސް އަރައިފިއެވެ. މިޝާ ކެއްސަން ފެށުމުން އަފްޒަލް ދުވެފައި ގޮސް ފެންފުޅިއެއް ހިފައިގެން އައިސް އޭނާގެ ތުނބުގައި ޖެއްސިއެވެ. އަދި މަޑުމަޑުން ބުރަކަށީގައި ފިރުމަންފެށިއެވެ. 

" އަދި ފެންފޮދެއްބޯލާ....އޭރުން އަވަހަށް ރަނގަޅުވާނީ.." އަފްޒަލް ވަރަށް އޯގާތެރިކަމާއެކު ބުންޏެވެ. ކުއްލިއަކަށް މިޝާ ހަނދާންވީ ރިޒޯޓަށް ގޮސް ކުޅި ސޫޕެއް ބޮއެގެން ކޮށިއެރިދުވަހެވެ. އެދުވަހު އޭނާގެ ވަށައިގެން ތިބި އެންމެންހެން އޭނާއަށް މަލާމަތްކުރިއެވެ. ޝިފާންވެސް އޭނާދެކެ ރުޅިއައިސްގެން އެއްޗެހިކިއެވެ. ނަމަވެސް އަފްޒަލް ކަންތައްކުރީ އެއާއި މުޅިން އިދިކޮޅަށެވެ. އަދި އަޒުރާގެ ފަރާތުންވެސް ލިބުނީ އޯގާތެރިކަމެވެ. މުއްސަނދިކަމާއި ބާރުވެރިކަން ލިބުމަކީ އިންސާނުން ބޮޑާވާކަމެކެވެ. ނަމަވެސް ވަގުތު ޖެހުމުން ކިތަންމެ ބޮޑާ ކިބުރުވެރިއަކުވެސް ބަދަލުވެދާނެކަމަށް އޭނާ ގަބޫލުކުރެވެއެވެ. ޝިފާންއަކީވެސް އޭގެ މިސާލެކެވެ. ކުއްލިއަކަށް ޝިފާންގެ ޚިޔާލުހިތަށް ވެރިވިވުމުން މިޝާގެ ހިތްނުތަނަވަސްވާ ގޮތްވިއެވެ. ލަންކާއަށްދިޔަފަހުން ހަތަރުދުވަސްވީއިރުވެސް ޝިފާންގެ ފަރާތުން އެއްވެސް ޚަބަރެއްނުވިއެވެ. ކާފަގެ ހާލުވެސް އެނގެނީކީ ނޫނެވެ. އެންމެން އެކިއެކި ވާހަކައިގައި ތިބެގެން މަޖާކަމުން ދިޔައިރު މިޝާއިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ.
"ކުރުނބާ ބޯންވީނު!" އަފްޒަލް ކުރުނބައެއް ހިފައިގެން އައިސް މިޝާއަށް ދިއްކޮށްލުމުން ކުޑަކޮށް ސިހިފައި މިޝާ އޭގައިހިފިއެވެ. މިޝާގެ އެހިމޭންކަމާއި ބަސްމަދުކަމުން އަފްޒަލްއަށް އުނދަގޫވިއެވެ. މިޝާ ކޮންމެވެސް ބޮޑުކަމަކާ ވިސްނަމުންދާކަން އެނގޭނަމަވެސް ސުވާލެއްވެސް ކޮށްލާކަށް އޭނާއަކަށް ނުކެރުނެވެ. ހިތުގެހާލު ބަޔާންކޮށްދޭން ކިތަންމެ ބޭނުންވީ ނަމަވެސް މިޝާގެ ފަރާތުން އެފަދަ ފުރުސަތެއް އޭނާއަށްވަނީ ނުލިބިފައެވެ. 

ރޭގަނޑުގެ ވަތުގެވެ. ޒީނާ ނިދާފައި އޮތީމައި ކޮޓަރީގައި އެކަނި އޮންނަން ފޫހިވެގެން މިޝާ ސިޓިންރޫމަށް ނުކުތްއިރު އަފްޒަލްއިނީ ސޯފާގައި ޓީވީބަލާށެވެ. މިޒުނާއާއެކު އަޒުރާވެސް ފިހާރައަކަށް ދިއުމުން، މިޝާ ގޮސް އަފްޒަލްގެ ގާތުގައި އިށީނދެ ޓީވީއަށް ނަޒަރުހުއްޓާލިއެވެ. ޓީވީން ފެންނަމުންދިޔަ ބިރުވެރި ފިލްމަށް މިޝާ ޝައުޤުވެރިވިއެވެ. ފިލްމު ކިތަންމެ ޝައުޤުވެރި ނަމަވެސް އަފްޒަލްއަށް ގިނައިން ބެލެނީ މިޝާގެ މޫނަށެވެ. ބިރުވެރި މަންޒަރެއް ފެންނަކޮންމެ ފަހަރަކު މިޝާ ސިހޭގޮތްވެއެވެ. އެފަދަ ވަގުތުތަކުގައި އަފްޒަލްއަށް ބޭއިޚުތިޔާރުގައި ހިނިތުންވެވެއެވެ. ހިތްތަޅުވާލާފަދަ ބިރުވެރި މަންޒަރެއް ބަލަމުން ދަނިކޮށް ކުއްލިއަކަށް މުޅިގެއިން ކަރަންޓަ ކެނޑިއްޖެއެވެ. އަނދިރިވުމާއެކު ގަތްބިރުން މިޝާއަށް ތެޅިގެންފައި އަޑެއްލައްވާލެވުނެވެ. 

" އަފްޒަލް!" ބިރުން އިނދެ މިޝާ އަފްޒަލްއަށް ގޮވާލިއެވެ. 
" ވެމްޕަޔަރ މިގެޔަށް އައީމަ އެކަރަންޓްދިޔައީ....." މިޝާބިރުގަތްކަން އެނގުމުން އަފްޒަލް ސަމާސާކޮށްލިއެވެ. " ދެން އަފްޒަލް!" މިޝާ ނުރުހިފައި ގޮވާލިއެވެ. އަފްޒަލްހީލިއެވެ.
" އަފްޒަލް!" ތަނަށް ހިމޭންކަން ވެރިވުމުން މިޝާ ބިރުންއިނދެ އަނެއްކާވެސް ގޮވާލިއެވެ.
" ހޫމް އެބައިނީމޭ...މާބޮޑަށްބިރުގަތީތަ؟" ހަޤީޤަތުގައިވެސް މިޝާ ބިރުގަތީކަން ޔަޤީންވުމުން ސީރިއަސްވެފައި އަފްޒަލް އަހާލިއެވެ. މިޝާ ދެލޯބޮޑުކޮށްގެން އިންއިރުވެސް އެއްވެސް ތަނެއް ނުފެނެއެވެ. އޭނާގެ ހިތަށް ސިފަވަމުންދިޔައީ ދެންމެ ބަލަމުންދިޔަ ފިލްމުގެ މަންޒަރެކެވެ. ވެމްޕަޔަރގެ ބިރުވެރި މޫނެވެ. އަފްޒަލް މަޑުމަޑުން މިޝާގެ ގާތަށްޖެހިލިއެވެ. " އަދިވެސް ބިރުންތަ؟" ކުރިޔަށްވުރެވެސް ގާތުން އަފްޒަލްގެ އަޑުއިވުމުން މިޝާ ސިހުނެވެ. އަފްޒަލް މަޑުމަޑުން އަތްގެންގޮސް މިޝާގެ ކޮނޑުގައި އަތްބާއްވާލިއެވެ. ފިލްމުގެ ބިރުވެރި މަންޒަރުތައް ސިކުނޑީގައި ހުއްޓައި ކުއްލިއަކަށް އަފްޒަލް އަތްލުމުން ސިހިފައި މިޝާއަށް ހަޅޭއްލަވައި ގަނެވުނެވެ. 

" ވެމްޕަޔަރ އެއްނޫނޭ...މީ މަށޭ!" މިޝާގެ ކޮނޑުގައި ހިފައި ގާތްކޮށްލަމުން އަފްޒަލް ބުންޏެވެ. އަފްޒަލްގެ މިހަރަކާތުން މިޝާއަށް ރައްކާތެރިކަމެއް އިހުސާސްކުރެވުނެވެ. ޝިފާން ފިޔަވައި އިތުރުމީހަކާ ގާތްވަން އޭނާ ހިތްނޭދުނު ނަމަވެސް ގެންފައިހުރި ބިރަކުން މިވަގުތު އަފްޒަލްގެ އެގާތްކަމާއި ރުހެވުނެވެ. އަފްޒަލްގެ ޓީޝާޓްގައި ބާރަށް ހިފަހައްޓައިގެން އިންއިރު އޭނާއިނީ ސިހިސިހިއެވެ. އަދިވެސް ފިލްމުގެ ބިރުވެރިމަންޒަރުތައް ލޯމަތީ ސިފަވަމުން ދަނީއެވެ. އެއަނދިރީގެ ތެރެއިން ކުއްލިއަކަށް ނުރައްކާ އެއްޗެއް ހަމަލާދީފާނެހެން ހީވަނީއެވެ. މިޝާ މާބޮޑަށް ބިރުގެންފައި އިންހެން ހީވާތީ އަފްޒަލް އަދިވެސް ބޮޑަށް މިޝާއާއި ގާތްވެލިއެވެ. މިޝާގެ ހަށިގަނޑުގެ ހޫނުކަން އޭނާއަށް އިހުސާސް ކުރެވޭހައި ގާތަށެވެ. ކަނު އަނދިރީގައި، އެހާމެ ހަމަހިމޭންކަމުގައި މިޝާއާ އެހާގާތުގައި އިންނަންވުމުން އަފްޒަލްގެ ހިތުގެ ތެޅުންވެސް އަވަސްވަމުން ދިޔައެވެ. ތަފާތު ވަސްވާވެރި ޚިޔާލުތައްވެސް ހިތަށް ވެރިވަމުންދިޔައެވެ. މިޝާގެނެސް މެޔާލައި ބޮނޑިކޮށްލަންވެސް ކިތަންމެ ފަހަރަކު ހިތަށްއެރިއެވެ. ނަމަވެސް އޭނާ ކެތްކޮށްގެން އިނީ މިޝާ އޭނާއަށް ކުރާ އިތުބާރު ގެއްލިގެންދާން ބޭނުން ނުވާތީއެވެ. 

އަނދިރީގެ ކަނޑަކަށް ގެނބިފައި ތިއްބައި، ކަރަންޓް އައިސް ކުއްލިއަކަށް މުޅިތަން އަލިވުމުން ދެމީހުނަށްވެސް ސިހުންލިބުނެވެ. ދެމީހުނަށް ތިބެވުނުލެއް ގާތްކަމުން އެކަކު އަނެކެއްގެ މޫނަށް ބަލާލާފައި އަވަސްއަވަހަށް ދުރައްޖެހިލެވުނެވެ. އަފްޒަލްއާ އެހާގައިގޯޅިވެވުނީތީ މިޝާ ލަދުގަތެވެ. އެހެންކަމުން އޭނާ އަވަސް އަވަހަށް ތެދުވެގެން ކޮޓަރިއަށްދިޔައެވެ.
*****

ޖެހިގެން އައިދުވަހުގެ ހެނދުނުގެ ވަގުތެވެ. ހެނދުނުގެ ނާސްތާއަށްފަހު މިޝާ މާލެދިޔައެވެ. ސިޓީހައުސްއަށް އޭނާ ދިޔައީ ގޭތެރެ ފޮޅާ ސާފުކޮށްލުމުގެ ބޭނުމުގައެވެ. ގޭތެރެއަށް ވަނުމާއެކީ މިޝާއަށް ފަޅުކަން އިހުސާސްކުރެވުނެވެ. ވަށައިގެންވީ ހަމަހިމޭންކަމުން ހިތަށް އުނދަގޫވާގޮތްވިއެވެ. މިޝާ ގިނައިރުމަޑުނުކޮށް ގޭތެރެފޮޅާ ސާފުކުރަންފެށިއެވެ. ތިރި ސާފުކޮށް ނިމުމުން އޭނާ މައްޗަށް އެރިއެވެ. ޓެރެސްމަތިވެސް އޮތީ ކުނިއެޅި ހަޑިވެފައެވެ. ޕޮޓްތަކުގައި ހުރިގަސްތަކަށް ފެންނުދީ ދުވަސްކޮޅެއްވުމުން ބައެއްގަސްތަކުގެ އާރޯކަންވަނީ ގެއްލިފައެވެ. ޓެރެސްމަތި ކުނިކަހާސާފުކޮށްލުމަށްފަހު މިޝާ ގަސްތަކަށް ފެންދޭންފެށިއެވެ. ވަރަށް ގަޔާވެގެން އޭނާ އެކަމުގައި މަސްއޫލުވެގެން ހުއްޓައި، ކުއްލިއަކަށް ފުރަގަހުން އައިމީހަކު އޭނާގެމެދުހަށީގައި ދެއަތުންހިފައި ބިމުންމައްޗަށް އުފުލާލިއެވެ. މިޝާއަށް ލިބުނުސިހުމުން ބާރަށް ހަޅޭއްލަވައިގެންފައި އަތުގައިއޮތް ފެންހޮޅިވެސް މާދުރައް އެއްލާލެވުނެވެ. 

ކޮމެންޓް 0