ބައްޕައެއްގެ އޯގާތެރިކަން އެންމެ ބޭނުންވި ދުވަހު އޭނާއަށް ލިބުނީ ކޮން އެއްޗެއް ހެއްޔެވެ؟ ހިތާމައެވެ. ހިތްދަތިކަމެވެ. އާސިމްވެސް މިއަދު މިޝާއާ ކުރިމަތިލާން ލަދުގަނެއެވެ. މާޒީގައި މިޝާއާ މެދު އޭނާއަށް ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫނެވެ. ވެދިޔަތަން ބަދަލު ނުކުރެވުނަސް މުސްތަޤުބަލްގައި މިޝާއާ ގުޅުން ރަނގަޅުކުރަން އޭނާ ބޭނުމެވެ. 

އިމާރާތުގެ އެންމެ މަތީބައި ވަނީ ޕާޓީއަށް ތައްޔާރުކޮށްފައެވެ. ކުލަކަރުދާހާއި ފުއްޕާހަން އެލުވައި ޒީނަތްތެރި ކޮށްފައެވެ. އުމުރުން ފަނަރަ އަހަރުވީއިރުވެސް އިޝާ އޭނާގެ އުފަންދުވަސް ފާހަގަކުރަނީ ކުޑަކުއްޖަކު ފަދައިންނެވެ. މަންމަ އާއި ބައްޕަގެ ލޯބިލިބިގެން ބޮޑުވި ނަމަވެސް އޭނާއަށް އަބަދުވެސް އެކަނިވެރިކަން އިހުސާސް ކުރެވެއެވެ. އޭނާގެ ދޮންތައާއި ދޮންބެ އަދި ތިއްތައެއް ހުރި ނަމަވެސް އެއެންމެންވެސް އުޅެބޮޑުވީ އޭނާއާ ދުރުގައެވެ. މިޝާއަކީ އިޝާގެ އެއްބަނޑު ދައްތައެވެ. ޝިފާން އާއި ޝީބާ އަކީ އިޝާއާ އެއްބަފާ ދައްތަ އާއި ބޭބެއެވެ. އިޝާގެ އުމުރުން ދިހައަހަރުގައި އެހުރިހާ އެންމެންވެސް އޭނާ ދޫކޮށް ދިޔައެވެ. ދޮންބެ އާއި ތިއްތަދިޔައީ މެލޭޝިއާއަށް ކިޔަވާށެވެ. ދޮންތަ ކައިވެނިކޮށްގެން އެއްކޮށް ފިރިމީހާގެ ރަށަށް ބަދަލުވީއެވެ. ދޮންތަ ދެކެ އިޝާ ނުހަނު ލޯބިވެއެވެ. އެހެންކަމުން ދޮންތަ ނެތުމުގެ އުނިކަން އޭނާއަށް އަބަދުވެސް އިހުސާސްވެއެވެ. ދޮންތައާ އޭނާއަށް ބައްދަލުވާނީ ހަމައެކަނި މިކަހަލަ ދުވަހަކުއެވެ. އެހެންކަމުން ކޮންމެ އުފަންދުވަހަކުވެސް އޭނާ އެންމެ އުފާވަނީ ދޮންތަ އަންނާތިއެވެ. 

އިޝާއަކީ މާގިނަ ރައްޓެހިކުދިން ގެންގުޅޭ ކުއްޖަކަށް ނުވާތީ ޕާޓީއަށް ދައުވަތުދީފައިވަނީ ހަމައެކަނި އިޝާގެ ކުލާސްކުދިންނަށާއި ގާތްތިމާގެ މީހުންނަށެވެ. ޕާޓީ ފެށުންތާ ކުޑައިރުކޮޅެއްފަހުން ބޮޑު ޕާރސަލްއެއް ހިފައިގެން އައިސްވަނީ އިޝާގެ ތިއްތަ ޝީބާއެވެ. ޝީބާ ފެނުމުން އިޝާ އުފަލުން ދުއްވައިގަތެވެ.

" ހެޕީ ބާރތްޑޭ މައި ސްވީޓް ލިޓްލް ސިސް" ޕާރސަލް އެއްކައިރީގައި ބަހައްޓާފައި އިޝާގެ ގައިގާ ޝީބާ ބައްދާލިއެވެ. މިޝާ އަށް ޝީބާ އައިސް އުޅޭކަން އެނގުނީވެސް އަދި ކިރިޔާއެވެ. އެއްގެއެއްގައި އުޅެބޮޑުވި ނަމަވެސް ދެމީހުންގެ މެދުގައި އުފެދިފައިވާ ދުރުލިހޭކަމެއްގެ ސަބަބުން އެކަކު އަނެކެއްގެ ޚަބަރުތަކެއް ނޭނގެއެވެ. ޝީބާއަށް މިޝާފެނި ހައިރާންވެފައި ބަލަން ހުއްޓެވެ. އެދެމީހުން އަނެއްކާވެސް މިބައްދަލުވީ ފަސްއަހަރު ފަހުންނެވެ. ދެމީހުނަށްމެ އެކަކު އަނެކެއްގެ މޫނަށް ބަލަން އިރުކޮޅަކު ތިބެވުނެވެ. 

" އަނހާ! މިޝާދޯ!....މީ ކޮންކުއްޖެއް؟.....ދަރިފުޅުތަ؟" މިޝާގެ ގާތަށް އައިސް ވަރަށް ގާތްގޮތަކަށް ޝީބާ އަހާލިއެވެ. ޝީބާ އިސްވެ ވާހަކަ ދެއްކުމުން މިޝާހުރީ ހައިރާންވެފައެވެ. ނަމަވެސް ޝީބާގެ އެމިޖާޒު މިޝާއަށް ކަމުދިޔައެވެ. 

" އާނ! މީ އަހަރެންގެ ދަރިފުޅު މިޝްކާ.... ދެންމީ އަހަރެންގެ ފިރިމީހާ އަފްޒަލް" ހިތްހެޔޮކަމާއެކީ މިޝާވެސް އޭނާގެ ކުޑަ ކުޑަ އާއިލާ ޝީބާއަށް ތައާރަފްކޮށްދިނެވެ. މާޒީގައި ކޮންމެ ގޮތަކަށް ކަންތައް ވެފައި އޮތްނަމަވެސް މިވަގުތު އެކަން ދައްކާކަށް މިޝާ ބޭނުމެއް ނުވެއެވެ. ހަމައެކަނި އޭނާގެ ކޮއްކޮ އިޝާއަށް ޓަކައިވެސް އޭނާ އެމީހުންގެ ކުރިމަތީ ހިނިތުންވެގެން ހުންނަން ބޭނުމެވެ. ނަމަވެސް ގިނައިރު އެގޭގައި ހޭދަވި ވަރަކަށް އޭނާގެ ހިތްނުތަނަވަސް ވަމުންދިޔައެވެ. ޝިފާން އެތަނަށް އަތުވެދާނެ ކަމުގެ ބިރުހީވާން ފެށިއެވެ. ޕާޓީއަށް އަންނަ މެހެމާނުންތައް އައިސް ޕާޓީ ފެށިއްޖެއެވެ.

" ހެޕީބާރތްޑޭ ޓޫ ޔޫ... ހެޕީބާރތްޑޭ ޓޫ ޔޫ... ހެޕީބާރތްޑޭ ޓޫ ޔޫ..." ކޭކް ފެޅުމާއެކު އެންމެން އެއްއަޑަކަށް އިޝާއަށް އުފަންދުވަހުގެ ތަހުނިޔާކިއެވެ. އަދި އެކިމީހުން އެކިވަރުގެ ހަދިޔާތައް ދިނެވެ. އޭނާ އެންމެ ބޭނުންވަނީ ދޮންތަދޭ ހަދިޔާ ބަލާށެވެ. މިޝާ އޭނާ ގެނައި ހަދިޔާވެސް އިޝާއަށް ދިނެވެ. އިޝާ ވަގުތުން ހަދިޔާ ކަނޑާލިއެވެ. އޭގައިއޮތީ އެންމެ ފަހުގެ ސެމްސަންގް ބްރޭންޑްގެ ސްމާރޓް ފޯނެކެވެ. އުފަލުން މިޝާގެ ގައިގާ އޮޅުލައިގެންފައި ކުޑަކުއްޖަކު ފަދައިން އިޝާ ފުންމަން ފެށިއެވެ. މިމަންޒަރު ބަލަން ހުރި ޝީބާގެ ހިތަށް އަސަރުކުރީ އޭނާ އެހައި ބޮޑު ހަދިޔާއެއް ގެނައުމުންވެސް އިޝާ އެވަރުން އެބަލާހިތުން ނޫޅުނީމައެވެ. އޭގެ އެތެރޭގައި ކިތަންމެ އަގުބޮޑު އެއްޗެއް އޮތްނަމަވެސްވެހެވެ. ނަމަވެސް ޝީބާ އެއްވެސް އެއްޗެއް ނުބުނެ ހިނިތުންވެލައިގެން ހުރީ ކޮއްކޮ އުފާވެފައިހުރިތަން ފެނުމުންނެވެ. 

އިޝާ މިޝްކާ ގޮވައިގެން އޭނަގެ އެކުވެރިންނާއެކު ސަކަރާތްޖަހާ މަޖާކުރަން ފެށުމުން މިޝާވެސް ކޯކުތައްޓެއް ހިފައިގެން ގޮސް ތަންކޮޅެއް ދުރުގައި ހުރި ސޯފާގައި އިށީނދެ ހަމަޖެހިލިއެވެ. އެވަގުތު އަފްޒަލްވީ ފޯނެއް އައިސްގެން ބޭރަށް ނުކުމެއެވެ. ކޯކް ބޮއެ ބޮއެ އިނދެފައި އިސްއުފުލާލި ވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ޕާރސަލް އެއް ހިފައިގެން ދޮރުން ވަދެގެން އައި ޝިފާންއެވެ. ޝިފާން ފެނި ސިހުނުވަރުން މިޝާ ބޯންއިން ކޯކްތަށިވެސް ގަޔަށް ބަންޑުން ވެއްޖެއެވެ. އަވަސް އަވަހަށް ސޯފާއިން ތެދުވެ ދާނެދިމާއެއް ހޯދަން ފެށިއެވެ. ކުއްލިއަކަށް ކައިރީގައި ހުރި ކޮޓަރީގެ ދޮރުން އެތެރެއަށް މިޝާ ދެމިގަތެވެ. 

ކޮޓަރީގެ ދޮރުގައި ލެނގިލާފައި ދެލޯމަރާލަމުން ފުންނޭވާއެއް މިޝާއަށް ދޫކޮށްލެވުނެވެ. ކުޑައިރުކޮޅަކު އެހެން ހުރުމަށްފަހު މިޝާ ލޯހުޅުވާލިއެވެ. އެވަގުތު ކުރިމަތީ އޭނާއަށް ބަލަހައްޓައިގެން ހުރި ޝިފާން ފެނިފައި އޭނާއަށް ހަޅޭއްލަވައި ނުގަނެވުނީވެސް ކިރިޔާއެވެ. މިޝާ މޭގައި އަތްއަޅައި ނޭވާ ހަމަޔަކަށް އަޅުވާލީ އެއީ ފޮޓޯއެއްކަން އެނގުމުންނެވެ.ފުރިހަމަ އިސްކޮޅަށްހުރި އެބޮޑު ފޮޓޯއަށް މިޝާ ފުންކޮށް ބަލާލިއެވެ. ހުދުކުލައިގެ ގަމީހަކާއި ނޫކުލައިގެ ޖީންސެއްގައި ޝިފާން ފެންނަލެއް ވަރަށްވެސް ރީއްޗެވެ. ގަމީހުގެ ގޮށްތައް ނައްޓާފައި ހުރުމުގެ ސަބަބުން އެތަނަވަސް މޭމަތި އޮތީހާމައަށެވެ. އެފިރިހެންވަންތަ ހަށިގަނޑު ފެނިފައި މިޝާގެ ހިތުގެ ތެޅުން އަވަސްވެގެން ދިޔައެވެ. ފޮޓޯއިންވެސް އެދެލޮލުގެ ތޫނުކަމުން މިޝާގެ އަތްފައި ވަގުތުން ފިނިވިއެވެ. މިޝާ އަވަސް އަވަހަށް އަނެއްފަރާތަށް އެނބުރުނެވެ. ކޮޓަރީގެ ފަރާތްފަރާތައް ނަޒަރު ހިންގާލުމުން މިޝާގެ ބިރުވެރިކަން އިތުރުވެގެން ދިޔައީ އެއީ ޝިފާންގެ ކޮޓަރިކަން އެނގުމުންނެވެ. ކޮޓަރި ހިތްގައިމުވެފައި ކިތަންމެ ތަރުތީބު ނަމަވެސް ހިނދުކޮޅަކުވެސް އެތާހުރުމަކީ މިޝާއަށް ކެތްވާވަރު ކަމަކަށް ނުވިއެވެ. އަވަސް ގޮތެއްގައި އެތަނުން ނުކުތުމަށް މިޝާ ބޭނުންވިއެވެ. ނަމަވެސް ޝިފާން ބޭރުގައި ހުރުމުން ނުކުންނަންވެސް ނުކެރި، ހަދާނެ ގޮތް ހުސްވެފައި މިޝާއަށް ހުރެވުނީއެވެ.

ޝިފާން އިޝާގެ ގާތަށް ގޮސް އުފަންދުވަހެ ތަހުނިޔާ ކީ ވަގުތު އޭނާގެ ނަޒަރު ހުއްޓުނީ ތަންކޮޅެއް ދުރުގައި ފުއްޕާ ހަމެއް ހިފައިގެންހުރި ކުޑަ ކުޑަ މިޝްކާ އަށެވެ. އެއީ އޭނާއަށް ކުރިންފެނިފައިވާ ކުއްޖެއްހެން ހީވެގެން ކައިރިއަށް ގޮސް ރަނގަޅަށް ބަލާލިއެވެ. އެއީ މިއަދު ފެރީމަތިން ފެނުނު ކުއްޖާއެވެ. އެއީ ކޮންކުއްޖެއްތޯ އިޝާއާ ސުވާލުކޮށްލަން ބެލިއިރު އިޝާހުރީ އޭނާގެ ރައްޓެހިކުދިންތަކަކާ ވާހަކަ ދައްކާށެވެ. އެހެންކަމުން ޝިފާން ހިނިތުންވެލާފައި މިޝްކާއާ ދިމާއަށް އެނބުރިލީ އެކުއްޖާއާއި ވާހަކަ ދައްކާލުމުގެ ބޭނުމުގައެވެ. އެވަގުތު މިޝްކާގެ ފައިގަ އަޅާފައިވާ ކެވެލިފަށް ޝިފާންއަށް ފެނުނެވެ. 

" ކޮބާ ކޮއްކޮގެ އަނެއް ކެވެލިފަށް" މިޝްކާގެ އެއްފައިގައި ކެވެލި ނެތުމުން ޝިފާން އަހާލިއެވެ.
" ގެއްލުނީ" ރަކިވެފައިހުރެ ތުއްތު އަޑަކުން މިޝްކާ ބުނެލިއެވެ. 
" އެހެންތަ؟....ބޭބެދީފާނަން ކޮއްކޮއަށް ކެވެލިފަށެއް...އާދޭ ބޭބެއާއެކު!" މިޝްކާގެ އަތުގައި ހިފާލަމުން ޝިފާން ބުންޏެވެ. މިޝްކާވެސް ދެބަހެއްނެތި ޝިފާންއާއެކު ދާން ހިނގައިގަތެވެ. 

މިޝާ ބޭރަށް ނުކުތުމަށްޓަކައި މަޑުމަޑު ދޮރުހުޅުވާލުމަށްފަހު ސިއްރު ސިއްރުން ބޭރުބަލާލިއެވެ. އެވަގުތު މިޝާގެ ދެލޯބޮޑުވީ މިޝްކާގެ އަތުގައި ހިފައިގެން ކޮޓަރިއާ ދިމާއަށް ޝިފާން އަންނަތަން ފެނުމުންނެވެ. ޝިފާން މިޝްކާ ގޮވައިގެން އެއަންނަނީ ކީއްވެގެން ހެއްޔެވެ؟ އިޝާ ކޮބައިބާވެއެވެ؟ މިޝާ ކަންބޮޑުވެ ހަދާނެ ގޮތް ހުސްވިއެވެ. ޝިފާން އަންނައިރު ކޮޓަރިތެރޭގައި މިޝާ ހުއްޓައި ފެނިއްޖެއްޔާ ވާނީ ކިހިނެއް ހެއްޔެވެ؟ މިޝާ އަވަސް އަވަހަށް ފާޚާނާއާ ދިމާއަށް ދުއްވައިގަތެވެ. ފާޚާނާއަށް ވަދެ ދޮރުލެއްޕުނުތަނާހެން ޝިފާން އައިސް ކޮޓަރިއަށް ވަދެއްޖެއެވެ. 

" ކޮއްކޮ މިތާ އިށީދޭ! ބޭބެ އެބަހޯދާލަން ކެވެލިފަށް..." މިޝްކާ އެނދުގައި ބައިންދަމުން ޝިފާން ބުންޏެވެ. އަދި ޑްރެސިން ޓޭބަލްގެ ވަތްގަނޑު ދަމާލުމަށްފަހު އޭގެ ތެރެއިން ކެވެލިފަށް ނެގިއެވެ. ޝިފާން މިޝްކާގެ ފައިގަ އަޅާފައި އޮތް ކެވެލިފަށާއި އޭނާގެ އަތުގައި އޮތް ކެވެލިފަށް އަޅާކިޔާލިއެވެ. އެއީ ހަމަ އެއްވައްތަރުގެ ދެކެވެލިފަށެވެ. ޝިފާން ހިނިތުންވެލާފައި މިޝްކާގެ ފައިގައި ކެވެލިފަށް އަޅުވާލަދިނެވެ. މިޝާ ފާޚާނާގެ ދޮރު ކުޑަކޮށް ހުޅުވާލައިގެން ހުރެ އެމަންޒަރު ބަލަމުން ދިޔައެވެ. މިޝާވެސް ހުރީ އެކެވެލިކޮޅު ގެއްލިގެން ދެރަވެފައެވެ. މިޝްކާގެ މޫނަށް ވެރިވި އުފާވެރި ހިނިތުންވުން ފެނިވައި މިޝާއަށްވެސް ބޭއިޚްތިޔާރުގައި ހިނިތުންވެވުނެވެ. އެކަމަކު ޝިފާންއަށް އެކެވެލިފަށް ލިބުނީ ކޮންތާކުންބާއޭ މިޝާގެ ހިތައްއެރިއެވެ. ޝިފާން މިޝްކާ އަތުގައި ހިފައިގެން ބޭރަށް ނުކުތްއިރު އިޝާ މިޝްކާ ގެއްލިގެން ހޯދަނީއެވެ.

" މިޝީ!..... ދޮންބެތަ މިޝީ ގޮވައިގެން ތިއުޅެނީ.؟...މަބިރުން ކިރިޔާ ހަލާކުނުވީ މިޝީ ގެއްލުނީކަމަށް..." ޝިފާން މިޝްކާ ގޮވައިގެން ނުކުތްތަން ފެނިފައި އިޝާ ދުވެފައި އައެވެ. އިޝާގެ ސުވާލަށް ޖަވާބެއް ނުދެވިއުޅެނިކޮށް ޝިފާންއަށް ފޯނެއްއައެވެ. ޝިފާން ފޯނުނަގައިގެން ވާހަކަ ދައްކަމުން ބޭރަށް ނުކުތް ވަގުތު ލައިގަތީ އަފްޒަލްގެ ގައިގައެވެ.
" ސޮރީ!" ދެމީހުނަށްމެ އެއްފަހަރާ ބުނެވުނީ އެހެންނެވެ. 
" އިޓްސް އޯކޭ!....އެކަމަކު ކުރިންވެސް އަހަރެމެން ބައްދަލުވިދޯ؟" އަފްޒަލްއަށް އެއީ މިއަދު ފެރީމަތިން ފެނުނު ޒުވާނާކަން ހަނދާންވެގެން ބުންޏެވެ.
" ޔެސް... އަހަރެންނަށްވެސް އެހެން އެބަހީވޭ..... މިއަދު ހެނދުނު ހުޅުލޭފެރީމަތިންދޯ؟..... ސޮރީ އިނގޭ ވަރަށްބޮޑަށް.... މިވަގުތު ދާންޖެހިގެން މިދަނީ....." އަފްޒަލްއަށް ހިނިތުންވުމެއް ހަދިޔާކޮށްލާފައި ޝިފާން ދިޔައެވެ. އަފްޒަލްވެސް ހިނިތުންވެލާފައި އެތެރެއަށް ވަނެވެ. 

މިޝާ އަދިވެސް ހުރީ ކޮޓަރިތެރެއިން ނުކުންނަން ނުކެރިފައެވެ. އަނެއްކާވެސް ޝިފާން އަތުވެދާނެތީ ބިރުގަނެފައެވެ. ދޮރާއި ދާދިގާތުން އަފްޒަލް ވާހަކަ ދައްކާއަޑު އިވިގެން މިޝާ މަޑުމަޑުން ދޮރުހުޅުވާލިއެވެ. އޭރު އަފްޒަލް މިޝާގެ ފޯނު އަތަށްލައިގެންހުރެ ދެކޮޅު ހޯދަމުން ދިޔައެވެ. މިޝާ ބިރުން ދުވެފައި އައި ވަގުތު ފޯނުވެސް ވެއްޓުނީއެވެ.

" ސޮރީ ލޯބީ.... އަހަރެން ފާޚާނާއަކަށް ގޮސްލާފަ މިއައީ" އަފްޒަލްގެ ފުރަގަހުން ދާދިގާތުގައި ހުއްޓެމުން މިޝާ ބުންޏެވެ. 
" އެހެންތަ؟... ފޯނުވެސް ބިއްމައްޗަށް އެއްލާލާފަ ދިޔައީ މާބޮޑު އެޓޭކެއް އައީދޯ..ހެހެހެ" އަފްޒަލް މިޝާއަށް ޖެއްސުންކޮށްލިއެވެ. މިޝާ ތުން އޫކޮށްލާފައި ފޯނުއަތުލައިގެން ދާން ހިނގައިގަތެވެ. މިޝާ ބޭނުންވީ ވީހާވެސް އަވަހަކަށް އެގެއިން ދިއުމަށެވެ.
" ދޮންތަދެންދަނީ.... ވަރަށް ލަސްވެއްޖެ އެއްނު...." މިޝްކާގެ އަތުގައި ހިފައިގެން ހިނގައިގަންނަމުން އިޝާއަށް ބަލާލާފައި ބުންޏެވެ.
" އަޅެ ހާދަ އަވަހަކަށް..... އަދި ދޮންތަ ފޮޓޯވެސް ނުނަގަމެއްނު..... ޕްލީޒް މަޑުކޮށްބަލަ... ތިއްތައާ ދޮންބެއާ އެއްކޮށް ފޮޓޯއެއް ނަގާފަދާނީ....." މިޝާގެ އަތުގައި ހިފާފައި އިޝާ އާދޭސްކުރަން ފެށިއެވެ.
"ދޮންބެއެއްނޫންތަ އެދިޔައީ ބޭރަށް...... ނޫކުލައިގެ ޓީޝާޓަކާ ޖީންސްއެއްލައިގެން ހުރިމީހަކު ދެންމެގަ ބޭރަށް ހިނގައްޖެ...... އެއީތަ ދޮންބެ؟.." އަފްޒަލްއަށް ހީވިގޮތް ޔަގީންކޮށްލުމަށް އަހާލިއެވެ.
" އާނ! ދޮންބެހުރީ ނޫޓީޝާޓެއްލާފަ..... އަޅެދިޔައީތަ މިހާ އަވަހަށް....ހާދަ ފޫއްސޭ..." ވަށައިގެން ހޯދާލަމުން މާޔޫސްވެފައިވާ ރާގަކަށް އިޝާ ބުންޏެވެ. 

" ކިހިނެއްވީ ދަރިފުޅާ؟....ހާދަމޫޑީވީ ކުއްލިއަކަށް..." އިޝާގެ ގާތަށް އަންނަމުން އޭނާގެ ބައްޕަ އަހާލިއެވެ. ތަންކޮޅެއް ދުރުގައިހުރި މަންމައަށްވެސް އެއަޑު އިވިގެން އިޝާގެ ގާތަށް އަތުވެއްޖެއެވެ. 
" ދޮންބެ އެދިޔައީ ފޮޓޯވެސް ނުނަގަނީސް... ދޮންތަވެސް މިހާރު އެދަނީ.... ތިއްތަނޭނގެ ވީތަނެއްވެސް..... އެއްވެސް މީހަކު އީޝްދެކެ ލޯތްބެއްނުވޭ..... ވަރަށް ފޫހިވޭ" އިޝާ ކުއްލިއަކަށް ހިތުގައިޖެހިގެން ރޯންފެށިއެވެ. އަދި ދުވެފައި ބޭރަށް ނުކުތެވެ. މިޝާ އިޝާއަށް ގޮވަމުން ފަހަތުން ނުކުތެވެ. ނަމަވެސް އިޝާ އަޅާވެސް ނުލާދިޔަގޮތަށް ސިޑިން ފައިބަން ފެށިއެވެ. ލިފްޓު ހުޅުވޭންދެންވެސް އޭނާ މަޑުކުރަން ބޭނުންނުވީއެވެ. އާސިމްއާއި މީޒާގެ ދެމަފިރިން އެކަކު އަނެކަކަށް ބަލާލިއިރު އެދެމީހުންގެ މޫނުމަތިންވެސް މޮލިވެރިކަން ފާޅުވެއެވެ. އެމީހުން ކިތަންމެ ބޭނުންވިޔަސް އިޝާގެ ހިތްހަމަ ޖައްސައެއް ނުދެވޭނެއެވެ. 

އިޝާ ދުވެފައި ދިޔަގޮތަށް އޭނާގެ ކޮޓަރިއަށް ވަދެ ދޮރުތަޅުލިއެވެ. އަދި އެނދުމައްޗަށް ބަންޑުން ވެއްޓިގަނެގެން އޮވެ ގިސްލަ ގިސްލާފައި ރޮމުން ދިޔައެވެ. އިޝާ ބޭނުންވަނީ އޭނާގެ އާއިލާ އެންމެން އެއްކޮށް އުޅޭށެވެ. ދޮންބެއާއި ދޮންތައާއި ތިއްތަވެސް އޭނާ އާގާތުގައި އެއްގެއެއްގައި އުޅޭށެވެ. ނަމަވެސް އޭނާގެ ހިތުގެ އެދުން ދުވަހަކުވެސް ފުރިހަމަ ވާނެކަމެއް ނޭނގެއެވެ. ދޮންތަ އެއްގޮތަކަށްވެސް އެގެޔަށް އަންނާކަށް އެއްބަހެއް ނުވެއެވެ. ދޮންބެވެސް މަންމައާ ވާހަކަ ނުދައްކާއިރު ދޮންތަވެސް ބައްޕައާއި ވާހަކަ ދައްކާއުޅެނީ މަދު މަދުންނެވެ. ތިއްތައާއި ދޮންތަގެވެސް އެއްވެސް ގުޅުމެއް ނޯވެއެވެ. އިޝާ އެންމެން ދެކެވެސް ލޯބިވެއެވެ. އެންމެން އެކީގައި އުޅޭތަން ދެކެން ބޭނުންވެއެވެ. 

އިޝާ ވިސްނާ ވިސްނާވެސް އެމީހުންގެ މެދުގައި ގުޅުން ނޯންނަންވީ ސަބަބެއް ނޭނގުނެވެ. އެއްވެސް މީހަކު އިޝާގާތު އެއްވެސް އެއްޗެއް ނުބުނެއެވެ. ކޮންމެމީހަކުވެސް ކޮންމެވެސް ބަހަނާއެއް ދައްކާފައި އެކަން ހިންދާލަނީއެވެ. ނަމަވެސް އާއިލާ ތެރޭގައި އިޝާއަށް ނޭނގޭ ސިއްރެއް ވާކަމުގެ އިހުސާސް އަބަދުވެސް އޭނާއަށް ކުރެވެއެވެ. 

މިޝާ ދެރަވެހުރެ އަފްޒަލްއާ އެކީ ގެޔަށް ދިޔައެވެ. މިޝާވެސް އިޝާ ދެކެ އިންތިހާއަށް ލޯބިވެއެވެ. ނަމަވެސް އިޝާ އެދޭގޮތަށް އެނބުރި އެގެޔަށް ދާކަށް އޭނާގެ ޒަމީރު އެއްބަހެއް ނުވިއެވެ. އާސިމްވެސް ކިތަންމެ ފަހަރަކު އެގެޔަށް އައުމަށް އެދި އާދޭސްކުރިއެވެ. ނަމަވެސް ޝިފާން އެގޭގައި އުޅޭހާ ހިނދަކު އޭނާ އެގެއަކަށް އުޅޭކަށް ނުދާނެއެވެ. 
" އަދިވެސް އިޝާ އާމެދުތަ ތިވިސްނަނީ.... ދެން ތިވަރަށް ނުވިސްނަބަލަ... ބޭބީ... އިޝާ އަދި ޅަވީމަ އުޅޭގޮތް އެއީ.." ސޯފާގައި ވިސްނުމެއްގެ ތެރެއަށް ގެއްލިފައިއިން މިޝާގެ ކޮނޑުގައި އަތް ބާއްވާލަމުން އަފްޒަލް ބުންޏެވެ. 
" ނުވިސްނަން.." މިޝާ ހިނިތުންވަލަމުން އެހެން ބުނިނަމަވެސް އަދިވެސް އޭނާގެ މޫނުމަތިން ނުތަނަވަސްކަމުގެ އަސަރުފާޅުވެއެވެ.

އޭގެ އަނެއް ދުވަހު އަފްޒަލް އޮފީހަށް ނުކުތުމުން މިޝާ ފޫހިވާ ގޮތްވިއެވެ. އަފްޒަލްއަށް އަވަހަށް ގެޔަށް ނާދެވޭނޭކަން އެނގޭތީއެވެ. އެހެންކަމުން މިޝާ ބޭނުންވީ މިޝްކާވެސް ގޮވައިގެން ބާޒާރުކޮށްލަން ދާށެވެ. މިޝްކާ ރީތިކޮށްލުމަށްފަހު މިޝާވެސް ފެންވަރާ ތައްޔާރުވެލައިގެން ބާޒާރަށް ނުކުތެވެ. މިޝާ މާބޮޑަށް ފޫހިވެއްޖެނަމަ ބާޒާރަށް ގޮސް އެއްޗެއް ގަނެލުމުން ހިތްހަމަ ޖެހެއެވެ. އެއީ ކިތަންމެ ގޯސް އާދައެއް ނަމަވެސް މިޝާއަކަށް އެކަމެއް ނުހުއްޓުނެވެ. ފޫހިކަމާއި އެކަނިވެރިކަން ކުރިމަތިވުމުން އެކި މީހުން ހިތްހަމަޖެހުން ހޯދާނީ އެކި ކަހަލަ ކަންތައް ތަކުންނެވެ.

މިޝާ މިޝްކާގެ އަތުގައި ހިފައިގެން މަޖީދީމަގުން ހުރިގޮތަށް ހިނގަމުން ދިޔައެވެ. ސެންޓް ވިއްކާ ފިހާރައަކާ އަރާހަމަވުމުން އޭނާ އެފިހާރަޔަށްވަނީ އަފްޒަލް އަށް ސެންޓްފުޅިއެއް ގަނެލުމުގެ ބޭނުމުގައެވެ. ފިހާރަތެރެއަށްވަދެ ފަހަރަކު ފުޅިއެއް ބަލަމުންގޮސް އޭނާއަށް ކަމުދާ ކަހަލަ ސެންޓްފުޅިއަކާ ދިމާވެއްޖެއެވެ. ސެންޓްފުޅިހިފައިގެން އެނބުރިލީވަގުތު ކުރިމަތީހުރި ޝިފާންފެނި ވަގުތުން ފުޅިއަތުން ދޫވިއެވެ. ޝިފާން ހުޝިޔާރު ކަމާއެކީ ސެންޓްފުޅި ހިފިއެވެ. ނަމަވެސް ކުރިމަތީހުރި އަންހެން ކުއްޖާފެނި އޭނާގެ ހިއްސުތައް ގަނޑުވި ކަހަލައެވެ. އެސްފިޔަ ޖަހާލަންވެސް ހަނދާންނެތިފައި މިޝާގެ މޫނަށް ބަލަހައްޓައިގެން ޝިފާން ހުއްޓެވެ. އޭނާގެ ލޮލަށް ފެންނަ މަންޒަރު ގަބޫލު ނުކުރެވިފައި ހުރި ކަހަލައެވެ. އެއީ ހަމަ މިޝާހެއްޔެވެ؟ މީގެ އަހަރުތަކެއް ކުރިން އޭނާގެ ހިތުގައި ކޫރުން އަޅުވާލި އަންހެން ކުއްޖާ ހެއްޔެވެ؟ ޝޯލްއަޅާފައި ހުރުމުން ތަފާތުކަމެއް މޫނުމަތިން ފެންނަން ހުރިނަމަވެސް އެއީ މިޝާކަން ދެނެގަންނާކަށް ޝިފާންއަކަށް އުނދަގުލެއްނުވިއެވެ. ހަމައެކަނި އެމަޑުމުށިކުލައިގެ ދެލޯފެނުނަސް އޭނާއަށް މިޝާ އެނގޭނެއެވެ. ޝިފާންގެ ދެލޯ މިޝާއަށް އަމާޒުވެފައި ހުރުމުން އިސާހިތަކު އޭނާގެ ދެފައި ތުރުތުރުލާން ފެށިއެވެ. އަވަސް އަވަހަށް މިޝްކާގެ އަތުގައި ހިފައިގެން ފިހާރައިން ނުކުންނަން އޭނާ ހިނގައިގަތެވެ. ޝިފާންވެސް ހަމަހޭވެރިކަން ވެގެން ސެންޓްފުޅި ބަހައްޓާފައި ފިހާރައިން ނުކުތެވެ. ބާރުބާރަށް ހިނގާފައި ދިޔަ މިޝާ އެންމެ ފަހަރަކުވެސް ފަހަތް ބަލާނުލައެވެ.

ތަންކޮޅަކަށް ނުދެވެނީސް ކުއްލިއަކަށް އުޑުމަތި ބަނަވެ ވައިބާރު ވެއްޖެއެވެ. ހީވަނީ ހަމަ ދެންމެ ދެންމެ ވާރޭ އޮއްސައިގެން ފާނެހެންނެވެ. މަގުމަތީގައި ދުއްވާތަކެއްޗާއި މީހުންގެ ހަރަކާތްތައްވެސް އަވަސްވަމުން ދިޔައެވެ. މިޝާވެސް ބާރުބާރަށް ހިނގަމުން ދިޔައީ ބޯމަތިވަމުން އަންނަ ކޮޅިގަނޑަށްވުރެ ނުރައްކާ ކޮޅިގަނޑެއް އޭނާގެ ފަހަތުން ލައިގަތުމުންނެވެ.

ކޮމެންޓް 0