" ކުރާނެ އެހެންކަމެއް ނޭނގިގެންތަ މިހާރު ތިއުޅެނީ؟.....ނޫނީ އަހަރެންގެ ހުރި ނުބައިކަން އިތުރަށް ބަލަން ބޭނުންވަނީތަ؟...." ޝިފާން ރުޅިއައިސްފައި ކުރަންފެށި ސުވާލުތަކުން މިޝާހުރީ ހައިރާންވެ ވާނުވާނޭނގިފައެވެ.

" ކަލެއަށް ހަމަނޭނގެނީތަ މައިލޯ އަޅައިގެން އަހަރެން ކިރުތަށި ނުބޯކަން.... ނޫނީ ހަމަގަސްތުގަ މަށަށް ޖެއްސުންކުރަންތަ މިޔަށް މައިލޯ އަޅާފަ މިހުރީ؟...އިއްޔެގަ މަގޭ ޔުނީފޯރމް ހަޑިކޮށްލާފަ އެވަރުންނުވެގެން މިއަދު ކިރުތައްޓަށް މައިލޯވެސް އެޅީ.... ކީކޭ ހިތަށް އަރައިގެންތަ ތިއުޅެނީ؟... އަން މިތަށިކަލޭބޮއޭ" ޝިފާން ރުޅިއައިސްފައި އެހޫނު މައިލޯތަށި މިޝާގެ ގަޔަށް ޖެހިއެވެ. އެއާއެކު މިޝާއަށް ބާރަކަށް ހަޅޭއްލަވައިގަނެވުނެވެ. މޫނާއި ގައިން ނަގައިގެން ދިލައިގެ ސަބަބުން ދުވެފައި ސިންކްދޮށަށް ގޮސް މުޅިމޫނަށާއި ގަޔަށް ފެންއެޅިއެވެ. ޝިފާން އަތުގެ ކޮޅަށް ތަށިހޫރާލުމަށްފަހު ސައިވެސް ނުބޮއެ ނުކުމެގެން ދިޔައީއެވެ.

މިޝާގެ ފައިބުޑަށް އައިސްޖެހުނު ބިއްލޫރިތަށީގެ އެތިކޮޅުތައް ބުރައިގެން ގޮސް އޭނާގެ ފައިތިލައަށްވެސް ބިއްލޫރިކޮޅެއް ހެރުނެވެ. ވީތަދުން އަނެއްކާވެސް މިޝާއަށް ރޮއެގަނެވުނެވެ. ކާމޭޒުދޮށުގައި އެމަންޒަރުބަލަން އިން ޝީބާވެސް އިނީ ކަންބޮޑުވެފައެވެ. އޭނަ ޝިފާންގެ ކިރުތައްޓަށް މައިލޯއެޅީ މިހިސާބަށް ކަންތައް ހިނގައިދާނެ ކަމަކަށް ނޫނެވެ. ޝީބާގެ ހިތުގައި މިޝާއާމެދު ހިސާބަކަށް ހަމްދަރުދީވެސް އުފެދުނެވެ. ނަމަވެސް ރޮއެ ރޮއެހުރި މިޝާ ފެންނަކަމަށްވެސް ނުހަދާ ޝީބާ އެތަނުން ނުކުތެވެ. މިވީގޮތުން މިޝާއަށް މިއަދުވެސް ސުކޫލަށް ދެވޭގޮތެއް ނުވިއެވެ.

ޝީބާގެ މަކަރުވެރިކަމުގެ ސަބަބުން މިޝާއަށް މިފަދަ އެތައް ކަންތައްތަކާ ކުރިމަތިވަމުން ދިޔައެވެ. ޝީބާގެ ހިތުގައި މިޝާއަށްޓަކައި ހަސަދަވެރިކަމެއް އުފެދިފައިވަނީ މިޝާއަށް ލިބިފައިވާ ރީތިކަމުންނެވެ. މިޝާގެ ފަންދިގު އިސްތަށިގަނޑާއި މަޑުމުށިކުލައިގެ ދެލޮލުގެ އާދަޔާ ޚިލާފު ރީތިކަމަކީ ޝީބާގެ ހިތުގައި އަލިފާން ރޯކުރުވާކަމެކެވެ. އޭނާވެސް އެފަދަ ރީތި އިސްތަށިގަނޑަކާއި އެފަދަ ލޫޅާފަތި ހަށިގަނޑެއްވެސް ބޭނުންވެއެވެ. ނަމަވެސް އޭނާއަށް ލިބިފައިވަނީ އޭނާ އެންމެ ފޫހިވާކަހަލަ ބުޅިއިސްތަށިގަނޑެކެވެ. އަދި ކުޑައިރުންސުރެވެސް އޭނާ ހުންނަނީ ފަލަކޮށެވެ. ހިކެން ކުރާ އެއްވެސް ކަމަކުން މާބޮޑު އަސަރެއްވެސް ނުކުރެއެވެ. ޒުވާންވަމުން އައިވަރަކަށް މިޝާގެ ރީތިކަން ދިޔައީ އިތުރުވަމުންނެވެ. ފާޑުފާޑުގެ ދޮންވާ ކުރީމްތައް އުނގުޅަން ނުލިބުނު ނަމަވެސް އޭނާގެ ހަންގަނޑު ދޮންވެފައި އޮމާނެވެ. އޭނާގެ ބޮލުގައި އަސްޣަރު ތެޔޮލާތީ ޝީބާމެން މަލާމާތްކުރި ނަމަވެސް އޭނާގެ އިސްތަށިގަނޑުގެ ރީތިކަމަށް އެމީހުންވެސް ހިތާހިތުން ތަޢުރީފްކުރެއެވެ. އޭނާގެ އިސްތަށިގަނޑުގެ ދިގުކަމުން އޭނާއަށް ޖެއްސުމަށް ޝިފާންގެ ރަހުމަތްތެރިން ރެޕަންޒަލް ކިޔާ ނަންވެސް ހަރުކުރިއެވެ. 

ޝީބާގެ ހިތުގައިވާ ހަސަދަވެރިކަން އެކިގޮތްގޮތަށް ބޭރުކުރަމުން ދިޔައެވެ. އެއިންކޮންމެ ކަމަކަށް ވެސް މިޝާ ކެތްކުރަމުން ދިޔައެވެ. ނަމަވެސް ޝިފާންގެ އެކުވެރިންގެ ފުށުން ތަފާތުގޯނާ ކުރުންތައް ލިބެން ފެށުން ވެގެން ދިޔައީ އޭނާގެ ބަނަ ޙަޔާތަށް އެޅުނު އިތުރު ވިލާގަނޑަކަށެވެ. ޝިފާން ކިޔެވުމުގެ ބަހަނާގައި އޭނާގެ އެކުވެރިން ގޮވައިގެން އައިސް ޓެރެސްމަތީ އެތައްދަމެއް ހޭދަކުރެއެވެ. އެމީހުންގެ ހޭއަޑާއި ސަކަރާތުގެ އަޑުގަދަކަމުން މިޝާއަށް ނުނިދިފައި އޮންނަން ޖެހެނީވެސް މަދެއްކޮށް ނޫނެވެ. މިޝާ ނިދަނީ ޓެރެސްގައި ހުންނަ އެގުދަނެއްފަދަ ކޮޓަރީގައިކަން ޝިފާންގެ އެކުވެރިންނަށް އެނގުނުފަހުން އެތައްގޮތަކުން މިޝާއަށް ޖެއްސުން ކުރަމުން ދިޔައެވެ. ދޮރުކައިރިޔަށް އައިސް ޓަކިތެޅުމާއި ފާޑުފާޑުގެ އަޑުލެއްވުންފަދަ ކަންތައްތައްވެސް އެމީހުން މަޖަލަކަށް ހަދައިގެން ކުރަމުން ދިޔައެވެ. ޝިފާންވެސް އޭނާގެ ރަހުމަތްތެރިން ކޮންމެކަމެއް ކުރިޔަސް އެކަން މަނާކުރާކަށް ނުހަދައެވެ. އޭގެ ބަދަލުގައި އޭނާވެސް އެކަމުގައި ބައިވެރިވަމުން ދިޔައެވެ. 

ނަމަވެސް ނަވީން އަބަދުވެސް އެކަންކަމާ ހިތްހަމަ ނުޖެހެއެވެ. ނިކަމެތި އަންހެންކުއްޖަކަށް ގޯނާކުރުމަކީ ވަރަށް ފިނޑި އަމަލެއް ކަމަށް އޭނާ ގަބޫލުކުރެއެވެ. ބައެއްފަހަރު އެއިން ކަމަކާ ހިތްހަމަ ނުޖެހި އެއްޗެއް ބުނި ނަމަވެސް ރަހުމަތްތެރިންނާ ދެބަސްވާން ބޭނުންނުވާތީ އޭނާވެސް ހިމޭނުން ހުންނަނީއެވެ. މިޝާގެ ހިތުގައި އެމީހުނާމެދު އުފެދިފައިވާ ބިރުވެރިކަން އިތުރުވެގެން ދިޔައީ ރަޔާންއާއި ނާއިޒް މިޝާ ފެންނަހާތާކުން ގޯނާކުރަން ފެށުމުންނެވެ. ޚާއްސަކޮށް ނާއިޒް މިޝާގާތުގައި ރައްޓެހިވާން އެހުމުން އެކަމާ ދެކޮޅުހެދިފަހުން އޭނާހުންނަނީ މިޝާ އެކަނިވާނެ ފުރުސަތަކަށް ބަލަބަލައެވެ. ނާއިޒް މިޝާއަށް ގޯނާކުރަނީ އޭނާގެ އެހެން ރަހުމަތްތެރިންނަށް ސިއްރުންނެވެ. އެކަން މިޝާއަށްވެސް އެނގެއެވެ.

" ހައި ރެޕަންޒަލް!...ހާދަ އެކަނިން...މަވެސް ބައިވެރިކުރަންވީނު.." ޓެރެސްމަތީގައިހުރި ގޮނޑިއެއްގައި ފޮތެއް ހިފައިގެން އިން މިޝާގެ ގާތަށް ހުއްޓެމުން ނާއިޒް ބުނެލިއެވެ. މިޝާ ސިހިފައި ގޮނޑިން ތެދުވިއެވެ. އަދި މަޑުކޮށްލުމެއްވެސް ނެތި އޭނާގެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. އެވަގުތު ނާއިޒް މިޝާގެ އަތުގައި ހިފިއެވެ.
" ކީއްވެ ހާދަ އަވަހަކަށް ތިދަނީ؟...އަދި ނުވެއެއްނު ދާކަށް...އާދެބަލަ މަށާއެކީ ވަގުތުކޮޅެއް ހޭދަކޮށްލަން....މިރޭ ގުރޫޕްމީހުން އަވަހަކަށް ނާންނާނެ....ސޯ ވީކޭން ހޭވް ސަމް ފަން.." ނާއިޒް ހުރީ ވަގުތުގެ ފައިދާނަގަން ކެތްމަދުވެފައެވެ.
" ދޫކޮށްލާ އަހަރެން އަތުން.....ނިދަން ދާން ވެއްޖެ.." ނާއިޒްގެ އަތުން އަތްދަމައިގަންނަން މަސައްކަތް ކުރަމުން މިޝާ ބުންޏެވެ.
" ނޫނޭ....އަހަރެން މިއަތުގަ ހިފީ ދޫކޮށްލާކަށް ނޫން.....އަހަރެން ދޫކޮށްލި އިރަކުން މިރޭދެވޭނީ....އެހެންވީމަ ބުނާގޮތަށް ހަދައިގެން މަޑުންހުރޭ.." އިންޒާރުދޭފަދަ ގޮތަކަށް ނާއިޒް ބުނެލުމުން މިޝާ ބިރުގަތެވެ. ނާއިޒްގެ އަތްދަށުން ސަލާމަތްވާން މިޝާ މަސައްކަތް ކުރަމުންދިޔައެވެ. ކުއްލިއަކަށް ނާއިޒް ގެނައި ހަރަކާތަކާއެކު މިޝާހުރީ އޭނާގެ އަތުތެރޭގައި ހައްޔަރުވެފައެވެ. މަޑުމަޑުން ނާއިޒްގެ ހޫނުނޭވާ މިޝާގެ މޫނަށް އެޅުނެވެ. 

" އަހަރެން ބޭނުން މިޝާ އަހަރެންގެ ގާރލް ފުރެންޑަށް ހަދަން.....މިޝާ ބޭނުން ކޮންމެކަމެއް އަހަރެން ކޮށްދޭނަން..." ނާއިޒް މިޝާގެ މޫނާ އަދިވެސް ބޮޑަށް މޫނުކައިރިކޮށްލުމަށްފަހު މިޝާގަދަ ހަދަހަދާހުއްޓައި އެމަޑު ތުންފަތުގައި ކިސްކޮށްލިއެވެ. ކުއްލިއަކަށް ތެޅިގެންފައި މިޝާގެ އަތަށް ލެވުނުހައި ބާރެއްލާފައި ނާއިޒް ކޮށްޕާލިއެވެ. އަދި ނާއިޒްގެ އަތުތެރެއިން ދެމިގަނެގެން ގޮސް އޭނާގެ ކޮޓަރިއަށް ވަދެ ދޮރުލެއްޕިއެވެ. އޭރުވެސް އޭނާގެ ނޭވާ ހަމައަކަށް ނޭޅެއެވެ. ނާއިޒްގެ މިޖެހިލުން ކުޑަކަން ފެނި މިޝާގެ ހިތް ރޫރޫ އަޅައިގަތެވެ. އޭނާގެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުން ދިޔައެވެ. 

" ހަނދާންކުރާތި އަބަދު ތިހެން ކޮޓަރީގަ ފިލާ ނުހުރެވޭނެކަން.....ދެންވެސް އަހަރެންގެ ބަހެއް ގަބޫލު ކުރަންޏާ ދޮރުހުޅުވާ.....ނޫނީ ފަހުން އަދި ހިތާމަކުރަން ޖެހޭނެ..." ކޮޓަރި ދޮރުކައިރީ ހުރެގެން ނާއިޒް މިޝާއަށް އިންޒާރު ދެމުންދިޔައެވެ.ނާއިޒްދެމުން ދިޔަ އިންޒާރުތަކުން މިޝާ ބިރުގަތް ނަމަވެސް އޭނާ ދޮރެއް ނުހުޅުވިއެވެ. ނާއިޒްގެ ރުޅި ދިޔައީ ހިނދެއް ހިނދަކަށް ގަދަވަމުންނެވެ. ކޮންމެގޮތެއް ހަދާފައިވެސް މިޝާގެ ފަރާތުން އޭނާ ބޭނުންވާ ކަންތައް ޙާސިލް ކޮށްފައި ނޫނީ އޭނާ ހުއްޓައެއް ނުލާނެއެވެ. ދޮރުގައި ތަޅާ ތަޅާވެސް ނުހުޅުވުމުން އެންމެފަހުން ރުޅިއައިސްހުރެ ނާއިޒް އެގެއިން ނުކުތެވެ. 

ޝިފާންގެ ރުޅިވެރިކަމާއި ޝީބާގެ މަލާމާތުގެ އިތުރުން ނާއިޒްއާއި ރަޔާންގެ ގޯނާކުރުންތަކުން މިޝާގެ ދިރިއުޅުން ދަތިކުރަމުން ދިޔައެވެ. މިކަންތައްތަކާއި ވިސްނަމުން ކިޔެވުމަށް ދޭންވީ ސަމާލުކަން އެއްގޮތަކަށްވެސް ނުދެވެއެވެ. މޮކް އެގްޒާމްގެވެސް ބައެއް ގެއްލުމުގެ ސަބަބުން ކިޔެވުމަށް އިތުރު ހީނަރުކަމެއް އައެވެ. ދޮންބައްޕަގެ އެހީ އޭނާއަށް ލިބެން އަންނަނީ އޯލެވެލްއާއި ހަމައަށްކަން އޭނާގެ މަންމަގެ ފަރާތުންވަނީ އެނގިފައެވެ. އެހެންކަމުން އޯލެވެލްގައި ރަގަޅު ނަތީޖާއެއް ހޯދަން އޭނާއަށް މަޖުބޫރެވެ. މުސްތަޤުބަލުގައި ވަޒީފާއެއް ލިބުންވެސް ބިނާވެފައިއޮތީ އޭގެ ނަތީޖާއަށް ކަމަށްވީތީއެވެ. ކިޔަވާ ނިމުމަށްފަހު އެގެއިން ބޯހިޔާވަހިކަން ލިބޭނެކަމުގެ ޔަގީންކަމެއްވެސް އޭނާގެ ނެތެވެ. އާސިމްގެ އެހީ ކަނޑާލައިފިނަމަ އޭނާއާ އެހީވާނެ މީހަކު ނެތެވެ. އޭނާގެ ބައްޕަގެ އާއިލާ މީހަކު އޭނާ ހޯދާކަށް މަސައްކަތެއް ނުކުރެއެވެ. އޭނަގެ މާމައާއި ކާފަގެ ޚަބަރެއްވެސް ނުވެއެވެ. ކުޑަމިނުން މަންމަގެ އާއިލާއާބެހޭ މައުލޫމާތެއްވެސް އޭނާއަކަށް ނޭނގެއެވެ. އޭނަކުޑައިރު މަންމަފަރާތު މާމައާއި ދޮންތަ ގުޅާހަނދާންވެއެވެ. ނަމަވެސް މިހާރު އެމީހުން ކޮބައިކަމެއްވެސް ނޭނގެއެވެ. މަންމަގާތު އެހުމުން މަންމައަށްވެސް އެމީހުންގެ ޚަބަރެއް ނޭނގޭކަމަށްބުނީ ދެރަވެފައެވެ. މަންމައަށް ޙުދު މަންމަގެ އަމިއްލަ އާއިލާގެ ޚަބަރެއް ނޭނގެންވީ ސަބަބެއް މިޝާއަކަށް ނުވިސްނުނެވެ. ނަމަވެސް އޭނާއަށް ޔަޤީންވާ އެއްކަމެއްވެއެވެ. އޭނާގެ މަންމަ އާސިމްއާ އެކީ އުޅެނީ މަޖުބޫރުވެގެން ކަމެވެ. އަދި އޭނާއަށް ނޭނގޭ ކިތަންމެ ސިއްރެއް މަންމަގެ ޙަޔާތުގައިވާކަމެވެ. ކޮންމެވެސް ދުވަހަކުން މަންމަ އެކަންތައްތައް އޭނާއާ ހިއްސާކުރާނެ ކަމުގައި އޭނާ އުއްމީދު ކުރެއެވެ. 

އިޝާ ބޮޑުވަމުން އައިވަރަކަށް މިޝާއާއި ގުޅުން ބަދަހިވަމުންދިޔައެވެ. ޝީބާއާއި ޝިފާންއަށްވުރެ ބޮޑަށް އިޝާ ލޯބިވަނީ އޭނާގެ ދޮންތަދެކެއެވެ. އޭނާއަށް ހުރިހާގޮތަކުންވެސް އެންމެ އެހީތެރިވަނީ ދޮންތައެވެ. އަދި މަންމައަށްވެސް ކަމޭހިތައި އިހުތިރާމު ކުރަނީ ދޮންތައެވެ. ތިއްތައާއި ދޮންބެގެ ފަރާތުން ކޮންމެވެސް ވަރެއްގެ ދުރުހިލޭކަމެއް އަބަދުވެސް އިހުސާސް ކުރެވެއެވެ. އާސިމް ކިތަންމެ ނުރުހުންވީނަމަވެސް މިޝާއާއި އިޝާ ދުރެއް ނުކުރެވުނެވެ. އެދެކުދިންގެ މެދުގައިވާ ލޯބިފެނުމުން މީޒާ ނުހަނު އުފާވެއެވެ. އޭނާގެ ހިތަށް ލިބޭ ހަމައެކަނި އުފަލަކީ އޭނާގެ ދަރިންގެ މޫނުން ފެންނަ އުފާވެރި ހިނިތުންވުމެވެ. 

އޯލެވެލް އިމްތިހާނު ފެށެން ހަފްތާއަކަށް ވުމުން މިޝާ އެހެން ހުރިހާކަމަކަށްވުރެ އެކަމަށް އިސްކަންދިނެވެ. ގޭތެރޭގެ މަސައްކަތްތައް އަވަހަށް ނިންމައި ފިލާވަޅުތައް މުތާލިއާކުރެއެވެ. މިޝާގެ މިހިތްވަރު ފެނުމުން ޝީބާ ހުންނަނީ މިޝާއަށް ލަނޑެއްދޭނެ ގޮތަކާއިމެދު ވިސްނަ ވިސްނައެވެ. އޭނާއަށް ވެގެންވާނަމަ މޮކްއެގްޒާމަށް ނުދެވުނުގޮތަށް އޯލެވެލްއަށްވެސް ނުދެވޭގޮތް ހަދާނެއެވެ. ޝީބާ އޭނާގެ ރަހުމަތްތެރީންގެ މެދުގައި އެކަމާ މަޝްވަރާކުރަމުން ދިޔައެވެ.

" ދީބަލަ ރަނގަޅު ޚިޔާލެއް އެއުޅޭ މިޝާއަށް ފިލާވަޅެއްދޭން....މިހާރު އަބަދު ފޮތްކިޔަކިޔާފަ އުޅޭއިރު ހީވަނީ ރާއްޖޭގެ ޓޮޕްޓެންއަށް އަރަން އުޅޭހެން...." ޝީބާ ރުޅިއައިސްފައި ބުންޏެވެ.
" ހޫމް....ރަނގަޅު އައިޑިއަރ އެއްދޭންތަ؟....އޭނަ ޓެސްޓަށް ނުދާވަރުގެ ލަނޑެއްދެމާހިނގާ...." ރައިނާ ވިސްނަން އިނދެފައި ބުނެލިއެވެ.
" ދޭނެ ލަނޑެއްނު ނޭނގިގެން މިއުޅެނީ....." ޝީބާ އަނެއްކާވެސް ބުންޏެވެ. 
" މަށަށް ވަރަށް ސަޅި އައިޑިއަރ އެއް އައިސްފި....ޝިބްގެ ބާރތްޑޭޕާޓީގަ އޭނަވެސް ބައިވެރިކުރާނީ.....އެންމެންގެ ތެރޭގަ އޭނަ ލަނދުގަންނަފަދަ ކަމެއްކޮށްލާނީ....ފަހުން މަބުނާނަން ހަނދަންވީގޮތް....އޭނާ އެރޭ ޕާޓީގަ ބައިވެރިވާނެގޮތެއް ހަދާ..." ރައިނާ ލަފާދިނެވެ. ރައިނާ އެންމެންނަށް އޭނާ ވިސްނާފައިވާ ގޮތް ކިޔައިދިނެވެ. މަލާކް އާއި ޝީބާ އަދި ނަދާވެސް ރައިނާގެ ޚިޔާލަށް ތާއީދުކުރިއެވެ. ދެން އޮތީ މިޝާ އެޕާޓީގައި ބައިވެރިކުރަން ހަދާނެ އުކުޅެކެވެ. މިވީހާތަނަށް ޝީބާގެ އެއްވެސް ޕާޓީއެއްގައި މިޝާ ބައިވެރިކޮށްފައެއް ނުވެއެވެ. އެގޭގައި އުފަންދުވަސް ފާހަގަކުރަން އަހަރަކު ތިންޕާޓީ ބާއްވައެވެ. މިފަދަ ކޮންމެ ރެއަކުވެސް މިޝާ އިންނަނީ ކޮޓަރީގައި ބަންދުވެގެންނެވެ. މީހެއްގެ ކުރިމައްޗަށް ނުކުތުމުގެ ހުއްދައެއްވެސް އޭނާއަކަށް ނޯވެއެވެ.

" މިޝާ! އާދެބަލަ އަހަރެންގެ ކޮޓަރިއަށް....އެބައޮތް ވާހަކައެއް ދައްކާލަންވެފަ" ސިޓިންރޫމު ފޮޅާސާފުކުރަން ހުރި މިޝާގެ ގާތަށް ހުއްޓި ވަރަށް މަޑުމައިތިރިކަމާއެކު ޝީބާ ބުންޏެވެ. ޝީބާ އެހާރީތިކޮށް ވާހަކަ ދެއްކުމުން މިޝާހުރީ ހައިރާންވެފައެވެ. އެހެންނަމަވެސް ޝީބާއާއެކު އޭނާގެ ކޮޓަރިއަށް ދިޔައެވެ.
" އާދޭ! އިށީނދޭ!" ކޮޓަރިތެރޭގައި ހުރި ސޯފާއަކަށް އިޝާރާތްކުރަމުން ޝީބާ ބުންޏެވެ. މިޝާ ކިޔަމަންތެރިކަމާއެކު ގޮސް އިށީނެވެ. ޝީބާ އަލަމާރި ހުޅުވާލުމަށްފަހު ވަރަށްރީތި ހެދުމެއް ނެގިއެވެ. އަދި އެއާއި ގުޅޭ ގަހަނާސެޓަކާއި ފައިވާން ޖޯޑެއްވެސް ނެގިއެވެ.
" އަން މީ މިޝާއަށް އަހަރެންދޭ ހަދިޔާއެއް....މިއީ އަދި އަލަށްވެސް އަހަރެން ނުލާހެދުމެއް....މާދަމާނޫން އަނެއް ދުވަހަކީ އަހަރެންގެ އުފަންދުވަސް....އެހެންވީމަ އަހަރެން ބޭނުމީ މިޝާވެސް މިފަހަރު ޕާޓީގަ ބައިވެރިވާން...." ޝީބާ ހެދުން ދިއްކޮށްލަމުން އޭނާ ބޭނުންވާ ގޮތް ބުންޏެވެ.
" އެކަމު އަހަރެން.." މިޝާއަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ.
" ދެން އެކަމަކު މިކަމަކުއެއް ކިޔާނެ ކަމެއްނެތް.....މީގަ ހިފާ....މިޝާއަށް ހަމަހެޔޮވަރުވާނެކަން ޔަގީން.....އަހަރެން އަސްލު ބޭނުމެއްނޫން އަބަދުމިހެން ފައިޓްކޮށް އުޅޭކަށް.....މިޝާވެސް އަހަރެމެންނާ އެކުވެރިވެގެން އުޅުނީމަ ހިތްހަމަވެސް ޖެހޭނެ....މިބުނީދޮގެއްތަ؟..." ޝީބާ މިޝާ ހައްލާލަން މަސައްކަތް ކުރިއެވެ. ކުއްލިއަކަށް ޝީބާގެ ފަރާތުން އެހާ ހިތްހެޔޮކަމާއި ގާތްކަން ލިބުމުން މިޝާ ޖެހިލުންވީ ނަމަވެސް އުފާވެސް ވިއެވެ. ޝީބާގެ އެދުމާއި ދެކޮޅުހަދަން ނުކެރިގެން މިޝާ އެހެދުމުގައި ހިފިއެވެ. އެއީ ވަރަށްރީތިކޮށް ޖަރީކޮށްފައިވާ ރަތްކުލައިގެ މެކްސީއެކެވެ. ހެދުމަށް ބަލާލުމުންވެސް އޭގެ އަގުބޮޑުކަން އޭނާ އަންދާޒާ ކުރެވުނެވެ. އަދި ގަހަނާސެޓާއި ފައިވާންވެސް އެހާމެ ރީއްޗެވެ.

ޖެހިގެން އައި ދެދުވަހުވެސް ޝީބާގެ ފަރާތުން މިޝާއަށް ފެނުނީ ނުހަނު ގާތްކަމާއި ހިތްހެޔޮކަމެވެ. ޝީބާގެ ހިތުގައިވާ ނުބައި ރޭވުންތަކެއް ރޭކާނުލައި ހުރި މިޝާހުރީ އިންތިހާއަށް އުފާވެފައެވެ. ރައިނާއާއި މަލާކް އަދި ނަދާވެސް މިހާރު މިޝާއަށް ނުލާހިކު ރަނގަޅެވެ. މިޝާގެ މޮޔަކަމާމެދު ހިތާހިތުން މަލާމާތް ކުރަމުން އެމީހުންގެ ރޭވުން ކުރިޔަށް ގެންދިޔައެވެ.

ރޭގަނޑުގެ ވަގުތެވެ. މިޝާ ފެންވަރައިގެން ނުކުމެ، ޝީބާދިން މެކްސީލައިގެން ތައްޔާރުވާން ފެށިއެވެ. އެމެކްސީ ހީވަނީ އޭނާއަށް ޚާއްސަކޮށް ފަހާފައިވާ އެއްޗެއް ހެންނެވެ. އެހާވެސް ހެޔޮވަރުވެފައި ރީއްޗެވެ. މިޝާ އޭނާގެ ދިގު ފަން އިސްތަށިގަނޑު އޮމާން ކޮށްލުމަށްފަހު ފަހަތަށް ދޫކޮށްލިއެވެ. އާއްމުގޮތެއްގައި ހުޅިޖަހައި އައްސާފައިވާ އޮންނަ އިސްތަށިގަނޑު ނިއުޅާލާފައި އޮތުމުން އޭނާގެ ރީތިކަން އިތުރުކޮށްދީފައިވެއެވެ. ގަހަނާ އެޅުމަކީ އޭނާ ކުރާކަމަކަށް ނުވިޔަސް ޝީބާގެ އެދުމުގެ މަތިން އެކަންވެސް އޭނާކުރިއެވެ. މިޝާ ރަނގަޅަށް ތައްޔާރުވެގެން ކޮޓަރިން ނުކުތްއިރު ޕާޓީއަށް މީހުންތައް އައިސް ޓެރެސްމަތިވަނީ ފުރިފައެވެ. މިޝާ ޖެހިލުންވެހުރެ، މަޑުމަޑުން ހިނގަމުން ދަނިކޮށް ކުއްލިއަކަށް ވަރަށް ބާރަށް އައިމީހަކު އޭނާގެ ގައިގާ ލައިގަތެވެ. އެވަގުތު މިޝާ ވެއްޓެން ދިއުމާއެކު އެމީހަކު އޭނާގެ އުނަގަނޑުގައި ހިފައި ތެދުކޮށްލިއެވެ. 

" ސޮރީ" ޝިފާންއަށް އޭނާގެ ގައިގާ ޖެހުނީ މިޝާކަން ނުއެނގިހުރެ ބުނެވުނެވެ. އެވަގުތު ދެމީހުންގެ ހަތަރުކަޅި ހަމަވެގެން ދިޔައެވެ. މިޝާގެ މޫނަށް ބަލަން ހައިރާންވެފައިހުރި ޝިފާންއަށް އަދިވެސް ހުރީ އެއީ ހަޤީގަތެއްކަން ގަބޫލު ނުކުރެވިފައެވެ. ރަތްކުލައިގެ އަތްކުރު މެކްސީގައި ފުރިހަމައަށް ތައްޔާރުވެގެން ހުރި މިޝާ، މިރޭ އޭނާއަށް ސިފަވީ ތަފާތު ގޮތަކަށެވެ. ގަޔަށް ހިފާލާފައިހުރި މެކްސީގެ ސަބަބުން އެލޫޅާފަތި ހަށިގަނޑުގެ އަންހެންވަންތަ ވަނާތައް ފާޅުވާން ހުއްޓެވެ. އެދިގު އިސްތަށިގަނޑު ނިއުޅާލާފައި އޮތުމުން މިޝާގެ ރީތިކަން އިތުރުކޮށްދީފައިވެއެވެ.މީގެކުރިން އަބަދުވެސް ގަޔަށްދޫ ހެދުންތައް ލައިގެން އުޅުނު އެއާދައިގެ އަންހެން ކުއްޖާއަކީ މިފަދަ ރީތިކަމެއް ލިބިފައިވާ ކުއްޖެއްކަމަށް އޭނާއަށް އެނގޭނީ ކިހިނެއް ހެއްޔެވެ؟ ޝިފާން ކަޅިޖަހާނުލައި ބަލަން ފެށުމުން މިޝާ ކަންބޮޑުވެ ބިރުވެސް ގަތެވެ.

" ސޮރީ!" ބިރުންހުރެ މިޝާ ބުންޏެވެ.
" ވާއު ރެޕަންޒަލް!....ޔޫ ލުކް ސޯ ބިއުޓިފުލް" ނާއިޒްއަށް މިޝާ ފެނުމާއެކު ތަޢުރީފުކޮށްލެވުނީ ބޭއިޚުތިޔާރުގައެވެ.
" އޯ މައިގޯޑް!....ތީ ހަމަ ރެޕަންޒަލްތަ؟...އައިކާންޓް ބިލީވް އިޓް....ޔޫލުކް ރިއަލީ އޯސަމް....." ރަޔާންވެސް ނާއިޒްއާ އެއްބައިވެލިއެވެ.
" ކަމޯން....ލެޓްސް ގޯ.." މިޝާއަށް އެންމެން ތައުރީފް ކުރަން ފެށުމުން ޝިފާން އަވަސް އަވަހަށް ރަޔާންގެ އަތުގައި ހިފައި ލަތްކެއް ޖަހަމުން އެތަނުން ދިއުމަށް ހިނގައިގަތެވެ. ދަމުން ދަމުންވެސް ފަސްއެނބުރި މިޝާއާ ދިމާއަށް ޝިފާންއަށް ބަލާލެވުނެވެ.
" އަސްލުވެސް ވަރަށްރީތި....އަދި ހިނިތުންވެލީމަ މާރީތިވާނެ....ސްމައިލް ޕްލީޒް.." ޝިފާންމެން ދިއުމުން ނަވީން މިޝާއަށް ބަލާލަމުން ހީލާފައި ބުންޏެވެ. މިޝާއަށް ބޭއިޚުތިޔާރުގައި ހިނިތުންވެލެވުނެވެ. 
" ވާއު....ނައު ޔޫ އާ މޯ ބިއުޓިފުލް ދެން ދަ ރިއަލް ރެޕަންޒަލް...." މިޝާގެ ބޮލުގައި ފިރުމާލަމުން ނަވީން ހިނިތުންވެލިއެވެ. ތަންކޮޅެއް ދުރުގައި މިމަންޒަރު ބަލަންހުރި ޝީބާގެ ލޭކެކިގެން ދިޔައެވެ. މިޝާއާއި ނަވީން ގާތްވުމަކީ ދުވަހަކުވެސް އޭނާ އެދޭނެ ކަމެއްނޫނެވެ. އޭނާ ހިތާހިތުން ނަވީން ދެކެ އިންތިހާއަށް ލޯބިވެއެވެ. މިޝާއާދިމާ ނަވީން ބަލާލާކަށްވެސް އޭނާގެ ހިތެއް ނުރުހެއެވެ.

" ކޮބާ ރެޑީތަ؟..." ޝީބާގެ ގާތަށް އައިސް ހުއްޓެމުން ރައިނާ އަހާލިއެވެ. 
" އާނ....ބަލަން ހުންނާތި އެމިޝާއަށް ހަދާލާގޮތް....." ޝީބާ ރުޅިއައިސްފައި މިޝާއާ ދިމާއަށް ހިގައިގަތުމުން ދެންތިބިމީހުންވެސް އޭނާގެ ފަހަތުން ދިޔައެވެ. 
" ވާއު....އަސްލުވެސް މިޝާ ހާދަރީއްޗޭދޯ.....މަމިހުރީ ހަމަ ހައިރާންވެފަ..." ރައިނާ މަލާމާތުގެ ރާގެއްގައި ބުންޏެވެ. 

" ވެއިޓް! ތީ ކޮންތާކުން ހޯދި ހެދުމެއް؟....ކާކުގެ ނެކްލެސްއެއް؟......އެއީމަ އޭރު ގެއްލިގެން އުޅުނު ގަހަނާސެޓް....އަދި ބަލާބަލަ ނަދޫގެ ދޮންތަގެ ވެޑިންޕާޓީއަށް ލާންފަހާފައޮތް ހެދުމެއްނު އެއީ....ބޮޑުވަގު...." މަލާކް ރުޅިއައިސްގެން ހަޅޭއްލަވައިގަތުމާއެކު މިޝާ ބިރުގެންފައި ބަލާލީ ޝީބާއާ ދިމާއެވެ. 
" އޯ މައި.....މައި ޑްރެސް....އެއްކަލަރޭ މިގެއަށް ގެނެސް ހަނދާންނެތިގެ ބާއްވާފަ ދެވުނީ.....ހައު ޑޭ ޔޫ ޓް ޓަޗް މައި ޑްރެސް...މިހާރު ބާލާ!...ހަމަ މިހާރު ބާލާ!.." ނަދާ މިޝާގެ ހެދުމުގައި ހިފައި ދަމައިގަންނަމުން ހަޅޭއްލަވައިގަތެވެ. އަޑުގަދަވާން ފެށުމުން ޕާޓީގައި ތިބި އެންމެންގެ ސަމާލުކަން އެދިމާއަށް ހުއްޓުނެވެ. ޝިފާންވެސް އިންތަނުން ތެދުވެ އެދިމާއަށް ހިނގައިގަތެވެ. އޭރު ޝީބާގެ ރައްޓެހިން ހީވަނީ މިޝާ ކާލަން އުޅޭހެންނެވެ. ބިރުންނާއި ލަދުން ގޮސް މިޝާއަށް ރޮވެންފެށިއެވެ.

" ކިހިނެއްތަވީ؟....ކީއްވެތަ މާއަޑުގަދަ ތިކުރަނީ؟" އެންމެންގެ މެދަށްވަދެ ޝިފާން ތަންކޮޅެއް ބާރަށް ބުނެލިއެވެ.
" މިހިރަ ނުބައި އަންހެނާ އަހަރެމެންގެ އެއްޗެހި ވަގަށް ނަގައިގެން އެހުރީ....އެއީ އަހަރެންގެ ޑްރެސް....މަލްގެ ޖުވެލްސް....ރީތި އެއްޗެހި ލާހިތްވިޔަސް ފުކެއް ބޮޑުވަރު....ކާކަށް ތިއްތިދެއްކެންތަ މީހުންގެ އެއްޗެހި ވަގަށް ނަގައިގެން އައިސް ތިހުރީ..." ނަދާހުރީ ލޭމައްޗަށް ގޮސްފައެވެ. އަންނަ ހަފްތާގައި އޭނަގެ ދޮންތަގެ ކައިވެނި ޕާޓީގައިލާން ތައްޔާރުކުރި ހެދުން ލާފައި މިޝާހުއްޓައި ފެނުމުން އޭނާގެ ރުޅިގަނޑު ކޮންޓްރޯލެއް ނުކުރެވުނެވެ.
" އެއީ ތެދެއްތަ؟...ތީ ކާކުގެ ހެދުމެއް؟...ކާކުގެ ގަހަނާއެއް؟.." ޝިފާން ހަރުކަށިކަމާއެކު ސުވާލުކޮށްލިއެވެ.
" ޝީބާދިން...." މިޝާއަކަށް ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. ޝީބާގެ އަތުގެ ހޫނު އެތިފަހަރެއް މިޝާގެ މޫނަށް އަރައިގެން ދިޔައެވެ.
" ލަދެއް ނުގަނޭތަ އަހަރެންގެ ބޮލުގަ ތުހުމަތު އަޅުވާކަށް.....ބަލަ މިހާރުވެސް ތިހުރީ އަހަރެންގެ ފައިވާނަން އަރައިގެން....އަހަރެންގެ އެއްޗެހިން ވައްކަންކޮށްފަ ނުވެގެން އަހަރެންގެ ފުރެންޑުންގެ އެއްޗެހިންވެސް ވައްކަން ކުރަންފެށީ....އަހަރެންގެ ކޮޓަރީގަ ހުއްޓާ ތިއެއްޗެހި ގެއްލުމުން، އަހަރެން މިހުރީ އެކަމާ ނުލާހިކު ދެރަވެފަ.....އެވަރަށް ހޯދާ ސުވާލުކޮށް ހެދިއިރުވެސް ކަލޭހުރީ ދެނަހުރިކަމަށްވެސް ނުހަދާ....އަހަރެންނަށް އޭރުވެސް އެނގޭ ދެވަނަމީހަކު އަހަރެންގެ ކޮޓަރިއަކަށް ނުވަންނާނެކަން...." ޝީބާ ދޮގުގެ މައްޗަށް ދޮގުހަދަމުން ދިޔައިރު މިޝާއަށް ގިސްލާ ރޮވުން ފިޔަވައި އިތުރުކަމެއް ނުކުރެވުނެވެ. މިއީ ޝީބާގެ ނުބައި ރޭވުމެއްކަންވެސް އެވަގުތު އޭނާއަށް އެނގުނެވެ. ޕާޓީގައިތިބި އެންމެންގެ ލޯތަކާއިބައެއްމީހުންގެ ފޯނުތައް ވަނީއޭނާއަށް އަމާޒުވެފައެވެ. ބައެއް މީހުން ޝީބާމެންނާ އެއްބައިވެގެން އޭނާއަށް އެއްޗެހި ކިޔަމުން ދިޔައިރު އަނެއްބަޔަކު ހީހީފައި މަލާމާތްކުރަމުން ދިޔައެވެ. މިހުރިހާ މަންޒަރެއް ފެނުމުން އޭނާ ދުވަހަކު ނުގަންނަހާ ބޮޑަށް ލަދުގަނެ ދެރަވިއެވެ.

" ދެން ތިހެދުން ލައިގެން ހުންނާނެކަމެއްނެތް ބާލާ މިހާރު!..." ރައިނާ ކުއްލިއަކަށް މިޝާގެ ފުރަގަހުން ހެދުމުގެ ޒިޕްގައި ހިފާދަމައިގަތެވެ. ޒިޕްކެހިގެން ދިއުމާއެކު މިޝާގެ ހެދުން ދެކޮނޑުން ސޮހިގެން ތިރިޔަށް ދިޔައެވެ.

ކޮމެންޓް 0