ލައިޓް ފެހިވުމާއެކު ހުރިހާ އުޅަނދުތަކެއް ދުއްވާލުމުން ޝިފާން އަށް ވެސް މަޖުބޫރުވީ ކުރިޔަށް ދާށެވެ. ނަމަވެސް ތަންކޮޅަކަށް ގޮސްފައި ޝިފާން އޭނާގެ ސައިކަލުގެ އަނބުރާލުމަށް ފަހު މިޝާއާ ދިމާއަށް މިސްރާބު ޖެހިއެވެ. މިޝާ ފޯނަށް ބަލައިލަމުން ކުރިޔަށްވުރެ ހިނގުން ބާރުކޮށްލިއެވެ. ޝިފާން ވެސް މިޝާއަށް ނޭނގޭނެހެން މަޑުމަޑުން ސައިކަލު ދުއްވަމުން ދިޔައެވެ. މިޝާއަށް ދޮންދޫނި ޕްރީ ސުކޫލު ދޮށަށް ދެވުނުއިރު ބެލެނިވެރިންތައް ވަދެ ނިމިއްޖެއެވެ. މިޝާ ވެސް ހަލުވި ފިޔަވަޅުތަކަކާ އެކު ސުކޫލު ތެރެއަށް ވަނެއެވެ. މިޝާ ނުކުންނާނެ އިރެއްގެ އިންތިޒާރުގައި އިން ޝިފާން ސިހުނީ އޭނާގެ ފޯން ވައިބުރޭޓްވާން ފެށުމުންނެވެ. 

"ދޮންބޭ! ހާދަލަސްވަނީ؟" ފޯނު ނެގުމާއެކު ޝީބާ ބުންޏެވެ.
"އާނ މިދަނީއޭ!" ޝިފާން އަވަސް އަވަހަށް ޖަވާބުދިނުމަށް ފަހު ފޯނު ޖީބަށް ލިއެވެ. މިޝާ ކޮބައިތޯ ބަލައިލި އިރު، މިޝްކާގެ އަތުގައި ހިފައިގެން ހިނިތުންވެ ހުރެ އެދިމާއަށް އާދެއެވެ. މިޝްކާ އުފަލުން ހުރެ ސުކޫލުގެ އެކި އެކި ވާހަކަތައް ކިޔައިދެމުން ދިޔައިރު މިޝާ ވެސް ޝައުޤުވެރިކަމާ އެކު އެވާހަކަތައް އަޑުއަހަމުން ދިޔައެވެ. ދަރިފުޅާ ވާހަކަ ދައްކަމުން ޝިފާން ފަސްދީ ދެވުނު އިރުވެސް މިޝާއަކަށް ނޭނގުނެވެ. މިވަގުތު އޭނާގެ ހުރިހާ ސަމާލުކަމެއް ހުއްޓިފައި ހުރީ މިޝްކާ އަށެވެ. ޝިފާން އިރުކޮޅަކު އެދެމައިންނަށް ބަލަން އިނުމަށް ފަހު، އަނެއްކާ ވެސް ސައިކަލު ދުއްވާލިއެވެ. ވަންވޭއެއް ކަމުން އޭނާއަށް ދާންޖެހުނީ އަނެއް ކޮޅަށެވެ. ޝިފާން ބާރު ސްޕީޑްގައި ޖެހިގެން އޮތް ގޯޅިން ގޮސް މަޖީދީމަގަށް ނުކުތެވެ. މިޝާ އުޅޭ ގެޔެއް ހޯދުމުގެ ބޭނުމުގައި އަދިވެސް މިޝާގެ ފަހަތުން ދިއުމަށް އޭނާ ގަސްތުކުރިއެވެ.

ކުއްލިއަކަށް ފަހަތުން އައި ކަޅުކުލައިގެ ޕްރައިވެޓް ކާރެއް މިޝާމެންނާ ދާދި ގާތަށް މަޑުކޮށްލިއެވެ. ކާރުގެ ބިއްލޫރިގަނޑު ތިރިކޮށްލުމަށް ފަހު ޑްރައިވަރު އެއްޗެއް ބުނެލުމުން މިޝާ އޭނާގެ ދަރިފުޅު ގޮވައިގެން ކާރަށް އެރިއެވެ. ޝިފާން ހައިރާންވެފައި ބަލަން ހުރީ، މަގުމަތީން ފެނުނު ޕްރައިވެޓް ކާރަކަށް މިޝާ އެރީތީ އެވެ. އެކާރު ދުއްވަން އިނީ ކާކުތޯ ބަލަން ޝިފާން ބޭނުންވި ނަމަވެސް ޑްރައިވަރުގެ މޫނު ނުފެނުމުން ޝިފާން އަށް އެއީ ކާކުކަން އެނގޭ ގޮތެއް ނުވިއެވެ. ޝިފާން ސައިކަލުގެ ދުވެލި ބާރުކޮށްލި ވަގުތު ފޯން ރިންގް ވިއެވެ.

"ދޮންބޭ! ނާދެވެންޏާ ވެސް ބުނެބަލަ!...މިހާރު ކިހާ އިރެއް ތައްޔާރުވެގެން ހުންނަތާ!" ޝިފާން ފޯނު ނެގުމާ އެކު ޝީބާ ޝަކުވާކުރަން ފެށިއެވެ. 

"އޯހް! ސޮރީ....ޓްރެފިކްގަ ޖެހުނީ.....މިހާރު މިދަނީ" ޝީބާ އިންތިޒާރުގައި ހުރިކަން ހަނދާންވެ ޝިފާން ކަންބޮޑުވެފައި ބުންޏެވެ. ރައްޓެހި ކުއްޖެއްގެ ޕާޓީއަށް ދިއުމަށް ޓަކައި ޝީބާ ތައްޔާރުވެގެން ހުންނަތާ ކިތަންމެ އިރެކެވެ. ޝިފާން މިއަންނަނީއޭ ބުނި ފަހުން ވެސް އެތައް އިރެއް ވީއެވެ. ޝިފާން އަވަސް އަވަހަށް ގެޔާ ދިމާއަށް މިސްރާބު ޖެހިއިރު އޭނާގެ ހިތުގައި އަޒުމެއް ކަނޑައެޅިއެވެ. މިއަދު މިޝާގެ އެޑްރެސް ނުހޯދުނު ނަމަވެސް ވީއެންމެ އަވަހަކަށް އެ އެޑްރެސް ހޯދުމަށެވެ. ނަމަވެސް އޭނާގެ ހިތަށް އެންމެ އުނދަގޫވި ކަމަކީ އެކާރުގައި އިން މީހަކު ނޭނގުމުންނެވެ. އެއީ ކާކުކަން ހޯދުމަށް ވެސް އެވަގުތު އޭނާ ނިންމިއެވެ. މިޝާއާ ގުޅުން ހުރި ކޮންމެ މައުލޫމާތެއް އޭނާއަށް މުހިއްމެވެ.

އެދުވަހަށް ފަހު މަގުމަތިން މިޝާ ފެނޭތޯ ޝިފާންގެ ދެލޯ އަބަދުވެސް ހޯދައެވެ. މިޝްކާގެ ސުކޫލު ދޮށަށް ގޮސްގެން ވެސް ފެނޭތޯ ބަލައެވެ. ހަފްތާއެއް ވާންދެން މަސައްކަތް ކުރިއިރު ވެސް މިޝާ ފެންނަގޮތެއް ނުވިއެވެ. އަދި މިޝްކާ ބަލައި އިތުރު މީހަކު ވެސް އަންނާތީއެއް ނުފެނުނެވެ. ނަމަވެސް ޝިފާން އަދިވެސް އޭނާގެ މަސައްކަތް ހުއްޓައެއް ނުލައެވެ. އޭނާ ބޭނުން ނަމަ ބައްޕަ ގާތުގައި އަހައިގެން ނޫނީ ކޮއްކޮ ގާތުގައި އަހައިގެން ވެސް މިޝާގެ އެޑްރެސް އޭނާއަށް ހޯދިދާނެއެވެ. ނަމަވެސް އޭނާގެ އަމިއްލަ ކަމަކަށް އެއްވެސް މީހެއްގެ އެހީއެއް އޭނާ ބޭނުމެއް ނޫނެވެ. އޭނާއަށް އެކަން ވާނެއެވެ.

ރޭގަނޑުގެ ކެއުމަށް ތައްޔާރުވުމަށް މިޝާ އަތްމަތި އަވަސްކުރަމުން ދިޔައެވެ. މިޝްކާ ހޭލައިގެން ރޯން ފެށުމުގެ ކުރިން ކޮޓަރިއަށް ވަންނަން އޭނާ ބޭނުމެވެ. ދަރިފުޅު ބަލިވެ އުޅޭތީ މިޝާ ހުންނަނީ އަބަދުވެސް ކަންބޮޑުވެފައެވެ.
"އެމަންޖެ އަށް ބޭސްދީފަތަ އެއޮތީ؟" ކާކޮޓަރިއަށް ވަންނަމުން އަފްޒަލް އަހާލިއެވެ.

"ނޫނޭ... ނިދާފަ އޮތީމަ ހޭލައްވާ ނުލަންވެގެން މިހުރީ....އިރުކޮޅަކުން ހޭލާނެހެން ހީވަނީ....އޭރުން ބޭސްދޭނަން..." މޭޒުމަތީ ތަށިތައް އަތުރަމުން މިޝާ ޖަވާބުދިނެވެ. 

"ހޫމް....އެގޮތް ރަނގަޅުވާނީ...ނިދާފަ އޮއްވާ އުނދަގޫ ކުރާކަށް ނުވާނެ" އަފްޒަލް އައިސް މޭޒު ކައިރީ އިށީންނަމުން ބުނެލިއެވެ. މިޝާވެ ސް އަފްޒަލްގެ ގާތުގައި އިށީނެވެ.

"މިހާރު ހަފްތާއެއް ވީނު...އަދިވެސް ރަނގަޅެއް ނުވޭ..... ދެން އެހެން ޑަކްޓަރަކަށް ދައްކަންވީ ކަންނޭނގެ.....ކުޑަކުދިން އެހާ ގިނަ ދުވަހު ބަލިވެ އުޅުނީމަ ކިހާ ބަލިކަށިވާނެ...މިހާރު މީއްކޮ އެއްކޮށް ކުޑަވެއްޖެ...." މިޝާ ހުރީ ދަރިފުޅުގެ ހާލާ މެދު ނުހަނު ކަންބޮޑު ވެފައެވެ.

"އާނ.. މާދަމާ ތިކަމާ އުޅޭނަން.....ދެން އެކަމާ މާބޮޑަށް ނުވިސްނާ.... މިޝޫ ވެސް ރަނގަޅަށް ކައިގެން އަރާމުކޮށްލާ....އެހެންނޫނީ ބަލިވެދާނެ....." އަފްޒަމް މިޝާގެ ބުރަކަށީގައި ލޯބިން ފިރުމާލި އެވެ. މިޝާ އަދި ވެސް އިނީ ދެރަވެ، ކަންބޮޑު ވެފައެވެ.

"ހޫން ތިޔެއް ނޫނޭ.....މިހާރު މަންމި ވެސް މިޝީއަށް މީއްކޮ ކިޔަންފެށީތަ؟.. ބައްޕި ހީކުރީ ދޮންބެއާ އާންޓީއާ އެކަނި ކަމަށް އެހެން ކިޔަނީ..." މިޝާގެ މޫޑް އޮފްވެފައި ހުރުމުން އަފްޒަލް ސަމާސަ ކޮށްލި އެވެ. 

"އާނ.... ކުރިން ދުވަހު ވަރަށް ރުޅި އައިސްފަ ބުނީ.....މިޝީ ނުކިޔާ މީއްކޮ ކިޔާށޯ....މިޝީ ކިޔާނީ ބޮޑެތި ކުދިންނަށޯ....ސުކޫލުގަ އާންޓީ ގޮވަނީ މީއްކޮޔޯ.... ކޮއްކޮގެ ފުރެންޑްސް ވެސް ކިޔަނީ މީއްކޮޔޯ.....އަދި އެނގޭތަ ކުޑޫއަށް ފޯނު ކޮށްފަ ވެސް ބުނެފިއެއްނު އެހެން..... ކުޑޫ ގުޅާފަ އެހެންކިޔަ ކިޔާފަ ހެނީ...." މިޝާ މަޖާވެލާފައި މިޝްކާގެ ވާހަކަ އަފްޒަލް އަށް ކިޔައިދިން އިރު އޭނާގެ މޫޑު ވެސް ހަމަޔަކަށް އެޅިއްޖެ އެވެ. 

"އަސްލު އެނގޭތަ ކީއްވެގެންކަން އެހާވަރެއް ދައްކާލާފަ އެހުރީ.....އޭނަގެ ނަވީ ދޮންބެ އެހެން ކިޔާތީ، އޭނާ ބޭނުންވަނީ އެންމެން ވެސް އެހެން ކިޔަން... ދޮންބެ ދެކެ ފިސާރި ލޯބިވާ ކުއްޖެއް އެއީ" މިޝާ ހީލިއެވެ.

" ހޫމް... އެހެންނުވާނީ... ނަވީ ދޮންބެ އަކީ އޭނާގެ ފޭވަރިޓް ވިއްޔަ...." އަފްޒަލް ވެސް ހިނިތުންވެލިއެވެ.

****
އާސިމް އޭނާގެ އޮފީހުގެ ކެބިންގައި އިންއިރު އިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. އޭނާގެ ކުންފުނި ސީމާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އަކީ މާލޭގައި މިވަގުތު ހުރި ކޮންސްޓްރަކްޝަންގެ މަސައްކަތަށް އެންމެ މަޝްހޫރު އަދި އެންމެ ޤާބިލު ކަމަށް ގިނަބަޔަކު ގަބޫލުކުރާ ކުންފުންޏެވެ. ކަމަށް ޤާބިލް ތައުލީމީ ދިވެހި ޒުވާނުންނާއި އަވަށްޓެރި ޤައުމުތަކުގެ ހުނަރުވެރި ޒުވާނުން ވެސް އެކުންފުނީގައި މަސައްކަތް ކުރަމުންދެއެވެ. ކުންފުނި ވުޖޫދަށް އައީއްސުރެ މި ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި މާލޭގެ މަޝްހޫރު ބޮޑެތި އިމާރާތްތަކާއި އޮފީސްތަކުގެ އިތުރުން ރިޒޯޓް ތަކުގެ ގިނަ ޕްރޮޖެކްޓްސްތަކެއް ވަނީ އެކުންފުނީގެ ބެލުމުގެ ދަށުން ވަރަށް ފުރިހަމަކަމާ އެކީ ނިންމާފައެވެ. ކުންފުންޏަށް ލިބުނު ކުރިއެރުމާއި ކާމިޔާބީ ފާހަގަކުރުމަށް ކުންފުނީގެ އެކާވީސް ވަނަ އަހަރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަ ކުރަން އާސިމް ގަސްތުކުރެއެވެ. އެހަފްލާގައި ގިނަކަންތައް ތަކެއް ނިންމަން ވެސް އޭނާ ބޭނުމެވެ. ކުއްލިއަކަށް މޭޒުމަތީގައި ހުރި ފޯނު ރިންގްވުމުން އާސިމް ސިހިފައި ފޯނުގެ އަތްގަނޑު ނެގިއެވެ.

"ހެލޯ ސަރ.... މިހާރު މީޓިންގެ ހުރިހާ ކަމެއް ތައްޔާރުވެއްޖެ.....އެކެއް ޖަހާއިރު ބޯޑުގެ ހުރިހާ މެންބަރުން ވެސް ދުރުވާނެ" އާސިމް ފޯނު ނެގުމާ އެކު އެކޮޅުން ވާހަކަދެއްކިއެވެ.

"އޯކޭ....ތޭންކްސް ނަދީމް.... އަދި މީޓިންގްގެ ކުރިން ނަދީމް މިކޮޅަށް އައިސްދޭން ވާނެ....އެބަހުރި ނިންމަން ޖެހޭ ކަންތައްތަކެއް.." އާސިމް ނަދީމްއާ އިތުރު މަސައްކަތެއް ހަވާލުކުރިއެވެ. 

"އާދެ! ހަމަ ކުޑައިރުކޮޅެއްގެ ތެރޭގައި އަޅުގަނޑު އެބަދަން..." ނަދީމް ޖަވާބުދިނުމަށް ފަހު ފޯނު ބޭއްވިއެވެ. ނަދީމަކީ ކުންފުނީގެ ޗީފް އެޑްމިނިސްޓްރޭޓިވް އޮފިސަރ އެވެ. އާސިމް އެންމެ އިތުބާރުކުރާ މުއައްޒަފު ވެސް މެއެވެ. ހުނަރުވެރި ޤާބިލު ޒުވާނެކެވެ. ޝިފާން ވެސް އެފަދަ ޤާބިލް މީހަކަށް ހަދަން އާސިމް ބޭނުމެވެ. އާސިމްގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ޓަކަ އެވެ.

ދުނިޔޭގައި ކުރާނެ އެހެން ކަމެއް ނެތް މީހަކު ފަދައިން މަގުތަކުގައި ޝިފާން މުގޯލި އަޅާތާ ދެހަފްތާ ފަހުން އަނެއްކާ ވެސް މިޝާ ފެނުނީ ދަރިފުޅު ގޮވައިގެން ސުކޫލަށް ދަނިކޮށެވެ. ޝިފާން އަށް ބޭއިޚުތިޔާރުގައި ހިނިތުންވެލެވުނެވެ. ދަރިފުޅު ސުކޫލަށް ލުމަށް ފަހު މިޝާ އެނބުރި ގެޔަށް ދާން ހިނގައިގަތުމުން ޝިފާން ވެސް މިޝާގެ ފަހަތުން ދާން ފެށިއެވެ. މިއަދު މިޝާ އުޅޭ ތަނެއް ހޯދާފައި ނޫނީ އޭނާ ހުއްޓައެއް ނުލާނެ އެވެ. މިޝާ ފޯނުން ގަޑި ބަލައިލުމަށް ފަހު ހިނގުން ބާރުކޮށްލިއެވެ. އަފްޒަލް ކާން އަންނަންވާއިރަށް ކެއުން ތައްޔާރުކުރަން އޭނާ ބޭނުމެވެ. ބާރު ހިނގުމެއްގައި އައިސް ދޮރާށިން ވަތް މިޝާ ލައިގަތީ ގެއިން ނުކުންނަން އައި މީހެއްގެ ގައިގައެވެ. 

" އޯހ ސޮރީ!" ދެމީހުނަށްމެ އެއްފަހަރާ ބުނެވުނެވެ.

"އަނހާ! ނަވީ ދޮންބެދޯ!.....މިހާރު އަފޫ އަންނަންވާއިރަށް ކާންހަދަން ލަސްވާތީ މިދަނީ" އެޒުވާނާ އަށް ބަލައިލަމުން މިޝާ ބުންޏެވެ.

"އެހެންތަ؟.... އަވަހަށްދޭ!.... ކޮބާ މިހާރު މީއްކޮ ރަނގަޅުވީތަ؟..... ހޮސްޕިޓަލްގަ މާބުރަކޮށް އުޅުނީމަ ކޮކީގެ ހާލުވެސް ބަލައިނުލެވުނިއްޔޭ.." ނަވީން ދެރަވެލާފައި ބުންޏެވެ. 

"އާނ މިހާރު ރަނގަޅު....މިއައީ ސުކޫލަށް ލާފަ.....ދެން ޑަކްޓަރ ނަވީން އަވަހަށް ދުރުވޭ!... އެހެންނޫނީ ގަޑިޖެހިދާނެ..." ނަވީންގެ ކޮނޑުގައި ޖަހާލަމުން މިޝާ ހިނިތުންވެލިއެވެ. 

"އޯކޭ ބާއި.... މީއްކޮ ގާތު ބުނާތި ސުކޫލުން އައިސް ނުނިދާ މަޑުކުރައްޗޭ ނަވީދޮންބެ އަންނަންދެން...މިއަދު ދޮންބެގެ އޮފްޑޭއެއް... ހަމަ ހޮސްޕިޓަލަށް ޖެހިލާފަ އަންނާނަން....." ދޮރާށިން ނުކުންނަމުން ވެސް މިޝާއާ މުޚާތަބުކޮށް ނަވީން ބުންޏެވެ. އަދި ހިނިތުންވެލަމުން ގޮސް މަގުގެ އަނެއް ފަރާތުގައި އޮތް އޭނާގެ ކާރަށް އަރައި ސްޓާރޓް ކޮށްލިއެވެ. ނަވީންގެ ކާރު ގޮސް ނިވާ ވަންދެން ޝިފާން ބަލަން ހުއްޓެވެ. އޭރު އޭނާގެ ސިނކުޑި ވަނީ ސުވާލުން ފުރިފައެވެ. އެދެމީހުންގެ މެދުގައި ދެކެވުނު ވާހަކައެއް އަޑުނީވުނު ނަމަވެސް ދެމީހުންގެ މެދުގައި ގާތް ގުޅުމެއް އޮތްކަން ޝިފާން އަށް ޔަގީން ވިއެވެ.

"މިޝާ ކީއްވެ ނަވީންގެ ގެޔަށް ވަންނަންވީ؟....ނަވީންއާ މިޝާއާ އޮތީ ކޮންގުޅުމެއް؟....އަނެއްކާ މިޝާގެ ފިރިމީހާ އަކީ ނަވީންތަ؟ ދެން ފެރީން ފެނުނު ޒުވާނާ އަކީ ކާކު؟ އޯހް ގޯޑް..... މިޝާ އޭނާގެ ފިރިމީހާއާ ސިއްރުން ނަވީންއާ ގުޅުން ބާއްވަނީތަ؟.... ނޫނީ ނަވީންއާ މެރީކޮށްގެން ހުރެ އެޒުވާނާއާ ގުޅުން ބާއްވަނީ ކަމަށް ވެސް ވެދާނެ...." ޝިފާން ތަފާތު ގޮތް ގޮތަށް މިޝާއާ މެދު ވިސްނަމުން ދިޔައިރު އޭނާގެ މާޒީގެ ބައެއް ހަނދާންތަކުން އެހިތަށް ތަދުވެސް ވިއެވެ. މިއަދު ނަވީން އާއި ޝިފާންގެ އެއްވެސް ގުޅުމެއް ނެތް ނަމަވެސް އެއީ އެއް ދުވަސްވަރެއްގައި އެންމެ ގާތް ދެ އެކުވެރިންނެވެ. ކުޑައިރުއްސުރެ ފުރާވަރުގެ އުމުރާ ހަމައަށް ވެސް އޭނާއަށް ދިމާވި ކޮންމެ ހިތާމައަކާއި އުފަލެއްގެ ބައިވެރިޔާ އެވެ. ނަމަވެސް އެދުވަސް ފާއިތުވެ ހިނގައްޖެއެވެ. މިއަދު އޭނާގެ ގާތް އެކުވެރިޔަކު ނެތެވެ. ހިތާމަތައް ހިއްސާކުރާނެ ބައިވެރިއެއް ވެސް ނެތެވެ. އެހުރިހާ އެއްޗެއް އޭނާގެ އަތުން ފޭރިގަތީ މިޝާ އެވެ. 

މިއަދު މިޝާ އެއުޅެނީ އެހުރިހާ ކަމެއް ހަނދާން ނައްތާލާފައި ކިހާ އުފަލުގައި ހެއްޔެވެ؟ މާޔޫސް ކަމާއި އެކަނިވެރިކަމުގައި ވަގުތު ހޭދަ މިކުރަނީ އޭނާއެވެ. އެހެން އެކަން ވެގެން ނުވާނެ އެވެ. އޭނާއަށް މިޝާ ދިން ކޮންމެ ހިތިކަމެއްގެ ބަދަލު އޭނާ ހިފާނެ އެވެ. ޝިފާން ދަތްކުނޑިވިކާލާފައި ސައިކަލުގެ ސްޕީޑް ބާރު ކޮށްލިއެވެ.

އަފްޒަލް މިސްކިތަށް ގޮސް މެންދުރު ނަމާދުކޮށްގެން ބުރޭކަށް ގެޔަށް އައިއިރު މިޝާ ހުރީ ކާން ތައްޔާރުކޮށްގެން އަފްޒަލްގެ އިންތިޒާރުގަ އެވެ.

"ސޮރީ މިޝޫ....މިއަދު ވެސް މީއްކޮބަލާ ނުދެވޭނެ....މިދުވަސްކޮޅު މިއުޅެނީ ވަރަށް ބިޒީކޮށް....އިންޓަވިއުތަކެއް ކުރިޔަށް ދާތީ އެކަމުގަ މިއުޅެނީ...." އަފްޒަލް މޭޒު ކައިރީ އިށީނދެ ހަމަޖެހިލި އެވެ. 

"އެނގޭ ވަރަށް ބިޒީކޮށްކަން ތިއުޅެނީ....އެކަމު މިއަދު ވެސް އޭނަ ޝަކުވާކުރި ބައްޕި ނާންނާތީ....އޭނާ ބޭނުންވަނީ ސައިކްގަ ދާން....ކާރަކަށް އަރަން ބުނީމަ ވެސް ނޭރި....ނަވީންގެ ކާރު ނޫން ކާރަކަށް ވެސް އަރާކަށް ބޭނުމެއް ނުވާނެ....ވަރެއްގެ ކުއްޖެއް އެއީ" މިޝާ ހިނި އައިސް ހުރެ ކިޔައިދިނެވެ.

ދެމީހުން އެކި އެކި ވާހަކައިގައި ތިބެ ކައި ނިމުނުއިރު މިޝްކާ ބަލައިދާ ގަޑި ކައިރި ވެއްޖެއެވެ. އަފްޒަލް އުޅުނީ މިޝާ ސުކޫލު ދޮށަށް ލައިފައި އޮފީހަށް ދާން ކަމަށެވެ. ނަމަވެސް އޮފީހުން ގުޅާފައި އަވަހަށް އަންނަން ބުނުމުން އަފްޒަލް މިޝާއަށް ސޮރީއޭ ބުނެފައި އަވަހަށް ގެއިން ނުކުތެވެ. މިޝާ ކުޑަ ގޮތަކަށް ތައްޔާރުވެގެން ސުކޫލަށް ދާން ނުކުތެވެ. ފަޔަށް ލެވުނުހައި ބާރެއް ލާފައި މިޝާ ހިނގަމުން ދިޔައީ ގަޑި ޖެހުމުގެ ކުރިން ދެވޭތޯ އެވެ. ނަމަވެސް މިޝާ އަށް ދެވުނު އިރު ގިނަ ބެލެނިވެރިން ދަރިން ގޮވައިގެން ހިނގައްޖެ އެވެ. މިޝާ އަވަސް އަވަހަށް މިޝްކާގެ ކުލާސް ކައިރިއަށް ދިޔައެވެ.

"މީއްކޮ ހިނގައްޖެ..." މިޝާ ފެނުމާ އެކު އާންޓީ ބުންޏެވެ.

"އޭނ! މީއްކޮ ދިޔައްޔޭ.....ކާކާ އެކީ.؟" މިޝާ ކަންބޮޑުވެފައި ސުވާލު ކޮށްލީ އަފްޒަލް މިޝާ ބަލައި ނާންނާނެކަން އެނގޭތީ އެވެ.

"ބުނީ މީއްކޮގެ ދޮންބެއޭ....އިސްކޮޅުން ދިގުކޮށް، ފަން އިސްތަށިގަނޑެއް ލާފައި ހުރި ދޮންމީހެއް.." އާންޓީ އެމީހާގެ ސިފަ ކިޔާލުމާ އެކު މިޝާގެ މެޔަށް ގޮތެއް ވިއެވެ. އެއީ ގައިމު ވެސް ނަވީންގެ ސިފައެއް ނޫނެވެ. ނަވީންގެ އިސްތަށިގަނޑު ފަނެއް ނުވާނެއެވެ.

"ޝިފާން!" މިޝާއަށް މަޑުމަޑުން ކިޔާލެވުނެވެ. ކަންބޮޑުވެ، ހާސްވެގެން އިސާހިތަކު ދާވެސް ހިއްލައިފިއެވެ.

"އަނެއްކާ މީއްކޮގެ ދޮންބެއެއް ހުރޭތަ؟.... އޮޅުވާލައިގެން މީއްކޮ ގެންދިޔައީކީ ނޫންތަ؟.. ޔާރައްބީ!" މިޝާ ހާސްވެފައި ހުރުމުން އާންޓީ ވެސް ވަރަށް ކަންބޮޑުވިއެވެ.

"ނޫނޭ....އެއީ ހަމަ އޭނަގެ ދޮންބެ.....ވަރަށް ފަހުން މާލެ އައީ....އެކަމު އޭނާއަށް މިޝްކާ ހޯދަން އަންނަން އެނގުނީމަ މި ހައިރާންވީ...." މިޝާ ހިނިތުންވެލަމުން ހަމަޖެހޭ ގޮތް ދެއްކިނަމަވެސް އޭނާގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. 

އެންމެފަހުން އޭނާ ބިރުން އުޅުނު ކަންތައް ލައިގަތީއެވެ. ޝިފާންގެ އުނދަގޫ ޖެހުނީއެވެ. ސުކޫލުން ނުކުމެގެން ތަންކޮޅަކަށް ނުދެވެނީސް މިޝާގެ ފޯން ރިންގު ވިއެވެ. ގުޅަނީ ނުދަންނަ ނަމްބަރަކުންނެވެ. 

" ހެލޯ" މިޝާ ބިރުން ހުރެ ފޯނު ނެގިއެވެ.

"ހެލޯ މަންމީ!... މީ މީއްކޮއޭ.... މަންމީ އަޅުގަނޑު މިއިނީ މާމަގޭގަ ހުންނަ ދޮންބެގެ ސިޓިންރޫމުގަ.... ކާޓޫން ބަލަނީ.... ދޮންބެ ބުނީ މަންމަ ކައިރީ ބުނާށޭ އަންނާށޭ މިގެޔަށް..." މިޝްކާ އުފާވެފައި ވާހަކަދެއްކިއެވެ.

"އާނ ދަރިފުޅާ މަންމަ މިދަނީ" އެހެން ގޮތެއް ނެތްކަން އެނގުމުން މިޝާ ބުނެލިއެވެ.

ޝިފާން ހެވިފައި މިޝްކާގެ މޫނަށް ބަލަން އިނެވެ. މިޝާއަށް މިވަގުތު ކުރާނޭ އަސަރު ޝިފާން އަށް އަންދާޒާ ކުރެވެއެވެ. ޝިފާންގެ ބޭނުމަކީ މިޝާ އަމިއްލަ އަށް އޭނާގެ ކުރިމައްޗަށް އައުމެވެ. އޭނާގެ މުށުތެރޭގައި ހައްޔަރުވުމެވެ. މިޝާ ކާރަކަށް އަރައިގެން ސިޓީހައުސް އަށް ދާން ބުނެލިއިރު ހިތުގައި ބިރުވެރިކަމާ އެއްވަރަށް ރުޅިވެރިކަން ވެސް ހިނގައެވެ. އިރެއްގައި ޝިފާން ބޭނުންހައި ގޮތެއް އޭނާއަށް ހެދުނު ނަމަވެސް އަބަދަކު ނުހެދޭނެ އެވެ. މިޝާ ފޯނުނަގައި ނަމްބަރަކަށް ޑައަލްކޮށްލިއެވެ. 

"ކީކޭ ދޮންތީ؟" ފޯނު ނެގުމާ އެކު އިޝާ އަހާލިއެވެ.

"ކުޑޫ! ދޮންތައަށް ކަމެއް ކޮށްދީބަލަ!....މީއްކޮ ވެއްޖެ ދޮންބެގެ ބައިގަ.... އޭނަ ތިރިޔަށް ބާލަދީބަ.... ދޮންތަ މިދަނީ ކާރެއްގަ ތިގެޔަށް.... ކޮއްކޮ ގޮވައިގެން ވަރަށް އަވަހަށް ތަނަކަށް ދާންޖެހިގެން މިއުޅެނީ...... ދޮންބެ ކުޑަކަމެއްގަ އުޅޭތީ ނުފޭބޭނޭ ބުނީ..." މިޝާ ވާހަކައެއް ހަދައިލިއެވެ.

އިޝާ ކުޑަކޮށް ހައިރާންވެ ހުރެ މައްޗަށް އެރިއެވެ. އެއްވެސް މީހަކަށް ނޭނގި ދޮންބެ މިޝްކާ ގޮވައިގެން އައީތީ އޭނާ ހުރީ ބުނާނެ އެއްޗެއް ވެސް ނޭނގިފަ އެވެ. ދޮންބެ އާއި ދޮންތައާ ވާހަކަ ދައްކަން ފެށީ ކޮންއިރަކު ބާއޭ އޭނާގެ ހިތަށް އެރިއެވެ. 

ބޭރުން ބެލް އަޅާލި އަޑު އިވުމާ އެކީ ޝިފާން އުފަލުން ހުރެ ދޮރުހުޅުވީ މިޝާ ކަމަށް ހީކޮށްފަ އެވެ. ނަމަވެސް ދޮރުމަތީގައި ހުރި އިޝާ ފެނުމުން ޝިފާންގެ މޫނުގެ ކުލަ އޮއްސުނެވެ. 

"ދޮންބޭ.... ކޮބާ މީއްކޮ!... ދޮންތަބުނެގެން މީއްކޮ ބަލާ މިއައީ..." އިޝާ ސާފުކޮށް އޭނާ އައި މަޤުސަދު ބުނެދިނެވެ.

ޝިފާންގެ މޫޑު ގޯސްވީ ނަމަވެސް ހިނިތުން ވެލަމުން އޯކޭއޭ ބުނެ އިޝާ ވަންނަން ތަންދިނެވެ. ޝިފާން ހީކުރި ވަރަށްވުރެ މިޝާގެ ބޯ ރަނގަޅުތާ އެވެ. ކާރު ގޮސް ސިޓީހައުސް ކައިރިއަށް މަޑުކޮށްލި އިރު ކޮއްކޮ ހުރީ މިޝްކާ ގޮވައިގެން ތިރިޔަށް ފައިބައެވެ. މިޝާގެ ހިތަށް ފިނިކަމެއް ލިބުނީ ދެނެވެ. މިޝާ އޭނާގެ ދަރިފުޅު ގޮވައިގެން ކާރުގައި ދިޔަ މަންޒަރު ބަލަން ޓެރެސް މަތީގައި ޝިފާން ހުރީ ރުޅިގަދަ ވެފައެވެ. އޭނަގެ ޕްލޭން ފެއިލް ވީތީ އެވެ. މިފަހަރު މިޝާ އޭނާގެ އަތްދަށުން އެހާ ފަސޭހައިން ސަލާމަތްވި ނަމަވެސް އަބަދަކު މިޝާ އަކަށް އެހެނެއް ނޫޅެވޭނެ އެވެ. ދެން އޭނާ ޖަހާ މަޅި އެއަށް ވުރެ ވަރުގަދަ ވާނެއެވެ. 

ކޮމެންޓް 0