" ދަރިފުޅާ! މަންމަގެ ދޫނީ!"މީޒާއަށް މިޝާއޮތް ހާލުފެނިފައި ވަގުތުން ރޮވުނެވެ. މިޝާވެސް މަންމަގެ ގައިގާ އޮޅުލަ އޮޅުލާފައި އެތައް އިރަކު ރުޔެވެ. މީޒާ މިޝާއަށް ކާންދިނުމަށްފަހު، ބޭސް ގެނެސް ބޭސްވެސް ދިނެވެ. 

" ދޫނީ! މަންމައަށް މާފުކުރޭ!.....ދެން މަންމައަކަށް ދޫނިއާއެކު ނިދާކަށް ނާދެވޭނެ....ދޫނިތީ މަންމަގެ ޕްރިންސެސް އެއްނު....ޕްރިންސެސް ވަރަށް ހިތްވަރުގަދަވާނެ....އަމިއްލަ ހުރިހާކަމެއް ކުރަން ދަސްކުރަންވާނެ....މީހަކު ނުބުންޏަސް އަމިއްލައަށް ކަންތައްތައް ކުރަންޖެހޭނެ.....އަބަދު މަންމަގެ އަތަކުން ނުކެވޭނެ...މިގޭގަ އުޅެވޭނީ މިގޭމީހުން ބުނާގޮތެއް ހަދައިގެން.....އެހެންވީމަ މަންމަ ބުނާބަސް އަހައިގެން އުޅެންވާނީ" މީޒާ ވަރަށް ލޯބިން ދަރިފުޅަށް ވިސްނައިދިނެވެ.

" މަންމީ! ކޮބާތަ ޑެޑީ؟....ކީއްވެތަ ޑެޑީ ނާންނަނީ އަޅުގަނޑުބަލާ!...އަޅުގަނޑު ނުވޭ މިގޭގަ އުޅޭހިތެއް....ވަރަށް ގޯސްބޭބެއެއް މިގޭގަ އުޅެނީ.....އެބޭބެ މަންމިވެސް ރޮއްވައެއްނު.....މަންމީ އަޅުގަނޑުމެންގެ ގެޔަށް ދާން ހިނގާ....މިގެޔަކު ނޫޅޭނަން.." މިޝާ ރޮއެރޮއެފައި ބޮޑާހާކަން ފެށުމުން އަނެއްކާވެސް މީޒާއަށް ރޮވުނެވެ. އޭނާގެ މަޖުބޫރީ ހާލަތަކު ދަރިފުޅަށް ބުނެދެވޭނެ ނަމައެވެ. ދެން ދުވަހަކުވެސް ދަރިފުޅުގެ ބައްޕަ ނާންނާނެ ސަބަބު ބުނެދެވޭނެ ނަމައެވެ. ނަމަވެސް އޭނާއަށް ރުއިން ފިޔަވައި އިތުރުކަމެއް ނުކުރެވުނެވެ. މީޒާ އެތައް ނަސޭހަތެއްދީ އެތައް ގޮތަކުން މިޝާއަށް ވިސްނަދިނެވެ. އެދެމައިން މުސްތަޤުބަލްގައި ދިރިއުޅެން ޖެހޭނީ އެގޭގައިކަން އަންގަދިނެވެ. 

ނަފްރަތާއި ރުޅިވެރިކަމާއި ހިތާމަކީ ދުނިޔޭގައި ލައްވާފައިވާ އިހުސާސް ތަކެއްކަންވެސް މިޝާއަށް އެނގެންފެށީ ސިޓީހައުސްއަށް އައިފަހުންނެވެ. އާސިމް މިޝާއާމެދު ކަންތައް ކުރަމުން ދިޔައީ ނުހަނު އިހާނެތިކޮންނެވެ. ރުހުމުގައި ބަހެއް ނުބުނާއިރު ފެންނަ ހިސާބަށް އަޔަސް ރުޅިއާދެއެވެ. އާސިމްގެ މަންމައާއި ބައްޕަވެސް މިޝާދެކެ ރުޅިއާދެއެވެ. އެމީހުން ފެންނަ ހިސާބަށް ދިއުންވެސް މިޝާއަށް އޮންނަނީ މަނާކޮށްފައެވެ. އާސިމްގެ ދެދަރިންވެސް ހަމައެފަދައެވެ. ހަމަ މިޝާ ފެންނަނިކޮށް ކަމަކާނުލާވެސް ކޮއްޕާ ވައްޓާލައެވެ. ނޫނީ ވިކާލައި ބޮލަށްދަމާލުންފަދަ ކަމެއްކޮށްލާފައި ރޮއްވާލައެވެ. ކޮންމެ ދުވަހަކު އެތައް ފަހަރަކު މިޝާއަށް ޝިފާންގެ ފަރާތުން ކުދިއަނިޔާތައް ލިބެމުންދެއެވެ. މިމަންޒަރުތައްފެނި ކިތަންމެ ދެރަވީ ނަމަވެސް މީޒާއަށް ބަހެއްވެސް ބުނާކަށް ނުކެރެއެވެ. އެންމެން ދިއުމުން ރޮއެފައި މިޝާގެ ގާތުން މާފަށްއެދި އެމީހުނާއި ދުރުގައި އުޅުމަށް ނަސޭހަތްތެރިވެއެވެ. މިޝާ ހުންނަނީ އަބަދުވެސް އާސިމް ނޫނީ ޝިފާން ފެނިދާނެތީ ސިހިސިހިއެވެ.

އެނދުގައި އޮށޯވެލައިގެން އޮތް މީޒާއޮތީ ފުންޚިޔާލެއްގައެވެ. އޭނާގެ ދިރިއުޅުން ކުއްލިއަކަށް ބަދަލުވީގޮތް ގަބޫލުކުރަން އަދިވެސް އޭނާއަށް ދައްޗެވެ. މީގެ ދޮޅު އަހަރުކުރިން ސަމާހުއާއެކީ އުޅުނީ ކިހާ އުފާވެރި ދިރިއުޅުމެއް ހެއްޔެވެ؟ އޭނާގެ ދަރިފުޅާއި އޭނާއަށް ދުނިޔޭގެ ހުރިހާ އުފަލެއް ލިބުނު ކަމުގައި އޭނާ ގަބޫލުކުރިއެވެ. ނަމަވެސް އޭނާގެ ޙަޔާތަށް ތޫފާނެއް މިއައީ އޭނާހީވެސް ނުކުރާފަދަ ގޮތަކަށެވެ. އާސިމްގެ ނުބައިކަން އޭނާގެ ދިރިއުޅުމަށް ވިހަލީއެވެ. އޭނާ ދުވަހަކުވެސް އާސިމްއަށް މާފެއް ނުކުރާނެއެވެ. މީޒާ ކުއްލިއަކަށް ސިހުނީ މީހަކު އޭނާގެ ގައިގާ އަތްލުމުންނެވެ.

" އައްދެ ހާދަވަރަކަށް ތިސިހުނީ.... ބިރެއްފެނުނީތަ؟.... އާ އެހެންނުންވާނީ މިހާރުވެސް އެސަމާހުގެ މަތިން ކަންނޭނގެ އެހަނދާންކުރަނީ.... ބުނެބަލަ އަހަރެން އޭނަޔަށްވުރެ ހުތުރީތަ؟ އޭނ!" ރުޅިއައިސްފައި އާސިމް މީޒާގެ މައްޗަށް ޖެހިގަތެވެ. މީޒާދެލޯމަރާ ބާރުކޮށްލަމުން އާސިމްއާ ދުރަށް މޫނު އަނބުރާލިއެވެ.
" މިކޮޅު ބަލާބަލަ! އަހަރެންނާދިމާ ބަލާބަލަ!... ހަމައެހާ ހުތުރީތަ؟.... ތި ސަމާހު ކޮށްދިން ކޮންމެކަމެއް އަހަރެންނަށްވެސް ކޮށްދެވޭނެ..... އަހަރެންނަކީވެސް ފިރިހެނެކޭ..... އަހަރެންވެސް މީޒާދެކެ ލޯބިވެޔޭ... އޭނާއަށްވުރެ މާބޮޑަށް އަހަރެން ލޯބިވޭ..... ޕްލީޒް...ގަބޫލުކުރޭ!" އާސިމް މަޑުން ވާހަކަ ދެއްކިނަމަވެސް އޭނާގެ އަޑުގައިވަނީ ހަރުކަށިކަމާއި ބޮޑާކަމެވެ. އާސިމް މީޒާގެ ހަށިގަނޑުގައި ބީހެމުންދިޔައިރު، މީޒާ ހަރަކާތެއްވެސް ކޮށްނުލައި އެއޮތް ގޮތަށް އޮތީއެވެ. އޭނާއަށް ވެގެންވާނަމަ އާސިމް އޭނާގެ ގައިގާ އިނގިލިކުރިވެސް ޖައްސާލިޔަ ނުދޭނެއެވެ. އެހާވެސް އޭނަ އާސިމްއަށް ނަފްރަތު ކުރެއެވެ. އާސިމްއަށް ޝަރުޢީގޮތުން މީޒާގެ ހަށިގަނޑު މިލްކު ކުރެވުނު ނަމަވެސް މީޒާގެ ހިތްވަނީ އަދިވެސް ސަމާހުއާއި ގުޅިފައެވެ. މީޒާގެ ފަރާތުން ރުހުމުގައި އެއްވެސް އުފަލެއް ނުލިބޭނެކަން ޚުދު އާސިމްވެސް ދަނެއެވެ. ލޯބިން ނުވިއްޔާ ގަދަކަމުންވެސް އޭނާއުފާ ހޯދާނެއެވެ. މީޒާއަށް ޖެހޭނީ ރޯލަ ރޯލާވެސް އޭނާގެ އަތުތެރޭގައި އޮންނާށެވެ. އޭނާ މީޒާދެކެ ލޯބިވިޔަސް އެނޫން ގޮތެއް އޭނާއަކަށް ނެތެވެ. ގިނަ ރޭރޭ އާސިމް ނިދާއިރު މީޒާ އޮންނަނީ އޭނާގެ ނިކަމެތިކަމާމެދު ކަރުނަ އޮއްސާށެވެ.

ސިޓީހައުސްއަށް އައިތާ ގިނަދުވަސްތަކެއް ނުވެ މީޒާ އާސިމްގެ ދަރިޔަކަށް ބަލިވެއިނެވެ. އެކަން އެނގުމުން އާސިމް ވަރަށް އުފާވިއެވެ. ހީވީ ޒަމާނުއްސުރެ އޭނާކުރަމުން އައި އުއްމީދެއް ފުރިހަމަ ވީހެންނެވެ. ނަމަވެސް މީޒާގެ ހިތުގައި އުފާވެރިކަމުގެ ވިންދެއް ނުޖަހައެވެ. އޭނާގެ ލޯބިވާ ދަރިފުޅު އެހާލުގައި އުޅެނިކޮށް އިތުރު ދަރިއަކު ލިބުނޭ ކިޔާފައި އޭނާއަށް އުފާވެވޭނެ ހެއްޔެވެ؟ 

" އަހަރެން މިއަދު ވަރަށް އުފާވެއްޖެ..... ތޭންކްސް މައި ޑާރލިންގް" އާސިމް މާބޮނޑިއެއް ހިފައިގެން އައިސް މީޒާއަށް ދިއްކޮށްލަމުން އޭނަ އުފާވެފައި ހުރިމިންވަރު އަންގާލިއެވެ. މީޒާ އަނގައިންވެސް ނުބުނެ، މާބޮނޑީގައިވެސް އަތްނުލައި އެއިން ގޮތަށް އިނެވެ.
" ކިހިނެއްވީ؟ މާބޮނޑި ރީތިނޫނީތަ؟.... އޯކޭ މީގަ ނުހިފިޔަސް ވާހަކަދައްކަބަލަ!....އުފަލެއްނުވޭތަ އަހަރެމެންނަށް ދަރިޔަކު ލިބޭތީ..." އެނދުމަތީގައި އިށީނދެ މީޒާގެ އަތުގައި ހިފާލަމުން އާސިމް އަހާލިއެވެ.
" އަހަރެން ކޮންކަމަކާތަ އުފާވާންވީ؟...އަހަރެންގެ ދޮށީދަރިފުޅު އެހާލުގަ އުޅެނިކޮށް އަހަރެންވީ އުފާފާޅުކުރަންތަ؟...." މީޒާ ނުރުހިފައި ބުންޏެވެ. އާސިމް ވަގުތުން މޫޑް ގޯސްވިއެވެ.
" މީޒާއަށް ވިސްނެނީ ހަމައެކަނި ސަމާހުއާ ގުޅުންހުރި ކަންތައް އެކަނިތަ؟....ބަލަ މީޒާގެ ބަނޑުގަތިއޮތް ދަރިފުޅު އަހަރެންނަށް މާމުހިއްމޭ.....އެހެން ނޫނަސް އަހަރެންނެއްނު ސަމާހުގެ ދަރިފުޅުވެސް މިބަލަނީ....އޭނާއަށް ކޮންކަމެއްތަ އުނިވަނީ؟...ކާންބޯން ލިބޭ..އަންނައުނު ލިބޭ....ސުކޫލަށްބޭނުންވާ ހުރިހާ އެއްޗެއްވެސް މިހޯދަދެނީ މަށެއްނޫންތަ؟..ގައިމުވެސް އޭނަގެ ބައްޕައެއް ނޫނީ އެއާއިލާ މީހަކު އޭނައަށް ލޯލާރިއެއްވެސް ޚަރަދުނުކުރޭ؟...މީޒާ ކިތަންމެ ރުޅިއަޔަސް އަހަރެންގެ ދަރިންނާ އޭނަ ހަމަހަމައެއް ނުކުރެވޭނެ....އެކަން ރަނގަޅަށް މީޒާއަށް އެނގޭނެ...އަހަރެންގެ ދަރިން ކައިފަ ބާކީހުރިއްޔާ އޭނައަށް ކެވޭނީ...ލައިފަ ބާވާ އަންނައުނު އޭނައަށް ލެވޭނީވެސް...އެމީހެއްގެ ފެންވަރުގަ އުޅެން އެމީހަކަށްވެސް އެނގެން ޖެހޭނެ....އެގޮތަށް އުޅެވެންވެސް ޖެހޭނެ....އަހަރެން ގެންގުޅޭ ގޮތާމެދު ހިތްހަމަ ނުޖެހެންޏާ އޭނަގެ ބައްޕަގެ އާއިލާއާ ހަވާލުކުރޭ....ނޫނީ މީޒާގެ އާއިލާމީހުން ގާތަށް ފޮނުވާލާ....އޭރުން އެކަން އެނިމުނީނު....އެހެނޭ ކިޔާފަ މީޒާފެ ބަނޑުގަ ތިއޮތް ދަރިފުޅަށް އިހުމާލު ވެއްޖެނަމަ މިފަހަރު އަހަރެން މަޑަކުން ނުހުންނާނަން..." އިންޒާރެއް ދިނުމަށްފަހު އާސިމް ނުކުމެގެން ދިޔައެވެ.

މަންމައަށް އިތުރު ކުއްޖަކު ލިބެން އުޅޭތީ މިޝާ ވަރަށް އުފާވިއެވެ. ނަމަވެސް މަންމަ އޭނާއަށްވުރެ ބޮޑަށް ކޮއްކޮދެކެ ލޯބިވެދާނެތީ ދެރަވެސްވިއެވެ. އޭރުން އޭނާ މިއަށްވުރެވެސް އެކަނިވާނެކަން އޭނާއަށް ވިސްނެއެވެ.ބޮޑުވަމުން ދިޔަވަރަކަށް މިޝާއަށް ތަންދޮރު އޮޅުން ފިލަމުން ދިޔައެވެ. އާސިމް އޭނައަށް ނަފްރަތު ކުރަނީ ދޮންދަރިއަކަށް ވީމަ ކަމުގައި އޭނާ ގަބޫލުކުރިއެވެ. ޝިފާންއާއި ޝީބާވެސް އެގޮތަށް ކަންތައް ކުރަނީ ހަމައެހެންވެގެން ނެވެ. މިޝާގެ އެކަނިވެރި ދިރިއުޅުމަށް ކުޑަނަމަވެސް އުފަލެއް ލިބުނީ އިޝާ އުފަންވުމުންނެވެ. އާސިމްއަށް ސިއްރުން މިޝާއަށް ކޮއްކޮ އުރާލަން މަންމަދެއެވެ. ނަމަވެސް އެކަންވެސް ދެމިއޮތީ ދުވަސް ކޮޅަކުއެވެ. 

" އަހަރެންނާ ސިއްރުންވެސް މީޒާ މިހާރު ކަންތައްތައް ކުރަނީތަ؟....މީ އަހަރެންގެ ދަރިއެއް، އަހަރެންނަށް ނޭނގި ކޮންމެ ކޮންމެ މީހަކު އަތަށް އުރަން ދޭކަށް ނުޖެހޭނެ...އަޑުއިވިއްޖެތަ؟..." އާސިމް އަމުރުކޮށްލިއެވެ.
" އެކަމު މިއީ އަހަރެންގެ ވެސް ދަރިއެއް....މިޝާއަށްވެސް މިކުއްޖާ އުރުމުގެ ހައްޤު އޮންނަން ޖެހޭނެ.." މީޒާވެސް ވަކާލާތުކުރިއެވެ.
" މިހާރު އަހަރެންގެ ކުރިމަތީ ޒުވާބުވެސް ކުރަންފެށީތަ؟...ހީނުކުރާތި ސަމާހު ފިޑިވެ ދަށުވެފަ ހުއްޓަސް އަހަރެން ހުންނާނޭ....މީގެފަހުން އަހަރެންނާ އިދިކޮޅަށް އެންމެ ބަހެއްވެސް ބުނެގެން ނުވާނެ..." މީޒާގެ ކޮލުގައިހިފާ ފިތާލަމުން އާސިމް އިންޒާރެއްދިނެވެ. ދަތްތައް ކޮލުގެ ތެރެއަށްވަދެ ލޭރަހަލީއިރުވެސް އާސިމް ދޫނުކުރިއެވެ. އެވަގުތު ކޮލަށްވީތަދަށްވުރެ އޭނާގެ ހިތަށްވީތަދު މާބޮޑެވެ. ސަމާހުއާއެކު ދިހައަހަރު އުޅުނުއިރުވެސް ދުވަހަކުވެސް ސަމާހުގެ ފަރާތުން ކުޑަނަމަވެސް އަނިޔާއެއް އޭނާއަކަށް ނުލިބެއެވެ. ނުރުހުންވެގެން ބަހެއްބުނެލިނަމަވެސް އަނިޔާކުރުމުގެ ނިޔަތުގައި ދުވަހަކުވެސް ގައިގަ އަތެއްނުލައެވެ. މީޒާގެ ހިތުގައި ޖެހި ގިސްލަ ގިސްލާފައިރޯން ފެށުމުން އާސިމް ޗޮކެއްކަނޑާލާފައި ދޫކޮށްލިއެވެ.

މީޒާގެ މަޖުބޫރު ދިރިއުޅުން މަޑުމަޑުން މިޝާއަށްވެސް ވިސްނެމުން ދިޔައެވެ. މަންމައަށް ދޮންބައްޕަގެ ފަރާތުން އަނިޔާލިބޭކަންވެސް މިޝާއަށް އެނގެއެވެ. މިޝާވެސް ދޮންބައްޕަ ބުނާގޮތަށް ނުހަދާނަމަ އަނިޔާ ލިބޭނެކަން އެނގޭތީ އޭނާ އުޅުނީ ވީހާވެސް ރަނގަޅަށް ދޮންބައްޕަގެ ރުހުން ލިބޭނެ ގޮތްގޮތަށެވެ. ދޮންބައްޕަ ގޭގައި އުޅޭނަމަ ފެންނަ ހިސާބަކަށް އޭނާ ނުދެއެވެ. ކޮއްކޮ ވިހެއުމާއި ގުޅިގެން މަންމައަށް އުޅެން ޖެހުނީ ވަރަށް އަވަދިނެތިއެވެ. އެހެންކަމުން މަންމައަށް ފަސޭހަކޮށްދޭން މިޝާވެސް ގޭތެރެއާއި ބަދިގޭގެ ކަންކަން ދަސްކުރިއެވެ. އުމުރުން އެންމެ ދިހަ އަހަރުގައި ކައްކާ ކާންހަދައި އެއްޗެހިދޮވެ އިސްތިރިކުރުންފަދަ ހުރިހާ ކަމެއް އޭނާ ދަސްކުރިއެވެ. އެކަމުގެ ސަބަބުން މަންމައަށް ފަސޭހަވީތީ މިޝާއަށް ހިތްހަމަޖެހުންވެސް ލިބުނެވެ. 

ފުރާވަރަށް އެޅުނުއިރު ނޭނގިނަމަވެސް އޭނާވަނީ އެގޭގެ ނޯކަރަށް ބަދަލުވެފައެވެ. މަންމަ އުޅެނީ ކޮއްކޮގެ ކަންތައްތަކާއި އަވަތިނެތިއެވެ. ކިޔަވަންދަމުން ގޭތެރޭގެ މަސައްކަތްތައް ކުރުންވީ އޭނާގެ ކިޔެވުމަށް އެޅުނު ހުރަހަކަށެވެ. ނަމަވެސް ހިތްވަރުކޮށްފައި ކިޔެވުމާއިގެން ކުރިޔަށްދެވޭތޯ އޭނާބެލިއެވެ. ޝީބާއާއި ޝިފާން އުޅެނީ ކިޔެވުމުގެ ހަރުފަތުގެ އެންމެ އުހުގައެވެ. މަންމަ ދުނިޔޭގައި ނެތްނަމަވެސް ކާފައާއި މާމައާއި ބައްޕަގެ ލޯބިލިބިގެން ދެކުދިންވެސް އުޅެނީ ތަނަވަސް އުފާވެރި ދިރިއުޅުމެކެވެ. 

އަހަރުތައް ފާއިތުވަމުންދެއެވެ. މިޝާގެ ދިރިއުޅުމަށް އެޅުނު ކަޅުވިލާގަނޑު އަދިވެސް އެގޮތުގައި އޮތީއެވެ. އޭނާގެ ޙަޔާތުގެ ބަނަކަށް ދުވަހެއް ދުވަހަކަށް ދިޔައީ އިތުރުވަމުންނެވެ. ކުޑައިރު އޭނާއަށް އެކިއެކި ގޯނާކޮށް ޖެއްސުން ކުރީ ހަމައެކަނި ޝިފާންއާއި ޝީބާއާ ދެމީހުންނެވެ. ނަމަވެސް މިހާރު އެމީހުންގެ ރަހުމަތްތެރިންގެ ފަރާތުންވެސް މަލާމާތާއި ފުރައްސާރަ ލިބެމުންދެއެވެ. ޚާއްސަކޮށް ޝީބާގެ އެކުވެރިންގެ ފަރާތުންނެވެ. އެކަންތައްތަކަށް މިޝާ ކެތްކުރަމުން ދިޔައެވެ. އޭނާ ވީހާވެސް ބޮޑަށް އެމީހުނާއި ދުރުގައި އުޅެވޭތޯ ބަލައެވެ. ނަމަވެސް އެކިއެކި ކަންކަމުގައި ގިނަގިނައިން އެމީހުންގެ ގާތަށް މިޝާގެނެސް އޭނާއަށް މަލާމާތް ކުރުމަކީ ޝީބާއަށް ލިބޭ އުފަލެއް ކަހަލައެވެ. 

ހެނދުނުގެ ނާސްތާ ތައްޔާރުކުރަން ހުރިއިރު މިޝާ އިރުއިރުކޮޅުން ގަޑިބަލާލައެވެ. މިއަދު މިއީ މޮކްއެގްޒާމް ފެށޭ ދުވަހެވެ. އެހެންކަމުން ގަޑިނުޖެހި ސުކޫލަށްދާން އޭނާބޭނުމެވެ. ވޭތުވެދިޔަ ދެއަހަރެއްހައި ދުވަހު އެކިސަބަބުތަކާއިހުރެ އެތައްފަހަރަކު އޭނާވަނީ ސުކޫލަށް ގަޑިޖެހިފައެވެ. އެމައްސަލަ ބޮޑުވެގެން އެތައްފަހަރަކު އޭނާ އޮފީހަށް ގެންގޮސް ޕްރިންސިޕަލްވެސް ވަނީ ނަސޭހަތް ދެއްވާފައެވެ. އެންމެފަހުން މިޝާގެ މަންމަވެސް ސުކޫލަށް ހާޒިރުކޮށް އެކަމާބެހޭގޮތުން ޕްރިންސިޕަލް ވާހަކަ ދެއްކެވިއެވެ. އެދުވަހު މީޒާ ލަދުގަނެ ދެރަވިއެވެ. އެހެން ކުދިންފަދައިން އޭނާގެ ދަރިފުޅުވެސް ގަޑިއަށް ސުކޫލަށް ހާޒިރުވެ، މޮޅަށް ކިޔަވަން އޭނާބޭނުމެވެ. ނަމަވެސް އެކަން އެގޮތަށް ވާކަށްނެތެވެ. 

" ސޮރީ މަންމާ...ދެން އަޅުގަނޑު ގަޑި ނުޖެހިއަންނަން މަސައްކަތްކުރާނަން.." މަންމަ ދެރަވެގެން ރޯތަންފެނުމުން އެދުވަހު މިޝާބުންޏެވެ. އޭގެފަހުންވެސް އޭނާ މަދުންނަމަވެސް ގަޑިޖެއެވެ. 
" މިޝާ!....ދޮންބެ ބުނީ ހަމަ މިހާރު އެކޮޓަރިއަށް ދާށޭ!" ސައިތައްޔާރުކޮށް ނިމިގެން މިޝާ އޭނާގެ ކޮޓަރިއަށްދާން ހިނގައިގަތް ވަގުތު ފަހަތުން ޝީބާ ގޮވާލިއެވެ. މިޝާ ކަންބޮޑުވެ ހާސްވިއެވެ. އަނެއްކާ ކޮންފަދަކަމެއް ޖެހުނީބާއޭ ހިތަށްއެރިއެވެ. ކޮންކަމެއް ގޯސްކޮށް ކުރެވުނީބާއެވެ.
" ދެންވެސް ހުންނަންވީއެއް ނޫނޭ.....ދާންވީ އަވަހަށް" ޝީބާ އަމުރުކޮށްލިއެވެ. މިޝާބިރުންހުރެ ގޮސް ޝިފާންގެ ކޮޓަރީ ދޮރުމަތީ ހުއްޓުނެވެ. އޭރު ޝިފާންހުރީ ފެންވަރައިގެން ނުކުތްގޮތަށް ތުވާލި އެކަނި އަނދެގެންނެވެ. ޝިފާން ހުސްގަޔާހުރިތަން ފެނުމުން މިޝާ ލަދުގަންނަ ގޮތްވިއެވެ. މިޝާ ފެނުމާއެކު ޝިފާން ބާރުބާރަށް އައިސް އޭނާގެ ކުރިމަތީގައި ހުއްޓުނެވެ.

" މިކޯއްޗެއް؟.....މީތަ ކަލެއަށް އެއްޗެހި ދޮންނަން އެނގޭގޮތަކީ؟....ނޫނީ މަށަށް ޖެއްސުމެއްކޮށްފަތަ މިހުރީ؟...އޭނ؟.." ޝިފާން އޭނާގެ ޔުނީފޯރމް މިޝާއާ ދިމާއަށް ދިއްކޮށްލަމުން ރުޅިވެރިކަމާއެކި ހަޅޭއްލަވައިގަތެވެ. މިޝާ ހައިރާންވެފައި ބަލާލިއިރު ޝިފާންގެ ޔުނީފޯރމް އޮތީ އެއްކޮށް ކިލާވެ ހަޑިވެފައެވެ. ދޮވެފައި އޮތް އެއްޗެއްހެންވެސް ހިޔެއްނުވެއެވެ. އެކަމަކު އެހެންވާންވީ ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ.
" ދެންވެސް ބަލަން ހުންނަންވީކީ ނޫން....ހަމަމިހާރުދޭ!...ގޮސްދޮވޭމި...." މިޝާއާދިމާއަށް ޔުނީފޯމް އެއްލަމުން ޝިފާން އަމުރުކޮށްލިއެވެ.
" އަނެއް ޔުނީފޯރމް ހުންނާނެ އިސްތިރިކޮށްފަ....ފަހުން މިދޮވެލިއަސް އެންމެ ރަނގަޅުތަ؟" މިޝާ ބިރުންހުރެ އަހާލިއެވެ.
" ފަހުންނޭ؟....ކޮންފަހެއް މިހާރު ދޮންނަންވީ؟...." ޝިފާން ރުޅިއައިސްފައި އަނެއްކާވެސް ބުންޏެވެ. 

" އެކަމަކު އަހަރެން ގަޑިޖެހިދާނެ....މިއަދު އެގްޒާމް ފަށާނެ.." މިޝާ ގަޑިބަލާލަމުން ކަންބޮޑުވެފައި ބުންޏެވެ. އަލަމާރި ކައިރިއަށް ގޮސް ގޮސް ހުރި ޝިފާން މިޝާއާ ދިމާއަށް އެނބުރުނުއިރު ހުރީ ރުޅިއައިސްގެން ރަތްވެފައެވެ. ކުއްލިއަކަށް ހަލުވި ފިޔަވަޅުތަކެއްގައި ޝިފާން ކޮޓަރިން ނުކުތެވެ. މިޝާވެސް ހައިރާންވެގެން ހުރެ ޝިފާންގެ ފަހަތުން ނުކުތެވެ. ޝިފާން އެދިޔަގޮތަށް ގޮސް މިޝާގެ ކޮޓަރިއަށްވަދެ މިޝާ އިސްތިރިކޮށްފައިހުރި ޔުނީފޯމް ނެރެ ޓެރެހުންބޭރަށް މަގުމައްޗަށް އެއްލާލިއެވެ. މިޝާއަށް ނޫނެކޭބުނެ ހަޅޭއްލަވައިގަނެވުނެވެ.

" ދެން މިއަދު ނިކަން ދޭބަލަ ޓެސްޓަށް" މިޝާގެ ގާތަށް އައިސް އިންޒާރުދޭފަދަ ގޮތަކަށް ޝިފާން ބުނެލިއެވެ. ޝިފާން ދިއުމުން މިޝާދުވެފައި ގޮސް ޔުނީފޯރމ ވެއްޓުނުދިމާ ތިރިބަލާލިއެވެ. އޭރު އެމަގުން ދިޔަ އުނޅަދުތަކުގެ ފުރޮޅުދަށުވެ އޭނާގެ ޔުނީފޯމްވަނީ ކިލާވެ ތަތްތެޅިފައެވެ. މިޝާ ދުވެފައި ތިރިޔަށްފައިބައި އޭނާގެ ޔުނީފޯރމް ނެގިއިރު ދިމަދިމާލުންވަނީ ފޫވެސް ގޮސްފައެވެ. އެތަންފެނި މިޝާއަށް ވަގުތުން ރޮވުނެވެ. މިޝާ ރޮމުން ރޮމުން ޔުނީފޯރމް ހިފައިގެން ސިޑިން އެރިއިރު ޝީބާއާއި ޝިފާން ސިޑިން ފައިބަނީއެވެ. ޝިފާން މިޝާއަށް ލޯއަޅާލުމަށްފަހު ދިޔައެވެ. 

" އަދިވެސް ތިމާވަރެއްނެތިގެން ދޮންބެ ކުރިމަތީ އަނގަހުޅުވާތި.....ވަރަށްރީތި ވެއްޖެއެއްނު ވީގޮތް" ޝީބާ މިޝާއަށް މަލާމާތްކޮށްލިއެވެ.މިޝާ އަނގައިންވެސް ނުބުނެ ޔުނީފޯމް ހިފައިގެން މައްޗަށް އެރިއެވެ.
" ދަރިފުޅާ!...ކީއްވެ ޔުނީފޯރމް ހަޑިވީ؟....ހިއްކަން އަޅާފަހުއްޓާ ވެއްޓުނީތަ؟" މިޝާ ޔުނީފޯމް އަތަށް ލައިގެން އަންނަނިކޮށް މީޒާއަށް ފެނިގެން އަހާލިއެވެ. މިޝާ އާއެކޭ ބުނެ ބޯހަލުވާލަމުން ދުވެފައި އޭނާގެ ކޮޓަރިއަށް ދިޔައެވެ. ތެދުތެދަށް ކަންވީގޮތް ކިޔައިދިނަސް މަންމައަށް ކުރެވޭނެކަމެއްވެސް ނޯންނާނެކަން އޭނާއަށް އެނގެއެވެ. ގަޑިޖެހުމުގެ ސަބަބުން މިއަދު އޭނާ ސުކޫލަށްދާކަންވެސް ބޭނުމެއްނުވިއެވެ. މިއަދު ޝިފާންގެ ޔުނީފޯރމް ހަޑިވުން އެއީ ޝީބާގެ ޖެއްސުމެއްކަންވެސް މިޝާއަށް ވިސްނުނެވެ. ނޫންނަމަ ދޮވެ، އިސްތިރިކޮށްފައި އަލަމާރީގައިހުރި އެއްޗެއް ކިލާވާންވީ އެއްވެސް ގޮތެއް ނޯންނާނެއެވެ.

ޖެހިގެން އައި ދުވަހުވެސް މިޝާއަށް ޖެހުނީ އެފަދަ ހާލެކެވެ. މިއަދު ގަޑިނުޖެހި ސުކޫލަށް ދާނަމޭހިތައި އޭނާ ފަތިހުތެދުވެ ސައިހެދިއެވެ. އަދި ވަގުތު އޮއްވައި ފެންވަރައި ތައްޔާރުވިއެވެ. ޝިފާންއާއި ޝީބާ ކާކޮޓަރިއަށް އައުމުގެ ކުރިން އެދެމީހުނަށް ސައިހެދުމަށްފަހު މިޝާވެސް ސައިތައްޓެއް ގިރާލިއެވެ. އެމީހުނާއެކު ސައިބުއިމަކީ މިޝާކުރާކަމެއް ނޫންނަމަވެސް މިއަދު އޭނާވެސް ގަޑިޖެހުމުގެކުރިން ސައިބޯން ބޭނުންވާތީ ކާކޮޓަރީގައި މަޑުކޮށްލިއެވެ.

" މިޝާގެ މަންމަގޮވާއެބަ" ޝީބާ ކާކޮޓަރިއަށް ވަންނަމުން މިޝާއަށް ބުންޏެވެ. މިޝާކުޑަކޮށް ހައިރާންވެފައިހުރެގެން ގޮސް މަންމަގެ ކޮޓަރި ދޮރުގައި ޓަކިޖަހާލިއެވެ. އެވަގުތު ދޮރުހުޅުވީ އާސިމްއެވެ. 
" ކިހިނެއްވީ؟...." އާސިމް ނުރުހުންވެފައި އަހާލިއެވެ.
" މަންމަ ގޮވިއޭ ޝީބާބުނީމަ..." މިޝާ ބިރުންހުރެ ބުންޏެވެ. 
" މަންމައެއް ނުގޮވާ.....މިޝާ އަމިއްލަ ބޭނުމަކު އައިއްޔާ ދޮގުނުހެދިޔަސް ބުނެވިދާނެއްނު.." އާސިމް ހީކުރީ އޭނާ ފެނުމުން މިޝާ ދޮގެއް ހެދީކަމުގައެވެ.
" ނޫން.... ކަމެއްބޭނުމެއްނޫން.. އަޅުގަނޑަށް ހީވިގޮތްކަމަށްވާނީ.." މިޝާ އަވަސް އަވަހަށް އެނބުރި ކާކޮޓަރިއާ ދިމާއަށް މިސްރާބުޖެހިއެވެ. މިޝާއަށް ކާކޮޓަރިދޮރުން ވަދެވުނީ ޝިފާންއާއި ދާދިއެކުއެކީގައެވެ. ހެނދުނު ހެނދުނާ މިޝާ ފެނުމުން ޝިފާން ހިތްހަމަ ނުޖެހިފައި ލޯއަޅާލިއެވެ. ނަމަވެސް ބަހެއްނުބުނެ ގޮސް ކާމޭޒު ދޮށުގައި އިށީނެވެ. 

" މިޝާ؟!!" ކުއްލިއަކަށް ޝިފާން ހަޅޭއްލަވައިގަތުމުން ސިންކްދޮށުގައި ހުރި މިޝާ ދިޔައީ ސިއްސައިގެންނެވެ. ބިރުގެންފައި ޝިފާންއާ ދިމާ ބަލާލިއިރު އޭނާއިނީ ދެލޯބޮޑުކޮށްގެން މިޝާއާ ދިމާބަލާށެވެ. ޝިފާން އަތުގެ އިޝާރާތުން އަންނާށޭބުނުމުން މިޝާ މަޑުމަޑުން ގޮސް ޝިފާންގެ ކުރިމަތީގައި ހުއްޓުނެވެ.
" ކުރާނެ އެހެންކަމެއް ނޭނގިގެންތަ މިހާރު ތިއުޅެނީ؟.....ނޫނީ އަހަރެންގެ ހުރި ނުބައިކަން އިތުރަށް ބަލަން ބޭނުންވަނީތަ؟...." ޝިފާން ރުޅިއައިސްފައި ކުރަންފެށި ސުވާލުތަކުން މިޝާހުރީ ހައިރާންވެ ވާނުވާނޭނގިފައެވެ.

ކޮމެންޓް 0