ވެހެމުންދިޔަ ވާރޭގެ ސަބަބުން ދުރު ދުރަށް ދާންދެން މަންޒަރުވަނީ ފުސްވެފައެވެ. ޖެހޭގަދަ ވަޔާއި ވާރޭގައި ކަނޑުގެ ބިޔަރާޅުތަކުގެ ތެރޭގައި ދަތުރުކުރަމުންދިޔަ ބޮޑު ފެރީވެސް ހީވަނީ ދެންމެ ދެންމެ ބަންޑުން ޖަހާލަފާނެ ހެންނެވެ. މިޝާ އިނީ އޭނާގެ ފަސް އަހަރަށްދާ ކުޑަދަރިފުޅު މިޝްކާ ގައިގައި ބައްދާލައި ގެންނެވެ. މިޝާއެކޭ އެއްފަދައިން މިޝްކާގެ ކުޑަކުޑަ ހިތްވެސް ބާރުބާރަށް ތެޅެމުން ދެއެވެ. ފެރީ ތަޅުވައިގަންނަ ކޮންމެފަހަރަކު މިޝްކާ ބިރުން ދެލޯމަރާލައެވެ.

"ދޫނީ ދެން މާގިނައިރެއް ނުވާނެ ބައްޕި ފެންނާކަށް... މިހާރު މިލެފެނީއޭ ހުޅުލެއަށް... ބައްޕި މިހާރު ހުންނާނެ މިޝީ ނުފެނިގެން.." މިޝާ ހިނިތުންވެލަމުން މިޝްކާއަށް ބުންޏެވެ. އެވަގުތު ބިރުން އިނދެވެސް މިޝްކާ ހިނިތުންވެލީ އޭނާގެ ބައްޕަ ފެންނަން އުޅޭތީއެވެ. މިހާ ކަނޑުގަދަ އިރުވެސް މިޝާ ކުޑަކުޑަ މިޝްކާ ގޮވައިގެން އެއައީ އޭނާގެ ލޯބިވާ ފިރިމީހާ މިއަދު މެލޭޝިއާއިން އަންނާތީއެވެ. ފެރީ ލެފުމާއެކު މީހުންތައް ފައިބަން ފެށިއެވެ. މިޝާވެސް މިޝްކާގެ އަތުގައި ހިފައިގެން މަޑުމަޑުން ފޭބިއެވެ. ފެރީން ފައިބައިގެން އެއާރޕޯޓް ތެރެއަށް ވަތްއިރު، ބޯޓުން ފޭބި މީހުންތައް ޓާރމިނަލް ތެރެއަށް ވަންނަނީއެވެ. މިޝާގެ ލޯ ބޭޤަރާރު ކަމާއެކީ ހޯދަމުން ދިޔައީ އޭނާގެ ލޯބިވާ ފިރިމީހާ އަފްޒަލް އެވެ. އެވަގުތު ހުދުކުލައިގެ އަތްދިގު ޓީޝާޓަކާއި ނޫކުލައިގެ ޖީންސެއްލައިގެން ހުރި ޒުވާނަކު ކޮނޑުގައި ދަބަހެއް އަޅުވާލައިގެން ހިނިތުންވެހުރެ މިޝާއާ ދިމާއަށް އަންނަތަން ފެނުނެވެ. ވީއުފަލުން މިޝާގެ ހިތްނަށައިގަތެވެ. އެއްއަހަރަށްފަހު އަނެއްކާވެސް އޭނާގެ ފިރިމީހާ ފެންނަނީއެވެ. މިހާރު ކުރިޔަށް ވުރެވެސް ރީއްޗެވެ. ހަށިގަނޑުހުރީ ކުރިއަށްވުރެވެސް ވަރުގަދަވެފައެވެ. ކުރުކޮށް ކޮށާލާފައިވާ އިސްތަށިގަނޑާއި ކޮންމެވެސް ވަރަކަށް ފަޅާފައި ހުރި ތުނބުޅީގެ ސަބަބުން ފިރިހެންވަންތަކަން އިތުރުކޮށްދީފައިވެއެވެ.

"ހޭއި ބައްޕިގެ ދޫނި ކިހިނެއްތަ؟" އައިގޮތަށް އައިސް މިޝްކާ އުރާލަމުން ލޯތްބާއެކު އަފްޒަލް އަހާލި އެވެ. މިޝްކާ ލަދުންއިނދެފައިވެސް ބައްޕަގެ ކަރުގައި އަތްއަޅުވާލިއިރު ހުރީ އުފަލުން ފޮޅިފައެވެ. އަފްޒަލް މިޝްކާގެ ކޮލުގައި އެތައް ފަހަރަކު ބޮސްދިނެވެ. މިޝާ އަދިވެސް ހުރީ އަފްޒަލްއަށް ބަލާށެވެ. އަފްޒަލްއަށްވެސް އެކަން ފާހަގަކުރެވުނެވެ.

" ތިހާވަރަށް ނުބަލަބަލަ.. މިއޮއް އެންމެން ތެރޭގައި.. އަހަރެންގެ ނަފްސު ކޮންޓްރޯލުން ނެއްޓިދާނެ" މިޝާ އާއި ދިމާއަށް ގުދުވެލާފައި އަފްޒަލް ވައިއަޑުން ބުނެލިއެތިން ގަތްލަދުން ވަގުތުން މިޝާއަށް އިސްޖެހުނެވެ. އަފްޒަލް އަށްމަޖާވިއެވެ. 

"މައްމި ކީއްވެތަ ބައްޕިއަށް އުއްމައެއް ނުދީ ތިހުންނަނީ؟..މިޝީވެސް ވަރަށްބައިވަރު އުއްމަދީފި މިހާރު... ދޯމިޝީ..." މިޝާގެ މޫނަށް ބަލާލަމުން އަނެއްކާވެސް އަފްޒަލް ބުންޏެވެ. މިޝްކާ އުފަލުން ބޯޖަހާލިއެވެ. މިޝާ އަނެއްކާވެސް ރަކިވެފައި ހިނިތުންވެލިއެވެ. އެއްއަތުން މިޝްކާ އުރައިގެން އަނެއްއަތުން މިޝާގެ އުނަގަނޑުގައި ހިފަހައްޓާލައިގެންހުރެ ފެރީޓާމިނެލާ ދިމާއަށް އަފްޒަލް ހިނގައިގަތެވެ. އޭރު ފުރަން ތައްޔާރުވެފައިވާ ފެރީއަށް މީހުންތައް އަރަނީއެވެ. މީހުންތަކުގެ ފަހަތުންގޮސް އަފްޒަލްމެންވެސް ފެރީއަށް އެރިއެވެ. އެވަގުތު ފަހަތުން އެރިމީހަކު މިޝާގެ ގައިގާ ޖެހިފައި މިޝާ އަރިއަޅާލިއެވެ. ނަމަވެސް އެމީހަކު ހުޝިޔާރު ކަމާއެކީ މިޝާ ވެއްޓުނަނުދީ ހިފެހެއްޓިއެވެ. އަފްޒަލް އަށް ބޭއިޚްތިޔާރުގައި އެމީހާއަށް ބަލާލެވުނެވެ.

"ސޮރީ" އަފްޒަލްއަށް ބަލާލަމުން އެމީހާ އަވަސް އަވަހަށް ބުނެލިއެވެ.
" އިޓްސް އޯކޭ" އަފްޒަލް ހީލަމުން އެމީހާއަށް ބުންޏެވެ. މިޝާއަށްވެސް އެވަގުތު އެމީހާއާ ދިމާ ބަލާލެވުނެވެ. އެއާއެކު މިޝާގެ ހިތް ބާރަށް ތެޅިގަތެވެ. އަވަސް އަވަހަށް އަނެއް ފަރާތަށް މޫނު އަނބުރާލީ އެމީހާއާ ދިމާ ނުބަލަން ވެގެންނެވެ. އެމީހާއަށްވެސް މިޝާގެ މޫނު ރަނގަޅަކަށް ނުފެނެއެވެ. އޭނާ އެއްވެސް ސަމާލުކަމެއް ނުދީގޮސް ފެރީތެރެއަށް ވަދެ ގޮނޑިއެއްގައި އިށީދެއްޖެއެވެ. މިޝާވެސް އަފްޒަލްގެ ފަހަތުން ގޮސް އިށީނީ އެމީހާ އިން ފަރާތް ނޫން އަނެއްފަރާތުގައެވެ. އަދިވެސް މިޝާގެ ހިތްބާރުބާރަށް ތެޅެމުންދެއެވެ. މިވީގޮތުން މިޝާއަށް އިންނަން ޖެހުނީ އެމީހާއާ ސީދާ ކުރިމަތީގައެވެ. އިސްއުފުލާ ބަލާލަންވެސް އޭނާއިނީ ޖެހިލުން ވެފައެވެ. ނަމަވެސް ބިރުން އިނދެވެސް އަދި އެއްފަހަރު އެމީހާގެ މޫނަށް މިޝާ ބަލާލިއެވެ. އެއީ ކާކުކަން ޔަގީން ކޮށްލުމުގެ ބޭނުމުގައެވެ. ހުދު ސްވިޓަރ އަކާއި ކަޅުކުލައިގެ ޖީންސް އެއްލައިގެން އިން ރީތި ޒުވާނާ އަކީ ދެވަނަ މީހެއް ނޫނެއެވެ. އެއީ ހަމަ އޭނާއެވެ. އެއީ ހަމަ ޝިފާން އެވެ. ކުރިޔަށްވުރެ ދޮންވެފައި ހަށިގަނޑުވެސް ބިޔައެވެ. އެފަން އިސްތަށިގަނޑުވަނީ ކަންފަތަށް ވުރެވެސް ތިރިޔަށް ދިގުކޮށްލާފައެވެ. އިސްދަށަށް ޖަހައިގެން އިންއިރު އޭނާގެ ސަމާލުކަން ހުއްޓިފައިވަނީ އަތުގައި އޮތްފޯނަށެވެ. 

ޝިފާން އަށް މިޝާ ނުފެނުނު ކަމުގައި ވިޔަސް މިޝާއިނީ ޝިފާން ފެނި އަތްފައި ފިނިވެފައެވެ. ހިތުގެ ތެޅުންވެސް ހިނދެއް ހިނދަކަށް ގަދަވަމުން ދިޔައެވެ. ފޯނާކުޅެން އިނދެފައި ޝިފާން ކުއްލިއަކަށް އިސްއުފުލާލިއެވެ. މިޝާ އަވަސް އަވަހަށް އިސްޖެހީ ޝިފާންއަށް އޭނަ ފެނިދާނެތީއެވެ. ދުވަހުގެ ފިނިކަމާއި ހިތުގައި އުފެދިފައިވާ ބިރުގެ ސަބަބުން މިޝާއިނީ ގަނޑުވާން ކައިރިވެފައެވެ. ކަނޑުގައި ނަގާ ބިޔަރާޅުތަކަށް ވުރެ ވަރުގަދަ ހައިޖާނެއް އޭނާގެ ހިތުގައިވަނީ އުފެދިފައެވެ. އަފްޒަލްއާއި ގާތަށްޖެހި އަފްޒަލްގެ އަތުގައި ހިފައި މިޝާއަށް ބާރުކުރެވެމުން ފިތެމުންދިޔައީ ބޭއިޚްތިޔާރުގައެވެ. ހީވަނީ އަފްޒަލްގެ އުނގުތެރެއަށް ވަދެފިލަން އުޅޭހެންނެވެ. މިޝާއަށް ވަމުންދާގޮތް ފެނުމުން އަފްޒަލް ހީކުރީ މިޝާ މާބޮޑަށް ހީކަރުވައިގަތީ ކަމަށެވެ. އަފްޒަލް މިޝާގެ އުނަގަނޑުގައި ހިފައި އަދިވެސް ބޮޑަށް ގަޔާ ކައިރިކޮށްލިއެވެ.

"ބޭބީ.... ގެޔަށްދާންދެން ކެތްވާނެތަ؟....ބޭބީ ތިއުޅޭގޮތުން މިއެންމެންގެ ތެރޭގަ ކުރަންނުވާ ކަމެއްވެސް އަހަރެންނަށް ކުރެވިދާނެ. އޭރުން ޝޯޝަލް މީޑިއާއަށް އަހަރެމެންގެ ރޮމޭންޓިކް ޕިކްސް ތަކާ ވީޑިއޯތައް އަރާ، އިސާހިތަކު އަހަރެމެން މަޝްހޫރު ވެދާނެ..... ދުވަސްކޮޅަކުން ޖިސްމު 3 ކުޅެންވެސް އަހަރެމެންނަށް ފުރުސަތު ލިބިދާނެ...." މިޝާގެ ކަންފަތްދޮށުގައި ވައިއަޑުން އަފްޒަލް ވާހަކަ ދެއްކިއެވެ. ބިރުން އިންނަމަވެސް އަފްޒަލްގެ ވާހަކަތަކުން މިޝާއަށް ހެވުނެވެ. މިޝާ އަފްޒަލް ދެކެ އެންމެ ގަޔާވާ ސިފައަކީ އެއީއެވެ. މިޝާގެ ތުންފަތަށް ހިނިތުންވުން ވެރިކުރުވުމަކީ އަފްޒަލްއަށް މާބޮޑުކަމެއް ނޫނެވެ. މިޝާ އުފަލުގައި ބެހެއްޓުމަކީ އަފްޒަލްގެ ދިރިއުޅުމުގެ އެންމެ މުހިއްމު އެއްބައެވެ. އަފްޒަލް މިޝާދެކެ އިންތިހާއަށް ލޯބިވެއެވެ. އަފްޒަލްގެ ހުންނަ ސަމާސާ މިޒާޖުގެ ސަބަބުން އަފްޒަލް ދެކެ ލޯބިވާމީހުންވެސް ވަރަށް ގިނައެވެ.

މިޝާ އިނީ ފެރީ މާލެއަށް ލެފޭލެއް ލަސްވެގެންނެވެ. އޭނާ ބޭނުންވަނީ ވީ އެންމެ އަވަހަކަށް ޝިފާންގެ ލޯމަތިން ދުރަށް ދިއުމަށެވެ. ޝިފާން އަށް އޭނާ ފެނުމުގެ ކުރިންނެވެ. އެންމެ ހިނދުކޮޅަކަށްވެސް އެއިންސާނާގެ ސޫރަ ދެކޭކަށް އޭނާ ބޭނުމެއް ނޫނެވެ. މިޝާ އޭނާގެ ޝޯލްގެ އެއްކަންގަނޑުން އަނގަމަތި ފޮރުވައިގެން އިނީ ފަހަރެއްގައިވެސް ޝިފާންއަށް އޭނާ އެނގިދާނެތީއެވެ. ނަމަވެސް ޝިފާން އަކަށް އެއްވެސް ކަމެއް ރޭކާ ނުލައެވެ. އެހެން އިންދައި މިޝްކާގެ އަތުގައި އޮތް ކުޑަބޯޅައެއް ވެއްޓި އެނބުރެމުން ގޮސް ހުއްޓުނީ ޝިފާންގެ ފައިބުޑުގައެވެ. ޝިފާން ސިހިފައި ފައިދަށް ބަލާލުމަށްފަހު ބޯޅަނެގިއެވެ.

" ބައްޕީ ކޮއްކޮގެ ބޯޅަ" މިޝްކާ ބޯޅައަށް އަތްދިއްކޮށްލަމުން އަފްޒަލް ގާތުގައި ބުންޏެވެ. ޝިފާންއަށް އެމަންޒަރު ފެނުމުން ހިނިތުންވެލާފައި ތެދުވެގެން އައިސް މިޝްކާގެ އަތަށް ބޯޅަދިނެވެ. މިމަންޒަރު ފެނިފައި މިޝާ އިނީ ބިރުން ވިރިވިރިއެވެ. މިޝްކާ ޝިފާންއާ ދިމާ ބަލާލައިފައި ރަކިގޮތަކަށް ހީލިއެވެ.

" އަވަހަށް ތޭންކްސް ބުނޭ ބޭބެއަށް!" މިޝްކާއަށް ބަލާލަމުން އަފްޒަލް ބުންޏެވެ.
" ތޭންކްސް" ލޯބިއަޑަކުން މިޝްކާ އެހެން ބުނުމުން ޝިފާން ހީލާފައި މިޝްކާގެ ކޮލުގައި ކޮއްޓާލިއެވެ. ޝިފާން ގޮސް އޭނާ ކުރިންވެސް އިންތަނުގައި އިށީންނަންދެން މިޝާ އިނީ މޫނު ނުފެންނަވަރަށް އިސްޖަހައިގެންނެވެ. ނަމަވެސް ޝިފާން މިޝާއާ ދިމާބަލާވެސް ނުލައެވެ. އޭނާއާ ފިލަން މީހަކު އުޅޭކަމެއްވެސް އޭނާ ނުދެނަހުއްޓެވެ.

ފަނަރަވަރަކަށް މިނެޓްގެ ދަތުރަކަށްފަހު މާލެ އާދެވިއްޖެއެވެ. ފެރީން މީހުންތައް ފައިބަން ފެށުމާއެކު މިޝާވެސް އަވަހަށް ތެދުވިއެވެ.
"އަދި މަޑުކޮށްބަލަ!....މީހުންތައް މަދުވީމަ ދާނީ.." އަފްޒަލް މިޝާގެ އަތުގައި ހިފައި ކުރިންވެސް އިންތާގައި ބޭންދިއެވެ. ޝިފާންވެސް އަދިވެސް ތެދުވާކަށް ނޫޅެއެވެ. އޭނާވެސް އެއިންނަނީ މީހުންތައް މަދުވީމަ ފައިބަން ކަމަށެވެ. މީހުންތައް މަދުވުމުން އަފްޒަލްއާއި މިޝާވެސް ފޭބިއެވެ. އެންމެން ފައިބާ ނިމުމުން އެންމެ ފަހުން ޝިފާން ތެދުވިއެވެ. އަދި އޭނާގެ ދަބަސް ކޮނޑުގައި އަޅުވާލައިގެން ފައިބަން ތައްޔާރުވިއެވެ. ކުރިޔަށް އެޅިފިޔަވަޅާއެކީ އޭނާ ހުއްޓުނީ ކޮންމެވެސް އެއްޗަކަށް އެރުނުހެން ހީވެގެންނެވެ. ޝިފާން ބޫޓު ހިއްލާލާއި ބަލާލިއިރު އޭނާގެ ފައިދަށުގައި އޮތީ ރަން ކެވެލި ކޮޅެކެވެ. އޭނާ ގުދުވެފައި އެކެވެލިކޮޅު ނެގިއެވެ. އެއީ ދާދި ދެންމެއަކު އޭނާއަށް ފެނުނު ކުޑަ އަންހެން ކުއްޖާގެ ފައިގައި އަޅާފައި އޮތް ކެވެލިފަށެކެވެ. ޝިފާން އަވަސް އަވަހަށް ފެރީން ފޭބީ އެކުއްޖާ ގޮވައިގެން ތިބި ދެމަފިރިން ފެނޭތޯއެވެ. ނަމަވެސް އޭނާއަށް ފޭބުނުއިރު އެމީހުން ތަންކޮޅެއް ދުރުގައި އޮތްކާރަކަށް އަރަނީއެވެ. ޝިފާން ވަރަށް ހަލުވިކަމާއެކީ އެދިމާއަށް މިސްރާބުޖެހިއެވެ. ނަމަވެސް އޭނާއަށް ދެވެން ވާއިރަށް ކާރު ދުއްވާލައިފިއެވެ.

ގެޔަށް އާދެވުނުއިރު މިޝްކާއަށް އޮތީ ނިދިފައެވެ. މިޝާ ތަންމަތި އަޅާލުމުން އަފްޒަލް މިޝްކާ ބޭއްވުމަށްފަހު އެނދުގައި އޮށޯވެލިއެވެ. 
"ބޭބީ...އާދެބަލަ ބައްދާލަން.....ތިހުރީ ވަރަށްބޮޑަށް ފިނިވެފައެއްނު..." މިޝާއާ ދިމާއަށް އަތްދިއްކޮށްލަމުން އަފްޒަލް ބުންޏެވެ. މިޝާވެސް ހުރީ އެފަދަ ފުރުސަތަކަށް ބޭނުންވެފައެވެ. އޭނާ މަޑުމަޑުން ގޮސް އަފްޒަލްގެ އަތުތެރެއަށްވަދެ ބޮނޑިވެލިއެވެ. ދެހަށިގަނޑުގެ ހޫނުން އެކަކު އަނެކަކު ހީފިލުވައިދޭން ފެށިއެވެ. އެއް އަހަރު ދުވަހު ދުރުގައި އުޅެން ވުމުން ދެމީހުންވެސް ތިބީ ކެތްތެރިކަން ކުޑަވެފައެވެ. އެކަކު އަނެކަކަށް ނުލާހިކު ބޭނުން ވެފައެވެ. ދެމަފިރިން އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުން މިޝާގެ ހިތުގައިވާ ނުތަނަވަސް ކަންވެސް ފިލާ ހިނގައްޖެއެވެ. ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް ޝިފާންގެ މަތިން ހަނދާން ނެތިއްޖެއެވެ. މިޝާ ތެދުވެ ގައިގައި ތުވާލި އޮޅާލައިގެން ފާޚާނާ އާ ދިމާއަށް ހިނގައި ގަތެވެ. އެވަގުތު އަފްޒަލް ތެދުވެ މިޝާ އަތްދަނޑިމައްޗަށް އުފުލާލައިގެން ގޮސް ފާޚާނައަށް ވަދެއްޖެއެވެ. ދެމީހުން އެކީގައި ހޫނުފެނުން ފެންވަރާ ތާޒާވެލިއެވެ. 

"ވަރަށް ހައިވެއްޖެ.. ކާއެއްޗެއް ނުދީ ބަހައްޓާފަ، ހުރި އެނާރޖީކޮޅުވެސް އަތުލައިފި... ދެން އަވަހަށް ދީބަލަ ކާއެއްޗެއް..." ސޯޓެއް ލައިގެން ސިޓިން ރޫމަށް ނުކުމެ ސޯފާއަށް ވެއްޓިގަންނަމުން އަފްޒަލް ބުންޏެވެ. މިޝާ ހިނިތުންވެ ހުރެ ބަދިގެއަށް ގޮސް ކެއުން ތައްޔާރުކޮށްލިއެވެ. ދެމީހުން ކާންފެށިތަނާހެން މިޝާގެ ފޯން ރިންގްވިއެވެ. ފޯނުކުރީ މިޝާގެ މަންމަ މީޒާއެވެ.

" ހަލޯ....މަންމާ ކީކޭ؟" ފޯނު ނެގުމާއެކު މިޝާ ބުންޏެވެ.
"މިއަދު މިގެޔަށް އަންނާނަމޭ ބުނެފަ ޚަބަރެއްނުވީމަ މިބަލާލީ..... އިޝާވެސް ބުނެފި ދޮންތި ކޮބާހޭ..... އިޝާގެ އުފަންދުވަހެއްނު..... ކޮންމެހެންވެސް މިޝީ ގޮވައިގެން އަންނަންވާނެ.... އިޝާ ބުނީ ދޮންތިއާ މިޝީއާ ނައިސްފިނަމަ ކޭކެއްވެސް ނުފަޅާނަމޭ...... ދަރިފުޅު އަންނައްޗޭ...."
"އާނ.. މަންމާ! ދެވޭތޯ ބަލާނަން...." ކިތަންމެ ދާހިތްނުވިޔަސް މަންމަގެ ހިތްހަމަ ޖައްސައިދިނުމަށްޓަކައި މިޝާ ދާން އެއްބަސްވިއެވެ.
" އާނ! އަދި މަންމަ ހަނދާން ނެތިފައޭ މިހުރީ.... އަފްޒަލްވެސް މިއަދުއާދޭ ދޯ.... އޭނަވެސް ގޮވައިގެން އަންނާތި!" މަންމަ ފޯން ބޭއްވިއިރު މިޝާގެ މޫނަށްވަނީ ނުތަނަވަސް ކަންވެރިވެފައެވެ. އަނެއްކާވެސް ޝިފާންގެ މަތިން ހަނދާންވެ އެމޫނުގައިވާ އުފާވެރިކަން ގެއްލިއްޖެއެވެ.

"ކިހިނެއްވީ؟ މަންމަ ކީކޭބުނީ؟..." މިޝާގެ މޫނަށް ބަލަންއިނދެ އަފްޒަލް ސުވާލުކޮށްލިއެވެ. 
"މަންމަ ބުނީ އިޝްކޮގެ ބާރތްޑޭ ޕާޓީއަށް ދާށޯ މިޝީއާ އަފޫވެސް ގޮވައިގެން..... އެކަމު އަހަރެން އެހާ ދާހިތެއްނުވޭ..... އެހާގިނަ މީހުން ތިބޭ ތަންތަނަށް ދިޔައީމަ ހާސްވާގޮތްވަނީ...." މިޝާ ބޭނުމީ އެތަނަށް ނުގޮސްވާނެ ގޮތެއްވޭތޯ ބަލާށެވެ.
"ދެން އެކަމަކު މަންމައާ ކޮއްކޮވެސް ދެރަވާނެއްނު ނުދިޔައީމަ...... ގޮސްލާފަ ގިނައިރުނުވެ އަންނާނީއޭ.... އޯކޭއެއްނު!" މިޝާގެ ބުރަކަށީގައި ފިރުމާލަމުން އަފްޒަލް ބުންޏެވެ. މިޝާވެސް ހިނިތުންވެލަމުން ބޯޖަހާލިއެވެ. ނަމަވެސް އޭނާ އެއްގޮތަކަށްވެސް އެގެއަށްދާކަށް ބޭނުމެއް ނުވެއެވެ. އަނެއްކާވެސް އޭނާ އެންމެ ދެކެންބޭނުން ނުވާމީހުންގެ ކުރިމައްޗަށް ދާން ޖެހޭތީއެވެ. މަންމަ އާއި ކޮއްކޮ ދެކެ ކިތަންމެ ލޯބިވިޔަސް އޭނާ އެމީހުނާ ދުރުގައި އުޅެނީވެސް އެސަބަބަށްޓަކައެވެ. ނަމަވެސް ތާއަބަދު އެމީހުނާއި ފިލައިގެންވެސް އުޅޭނީ ކިހިނެއް ހެއްޔެވެ؟ 

ހަވީރު ހަތަރެއް ޖެހިތަނާ މިޝާއާއި އަފްޒަލް މިޝްކާ ގޮވައިގެން ގެއިން ނުކުތީ މަންމަމެން ގެޔަށް ދިއުމަށްޓަކައެވެ. ގެއިން ނުކުތީއްސުރެ މިޝާގެ ހިތްބާރުބާރަށް ތެޅެމުންދިޔައެވެ. ހެންވޭރު "ސިޓީ ހައުސް" ކައިރިއަށް ކާރުމަޑުކޮށްލުމާއެކު ތެޅިތެޅި އޮތްހިތަކާއެކީ މިޝާ ކާރުން ފޭބިއެވެ. އަފްޒަލްވެސް މިޝްކާ އުރާލައިގެން ކާރުން ފޭބިއެވެ. ފަސްބުރިއަށް ނަގާފައިވާ އެރީތި އުސް އިމާރާތަށް މިޝާ ނަޒަރު ހިންގާލިއެވެ. އެއީ އެތަނެއްގައި އޭނާގެ ހިތިމާޒީގެ އެތައް ހަނދާންތަކެއް ފޮރުވިފައިވާ ބިރުވެރިތަނެކެވެ. އޭނާއަށް ވެގެން ވާނަމަ ދުވަހަކުވެސް އެއިމާރާތު ހަތަރުފާރުން އެތެރެއަކަށް ނުވަންނާނެއެވެ. ނަމަވެސް އޭނާގެ ލޯބިވާ މަންމައަށްޓަކައި އަދިވެސް އެތަނަށް ވަންނަން އޭނާއަށް މަޖުބޫރެވެ. 

ގޭޓުން އެތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއެކުވެސް މިޝާއަށް ހުއްޓެވުނީ، ފޯނުން ވާހަކަ ދައްކަމުން ގޭޓާދިމާއަށް އަންމަނުންދިޔަ ޝިފާން ފެނުމުންނެވެ. މިޝާ އަވަސް އަވަހަށް އަނެއްފަރާތަށް އެނބުރުނީ ޝިފާންއަށް ނުފެންނަން ވެގެންނެވެ. ޝިފާން އެމީހުންނާ ދިމާ ބަލާވެސް ނުލާ އެދިޔަ ގޮތަށް ގޮސް އޭނާގެ ސައިކަލަށް އަރާ ސްޓާރޓްކޮށްލިއެވެ. މިޝާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. މިޝާއަށް ވީގޮތްފެނި އަފްޒަލް ފުންނަޒަރަކުން މިޝާއަށް ބަލާލުމަށްފަހު ޝިފާންއަށް ބަލާލިއެވެ. އެއީ އަފްޒަލްއަށް ކޮންމެވެސް ތާކުން ފެނުނު މީހެއްހެން ހީވިއެވެ. ނަމަވެސް އެއީ ކޮންތާކުން ކަމެއް އޭނާއަކަށް ހަނދާނެއް ނުވިއެވެ. މިޝާ އަދިވެސް އެއްފަހަރު ޝިފާން ދިޔަދިމާއަށް ބަލާލުމަށްފަހު ގޭޓުން އެތެރެއަށް ވަނެވެ. އަފްޒަލްވެސް މިޝާގެ ފަހަތުން ވަނެވެ. ދެމީހުން އެކުގައި ގޮސް ލިފްޓަށް އެރިއެވެ. ލިފްޓް ހުއްޓުނީ އިމާރާތުގެ ތިންވަނަ ބުރިއަށެވެ. އެއީ އޭނާގެ މަންމަ އުޅޭބައެވެ. 

ދޮރުކައިރިއަށް ހުއްޓި ރަނގަބީލު އެޅުމާއެކީ ދޮރުހުޅުވައިފިއެވެ. ފިނިފެންމަލެއްފަދަ ގަދަފިޔާތޮށި ކުލައިގެ ޕާޓީ ހެދުމުގައި އުފަލުން ފޮޅިފައި އޭނާގެ ކޮއްކޮ އިޝާ ހުއްޓެވެ.
"ދޮންތީ! މިޝީ.." އިޝާ އުފަލުން ހަޅޭއްލަވައިގެންފައި މިޝާގެ ގައިގާ ބައްދާލިއެވެ. 
"އައްދޭ ބާރތްޑޭ ގާރލް ހާދަ ރީއްޗޭ.... ހީވަނީ ހަމަޕަރީއެއްހެން ދޯ މިޝީ.... ކުޑައްތަ ހީވަނީހަމަ ޕަރީއެއްހެން" މިއަދު ފަނަރަ އަހަރުފުރޭ އޭނާގެ ލޯބިވާ ކޮއްކޮއަށް މިޝާ ތައުރީފްކޮށްލިއެވެ. 
"މީ މިޝީގެ ޕަރީކުޑޫއޭ ދޯ ދޫނީ...." މިޝްކާ އުރާލުމަށްފަހު ކޮލަށް ދޮނެއްދެމުން އިޝާ ބުންޏެވެ. މިޝްކާވެސް ހެވިލާފައި އޭނާގެ ކުޑައްތަގެ ކަރުގައި އަތްއަޅުވާލިއެވެ. 
"ހައި...ދޮންތަބޭ!....ދޮންތަބޭ ހާދަ ހޭންޑްސަމްއޭ މިހާރު.....ވަރަށް ދޮންވެސް ވެއްޖެދޯ!" އަފްޒަލްގެ މުލައްދަނޑީގައި އަތްއަޅުވާލަމުން އުފާވެލާފައި އިޝާ ބުންޏެވެ. އިޝާގެ އުމުރުން އަށް އަހަރުން ފެށިގެން އިޝާ އަފްޒަލް ދަނެއެވެ. އެހެންކަމުން އެދެމެދުގައި ވަރަށް ގާތް ގުޅުމެއްވަނީ އުފެދިފައެވެ. އެގުޅުން އިތުރަށް ބަދަހިވީ އަފްޒަލް މިޝާއާ ކައިވެނި ކުރުމުންނެވެ. ބޭބެއެއްގެ ފަރާތުން އިޝާ ބޭނުންވި ލޯބި އެންމެ ފުރިހަމައަށް އަފްޒަލްގެ ފަރާތުން ލިބެމުން ދެއެވެ. އިޝާގެ ދޮންބެ ޝިފާންގެ ފަރާތުންވެސް އެފަދަ ގާތްކަމެއް އިޝާ އަކަށް ނުލިބެއެވެ. 

"ކޮބާ އަދިވެސް މިތާތަ ތިބެނީ..... ޕާޓީ އޮތީ މަތީގަ.... ހިނގާ އެތަނަށްދާން..... މިހާރު އީޝްގެ ބައްޕަ ހުންނާނެ ލަސްވެފަ..... މެހެމާނުން އަންނަން ވާއިރަށް އަހަރެމެން ތިބެންޖެހޭނީ ތައްޔާރަށެއްނު....." މިޝާގެ މަންމަ ބޭރަށް ނުކުމެ އެމީހުން ފެނިގެން ބުންޏެވެ. އެންމެން އެކީ ލިފްޓަށް އެރީ މައްޗައް ދިއުމަށްޓަކައެވެ. ލިފްޓްގެ ދޮރު ހުޅުވުނުއިރު އިޝާގެ ބައްޕަ ލަސްވެގެން އިޝާ ބަލާ ތިރިޔަށްދާން އަންނަނީއެވެ.
"ބައްޕަ މިހާރު މިއުޅެނީ ދަރިފުޅު ލަސްވެގެން ތިރިޔަށްދާން ވެގެން..... މިއަދު ހާދަ ރީއްޗޭ ބައްޕަގެ ޕްރިންސެސް." އިޝާގެ ކޮނޑުގައި އަތްއަޅުވާލަމުން ހެވިފައިހުރެ އާސިމް ބުންޏެވެ.
"އަނހާ! އަފްޒަލް އައީ ކޮންއިރަކު؟..... ކާފަގެ މިޝީވެސް އެބައިންތަ..." އަފްޒަލް ފެނިގެން ހިނިތުންވެލާފައި އާސިމް އަހާލިއެވެ. އަދި މިޝްކާ އުރާލާފައި ލޯބިކޮށްލިއެވެ. މިޝާ ހުރީ އިސްޖަހައިގެންނެވެ.
"ދަރިފުޅާ ކިހިނެއްތަ؟..." މިޝާއާ ދިމާއަށް އެނބުރެމުން މަޑުމައިތިރި ކަމާއެކީ އާސިމް އަހާލިއެވެ. މިޝާ ރަނގަޅޭ ބުނެ ހިނިތުންވެލިއެވެ. ނަމަވެސް އެހިނިތުން ވުމުގައިވަނީ ބީރައްޓެހިކަމެވެ. އެކަމުންވެސް އެދެމީހުންގެ މެދުގައިވާ ދުރުކަން ކިތަންމެ ރަނގަޅަކަށްވެސް ހާމަވެގެން ދެއެވެ. އާސިމް އެދުރުކަން ކަނޑުވަން ކިތަންމެ ވަރަކަށްވެސް މަސައްކަތް ކޮށްފިއެވެ. ނަމަވެސް މިޝާގެ ހިތުން އޭނާއަށް އަދިވެސް ބައްޕަގެ ޖާގައެއް ނުހޯދުނެވެ. މިޝާގެ ހިތުގައި އާސިމްއަށްޓަކައި ޖާގައެއް ނުދެވުނީ އެއީ އޭނާގެ ދޮންބައްޕައަށް ވީމައެއް ނޫނެވެ. ނަމަވެސް އޭނާގެ މާޒީގައި ކަންތައް ހިނގާފައިވާ ގޮތުންނެވެ. އެހިތި މާޒީ ހަނދާން ނައްތާލުމަކީ މިޝާއަށް ދުވަހަކުވެސް ވާނެކަމެއް ނޫނެވެ. މިއަދު ދޮން ބައްޕަ ކިތަންމެ ލޯބިން އޭނާއާ ވާހަކަ ދެއްކިޔަސް އެހިތުގައި އެޅިފައިވާ ކޫރުންތަކެއް ފިލައިގެންނެއް ނުދާނެއެވެ. 

ކޮމެންޓް 0