މީޒާ ދިޔަތާ މާގިނައިރުތަކެއް ނުވެ އާސިމްވެސް އެކޮޓަރިއަށް އައެވެ. މިޝާއަށް އާސިމް ފެނުމުން އިންތަނުން ފުންމައިގެން ތެދުވެވުނެވެ. "އަހަރެމެން ލަންކާއަށްދާން އުޅޭކަން މިޝާއަށް އެނގޭދޯ؟....އަހަރެންނަށް އެނގޭ މިޝާގެ މަންމަ ނަސޭހަތްދިންކަންވެސް..... އެންމެ ރަނގަޅުގޮތަކީ އެނަސޭހަތް އަޑުއަހައިގެން ކުރިޔަށްދިއުން..... އަހަރެން މިޝާއަށް މިކޮށްދިން ކަންތައްތަކުން މިޝާއަށް ފުދެންޖެހޭނެ.... އަހަރެންގެ ދަރިންނާ އެއްފެންވަރަށް ދާން މަސައްކަތް ނުކުރުން ރަނގަޅުވާނީ..... އެމީހުންގެ ފަރާތުން ކަމެއްވިޔަސް އެކަމާ ޝަކުވާކުރަން މަންމަގެ ގާތަށް ނުދިޔުން ބުއްދިވެރި..... އަހަރެން މިބަލަނީ މިޝާގެ މަންމައުފަލުގަ ބެހެއްޓޭތޯ.... އަހަރެންނަށް އެނގޭ މިޝާވެސް ބޭނުންވާނީ އެގޮތްކަން.... މިޝާއާމެދު ވެވުނު އެންމެ ރަނގަޅަކަށް އަހަރެން މިކަންތައްކޮށްދެނީ.... ޝިފާންމެން ދަތުރުދިއުމުން ފޫހިވަންޏާ ރައްޓެހިކުއްޖަކު ގެޔަށް ގެނަޔަސް އަހަރެންގެ މައްސަލައެއް ނެތް.... މިޝާގެ އަތްމައްޗަށް ގޭގެ ކަންތައްތައް ދޫކޮށްލާފަ މިދަނީ އިތުބާރުކުރެވޭތީ.... ވިސްނައިގެން އުޅޭތި!" އާސިމް އޭނާ ކިޔަންބޭނުން ހުރިހާ އެއްޗެއް ކިޔާފައި ދިޔައިރުވެސް މިޝާ އެހުރިގޮތަށް ހުރީއެވެ. މިރޭ އެންމެން ހީވަނީ މޮޔަވެގެން އުޅޭހެންނެވެ. މަންމަ ނަސޭހަތްދީ ނުފުދިގެން ދޮންބައްޕަވެސް އައީއެވެ. އޭނައަށް ނަސޭހަތްދިނުމުގެ ބަދަލުގައި ޝީބާއަށާއި ޝިފާންއަށް ނަސޭހަތެއް ދިނިއްޔާވާނީ ކީއްހެއްޔެވެ؟

" ޝިފާން ދަތުރުދާން އެބުނީ އޭނާގެ ބައްޕައަށް ނޭނގިތަ؟..." ކުއްލިއަކަށް އެއްޗެއް ހަނދާންވެގެން މިޝާއަށް ބުނެވުނެވެ. 
ޖެހިގެން އައިދުވަހު އާސިމްމެން ލަންކާއަށް ފުރައިފިއެވެ. ޝިފާންއާއި ޝީބާއަށް ގެހިތަކަށް ލިބިގެން އުޅޭއިރު ހީވަނީ އެހެންކަމެއް ހެންނެވެ. ނަވީންވެސް ހެނދުނު ހެނދުނާ އެގެއަށް އައިސްގެން އުޅެނިކޮށް މިޝާއާ ދިމާވިއެވެ.

" ކޮބާ ރެޕަންޒަލް ތައްޔާރެއް ނުވަންތަ؟.... ފަތިހުފަތިހާ ފުރަންޖެހޭނެ... ސޯ ބީ ރެޑީ!" ސިޑިމަތިން މިޝާއާ ދިމާވެގެން ނަވީން ވާހަކަދެއްކިއެވެ. މިޝާ ޖަވާބެއްވެސް ނުދީ ކާކޮޓަރިއަށް ދިޔައެވެ. މިއަދު ހެނދުނުގެ ސައި އޭނާ ތައްޔާރު ކުރިނަމަވެސް އެކަކުވެސް ސައިބޯކަށް ނޫޅުނެވެ. އެއަށްވުރެބޮޑަށް އެމީހުންތިބީ ދަތުރުގެ ކަންތައްތައް ނިންމަން ބޭނުންވެފައެވެ. މިޝާ އެކަނިމާއެކަނި ސައިބޯން އިންދައި ނާއިޒް އައިސް ކާކޮޓަރިއަށްވަނެވެ.

" ހައި ރެޕަންޒަލް!... ހާދައެކަނިން..... މަވެސް ވަރަށް ބަނޑުހައި... އޯކޭތަ ޖޮއިންކޮށްލިޔަސް..." މިޝާއާ ޖެހިގެންހުރި ގޮނޑީގައި ނާއިޒް އިށީނެވެ. މިޝާ އަވަހަށް އެތަނުން ދާން އުޅުނެވެ. "މަޑުކޮށްބަލަ!...ކޮންމެ ފަހަރަކު އަހަރެން އަންނައިރަށް ދާންތިއުޅެނީ ކީއްވެތަ؟.... މަމީ އަރާކާއެއްޗެއްތަ؟... ބިރުން ދުވެފިލަން...." ނާއިޒް މިޝާގެ އަތުގައި ބާރަށް ހިފިއެވެ." ދޫކޮށްލާ!.." މިޝާ ބިރުންހުރެ ނާއިޒްއަށް އަމުރުކޮށްލިއެވެ. "ކިހިނެއް ދޫކުރެވޭނީ..... އަހަރެން ތިމޫނުދެކޭހިތުން ކެތްނުވެގެން މިގެޔަށް އަންނައިރުވެސް އަބަދުއޮންނަނީ ކޮޓަރިއަށްވަދެ ފިލާ..... ނޭނގޭތަ އަހަރެންގެ މިނިކަމެތިހިތަށް ވާވަރެއް..... އަހަރެން ހާދަލޯބިވެޔޭ ރެޕަންޒަލްދެކެ..... ކީއްވެތަ އަހަރެންގެ ގާރލްފުރެންޑަށްވާން ބޭނުންނުވަނީ.... އެންމެ ފަހަރަކުވެސް އާއެކޭބުނެބަލަ.... އޭރުން އެނގޭނެ އަހަރެންނަނީވެސް ފިރިހެނެއްކަން....." ނާއިޒް މިޝާއާ ގާތްވެލާފައި މިޝާގެ ކޮލުގައި ތުންފަތްޖައްސާލަން އުޅުނެވެ. މިޝާ މޫނު ދުރުކޮށްލުމުން ނާއިޒް ހީލިއެވެ. ކުއްލިއަކަށް ނާއިޒްގެ އަތުގައި ވަރަށްބާރަށް މިޝާ ދަތްއެޅިއެވެ. ނާއިޒް ފާޑަކަށް ހަޅޭއްލަވައިގެންފައި އަތްދަމައިގަތްއިރު، އަތުން ލޭވެސް އާދެއެވެ. މިޝާގެ އަނގައިގާވެސް ކުޑަކޮށް ލޭރަހަލިއެވެ. މިޝާ އަވަހަށް ކާކޮޓަރިން ނުކުމެ ދުއްވައިގަތެވެ.

" މީހާދަހާ ނުރައްކާތެރި ރެޕަންޒެލްއެކޭ.... އަނެއްކާ ވެމްޕަޔާއެއްތަ؟.... އަތްކާލާށޭ އެދިމާކުރީ.." ނާއިޒް އަތަށް ފުމެލަމުން މިޝާ ދިޔަދިމާއަށް ބަލާލިއެވެ. މިޝާ ދުވެފައި ސިޑިން އެރިގޮތަށް ހުއްޓުމެއްވެސް ނެތި ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ޓެރެސްމަތީގައި ދަޅުބޯންތިބި ޝިފާންއާއި ނަވީންގެ ނަޒަރުވެސް އެދިމާއަށް ހުއްޓުނެވެ. "ވަޓްސް ރޯންގް ވިތް ހަރ؟" ބޭއިޚްތިޔާރުގައި ޝިފާންއަށް ބުނެވުނެވެ. "ކީއްވެ ޝިފާން ކަންބޮޑުވަނީ؟....އެއީ އޭނަގެ އާދައެއްނު... އަބަދުވެސް ދުވެދުވެ ހުންނާނީ.... މީހަކު އެއްޗެއް ބުނާއިރަށް ރޮވޭނެ.... ފިނޑިކުއްޖެއް..." ނަވީން ބުނެލިއެވެ. "މިފަހަރު ރެޕަންޒަލްވެސް ގެންދަން މިވިސްނަނީ؟" ޝިފާން ކުއްލިއަކަށް މައުލޫޢު ބަދަލުކޮށްލިއެވެ. "އޭނ؟...ސީރިއަސްކޮށްތަ؟....ކީއްކުރަން އޭނާގެންދަނީ.... ޖޯކްޖަހާ ރޮއްވަންތަ؟..." ނަވީން ކަންބޮޑުވެފައި އަހާލިއެވެ. "މަމިއުޅެނީ ކުރާނެ އެހެން ކަމެއްނެތިގެންތަ؟.... އެހެންނޫނަސް އަހަރެން ރޮއްވައިގެންތަ އަބަދު އޭނަރޮނީ..... ހަމަ ފިނޑިކަމުން ރޮނީނު ކިރިޔާކަމެއްވާއިރަށް.... އެހާފިނޑިމީހަކު ގޭގަ އެކަނި ނުބަހައްޓަންވެގެން ގެންދަން މިއުޅެނީ...." ޝިފާން ނުރުހިފައި ޖަވާބުދިންގޮތުން ނަވީންގެ ގާތަށް އައީ ނުލަފާ ހިންޏެކެވެ. 

"ޝީބާއަށް އެނގޭތަ؟" ނަވީން އަހާލިއެވެ. " ނޫނޭ... އަދި ނަވީން ނޫން އެކަކަށްވެސް ނޭނގޭނެ.... ބުނާކަށްވެސް ބޭނުމެއްނޫން.... ދާންލޯންޗަށް އެރީމަ އެނގެން ޖެހޭނީ.... އެހެންނޫނީ މައްސަލަ ބޮޑުކުރާނެ..." ޝިފާން އޮޅުން ފިލުވައިދިނެވެ. މިޝާގެންދަން އުޅޭތީ ނަވީން ކަންބޮޑުވިނަމަވެސް، އުފާވެސް ވިއެވެ.

އޭގެ އަނެއްދުވަހުގެ ހަވީރުގެ ވަގުތެވެ. ނަވީން އޭނާގެ ދަބަސްހިފައިގެން ސިޓީއަހުސްއަށް އައިއިރު ޝީބާއާއި ޝިފާންވެސް ދަބަސް ތައްޔާރުކޮށް ނިމިއްޖެއެވެ. 

" ކޮބާދާންވީދޯ؟..." ޝިފާންއަށް ބަލާލަމުން ނަވީން އަހާލިއެވެ. " އާނ! ރެޑީ.... ޝިބްގޮވައިގެން ނަވީން ނައްޓާލާ!..އެނގޭދޯ ލޯންޗްއޮތްދިމާ..... މަމިދަނީ އިރުކޮޅެއްތެރޭގަ..." ޝިފާން އެހެން ބުނުމުން ޝީބާގޮވައިގެން ނަވީން ދިޔައެވެ. ޝިފާން ދުވެލާފައި ސިޑިން އެރީ މިޝާ ކޮބާތޯ ބަލާލުމަށެވެ. ކޮޓަރި ދޮރުހުޅުވާލުމާއެކު ސިހިފައި މިޝާބަލާލިއެވެ. "އަދިވެސް ތައްޔާރުނުވަނީތަ؟....މިހާރު އެންމެން ހިނގައްޖެ....ކީއްވެތަ ފާޑަކަށްތިއިނީ؟.." މިޝާ އިންގޮތުން ހިތްހަމަ ނުޖެހިފައި ޝިފާން އަހާލިއެވެ. "އަހަރެން ނުދާނަން.... ގޭގެހުންނާނީ" މިޝާ ޖަވާބުދިނެވެ. "މިހާރު ކިހިނެއްވީ؟....ގޭގައެކަނި ހުރެގެން ކުރާނެކަމެއް އޮތީތަ؟....އޯހް ގެޔަށް ބޯއީފުރެންޑް ގެންނަންވެގެންދޯ" މިޝާ ރުޅިއަރުވާލަން ގަސްތުގައި ޝިފާން ދިމާކޮށްލިއެވެ. "ނޫން... މަނުހުރޭ ބޯއީފުރެންޑެއް.... އެކަމު ޝިފާންގެ ބައްޕަބުނީ ގޭގަހުންނާށޭ.... ގެބަލާށޭ" މިޝާ ޖަވާބުދިނެވެ. "ގެބަލާށޭ؟!...ރެޕަންޒަލް ދިޔައީމަ ގެ ގެއްލޭނީތަ؟....ގޭގެ ފާރަވެރިޔާތަތީ؟ ހެހެހެ" ޝިފާން ބާރަށް ހޭންފެށިއެވެ. މިޝާ ހައިރާންވެފައި ޝިފާންގެ މޫނަށް ބަލާލިއެވެ. ޝިފާންގެ ހުދުހުދު ދަތްތައް ފެންވަރަށް ހީލީމަ ހާދަރީއްޗޭ އޭނަގެ ހިތަށްއެރީ ކުއްލިއަކަށެވެ. " މަ ބިރުގަންނުވަންތަ ތިހާވަރަށް ތިބަލަނީ؟....މަބުނަމެއްނު މަށާދިމާ އެވަރަށް ނުބަލާށޭ!....ބިރުނުގަތަކަސް މަވެސް ލަދުގަނެއޭ..." ޝިފާން މޫނަށް ވައްތަރެއް ޖައްސާލަމުން ބުނެލިގޮތުން ބޭއިޚުތިޔާރުގައި މިޝާއަށް ހެވުނެވެ. މިނޫނީ ދުވަހަކުވެސް ޝިފާންގެ ކުރިމަތީގައި މިޝާ ނުހެއެވެ. މިޝާ ހީލީގޮތުން ކަޅިޖަހާނުލައި ޝިފާންއަށް ބަލަންހުރެވުނެވެ. މިޝާ ރަކިވެގެން އަވަސްއަވަހަށް އިސްޖަހާލިއެވެ. "ތައްޔާރުވޭ! ވަގުތެއް ނެތް...." ޝިފާން ކޮޓަރިން ނުކުންނަމުން ބުނެލިއެވެ. މިޝާ ދަބަސް ހިފައިގެން ނުކުތުމުން ޝިފާން މިޝާގެ އަތުން ދަބަސްއަތުލައިގެން ދާންހިނގައިގަތެވެ. 

" މީ ހުސްދަބަހެއްތަ؟.... ހެދުމެއްވެސް ނުލަނީތަ؟.... އެންމެ ދުވަހަކަށްނޫން އިނގޭ މިދަނީ...ހަފްތާއަކަށް މިދަނީ؟..." މިޝާގެ ދަބަސްލުއިކަމުން ޝިފާން ހައިރާންވެގެން ބުންޏެވެ. " ތީގަ ހުންނާނެ ހެދުން.... ތިންހެދުމުން ނުވާނެތަ؟.." މިޝާ އަހާލިއެވެ. "ތިންހެދުމޭ!... އެންމެ ތިންހެދުން ހިފައިގެން ތިދަނީ؟... ކަމޯން... ވީކެއްވާންދެން ކިހިނެއް ތިންހެދުންލަނީ؟....ހިނގާ! ދަމުން ފިހާރަކައަކަށްވަދެ ގަނެލާނީ...." ޝިފާން ގޮތެއް ނިންމިއެވެ. " ނޫން ގަންނާނެކަމެއްނެތް.... އަހަރެން ނުލާނަން ފިހާރަތަކުގަ އެހުންނަ ކަހަލަ އެއްޗެއްސެއް.... މިކަހަލަ ހަރުވާޅުހެދުން ނުހުންނާނެ ވިއްކާކަށް..." މިޝާ ދެކޮޅުހެދިއެވެ. " ތި އިންޑިއާ ހެދުންތައްދޯ ލާހިތްވަނީ؟....ދެން ހާދަ އޮޑްކޮށް ތިއުޅެނީ..... ޝިބްމެން، ރައީމެން ލާކަހަލަ ޓޮޕްލާބަލަ! އޭރުން މާސަޅިވާނެ.... މީހާގެ ރީތިކަންވެސް އެވަރުން ފޮރުވައިގެން އުޅެންޖެހޭތަ؟.... އުޅޭގޮތުން ހީވަނީ ހަތްދިހާގެ އަހަރުތަކުގެ މުސްކުޅިއެއްހެން....." ޝިފާން މަލާމާތްކޮށްލިއެވެ. " އެކަމުވެސް ހެޔޮ... އެކަހަލަ ހެދުން ލާކަށް ނުކެރޭނެ!" މިޝާ މަޑުމަޑުން ބުނެލިއެވެ. " ބައްޕަގާތު ބުނާނަން ދެން ތިފާޑުހެދުންތައް އިންޑިއާއިން ނުގެންނާށޭ.... ދެން ގޮތްދޫކޮށްގެން މަގަނެދޭ އެއްޗެއް ލާންޖެހޭނީ މިފަހަރު...މިހާރު ތިހުރީ އަހަރެންގެ ބެލުމުގެ ދަށުގަ...މަބުނާ ގޮތެއް ހަދަން ޖެހޭނީ....އެނގިއްޖެތަ؟..." ޝިފާން އިންޒާރުދިނުމުން މިޝާ ތުންފިއްތާލިއެވެ. އަޖާއިބެއް ކަހަލަ ފިރިހެނެކެވެ. މަޑުމައިތިރިކަމާއެކު އެއްބަސް ބުނެފިއްޔާ އަނެއްހަތަރުބަސް ބުނާނީ ހަރުކަށިކޮންނެވެ. އެނޫންގޮތަކަށް މީހަކާ ވާހަކަދައްކަންވެސް ނޭނގެނީބާއޭ މިޝާގެ ހިތަށް އެރިއެވެ. 

ހެދުން ވިއްކާ ފިހާރައެއް ކައިރިއަށް ޝިފާން ސައިކަލް މަޑުކޮށްލުމަށްފަހު މިޝާގެ އަތުގައި ހިފައިގެން އެތެރެއަށްވެނެވެ. ޝިފާންއަށް ކަމުދާ ހައެއްކަ ހެދުމާއި ޖީންސް އަދި ދެތިންފައިވާންވެސް ގަނެލިއެވެ. އަދި ހަލުވިފިޔަވަޅުތަކެއްގައި މިޝާގޮވައިގެން ފިހާރައިން ނުކުމެ،ސައިކަލަށް އަރާ ސްޓާޓްކޮށްލިއެވެ. މިޝާ އެއްވެސް އެއްޗެއް ނުބުނެ ޝިފާންގެ ފަހަތުގައި އިންއިރު އޭނާގެ ހިތުގެ ތެޅުންބާރުވަމުންދިޔައެވެ. ޝިފާންގެ ގައިންދުވި ހިތްގައިމު ފިރިހެން ސެންޓްގެ ވަހުން އޭނާގެ ސިކުނޑިތާޒާވެގެން ދިޔައެވެ. ޝިފާންއާ އެހާގާތުގައު އިންނަން ޖެހުމުން އަތްފައި ފިނިވިއެވެ. ނަވީންގެ ސައިކަލު ފަހަތުގައި އިންއިރުވެސް މިފަދަގޮތެއް އޭނާއަކަށް ނުވެއެވެ. މިޝާ ވިސްނަން އިންދައި ސައިކަލް މަޑުކޮށްލުމުން ސިހިފައި ބަލާލިއެވެ.

ޖެޓީ ކައިރީގައި ޝިފާންގެ އިންތިޒާރުގައިތިބި އެންމެންގެ ލޯތައް އެދިމާއަށް އަމާޒުވެގެން ދިއުމުން މިޝާ ކަންބޮޑުވިއެވެ. އެމީހުންގެ މޫނުމަތިން ފެނުނު ހައިރާންކަމުން އެމީހުނަށް އޭނާ އަންނަކަން އެނގިފައި ނުވާކަން ދޭހަވިއެވެ.

"ކޮބާ...އަރާކަށްނުވޭ!.." އެންމެނާ މުހާތަބުކުރަމުން ޝިފާން އަހާލިއެވެ. "ދޮންބޭ!...ކީއްކުރަން މިޝާގޮވައިގެން ތިއައީ؟..." ޝިފާންގެ ގާތަށް ޖެހިލާފައި ނުރުހުމާއެކު ޝީބާއަހާލިއެވެ. " ވާހަކަ ގިނަނުކޮށް އަވަހަށް އަރާބަލަ! ލަސްވަނީއެއްނު..." ޝީބާގެ ވާހަކައަށް ސަމާލުކަމެއްނުދީ ޝިފާން މިޝާގެ ދަބަސް ލޯންޗަށް އެރުވިއެވެ. " އާދޭ އަރަން!" ޝިފާން މިޝާއަށް ގޮވާލުމުން ބިރުން އޭނާއަށް ހިންދިރުވާލެވުނެވެ. " ޝިފާން! އޭނަވެސް ގެންދަނީތަ؟..." ފެންނަ މަންޒަރު ގަބޫލު ނުކުރެވިގެން އެންމެފަހުން ރައިނާއަށްވެސް އަހާލެވުނެވެ. " އާނ! ދާތީއެއްނު އައިސްއެހުރީ...ދެން ތިތާހުރީމަ ދެވޭތަ؟... އާދޭއަރަން؟" އަނެއްކާވެސް ޝިފާން ހަރުކަށިކަމާއެކު މިޝާއަށް ގޮވާލުމުން މިޝާ މަޑުމަޑުން ގޮސް ޝިފާންގެ އެހީގައި ލޯންޗަށްއެރިއެވެ. މިމަންޒަރުފެނި ރައިނާގެ ދަތްތަކަށް ބާރުކޮށްލެވުނެވެ. ޝީބާވެސް ތުންއަނބުރާލަމުން ހަށަންބަނދެލިއެވެ. ނަދާއާއި މަލާކްވެސް މިޝާއަށް ލޯއަޅާލިއެވެ. ނާއިޒްއިނީ މިޝާދާތީ އުފަލުންނެވެ. ކުރިން އޭނާވިސްނައިގެން ހުރީ ކޮންމެވެސް ބަހަނާއެއް ދައްކާފައި ނުގޮސް މަޑުކުރާށެވެ. މިޝާ ގޭގައި އެކަނިއުޅޭނެކަން އެނގޭތީއެވެ. ނަމަވެސް މިހާރުމިވީ މާރަނގަޅަށެވެ. ދަތުރުވެސް ކެންސަލް ކުރާކަށް ނުޖެހުނެވެ.

ފަންއައިލެންޑް ރިޒޯޓްގެ ފާލަން ކައިރިއަށް ލޯންޗް މަޑުކޮށްލިއިރުވެސް މިޝާއިނީ އޭނާއަށް އަމާޒުވަމުންދާ ރުޅިވެރިކަމުގެ ނަޒަރުތަކުން ސަލާމަތްނުވެވިފައެވެ. ޝިފާން އޭނާ މާލޭގައި ނުބަހައްޓާ އެގެނައީ މޮޔަވެގެން ހެއްޔެވެ؟ މިއެންމެންގެ މޫޑްޚަރާބު އެވީ އޭނާގެ ސަބަބުންނެވެ. އޭނާއަށް އޭނާގެ ފެންވަރުގައި އުޅުމަށް ދޮންބައްޕަވަނީ ކުރިންރޭވެސް ނަސޭހަތްދީފައެވެ. ދެން ޝިފާން އޭނާއާމެދު ވިސްނަންވީ ކީއްކުރަން ހެއްޔެވެ؟ އަނެއްކާ މިއީވެސް ރޭވުމެއް ނޫންބާއެވެ. ޝީބާޖެހިފަދަ މަޅިއެއް ޝިފާންވެސް ނުޖަހާނެކަމުގެ އޮތީކޮން ޔަގީންކަމެއް ހެއްޔެވެ؟

" ލޯންޗުން ނުފައިބާންތަ ތިއިންނަނީ؟..." މިޝާ ވިސްނުމަކަށް ގެއްލިފައި އިންދައި ނަވީން އަހާލިއެވެ. މިޝާ ހިނިތުންވެލަމުން ތެދުވިއެވެ. ނަވީންގެ އަތުގައި ހިފައިގެން މިޝާ ފޭބިމަންޒަރުބަލަން ހުރި ޝީބާ މިޝާއަށް ލޯއަޅާލިއެވެ. ނަވީން ނޫން މީހަކާ މިޝާ ގާތްނުވަނީ ކީއްވެބާއޭ އޭނާގެ ހިތަށްއެރިއެވެ. ޝިފާންވެސް ހުރީ ހަމަ އެހެން ހިތަށް އަރާފައެވެ. ނަވީން ޝީބާދެކެ ލޯބިވިޔަސް މިޝާ ނަވީންދެކެ ލޯބިވެދާނެޔޭ އޭނާގެ ހިތަށްއެރިއެވެ.

އިރުކޮޅެއް ފަހެވެ. ޝިފާން ބުކްކޮށްފައިވާ ކޮޓަރިތަކުގެ ތަޅުދަނޑިތައް ހިފައިގެން އައެވެ. 
" ޝިބްއާ ރައީއާ، ނަދޫއާ މަލްއާ، ރަޔާން ނާއިޒް، މީ އެންޑް ނަވީން ދެން މިއޮތީ ރެޕަންޒަލްގެ ކީ" ކޮޓަރިތަކަށް މީހުން ބަހާފައިވާގޮތް ކިޔައިދެމުން ޝިފާން ތަޅުދަނޑިތައް ހަވާލުކުރިއެވެ. " ކީއްވެ އޭނައަށް އެކަނި އެއްކޮޓަރިތިދިނީ؟...އިޓްސް ނޮޓް ފެއަރ.." ޝީބާ ޝަކުވާކޮށްލިއެވެ. " ދެން ޝިބްބޭނުމިއްޔާ ރެޕަންޒަލްއާ ޝެއާކޮށްލިއަސް އޯކޭ.." ޝިފާން ޝީބާއަށް ޖެއްސުންކޮށްލިއެވެ. "ހުއް..މަނޫޅެން..." ޝީބާ ތުންއަނބުރާލާފަ ދާން ހިނގައިގަތުމުން ރައިނާވެސް އޭނާގެ ފަހަތުން ދިޔައެވެ.

" ކިހާދެރަކަމެއް ދެން..... ދޮންބެވެސް ކީކޭ ހިތަށްއަރައިގެންތަ އޭނާ އެގެނައީ.... ދެން ހަމަޖެހިލައިގެން މަޖާވެސް ނުކުރެވޭނެ.." ކޮޓަރިއަށްވަދެ އެނދުމައްޗަށް ވެއްޓިގަންނަމުން ޝީބާ ޝަކުވާކޮށްލިއެވެ. " ސްޕެޝަލް ގެސްޓެއްވީމަތަ ކޮޓަރިއެއްވެސް ވަކިން އެދިނީ.... މަމިހާރު ރުޅިދަގަވެގެން ލޭމައްޗަށްދޭ އެބަ..... ޝިފާންވެސް މީ އަޖާބެއް ކަހަލަމީހެއް.... އެ އިވިލް އަންހެނާ ނުގެޔަކަސް ވެދާނެއްނުހަމަ.... އަނެއްކާ ޝިބްގެ ޑޭޑްބުނީތަ އޭނަވެސް ގެންނާށޭ!" ރައިނާ ހައިރާންވެފަ އަހާލިއެވެ. " އާނ ވެދާނެ!... އޯގޯޑް އައި ހޭޓް ޑޭޑް.... އެވިޗް ހަމަރަނގަޅަށްވެސް ޑޭޑްއަށް ޖާދޫއެއް ހަދާފަކަން ޔަގީން..... އެހެންނޫންނަމަ އެވަރުގެ ލޯތްބެއްނުވާނެ... އައި ވިޝް މޮމް އިޒް އަލައިވް..... އެހެންނަމަ މިމުސީބާތެއް ކުރިމައްޗެއް ނުވީސް.." ދެރަވެލާފައި ޝީބާ ފުންނޭވާއެއް ދޫކޮށްލިއެވެ.

އޮއްސެމުންދިޔަ އިރަށް ނަޒަރު ހުއްޓާލައިގެން ކޮޓަރީގެ ކުޑަދޮރުކައިރީގައި މިޝާހުރިއިރު އޭނާގެ ސިކުނޑީގައި ތަފާތު ޚިޔާލުތައް ދައުރުވަމުން ދެއެވެ. ދުނިޔޭގެ ބަދަލުވަމުންދާ ކުލަތައްފަދައިން އިންސާނުންވެސް ބަދަލުވެދާނެބާއޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. ޝިފާންގެ މިޒާޖަށް ބަދަލެއް އައިސްގެން އުޅޭކަށް މިޝާއަށްވަނީ ފާހަގަކުރެވިފައެވެ. އޭނާއާ ވާހަކަ ދައްކާއުޅޭއިރުވެސް އެހުންނަ އަމުރުވެރި ހަރުކަށިގޮތް ކުރިއަށްވުރެ ކުޑައެވެ. ރުޅިއައިސްގެން މިޝާގެ އެއްޗެއްސަށް ގެއްލުންދީއެއްވެސް ނުހަދައެވެ. ވާހަކަދައްކާ އުޅުމުގައިވެސް ކުރީގައި ނުހުންނަ ސަމާސާގޮތެއްވެސް ހުންނަހެން ހީވެއެވެ. އޭނާ ދަތުރުގައި ބައިވެރިކޮށް، ހެދުންވެސް ގަނެދީހެދީ އަމިއްލައަށް ފެނިގެންނެވެ. މިއީ އަނެއްކާ ކޮންފަދަކަމެއްގެ އަލާމާތެއްބާއެވެ. ޝީބާދިންކަހަލަ ލަނޑެއްދޭން ޝިފާންވެސް ބޭނުންވަނީ ހެއްޔެވެ؟ މިފަދަތާކަށް ގެނެސް ކޮންމެފަދަގޮތަކަށްވެސް އޭނާބަދުނާމް ކޮށްފާއެވެ. އޭނާއަށް އެއްޗެއް ބޯންވެސް ދީފާނެއެވެ. ދެންހަދާނީ ކިހިނެއް ހެއްޔެވެ؟ ވިސްނާނުލައި މިހުރީ އާދެވިފައެވެ. މިޝާ ސިހުނީ ކޮޓަރިދޮރުގައި މީހަކު ޓަކިދިން އަޑަށެވެ. ބިރުންހުރެ އޭނާ ދޮރުހުޅުވިއިރު ހުރީ ޝިފާންއެވެ.

" ފެންވަރައިގެން އެއްކަލަތަނުން ހެދުމެއްލައިގެން ތައްޔާރުވެގެން ހުރޭ!.... ޑިނަރ ގަޑިޖެހުނީމަ އަންނާނަން ބަލާ.... މިހާރު ސްނެކްސް އަކުން ފުއްދާލާ.... އެތެރޭގަހުރި މިނީބަރގަ ހުންނާނެ ޑްރިންކްސް.... މިހެން ބުންޏަސް ރަލެއް ނުހުންނާނެ އިނގޭ!... ހަނދާންކޮށް ގަޑިއަށް ރެޑީވާތި!" އެހެންބުނެލުމަށްފަހު ޝިފާން ދިޔައެވެ. ޝިފާން ދިއުމުން މިޝާގޮސް ދަބަސް ހުޅުވާލުމަށްފަހު ހެދުންތައް ނެގިއެވެ. އޭގެ ތެރޭގައި އޭނާއަށް ލާންކެރޭފަދަ ދިގުއެންމެ ހެދުމެއްވެސް ނެތެވެ. ދެންހުރީ އެއާއެކީ ލާން ގަނެފައިހުރި ޖީންސްއެވެ. މިޝާއަށް ހަދާނެގޮތް ހުސްވިއެވެ. މިއެއްޗެހިލައިގެން އެންމެންގެ ކުރިމައްޗަށް އޭނާ ދާނީ ކިހިނެއް ހެއްޔެވެ؟ އެންމެން އޭނާއަށް ޖޯކްޖަހާފަ ހޭނެކަން ގައިމެވެ. ޝިފާން ބޭނުންވާގޮތަކީވެސް އެއީކަންނޭނގެއެވެ. ހެދުމާއެކީ ގަނެފައިހުރި ފައިވާނުގެ ފުންނާބުވެސް ފުދޭވަރަކަށް އުހެވެ. އޭނާއަކީ ދުވަހަކުވެސް އުސްއެއްޗަކަށް އެރިމީހެއްވެސް ނޫނެވެ. ކިތަންމެ ބޭނުންނުވީ ނަމަވެސް ޝިފާންއާ ދެކޮޅުހަދާކަށްވެސް އޭނާއަކަށް ނުކެރުނެވެ. 

ފެންވަރައިގެން އައިސް ޝިފާން ގެނެސްދިން ހެދުންތަކުގެ ތެރެއިން ގަދަފިޔާތޮޅި ކުލައިގެ ހެދުމެއް އޭނާ ނެގިއެވެ. އަތްކުރުނަމަވެސް އެހެން ހެދުންތަކަށްވުރެ އެހެދުން ތަންކޮޅެއް ދިގެވެ. ވަރަށް އުނދަގުލުން ކަޅުކުލައިގެ ޖީންސެއް ލުމަށްފަހު ގޮށްއަޅުވާލިއެވެ. އަދި ހެދުންލައިގެން ގޮސް ލޯގަނޑުކުރިމައްޗަށް ހުއްޓުނެވެ. މިޝާއަށް އޭނަގެ އަމިއްލަ ސޫރަލޯގަނޑުން ފެނުމުން ލަދުގަތެވެ. ޓީޝާޓްފޮތީގެ މަޑުހެދުން ވަނީ ގައިގާތަތްލާފައެވެ. ހެދުން ކުރުކަމުން ފޫކޮޅު ނުފޮރުވެއެވެ. ޖީންސްވެސް ފަޔަށްހިފާލާފައިހުރިއިރު ހީވަނީ ޓައިޓެއް ހެންނެވެ. އެކިގޮތްގޮތަށް އެނބުރި އެނބުރިގައި މިޝާ ބަލަމުން ދިޔައެވެ. އޭނާއަށް އިހުސާސްކުރެވެނީ ހެދުމެއް ނުލައިހުރެވޭހެންނެވެ. އެހާވެސް އެހެދުމާމެދު އޭނާ ހިތްހަމަ ނުޖެހެއެވެ. މިޝާ އޭނާގެ އިސްތަށިގަނޑު އޮމާންކޮށްލުމަށްފަހު ވޫލްކޮޅަކުން އައްސާލިއެވެ. އޭނާ ގެންގުޅޭ ބޭބީ ކޮލޯން ފުޅިއަކުން އެތިފޮދެއް ހާކާލިއެވެ. މޫނުގައިވެސް ކުޑަކޮށް ފުއްޖެހިއެވެ. އަފާދިން އައިލައިނާއަކުން ލޮލުގައި އަދުންވެސް އަޅާލިއެވެ. މިޝާ ތައްޔާރުވެގެން އެނދުގައި އިށީނދެ އިންދައި ދޮރުގައި ޓަކިދިނެވެ. ވަގުތުން އޭނާގެ އަތްފައި ފިނިވިއެވެ. އެއީ ޝިފާންކަން އޭނާއަށް އެނގުނެވެ. 

ލަދުންހުރެ މިޝާ ދޮރުހުޅުވާލިއެވެ. ކުރިމަތީހުރި ޝިފާންއަށް މިޝާފެނިފައި ގަނޑުވި ކަހަލައެވެ. ބަހެއްބުނަން ނޭނގުނުތާނގައި ނޭވާލާންވެސް އޭނާ ހަނދާންހުރިހެނެއް ހިއެއްނުވެއެވެ. ޝިފާން ބަލަން ހުރިގޮތުން މިޝާ ލަދުންގޮސް ހަލާކުވާވަރުވިއެވެ. ހަރަކާތެއްވެސްކުރަން ނޭނގިފައި ޝިފާން ހުއްޓައި އޭނާގެ ފޯން ރިންގްވާންފެށުމުން ސިހިފައި ފޯނުނެގިއެވެ.

"ހެލޯ...މިދަނީ" އަވަސް އަވަހަށް ޖަވާބުދިނުމަށްފަހު ޝިފާން ފޯން ޖީބަށްލިއެވެ. " ހިނގާ!...އެންމެން އަހަރެމެންނަށް ވެއިޓްކުރޭ އެބަ..." ޝިފާން ހަމަޖެހިލަމުން ބުންޏެވެ. ނަމަވެސް މިޝާ އެހެދުމުގައި ފެންނަލެއް ރީތިކަމުން ޝިފާންހުރީ ބަސްހުއްޓިފައެވެ. ދައްކާނެ އެއްވެސް ވާހަކައެއް އޭނާގެ ދުލަކަށްނައެވެ. މިޝާވެސް ޖެހިލުންވެހުރެ ޝިފާންއެކީ ހިނގަމުންދިޔައެވެ. މިޝާއަރާފައިހުރި ފައިވާނުގެ ސަބަބުން އޭނާއަށް ހިގަންޖެހެނީވެސް ވަރަށް ވިސްނައިގެންނެވެ. އެވަރުން ދަނިކޮށްވެސް ފައިކޮއްޓިފައި އޭނާއަރިއަޅާލިއެވެ. ޝިފާންއަށް ސިހިފައި މިޝާގެ ގައިގާ ހިފަހައްޓާލެވުނެވެ. ދެމީހުންގެ ހަތަރުކަޅި ހިނދުކޮޅަކަށް ބައްދަލުވިއެވެ. މިޝާގެ ހިތުގެ ވިންދު އަވަސްވަމުން ދިޔައިރު، ޝިފާންގެ ނަޒަރުން އޭނާވިރުވާލަން އުޅޭހެން ހީވިއެވެ. މިޝާގެ ލޮލުގައި އަނދުންއަޅާފައިހުރުމުން އެރީތި ދެލޮލުގެ ފުރިހަމަކަން އިތުރުކޮށްދީފައި ވެއެވެ. ކުރިއަށްވުރެވެސް އެދެލޯ ބޮޑުވެފައި ހުދުކަމަށް ދައްކައެވެ. މިޝާ އަވަސް އަވަހަށް އެސްފިޔަތައް ތިރިކޮށްލީ ޝިފާންގެ ލޮލަށް ބަލަން ކުޅަދާނަ ނުވެގެންނެވެ. ޝިފާން ކަރުކެހިލަމުން މިޝާއާ ދުރަށް ޖެހިލިއެވެ. 

ދެމީހުން މަޑުމަޑުން ހިނގާފައިގޮސް ރެސްޓޯރެންޓަށް ވަތްއިރު އެހެންމީހުން ތިބީ އެމީހުންގެ އިންތިޒާރުގައެވެ. މިޝާފެނިފައި އެންމެންނަށް ލިބުނީ ބަޔާންކުރަން ދަތި ހައިރާންކަމެކެވެ. ނާއިޒްއަށް މިޝާފެނި އަނގަހުޅުވުނު ގޮތަށް ލައްޕަންވެސް ނޭނގުނެވެ. ރަޔާންވެސް ބަލަން އިންގޮތުން ހީވީ ދުނިޔޭގެ އަށްވަނަ އަޖާއިބުފެނުނުހެންނެވެ. އެންމެންގެ ލޯތައް އޭނާއަށް ސީދާވެފައިހުރުމުން މިޝާގެ ފައިއޮޅޭގޮތްވެ އަރިއަޅާލިއެވެ. ޝިފާން އަނެއްކާވެސް މިޝާ ވެއްޓުނަނުދީ ހިފެހެއްޓިއެވެ. ލަދުންގޮސް މިޝާގެ މޫނަށް މަޑުފިޔާތޮށިކުލައެއް ވެރިވެގެން ދިޔައެވެ. މިޝާފެނިފައި ރައިނާގެ ދަތްތަކަށް ބާރުވެގެންދިޔައިރު، ޝީބާގެ އަތުގައި އޮތް ފޯނުވެސް ފުނޑުފުނޑުވެދާނެހެން ހީވިއެވެ. ނަވީން ފާޑަކަށް ހިނިއައިސް މިޝާއަށް ބަލަން ފެށުމުން މިޝާ ކުރިޔަށްވުރެވެސް ބޮޑަށް ރަކިވިއެވެ.

" އަވަހަށް އިށީނދޭ!.. ބިއުޓިފުލް ލޭޑީ!" ނަވީންގެ ގާތުގައިހުރި ގޮނޑިދުރުކޮށްލަމުން މިޝާއަށް ތަންދެއްކިއެވެ. މިޝާ މަޑުމަޑުން އެގޮނޑީގައި އިށީއްއިރު އޭނާގެ ހިތްބާރުބާރަށް ތެޅެމުންދިޔއެވެ. ރުޅިވެރި ނަޒަރުތަކެއް އޭނާއަށް އަމާޒުވެފައިވާތަން ފެނުމުން ކަންބޮޑުވެ ހާސްވާގޮތްވިއެވެ. " ލެޓްސް އޯޑަރ ފޮރ ސަމްތިންގް" މިޝާގެ އަނެއްފަރާތުގައިހުރިގޮނޑީގައި އިށީނދެ މެނޫނަގަމުން ޝިފާން ބުނެލިއެވެ. އެއްވެސް މީހަކު އިތުރުއެއްޗެއް ނުބުނުމުން ވެއިޓަރަށް ގޮވާލުމަށްފަހު ފަހަރަކުމީހަކު ބޭނުންވާ އެއްޗެއް ޝިފާން އެހިއެވެ. "ރެޕަންޒަލް ބޭނުން އެއްޗެއްބުނޭ." މިޝާއަށް މެނޫދިއްކޮށްލަމުން ޝިފާން ބުންޏެވެ. "މެނޫދެއްކިޔަސް އެއްޗެއް އެނގިގެއްނެއްނު..... އޭނައަށް ރަނގަޅުވާނީ ގަރުދިޔަޔާބަތާ.... އައިމް ޝުއަރ އިޓްސް ނޮޓް އެވެއިލެބަލް ހިއަރ.." ޝީބާ މަލާމާތްކޮށްލިއެވެ. އެއާއެކު ދެންތިބި އަންހެންކުދީންތައް ހޭންފެށިއެވެ. މިޝާ ވަރަށް ލަދުގަތެވެ. އޭނާއަކީ ދުވަހަކުވެސް ރެސްޓޯރެންޓަކުން ކޭކުއްޖެއް ނޫނެވެ. އެންމެންގެ ސަމާލުކަން މިޝާއަށް ހުއްޓިފައިވުމުން ރަނގަޅަށް މެނޫއަށް ބަލާވެސްނުލައި އޭނާ ނަމްބަރެއް ބުނެލިއެވެ.

ކޮމެންޓް 0