ދުވަސްތައް ފާއިތުވެދާ ވަރަކަށް މިޝާއާއި ޝިފާންގެ ގުޅުންވެސް ފޭސްބުކުގެ ޒަރީއާއިން ދިޔައީ ބަދަހިވަމުންނެވެ. އެންމެނާއި ސިއްރުން އެމީހުންގެ ލޯބީގެ ބަގީޗާގައި މާފޮޅުވަމުން ދިޔައެވެ. ރޭގަނޑު އެތައްދަމެއްވާންދެން ހޭލާތިބެއެވެ. ޝިފާން އޭނާގެ ކޮލެޖްގެ ތަފާތު ވާހަކަތައް މިޝާއާ ހިއްސާކުރެއެވެ. މިޝާގެ އޭނާއަށް ދިމާވާ ކަންކަން ޝިފާންއަށް ހިއްސާކުރަމުން ދިޔައެވެ.

ދިހަމަސް ފަސް....
ހަވީރުގެ ވަގުތެވެ. ކޮނޑުގައި ދަބަސް އަޅުވައިގެންހުރެ، ފެރީން ފޭބިއިރު ޝިފާންގެ މޫނުގައިވަނީ ހިތްގައިމު ހިނިތުންވުމެކެވެ. ކިޔެވުމުގެ ބުރަ ދުވަސްތަކަކަށްފަހު އަނެއްކާވެސް ޗުއްޓީލިބުނީއެވެ. އޭނާގެ އެއްވެސް ރައްޓެއްސަކުވެސް އަދި މާލެއެއް ނާދެއެވެ. އެންމެ އަވަހަށް މިއާދެވުނީ އޭނާއަށެވެ. ބައްޕަ މެލޭޝިއާއަށް ދިއުމުން ޝީބާހުރީ ބައްޕައާއެކީ އަންނަން މަޑުކޮށްގެންނެވެ. ފުރުސަތުގެ ބޭނުން ހިފައި ޝިފާން މާލެއައީ މިޝާއަށް ސަޕްރައިޒް ދިނުމަށެވެ. މަގުމަތިން ޓެކްސީއެއް ނަގައިގެން ގެޔާދިމާއަށް މިސްރާބު ޖެހިއިރު އޭނާގެ ޚިޔާލުތައް ގުޅިފައިހުރީ މިޝާއާއެވެ. މިޝާއަށް ކުއްލިއަކަށް އޭނާ ފެނުމުން ވާނެގޮތް ހިތަށް އަރާފައި ޝިފާންއަށް ހިނިތުންވެލެވުނެވެ. ސިޓީހައުސް ދޮރުމައްޗަށް ކާރު މަޑުކޮށްލުމާއެކީ ޝިފާން ފައިސާދިނުމަށްފަހު އަވަސް އަވަހަށް ކާރުން ފޭބިއެވެ. އަދި ސިއްރު ސިއްރު ދޮރާށި އެތެރެއަށް ބޯދިއްކޮށްލުމަށްފަހު، ވަގަކުފަދައިން ދެކޮޅު ހޯދާލުމަށްފަހު ހަލުވި ފިޔަވަޅުތަކެއްގައި ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ދަބަސްތައް އެއްފަރާތެއްގައި ބަހައްޓާލުމަށްފަހު، ވަރުބަލި ފިލުވާލުމަށްޓަކައި އެނދުގައި އޮށޯތެވެ.

ހަވީރު، މަންމައާއި ކޮއްކޮއާއެކު ހިނގާލަން ގޮސް އުޅެފައި މިޝާގެޔަށް އައިއިރު، އިރުއޮއްސި ހައެއްވެސް ޖަހައިފިއެވެ. މަންމަ ކޮއްކޮ ގޮވައިގެން ކޮޓަރިއަށް ވަނުމުން މިޝާވެސް އޭނާގެ ކޮޓަރިއަށް ދިޔައެވެ. އަވަސް އަވަހަށް ފޭސްބުކުން އޮންލައިން ވެލުމަށްފަހު ޝިފާންގެ މެސެޖެއް އޮތްތޯ ބަލާލިއެވެ. ރޭއްސުރެ، މިއަދު ހަތަރުދަމުވެސް ޝިފާންގެ އެއްވެސް ޚަބަރެއް ނުވުމުން އޭނާހުރީ ކަންބޮޑުވެފައެވެ. ޝިފާން މާބޮޑަށް ބުރަކޮށް އުޅޭތީ ޚަބަރު ނުވަނީ ކަމުގައި ވިސްނާފައި އޭނާ ހިތްހަމަ ޖައްސާލިއެވެ. މަޣުރިބު ނަމާދުކޮށްގެން އަނެއްކާވެސް މިޝާ ތިރިޔަށް ދިޔައީ މަންމަގެ ކޮޓަރިއަށެވެ. އާސިމް ނެތިއްޔާ މިޝާ ގިނަ ވަގުތު ހޭދަކުރަނި މަންމައާއި ކޮއްކޮއާއެކުގައެވެ. އިޝާ ނަމާދަށްފަހު ކައިގެންވެސް މިޝާ ނިދަންވާންދެން އެކޮޓަރީގައި ހޭދަކުރެއެވެ.

ދޮންތީ މިރޭ އަޅުގަނޑުމެން ކޮޓަރީގަ ނިދަންވީނު!" ކާންއިނދެފައި އިޝާ އެދުނެވެ.
" ނޫނޭ!...ކޮންމެ ކުއްޖަކުވެސް އެކުއްޖެއްގެ ކޮޓަރީގަ ނިދަންވާނީ....ދޮންތީ އެހެން ކޮޓަރިއެއްގަ ނިދާކަށް ފަސޭހައެއްވެސް ނުވާނެ.." މިޝާ ވަގުތުން އުޒުރު ދެއްކިއެވެ. އިޝާ ވަރަށް އާދޭސްކުރިއެވެ. ނަމަވެސް އެންމެފަހުން މީޒާވެސް އިޝާއަށް ވިސްނައިދިނުމުން އެވާހަކަ ހުއްޓާލާފައި ހިމޭންވިއެވެ. ނަމަވެސް އޭނާއިނީ ދެރަވެފައެވެ. ދޮންތައާއެކު ނިދާލަން އިޝާ ވަރަށް ބޭނުންވެއެވެ. ކައިނިމިގެން މިޝާ ކޮޓަރިއަށް ގޮސް ނިދުމުގެ ކުރިން އޮންލައިވެފައި ޝިފާންއަށް "ގުޑްނައިޓް" މެސެޖެއް ފޮނުވިއެވެ. އަދި މާދަމާ އިރުއަރާއިރު ޝިފާންގެ މެސެޖެއް ލިބޭނެ ކަމުގެ ފޮނި އުއްމީދުގައި އޮވެ ދެލޯމަރާލިއެވެ.

ޝިފާންއަށް ކުއްލިއަކަށް ހޭލެވުނީ ފިނިބޮޑުވެގެންނެވެ. ކަންނެތްކަމާއެކު ދެލޯހުޅުވާލުމަށްފަހު ތެދުވެ ގަޑިބަލާލިއެވެ. ގަޑިން މެންދަމުގެ ބާރަޖެހުމާގާތް ވެއްޖެއެވެ. ޝިފާން ތެދުވެ ފާޚާނާއަށްވަދެ ފެންވަރައިގެން ނުކުތްއިރު ބަނޑުހައިވެގެން ހާންތިވާން ކައިރި ވެއްޖެއެވެ. އަވަސް އަވަހަށް ޓީޝާޓަކާއި ސޯޓެއްލައިގެން ކޮޓަރިން ނުކުތެވެ. ގޭތެރެއިން އެއްވެސް މީހެއްގެ ހިލަންވޭތޯ އިރުކޮޅަކު މަޑުކޮށްލުމަށްފަހު ކާކޮޓަރިއާ ދިމާއަށް މިސްރާބުޖެހިއެވެ. ފްރިޖް ހުޅުވާލުމަށްފަހު ޖޫސްޕެކެޓެއްނަގައި ތައްޓަކަށް ޖޫސްއަޅާލުމަށްފަހު އެއްނޭވާއިން ބޯލިއެވެ. އިތުރަށް އެއްޗެއް ކާހިއްނެތުމުން ފެންބޮއެގެން ކާކޮޓަރިން ނުކުތެވެ. މަޑުމަޑުން ފިޔަވަޅު އަޅަމުން ސިޑިން މައްޗަށް އެރިއެވެ. ޓެރެސްމައްޗަށް ވެރިވެފައިވަނީ އާދަޔާ ޚިލާފު ހަމަހިމޭންކަމެކެވެ. މިޝާގެ ކޮޓަރިން ފުރޭނިގެން އަންނަ މަޑުއަލިން ކޮންމެވެސް ވަރަކަށް އަލިކަން ފެތުރިފައި ވީނަމަވެސް، މުޅިތަނަށް ވަނީ ފަޅުކަމާއި ނާމާން ކަމެއްވެރިވެފައެވެ. ޝިފާން މަޑުމަޑުން ގޮސް މިޝާގެ ކޮޓަރި ތަޅުގައި ހިފާލިއެވެ. ތަޅުލާފައި ހުރުމުން އަނެއްކާ އެނބުރިގޮސް އޭނާ ގެންގުޅޭ "ޑަބަލް ކީ" ހިފައިގެން އައެވެ. ވަރަށް ސިއްރު ސިއްރު، އެއްވެސް އަޑެއްނީއްވާ ދޮރުހުޅުވާލިއެވެ. އެތެރެއަށްވަދެ ދޮރުތަޅުލުމަށްފަހު މަޑުމަޑުން ގޮސް މިޝާގެ މަގަތުގައި އިށީނެވެ. އޮރެންޖް ކުލައިގެ ފަނޑުއަލީގެ ތެރެއިން މިޝާގެ ދޮންމޫނު ފެންނައިރު އަޖާއިބުރުވަނިވި ރީތިގޮތެއް ހުއްޓެވެ. ޝިފާން އެގޮތަށް ބަލަން އިރުކޮޅަކު އިނުމަށްފަހު، ގުދުވެ މިޝާގެ ކޯތާފަތުގައި ތުންފަތް ޖައްސާލިއެވެ. އަރާމުނިދީގައި އޮތް މިޝާއަށް އެއްވެސް ޚަބަރެއްނުވެއެވެ. ޝިފާން މިޝާގެ ގާތުގައު އޮށޯތުމަށްފަހު ކުދިކުދި ގޯނާތައް ކުރަންފެށިއެވެ. ނިދީގައި އޮވެގެން ބައެއްފަހަރު މިޝާ އޭނާގެ އަތް ދުރުކޮށްލައެވެ. ތަފާތު ގޯނާތަކަކަށްފަހު އެންމެފަހުން ޝިފާން މިޝާގެ ގައިގާ ބައްދާލިއެވެ. އެއާއެކު މިޝާ ވަރަށް ސިހިފައި ދެލޯހުޅުވާލުމަށްފަހު އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަތެވެ. އެހަމަހިމޭން ވަގުތުގައި މިޝާގެ އަޑު ހިނދުކޮޅެއްވާންދެން ކޮޓަރިތެރޭގައި ގުގުމާލާފައި ހުއްޓެވެ. މިޝާތެޅިގެންފައި ޝިފާންގެ އަތްދަށުން ދެމިގަނެގެން ތެދުވެ ދެވަނަ ފަހަރަށް ހަޅޭއްލަވައި ގަތުމާއެކު ޝިފާން ފުންމައިގެން ތެދުވެ މިޝާގެ އަނގަމަތީގައި އަތްއެޅިއެވެ.

" ޝްޝްޝް! މީމަށޭ!..." ޝިފާން މަޑުމަޑުން އެހެން ބުނިނަމަވެސް މިޝާ އެއްވެސް ސަމާލުކަމެއްނުދީ ޝިފާންގެ އަތްދަށުން ސަލާމަތްވާން ތެޅެންފެށިއެވެ. އެފަނޑު އަލީގެ ތެރެއިން ކުއްލިއަކަށް ޝިފާން ފެނުމުން އެއީ ޝިފާންކަން މިޝާއަކަށް ގަބޫލެއްވެސް ނުކުރެވުނެވެ. ޝިފާންގެ އަތުގައި ދަތްއަޅުމުން ބޭއިޚުތިޔާރުގައި ޝިފާންއަށް މިޝާގެ ގައިން ދޫކޮށްލެވުނެވެ. އެއާއެކު ރުޥާފައި ދޫކޮށްލި ތީރެއްހައި ބާރުމިނުގައި ދުވެފައިގޮސް މިޝާކޮޓަރިން ނުކުތެވެ. ޝިފާންވެސް ކަންބޮޑުވެފައި ހުރެ މިޝާގެ ފަހަތުން ނުކުތެވެ. މިޝާގެންފައިހުރި ބިރުން ފަހަތްބަލާވެސްނުލައި ތެޅެމުންފޮޅެމުން ގޮސް ސިޑިން ފައިބަންފެށިއެވެ. ޝިފާން ދެވުނުހައި ބާރަކަށް ގޮސް މިޝާ ހިފެހެއްޓިއެވެ.

" އޭތް ހަމަޖެހިބަލަ! މީމަށޭ!....ރަނގަޅަށް ދެލޯހުޅުވާފަ ބަލާލަބަލަ! މީ ޝިފާންއޭ....މިޝޫގެ ޝިފާންއޭ..." ޝިފާން މިޝާގެނެސް އޭނާގެ އަތުތެރޭގައި ހައްޔަރުކޮށްލަމުން ވާހަކަދެއްކިއެވެ. މިޝާހަޅޭއްލެވުން ހުއްޓާލުމަށްފަހު ދެލޯބޮޑުކޮށްގެން ޝިފާންއަށް ބަލަންފެށިއެވެ. ކުއްލިއަކަށް އޭނާގެ ޚިޔާލަށްއައީ އިންސާނުންގެ ސިފަޖެހިގެން ޖިންނިޝައިތޯނުން އަންހެންކުދިންނާ އަވަލާ ވާހަކަތަކެވެ. މިހާރު އޭނަގެ ކުރިމަތީގައި ޝިފާންގެ ސިފައިގައި މިހުރީ ޖިންނިއެއް ނޫންބާއޭ ހިތަށްއެރުމާއެކު އަތްފައިފިނިވެ ބޮލަށް އެނބުރުން އަރާގޮތްވިއެވެ. 

" ހޭއި ސްވީޓީ....އަދިވެސް ބިރުންތަ ތިހުރީ...މީމަށޭ...ގޯސްޓެއްނޫނޭ.....މިއަދު ހަވީރުއައީ....އެކަމް އައިގޮތަށް ނިދުނީ...ދެންމެ މިހޭލެވުނީ....އޭތް ދެން ދެލޯބޮޑުކޮށްގެން ބަލަން ހުންނަންޏާ ގޮތެއް ހަނދާލަފާނަން އިނގޭ!" ޝިފާން މިޝާނަގައި އޭނާގެ އަތްދަނޑިމައްޗަށް އުފުލާލަމުން ހިނިތުންވެލިއެވެ. އޭރުވެސް މިޝާގެ ހިތުގެތެޅުން ހަމައަކަށް ނޭޅެއެވެ. ނިދާފައި އޮއްވައި ޝިފާންކުރި ސަމާސާގެ ސަބަބުން އޭނާގެ ހިތްނުހުއްޓުނީވެސް ކިރިޔާއެވެ. މިޝާ އެހާބޮޑަށް ބިރުގަތުމުން ޝިފާން މާފަށްވެސް އެދުނެވެ. މިޝާގެ ކޮޓަރީގައި އުފާވެރި ވަގުތުތަކެއް ހޭދަކުރުމަށްފަހު ޝިފާން އޭނާގެ ކޮޓަރިއަށް ދިޔައިރު މެންދަމުން އަލިވެ ތިނެއްވެސް ޖަހައިފިއެވެ.

އޭގެ އަނެއްދުވަހު ޝިފާން ފެނުމުން މީޒާއަށް ހައިރާންކަމެއް ލިބުނެވެ. އޭނާހީކުރީ ޝިފާންވެސް އަންނާނީ އާސިމްއާ އެކީގައިކަމަށެވެ. ޝިފާން އައިފަހުން މިޝާ ވަރަށް އަވަހަށް ނިދަން ބޭނުންވެގެން އޭނާގެ ކޮޓަރިއަށްދެއެވެ. ޝިފާންވެސް ކައިގެން އޭނާގެ ކޮޓަރިއަށް ވަދެއެވެ. ނަމަވެސް މީޒާނިދަން ވަނުމުން ޝިފާން ސިއްރު ސިއްރުން މިޝާގެ ކޮޓަރިއަށްދެއެވެ. އެގޮތުގައި މިނިވަންކަމާއެކު ދެމީހުން ލޯބީގެ ގުޅުން ސިއްރުން ކުރިޔަށް ގެންދާކަށް މާގިނަ ދުވަހެއް ނުލިބުނެވެ. އާސިމް ޝީބާގޮވައިގެން މާލެއަތުވެއްޖެއެވެ. ގޭތެރޭގެ މިނިވަންކަން ކުޑަވެއްޖެއެވެ. އާސިމްވެސް ރޭނގަޑުވެ ގިނަވަގުތު ގޭގައި ހޭދަކުރާތީ ޝިފާންއަށް މިޝާއާ ރޭގަނޑު ބައްދަލުކުރުންވީ ދަތިކަމަކަށެވެ.

ނަމަވެސް އެދެމީހުންގެ ގުޅުމަކަށް އެއްވެސް ހީނަރުކަމެއް ނާދެއެވެ. އެއްގޭތެރޭގައި އުޅެމުންވެސް ފޯނުން މެސެޖްކޮށް ހަދައެވެ. އެކަކު އަނެކަކަށް ކެނޑިނޭޅި އަމަލާއި ބަހުން ލޯބި ހާމަކުރަމުން ދިޔައެވެ. ޝިފާންގެ ލާނެއްކަން އިތުރުވެ، ބައެއްފަހަރު އެހެންމީހުންގެ ކުރިމަތީގައިވެސް މިޝާއަށް ލޯބީގެ ކުދިކުދި ގޯނާތައް ކުރަމުންދިޔައެވެ. އެކަންކަމުން މިޝާގެ ހިތަށް ބަޔާންކުރަންދަތި އުފާވެރިކަން ތާއަބަދު ލިބިލިބި ހުރެއެވެ. މިޝާގެ މޫނުގައި ނުފިލާހުންނަ ހިނިތުންވުމުގެ އަސްލު އެނގޭ ހަމައެކަނި މީހަކީ ނަވީންއެވެ. ޝީބާ ހުންނަނީ އެކަމުގެ އަސްލެއް ނޭނގި ހައިރާންވެފައެވެ. ރައިނާގެ ހިތުގައި ހިނގަނީ ހަސަދައިގެ އޮއެވަރެކެވެ. 

" މިހާރަކަށް އައިސް އެމިޝާއެއް އެއްތާކު ދެފައި ނުޖަހާ އުޅޭއިރު ހީވަނީ އެހެންފަދަކަމެއްހެން.....އަބަދު ހެވިފަ ހުންނައިރު ހީވަނީ އޭނާއަށް ޚަޒާނާއެއް މިލްކުވެގެން އުޅޭހެން..." ރައިނާއަށް މިޝާގެ އެއުފާވެރިކަން ދެކެން ކެތްނުވެގެން ބުންޏެވެ. 
" ވެދާނެއްނު....އޭނާއަށް ޚަޒާނާއެއް މިލްކުވީކަމަށް" ފަރުވާކުޑަ ގޮތަކަށް ޝީބާ ޖަވާބުދިނެވެ. ޝިފާންގެ އަމަލުތައް ހުންނަގޮތުން ޝީބާހުންނަނީ ޝައްކެއްގައެވެ. މިޝާއާއި ޝިފާންގެ މެދުގައި ގުޅުމެއް ހިނގާހެން އޭނާއަށް ހީވި ނަމަވެސް އަދިވެސް ޔަޤީނެއް ނުވެއެވެ. 

ހެނދުނު ފަތިހު ފަތިހާ ތެދުވުމަކީ މިހާރު ޝިފާންގެ އާދައެކެވެ. މިޝާ ބަދިގޭގައި ސައިހަދަން އުޅޭވަގުތު ޝިފާން އެތަނަށްވަދެ މިޝާއަށް އެހީތެރިވެދީ ހަދައެވެ. މީހަކަށް ފެނިދާނެތީ މިޝާ ޖެހިލުންވީ ނަމަވެސް ޝިފާން މާބޮޑަކަށް އެކަމާ އަޅައެއްނުލައެވެ. މިގޮތަށް ތަކުރާރުކޮށް މިޝާކުރާ ކޮންމެ ކަމެއްގައި ޝިފާން ބައިވެރިވަމުން ދަނިކޮށް އެއްދުވަހަކު ޝީބާއަށް ކާކޮޓަރިއަށް ވަދެވުނީ އިއްތިފާޤުންނެވެ. ޝީބާ ހަމަ ފެނުމާއެކު ޝިފާން މޮޅު ވާހަކައެއް ދައްކައިގެން އޮޅުވާލަން މަސައްކަތް ކުރިއެވެ. ޝިފާން ކޮންމެ ވާހަކައެއް ދެއްކިޔަސް ގަބޫލު ކުރާހާ ޝީބާވެސް މޮޔައެއް ނޫނެވެ. ނަމަވެސް އޭނާ ދެނަހުރިކަމަށް ނުހަދައި މަޑުން ހުރީއެވެ. ޝީބާގެ ކުރިމަތީގައިވެސް ޝިފާން މިޝާއަށް ގޯނާކުރުން އާދައަކަށްވިއެވެ. 
" ޝިފާން....ޝީބާ ހުންނަނީ ތިހެން އުޅޭތީ ވަރަށް ހިތްހަމަ ނުޖެހިފަ....އޭނާއަށް ޝައްކުވެސް ވާނެމިހާރު....ބައްޕަގާތު ބުނެފާނެ.." މިޝާ ކަންބޮޑުވެގެން އެންމެފަހުން ޝަކުވާކުރަން ފެށިއެވެ. " އޯކޭ....ދެން ބީރައްޓެހިން އުޅޭހެން ނުދަންނަކަމަށް ހަދައިގެން އުޅެފާނަން....އޭރުން ދެރަވެގެން ނުރޯތި..." ޝިފާން ހަމަޖެހިލާފައި ބުންޏެވެ. " އެހެނެއްނޫން 
މިބުނީ.،..އެކަމް ޝީބާގެ ކުރިމަތީ..." މިޝާ އޭނާގެ ޖުމްލަ މެދުކަނޑާލިއެވެ. 

" އެންމެ ރަނގަޅު....މިއަދު ތިކަމަށް ހައްލެއް ގެންނާނަން....އާދޭ މަށާއެކު.." ޝިފާން މިޝާގެ އަތުގައި ހިފައިގެން ދަމަމުން ކަހަލަގޮތަކަށް ގޮސް ޝީބާގެ ކޮޓަރިއަށް ވަނެވެ. އެނދުގައި ފޮތެއްކިޔަން އޮތް ޝީބާ ސިހިފައި ތެދުވިއެވެ. އަދި ހައިރާންވެފައި ޝިފާންއަށް ބަލާލިއެވެ. މީގެކުރިން ދުވަހަކުވެސް ދޮރުގައި ޓަކިނުޖަހާ ޝިފާން ދޮރެއް ނުހުޅުވައެވެ. މިޝާގެ އަތުގައި ހިފައިގެން ޝިފާން ހުރުމުން ޝީބާ ހިތުގައި ސުވާލުތައް އިތުރުވިއެވެ. ޝިފާން ގޮސް އެނދުގައި އިށީނދެ ޝީބާގެ އަތުގައި ހިފާލިއެވެ.

" ދޮންބެ މިއުޅެނީ ޝިބްގާތު ވަރަށް ބޮޑު ވާހަކައެއް ބުނަންވެގެން.....ދޮންބެއާއި ރެޕަންޒަލް އައި މީން މިޝާއުޅެނީ ރިލޭޝަންޝިޕެއްގަ...މާނައަކީ މިޝާއެއީ މިޙާރު ދޮންބެގެ ގާރލްފުރެންޑޭ.....އެކަމް ދޮންބެ ނުބުނަނީސް އެއްވެސް މީހެއްގާތު މިވާހަކަ ބުނެގެން ނުވާނެ..." ޝިފާން ވާހަކަދެއްކީ މަޑުމައިތިރި ކަމާއެކުގައެވެ. ޝީބާއަށް ކުރިން ޝައްކުވީނަމަވެސް ޝިފާން އެހާފާޅުކަން ބޮޑުކޮށް އެވާހަކަ ދައްކާނެ ކަމަކަށް އޭނާ ހިއެއް ނުކުރެއެވެ. ޝީބާ ހަމައެކަނި ހިނިތުންވެލަމުން ބޯޖަހާލިއެވެ. އިތުރަށް ދައްކާނެ އެއްވެސް ވާހަކައެއް އޭނާގެ ވިސްނުމަކަށް ނައެވެ. ދޮންބެ އަދިވެސް މިޝާއާ ސަމާސާއެއް ކުރަނީ ނޫންބާއޭވެސް އޭނާގެ ހިތަށް އެރިއެވެ. އެހެން ވެއްޖެނަމަ، ދޮންބެކުރިއަސް އެއީ ރަނގަޅުކަމެއް ނޫނެވެ. އެއްވެސް މީހެއްގެ އިހުސާސްތަކާއި އެގޮތަށް ކުޅުމަކީ އޭނާއަށް ގަބޫލު ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް ޝިފާންގެ މޫނުމަތިން ފެންނަންހުރި ސީރިއަސްކަމުން އެކުރަނީ ސަމާސާއެއް ނޫނޭވެސް އޭނާގެ ހިތްބުނެއެވެ. އެހެން ވެއްޖެނަމަ، މިޝާއަކީ މުސްތަޤުބަލްގައި އޭނާގެ ފަހަރި ހެއްޔެވެ؟ ހަމަގައިމުވެސް އެއީ އޭނާއަށް ގަބޫލުވެވޭނޭ ކަމެއްނޫނެވެ. މިޝާ އެގޭގައި އުޅުނަސް އޭނާގެ ދޮންބެދައްތަގެ މަޤާމުދޭކަށް އޭނާގެ ހިތެއް ނުރުހެއެވެ.
ދުނިޔޭގައި ކަންކަން ބަދަލުވެގެން ދަނީ އިންސާނާ ހީވެސް ނުކުރާހައި ހަލުވިކަމާއެކުގައެވެ. މިޝާގެ ދިރިއުޅުމަށް ކުއްލިއަކަށް ބަހާރުމޫސުން އައުމުން އޭނާގެ އުފާވެރިކަން އެތައްގުނައަކަށް އިތުރުވެގެން ދިޔައެވެ. އެއުފާވެރިކަމުގައި އުމުރަށްވެސް އުޅެން ލިބޭނެކަމުގައި އޭނާހީކުރިއެވެ. ޝިފާންގެ ރަހުމަތްތެރީން މާލެއައުމާއެކީ ގޭތެރޭގެ ހަލަބޮލިކަން ދެގުނައަށް އިތުރުވިއެވެ. އަނެއްކާވެސް ރަހުމަތްތެރީންނާއެކު މަޖާކުރުމުގެ ދުވަސްތަށް ފެށިއްޖެއެވެ. އެމީހުންކުރާ ކޮންމެކަމެއްގައި ޚާއްސަގޮތެއްގައި މިޝާ ބައިވެރިކުރަން ފެށުމުންމަޑުމަޑުން ޝިފާންގެ ރަހުމަތްތެރީންނަށްވެސް އެމީހުންގެ ގުޅުން ހާމަވަމުން ދިޔައެވެ. 
އާއަހަރު ފެށުނު ރޭގައި ޝިފާން އޭނާގެ ސިއްރު ރަހުމަތްތެރީންގެ ކުރިމަތީގައި ހާމަކުރިއެވެ. ރަޔާން ފުރަތަމަ ހީކުރީ އެއީ ޝިފާންގެ ސަމާސާއެއް ކަމުގައެވެ. ނަމަވެސް އެއީ ހަޤީޤަތެއްކަން އެނގުމުން އެގުޅުމަށް އޭނާ މަރުޙަބާކިއެވެ. ނާއިޒްވެސް ހިތުތެރޭގައި ރުޅިވެރިކަން ފޮރުވައިގެންހުރެ، ދެއްކުންތެރިކަމުގެ ހިނިތުންވުމަކުން ޝިފާންއަށް މަރުޙަބާކިއެވެ. ޝިފާންގެ ދުލުން އެހާމަކުރި ސިއްރުގެ ސަބަބުން ރައިނާގެ ހިތް ކުދިކުދިވިއެވެ. ވަގުތުން ލޮލަށް ކަރުނަ ޖަމާވިއެވެ. އޭނާހުރީ މިއަހަރުގެ ފެށުން ވަރަށް އުފާވެރިކޮށް ގެންދިއުމަށެވެ. ނަމަވެސް މިލިބުނު ހިތާމަވެރި ޚަބަރުން އަހަރުގެ ހުރިހާއުފަލެއްވެސް ނެތިގެން ދިޔަހެން ހީވިއެވެ.އޭނާގެ ހިތުގައި މިޝާއަށްޓަކައި ކުރިންސުރެ އުފެދިފައިވާ ނަފްރަތުގެ އަލިފާންގަނޑު އެތައްގުނައަކަށް ބޮޑުވެގެން ދިޔައެވެ. ޝިފާންގެ ހިތް މިޝާއަށް ހާސިލްވީނަމަވެސް، ޝިފާން މިލްކްވާން ޖެހޭނީ އޭނާއަށް ކަމުގައި ވަގުތުން ނިންމިއެވެ. ކޮންމެފަދަ ގޮތަކުން ޝިފާން ހާސިލްކުރުމަށް ރައިނާ ހިތާހިތުން އަޒްމު ކަނޑައެޅިއެވެ.
ޝީބާއަށް އެކުވެރިޔާގެ ހާލުއެނގޭއިރުވެސް އެހީތެރިވެވޭކަށް ނެތެވެ. ހަމްދަރުދީގެ ބަހެއްބުނެ ހިތްވަރު ދެވޭކަށްވެސް ނެތެވެ. އެއްކޮޅުން އޭނާގެ ލޯބިވެރިޔާ ބަހާއި އަމަލުން މިޝާއާއި ޝިފާންގެ ގުޅުމަށް މަރުޚަބާ ކިޔައި ހިތްވަރުދެއެވެ. ޚުދު ޝިފާންގެ ދުލުން އެއީ ސަމާސާއެއްނޫންކަން އެއްބަސްވެ އިޤުރާރުވެއްޖެއެވެ. ދެން އިތުރަށް ދެއްކޭނެ ވާހަކައެއް އެބައޮތް ހެއްޔެވެ؟
އެސިއްރު ރަހުމަތްތެރީންގެ ކުރިމަތީގައި ހާމަކުރިނަމަވެސް ބައްޕައާ ހަމައަށް ދާކަށް ޝިފާން ބޭނުމެއްނޫނެވެ. އޭނާ އެޚަބަރުދޭން ގަސްތުކުރަނީ ކިޔަވައި ނިމުމުންނެވެ. ނަމަވެސް ހަލުވިކަމާއިއެކު އޮޔާއި ވައިބަދަލުވަމުންދާ ދުނިޔޭގައި އެއްވެސްކަމެއް މާގިނަދުވަހު ސިއްރުވެފައެއް ނޯންނާނެއެވެ. ޝިފާންއާއި މިޝާގެ ލޯބީގެ ސިއްރު އާސިމްއަށްވުރެ ކުރިން ފަޅާއެރީ މީޒާއަށެވެ. މިޝާއާއި ޝިފާންގެ ބަދަލުވެފައިވާ މިޒާޖު ފެނިފައި ޝައްކެއްގައި އޭނާ ހުންނަތަނާ ވަރަށް ދުވަސް ވެއްޖެއެވެ. ނަމަވެސް އޭނާގެ ލޮލަށް އެކަން ގަބޫލުކުރާނޭ ހެކި ލިބުނީ، އެއްރެއެއްގެ މެންދަމުގެ ވަގުތެވެ. އެރޭ އޭނާ ޓެރެހަށް ދިޔައީ، ބިރުވެރި ހުވަފެނެއްފެނި، ހޭލެވުމުން ނިދިފިލައިގެންނެވެ. އެކަނިމާއެކަނި ޓެރަހުގައި ހުރެ ހިތްހަމަ ޖައްސާލުމަށް އޭނާ ދިޔަނަމަވެސް، ފެނުނު މަންޒަރުން އޭނާގެ ހިތުގެ ނުތަނަވަސްކަން އެތައްގުނައަކަށް އިތުރުވެގެން ދިޔައެވެ. މިޝާގެ ކޮޓަރިން ހުނުމުގެ އަޑުއިވުމުން މީޒާ ފުރަތަމަ ހީކުރީ އެއީ އޭނާއަށް ހީވިގޮތެއް ކަމަށެވެ. ކުޑަދޮރުކައިރިއަށް ޖެހިލީ އެކަން ޔަޤީންކޮށްލުމަށެވެ. އެތެރެއިން ޝިފާންގެ އަޑުއިވިފައި އޭނާގެ މޭގަނޑުތެޅިގަތެވެ. އޭނާގެ ދަރިފުޅުގެ ކޮޓަރީގައި މިފަދަ ވަގުތެއްގައި ޝިފާން އުޅުމަކީ ހުވަފެނަކުން ވެދާނެކަމަށް އޭނާހީކުރި ކަމެއްނޫނެވެ.އެއީ ދުވަހަކުވެސް އޭނާގެ ހިތް ރުހޭނެކަމެއްވެސް ނޫނެވެ. ހައިރާންވެފައި އޭނާ އެތާ ހުންނަތާ އިރުކޮޅެއްފަހުން ޝިފާން އެކޮޓަރިން ނުކުމެގެން ދިޔައީ އޭނާގެ ހިތުގައި ތޫފާނެއް އުފައްދާފައެވެ. އެންމެފަހަރަކުވެސް ޝިފާން ފަސްއެނބުރި ބަލާލިނަމަ، ހިލައިގެ ބުދެއްފަދައިން ގަނޑުވެފައިހުރި މީޒާ ފެނުނީހެއެވެ.
ޝިފާން ދިއުމުން މީޒާ އަވަސް އަވަހަށް ތިރިޔަށް ފޭބިއިރު އޭނާގެ ހިތްއަވަސްވެ، މުޅިމީހާގެ މިޒާޖު ގޯސްވެއްޖެއެވެ. ކުއްލިއަކަށް ގަދައަށް ކަރުހިއްކައިގަނެ، މުޅިމީހާ ދާހިއްލާ ފޯވެއްޖެއެވެ. ކާކޮޓަރިއަށްވަދެ އެމަތިމަތިން ދެތަށިފެން ބޯލުމުންވެސް އޭނާގެ ކަރުހިއްކުމެއް ނުފިލިއެވެ.ގޮނޑިއަކަށް ވެއްޓިގަނެ ދެލޯމަރާލުމާއެކު މާޒީގެ ކަޅު ސަފްހާތައް ލޯމަތީ ސިފަވާން ފެށިއެވެ.
"ނޫން..ނޫން....އެހެންވެގެން ނުވާނެ....އަހަރެންގެ ދަރިފުޅަށް އެހެންވެހެން ނުވާނެ" ކުއްލިއަކަށް މީޒާ ލޯހުޅުވާލުމަށް ފަހު ދެފަރާތަކަށް ބޯހޫރާލިއެވެ.އޭނާ ވެއްޓުނުފަދަ އަނދިރި ވަޅުގަނޑަކަށް އޭނާގެ ދަރިފުޅު ވެއްޓިހަނާވާކަށް އޭނާ ނޭދެއެވެ.

ނިމުނީ

ކޮމެންޓް 0