ކާރު ގޮސް ހުއްޓައިލި މަންޒިލް ފެނުމުން، މިޒްޔަލްއަށް ހައިރާންކަމެއް ލިބުނެވެ. އެއީ އޭނާއަށް އައު މަންޒިލެއް ނޫނެވެ. ސައިކަލުން ތެދުވެވުނު ގޮތްވެސް އޭނާއަށް ނޭނގުނެވެ. މިޒްޔަލްގެ މޫނުމަތީގެ ކުލަވަރު ބަދަލުވާން ނެގީ ހިނދުކޮޅެކެވެ. އެއީ ބިންޔާގެ ގެއެއް ނޫނެވެ. ވީއިރު، ބިންޔާ އެތަނަށް ދާންޖެހޭ ސަބަބެއް މިޒްޔަލްއަކަށް ނުވިސްނުނެވެ. މިޒްޔަލް ތަންކޮޅެއް ދުރުގައި ބަލަން ހުއްޓެވެ. ބިންޔާ ގޭގެ ބެލް ޖަހައިލިއެވެ. ގިނައިރެއްނުވެ، ދޮރު ހުޅުވުނެވެ. އެތެރެއިން ނުކުތީ، ފިރިހެނެކެވެ. އެމީހަކު ފެނުމާއިއެކު، މިޒްޔަލްގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

********

"ތި އައީތަ؟...." ބިންޔާ ފެނުމުން އާސިފްގެ މޫނުން ފެނުނީ ހަމަޖެހުމުގެ އަސަރެވެ.

"ލައްބަ..." ބިންޔާ ޖަވާބުދިނީ އަދަބުވެރިކަމާއިއެކުގައެވެ.

ބިންޔާ އެތެރެއަށް ވަނުމުން، އާސިފް ދޮރު ލައްޕައިލިއެވެ. އެމަންޒަރު ބަލަން ހުރި މިޒްޔަލްގެ ހިތަށް އުނދަގޫވީ ކީއްވެ ކަމެއް އޭނާއަކަށް ނޭނގުނެވެ.

"އިންޓަވިޔު ކިހިނެއް ދިޔައީ؟..." ގޭތެރެއަށް ވަންނަމުން، އާސިފް ސުވާލުކުރިއެވެ.

ބިންޔާގެ ހަނދާނަށް އައީ، މިޒްޔަލްއާއި ދެމީހުންގެ މެދުގައި ހިނގި ހާދިސާއެވެ. ވަގުތުން އޭނާގެ މޫނު މިލައިގެން ދިޔައެވެ. އާސިފް ހުރީ ބިންޔާގެ މޫނަށް ބަލަން ކަމުން، ބިންޔާއަށް ވީގޮތް ފެނި، އޭނާގެ ތުންފަތަށް ވެރިވީ މާނަފުން ހިނިތުންވުމެކެވެ.

"ރަނގަޅެއް ނޫން ދޯ؟... އަހަންނަށް ރަނގަޅީވެސް އެގޮތް..." އާސިފް ޖަހައިލީ ހިނިގަނޑެކެވެ. "ވަޒީފާ ލިބިއްޖެއްޔާ ދެން މިގެއަށް ނާންނާނެކަން ޔަގީންވިއްޔަ..."

ބިންޔާގެ ދަތްތަކަށް ބާރުވެގެން ދިޔައެވެ. އާސިފަކީ ބިންޔާގެ ދިރިއުޅުމަށް އެޅިފައިވާ ކަޅު ހިޔަންޏެއްފަދަ މީހެކެވެ. ވާ ފޫހިން އާސިފާއި ހަތަރުކަޅި ހަމަކުރާކަށްވެސް ބިންޔާ ބޭނުމެއް ނުވެއެވެ. އެކަމަކު، އާސިފްގެ ކައިރިއަށް އައުން ނޫންގޮތެއް ބިންޔާއަކަށް ނެތެވެ.

"ދައްތަ ކައިރިއަށް މި އަންނަނީ ކޮންމެހެން މުސާރައެއް ލިބޭތީކީ ނޫން..." ހިތްހަމަނުޖެހުނު ނަމަވެސް އެކަން ނުދައްކާވޭތޯ މަސައްކަތް ކުރަމުން ބިންޔާ ބުނެލިއެވެ.

"އެންމެ ރަނގަޅޭ.... އެއްބަސްވެވިފަ އޮތް ގޮތާ ހިލާފު ނުވަންޏާ، ބިންޔާ ބޭނުންވާ ކަންކަން ކުރާކަށް އަހަރެން ހުރަހެއް ނާޅާނަން..." އިންޒާރެއް ދޭފަދަ ރާގަކަށް އާސިފް ބުންޏެވެ.

އާސިފް ދިޔުމުން ބިންޔާއަށް ދޫކޮށްލެވުނީ ހަމަޖެހުމުގެ ނޭވާއެކެވެ. އޭނާ ގޭތެރެއަށް ވަދެގެން ގޮސް، އެންމެ އަވަހަށް ވަދެވެން ހުރި ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. އެނދުގައި އޮށޯވެލައިގެން އަންހެނަކު އޮތެވެ. ނިދިފައި އޮތްއިރުވެސް އެމީހާގެ މޫނުން ފެންނަމުން ދިޔައީ އެކަނިވެރިކަމާއި މާޔޫސްކަމެވެ. ބިންޔާ އިރުކޮޅަކު އެމީހާއަށް ބަލަން ހުއްޓެވެ. އަންހެންމީހާގެ ދެލޮލުގެ ހިމަކޮޅުން ކަރުނައިގެ ރޮނގެއް ހެދިފައިވިއެވެ. ނިދީގައިވެސް އެތައް ވޭނެއް ތަހަންމަލް ކުރަމުންދާ ފަދައެވެ. ބިންޔާ ޓިޝޫއެއް ނަގައި، މަޑުމަޑުން އެމީހާގެ ދެލޯ ފޮހެލަދިނެވެ. އެއަށްފަހު، ގައިމަތީގައި އަޅާފައިވާ ފޮތިގަނޑު ރަނގަޅުކޮށްލިއެވެ.

"ދައްތާ، ހިތްވަރުކޮށްލާ... އިންޝާﷲ ވަރަށް އަވަހަށް ހުރިހާ ކަމެއްވެސް ރަނގަޅުވާނެ... އަހަރެން ދައްތައަށް އެހީވާނަން..." ބިންޔާ މަޑުމަޑުން ބުނެލިއެވެ.

ކޮޓަރިން ނުކުތް ބިންޔާގެ ސިއްރުވެރި ނަޒަރު ހުއްޓުނީ، ކުރިމަތީގައި ހުރި ދޮރަށެވެ. އޭނާ ހަލުވި ފިޔަވަޅުތަކެއްގައި ގޮސް، އެ ދޮރު ހުޅުވައިލިއެވެ. އަނދިރިކަން ވެރިވެފައިވާ ކޮޓަރީގެ ބޮކި ދިއްލާކަށް އޭނާ ނޫޅުނެވެ. ފޯނުގެ އަލީގެ އެހީގައި ކޮޓަރި ވަށައިގެން ބެލިއެވެ. ބިންޔާގެ ހަރަކާތްތައް އަވަހެވެ. ފޯނުން އަލިކޮށްގެން އަލަމާރިއާއި ކަބަޑުތައް ބަލަން ފެށިއެވެ. އޭނާގެ މޫނުން ހަމަޖެހުމުގެ އަސަރު ފެނުނީ، ކަބަޑު ތެރެއިން ކެމެރާއެއް ފެނުމުންނެވެ.

********

މިޒްޔަލްގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާފައި ސަރަފިއްޔާ އެތެރެއަށް ވަނެވެ. އޭރު މިޒްޔަލް އިނީ އެނދުގައި އިށީނދެލައިގެން ފިކުރެއްގެ ތެރެއަށް ގެއްލިފައެވެ.

"ދަރިފުޅާ ކިހިނެއްވެފަ ތީނީ؟..." މިޒްޔަލްގެ ކައިރީގައި އިށީންނަމުން، ސަރަފިއްޔާ ސުވާލުކުރިއެވެ.

"މާމާ، މާމަ ހަނދާންވޭތަ މަންމަ އިންޑިޔާއަށް ފުރި ދުވަސް؟..." މާޒީ ހަނދާންކޮށްލަމުން، މިޒްޔަލް އަހައިލިއެވެ.

"ކުޑަކުއްޖެއްހެން ދަރިފުޅު ބޮޑާހޭކި ދުވަސްތަ؟..." ސަރަފިއްޔާ ލާނެތް ރާގަކަށް ބުންޏެވެ.

"މާމަ މިހާރު އަބަދު ދިމާކުރަނީ ކީއްވެ؟..." މިޒްޔަލް އޭނާގެ މޫނަށް ވައްތަރެއް ޖައްސައިލިއެވެ.

"މާމަ ކިހިނެއް އެދުވަސް ހަނދާންނެތޭނީ... ދަރިފުޅު ނުކައި ނުބޮއެ ކޮޓަރި ތަޅުލައިގެން މުޅި ދުވަހު އުޅުނީ..." ސަރަފިއްޔާގެ މޫނުން ފެނުނީ ކަންބޮޑުވުމުގެ އަސަރެވެ. "ދަރިފުޅު ކީއްވެ ކުއްލިއަކަށް އެދުވަހުގެ ވާހަކަ ތި ދައްކަނީ؟..."

"އެދުވަހު މަންމަ ކަންތައް ކުރީ ދުވަހަކުވެސް ނުކުރާ ގޮތަކަށް..." މިޒްޔަލް ބުނެލިއެވެ.

މިޒްޔަލްގެ ދެލޮލުން ފެނުނީ ރިހުމެވެ. އެތައް އަހަރެން ކުރީގެ ހިތި ހަނދާންތަކުން މިއަދުވެސް އޭނާގެ ހިތް ޒަހަމުކުރުވައެވެ. ބުނެދޭން ނޭނގޭ ރިހުމެއް އެހިތުގައި އުފެދިފައިވާތާ އެތައް ދުވަހެކެވެ. އެ ރިހުމަށް ފަރުވާ ހޯދަން އޭނާ ނުކުރަނީ ކޮން ކަމެއް ހެއްޔެވެ؟

"ދަރިފުޅު ދެން އެކަމާ ނުވިސްނާ... މަންމަ ނެތަސް، މާމަ މިހުރީނު... މާމަ ދަރިފުޅަށް ރަނގަޅެއް ނޫންތަ؟..." ސަރަފިއްޔާ މިޒްޔަލްގެ ބުރަކަށީގައި ފިރުމައިލިއެވެ.

"މާމަ ތީ އެންމެ ބެސްޓް..." ސަރަފިއްޔާގެ ގައިގައި ދެއަތް ވަށައިލަމުން މިޒްޔަލް ބުންޏެވެ.

ކިތަންމެ ޒިންމާދާރުވެގެން އުޅުނަސް، މާމަގެ ކައިރީގައި މިޒްޔަލް އުޅެނީ ކުޑަކުއްޖެއް ހެންނެވެ. އެއީ ސަރަފިއްޔާގެ ހިތަށް ފިނިކަން ލިއްބައިދޭ ސިފައެކެވެ. މިޒްޔަލްއަކީ އޭނާއަށް އަމިއްލަ ދަރިއެއްފަދަ ކުއްޖެކެވެ. ދެލޮލުގެ ކޮއި ފަދައިން އޭނާ މިޒްޔަލްދެކެ ލޯބިވެއެވެ. އެކުއްޖާގެ ކޮންމެ ހިތާމައަކީ ހުދު އޭނާވެސް ބަރުދާސްތުކުރާނެ ހިތާމައެކެވެ. ސަރަފިއްޔާ އިސްޖަހައިލީ އޭނާގެ ދެލޮލަށް ކަރުނަ ޖަމާވުމުންނެވެ. މިޒްޔަލްގެ އެކަނިވެރި ދިރިއުޅުން ފޫބައްދައިދޭން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން އޭނާ ބޭނުންވެއެވެ. އެކަމަކު، އެ ދިރިއުޅުމުން ހުސްކަން ނޫން އެއްޗެއް އޭނާއަކަށް ނުފެނެއެވެ. އެންމެ ރަނގަޅު ގޮތަކީ މިޒްޔަލްގެ ހަޔާތަށް އަންހެން ކުއްޖަކު ގެނައުން ކަމުގައި ސަރަފިއްޔާއަށް ގަބޫލުކުރެވުނެވެ. އެކަމަށް އޭނާ ބޭނުންވީ މިޒްޔަލްގެ އެކުވެރިންގެ އެހީތެރިކަމެވެ.

********

މެންދުރުފަހު ހެދި ވިލާގަނޑުގެ އަސަރު ފެންނަން ފެށީ އިރު އޮއްސެން އުޅެނިކޮށެވެ. ވާރޭ ވެހެން ފެށިގޮތަށް ހުއްޓައެއް ނުލިއެވެ. ވިދާ ގުގުރާފައި، ބާރަށް ވައި ޖެހެމުން ދިޔައެވެ. ގޯލްޑަންހިޔާ ރެސްޓޯރެންޓްގައި މިޒްޔަލްއާއި އޭނާގެ އެކުވެރިން ތިބީ ކޮފީއެއް ބޯށެވެ. ދުވާލަކު އެއްފަހަރު ނަމަވެސް، ތިން މީހުން އެއްތަންވެލުމަކީ، ކުރީއްސުރެ އެމީހުން ކުރަމުން އައި ކަމެކެވެ.

"މާމަ ބޭނުންވަނީ އަހަރެން އަވަހަށް މީހަކާ އިންނަން..." މިޒްޔަލްގެ މޫނުން ފެނުނީ ހާސްކަމެވެ. "މާދަން ނޫން ކަމެއް ނޭނގެ، ތި ދެމީހުން ގެއަށް ގެންދާނީ... މާމައަކީ މާމަ... ކުރަން ބުނެފި ކަމެއް ނުކޮށް ނުހުއްޓާނެ..."

"ކަލޭ ލަސްވެސްވެއްޖެއޭ މީހަކާ އިންނަން..." ޝިމާޢު ދިމާކުރަން ފެށިއެވެ. "އެންމެން ބިޓުން ގެންގުޅޭއިރުވެސް ކަލޭ ތިހުންނަނީ ހުސްކޮށް... ތިހެން ހުއްޓާ މީހުން ފާޑުފާޑުގެ ވާހަކަ ދައްކަން ފަށާފާނެ..."

"ކޮން ވާހަކައެއް؟..." ފާޑަކަށް ހީލަމުން، މިޒްޔަލް ބޯ ހޫރައިލިއެވެ.

"މީ ކޮން ޒަމާނެއްކަން ވިސްނާލަބަލަ... އަޑެއް އަރައިފިއްޔާ، އެ ދާނެ ރާސްލާފަ..." ޝިމާޢުގެ މަގުސަދަކަށްވީ މިޒްޔަލް ބިރުގަންނުވައިލުމެވެ.

"އަދި މީހަކާ ނީނދެވިގެން އުޅޭ ވަރެއް ނުވެއެއްނު... ބިޒްނަސްއެއް އެބައޮތް ބޮލުގަ އެޅިފަ... އިހަށް އެކަމެއްނު ކުރަންވީ... ފައިސާގެ ބޭނުމުގަ އުޅޭ ކުދިން ތިބެނީ މުޅިންވެސް... އަހަންނަށް އުނދަގޫވޭ އަންހެން ކުއްޖަކު ބެލިޔަސް..." މިޒްޔަލް ދޫކޮށްލީ ފުންނޭވާއެކެވެ.

"ތިހެން ހުއްޓާ، ކަލޭގެ ކޮއްކޮ ކަންނޭނގެ، ދެންވެސް ކުއްޖަކު ސެޓުކޮށްލާނީ... ދޯ އަމަން..." އަމަންއަށް ބަލައިލަމުން، ޝިމާޢު ބުންޏެވެ. "އަމަން، ކަލޭ މިރޭ މާ މަޑުން ތި އިންނަނީ ކީއްވެފަ؟..."

"ބިޓާ ކުޑަ މައްސަލައެއް ޖެހިގެން މިއުޅެނީ...." ފޯނަށް ބަލަން އިނދެފައި އަމަން ބުންޏެވެ. "ތިއެއް ނޫނޭ... މީނަގެ ކަންތަކުގަ އަހަރެމެން ހާސްވާކަށް ނުޖެހޭނެ... މާމައޭނު އެބުނީ... ދެން ހުއްޓާނީ މީނަ މީހަކާ އިން ދުވަހަކުން... މަ މިހެން ބުނީތީވެސް ބަލަން ހުންނާތި..."

އަމަންވެސް ޝިމާޢުއާއި ބައިވެރިވެގެން މިޒްޔަލްއާއި ދިމާކުރަން ފެށިއެވެ.

"މަށަށް ހީވަނީ މީނައަށް ސެޓްކޮށްދޭންވީ އެއްކަލަ މަންޖެހެން..." ޝިމާޢު ބުންޏެވެ. "އެމަންޖެ ނޫނީ އަދި މީނަގެ ގައިގަ އަތްވެސް ޖައްސާލަން ލިބުނު ކުއްޖަކު ނޫޅޭ... އެމަންޖެއަށް ވާނެ ކޮންމެހެންވެސް ވަޒީފާ ހަމަޖައްސަދޭން... ބޮސްގެ ފައިންޕުޅުދަށަށް ގެނެވުނީމަ ކަމެއް ކުރެވޭނީ.... ބެކަޕަކަށް ހަމަ ގައިމުވެސް ރަނގަޅުވާނެ..."

ބިންޔާއާއި ގުޅޭގޮތުން ޝިމާޢު ދައްކަން ފެށި ވާހަކައިން މިޒްޔަލްގެ ހިތަށް އުނދަގޫވިއެވެ. ކީއްވެކަން ނޭނގުނެވެ. މިޒްޔަލްއަށް އެނގުނު ކަމަކީ، ބިންޔާއަށް ދެރަވާގޮތަކަށް އެއްވެސް މީހަކު ވާހަކަ ދައްކާ އަޑު އަހަން އޭނާއަށް ފަސޭހަ ނޫން ކަމެވެ.

"ޝިމާޢު ކަލޭ ތިނޫން ވާހަކައެއް ދައްކަންވެއްޖެ އެއްނު..." މިޒްޔަލް ދެފަރާތަށް ބޯ ހޫރައިލިއެވެ.

"އޭތް... މަ އެބަޖެހޭ ބިޓު ހޮސްޕިޓަލަށް ވައްޓާލަން ދާން... އަނެއްކާ ކަންތައް މާ ގޯސްވެދާނެ... ވާރޭވެސް އެ ހުއްޓާލީ... އަވަހަށް ހިނގާ ނުކުންނަން..." އަމަން ތެދުވިއެވެ.

ތިންމީހުން އެކުގައި ބޭރަށް ނުކުތް ނަމަވެސް، މިޒްޔަލް ދިޔައީ، ގޯލްޑަންހިޔާ ޝޮޕިންމޯލަށެވެ. ގެއަށް ދިޔުމުގެ ކުރިން ގަންނަންޖެހޭ ބައެއް އެއްޗެހި ހުރުމާއި އެކުގައެވެ. ޝޮޕިންމޯލުގެ ހަތަރު ފަންގިފިލާގެ އެކި ބައި ހާއްސަކޮށްފައި ހުންނަނީ އެކި ވައްތަރުގެ މުދަލަށެވެ. އެންމެ ތިރީބައިގައި ހުންނަނީ ކާބޯތަކެއްޗެވެ. ފަހަރަކު ހަރެއް ބަލަމުންދިޔަ މިޒްޔަލްގެ ނަޒަރު ހުއްޓުނީ، ކަޕްނޫޑްސް ޖަހާފައިވާ ހަރަށެވެ. މަންމަގެ ހަނދާންތަކުން އޭނާގެ ހިތަށް އުނދަގޫ ކުރުވިއެވެ. އެތަނުގައި ހުރީ، މިޒްޔަލްގެ މަންމައަށް އެންމެ މީރު ނޫޑްލްސްއެވެ. މިޒްޔަލް ވަގުތުން އެ ދިމާއަށް ހިނގައިގަތެވެ.

ހިފައިގެން ހުރި ބާސްކެޓް ފުރުނުއިރުވެސް ބިންޔާ އެއްޗެހި ނެގުން ހުއްޓައެއް ނުލިއެވެ. ނޫޑްލްސް ހަރުގެ ކައިރީގައި ހުއްޓިފައި އޭނާ ކުޑަކޮށް ފުންމައިލީ، ކަޕްނޫޑްސް ތައްޓެއްގައި އަތްޖެހޭތޯއެވެ. އެވަގުތު ކައިރީގައި ހުއްޓުނު މީހަކު ހަމަ އޭގެ ތައްޓެއް ނެގިތަން ފެނިފައި، އޭނާ އެމީހަކަށް ބަލައިލިއެވެ. ދެމީހުންގެ އަތުގެ ބީހިލުން އެކަކު އަނެކަކަށް އިހުސާސް ކުރެވިގެން ދިޔައެވެ. އިސްކޮޅުން ދިގު އެ ޒުވާނާގެ މޫނަށް ނަޒަރު ހުއްޓުމާއިއެކު، ބިންޔާގެ ދެލޯ ބޮޑުވިއެވެ. އަވަސް އަވަހަށް އެމީހަކަށް ފުރަގަސްދިނެވެ.

ކޮމެންޓް 0