ޝިމާޢު ބަލައިލިތަން ފެނުމުން، މިޒްޔަލް އޭނާގެ ލޮލުގައި އަޅާފައިވާ އަވި އައިނު ނެގިއެވެ. ކުރިއަށްވުރެ ހިކިފައި ހުއްޓަސް، މިޒްޔަލްގެ ފިރިހެންވަންތަކަމަކަށް ބަދަލެއް ނާދެއެވެ. ކުރިއަށްވުރެ ހަމުގެ ކުލަ އަލިވެފައިވާއިރު، މިޒްޔަލްގެ އިސްތަށިގަނޑު އޮތީ ކުޑަކޮށް ދިގުކޮށްލާފައެވެ.

********

މިޒްޔަލް އައިސް ކައިރީގައި ހުއްޓުނުއިރުވެސް، ޝިމާޢު ހުރީ ކަޅި ޖަހާވެސްނުލައި ބަލަހައްޓައިގެންނެވެ. އޭނާއަށް އައިސްފައިވާ ބޮޑު ބަދަލު ގަބޫލުނުކުރެވިފައި ހުރި ކަހަލަ ގޮތަކަށެވެ.

"އޭތް!... ދެ އަހަރު ދުވަސް ވަންދެން ހުސް ފަތްކޮޅެއް ކައިގެންތަ އުޅުނީ؟... ހާދަ އަނަރޫފަވެފައޭ ތިހުރީ... އަހަންނަށް ފާހަގަ ކުރަންވެސް ނޭނގުނު..." ޝިމާޢު ވާހަކަ ދެއްކީ ދިމާކުރާ ރާގަކަށެވެ.

މިޒްޔަލް ހަދިޔާކޮށްލީ ލުއި ހިނިތުންވުމެކެވެ. އާއްމުކޮށް އެކުވެރިންގެ ސަކަރާތުން ދިފާއުވާން މަސައްކަތްކުރާ މިޒްޔަލް މިއަދު ހުރީ ހިމޭންވެފައެވެ.

"އަހަރެމެންގެ އަމަންއަށް ތި ފޯމިއުލާ ކިޔާދީބަލަ... ބޮޑު ގޮނޑި އަނބުރަން އިނދެއިނދެ، މީނަގެ މިހާރު ޗަބީޗޮބީ ބަނޑުކޮޅެއްވެސް ލައިފި... ބަލާބަލަ... އަށްމަހުގެ މާބަނޑު މީހެކޭ އެއްގޮތް..." ޝިމާޢު އަމަންގެ ބަނޑުގައި ފިރުމައިލިއެވެ.

"ޝިމާޢު ކަލޭ އަބަދު މަގޭ ބަނޑެއްގަ އަޅައިގަނެގެން ތިއުޅެނީ ކީއްވެތަ؟..." ޝިމާޢުގެ ކޮނޑުގައި އަތް އަޅައި ދުރަށް ކޮށްޕައިލަމުން އަމަން ބުންޏެވެ.

ތިންމީހުން ހެމުން ކާރާއި ދިމާއަށް ހިނގައިގަތެވެ. ކާރަށް މިޒްޔަލްގެ ފޮށި އަރުވާފައި އަމަން އެރީ ޑްރައިވަރު ޝީޓަށެވެ. ވަށައިގެންވި މާހައުލަށް ބަލަން މިޒްޔަލް އިނީ ހިމޭންވެފައެވެ. އެ ހިމޭންކަމުގެ ސިއްރު ހަމައެކަނި އެނގޭ މީހަކީ އޭނާއެވެ. މިޒްޔަލްގެ މޫނުން އުފާވެރިކަމެއް ނުފެނެއެވެ. ވާހަކަ މަދެވެ. ހީވަނީ ކަމަކާއި ކަންބޮޑުވެފައި އިން ހެންނެވެ. އެކަން ނުދައްކަން މަސައްކަތްކުރި ނަމަވެސް މެއެވެ.

"މިހާރު މަންމަ ކިހިނެއް؟..." މާހައުލުގެ ހިމޭންކަން ނެތިގެން ދިޔައީ ޝިމާޢުގެ އަޑުންނެވެ.

"އަލްހަމްދުލިﷲ ވަރަށް ބޮޑުތަން ރަނގަޅުވެއްޖެ..." މިޒްޔަލް ހިނިތުންވެލިއެވެ.

"އަލްހަމްދުލިﷲ... ދެން ކިހާ ދުވަހަކުން މިކޮޅަށް އާދެވޭވަރު ވާނީ؟... ބައްޕަ ނާންނާނެދޯ މަންމަ އެކޮޅުގަ ހުއްޓައެއް؟..." ޝިމާޢު ސުވާލުކުރިއެވެ.

"ބައްޕަ އަންނާނީ މަންމައާ އެކީ... ދެން ހިއެއްނުވޭ މާގިނަ ދުވަސް ވާނެހެނެއް..." ފުން ނޭވާއެއް ދޫކޮށްލަމުން މިޒްޔަލް ބުނެލިއެވެ.

"ދެން ބުނެބަލަ... ކީއްވެ ކުއްލިގޮތަކަށް ތިއައީ؟... މިތާ ބަހައްޓާފަ ދިޔަ އެއްޗެއް ބަލާތަ؟... ނޫނީ..." ސިމާޢުގެ ޖުމުލަ ފުރިހަމަނުވަނީސް މިޒްޔަލް ވާހަކަ ދައްކަން ފެށިއެވެ.

"ބިޒްނަސް..." މިޒްޔަލް ބުންޏެވެ. "މަންމަ މިކޮޅަށް އަންނަންވާއިރަށް ކުރަންޖެހޭ ބައިވަރު ކަންކަންވެސް އެބަހުރި... ހުރިހާ ކަމެއް ނިންމާލަން މިއައީ..."

މިޒްޔަލް ހީވީ ކަމެއް ސިއްރުކުރަން އުޅުނު ހެންނެވެ. އެއް ފައްޗަކަށް ހުރިހާ ވާހަކައެއް އަމުނައިލިގޮތުންވެސް އެކަން ހާމަވިއެވެ. އަމަން ފާޑަކަށް ހީލިއިރު، ޝިމާޢުވެސް ހިނިގަނޑެއް ޖަހާލައިފިއެވެ. މިޒްޔަލް ނުބުނަން އުޅުނަސް، އޭނާ އައި ބޭނުން އެ ދެމީހުންނަށް ސިއްރުނުވާ ކަހަލައެވެ.

"ހޫމްމް... ބިޒްނަސްދޯ؟..." ޝިމާޢު ފާޑަކަށް ހިނިތުންވެލައިގެން އިނދެ، ބޯ ޖަހައިލިއެވެ.

********

ޓެކްސީއެއްގެ އިންތިޒާރުގައި މަގުމަތީގައި މަޑުކޮށްލައިގެން ހުރި ބިންޔާ ސިހުނީ އޭނާގެ ކައިރިއަށް ސައިކަލެއް މަޑުކޮށްލުމުންނެވެ. އެމީހެއްގެ މޫނު ނިވާވެފައިވަނީ އަޅާފައިވާ ހެލްމެޓްގެ ސަބަބުންނެވެ. ބިންޔާގެ ހިތުގައި އުފެދުނު ޝައްކުތަކާއިއެކު، އޭނާ ފަހަތަށް ޖެހިލިއެވެ. އެމީހަކު ސައިކަލުން ފައިބާ، ބޮލުގައި އަޅާފައިވާ ހެލްމެޓް ނެގިއެވެ.

"އާރިފް!..." ބިންޔާގެ މޫނުން ނުތަނަވަސްކަން ފިލައިގެން ދިޔައެވެ.

ރެސްޓޯރެންޓްގެ ވަޒީފާ ދޫކޮށްލުމަށްފަހު، އާރިފް ރިސޯޓަކަށް ދިޔަފަހުން، ބިންޔާއާއި ބައްދަލުވީ، އަހަރަކަށްވުރެ ގިނަ ދުވަސްވީ ފަހުންނެވެ.

"ހާދަ ބިރުން ތިހުރީ..." އާރިފް ހިނިގަނޑެއް ޖަހައިލިއެވެ.

"ފޭރޭ މީހެއްކަމަށް ހީކުރީ..." ބިންޔާވެސް ހީގަތެވެ.

"އެކަނި؟... މިތާ ކީއްކުރަނީ؟..." ވަށައިގެންވި މާހައުލަށް ކަޅި ހިންގައިލަމުން އާރިފް ސުވާލުކުރިއެވެ.

ބިންޔާ އޭނާ އައި ބޭނުން ކުޑަ ގޮތަކަށް ތަފްސީލްކޮށްދިނެވެ.

"މާޝާﷲ ހާދަ ކުރިއަށް ޖައްސާލައިފިއޭ... އަހަރެން ވަރަށް އުފާވެއްޖެ... ރެސްޓޯރެންޓުން އަހަންނަށް ޖޮބެއް ލިބޭނެތަ؟..." އާރިފް ޖަހައިލީ ލުއި ހިނިގަނޑެކެވެ. "މިއައީ ރިސޯޓް ޖޮބް ދޫކޮށްލާފަ... ބޭބެ މާ ބޮޑަށް ބަލިވެ އުޅޭތީ ނެތް އަވަހަށް ދެވޭކަށް އެކޮޅަށް..."

"ބޭބެއަށް ކިހިނެއްވީ؟..." ބިންޔާގެ މޫނުން ފެނުނީ ހާސްކަމެވެ.

"ކުއްލިއަކަށް ހުރެފަ ވެއްޓުނީ... އުނަގަނޑުން ތިރި އެއްގޮތަކަށްވެސް މަސައްކަތެއް ނުކުރޭ... ވާގިނެތިފަ..." އާރިފް ދޫކޮށްލީ ފުން ނޭވާއެކެވެ. "ހިނގާ ކޮފީއަކަށް... މިހާ ދުވަސްކޮށްފަ ދިމާވީމަ ނޯ ނުބުނައްޗޭ..."

ބިންޔާ ހިނިތުންވެލަމުން ބޯ ޖަހައިލިއެވެ. ދެމީހުން އެކުގައި ހިނގައިގަތީ، މަގު ހުރަސްކުރާށެވެ. ކުރިމަތިން އައި ކާރު، ބިންޔާމެންނާއި ހަމައިން މަޑުކޮށްލިއެވެ. ކާރުގައި އިން މިޒްޔަލަށް ފެނުނީ، ބިންޔާ އެ ކާރުގެ ކުރިމަތިން ހުރަސްކޮށްލި ތަނެވެ. ބުރުގާ އަޅާފައި ހުރުމުން، ބިންޔާކަން ޔަގީންނުވެގެން އޭނާ ވަރަށް ބެލިއެވެ. ރަނގަޅަށް ފެނުމުގެ ކުރިން އެކުއްޖަކު އޭނާއަށް ފަސްދީފިއެވެ. އެއީ ބިންޔާގެ މޫނުކޮޅެވެ. އެ މޫނު އޭނާއަށް އޮޅޭނީ ކިހިނެއް ހެއްޔެވެ؟ މިޒްޔަލް އުޅުނީ ކާރުން ފައިބާށެވެ. ޝިމާޢުއަށް ހިފެހެއްޓުނީ ކިރިޔާއެވެ.

"ކޮންތާކަށް ދާން ތިއުޅެނީ؟..." ޝިމާޢު ހާސްވެފައި އަހައިލިއެވެ.

މިޒްޔަލް އެއްޗެއް ނުބުނެއެވެ. ބިންޔާއާއި އާރިފް ދިޔަ ދިމާއަށް ބަލަން އޭނާ އިނެވެ. ފުރަގަހުން ފެންނައިރުވެސް، އެކުއްޖާ ބިންޔާއާއި ހާދަ ވައްތަރެވެ. ހިނގާގޮތްވެސް ނުހަނު އެއްގޮތެވެ. އެކަމަކު، އެއީ ބިންޔާއަށް ވެއްޖެނަމަ، ކައިރީގައި ހުރީ ކާކު ހެއްޔެވެ؟ ހިތަށް އެރި އެއްޗަކުން މިޒްޔަލްގެ ހިތް ތެޅިގަތެވެ.

********

ޒަޔާން އައިސް ގެއަށް ވަނުމާއިއެކު، ނާޒިރާ ސޯފާގައި އިނދެފައި ފުންމައިގެން ތެދުވިއެވެ. ނާޒިރާގެ އިސްތަށިގަނޑު އޮތީ ހޭވިފައެވެ. މޫނުމަތީގައި ދިރުމެއް ނެތެވެ. ތުންފަތް ވަނީ ކުރަކިވެފައެވެ. ކުރިން އެމޫނުން ފެންނަމުންދިޔަ ބޮޑާކަމާއި ކިބުރުވެރިކަން ފެންނަ ވަރަށްވުރެ، މޫނުމަތި ވަނީ ނިކަމެތިވެފައެވެ.

"އަހަރެން ހާދަ ހޫނުވާތީއޭ މިއުޅެނީ... އޭސީ ގެނެއްސިންތަ؟..." އަވަސް އަވަހަށް ނޭވާލަމުން ނާޒިރާ އަހައިލިއެވެ.

"މަންމާ!..." ޝަކުވާގެ ރާގެއްގައި ޒަޔާނަށް ގޮވައިލެވުނެވެ.

ނާޒިރާ އުޅޭގޮތަކުން ޒަޔާން ހުންނަނީ ގެއަށް ވަންނަންވެސް ފޫހިވެފައެވެ. އަބަދު ކަމަކީ ޝަކުވާ ކުރުމެވެ. ޖަލުގެ ތޭރިތަކުގެ ބަދަލުގައި ގެއެއްގައި މިނިވަންކަމާއިއެކު އުޅެން ލިބުމުންވެސް ނާޒިރާގެ ހިތެއް ނުފުރުނެވެ.

"ސައީދު އަހަރެން ވަރިކޮށްފަ ގޭން ނެރުނީ އެކައްޗެއްވެސް ނުދީ..." އާދައިގެ މަތިން ނާޒިރާ ކުރާ ޝަކުވާތައް ޒަޔާނުގެ ކުރިމަތީގައި ބަންޑުންކުރަން ފެށިއެވެ. "އަހަރެންގެ އެކަކުވެސް ނެތް... އެއްޗެއް ދޭނެ މީހެއްވެސް ނެތް... ބަލާބަލަ މިއުޅެންޖެހޭ ކުޑަ ގެގަނޑު... މި ގޭގަ އަހަރެން ކެތްކުރާނީ ކިހިނެއް؟... ދަރިފުޅު އަތުގަ ރުފިޔާ ނެތިއްޔާ، ބައްޕަ ކައިރީ ބުނެބަލަ އޭސީއެއް ލައިދޭށޭ... ސައީދުގެ އަތުގަ ފައިސާ ހުންނާނެ..."

"މަންމަ އަދިވެސް ތި ވިސްނަނީ ދުނިޔޭގެ އެދުންވެރިކަމާ ދޭތެރޭތަ؟..." ޒަޔާނަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. "އެއްފަހަރުވެސް މަންމައަށް ކުރެވުނު ކަންތައްތަކާއި ދޭތެރޭ ވިސްނާލިންތަ؟... ބައެއްގެ ފުރާނަ ނަގާލަން މަސައްކަތް ކުރުމަކީ ކުޑަ ކަމެއް ނޫނޭ..."

ޒަޔާނުގެ ކެތްތެރިކަން ކޮޅުންލިއެވެ. އެއީ މަންމަގެ ކުރިމަތީގައި އޭނާ އެގޮތަށް ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ. އިތުރަށް ހަގީގަތް ސިއްރުކޮށްގެން ހުންނާނެ ހިތްވަރެއް އޭނާގެ ނެތެވެ. މަންމަ އިސްލާހުވޭތޯ އޭނާ ހާދަ މަސައްކަތެއް ކޮށްފިއެވެ. އެކަމަކު، އެ ހުރިހާ މަސައްކަތެއް ވީ ބޭކާރެވެ. އޭނާއަށް ކުރެވުނު ކަމަކީ ފޫނެއް ފަޔަކަށް ފެންފުރުމެވެ.

ބައްޕައާއި މަންމައާއި ދޭތެރޭ ޖެހުނީ ކޮން މައްސަލައެއްކަން ނޭނގޭތީ، ޒަޔާނުގެ ހިތުގައި ސައީދާއިމެދުވެސް ޝަކުވާ އުފެދިފައިވިއެވެ. ކުއްލިއަކަށް އޭނާގެ ބައްޕަ އެވަރުގެ ނިންމުމެއް ނިންމީތީއެވެ. އަނތްބެއްގެ މަގާމުގައި އެހާ ދުވަހު އިން އަނބިމީހާ ވަރިކޮށް، ގެއިން ނެރެލީ ހިތްދަތި ގޮތަކަށެވެ. މީގެ ދެ އަހަރު ކުރިން ޒަޔާން އައިއިރު، ސައީދެއް ނެތެވެ. ނާޒިރާ ހުރީ މަގުމަތިވެފައެވެ. ޒަޔާނަށް އަންގާލުމެއްނެތި، ސައީދު ރާއްޖެއިން ބޭރަށް ފުރައިގެންވެސް ދިޔައީއެވެ. ދިމާވި އެއްވެސް ކަމެއްގެ ތަފުސީލު ދިނުމެއް ނެތިއެވެ. ނާޒިރާއަކީ މައިމީހާއަށްވީތީ، ޒަޔާންގެ ހިތުގައި އެ މަންމައަށް އޮތް ލޯތްބަށް އުނިކަމެއް ނާދެއެވެ. ހަމަ އެފަދައިން ސައީދަށްވެސް އޭނާ ގަދަރުކުރެއެވެ. ލޯބިވެއެވެ. ދެމީހުންކުރެ އެކަކަށްވެސް ދެރަގޮތެއް ވާކަށް އޭނާ ބޭނުމެއް ނުވެއެވެ.

"ޒަޔާން ދަރިފުޅާ!... މަންމަ މި އަހަނީ ތީ ކާކު ފަތުރައިގެން އުޅޭ ދޮގު ވާހަކަތަކެއްހޭ..." ޒަޔާނަށް ހިޔާލުތަކުން ދުރުވެވުނީ ނާޒިރާގެ އަޑު ޖެހުމުންނެވެ. ދެންވެސް އެނާއަށް އެއްޗެއް ނުބުނެވުނެވެ. ނާޒިރާއަށް ބަލަން ހުރެވުނީއެވެ. އެކަންވީ ނާޒިރާގެ ރުޅިގަނޑު ފަޅައިގެންދިޔަ ކަހަލަ ކަމަކަށެވެ.

"ކާކު ފަތުރައިގެންއުޅޭ ދޮގު ވާހަކައެއްހޭ؟... މީހަކު އަޖައިބެއް ނުވާނެތަ؟..." ނާޒިރާ ހަޅޭއްލަވައިގަތެވެ.

ޒަޔާން ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އޭގެ ކުރިން ޒަޔާނާއި ދިމާއަށް ބާރަށް އެއްޗެއްވެސް ނުބުނާ ނާޒިރާއަށް ވެފައި ހުރީ ކިހިނެއް ހެއްޔެވެ؟ ނާޒިރާ ހުރީ ރަނގަޅަށްވެސް މޮޔަވެފައެވެ. ރުޅި އައިސްފިނަމަ، ރުޅި ހައްދުން ނެއްޓެއެވެ. ކިޔޭ ނުކިޔޭއެއް ނޭނގެއެވެ. އެއީ ކުރީގެ ނާޒިރާއެއް ނޫނެވެ. މަންމަގެ ހިމާޔަތުގައި އުމުރު ދުވަހު ހުންނަން މަސައްކަތް ކުރި ނަމަވެސް ޒަޔާން ވަރުބަލިވެއްޖެއެވެ. މަންމަ ދުވަހަކުވެސް ރަނގަޅު ނުވާނެކަމަށް ހިތް ބުނަން ފެށިއެވެ. ދުނިޔޭގެ އުފާވެރިކަމާއިމެދު ވިސްނާ މީހަކަށް އިސްލާހުވާނޭ މަގެއް ނުފެންނާނެއެވެ. އެމީހަކަށް އަބަދުވެސް މުހިއްމުވާނީ، ދުނިޔޭގެ އަރާމާއި އުފަލެވެ.

"ޔަގީނޭ އެ ސަމީރާ ދައްކައިގެން އުޅޭ ވާހަކައެއް ކަން ތީ... އޭނަ މިތަނަށް ގެނޭ... އަހަރެންގެ ދެއަތުން އޭނަ މަރާލާނަން... އާސިފަކަށް އެކަމެއް ނުވިއެއްނު... އަހަރެން އޭނަ މަރާލަފާނަމޭ.... ނިކަން ސަމީރާ މިތަނަށް ގެނެސްބަލަ..." ނާޒިރާ ހުއްޓާނުލައި ހަޅޭއްލަވަމުން ދިޔައެވެ.

ނާޒިރާ ދައްކަން ފެށި ވާހަކައަކުން ޒަޔާން ހުރީ އަޖައިބުވެފައެވެ. އޭނާގެ މަންމަ އެ ދައްކަނީ ކޮން ސަމީރާއަކާއި އާސިފެއްގެ ވާހަކަ ހެއްޔެވެ؟ ސަމީރާއާއި އާސިފަކީ ކާކު ކަމެއް ޒަޔާނަކަށް ނޭނގުނެވެ. އޭނާއަށް އެނގުނު ކަމަކީ، އެ އާސިފަކާއި ބައިވެރިވެގެން އޭނާގެ މަންމަ މީހަކަށް ގެއްލުމެއް ދޭން މަސައްކަތް ކުރި ކަމެވެ. ނޫންނަމަ، އެފަދަ ވާހަކަތަކެއް މަންމަގެ ދުލުން ބޭރުވާންވީ ސަބަބެއް ނެތެވެ.

ކޮމެންޓް 0