"ނިޔާވެއްޖެ..." ސަރަފިއްޔާ ޖަވާބު ދިނެވެ. "ދަރިފުޅުގެ މަންމަ ސަލާމަތްކުރަން އުޅެނިކޮށް ނިޔާވީ... މާމަ އަޑު އެހިން އޭނަގެ ދަރިއެއް ހުންނަ ވާހަކަ... އޭނަ ނިޔާވިއިރު، އެކުއްޖާގެ މަންމަވެސް ދުނިޔެއަކު ނެތޭ ކިޔާ އަޑު އެހިން... މަންމަ ވަރަށް މަސައްކަތްކުރި އެކުއްޖާ ހޯދަން... އެކަމަކު ހޯދޭގޮތެއް ނުވި...."
********
"މާމައަށް ހީވޭތަ އެކުއްޖާ މިހާރުވެސް ދުނިޔޭގަ ހުންނާނެހެން؟..." ފުން ވިސްނުމެއްގެ ތެރޭގައި އިނދެ، މިޒްޔަލް ސުވާލުކުރިއެވެ.
"މާމައަށް ކިހިނެއް އެނގޭނީ ދަރިފުޅާ..." ސަރަފިއްޔާ ހިނިތުންވެލިއެވެ. "މާމަ ދުވަހަކުވެސް އެކުއްޖަކު ނުދެކެން... މިހާ ދުވަސްވާއިރު ފެންނާނެކަމުގެ އުއްމީދެއްވެސް ނެތް..."
"ވެދާނެއެއްނު މަންމަ އުޅެނީ އެކުއްޖާއާ އެކީ ކަމަށް..." މިޒްޔަލްގެ ދެލޮލުން ކުރިން ނުފެންނަ ވިދުވަރެއް ފެނިގެން ދިޔައެވެ. "ބައްޕަ ބުނުއްވިއެއްނު މަންމަ ކުއްޖަކު ގޮވައިގެން އުޅެނިކޮށް ފެނުނޭ... ވެދާނެ އެއީ މަންމަގެ ކުއްޖެއް ނޫން ކަމަށް... މާމާ... އެއީ އެކުއްޖާއަށް ވެދާނެ... އެންމެންނަށް ހީކުރެވުނީ ކުށްހީއަކަށް ވެދާނެ...."
މިޒްޔަލްގެ މޫނަށް ބަލަން އިން ސަރަފިއްޔާ ދޫކޮށްލީ ފުން ނޭވާއެކެވެ. ކިތަންމެ ދުވަހެއް ވިޔަސް، ދަރިއަކަށް އެންމެ މުހިއްމު އެކައްޗަކީ މައެއްގެ ލޯތްބެވެ. އެއީ ދުވަހަކުވެސް ބަދަލުވާނެ ކަމެއް ނޫނެވެ. ދުނިޔޭގެ ހުރިހާ މުއްސަނދިކަމެއް ލިބިފައިވިޔަސް، މައެއްގެ ލޯބި ނުލިބޭނަމަ، މުދަލާއި ފައިސާގެ މާބޮޑު އުފަލެއް ނެތެވެ.
"ދަރިފުޅާ، މާމަ ބުނަން ބޭނުމީ އެންމެ ވާހަކައެއް... ދަރިފުޅު އުފަލުގަ ހުންނާށޭ..." ސަރަފިއްޔާ ތެދުވެ، މިޒްޔަލްގެ ބޮލުގައި ނުހަނު ލޯބިން ފިރުމައިލިއެވެ. "އެކުއްޖާ ހޯދައިގެންވެސް ވާނެ ފައިދާއެއް ނެތް ދަރިފުޅާ... ދަރިފުޅުގެ މަންމަ ބޭނުންވެގެން ދުރަށް ގޮސް އެހުރީ..."
މިޒްޔަލްގެ މޫނު މިލައިގެން ދިޔައެވެ. ސަރަފިއްޔާ ބުނިހެން، އޭނާގެ މަންމަ ދުރަށް ދިޔައީ، އަމިއްލައަށް ބޭނުންވެގެންނެވެ. މިޒްޔަލްއަކީ އަމިއްލަ ލޭ ކަމުގައި ވިޔަސް، އެ ދަރިފުޅުގެ ހިތް ކުދިކުދިކޮށްލާފައެވެ. އެއީ ފަހަރެއްގައިވެސް މިޒްޔަލް ބޭނުންވިގޮތެއް ނޫނެވެ. އޭރު ދޫކޮށްފައި ދިޔަ މަންމައަށް މިހާރުވެސް އޭނާގެ މުހިއްމު ކަމެއް ނޯންނާނެއެވެ. މިހާރު އޭނާ ހޯދާކަށްވެސް ނާންނާނެއެވެ.
މިޒްޔަލް ހިތުގައި ޖެހޭ ކަހަލަ އެއްޗެއް ބުނަންޖެހުމުން، ސަރަފިއްޔާގެ ހިތަށް އުނދަގޫވިއެވެ. ކިތަންމެ ހިތްވަރު ކުރި ނަމަވެސް، މިޒްޔަލްގެ ކަންތައްތަކުގައި އޭނާގެ ކެތްތެރިކަން ކޮޅުންލައެވެ. ކޮޓަރިން ނުކުތުމަށް ހިނގައިގަތް ނަމަވެސް ސަރަފިއްޔާގެ ފިޔަވަޅުތައް ހުއްޓުނެވެ. މެޔަށް ތަދެއް އެރިގޮތަށް އޭނާއަށް ހިރިވެސް ނުލެވުނެވެ. އެމަންޒަރު މިޒްޔަލްއަށް ފެނުނީ ކިރިޔާއެވެ. މޭގައި އަތް އަޅައިގެން ތިރިވަނިކޮށް، އޭނާއަށް މާމަގެ ގައިގައި ހިފަހައްޓައިލެވުނީ ކިރިޔާއެވެ.
********
ޝިމާއު ހުރީ ރެސްޓޯރެންޓްގެ ދޮރުމަތީގައެވެ. މިޒްޔަލްގެ ހަބަރެއް ނުވެގެން އޭނާ އެތައް ފަހަރަކު ގުޅައިފިއެވެ. ފޯނަށް ޖަވާބު ނުދިން ތަނުގައި، މެސެޖެއްވެސް ކޮށްނުލިއެވެ. ދުވަހުގެ ހާއްސަ ހަރަކާތް ކުރިއަށް ގެންދެވެން އޮތީ މިޒްޔަލް އައިސްގެންނެވެ. މިޒްޔަލްއަކީ ގަޑިއަށް ފަރުވާތެރި މީހެކެވެ. އެކަމަކު، ގަޑި ޖެހިގެން ގަޑިއެއްހާއިރު ފާއިތުވެގެން ދިޔައިރުވެސް، އޭނާ ނައެވެ.
"ބައްޕަ އެންގެވީ ކުރިއަށް ގެންދަން..." އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުން ޒަޔާން ވާހަކަ ދެއްކިއެވެ. "ދޮންބެގެ ޝަކުވާއެއް އައިއްސިއްޔާ އަހަރެން ޒިންމާ ނަގާނަން..."
ބައްދަލުވުން އޮތީ ރެސްޓޯރެންޓްގެ ބަދިގެ ތެރޭގައި އެކަމަށް ހާއްސަ ކުރެވިފައިވާ ޖާގައިގައެވެ. ބިންޔާ އާއި އާރިފް ތިބީ ޔުނީފޯމުގައެވެ.
"ނާވަސް؟..." ނޭވާލާންވެސް ނުކެރިފައި ހުރި ބިންޔާއަށް ބަލަން ހުރެ، އާރިފް ސުވާލުކުރިއެވެ.
ބިންޔާ ބޯ ޖަހައިލިއެވެ.
"ކޮން ކަހަލަ ބޮސްއެއްހެން ހީވަނީ؟..." ބިންޔާ ސުވާލުކުރިއެވެ.
"ކިޔާ އަޑު އެހިން ވަރަށް ޔަންގް މީހެކޭ... ކޫލް ވާނެކަމަށް ބަލަމާ..." ބިންޔާ ހާސްވެދާނެތީ އާރިފް ވާހަކަ ދެއްކީ، ހަމަޖެހިލައިގެން ހުރެއެވެ.
"ޒުވާނުން މާ ރުޅިގަދަވާނެ..." ބިންޔާ މަޑުމަޑުން ބުނެލިއެވެ.
އާރިފްއަށް އެ އަޑު އިވިގެން ޖަހައިލީ ލުއި ހިނިގަނޑެކެވެ. ސުދީރު ހަލުވި ފިޔަވަޅުތަކެއްގައި ބަދިގެ ތެރެއަށް ވަނެވެ. ބިންޔާ އާއި އާރިފް ތައްޔާރުތޯ ސުވާލުކުރިއެވެ. ވެރިންގެ މޭޒުގައި ހަތަރު ގޮނޑި ޖަހާފައި ހުރި ނަމަވެސް، އެތެރެއަށް ވަނީ ތިން މީހުންނެވެ. ސުދީރާއި، ޒަޔާނުގެ އިތުރުން، ޝިމާއުއެވެ.
ބިންޔާ ފަހަރަކު މީހެއްގެ މޫނަށް ބަލައިލިއެވެ. ޒަޔާން ނިތް އަރުވައިލީ، އެކުވެރި ގޮތަކަށެވެ. ސިމާއު ފެނުމާއިއެކު ބިންޔާއަށް ހިންދިރުވައިލެވުނީ އުނދަގުލުންނެވެ. އޭނާ އަވަހަށް އިސްޖަހައިލިއެވެ. ކުރީ ދުވަހުގެ ހާދިސާ ހަނދާންވެ، ބިންޔާގެ ދެފައި ތުރުތުރު އަޅައިގަތެވެ. ތަނުގެ ވެރިއަކީ ސިމާއު ހެއްޔެވެ؟ ބިންޔާގެ ސިއްރު ނަޒަރު އެއްފަހަރު ޒަޔާނަށް އަނެއް ފަހަރު ޝިމާއުއަށް ހުއްޓުނެވެ. ޒަޔާނުގެ ބެލުމުގައި ހުންނަނީ އެކުވެރި ގޮތެކެވެ. ވެރިން މުވައްޒަފުންނާއި އެހާ އެކުވެރިއެއް ނުވާނެއެވެ. އެއާއި ހިލާފަށް، ސިމާއުގެ މޫނުން ފެންނަމުން ދިޔައީ ވެރިއެއްގެ ހަރުކަށި ކުލައެވެ. ކުރީ ދުވަހު ބިންޔާގެ ކައިރީގައި ކައްކަން އެދުނު ހާދިސާއާއި ވެސް ބިންޔާއަށް އެކަމާއި ގުޅުވައިލެވުނެވެ.
"ކޮބާ އެތަނުން ބޮސްއަކީ؟..." ބިންޔާ ސިއްރުން ހަމައެކަނި އާރިފަށް އިވޭވަރަށް އަހައިލިއެވެ.
"ނޭނގެ..." އާރިފްވެސް ހުރީ ޝިމާއު ފެނުމުން، ނުތަނަވަސްވެފައެވެ.
ދެމީހުންވެސް ތައްޔާރުކުރި އެއްޗެހި ތަށިތައްޓަށް އަޅައިގެން ގެންގޮސް ވެރިންގެ ކުރިމަތީގައި އަތުރައިލިއެވެ. ޝިމާއު ބިންޔާއަށް ބަލައިލީ އިންޒާރެއް ދޭ ފަދައިންނެވެ. އޭނާ ގަސްދުގައި އެކުއްޖާ ބިރުގަންނުވައިލަން ބޭނުންވީއެވެ.
ބިންޔާ ގެނައި ތަށިތަކުގައި ހުރި އެއްޗެހި ޒަޔާން އެއްކޮށް ހުސްކުރިއެވެ. ހަމަ ހަގީގަތުގައިވެސް ޒަޔާނަށް އެ އެއްޗެހި މީރުވީއެވެ. އެ ކެއްކުމުގައި މިޒްޔަލްގެ ރަހަތައް އެކުލެވޭހެންވެސް ޒަޔާނަށް ހީވިއެވެ. ބިންޔާ ކައްކަން ދަސްކުރީ ކޮން ތަނަކުންތޯ ސުވާލުކުރަން ބޭނުންވި ނަމަވެސް، ޒަޔާނަކަށް އެ ހިތްވަރެއް ނުލިބުނެވެ.
*********
ސަރަފިއްޔާގެ ލޭގެ ޕްރެސަރު ހަމައަކަށް އެޅުމުން، ގެއަށް ދޫކޮށްލިއެވެ. އެންމެ ވަގުތުކޮޅަކަށްވެސް މިޒްޔަލް އޭނާގެ މާމަގެ ކައިރިން ދުރަށް ނުދެއެވެ. މާމައަށް ކަމެއް ވެދާނެތީ، ގެއަށް ދޫކޮށްލަންދެންވެސް އޭނާ ހުރީ، ކޮޅަށެވެ. ސަރަފިއްޔާދެކެ މިޒްޔަލް އިންތިހާއަށް ލޯބިވެއެވެ. މާމައަށް ކަމެއް ވެއްޖެނަމަ، އޭނާގެ ދިރިއުޅުމަށް ހުސްކަމެއް އަންނާނެއެވެ. މަންމައާއި ބައްޕަގެ ލޯބި މިޒްޔަލްއަށް ލިބުނީ އޭނާގެ މާމަގެ ފަރާތުންނެވެ.
ވެފައިވާ ވަރުބައްޔާއިއެކު ގެއަށް އައިގޮތަށް ސަރަފިއްޔާ ވަނީ ކޮޓަރިއަށެވެ. މާމަ ނިދުމުން، މިޒްޔަލް ނުކުތީ ރެސްޓޯރެންޓަށް ދާށެވެ. ސިޓިންގްރޫމުގައި ޓީވީ ބަލަން އިން ސައީދަށް މިޒްޔަލް ފެނުމުން، ހިތްހަމަނުޖެހުން ފާޅުކުރިއެވެ. ރެސްޓޯރެންޓްގެ ކަންކަމަށް މިޒްޔަލް ފަރުވާކުޑަ ކުރާ ކަމަށް ބުންޏެވެ. އަދި އެތަނުގެ ހިންގުމުގެ ކަންކަންވެސް ޒަޔާނަށް ހަވާލުކުރަން ޖެހިދާނެކަމަށް ބުނެ، އިންޒާރު ދިނެވެ.
ސައީދު އެއްފަހަރުވެސް ވީގޮތަކާއި ބެހޭގޮތުން ސުވާލެއް ނުކުރެއެވެ. މިޒްޔަލްވެސް އެއްޗެއް ނުބުނެއެވެ. އިތުބާރު ނުކުރާ މީހެއްގެ ކައިރީގައި ބަހަނާ ދެއްކުމުގެ ބޭނުމެއް ނޯންނާނެކަމަށް އޭނާ ގަބޫލުކުރިއެވެ. އެ ބޮޑު ގޭގައި މިޒްޔަލްގެ ވާހަކަ އަޑުއަހާ، އޭނާގެ އިހުސާސްތައް ދަންނަ ހުރީ ހަމައެކަނި މުސްކުޅި މާމައެވެ. ބައްޕަގެ ވާހަކަތައް އަޑު އަހަން މިޒްޔަލް ހުރީ އިސްޖަހާލައިގެންނެވެ. ޒަޔާނަށް އިތުބާރު ކުރާއިރު، ބައްޕަ އޭނާއަށް އިތުބާރު ނުކުރަނީ ކީއްވެ ހެއްޔެވެ؟ މިޒްޔަލްއަކީވެސް ސައީދުގެ ދަރިއެކެވެ. ވީއިރު، ހަމަހަމަކޮށް ކަންތައް ނުކުރަންވީ ސަބަބަކީ ކޮބައި ހެއްޔެވެ؟ މިޒްޔަލްގެ ހިތުގައި އިންތިހާއަށް ޝަކުވާ އުފެދުނެވެ.
"ސައީދު ދެން ތިހެން އަބަދު އޭނައަށް އެއްޗެހި ނުކިޔަބަލަ... ގޯސް މަގަކުން ހިނގައިދާނެ..." ޖޫސް ތަބަކެއް ހިފައިގެން އަންނަމުން، މަލާމާތުގެ ރާގަކަށް ނާޒިރާ ބުނެލިއެވެ. އެކަން އެނގުނީ މިޒްޔަލްއަށް އެކަންޏެވެ. މިޒްޔަލްއާއި ހިލާފަށް، ސައީދަށް އޭގެ މާނަ ނެގުނީ ރަނގަޅަށެވެ.
"އަޅުގަނޑު މިދަނީ ރެސްޓޯރެންޓަށް..." މިޒްޔަލް ތެދުވިއެވެ.
"މަންމައަށް އިހުތިރާމް ކުޑަވާގޮތަށް ކަންތައް ނުކޮށްބަލަ..." ސައީދު ހީކުރީ، ނާޒިރާ އައުމުން ހިތްހަމަނުޖެހިގެން މިޒްޔަލް ދަނީ ކަމަށެވެ.
މިޒްޔަލް ބޯ ޖަހައިލުމަށްފަހު، ބޭރަށް ނުކުންނަން ދިޔައެވެ. ނާޒިރާގެ ތުންފަތުގައިވި ވިހަ ހިނިތުންވުން ފެނި އޭނާގެ ލޭ ކައްކުވައިލިއެވެ. އިތުރަށް އެތަނުގައި މަޑުކުރާކަށް ބޭނުމެއް ނުވިއެވެ. ނާޒިރާ އަޑީގައި ހުރެ، މިޒްޔަލްގެ މުޅި ދިރިއުޅުމަށް ކަތުރުފަނި ލައިފިއެވެ. އޭނާ ގަބޫލުކުރަނީ ޒަޔާނުގެވެސް ހުންނާނީ އެގޮތް ކަމަށެވެ.
މިޒްޔަލް ރެސްޓޯރެންޓަށް ދިޔައީ، އިންތިހާއަށް ހިތުގައި ޖެހިފައި ހުރެއެވެ. އޭނާއަށް ދެވުނުއިރު، އެތަނުގައި ކުރަން ރޭވި ހުރިހާ ކަމެއް ނިމިއްޖެއެވެ. ބިންޔާއަށް ތައާރަފުވާން ރޭވި ރޭވުންވެސް ނާކާމިޔާބުވީއެވެ. ބިންޔާގެ ކެއްކުމުގެ ރަހަ ބަލައި، އެއަށް ފާޑުކިޔަން އޭނާ ބޭނުންވިއެވެ. އެ ފުރުސަތުވެސް ގެއްލުނީއެވެ. އެ ހުރިހާ ކަމަކާއި މިޒްޔަލްގެ ތަބީއަތު ވަކިން ބޮޑަށް ހަރާބުވިއެވެ. ޒަޔާން އިސްވެ، ހުރިހާ ކަމެއް ނިންމީތީ، ޒަޔާނުދެކެވެސް ރުޅިއައެވެ.
ބަދިގެއިން ނުކުތް، ބިންޔާއަށް މިޒްޔަލް ފެނުމުން ހިނިތުންވެލިއެވެ. ހީވީ، މިޒްޔަލް އަންނާނެ އިރަކަށް އިންތިޒާރުގައި ހުރި ހެންނެވެ. އަތުން އިޝާރާތްކޮށްލި ގޮތުން އެކަން މިޒްޔަލްއަށް ޔަގީންވިއެވެ. ބިންޔާ ލޮލުން މިޒްޔަލްއަށް އިޝާރާތެއް ދީފައި އައުމަށް އެދުނެވެ. ކެއްކި އެއްޗެހިން ފޮރުވާފައި ހުރި ބައި، ހިފައިގެން ބިންޔާ ނުކުތީ، ރެސްޓޯރެންޓްގެ ފުރަގަހުގައި އޮންނަ ހުސްޖާގައަށެވެ. މިޒްޔަލްއަށް ރަހަ ދެއްކުމަށްޓަކައި، އޭނާ އެ އެއްޗެއްސަށް އެތައް ފަހަރަކު ހޫނުވެސް ކުރިއެވެ.
ތޮށިގަނޑަށް ރާޅު ޖަހާ އަޑު އިވިއިވި ހުއްޓެވެ. މާހައުލުގައި ހިފާލާފައިވީ ތެތްފިނި ކަމެކެވެ. މިޒްޔަލް އައިއިރު ބިންޔާ ހުރީ ދެއަތް ފުރަގަހަށް ލައިގެންނެވެ.
"ޓަން..." ބިންޔާ ތަށި ދިއްކޮށްލިއެވެ.