ނާޒިރާ ދައްކަން ފެށި ވާހަކައަކުން ޒަޔާން ހުރީ އަޖައިބުވެފައެވެ. އޭނާގެ މަންމަ އެ ދައްކަނީ ކޮން ސަމީރާއަކާއި އާސިފެއްގެ ވާހަކަ ހެއްޔެވެ؟ ސަމީރާއާއި އާސިފަކީ ކާކު ކަމެއް ޒަޔާނަކަށް ނޭނގުނެވެ. އޭނާއަށް އެނގުނު ކަމަކީ، އެ އާސިފަކާއި ބައިވެރިވެގެން އޭނާގެ މަންމަ މީހަކަށް ގެއްލުމެއް ދޭން މަސައްކަތް ކުރި ކަމެވެ. ނޫންނަމަ، އެފަދަ ވާހަކަތަކެއް މަންމަގެ ދުލުން ބޭރުވާންވީ ސަބަބެއް ނެތެވެ.

********

"އަހަންނަށް ޔަގީނޭ ސަމީރާ ގޮވައިގެން ކަން ސައީދު ރާއްޖެއިން ބޭރަށް ދިޔައީ... ދަރިފުޅާ، ބައްޕައަށް ގުޅާފަ ބުނެބަލަ އެ ސަމީރާއަކީ ރަނގަޅު މީހެއް ނޫނޭ... ރަނގަޅުނަމަ، ކުރިންވެސް ވަރިވެގެން ނުދިޔައީހެއްނު... އެހެން ފިރިހެނަކާ އެކީ ނޫޅުނީހެއްނު..." ނާޒިރާ އެއްފައްޗަކަށް ހުރިހާ ވާހަކައެއް އަމުނައިލިއެވެ.

ޒަޔާނަށް ހުރެވުނީ ނޭވާލާންވެސް ހަނދާންނެތިފައެވެ. އޭނާގެ ހިތް ބިރުގަނެއްޖެއެވެ. ސަމީރާއަކީ މިޒްޔަލްގެ މަންމަ ހެއްޔެވެ؟ މިޒްޔަލް ބުނިހެން އޭނާގެ މަންމަ، މިޒްޔަލްގެ މަންމައަށް ގެއްލުންދޭން މަސައްކަތްކުރީ ހެއްޔެވެ؟ އެހުރިހާ ދުވަހު ޒަޔާން ހީކުރީ، މިޒްޔަލަށް ކުށްހީއެއް ކުރެވިގެން އުޅެނީ ކަމަށެވެ. އެކަމަކު މިއަދު އޭނާގެ ވިސްނުން ތަފާތުވެއްޖެއެވެ. މިޒްޔަލަށް ލިބުނު އެކަނިވެރިކަމާއި ހިތްދަތިކަމުގެ ފަހަތުގައި ހުރީ ޒަޔާންގެ މަންމަ ކަން ޔަގީންވެއްޖެއެވެ. އެކަމަކު، އެހެންވެއްޖެނަމަ މުސްތަގުބަލުގައި ޒަޔާނަށް ވާނީ ކިހިނެއް ހެއްޔެވެ؟ މަންމައާއިއެކު ބާކީވާނީ ހެއްޔެވެ؟

"ޒަޔާން ދަރިފުޅާ!... އެމީހުން އެ އުޅެނީ ބައްޕަގެ މުދަލާހެދި... ހުރިހާ އެއްޗެއް އެމީހުންގެ ބާރުގެ ދަށަށް ގެންދާނެ..." ޒަޔާންގެ ގަމީހުގައި ހިފައިލަމުން، ނާޒިރާ ވާހަކަ ދެއްކިއެވެ.

ޒަޔާންގެ ދެލޮލަށް ކަރުނަ ޖަމާވާކަށް ގިނައިރެއް ނުނެގިއެވެ. އުނދަގުލުން ކަހަލަ ގޮތަކަށް ނާޒިރާގެ އަތް އޭނާގެ ގަމީހުން ވަކިކޮށްލުމަށްފަހު، ފަހަތަށް ޖެހިލިއެވެ. ހިތުގެ ހައިޖާނުގަނޑުގެ ސަބަބުން ޒަޔާންގެ ބޮލުގައި ގަދަޔަށް ރިއްސަމުން ދަނީއެވެ. ނާޒިރާ ކުރިއަށް ޖެހިލުމުން، ޒަޔާނަށް ފަހަތަށް ޖެހިލެވުނެވެ. އޭނާ ދެފަރާތަށް ބޯ ހޫރައިލިއެވެ. ޒަޔާން ބިރުން އުޅުނު ހުރިހާ ކަމެއް ވެ ނިމިއްޖެއެވެ. އޭނާގެ މުސްތަޤުބަލު އަނދިރިވެއްޖެއެވެ. ކުރިއަށް ދާނެ މަގެއް ފެންނާކަށް ނެތެވެ. ހަތަރުފަރާތުން ބެދި، މުޅި ނަފުސު ހިމޭން ވަޅުގަނޑެއްގެ ތެރެއަށް ވެއްޓިއްޖެއެވެ.

********

ތަބަކަކަށް ކާއެއްޗެހި އަޅައިގެން މީރާ ގޮސް ޝިމާޢުގެ ކޮޓަރި ދޮރުގައި ޓަކި ޖަހައިލިއެވެ. އެތެރެއިން ހަބަރެއް ނުވުމުން އޭނާ ދޮރު ހުޅުވައިލިއެވެ. ކޮޓަރިތެރޭގައިވީ ފަޅުކަމެވެ. ޝިމާޢު ގެއަށް ނާންނަތާ ކިހާ ދުވަހެއް ވެފައިވާ ކަމެއްވެސް ނޭނގެއެވެ. މީރާގެ މޫނުން ފެނުނީ މާޔޫސްކަމެވެ. އޭނާ އިސްޖަހައިލީ އަމިއްލަ ކުށް އިހުސާސްވުމުންނެވެ. ކަރުނަ ފޮހެމުން މީރާ އެކޮޓަރިން ނުކުތެވެ. ހިތްވަރު ކުރަން އުޅުނަސް މީރާގެ ކަރުނައެއް ނުހިފެހެއްޓުނެވެ. ޝިމާޢުގެ ދުރުކަން ބަރުދާސްތުކުރާނެ ހިތްވަރެއް މީރާގެ ގަޔަކު ނެތެވެ.

މީރާ ކުރި ނުބައި އަމަލުގެ ހަގީގަތް ޝިމާޢުއަށް އެނގުނީ އޭނާ ކިޔައިދިނީމައެވެ. މީރާ ސިއްރުކުރިނަމަ، އެ ސިއްރު އެދުވަހާއި ޖެހެންދެންވެސް ދެމިއޮތީހެވެ. އަމިއްލަ މައިމީހާގެ އަގު ވެއްޓިދާނެތީ، ޒަޔާނަށް އެ ސިއްރު ހާމަކުރަން ނުކެރޭނެކަން މީރާއަށް އެނގެއެވެ. މީރާ ބޭނުންވީ އިސްލާހުގެ މަގަށް ރުޖޫޢަވާށެވެ. ހަގީގަތް އެނގުމުން، ޝިމާޢު މީރާއާއި ވާހަކައެއް ނުދައްކައެވެ. ގެއަށް ނުވަންނަ ތަނުގައި މީރާ ގުޅުމުން ފޯނުވެސް ނުނަގައެވެ.

ޝިމާޢު އޭނާގެ ގެއަށް ދިޔައީ، މިޒްޔަލްގެ ސައިކަލު ތަޅުދަނޑި ބަލައެވެ. ގޭތެރެއަށް އަޅާލި ފުރަތަމަ ފިޔަވަޅާއިއެކު، އޭނާގެ ދެލޯ ބޮޑުވީ، މުށިތަކުގެ މައްޗަށް ވެއްޓިފައި އޮތް މީރާ ފެނުމުންނެވެ. ޝިމާޢު ދުވެފައި ގޮސް މީރާ އޭނާގެ އަތް މައްޗަށް ނެގިއެވެ. އެތައް ފަހަރަކު ގޮވުމުންވެސް މީރާ ލޯ ހުޅުވައެއް ނުލިއެވެ.

މީރާ އަތްދަނޑި މައްޗަށް އުފުލާލައިގެން ޝިމާޢު ދުވެފައި ބޭރަށް ނުކުތެވެ. ހާސްކަމާއި އެއްވަރަށް ޝިމާޢުގެ ދެލޮލުން ފެންނަމުން ދިޔައީ ކުށްވެރިވެފައިވާ ކަމުގެ އަސަރުތަކެވެ. މީރާއަށް ހެޔޮ ވިސްނުން ލިބި، ތައުބާވެ، ކުރެވުނު ކަންތަކާއި ހިތާމަކުރުމަކީ ހެޔޮ ފާލެކެވެ. އެއީ މަދު އިންސާނަކަށް ނޫނީ ވާނެ ކަމެއް ނޫނެވެ. އެކަމާއި ޝުކުރުކޮށް، ކޮއްކޮއަށް މަޢާފު ކުރުމުގެ ބަދަލުގައި ޝިމާޢުއަށް އެކުއްޖާ ކޮށްލެވުނީ ދުރެވެ. މަޢާފަށް އެދި މީރާ ކުރި އާދޭހާއި، ޝިމާޢުގެ ލޯބި އަނބުރާ ހޯދަން ކުރި ކަންކަމުން ޝިމާޢުގެ ހިތުގައި އޮތް ރުޅިވެރިކަން ފަނޑެއް ނުކޮށްލެވުނެވެ. ހަގީގަތަކީ، މީރާ ދެރަވެފައި ހުންނަ ތަން ފެންނަ ކޮންމެ ފަހަރަކު، ޝިމާޢުގެ ހިތަށްވެސް ފުން އަސަރުތަކެއް ކުރުވާކަމެވެ. އޭނާ މީރާދެކެ ލޯބިވެއެވެ. އެކަމަކު، ކުރީ މަޢާފު ހައްގުވާ ވަރަށްވުރެ ބޮޑު ކުށެކޭ ހީވެ، އެ ކުށުގެ އަދަބު ދޭން ބޭނުންވީއެވެ. އެހާ ފަސޭހައިން މައާފުކޮށްފިނަމަ، އެފަދަ ކުށެއް ތަކުރާރުކޮށްފާނެއޭ ހީވާތީ މައާފުކުރަން ފަސްޖެހެވުނީއެވެ.

ޝިމާޢުގެ އިންތިޒާރުގައި ތިބި އަމަން އާއި މިޒްޔަލްއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. ޝިމާޢު ރޮމުން މީރާ ގޮވައިގެން ދުވެފައި އައި ގޮތުން ކަމެއް ގޯސްވެއްޖެކަން އެމީހުން ދެނެގަތެވެ. އަމަން އާއި މިޒްޔަލް ކާރުން ފައިބައިގެން، ދުވެލާފައި ކަހަލަ ގޮތަކަށް ގޮސް މީރާ ކާރަށް އެރުވުމަށް ދޮރު ހުޅުވާލަދިނެވެ.

"ކޮ..ކޮއް..ކޮ ނޭވާ..އެއް..ނުލާ..." ރޮމުން ޝިމާޢުއަށް ވާހަކަ ދެއްކުނީ ވަރަށް އުނދަގުލުންނެވެ.

********

އަމިއްލަ ރެސްޓޯރެންޓްގެ ކަންކަން ހަމައަކަށް އެޅި، ފެށޭ ވަރުވީ ބިންޔާ ހީކުރި ވަރަށްވުރެ އަވަހަށެވެ. އާރިފްގެ އެހީ ލިބުމުން، ފުރަތަމަކޮޅު ރެސްޓޯރެންޓަށް އިތުރު މީހަކު ނުނަގާ ފޫބެއްދޭވަރު ވިއެވެ. ބިންޔާ ގޯލްޑަންހިޔާ ރެސްޓޯރެންޓްގެ އޮފީސްބަޔަށް ދިޔައީ، އެތަނުގެ ވަޒީފާއިން ވަކިވާން ސިޓީ ހުށަހެޅުމަށެވެ.

"ތިކަހަލަ ސިޓީތަކާ ހަވާލުވާނީ ބޮސް... އެތެރެއަށް ވަދޭ..." ކައުންޓަރުގައި އިން ކުއްޖާ އެދުނީ އެތެރެއަށް ވަނުމަށެވެ.

ރެސްޓޯރެންޓްގައި ހޭދަކުރި ދުވަސްތަކުގައި ބިންޔާ އެތަނުގެ އޮފީސް ބަޔަކަށް ނުވަދެއެވެ. ތަނުގެ ވެރިއަކީ ކާކު ކަމެއްވެސް ނޭނގެއެވެ. އެތެރެއަށް ވަންނަން އޭނާ ކުޑަކޮށް ޖެހިލުންވެސްވިއެވެ.

"ވަދޭ..." ބިންޔާ ދޮރުމަތީގައި ހުންނަން ފެށުމުން، ކައުންޓަރުގައި އިން ކުއްޖާ ތެދުވެގެން އައިސް ދޮރު ހުޅުވާލަދިނެވެ.

އެތެރެއަށް ވަންއިރު، ބިންޔާގެ އަތްފައި ވަނީ ފިނިވެފައެވެ. އޭނާ ކެބިންގެ ވަށައިގެން ނަޒަރު ހިންގައިލީ މީހަކު ފެންނަން ނެތުމުންނެވެ. ކުޑަ ކެބިންއެކެވެ. މަސައްކަތް ކުރުމަށް މޭޒަކާއި ގޮނޑިއެއް ބަހައްޓާފައި ހުއްޓަސް، އެތަނެކޭ މީހަކު ދިރިއުޅޭ ތަނެކޭ އެއްގޮތެވެ. ކައިބޮއެ، ނިދާހަދާކަމުގެ ނިޝާންތައް ފެންނަން ހުއްޓެވެ. ކެބިންގެ އެއްފަރާތުގައި ބަހައްޓާފައިވާ ސޯފާގެ މަތީގައި ބޮނޑިކޮށްލާފައި އޮތް ރަޖާގަނޑަކާއި ބާލީހެއް އޮތެވެ. ސޯފާގެ ކުރިމަތީގައި ބަހައްޓާފައިވާ މޭޒުމަތީގައި ކަޕްނޫޑުލްސް އާއި އެނޫންވެސް ތަކެތި ކައިފައި ހުއްޓެވެ.

މިޒްޔަލް ފާހާނާއިން ނުކުތީ ބޮލުގެ އިސްތަށިގަނޑުން ފެން ހިއްކަމުންނެވެ. ބިންޔާއާއި ދެމީހުންނަށް އެކަކު އަނެކެއްގެ މޫނަށް ބަލައިލެވުނީ އެއްފަހަރާއެވެ. ދެ އަހަރު ފަހުން ދެމީހުން ބައްދަލުވީއިރުވެސް ދެމީހުންގެ ހިތުގެ އިހުސާސްތަކަކަށް ބަދަލެއް ނާދެއެވެ. ހިތުގައި ޖަހަމުން ދިޔައީ އެއް ވިންދެކެވެ.

މިޒްޔަލްއަށް އައިސްފައިވާ ބަދަލު ފެނި، ބިންޔާއަށް ހިންދިރުވައިލެވުނީ އުނދަގުލުންނެވެ. އޭނާއަށް އެންމެ ފުރަތަމަވެސް ފާހަގަވީ އެ ހަށިގަނޑު ނިކަމެތިވެފައިވާ ވަރެވެ. އިސްތަށިގަނޑު ކުޑަކޮށް ދިގުކޮށްލާފައި އޮތްއިރު، ތެމިފައިވުމުން، ފިރިހެންވަންތަ ގޮތެއް ހުއްޓެވެ. ބިންޔާގެ ހިތުގައި ބުނެދޭން ނޭނގޭ ރިހުމެއް އުފެދުނެވެ. ކުރިމަތީގައި ހުރީ ބިންޔާގެ އަލަތު ލޯތްބެވެ. އެމީހަކަށްޓަކައި އެތައް އުއްމީދެއް ކުރި ނަމަވެސް، އެ ހުރިހާ އުއްމީދެއް ވަނީ ވިއްސިވިހާލިވެފައެވެ. ބިންޔާއަށް ކުރެވުނު ކުށަކީ މިޒްޔަލަށް އިތުބާރުކުރުމެވެ. ހިތުގެ ފުންމިނުން ލޯބިވުމެވެ. މިޒްޔަލްގެ ބޭވަފާތެރިކަމާއި އެކުގައިވެސް ބިންޔާގެ ހިތުގައި އޮތް ލޯތްބަށް ފަނޑުކަމެއް ނާދެއެވެ. މިޒްޔަލްދެކެ ކިތަންމެ ލޯބިވިޔަސް، ބިންޔާގެ މަގުސަދަކީ އެކަން ނުދެއްކުމެވެ. އޭނާ އަމިއްލަ ހިތަށް ވިސްނައިދިނީ، މިޒްޔަލް ހުރީ ބިންޔާއަށް އޮޅުވާލާފައި ކަމެވެ.

ބިންޔާގެ ރީތި ސޫރައަށް ބަލަން މިޒްޔަލް ހުރީ ހުއްޓުންއަރާފައެވެ. ބުރުގާ އެޅުމުން، ބިންޔާ ވަކީން ރީއްޗެވެ. ހެދުން އެޅުމުގެ ސްޓައިލް ބަދަލުކޮށްލާފައި ހުރިގޮތުން، ހީވަނީ މުޅީން އެހެން ކުއްޖެއް ހެންނެވެ. އަންހެންވަންތަ ގޮތެއް ހުރިއިރު، އެ ރީތިކަމަށް ތައުރީފުކުރަން މިޒްޔަލްގެ ހިތް އެދުނެވެ.

ބިންޔާ ލައިގެން ހުރީ، ހުދުކުލައިގެ ހެދުންކޮޅަކާއި ނޫ ޖީންސެކެވެ. އެއާއިއެކު އަޅައިގެން ހުރީވެސް މަޑު ނޫކުލައިގެ ޝޯލްއެކެވެ. އެ ކުލަ ބިންޔާގެ ދޮން ހަންގަނޑާއި ނުހަނު ގުޅެއެވެ.

އަމިއްލަ ނަފުސު ކުށްވެރި ކުރެވުނު ވަރުން ބިންޔާއާއި ހަތަރުކަޅި ހަމަކޮށްގެން ހުންނާނެ ހިތްވަރެއް މިޒްޔަލަކަށް ނުލިބުނެވެ. ހިތަށް އަރާ ފައިބަމުންދިޔަ ސުވާލުތަކުން މިޒްޔަލްގެ ދުލުގައި ކަސްތޮޅު އެޅުނެވެ. ބިންޔާގެ ހާލު ރަނގަޅު ހެއްޔެވެ؟ އޭނާއަށް އިންތިޒާރުކުރި ހެއްޔެވެ؟ އަދިވެސް އޭރުވީ ލޯބި އެހިތުގައި ވޭ ހެއްޔެވެ؟ އިތުރު މީހަކު އެ ހަޔާތަށް ނާދޭ ހެއްޔެވެ؟

މިޒްޔަލް ނެތި، ބިންޔާ ހޭދަކުރި ދުވަސްތައް އުނދަގޫވާނެވަރު އޭނާއަށް އެނގެއެވެ. އޭނާ ދެރަވީ، އެ ދުވަސްތަކާއި ބެހޭގޮތުން ސުވާލެއް ކުރުމުގެ ހައްގުވެސް ބިންޔާ ދެން އޭނާއަށް ނުދޭނެކަން އެނގޭތީއެވެ. ވާނީވެސް އެހެންނެވެ. ކުށްކުރީ މިޒްޔަލްއެވެ. އެކަން އޭނާ ގަބޫލުކުރެއެވެ. އެކަމަކު، ވޭތުވެދިޔަ ދެ އަހަރު ދުވަހު ބިންޔާ ނޫން ކުއްޖެއް މިޒްޔަލްގެ ހިތުގައި ނުވެއެވެ. ބިންޔާއާއި ނުލައި ހޭދަކުރި ދުވަސްތަކަކީ މިޒްޔަލްގެ ހަޔާތުގައި އައި އެންމެ އުނދަގޫ ދުވަސްކޮޅެވެ. މަންމަގެ ބަލި ބޮޑުވީއިރު، އެހިތާމައިގައި މިޒްޔަލްވެސް ބަލިވިއެވެ. ހަސްފަތާލުގައި އެތައް ދުވަހެއް ވަންދެން ފަރުވާކުރަން ޖެހުނެވެ. އެހުރިހާ ކަމަކާއި އެކުގައިވެސް އޭނާ ބިންޔާގެ މަތިން ހަނދާން ނައްތައެއް ނުލައެވެ. އޭރުފަދައިން މިއަދުވެސް ބިންޔާދެކެ އޭނާ އިންތިހާއަށް ލޯބިވެއެވެ. ކުރި ވައުދާއި އަހުދު ދަމަހައްޓަން އޭނާ ބޭނުންވެއެވެ.

ބިންޔާ އޭނާގެ އަތުގައި އޮތް ސިޓީ މޭޒުމަތީގައި ބާއްވާފައި ދާން އެނބުރުނެވެ.

"ބިންޔާ!..." މިޒްޔަލަށް ގޮވައިލެވުނީ އުނދަގުލުންނެވެ.

"މޭޒުމަތީގަ އެއޮތީ އަޅުގަނޑުގެ ރެސިގްނޭޝަން ލެޓަރ..." މިޒްޔަލް އެއްޗެއް ބުނަން އުޅޭހެން ހީވެ، ހުއްޓުވުމުގެ ގޮތުން ބިންޔާ ބުނެލިއެވެ. އޭނާގެ އަޑުގައި ހުރީ ހަރުކަށި ގޮތެކެވެ.

ބިންޔާގެ ދުރުކަން ފެނި، މިޒްޔަލްގެ ހިތަށް ހީވީ ތޫނު ހަންޖަރެއް ހަރާލި ހެންނެވެ. އެއީ އޭގެ ކުރިން ދުވަހަކުވެސް ބިންޔާގެ ފަރާތުން ފެނިފައިނުވާވަރުގެ ދުރުކަމެކެވެ.

"ބިންޔާ ރުޅި އައިސްފަތަ؟..." މިޒްޔަލަށް ކުރެވުނީ އޭނާ އަހަން އުޅުނު ސުވާލެއް ނޫނެވެ. ކުރެވުނު މޮޔަ ކަމަކުން، މިޒްޔަލަށް އޭނާގެ ތިރީ ތުންފަތުގައި ދަތްއަޅާލެވުނެވެ. އެހާ ދުވަސްކޮށްފައި ބައްދަލުވާއިރު، ފުރަތަމަ އަހަން ޖެހޭނީ ބިންޔާގެ ހާލު ނޫން ހެއްޔެވެ؟

"ރުޅި އައުމުގެ ހައްގު އަޅުގަނޑަށް އެބަ އޮތްތޯ؟..." ބިންޔާ އަހައިލީ ރިހުން އެކުލެވޭ އަޑަކުންނެވެ.

"ޔެސް..." މިޒްޔަލް އަވަސް އަވަހަށް ބުނެލިއެވެ. "ބިންޔާ ބޭނުން އެއްޗެއް އަހަންނާ ދިމާއަށް ކިޔުމުގެ ހައްގު އެބައޮތް... އަހަރެން މިހުރީ ބިންޔާއަށް އެފުރުސަތު ދީގެން..."

ބިންޔާ ފަސްއެނބުރި ބަލައިލީއިރު، އެ ދެލޮލަށް ކަރުނަ ޖަމާވެއްޖެއެވެ. ރުޅިވެރިކަމާއި އެއްވަރަށް އެ ދެލޮލުން ފެންނަމުން ދިޔައީ ހިތާމައިގެ އަސަރެވެ. ނަފުރަތުގެ އަލިފާންގަނޑުގެ ތެރޭގައި މިޒްޔަލް އަންދައިލަން އުޅޭ ކަހަލައެވެ. މިޒްޔަލް ކުރި ކަންތަކުގެ ބަދަލުހިފަން އޭނާ ބޭނުންވިއެވެ. ދެ އަހަރު ދުވަހު އޭނާ އުޅުނު ހިތްދަތި ދިރިއުޅުން މިޒްޔަލްވެސް ތަޖުރިބާ ކުރަން އޭނާގެ ހިތް އެދުނެވެ.

"އައި މިސްޑް ޔޫ... ވަރަށް ވަރަށް ހަނދާންވި..." މިޒްޔަލް ހިންދިރުވައިލީ އުނދަގޫ ގޮތަކަށެވެ. "މިދިޔަ ދެ އަހަރު އެއީ އަހަންނަށް ދެ ގަރުނު..."

ކޮމެންޓް 0