ބުނެވުނު އެއްޗެއް ރޭކައިލުމުން މިޒްޔަލް އަވަހަށް ފޯނު ކަނޑައިލިއެވެ. ބިންޔާގެ ކަމެއްގައި ރުޅިގަދަވާން މިޒްޔަލްއަށް އޮތީ ކޮން ހައްގެއްތޯ އަމިއްލަ ހިތާއި އޭނާ ސުވާލުކުރިއެވެ.
ބިންޔާ ވާނުވާ ނޭނގިފައި ދެކޮނޑު އަރުވައިލިއެވެ. މިޒްޔަލް ބުނި އެއްޗެއް ނޭނގިގެން އޭނާ އެތައް އިރަކު ވިސްނަން ހުއްޓެވެ.
*******
ފޯނު ބޭއްވިގޮތަށް މިޒްޔަލް އެނދު މައްޗަށް ވެއްޓިގަތެވެ. ކުރެވުނު ކަންތައް އިހުސާސްވުމުން، އޭނާގެ ސިކުނޑި ވަނީ ހާސްކަމެއްގެ ތެރޭގައެވެ. އެއީ އޭގެ ކުރިން ދުވަހަކުވެސް މިޒްޔަލްއަށް ވީ ގޮތެއް ނޫނެވެ. ހާއްސަކޮށް އަންހެން ކުއްޖަކާއިމެދު އޭނާ އެހާ ވަރަށް ވިސްނާފައެއް ނުވެއެވެ. މަންމަ އާއި މާމަ ފިޔަވައި މިޒްޔަލްގެ ހަޔާތުގައި މުހިއްމު އިތުރު އަންހެނަކު ނެތެވެ. މިޒްޔަލްއަށް އެވަރުގެ އަހަންމިއްޔަތުކަމެއް ބިންޔާއަށް ދެވެންވީ ސަބަބަކީ ކޮބައި ކަމެއް އޭނާއަކަށް ނުވިސްނުނެވެ. ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އިނގިލިތައް މަހާލައިގެން މިޒްޔަލް އިނެވެ. އޭނާއަށް މުހިއްމުވީ، ކުރެވެމުންދިޔަ އިހުސާސްތަކުން ސަލާމަތްވާނެ ގޮތެއް ހޯދުމެވެ.
ރޭގަނޑުގެ ނިދި ބިންޔާއަށް އަލްވަދާއު ކިޔާފައިވި ކަހަލައެވެ. ދެކޮޅަށް ފުރޮޅިފުރޮޅި ނުނިދިގެން ބިންޔާ ތެދުވިއެވެ. މޭގައި އަތް ޖައްސާލައިގެން ހުރެ، ދެކޮޅަށް ހިނގަން ފެށިއެވެ. ފަހަކަށް އައިސް، ބިންޔާގެ މޭގައި ނުފިލާ ހުންނަ ރިހުން ގަދަވާހެން އޭނާއަށް ހީވެއެވެ. ބައެއް ފަހަރު ކޮޅަށް ހުރުމަށްވެސް ދަތިވެއެވެ. އެހެން ހުރެފައި ލުޔެއް ލިބޭތީ، ބިންޔާ މާ ބޮޑު ކަމަކަށް އެކަން ނުހަދަނީއެވެ. އިރުއެރީވެސް ބިންޔާ އެފަދަ ހާލެއްގައި ވަނިކޮށެވެ. ފެންވަރާލުމުން، އޭނާއަށް ކޮންމެވެސް ވަރަކަށް ލުއިވިއެވެ.
ތައްޔާރުވެލައިގެން ބިންޔާ ގެއިން ނުކުތީ، ރެސްޓޯރެންޓަށް ދާށެވެ. އެއީ ބިންޔާގެ މަސައްކަތުގެ ވަގުތު ނޫން ނަމަވެސް، އާސިފްގެ ގެއަށް ދިޔުމުގެ ކުރިން ކޮންމެވެސް އެއްޗެއް ގަންނަން އޭނާ ބޭނުންވީއެވެ. ޓެކްސީއަށް އަތް ނެގިއިރު، ދުރުނޫން ހިސާބެއްގައި ސަލާހު ހުރިކަމެއް ބިންޔާއަކަށް ނޭނގެއެވެ. ސަލާހު ހުރީ ފުރުސަތަކަށް ބަލަބަލައެވެ. ބިންޔާ ޓެކްސީއަކަށް އެރި ތަނާ، އޭނާ ފަހަތުން ގޮސް ޓެކްސީއަށް އެރިއެވެ.
"އޯކޭ... އަވަހަށް ނައްޓާލާ..." ޑްރައިވަރަށް ބަލައިލަމުން، ސަލާހު ބުންޏެވެ.
ޑްރައިވަރު ކާރު ދުއްވައިލީ، ބިންޔާއަށް އެއްޗެއް ނުބުނެވި އުޅެނިކޮށެވެ. އެއީ ސަލާހު ބޭނުންވި ގޮތްވެސް މެއެވެ. އޭނާ އިންކަން އެނގުމުން، ބިންޔާ ކާރުން ފައިބާނެކަން ސަލާހަށް އެނގެއެވެ. ސަލާހާއި ދިމާއަށް ނުރުހުމުގެ ނަޒަރަކުން ބަލައިލާފައި، ބިންޔާ އަނެއް ފަރާތަށް އެނބުރި އިނެވެ. ސަލާހާއި ޒުވާބުކުރާނެ ހިތްވަރެއް އޭނާގެ ގަޔަކު ނެތެވެ.
ރޭގައި ނުނިދާ އުޅުމުގެ ސަބަބުން ބިންޔާގެ މޫނުން ފެންނަމުން ދިޔައީ ވަރުބަލިކަމެވެ. ދެލޯ ކައިރި ދުޅަވެ، ދެލޮލުގައިވީ މަޑު ރަތްކަމެކެވެ.
"ބަލީތަ؟..." ސަލާހު ސުވާލުކުރީ އޯގާތެރި ރާގަކަށެވެ.
ބިންޔާ އެއްޗެއް ނުބުނެއެވެ. އޭނާ ފުންކޮށް ނޭވާލަމުން ދިޔައީ އަމިއްލަ ނަފުސު ހަމައަކަށް އަޅުވާށެވެ. އޭރުވެސް ކޮންމެވެސް ވަރަކަށް މޭގެ ރިހުން ނުފިލާތީ، ބިންޔާ ދޭތެރެއަކުން މޭގައި އަތް ޖައްސާލައެވެ. ސަލާހަށް އެކަން އެނގިގެން ބިންޔާގެ ކައިރިއަށް ޖެހިލިއެވެ.
"ބިންޔާ އަހަންނަށް މާފު ކުރަންދެން، އަހަރެން ނިންމައިފިން މިހެން އުޅެން..." ސަލާހު އިނީ ހިނިތުންވެލައިގެންނެވެ. "އަހަންނަށް އެނގޭ، ލޯބިގެ ރުޅި އަދިވެސް ފިނި ނުވާކަން... އަހަރެން ކުރީ އެހާވެސް ބޮޑު ކުށެއް... ލޯބި މާފު ކުރަންދެން އަހަރެން..."
"މިތަނަށް ކާރު ހުއްޓާ..." ބިންޔާ ނުރުހިފައި ތަންކޮޅެއް ބާރަށް ބުންޏެވެ.
ޑްރައިވަރު ކާރު ހުއްޓުމުން، ބިންޔާ ކާރުން ފޭބިއެވެ. ދެފަޔަށް ލެވުނު ބާރެއް ލާފައި، އޭނާ ކުރިއަށް ހިނގަމުން ދިޔައެވެ. ސަލާހު އުޅެނީ މޮޔަވެގެން ހެއްޔެވެ؟ ބިންޔާގެ ހިތުގައި ޖައްސާފައި، މިއަދު އައުމުގެ މާނައަކީ ކޮބައި ހެއްޔެވެ؟ ދިރިއުޅުމައިގެން ކުރިއަށް ދާން ބިންޔާ އެތައް ހިތްވަރެއް ކުރަމުންދާއިރު، ސަލާހުގެ ސަބަބުން، އެ ހިތްވަރު ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ބިންޔާގެ ހިތުގައި އުފެދެން ފެށިއެވެ. ސަލާހު ބިންޔާ އާއިމެދު ކަންތައް ކުރީ ވަރަށްވެސް އިހާނެތި ކޮށެވެ. ކުށެއްނެތި، ބާކީކޮށް، އެހެން މީހުންގެ ކުރިމަތީގައި ލަދުގަންނުވައިލިއެވެ. ކިތަންމެ ލޯބިވިޔަސް، ދެވަނަ ފަހަރަށް ސަލާހުގެ ހަޔާތަށް ދާކަށް ބިންޔާގެ ޒަމީރު އެއްބަހެއް ނުވިއެވެ. އެއީ ކުރަން އުނދަގޫ ކަމެއް ނަމަވެސް، އެދުވަސްވެސް މާޒީވެގެން ދާނެއެވެ. ޑްރައިވަރަށް ފައިސާ ދީފައި، ސަލާހު ބިންޔާގެ ފަހަތުން ގޮސް އެއްވަރު ކުރިއެވެ.
"ރުޅި އައީތަ؟..." ސަލާހު ސުވާލުކުރިއެވެ.
ބިންޔާއަށް ހީވީ، ސަލާހު ޖެއްސުން ކުރަނީ ހެންނެވެ. އޭނާ އެއްޗެއް ނުބުނެ، ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ރެސްޓޯރެންޓަށް ވަނެވެ. ފަހަތުން ސަލާހުވެސް ވަނެވެ. ބިންޔާއަށް އެރުނީ މިޒްޔަލްގެ ކުރިމައްޗަށެވެ. މިޒްޔަލް ހުރީ އޭނާގެ އެކުވެރިއަކާއި އެކުގައެވެ. އެފަދަ ވަގުތެއްގައި ރެސްޓޯރެންޓުން މިޒްޔަލް އާއި ބައްދަލުވެދާނެ ކަމަށް ބިންޔާ ފަހަރެއްގައިވެސް އުއްމީދެއް ނުކުރެއެވެ. ބިންޔާ އެއްފަހަރު މިޒްޔަލްއަށް އަނެއްފަހަރު ފަހަތުން އައި ސަލާހަށް ބަލައިލިއެވެ. ކޮންމެވެސް ސަބަބަކާއިހުރެ، މިޒްޔަލްއަށް ސަލާހު ފެންނާކަށް އޭނާ ބޭނުމެއް ނުވިއެވެ.
ބިންޔާގެ ފަހަތުން މީހަކު އައިކަން އެނގުމުން، މިޒްޔަލް ބަލައިލީ ސަލާހު ފެންނާނެ ކަމަކަށް ނޫނެވެ. މިޒްޔަލްގެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވިއެވެ. ސަލާހަށް އޭނާ ބަލައިލީ ނުރުހުމުގެ ނަޒަރަކުންނެވެ.
ފުރުސަތުގެ ބޭނުން ހިފައި، ބިންޔާ އަވަސް އަވަހަށް އެތެރެއަށް ވަދެގެން ދިޔައެވެ. ފަހަތުން ސަލާހު ދާން އުޅުމުން، މިޒްޔަލް ހުރަސް އެޅިއެވެ. ސަލާހު އަނެއް ފަރާތުން ދާން އުޅުމުންވެސް މިޒްޔަލް ކަންތައް ކުރީ އެހެންނެވެ. ކޮންމެ ފަހަރަކު ނޭނގޭ ކަމަށް ހަދާފައި، އޭނާ އަރަނީ ސަލާހުގެ ކުރިމައްޗަށެވެ. މިޒްޔަލްގެ ކައިރީގައި ހުރި އަމަން ވާނުވާ ނޭނގިފައި ފަހަރަކު މީހެއްގެ މޫނަށް ބަލަން ހުއްޓެވެ.
"ކިހިނެއް ވެގެން ތިއުޅެނީ؟..." ސަލާހު މިޒްޔަލަށް ބަލައިލީ ނުރުހިފައެވެ. "ތަން ދައްކާ...."
"އަންހެން ކުދިންގެ ފަހަތުން ތިހެން އުޅޭނީ ވަރަށް ގޮތެއް ނެތް މީހުން..." މިޒްޔަލްއަށް ނުހުރެވިގެން ބުނެލިއެވެ.
"އަހަރެން އުޅޭގޮތަށް ފާޑު ކިޔަން ތީ ކާކު؟..." ސަލާހު މޭ ފުއްޕާލާފައި ބުންޏެވެ. ހީވީ ޒުވާބަކަށް ތައްޔާރުވި ހެންނެވެ.
"މިތާތެރޭ ތަނުގެ މުވައްޒަފުންނާ ތިގޮތަށް ފްލާޓް ކުރާ ތަން ބަލަން އަހަރެން ނުހުންނާނަން..." މިޒްޔަލް ރައްދު ދިނެވެ.
"ކަލޭ ތީ އޭނަގެ ކާކު؟... އޭނ؟..." ސަލާހު ހީވީ ދެންމެދެންމެ މިޒްޔަލްގެ ގަޔަށް އަތްލާން އުޅޭ ހެންނެވެ. "އަހަރެން މީ އޭނަގެ ބޯއީފްރެންޑް... އަހަންނަށް ހައްގު އޮންނާނެ..."
މިޒްޔަލް ހިމޭންވިއެވެ. އޭނާގެ ތަބީއަތު ހަރާބުވީ ސަލާހުގެ ފަހު ޖުމުލަ އިވިފައެވެ.
"އަހަރެން މީ..." މިޒްޔަލް އެއްޗެއް ބުނަން އުޅުނެވެ.
އަމަން މިޒްޔަލްގެ ގައިގައި ހިފަހައްޓައި، ސަލާހާއި ދުރުކުރިއެވެ. ކަންތައް ގޯސްވެ، މީހުން އެއްވެދާނެތީ އަމަން ހުރީ ހާސްވެފައެވެ. އެއީ އޭގެ ކުރިން މިޒްޔަލް އުޅުނު ގޮތެއް ނޫނެވެ. އެހެން މީހުންގެ ކަންކަމާއި ބެހި، ފާޑުކިޔުމަކީ އޭގެ ކުރިން މިޒްޔަލް ކުރި ކަމެއްވެސް ނޫނެވެ.
"ކިހިނެއް ތިއުޅެނީ؟..." މިޒްޔަލް ގޮވައިގެން ރެސްޓޯރެންޓުން ނުކުމެފައި އަމަން ސުވާލުކުރިއެވެ.
މިޒްޔަލްއަށް ބޮލުގައި ދެއަތުން ހިފަހައްޓައިލެވުނެވެ. ބިންޔާގެ ސަބަބުން އޭނާ ހަމަ ރަނގަޅަށްވެސް މޮޔަވެއްޖެއެވެ. ސަބަބު ހުދު މިޒްޔަލްއަށްވެސް ނޭނގެއެވެ. ވީއިރު، އަމަންއަށް އޭނާ ދޭނީ ވަކި ކޮން ޖަވާބެއް ހެއްޔެވެ؟ މިޒްޔަލް އެއްޗެއް ނުބުނެ ގޮސް ސައިކަލަށް އެރިއެވެ. އަމަން އެރީ މިޒްޔަލްގެ ފަހަތަށެވެ.
"މަޑުކޮށްބަލަ... އަނެއްކާ އޭނަދެކެ ލައިކް ވަނީތަ؟..." އަމަން ސުވާލުކުރިއެވެ.
މިޒްޔަލްގެ ހަރަކާތްތައް ހުއްޓުނެވެ. އަމަން ބުނި ވާހަކަ އާއިމެދު އޭނާއަށް ވިސްނައިލެވުނެވެ. އަމަން ބުނީ ތެދެއް ހެއްޔެވެ؟ ލޯތްބަކީ އެފަދަ ގޮތަކަށް ވެވޭ އެއްޗެއް ހެއްޔެވެ؟ އޭގެ އިހުސާސްތަކަކީ އެހާވެސް ހިތި އެއްޗެއް ހެއްޔެވެ؟ ބިންޔާއާއި އެފަދަ ގުޅުމެއް ބާއްވާކަށް މިޒްޔަލް ބޭނުމެއް ނުވިއެވެ.
"ހިތްކީ ދޯ؟..." އަމަން ދިމާކުރަން ފެށިއެވެ.
މިޒްޔަލް ކުއްލިއަކަށް ސައިކަލު ދުއްވާލިއެވެ. އަމަން ނުވެއްޓި ސަލާމަތްވީ ކިރިޔާއެވެ.
********
ގޭގެ ބެލް ޖަހައިލުމުން، އާސިފް ދޮރު ހުޅުވައިލީ، ބޭރުގައި ހުރީ ބިންޔާ ކަން އެނގިގެން ހުޅުވާ ފަދައިންނެވެ. ރެސްޓޯރެންޓުން ގަނެގެން ގެނައި، ބަތްޕެން ތަށި ހިފައިގެން ބިންޔާ އެތެރެއަށް ވަނެވެ. ދޮރު ލައްޕައިލުމަށްފަހު، އާސިފްވެސް ބިންޔާގެ ފަހަތުން ގޭތެރެއަށް ވަނެވެ.
"ވަޒީފާ ލިބުނީމަ މިގޭގަ ކައްކާނެ ވަގުތުވެސް ނެތީތަ؟..." އާސިފްގެ އަޑުގައި ކުރިން ހުންނަ ސަކަގޮތެއް ނެތެވެ. "ބިންޔާ މިހާރު މިގެއަށް ނާންނާތީ، އަންނާނެގޮތް ހަދަން މަޖުބޫރުވެއްޖެ..."
އާސިފްގެ ވާހަކަތަކަށް މާބޮޑު ސަމާލުކަމެއް ނުދީ ބިންޔާ ގޮސް ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. ދޮރުމަތީގައި ހުރި ބިންޔާ އާސިފަށް ބަލައިލީ ހައިރާންވެފައެވެ. ކޮޓަރީގައިވީ ފަޅުކަމެވެ. އެނދުގައި ކުރިން އޮންނަ އަންހެން މީހާއެއް ނެތެވެ.
"ދައްތަ ކޮބާ؟..." ބިންޔާ ހާސްވެފައި އަހައިލިއެވެ.
"ކިހިނެއްވީ؟..." އާސިފްގެ މޫނުން ތަފާތު އަސަރެއް ފެނިގެން ދިޔައެވެ. އޭނާ ހުރީ މޮޔަވެފައި ކަހަލައެވެ. "އޭނަ މަރުވެއްޖެ!... އެހެން އޮންނަން ދުނިޔެއަށް ނޭވާލުމުގެ ބޭނުމެއް ކޮބާ؟..."
"އާސިފްބޭ...." ބިންޔާ ތަންކޮޅެއް ބާރަށް ގޮވައިލިއެވެ. ކެތްތެރިކަން އިސްކުރަން އުޅުނަސް، ބިންޔާއަކަށް އެކަމެއް ނުކުރެވުނެވެ. އާސިފްގެ ކުރިމަތީގައި އެއްޗެއް ނުބުނެ ވޭތޯ ބިންޔާ އަބަދުވެސް މަސައްކަތް ކުރެއެވެ. އެކަމަކު، ކޮންމެ އިންސާނަކަށްވެސް ކެތް ކުރެވޭނީ ވަކި ވަރަކަށެވެ.
"ބުނެފީމެއްނު އަހަރެން މީ ބޭބެއެއް ނޫނޭ...... ބޭބެއެއް ނޫން....." އާސިފް ކުއްލިއަކަށް ބިންޔާގެ އިސްތަށިކޮޅުގައި ހިފެހެއްޓިއެވެ. އެއަށްފަހު، ތިރިއަށް ދަމައިގަންނަމުން، ބިންޔާގެ ކަރުގައި ތުންފަތް ޖައްސައިލިއެވެ. އަދި މަޑުމަޑުން މައްޗަށް ދަމުން ގޮސް، ބިންޔާގެ ކަންފަތާއި ހަމައިން ހުއްޓުނެވެ. "އަޑު އިވިއްޖެ؟...."
ބިންޔާގެ ދެލޮލަށް ގިނަވެގަތް ކަރުނަތައް ހޯސްލާފައި ފައިބައިގަތެވެ. އޭނާ އެއްޗެއް ނުބުނެ ކެތް ކުރަނީވެސް އާސިފްގެ ފަރާތުން އެފަދަ ގޯނާތަކާއި ކުރިމަތިލާން ޖެހޭތީއެވެ. ދެއަތް މުށްކެވުނު ނަމަވެސް، ބިންޔާ ހުރީ ހިމޭނުންނެވެ. އާސިފްގެ ކުރިމަތީގައި ބިންޔާއަކީ ކަމެއް ނުކުރެވޭ ފިނޑިއެކެވެ.