﷽
ގޯލްޑަންހިޔާ ރެސްޓޯރެންޓްގެ ކުރިމައްޗަށް ޓެކްސީ މަޑުކޮށްލުމާއިއެކު، އެއިން ފޭބީ ޒުވާން އަންހެން ކުއްޖެކެވެ. އުމުރުން ފަންސަވީހަކަށް އަހަރުގެ އެ އަންހެންކުއްޖާ އިސްކޮޅުން ކުރުވެފައި، ހަށިގަނޑު ނިކަމެއްޗެވެ. ކުރުކޮށް ކޮށާލާފައިވާ އެކުއްޖާގެ ފަން އިސްތަށިކޮޅު އޮތީ، ފަހަތުން އައްސާލާފައެވެ. ކުރުކަމުން، ކިރިޔާ ވޫލުކޮޅަކުން އިސްތަށިގަނޑު ހައްޔަރުކޮށްލެވިފައިވާ ކަމެވެ. ތަންކޮޅަކަށް ގޮސްފައި، އެއްޗެއް ހަނދާންވާ ފަދައިން އެކުއްޖާ ހުއްޓުނެވެ.
"ސޮރީ، ފައިސާ ނުދައްކާ މިދެވުނީ..." ޑްރައިވަރަށް ތިރީސް ރުފިޔާ ދިއްކޮށްލަމުން ބިންޔާ ބުންޏެވެ.
ހަލުވި ފިޔަވަޅުތަކެއްގައި ރެސްޓޯރެންޓްގެ ތެރެއަށް ވަން ބިންޔާގެ ހިތް ވަނީ އަވަސްވެފައެވެ. އޭނާގެ ނަޒަރު އެކި މޭޒުތަކާއި ދިމާއަށް ދަތުރުކޮށްލިއެވެ. ހައިބަތު ހުރި ތަނަވަސް ރެސްޓޯރެންޓަކީ ލޯބިވެރިންގެ ޖޯޑުތަކަށް އެންމެ ފުރިހަމަ އެއް މަންޒިލެވެ. ތަނުގައި ހިފާލާފައިވާ ލެމަންގްރާސްގެ މީރުވަހުން، ސިކުނޑި ތާޒާ ކުރުވާހައިވެއެވެ. މާހައުލަށް ދިރުން ގެނެސްދީފައި ވަނީ، ލުއި މިޔުޒިކެއްގެ އަޑުންނެވެ. އޮރެންޖު އަލިކަމުގައި ތަން ފެންނަނީ ހުވަފެނީ ގޮތަކަށެވެ.
ވަށައިގެން ބަލަމުން ހިނގަމުންދިޔަ ބިންޔާގެ ފިޔަވަޅުތައް ހުއްޓުނެވެ. ފެނުނު މަންޒަރަކުން އޭނާގެ ހިތުގެ ހިނގުންވެސް ވަނީ މަޑުޖެހިފައެވެ. ބިންޔާ އައީ އެ މަންޒަރު ފެންނާނެކަން އެނގި ހުރެއެވެ. އެހެނަސް، ހަމަލޮލަށް ފެނުމުން ހިނދުކޮޅަކަށް ނަމަވެސް އޭނާގެ ހިތްވަރު ގެއްލުނެވެ. އެނބުރި ދާން ސިކުނޑި ބުންޏެވެ.
ބިންޔާގެ ނަޒަރު ހުއްޓިފައިވީ، އެކަހެރި ހިސާބެއްގައި ބަހައްޓާފައިވާ މޭޒެއްގެ ކައިރީގައި ތިބި ޖޯޑަކަށެވެ. މޭޒުމަތީގައި ރަތް ކުލައިގެ މަހުމާ ފޮށްޓަކާއި، ނުފޮޅޭ ރަތް ފިނިފެންމަލެއް އޮތެވެ. ބޮޑު އޮޅުވާލުންގަނޑެއްގެ ތެރޭގައި ބިންޔާ ހުރީ، ކިހާ ދުވަހަކު ހެއްޔެވެ؟ ހިތުގައި އުފެދުނު ޝަކުވާތަކާއިއެކު، ބިންޔާގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ. ކަރުނަތައް ހިންދައިލަން މަސައްކަތް ކުރަމުން ދިޔައިރު، ބިންޔާއަށް އިހުސާސްކުރެވެމުން ދިޔައީ ހަތަރު ފަރާތުން ފިތެމުންދިޔަ ކަމުގެ އިހުސާސެވެ. އެތެރެހަށި ހޫނުކުރަމުން އައި ޖަޒުބާތުތަކުން، އިސާހިތަކު ބިންޔާގެ ނަފުސުގެ މައްޗަށް ގަދަވެގަތީ އެހެން އިހުސާސެކެވެ. ބިންޔާގެ ނޭވާ އަވަސްވިއެވެ. މޫނުން ފެނުނީ ރުޅިވެރިކަމެވެ. ދެފަޔަށް ހިތްވަރު ލިބުނީ ކިހިނެއް ކަމެއްވެސް ބިންޔާއަކަށް ނޭނގުނެވެ. އޭނާ ހަލުވި ފިޔަވަޅުތަކެއްގައި މޭޒާއި ދިމާއަށް ދިޔައިރު، ދެއަތް އޮތީ މުށްކެވިފައެވެ.
ފޯނު ކަންފަތުގައި ޖަހައިގެން ރެސްޓޯރެންޓުން ނުކުންނަންދިޔަ މިޒްޔަލްގެ ހުރިހާ ސަމާލުކަމެއް ހުއްޓިފައިވީ ފޯނުގެ އަނެއްކޮޅުން ދައްކަމުންދިޔަ ވާހަކައަށެވެ. ކުރިމަތިން އައި އަންހެން ކުއްޖާ ފެނުނުއިރު، އެ ކުއްޖާ މިޒްޔަލްގެ ގައިގައި ލައިގެންފިއެވެ. މިޒްޔަލްގެ އަތުން ފޯނު ދޫވެގެން ވެއްޓުނެވެ. ނުރުހިފައި އެއްޗެކޭ ބުނަން އެކުއްޖާއާއި ދިމާއަށް ބަލައިލި ނަމަވެސް، އެކުއްޖާ މަޑުކޮށްލުމެއްވެސްނެތި އޭނާ ހުރަސްކޮށްފައި ދަނީއެވެ. މީހެއްގެ ގައިގައި ލައިގަތް ކަމެއް އެކުއްޖާއަށް ނުވެސް އެނގޭ ކަހަލައެވެ. މިޒްޔަލް ގަބޫލުކުރީ ގަސްދުގައި ނޭނގޭކަމަށް ހެދީކަމުގައެވެ.
މިޒްޔަލް ހިތާއިހިތުން ކުދި ކިޔަމުން ވެއްޓިފައި އޮތް ފޯނު ނެގިއެވެ. ތެޅިފައިވާ އިސްކްރީން ފެނުމާއިއެކު، އޭނާއަށް ލިބުނީ މާޔޫސްކަމެވެ. ހިތްހަމަނުޖެހިފައި އަންހެންކުއްޖާގެ ފަހަތުން އޭނާ ދިޔައެވެ.
ބިންޔާ އެދިޔަ ބާރުމިނުގައި ގޮސް ހުއްޓުނީ، ޒުވާން އަންހެނަކާއި ފިރިހެނަކު އިށީނދެލައިގެން ތިބި މޭޒެއްގެ ކައިރީގައެވެ. ދެމީހުންގެ އަތް ގުޅި ލާމެހިފައިވާއިރު، އަންހެން ކުއްޖާގެ ވާއަތުގެ ޝަހާދަތް އިނގިލީގައި ރަން އަނގޮޓިއެއް އަޅާފައި އޮތެވެ. ހިތެއްގެ ބައްޓަމަށް ހަދާފައިވާ ރީތި ކޭކުގެ މަތީގައި ޖަހާފައިވާ އިބާރާތްކޮޅު ކިޔާލުމާއިއެކު، ބިންޔާގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ.
"ވިލް ޔޫ މެރީ މީ؟..." ކޭކުގައި ޖަހާފައިވާ އިބާރާތްކޮޅުން، ބިންޔާގެ ދަތްތަކަށް ބާރުވެގެން ދިޔައެވެ.
ސަލާހަށް ބިންޔާ ފެނުމާއިއެކު، ވަގުތުން ރަނާގެ އަތުން ދޫކޮށްލެވުނެވެ. ބިރެއް ފެނުމުން ތެދުވާހެން އޭނާ ފުންމައިގެން ގޮނޑިން ތެދުވިއެވެ.
"ބިންޔާ؟..." ސަލާހުގެ އަޑުގައިވީ ކަންބޮޑުވުމުގެ އަސަރެވެ.
ބިންޔާ ބަލާކަށް ނުހުރެ، މޭޒުމަތީގައި އިން ފެންތަށި ނަގާ ސަލާހުގެ މޫނަށް ޖެހިއެވެ. ވަށައިގެން ތިބި މީހުންގެ ނަޒަރު އެމީހުންނަށް ހުއްޓޭކަށް ގިނައިރެއް ނުނެގިއެވެ.
"ހާދަ ގޮތެއްވެސް ނެތް އަންހެނެކޭ... ކާކު ތީ؟..." ރަނާ ރުޅި އައިސްފައި ހަޅޭއްލަވައިގަތެވެ.
"ވާންއުޅޭ ފިރިމީހާ ކައިރީ އަހާބަލަ..." މަލާމާތުގެ ރާގަކަށް ބިންޔާ ބުނެލިއެވެ.
ރަނާ ރުޅި އައިސްގެން ކޭކު ނަގައި ބިންޔާގެ މޫނަށް ޖެހިއެވެ. މޫނުން ކޭއްތިލާފައި ކޭކު ތިރިއަށް ވެއްޓުނުއިރު، ބިންޔާ ލައިގެން ހުރި ހެދުމުގައިވެސް އޭގެ އައިސިންތައް ހޭކިއްޖެއެވެ. ދެލޯ މަރާލިގޮތަށް ސަލާހު ހުރީ، ހަދާނެގޮތެއް ނޭނގިފައެވެ. ކުއްލިއަކަށް ބިންޔާއަށް ހަގީގަތް އެނގިދާނެ ކަމަށް އޭނާ ކުޑަކޮށްވެސް އުއްމީދެއް ނުކުރެއެވެ. ފެނުނު މަންޒަރަކުން މިޒްޔަލް ހުރީ ދެލޯ ބޮޑުވެފައެވެ.
"ޔޫ..." ބިންޔާ ރުޅި އައިސްފައި ރަނާ އާއި ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮށްލިއެވެ. "މިހިރަ މަކަރުވެރިޔާގެ ފަރާތުން ބޮނޑިއެއް ނުލިބެނީސް، ގެޓް ލޮސްޓް..."
ސަލާހު ވަރަށް ބާރަށް ބިންޔާގެ އަތުގައި ހިފެހެއްޓިއެވެ. ގަދަކަމުން ދަމަމުން ކަހަލަގޮތަކަށް ބިންޔާ ގޮވައިގެން އޭނާ ނުކުތީ ރެސްޓޯރެންޓުން ބޭރަށެވެ. އެންމެންގެ ނަޒަރު އެމީހުންނަށް ހުއްޓިފައިވާއިރު، އެއްބަޔަކު ސިއްރުން ތަސްވީރުތައް ނަގަމުން ދިޔައެވެ. މަންޒަރު ބަލަން ހުރި މިޒްޔަލްވެސް ބިންޔާމެންގެ ފަހަތުން ބޭރަށް ނުކުތެވެ. އަންހެން ކުއްޖާއަށް އަނިޔާއެއް ވެދާނެތީ، އޭނާ ހުރީ ހާސްވެފައެވެ.
"ބިންޔާއަށް އަދިވެސް އެއްޗެއް ނުވިސްނެނީތަ؟..." ސަލާހު ބިންޔާގެ އަތުން ދޫކޮށްލިއެވެ.
ސަލާހު ހިފެހެއްޓި ތަނުގައި ބިންޔާއަށް ފިރުމައިލެވުނީ ވީ ތަދެއްގެ ބޮޑުކަމުންނެވެ.
"ވިސްނޭތީ އެކަން ނިންމާކަށްނު މިއައީ..." ސަލާހަށްވުރެ ބާރަށް ބިންޔާ ބުންޏެވެ. "ތިކަހަލަ ދެތަނުން ކައްކާ އުނދުނެއް އަހަރެން ބޭނުމެއް ނޫން..."
"އަހަރެން މިއުޅެނީ އޭނަޔާ އިންނަން...." ބިންޔާގެ ވާހަކަ ނުނިމެނީސް ސަލާހު ބުންޏެވެ.
އިރުކޮޅަކު ހުއްޓުން އަރާފައި ބިންޔާ ހުއްޓެވެ. ރައްޓެހިވެގެން ފަސް އަހަރު ދުވަސް ވަންދެން ލޯބިން އެކުގައި އުޅެފައި ކުއްލިއަކަށް ވަކިވާންޖެހުމުން، އޭނާއަށް ގަބޫލުކުރަން ދަތިވިއެވެ.
"ތީތަ އަހަރެމެންގެ ފަސް އަހަރުވީ ގުޅުން ނިންމަން އެނގުނު ގޮތަކީ؟..." ބިންޔާގެ މޫނުން ފެނުނީ ޝަކުވާއެވެ. އެވަރުންވެސް ކަރުނަތައް ނުދައްކައިވޭތޯ މަސައްކަތް ކުރިއެވެ.
"ބިންޔާ، ބުނަންތަ ވާހަކައެއް... އެހެން މީހުން ކުށްވެރިކުރަން ނޫޅޭ..." ސަލާހު ހުރީ ދެބުމަ ކައިރިކޮށްލައިގެންނެވެ. ފަސްއަހަރު ދުވަސްވީއިރު، ބުނަން ބޭނުންވެގެން ހިތުގައި ރައްކާކުރި ހުރިހާ އެއްޗެއް ބޭރުކޮށްލަން އެއަށްވުރެ ރަނގަޅު ވަގުތެއް ދެން ނުލިބޭނެކަމަށް އޭނާގެ ހިތް ބުންޏެވެ.
"ސޮލާ ތިބުނަނީ ދެތަނުން ކެއްކިޔަސް ނޭނގޭ ކަމަށް ހަދައިގެން ހުންނާށޭތަ؟...." ބިންޔާ ބުންޏެވެ.
"މިވަގުތުން ފެށިގެން ދެމީހުން ބްރޭއަޕްވީއޭ މިބުނީ... ގެޓް ލޮސްޓް ވާންވީ ބިންޔާއޭ..." ސަލާހުގެ ނިންމުން އިއްވިއެވެ. "އެހެން މީހުން އުޅޭހެން، އަހަރެންވެސް އުފާކުރަން ބޭނުން... ބިންޔާގެ ފަރާތުން އަހަންނަށް ލިބެނީ ކޮން އުފަލެއް؟... ބިންޔާގެ ގައިގަ އަހަރެން އަތްލާކަށް ހުއްދަ އޮންނަނީކީ ނޫން... ކައިރިވާކަށް ހުއްދަ އޮންނަނީކީ ނޫން... ތީ މިޒަމާނު ކުދިންގެ ފާޑެއް ނޫން... ބިންޔާ އިންނަންވީ މުސްކުޅިޔަކާ..."
"ވަޓް؟..." ބިންޔާ ހުރީ އިވުނު ޖުމުލަތައް ގަބޫލުކުރަންވެސް އުނދަގޫވެފައެވެ. ދުވަހަކު އެކަހަލަ ކަމަކާއި ޝަކުވާކޮށްފައިނުވާ ސަލާހަށް އައިސްފައިވާ ބަދަލުން އޭނާ ހުރީ އަޖައިބުވެފައެވެ.
"ބިންޔާއަށް އެނގޭތަ، ބިންޔާދެކެ ފޫހިވެގެން ގޮސް ސަލާމަތްވާނެ ގޮތެއް ނޭނގިފަ އަހަރެން މިއޮއް ހުރިހާ ދުވަހު މިހުރީ..." ސަލާހުގެ އަޑުގައިވީ ފޫހިމަކެވެ. "ބިންޔާ ހީކުރީ ރީތި ސިފައެއް ލިބިފަ ހުރީމަ، ހުރިހާ ކަމެއް ނިމުނީ ކަމަށްތަ؟.... އިނޮސެންޓްކޮށް ހުއްޓަސް، ތި ސްޓައިލްދެކެ މީހުން ފޫހިވާނެ... ކަމެއް ނުވަންޏާ، އެކީ އުޅުމުގެ މާނައެއް ކޮބާ؟... މުއްސަނދިނަމަވެސް ރަނގަޅު... ނޫނީ ރަނގަޅު އާއިލާއެއް އޮތްނަމަ... އަހަރެންވާ ފަސް އަހަރު އެކީ ކެތްކޮށްފީމެއްނު... އެހެންމީހަކުނަމަ، ކެތް ނުކުރާނެ އެންމެ ދުވަހަކުވެސް... ފުރަތަމަ ކަމަކަށް އަމިއްލަ ނަފުސާ ދޭތެރޭ ވިސްނާލަބަލަ... ބަލާބަލަ ލައިގެން ހުންނަ އެއްޗެހި... ނިކަން ދުނިޔެއަށް ލޯ ހުޅުވާފަ ބަލާލަބަލަ މިޒަމާނުގަ އަންހެން ކުދިން ލައިގެން ތިބެނީ ކޮންކަހަލަ އެއްޗެއްސެއްތޯ..."
ބިންޔާ ހުރީ ހުއްޓުން އަރާފައެވެ. އޭނާއަށް އިވެމުންދިޔައީ ކުޑަކޮށްވެސް އުއްމީދުކޮށްގެން ހުރި ކަހަލަ ޖުމުލަތަކެއް ނޫނެވެ. މީހުންގެ މަލާމާތާއި ފުރައްސާރަ ކުރިމަތިވި ނަމަވެސް، ދުވަހަކުވެސް މީހަކު އެ ދަރަޖައަކަށް ނުވެއްޓެއެވެ. އެއީ ހަމަ ސަލާހު ހެއްޔެވެ؟ ފަސްއަހަރު ވަންދެން ބިންޔާގެ ކޮންމެ ކަމަކަށް ތައުރީފު ކުރަމުން އައިސް، ކުއްލިއަކަށް ވީ ކިހިނެއް ހެއްޔެވެ؟ ނުރޯން ހުއްޓަސް ބިންޔާގެ ދެލޯ ކަރުނުން ފުރުނެވެ.
"ލެޓްސް ބްރޭކްއަޕް... މިއަދުން ފެށިގެން ރަސްމީކޮށް އަހަރެމެންގެ ގުޅުން ނިމުނީ... ގެޓް ލޮސްޓް..." ބިންޔާގެ ކޮނޑުގައި ޖެހިގަނެފައި ސަލާހު ގޮސް ރެސްޓޯރެންޓްގެ ތެރެއަށް ވަނެވެ.
މިޒްޔަލްއަށް ހިންދިރުވައިލެވުނެވެ. ސަލާހު ދިޔަ ދިމާއަށް ބަލަން އޭނާ ހުރީ، ދެއަތް މުށްކަވާލައިގެންނެވެ. ސަލާހު ހަމައެކަނި ދެމީހުންގެ ގުޅުން ނިންމައިލީއެއް ނޫނެވެ. ދުވަހަކު ހިތުން ނުފިލާނޭ ވިހަ ޖުމުލަތަކުން ބިންޔާގެ ހިތް ޒަހަމުވެސް ކުރީއެވެ. އެއް ހިތާމައެއްގެ މައްޗަށް އެތައް ހިތާމައެއް ދިނީ، ދުނިޔޭގެ އެދުންވެރިކަމަށެވެ. ކުރެވުނު ކުށަށް އިއުތިރާފުވުމުގެ ބަދަލުގައި އަނެއް މީހާ ދަށްކޮށްލައި ނިކަމެތިކޮށްލީއެވެ. އެވަރު ނުކޮށްވެސް ވަކިވެގެން ދެވޭނެކަމަށް މިޒްޔަލްގެ ހިތް ބުންޏެވެ.
ދުވާރުމަތިން ހިނގަމުން ދިޔައިރު، ބިންޔާގެ ހަށިގަނޑުގައި އެއްވެސް ވަރެއް ނެތެވެ. ސަލާހުގެ ޖުމުލަތައް ވިހަ ތީރުތަކެއްހެން އޭނާގެ ހިތަށް ހެރެމުން ދަނީއެވެ. ދެވެނީ ކޮންތާކަށް ކަމެއްވެސް އޭނާއަކަށް ނޭނގެއެވެ. މަގު ހުރަސްކުރަން ދިޔައިރު ދުއްވާ އެއްޗަކަށް ބެލުމެއް ނެތެވެ. ބިންޔާގެ ފަހަތުން ހިނގަމުންދިޔަ މިޒްޔަލްގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ. ބިންޔާގެ ކޮންމެ ހަރަކާތަކާއިއެކު އެކުއްޖާއަށް ގެއްލުމެއް ލިބިދާނެތީ، އޭނާ ހުރީ ހާސްވެފައެވެ. ބައެއްފަހަރު އޭނާއަށް އަތް އުފުލައިވެސް ލެވެއެވެ. އެކަމަކު ހަމަ އެހާ އަވަހަށް ޖީބަށް އަތް ކޮށްޕައިލައެވެ. ބިންޔާ ހުރި ހާލުން މިޒްޔަލްގެ ހިތަށް ކިތަންމެ އުނދަގޫވި ނަމަވެސް، މޫނާއި ގައިގައި ހޭކިފައިވާ އައިސިންތަކަށް ބިންޔާގެ އެއްވެސް ފަރުވާލެއް ނެތެވެ. އެއިން ސަލާމަތްވާކަށްވެސް ނޫޅުނެވެ. އެއަށްވުރެ ބޮޑަށް އެ އަންހެން ކުއްޖާގެ ހިތް ވަނީ ޒަހަމުވެފައެވެ. މިޒްޔަލްގެ ހިތުގައި ވަނީ ހަމްދަރުދީ އުފެދިފައެވެ. މަކަރުހަދާ އޮޅުވާލުމުން ހިތަށް ލިބޭ ޒަހަމު އެންމެ ރަނގަޅަށް އިހުސާސްކުރި އެކަކީ ހުދު އޭނައެވެ.
ޕާކުތެރެއަށް ވަން ބިންޔާ ގޮސް ގޮނޑިއެއްގައި އިށީނެވެ. ވަގުތުގެ ގޮތުން އެ ސަރަހައްދުގައި އެކަކުވެސް ނެތެވެ. ބިންޔާގެ ފަހަތުގައި މަޑުކޮށްލައިގެން މިޒްޔަލް ހުއްޓެވެ. ހިތާމައިގައި ވަނިކޮށް، އެކަނި ހާލަށް އެކުއްޖާ ދޫކޮށްލާފައި ދާން އޭނާއަކަށް ނުކެރުނެވެ. ބިންޔާ އޭނާ ލައިގެން އިން އެއްޗެއްސަށް ބަލައިލީ، އަމިއްލަ ނަފުސު ކުށްވެރިކުރާ ފަދައިންނެވެ. އަތްދިގު ދޫ ޓީޝާޓަކާއި ހަރުވާޅެއް ލައިގެން އިންއިރު، ބިންޔާ އަރައިގެން އިނީ އާދައިގެ ފައިވާނަކަށެވެ. އެހެން އަންހެން ކުދިންހެން އޭނާއަކީ ފާޑުފާޑުގެ އެއްޗެހި މޫނާއި ތުންފަތުގައި ހާކާ ކުއްޖެއް ނޫނެވެ. ދުވާލު ދެތިން ހަތަރު ހެދުން ބަދަލުކުރާ ވަރަށް ބިންޔާއަކަށް ފައިސާއެއް ނުލިބެއެވެ. ސަލާހު ބުނިހެން އޭނާގެ އާއިލާއެއް ނެތެވެ. ގެދޮރެއް ނެތެވެ. އޭނާއަކީ ލިބޭ ކުޑަ މުސާރައިން ކުލި ދައްކައިގެން އުޅޭ އެކަނިވެރިއެކެވެ. ހުރިހާވެސް މައްސަލައަކީ ނިކަމެތި މީހަކަށްވުން ކަމުގައި ބިންޔާ ގަބޫލުކުރިއެވެ.
ބިންޔާ ގިސްލާފައި ރުޔެވެ. އޭނާގެ ހިތުގެ ހާލު ހިއްސާކުރާނެ ހުރީ ކާކު ހެއްޔެވެ؟ މިއަދު އަމިއްލަ ނަފުސުވެސް އޭނާ ނިކަމެތިކޮށްލައިފިއެވެ. އެތައް އިރަކު ރޮއެފައި ބިންޔާ ތެދުވިއެވެ. އެ ހުރިހާއިރު ބިންޔާގެ ފަހަތުގައި މިޒްޔަލް ހުއްޓެވެ.
ގެއާއި ދިމާއަށް ހިނގައިގަތް ބިންޔާ ސިހުނީ، އޭނާގެ ފަހަތުން މީހަކު އަންނަކަން އެނގުމުންނެވެ. ފަސްއެނބުރި ބަލައިލި ވަގުތު، ކުރިމަތީގައި ހުރި ޒުވާނާ ފެނި، އޭނާ ގެނައީ އަވަސް ހަރަކާތެކެވެ. މިޒްޔަލްގެ ދެއަތް ފުރަގަހަށްވާހެން ގެންގޮސް، ހިރިވެސް ނުލެވޭނޭހެން ހިފަހައްޓާލީ ކުޅަދާނަކަމާ އެކުގައެވެ.